ވީރާނާވެފައިވީ ޙަޔާތް މަގޭ 2

- by - 26- June 30, 2019

މަންމަ އަހަންނާއި ފަހުންވެސް އެވާހަކަ ދެއްކިއެވެ. އަހަރެން އެކަމާއެދު ވިސްނަމުން ދިޔައީމެވެ. ޝާފީއަށް ބައްޕައެއްގެ ލޯބި ދެވޭނެ ފަރާތަކަށް ޔަމާން ވާނެކަމަށް މަންމަވެސް ޤަބޫލުކުރެއެވެ. އޭނާގެ އަމަލުތައްވެސް އެކަމަށް ހެކިދެއެވެ. ނަމަވެސް ފަހުން ވާނެ ގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟ އަހަރެންގެ ހިތާއި ސިކުނޑި އަރާރުންވަމުން ދިޔައެވެ. ހަދަންވީ ކިހިނެއްކަމެއް އަހަންނަށް ނޭންގުނެވެ. އަހަންނަށްވެސް އަދި ޝާފީއަށްވެސް ދެރަގޮތެއް ވިޔަނުދޭނެކަމުގެ ޔަޤީންކަން ދެވަނަފަހަރަށްވެސް ޔަމާންއާއި ޔަމާންގެ އާއިލާއިން ދިނެވެ. އެންމެންގެ ވާހަކަތަކާއި ދޭތެރޭ ވިސްނުމަށްފަހު އަދި ޝާފީގެ އުފަލާއި އެކުއްޖާގެ މުސްތަގުބަލަށްޓަކައިވެސް އަހަރެން ނިންމީ ޔަމާންއާއި ކައިވެނި ކުރާށެވެ. އެކަމަކުވެސް އަހަރެން ބިރުގަތެވެ. ޔަމާންއަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުދެވިދާނެތީއެވެ.

**********************

އަހަރެމެން ދެމީހުންވެސް މާބޮޑު ޕާޓީއެއް ބާއްވާކަށް ބޭނުމެއް ނުވެއެވެ. ވުމާއެކު ކައިވެނި ޕާޓީގައި ބައިވެރިވީ އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިންނެވެ. ޕާޓީ ކުރިއަށް ދިޔައިރު އެންމެންގެ މޫނުތަކުން އުފާވެރިކަން ފެންނަމުން ދިޔައެވެ. ހިތް ނުތަނަވަސްވެފައިވީ ނަމަވެސް ހިނިތުންވުމެއް ވެރިކުރުވައިގެން އަހަރެން ހުރީމެވެ. އެމީހުންގެ އުފާވެރިކަން އަހަރެންގެ ސަބަބުން ގެއްލިދާން ނޭދޭތީއެވެ. ޔަމާންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފެންނަމުން ދިޔައެވެ. ދަރިފުޅުގެ އުޖާލާވި މޫނާއި އެ މައުސޫމް ހިނިތުންވުން ފެނި، އަހަރެން ނިންމީ ރަނގަޅު ނިންމުމެއް ކަމުގައި ހިތް ބުނެލިއެވެ. މަންމަގެ އަތުގައި ހިފާލައިގެން ހުރި ދަރިފުޅު އަހަރެން ކައިރިއަށް އައީ ދުވެލާފައެވެ. އަހަރެން ތިރިވެލުމުން “މަންމާ” އޭ ކިޔާ ވަރަށް ލޯބިން އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންވެސް ދަރިފުޅުގެ ބުރަކަށީގައި ފިރުމާލީމެވެ.

ހަވީރު ބޭއްވި ޕާޓީ ނިމުނުއިރު އިރުއޮއްސެނީއެވެ. އަހަންނާއި ދަރިފުޅު ގޮވައިގެން ޔަމާންގެ އާއިލާ ދިޔައީ އެގެއަށެވެ. ތަނަވަސް ބޮޑު ގެއެކެވެ. އަށް ބުރިއަށް ނަގާފައިވާ އިމާރާތުން އެކަނިވެސް އެމީހުންގެ މުއްސަނދިކަން ރަމްޒުކޮށްދެއެވެ. ސިޓިންގރޫމްގައިވާ އަގުބޮޑެތި ފަރުނީޗަރތައްވެސް އެކަމަށް ހެކިދެއެވެ. އެންމެން ސޯފާގައި އިށީންދެ ހަމަޖެހިލިއެވެ. ތަންކޮޅެއް ދުރުގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. “ދަރިފުޅާ ޝަބާ، ކީއްވެ ކޮޅަށް ތިހުރީ؟ އާދޭ އިށީންދެލަން” ޔަމާންގެ ބައްޕަ މިހެން ބުނެލި ވަގުތު އެންމެންގެ ނަޒަރު އަހަންނަށް ހުއްޓުނެވެ. ޝާފީ އުނގަށްލައިގެން އިން ޔަމާންވެސް އަހަންނަށް ބަލާލިއެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ. “ތެދެއް ދަރިފުޅާ.. ހާދަ ބީރައްޓެހިވެފައި ތި ހުންނަނީ؟؟ މިހާރު މިއީ ދަރިފުޅުގެވެސް ގެއެއްނު… އާދޭ މަންމައާއި އެކު” ޔަމާންގެ މަންމަ އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.  “މާމާ… އާދެބަލަ…” ރީމާ ގޮވާލުމުން މަންމަ އެދިމާއަށް ދިޔުމުގެ ކުރިން އިސްރާއަށް ގޮވާ އަހަރެން ކައިރިއަށް އައުމަށް އެދުނެވެ.

“ޝަބާ..” ދޮންބެދައްތަ އައިސް އަހަންނަށް ގޮވާލުމަށްފަހު އަހަރެންގެ އަތުގައި ހިފާލިއެވެ. “ނާވަސްވެފަ ދޯ؟ އަހަރެންވެސް އެންމެ ފުރަތަމަ މިގެއަށް އައި ދުވަހު ވަރަށް ހާސްވި.. ޑޯންޓް ވޮރީ… މަންމަމެން ވަރަށް ކޫލް ވާނެ…” ދޮންބެދައްތަ އަހަރެންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ދެން އަނެއްކާވެސް އަހަރެންގެ އަތުގައި ހިފާލަމުން ސޯފާއާއި ދިމާއަށް ހިނގައިގަތެވެ. އަހަރެން ގެންގޮސް ބޭންދީ ޔަމާންއާއި ޖެހިގެންނެވެ. “ކުޑަބެދައްތާ” ރީމާ ވަރަށް ލޯބިން އަހަންނަށް ގޮވާލި އަޑު އިވުނެވެ. އަހަރެން ބަލާލިއިރު މަންމައާއިއެކު ރީމާ އަހަރެމެން ތިބި ސޯފާއާއި ދިމާއަށް އަންނަނީއެވެ. އަހަރެންގެ ގާތަށް އައިސް އޭނާގެ އަތުގައި އޮތް ކާޑެއް އަހަންނަށް ދައްކާލިއެވެ. އޭގައި “ވެލްކަމް ކުޑަބެދައްތާ” ލިޔެލާފަ ރީތި ކުރެހުންތަކެއް ހިމަނާލާފައި ހުއްޓެވެ. ކާޑުގާ ހިފަމުން އަހަރެން ޝުކުރު އަދާކުރީމެވެ. އަދި ރީމާ އަހަރެންގެ އުނގުގައި ބައިންދާލީމެވެ. އެންމެންވެސް އެކި ވާހަކަދައްކަން އިރުކޮޅަކު ތިއްބެވެ. މަޑުމަޑުން އަހަރެންގެ ހާސްކަންވެސް ފިލާ އެމީހުންގެ ވާހަކަތަކުގައި ބައިވެރިވީމެވެ.

ޔަމާންއާއިއެކު ގޮސް ކޮޓަރިއަށް އަހަރެން ވަނީމެވެ. އަނެއްކާވެސް އަހަރެން ހާސްވާންފެށިއެވެ. ދޮރުމަތީގައި މަޑުކޮށްލައިގެން ހުރުމުން ޔަމާން އަހަންނަށް ބަލާލިއެވެ. “ޝަބާ…” ޔަމާން އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އުނދަގޫވި ނަމަވެސް އަހަރެން ކޮންމެހެން އަތް ދުރުކޮށްލާކަށް ނޫޅެމެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އެއީ އަހަރެންގެ ފިރިމީހާއެވެ. އެތެރެއަށް ވަދެ ޔަމާން ދޮރު ލެއްޕިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލައިގެން ހުރީމެވެ. ޔަމާން އަހަރެން ގެންގޮސް ކޮޓަރީގައި ހުރި ސޯފާގައި ބައިންދާލިއެވެ. އަދި އޭނާވެސް ކައިރީގައި އިށީނެވެ. އިރުކޮޅަކު އެއްވެސް އެއްޗެއް ނުބުނެ ދެމީހުންވެސް ތިބީމެވެ. އަހަންނަށް ގޮވާލުމަށްފަހު އަނެއްކާވެސް ޔަމާން އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ޔަމާންގެ މޫނަށް ބަލާލިއިރު ޔަމާންވެސް އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ. “ޝަބާ… އަހަންނަށް އިނގޭ ޝަބާ މިކައިވެނި ކުރީ ޝާފީއަށްޓަކައިކަން. އަދި މިއީ ޝަބާއަށް ފަސޭހަ ނިންމުމެއް ނޫންކަންވެސް އިނގޭ. އެކަމަކުވެސް ޝަބާގެ ޙަޔާތުން ޖާގައެއް ދިނީތީ އަހަރެން އުފާކުރަން… އަހަރެން މަސައްކަތްކުރާނަން ރަނގަޅު ފިރިއަކަށްވެވޭތޯ..  ޝާފީއާއިމެދު ޝަބާ ހާސްނުވާތި.. ޝާފީއަށް އަހަރެންގެ ފަރާތުން އަބަދުވެސް ބައްޕައެއްގެ ލޯބި ދޭނަން.” ޔަމާން އަހަރެންގެ ދެއަތަށް ފިތާލާ ބާރުކޮށްލަމުން ޔަޤީންކަން ދިނެވެ. އެވަގުތު އަހަރެމެން ދެމީހުންގެ ގުޅިލާމެހިފައިވާ އަތަށް ނަޒަރު ހުއްޓާލެވުނެވެ. “ޔަމާން…” މަޑުމަޑުން އަހަރެން ޔަމާންއަށް ގޮވާލީމެވެ. އަދި އެމޫނަށް ބަލާލީމެވެ. ޔަމާންގެ މޫނުން އަހަރެން ބުނަން އުޅޭ ވާހަކައަށް ޝައުޤުވެރިވެފައިވާ މިންވަރު ހާމަވަމުންދިޔައެވެ.

އިސްޖަހާލާ ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީމެވެ. “ޔަމާން… ޔަމާން… އަހަރެން…” އަހަރެންނަށް ކުރިއަށް ނުގެންދެވުނެވެ. “އިޓްސް އޯކޭ ޝަބާ.. އަހަންނަށް އިނގޭ އަދި ޝަބާއަށް ވަގުތު ބޭނުންވާނެކަން. އެކަން އަހަރެން ގަބޫލުކުރަން.” ކުރިންވެސް އަހަރެމެން ދެމީހުންގެ ދެމެދު މާ ގާތް ގުޅުމެއް ނެތީތީ އަހަންނަށް ޔަމާންއާއި ވާހަކަ ދެއްކުން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އެކަން ދެނެގަނެ ޔަމާން އަހަރެމެންގެ ގުޅުމަށް ވަގުތު ދޭން ނިންމިއިރު ދެމީހުންނަށްވެސް އެއްބަސްވެވުނީ ގާތް އެކުވެރިންގެ ގޮތުގައި އެގުޅުން ކުރިއަށް ގެންދިއުމަށެވެ. އޭރުން ދެމީހުންނަށްވެސް އެގުޅުން ކުރިއަށް ގެންދަން ފަސޭހަވާނެތީއެވެ. “ދެން އަހަރެން މިދަނީ ނަމާދަށް.. ޝަބާވެސް ނަމާދުކޮށްލާ އިނގޭ” ކުޑައިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު، ކޮޓަރިން ނުކުތުމުގެ ކުރިން ޔަމާން ބުނެލިއެވެ.

އެރޭ ނިދަންވީއިރު އަނެއްކާވެސް އަހަރެން ހާސްވާން ފަށައިފިއެވެ. ނިދަން ތައްޔާރުވެގެން އައިސް ޔަމާން އެނދުގައި ޖައްސާލުމުން އަހަރެންވެސް ގޮސް ފާހާނާއަށް ވަނީމެވެ. ނިދާ އެއްޗެހި ލައިގެން ނުކުންނަން އުޅެފައިވެސް އިރުކޮޅަކު މަޑުކޮށްލެވުނީ ބުރުގާ ނާޅާ ޔަމާންގެ ކުރިމައްޗަށް ނުކުންނަ ފުރަތަމަ ފަހަރުކަމުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ފާހާނާއިން ނުކުތީމެވެ. އެނދުމަތީގައި ފޯނާއި ކުޅެން އިން ޔަމާންގެ ނަޒަރު އަހަންނަށް ހުއްޓުނެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނޭންގިފައި އަހަންނަށް ހުރެވުނެވެ. ޔަމާން އަލުން ފޯނަށް ބަލަން ފެށިއެވެ. މާގިނައިރު ބަލަން ހުރުމުން އަހަންނަށް އުނދަގޫވިކަން އިހްސާސްވީ ކަންނޭންގެއެވެ. “ޝަބާ… އާދޭ ނިދަން އޮށޯންނަން…” ވަކި އެއްޗެއް ނުބުނެ އަހަރެން އެ ހުރިތާ ހުރުމުން ވާހަކަ ދެއްކީ ޔަމާންއެވެ. އެނދުގައި ނިދާނީތޯ ނޫނީ ބާލީސް ހިފައިގެން ސޯފާއަށް ދާންވީތޯ ވިސްނަން ހުއްޓާ އަނެއްކާވެސް ޔަމާން ވާހަކަ ދެއްކި އަޑު އިވުނެވެ. ” ހާސްނުވޭ.. ނުރުހުމުގައި ޝަބާގެ ގައިގައި އަހަރެން އަތެއް ނުލާނަން.”

ފަތިސްނަމާދަށްފަހު ބަދިގެއަށް ވަންއިރު ދޮންބެދައްތަ ކޮފީ ތައްޔާރުކުރަން އުޅެއެވެ. އަހަރެން ވަނުމުން އަހަންނަށް ކޮފީގައި ބައިވެރިވާން ދައުވަތު ދިނެވެ. އިރުކޮޅަކުން މަންމަވެސް އައިސް ބަދިގެއަށް ވަނެވެ. ރޭގައި ޝާފީ ނިދީ މަންމައާއިއެކު ކަމުގައިވާތީ މަންމަ ގާތު ޝާފީގެ ވާހަކަ އަހާލީމެވެ. އަދި ނުހޭލާކަމަށް މަންމަ ބުންޏެވެ. އެންމެންނަށް ކޮފީ ތައްޔާރުކޮށް ނިމުނުއިރު، ބައްޕައާއި ދޮންބެ އަދި ޔަމާންވެސް މިސްކިތުން ގެއަށް އައިސް ވަންނަނީއެވެ. އެންމެން އެކުގައި ކޮފީ ބުއިމަށްފަހު، ހެނދުނުގެ ސައި ތައްޔާރުކުރުމަށް އަވަސްވެގަތީމެވެ. ބައްޕަމެން ގޮސް ވަނީ ކޮޓަރިއަށެވެ. އެކިވާހަކަ ދައްކަމުން އަހަރެމެން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލީމެވެ. މަންމަ އަހަރެން ގާތު ޔަމާންއަށް ގޮވަން އެދުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ.

ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަންއިރު ޔަމާން އޮތީ ނިދާފައެވެ. އެނދުގައި އިށީންދެ ޔަމާންއަށް ގޮވާލީމެވެ. ދެފަހަރަކު ގޮވާލިތަނާ ލޯ ހުޅުވާލިއެވެ. ސައިބޯން އައުމަށް ބުނުމަށްފަހު އަހަރެން ތެދުވީމެވެ. ކޮޓަރިން ނުކުތްއިރު ޝާފީ ދެލޯ އުނގުޅަމުން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. “މަންމަ ދަރިފުޅު ހޭލެވުނީތަ؟ ހިނގާ ދަތް އުނގުޅާލައިގެން ސައިބޯން ދޯ” ދަރިފުޅު ގޮވައިގެން ކޮޓަރިއަށްވަންއިރު، ޔަމާން އުޅެނީ ފާހާނާގައެވެ. ޝާފީގެ ހެދުމެއް ނަގައިގެން އައިސް މާ ގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ޔަމާން ފާހާނާއިން ނުކުތުމުން ޝާފީ ފާހާނާއަށް ވެއްދީމެވެ. ނުކުތްއިރުވެސް ޔަމާން އިނުމުން ސުވާލުގެ ނަޒަރަކުން އަހަރެން ބަލާލީމެވެ. “ތިން ކުދިން އެއްކޮށް ސައިބޯން ދާން މަޑުކޮށްލީ.” ހިނިތުންވެލަމުން މިހެން ބުނެލުމަށްފަހު ކައިރިއަށް އައިސް ޝާފީގެ ކޮލުގައި ލޯބިން ހިފާލިއެވެ. ޝާފީވެސް ހިނިތުން ވެލިއެވެ. “އަވަހަށް ތައްޔާރުވެލާ..” ޔަމާން ގޮސް އިށީންދެލީ ސޯފާގައެވެ.

“ބައްޕާ.. ކޮއްކޮ ނިމުނީ” ތައްޔާރުވެ ނިމުމުން ޔަމާންގެ ކައިރީގައި މަޑުކޮށްލުމަށްފަހު ޝާފީ ބުނެލިއެވެ. ޔަމާން ސޯފާއިން ތެދުވަމުން ޝާފީ ނަގާ އުރާލިއެވެ.

ޝާފީ ޔަމާންއަށް ބައްޕަ ކިޔާކަން އެނގުނީ އަހަރެމެންގެ ކައިވެނި ކުރެވެން ދެތިން ދުވަހަށް ވެފައި ވަނިކޮށެވެ. އެދުވަހު އަހަރެންގެ މޫނަށް ވެރިވި ހައިރާންކަން ޔަމާންއަށް ސިއްރެއް ނުވިއެވެ. ނަމަވެސް ޝާފީ ހުރުމުން އަހަރެން އެވަގުތު އެކަމަށް އެއްވެސް އެއްޗެކޭ ނުބުނަމެވެ. އެކަމާ ގުޅޭގޮތުން އެދުވަހު ޔަމާން އަހަންނާއި ވާހަކަ ދެއްކީ ޝާފީ ނެތްގަޑީގައެވެ. “ޝަބާ ހިތްހަމަ ނުޖެހޭތަ އެކަމާ؟ ޝާފީ އަހަންނަށް ބައްޕަ ކިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު އެއީ ޝަބާ ބޭނުމިއްޔާ..” އަހަރެން އެކަމާ ކޮންމެހެން ދެކޮޅު ނުހެދީ ޝާފީ ބައްޕައެއްގެ ލޯބި ބޭނުންވާވަރު އިނގޭތީއެވެ. އެކަމުގައި ޔަމާންގެ އެއްވެސް އިޢުތިރާޒެއް ނެތީމައެވެ. އަދި އެކަމާ މަންމަމެންވެސް ޤަބޫލުވީމައެވެ.

އަހަރެމެން ތިން މީހުން ދިޔައިރު، އެހެން މީހުން އިންތިޒާރުގައި ތިއްބެވެ. އަހަރެމެން އިށީނުމުން ސައިބޯން ފެށިއެވެ. ސައިބޮއި ނިންމާލުމަށްފަހު ސިޓިންގރޫމްގައި މަޑުކޮށްލައިގެން ތިއްބައި މަންމަ ގުޅިއެވެ. އޭރު ރީމާއާއި ޝާފީ ކޮންމެވެސް ކުޅިވަރެއްގައި އުޅެއެވެ. އަހަންނާއި ވާހަކަ ދެއްކުމަށްފަހު ޔަމާންއާއިވެސް މަންމަ ވާހަކަ ދެއްކިއެވެ. އެދުވަހު ހަވީރު މަންމަމެންގެއަށް ދާނެކަމަށް ޔަމާން ބުންޏެވެ. އަހަރެން އެކަމާ ހިތްހަމަޖެހުނެވެ. ޔަމާންއާއި ކައިވެނި ކުރިޔަސް މަންމަމެންނާއި އޮންނަ ގުޅުން ކެނޑޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެމެންނާއި ވާހަކަ ދެއްކުމަށްފަހު ޝާފީއާއިވެސް މަންމަމެން ވާހަކަ ދެއްކިއެވެ.

**********************

ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. ޝާފީއާއި އަހަންނަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމަށް ޔަމާން ހުންނަނީ ތައްޔާރަށެވެ. އަހަރެމެންނާއިއެކު ވަގުތު ހޭދަކޮށް އަހަރެމެން ދެމީހުން ދެމެދުގައިވާ ގުޅުން ރަނގަޅުކުރުމަށްވެސް މަސައްކަތްކުރެއެވެ. އަހަންނާއި ޔަމާންގެ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ދަނީވެސް ރަނގަޅުވަމުންނެވެ. ދެމީހުންގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމުގެ ސަބަބުން މަންމަމެންވެސް ތިބެނީ އުފަލުންނެވެ. ބައެއްފަހަރު މަންމަމެން ބުނެލާ ވާހަކަތަކުން އެކަން އަހަންނަށް އިނގެއެވެ. ޔަމާންގެ އަޅާލުމާއި ލޯބި ލިބެން ފެށުމުން އަހަރެންގެ ހިތުންވެސް ޔަމާންއަށް ޚާއްޞަ ގަދަރެއްދެވުނެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން ޝާފީ ތައްޔާރު ކުރަމުން ދިޔައީ ޔަމާންއާއިއެކު ހަވީރު ދުއްވާލަން ދާންވެގެންނެވެ. ފޯނު ރިންގުވާން ފެށުމުން ގޮސް ބަލާލިއިރު ބޮޑުބޭބެ ގުޅަނީއެވެ. ހިނިތުންވެލުމަށްފަހު އަހަރެން ފޯނު ނަގާ ވާހަކަ ދައްކަން ފެށީމެވެ. އަހަރެމެންގެ ހާލު އަހުވާލު އޮޅުންފިލުވުމަށްފަހު ޝާފީއާއިވެސް ބޮޑުބޭބެ ވާހަކަ ދެއްކިއެވެ. މާގިނައިން ފެނިފައި ނުވިކަމުގައިވިޔަސް ފޯނުން އާއްމުކޮށް ވާހަކަ ދެއްކޭތީ ޝާފީ ބޮޑުބޭބެއާއި ވާހަކަ ދައްކާކަށް ފަހެއް ނުޖެހެއެވެ. ވަރަށް ގިނައިރުވެސް ވާހަކަ ދައްކަން ހުރެދާނެއެވެ. އިރުކޮޅަކުން ޔަމާން ކޮޓަރިއަށް ވަނެވެ. “ކޮބާ ރެޑީތަ؟” އޭރު ޝާފީ ހުރީ ފޯނުން ވާހަކަ ދައްކާށެވެ. ޔަމާން ފެންނައިރަށް ދުވެފައި ޔަމާންގެ ކައިރިއަށް ދިޔައީ އަހަރެންގެ އަތަށް ފޯނު ދީފައެވެ. އަހަންނާއި ކުޑައިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ޔަމާންއާއިވެސް ބޮޑުބޭބެ ވާހަކަ ދެއްކިއެވެ. ފޯނު ބާއްވާފައި ޔަމާން އަހަރެން އަތަށް ފޯނު ދިނެވެ. “ކޮބާ، ދާންވީ ދޯ.”

އެދުވަހު ޝާފީ ބޭނުންވެގެން ޕާކަށް އަހަރެމެން ދިޔައީމެވެ. ޕާކުގައި ކުޅިވަރުތަކުގައި އުޅުނުއިރު އެ މޫނުމަތިން ހިނިތުންވުން ފެންނަމުންދިޔައެވެ. އިރުއިރުކޮޅުން މަންމަ ނޫނީ ބައްޕައަށް ގޮވާލާ ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ހައެއް ޖަހަން ކައިރިވުމުން ގެއަށް ދާން ބުނުމުން އައިސްކޯން ބޯން ބޭނުން ވާހަކަ ބުނެލިއެވެ. އެނބުރި ގެއަށް އައި މަގުމަތީގައި އައިސްކޯން ވިއްކާ ތަނަކަށް ގޮސް ޔަމާން ތިން މީހުންނަށް އައިސްކޯން ގަނެގެން އައެވެ. އައިސްކޯންތައް ހިފައިގެން ގޮސް އެތާ ކައިރި ތަނެއްގައި ޖައްސާލީމެވެ.

“ދަރިފުޅާ.. މުޅި މޫނުގައި އައިސްކްރީމް ތިހޭކީ” ޝާފީގެ ތުންފަތް ކައިރީގައި އައިސްކްރީމްތައް ހޭކިފައި ހުރުމުން އަހަރެން ޓިޝޫއިން ސާފުކޮށްލީމެވެ. ޔަމާން އޭރު ލާނެތް ގޮތަކަށް ހެވިފައި އަހަންނަށް ބަލަން އިނެވެ. އަހަރެން ސުވާލުކުރުމުން ވަކި އެއްޗެއް ނުބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ. އިތުރު ޓިޝޫއެއް ނަގާ ޝާފީގެ މޫނާ ކައިރިކޮށްލަން އުޅުނު ވަގުތު، ޔަމާން އަހަރެންގެ އަތުގައި ހިފުމުން ސިހުމެއް ލިބުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލާލިއިރުވެސް އެ މޫނުމަތީގައި ކުރިން ފެނުނު ހިނިތުންވުންވިއެވެ. “ދަރިފުޅު މޫނުގައި އެކަންޏެއް ނޫން. މަންމަގެ މޫނުމަތީގައިވެސް އައިސްކްރީމް. ދޯ ދަރިފުޅާ…” ޔަމާން މިހެން ބުނުމުން ޝާފީ އަހަރެންގެ މޫނަށް ބަލާލިއެވެ. ދެން ފެށީ ހޭށެވެ. ޔަމާންއާއި ޝާފީ ބާރަށް ހޭން ފެށުމުން އަހަރެން ރުޅިއައިކަމަށް ހަދާފައި އަވަސްއަވަހަށް ތުންފަތް ކައިރި ފޮހެލީމެވެ. ޔަމާން ދެފަރާތަށް ބޯ ހޫރުވާލިގޮތުން އަހަރެންގެ މޫނުމަތިން އައިސްކްރީމް އަދިވެސް ނުފޮހެވޭކަން އިނގުނެވެ. އެންމެފަހުން ޔަމާން އަހަރެން އަތުން ޓިޝޫ ނެގުމަށްފަހު އަހަރެންގެ ތުންފަތް ކައިރީގައި ހޭކިފައި ހުރި އައިސްކްރީމް ފޮހެލައިދިނެވެ. އެވަގުތު އަހަރެމެން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އޭރުވެސް ޔަމާން އަހަރެންގެ އަތުން ދޫކޮށެއްނުލައެވެ. އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު ތިބެވުނެވެ. ހަމަހޭވެރިކަންވުމާއެކު އަވަސްއަވަހަށް އަހަރެން ދުރަށް ނަޒަރު ހުއްޓާލީމެވެ. ޔަމާން އަހަންނަށް ބަލަން ހުރުމަށްފަހު، ޝާފީގެ އަތުގައި ހިފާލިއެވެ. “ދެން ހިނގާ ގެއަށް ދާން”

އެރޭ ބަދިގޭގެ ކަންތައްތައް ނިންމާލުމަށްފަހު އަހަރެން ކޮޓަރިއަށް އައި އިރު ޔަމާން އިނީ ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އަހަރެން ވާހަކައެއް ދައްކަން ބޭނުންކަމަށް ޔަމާން ގާތު ބުނީމެވެ. ކުރަމުން ދިޔަ މަސައްކަތް މެދުކަނޑާލުމަށްފަހު އޭނާގެ ސަމާލުކަން އަހަންނަށް ހުއްޓާލިއެވެ. “މާދަމާ ބޮޑުބޭބެމެން ގެއަށް ދާންކަމަށް… އެ ގެ ކުޑަކޮށް ސާފުކޮށްލަން. މިއަދު ހަވީރު ގުޅިއިރު ބޮޑުބޭބެ ބުނި ދެދުވަހެއް ފަހުން މާލެ އަންނަ ވާހަކަ…” އަހަރެން ބުނީމެވެ. “އާން.. ބޮޑުބޭބެ ބުނި ތި ވާހަކަ.. މާދަމާ ކޮން އިރަކު ދާނީ؟ އަހަރެންވެސް ދާނަން އެހީވެދޭން..” ޔަމާން ހިނިތުންވެލަމުން ބުނެލިއެވެ. “މާދަމާ މެންދުރު ފަހު ދިޔައިމަ އޯކޭ ވާނެއެއްނު؟ އިރުއޮއްސެންވާއިރަށް ނިންމާލެވޭނެހެން ހީވަނީ..”

ޖެހިގެން އައީ ހުކުރު ދުވަސްކަމުން މެންދުރަށް ޚާއްޞަ ކެއުމެއް ތައްޔާރުކުރުމުގައި އަހަންނާއި ދޮންބެދައްތައާއި މަންމަ އުޅުނީމެވެ. އެގާރަ ޖެހުމުން އަހަރެން ދިޔައީ ޝާފީ ހުކުރަށް ދާން ތައްޔާރު ކުރަންވެގެންނެވެ. ހެނދުނު ސައިބޮއިގެން ޔަމާންއާއި ދެމީހުން ކޮންމެވެސް ގޭމެއް ކުޅެންވެގެން ކޮޓަރިއަށް ވަނެވެ. އޭރު ވަންގޮތަށް ދެމީހުންކުރެ އެކަކުވެސް އަދި ނުނިކުމެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދެމީހުންވެސް ތިބީ އެނދުގައި އަރާމުކޮށް ނިދާލާފައެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ހިނިތުންވެލެވުނެވެ. އިރުކޮޅަކު މިހެން ހުރެފައި އަހަރެން ދިޔައީ ދެމީހުން ހުކުރަށްދާންލާނެ އެއްޗެހި ނަގާށެވެ. އެއްޗެހި ނެގުމަށްފަހު ޝާފީއަށް ގޮވީމެވެ. ޝާފީ ފެންވަރުވާލައިގެން ގެނެސް ކޮޓަރީގައި ބެހެއްޓުމަށްފަހު ޔަމާންއަށް ގޮވީމެވެ. ޔަމާންމެން ހުކުރަށް ދިއުމުން ނުނިމި ހުރި މަސައްކަތްތައް ނިންމާލަން އަނެއްކާވެސް ބަދިގެއަށް ވަނީމެވެ. އެންމެންވެގެން ބަދިގެ މަސައްކަތް ނިންމާލުމަށްފަހު މޭޒުމަތި ތައްޔާކުރީމެވެ. ދެން އަހަރެމެންވެސް ދިޔައީ ފެންވަރައިގެން ނަމާދުކުރާށެވެ.

ގޭގެ ހުރިހާ ފިރިހެނުންތައް ހުކުރުން އައުމުން މެންދުރުގެ ކެއުމަށް އިންސާފުކުރެވެން ފެށުނެވެ. ކެއުމަށްފަހު އަހަންނާއި ޔަމާން ބޮޑުބޭބެމެން ގެއަށް ދިޔައީމެވެ. ބޮޑުބޭބެމެންގެ ގެ ފަސްބުރިއަށް ނަގާފައިވާއިރު، އޭގެތެރެއިން އެންމެ މަތީ ބައި ފިޔަވައި އެހެން ހުރިހާ ބައެއް ވަނީ ކުއްޔަށް ދީފައެވެ. ބޮޑުބޭބެމެން ނެތްކަމުގައި ވިޔަސް އެއީ ގަވާއިދުން ސާފުކުރެވޭ ތަނެކެވެ. އެހެންކަމުން މާބޮޑަށް ހަޑިވެފައެއް ނެތެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު ބޮޑުބޭބެމެން އަންނާތީ އަހަރެން ބޭނުންވީ ރަނގަޅަށް ގޭތެރެ ސާފުކޮށްލާށެވެ. އެންމެ ފުރަތަމަ ސާފުކުރަން ފެށީ ބޮޑުބޭބެގެ ކޮޓަރިއެވެ. ކޮޓަރިތެރޭގައި ހުރި އަލަމާރިއާއި ޑްރެސިންގ ޓޭބަލްގައި ކޮންމެވެސް ވަރަކަށް ހިރަފުހުގެ އަސަރު ހުރުމުން އެތަންތަން ސާފުކޮށްލީމެވެ. ދެން ކޮޓަރިތެރެއާއި ފާހާނާވެސް ސާފުކޮށް ނިންމާލީމެވެ. އެއަށްފަހު އެނދުގައި ބެޑްޝީޓް އަޅާ ބާލީސްތަކަށް އުރަ ލެއްވީމެވެ. މި މަސައްކަތްތަކުގައި ޔަމާންވެސް އަހަންނާއި ބައިވެރިވިއެވެ.

ފަހަރަކު ކޮޓަރިއެއް ސާފުކުރަމުން އައިސް އެންމެ ފަހުން އަހަރެން މިސްރާބުޖެހީ އަހަރެން ކުރިން އުޅުނު ކޮޓަރިއަށެވެ. އަހަރެން ކައިވެނިކޮށްގެން ދިޔަ ފަހުންވެސް ކޮޓަރިއަށް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ. ބޮޑުބޭބެ ބުނެފައިވަނީ އެއީ އަބަދުވެސް އަހަންނަށް ޚާއްޞަ ކޮޓަރިއެއް ކަމަށެވެ. އެތަކެއް ހަނދާންތަކެއްވާ އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރި ތެރެއަށް ބަލަހައްޓައިގެން ހުރީމެވެ. ނަޒީލްމެންގެ ގެއަށް ބަދަލުވުމަށްފަހުވެސް، މި ގެއަށް އަންނަ ކޮންމެ ފަހަރަކުވެސް އަހަރެން މިކޮޓަރިއަށް ވަދެއްޖެނަމަ، ތަފާތު އިހްސާސްތަކެއް ކުރެވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މަންމައާއިއެކުގައިވާ އެންމެ ފަހުގެ ހަނދާންތައް ވަނީ މި ކޮޓަރީގައެވެ. އެއީ ކިތަންމެ ކުޑަ ދުވަސްކޮޅެއް ނަމަވެސް އަހަރެންގެ ހިތުގައި އެހަނދާންތައް އާލާވެފައިވަނީ ދުވަހަކުވެސް ފޮހެވިގެން ނުދާނެހެންނެވެ. މި ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އެ ޚިޔާލުތައް އަހަރެންގެ ވަށާލައެވެ. މަންމަ ވަކިވުމަށްފަހު އަހަރެން ދިރިއުޅުނީ އެ ހަނދާންތަކާއި އެކުގައެވެ. މަންމަ ވަކިވުމުގެ ޚިޔާލުން ހިތަށް އުނދަގޫވި ނަމަވެސް، މަންމަގެ ނަސޭހަތުން ހިތްވަރު ހޯދައިގެން ދިރިއުޅުމުގައި ކުރިއަށްދެވޭތޯ މަސައްކަތްކުރީމެވެ. ލޮލުން ކަރުނަ އައީ އެހަނދާންތައް އާވެފައެވެ. ލޯ ފޮހެލުމަށްފަހު އަވަސްއަވަހަށް މަސައްކަތާއިގެން ކުރިއަށް ދެވޭތޯ ބެލީމެވެ. އަތުގައި ހުރި ސާފުކުރަން ބޭނުންވާނެ އެއްޗެހިތައް އެއްފަރާތެއްގައި ބަހައްޓަން އުޅެނިކޮށް ސިއްސައިގެން ދިޔައީ ކޮންމެވެސް އެއްޗެއް ބިންމައްޗަށް ވެއްޓުނު އަޑަށެވެ. އެވަގުތު އަތުގައި ހުރި އެއްޗެހިތައް އަތުން ދޫވިއެވެ. މޭގައި އަތްއަޅާލުމަށްފަހު އަޑު އިވުނު ދިމާއަށް ބަލާލުމަށްޓަކައި މަޑުމަޑުން އެދިމާއަށް މޫނު އަނބުރާލަން އުޅުނު ވަގުތު ކުއްލިއަކަށް އިވުނީ ހުނުމުގެ އަޑެވެ.

(ނުނިމޭ)

26

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalaam Alaikum dear readers…. Here is the second part of “Veeraana vefaivee hayaai magey”.. Please share your view about this story…

    ⚠Report!
    1. Thank you so much dear 😊….
      Mi haftha thereyga next episode upload kolleveytho balaanan In Sha Allah

      ⚠Report!
  2. Mai Naa❤❤❤…Mi bai vec vv furihama ingey😘😘😘💕💕💕…Ibaaraiy kurun Fashuvi vefa shaugu veri vevey kahala gotheh hurey..Story is amazing😊😊😊🔥🔥🔥…Waiting fr the next curiously👑👑👑💋💋💋❤❤❤😘😘😘💕💕💕

    ⚠Report!
    1. …. Thank you so much jiji dear 😊.
      Happy to know that you liked the story…..

      Next episode mi hafthaa thereyga upload kureveytho balaanan In Sha Allah…

      ⚠Report!
  3. Eh thanehga in mamma gulhaigen vaahaka dhehki kamah aneh thanehga othee mamma a vakivi vaahaka mi v kihineh baa

    ⚠Report!
    1. Thank you for the comment Ha v… 😊

      Gulhaigen vaahaka dhekki kamah bunefaa e vany nazeel ge mamma aa…

      Sorry confuse kollevunyma…. 🙁
      But furathama episode ga shaba ulheny nazeel ge parents aa eku kamah bunedhevuneema aslu hi eh nukuran confuse vedhaane kamakah…
      Really sorry dear… 🙁

      Next episode ga ebai ragalhu kolleveytho balaanan In Sha Allah 🙂

      ⚠Report!
    2. Shaba’s parents died.. Her uncle looked after her till she got married..
      She now calls mom to her first husband’s mom.. Calls uncle to his uncle too..

      ⚠Report!
  4. wow…………vrh ves reetgi mi part ves……Kon iralu tha next part up koh leveene…………

    ⚠Report!

Leave a Reply

Your email address will not be published.