ވީރާނާވެފައިވީ ޙަޔާތް މަގޭ – 14
[ވީރާނާވެފައިވީ ޙަޔާތް މަގޭ – 13ވަނަ ބައިގެތެރެއިން]
“ޝާހިދު… މިއީ ހަމަ އެ މަންޖެތަ؟” އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ޖަވާބަކަށް އެދި ބޮޑުބޭބެގެ މޫނަށް ބަލާލިއެވެ. ބޮޑުބޭބެ، އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، އަނެއްކާވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އެ އަންހެންމީހާގެ ދެލޯ ފެންކަޅިވެފައިވީގޮތުން، އަހަރެންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. މި އަންހެން މީހާގެ ސަމާލުކަން އަހަންނަށް ލިބުނުގޮތުން، ކަންބޮޑުވެފައި އަހަންނަށް ފަހަރަކު މީހެއްގެ މޫނަށް ބެލެން ފެށިއެވެ.
އެމީހާ، އަތް އުފުލާލަމުން އަހަރެންގެ ކޯތާފަތުގައި ދެއަތްތިލަ ޖައްސާލިއެވެ. ހީވަނީ، ކުރިމަތީގައި ހުރީ އަހަރެންކަން، ގަބޫލު ނުކުރެވިގެން އުޅޭހެންނެވެ.
“ގަބޫލުވެސް ނުކުރެވޭ…” އެ އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެ ބުނެލިއެވެ. އަހަރެންގެ ހައިރާންކަން ހައްތަހާވީ އިތުރެވެ. މިއީ ކާކުކަމެއްވެސް އަހަންނަކަށް ނޭންގެއެވެ. މި މީހާއަށް އަހަރެން އެނގެނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. މޫނުމަތީގައި ސުވާލުމާކުތަކެއް ޖަހައިގެން އަހަރެން ހުރީ، އެސުވާލުތަކުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.
“ހަމަ ހީވަނީ…” އެ އަންހެންމީހާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
**********************
[ވީރާނާވެފައިވީ ޙަޔާތް މަގޭ – 14ވަނަ ބައި]
“ހަމަ ހީވަނީ ސަޖްވާހެން… ވަރަށް ވައްތަރު…” މިފަހަރު އެމީހާގެ ވާހަކަ ފުރިހަމަކުރިއެވެ. އެ އަންހެންމީހާއަކީ އަހަރެންގެ މަންމަ ދަންނަ މީހެއްކަން އެނގުނެވެ. އެތައް ދުވަހަކަށްފަހު، އާއިލާގެ މީހުން ފިޔަވާ، އެހެން މީހެއްގެ ދުލުން މަންމަގެ ނަން ކިޔާލުމުންވެސް އަހަންނަށް ކުރެވުނީ، ތަފާތު އިހްސާސެކެވެ. މަންމައާއި ވައްތަރު ވާހަކަ ބުނުމުން ހިތްހަމަޖެހުމެއް ލިބުނެވެ. އެމީހާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން އެއީ މަންމަގެ ވަރަށް ގާތް ރައްޓެއްސެއްހެން އަހަންނަށް ހީވިއެވެ. އެކަމަކު އަހަރެންގެ ހަނދާނަކަށް އެއީ ކާކުކަމެއް ހަމަ އެއްގޮތަކަށްވެސް ނައެވެ.
“ޝަބާ… ނޭންގުނު ދޯ މިއީ ކާކުކަމެއް؟” އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލުމެވެ.
“ކިހިނެއް އެނގޭނީވެސް؟ އޭރު ދިޔަ ގޮތަށް ލޮލަށްވެސް ފެނި ނުލާވިއްޔަ ދޯ…” އަނެއްކާވެސް އެ އަންހެންމީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަންނަށް ހަރަކާތެއްވެސް ނުގެނެވިފައި ހުރެވުނީއެވެ. އެމީހަކު އަހަރެންގެ ހަނދާނަށް އާދޭތޯ މަސައްކަތް ކުރީމެވެ.
“ޝަބާ… މިއީ ޖަމިއްތައޭ… މިގެއާއި ޖެހިގެން ހުރި ގެއަށް ކުޅެން ގޮސް އުޅުނު ހަނދާނެއްވެސް ނެތްތަ؟” އެ އަންހެންމީހާ ސުވާލުކުރިއެވެ. އެހެން ބުނުމުން އަހަރެންގެ ސިކުނޑީގައި ފަނޑުކޮށް ދެ އަންހެން ކުއްޖަކާއެކު ކުޅެން އުޅުނު މަންޒަރު ސިފަވިއެވެ. ސިކުނޑިއަށް ބާރުލުމުން، ކައިރީގައި ހުރި ގެއެއްގެ ތެރޭގައިވެސް ކުޅެން އުޅުނު މަންޒަރު ކޮންމެވެސް ވަރަކަށް ހަނދާންވިއެވެ. ހީ ސަކަރާތް ޖަހަމުން ދުވެދުވެފައި އުޅުނު ތިން ކުދިން ލޯ ކުރިމައްޗަށް، ފަނޑުގޮތަކަށް ސިފަވުމުން، ލުއި ހިނިތުންވުމެއް އަހަރެންގެ މޫނަށް ވެރިވިއެވެ.
“ޖަމިއްތާ؟ ކޮބާ ރިފާއާއި އާޔާ؟؟؟” ހަމަ އެ ހިނިތުންވުމުގައި އަހަންނަށް އަހާލެވުނެވެ. ނަސީބަކުން އެމީހުންގެ ނަންތައް އަހަރެން ހަނދާން ހުއްޓެވެ.
“ސޮރީ… ޖަމިއްތާ… މިހާ ދުވަސްވާއިރު ބަދަލުވެފައި ހުރިވަރުން ޖަމިއްތަވެސް ނޭންގުނު… އެހެންވީމާ އަދި ރިފާއާއި އާޔާ ފެނުނަސް ނުވެސް އެނގޭނެ ކަންނޭންގެ” އަހަރެން ބުނެލީމެވެ.
އަހަރެމެން އެކި ވާހަކަތަކުގައި ސިޓިންގރޫމްގައި އެތައް އިރެއް ވަންދެން ތިބީމެވެ. ޖަމިއްތަ ދަމުން ދިޔައީ، ހަވީރު ސަޔަށް އެގެއަށް ދިއުމަށް ދަޢުވަތު ދީފައެވެ.
**********************
ޝާފީ ގޮވައިގެން ޔަމާން، މިސްކިތަށް ދިއުމުން އަހަރެންވެސް ފެންވަރަން ވަނީމެވެ. ޢަޞްރު ނަމާދުކޮށް ނިމިގެން އަހަރެން ތައްޔާރުވާން ފެށީމެވެ. ޑްރެސިންގ ޓޭބަލް ކުރިމައްޗަށް ހުއްޓުނު ވަގުތު، ކޮޓަރީގެ ދޮރު ހުޅުވާލާފައި ޔަމާން ވަނެވެ. ޝާފީ ކޮބައިތޯ ސުވާލުކުރުމުން، އެއްވެސް އެއްޗެކޭ ނުބުނެ އައިސް އަހަރެންގެ ގައިގައި ފަހަތުން ބައްދާލިއެވެ. ޖަވާބެއް ނައުމުން، އަހަރެން އެމޫނަށް ބަލާލީ ލޯގަނޑުންނެވެ. ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރުމުން، ދޮންބެއާއިއެކު ބޭރުގައި އެބަ އުޅޭކަމަށް ބުންޏެވެ.
ޝާފީ މަންމާއޭ ކިޔާފައި ގޮވާލި އަޑު އިވުމުން، ދެމީހުންވެސް ސިހުނެވެ. ދޮރުހުޅުވާލާފައި އަވަސްކުރާށޭ ބުނިގޮތުން، އަހަރެމެން ދެމީހުންނަށް، އެކަކު އަނެކަކަށް ބަލާލުމަށްފަހު ހޭން ފެށުނެވެ. މި ވަނީ ކިހިނެއްކަން ނޭންގިފައި ޝާފީ ބަލަހައްޓައިގެން ހުރުމުން، ޔަމާން ޝާފީ ކައިރިއަށް ގޮސް މަޑުކޮށްލިއެވެ.
“ބައްޕަވެސް މިކިޔަނީއޭ މަންމަ ގާތު އަވަސްކުރާށޭ… އެކަމަކު މަންމަ ސްލޯކަމުންވެސް ދޯ” ޔަމާން، ޝާފީއަށް ނުފެންނާނެހެން، އަހަންނާއި ދިމާއަށް އެއްލޯ މަރާލަމުން ބުނެލިއެވެ.
“މަންމަ މި ނިމެނީއޭ ދަރިފުޅާ… މާ ގިނައިރެއް ނުވާނެ…” އަހަރެން ޔަމާންއާއި ދިމާއަށް ލޯ ހަނިކޮށްލަމުން ބުނެލީމެވެ. ޝާފީއާއިއެކު ޔަމާން ކޮޓަރިން ނުކުތްއިރުވެސް، އެ މޫނުމަތީގައި ލާނެއް ހިނިތުންވުމެއްވިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލަމުން، ލޯގަނޑާއި ދިމާއަށް އެނބުރުނީމެވެ.
“ޝަބާ…” ޔަމާން ގޮވާލި އަޑު އިވުމުން އަހަރެން ސިހުނެވެ. އެނބުރި ބަލާލިއިރު، ޔަމާން ހުރީ ދާދި ގާތުގައެވެ.
“ދެންމެ މިތަނުން ދިޔައީ… މިހާރު ކިހިނެއްވީ ތި އައީ؟” އަހަރެން ސުވާލުކުރީމެވެ.
“ވާހަކައެއް ބުނަންވެގެން…” ޔަމާން އަހަންނާއި ކައިރިވެލާފައި މަޑުމަޑުން ބުނެލިއެވެ. އަހަރެން ޔަމާންއާއި ދިމާއަށް ބަލާލަމުން ކޮންވާހަކައެއްތޯ އިޝާރާތުން އަހާލީމެވެ.
“ޝަބާ ރުޅި އައިސްފައި ހުންނައިރު ވަރަށް ލޯބި…” ކަންފަތް ކައިރީގައި ބުނެލި ޖުމްލައިން، އަހަރެންގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ޔަމާންގެ ލާނެއް ސަމާސާތަކުން، އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އަހަރެން ލަދުގަތެވެ. އެ މޫނުމަތިން ފެނުނު ލާނެއް ހިނިތުންވުމުގެ ސަބަބުން، އަހަންނަށް އިސްޖަހާލެވުނެވެ.
“މިހާރު އަދި މާ ލޯބި…” ޔަމާން އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ބުނެލިއެވެ. އެވަގުތު ޝާފީ ބައްޕާ އޭ ކިޔާފައި ގޮވާލި އަޑު އިވުނެވެ.
“ދެން ދޭ… އަހަރެން ރެޑީވާން ވެއްޖެ” ޔަމާންއާއި ދުރަށް ޖެހިލަމުން އަހަރެން ބުނެލީމެވެ. ޔަމާން، އޭނާގެ ފުރިހަމަ ހިނިތުންވުމުގައި ހުރެ، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރު ހުޅުވާލުމަށްފަހު، ފަސް އެނބުރި އަހަންނާއި ދިމާއަށް ބަލާލިއެވެ. ޔަމާން ދޮރުލައްޕަންދެން ބަލަން ހުރުމަށްފަހު، އަހަރެން ފުނާއަޅަން ފެށީމެވެ.
**********************
ތައްޔާރުވެގެން ނުކުތްއިރު، ޖަމިއްތަ އަހަރެމެން ބަލާ އައިސްފިއެވެ. އޭރު އަދި ދޮންބެދައްތައާއި މަންމަމެން ނުނުކުމެއެވެ.
“ދަރިފުޅާ… ކޮބާތަ އިސްރާ؟” ބައްޕަ ކޮޓަރިން ނުކުމެގެން އައިސް، ދޮންބެދައްތަ ފެންނަން ނެތުމުން ސުވާލުކުރިއެވެ.
“ބައްޕާ… މި މީހުން ގޮވައިގެން ތަނަކަށް ދާން ވެއްޖެއްޔާ، ޖެހޭނީ މި ހާލެއް…. ތައްޔާރުވާން ނަގާނެ ފަސް ހަ ގަޑިއިރު… މި މީހުން ނިމޭއިރު….” ވާހަކަ މިހާ ހިސާބަށް ދިޔަތަނާ، ދޮންބެދައްތަ އެތަނަށް އައިސް ހުއްޓިއްޖެއެވެ. އެހެންމީހުންނަށް ނުފެންނާނެހެން، ދޮންބެއާއި ދިމާއަށް ދެބުމަ ގޮށްޖަހާލަމުން މޫނަށް ގޮތެއް ހަދާލިތަން، އަހަންނަށް ފެނުނެވެ. އަހަރެން ކައިރިއަށް ހިނިއައި ނަމަވެސް، ތުންފަތުގައި ދަތް އަޅާލަމުން ހިނިގަނޑު ހިފަހައްޓާލީމެވެ.
“މިހާރު އެންމެން މި ހަމަވީނު…” ބައްޕަ ބުންޏެވެ.
“ހިނގާ ދަމާ ދޯ….” ޖަމިއްތަ މިހެން ބުނެފައި ހިނގައިގަތުމުން، އެންމެންވެސް ޖަމިއްތަ ފަހަތުން ހިނގައިގަތެވެ. އަހަރެމެން ޖަމިއްތަމެން ގެއަށް ވަންއިރު، ގޯތިތެރޭގައި ހުރި ޖޯލީގައި ފިރިހެނަކު އޮތެވެ. އެއީ ޖަމިއްތަގެ ފިރިމީހާ ޔޫސުފްބެ ކަމުގައި ޖަމިއްތަ ބުނެދިނެވެ.
“ރިފާ، އާޔާ… ދަރިފުޅުމެން އާދެބަލަ…” ޖަމިއްތަ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އަހަރެންވެސް ހުރީ އެމީހުންނާއި ބައްދަލުކޮށްލަން ވަރަށް ބޭނުންވެފައެވެ. ރިފާއާއި އާޔާ އައުމުން، އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓުނެވެ.
“ބަލާބަލަ ދަރިފުޅުމެން… މި ތިބީ ޝަބާމެން…” އެކުދިންވެސް ހިނިތުންވެލަމުން، އަހަރެމެންނާއި ސަލާމްކޮށްލިއެވެ. އުފާވެރި މާހައުލެއްގައި ހަވީރު ސައިގެ ކަންތައްތައް ނިންމާލުމަށްފަހު، އަހަރެމެން އެގޭގައި މަޑުކޮށްލައިގެން ތިބީމެވެ. ރިފާއާއި އާޔާއާއިއެކު، ހޭދަކުރެވުނު ވަގުތުކޮޅުގައި އަހަރެމެން ވަރަށް ގިނަ ވާހަކަ ދެއްކީމެވެ. އާޔާގެ ފިރިމީހާ، ނާޒިމްއާއިވެސް ދިމާވިއެވެ. އަދި އެދެމަފިރިންގެ ދެކުދިން ކަމުގައިވާ ޔައްމުއާއި ސާދުއާއިވެސް ބައްދަލުވިއެވެ. އެދެކުދިންނާއި ރީމާއާއި ޝާފީއާއިވެސް އެކުވެރިވެ، ކުޅުމުގައި އުޅުނެވެ. އައިނީވެސް ދުވެލަދުވެލާ އުޅުނުއިރު، ދޭތެރެއަކުން އެކުދިންނާއި ބައިވެރިވެލައެވެ.
އެގެއިން އެދުވަހު ނުކުމެގެން ދިޔައިރު، އެތައް ދުވަހެއް ފަހުން ބައްދަލުވިކަމުގައި ވިޔަސް، އަހަރެމެންގެ މެދުގައި ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. އެކަމާއި އަހަރެން އުފާކުރީމެވެ.
އަހަރެމެން އެރޭ ގެއަށް ދިއައީ، ރޭގަނޑުގެ ކެއުމަށްފަހުއެވެ. ޔަމާންއާއި ރަޔާން އަދި ދޮންބެމެން، ކައި ނިމިގެން ދިޔައީ ބޭރަށެވެ. އަހަންނާއި ދޮންބެދައްތަ، ބޭނުންވީ ގެއަށް ގޮސް ނިދާލާށެވެ. ވެފައިވާ ވަރުބަލިކަމާއެކު، ކޮންމެހެން ބޭރަށް ދާން ބޭނުން ނުވީއެވެ.
**********************
އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަންނާއި ދޮންބެދައްތައާއި ދެމީހުން ހެނދުނުގެ ސައި ތައްޔާރުކުރުމުގައި އުޅުނީމެވެ. ދެމީހުން އެކަމުގައި އުޅުމުން، މަސައްކަތްތައް އަވަހަށް ނިންމާލެވުނެވެ. ހެނދުނުގެ ނާސްތާއަށްފަހު، ކުޑަކުދިންތައް މޫދަށް ދާން ބޭނުންވުމުން، އެންމެންވެސް ތައްޔާރުވީ މޫދަށްދާށެވެ. ރިފާއާއި ނާޒިމް އަދި އާޔާވެސް ޔައްމުއާއި ސާދު ގޮވައިގެން އަހަރެމެންނާއެކު ދިޔައެވެ.
ރިފާމެން އެންމެން ދިޔަގޮތަށް ގޮސް މޫދަށް އެރުނެވެ. ދޮންބެމެންނާއިއެކު، ރަޔާންވެސް އައިނީ ގޮވައިގެން މޫދަށް އެރުނެވެ. ޔަމާންއާއިއެކު އަހަރެން ދިޔައީ އެމީހުންގެ ފަހަތުންނެވެ. ވަކި ހިސާބަކަށް ގޮސް އަހަރެން މަޑުކުރުމުން، ޔަމާން އަހަންނަށް ބަލާލުމަށްފަހު ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަހަރެން މޫދަށް އެރޭ ހިތް ނެތްކަމަށް ބުނުމުން، ޔަމާންވެސް އެކަމަކަށް މާބޮޑަށް ބާރެއް ނާޅައެވެ.
“މިފަހަރު ސަލާމަތްވިއަސް ދެން ފަހަރަކުން ނުވާނެ އިނގޭ… ދެން އަންނަ ދުވަހަކުން، އުރާލައިގެން ނަމަވެސް ގެންގޮސް މޫދަށް ލާނަން…” އަހަންނާއި ކައިރިއަށް ޖެހިލަމުން ޔަމާން ބުނެލިއެވެ. އަހަރެން ޔަމާންގެ މޫނަށް ބަލާލުމުން، ލާނެއް ހިނިތުންވުމެއްގައި ހުރެ، ޝާފީގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ޝާފީ ގޮވައިގެން ގޮސް މޫދަށް އެރުމުން، އަހަރެން ދޮންވެލިގަނޑުމަތީ އިށީންދެލީމެވެ. އެންމެން މަޖާކުރަމުން ދިޔަ މަންޒަރު ބަލަން އަހަރެން އިނީ ހިނިތުންވެލައިގެންނެވެ.
އަހަރެން ދުރުގައި އިށީންދެގެން އިނުމުން، އާޔާއާއި ދޮންބެދައްތަ އަހަންނަށް ގޮވިއެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެ، އެކަމުން މަނާވެގަތީމެވެ. އަހަރެން މޫދަށް ނޭރުމުން، ކެތްނުވީ ރިފާއަށެވެ. އޭނާއަށް މޫދުގައިވެސް ނޯވެވިގެން، ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އަހަރެން ނޫނެކޭ ބުނުމުން، ކައިރީގައި އިށީންދެ ސުވާލުކުރަން ފެށިއެވެ. ވަކި ކަމެއް ނުވާކަމަށް އަހަރެން ބުނީމެވެ.
އާޔާވެސް ދެކުދިން ނާޒިމްއާއި ހަވާލުކުރުމަށްފަހު، އަހަރެން ކައިރިއަށް އައެވެ. ދެން އެހެން ފަހަރަކުން މޫދަށް އެރޭނީ ކަމަށް ބުނެ، އަހަރެން ހަމަޖައްސާލީމެވެ. އަހަރެމެންނަށް ވާހަކައިގައި ޖެހިފައި ތިބެވުނެވެ. އަހަރެމެން ދެމީހުން ދެއްކި ވާހަކައަށް ރިފާގެ ސަމާލުކަން ދެވިފައި ނުވާކަން އެނގުނީ، އޭނާއާއި ކުރި ސުވާލަށް ޖަވާބެއް ނުލިބިގެން، ދެމީހުން އޭނާއަށް ދިމާއަށް ބަލާލުމުންނެވެ.
އޭރު ރިފާގެ ސަމާލުކަން ދެވިފައިވަނީ، ކުރިމަތީގައި އޮތް މޫދާއި ދިމާއަށެވެ. އަހަރެމެން އެދިމާއަށް ބަލާލިއިރު، އައިނީ ގޮވައިގެން އުޅުނު ރަޔާންއަށް އޭނާގެ ނަޒަރު ހުއްޓިފައިވިއެވެ. އާޔާއާއި ދެމީހުން، އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު، ނިއް އަރުވާލެވުނެވެ. ހެވެން ފެށުމުން ތުންފަތުގައި ދަތްއަޅާލީ، އަޑު ބޭރުވެދާނެތީއެވެ. ރޭގައިވެސް، އެ ގޭގައި އަހަރެމެން އުޅުނުއިރު، އިރުއިރުކޮޅުން ރިފާގެ ނަޒަރު، ރަޔާންއަށް ހުއްޓޭ މަންޒަރު އަހަންނަށް ފެނުނެވެ.
ރިފާއަށް ދެފަހަރަކު ގޮވާލައިގެންވެސް ޚަބަރެއް ނުވުމުން، އާޔާ އޭނާގެ ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ. ސިހިފައި ރިފާ އަހަރެމެންނާއި ދިމާއަށް ބަލާލިއެވެ. ރިފާ ބަލަން ފެށިގޮތުން، އަހަރެމެން ކައިރިއަށް ހިނިއައެވެ.
“ރިފާ…ކޮންކަމެއް؟…” އާޔާ ލާނެއް ގޮތަކަށް ރިފާއަށް ބަލާލަމުން ސުވާލުކުރިއެވެ.
“ކަމެއް ވެއްޖެތަ؟…” ނުވާކަމަކަށް ހެދިފައި ރިފާ ޖަވާބުދިނެވެ. އަހަރެމެންނަށް އެ މަންޒަރު ފެނުމުން، ރިފާ ލަދުގަތީއެވެ.
“މިހާރު ކޮން އިރެއް ގޮވާތާ… ހީވަނީ މުޅިން އެހެން ދުނިޔެއެއްގައި އިންހެން…” އާޔާ ބުނެލިއެވެ.
“އޭން.. ގޮވިންތަ؟ އަޑެއް ނީވުނޭ….” ރިފާ ފަހަރަކު މީހެއްގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ.
“މީހަކު ދައްކާ ވާހަކަ އަޑުއިވޭ ވަރަށް ވުރެ ބޮޑަށް އެހެން ކަމަކަށް ގެއްލިފައި ވިއްޔަ ތި އިނީ…” މޫދާއި ދިމާއަށް ބަލާލަމުން އާޔާ ބުނެލިއެވެ.
“ކޮން އެއްޗެއްތަ އެތަނުން ފެންނަނީ؟ މާ ވަރަކަށް އެކޮޅު ތި ބަލަނީ؟” އާޔާ ރިފާއާއި ދިމާކޮށްލިއެވެ. އާޔާ އިޝާރާތްކުރި ދިމާއަށް ރިފާގެ ނަޒަރު އަނެއްކާވެސް ހުއްޓުނެވެ.
“އައިނީ ވަރަށް ލޯބި ދޯ..” ރިފާ އެދިމާއަށް ބަލަން އިނދެ ބުނެލިއެވެ. ހީވީ އަހަރެމެންނަށް އޮޅުވާލަންވެގެން އުޅުނުހެންނެވެ.
“އައިނީތަ؟ ނޫނީ އައިނީ އުރައިގެން ހުރި ކުއްޖާތަ؟” އާޔާ އަނެއްކާވެސް ލާނެއް ރާގަކަށް ސުވާލުކުރިއެވެ.
“ދެން ދޮންތާ!!……” އަކުރުތަކަށް ދަމާލަމުން، ރިފާ އާޔާއަށް ގޮވާލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ. އަހަރެމެން ދެމީހުންނަށް ހޭން ފެށުނެވެ. ރިފާގެ މޫނު ރަތްވެގެން ދިޔައެވެ.
“އަދިވެސް އޮޅުވާލަން އުޅޭތި…” އާޔާ ރިފާއާއި ދިމާކުރުން ހުއްޓާކަށް ގަސްދެއް ނުކުރިއެވެ. އެންމެފަހުން ރިފާ އެތަނުން ތެދުވެގެން ދިޔައީއެވެ. ރިފާ ދިއުމުން، އަހަރެމެން ދެމީހުންގެ އަމިއްލަ ވާހަކަތަކުގައި އެތާ މަޑުކޮށްލީމެވެ. އަހަރެން ނުދާނެކަން އެނގުމުން، އެންމެ ފަހުން އާޔާވެސް ތެދުވެގެން ގޮސް އެހެން މީހުންނާއި ބައިވެރިވެއްޖެއެވެ.
މޫދުގައި ސަކަރާތް ޖެހުމުގައި އެތައް އިރަކު އުޅުމަށްފަހު، ގެއަށް ދެވުނުއިރު ދިހަގަޑި ބައިވަނީއެވެ. ފެންވަރައިގެން ނުކުތްއިރު، ވެފައިވާ ވަރުބަލިކަމާއެކު، ޔަމާންއާއި ޝާފީވެސް އެނދުގައި ޖައްސާލިގޮތަށް ނިދައިފިއެވެ. އަހަރެން ދިޔައީ މެންދުރަށް ކައްކަންވެގެންނެވެ. މަންމައާއި ދައްތަވެސް އަހަންނާއެކު ކެއްކުމުގައި އުޅުނެވެ.
**********************
އެދުވަހު ހަވީރު އަހަރެމެން ދިޔައީ، ރަށުގެ އެކި ތަންތަން ބަލާލާށެވެ. އެކުގައި ރިފާމެންވެސް ދިޔައެވެ. މަންމައާއި ދައްތަމެން ބޭރަށް ދިޔައީ ޖަމިއްތައާއި އެކުގައެވެ. އަހަރެމެން ނުކުތްއިރުވެސް، ބައްޕައާއި ބޮޑުބޭބެމެން ޢަޞްރުނަމާދަށް ދިޔަގޮތަށް ގެއަކަށް ނާދެއެވެ.
ރަށުގެ ކުޅި އޮތް ސަރަހައްދުގައި އަހަރެމެން މަޑުކޮށްލީމެވެ. ކުރިން އެކުދިންނަށް ފެނިފައިވާ ތަންތަނަށް ނުވާތީ، ޝާފީއާއި، އައިނީ އަދި ރީމާވެސް އަޖައިބުވެފައި ބަލަމުން ދިޔައެވެ.
“ވާއު…” ރީމާއަށް ބުނެލެވުނީ އެހެންނެވެ.
“ވަރަށް ރީތި ދޯ މަންމާ…” ދޮންބެދައްތަގެ އަތުގައި ހިފަމުން ރީމާ ބުނެލިއެވެ. ދޮންބެދައްތަވެސް ހިނިތުންވެލަމުން އާއެކޭ ބުނެ ޖަވާބުދިނެވެ.
އެންމެންވެސް ފޮޓޯ ނެގުމުގައި އުޅުނުއިރު، އަހަރެން ދުރުގައި މަޑުކޮށްލައިގެން ހުރީމެވެ. ފޯނުގައި މައްސަލައެއް ޖެހިގެން ފޯނު ނުހުޅުވޭތީ، އަހަރެން އައީ ގޭގައި ފޯނު ބާއްވާފައެވެ. އެކަމަކު، އަހަންނަށް މާ ގިނައިރު ދުރުގައި ހުރެވޭގޮތެއް ނުވިއެވެ. ރިފާއާއި އާޔާ އައިސް، އަހަރެން ކައިރީގައި މަޑުކޮށްލިއެވެ. އަދި އާދެވުނު ފަހަރު ފޮޓޯ ނަގަންވާނެއެއް ނޫންހޭ ކިޔާފައި، ފޯނު ނަގާ، އަހަރެމެން ތިން މީހުންގެ ސެލްފީއެއް ނެގިއެވެ. ރިފާ ހިތްހަމަޖެހޭ ކަހަލަ ގޮތަކަށް ސެލްފީ ނެގުމުން، އެއަށް ބަލަން ހުރީ ހިނިތުންވެލައިގެންނެވެ.
“އެއްކަލަ ރިފާ… ކޮންމެ ތަނަކަށް އަޔަސް މީނަ ޖެހޭނެ ފޮޓޯ ނަގަން… އެ ހެޔޮ ސަތޭކަ ފަހަރު އާދެވުނަސް… އަދި ލައްކައެއްހާ ފޮޓޯ ނަގަން ޖެހޭނެ…” އަހަރެމެން ފޮޓޯ ނެގުމުގައި އުޅެނިކޮށް، ނާޒިމް އައިސް ރިފާއާއި ދިމާކޮށްލިއެވެ. ނާޒިމްއާއި ދިމާއަށް ލޯ ހަނިކޮށްލަމުން، ރިފާ އަނގައަށް ގޮތެއް ހަދާލިއެވެ. ރިފާއަށް ބަލަން ހުރި އާޔާވެސް ހޭން ފެށިއެވެ.
“ދޮންތަބޭ ޖެހޭނެ މަށާއި ދިމާކުރަން… އެހެން ބުނާއިރު ދޮންތަބޭވެސް ތިއީ ކެމެރާ އަތުން ދޫކުރެވޭ މީހެއް ނޫނެއްނު… އަދި ދޮންތަވެސް ހުރެގެން ހެނީއޭ ދޯ… ހުމް… ވަރަށް ފޫހިވޭ…” ތުން ދަމާލަމުން ރިފާ ބުނެލިގޮތުން އަހަރެންގެ ގާތަށްވެސް ހިނި އައެވެ.
“ފޮޓޯ ނެގުން އެއީ މައްސަލައެއްނޫނޭ…. އެހެންނޫނަސް ދެން ޝަބާ ލޮލަށް ފެންނާނެ ދުވަހެއްވެސް ނޭންގެ… އެހެންވީމާ ކޮންމެހެންވެސް ހަނދާނެއް ބާއްވަން ވާނެދޯ!” ފޮޓޯތަކަށް ބަލަމުން ރިފާ ބުނެލިއެވެ. އާޔާވެސް އާއެކޭ ބުނެ، އެކަމާ އެއްބަސްވިއެވެ.
ޔަމާންއާއި ޝާފީއާއިއެކު އަހަރެންވެސް ފޮޓޯ ނަގާ، އެދަތުރުގެ ހަނދާނެއްގެ ގޮތުގައި ރައްކާކުރީމެވެ. އެތަނުން ދިއުމުގެ ކުރިން، އެންމެން އެއްކޮށް ގްރޫޕް ފޮޓޯވެސް ނެގީމެވެ.
ރަށުގެ އުތުރުފަރާތު ތުނޑިއަށްވެސް އަހަރެމެން ދިޔައީމެވެ. އެއީވެސް ވަރަށް ހިތްފަސޭހަ ތަނެއްކަމުގައި އަހަރެމެންނަށް ޤަބޫލުކުރެވުނެވެ. ސާފު ހުދު ދޮންވެލިގަނޑާއި، ރީތި މޫދަށް އަހަރެމެން އެންމެންވެސް ވަރަށް ގަޔާވިއެވެ. ޖެހެމުންދިޔަ ފިނިވައިރޯޅިތަކުންވެސް ހިތްތަކަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ.
ގެއަށް ދިއުމަށް ހިނގައިގަތީ ކޮންމެހެން އެތަނުން ދާހިތަކުން ނޫނެވެ. ކުޑަކުދިންވެސް ތިބުމާއެކު، އިރުއޮއްސުމުގެ ކުރިން ގެއަށް ވަންނަން ޖެހޭނެތީއެވެ. މިހާރުވެސް އަހަރެމެން ލަސްވެގެން، މަންމަމެން ދެތިންފަހަރު ގުޅައިފިއެވެ.
“މަންމާ… މިހާރު މިދަނީއޭ… ދެން މާލަހެއް ނުވާނެ..” ޔަމާން ފޯނު ބޭއްވުމުގެ ކުރިން ބުންޏެވެ.
“މަންމަ އަނެއްކާވެސް އެ ގުޅީ… އިރުއޮއްސުމުގެ ކުރިން އަވަހަށް ގެއަށް އަންނާށޭ ބުނީ… މިހާރުވެސް މާލަސްވެއްޖެއޯ…” ފޯނު ޖީބަށްލަމުން، ޔަމާން ވާހަކަ ދެއްކިއެވެ.
“ޝަބާ… އާދެބަލަ އަހަންނާއިއެކު.. މިތާ ކައިރީގައި ހުރި ފިހާރައަކަށް ދާން…” ރިފާ އެދުނެވެ. އޭރު އަހަރެމެންނަށް، ގެއާއި ވަރަށް ކައިރިއަށް އާދެވިއްޖެއެވެ. ޔަމާން ގާތު އެބަ އަންނަންކަމަށް ބުނުމުން، ބޯ ޖަހާލުމަށްފަހު މާލަސްނުވެ ގެއަށް އައުމަށް ބުންޏެވެ. އަދި ރަޔާންއާއި އާޔާމެންގެ ފަހަތުން، ޝާފީ ގޮވައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
“ޝަބާ ހަމަޖެހިބަލަ… އަދި ހައެއް ޖަހަންވެސް ދިހަ މިނެޓް އެބައިން… ހާސްނުވެބަލަ… ނުވާނެއޭ މާ ގިނައިރެއް…” އަހަރެން އަވަސްކުރަން އެދުމުން، ރިފާ ބުނެލިއެވެ. ފިހާރައަށް ވަދެ، ރިފާ ބޭނުންވާ އެއްޗެހި ނަގަން ފެށުމުން، އަހަރެންވެސް ހަރުތަކުގައިވާ އެއްޗެހި ބަލަން ފެށީމެވެ. ކައުންޓަރަށް ގޮސް ފައިސާ ދައްކާ ނިމުމުން، ފިހާރައިން ނުކުތީވެސް ދެމީހުން ވާހަކަ ދައްކަމުންނެވެ.
“އަޅެ ފޯނު ބާއްވާފައި ކަންނޭންގެ މި އާދެވުނީ… އެބަ އަންނަން ބަލާލާފައި…” ފިހާރައިން ނުކުމެފައި ރިފާ ބުންޏެވެ. އަހަރެން ގާތު މަޑުކުރަން ބުނުމަށްފަހު، އަލުން ފިހާރައަށް ވަނެވެ.
ރިފާ ދޮރުން ވަންނަތަން ބަލަން ހުރުމަށްފަހު، އެނބުރުނު ވަގުތު، ކޮންމެވެސް މީހެއްގެ ގައިގައި ޖެހުނެވެ. ދުރަށް ޖެހެން އުޅުމުން، އެމީހަކު އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނީ، ނުވެސް ދަންނަ މީހަކު އެގޮތަށް އުޅެން ފެށުމުންނެވެ. އަތް ފޮޅުވާލަން އުޅުމުން، އެކަމެއްވެސް ކާމިޔާބެއް ނުވިއެވެ. އެމީހާގެ މޫނަށް ބަލާލެވުނުއިރު، އެ މޫނުމަތިން ފެނުނު ވިހަ ހިނިތުންވުމުން، މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. އަނެއްކާވެސް އޭނާގެ އަތުތެރެއިން، އަހަރެންގެ އަތް މިނިވަންކުރެވޭތޯ ބެލީމެވެ.
ކުއްލިއަކަށް އެމީހާ އަހަރެންގެ އަތުން ދޫކޮށްލިއެވެ. ހައިރާންވެފައި އެމީހާގެ މޫނަށް ބަލާލެވުނުއިރު، އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންގެ ފަހަތަށެވެ. ފަހަތަށް ދެތިން ފިޔަވަޅެއް އެޅުމަށްފަހު، އަވަސް ފިޔަވަޅުތަކެއްގައި، އެތަނުން ދުރަށް ހިނގައިގަތެވެ. ފަހަތަށް ބަލާލިއިރު، ދެލޯ ބޮޑުކޮށްލައިގެން ރިފާ ހުއްޓެވެ. އެއްފަހަރު، އެމީހާ ދިޔަ ދިމާއަށް، އަނެއްފަހަރު އަހަރެންގެ މޫނަށް ރިފާގެ ނަޒަރު ހުއްޓާލައެވެ. އިރުކޮޅަކުން އަހަންނާއި ކައިރިއަށް ޖެހިލިއެވެ.
“އޭނާ ދަންނަންތަ؟” ރިފާ ކުރި ސުވާލުގެ ސަބަބުން އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. ރިފާގެ މޫނަށް ވެރިވި ކުލަވަރުންނާއި، އެ އަޑުގައިވާ ހާސްކަމުން، އެމީހާ އެއީ އާދައިގެ މީހެއް ނޫންކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. ރިފާގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ސުވާލު އުފެދިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Assalamu Alaikum dear readers
Here is the part 14 of the story “Veeraanaa vefaivee hayaai magey”
Hope you will like this part…
Please share your view about this episode
Masha Allah?… Varah reethi mi bai ves????. When is next?… Waiting??
Thank you so much Maisha maii
??
Next part plx upload kohdhehchry avahah
varah bodah sorry dear ehaa lasveema…
???
ekam busy kamun upload kurevey goi nuvee….
once again sorry dear…
Masha Allah varah reethi. When next part.Sorry for the late comment
Thank u so much Ina….
varah bodah sorry next part ehaa lasvaatheeve..
Sorry nubunaane Ina….
Lahun viyas comment eh kolleeema Maina varah ufaa vejje
???
Thank you for the comment
Dear all readers..
varah bodah sorry story upload kurun mihaa lasveema
??
part 15 mihaaru upload kollaifin….