ވީރާނާވެފައިވީ ޙަޔާތް މަގޭ 9
ފައި ކަހާލައިގެން އަހަރެން ވެއްޓުނީ ސިޓިންރޫމް ސޯފާތަކާއި ހަމައިންނެވެ. ވީ ތަދުން ނުތެދުވެވިފައި އަހަންނަށް އޮވެވުނެވެ. އިމާދު ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ދެމީހުން ދޭތެރޭގައި އޮތް ދުރުމިން ކުޑަވަމުންދާތަން ފެނި، އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އިސާހިތަކު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އަހަންނަށް އެހީވެދޭން އަންނާނެ މީހަކުވެސް ނެތެވެ. މިފަހަރު މި ނުލަފާ މީހާގެ އަތްދަށުން ސަލާމަތް ނުވާނެކަން އެނގުމުން، ދެލޯ މަރާ ބާރުކޮށްލެވުނެވެ.
**********************
އަހަރެން މިހާ ބަލިކަށިވެގެން ނުވާނެއެވެ. އަމިއްލަ ހިތަށް ވިސްނައިދިނީމެވެ. ފަހު ވަގުތާއި ޖެހެންދެންވެސް ސަލާމަތްވެވޭތޯ، މަސައްކަތް ކުރާނަމެވެ. އެހެންކަމުން، ނެތް ހިތްވަރުލައިގެން ތެދުވަން މަސައްކަތްކުރީ، އިތުރު އެހެން ގޮތެއް ނެތުމުންނެވެ. އޭރު އިމާދުވެސް ހުރީ، އަހަންނާއި ދާދި ކައިރީގައެވެ. ބިންމަތީގައި ދެ އަތް ވިއްދާލުމަށްފަހު، ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް ކޮޅަށް ތެދުވުމަކީ، އަހަރެން ހީކުރި ވަރަށްވުރެވެސް އުނދަގޫ ކަމަކަށްވިއެވެ.
ނުރޯން ކިތަންމެ ހިތްވަރު ކުރިނަމަވެސް، އެންމެފަހުން އަހަރެންގެ ލޮލުތެރޭގައި ހިފެއްޓިފައި ހުރި ކަރުނަތައް، ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. އެވަގުތު ކޮންމެވެސް މީހަކު ގޭގެ ދޮރު ހުޅުވާލިއެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނުއިރު، އިމާދު ސިހިގެން ދިޔައެވެ. އިމާދުގެ މަކަރުވެރިކަމުން، އޭނާ ވަގުތުން ފަހަތަށް ޖެހުނެވެ.
“އިމާދު… ސާބަސް… ތިއީ ފޯނު ބަލާ އައި މީހާ… މިހާރު ކޮން އިރެއް؟” ދޮރު ހުޅުވާލިގޮތަށް ރަޔާން ބުނެލި އަޑު އިވުނެވެ. އިމާދު ކައިރިއަށް އަންނަމުން، ރަޔާން ވާހަކަ ދެއްކިއެވެ. އޭރު އަދި އަހަންނަށް ކޮޅަށް ނުތެދުވެވޭތީ، ރަޔާންއަށް އަހަންނެއް ނުފެނެއެވެ. އޭނާއަށް އަހަރެން ފެނުނީ، އިމާދުއާއި ވަރަށް ކައިރިއަށް އާދެވުނު ފަހުންނެވެ. އަހަރެން ފެނުމުން އޭނާގެ ނިތަށް ރޫ ގިނަވިއެވެ. ސުވާލުގެ ނަޒަރަކުން ފުރަތަމަ އަހަންނަށް، ދެން އިމާދުއާއި ދިމާއަށް ބަލަން ހުއްޓެވެ.
“އިމާދު… މިއީ ކޮން ކަމެއް؟” ރަޔާން އެންމެ ފަހުން ސުވާލުކުރިއެވެ. އިމާދު އެއްޗެކޭ ނުބުނެ ހުއްޓެވެ. ދޭނެ ޖަވާބަކާއި ދޭތެރޭ ވިސްނަނީހެން ހީވިއެވެ.
“އަހަރެން މިއަހަނީ މީ ކޮންކަމެއް ހޭ؟” ރަޔާންގެ އަޑު މިފަހަރު ބާރުވެފައި ހަރުކަށިގޮތެއް ހުއްޓެވެ. އަހަރެން މަޑުމަޑުން ކޮޅަށް ތެދުވީމެވެ. އޭރުވެސް ފަޔަށް ވަރަށް ތަދުވެއެވެ.
“ރަޔާން… ލުކް…” އިމާދުއަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ މަކަރުވެރި ސިކުނޑިއަށް، ދޭނެ މޮޅު ޖަވާބެއް ނުވިސްނުނީ ކަންނޭންގެއެވެ.
“އިމާދު؟؟ އަހަރެން ރުޅިއަރުވަން ނޫޅޭ ޖަވާބުދޭން ވެއްޖެއެއްނު މިހާރު؟” ރަޔާން ހަޅޭއްލަވައިގަންނަމުން އިމާދުއާއި ކައިރިއަށް ޖެހިލިއެވެ. އަހަންނަށް ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެވަގުތު ފަޔަށް ވީ ތަދުން އާހެއްގެ އަޑު ބޭރުވިއެވެ. އެ އަޑު އިވުމުން، ރަޔާން އަހަންނާއި ދިމާއަށް ބަލާލުމަށްފަހު، އަނެއްކާވެސް އިމާދުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ރަޔާން ހަމަޖެހިބަލަ… އަހަރެން ކިޔާދޭނަން…” އިމާދު ރަޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ދެމީހުން ދުރަށް ހިނގައިގަތުމުން، އަހަރެން ހުރީ ވާނުވާ ނޭންގިފައެވެ. އިރުކޮޅަކު އެދިމާއަށް ބަލަން ހުރުމަށްފަހު ހިނގައިގަތީމެވެ. ފަޔަށްވެފައި ހުރި ތަދުން، ހިނގަންވެސް އަހަންނަށް އުނދަގޫވިއެވެ. ލަސް ފިޔަވަޅުތަކެއްގައި، ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ހިނގަމުން ގޮސް، ކޮޓަރިއަށް އަހަރެން ވަނީމެވެ. ސޯފާގައި އިށީންދެލާ، ފައި މަޑުމަޑުން ހިއްލާލާ، ސޯފާއަށް ނެގީމެވެ. ފައިގައި މަޑުމަޑުން ފިރުމާލެވުނީ، ވެފައި ހުރި ތަދު ކުޑަވޭތޯއެވެ.
**********************
ކުއްލިއަކަށް ސިއްސައިގެން ދިޔައީ، ބާރުބާރަށް ކޮޓަރީގެ ދޮރުގައި ތަޅަންފެށުމުންނެވެ. ހީވަނީ ދޮރުވެސް ވައްޓާލާފާނެހެންނެވެ. ކާކުކަމެއް ނޭންގޭތީ ދޮރު ހުޅުވަން އަހަރެން ޖެހިލުންވިއެވެ. އަނެއްކާ އިމާދު ބާވައެވެ؟ އެކަމަކު ރަޔާން އުޅެނިކޮށް، އޭނާ އެގޮތަށް އުޅޭނެހެނެއް ހިއެއް ނުވެއެވެ.
“ޝަބާ… މި ދޮރު ހުޅުވާ” ރަޔާންގެ ހަރުކަށި އަޑު އިވުމުން، ލިބުނު ހައިރާންކަމާއި އެއްވަރަށް އަހަރެން ބިރުވެސްގަތެވެ. އަހަންނާއި ވާހަކަވެސް ދައްކަން ބޭނުންނުވާ މީހަކު، އަހަރެން އުޅޭ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ވާނީވެސް އެހެންތާއެވެ. ޓަކި ޖެހީކީވެސް ނޫނެވެ. ހީވީ ދޮރު ފުނޑުފުނޑުކޮށްލަން އުޅުނުހެންނެވެ. ރަޔާން އެހާ ބާރަށް ދޮރުގައި ޖަހަންވީ ސަބަބެއް، އަހަރެން ވިސްނާވިސްނާވެސް ނޭންގުނެވެ. ކުޑަކޮށް ފަސްޖެހިފައިވެސް އެންމެފަހުން، އަހަރެން ތެދުވެ ދޮރު ހުޅުވަން އަވަސްވެގަތީމެވެ. އެކަމަކު ފަޔަށް ވާތަދުން، ހިނގަން ވަރަށް އުނދަގުލެވެ.
“ޝަބާ…….” ސުވާލުތަކެއްގެ ތެރޭގައި އަހަރެން ހުއްޓާ ރަޔާން އަހަރެންގެ ނަމުން ބާރުބާރަށް ގޮވާލިއެވެ. ކުރިމަތީގައި އަހަރެން ހުއްޓާވެސް، އެހާ ބާރަށް ގޮވުމުން އަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާގެ ގޮށްޖެހިފައިވާ ދެބުމައާއި، ރުޅިން ރަތްވެފައިވާ ދެލޯ ފެނުމުން، އަހަރެން އިތުރަށް ޖެހިލުންވިއެވެ.
އަހަރެންގެ އަތުގައި ހިފާ ދަމާ ސިޓިންގރޫމަށް ގެންދިޔައެވެ. ހިފާފަހުރިލެއް ބާރުކަމުން އަހަންނަށް ތަދުވެސްވިއެވެ. އެކަމަކު ރަޔާން، އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެ ދިޔަ ގޮތަށް ގޮސް، ސޯފާއާއި ދިމާއަށް އަހަރެން ހޫރާލިއެވެ. ހަށިގަނޑު ބެލެންސްނުކުރެވި، ސޯފާގައި ޖެހިފައި އަހަރެން ވެއްޓުނީ ތިރިއަށެވެ. ރަޔާންއާއި ދިމާއަށް މޫނު އަނބުރާލާ، ބަލާލެވުނީ، މިވަނީ ކިހިނެއްހެއްޔޭ އަހާފަދަ ގޮތަކަށެވެ.
“ކިހިނެއްވެގެން ތި އުޅެނީ؟؟ އޭން…. އެއްޗެކޭ ނުބުނެ ހުރެވޭތޯ އަހަރެން މި ބަލަނީ… އެކަމަކު ޝަބާގެ ކަންތައް ތިދަނީ މާ މައްޗަށް….” ރަޔާން ރުޅި އައިސްގެން އެއްޗެހި ކިޔަން ފެށުމުން، އަހަރެން ހުރީ ސުވާލުމާކްތަކެއްގެ ތެރޭގައެވެ. އަހަންނަށް ކުރެވުނީ ކޮންކަމެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ. ދެމީހުންގެ ދޭތެރޭ، ނުތަނަވަސްކަން އޮތް ނަމަވެސް، އަހަރެމެން ދެމީހުން ދެމެދު މިކަހަލަ ހަމަނުޖެހުމެއް ނުހިނގާތާ، ލައްކަ ދުވަސްވެއްޖެއެވެ. އެހެންވީމާ، ކުއްލިއަކަށް އައިސް މިގޮތަށް ހަޅޭއްލަވަން ފެށުމުން ސުވާލު އުފެދޭނެތާއެވެ.
“އަހަރެންގެ މަންމައާއި ބައްޕަ، ޝަބާ ނަގާ ބޮލަށް ލައިގެން އުޅުނަސް، ޝަބާ ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ވާނެއޭ ހީނުކުރާތި… ތިކަހަލަ މަކަރުވެރިންގެ ގޮތް އަހަރެން ދަންނަން…” އަހަންނަކީ މަކަރުވެރިއެއްކަމުގައި ރަޔާން ދެކެންވީ ކީއްވެކަމެއް ނޭންގުނެވެ. ދެލޯފެންކަޅިވީ، ހިތަށް ކުރި އަސަރުންނެވެ.
“އަހަންނަށް ކީއްކުރެވިގެންތަ އަހަރެންގެ ދިރިއުޅުން ހަލާކުކުރަންވެގެން ފައިވިއްދާފައި ތި ހުރީ؟….. ޝަބާ މިގެއަށް އައިދުވަހުން ފެށިގެން އަހަންނަށް ހަމަޖެހިލައިގެން ނޫޅެވޭ… ފުރަތަމަ އަހަރެންގެ މައިންބަފައިންގެ ބޯ ކާލީ… އެމީހުން ޝަބާއާއި ހެދި އުޅޭއިރު ހީވަނީ އެހެންފަދަކަމެއްހެން… ކޮންކަމެއްތަ ބޭނުންވެގެން ތި އުޅެނީ؟؟” ރަޔާން ކޮންމެގޮތަކަށް ވިސްނިކަމުގައިވިޔަސް، ރަޔާންގެ ދިރިއުޅުން ހަލާކު ކުރާކަށް، އަހަރެން ކުރި ކަމެއް ނޯންނާނެއެވެ.
“މިހާރު އަހަރެންގެ ރައްޓެހިންނާ ޖައްސާލައިގެން ތި އުޅެނީ…. ކީކޭ ހިތަށް އަރައިގެންތަ؟ އަހަރެންގެ ރައްޓެހިންނަށް މިގެއަށް އައުމަށް ދަތިކުރަންތަ ތި އުޅެނީ؟؟ އޭނ…” ދަތްކުނޑި ވިކާލައިގެން ހުރެ، ރަޔާން އެއްޗެހި ކިޔަމުން ދިޔައެވެ. ރަޔާން އަހަރެން ބޮލުގައި އެ އެޅުވީ އަނެއް ތުހުމަތެވެ. އަހަރެން އޭނާގެ ރައްޓެހިންނަށް އެއްވެސް އުނދަގުލެއް ކުރާކަށް ދުވަހަކުވެސް، ހިތަށްވެސް ނާރުވަމެވެ. ރަޔާންގެ ރައްޓެހިންގެ ކުރިމައްޗަށް ނާރަންވެސް، ކުރެވެން އޮންނަ ކަމެއް އަހަރެން ކުރަމެވެ. އެމީހުން ގެޔަށް އައިސް އުޅުނުކަމުގައިވިޔަސް، އަހަންނަކީ އެއްވެސް އިރެއްގައި، އެމީހުންނާއި ވާހަކަ ދައްކާ އުޅުނު މީހެއް ނޫނެވެ.
“އިމާދު ބޭނުމެއް ނުވެއޭ ބުނީމަވެސް އޭނާގެ ފަހަތުން ތި އުޅެނީ މޮޔަވެގެންތަ؟ މިހާރު އޭނާއަށް އުނދަގޫ ކުރަން ފެށީ..” ރަޔާން އަހަންނާއި ދިމާއަށް އެހެން ބުނުމުން، އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިމާދު ފަހަތުން އެއް އިރެއްގައިވެސް އަހަންނެއް ނޫޅެމެވެ. އަހަންނަށް ޖެއްސުންކޮށް ހަދަނީ އޭނައެވެ.
“ރަޔާން…. އަހަންނެއް ނޫން… އޭނާ އަހަންނަށް އުނދަގޫ ކުރަނީ…” އަހަރެން ދިފާއުގައި އެއްޗެއް ބުނެވޭތޯ މަސައްކަތްކުރީމެވެ. ރަޔާން މިހާރު އެ އުޅެނީ، އިމާދު އޭނާ ގާތު ދެއްކި ވާހަކަތައް ގަބޫލުކޮށްގެންނެވެ. އަހަރެން ސޯފާގައި ހިފައްޓާލަމުން، މަޑުމަޑުން ކޮޅަށް ތެދުވީމެވެ.
“އޯ ރިއަލީ؟؟؟ އެހެންވެގެން ދޯ އޭނާ ފޯނު ބަލާ އައިމަ އޭނާ އަތުގައި ހިފީ؟” އިމާދު ހަދާފައި ހުރި ދޮގުތައް އަޑުއިވުމުން ދެލޯ މަރާލެވުނެވެ.
“އަހަރެން ނުހިފަން އޭނާގެ އަތުގައެއް… އޭނަ… އޭނަ އުޅުނީ….” އަހަންނަށް ވާހަކަ ކުރިއަށް ނުގެންދެވުނީ ރޮވެން ފެށުމުންނެވެ. އިމާދުގެ ހަގީގަތް އަހަރެން ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ ކިޔައިދިނަސް ރަޔާން ގަބޫލުކުރާނެ ހެއްޔެވެ؟
“އަތުގައި ހިފާފަ ނިންމާލީކީ ނޫނެއްނު… އަދި އުޅުނީމެއްނު….” ރަޔާންގެ ޖުމްލަ ނުނިމެނީސް ހުއްޓާލީ ކީއްވެކަމެއް އަހަންނަކަށް ނޭންގެއެވެ.
“ޗީ… ތިއީ ތިހާ ވިޔާނުދާ މީހެއްކަމަކަށް އަހަރެން ހިއެއް ނުކުރަން” އަހަންނާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރަޔާން ބުނެލިއެވެ. ރަޔާން ކިއީ އެއްޗެއް އަހަންނަކަށް ދޭހައެއް ނުވިއެވެ. އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟
“ކީކޭ ކިޔަން ތި އުޅެނީ؟” އަހަރެން އެންމެ ފަހުން ސުވާލުކުރީމެވެ.
“ޝަބާ އުޅުނު ވައްތަރު އިނގޭނީ ޝަބާއަށް… އަހަރެން އިތުރު އެއްޗެއް ކިޔައިދޭކަށް ނުޖެހޭ… ލަދުން ބޯ ހަލާކު…. ފިރިހެނަކު ނުފެނިފައިތަ ހުންނަނީ؟” ރަޔާން، އޭނާގެ ބޮލުގައި ހިފައްޓާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. ރަޔާން ބުނަން އުޅޭ ވާހަކަ، މިހާރު އަހަންނަށް ކޮންމެވެސް ވަރަކަށް ފަހުމްވެއްޖެއެވެ. ބުނާނެ އެއްޗެއް ނޭންގި، ގަނޑުވެފައި އަހަންނަށް ހުރެވުނީ، އެ ދައްކާ ވާހަކަތައް ގަބޫލުނުކުރެވިފައެވެ. އަނެއްކާވެސް އަހަންނާއި ދިމާއަށް ބަލާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އިމާދު ބުންޏޭ ޝަބާ އުޅުނު ވައްތަރުން، ދުރުކުރަންވެގެންނޭ ޝަބާ ކޮއްޕާލީ… ބުނޭ މިއީވެސް ދޮގެކޭ… އަހަރެން އައިއިރު، ޝަބާ އޮތީ ބިންމަތީގައި…. ދެން ބުނޭ އެއީވެސް އަހަންނަށް ހީވިގޮތޭ… ނޫނީ ކޮންމެވެސް މޮޅު ސްޓޯރީއެއް ޖައްސާ…” އަހަރެންގެ ބޮލުގައި އެޅުވި ހުތުރު އިލްޒާމްގެ އަޑު އިވުމުން، ދެ ކަންފަތުގައި އަތްއަޅާލެވުނެވެ. ފެނުނު މަންޒަރުން، ރަޔާން މާނަ ނެގީ މުޅިން އެހެން ގޮތަކަށެވެ. އިމާދު ދެއްކި ހަޤީޤަތާއި ޚިލާފު، ދޮގު ވާހަކަތަކުން، ރަޔާންއަށް އެހުރީ ހަމަ ރަނގަޅަށްވެސް އޮޅިފައެވެ.
“ހަނދާންކުރާތި.. އަހަރެންގެ ރައްޓެހިންނަށް އުނދަގޫ ކުރަން ނުހަދާތި! އަހަންނަށްވުރެ ނުބައި މީހެއް ނުހުންނާނެކަން އަންގާލާނަން… ތި އުޅެނީ އަހަރެންގެ ހުރިވަރު ނޭންގިގެން…” ރަޔާން ޝަހާދަތް އިނގިލިން، އަމިއްލަ މޭގައި ޖައްސާލައިގެން ހުރެ، އަހަންނަށް ދިނީ އިންޒާރެކެވެ. އޭރު އައިސްފައި ހުރި ރުޅިން މީހާ ތުރުތުރު އަޅައެވެ. ލޮލުގެ ތެރޭގައި ބޮނޑިވެފައި ހުރި ކަރުނަތައް ފައިބަން ފެށިއިރު، އަހަންނަށް ގިސްލެވެން ފެށުނެވެ.
“ކޮންމެހެން ރޯނެކަމެއް ނެތް… ތި ކަރުނަތަކުން އަސަރުކުރާނީ މަންމަމެންނަށް… އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ… މަންމައާއި ބައްޕަ ޝަބާ ބުނާހާ އެއްޗެއް ގަބޫލުކުރިޔަސް އަހަންނެއް ނުކުރާނަން… ފެންނަހާ ފިރިހެނެއްގެ ފަހަތުން އުޅެން ޖެހޭތަ؟؟… ކިހާ ދެރަކަމެއް… އަހަރެން ހިއެއް ނުކުރަން ތިއީ އެހާ ދަށުދަރަޖައިގެ މީހެއް ކަމަކަށް… ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނަންދޯ؟” ރަޔާން އެންމެ ފަހުން ބުނެލި ވާހަކައިން، އަހަރެންގެ ކަރުނަތައް ކުއްލިއަކަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ރަޔާންގެ މޫނަށް ބަލާލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




First dhw..will comment after reading ingey..I was waiting fr this soo long???
Yes you are first jiji ?
Ok jiji….
Thank you for waiting
Assalamu Alaikum dear readers…
Here is the part 9 of “Veeraanaa vefaivee hayaai magey”
Haadha gina dhuvahekey part eh up kuran thi naganee thihen hadhaanama reader v hurt vaane & foohi vc vaane
Anehkkai part eh upkuraa iru vc ehaa kuru
Any ways mi part vx v reethi but too short
Thankolheh dhigu kohlaafa avahah up kohllabala eyrah readers v happy vaane
Wat the…how dare u to comment on my name?..Mainaa thats not me..plx understand??
Thank you for the comment Jiji…
Thi faahaga kolli kankan ragalhu kolleveytho masakai kuraanan In Sha Allah
Ok jiji… I understand….
vedhaane dhw eh nameh kiyanee kamah… hehe…
Namuge kuda thafaatheh eba feney..
‘J’ is capital in that comment..
Wow..v v rythi mi part vec..Story gendhaa goiy v rythi ingey sis…Whn next..plx ehaa gina dhuvas nukoh upkohdhehchey..um waiting???
Thank you so much jiji… ??
jiji ah story kamu dhiyaima varah ufaa vejje… ??
I have uploaded part 10..
Try kuraanan maa gina dhuvas nukoh up kureveytho ingey….
Thank you for waiting
❤️❤️
alhey jiji kanthah haa fala nukobba.. e comment ga othy capital J ekey… then u liyany simple j ehnu… vv thafaathehnu… jiji… ?
Varah reethi..❤❤❤?
Thank you Beautym ? ???