ވީރާނާވެފައިވީ ޙަޔާތް މަގޭ (1)

- by - 32- June 25, 2019

ވިއްސާރަ ރެއެކެވެ. އިޝާ ނަމާދު ވަގުތު ވެހެންފެށި ވާރޭ މިހާރު ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު އެންމެންވެސް ބަލާނީ ރަޖާދަށަށް ވަދެ އަރާމުކޮށް ނިދާލެވޭތޯއެވެ. ނަމަވެސް އަހަރެން ނުނިދާ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ފިރިމީހާއަށެވެ. އިރުއޮއްސުނުއިރު ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރިގޮތަށް މޭޒުމަތިން ތަށިތައްވެސް ހުރީ ނުނަގައެވެ. ޝާފީ ނިންދެވުމަށްފަހު އަހަރެން އުޅުނީ ހެދުންތަކެއް ފެހުމުގެ މަސައްކަތުގައެވެ. މިރޭ ކޮންމެހެން މި މަސައްކަތްފެށީ ނަޒީލް އަންނަންދެން ހޭލާ އިނުމުގެ ބޭނުމުގައެވެ. އެކަމުގައި އިން އިރުވެސް ދޭތެރެއަކުން ގަޑިއަށް ނަޒަރެއްދެމެވެ. ނަޒީލް ގެއަށް އައުން ލަސްވާނަމަ ގުޅާލާފައި ވީގޮތް އަންގާލާނެއެވެ. އެކަމަކު މިރޭ އަދި ނުގުޅައެވެ.

ދިހަގަޑި ބައިވެގެން ދިޔައިރުވެސް ޚަބަރެއް ނުވުމުން އަހަރެން ގުޅާލީމެވެ. “ނަޒީލް… ކޮންތާކުތަ؟ ގެއަށް އަންނަނީ ކޮން އިރަކުން؟”  ފޯނު ނެގުމުން އަހަރެން ބުނެލީމެވެ. “ޝަބާ… މި އުޅެނީ ރައްޓެއްސަކާއެކު ހުޅުމާލޭގައި… މާ ބޯކޮށް ވިއްސާރަ ވެހޭތީ މަޑުކޮށްލައިގެން މިއިނީ… ޝާފީ ނިދީތަ؟” ނަޒީލް ޖަވާބުދިނެވެ. “އާން…. މިރޭ ވަރަށް ފަސޭހައިން ނިދައިފި… ހުޅުމާލޭގައޭ؟ ދެން ނަޒީލަށް ވަރަށް ލަހުންދޯ އާދެވޭނީ؟” އަހަރެން ކަންބޮޑުވިއެވެ. “ނޫނޭ ލޯބީ… ވިއްސާރަ ކުޑަކޮށް ތުނިކޮށްލާއިރަށް ދާނަން… މިހާރު ކައިފިންތަ؟” ނަޒީލް އަބަދުވެސް އަހަރެންގެ ހުރިހާ ކަމަކަށްވެސް ސަމާލުކަން ދޭނެއެވެ. “ނޫން އަދި ނުކަން… ނަޒީލް އަންނަންދެން މި މަޑުކުރަނީ…” އަހަރެން މިހެން ބުނުމުން ނަޒީލް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާ ލަސްވިޔަސް ކައިގެން ހުރުމަށް ބުންޏެވެ. އަހަރެން ހިތްހަމަޖައްސައިދޭން އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވުމުގެ ކުރިން “ލަވް ޔޫ” އޭ ބުނެލިއެވެ. ޖަވާބުގައި އަހަރެންވެސް ހިނިތުންވެލަމުން “ލަވް ޔޫ ޓޫ” އޭ ބުނެލީމެވެ.

ފޯން ބޭއްވުމަށްފަހު އަނެއްކާވެސް އަހަރެން ކުރަން ފެށި މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. މަންމަ އެތަނަށް އައީވެސް މި މަސައްކަތުގައި އަހަރެން އިންދައެވެ. “ދަރިފުޅާ.. އަދިވެސް ނަޒީލް ނާދޭތަ؟ މިހާރު އެގާރަ ގަޑި ބައިވަނީ.. މިއޮއް ވިއްސާރަ ރޭ ކީއްކުރަންތަ ބޭރަށް ދިޔައީ؟”  މަންމަގެ އަޑުންވެސް ކަންބޮޑުވެފައިހުރި މިންވަރު އިނގެއެވެ. “އަދި ނާދޭ… ކުޑަ އިރުކޮޅެއްކުރިން ގުޅާލީމާ ބުނި މާ ލަހެއް ނުވާނެއޭ” ހިނިތުންވެލަމުން އަހަރެން ޖަވާބު ދިނީމެވެ. މަންމައާއި ދެމީހުން އެކި ވާހަކައިގައި ތިއްބާ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނެގުމުން އެކޮޅުން ދިން ޚަބަރަކުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.

ކަންފަތާ ފޯނު ދުރުކޮށްލަންވެސް ނޭންގި ހުއްޓިފައި އަހަންނަށް ހުރެވުނެވެ. އަހަންނަށް ވީގޮތް ފެނުމުން މަންމަ އައިސް ސުވާލުކުރަން ފެށިއެވެ. “ދަރިފުޅާ..ކިހިނެއްވީ؟” މަންމަ އެތައް ވާހަކައެއް ދެއްކުމުންވެސް އަހަންނަށް އެއްވެސް އެއްޗެއް ނުބުނެ ހުރެވުނީއެވެ. އެންމެ ފަހުން މަންމަ އަހަރެން އަތުން ފޯނު އަތުލާފައި ކަންފަތުގައި ޖައްސާލިއެވެ. މަންމަ ރޮއިގެންފައި މަގޭ ދަރިއޭ ކިޔާ ހަޅޭއްލަވައިގަތެވެ. އެވަގުތަކީ ބޮޑުބެވެސް ސިޓިންގރޫމަށް ނުކުތް ވަގުތުކަމުން މަންމަ ހަޅޭއްލަވައިގަތް އަޑު އިވިގެން އެދިމާއަށް އައެވެ. މަންމަ ރޮމުން ރޮމުން ނަޒީލް ހޮސްޕިޓަލަށް ގެންދިޔަ ވާހަކައާއި މަންމަވެސް ހޮސްޕިޓަލަށް ދާން ބޭނުން ވާހަކަ ބުންޏެވެ. ބޮޑުބެ އަހަރެމެން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.

ހޮސްޕިޓަލަށް ދެވުނުއިރު ނަޒީލްއަށް ފަރުވާދިނުމުގައި ޑޮކްޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެމެން ހޮސްޕިޓަލުގައި ތިބޭތާ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ފަހެވެ. ފަރުވާދޭ ކޮޓަރިން ޑޮކްޓަރު ނުކުމެ ދިން ޚަބަރުން އަހަރެންގެ ދުނިޔެ ހުއްޓުނެހެން ހީވިއެވެ. ޑޮކްޓަރުންގެ އެތައް ބުރަ މަސައްކަތުންވެސް ނަޒީލްގެ ފުރާނަ ސަލާމަތް ނުކެރުވުނުކަމަށް ބުނި ވަގުތު އަހަރެންގެ މޫނުމައްޗަށް އަނދިރިވިއެވެ. ހޭވެރިކަންވުމުން ފުރަތަމަވެސް އަހަރެން ބޭނުންވީ ނަޒީލްގެ ކައިރިއަށްދާށެވެ.

ފަހު ފަހަރަށް ނަޒީލްގެ މޫނު ދުށުމުގެ ފުރުޞަތު ލިބުނެވެ. ހީވަނީ ހިމޭންކަމާއެކު ނިދާލާފައި އޮތްހެންނެވެ. އެވަގުތުކޮޅުގެ ތެރޭގައި އަހަރެމެންގެ ޢާއިލާ ހޭދަކުރި އުފާވެރި އެތައް ވަގުތުތަކެއް ފިލްމެއްގެ ރޯލެއްހެން އަހަރެންގެ ލޯކުރިމަތީ ސިފަވެގެންދިޔައެވެ. ލޮލުން ކަރުނަތައް ފައިބަން ފެށީ، ދެން އަހަރެންގެ ލޮލަށް ނަޒީލް ނުފެންނާނެކަން އެނގުމުންނެވެ. އެއުފާވެރި މަންޒަރުތައް އަބަދަށްޓަކައި އަހަރެންނާއި ވަކިވުމުންނެވެ. އިހްސާސްވެގެން ދިޔައީ ނަޒީލްގެ ވަކިވުމަށްފަހު ޙަޔާތަށް ވެރިވެގެންދާނެ އެކަނިވެރިކަމާއި ހުސްކަމެވެ.

އުފަލާ ހިތްހަމަޖެހުމާއެކު ވޭތުކުރަމުން ދިޔަ ޙަޔާތަށް ބަނަކަން ވެރިވެގެން ދިޔައީ ކުއްލިއަކަށެވެ. ނަޒީލްގެ ވަކިވެ ދިޔުމާއިއެކު އަހަރެންގެ ހަޔާތްވެސް އަނދިރިވެގެންދިޔައެވެ. ދެހަފްތާވެގެން ދިޔައިރުވެސް ގޭގެ މީހުން ހަމައަކަށް ނޭޅެއެވެ. މޫނުމަތިން ހިނިތުންވުން ގެއްލިގެން ދިޔައިރު، ކަރުނައަކީ އަހަރެންގެ ގާތް އެކުވެރިޔަކަށް ވެއްޖެއެވެ. އަހަރެން ހަމައަކަށް އެޅުނީ އާއިލާމީހުންގެ އެތައް މަސައްކަތުންނާއި ހިތްވަރުންނެވެ. ނަޒީލް ނެތްކަމުގައިވިޔަސް ނަޒީލްއާއި އަހަރެންގެ ދަރިފުޅަށްޓަކައިވެސް އަހަރެން ހިތްވަރުކުރަން އެބަޖެހެއެވެ. ބައްޕަ ދުނިޔޭގައި ނެތްކަމުގައި ވިޔަސް ޝާފީއަށް އެއްވެސް ކަމެއް އުނިވިޔަ ނުދިނުމަކީ އަހަރެންގެ އަޒުމެވެ. އެކަމަކު ޙަޤީޤަތަކީ އަހަރެން ކިތަންމެ ބޭނުންކަމުގައިވިޔަސް ބައްޕަ ނެތްކަމުގެ ހުސްކަން އެހަޔާތުން ފޮހެނުލެވޭނެކަމެވެ.

އެރޭގެ އެކްސިޑެންޓަކީ މީހެއްގެ ފަރުވާކުޑަކަމުގެ ނަތީޖާއެވެ. ބޯވާރޭގެ ތެރޭގައި ބާރު ސްޕީޑްގައި އެހެންމީހަކަށް ބަލާލުމެއްނެތި ދުއްވުމުގެ ނަތީޖާއަކަށްވީ އަހަރެންގެ ފިރިމީހާ މިދުނިޔެއާއި ވަކިވެދިޔުމެވެ. ތުއްތު ކުއްޖަކު ޔަތީމުވެގެން ދިޔުމެވެ. މަންމައެއްގެ އުންމީދުތައް ފުނޑުފުނޑުވެ ދިޔުމެވެ. އާއިލާއެއްގެ އުފާވެރިކަން އަބަދަށްޓަކައި ނެތިގެންދިޔުމެވެ.  އެކަން އިނގުނު ހިސާބުން އަހަރެންނާއި އާއިލާއިން ބޭނުންވީ އިންސާފު ހޯދާށެވެ. ނަމަވެސް މައްސަލަ ތަޙްޤީޤްކުރުމަށްފަހުވެސް އެކަމަކުން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ލައިސެންސްވެސް ނެތި ދުއްވި އެ ފިރިހެންމީހާއަކަށް އަދަބެއް ނުލިބެއެވެ. އަހަރެމެން އެތައް ދުވަހެއް ވަންދެން ކުރި އެއްވެސް މަސައްކަތަކުން ލިބުނު ފައިދާއެއް ނެތެވެ. ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. އިންސާފަށް ކުރި އުންމީދު ގެއްލި ލިބުނީ މާޔޫސްކަމެކެވެ.

**********************

އޭގެ ތިން އަހަރު ފަހެވެ. އަހަރެން އަދިވެސް ދިރިއުޅެމުން މިދަނީ ނަޒީލްގެ މަންމައާއި ބޮޑުބެމެންނާއި އެކުގައެވެ.  އަހަރެންގެ މަންމައާއި ބައްޕަވެސް ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. އެއަށްފަހު އަހަރެން ބެލީ ބޮޑުބޭބެއެކެވެ. އަހަރެންގެ ކައިވެންޏަށްފަހު ބޮޑުބޭބެވެސް ވަނީ ބޮޑުބޭބެގެ ދަރިފުޅު ރަޔާންއާއިއެކު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ނަޒީލްގެ ވަކިވުމަށްފަހު، ބޮޑުބޭބެ އަހަރެން ގެންދަން އުޅުނެވެ. ނަމަވެސް އަހަރެން އެމީހުންނާއެކު ނުދިޔައީ ރަޔާން އަހަންނަށް ކުރާ ނަފްރަތެއްގެ ސަބަބުންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަރެންގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ބޮޑުބޭބެއެވެ. އަހަރެން ދިރިއުޅުނީ އެގޭގައެވެ. އޭނާއަށް އެކަނި ލިބެންވީ އެއްޗެހިން އިތުރު މީހަކަށް ބައި އަޅަން ޖެހުމުން އޭނާވެސް ރުޅި އަންނާނެކަން އަހަރެންވެސް ޤަބޫލުކުރަމެވެ. ވުމާއެކު އަހަރެން ގަސްތުކުރީ އިތުރަށް އެއާއިލާގެ މަސްލަހަތު ގެއްލޭފަދަ ކަމެއް ނުކުރުމަށެވެ. އަހަރެން ބޮޑުބޭބެ ކައިރިއަށް ބަދަލުނުވެއްޖެނަމަ، ހަމަ ޔަޤީނުންވެސް ރަޔާން އިތުރަށް އަހަރެންދެކެ ރުޅި އަންނާކަށް ނުޖެހޭނެތާއެވެ. އާއިލާ ތެރޭގައި އިތުރު މައްސަލަތަކެއްވެސް އުފެދިގެން ނުދާނެއެއް ނޫން ހެއްޔެވެ؟

ރަށަށް ބަދަލުވާންވެސް އަހަރެން ނިންމީމެވެ. ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑަށް ވިސްނާފައެވެ. ނަމަވެސް މަންމައާއި ބޮޑުބެ އެކަމާ ނުޤަބޫލުވިއެވެ. އަހަރެން އެކަނި އުޅެން ޖެހޭނެތީއެވެ. އެހީތެރިވެދޭނެ މީހެއް އެތަނުގައި ނުހުންނާނެތީއެވެ. ހަމައެއާއެކު ޝާފީއާއި ދުރުގައި އުޅެން ބޭނުންނުވާތީއެވެ. މަންމަމެން ބުނީ އަހަރެން ބޭނުން ދުވަހެއް ވަންދެން އެގޭގައި އުޅެންވީ ކަމުގައެވެ. އެއީ ނަޒީލްއާއި އަހަރެންގެ ކައިވެންޏަށްފަހު، މަންމަމެން ބެލީ އަހަންނަކީވެސް އެމީހުންގެ ދަރިއެއްގެ ގޮތުގައިކަމަށްވާތީއެވެ. އެމީހުން ވަރަށް އާދޭސްކުރުމުން އަހަރެން ނިންމީ އެގޭގައި މަޑުކުރާށެވެ. އުފަން ދަރިފުޅު ވަކިވުމަށްފަހު، މާމަދަރިވެސް ދުރަށް ގެންގޮސްފިނަމަ އެއީ އެމީހުންނަށް ލިބޭނެ އިތުރު ހިތާމައަކަށް ވާނެތީއާއެކުވެސްމެއެވެ.

ދަރިފުޅުގެ ހުރިހާ ކަމެއްވެސް ވީ އެންމެ ރަނގަޅަކަށް ކޮށްދެވޭތޯ އަހަރެން މަސައްކަތްކުރަމުން ގެންދިޔައީމެވެ. ބޮޑުބޭބެވެސް އަހަރެމެންގެ ހާލު ބަލަމުން ގެންދެއެވެ. ނަޒީލްގެ އާއިލާގެ އެހީތެރިކަން ހުރިހާ ކަމެއްގައިވެސް ލިބެމުން ދިޔައެވެ. ނަޒީލްގެ ހަނދާންތައް އަހަރެންނާއި ވަކިވެގެން ނުދެއެވެ. ދަރިފުޅު އުޅެމުން ދިޔައީ ޕްރީސްކޫލްގައި ކަމުން ސްކޫލުން ބާއްވާ އެކިއެކި ހަރަކާތްތަކުގައާއި ބައްދަލުވުންތަކުގައި މަންމައާއި ބައްޕައާއި ދެމީހުންވެސް ބައިވެރިވާން ޖެހެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަހަރެންގެ ހިތް ފަޅައިގެންދާވަރުވެއެވެ.

އެގޮތުން އެއްފަހަރަކު ބޭއްވި އާއިލީ ހަވީރެއްގައި، ކުދިންނާއިއެކު މަންމައާއި ބައްޕަ ބައިވެރިވާންޖެހުނެވެ. އެދުވަހު މަންމައާއި ބައްޕައާއި ދެމީހުން އަތުގައި ކުދިން ހިފާލައިގެން އުފަލާއިއެކު މަޖާކުރަމުން ދިޔަ މަންޒަރު ބަލަން ހުރި އަހަރެންގެ ދަރިފުޅުގެ މޫނުމަތިން ފެނުނު އަސަރުތަކުން އަހަރެންގެ ހިތް ރޯލިއެވެ. ދެލޯފެންކަޅިވެ، ދެންމެދެންމެ ކަރުނަތައް ފައިބަން ފަށާފާނެހެން ހީވުމުން އަވަސްއަވަހަށް ދެލޯ ފޮހެލީމެވެ. ކައިރިއަށް ގޮސް ދަރިފުޅުގެ އަތުގައި ހިފާލާ ގޮވާލުމުން އަހަރެންގެ މޫނަށް ބަލާލިއެވެ. އެ ވަގުތު އެ ދެލޮލުން ވަރަށް ގިނަ ވާހަކަތަކެއް އަހަންނަށް ބުނެދިނެވެ. ޝާފީގެ ބައްޕަ ކައިރީގައި ނުހުންނާތީ އެ ހިތުގައިވީ ޝަކުވާތައް އެ ލޮލުން ސާފުކޮށް ފެންނަމުން ދިޔައެވެ. ބައްޕައެއްގެ ލޯތްބަށްއެދި ކުރަމުންދާ އާދޭސް މޫނުމަތިން ބުނެދެމުންދިޔައެވެ. އަހަންނަށް މިފަހަރު ދަރިފުޅު ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނާނެ އެއްޗެއް ނޭންގުނެވެ. ދަރިފުޅު މެޔާލާ ބޮނޑިކޮށްލެވުނީ އިތުރަށް ކެތްނުކުރެވުމުންނެވެ.

މަންމަމެން އަހަރެންގެ ދެވަނަ ކައިވެންޏެއް ކުރުމަށް އެދެމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެކަމަށް އަހަރެން ދެކޮޅު ހަދަމުން ދިޔައީ ނަޒީލްގެ ހަނދާންތަކާއި ދުރަށް ނުދެވޭތީއެވެ. އަހަރެން ނަޒީލްދެކެ ވީ ތެދުވެރި ލޯތްބެވެ. އެހާ ފަސޭހައިން އެލޯބި މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ ނަޒީލް އެންމެފަހުން އަހަންނާއި ވާހަކަ ދެއްކިއިރުވެސް އެންމެ ފަހަށް ބުނީ އަހަރެންދެކެ ލޯބިވާ ވާހަކައެވެ. އެފަދަ އެތައް އެތައް ކަމެއް އަހަރެން ހަނދާން އެބަހުއްޓެވެ. އެހެން މީހަކާ ގުޅުނު ކަމުގައިވިޔަސް އަހަރެންގެ ދަރިފުޅަށް ވެދާނެ ގޮތަކާމެދުވެސް ވިސްނަންޖެހެއެވެ. ދަރިފުޅަށް ދެރައެއްވެދާނެފަދަ އެއްވެސް ކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނަމެވެ. އެ ދަރިފުޅަކީ އަހަރެންގެ ދިރިއުޅުމުގެ ހުރިހާވެސް އުންމީދެވެ.

**********************

ޔަމާންއަކީ ބޮޑުބެގެ ގާތް ރައްޓެއްސެއްކަމުގައިވާ ލަބީބްއާއި ފާއިޒާއަށް ލިބިފައިވާ ދެދަރިންގެ ތެރެއިން ހަގު ފިރިހެން ދަރިފުޅެވެ. ބޮޑުބެމެން އެންމެ ފަހުން އަހަރެންގެ ގާތުގައި ދެއްކީ ޔަމާންއާއި އަހަރެންގެ ކައިވެނީގެ ވާހަކައެވެ. އެއާއިލާ ގިނަ ދުވަސްތަކެއްވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މާލެ ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެ އާއިލާގެ މީހުން ދޭތެރެ ދޭތެރެއިން ގެއަށް އައިސް އުޅެއެވެ. މިގޮތަށް އައިސް އުޅުމުގެ ތެރޭގައި ދެ އާއިލާގެ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައެވެ.

ޝާފީއާއި ދާދި އެއް އުމުރެއްގެ ރީމާއާއި ދެކުދިން ވަރަށް ގިނައިން އެކި ކުޅިވަރުތައް ކުޅުމުގައި ވަގުތު ހޭދަކުރެއެވެ. ރީމާއަކީ ޔަމާންގެ ބޭބެ އަމީރުއާއި އިސްރާއަށް ލިބިފައިވާ އަންހެން ދަރިފުޅެވެ. ޔަމާންވެސް ރީމާއާއި ޝާފީއާއިއެކު ވަގުތު ހޭދަކުރެއެވެ. އެވަގުތުތަކުގައި ޝާފީގެ މޫނުމަތިން ފެންނަމުންދާ ހިނިތުންވުމުންނާއި އުފާވެރިކަމުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވައިދެއެވެ. އަބަދުވެސް ޝާފީގެ ދުލުކުރީގައި އޮންނަނީ ޔަމާންބެގެ ކޮންމެވެސް ވާހަކައެކެވެ. މަންމަމެންނަށްވެސް މިހާރު މިކަން ފާހަގަ ކުރެވިއްޖެއެވެ. ސްކޫލުން އަންނައިރުވެސް ޔަމާންބެ އަންނާނީ ކޮން އިރަކުތޯ ސުވާލުކުރާނެއެވެ. ނިދަން އޮށޯންނައިރުވެސް ޔަމާންބެގެ ވާހަކަ ވަރަށް ގިނައިން ދައްކައެވެ. މިކަމުން ބައެއްފަހަރު އަހަރެންގެ ހިތް ނުތަނަވަސްވަމުންދިޔައެވެ.

އޭގެ ދުވަސްކޮޅެއްފަހުން އަނެއްކާވެސް ދެވަނަ ކައިވެންޏެއްގެ ވާހަކަ އަހަރެން ގާތުގައި މަންމަމެން ދެއްކިއެވެ. ޔަމާން އަހަރެންގެ ކައިވެންޏަށް އެދުނު ވާހަކަވެސް ބުންޏެވެ. ކިތަންމެ ބޭނުންވިޔަސް ނަޒީލް އަނބުރާ ނާންނާނެކަމަށް ބުނެލިއިރު އެ މަންމަގެ ލޯ ވަނީ ފެންކަޅިވެފައެވެ. އެމަންޒަރު ފެނި އަހަންނަށްވެސް ރޮވުނެވެ. އަހަރެން ނަޒީލްދެކެ ލޯބިވާވަރު އިނގޭކަމަށާއި ނަމަވެސް ޙަޔާތުގެ ދުވަސްތައް އެކަނިވެރިކަމާއެކު ވޭތުކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމެއްކަމުގައި ބުނެ އަހަންނަށް ވިސްނައިދިނެވެ. ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިންނަށް ރަނގަޅުގޮތްވުން އެދޭނެކަމަށާއި އެދަރިން އުފާވެރިކަމާއެކު ދިރިއުޅޭތަން ދެކެން ބޭނުންވާނެކަމަށް ބުންޏެވެ. މަންމަވެސް ހުރީ ދުވަސްވެ ގައިބާރުދެރަވެފައިކަމަށާއި، ދުނިޔެއިން ވަކިވުމުގެ ކުރިން އަހަރެން އުފާވެރި ޙަޔާތެއް އުޅޭތަން ދެކެން ބޭނުންވާކަން ހާމަކުރިއެވެ. އަހަރެން މަންމަމެންނާއިއެކު މިއުޅެނީ ވަރަށް އުފަލުން ކަމަށް އަހަރެން ބުނީމެވެ. މަންމަ ދެން ވެސް ދެއްކީ އަހަރެންގެ ކައިވެނީގެ ވާހަކައެވެ. ޔަމާންގެ އަޚްލާޤް ރަނގަޅު ވާހަކައާއި، އަދި ޝާފީއާއި ޔަމާންއާއި މެދުވެސް ގާތް ގުޅުމެއް އުފެދިފައިވާކަމަށާއި ޔަމާން ޝާފީއަށް ރަނގަޅަށް ކަންތައްކޮށްދޭ ވާހަކަވެސް ދެއްކިއެވެ. އަދި ޝާފީއަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެކަމާއި އަހަންނަށްވެސް އަޅާލާނެ ޙަޔާތުގެ ބައިވެރިއެއް ބޭނުންވާނެކަމަށްވެސް ބުންޏެވެ. މިގޮތަށް މަންމަމެން ވަރަށް ގިނަ ވާހަކަ ދައްކާ އަހަންނަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އަދި ރަނގަޅަށް ވިސްނާފައި ޖަވާބެއް ދިނުމަށް އަހަރެން ގާތު އެދުނެވެ.

އެރޭ އެކަމާމެދު އަހަރެން ވިސްނާލީމެވެ. މީގެ ކުރިން ކައިވެނީގެ ވާހަކަ ދެއްކުމުން ކޮންމެ ފަހަރަކުވެސް އަހަރެން ނޫނެކޭ ބުނަނީ އެކަމާއިމެދު ދެވަނަ ވިސްނުމަކަށް ދިއުމެއްނެތިއެވެ. އަހަރެންގެ ޙަޔާތުން ނަޒީލްއަށް ދެވިފައިވާ މަޤާމް އެހެން މީހަކަށް ދޭން ބޭނުންނުވާތީއެވެ. ނަމަވެސް މަންމަމެން މިރޭ ދެއްކި ވާހަކަތަކުން އަހަރެންނަށް އެކަމާމެދު ފުންކޮށް ވިސްނުމަށް މަޖުބޫރު ކުރުވައިފިއެވެ. ޝާފީގެ ބައްޕައެއް ނެތްކަމުގެ އިޙްސާސްވިޔަ ނުދީވޭތޯ ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް ޙަޤީޤަތަކީ އެ ތުއްތު ދަރިފުޅަށް ބައްޕަ ނެތްކަމުގެ ފަޅުކަން އަބަދުހެންމެ ކުރެވޭ ކަމެވެ. ޔަމާންއާއިއެކު ހޭދަކުރާ ވަގުތުތަކުގައި ޝާފީގެ މިޒާޖަށް އަންނަ ބަދަލުތައް އެކަމުގެ ހެއްކަކަށް ފުދެއެވެ. ކުރީގައި ބޭރަށް ނުކުތަސް އެހެންކުދިން އެކުދިންގެ ބައްޕައާއިއެކު ފެނުމުން މޮޅިވެރިކަން ފެންނަ މޫނުމަތިން މިހާރު އުފާވެރިކަން ފެނިގެންދަނީ ޝާފީގެ އަތުގައި ހިފާލައިގެން ހުންނަ ޔަމާންގެ ސަބަބުންނެވެ. ޔަމާން އައުމަށްފަހު އެ މޫނުމަތިން އަބަދުމެ ފެންނަނީ ހިނިތުންވުމެވެ. ހީވާ ކަހަލައެވެ. ޝާފީއަށް ނުލިބިވާ ބައްޕައެއްގެ ލޯބި އެލިބެނީ ޔަމާންގެ ފަރާތުންނެވެ. ޔަމާން އެކަންޏެއް ނޫނެވެ. ޔަމާންގެ އާއިލާގެ ފަރާތުންވެސް ޝާފީއަށް ލޯތްބާއި އޯގާތެރިކަން ލިބެމުންދެއެވެ.

ޔަމާންގެ މަންމަވެސް އަހަންނާއި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކިއެވެ. އަހަރެންފަދަ އަޚްލާޤް ރަނގަޅު ކުއްޖަކު ޔަމާންގެ ހަޔާތަށް އައުން އެދޭކަން ހާމަކުރިއެވެ. ޔަމާންގެ ހިތި މާޒީގެ ދުވަސްތައް އަހަންނާއި ހިއްސާކުރިއެވެ. ކުރިން ކުރި ކައިވެނި ރޫޅުނު ވާހަކަ ބުނެދިނެވެ. އެދެމީހުންވެސް ކައިވެނިކުރީ ވަރަށް ލޯބިންކަމަށާއި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެކައިވެނި ރޫޅުނީ އަންހެންކުއްޖާ ބޭނުންވެގެން ކަމަށެވެ. ކައިވެނިކޮށްގެން އުޅެމުން އަންހެންކުއްޖާ އެހެން ފިރިހެނަކާ ލޯބީގެ ގޮތުން ގުޅުން ވެގެން ދިޔައީ ޔަމާން އަންހެނުންދެކެ ފޫހިވި ސަބަބަށެވެ. އޭނާވީ ލޯބީގައި ކޮޅުފައިން ޖަހާ، އޭނާގެ އުންމީދުތައް ފުނޑުފުނޑުކޮށްލުމުން އެ ހިތް ހަލާކުވެގެން ދިޔައެވެ. ކައިވެނި ރޫޅުނުފަހުން ހަތަރު އަހަރު ފާއިތުވެގެން ދިޔައިރުވެސް އިތުރު ކައިވެންޏެއްނުކޮށް ހުރީ އެހެންވެއެވެ. އެހެން އަންހެންކުއްޖަކާއި ގުޅުމުގެ ޚިޔާލެއް އަހަންނާއި ދިމާވަންދެން ޔަމާން ނުކުރާކަމަށް އޭނާގެ މަންމަ ބުންޏެވެ. ޔަމާންއަކީ ރަނގަޅު މީހެއްކަމަށާއި އޭނާއަށް ދިމާވި ޙާލަތުގެ ސަބަބުން ދިރިއުޅުންމަތިން ފޫހިވީކަމުގައި ބުންޏެވެ. އަހަރެން ޔަމާންގެ ޙަޔާތަށް އައިސްފިނަމަ ޔަމާންއަށް އުފާވެރި ޙަޔާތެއް ލިބިގެންދާނެކަމަށް ޤަބޫލުކުރާކަމަށްވެސް ބުންޏެވެ.

ޔަމާންވެސް އަހަންނާއި އެވާހަކަ ދައްކަން ބައްދަލުކުރިއެވެ. އޭރުވެސް ވަކި ގޮތެއް ނުނިންމިފައި ހުރި ނަމަވެސް އަހަރެން ދިޔައީ އެކަމާމެދު ވިސްނަމުންނެވެ. އެއީ އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަހަރެން ހުރީ މޭޒުމަތިން ތަށިތައް ނެގުމުގެ މަސައްކަތުގައެވެ. ބޮޑުބެ ގެއަކު ނޫޅެއެވެ. ޝާފީ ގޮވައިގެން މަންމަ އިނީ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. ޔަމާން އައިސް މޭޒުގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. “ޝަބާ… ވަގުތުކޮޅެއް ދެވިދާނެތަ؟ ވާހަކައެއް ދައްކާލަން ބޭނުން…” އަހަރެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި ޔަމާންއާއި ދިމާއަށް ބަލާލީމެވެ. “މަންމައަށް އިނގޭނެ އަހަރެން ޝަބާއާއި ވާހަކަ ދައްކަން އައިކަން.. މަންމަގެ ހުއްދައާއިއެކު މި އައީ…” ޔަމާން އެހެން ބުނީ އަހަރެންގެ މޫނުމަތިން ޖެހިލުންވުން ފެނުނީމަ ކަންނޭންގެއެވެ. ހަމަ އަސްލުވެސް އަހަރެން ހުރީ އެހެން މީހަކަށް ފެނިގެން އެއްޗެއް ހީކޮށްފާނެތީ ހާސްވެފައެވެ. މަންމަމެން ޔަމާންއާއިމެދު ރުހޭކަން އެނގުނަސްމެއެވެ.

ޔަމާން ގޮނޑި ދުރަށް ޖައްސާލުމަށްފަހު އިށީންދެލިއެވެ. އަދި އަހަރެން ގާތުވެސް އިށީނުމަށް ބުންޏެވެ. އަހަރެން ދެއަތްދެއަތާއި މޮޑެން ހުރުމަށްފަހު އިސްޖަހާލައިގެން ހުރެ އިށީންދެލީމެވެ. “ޝަބާ… މަންމަގެ ފަރާތުން އަހަރެންގެ މާޒީ ޝަބާއަށް މިހާރު އޮންނާނީ އެނގިފައި…މަންމަ ގާތު އެވާހަކަތައް ޝަބާއަށް ކިޔައިދޭން އަހަރެން އެދުނީ އެއްވެސް ކަމެއް އޮޅުވާލާފައި ނޫނީ ސިއްރުކޮށްފައި ބާއްވަން އަހަރެން ބޭނުންނުވާތީ…” އަހަންނަށް އިސް އުފުލާ ޔަމާންއާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އަހަރެމެން ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަހަރެން އަނެއްކާވެސް އިސްޖަހާލީމެވެ. “އަހަރެން ބޭނުންވަނީ އަހަރެންގެ މާޒީ ހަނދާން ނައްތާލުމަށްފަހު އާ ޙަޔާތެއް ފަށަން… އަހަރެން ޝަބާއަށް ދެރަގޮތެއް ނުހަދާނަން… އަދި ޝަބާ ޝާފީއާއި މެދުވެސް ކަންބޮޑުވާނެކަމެއް ނެތް. ޝާފީއަށްވެސް އަޅާލުމާއި ލޯބިދޭން އަހަރެން މިހުރީ ތައްޔާރަށް… އެކަމަކު އެއީ ޝަބާ އެފުރުޞަތުދޭން ބޭނުންވާކަމަށްވާނަމަ.. އަހަރެން ޝަބާއާއި ގުޅެން ބޭނުންވަނީ ޝަބާއަކީ ރަނގަޅު އަޚްލާޤެއްގެ ކުއްޖަކަށްވާތީ… ތިއީ ވަރަށް ކެތްތެރި، ހިތްވަރު ގަދަ ކުއްޖެއް. ހުރިހާ އަންހެނުން އެއްގޮތެއް ނުވާނެކަން އަހަންނަށް ޤަބޫލުކުރެވުނީ ޝަބާގެ ސަބަބުން… ތިން އަހަރު ވޭތުވެގެން ދިޔައިރުވެސް އެ ލޯބީގެ ހައްޤުގައި ތި ދެމިހުރީ…. އަހަންނަށް ޝަބާ ކަމުދާންފެށީ ކޮންއިރަކު ކަމެއް ބުނެދޭކަށް ނޭންގޭ… އިނގޭހާވެސް އެއްޗަކީ ޝަބާގެ ކޮންމެ ސިފައަކާއި ގަޔާވެވުނުކަން…” މިހާ ހިސާބަށް ބުނުމަށްފަހު ޔަމާން ވާހަކަ ދެއްކުން ހުއްޓާލިއެވެ.

އަހަރެން ބުނާނެ އެއްޗެއް ނޭންގި ހައިރާންވެފައި އިނީއެވެ. އިސްއުފުލާ ޔަމާންއާއި ދިމާއަށް ބަލާލިއިރު، ޔަމާންވެސް އިނީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުން  އަހަންނަށް ފެނުނީ ތެދުވެރިކަމެވެ. “ޝަބާއަކަށް އެއްވެސް މަޖުބޫރު ކަމެއް ނެތް… މިއީ ޝަބާއަށް ފަސޭހަކަމަކަށް ނުވާނެކަންވެސް އިނގޭ. ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް ޝަބާގެ ކޮންމެ ނިންމުމަކަށް އަހަރެން އިޙްތިރާމް ކުރާނަން… ވިސްނާލާފާއި ޖަވާބެއްދީ.. އަހަރެން އިންތިޒާރު ކުރާނަން…” އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްނުލާ، އޭނާ ބުނަން ބޭނުންވާ ވާހަކަތައް ބުނުމަށްފަހު ތެދުވެގެން ދިޔައެވެ. ފުން ވިސްނުމަކަށް ގެއްލުނީ އަހަންނެވެ. ހަދާނީ ކިހިނެއްތޯ ހިތާހިތާ ސުވާލުކުރެވުނެވެ. އެންމެން އެދެމުން ދިޔައީ އެއްކަމަކަށެވެ.

މަންމަ އަހަންނާއި ފަހުންވެސް އެވާހަކަ ދެއްކިއެވެ. އަހަރެން އެކަމާއެދު ވިސްނަމުން ދިޔައީމެވެ. ޝާފީއަށް ބައްޕައެއްގެ ލޯބި ދެވޭނެ ފަރާތަކަށް ޔަމާން ވާނެކަމަށް މަންމަވެސް ޤަބޫލުކުރެއެވެ. އޭނާގަ އަމަލުތައްވެސް އެކަމަށް ހެކިދެއެވެ. ނަމަވެސް ފަހުން ވާނެ ގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟ އަހަރެންގެ ހިތާއި ސިކުނޑި އަރާރުންވަމުން ދިޔައެވެ. ހަދަންވީ ކިހިނެއްކަމެއް އަހަންނަށް ނޭންގުނެވެ. އަހަންނަށްވެސް އަދި ޝާފީއަށްވެސް ދެރަގޮތެއް ވިޔަނުދޭނެކަމުގެ ޔަޤީންކަން ދެވަނަފަހަރަށްވެސް ޔަމާންއާއި ޔަމާންގެ އާއިލާއިން ދިނެވެ. އެންމެންގެ ވާހަކަތަކާއި ދޭތެރޭ ވިސްނުމަށްފަހު އަދި ޝާފީގެ އުފަލާއި އެކުއްޖާގެ މުސްތަގުބަލަށްޓަކައިވެސް އަހަރެން ނިންމީ ޔަމާންއާއި ކައިވެނި ކުރާށެވެ. އެކަމަކުވެސް އަހަރެން ބިރުގަތެވެ. ޔަމާންއަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުދެވިދާނެތީއެވެ.

(ނުނިމޭ)

32

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Me first dhw..feshun v salhi❤❤😘😘..whn next..curiously waiting😝😝😝😉😉😉

    ⚠Report!
    1. Yes jiji… You are first ….. Thank u dear…. next part on Saturday In Sha Allah

      ⚠Report!
  2. Assalam Alaikum dear Readers… This is the first part of the story “Veeraanaavefaivee hayaai magey”. Hope all the readers will like this part. Please share your view about the story.. Next part will be uploaded on Saturday In Sha Allah…

    ⚠Report!
  3. I thought you was from maavah .I’m from maavah. But my father is from Sh.Milandhoo.Mia is Rai

    ⚠Report!
    1. Oh… so you are Rai??… Hello Rai….. 😊

      Actually I have a friend whose name is Raai… You remind me of her… But she is not from Maavah…

      Anyways happy to see your comment… 😊 Thank you

      ⚠Report!

Leave a Reply

Your email address will not be published.