އެވަގުތު އެމަގުންލާފައި އިޝާރުގެ ކާރުދުއްވާފައި ދިޔައިރު މަގުމައްޗަށް ނަޒަރު ހުއްޓާލެވުނު ގޮތަކުން ކާރުގައި އިން އިޝާރުގެ ދެލޯބޮޑުވެގެންދިޔައެވެ. ވަގުތުން ކާރު ހުއްޓަން އަމުރުކުރެއްވިއިރު ދެތިން ފަހަރަކު އެސްފިޔަތައް ހަރަކާތްކޮށްލެއްވުނީ ލޮލުގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ބަދަލުވޭތޯއެވެ. ފިރިހެނެއްގެ އަތުތެރޭ ގާތްގޮތަކަށް އެހުރި އަންހެންކުއްޖަކީ އޭނަގެ “ޝަލީ”އެވެ. ޝަލީންގެ ހަށިގަނޑު އެ ޒުވާނާގެ މޭގައި ޖެހި ބާރުވެފައިވާއިރު ޝަލީންގެ އިސްތަށިގަނޑު ވިނެވިފައިވާ ގޮތުންނާއި އެ ޒުވާނާގެ މޫނަށް ހިޔަނި އެޅިފައިވާގޮތުން އެޒުވާނާގެ މޫނު ފެންނަނީ ސާފުނުވާހާ ފަނޑުކޮށެވެ. އިޝާރުގެ ތޫނު ނަޒަރު އެޒުވާނާގެ މޫނާއި އަމާޒުވެފައިވީއިރު ލޮލުން ފެނިލެއްވި ރުޅިވެރިކަމާއިއެކު އިޝާރުގެ ތަނަވަސް ނިއްކުރިމައްޗަށް ރޫތަށް އަރައިގެންދިޔައެވެ.
މަޑުމަޑުން ޝަލީން މަޔާންއާއި ދުރުވެލިއިރު އަތުގުޅުވާލައިގެން އައިސް ކާރަށް އެޅިއެވެ. މަޔާން މަޑުމަޑުން ކާރު ދުއްވާލިއިރުވެސް އިޝާރުގެ ތޫނު ނަޒަރު ހުއްޓިފައިވާ އެދިމާލަށެވެ. އެ މޫނުމަތިން އޭރު ފެންނަމުންދިޔަ ކުލަވަރުން ފެނުނު މަންޒަރާއިމެދު ހިތްހަމަނުޖެހިލައްވާފައިވާކަން ހާމަވިއެވެ.
“އީތަން… ޝަލީންއާއިއެކީ މިރޭ ފެނުނު ފިރިހެންކުއްޖާގެ މައުލޫމާތު އަހަރެން ބޭނުންވޭ… މިރެއިން ފެށިގެން ޝަލީންގެ ކޮންމެ ފިޔަވަޅެއް އެންމެ ގާތުން ބަލަމުން އަހަންނަށް ޙަބަރުކުރަމުން ގެންދޭ…” މަޔާންގެ ކާރު ނިވާވަންދެން ބަލަހައްޓައިގެން އިނދެފައި ކާރުގެ ޑްރައިވަރ ސީޓްގައި އިން ޒުވާނާއާއި އިޝާރު އަމުރުވެރިގޮތަކަށް ވާހަކަދެއްކެވިއެވެ.
އީތަން އިޝާރުއަށް ޖަވާބުދާރިވުމުގެ ގޮތުން ބޯ ޖަހާލަމުން ކާރު ކުރިއަށް ދުއްވާލިއެވެ. އޭރު ބިއްލޫރިގަނޑުން ފަސްވަމުންދިޔަ މަންޒަރުތަކަށް ބަލަހައްޓައިގެން އިޝާރު އިންއިރު އެކި ހިޔާލުތަކުން ސިކުނޑި ހަލަބޮލިވަމުންދިޔައިރު މަޑުމަޑުން ސިކުނޑިއަށް ބާރުލަމުންދިޔައީ މިރޭ ޝަލީންއާއި ފެނުނު ޒުވާނާއާއި ބެހޭގޮތުން އެއްވެސް ކަމެއް ނަގައިގަނެވޭތޯއެވެ.
*** *** *** *** *** ***
އުޑުމައްޗަށް ބަނަވިލާތައް އެއްވަމުންދިޔައީ ކުރިމަތިވާން ތައްޔާރުވަމުންދިޔަ ތޫފާނުގެ އިންޒާރުތައް ދެމުންނެވެ. ހިނދެއް ހިނދަކަށް ވައި ބާރުވަމުންދިޔައިރު ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން ގަސްތަކުގައި ވައި އަޅުވާއަޑު އިވިލަނީ ނާމާންގޮތަކަށެވެ. އަނދިރިކަމަށް ގެނބިފައިވާ ބަގީޗާގެ ގަސްތައް ވަޔާއިއެކު ހަރަކާތްކުރަމުންދިޔައީ ކަޅު ހިޔަނިތަކެއް ފަދައިންނެވެ.
ބެލްކަނީގައި ރެއިލިންގައި އަތްއަޅުވާލައިގެން ޝާދީން ހުރިއިރު ހަލަބޮލިވަމުންދިޔަ މާހައުލުގެ އަސަރެއްވެސް ނުކުރާފަދައެވެ. ވައިގެ ހަމަލާތައް ކެތްނުވެގެން ދޫކޮށްލެވިފައިވާ އިސްތަށިގަނޑު ފަރާތް ފަރާތަށް އުދުހެމުން ދިޔައިރު ހެދުމުގައި ވައި އަޅުވަމުންދިޔައިރު ހެދުންވެސް ގަޔާއިވަކިވެ އުދުހިގެން ހިނގައިދާނެހެންހީވެއެވެ. ޝާދީންގެ ހިތުގައި މިވަގުތު ހިނގަމުންދިޔައީ ތަފާތު އިހުސާސްތަކެކެވެ. އެދެލޮލަށް ޖަމާވަމުންދިޔަ ހާސްކަރުނަތަކާއިއެކު ތުންފަތުގައި ދަތްއަޅަމުން މޭގައި ޖައްސާފައިވާ ފޮޓޯފްރޭމްއަށް ބާރުކުރަމުންދިޔައީ ކަރުނަތައް ހުއްޓުވަން ބޭނުންވެފައި ހުރިވަރުންނެވެ. އޭނަގެ ހިތްވަރުގަދަކަމާއިއެކުވެސް އެ ކަރުނަތައް ހުއްޓުމުގެ ކުޅަދާނަކަން ލިބިފައެއްނުވެއެވެ. އެތައް ދުވަހެއްފަހުން މިބިމަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު މާޒީގެ ހަނދާންތައް އޭނަ ވަށާލާ ލޮލުން ކަރުނައޮހުރުވަން ޖައްސައިފިއެވެ. ހަނދާނުން ފުހެލަން ބޭނުންވާ ދުވަސްތަކެއް ހަނދާންކޮށްދީގެން ފަސޭހަވަމުންދިޔަ ޒަޙަމްތައް ހުޅުވައިދީފިއެވެ.
ލޮލަށް ބޮޑިވި ކަރުނަތަަކަށް ކެތްނުވެގެން ސައިލެއްފަދައިން ކޯތާފަތްމަތިން ދެމިގަތްއިރު ޝާދީން މެއާއި ބާރުކޮށްލެވިފައިވާ ފޮޓޯ ފްރޭމްދުރުކޮށްލަމުން ފްރޭމްގައިވާ ފޮޓޯގަނޑުގައި އިނގިލިތައް ހިންގާލިއެވެ.
އެ ފޮޓޯގައި ތުއްތު ފިރިހެންކުއްޖެެއް އުރައިލައިގެން ހުރެ އަނެއް އަތުން ޝާދީން ގަޔާއި ކައިރިކޮށްލައިގެން ހުރި ޒުވާން އަންހެންކުއްޖާގެ މޫނުގައި އިނގިލިތައް ޖައްސާލެވުމާއިއެކު ޝާދީންއަށް ލޯމަރާލެވުނީ ހިތަށް ކުރި އަސަރަކުންނެވެ.
“ކުޑަމަންމާ….” ޝާދީންގެ ދުލުން ބޭރުވި ލަފްޒާއިއެކީ އަޑުކުރެހިގެންދިޔައެވެ. އެވަގުތުކޮޅު މާޒީ ލޯކުރިމަތިން ނިއުޅިގެންދިޔައީ ޝާދީންގެ ހިތްވަރު އިތުރަށް ބަލިކަށިކޮއްލަމުންނެވެ.
އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑުއިވުމާއިއެކު ޝާދީން ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އަތުން ފުހެލަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. ޓިޝޫއަކުން މޫނުމަތި ސާފުކޮށްލަމުން އަތުގައި އޮތް ފޮޓޯ ފްރޭމް ބާލީސްދަށަށް ލައި ނިވާކޮށްލުމަށްފަހު ޝާދީން މަޑުހިނގުމެއްގައި އައިސް ދޮރުހުޅުވާލިއެވެ. އެއާއިއެކު ހައިޒަލް “ދޮންތާއޭ” ކިޔާ ގޮވާލިއިރު ޝާދީންގެ ގައިގައި ހިފައިގަތެވެ.
“ހައި… ދޫކޮށްބަލަދެން… ދޮންތަ ވެއްޓިދާނެއޭ…” ހައިޒަލް ކުއްލިއަކަށް އެގޮތަށް ހިފައިގަތުމުން ހަށިގަނޑުގެ ބުރަދަން ހިފަހައްޓަން ނުކުޅާދާނަވެގެން ޝާދީން ދޮރުފަތުގައި އަތްވިއްދާލިއެވެ. އިރުކޮޅެއްފަހުން ހައިޒަލް ދުރުވެލިއިރު ޝާދީން ފެނިގެން އުފާވެފައިހުރިވަރު އެމޫނުމަތިން ހުރީ ސާފުކޮށް ފެންނާށެވެ.
“ގެޔަށް އައިތަނާ މެއިޑު ބުނެފި ދޮންތަ އަތުވެއްޖޭ… ރޫމްއަށްވެސް ނުގޮސް ދޮންތަ ކައިރީއަށް މިއައީ… ކީއްވެ ނުބުނެ އައީ…” ހައިޒަލް ނޭވާލުމެއްވެސް ނެތި އަވަސްއަވަހަށް ވާހަކަ ދެއްކިގޮތުން ޝާދީން ގާތަށް ހިނިއައެވެ.
“މިތާ ހުރެގެންތަ ދޮންތަައާއި ހުރިހާ ވާހަކައެއް ދައްކާނީ… އާދެ އެތެރެއަަށް…” ޝާދީން ތަންކޮޅެއް ބޮޑަށް ދޮރުހުޅުވާލަމުން ހައިޒަލް ވަންނަން ތަންދެއްކިއެވެ. ދެ ޒުވާނުން އައިސް ޖައްސާލީ އެނދުގެ ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ބޮޑު ސޯފާގައެވެ.
“ދެންކިޔާބަލަ…” ޝާދީން ލުއިހުނުމާއިއެކު ހައިޒަލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ދޮންތަގެ ލޯ ހާދަ ރަތޭ… ރޮއެފަތަ… ޓެލްމީ… މަންމަ އެއްޗެކޭ ބުނީތަ؟” ހައިޒަލް އިރުކޮޅެއްވަންދެން ޝާދީންގެ މޫނަށް ބަލަން އިނދެފައި ސީރިޔަސްގޮތަކަށް ބުނެލުމާއިއެކު ޝާދީން ވަގުތުން ދުރުބަލާލިއެވެ. އެވަގުތު ހައިޒަލް އެއްޗެކޭ ބުނިހެން ހީވެފައި ޝާދީން މޫނު އަނބުރާލަމުން ބަލާލިއިރު ހައިޒަލް ބަލަހައްޓައިގެން އިން ގޮތް ފެނިފައި ނޭނގިހުއްޓާ ހަށިގަނޑަށް ފިނިވެެގެންދިޔައެވެ. ނިއްކުރިއަށް އަރުވާލެވިފައިވާ ރޫތަކާއި ހަނިކޮށްލެވިފައިވާ ދެލޯ އަދި އެ ތޫނު ނަޒަރު އެހެން ފަރާތެއްގެ މަތިން ހަނދާންކޮށްދިންއިރު ހިނދުކޮޅަކަށް ހައިޒަލްގެ މޫނުން އެ ސޫރަ ފެނިލިހެން ހީވިއެވެ. ހައިޒަލްގެ ކޮންމެ އަދާއެއްގައި އެގޮތްތައް އެކުލެވިގެންދަނީ ހައިޒަލްއަށްވެސް ނޭނގިއެވެ.
މަޑުން މަޑުން ޝާދީން އަތްއުފުލާލަމުން ހައިޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެެވެ. ޝާދީންގެ ނަޒަރު ހައިޒަލްގެ މޫނަށް ހުއްޓުނުއިރު ހައިޒަލް އިނީ ޝާދީންއަށް ކުއްލިއަކަށް މިއައި ބަދަލު ނަގައިގަންނާނެ ގޮތެއް ނޭނގިފައެވެ.
“ހައި ވަރަށް ޗޭންޖްކަން އިނގޭތަ… މިހާރު ހީވޭ އޭރު ޔޫއެސްއިން ފެނުނު ބޯއީއެއްނޫންހެން…” ޝާދީންގެ ހައިޒަލްގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނދެ ވާހަކަދެއްކިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައިވެސް ހައިޒަލްގެ މޫނު ފެންނަ ކޮންމެ ވަގުތަކީ ޝާދީންއަށް އެ ސޫރަ ސިފަވާވަގުތަކަށް ވީނަމަވެސް މިފަހަރު ތަފާތެވެ. އެތަށްދުވަހެއްފަހުން ފެނިލިއިރު އެ ސޫރަ ކުރިމަތިން ފެނުނު ފަދައެވެ. ޒުވާންވަމުން އައިރު ހައިޒަލް އެސިފަތައް މުޅިންހެން މިލްކުކޮށްފިއެވެ.
“ވެދާނެ އެހާ ގިނަ ދުވަހު ހެޔަރ ކަލަރކޮށްގެން ހުރެފައި ކަޅުކޮށްލީމަކަމަށް… އެހެންނޫނަސް ދޮންތަ ނުބުންޏަސް ކުރިއަށްވުރެ މިހާރު ހޭންޑްސަމްކަން އިނގެޔޭ….” ހައިޒަލް އެއްލޯމަރާލަމުން ފޮނިވެލުމާއިއެކު ޝާދީން ކުޝަން ނަގާ ހައިޒަލްގެ ބުރަކަށީގައި ތަޅައިގަތެވެ. ހައިޒަލް ވަގުތުން ޝާދީންގެ ހަމަލާއިން ރެކެންވެގެން ހެމުން ހެމުން ތެދުވެ ދުއްވައިގަތްގޮތަށް ދެ ޒުވާނުން ކުޑަ ކުދިން ފަދައިން މުޅި ކޮޓަރި ކުޑަކުރިއެވެ. އޭރު ކޮޓަރިތެރޭ ހިފާލައިފައިވަނީ ދެޒުވާނުންގެ ހުނުމުގެ އަޑެވެ.
*** *** *** *** *** ***
ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނުއިރު އުޑުމަތި ބަނަކޮށްލުމުގައި ކާމިޔާބު ހޯދައިފައިވާ ބުރަހެލި ވިލާތަކުގެ ހަމަލާ ބިމަށް އަމާޒުވެގެންދިޔައެވެ. އަލްހާންއާއި އާއިލާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންދިޔައިރު ފުރާޅުގައި ވާރޭގެ ތިކިތައް ބޮސްދެމުންދާ އަޑު ހިމޭން މިޔުޒިކެއްފަދައިން ލިވިންރޫމްގެ ހިމޭންކަން ނަގާލައިފައިވެއެވެ. ފްރެންޗް ދޮރުތަކުގެ ފަރުދާތައް ކަހާލެވިފައިވާއިރު ފަޑުއަލީގައި ބަގީޗާގެ ގަސްތައް ވާރެއާއި ތެމެމުންދިޔަ މަންޒަރުން ފެންނަނީ ނުހަނު ޖާދުވީކޮށެވެ.
އަލްހާންގެ މޫނު މިރޭ އެހެން ރޭތަކަށްވުރެ އުޖާލާވެފައިވަނީ އެތަށް ދުވަހެއްފަހުން ހުރި ހަމައެކަނި އަންހެންދަރިފުޅު ފެނުމުންހެން ހީވެއެވެ. އަލްހާން ނުހަނު ޝައުގުވެރިކަމާއިއެކު ޝާދީންއާއި ވާހަކަދައްކަމުން ޝާދީންގެ ކިޔެވުމާއިބެހޭ ވާހަކަތައް އޮޅުން ފިލުވަމުންދިޔައިރު ދޭތެރެއަކު ހައިޒަލްއަށްވެސް ބަހެއް ބުނެލިއެވެ. އާއިލީ ވާހަކަތަށް ހިއްސާކުރެވެމުންދިޔައިރު ބާކީވެފައިއިނީ ރިހާނާއެވެ. ރިހާނާ ތަށީގެ ތެރޭގައި އޫ ހަރަކާތްކޮށްލަ ކޮށްލާއިރު ކެއުމާއި ގަޔާނުވެފައިވާހެން ހީވެއެވެ. އެ މޫނު ވިއްސާރަ ވިލާގަނޑެއްހާ ބަނަވެފައިވީ ހައިޒަލްގެ މޫނު ފެންނަ ހިިސާބުގައި އިންނަންޖެހުމުންނެވެ. އެމޫނާއި ނަޒަރުހަމާވާގޮތުން ރިހާނާގެ ކެތްތެރިކަން ކޮޅުންލައިގެންދާއިރު ސުފުރާދޫކޮށްދާން ކިތަންމެ ވަރަކަށްވެސް ބޭނުންވިއެވެ. ނަމަވެސް އަލްހާން ހިތްހަމަނުޖެހިދާނެއަތީ ތަނުގެ ނުތަނަވަސްކަން އުފެދިގެން ހިނގައިދާނެފަދަ ހަރަކާތެއްކޮއްލަންވެސް ރިހާނާއަށް އިނީ ނުކެރިފައެވެ.
ރިހާނާ ހައިޒަލްއަށް ކަޅިއަޅައިލައިގެން ހިމޭންވެފައި އިންއިރު ހިތާ ހިތާ ކިތަންމެ ވަރަކަށް ކުދިކިޔުނެވެ. އަލްހާން ހައިޒަލް މާގާތްކޮށްގެން އުޅުމަކީ ރިހާނާ އެއްވެސް އިރެއްގައި ރުހޭކަމެއްނޫނެވެ. ނަމަވެސް ރިހާނާގެ ހިތުގައި ހައިޒަލްގެ މައްޗަށް ނެތް ލޯތްބާއި ކުލުނު އަލްހާންގެ ހިތުގައި އޮންނާނޭކަމަކީ ރިހާނާއަށް އެކަމާއިމެދު ޝައްކުއުފެދޭކަމެއް ނޫނެވެ. އެކަމުގެ ސަބަބު ރިހާނާއަށް ރަނގަޅަށް އިނގުނުނަމަވެސް މިވީހާތަނަށްވެސް އެއީ ރިހާނާއަށް ބަލައިގަނެވޭވަރުގެ ކަމަކަށް ނުވިއެވެ. ހައިޒަލްގެ މައުޞޫއުއަކީ މިވީހާތަނަށްވެސް އަލްހާނާއި ރިހާނާއި ދެމެދު ދެބަސްވުންތައް ހިނގަންޖެހޭ މައިގަނޑު ސަބަބެވެ. ހައިޒަލްގެ މޫނު ފެންނަކޮންމެ ފަހަރަކީ ރިހާނާއަށް މާޒީ ހަނދާންވެގެންދާ ވަގުތުކޮޅަކަށްވާއިރު އޭނަގެ ރުޅިގަނޑު ހިލިގެންދަނީ ނޭނގިހުއްޓައެވެ. މާޒީގެ ގިލަންވެރިކަން ހަނދާންވެގެންދަނީ ހައިޒަލްދެކެ އަންނަ ރުޅި ދެގުނަކުރުވަމުންނެވެ. ރިހާނާ ޤަބޫލުކުރާގޮތުގައި ހައިޒަލް ފެންނަހާ ހިނދަކު އެހިތަކަށް ހަމަޖެހުމެއް ލިބުމެއްނެތެވެ. މާޒީގެ ގިލަންވެރިކަމާއި ވަކިވުމެއްނެތެވެ.
*** *** *** *** *** ***
ނައިނާ ހަވީރުވަންދެން ނިދާލައިފައި ތެދުވިއިރު އެ މޫނުމަތިން ފެނިލީ ނިންޖަށް ބޭނުންވެފައިވީކަމުގެ އަސަރުތަކެވެ. ހޭވިފައިވާ އިސްތަށިގަނޑާއިއެކު ނިދިން ބަރުވެފައިވާ އެސްފިޔަތަކާއިއެކުވެސް އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ތާޒާކަން ފެނިލިއެވެ. ނައިނާ ތަރުތީބުގެއްލިފައިވާ އިސްތަށިތައް އެއްކޮށްލަމުން ކަންނެތްގޮތަކަށް އެނދުން ފޭބިއެވެ.
ކޮޓަރިތެރެއަށް އެޅިފައިވާ އަލިކަން ފަޑުވެ އަނދިރިކަމަށް ގެނބެމުންދިޔައިރު އިރުއޮއްސެނީހެން ހީވެއެވެ. ނައިނާ އާފުރެމުންދިޔައިރު އަނގަމަތީ އަތްއަޅާލަމުން އެއްފަރާތަށް ދޮރު ކަހާލެވިފައިވާ ބެލްކަންޏާއި ދިމާލަށް ބަލާލިއެވެ. ވައިގެ ހަމަލާއާއިއެކު ބެލްކަނީގައި ދަމާލެވިފައިވާ ފަރުދާ ހިއްލިގެންދިޔައިރު ހައިޒަލް ބެލްކަނީގައި ހުރެފައި ފަސްއެނބުރި ބަލާލީއެވެ. ހައިޒަލްގެ ނަޒަރު ނައިނާގެ މޫނަށް ހުއްޓުނު ވަގުތުކޮޅު ނައިނާ “ވަން މިނެޓް”އޭ ބުނެލަމުން ފާޙަނައާއި ދިމާލަށް ދުއްވައިގަތެވެ.
ފަސްވަރަކަށް މިނެޓްފަހުން ނައިނާ ފާހަނައިން ނިކުމެގެން އައިރު އެ އޮމާން މޫނުމަތީގައި ފެންތިކިތައް ވިދަމުންދިޔައީ ޝަބްނަމަ ތިކިތަކެއް ފަދައިންނެވެ. ފަންއިސްތަށިގަނޑު މައްޗަށް ކަހާލެވިފައިވާއިރު ނުކިޔަމަންތެރި އިސްތަށިކޮޅުތައް ނިއްކުރިމަތީ ހޫރެމުންދިޔައެވެ.
“ކޮންއިރަކު އައީ…” ނައިނާ ބެލްކަންޏަށް ނިކުންނަން އަޅާލި ފިޔަވަޅާއިއެކު ފަހަތުން ހައިޒަލްގެ ބަނޑުގައި ދެއަތްއަޅުވާލިއެވެ. ނައިނާގެ މޫނު އެބައިމަތިފުޅާ ހަށިގަނޑުގައި ޖައްސާލިއިރު އެ ހަށިގަނޑުން ދުވަމުންދިޔަ ލުއި ލުއިވަހުން ނޭވާ އެތެރެއަށް ދަމާލެވުނެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި ދެލޯބިވެރިންގެ އެފަދަ ގާތްވެލުންތައް އިތުރުވެފައިވީނަމަވެސް ނައިނާ މިނޫނީ އިސްނަގާފައެެއް ނުވެއެވެ.
“އިރުކޮޅެއްވެއްޖެ… ނައިނާ ނިދާފައި އޮތީމަ ހިތަށް އެރީ ބެލްކަނީގައި މަޑުކޮށްލާނީއޭ… އެޕާރޓްމެންޓް ލޮކް ނުކޮށް ހުރީ…” ހައިޒަލް ނައިނާގެ އަތުގައި ހިފާ ކުރިމައްޗަށް ގެނައެވެ. އެއަޑުގައިވީ ހިތްހަމަނުޖެހުމުގެ އަސަރާއިއެކު ނައިނާއަށް ބަލާލީ ފިނިނަޒަރަކުންނެވެ.
“ދައްތަ އަންނާނެކަމަށް ސޯފާގައި އިނދެފައި ރޫމްއަށް އައިތަނާ ނިދުނީމަ…” ނައިނާ ބުނެލިއެވެ.
“ކަންކަމާއިމެދު އެހާ ފަރުވާކުޑަނުވެބަލަ ނައި… ބުނެފައެއްނޫންކަންނޭނގެ މިތަނަށް މީހަކު ވަދެގަންނާނީކީ… ދެން ނުބުނާތި ތިމަންނައަަށް މާޝަލް އާރޓްސް އިނގެޔޭ… އެކަހަލަ ކަންކަން އެހާ ސިންޕަލްކޮށް ނަގާތީ އަހަރެން ރުޅިގަދަވޭ… އަހަރެން ނޫން މީހަކު ނައިނާގެ ގައިގައި އިނގިލިކުރި ޖައްސާލާކަށްވެސް ނުރުހެވޭނެ… ބިކޯޒް ޔޫއަރ އޮންލީ މައިން…” ހައިޒަލް ގެނެސް މޭގައި ޖައްސާލަމުން ވާހަކަދެއްކިއެވެ. އެ ބަސްތަކުން އެކަނިވެސް ހައިޒަލް ނައިނާ އަމިއްލަކޮށްލިވަރުވީ ހާމައަށެވެ. ނައިނާ ހައިޒަލްގެ ހަށިގަނޑުގައި ދެއަތުން ހިފަހައްޓާލިއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެ ބަސްތަކުން ލިބުނު އުފަލާއިއެކު ހައިޒަލްގެ އަޅާލުންތެރިކަމުން ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ހައިޒަލް ފުރަތަމަ ފަހަަރަށް އޭނަގެ ކުރުނަމުން ކިޔާލީތީވެސް ތަފާތުކަމެއް އިހުސާސްވިއެވެ.
ހިނދުކޮޅެއްގެ ބައްދާލުމަށްފަހު ހައިޒަލް ނައިނާއާއި ދުރުވެލަމުން އެ މޫނުމަތީ އިނގިލިތައް ހިންގާލިއެވެ. ނައިނާގެ މޫނަށް ނިވާއަޅާފައިވާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން ހައިޒަލް ހިނިތުންވެލިއެވެ. އެ ރީތި ހިނިތުންވުމާއިއެކު މޫނު އަލިވެގެންދިޔަގޮތުން ނައިނާއަށް އެ ރީތި މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ހައިޒަލްގެ އެންމެ ފުރިހަމަ ހިނިތުންވުން ނައިނާއަށް ފެންނަން މިފެށީ އަދި ކިރިޔާއެވެ.
“ހައިރާ ދައްތަައަކީ ނައިގެ އާންޓްއެއްތަ؟” ހައިޒަލް ސުވާލުކޮށްލިއެވެ.
“ހަނދާންހުންނަން ފެށީއްސުރެ އެކީގައި އުޅޭތީ ޝީޒް ލައިކް ފެމެލީ…” ނައިނާ ކުޑަކޮށް ހީލަމުން ޖަވާބުދިނެވެ. ބެލްކަނީގެ ރެއިލިންގައި ނައިނާ ލެގިލައިގެން ހުރިއިރު މިވަގުތުވެސް ނަޒަރު ހުއްޓިފައިވަނީ ހައިޒަލްއަށެވެ. އިރުގެ ރަންދޯދިތަށް މޫނަށް އެޅި އެދެލޯ ވިދަމުންދިޔަގޮތުން އެލޮލަށް ބަލަހައްޓައިގެން ހުރުމަށް ނައިނާގެ ހިތް އެދުނެވެ. އަބަދާއި އަބަދު ކޯޓްއާއި ފަޓްލޫނުގައި ރަސްމީކޮށް ފެންނަ ޒުވާނާ މިއަދު އަތްކުރު ޓީޝާޓަކާއި ސްކްނީއެއްގައި ހުރިއިރު ކިތަންމެހާވެސް ތަފާތުކަމަށްދައްކައެވެ. ޓީޝާޓްގެ އަތާއި ދިމާލުން ހިފާލައިފައިވާއިރު ރެއިލިންގައި އަތްވިއްދާލައިގެން ހުރި ގޮތުން ވަރުގަދަ މުލައްދަނޑީގެ ފުރިހަމަކަންވަނީވެސް ހާމައަށެވެ. ނައިނާގެ މަޑުމަޑުން ހައިޒަލްގެ މުލައްދަނޑީގައި އިނގިލި ހިންގާލިއިރު އިނގިލިތަކަށް ހުއްޓުމެއް އައީ ހައިޒަލްގެ ކޮނޑުން ފެށިގެން އުޅަބޮއްޓާއި ހަމަޔަށް ދެމިފައިވާ ދިގު ލަކުނު ލޮލުގައި އަޅައިގެންފައެވެ.
“މިއީ ކިހިނެތްވެފައި އިން ތަނެއް…” ނައިނާ ލަކުނުގައި އަތްޖައްސާލައިގެން ހުރެ ސުވާލުކޮށްލިއެވެ.
“ނޭނގެ ބާރތްމާކްއެއް ކަންނޭނގެ…” ހައިޒަލް އަތަށް ނަޒަރެއް ދެމުން ބުނެލިއެވެ.
“ބާރތްމާކް މިހާ ބޮޑުކޮށް އިނދޭތަ؟ ހީވަނީ ބާންވެފައިހެން ނޫނީ ތޫނު ތަނެއްގައި އަޅައިގަނެފަ އިންތަނެއްހެން…” ނައިނާ ހައިޒަލްގެ އަތުގައި އިން ލަކުނަށް ބަލަހައްޓައިގެން ހުރެއެވެ. އެހާ ދިގުކޮށް ރޮނގަކަށް ލަކުނު އިންގޮތުން ބޮޑަށް ހީވަނީ ތޫނު ތަނެއްގައި އަޅައިގަނެފައިވާ ފުންކޮށް ކަފައިގެންގޮސްފައި އިންތަނެއްހެންނެވެ. ނައިނާގެ ހައިޒަލްގެ އަތް ދެފަރާތަކަށް އަނބުރަމުން އެ ލަކުނު ރަނގަޅަށް ދިރާސާކުރިއެވެ. ކޮންމެވެސް ސަބަބާއިހުރެ ނައިނާއަށް އެ ޒަހަމް ހައިޒަލްގެ މާޒީއާއި ގުޅުވާލެވުނެވެ.
އިރުގެ އެންމެ ފަހު ދޯދިތައް އޮއްސިގެންދިޔައީ ހައިޒަލްއާއި ނައިނާ ބެލްކަނީގައި ކޮފީ ބޯން ތިއްބައެވެ. މަޑުމަޑުން ބެލްކަނީގެ ކުޑަ މޭޒުކޮޅުގައި ބަހައްޓާލެވިފައިވާ ސޭންޑްވިޗްތަށި ހުސްވަމުންދިޔައެވެ. ހައިޒަލް ބެލްކަނީގެ ރެއިލިންގައި އެއްއަތްއަޅުވާލައިގެން ހުރިއިރު ނައިނާ ހުރީ ހައިޒަލްގެ ގަޔަށް ލެގިލައިގެންނެވެ. އޭރު ޖެހެމުންދިޔަ ލުއި ވައިރޯޅިތަކާއިއެކު ފަޒާގައި ހިފަމުންދިޔައީ ކޮފީގެ މީރުވަހެވެ.
*** *** *** *** *** *** ***
އުޑުމަތި ރީތިކޮށް އޮތްއިރު ހަނދު އެންމެ ފުރިހަމަކަމާއި އެކީ މެދު އުޑުގަ ރަސްކަންކުރަމުން ދިޔައެވެ. ޖަވާހިރުތަކެއްފަދަ ކުދި ތަރިތައް ހަނދުވަށައިގެން އެތުރިލައިގެން ތިބެ ފިޔަ ޖަހަމުންދިޔައެވެ. ޖެހެމުންދިޔަ ފިނިރޯޅިތަކުގައި ހިފާލައިފައިވަނީ ރޭގަނޑަށް ފޮޅޭ މާމަލުގެ ލުއި ވަހެވެ.
ހައިޒަލް ޓެރެސްގެ ފާރުގައި ލެގިލައިގެން ހުރިއިރު އެދިމާއަށް ހިޔާއަޅާފައިވާ ގަހުގެ ހިޔަނިން ޓެރެސް އަނދިިރިކަމަށް ގެނބިފައިވާއިރު ހައިޒަލް ފެންނަނީ ހިޔަންޏެއް ފަދައިންނެވެ. ހައިޒަލް ނައިނާގެ ކޯލްއެއްގައި ހުރިއިރު އެ ތުންފަތްމަތީވަނީ އެންމެ ރީތި ހިނިތުންވުމެވެ. ހައިޒަލް ނައިނާއާއި ވާހަކަދައްކަމުންދިޔައީ ނުހަނު ލޯބިން ގާތްގޮތަކަށެވެ.
“އައި ލަވް ޔޫ…” ހައިޒަލް އެ ޖުމްލަތައް ބުނެލި ނައިނާ ފޯނު ބޭއްވިކަން ޔަގީންކޮށްފައެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އަދިވެސް އެ ބަސްތައް ނައިނާއަށް އިއްވުމަށް ހައިޒަލް ފަސްޖެހޭގޮތްވަނީއެވެ. ހައިޒަލްގެ ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު މަޑުމަޑުން ތިރިކޮށްލިއިރު މޫނު އުފުލާލަމުން ތަރިތައް ފިޔަޖަހަމުންދިޔަ އުޑަށް ނަޒަރު ހުއްޓާލިއެވެ. މަޑުމަޑުން ތުންފަތުގައި ކުރެހިގެންދިޔަ ހިނިތުންވުމާއިއެކު ހައިޒަލް ލޯމަރާލިއެވެ.
އިރުކޮޅެއްވަންދެން ހައިޒަލްގެ ހަރަކާތްތައް ދެކެން އެއްފަރާތެއްގައި ހުރެފައި ޝާދީން ޓެރެސްއަށް އަރައިގެން އައިރު އެ ލޮލުން ތަފާތު ވިދުމެއް ފެނިލިއެވެ.
“ގާރލްފްރެންޑްތަ؟” ދާދި ގާތުން ޝާދީންގެ އަޑުއިވުމާއިއެކު ހައިޒަލް ސިހިފައި ލޯހުޅުވާލަމުން ބަލާލައިފިއެވެ. އޭރު ޝާދީންގެ ނަޒަރު ހައިޒަލްގެ މޫނާއި އަމާޒުވެފައިވީގޮތުން ހައިޒަލްގެ މޫނަށް ވެރިވެގެން އައި ތަފާތު ކުލަވަރާއިއެކު ވަގުތުން ދުރުބަލާލައިފިއެވެ. އެއާއިއެކު ޝާދީން ލުއިގޮތަކަށް ހީލިއެވެ.
“ގާރލްފްރެންޑްކަން ޔަގީންވީނު… ޝީ ސީމްސް ސްޕެޝަލް ޓް ޔޫ…” އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ހައިޒަލްގެ ސިއްރު ޝާދީން މިފަހަރުވެސް ހޯދައިގަތީ ނުހަނު ފަސޭހަކަމާއިއެކުގައެވެ. ހައިޒަލް ފޯނުންދެއްކި ވާހަކަތަކަށް ޝާދީން އަޑުއެހިއިރު އެ އަޑުގައި އެކުލެވިގެންވީ ތަފާތު އަސަރުންވެސް ހައިޒަލްގެ ހިތުގައި އެއަންހެންކުއްޖާއަށް ދެވިފައިވާ މަޤާމް ޝާދީން ނަގައިގަތެވެ. ހައިޒަލް ފޯނު ބާއްވަމުން “އައި ލަވް ޔޫ”އޭ ބުނެލިއަޑު ސާފުކޮށް އޭނާއަށް އިވުނެވެ.
ޝާދީންގެ ޖުމްލަތަކާއިއެކު ހައިޒަލް ސިހިފައިކަހަލަގޮތަކަށް ޝާދީންގެ މޫނަށް ބަލާލިއެވެ. އޭރު އެ މޫނުމަތިން ފެނިލި ލާނެތް ކުލަވަރާއިއެކު ހުރިހާ ވާހަކަަތަކެއް އަޑުއަހައިފިކަން ހައިޒަލްއަށް ޔަގީންވިއިރު މަޑުމަޑުން ތުންފަތުގައި ދަތްއަޅާލިއެވެ.
“ދެން ދޮންތާ…” ޝާދީން ނަޒަރުވަކިކޮށްލުމެއްނެތި ހައިޒަލްގެ މޫނަށް ނަޒަރުހުއްޓާލައިގެން ހުންނަން ފެށުމާއިއެކު ހައިޒަލް ދަމާލައިފައި ޝާދީންއަށް ގޮވާލީއެވެ.
“ދެން ދޮންތަ ގާތު ބުނެބަލަ… ޝީޒް ސްޕެޝިއަލް ނޫންތަ؟” ޝާދީން ހައިޒަލްގެ ޖަވާބަކަށް ކެތްތެރިކަން ކުޑަވެފައި ހުރިކަހަލަގޮތަކަށް ހައިޒަލްގެ އަތުގައި ހިފާ ތަޅުވައިގަތެވެ.
“އައި ޑޯންޓް ނޯރ ހައު… ބަޓް އާފްޓަރ އައި މެޓް ހާރ އައި ޖަސްޓް ކާންޓް ތިންކް އެބައުޓް އެނީވަންސް އެލްސް…” ހައިޒަލް ބެލްކަނީގައި ދެއަތުން ހިފަހައްޓާލިއިރު ހުވަފެނީގޮތަކަށް ބުނެލިއެވެ. އެވަގުތު ޝާދީންގެ މޫނުމައްޗަށް ވެރިވި އެންމެ ފުރިހަމަ ހިނިތުންވުމާއިއެކު ހައިޒަލްގެ އަތުގައި ހިފާ ބާރަކަށް ތަޅުވައިގަތެވެ. އެއާއިއެކު ހައިޒަލް ފަސްއެނބުރިބަލާލިއިރު ދެޒުވާނުންގެ ނަޒަރު ސީދާވެގެންދިޔައިރު ހައިޒަލްގެ ސިއްރު ޝާދީންގެ ކުރިމަތީގައި ބޭޒާރުވެގެންދިޔަކަން ނަގައިގަނެވިފައި ހައިޒަލްއަށް ލޮލަށް ގޮތެއް ހަދާލެވުނެވެ.
“ބަސްޓްވީނު… ދެން ދޮންތައަށް ދޮގުހަދަން ހިތަށްވެސް ނާރުވައްޗޭ…” ހައިޒަލް ޝާދީން އޮޅުވާލަން އުޅުމާއިއެކު ޝާދީން ވަގުތުން އެކަން މަނާކޮށްލިއެވެ. އެއާއިއެކު ހައިޒަލްއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން “ދޮންތަ” ގޮތްދޫނުކުރާނެކަން ޔަގީންވީއިރު ހައިޒަލް ހަތިޔާރު ބެހެއްޓިއެވެ.
“ނައިނާ… އައި ލައިކް ހާރ…” ހައިޒަލްގެ ތުންފަތްމައްޗަށް ވެރިވެގެން އައި އެންމެ ރީތި ހިނިތުންވުމާއިއެކު ބުނެލިއިރު ޝާދީން ކުޑަ ހަޅޭކަކާއިއެކު ހައިޒަލްގެ ގައިގައި ހިފައިގަތެވެ.
“ރިއަލީ… އައިމް ސޯ ހެޕީ ފޯރ ޔޫ ހައި…” ޝާދީން ނޭނގޭފަދަ ފޯރިއެއް އައިސްފައިހުރިއިރު ދުވަހަކު މިހާ އުފާވި ހަނދާނެއްނުވިއެވެ. ރިހާނާގެ ސަބަބުން ހައިޒަލް ހޭދަކުރި އެކަނިވެރި ދުވަސްތަކަށްފަހު އެ ހަޔާތް ހުޅުދާންކޮށްލަދޭން އަންހެންކުއްޖަކު އަންނާނޭ ދުވަހަކަށް ހައިޒަލް ޒުވާން އުމުރަށް އެޅުނީއްސުރެ ޝާދީން އިންތިޒާރުކުރިއެވެ. އޭރު ހައިޒަލް އަންހެންކުދިންނަށް ކުރާ ނަފްރަތާއިއެކު އަންހެންކުދިންވީ ހައިޒަލް ކުޅެލަން ބޭނުންކުރާ ބަޔަކަށެވެ. ހަފްތާއަކަށް އަންހެންކުއްޖަކު ގެންގުޅޭއިރު ހައިޒަލްގެ ހިތުގައި އަންހެންކުއްޖަކާއިމެދު އިހުސާސްއެއް އުފެދޭނެދުވަހެއް އަންނާނެކަމަށް ޝާދީން ކުރި އުއްމީދުވެސް މިލައިގެންދިޔައެވެ. އެހެންހުއްޓާ ހައިޒަލްގެ ހިތުގައި އަންހެންކުއްޖަކާއިމެދު ވިންދު ޖަހަންފެށުމަކީ އެކަމުން ޝާދީންއަށް ނުހަނުބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމެކެވެ.
މިފަހަރު ހައިޒަލްގެ ފެނުނީއްސުރެ މިވީ ކުޑަ ދުވަސްކޮޅު ހައިޒަލްއަށް އައިސްފައިވާ ބަދަލުތައް އޭނައަށް ފާހަގަވާއިރު އެކަމުގެ ސަބަބު ޝާދީން ނަގައިގަނެވުނީ އެވަގުތުކޮޅެވެ. ހައިޒަލްގެ ތުންފަތްމައްޗަށް އަބަދުހެން ވެރިވާ ހިނިތުންވުމާއި މިހާރަކަށް އައިސް އަބަދުހެން ފެންނަ ހަލަބޮލިކަން ނައިނާއާއި ގުޅުވާލެވުނުއިރު ޝާދީންގެ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ.
އިރުކޮޅެއްފަހުން ޓެރެސްގައި ފަތުރާލެވިފައިވާ ގްރާސް ކާރޕެޓްމަތީ ދެޒުވާނުން ދިގުދެމިލިއިރު ޝާދީން ނުހަނު ގަޔާވެފައި އޮވެ ނައިނާ ބެހޭގޮތުން ހައިޒަލް ގާތުން އޮޅުންފިލުވިއެވެ. ހައިޒަލްގެ ދުލުން އެނަން އިވުނީއްސުރެ ނައިނާއަކީ ލޯބިވާކުއްޖަކަށް ވެގެން ހިނގައްޖެއެވެ. ހައިޒަލް އުޑަށް ނަޒަރުހުއްޓާލައިގެން އޮވެ ނައިނާގެ ވާހަކަދައްކަމުންދިޔައިރު އެ ތުންފަތަށް ވެރިވެފައިވީ ރީތި ހިނިތުންވުމާއިއެކު ރީތި މޫނު އުޖާލާވެފައިވާ ގޮތުން ޝާދީންއަށް ބަލަހައްޓައިގެން އޮވެވުނީ ތަފާތު ނަޒަރަަކުންނެވެ. އެ ލޮލުގައި ނަށަނަށާ ހުރި އުފާވެރިކަމުން ޝާދީންގެ ހިތަށް ފިނިކަމެއް ލިއްބައިދިނެވެ.
ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުންތަރި ބަލަހައްޓައިގެން އޮވެ ޝާދީން މާޒީ ހަނދާންކުރިއެވެ. ހައިޒަލް ކުޑައިރު ނުނިދަން ގަދަހަދައިލައިގެން އުޅޭ ރޭރޭ އެގޮތަށް ދެކުދިން ކާރޕެޓްމަތީ ދެމިލައިގެން ތިބޭއިރު ޝާދީން ވާހަކަ ކިޔައިދޭ ހަނދާންވެފައި ހައިޒަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އޭރުވެސް ދޮންތަ އަމިއްލަ ނިދި ގުރުބާންކޮށްފައި އޭނައާއި ހެދި އުޅުނުވަރު އިހުސާސްވެފައި ޝާދީންގެ މައްޗަށް ހިތުގައި އޮތް ލޯބި ދެގުނަވިއެވެ. އެހާ ކުޑައިރުވެސް ޝާދީން އޯގާތެރިކަމާއި އަޅާލުންތެރިކަމުން މަޔެއް ފަދައެވެ. ހައިޒަލްގެ ހުރިހާކަމެއް އެހާ ލޯބިންކޮށްދިނެވެ.
“އެހާ ކްލޯސްކޮށް އުޅެފައި ދޮންތަ ދިޔައިމަ މިސްވީވަރެއް ނޭނގެ… ދޮންތަ އެއްކޮށް ކިޔަވާ ނިމިގެން އަންނާނެ ދުވަހަކަށް އެދުވަހުއްސުރެ އިންތިޒާރު މިކުރަނީ…” ހައިޒަލް ޝާދީންގެ މޫނަށް ބަލާލަމުން ބުނެލިއިރު ޝާދީން ހިތިގޮތަކަށް ހީލިއެވެ. އެނބުރި ރާއްޖެއަށް އައުމަކީ ޝާދީން ދުވަހުގެ ކޮޅުންވެސް ކުރަން ބޭނުންވާކަމެއްނޫނެވެ. އޭނަގެ ހިތި މާޒީ މިބިމުގައި ވަޅުލެވިފައިވާއިރު އޭނަ ބޭނުންވަނީ މި ބިމާއި ވީހާވެސް ދުރަށް ދާށެވެ. އޭނަގެ މާޒީ އަލުން އިޔާދަވެދާނެކަމެއް ކުރާކަށް ޝާދީން ބޭނުމެއްނޫނެވެ. ވޭތުވެގެންދިޔަ ދުވަސްތަކުގައި ކިޔެވުމާއި ވަޒީފާގެ ކަންތަކާއި ބޯހާސްކޮށްގެން އެ ހިޔާލުތަކާއި ދުރުގައި އުޅުމުގައި އޭނަ ކާމިޔާބުކުރިއެވެ.
ދަންވިފަހުން ހައިޒަލްއާއި ޝާދީން ތިރިއަށް ފައިބައިގެން ތިންވަނަ ފްލޯރގެ ކޯރިޑޯއިން ހިނގާލައިފައި އައިރު ވަކި ހިސާބަކުން ހިނގުން މަޑުޖެހިލިއެވެ. ތިންވަނަ ފްލޯރއަކީ ހައިޒަލް ހަނދާން ހުންނަން ފެށީއްސުރެ ފަޅުކޮށް ދޫކޮށްލެވިފައިވާ ބައެކެވެ. އަލްހާން އެއްވެސް އިރެއްގައި ގޭގެ ބައެއްްގެ ގޮތުގައި އެ ފްލޯރ ބޭނުންނުކުރާއިރު ތުއްތުއިރުއްސުރެ ހައިޒަލް މެންނަށް އެބަޔަށް ދިޔުން އޮންނަނީ މަނާކޮށްލާފައެވެ. އެ ބައިގައި ގުދަނެއް ހަދާ އޮފީސް ސާމާނުތައް ލާފައިވާކަމުގެ ބަހަނާދައްކާލައިފައި އޮތުމުން އޭރުއްސުރެ ހައިޒަލް އެތަނަށް ދާކަށް ނޫޅެއެވެ. މިހުރިހާ ދުވަސްވާންދެންވެސް އެކަން އެގޮތަށް ދެމިއޮތްއިރު މިހާރަކަށް އައިސް އެބައި ފެންނަ ކޮންމެ ފަހަރަކު އެބައިގައިވާ ސިއްރު ދެނެގަތުމުގެ ޝައުގުވެރިކަމެއް ހައިޒަލްގެ ހިތުގައި ހިނގައިގަނެއެވެ. އެހާ ދުވަސްވަންދެން އިތުރު މީހަކަށް ވަނަނުދީ އަލްހާން އެބައިގައި ރައްކާކޮށްގެންއުޅެނީ ކޮންއެއްޗެއްތޯ ހައިޒަލް ބަލާލާހިތްވިއެވެ.
ގޭގެ އެހެން ފްލޯރތަކާއި ހިލާފަށް މިރޭވެސް އެބައި ފަޑުއަލިކަމަކަށް ގެނބިފައިވާއިރު އެތާ ރަސްކަންކުރަމުން ދިޔައީ ފަޅުކަމެވެ. ޝާދީން ވަށައިގެން ނަޒަރު ހިންގަމުންދިޔައިރު ހައިޒަލް ވާހަކަދެއްކުމާއިއެކު ހައިޒަލްއަށް ނަޒަރުހުއްޓޭގޮތްވިއެވެ. އެވަގުތު ހައިޒަލްގެ އަތުގައި ދިގަށް ދެމިފައިވާ ލަކުނު ދައްކާލަމުން ހައިޒަލްކޮށްލި ސުވާލުން ޝާދީން ހުއްޓުންއެރިއިރު އަރުތެރޭ ނޭވާ ތާށިވެގެންދިޔަހެން ހީވިއެވެ.
“ވަރަށް ބޮޑު ސްކާރއެއްދޯ… ލޯންގް ސްލީވްސް ލާތީ ދޮންތައަކަށް ނުފެނޭދޯ… އަސްލު ކިހިނެތްވެފައި އިންތަނެއްކަން ދޮންތައަށް އިނގޭތަ؟” ކޯރިޑޯއަށް ވެރިވެފައިވާ ފަޑުއަލިކަމުގައި ޝާދީންގެ މޫނަށް ވެރިވި ކުލަވަރު ހައިޒަލްއަށް ސިއްރުވެފައިވީއިރު ހީލަމުން ސުވާލުކޮއްލިއެވެ. އެއާއިއެކު ޝާދީން ފުންނޭވާއެއް ދޫކޮށްލަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.
“ހައި ކުޑައިރު ބައިކްއިން ވެއްޓިފައި…” ޝާދީންގެ އަޑުގައިވީ އެކުލެވިގެންދިޔަ ތުރުތުރުލުމާއިއެކު އަވަސްއަވަހަށް ބުނެލިއެވެ. އެވަގުތު ޝާދީންގެ މޫނު ފެންވަރުވާލި ކުލަވަރާއިއެކު ހައިޒަލްއަށް އެ މޫނަށް ބަލާލެވުނުނަމަ ހުރިހާކަމެއް ނަގައިގަނެވުނީހެވެ.
ޝާދީންގެ ސިކުނޑި ނުތަނަވަސްކުރުވަންފެށި ހިޔާލުތަކާއިއެކު އަތްމުށްކެވިގެންދިޔައިރު އަތަށް ބާރުވެގެންދިޔައެވެ.
“މަންމީ… ކޮއްކޮއަށް ހާދަ ތަދުވާނެއޭ… ޝަވާ ބޭނުމީ ކޮއްކޮ ގޮވައިގެން ގެޔަށް ދާން…” ހުދު އެނދުގައި ބާއްވާލެވިފައިވާ ހައިޒަލްގެ ގާތުގައި ހުރެފައި ތުއްތު ޝާދީން ބުނެލިބަސްތައް ޝާދީންގެ ކަންފަތްދޮށުގައި ގުގުމައިގަތެވެ. މަޑުމަޑުން މުއްކަވާލެވިފައިވާ އަތަށް ދޫކަމެއް އައިރު ޝާދީންގެ ނަޒަރު ދަތުރުކުރީ ކޯރިޑޯގެ އެއްފަރާތެއްގައި ބޮޑު ތަޅެއްލާފައިވާ ބޮޑު ކޮޓަރިއަށެވެ. މާޒީގެ ހުރިހާ ހަނދާންތަކެއް ވަޅުލެވިފައިވާ މަކާނަކީ އެއީއެވެ.
“ބައްޕަ މާވަަރަކުން މި ފްލޯރއަށް އެރުން މަނާކޮށްލައިފައި އޮތީމާ މިތަން ހާވާލާހިތްވޭ އެބަ… ދޮންތައަކަށް ހިޔެއްނުވޭތަ މިތާ ތެރޭ ބައްޕަކަމެއް ފޮރުވައިގެން އުޅޭހެނެއް…” ހައިޒަލް އެ ކޮޓަރިއާއި އަރާހަމަވުމާއިއެކު އެ ކޮޓަރިއަށް ނަޒަރެއްދެމުން ބުނެލުމާއިއެކު ޝާދީން ބުދެއް ފަދައިން އެއްދިމާލަކަށް ބަލަހައްޓައިގެން ހުރެފައިވެސް ދެލޯ ބޮޑުކޮށްލަމުން ހައިޒަލްގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން އެވަގުތު ފެނިލީ ހާސްކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.






Me first dhw… ???….. vrh vrh vrh rythi mi part… Keep it up dhiraa! ❤️?❤️
thnks…
Vrh reethi…masha allah..please upload the next part soon
thnks
good morning……here is 27th ep…… i hope everyone will like this part too…. feel free to comment. readers comment is my biggest motivation…. thnks for been supportive….. next part will be uploaded on friday insha allah… ly all…
Vrh vrh vrh rythi ??….keep it up dhiraa
thnkx
Varah salhi nimuni iru ves neyge…masha allah..
Keep it up
thnku
Dhiraa mi Hurihaa meehun ge kalhu maazee hulhuvaalaanee Kon irakuntha?? ❤❤ nice story eh waiting for the next part
ragalhu gadi ehga ehnu faleehaih kohlan vaanee vx
Wow v reeth maasha Allah thanks v avahah up kohdineema.when next part gd luck
thnkx. fridayga insha allah
Wow.. Mi part ves Ma sha Allah V reethi ??????❤️❤️❤️❤️❤️
thnkx
Vvv interesting❤???….salhi inge story..kyp it upp??…loz of luw frm me darlinn????
thnkx
Hello cry baby girl ???
Varah varah reethi mi part ves..?? sifakurunthah ves varah furihama??…bunaane ehchehvs neyngey?..dhiraa keep it up?❤❤
thnks
Vara reethi mi part ves. Kiyaa hithun hutta nimeny. Konmeves vara ka kan kan falhaaa aramun diyaaama story v reethi vaane kama feney ???
thnks
Masha Allah… ☺️?
thnks
v v v nyc.keep it up
thnkx
Vvvv salhi igey story… Waiting waiting… Friday ga up koh dhehchey konme hen ves please… Habeys writer eh thee ?????
thnkx…insha allah