“ޝަލީންއާއި ކައިވެނިކުރަން އެއްބަސްވޭ…” އަލްހާންގެ ޖުމްލައާއިއެކު ހައިޒަލްގެ ދުނިޔެވެސް ހުއްޓުނުފަދައެވެ. ބުދެއްފަދައިން ހުއްޓުން އެރިއިރު ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ.
“ތިންވަނަަ ފަހަރަށް ދެކޮޅު ހަދައިފިނަމަ އެ އަންހެންކުއްޖާގެ ފުރާނަ ދަމައިގަންނަންވެސް އަހަރެން ފަހެއް ނުޖެހޭނަން… ހައިޒަލްއަށް އެކަން މިއަދު ސާބިތުކޮށްދީފައިވާނީ…” އަލްހާންގެ މޫނުމަތީ ރަހުމުގެ ކުލަވަރެއްވެސް ނުވެއެވެ. އަމިއްލަ އެދުމަށްޓަކައި ކުށެއްނެތް މައުސޫމް އަންހެންކުއްޖެއްގެ ފުރާނަ ނަގާލުންވެސް އެއީ މާބޮޑުކަމަކަށް ނުވިއެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްވެސް އެ ހިތުގައި ނެތެވެ.
ހައިޒަލްގެ ދެތުންފަތް ފޫއަޅުވާލައިފައި ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ. އަމިއްލަ އެދުމަށްޓަކައި އެފަދަ ފެންވަރަކަށް ވެއްޓިގަންނަން ބައްޕަ ފަސްނުޖެހޭނެކަން މިއަދު ސާބިތުކޮށްދިންއިރު އޭނަ އެކަމާއި ދެކޮޅުހަދާނީ ކިހިނެތްހެއްޔެވެ؟ ނައިނާދެކެ ވާ ލޯބީގެ ސަބަބުން އެހިތްވަރު ކުރެވިދާނެހެއްޔެވެ؟ އަންހެންކުދިންނަށްޓަކައި ހިލައަށްވުރެ ހަރުވެފައިވާ އެހިތް މަޑުކޮށްލި އަންހެންކުއްޖަކީ ނައިނާއެވެ. އޭނައަށް ލޯބި ދަސްވި ސަބަބަކީ އެއީއެވެ. ހަލާކުވަމުންދިޔަ ހިތަށް ލޯތްބާއި ޝިފާދިން ފަރާތަކީ އެއީއެވެ. ލޯބިވާ ދޮންތަ ޝާދިންއަށްފަހު އޭނާގެ ހިތަށް އޯގާވެދިން ހަމައެކަނި ފަރާތަކީ އެއީއެވެ. އޭނާގެ ޒަހަމްވެފައިވާ ހިތުގައި ފަރުވާއަކަށްވީ ނައިނާއެވެ. ވީއިރު ނައިނާގެ ފުރާނައަށްވުރެ މިދުނިޔެއިން އޭނާއަށް މުހިންމު އެއްޗެއް ވެދާނެހެއްޔެވެ؟
ހިނދުކޮޅަކަށް ހައިޒަލްގެ ލޮލަށް ސިފަވީ ގެނބިގެން ނޭވާނުލެވިގެން ނައިނާ ތެޅިފޮޅުނު މަންޒަރެވެ. އަނގަޔާއި ނޭފަތަށް ލޮނުތައް ވަންނަމުންދިޔައިރު ސަލާމަތަށް އެދި އޭނާއަށް ގޮވިއަޑު އަދިވެސް ކަންފަތުގައި ހަރުލާފައިވާފަދައެވެ. އެވަގުތު އެލޮލުގައިވީ ބިރުވެރިކަމާއި ސިހުން ދުވަހަކު ހިތުން ނުފިލާނެއެވެ.
“އަހަރެން އެއްބަސް…” އެބަސްތަކުން އެކަނިވެސް ހައިޒަލްގެ ހިތުގައި ހިފާ ފިއްތާލެވުނުފަދައެވެ. ހިތާދެކޮޅަށް އެއްބަސްވީއިރު އެ ހިތްވެސް ރޮނީއެވެ. އަލްހާން ގަބޫލުނުކުރެވޭފަދަ ގޮތަކަށް ބަލާލުމުން ހައިޒަލް ދެވަނަ ފަހަރަށްވެސް އެބަސްތައް ތަކުރާރުކޮށްލިއެވެ. ގޮތުގައި ހިފަހައްޓާފައިވެސް އޭނަ އެންމެ ފަހުވަގުތު ހަތިޔާރު ބެހެެއްޓީއެވެ. ބަލި ގަބޫލުކުރީއެވެ.
“އަހަންނަށް ނައިނާ ހާސިލްކުރުމަށްވުރެ ނައިނާގެ ރައްކާތެރިކަން މާ މުހިންމު… ލޯބި ހާސިލްކުރުމުގެ ބޭނުމުގައި ނައިނާ ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލާކަށް ދުވަހަކު ނެތިން… ނައިނާ ރައްކާތެރިކަމާއިއެކު ސަލާމަތުން ހުރިއްޔާ އަހަންނަށް ފުދޭ…” ނައިނާއާއި ނުލާ އެސޫރަ ދުރުން ދެކިލައިގެން ވޭނީ އިހުސާސްތަކަކާއިއެކު އުމުރުގެ ބާކީ ބައި އޭނާ ކަޑައްތުކޮށްފާނެއެވެ. އޭނައަށް އިނގިހުރެ ކަނޑީގެ މިޔައަށް ނައިނާގެ ފުރާނަ ހުށައެއްނާޅާނެއެވެ. އެއަށްވުރެ ނައިނާދެކެ އޭނަވާ ލޯބި މާމަތިވެރިއެވެ.
އަލްހާންގެ މޫނުމަތިން ފެނުނު ކާމިޔާބުގެ ކުލަވަރާއިއެކު ހައިޒަލްގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. ބައްޕައަށް އޭނަގެ ހިތާމަތައް ވަޒަންނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ހަރުކަށިކަން ދައްކައިގެން އޭނާގެ އުފާތަކާއި ވަކިކޮށްލަން އުޅޭއިރު ބައްޕަ އޭނައަށް ހެޔޮއެދޭކަމަށް ދެން ގަބޫލުކުރެވޭނެ ހެއްޔެވެ؟
ހައިޒަލް ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން އަލްހާން ދިއްކޮށްލި ފޯރމްގައި ސޮއެކޮށްލިއިރު ކިތަންމެ ވަރަކަށްވެސް ހިތް އެކަމާއި ދެކޮޅު ހަދަމުންދިޔައެވެ. އަބަދާއި އަބަދު ކުރުމުގެ ސަބަބުން އޭނާގެ ރީތި ސޮއި ފަރިތަވެފައިވާއިރުވެސް މިއަދު ކޮންމެ އަކުރެއް އެޅުނީ އުނދަގުލުންނެވެ. އޭނާގެ އިނގިލިތަށްވެސް ގާވެފައިވާހެން ހީވިއެވެ. ހައިޒަލްއަށް ހީވީ އޭނާގެ ދިރިއުޅުމަށް ނިމުން އަންނަނީ ހެންނެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާން އަތުންދޫވެގެން ދިޔައީއެވެ. މިއަދަށްފަހު އޭނަގެ ދިރިއުޅުމުގައި ގޮތްނިންމުން އޭނަގެ އެކަނި ހައްްްްޤެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް އަތުވެއްޖެއެވެ.
ހައިޒަލް ފޯރމް މޭޒުމައްޗަށް ހޫރާލުމަށްފަހު އަވަސް ހިނގުމެއްގައި ސްޓަޑީއިން ނިކުމެގެން ދިޔައިރު ހުއްޓުމެއްނެތި ކަރުނަތައް ލޮލުން ފައިބަމުންދިޔައެވެ. ސިކުނޑިއަށް ހުސްކަން ވެރިވެފައިވާއިރު އޭނާ ވިސްނަންވީ ކޮންކަމަކާއިމެދަކު ކަމެއް ނޭނގުނެއެވެ. ދިރިހުއްޓާ އޭނާގެ ހިތް މަރުވީއެވެ. އުއްމީދުތައް ގެއްލުނީއެވެ. ރޯންވީ ކީއްކުރަން ހެއްޔެވެ؟ އެ ކަރުނަތަކަށްވެސް ހިލަހިތްތަށް މަޑުކޮށްލާހާ ބާރެއް ލިބިފައެއް ނުވެއެވެ. އޭނާގެ ކަރުނަތަކުން އަސަރުކުރާނެ ފަރާތަކީ ހަމައެކަނި ނައިނާއެވެ. ނަމަވެސް ހާލަތު މަޖުބޫރުވިގޮތުން މިއަދު އެ ކަރުނަތައް ނައިނާއަށް ފޮރުވުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.
*** *** *** *** *** ***
ހަވީރުގެ ހިޔާ ޖެހެމުން އައިވަގުތު ކޮޓެޖްގެ ގޭޓަށް ލެގިލައިގެން ޝަޔަމް ހުރީ އީ ސިގިރޭޓެއް ތުނބުގައި ޖަހާލައިގެންނެވެ. ނޫކުލައިގެ ޓީޝާޓަކާއި ޖިންސްގައި ހުރިއިރު ރީތިކަމުން މަގުންދާހާ މީހުންގެ ސަމާލުކަން ހުއްޓޭއިރުވެސް ޝަޔަމް ހުރީ ނޭނގޭކަމަށް ހަދައިލައިގެންނެވެ. އެކަމަށް އެއްވެސް ފަރުވާލެއް ދިނުމެެއްނެތި އޭނާގެ އަމިއްލަ ދުނިޔޭގައެވެ.
ފުޅާމަގުން ދުއްވާފައި އައި ބީ.އެމް.ޑަބްލިއު ކާރު ކޮޓެޖްގެ ކުރިމައްޗަށް ހުއްޓާލުމާއިއެކު ޝަޔަމް ކުޑަކޮށް އެދިމާއަށް ބަލާލިއެވެ. ޑްރައިވަރ ސީޓުން ފޭބި ޒުވާނާ އަނެއްފަރާތުގެ ދޮރު ހުޅުވާލަދިނުމާއިއެކު އިޔާނާ ކާރުން ފޭބިއެވެ. އެޔާއިއެކު އެ ޒުވާނާ ޑިކީއިން ނެގި ކޮތަޅުތައް ހިފައިގެން ހިނގައިގަތުމާއިއެކު އެކަން މަނާކޮށްލަމުން އިޔާނާ ކޮތަޅުތަކާއި ހަވާލުވެލައިފިއެވެ. އެއާއިއެކު އެ ޒުވާނާގެ ގާތުގައި ކޮންމެވެސް އެއްޗެކޭ ބުނެލުމާއިއެކު އެ ޒުވާނާ ބޯޖަހާލަމުން ކާރަށް އަރާ ދުއްވާލިއެވެ. އެވަގުތު ގޭޓް ކައިރީ ހުރި ޝަޔަމްއާއި އިޔާނާގެ ނަޒަރު ބައްދަލުވީއިރު އިޔާނާ ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުމެއްވެސް ދަރިފުޅުގާތު އެތަށްވާހަކައެއް ބުނެދިންފަދައެވެ.
ޝަޔަމް ވަގުތުން ސިގިރޭޓް ޖީބަށް ޖަހާލިއިރު ކޮތަޅުތައް އުފުލުމުގައި މަންމަައަށް އެހީވެދިނެވެ. ދެމައިން ކޮޓެޖްގެ ޑައިނިންރޫމްއަށް ވަތްގޮތަށް އިޔާނާ އުޅެގަތީ ބަންދުކޮށްފައި ހުރި ހެދިކާގެ ބާވަތްތައް މޭޒުމައްޗަށް ނެގުމުގައެވެ. ތަށިތަކުގެ މަތި ހިއްލަން ފެށުމާއިއެކު ދުވަންފެށި ބަނޑުފުރޭފަދަ މީރުވަހުން ޝަޔަމްއަށް ނޭވާ އެތެރެއަށް ދަމާލެވުނެވެ. އޭރު ކޮފީގެ ވަހާއި އެކު އެ ވަސްގަދަވަމުންދިޔަގޮތުން ޝަޔަމްއަށް ބަނޑުހައިކަން އިހުސާސްކުރެވޭގޮތްވިއެވެ.
“ދަރިފުޅު ގެއަށް ދިޔަ ވާހަކަ އަޑުއެހިން…” ހޫނު ކޮފީތައްޓާއިއެކު ކާމޭޒުގެ އެއްފަރާތުގައިވާ ގޮނޑިއެއްގައި އިށީންނަމުން އިޔާނާ ވާހަކަދެއްކިއެވެ.
“ބައްޕަ ބުނުއްވީތަ؟” ޝަޔަމް އަހާލިއެވެ.
“އެތަށްދުވަހެއްފަހުން ގެއަށް ވަދެލިއިރު މަންމަ ދެކިލަން ދާނެކަމަށް މަންމަ ހީކުރީ…” އިޔާނާގެ އަޑުން ފާޅުވީ ހިތާމައިގެ އަސަރުތަކެވެ. ފިރިމީހާއާއި ފިރިހެންދަރިފުޅުގެ ދެމެދުގައިވާ ގަނޑުފެނުގެ ފާރުވިރޭނޭ ދުވަހަކަށް އިންތިޒާރުކޮށްކޮށް އޭނަ ވަރުބަލިވާގޮތްވެއްޖެއެވެ. ޝަލީންގެ މައްސަލައިގައި އިތުރަށް އެ ފާރު ބޯވެގެންދިޔައީއެވެ.
“މަންމައަށް އިނގިލައްވާނެ ރުހުމުގައި އަޅުގަނޑު މިޑޯވިިއުއަށް ނުދާނެކަން… އަޅުގަނޑު މިގޮތަށް އާއިލާއާއި ދުރުގައި މި އުޅެނީ މަންމަދެކެ ލޯބިނުވާތީކީނޫން…” ޝަޔަމްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައިހުރިކަމުގެ އަަސަރުތައް ފާޅުވިއެވެ.
“ދަރިފުޅާ ހެޔޮނުވާނެ… ބައްޕައާއި ދެމީހުން ކިހާދުވަހަކު ގޮތްދޫނުކޮށް ތިގޮތަށް ތިބޭނަން؟ މަންމައާއި މެދު ޝެމް ވިސްނާލަބަލަ… ދަރިފުޅު ނުދެކި މިހެން އުޅުމަކީ މަންމަގެ ހިތަށް ކެތްވާވަރުގެ ކަމެއްނޫނޭ…” އިޔާނާގެ ލޯ ތެމޭގޮތްވިއިރު ކުޑަކޮށް ތުންފިއްތާލައިފިއެވެ.
“އަޅުގަނޑުމެންނަށްޓަކައި ބައްޕަ ގޮތްދޫކުރެއްވިއްޔާ ކީއްތަވާނީ މަންމާ… އަޅުގަނޑުމެން މިއެެދެނީ މާބޮޑުކަމަކަށްނޫން… އަޅުގަނޑުމެންގެ ހަޔާތުގެ ބައިވެރިން ހިޔާރުކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދެއްވުމަށް… އަޅުގަނޑަށްފަހު ބައްޕަ ޝަލީއަށް މަޖުބޫރުކުރައްވައިގެން އުޅުއްވާއިރު ކިހާ އަންފެއަރ…” ޝަޔަމްގެ އަޑުގައިވީ ނުރުހުމުގެ އަސަރާއިއެކު ދުރުބަލާލިއިރު އެ ލޮލުގައިވީ ރުޅިވެރިކަން އިޔާނާއަށް ވަންހަނާއެއް ނުވިއެވެ.
“ބައްޕަ ބޭނުންވެލައްވާނަމަ މުޅިއުމުރަށް ލައިޝާއާއިއެކީ އުޅެން އަޅުގަނޑު މިހުރީ… ބަދަލުގައި ބައްޕަ ޝަލީ ބޭނުންގޮތަށް ކަންތައް ކުރަން ދޫކޮށްލަންވީނު… ޝަލީއަކީ ކުޑަކުއްޖެއްނޫން… މަޔާންއަކީވެސް ހަރުދަނާ ޒުވާނެއް… ވީއިރު މާޒީގައި ހިފަހައްޓައިގެން ބައްޕަ ޝަލީގެ ހިތަށް އަނިޔާ ދެއްވުމުގެ ބޭނުމަކީ ކޮބާ؟” ޝަޔަމްގެ ލޯހަނިވަމުންއައިރު އެ މޫނުމަތީގައިވީ ރުޅިވެރިކަން އިތުރުސިފައެއް އިޙުތިޔާރުކުރަމުންދިޔަތަން ފެނި އިޔާނާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ފިނިވަމުން އައި އަތްތިލައިން ޝަޔަމްގެ އަތުގައި ހިފަހައްޓާލެވުނީ ތަދުވާހާ ބާރަށެވެ.
“ޝެމް… ބައްޕައާއިދެމެދު އޮތް ގުޅުން އިތުރަށް ގޯސްވާފަދަކަމެއް ދަރިފުޅު ނުކުރައްޗޭ…” އިޔާނާގެ ސިކުނޑިއަށް ވެރިވެގަތް ބިރުވެރި އިންޒާރުތަކާއިއެކު ޝަޔަމްގެ މޫނަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
“ޝަލީއަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއްކުރަން އަޅުގަނޑު މިހިރީ… އަޅުގަނޑު ދިރިއުޅުން ހަލާކުވިގޮތަށް ކޮއްކޮގެ ދިރިއުޅުން ހަލާކުވިޔަކަ ނުދޭނަން…” ޝަޔަމް ހަށަން ބަދެލަމުން މަންމަައަށް ބަލާލި ފިނި ނަޒަރުންވެސް ގޮތުގައި ހިފަހައްޓާނޭކަން ޔަގީންކޮށްދިންފަދައެވެ. އިޔާނާގެ މޫނު ހުދުވެގެންދިޔައިރު އެއްނޭވާއިން ފެންތަށި ދަމާލައިފިއެވެ.
“ލައި ކޮބާ؟ ދަރިފުޅާއިއެކީ ލައިޝާ ނުގެންނަންތަ؟” އެދެމެދުގައި އުފެދެމުންދިޔަ ނުތަނަވަސްކަން ނައްތާލުމުގެ ބޭނުމުގައި އިޔާނާ މައުޞޫއު ބަދަލުކޮށްލިއެވެ.
“ޝަލީގެ ވެޑިންއަށް އަންނާނެއެއްނު…” ޝަޔަމްގެ އަޑުގައިވީ ފަރުވާކުޑަކަމެވެ. ލައިޝާއާއި ދެމެދު އޮތް ގުޅުމުގެ ހީނަރުކަން އެ ބަސްތަކުން ހާމަވެގެންދިޔައިރު އިޔާނާގެ ހިތަށް އުނދަގޫވިއެވެ.
“ދަރިފުޅާ… ލައިއާއި މެދު ތިހާ ފަރުވާކުޑަވުމަކީ މަންމައަށް ބަލައިގަނެވޭނޭކަމެއް ނޫން… ކޮންމެގޮތަކަށް ކައިވެނިކުރެވުނަސް ލައިޝާއަކީ ޝެމްގެ އަންހެނުން… ޝަލީއާއި އަޅާލާވަރަށް ލައިއާއިވެސް އަޅާލަން ޖެހޭނެ…” އިޔާނާގެ އަޑުގައި އެކުލެވިގެންދިޔަ މޮޅިވެރިކަމާއިއެކު ޝަޔަމްއާއި ވާހަކަދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ. ފިރިހެންދަރިފުޅުގެ ސަބަބުން މީހެއްގެ މަލެއްފަދަ ދަރިފުޅަށް ހިތާމައެއް ލިބުމަކީ އިޔާނާއަށް ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ.
“ބައްޕައަށް ހީވެލެއްވީ ކަންނޭނގެ އަޅުގަނޑާއި ކައިވެނިކުރެވުނީމަ ލައިޝާ ހުންނާނީ އުފަލުންނޭ… އަދިވެސް އަޅުގަނޑަށް ލައިޝާއާއިމެދު އަނތްބެއްގެ ނަޒަރުން ނުދެކެވޭ…. އަދިވެސް އަޅުގަނޑުގެ ހިތުން އިޒާގެ ހަނދާންތައް ނުފިލާ…” ޝަޔަމް އިސްޖަހާލިއިރު އެދެލޮލުން ފެނިލި ރިހުން އެންމެ ނަޒަރަކުން އިޔާނާ ދެނެގަތެވެ. އިޔާނާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އަހަރުތަކަކަށްފަހު އެ ރިހުމަށް ބަދަލެއްނައެވެ. އިޒާގެ ސަބަބުން ޝަޔަމް މުޅިން ބަދަލުވެގެން ހިނގައްޖެއެވެ. އަދިވެސް މާޒީގެ އަނދިރިކަން ހަޔާތައް ނިވާއަޅަމުންދާއިރު އެ ދަރިފުޅަށްވެސް އުފަލެއްލިބުނީކީ ނޫނެވެ.
ޝަޔަމް އިތުރަށް އެވާހަކަތައް ދައްކާކަށް ބޭނުމެއްނުވިއެވެ. މަންމައަށް ކުރާ ގަދަރާއިއެކު މަންމަ ނުތަނަވަސްކުރުވަން ބޭނުންނުވާތީ ހިތްމަތީ ހިލަ ބަހައްޓައިގެން ހިނިތުންވެލައިފައި ވާހަކަދެއްކިނަމަވެސް އިޔާނާއަށް ދަރިފުޅުގެ ހިތާމަތައް ސިއްރުވީކީނޫނެވެ. ނަމަވެސް ހާލަތު ބަދަލުވެފައިވާގޮތުން އެކަން އިނގޭކަމަށް އިޔާނާ ނުހެދީއެވެ. މިއަދު ޝަޔަމްއަށްޓަކައި އޭނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތެވެ. އިޒާ ދުނިޔޭގައި ހުރިނަމަ ޝަޔަމްއަށް ކުޑަ އުއްމީދެއް ދެވުނީހެވެ. ނަމަވެސް އިޒާ މި ދުނިޔެ ދޫކޮށް ދިޔައީ ދުނިޔެއަކީ ދާއިމީ މަންޒިލެއް ނޫންކަން ހަނދާންކޮށްދީފައެވެ. ދިރިތިބީންނަށް އޮތީ ލޯބިވާ ފަރާތްތަކުގެ ހަނދާންތަކާއިއެކު ހިތްހަލާކުވެފައި ތިބެވެސް ކުރިއަށްދިޔުމެވެ. މާޒީގައި ހިފަހައްޓައިގެން ތިބުމަށް ދުނިޔޭގެ ގާނޫނުވެސް ތަނެއް ނުދެއެވެ.
*** *** *** *** *** ***
ހިނދެއް ހިނދަކަށް ދުންތައް ބޯވަމުންދިޔައިރު އިމާރާތުގެ ތެރެއިން ބޭރުވަމުންދިޔަ އޮލަ ދުންތަކާއިއެކު މުޅި އިމާރާތް ފޮރުވެމުންދިޔައެވެ. އަލިފާންގަނޑު އޭގެ އެންމެ ފުރިހަމަ ބާރާއިއެކު އިމާރާތުގެ ތެރެއަށް ވެރިވެގަންނަމުންދިޔައިރު ދޭތެރެއަކުން އިވޭ ގޮވުންތަކުގެ އަޑާއިއެކު އެއްޗެހިތައް ވިއްސައިގެން އަންނަ އަޑު ތަނުގެ ތެރޭ ގުގުމާލައެވެ. ސަލާމަތަށް އެދި މީހުން ރޮއެ ހޭރޭ އަޑުއިވެމުންދިޔައީ ހިތްތަކަށް އަސަރުކުރާފަދަ ގޮތަކަށެވެ.
ބަރިއަކަށް ޖަހާފައިވާ ފީފާތަކުގެ ނިވަލުގައި އިން ކުޑަފިރިހެންކުއްޖާ ދެކަކޫ ގެނެސް މެޔާލައި ބޮޑިކޮށްލައިގެން އިންއިރު މޫނުމަތިން ފެންނަމުންދިޔައީ ބިރުވެރިކަމެވެ. ސިހުމުން ފޯވެފައިވާ ބޮޑު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް މިވަގުތުވެސް ކޯތާފަތުގައި ސަފަކަށް ދަތުރުކުރަމުންނެވެ. ޖެހިލުންވެފައި އިނދެ ވަށައިގެން ނަޒަރު ހިންގަމުންދިޔައިރު މަޑުމަޑުން ތުންފަތް ތަޅުވަމުން އެ ކުއްޖާ ކޮންމެވެސް އެއްޗެކޭ ކިޔަމުންދިޔައެވެ. އެ ތުއްތު ހަށިގަނޑު ބިރުންގޮސް ތުރުތުރުއަޅަމުންދިޔައިރު ހިމޭން ގިސްލުމެއްގެ އަޑު އިވެމުންދިޔައެވެ. ދޭތެރެއަކުން އިވެމުންދާ ހަޅޭކުގެ އަޑާއިއެކު އެ ކުއްޖާ ގިސްލުމުގެ އަޑު ބާރުވެގެންދާއިރު ބާރުބާރަށް ރޮއެގަންނަނީ ހިތްތައް ހަލާކުކޮށްލާފަދަ ގޮތަކަށެވެ.
އެންބިއުލާންސްގެ އަޑާއި އެކުވެގެން އިވެންފެށި ޕޮލިސް ސައިރެންގެ އަޑާއިއެކު އެ ކުއްޖާ ދެކަކޫ ގަޔާއި ދުރުކޮށްލަމުން ވަށައިގެން ނަޒަރު ހިންގާލިއިރު އުއްމީދުގެ ދޯދިފަށެއް އެ މޫނުމަތިން ފެނިލިއެވެ. ކާރޓޫންތަކުގައި ޕޮލިސް ބޭބެއިން ކުދިން ސަލާމަތްކުރާގޮތަށް އޭނަވެސް ސަލާމަތްކޮށްދޭނެކަން ޔަގީންވެފައި އެކުޑަކުޑަ މޫނުކޮޅު ދިއްލިގެންދިޔައެވެ. ދެފީފާގެ ދޭތެރެއިން ފެންނަމުންދިޔަ ޕޮލިހުންގެ ހަރަކާތްތަކަށް އެ ކުއްޖާ ނަޒަރުހުއްޓާލިއެވެ.
ފަޔާރ ލޮރީއިން ފެންޖަހަން ފެށިތާ އިރުކޮޅެއްފަހުން މުޅި އަލިފާންގަނޑު ނިއްވާލެވުނުއިރު އިމާރާތް ހުރީ ބޭނުންނުކުރެވޭނޭފަދަ ހާލަތެއްގައެވެ. އިމާރާތުގެ އެތެރޭގައި ތިބި މީހުން ސަލާމަތްވާނޭކަމުގެ މާބޮޑު އުއްމީދެއްނެތްނަމަވެސް ފުލުހުން އަވަސްވެގަތީ އިމާރާތުގެ އެތެރޭގައި ތާށިވެފައިވާ ފަރާތްތައް ބޭރަށް ނެެރެވޭތޯއެވެ. އިމާރާތުން މީހުންތައް ނެެރެންފެށުމާއިއެކު ދުވަންފެށި މިނިވަހުން ނޭވާ ހިފަހައްޓަލަން މަޖުބޫރުވިއެވެ. ބަލިމީހުން އުފުލާ އެނދުތަކުގައި މީހުން ނެެރެމުންދިޔައިރު ފުލުހުންނަށްވެސް މޫނު އަނެއްފަރާތަށް އަނބުރާލެވެނީ އެ މީހުންނަށް ލިބިފައިވާ އަނިޔާތައް ދެކެން ކެތްނުވެގެންނެވެ. ބައެއް މީހުންގެ މޫނުމަތި ފިހިފައިވާވަރުން ސިފަވެސް ވަކިނުކުރެވެއެވެ. އޭރުވެސް ފުލުހުން ހިތްވަރު އެލުވާލުމެއްނެތި ދިރިހުރިމީހެއްގެ ލިސާނެއް ފެނޭތޯ މުޅި ގޯތިތެރޭ އަތްފުނާ އަޅަމުންދިޔައެވެ.
މަޑުމަޑުން ފީފާތަކާއި ދިމާލުން އިވުނު ފިޔަވަޅުގެ އަޑާއިއެކު ފީފާތައް އެއްފަރާތްކޮށްލެވިގެންދިޔައިރު ފީފާތަކުގެ ތެރޭ ފިލާއިން ކުއްޖާ ދެލޯބޮޑުކޮށްލަމުން ކުރިމަތީގައި ހުރި އަންހެން އޮފިސަރާއި ދިމާލަށް ބަލާލިއެވެ. އެއާއިއެކު ރޮއެގަނެފައި އެ އަންހެންކުއްޖާގެ ގައިގައި ހިފައިގަތެވެ.
“ސަރ… ބައްލަވާ…” މަރުވެފައިވާ މީހުންގެ ތެރެއިން ދިރޭ ފުރާނައެއް ފެނުމާއިއެކު އެއަންހެންކުއްޖާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ޖޯޝުން ފުރިފައިވާގޮތަކަށް ހަޅޭލަވައިގަތެވެ. އެއާއިއެކު އެންމެންހެން އެދިމާލަށް ބޮޑިވެގަތެވެ. އޭރު އެ ކުޑަ ފިރިހެންކުއްޖާ އަންހެންކުއްޖާގެ ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު ޑަންޑަންލާފައި ހިތްތެޅެމުންދިޔައިރު އެ މޫނުމަތީވީ ސިހުމުގެ ކުލަވަރެވެ. އެ ކުއްޖާގެ ހާސްކަން ނަގައިގަނެވިފައި އެންމެން އެއްފަރާތްވުމަށް އޮފިސަރ އެންގިއެވެ. އެއާއިއެކު ކޮންމެވެސް މީހަކު އެކުއްޖާ އުރާލައިގެން ދުރުގައި އޮތް އެންބިއުލާންސްއާއި ދިމާލަށް ހިނގައިގަތެވެ. އޭރު އެހެން ދެ ފުލުހަކު މަރުވެފައިވާ މީހެއްގެ ހަށިގަނޑު ހިފައިގެން އެންބިއުލާންސް އާއި އަރާހަމަވީއެވެ. އެންބިއުލާންސްގެ ދޮރުގައި އެމީހާގެ ހަށިގަނޑު ނިވާކުރެވިފައިވާ ފޮތިގަނޑުގެ ކޮޅު އަޅައިގަތްއިރު ފޮތިގަނޑު ކެހި އެ މީހާގެ މޫނު ކަޝްފުވެގެންދިޔައެވެ. ފެނުނު މަންޒަރުން އެ ތުއްތު ސިކުނޑިއަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން ސިކުނޑި އެތިކޮޅުތަކަށް ބުރައިގެންދިޔަހެން ހީވިއެވެ. އެ މޫނުމަތިން ފެނުނު ސިހުމާއިއެކު ބިރުވެރިކަމުގެ އަސަރާއިއެކު އަޑުވީއްލާ ބާރަށް ރޮއެގަތްއިރު ހަބަރުހުސްވެގެން އެ ކުޑަ ހަށިގަނޑު ފުލުސްމީހާގެ އަތްމައްޗަށް ދެމުނެވެ.
*** *** *** *** *** ***
“ނޫން…” ހުވަފެނީ އާލަމާއި ހަގީގަތާއި ދެމެދު ގެބެމުންދިޔަ ހައިޒަލް ހޭވެރިވެގެންދިޔައިރު ސިއްސައިގެން ތެދުވެފައި އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. އޭރު ހަށިގަނޑަށް އަންނަމުންދިޔަ ލޮލުންތަކާއިއެކު ހައިޒަލް ފުންކޮށް ނޭވާލާންފެށިއެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުން ފެންނަމުންދިޔަ ސިހުމާއިއެކު މޫނުމަތިން ފެނުނީ ޝޮކެއްގައި އިންފަދަ ކުލަވަރެކެވެ. އަނދާ ސިފަވަކިނުވެވޭވަރުވެފައި އޮތް މޫނު އޭނަގެ ލޯކުރިމަތީ އަދިވެސް ފެންނަހެން ހީވެއެވެ. ދެއަތުން މޫނު ފޮރުވާލަމުން އަވަސް އަވަހަށް ހައިޒަލް އެސްފިޔަތައް ހަރަކާތްކުރަން ފެށީ އޭނާގެ ލޯމައްޗަށް ފެނުނު މަންޒަރު ލޯކުރިމަތިން ފުހެލަން ބޭނުންވެފައިވާފަދަ ގޮތަކަށެވެ. މިރޭ އޭނައަށް އެހެން ރޭޭރެއާއި ތަފާތު މަންޒަރެއް ފެނުނުއިރު އެ މަންޒަރު ހިތުން ފުހެލަން އުނދަގޫވާނެކަން ހައިޒަލް އަމިއްލައަށްވެސް އިނގުނެވެ.
ސިހުމުގެ ސަބަބުން އެއްވެސް ކަމެއް ނަގައިނުގަނެވުނުއިރު ސިކުންތުކޮޅަކަށް ހައިޒަލްގެ ހިޔާލަށް އައީ ނައިނާއެވެ. ހުވަފެނުގެ ސަބަބުން އޭނަ ޖެހިލުންވެ ނުތަނަވަސްވާ ވަގުތުގައި ނައިނާ އޭނައަށް ހިތްވަރުދީ އޯގާވެދޭ ގޮތެވެ. މިވަގުތުވެސް ނައިނާގެ އޯގާތެރިކަމަށް ހިތް އެދުނުއިރު ހުރިހާކަމެއް ހަނދާން ނައްތާލަމުން އަވަސްވެގަނެވުނީ ނައިނާ ގާތަށް ދިޔުމަށެވެ.
ކޮނޑުގައި އިން ޒަހަމްގައި ލޮނުޖެހުމުގެ ސަބަބުން ކޮނޑާއި ދިމާލުން ނަގަމުން ދިޔަ ވޭނުގެ ބޮޑުކަމުން އަނެއް އަތުން ކޮނޑާއި ދިމާލުގައި ހިފަހައްޓާލައިގެން ހުރެ ހައިޒަލްގެ ތުރުތުރުއަޅަމުންދިޔަ ހަށިގަނޑު ސީދާކޮއްލިއިރު މަޑުމަޑުން ކުރިއަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އޭރު ހަށިގަނޑުގައި އަޅަމުން ދިޔަ ތުރުތުރުއެޅުމުގެ ބޮޑުކަމާއިއެކު ލޯމައްޗަށް އަނދިރިވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް އަނބުރައިގަނެ ފާނެހެން ހީވެއެވެ. ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ކިލްޓްގެ ބަޔަކަށް އެރިފައި ހައިޒަލް އަރިއަޅާލިއިރު ހަށިގަނޑު ވަރުދޫކަމާއިއެކު އަމިއްލަ ސަލާމަތަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކަށިތައް މުގުރިގެންދާހާ ބާރަށް ބިންމަތީ ހަށިގަނޑު ޖެހިގެންދިޔައިރު ހައިޒަލް ލޯމަރާތަގުޅިކޮށްލަމުން ދަތްތަކަށް ބާރުކޮށްލީ ކޮނޑާއިދިމާލުން ނެގި ޒަވި ރިހުމަށް ކެތްނުކުރެވިގެންނެވެ. މަޑުމަޑުން ކޮނޑާއި ދިމާލުން ޓީޝާޓް ތެމެންފެށިއިރު ހައިޒަލްގެ ހަށިގަނޑުގެ ހަރަކާތް ހުއްޓެމުން ގޮސް ދެލޯމެރިގެންދިޔައެވެ.
*** *** *** *** *** ***
މަޑުމަޑުން ދިގު އެސްފިޔަތައް ހަރަކާތްކޮށްލަމުން ހައިޒަލް ލޯހުޅުވާލިއެވެ. އެއާއިއެކު އޭނައާއި ދިމާލަށް ގުދުވެގެން އޮތް ޒިވާންގެ މޫނު ފެނުނީ ފުސްކޮށެވެ. ދެތިންފަހަރަކު އެސްފިޔަތައް ހަރަކާތްކޮށްލުމާއިއެކު ލޮލުގައިވީ ފުސްކަން ކެނޑި ރީތިކޮށް މަންޒަރު ފެންނަން ފެށިއެވެ.
“ނައިނާ…” ހައިޒަލް ތެޅިގެންފައި ހަށިގަނޑު ސީދާކޮއްލިއިރު ޒިވާން ހައިޒަލްގެ މޭގައި އަތްއަޅާކޮއްޕާލަމުން އެކަން މަނާކޮށްލައިފިއެވެ.
“ކަމް ޓު ޔޯރ ސެންސް ހައިޒަލް… ތިވަރުވެފައި އޮތްއިރުވެސް ތިމާގެ ގަދަކަން ނުދެއްކިގެންތަ އަދިވެސް ތިއުޅެނީ… އަހަންނަށް މިރޭ ނާދެވުނުނަމަ… ޔޫ ވާރ ބްލީޑިންގް ޓު ޓެތް…” މިކްޔާލް ވާހަކަދައްކަމުންގޮސް ދޮރަށް އެތިފަހަރެއް ބޭލިގޮތުންވެސް ވަރަށް ގަދަޔަށް ރުޅި އައިސްފައިހުރިކަން ނަގައިގަނެވި ހައިޒަލް ހިމޭންވިއެވެ.
“ހައި ޔޫއަރ ވޭ ޓޫ އިރެސްޕޮންސިބަލް… ޔޫކުޑް ހޭވް ޓެމޭޗްޑް ޔުއަރ ސެލްފް… ވޫންޑް މުޅިން އިންފެކްޓްވެފައި އިނީ… އެވަރުވީއިރު ޑޮކްއަށް ދައްކާލިނަމަ…” ޒިވާންވެސް ހުރީ ހިތްހަމަނުޖެހިފައެެވެ. ހައިޒަލް މިހާ ފަރުވާކުޑަވެދާނެކަމަކަށް ޒިވާން ހިޔެއްނުކުރެއެވެ.
ހައިޒަލްގެ ހަށިގަނޑު ބަލިކަށިވެ ވަރުދޫވެފައިވާވަރުން ޒިވާން އައިވީ ގުޅާލަދިނެވެ. ތަދުކަނޑުވަން އިންޖެކްޝަންއެއް ދިނުމާއިއެކު ހައިޒަލްގެ ލޮލަށް ބަރުވާންފެށިއިރު މިކްޔާލްގެ އަޑުއިވުނީ ނުސާފުކޮށެވެ.
“ހައި.. ކޮނޑަށް ކިހިނެތް ހަދާފަހޭ އެއީ؟” މިކްޔާލް ދެވަނަ ފަހަރަށްވެސް ސުވާލުކުރިއިރު ހައިޒަލް އެއަޑު އިވޭކަމެއްވެސް ހަދާނުލާ އަނެއް ފަރާތަށް މޫނު އަނބުރާލަމުން ބާލީހުގެ ތެރޭ މޫނު ފޮރުވާލައިފިއެވެ. އެއާއިއެކު ނައިނާގެ ހަނދާންތައް ހުރިހާ ފަރާތަކުން އައިސް އޭނަ ވަށާލިއިރު ހައިޒަލްގެ ލޯތެމޭގޮތްވިއެވެ. ނައިނާއާއި ވަކިވުން މުޅި އުމުރަށްވެސް އޭނަގެ ހިތަށް ދަތިކުރާނެ ކަމަކަށްވާނެއެވެ. ދިރިހުރިހާ ހިނދަކު ނައިނާގެ ހަނދާންތަކުން އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މުޅިއުމުރު އޭނަގެ ހިތް ނައިނާގެ ހަނދާނުގައި ތެޅިފޮޅޭނެއެވެ. އޭނައަށް ކެތްކުރެވޭނީ ކިހިނެތް ހެއްޔެވެ؟
*** *** *** *** *** ***
ޖެހެމުންދިޔަ ލުއި ވައިރޯޅިތަކާއިއެކު ދެފަރާތަށް ލެބެމުން ކުރުނީސް ކުރަމުންދިޔަ ފެހި ގަސްތަކުގެ ތެރެއިން ހިނގާލައިފައި އައިސް ޝަލީން ކޮޓެޖްގެ ކުޑަ ފެންޑާކޮޅަށް އެރިއެވެ. ފެންޑާގެ ތަނބުތަކަށް އަރުވައިފައި ފެހިކުލައިގެ ވެޔޮތަކުގެ ތެރެއިން ހުދުހެދުމެއްގައި ހުރި ޝަލީން ފެންނަނީ މަލެއްފަދައެވެ. ޝަލީންގެ ރީތިކަމާއިއެކު ބަގީޗާއަށް އިތުރު ދިރުމެއްލިބިފައިވާހެން ހީވެއެވެ.
ޝަލީން ގޭގެ ޑޯރބެލްއަށް ފިތާލިތާ އިރުކޮޅެއްގެ ތެރޭގައި ޝަޔަމް އައިސް ދޮރުހުޅުވާލަމުން ބޯދިއްކޮށްލައިފިއެވެ. ޝަޔަމް އުނަގަނޑާއި ހަމައިން ތުވާލު އަނދެލައިގެން ހުރިއިރު އިސްތަށިގަނޑާއި ތަނަވަސް މޭގައި ފެންތިކިތައް ވިދަމުން ދިޔަގޮތުން ދެންމެ ފެންވަރާލައިގެން ނުކުމެގެން އައިހެން ހީވިއެވެ. އެ ހަށިގަނޑުން ދުވަންފެށި ޝަވަރޖެލްގެ މީރުވަހާއިއެކު މާތަކުގެ ވަސްވެސް ފަނޑުކޮށްލައިފިއެވެ.
“ކޮއްކޮތަ؟ ވަދޭ އެތެރެއަށް…” ޝަޔަމް އިރުކޮޅެއްވަންދެން ޝަލީންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ދޮރުހުޅުވާލަމުން ޝަލީން ވަންނަން ތަންދެއްކިއެވެ.
“ވަން މިނެޓް ތެރޭ އެބަ އަންނަން އިނގޭ ބޭބީ ސިސް…” ޝަޔަމް ޝަލީންގެ ކޮލުގައި ހިފާލުމަށްފަހު ވައިރޯޅިއެއްހާ ބާރުމިނުގައި ސިޑިންއަރައިގެން ގޮސް ނިވާވިއެވެ.
އިރުކޮޅެއްފަހުން ޝަޔަމް ރީތިވެލައިގެން އައިރު ޝަލީން އިނީ ލިވިންރޫމްގެ ސޯފާގައެވެ. ކުޑަމޭޒުމަތީ ބައިންދާލެވިފައިވާ ޕޮޓްގައި އިންދާފައިވާ ގަހުގެ ފަތްތަކާއި ކުޅެން އިނދެފައި ޝަޔަމް ފެނުމާއިއެކު ހިނިތުންވެލައިފިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ ހިނިތުންވުން ލޮލާއި ހަމަޔަށް ނުފޯރިއިރު ދިރުމެއްނެތް ލޮލުގެ ތެރޭ ޝަލީން ވަންހަނާކުރަމުންދިޔަ ހިތާމަތައް އެންމެ ނަޒަރަކުން ޝަޔަމް ދެނެގަތެވެ. ނަމަވެސް އެހާ ދުވަސްފަހުން ދިމާވިއިރު ކޮއްކޮގެ ތަބީއަތު ހަރާބުވާފަދަ ވާހަކައެއް ފަށާކަށް ޝަޔަމް ބޭނުމެއްނުވިއެވެ. ދެބެން ކޮފީއަށް އިންސާފުކުރުމަށް ސޯފާގައި ޖައްސާލިގޮތަށް އެތަށް ވާހަކައެއް ދެއްކިއެވެ. ގިނަވަގުތު ޝަލީން އިނީ ހިމޭންވެފައެވެ. ޝަޔަމްގެ ސުވާލަށް ޖަވާބުދިނުމުގެ އިތުރަށް އެދުލުން އެންމެ ބަހެއްވެސް ބޭރެއްނުވެއެވެ.
ޝަޔަމް ޝަލީންއާއި ވާހަކަދައްކަން އިނދެފައި ފޯނެއް އައިސްގެން އެއްފަރާތަކަށް ޖެހިލުމުން ޝަލީން ބެލްކަންޏަށް ނިކުމެލިއެވެ. ރޭގަނޑަށް މަރުހަބާކިޔަމުން އިރުގެ ދޯދިތައް އޮއްސިގެންދިޔައިރު ހަނދުނާރާތީ މަޑުމަޑުން ދުނިޔެ އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދިޔައެވެ. އުޑުމަތީ މިވަގުތު ރޭސްޖަހަމުންދާ ރަތްވިލާކޮލުތަކުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިއިރު ޝަލީންގެ ލޮލުގެ ތެރޭ ގައިދުވެފައިވާ ކަރުނަތައް މިނިވަންވެގަންނަމުން ކޯތާފަތްމައްޗަށް ލޫދިގަންނަމުންދިޔައެވެ. މަޑުމަޑުން ތުންފަތުގައި ޝަލީން ދަތްއަޅާލިއިރު އެ ލޮލުން ފެނިލީ އެތަށްހާސް ހިތާމައެވެ.
އުފާވެރިކަން އޭނައާއި މަޑުމަޑުން ވަކިވަމުންދާއިރު މިދުވަސްކޮޅު ދިމާވަމުންދާ ކަންތަކުން ބޯހާސްވާހެން ހީވެއެވެ. ދުވަސްތައް ދިގުދެމެމުންދާވަރަކަށް މަޔާންގެ ހަބަރެއްނުވެދާ ދުވަސްތައް އިތުރުވަމުންދާއިރު އޭނަގެ ސިކުނޑިއަށް ކުޑަވެސް ތަޞައްލީއެއްނުލިބެއެވެ. ބޭނުންނުވިޔަސް ނުބައި ހިޔާލުތަކުގައި އޭނާގެ ސިކުނޑި ބަދެވިގެންދަނީއެވެ. މަޔާންއަށް ނުރައްކަލެއް ކުރިމަތިވީކަމުގެ އިންޒާރު ތަކުރާރުކޮށް ސިކުނޑި ދެމުންދާއިރު އޭނަގެ ހިތަށް ލިބޭ ދަތިކަން ބަޔާންކޮށްދޭނޭ ގޮތެއް ނޭނގެއެވެ. އޭނަގެ ހިތުގެ ހަމަޖެހުން ހިފައިގެން މަޔާން ދުރުވިފަހުން ކަރުނަ އޭނާގެ ދިރިއުޅުމުގެ ބައެއްކަމުގައިވެގެން ގޮސްފިއެވެ.
“ޝަލީ…” ޝަޔަމްގެ އަޑާއިއެކު ޝަލީން އެނބުރިބަލާލިއިރު އަނދިރީގެ ތެރެއިންވެސް އެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ޝަޔަމްއަށް ސިއްރެއްނުވިއެވެ. ޝަޔަމް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޝަލީންގެ ކޯތާފަތް ފުހެލަދެމުން ދެފަރާތަކަށް ބޯހޫރާލިއެވެ.
“އަމިއްލަ ހައްގު ނިގުޅައިގަނެވިގެންދާއިރުވެސް ޝަލީ ތިހެން ހިމޭނުން ހުންނާނީތަ؟” ޝަލީންގެ ލޮލުން ފެނުނު ކުލަވަރު ތަރުޖަމާކުރަމުން ޝަޔަމް ވާހަކަދެއްކިއެވެ.
“ބޭނުމެއްނޫން ބައްޕައާއި މައްސަލަޖެހޭކަށް…” ޝަލީންގެ ކަރުނުން ފުރެމުންދިޔަ ދެލޮލުން އިސްއުފުލާ ޝަޔަމްގެ މޫނަށް ބަލާލިގޮތުން ޝަޔަމް ހުއްޓުންއަރާގޮތްވިއެވެ. ދުނިޔޭގައިވާހާ ހިތާމައެއް ކަރުނައިގެ ސިފައިގައި އެލޮލަށް ޖަމާވެފައިވާހެން ހީވެއެވެ.
“ޝަލީ ބުނެބަލަ ދޮންބެ ކީއްކޮށްދޭންވީ… ޝަލީއަށްޓަކައި ދޮންބެ ކޮންމެކަމެއްވެސް ކޮށްދޭނަން..” ޝަޔަމް ޝަލީންގެ މޫނުގައި ހިފަހައްޓައިލައިގެން ހުރެ ވާހަކަދެއްކިއެވެ. އެ ލޮލުން ފެނިލީ ކޮއްކޮގެ މައްޗަށް ހިތުގައިވާ ލޯތްބެވެ.
“ދޮންބެ ޕްލީޒް… ބައްޕައާއި ދެކޮޅަށް ކަމެއްނުކުރައްޗޭ… ބޭނުމެއްނޫން ޝަލީގެ ސަބަބުން ބައްޕައާއި ދޮންބެއާއި މެދު މައްސަލަޖެހޭކަށް…” ޝަލީން ޝަޔަމްގެ އަތުގައި ހިފަހައްޓާލަމުން އެ މޫނަށް ބަލާލިއިރު އެލޮލުން ފެނިލި އާދޭހުގެ ކުލަވަރުން ޝަޔަމް ހިނދުކޮޅަކަށް ގަނޑުކޮށްލިއެވެ.
“ޝަލީ… އެކަމް…” ޝަޔަމް ކުޑަކޮށް ހައިރާންވެފައިހުރެ ކިޔާލިއެވެ. ބައްޕައަށްޓަކައި ޝަލީންގެ އުފާތައް ގުރުބާންކުރުމަކީ އޭނައަށް ގަބޫލުުނުކުރެވޭޭނޭކަމަށްވާއިރު ޝަލީންގެ ވިސްނުން ބަދަލުކުރެވޭތޯ ޝަޔަމް މަސައްކަތްކުރިއެވެ.
“ވަރަށް ބޮލުގައި ރިއްސާ އެބަ… ދޮންބެ ޑްރޮޕްކޮށްލަދޭނަން ދޯ…” ޝަލީން އިތުރަށް އެވާހަކަދައްކަން ބޭނުންނުވާތީ ބަހަނާއެއް ދައްކާލަމުން ބެލްކަނިން ނިކުތެވެ. އޭނަ އެކަމާއި ވިސްނާކަށް ބޭނުމެއްނޫނެވެ. ބައްޕަމެން ބޭނުންވާގޮތަށް ކަންތައް ވިޔަ ދޭށެވެ. އޭނައާއިމެދު ވިސްނާ އެކަކުވެސް ނެތެވެ. އެންމެންގެ އިސްކަންދެނީ އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށެވެ. އަމިއްލަ ހައްގެއްގެ ގޮތުގައި ރައްކާތެރިކުރާނަންކަމަށް ވައުދުވެފައި މަޔާންވެސް އެހީއަށް ބޭނުންވީވަގުތު ފިލީއެވެ. އޭނަ އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟
*** *** *** *** *** ***
އުޑުމަތީގައި އަލިމަސްކަށިތަކެއްގެ ފަދަ ތަރިތަށް ފިޔަ ޖަހަމުންދިޔައިރު ސާދަވިލޭރޭގެ ހަނދު އޭގެ އެންމެ ސާއްބަކަމާއިއެކު މެދު އުޑުގައި ރަސްކަންކުރަމުންދިޔައެވެ. ހަނދުވަރުގެ އަލިން މުޅި ބިން ފެންވަރުވައިލައިފައިވާއިިރު އެ އަލީގައި ގަސްތަށް ވިދަމުންދިޔައީ ރިހި ފަތްގަނޑެއް ހެންނެވެ. ގަސްތަކުގެ ފަތްތަކުން ފުރޭނިގެން ބިމަށް އެޅިފައިވާ ކޮކާ ހަނދުވަރުން ބިންމަތި އަލިކޮށްލާފައިވެއެވެ. ހިމޭންވެފައިވާ ގަސްތަށް މަޑުމަޑުން ހަރަކާތްކުރަމުންދިޔައީ ނުތަނަސްވަމުންދިޔަ ހިތްތަކަށް ހަމަޖެހުމެއް ގެނެސްދެވޭތޯއެވެ.
އެކަނިވުމާއިއެކު ނައިނާގެ ހަނދާންތައް ހައިޒަލްގެ ސިކުނޑި ހިސޯރުކޮށްލުމުގައި ކާމިޔާބުކުރިއެވެ. ނައިނާއާއިއެކީ ހޭދަވި ހުރިހާ ވަގުތުތަކެއް ފްލޭޝްއެއްގެ ގޮތުގައި ލޯ މައްޗަށް ފެނިލިއިރު ހިމޭންކަމެއް ނުލިބިފައިވާ ސިކުނޑި އިތުރަށް ހަލަބޮލިކޮށްލިއެވެ. އުފާވެރި ހަނދާންތައް އާވެގެން ދިޔައިރު އެދުވަސްތައް އަނބުރާ ހޯދުމަށްޓަކައި ހައިޒަލްގެ ހިތް ތެޅިފޮޅިގަތެވެ. ލޮލަށް ކަރުނަތައް ގިނަވީއިރު އެއިން ކޮންމެ ހަނދާނަކުން މިއަދު ލިބުނީ ފުން ވޭނެކެވެ.
ހަމަހިމޭންކަން ވެރިވެފައިވާ މަގުމަތީ ސްކްނީ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގަމުންދިޔައިރު ފެންނަ މަންޒަރުތަކުންވެސް އާވީ ނައިނާ ހަނދާންތަކެވެ. އެކީގައި ހޭދަކުރެވުނު ވަގުތުތަކެވެ. އޭނަ ދިރިހުރިހާ ހިނދަކު އެ ހަނދާންތަކާއި ދުވަހަކު ދުރަކަށް ނުދެވޭނެއެވެ.
ދިގު ފިޔަވަޅުތަކެއްގައި އައިސް ޕާރކްއާއި އަރާހަމަވިއިރު ހައިޒަލްގެ ލޮލުގައި އަޅައިގަތީ ހައިޒަލްއަށް ފަސްދީގެން ބެންޗެއްގައި އިށީދެލައިގެން އިން އަންހެންކުއްޖާއެވެ. ފަހަތުން ފެނިފައިވެސް އެއީ ނައިނާކަން ދެނެގަންނާކަށް ހައިޒަލްގެ ސިކުނޑިއަކަށް ގިނަ ވަގުތެއް ބޭނުމެއްނުވިއެވެ. ކްރީމްކުލައިގެ ގަމިހަކާއިއެކު ކަނޑު ނޫކުލައިގެ ސްކްނީއެއްގައި އިންއިރު ވައިގެ ހަމަލާއަށް އުދުހެމުންދިޔަ ރީތި އިސްތަށިގަނޑުގެ ޖާދޫގައި ޖެހިފައި ހައިޒަލްއަށް އިރުކޮޅަކު ހުއްޓުން އަރާފައި ހުރެވުނުއިރު ބޭއިހްތިޔާރުގައި ނައިނާއާއި ގާތަށް ފިޔަވަޅުތަށް ނެގެން ފެށުނެވެ. މަޑު ފިޔަވަޅުތަށް ހިނދެއް ހިނދަކަށް ނައިނާއާއި ގާތްވަމުން އައިރު ހަައިޒަލްގެ ނަޒަރު ނައިނާގެ ހަށިގަނޑުން އެންމެ ހިނދުކޮޅަކަށްވެސް ނުނެއްޓެއެވެ. އެލޮލުގައިވީ އަސަރުތަށް މިރޭ ވަނީ އެއްވެސް ފޮރުވުމެއްނެތި ހާމަޔަށެވެ. އެދެލިކޮޅެއްފަދަ ލޮލުން ހައިޒަލްގެ ހިތުގެ ހާލު ސާފުކޮށް އަންގައިދެމުންދިޔައެވެ.
ސިކުނޑީގައި އައިސް ޖެހިގަތް ބިރުވެރި ހަނދާނަކާއިއެކު ހައިޒަލްގެ ފިޔަވަޅުތަށް ހުއްޓުން އެރިއިރު ނައިނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ހިތްހަލާކުކޮށްލާފަދަގޮތަކަށެވެ. ނައިނާ ކިތަންމެ ކައިރީވިޔަސް އޭނާއާއި ދުރުގައިވާކަން ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްކުރެވުނު ވަގުތުކޮޅެކެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަށްފަހު ހައިޒަލް އިސްޖަހާލުމަށްފަހު ފަސްއެނބުރި ހިނގައިގަތްއިރު ހައިޒަލްގެ ފިޔަވަޅުގެ ހިލަންވެގެން ނައިނާވެސް އެނބުރި ބަލާލީއެވެ.
“ހައިޒަލް…” ނައިނާގެ މޫނުމަތިން ފެނުނު ހައިރާންކަމާއިއެކު ހައިޒަލްގެ ނަން އެދުލުން ބޭރުވިއެވެ. އެއާއިއެކު ހައިޒަލް ނަގަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއްއައިރު އެ މޫނުމަތިން ތަފާތު އަސަރެއް ފެނިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.






sorry for the late update… kuda kameh ga busy veema aslu lasvee… hope mi baives kamudhaanekamah… thankss for waiting for the story… and feel free to comment… next part on friday night…
WOW… Mee mihaar mi site ga up kuraa ehme reethi vaahaka. ❤❤❤nxt part kiyaa hithun hurevenee eh noon..Mashaa Allah Sifakurun v molhu????????..
thankss dear… that means a lot for me… varh ufaavehjje vaahaka ehaa kamudhiyaima… lets wait for friday night
Alhe komme dhuvahaku mi story up kohdheyn v nun. Haizal n Nainaa dhuru nukurahche. Eyrun mi story read kurun huhtaalaanan. Dis iz my hrt tchin story. Keep it up.
dhiraves beynun vey konme dhuvahu kiyuntherin naai hama ah part eh genesdheynan… ekm mee adhi liyamundhaa vaahaka akah vaathee kudakoh undhagoo.. ehenve dhedhuvahun eh dhuvahu mi up kuranee.. naina and haizal ah vaagotheh balamaa dho… dhira ah ingey mihaaru vaahaka dhaa gothun baeh kudhin disappoint vaane kan… but insha allah i wont bring a dissapointing ending to this… hope you will look forward for it
Aachaaa varah salhi?keep it up dhiraa ???
thankss dear…
Wow salhi???
thankss dear
Shiam v nice name eh….. N story vx v reethi as usual…. Heyonuvaane… Dhn avahah alhaan beynunvaa kanthaha ninmaa…. Dhen marry kohfa divorce kohlaani… Eyrun amlkurevuniynu egn… Konme gothah hedhiyax nainaa aa haizal gulhuvaadhehchey ingye… Dhiraa sis….???
Thankss dear.. hingaa dho haizal kanthah kuraa gotheh balamaa
Mi vaahaka liyaa kujja inun othun hurun ran’galhah beynun kuran dhaskohlan feney. Varah un’dhagu vey kiyaa iru nubaikoh inun othun hurun beynun koffa huryma. Negative koh mi comment nunagaane kamah hykuran
I will try to correct those mistakes.. thankss for pointing out the mistakes.. took your comment positively
Mayaan gehligen miulhenee hai n nainaa dhuru nukurahchey vaahaka v v reethi waiting for the next part
mayaan ah vegen ulhey gotheh hama ingeynee mayaan ah… naina aai dhurah dhiyumakee hai ge aih mathee oih kameh nu… dhiraa bunaan ingey hai kairee naina dhookoh nulahjjey… keep waiting for friday night
Rangalhu Rangalhu….. Thi kuraa hiyvarah saabas ingey dhiraa……. Thigothuga kuriah dhey ingey
thnks
varah salhi. dhen kuriah othee hus sad parts dho. konme gotheh hadhaafa ves dhiraa sis vaane hurihaa couples ves patch up Kuran .waiting for the next????????????-
heheheh… baldee eh kairi ah laigen indey sad kamu roveynehen heevanya…. i will try my best ingey rai
thanks and love u
❤❤❤
Vv reethi ❤️❤️❤️???? waiting for next part
Thankss dear
Ma Sha Allah..Mi part vec haadha lwbi ey dhw Alhe..dhiraa haadha molhey dhw…..
Next part kiyaa hithun kehvanyky noon mihaaru..hehe..waiting????????????????????????????????????❤❤????????????????☯
Thankss dear… wait for tonight
Tonight kihaairakun ??waiting for next part..alhe dhiraa naina aa haizal ah ehn nadhaba dear
Mirey 8kaai 9 kaai dheytherey up kureveytho balaanan ingey.. faharehga e ah vure lasves vedhaane.. hai ah ehen hadhanee alhaanehnu
Mee amilla khiyaalee vaahakaehto nuvatha urudho vaahakaegge tharujamaatho. Sifakuruntah varahvatharu
Mee hama amihla hiyaalakah liyaa vaahaka eh.. not a copy dear.. dhira akee ehves varakah urdhoo ehjehi balaa urdhoo vaahakathah noonee eyge translations kiyaa kuhjeh noon… vaahakaige scenes thah characters and emeehun ge feelings e ee hama amihla hiyaalun sifa kohdheefa….its not copied…