އަސްލާން 8
“ހަނދާން ނައްތައިނުލައްޗޭ ދުވަހަކުވެސް.” އަސަރުގަދަ ލޮލަކުން އަހަންނާއި ކަޅިހަމަކޮށްފައި ބުނެލި އަސްލާންގެ އަޑުގައިވީ ރިހުމެކެވެ. ކުއްލިއަކަށް ދިމާވާންފެށި އާދަޔާއި ހިލާފު ކަންކަމާއި ގުޅުމެއް ހުރިކަން އަހަންނަށް އެނގުނެވެ. ނަމަވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަދިވެސް ނުލިބުނެވެ. ހިތުގައިވީ ބިރުވެރި ވަހުމުތައް ދުލުކުރިއަކަށް ނުނެރެވުނެވެ.
*******************************
އެއީ މީގެ ވިހި އަހަރު ކުރިއެވެ. ސިކުނޑީގެ ބައްޔެއްޖެހިގެން އަހަރެން މި އެސައިލަމްއަށް ގެނެވުނެވެ. ހުދު ހޯލްވޭތަކުން ލާފައި ގޮސް ވެއްދި ހުދުކަން ބޮޑު ކޮޓަރީގައި ބަންދުކުރުމުން ގަތް ބިރުން ރޯން އިނީ ކަނެއްގައި ދެފައި ކުރުކޮށްގެންނެވެ.
“މަރިޔަމް އަހަރެން ބަލިވީމަ އަހަރެން ބޭނުންނުވާތީ މި ތަނަށް ފޮނުވައިލީތަ؟ ދެން މިތަނުން ނުކުމެވޭނީ ކޮން ދުވަހަކުން؟ ދެން އަހަންނަށް ކިހިނެތް ވާނީ؟” މިފަދަ ހިޔާލުތަކެއް އަހަރެންގެ ސިކުނޑީގައި އެނބުރުނު ވަރަކަށް ގިސްލުމުގެ އަޑު ވީ ބާރެވެ. އަމިއްލަ ބާރުގެ ދަށުގައި ނެތް ކަންކަން ކުރެވޭ ނަފްސުދެކެ ބިރުގަނެވުނެވެ.
އެގޮތުގައި ހަފްތާއެއް ވޭތުވެދިޔައިރު ލޮލުން ކަރުނު ހިކިއްޖެއެވެ. ހިތަށް ވެރިވެފައިވީ ހުސްކަމެކެވެ. ދެ އަތުގައި ނޫވެފައި ހުރި އިންޖެކްޝަން ކަށީގެ ނިޝާންތަކުގައި އަތް ހާކައިލީމެވެ. އެ ތަނުގެ ތަދުވެސް އިހުސާސެއް ނުވިއެވެ.
“ފޫހިވަނީ…” އަހަރެންގެ ހިތަށް އެނޫން އެއްޗެއް ނޭރިއެވެ. އެކުވެރިން މަތިން ހަނދާންވިއެެވެ. ނަމަވެސް ހިތާމަވެރިކަމެއް އިހުސާސެއް ނުވިއެވެ. ލޯ މަރައިލައިފައި، އެކުގައި ވާނެ އެކުވެރިއަކަށް އެދެވުނީ ވެފައިވީ ފޫހިންނެވެ.
ލޯ ހުޅުވައިލިއިރު ކުރިމަތީ ހުރި ފިރިހެންކުއްޖާ ފެނިފައި ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އެ ކުއްޖާ ދެލޯ ބޮޑުކޮށްލާފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލީ އަޑުގަދަ ނުކުރުމަށް ބުނުމުގެގޮތުންނެވެ. ބަލައިބެލުމަށް އަހަންނާއި ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. އުފަންވި އިރެއް ނޭންގޭތީ އަހަންނަށް އަމިއްލަ އުމުރު ނޭންގެއެވެ.
“އަަހަންނަށް ކިޔަނީ އަސްލާން.” ސަލާންކުރަން އަތްދިއްކޮށްލާފައި ހިނިތުންވެލުމުން އަސްލާންގެ ކޮލަށް އަޑިކޮޅެއް އެރިއެވެ. އިރުކޮޅަކު މޫނަށް ބަލަހައްޓައިގެން އިނދެފައި އަހަރެން އޭނާގެ އަތުގައި ހިފައިލީމެވެ. އަސްލާންއަކީ އަހަންނަށް ގެއްލުމެއް ނުދޭނެ ފަރާތެއްކަން ހިތްބުނީ ކީއްވެކަމެއް ނޭންގެއެވެ.
އެންމެ ފުރަތަމަ ބައްދަލުވުމުގައިވެސް އޭނާ ވާހަކަދެއްކީ މުޅި އުމުރު ދަންނަ ގާތް އެކުވެރިއެއްހެންނެވެ. ހޭންވެސް ޖެހިލުންވެފައި އިން ނަމަވެސް ނުހީ ނީންދެވުނެވެ. އަހަރެންގެ ހިނިތުންވުން ފެނިފައި އަސްލާން ހިތްހަމަ ޖެހޭހެން ހީވިއެވެ. ލޯ މަރައިލާފައި ގޮވައިލާއިރަށް އަންނާނަމޭ ބުނުމުން ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. ދެން ދަނީއޭ ކިޔަައިފައި ކުއްލިއަކަށް ގެއްލުމުން އިރުކޮޅަކު ގަބުއަރާފައި އިނދެވުނީއެވެ.
“އަސްލާން.” އާދޭތޯ ބަލަން ގޮވައިލީމެވެ. ލޯ ހުޅުވައިލިއިރު އަސްލާން ކުރިމަތީ ހުރިތަން ފެނިފައި އަނެއްކާވެސް ދިޔައީ ސިއްސައިގެންނެވެ.
“ބުނީމެންނު އަންނާނަމޭ.” އަސްލާން ބުންޏެވެ. އަހަރެން އިނީ އާޝޯހުވެފައެވެ.
އެ ރޭގެ ފަހުން ފޫހިވާ ކޮންމެ ވަގުތަކު އަސްލާންއަށް ގޮވަންފެށީމެވެ. ގޮވައިލާ ކޮންމެ ފަހަރަކު ޔަގީންކޮށް އަސްލާން އާދެއެވެ. އަބަދު ގޮވާތީ އުނދަގޫވާނެއޭ ހިތަށްއެރީ މާފަހުންނެވެ. އޭގެ ފަހުން ގޮވަން ނިންމީ ކޮންމެ ރެއަކު އެއް ފަހަރުއެވެ.
އެކުވެރިކަމުގެ ގުޅުމަށް އިތުރު ފުން މާނައެއް އުފެދުނީ ފުރާވަރުގައެވެ. ނަމަވެސް އަހަރެމެންނަކީ މިއުޅޭ ލޯބިވެރިންހާ އާދައިގެ ގުޅުމެއް އޮންނަ ބައެއް ނޫނެވެ. އަހަރެމެންގެ ދެމެދުގައި ވީ ޝަހުވާނީ އެދުމެއް ނެތް، މައުސޫމު ގުޅުމެކެވެ. ހާއްސަ ލޮއެއްބެކެވެ.
ކުއްލިއަކަށް އަސްލާން ލޯމަތިން ގެއްލޭ ރޭތައް ގިނަވާން ފެށިއެވެ. ނަމަވެސް އަހަރެމެންގެ ދެމެދުގައި އެކަމާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަސްލާން އިސްވެ އޮޅުންފިލުވައިދޭތޯ ހުރެ ހުރެ އަހަރެން ވަރުބަލިވެއްޖެއެވެ. ހިތުގައި ކެކެމުންދިޔަ ކަންބޮޑުވުމާއި ނުތަނަވަސްކަން ވަމުންދިޔައީ އިތުރެވެ.
ކޮންމެހެން ހަދާފައިވެސް އެ ސުވާލު ކުރަން ނިންމައިގެން އަހަރެން އަސްލާންއަށް ގޮވައިލީމެވެ. ކުރިމަތީ ހުއްޓިގެން ހުރި އަސްލާން އަހަންނަށް ހިނިތުންވެލި ނަމަވެސް އަހަންނަކަށް ރައްދުގެ ހިނިތުންވުމެއް ދައްކައިނުލެވުނެވެ. އަހަންނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި އަސްލާން މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ.
“އަސްލާން…” ބުނަން އުޅުން ޖުމުލަ މެދުކެނޑުނީ އަސްލާން އަހަރެންގެ އަނގަމަތީ އަތްއެޅުމުންނެވެ.
“ތި ސުވާލު… އެހަށް ނުކޮށްފާނަންތަ؟… ޕްލީޒް…” އަހަރެން އަހަން އުޅުނު އެއްޗެއް އަސްލާންއަށް އެނގުނުކަހަލައެވެ. އަނގަމަތިން އަތް ނެގި ނަމަވެސް ހިނދުކޮޅަކަށް އަހަރެންގެ އަނގަ ބަންދުވީ އަސްލާންގެ ވޭނުން ފުރިފައިވީ ދެލޮލުގެ ސަބަބުންނެވެ.
“އަސްލާން އަހަރެން މަތިން ފޫހިވީތަ؟” ހިތްވަރުކޮށްފައި އަހަރެން އެ ޖުމުލަ ބޭރުކޮށްލީމެވެ. “ކީއްވެ؟” ސުވާލަށް ޖަވާބުދިނުމަކާއިނުލައި އަސްލާން އެނބުރުނީ އަނެއް ފަޅިއަށެވެ.
“ލުއާ.” ހިލްމީގެ އަޑަށް ސިހިފައި އަހަންނަށް އެ ދިމާއަށް ބަލައިލެވުނެވެ. އަނެއްކާ ހިލްމީއަށް އަސްލާންގެ އަޑު އިވުނީބާއޭ ހިތަށްއެރިއެވެ. “ކާކާ ތި ވާހަކަދައްކަނީ؟” ހިލްމީ އެއްސެވެ. އަހަންނަށް ބަލައިލެވުނީ އަސްލާންއާއި ދިމާއަށެވެ. އަސްލާންއެއް ނެތެވެ. އަރައިގަތް ކަށިހިތްވަރުން ދަތްކުނޑިވިކައިގަތްފައި އިސްތަށިގަނޑުގައި ހިފައިގަނެވުނެވެ. އަނެއްކާވެސް ފުރުސަތު ގެއްލުނީއެވެ. ދެން އަސްލާން އަނބުރާ ނައިސްދާނެއޭ ހިތަށްއަރައި ހިތް ތެޅިގަތީ ރޯމަހެއްހެނެވެ. މުއްކަވައިލެވުނު އަތްތިލައަށް ނިޔަފަތިތަށް ވަދެ ހަންގަޑު މެށުނެވެ. ނަމަވެސް އެ ދިލަ އިހުސާސުކުރެވޭ ވަރަށްވުރެ އަހަރެންގެ ބުއްދި އޮތީ އަވަދިނެތިފައެވެ.
އޭގެ އަނެއް ރެއެވެ. ތެރެޕީ ނިންމާފައި އައިސް އެނދުމަތީ ހަމަޖެހިލީމެވެ. އަސްލާންއަށް ގޮވަން ޖެހިލުންވެފައި އިންނަންޖެހުނީ ނައިސްދާނެކަމަށް ބިރުންނެވެ. އެތައްއިރަކު އެގޮތަށް އިނދެ އިނދެފައި ހިތްވަރުކޮށްފައި ގޮވައިލީމެވެ. ލޯ ހުޅުވައިލިއިރު ކުރިމަތީ އަސްލާން ހުއްޓެވެ. އާދައިގެމަތިން އޭނާ ހިނިތުންވެލިއެވެ. ކުރީ ރޭގެ ސުވާލު ހަނދާން ނައްތާލައިގެން ހުރިކަހަލައެވެ.
“ކިހިނެތް؟” އަހަންނާއި ޖެހިގެން އިށީންނަމުން އަސްލާން ހާލު އަހައިލިއެިވެ. އަހަރެން ޖަވާބެއް ނުދެމެވެ.
“އަސްލާން. އަހަރެންގެ ސުވާލަށް ޖަވާބުދީ. މިހާރު އަހަރެންދެކެ ފޫހިވަނީތަ؟ ނޫނީ ކަމެއް ދިމާވެގެންތަ އެހެން ވަނީ؟ ނޫނީ އަސްލާންއަށް ގޮތެއް ވަނީތަ؟ ބަލީތަ؟” ވިސްނާ ވިސްނާ ޖަމާވެފައިހުރި ހުރިހާ ސުވާލުތައް އެއްފަހަރާ ބަންޑުންކޮށްލީމެވެ.
“ލުއާ. އަހަރެން ދުވަހަކުވެސް ލުއާދެކެ ފޫއްސެއް ނުވާނަން. އާދޭސްކޮށްފަ މި ބުނީ، ތިކަހަލަ އެއްޗެހި ނުކިޔާ.” އަހަރެންގެ ދެކޮނޑު ވަށައި އަތްވަށައިލައިފައި، މޭމަތީ މޫނު ފޮރުވައިލަމުން އަސްލާން ބުންޏެވެ. ކަމެއް ސިއްރުކުރާނަމަ މޫނު ފޮރުވުމަކީ އޭނާގެ އާދައެއްކަން އޭރު އަހަންނަށް ވިސްނުނުނަމައެެވެ.
“ދެން ކީއްވެ؟ ބުނީމައެންނު އިނގޭނީ.” ކުރިއަށްވުރެ މަޑުމައިތިރިކޮށް އަހަރެން ބުނީމެވެ.
“…އިރުއިރުކޮޅާ ދާންޖެހެނީ މަންމަ ގޮވީމަ. މަންމަ ވަރަށް ބޮޑަށް ބަލިވެގެން އުޅެނީ. ބައްޕަ ހިނގައްޖެ މަންމަ ދޫކޮށްލާފަ. މަންމަ ދެން…މާ ގިނަ ދުވަހެއް ނެތް…” އަސަރެއް ނެތް އަޑަކުން އަސްލާން ކިޔައިދިނެވެ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތްހެނެވެ. ރަންބުއްދިވީ އެއެއް މިއެއް ބަލާފަކާ ނޫނެވެ. އަސްލާން ދުރަށް ކޮއްޕާލާފައި ކޯތާފަތްމަތީ އެތިފަހަރެއް އަޅައިލެވުނެވެ.
“މަންމަ ބާއްވާފަ އަހަރެން ކައިރިއަށް ތި އަންނަނީ؟ ކީއްވެތަ ނުބުނީ އޭނ؟!” އަހަންނަށް އަޑުހަރުކޮށްލެވުނެވެ. ނަމަވެސް އިސާހިތަކު ރުޅިފިލީ، ދެލޯ ބޮޑުވެ، ގަބުއަރާފައި އިން އަސްލާންގެ ލޮލުން ފޭބި ކަރުނަތައް ފެނިފައެވެ.
“ސޮ..ސޮރީ…” ކުރެވުނު ކަންތައް އަންދާޒާކުރެވުމުން އަހަރެންގެ ކަރުން އަޑު ނުކުތީ ކިރިޔާއެވެ. އަމިއްލަ އަތްތިލައަށް ބަލައިލެވުނީ އަމިއްލައަށް ކުރެވުނު ކަންތައް ގަބޫލުނުކުރެވިގެންނެވެ. އަސްލާންގެ ކޯތާފަތްމަތި ވަގުތުން ރަތްވެއްޖެއެވެ.
“ސޮރީ.” އަހަންނަށް އަނެއްކާވެސް ބުނެވުނެވެ.
“އިޓްސް އޯކޭ.” އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަ ރޮނގު ފޮހެލާފައި އަސްލާން ބުންޏެވެ. “ސޮރީ ބުނަންޖެހެނީ އަހަންނެއްނު. ލުއާ އަހަންނަށް ނުގޮވަފާނެތީ ބުނަން ނުކެރުނީ.” އަނެއްކާވެސް އަސްލާން ވާހަކަދެއްކީ އަސަރެއް ނެތް އަޑަކުންނެވެ. ހުރިހާ އިހުސާސެއް ފޮރުވަމުންނެވެ.
“އާނ ދެން މީގެ ފަހުން ނުގޮވާނަން.”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.





Me first dhw..kiyaafa comment eh kohlaanan ingey❤❤❤??????????????????
yea u r first again jiji?
Varah reethi ?❤?
thnx ibsha
Mi part vec v rythi…V interesting..jinni plc adhi miah vure ithurah dhigukohlaba ingey
??????❤❤❤?????????????????????
thnx jiji daily koh up kuraathy kuruvany ey time noonnaathy?
Nice mi part ves ? ?????????
thnx drax
alhe edhemeehun dhuru nukurahchey.Ekahala jinnin varah madhuvaane.I wish I had a friend like that.varh salhi.
i wish i had one too… ???⬅️face of me imagining having a friend like that
Jinni..kobaathr story???..kehmadhuvefa mi iny mihaaru…Plc avahah upload kohba ingey✍?✍?✍???????
Kba part 9