އަސްލާން 9
“އިޓްސް އޯކޭ.” އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަ ރޮނގު ފޮހެލާފައި އަސްލާން ބުންޏެވެ. “ސޮރީ ބުނަންޖެހެނީ އަހަންނެއްނު. ލުއާ އަހަންނަށް ނުގޮވަފާނެތީ ބުނަން ނުކެރުނީ.” އަނެއްކާވެސް އަސްލާން ވާހަކަދެއްކީ އަސަރެއް ނެތް އަޑަކުންނެވެ. ހުރިހާ އިހުސާސެއް ފޮރުވަމުންނެވެ.
“އާނ ދެން މީގެ ފަހުން އަހަންނެއް ނުގޮވާނަން.”
*******************************
އަހަރެންގެ ޖުމުލައިން އަސްލާންއަށް ހީވީ އަނެއްކާ އަހަންނަށް އޭނާގެ މޫނުމަތީ ޖެހުނުހެންނެވެ.
“އަސްލާން ބޭނުންއިރަކު އަންނާނީ.”
“ނޫން! ލުއާ ނުގޮވަންޏަކާ އަހަންނަކަށް ނާދެވޭނެއޭ!” އަސްލާން ހީވީ އަނެއްކާވެސް ރޮވެން އުޅުނުހެނެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ.
“އެހެންވިއްޔާ ހަފްތާއަކު އެއްފަހަރު.” އަހަރެން ބުނީމެވެ.
“ހަފްތާއަކު ދެފަހަރު. އެއަށްވުރެ މަދު ނުކުރާތި.” ހިތްއަވަސްވެފައި އަސްލާން ބުންޏެވެ. އަހަރެން އެއްބަސްވީމެވެ.
“ދެން ދޭ މަންމަ ކައިރިއަށް.” އަސްލާން ހީވީ ދާން ޖެހިލުންވެފައި އިންހެނެވެ.
“ލުއާ.. އަހަރެން މަތިން ހަނދާން ނައްތައިނުލައްޗޭ.” އަސަރުގަދަ ރާގަކަށް އަަސްލާން ބުންޏެވެ. އެންމެ ދެތިން ދުވަސް ފަހުން އަހަރެން އޭނާ މަތިން ހަނދާން ހުންނާނެކަމެއް އޭނާއަށް ޝައްކުވާހެން ހަމަ ހަގީގަތުގައިވެސް ހީވިއެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އަސްލާން އެހާ ކަންބޮޑުވެގެން އެ އުޅެނީ ކޮންކަމަކާ ކަމެއް ނުވިސްނުނެވެ.
ވޮލެންޓިއަރުން އަންނަ ދުވަހެވެ. ހޯލަށް ނުކުތްތަނާ ޖެހިގެން އިން ޕޭޝެންޓުގެ ފަރާތުން ހަބަރު ލިބުނީ ލަވަކިޔުންތެރިއެއް އަންނަ ވާހަކައެވެ. ތަންކޮޅެއް ދުރުގައި އިންނަ ފުރާވަރުގެ އަންހެން ޕޭޝެންޓެއްގެ މިއުޒިކީ އަޑުން ފިޔަވައި ރީތި ލަވައެއް ނީވޭތާ ޒަމާންތަކެއް ވެއްޖެއެވެ. ލަވަކިޔާ މީހަކު އަންނަ ވާހަކަ އިވުމުން އެ އަންހެންކުއްޖާ ވަރަށް އުފަލުން އިންތަން ދުށީމެވެ. ހިލްމީގެ ހުތުރު އަޑު އިވި އިވި ލަވައިގެ ރީތިކަން އަންދާޒާކުރަން އިނގޭނެބާއޭ ހިތަށްއެރިއެވެ. ކަންފަތުގައި ހަރުލާފައިވީ އޭނާގެ އަޑު ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިލެވިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
ލަވަކިޔުންތެރިޔާ އައިއްސިއެވެ. ހެސްކިޔާފަ ރީތި ފިރިހެނެކެވެ. އިސްކޮޅުން ދިގުވެފައި، ޖާދުވީ ދެލޮލެއްގެ ވެރިއެކެވެ. ހިނގާފައި އައިއިރު ކޮނޑާއި ހަމައަށް އަރާ މަހުމާ އިސްތަށިގަނޑު ފަަންކަމުން ދެކޮޅަށް ނަށައެވެ. މައިކު ކުރިމަތީ ހުއްޓިފައި މޫނުމައްޗަށް އެޅިފައިވީ އިސްތަށިތައް ބޯމައްޗަށް އަތްފުނާ އަޅައިލިގޮތުން އަހަރެންގެ ހިތް ތެޅިލިއެވެ. ލަވަކިޔަން ފެށިއިރު ބުރުސޫރައަށް ދޫނުކުރާހާ އަޑުވެސް ހިތްގައިމެވެ. އެ އަޑުގެ މަސްތުގައި މާ ރަނގަޅަށްވެސް ޖެހުނެވެ.
ހަމަ ބިމަށް ފޭބުނީ ލަވަކިޔުންތެރިޔާގެ ފަރި އަޑުގެ ތެރެއިން ފޭދުނު ކުރަކި އަޑުންނެވެ. ދެލޯ ބޮޑުކޮށްލާފައި އަހަންނަށް ބަލައިލެވުނީ ޖެހިގެން ހުރި ހިލްމީއަށެވެ. އަނގަ ފުޅާކޮށްފައި އަޑުގެ ނެތްތަނަށް ލަވަކިޔަމުންދިޔަ ހިލްމީއަށް، ވަށައިގެން ތިބި އެންމެންގެ ނަޒަރު އެނބުރުނުކަން ނޭންގޭކަހަލައެވެ. އަހަަންނަށް ދެން ބަލައިލެވުނީ މައިކު ކައިރީ ހުރި ލަވަކިޔުންތެރިއާއަށެވެ. ލަވަ ކުރިއަށް ގެންދިޔަކަމުގައިވިޔަސް އޭނާގެ މޫނުވަނީ ރުޅިން ރަތްވެފައެވެ. މީހުންތައް ހީހީ ހަލާކުވަނީއެވެ. އަހަރެން ހުރީ ހިލްމީއާ ޖެހިގެން ހުރެވުނީތީ ބިން ފަޅައި އަޑިއަށް ދާން ބޭނުންވެފައެވެ.
މާ ގިނައިރެއް ނުވެ އެތާ ތިބި އެންމެން ހިލްމީއާއި ބައިވެރިވެއްޖެއެވެ. މުޅި ހޯލުތެރެ ގުގުމައިލީ އެކި އުމުރުގެ ޕޭޝެންޓުންގެ ލަވަކިޔުމުގެ އަޑުންނެވެ. އެ އަޑުތަކުން، މައިކު ކައިރީ ހުރި ލަވަކިޔުންތެރިޔާގެ އަޑު ފޮރުވެމުންދިޔައެވެ. ލަވަކިޔަމުން ކިޔަމުން އަހަންނަށް ބަލައިލި ހިލްމީ އަތުން އިށާރަތްކޮށްލީ އަހަރެންވެސް ކިޔަން ފަށާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ބޯ ހަމަނުޖެހިގެން ލަވަކިޔާ ހިލްމީއާއި ކުޑަ ތަފާތެއް އެވަގުތު އިހުސާސުވިއެވެ. ޖެހިލުންވެފައި، ނުކިޔާނަމޭ ބުނުމުގެ ގޮތުން އެއްފަހަރު ބޯ ހޫރައިލީމެވެ. ނަމަވެސް މާ ގިނައިރަކު ކެތެއް ނުވިއެވެ. ފޯރިގަނޑުގެ ތެރެއަށް އަހަރެންވެސް ގެނބިއްޖެއެވެ. ޖޯޝުގައި އެންމެނާއި ބައިވެރިވެލީމެވެ. އަމިއްލަ އަޑަކަށް ރާގަކަށް ވިސްނައިލުމެއްނެތި ހުރިހާ ކަމެއް ދޫކޮށްލީ ދުލަށެވެ.
ހުށައެޅުން ނިމުނުއިރު ލަވަކިޔުންތެރިޔާ ހުރީ ނަފްސާނީ ގޮތުން ވަރުބަލިވެގެންގޮސް ހަލާކުވެފައެވެ. ސްޓޭޖު ފުރަގަހަށް ދަމުން، ހިނިގަނޑު ހިފަހައްޓައިގެން ހުރި އޭނަގެ މެނޭޖަރު ކައިރީ، އަށްޑިހައަށް އަރާފައި ‘ސެލެރީ ދެގުނަކުރާށޭ’ ބުނި އަޑު އަހަރެންގެ ތޫނު ކަންފަތުން އެހީމެވެ. ހެވިދިލިފައި ހުރެވެސް ހަމްދަރުދީ ވެވުނެވެ.
ކޮޓަރިއަށް ވަތްއިރު ހުރީ އާދައިގެމަތިން ވަރުބަލިވެފައެވެ. ހޯލް އެއްވުމެއްގައި އެހާ މަޖާވީ އަލަށެވެ.
“މަޖާ ދޯ މިއަދު” ޖެހިގެން ހުރި ކޮޓަރިން ދޮރު ތަޅުލި އަޑާއިއެކު ހިލްމީ ބުންޏެވެ.
“މާ ބޮޑަށްވެސް.” ހިލްމީގެ އަޑުން އޭނާ ހުރީ ހަމަހޭގައިހެން ހީވެ އަހަރެން ހައިރާންވިއެވެ. އޭރު އިހުސާސުވި ތަފާތުކަމަކީ މީ ކަން އެނގުނެވެ.
“ގަސްތުގަ ކުރި ކަމެކޭ އެއީ.” ހިލްމީ ބުންޏެވެ.
“ގަސްތުގައޭ؟” އަހަންނަށް ހީވީ ރަނގަޅަށްތާއެވެ.
“ފަރުވާ ފެށިފަހުން އެޕިސޯޑު އަންނަލެއް ވަރަށް މަދުވެއްޖެ.” ހިލްމީ ބުންޏެވެ.
“ފަރުވާއޭ؟ ހިލްމީއަށްވެސް ފަރުވާފެށީތަ؟” އަހަރެން އެހީމެވެ. ހިލްމީ އާނއެކޭ ބުންޏެވެ. އިތުރަށް އެ މައުލޫއު ކުރިއަށް ގެންދިއުމުން އެނގުނީ ހިލްމީއާއި އަހަރެންގެ ހުންނަނީ އެއް ބައްޔެއްކަމެވެ.
އޭގެ އެއް ހަފްތާ ފަހެވެ. ހިލްމީގެ ބަލިވެސް ރަނގަޅުވަމުންދިޔަ ވަރަކަށް އަހަރެމެންގެ ދެމެދުގައި ވާހަކަ ދެކެވޭވަރު ދިޔައީ އިތުރުވަމުންނެވެ. އެކަކަށް އަނެކަކާއިބެހޭ ގޮތުން އިތުރަށް އެނގެމުންދިޔަ ވަރަކަށް، ދެމެދުގައި ފާރެއް އިންނަކަންވެސް އިހުސާސުނުވާ ފަހަރުތައް މަދެއް ނޫނެވެ.
“ކޮބާ، އަނބިމީހާގެ ހާލު ރަނގަޅުތަ؟” އަންހެނުންނާއި ބައްދަލުކުރަން ގޮސްފައި ހިލްމީ އެނބުރި އައިސް ވަތް އަޑަށް އަހަރެން އެހީމެވެ. ހިލްމީ ޖަހައިލީ މަސްނޫއީ ހިނިގަނޑެކެވެ.
“މާ ކަމުދާ މީހަކު ފެނުނީއޯ.” އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ. ހިލްމީގެ ހިތުގެ ރިހުން އަމިއްލައަށް އިހުސާސު ކުރެވުނުކަހަލައެވެ. “ދެން ރަނގަޅުތާ ދޯ. އަހަންނަށްވުރެ މިހާރު ހުރިހާ އެންމެންވެސް ރަނގަޅުވާނެއެންނު. ހެޔޮ ހިތުން ދޫކޮށްލައިފިން.” ހިލްމީ އަދިވެސް މަސައްކަތްކުރީ ގަދަކަން ދެއްކޭތޯއެވެ.
“ފަރުވާ ކުރާ ވާހަކައެއް ނުބުނަންތަ؟ ރަނގަޅުވާނެއެކޭ ނުބުނަންތަ؟” އަހަރެން ހިތްއަވަސްވެފައި ބުނީމެވެ.
“ބުނާނެ ފުރުސަތެއް ނުލިބުނު. ދެން ހެވެއްނު. އެހެން ނޫނަސް.. ރަނގަޅު ވާނެ ކަމުގެ ފުރިހަމަ ގެރެންޓީއެއްވެސް ނެތެއްނު.” ހިލްމީގެ ޖުމުލައިން އަހަރެންގެ ހިތަށް ވެރިވީ ބިރުވެރިކަމެކެވެ. ރަނގަޅުވާނެކަމަށް ނިންމައިގެން ހުރި އަހަރެންގެ އުންމީދުތައް މަޑުމަޑުން، އިހާނެތި ގޮތަކަށް ފުނޑު ފުނޑުވާފަދަ އިހުސާސެއްވިއެވެ.
“ތިހެން ނުބުނޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.” ހިލްމީއަށްވުރެ ބޮޑަށް އަހަންނަށް ވިސްނައިދެވުނީ އަމިއްލަ ނަފްސަށް ކަންނޭންގެއެވެ.
“އާނ. އެކަމަކު ރަނގަޅުވިޔަސް ދެން އެކަން އެ ނިމުނީ. އޭނައަށް އަހަރެންގެ ހިތް ހެޔޮ.” ރަނގަޅު ނުވެދާނެކަމަށް ބުނި ބަސް އަނބުރާ ގެނައީ އަހަރެން ނުތަނަވަސްވި ވަރު އިހުސާސުވެގެން ކަންނޭންގެއެވެ.
އޭގެ ފަހުން އެ ދުވަހު އެކީ ހިލްމީގެ އަޑެއް ބަޑެއް ނީވެއެވެ. އަހަރެންވެސް އިސްވެ ވާހަކައެއް ނުދައްކަމެވެ.
އެރެއެވެ. ނިދިން ހޭލެވުނުއިރު މެންދަމުން އަނބުރައި ބާރަ ޖަހައިފިއެވެ. ސީލިންގަށް ބަލަހައްޓައިގެން އޮވެވުނީ ފެނުނު ހުވަފެން ފަހުމުވޭތޯއެވެ. ހުދު ކޮޓަރިތެރޭ އަހަންނާއިއެކު ވީ އިތުރު މީހެކެވެ. ތަންތަންކޮޅުން ނުސާފުކޮށް ފެނުނު އެ ޒުވާނާގެ ސިފަ ސާފު ނުވި ނަމަވެސް އަހަންނަށް އިހުސާސުވަމުން ދިޔައީ ހަނދާނުގައި ނެތް އުފާވެރި ކަމެކެވެ.
ގެއްލިގެންދިޔަ ހުރިހާ ކަމެއް ކަރަންޓު ޝޮކެއްހެން ހަނދާނުގައި ދުވެގަތީ ކުއްލިއަކަށެވެ. ފުންމައިގެން އެނދުން ތެދުވެވުނެވެ.
“އަސްލާން!!!”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





This part ves reethi
And ending makes me more curious
Waiting for next part
Keep up the good work ????????????????
Varah thafaathu, varah reethi
V rythi Ma Sha Allah???..whn next????????????☺☺???..Curiously waiting???
salhi