ވީރާނާވެފައިވީ ޙަޔާތް މަގޭ 13

- by - 95- September 15, 2019

“ސޮރީ… ބަލާނުލާ އާދެވުނީމަ ވީ ގޮތް… އަހަރެންގެ މިސްޓޭކް…” ކޮންމެވެސް ތަނަކުން އިވިފައިވާ އަޑެއްހެން އަހަންނަށް ހީވިއެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން، އިސްއުފުލާ އެމޫނަށް ބަލާލެވުނެވެ. ސާފުކޮށް އެމީހެއްގެ މޫނު ފެނުނު ނަމަވެސް، އެއީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ހޭދަވިއެވެ. ކުރިމަތީގައި ހުރީ ކާކުކަން އެނގުމުން، ފަހަތަށް ދެފިޔަވަޅެއް އަޅާލެވުނީ ޖެހިލުންވިވަރުންނެވެ. ހީވެސް ނުކޮށް ހުއްޓާ ކުރިމަތިން ފެނުމުން، ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.

**********************

 

އެތައް ދުވަހެއް ފަހުން ދިމާވިޔަސް، އެ ސޫރައަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާތީ، އަހަންނަށް އޭނާ ވަކިކުރަން އެނގުނެވެ. ކުރިމަތީގައި ހުރި މީހާވެސް، ދެލޯ ހަނިކޮށްލަމުން އަހަރެންގެ މޫނަށް ބަލަމުން ދިޔައީ، ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ.

 

“އޯހް… ޝަބާ… ރައިޓް؟…” ނުލަފާ ގޮތަކަށް އޭނާ ހީލިއެވެ. ޖެހިލުންވި ނަމަވެސް، އެކަން ނުދައްކާވޭތޯ މަސައްކަތްކުރީމެވެ. ޖީބަށް އަތް ޖަހާލައިގެން، އެއްމިޔަކަނުން ހީލައިގެން ހުރިގޮތުން، އެ މަކަރުވެރި ސިކުނޑީގައި ހިނގަމުން ދިޔައީ، ކޮން ކަހަލަ ޚިޔާލުތަކެއްކަމެއްވެސް އަހަންނަކަށް ނޭންގެއެވެ. ދެވަނަ ފަހަރަށްވެސް އަހަންނަށް ގޮވާލިއެވެ. އަޅާނުލާ ކުރިއަށް ފިޔަވަޅު އެޅި ވަގުތު، އަހަރެންގެ އަތުގައި އޭނާ ހިފިއެވެ. އަތް ފޮޅުވާލަން ކުރި މަސައްކަތްވީ ބޭކާރެވެ.

 

“އިމާދު…” އިވުނު އަޑުން އަހަންނަށްވެސް ސިހުމެއް ލިބުނެވެ. އެދިމާއަށް ބަލާލި ވަގުތު، އަހަރެންގެ އަތުން އޭނާ ދޫކޮށްލިއެވެ. އެވަގުތު ރަޔާން އެތަނަށް އަތުވެދާނެކަމަށް އަހަރެން ހިއެއް ނުކުރަމެވެ. އެކަމަކު އޭނާ އައީތީ، އަހަރެން ހިތާހިތުން ޝުކުރުވެރިވީމެވެ.

 

ކައިރިއަށް އައިސް ހުއްޓެމުން، ރަޔާން އަހަރެންގެ މޫނަށް ބަލާލިއެވެ. ސިކުންތުކޮޅެއްވެސް ނުވަނީސް، އޭނާގެ ނަޒަރު އިމާދުގެ މޫނަށް ބަދަލުވިއެވެ. ރަޔާންގެ މޫނުން ތަފާތުކަމެއް އަހަންނަށް ފާހަގަވިއެވެ. އޭނާ އިމާދުއާއި ދިމާއަށް ބަލަމުން ދިޔައީ، ގާތް އެކުވެރިއަކަށް ބަލާފަދަ ނަޒަރަކުން ނޫނެވެ. ދެން އަހަންނަށް ބަލާލެވުނީ، އިމާދުގެ މޫނަށެވެ. އެދެމެދުގައި ބަދަލުކުރެވެމުންދިޔަ ފިނި ނަޒަރުތަކުން، އެއީ ކުރީގައި އެކުވެރިންގެ ގޮތުގައި އުޅުނު ބަޔެކޭވެސް މީހަކު ނުބުނާނެއެވެ. ގާތް ގުޅުން ބަދަލުވެގެން ދިޔައީ، ކީއްވެކަމާއިމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

 

ރަޔާންގެ ތޫނު ނަޒަރު އިމާދުއަށް ހުއްޓިފައި ހުރިއިރު، އިމާދުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއްވެސް ފެނުނެވެ. އިމާދު އަވަސް އަވަހަށް އެތަނުން ދުރަށް ދިއުމަށް ހިނގައިގަތެވެ. އޭނާ ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު، ރަޔާން އަހަންނާއި ދިމާއަށް ބަލާލިއެވެ.

 

“ހިނގާ އަހަންނާއިއެކު.. އަހަރެން ޝަބާ ގެއަށް ގެންގޮސްދޭނަން…” މިހެން ބުނުމަށްފަހު، ރަޔާން ކުރިއަށް ހިނގައިގަތެވެ. ރަޔާންއަށް އިތުބާރު ކުރަންވީބާވައޭވެސް އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު އެގޮތަށް ކުއްލިއަކަށް އިމާދު ފެނުމުން އަހަންނަށް ލިބުނު ސިހުން ވަކި ކުޑައެއް ނޫނެވެ. ވިސްނުމެއްގެ ތެރޭގައި ހުރެ، އަހަރެންވެސް ރަޔާން ފަހަތުން ހިނގައިގަތީމެވެ.

**********************

 

ރަޔާން އެދިޔަގޮތަށް ގޮސް ކާރުގެ ކުރީ ސީޓްގައި އިށީންދެލިއެވެ. އަހަރެންވެސް މަޑުމަޑުން ހިނގާފައިގޮސް ކާރަށް އެރުމުން، ރަޔާންގެ އިޝާރާތަށް ޑްރައިވަރ ކާރު ދުއްވާލިއެވެ. އެއްވެސް ވާހަކައެއް ނުދެކެވޭތީ، ކާރުގެ ތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އަހަރެންގެ ސިކުނޑީގައި ހިނގަމުން ދިޔައީ، މީގެ އިރުކޮޅެއްކުރިން ހިނގާ ދިޔަ ކަންތަކެވެ.

 

ކުއްލިއަކަށް ކާރު ހުއްޓާލުމުން، އަހަންނަށް ސިހުމެއް ލިބުނެވެ. ގެއަށް އާދެވުނީކަމަށް ބުނުމުން، އަހަންނަށް ބޭރު ބަލާލެވުނެވެ. ތެދެކެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިނުމުން، ގެއަށް އާދެވުނުކަންވެސް އަހަންނަށް ނޭންގުނީއެވެ. އަހަރެން އަވަހަށް ކާރުން ފޭބީމެވެ. ކާރުގެ ދޮރުފަތް ލައްޕާލުމަށްފަހު، ގެއަށް ވަންއިރު، ފަސްއެނބުރި އެންމެ ފަހަރަކުވެސް ނުބަލަމެވެ.

 

އެދިޔަގޮތަށް އަހަރެން ހުއްޓުނީވެސް ލިފްޓާއި ހަމައަށް ދެވުމުންނެވެ. ލިފްޓަށް އަރާ، ދާންވީ ފްލޯރގެ ނަންބަރަށް ފިތާލުމަށްފަހު، އެއްއަތުން ނިއްކުރީގައި ފިރުމާލެވުނެވެ. ލިފްޓު ހުއްޓުމުން، ނުކުމެ، ގޭތެރެއަށް ވަދެގެން ދިޔައިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އެކަމާ މެދުގައެވެ. އަތުގައި ހުރި އެއްޗެހިތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު، ހަށިގަނޑު ސޯފާގެ ތެރެއަށް ދޫކޮށްލީމެވެ. އެހެން އޮއްވާ، ލޮލަށް ނިދި ސަވާރުވީ ކޮން އިރަކު ކަމެއްވެސް އަހަންނަކަށް ނޭންގުނެވެ.

**********************

 

“މަންމާ… މަންމާ…” އަހަންނަށް ހޭލެވުނީ، ޝާފީ ގޮވާލި އަޑަށެވެ. ލޯ ހުޅުވާލެވުނުއިރު، ދަރިފުޅު ކައިރީގައި ހުރިތަން ފެނުނެވެ. ޔަމާންވެސް ދާދި ކައިރީގައި ހުއްޓާ ފެނުނެވެ.

 

“ދަރިފުޅު އައީ ދޯ! ހިނގާ ޔުނީފޯރމް ބަދަލުކުރަން…” އަހަރެން ތެދުވަމުން ބުނެލީމެވެ.

 

“މަންމާ… މިއީ ކޮއްކޮއަށްތަ؟” ކޮތަޅުތައް ތެރެއިން ކުލަފޮއްޓެއް ފެނުމުން ޝާފީ ސުވާލުކުރިއެވެ.

 

“އާން ތިއީ ދަރިފުޅުގެ އެއްޗެހި… އެކަމަކު އިހަށް ތި އެއްޗެހި ބަހައްޓާ… ފަހުން ބަލާނީ” އަހަރެން ޝާފީގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިޔައިމެވެ.

 

ސިޓިންގރޫމަށް ނުކުތީ، ޝާފީ ތައްޔާރުކޮށްލުމަށްފަހު، އަހަރެންވެސް މޫނުދޮވެލާ ހަދައިގެންނެވެ. ޔަމާން ސޯފާގައި އޮށޯވެގެން އޮތްއިރު، ދެލޯ ވަނީ މެރިފައެވެ. ޝާފީ ގޮވަން އުޅެން ހެދުމުން، އަހަރެން އެކަން މަނާކުރީމެވެ. ކާން ތައްޔާރުކޮށްލުމަށްފަހު، ޝާފީއަށް ކެވޭނެހެން ތަށިތައް ގާތްކޮށްލަދީފައި، ޔަމާންއަށް ގޮވަން ދިޔައީމެވެ.

 

ސޯފާ ކައިރިއަށް ތިރިވެލާ، މަޑުމަޑުން ޔަމާންގެ ބޮލުގައި ފިރުމާލީމެވެ. ކޯތާފަތުގައި އަތް ޖައްސާލަމުން، މަޑުމަޑުން، ތަދުނުވާނެހެން ޖަހާލަމުން، ޔަމާންގެ ނަމުން ދެތިން ފަހަރަކު ގޮވާލީމެވެ. ލޯ ހުޅުވާލަމުން، އަހަރެންގެ މޫނަށް ބަލާލިއެވެ. އޭނާގެ ކޯތާފަތުގައި ޖައްސާލެވިފައިވާ، އަހަރެންގެ އަތުގައި ޔަމާން ހިފާލިއެވެ. ދެން ތެދުވެ އިށީންދެލިއެވެ.

 

ކާން ދާން ބުނުމުން، އެބަ އަންނަންކަމުގައި ބުނެ، ޔަމާން ކޮޓަރިއަށް ވަނީ އެއްޗެހި ބަދަލުކުރާށެވެ. ކާބަޔަށް އައިއިރު ހުރީ، ޓީޝާޓަކާއި ސޯޓެށް ލައިގެންނެވެ. އޭރުވެސް އަދި ޝާފީ ކައި ނުނިމެއެވެ. އެއީ އަބަދުގެވެސް ހާލެވެ. ޝާފީ ކެއުމަށް އެހާ ގިނައިރު ނަގާނެއެވެ. ޝާފީގެ ބޮލުގެ އިސްތަށިތަކާއި ކުޅެލަމުން، ޔަމާން މޭޒުދަށުގައި އިށީންދެލިއެވެ. ޔަމާންއަށް ފަސޭހަވާނެގޮތަށް ތަށިތައް ކައިރިކޮށްލަދީފައި، އަހަރެންވެސް އިށީންދެ، ކާން ފެށީމެވެ.

 

“ބައްޕަ އަތުން ކާނީ…” ޝާފީ ބުނެލިއެވެ.

 

“އެހެންތަ؟ އަވަހަށް ހިނގާ ބައްޕައާއިއެކު ކާން ދޯ… އެއްކޮށް ހުސްކޮށްލަންވާނެ… އިނގޭ ދަރިފުޅާ…” ޔަމާން ހިނިތުންވެލަމުން ޝާފީގެ ތަށީގެ ތެރޭގައި އޮތް ސަމްސާ ނެގިއެވެ. ބައްޕަ އަތުން ކެވޭތީ، ޝާފީވެސް ވަރަށް އުފަލުން ކެއެވެ.

**********************

 

ދުވަސްތައް ފާއިތުވަމުންދެއެވެ. ރަޔާންއާއި އަހަންނާއިމެދު އޮތް ނުތަނަވަސްކަން މަޑުމަޑުން ނެތެމުންދާކަން އަހަންނަށް އިހްސާސްކުރެވެއެވެ. އަހަރެމެން ދެމީހުން ދެމެދުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެން ފެށުނެވެ. އިމާދުގެ ވާހަކަ، ރަޔާންއާއި ދައްކަން ބޭނުންވި ނަމަވެސް، ކޮންމެ ފަހަރަކުވެސް އެކަން ފަސްކޮށްލެވެނީއެވެ. އޭނާއާއި ގުޅޭ އެއްވެސް ވާހަކައެއް ދެމީހުންކުރެ އެކަކުވެސް ނުދައްކަމެވެ. އެދުވަހުގެ ފަހުން އަދި މިހާތަނަށް، އިމާދުގެ ޚަބަރެއް ނުވާތީ އަހަރެން މިހުންނަނީ ހިތްހަމަޖެހިފައެވެ.

**********************

 

ސްކޫލުން ހަފްތާއެއްގެ ޗުއްޓީ ލިބުމާއެކު، ޝާފީ ބޭނުންވީ ކޮންމެވެސް ތަނަކަށް ޗުއްޓީ ހޭދަކޮށްލަންދާށެވެ. އަހަރެމެން މިފަހަރު ނިންމީ، އަހަރެންގެ އުފަން ރަށަށް ދާށެވެ. އެތައް އަހަރަކަށްފަހު، ރަށަށް ދެވެން އުޅޭތީ، އަހަންނަށް ކުރެވެމުން ދިޔައީ، ތަފާތު އިހްސާސްތަކެކެވެ. މިފަހަރު، މިދަތުރުގައި ޔަމާންގެ އާއިލާގެ އެންމެންނާއި، ބޮޑުބޭބެއާއި ދައްތަ އަދި ރަޔާންއާއި އައިނީވެސް ބައިވެރިވެއެވެ.

 

އަހަރެން ފިޔަވައި އެންމެންވެސް، ރަށަށް ދަނީ އަލަށެވެ. އެހެންކަމުން އެންމެންވެސް ތިބީ އެކަމާ ވަރަށް އުފަލުންނެވެ. ފުރާގަޑި ޖެހުމުގެ މާކުރިން ގޮސް، އެއަރޕޯޓްގައި އެންމެން މަޑުކޮށްގެން ތިބިގޮތުން، ދަތުރާއިމެދު އެންމެން ޝައުޤުވެރިވެފައިވާ މިންވަރު އެނގިގެންދިޔައެވެ. ކެތްތެރިކަމެއްނެތި، ގަޑި ބަލަބަލާ އެއްބަޔަކު ތިބިއިރު، ކުޑަކުދިންތައް އިރުއިރުކޮޅުން ދެވޭނީ ކޮންއިރަކުތޯ ސުވާލުކުރެއެވެ.

**********************

 

ފްލައިޓުން ފައިބައިގެން އައިސް، ލަގެޖްތައް ލިބެންދެން އެންމެންވެސް މަޑުކޮށްލައިގެން ތިއްބެވެ. އެވަގުތުކޮޅުތެރޭގައިވެސް ޝާފީގެ ސުވާލުތަކާއި ކުރިމަތިވިއެވެ. ރަށަށް އާދެވުނީތޯއާއި، އެތާނގައި މަޑުކުރަނީ ކީއްވެތޯ ޝާފީ ސުވާލުކުރިއެވެ. ޔަމާން ހިނިތުންވުމާއެކު، ޝާފީގެ ސުވާލުތަކަށް ޖަވާބުދެމުން ގެންދިޔައެވެ. ލަގެޖްތައް ހަމަވުމުން، ދެން އަހަރެމެން މިސްރާބުޖެހީ، ރަށަށް ދިއުމަށްޓަކައި، ހަމަޖައްސާފައިވާ ލޯންޗާއި ދިމާއަށް ދިއުމަށެވެ.

**********************

 

ކަނޑުގެ ލޮނުގަނޑު ކަފަމުން، ބާރު ދުވެލީގައި ދިޔަ ލޯންޗް، ރަށާއި ކައިރި ކުރަމުން ދިޔައިރު، އަހަންނަށް އާޝޯޚްވެފައި ބަލަހައްޓައިގެން އިނދެވުނީއެވެ. އޭރުގެ މާ ގިނަ ހަނދާންތަކެއް ނެތް ނަމަވެސް، ފަނޑުކޮށް ބައެއް ހަނދާންތައް އެބަހުއްޓެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރަށަށް އައިސްފައިވާ ބަދަލުތައް، ބަނދަރުމަތިންވެސް ފެންނަމުން ދިޔައެވެ. އެންމެން ލޯންޗުން ފައިބަން ދިޔައިރުވެސް އަހަންނަށް އެމަންޒަރުތަކަށް ގެއްލިފައި އިނދެވުނީއެވެ.

 

“ޝަބާ… ނުފައިބަންތަ ތި އިނީ؟” ދޮންބެދައްތަ ފައިބަން ދަމުން، އަހަންނަށް ގޮވާލިއެވެ. އަހަރެން ބޯ ހޫރާލަމުން ތެދުވީމެވެ. ޔަމާންގެ އަތް ދިއްކޮށްލުމުން، އެއަތުގައި ހިފައިގެން އަހަރެން ލޯންޗުން ފޭބީމެވެ. މާލޭގެ ހަލަބޮލި މާހައުލާއި ދުރަށް އާދެވުމުން، ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

ރަށުގެ ފަސްގަނޑުގައި ފައި ޖެހުމުން ވަށައިގެން ނަޒަރު ހިންގާލެވުނީ، އައިސްފައިހުރި ބަދަލުތައް ދެނެގަންނަން މަސައްކަތްކުރާ ފަދައަކުންނެވެ. ބަނދަރުމަތީގައި ކޮންމެވެސް ވަރަކަށް މީހުން އުޅެމުންދާތީ، އެތަނުން އަހަރެން އެއްވެސް ވަރަކަށް ދަންނަ މީހެއް ނަމަވެސް ފެނޭތޯ ކަޅި ހިންގާލީމެވެ.

 

އެހާ ކުޑައިރު، މާލެ ދިޔަގޮތަށް އެންމެ ފަހަރަކުވެސް އަހަރެން މިރަށަކަށް ނާންނަމެވެ. އެހެންކަމުން، އަހަރެންގެ މާ ގާތް ރައްޓެހިންނެއް މިރަށަކު ނުތިބޭނެއެވެ. ކިރިޔާވެސް ދަންނަ މީހުންގެ ގޮތުގައި އުޅޭނީ، ކުޑައިރު އެކުގައި ކުޅެން އުޅުނު ކުދިންނެވެ. އެކަމަކު މިހާ ދުވަސްވީއިރު، އެމީހުންނަށްވެސް ބަދަލުތަކެއް އައިސްފައި ހުންނާނެތީ، އަހަންނަށް ފާހަގަކުރަން އެނގޭނެކަމާމެދުވެސް ސުވާލު އުފެދުނެވެ. އެހެންނޫނަސް މާލެ ދިޔަފަހުން، އަހަރެން އެއިން އެއްވެސް މީހަކު ލޮލުންވެސް ނުދެކެމެވެ. އެހެންވީމާ، އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ އެމީހުން މިހާރު، މިރަށުގައި އުޅޭކަމެއްވެސް އަހަންނަކަށް ޔަގީނެއް ނޫނެވެ.

 

“އަހަރެމެންނަށްވުރެ، ޝަބާ މިރަށަށް އާވެފައި ހުރިހެން ހީވަނީ، ދޯ އިސްރާ…” ދޮންބެ އަހަންނާއި ދިމާކޮށްލިއެވެ.

 

“އެހެންނުވާނީ… އެހާ ދުވަސް ފަހުން އާދެވުނީމަ ދޯ ޝަބާ…” ދޮންބެދައްތަ އަހަރެންގެ ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ، އަހަރެން ހިނިތުންވުމަކުން ފުއްދާލީމެވެ.

 

“ޝަބާ…” ޝާފީ ގޮވައިގެން އައި ޔަމާން އަހަރެންގެ ކައިރިއަށް ހުއްޓިލިއެވެ. އެވަގުތު ބޮޑުބޭބެ ކައިރިއަށް އައެވެ. އަދި ތަންކޮޅެއް ދުރުގައި ތިބި މީހުންނަށްވެސް ކައިރިއަށް އައުމަށް އިޝާރާތް ކުރިއެވެ.

 

އެންމެން އައުމުން، ބޮޑުބޭބެގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ތިބެން ހަމަޖެހިފައިވާ، ގެ ހުރީ ވަރަށް ކައިރި ހިސާބެއްގައި ކަމަށްވާތީ، ހިނގާފައި ދިއުން ކިހިނެއްވާނެތޯ ސުވާލުކުރިއެވެ. ބޭނުންވާކަމަށްވާނަމަ، ކާރެއްވެސް ގެނެވިދާނެކަމަށް ބުންޏެވެ. ރަށުގެ ތަންތަންވެސް ކޮންމެވެސްވަރަކަށް ފެންނާނީ ހިނގާލާފައި ދިއުމުން ނޫންހޭ ދޮންބެ ބުނެލިއެވެ. އެންމެންވެސް އެކަމަށް ތާއީދުކުރިއެވެ. އަދި ހިނގާފައި ދިއުމަށް އެއްބަސްވިއެވެ. ޕިކަޕެއްގައި އެންމެންގެ ފޮށިތައް ގެއަށް ގެންދާނެކަމަށް ބޮޑުބޭބެ ބުންޏެވެ.

 

ހިނގާފައި ދިޔައިރު، ރަށަށް ބަދަލުތަކެއް އައިސްފައިވާ އަހަންނަށް ފާހަގަކުރެވުނެވެ. އޭރުގެ މާގިނަ ހަނދާންތަކެއް ނެތް ކަމުގައިވިޔަސް، އަހަރެން ކުޑައިރު، ދެބުރި ތިންބުރިއަށް ހިއްލާލާފައިވާ އިމާރާތްތަކެއް ރަށުން ފެނުނު ހަނދާނެއް ނުވެއެވެ. އެކަމަކު މިހާރު، ބަލާލި ކޮންމެ ދިމާއަކުން އެކަހަލަ އިމާރާތްތައް އެބަފެނެއެވެ. އެއާއެކުވެސް، ރަށުތެރެއިން ފެންނަމުން ދިޔަ ފެހިކަމުގެ ސަބަބުން، މިއީ މާލެއަށްވުރެ ހިތްފަސޭހަ މާހައުލެއްކަމުގައި ހިތުގެ އަޑިން ގަބޫލުކުރެވުނެވެ.

**********************

 

މާ ގިނައިރު ހިނގާކަށް ނުޖެހުނެވެ. އަހަރެމެން ތިބެން ހަމަޖެހިފައިވާ، ގެއަށް އާދެވުނުކަން ބޮޑުބޭބެ އެންގުމުން އަހަންނަށްވެސް އެގެއާއި ދިމާއަށް ބަލާލެވުނެވެ. ގޭގެ ބޭރުގައިވާ ނަންބޯޑު ފެނުމުން އަހަރެން ހައިރާންވީ، އެއީ އަހަރެމެން އުޅުނު ގެއަށް ކިޔާ ނަމަށްވީތީއެވެ. އެ ގެއާއި ދިމާއަށް ބަލަން އަހަންނަށް ހުރެވުނެވެ. އުސްކޮށް ވަށާފާރު ރާނާފައިވާއިރު، ފާރުގައިވަނީ، މަޑު ނޫ ކުލައެއް ލެވިފައެވެ. އަހަރެން ކުޑައިރު، ހަމަ ގައިމުވެސް ގޭގެ ވަށާފާރު އެހާ އުހެއް ނުވާނެއެވެ. އޭރު ހުރީކީވެސް ކުލަލާފައެއް ނޫނެވެ.

 

އަނެއްކާވެސް ނަންބޯޑަށް ބަލާލުމަށްފަހު، ބޮޑުބޭބެއާއި ދިމާއަށް ބަލާލީ، ސުވާލުކުރަން ބޭނުންވެ ހުރެއެވެ. އޭރު ބޮޑުބޭބެވެސް ހުރީ އަހަންނާއި ދިމާއަށް ބަލާށެވެ. އަދި ބޯ ޖަހާލީ، ތި ހީވީ ރަނގަޅަށޭ ބުނާ ފަދައިންނެވެ.

 

އެތެރެއަށް ވަންއިރުވެސް އަހަންނަށް ފެނުނީ، އޭރު އަހަރެން އުޅުނު ގެއާއި މުޅިން ތަފާތު ތަނެކެވެ. އެއްބަޔަކު، ގެއަށް ވަންގޮތަށް ކޮޓަރިތަކަށް ވަނީ، ވަރުބަލިވެފައި ތިބީތީއެވެ. ޔަމާންވެސް ޝާފީ ގޮވައިގެން ކޮޓަރިއަށް ވަނުމުން، އަހަރެން ބޮޑުބޭބެއަށް ގޮވާލީމެވެ. އެންމެންގެ ތެރޭގައި ސުވާލުކުރަން ބޭނުންނުވާތީ، އޭރު އެއްޗެކޭ ނުބުނެ ހުއްޓަސް، އަހަރެން މިހާރު ބޭނުންވަނީ އޮޅުންފިލުވާށެވެ.

 

ބޮޑުބޭބެ އަހަރެން ގާތު، ސޯފާގައި އިށީންނަން ބުންޏެވެ. އަހަރެން އިށީނުމުން، ވަކިން ހުރި ސޯފާގައި ބޮޑުބޭބެވެސް އިށީނެވެ. އަހަރެން ސުވާލުވެސް ނުކުރަނީސް، ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ.

 

އަހަންނަށް ހީވީ ރަނގަޅަށް ކަމަށާއި، މިއީ ބައްޕަގެ ގެ ކަމަށް ބުނެދިނެވެ. އަހަންނާއި މަންމަ، މާލެ ބަދަލުވި ނަމަވެސް މި ގެ ވީރާނާވާން ދޫކޮށްލަން ބޮޑުބޭބެ ހިތްހަމަނުޖެހުނީތީވެ، ގެ ބަލަހައްޓަމުން އައި ވާހަކަ ބުންޏެވެ. ފަހުން ގެ ރަނގަޅު ފެންވަރަކަށް ހެދީވެސް ބޮޑުބޭބެކަން އެނގުމުން، އަހަރެން އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ގެ ބަލަހައްޓަން މީހަކާ ހަވާލުކޮށްފައިވާކަމާއި، ބައެއްފަހަރު ގޭގެ ކޮޓަރިތައް ކުއްޔަށް ދޫކުރާ ވާހަކަވެސް ބޮޑުބޭބެ ބުންޏެވެ.

 

އަހަރެން ބޮޑުބޭބެއަށް ޝުކުރު އަދާކުރީމެވެ. ބޮޑުބޭބެ ބުނީ، އެއީ ޝުކުރު އަދާކުރަންޖެހޭވަރުގެ ކަމެއް ނޫންކަމަށާއި، އަހަރެމެންނަށްޓަކައި އެވަރުގެ ކަމެއް ބޮޑުބޭބެއަށް ކޮށްދެވެން ޖެހޭނެ ކަމަށެވެ. މަންމައަކީ ބޮޑުބޭބެގެ ހުރި ހަމައެކަނި ކޮއްކޮއަށް ވީއިރު، މަންމަ ރަށުގައި އުޅުނު ދުވަސްތަކުގައިވެސް، މަންމައަށްޓަކައި އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށް ބޮޑުބޭބެ ބުނީ ދެރަވެފައެވެ.

 

ބޮޑުބޭބެ އަހަރެންގެ ބޮލުގައި އޯގާތެރިކަމާއެކު، ފިރުމާލިއެވެ. އަދި އަރާމުކޮށްލަން ދިއުމަށް ބުންޏެވެ. އަހަރެންވެސް އާއެކޭ ބުނުމަށްފަހު އަހަރެމެންނަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ވަނީމެވެ. ދޮރު ހުޅުވާލިއިރު، ޔަމާންއާއި ޝާފީއަށް އޮތީ ނިދިފައެވެ. އަހަރެންވެސް ފެންވަރާ ތާޒާވެލައިގެން އައިސް، އެނދުގައި ޖައްސާލީމެވެ. ވެފައިހުރި ވަރުބަލިކަމާއެކު، އިސާހިތަކު ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ.

**********************

 

ހޭލެވުނީ މެންދުރުވީ ފަހުންނެވެ. ފޯނުން ގަޑި ބަލާލިއިރު، ދޭއް ޖަހަނީއެވެ. އަހަރެން ތެދުވެ އެނދުގައި އިށީންދެލީމެވެ. އިރުކޮޅަކުން، ކޮޓަރި ދޮރު ހުޅުވާލާފައި ޝާފީ ގޮވައިގެން ޔަމާން ވަނެވެ.

 

“ޝަބާ… ހޭލެވުނީ ދޯ!” އަހަރެން ފެނުމުން ޔަމާން ބުނެލިއެވެ.

 

“ޔަމާން… ކީއްވެ ނުގޮވީ؟” އަހަރެން ސުވާލުކުރީމެވެ.

 

“ޝަބާ މާ އަރާމުކޮށް ނިދާލާފައި އޮތީމާ ހިތަށް އެރީ ތަންކޮޅެއް ފަހުންނޭ ގޮވާނީ…” އެނދުގައި އިށީންނަމުން ޖަވާބުދިނެވެ.

 

“ދަރިފުޅު ކައިފިންތަ؟” އަހަރެން ދަރިފުޅުގެ އަތުގައި ހިފާލީމެވެ. އާއެކޭ ބުނުމުގެ ގޮތުން، ޝާފީ ބޯޖަހާލިއެވެ.

 

އެވަގުތު، ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ޝާފީ އެނދުން ފައިބައިގެން، ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ރީމާއެވެ. ދެކުދިން ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު، އަހަރެމެން ކައިރިއަށް އައިސް، ރީމާއާއިއެކު ކުޅެން ދިއުމުގެ ހުއްދައަށް އެދުނެވެ. ހުއްދަ ލިބުމުން ކުޅޭ އެއްޗެހި ހިފައިގެން، ދެކުދިން ކޮޓަރިން ނުކުތުމުން، އަހަރެން ވަނީ ފާހާނާއަށެވެ.

 

“ކާން ހިނގާ… ވަރަށް ހައި…” އަހަރެން ފާހާނާއިން ނުކުތުމުން ޔަމާން ބުންޏެވެ.

 

“ޔަމާން އަދި ނުކަންތަ؟” އަހަރެން ޔަމާންއާއި ދިމާއަށް ބަލާލަމުން އެހީމެވެ.

 

“އާން… ޝަބާއާއި އެއްކޮށް ކާންވެގެން…” އަހަރެންގެ ގައިގައި، ފަހަތުން ބައްދާލަމުން ޔަމާން ބުނެލިއެވެ.

 

“ވަރަށް އަވަސްކޮށްލާނަން އިނގޭ…” ޔަމާންގެ އަތުތެރެއިން ނުކުމެ، އަހަރެން ޑްރެސިންގ ޓޭބަލް ކައިރިއަށް ހުއްޓި، ފުނާއަޅަން ފެށީމެވެ. ޔަމާންވެސް ނުކައި ހުރުމުން، އަހަރެން ބެލީ އަވަހަށް ތައްޔާރުވެވޭތޯއެވެ. އަހަރެން ތައްޔާރުވާންވާއިރަށް، ޝާފީ ކޮބައިތޯ ބަލާލާފައި އަންނާނަމޭ ކިޔާފައި ޔަމާން ނުކުތެވެ.

 

ސިޓިންގރޫމަށް ނުކުތްއިރު، ސޯފާގައި ދޮންބެދައްތަ އިނެވެ. ކާބަޔަށް ދިޔައިރު، އެކި ވައްތަރުތަކުން ސުފުރާމަތި ފަޅުފިލުވާލާފައިވާތަން ފެނި، ހައިރާންވިއެވެ.

 

“ސޮރީ… އަހަންނަށް ހޭލެވުނީ ދެންމެ… ދޮންބެދައްތަ އެކަނިތަ އެ ހުރިހާ އެއްޗެއް ތައްޔާރުކުރީ؟” އަހަރެން ދޮންބެދައްތަ ކައިރިއަށް ގޮސް ސުވާލުކުރީމެވެ.

 

” ނޫން…. އަދި ހޭލިތާ މާ ގިނައިރެއްނުވޭ… ދޮންބެދައްތަ ދިޔައިރުވެސް، ކާ އެއްޗެހި ގެނެސް މޭޒުމަތީގައި ބަހައްޓާފައި ހުރީ… އެހާ ބައިވަރު އެއްޗެހި ހުރީމާ ހައިރާންވެސްވި… އެގަޑީގައި ޝަބާގެ ބޮޑުބޭބެ ގެއަށް އައީ… ބުނީ މިއަދު އަހަރެމެން ކައްކާކަށް ނުޖެހޭނެއޯ…” ދޮންބެދައްތަ ކިޔައިދިނެވެ. އަދި ޝާފީއާއި ރީމާއާއި ދެކުދިން ކައިފިކަމަށްވެސް ބުންޏެވެ. އެހެންމީހުން ކޮބައިތޯ އަހާލުމުން، އަދި އެކަކުވެސް ކާން ނާންނަކަމަށް ދޮންބެދައްތަ ބުންޏެވެ. އެވަގުތު ޔަމާން އެތަނަށް އައިސް ސޯފާގައި ޖައްސާލިއެވެ.

 

އިރުކޮޅަކުން އެންމެންތައް ކޮޓަރިތަކުން ނުކުމެގެން އައިސް ކާމޭޒުދަށުގައި އިށީންދެލިއެވެ. ކެއުމަށް އިންސާފުކުރެވެމުން ދިޔައިރު، ކާތަކެތީގެ މީރު ވާހަކަވެސް ދެއްކިއެވެ. ކައި ނިމިގެން، އެހެންމީހުން ސިޓިންގރޫމަށް ދިއުމުން، އަހަންނާއި ދޮންބެދައްތައާއި ދެމީހުން، ތަށިތައް ނެގުމުގައި އުޅުނީމެވެ.

 

އެކަމުން ނިމިގެން، އަހަރެމެން ސިޓިންގރޫމަށް ނުކުތްއިރު، އެތަނުގައި ހުރި، އަންހެނެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން ދޮންބެދައްތައަށް ބަލާލަމުން އެއީ ކާކުތޯ ސުވާލުކުރީމެވެ. ނޭންގެއޭ ބުނާފަދަ ގޮތަކަށް، ދޮންބެދައްތަ ކޮނޑުއަރުވާލިއެވެ. އެއީ ކާކުކަމާއިމެދު ސުވާލު އުފެދިފައި ހުއްޓާ، ބޮޑުބޭބެ އަހަންނަށް ގޮވާލާ، ކައިރިއަށް އައުމަށް އެދުނެވެ. ލަސް ފިޔަވަޅުތަކެއްގައި، އަހަރެން ބޮޑުބޭބެ ކައިރިއަށް ގޮސް ހުއްޓިލީމެވެ. އޭރު އަންހެންމީހާގެ ނަޒަރު ހުއްޓިފައިވަނީ، އަހަރެންގެ މޫނަށެވެ.

 

“ހާރޫން… މިއީ ހަމަ އެ މަންޖެތަ؟” އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ޖަވާބަކަށް އެދި ބޮޑުބޭބެގެ މޫނަށް ބަލާލިއެވެ. ބޮޑުބޭބެ، އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، އަނެއްކާވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އެ އަންހެންމީހާގެ ދެލޯ ފެންކަޅިވެފައިވީގޮތުން، އަހަރެންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. މި އަންހެން މީހާގެ ސަމާލުކަން އަހަންނަށް ލިބުނުގޮތުން، ކަންބޮޑުވެފައި އަހަންނަށް ފަހަރަކު މީހެއްގެ މޫނަށް ބެލެން ފެށިއެވެ.

 

އެމީހާ، އަތް އުފުލާލަމުން އަހަރެންގެ ކޯތާފަތުގައި ދެއަތްތިލަ ޖައްސާލިއެވެ. ހީވަނީ، ކުރިމަތީގައި ހުރީ އަހަރެންކަން، ގަބޫލު ނުކުރެވިގެން އުޅޭހެންނެވެ.

 

“ގަބޫލުވެސް ނުކުރެވޭ…” އެ އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެ ބުނެލިއެވެ. އަހަރެންގެ ހައިރާންކަން ހައްތަހާވީ އިތުރެވެ. މިއީ ކާކުކަމެއްވެސް އަހަންނަކަށް ނޭންގެއެވެ. މި މީހާއަށް އަހަރެން އެނގެނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. މޫނުމަތީގައި ސުވާލުމާކުތަކެއް ޖަހައިގެން އަހަރެން ހުރީ، އެސުވާލުތަކުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.

 

“ހަމަ ހީވަނީ…” އެ އަންހެންމީހާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

 

(ނުނިމޭ)

95

You may also like...

10 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalamu Alaikum dear readers
    Here is part 13 of the story
    Hope you will like this part
    Please share your view about this part

    ⚠Report!
    1. Sorry dear
      Next part lasvaathee…
      😢😢

      Maisha mi vaahaka kiyaalaa hithun hureema varah ufaa vejje.. 😊

      For some reason, I may not be able to upload next part within this week…

      But will try to upload e new part next week…
      Sorry again dear…. 😢😢😢

      ⚠Report!

Leave a Reply

Your email address will not be published.