28 ވަނަބައިގެ ތެރެއިން….
“އަހަރެން ހަނދާން ހުންނަން ފެށިއިރުން ފެށިގެންވެސް ކުލްޝޫމާއި ރިޔާޒަކީ އަހަރެންނާއި ހާރޫންގެ އެކުވެރިން. ފައިޒަން ކުޑައިރު އަހަރެން އަތުން ލަވައިގެން ފައިޒަންއަށް ކާންދީ ފެންވަރުވާ ހެދިން…. މިއަދު ތަނަކުން އައި ނުދަންނަ އަންހެނަކަށްޓަކައި އަހަރެން ގަޔަށް ބޮލަށް އަރާވަރުވެސް ވީތަ؟ ޗި…. ފައިޒަން އަހަރެން ހީކުރިގޮތެއް ނޫން…. ހީކުރީތަ ފައިޒަން ކިޔާނެހާ އެއްޗެއް ކިޔަންދެން ހަދާނެހާ ގޮތެއް ހަދަންދެން އަހަރެން ހުންނާނެކަމަށްތަ…؟؟؟ މާއިރާ ދިމާކުރީ ފައިޒަންގެ މޫނުމަތީގައި ޖަހާށެވެ. ނަމަވެސް އޭގެކުރިން ހުޝިޔާރުވެގެން ހުރި ޔަނާލް އެ އަތުގައި ހިފާ މާއިރާ ހުއްޓުވިއެވެ.
“މީ އަދި ކާކު؟؟؟؟ ދޫކުރޭ…؟؟؟ ހުރިހާވެސް ނުބަޔަކީ ކަލޭ… ނުބައި ޑައިނު… ކީތްކުރަން އަޅައިގެން ހުރި ފޮތިގަނޑެއް” މާއިރާގެ ސަލާމަތުން އޮތް އަތުން ޔަނާލްގެ މޫނު ފޮތިކޮޅުގައި ހިފާ ދަމައިގަތެވެ. އެއާއެކު ފޮތިކޮޅު ވެއްޓެން ދިޔައެވެ. ޔަނާލްގެ ދެލޯ އަރައިގެން ދިޔަ ވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ ޔަނާލްގެ މޫނަށެވެ.
***************************************
މޫނާއި ވަކިވެގެން ފޮތިގަނޑު ވެއްޓުމުގެ ކުރިން މާއިރާ އަތުން ދޫކޮށްލުމަށްފަހު އޭގައި ޔަނާލް ހިފެހެއްޓިއެވެ. އަނެއްފަރާތަށް އެނބުރި އޭނާ ދުއްވައިގަތެވެ. ފައިޒަން މާއިރާއަށް ބަލާލީ އަލިފާން ބެލުމަކުންނެވެ.
“އަހަރެން ކަލޭގެ ދެއަތް ބުރިކޮށްލާނަން. ހަނދާންކުރާތި. އަހަރެންގެ ކެތްތެރިކަން އިމްތިޙާންކުރަން މަސައްކަތް ނުކުރާތި. މިގެއަކީ އަހަރެންގެ އަމިއްލަ ގެއެއް. ހަމަމިހާރުން މިހާރަށް މިގެއިން ކަލޭމެން ނިކުންނަންވީ… ގެޓް އައުޓް…..” ފައިޒަން އަމުރުކޮށްލިއެވެ. އޭނާ ސިޑިން އަރައިގެން ދިޔައީ ދުވެލާފައެވެ.
************************************
ރޭގަނޑު އެގާރަ ޖަހާލީހާއިރު މާއިރާ އިނީ އާކިންގެ ބުރަކަށީގައި ބޭސް ހާކާށެވެ. ފައިޒަން ފިހިގަނޑުން ތެޅި ތަންތަން ހުރީ ނޫފައި ގަނެފައެވެ. ވަކިން ހުރި ސޯފާ ގޮނޑީގައި އިފްނާ އިނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އެއްވެސް އަސަރެއްނެތެވެ.
“ކަންތައްތައް މިދަނީ ގޯހުން ގޯހަށް. މަގޭ ކުއްޖާފުޅު މިއޮތީ އަވަދިކޮށްފައި…” މާއިރާ ބުނެލިއެވެ.
“ފައިޒަންއަށް ވަރުގަދަ ބޮނޑިއެއް ނުދީފިއްޔާ މަގޭ ނަމަކަށް އާކިން ނުކިޔާނެ. އެއްވެސް ހެއްކެއް ނުދައްކާ އެވައްތަރަށް ގަޔަށް ބޮލަކަށް އޭނާއަށް ނޭރޭނެ. އެކަންކުރީ އަހަރެމެން ކަމުގައި ވިޔަސް އޭނާ ޖެހޭނެ ދޯ ޔަޤީންކުރަން” އެހާލުގައި އޮވެވެސް އާކިން ގަދަވެލިއެވެ.
“އޭނަ ހީކުރީ އޭނަ ހަމަ ބުނެލާއިރަށް އަހަރެން މިގެއިން ނިކުންނާނެ ކަމަށްތަ؟ އޭނަ ޖެހޭނީ މޮޔަވާން. ލާހިކެއްނޫން މިގެއިން އަހަރެމެން ނެރެން” ދަތްކުނޑި ވިކާލަމުން މާއިރާ ކިޔަމުން ދިޔައެވެ.
“އަހަރެން އެމީހުންނާއި ދެކޮޅަށް ދެން ފިޔަވަޅެއް އަޅާނީ ވަރަށް ވިސްނާފައި. ދުވަހަކު ސަލާމަތް ނުވެވޭވަރުގެ ލަގާއެއް ދޭނީ. އުމުރު ދުވަހު ހިތާމަކުރަން ޖެހޭވަރު ކުރާނަން…. މަންމަ ބަލަން ހުންނާތި……” އާކިން ވާހަކަދެއްކިއެވެ.
“ތިޔަ ޔާނާއެއް މިގެއަށް އައިފަހުން ހުރިހާކަމެއް ބަދަލުވެއްޖެ. ކުރިން ކިހާ ރީތިކޮށް އުޅުނީ. މޫނު ބުރުގާ އަޅައިގެން އޭތި އެއުޅެނީ ކޮންމެސް މަޤްޞަދެއް ހާޞިލްކުރުމުގެ ނިޔަތުގަ. މަށަށް މިހާރު ޔަޤީން. އެހެންނޫނީ ފިރިހެނެއްގެ ގައިގަ އެވަރަށް ބައްދާނެތަ….؟” މާއިރާ ވާހަކަދެއްކިއެވެ.
“މަންމަ ތިބުނީ ހެޔޮކޮށް. ވަރަށް ބޮޑު ނުބައެއް އެބައުޅޭ…” ހަށިގަނޑު ސީދާކޮށްލަމުން އާކިން ވާހަކަދެއްކިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ސޯފާގައި ފޯނުން ޗެޓްކުރަން އިން އިފްނާއަށެވެ. އިފްނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ވީ އާކިންގެ ހިތުގައި އުފެދުނު ރިހުމަކަށެވެ.
“އިފޫ….” އާކިން ބަލި އަޑަކުން ގޮވާލިއެވެ. އިފްނާއަށް ހިލަމެއް ނުވިއެވެ.
“ބަލަ އިފްނާ…….!!!!!!” އަޑު ހަރުކޮށް މާއިރާ ގޮވާލިއެވެ.
“ކީކޭ…..؟” މާއިރާއަށް ނަޒަރެއް ދެމުން އިފްނާ ޖަވާބުދިނެވެ.
“ހާދަ ހަމަޖެހިލާފައި ތީނީ. މިތާ ވެގެން އުޅޭގޮތެއް އެބައިނގޭތަ؟ ތިމާގެ ފިރިމީހާ މިއޮތީ އޮތް ހާލު. އިފްނާ ތިއިންނަނީ ފޯނާއި ކުޅެން މޮޔަވެފަ…. މިތަނުގަ ކަމެއްވެގެން އުޅޭކަމެއްވެސް އިފްނާއަށް ނޭނގޭ…” މާއިރާ ހިތްހަމަނުޖެހުނެވެ. އެކަން އޭނާ ވާހަކަދެއްކުމުގެ ރާގާއި އަޑުން އިނގެއެވެ.
“ދެން އަޅުގަނޑު ކީއްތަކުރާނީ. އެހެންވާނީ އަލިފާނާ ކުޅެން އުޅުނީމަ. ވާނެ އެއްވެސް ފައިދާއެއް ނޯންނާނެތީ އަހަރެން މިހާރު މަޑުން މިހުންނަނީ” މޫނު ހަދާލަމުން އިފްނާ ވާހަކަދެއްކިއެވެ.
“އިފޫތަ ތިހެން ތިބުނަނީ. އަހަރެމެން މަޑުން ތިބީމަ ދެން ނިކުންނާނެ ނަތީޖާއެއް އިނގޭތަ؟ އެހެންނޫނަސް އިފޫއަށް ތިއައީ ކޮން ބަދަލެއް. ކަމެއްވެގެން ބެދޭއިރު އެކަމުގަ އިފޫވެސް ޝާމިލްވާނެ” އާކިން ވާހަކަދެއްކިއެވެ. ހަށިގަނޑުގައި ހުރި ޒަޙަމްތަކުގައި އަޅަމުން ދިޔަ ވޭނަށް ވުރެ ބޮޑަށް މިހާރަކަށް އައިސް އިފްނާގެ އަމަލުތައް ހުންނަގޮތުގައި ހިތުގައި އުފެދެމުން އަންނަ ޒަޙަމް މާބޮޑެވެ. އޭނާ ހުރީ ރަނގަޅު ވަގުތަކުން އިފްނާއާއި ވާހަކަދައްކަން ނިންމައިގެންނެވެ.
*************************************
ގޭތެރޭގައި ކަންތައް ހިނގާދިޔަ ޙާދިސާ ކުލްޝޫމަށް އިވުމާއެކު ބޭސްފަރުވާ ދޫކޮށްލުމަށްފަހު ވަގުތުން އޭނާ މާލެ އައެވެ. އެ ހާދިސާއާއި ބެހޭގޮތުން މާއިރާއާއި އޭނާ ސުވާލުނުކުރީ ރަނގަޅު ވަގުތު ޖެހުމުން މާއިރާއަށް ކުރިމަތިލާން ވެގެންނެވެ. ފައިޒަން އޮފީހުގައި ހުންނަ ވަގުތުގައި ކުލްޝޫމް އަބަދުވެސް ހުންނާނީ ގޭތެރޭގައި ހިނގާފާނެ ކަމަކަށް ހުޝިޔާރު ވެގެންނެވެ. ޔަނާލަށް ދިމާލަށް އެމީހުން އެއްލާ ކޮންމެ ގާބުރިއެއް ދާންޖެހޭނީ އޭނާ ފޫއަޅުވާލާފައެވެ. އޭނާ އެއްކޮށް ޔަނާލްގެ ކޮޓަރިއަށް ބަދަލުވިއެވެ. މާއިރާއާއި ވާހަކަދެއްކުން ވެސް ކުލްޝޫމް ހުއްޓާލިއެވެ. މާއިރާ ކަންބޮޑުވިއެވެ. ވަރަށް އަވަހަށް އޭނާގެ ކަންތައް ނިމޭނެކަމަށް އޭނާގެ ސިކުނޑި ހުއްޓުމެއްނެތި ދިޔައީ އޭނާއަށް އިންޒާރު ދެމުންނެވެ. ނަމަވެސް ބަލި ޤަބޫލުކުރުމަކީ އޭނާ ކުރާހިތްވާ ކަމަކަށް ނުވާތީ އަދިވެސް އޭނާ ހުރީ ގޮތުގައެވެ. މިހާރު ގިނަ ވަގުތު އޭނާ ބަދިގޭގައި ހޭދަކުރަން ޖެހޭނީ އޭނާއާއި ދެ ދަރިންނަށް ކެއްކުމަށެވެ. ޔަނާލް ކައްކަނީ ހަމައެކަނި ފައިޒަންއަށާއި ކުލްޝޫމަށް ވާ ވަރަށް އެކަންޏެވެ.
ފަތިސް ނަމާދުކޮށްގެން ކުޑަ އިރުކޮޅަކު ޤުރުޢާން ކިޔަވާލަން އިނުމަށްފަހު ޔަނާލް ބޭރަށް ނިކުތް އިރު ކުލްޝޫމް ޒިކުރުތައް ކިޔަން އިނެވެ.
“މަންމާ! ހެނދުނު ސަޔަށް ކޯޗެއް ތައްޔާރުކުރަންވީ…؟” އަލުން ކޮޓަރި ދޮރުހުޅުވާލާފައި ބޯދިއްކޮށްލަމުން ޔަނާލް އަހާލިއެވެ.
“ފައިޒަންއަށް ކަމުދާ އެއްޗެއް ހަދާލާ. މަންމައަށް އެންމެ ރަނގަޅު ކޮންމެ އެއްޗެއްވެސް” ކުލްޝޫމް ޖަވާބުދިނެވެ. ޔަނާލް ދޮރުލައްޕާލާފައި ހިނގައިގަތީ ފައިޒަންގެ ކޮޓަރިއާއި ދިމާލަށެވެ. އޭނާ ފައިޒަންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލީ މިވަގުތު ފައިޒަން އުޅެނީ ހޭލާކަން އިނގޭތީއެވެ.
“ހުޅުވާފަ….” އެތެރޭގަ ހުރި ފައިޒަން ބުނެލި އަޑު އިވުނެވެ. ޔަނާލް ތަޅު އަނބުރާލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ލޯގަނޑު ކައިރީގައި އިސްތަށިގަނޑުގައި ޖެލް ހާކަން ހުރި ފައިޒަން ތިރިން އަނދެލައިގެން ހުރީ ހަމައެކަނި ތުވާއްޔެވެ. އޭނާއަށް ދޮރުން ވަތް ޔަނާލް ނުފެނެއެވެ. އާންމުކޮށް އެވަގުތު އެކޮޓަރިއަށް އައިސް އުޅެނީ ކުލްޝޫމަށް ވާތީ ފައިޒަން ހީކުރީ އެއީ ކުލްޝޫމް ކަމަށެވެ.
“މަންމަ ހީކުރީ އަޅުގަނޑު ފަތިސް ނަމާދަށް ހޭނުލާކަމަށް ދޯ…..” އުނުގައި އޮތް ތުވާލި ނައްޓުވާލަމުން ފައިޒަން ބުނެލިއެވެ.
“މަންމަ އިހަށް މިކޮޅު ނުބަލައްޗެ…” ފައިޒަން ބުނެލިއެވެ. ކުލްޝޫމްގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ފައިޒަން އެނބުރި ބަލާލިއެވެ. އޭރު އޭނާއަށް ފުރަގަސްދީގެން ހުރި ޔަނާލް ފެނުމުން ރަކިވިއެވެ. ނަމަވެސް އެކަން ދައްކަން އޭނާ ބޭނުމެއްނުވިއެވެ.
“ނަނާ…..!!!!” ފައިޒަން ގޮވާލިއެވެ.
“އެއްޗެހި ލައިފިންތަ؟ ތިހެން ހުރެ ކީތްކުރަންތަ ވަންނާށޭ ބުނީ…” ޔަނާލް ޝަކުވާކޮށްލިއެވެ. ފައިޒަންއަށް ކުޑަވަގުތު ކޮޅަކަށް ހީވީ މީގެ އެއް އަހަރު ކުރިން އޭނާއާއި އެކީގައި އުޅުނު ޔަނާލް އެނބުރި އައި ހެންނެވެ.
“ވަން ސެކް…. ވަންނާކަށް ނުބުނަން. އައި ސެއިޑް ހުޅުވާފައޭ…. ނަނާ ނުޖެހޭ ދޯ ވަންނާކަށް އަހަރެންގެ ތަންތަން ބަލާހިތުން…” ފައިޒަން ބުނެލިއެވެ. ޔަނާލްގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު ކުއްލިއަކަށް އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު ފައިޒަންއަށް ފެނުނެވެ.
“މިހާރު އަހަރެންނަށް މިފެންނަ ނަނާއާއި އޭރުގަ އުޅުނު ނަނާ ހާދަ ތަފާތޭ… ތިގޮތަށް ލަދުގަތީމަ ނަނާ ވަރަށް ލޯބި..” ޔަނާލްގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ފައިޒަން ވާހަކަދެއްކިއެވެ.
“ހެޔޮ….. ހެނދުނު ސަޔަށް ހަދަންވީ އެއްޗެއް ބުނޭ…..” ފައިޒަންގެ އަތް ފޮޅުވާލަމުން ޔަނާލް ބުނެލިއެވެ.
“ނަނާ ބޭނުން އެއްޗެއް. އެބަދަން ރެޑީވެގެން ތިރިއަށް” ފައިޒަން ބުނެލިއެވެ. ހީލަމުން ޔަނާލް ހިނގައިގަތުމާއެކު ފައިޒަން ހިފީ ޔަނާލްގެ އަތުގައެވެ. ވަގުތުން ޔަނާލް ހުއްޓުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިހާރަކަށް އައިސް ފައިޒަންގެ އެފަދަ ކުދިކުދި ސަމާސާތައް އޭނާއަށް ވަރަށް ކަމުދެއެވެ.
“ވަރަށް ލޯބިވޭ ނަނާދެކެ…. ނަނާ ދުވަހަކުވެސް އަހަރެން މިވާ ލޯބި އަހަންނަށް އަނބުރާ ރައްދު ނުކުރައްޗެ. އަހަރެން މޮޔަވެދާނެ. އަހަރެން އިންތިޒާރު ކުރާނަން އަހަރެންދެކެ ނަނާ ލޯބިވާނެ ދުވަހަކަށް…….” ޔަނާލްގެ އަތްތިލައިގާ ބޮސްދެމުން ފައިޒަން ބުނެލިއެވެ. ފައިޒަންގެ އަތްތިލައިގެ ތެރެއިން މަޑުމަޑުން ޔަނާލް އޭނާގެ އަތް ދަމައިގަތުމަށްފަހު ކޮޓަރިން ނިކުތީ ފައިޒަންއަށް ރަކި ހިނިތުންވުމެއް ދީފައެވެ.
ޔަނާލް ބަދިގެއަށް ވަތްއިރު ފުށްގަނޑެއް ނުމޮޑެވިގެން މާއިރާ އުޅުނެވެ. ޔަނާލް ކައިރިއަށް ހިނިއައެވެ. ފުށްއެތީގައި އޮތީ ހުސް ފެނެވެ. އެވަރުކަމެއް ކުރަންވެސް މާއިރާއަށް ނޭނގުމަކީ ހިތާމަހުރި ކަމެކެވެ. ފުށްގަނޑާއި މާއިރާ ބައްދަމުން ދަނިކޮށް ޔަނާލް ފުށްމޮޑެގެން ރޮށި ފިހެން ފެށިއެވެ. މާއިރާ ހުރީ ކަޅިއަޅައިގެންނެވެ.
“މިތަނަށް ކުރިން އައީ އަހަރެން. އަހަރެން އުނދުން ބޭނުންކޮށް ނިމުނީމަ ކަލެއަށް ކައިރިވެވޭނީ..” ޔަނާލް ރޮށި ފިހެން ފެށުމާއެކު މާއިރާ ބުނެލިއެވެ.
“ކޮންފޮތެއްގަ އޮތީ އެހެން…” ޔަނާލް އަހާލިއެވެ.
“ފޮތަކު ނޫން. އަހަރެން މިބުނީ… ކޮންމެހެން މަށަށް ޖެއްސުންކުރަން އުޅޭނެ ކަމެއްނެތް. ކަލެއަށް ވުރެ ކުރިން މިތަނަށް ވަނީ އަހަރެން” މާއިރާ ވާހަކަދެއްކިއެވެ.
“އައި ޑޯންޓް ކެއަރ. އަހަރެންގެ އަމިއްލަ ގެއެއްގައި އަހަރެން ބޭނުންގޮތަކަށް ކަންތައްކުރާނީ. އެހެންނޫނަސް މިރޭ އިރުއޮށްސި އަނެއްކޮޅުން އެރިޔަސް ކަލޭ ހުންނާނީ ހަމަ ތިފުށްގަނޑާއި ބައްދަން….” މަލާމާތުގެ ހީލުމަކުން ހީލަމުން ޔަނާލް ވާހަކަދެއްކިއެވެ.
“ބުނަންތަ ވާހަކައެއް މިހިރަ ކޫޑި އަންހެނާ… ކަލޭދެކެ ބިރަކުން މަށެއް ނޫޅެން އިނގޭ… އަހަރެން ކަލެއަށް ހަދާނީ ހަދާނެ އެއްޗެއް….” ޔަނާލްގެ އަތުގައި ހިފާ އުދުން ކައިރިން ދުރަށްލާން މާއިރާ މަސައްކަތްކުރިއެވެ.
“މިދެން ކިހާ ދެރަކަމެއްތަ. ދާންއުޅޭ މިތަނުން….އާއިލީ ކަމެއްދޯ މީހުން ގަޔަށް ބޮލަށް އެރުމަކީ” ޔަނާލް މަސައްކަތްކުރީ ހަމަޖެހިލެވޭތޯއެވެ. އޭނާ ހުރީ އެވަގުތު މާއިރާއާއި ދަޖަލުކުރާހިތްވާ މޫޑެއްގައެއް ނޫނެވެ.
“ކަލޭ މިތަނުން ކީއްކުރަން މިގެއިންވެސް ރައްކާވޭ. އަދި ބުނެފިއެއްނު އަމިއްލަ ގެޔޭ.. ހުވަފެން ކަލޭ ދެކެނީ…” މާއިރާ ގޮތްދޫކުރާކަށް ނޫޅުނެވެ.
“ނުދާނަންތަ ދުރަށް. އަހަރެން އަތުންތަ ބުނަންވީ އެހެންނޫނީ…” ޔަނާލް ވާހަކަދެއްކީ މާއިރާއަށް ބަލާވެސް ނުލައެވެ. އޭނާ ދިޔައީ ރޮށްޓަކަށް ފަހު ރޮށްޓެއް ފިހަމުންނެވެ.
“މިތަނުގައި ހުންނާނީ. ކަލެއަށް ކީތްކުރެވޭނީ. ކަލެއަށް ލާހިކެއްނޫން ތިމަސައްކަތް ނިންމަން. ފުށްތަށި އަޅާލާނީ ބޮލަށް” މާއިރާ ބުނެލިއެވެ. އޭނާ ބޭނުންވަނީ ކޮންމެއެއްޗެކޭ ކިޔައިގެން ވިޔަސް ޔަނާލް އެތަނުން ދުރަށްލާށެވެ.
“ގެޓް އައުޓް އޮފް މައި ސައިޓް…..” ހޫނު ދެޔޮފަތް މާއިރާގެ މޫނުމަތީގައި ހުރަސްކޮށްލުމާއެކު މާއިރާ ފަހަތަށް ޖެހުނީ ކުއްލިއަކަށެވެ. ޙަޤީޤަތުގައިވެސް އޭނާ ބިރުގަނެއްޖެއެވެ. އަލިފާން ކަހަލަ ބެލުމަކުން ޔަނާލަށް ބަލަން ހުރުމަށްފަހު އޭނާ ގޮސް ހުއްޓުނީ އޭނާ މޮޑެން ހުރި ފުށްތަށި ކައިރީގައެވެ.
*******************************
ޔާޒް ރީތިކޮށްލައިގެން ހަވީރުގެ ވަގުތެއްގައި ޔަނާލް ގެއިން ބޭރަށް ނިކުތީ އެކުއްޖާ ބޭރަށް ނެރެނުލާތާ ދުވަސްކޮޅެއް ވުމުންނެވެ. ޔާޒް ގޮވައިގެން އޭނާ މިސްރާބު ޖެހީ ކުޑަކުދިންގެ ބަގީޗާއާއި ދިމާލަށެވެ. ކާރުގައި ދާން ފައިޒަން އެދުމުން ޔަނާލް އިންކާރު ކުރިއެވެ. އޭނާ ބޭނުންވީ ފައިމަގުގައި ޔާޒް ހިންގާލާފައި ގެންދާށެވެ. ބަގީޗާއާއި ހަމައަށް ހީކުރި ވަރަށް ވުރެ ކުޑަ ވަގުތުކޮޅެއްގައި ޔަނާލަށް އާދެވުނެވެ. ނަމަވެސް ޔާޒް މަޖާނަގާ ވަރުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ވަރުބަލިވެފައެވެ. ހަފްތާ ބަންދަށް ވުމުން ބަގީޗާ ތެރޭގެ ހަމަހިމޭންކަން ވަނީ ގެއްލިފައެވެ. ކޮޅުކޮޅަށް ދުވާ ކުޑަކުދިންތަކާއި އެކުދިންގެ ބެލެނިވެރިން ހިމެނޭގޮތަށް މުޅި ބަގީޗާތެރެ ވަނީ ފުރި ބާރުވެފައެވެ. އެއް އަޑަކަށް ހަރުލާފައި ވަނީ އެކުދިންގެ ހުނުމުގެ އަޑާއި ސަކަރާތުގެ އަޑެވެ. ޔަނާލްގެ އިނގިލން ދޫކޮށްލުމަށްފަހު ޔާޒް ދިޔައީ ފުއްޕާހަން ވިއްކަން ހުރި މީހަކާއި ދިމާލަށެވެ. އެމީހާ ފުއްޕާހަން ދިނުމާއެކު އެހިފައިގެން ޔާޒް ކުޅެން ފެށިއެވެ. ޔަނާލް މަޑުކޮށްލީ އެއްފަރާތުގައި ހުރި ހިލަގޮނޑިއެއް ކައިރީގައެވެ. އެގޮނޑީގެ އެއްފަރާތުގައި އަންހެން ކުއްޖެއް އިނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއްގައި އިން ދޮން ރީތި ކުއްޖެކެވެ. ބުޅި އިސްތަށިގަނޑު ހުރީ އެއްފަރާތުން ގެނެސް ކުރިމައްޗަށް ދޫކޮށްލާފައެވެ. އެކުއްޖާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް ކަހަލަ އުފާވެރިކަމެއް ނެތްއިރު އެކުއްޖާގެ ނަޒަރު ހުއްޓިފައި ހުރީ ކުޅެން އުޅުނު ޔާޒްއަށެވެ. ޔަނާލް އެއްފަރާތުގައި އިށީނެވެ.
“އެއީ މަންޖެގެ ދަރިފުޅުތަ…..؟؟” ޔަނާލަށް ބަލާލަމުން އެ އަންހެންކުއްޖާ އަހާލިއެވެ.
“މާޝާﷲ. ވަރަށް ލޯބި. ގިނަ ކުދިން ހުންނަނީ މަންމައާއި އެއްގޮތް ކުދިން. އެކަމަކު އެކުއްޖާގެ މަންޖެއާއި އެއްގޮތް އެއްވެސް ކަމެއްނެތް” އެ އަންހެންކުއްޖާ ބުނެލިއެވެ. ޔަނާލް ހީލިއެވެ. އެއީ ކުލްޝޫމް ވެސް ބުނާ ވާހަކައެކެވެ.
“އާނ… އެންމެންވެސް ބުނޭ. އަހަރެންގެ ދަރިފުޅު ވައްތަރީ ދަރިފުޅުގެ ބައްޕައާ” ޔަނާލް ހީލަމުން ބުނެލިއެވެ.
“އެހެންތަ…..؟ ކޮބާތަ ދަރިފުޅުގެ ބައްޕަ….؟” އެކުއްޖާ އަހާލިއެވެ. ޔަނާލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޔަޒްދާންގެ ތަސްވީރު އައިސް ވަނީ ހިތަށެވެ. ނަމަވެސް އޭނާ އަލުން ހިނިތުންވެލިއެވެ. ފައިޒަން މަތިން ހަނދާންވެފައެވެ. ޔާޒް ބައްޕަ ކިޔަނީ ފައިޒަންއަށް ވާތީއެވެ.
“އެބައުޅޭ… ކުޑަކަމެއްގަ ތަނަކަށް ދާންޖެހުނީމަ މިތަނަށް ނާދެވުނީ….” ޔަނާލް ބުނެލިއެވެ. ދެން އެކުއްޖާ އެއްވެސް އެއްޗެއް ނާހައެވެ. ނަމަވެސް ހިމޭންކަމާއެކު މަޑުން އިނެވެ. ބަލަން އިންނަނީ ޔާޒަށެވެ. ޔަނާލް އެކުއްޖާގެ މޫނަށް ބަލާލި ވަގުތު އެކުއްޖާގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ފޮހެލި ތަން ފެނުނެވެ.
“އަހަރެން…. އަހަރެން ވާހަކައެއް އަހާލަންތަ…؟” ޔަނާލް ވާހަކަދެއްކިއެވެ. އެ އަންހެންކުއްޖާ ޔަނާލާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“އަހާބަލަ” އެކުއްޖާ ބުނެލިއެވެ.
“ހީވަނީ ވަރަށް ދެރަވެފައި އިންހެން. ސޮރީ އިނގޭ… ޕާރސަނަލް ކަމެއްވިއްޔާ އޯކޭ ކިޔާނުދިނަސް. އެކަމަކު ތިހެން ދެރަވެފައި އިންނާތީ އަހާލެވުނީ…..” ޔަނާލް ވާހަކަދެއްކިއެވެ.
“މިއީ މަށަށް ހުރިގޮތް. ހުރިހާކަމެއްވީ އަހަރެންގެ ސަބަބުން. އަހަރެންނަކީ ވަރަށް ނުބައި މީހެއް. އަހަރެންނަށް ކުރެވުނު ނުބައި ކަންތައް ދުވަހަކުވެސް އަހަރެންގެ ހިތުން ނުފިލާނެ. އަބަދުވެސް އެ ރިގްރެޓް އިންނާނެ” އެކުއްޖާ ވާހަކަދެއްކިއެވެ. ޔަނާލަށް އެވާހަކަތަކާއި ޝައުޤުވެރި ވެވުނެވެ.
“ކޮން ނަމެއް ކިޔަނީ….؟” ޔަނާލް އަހާލިއެވެ.
“މަޖްލީން. ކުރުކޮށް ކިޔަނީ މަޖޫ” އެކުއްޖާ ބުނެލިއެވެ.
“އަހަންނަށް ކިޔަނީ ޔާނާ. އަހަރެންގެ ހުންނަނީ އެންމެ އެކުވެރިއެއް. އެއި އަހަރެންގެ ދަރިފުޅުގެ ބައްޕަ. މަޖޫ ބޭނުމިއްޔާ އަހަރެންގެ އެކުވެރިކަން އެކްސެޕްޓް ކޮށްފާނަންތަ؟ ޔަނާލް ސަލާމަށް އަތް ދިއްކޮށްލަމުން ވާހަކަދެއްކިއެވެ. މަޖްލީން ސަލާންކޮށްލިއެވެ.
“އަހަރެންގެ ހިތް ނުބުނޭ ޔާނާއަކީ ގޯސް ކުއްޖެކޭ. ވާހަކަދައްކާއިރު އަޑުން ހީވަނީ ވަރަށް ޔަންގް ކުއްޖެއްހެން. ތިކަހަލަ ކުދިން މިހާރު ވަރަށް މަދު. ތިހުރިހާ އެންމެންނާ އަހަރެން ތަފާތު” މަޖްލީން ބުނެލިއެވެ.
“ކީއްވެ ތިހެން ތިބުނީ؟؟” ޔަނާލް އަހާލިއެވެ.
“ކުރިން އަހަރެންގެވެސް ބެސްޓްފްރެންޑެއް ހުރި. އެއީ ރަނގަޅު ކުއްޖެއްނޫން. އެކަން އަހަރެންނަށް ވިސްނުނީ ވަގުތު ފާއިތުވި ފަހުން. މިހާރު އަހަރެންގެ އެކުވެރިއެއްނެތް. ހަމައެކަނި ހުރީ ޔާނާ….” މަޖްލީން ޖވާހަކަދެއްކިއެވެ.
“ދުނިޔޭގައި އުޅޭއިރު ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެ. އެކަމަކު އެއީ ދިރިއުޅުން މަތިން ފޫހިވެ ތިމާ މާޔޫސްވާންޖެހޭ ވަރުގެ ކަމެއްނޫން. ﷲ ވާނީ އަބަދުވެސް ކެތްތެރިންނާއެކު. މަޖޫއަށް ދިމާވި ކަމެއްފަހުން ހިތުން ފޮހެލާފައި ހުރިހާ ވަގުތެއް ހެއްދެވި ފަރާތަށް ހުސްކުރޭ…. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” މަޖްލީންގެ އަތުގައި ހިފާލަމުން ޔަނާލް ވާހަކަދެއްކިއެވެ.
“ޔުއަރ ރައިޓް…. އެކަމަކު އަހަރެން ކިހިނެއް؟؟؟ އިނގޭތަ އަހަންނަކީ ޑޮކްޓަރެއް. ޑޮކްޓަރުންނަކީ ބަލި މީހުން ސަލާމަތްކުރަން ތިބޭ ބަޔަކަށް ވީއިރު އަހަރެން މިވީ ބަލިމީހުން މަރާ މީހަކަށް….” މަޖްލީންގެ އަޑު ކުރެހުނެވެ. ޔަނާލް ދެލޯ ބޮޑުވިއެވެ.
“ކީކޭ……؟؟ އަވަހަށް ތަޢުބާވޭ މަޖޫ” ޔަނާލް ހައިރާންކަމާއެކު ބުނެލިއެވެ.
“އާނ ކޮންމެ ނަފްސަކީވެސް ހުރުމަތްވެގެންވާ ނަފްސެއް. އެކަން އަހަރެންނަށް ވިސްނޭއިރުވެސް އެކުވެރިޔާގެ ސަބަބުން އަހަންނަށް މަގު އޮޅުނީ” މަޖްލީން ވާހަކަދެއްކިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
“ވީކަމެއް ނުވާކަމަކަށް ނެހެދޭނެ. އެކަންތައްމަތިން ހަނދާން ނައްތާލާ ދެން….” ޔަނާލް ބުނެލިއެވެ.
“ޔާނާ!!! އަހަރެން ކިހިނެއް ހަނދާން ނައްތާލާނީ. އަހަރެންގެ ދަރިފުޅު މަރުވެ ދިޔައީ އަހަރެންގެ ކުރިމަތީގަ. އެއީ އެކަލާނގެ އަހަރެންނަށް ދެއްވި ބަދަލު. އަހަރެންގެ ސަބަބުން މީހަކު ނެތިގެން ދިޔައީ. އަންތްބަކު ހުވަފަތްވީ. މަޔަކަށް ގެއްލުނީ ލޯބިވާ ދަރިއެއް. އެއްބަނޑު މީހުންނަށް ގެއްލުނީ ލޯބިވާ ބޭބެއެއް، ކޮއްކޮއެއް… ދަރިއަކު ޔަތީމް ނުވާކަމެއްވެސް ނޭނގޭ… އޭގެ ބަދަލު އަހަންނަށް ލިބިއްޖެ. އަހަރެންގެ ތިބީ ތިން އަހަރުގެ އެއްމާބަނޑު ދެކުދިން. އަޑު އެހިންތަ މާލޭގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ވާހަކަ. އެއީ އަހަރެމެން. އަހަރެންގެ ފިރިމީހާއާއި ލޯބިވާ އަންހެން ދަރިފުޅުގެ ކުއްލި މަރު އައީ. ފިރިހެން ދަރިފުޅު އަދިވެސް އޮތީ ހޮސްޕިޓަލްގަ. އެއްވެސް އުންމީދެއްނެތް….. އަހަރެން ކޮންމެދުވަހަކު މިތަނަށް އަންނަނީ އެކުދިން މަތިން ހަނދާންވާވަރުން…..” މަޖްލީންގެ ވާހަކަތަކުން ޔަނާލްގެ ދެލޮލުން ކަރުނަ އައެވެ. ޙަޤީޤަތުގައިވެސް އޭނާއަށް ވަރަށް އަސަރުކޮށްފިއެވެ. ގާތް މީހަކު ކުރިމަތީގައި ބީވެގެންދާ މަންޒަރަކީ ކިހާ ވޭންދެނިވި މަންޒަރެއްކަން އޭނާއަށް ވުރެ ބޮޑަށް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟
“ވަރަށް ދެރަވެއްޖެ. ހިތްވަރުކުރޭ މަޖޫ…. މަޖޫ ތަޢުބާ އެކަލާނގެ ޤަބޫލުކުރައްވާނެ….. ހީކޮށްލާ އަހަރެންމީ ވަރަށް ހެޔޮއެދޭ ރައްޓެއްސެކޭ. މީގެކުރިން އަހަރެން ހީކުރީ ހިތާމައާއި ހިތްދަތިކަން ކެތްނުވާ ދަރަޖައަށް ތަޙައްމަލް ކުރަންޖެހުނީ ހަމައެކަނި އަހަރެންނަށް ކަމަށް. އެކަމަކު މިހާރު އެނގިއްޖެ. މަޖޫއާއި އަހަރެންނަށް ދިމާވެފައި ވަނީ ދާދި އެއްގޮތެއް….” ޔަނާލް ވާހަކަދެއްކިއެވެ. މަޖްލީން ދެލޯ ފޮހެލަމުން ޔާނާއަށް ބަލާލިއެވެ.
“އަހަރެން އެވާހަކަތައް މަޖޫއަށް ކިޔާދޭނަން އެހެން ފަހަރަކުން. މިހާރު އިރުއޮށްސެނީ. ބަންގީގެ ކުރިން ދަރިފުޅު ގެއަށް ވައްދަން ބޭނުން. ދަނީ އިނގޭ…. ނޯޓް ކޮށްލާ މަގޭ ނަންބަރ ފޯނުގަ…..” މަޖްލީނަށް ޔަނާލް އޭނާގެ ނަންބަރ ދިނެވެ. އަދި އޭނާއަށް ގުޅުމަށް ބުނެ އެތަނުން ނިކުންނަން ހިނގައިގަތެވެ. ޔަނާލް ދިޔަ ދިމާލަށް ބަލަން މަޖްލީން އިނެވެ. އޭނާއަށް ހެޔޮއެދޭ އެކުވެރިއަކު ލިބުމުން ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.
**************************************
ރޭގަނޑުގެ ކެއުމަށް އެއްފަރާތުގައި ކުލްޝޫމާއި ފައިޒަން އަދި ޔަނާލް އިން އިރު އަނެއް ފަރާތުގައި ތިބީ މާއިރާއާއި އެނާގެ ދަރިންނެވެ. އާކިން ހުރީ ރެސްޓޯރަންޓަކުން ކާއެއްޗެހި ގެނެސްފައެވެ. މާއިރާމެން އެއީ ތިބި ބައެއްހެންވެސް އެމީހުންނަށް ހިއެއް ނުވެއެވެ. ޔަނާލާއި ފައިޒަން ކައިގެން ތެދުވުމުން ކުލްޝޫމް އެކަނި އިނެވެ. އޭނާ އިނީ ހެޑްސެޓް ކަންފަތުގައި ޖަހައިގެންނެވެ. ކުލްޝޫމް ބަލަމުން ދިޔައީ އިފްނާގެ މޫނަށެވެ.
“ވަޓް؟؟؟؟ ކީއްވެ ތިބަލަނީ ތިވަރަށް…” އިފްނާއަށް އެކަން ފާހަގަވުމާއެކު އަހާލިއެވެ. އެވަގުތު ބާކީ ތިބި މީހުންގެ ނަޒަރު ކުލްޝޫމަށް ހުއްޓުނެވެ.
“އިފްނާއަށް ރަނގަޅު ނަޞޭޙަތެއް ދޭންވެގެން” ފޮތިކޮޅުން ތުން ފޮހެލަމުން ކުލްޝޫމް ބުނެލިއެވެ.
“މިހާރު އަހަރެން ކީތްކުރީ…..” ފަރުވާކުޑަ ގޮތަކަށް އިފްނާ އަހާލިއެވެ.
“އިފްނާ ފިރިހެނަކާއެކު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން އަހަންނަށް ފެނިއްޖެ… އިފްނާ ދިޔައިރު ލައިގެން ހުރި ހެދުމެއް ނޫން ނިކުތްއިރު ލައިގެން ހުރީ…” ކުލްޝޫމް ބުނެލިއެވެ. ހުރިހާ އެންމެންގެ ތެރޭގައި ބޭޒާރުވުމުން އިފްނާ އިސްޖަހާލިއެވެ. އާކިން އިފްނާއަށް ބަލާލިއިރު ދެލޮލު ތެރޭގައި ކަރުނަތައް ބޮނޑިވެއްޖެއެވެ. މާއިރާ އިނީ ފޫހިކަމާއެކު ކުލްޝޫމަށް ބަލާށެވެ.
“އެންމެ ފުރަތަމަ ކަލޭ އިސްލާހުވެބަލަ. ކަލޭ ކޮން ގަނޑެއް ގަންނަން ގެސްޓްހައުސްއަކަށް ދިޔައީ. ކަލޭ މާ ނުބައެއްނު” މާއިރާ ރުޅިވެރިކަމާއެކު ކުލްޝޫމަށް ބުނެލިއެވެ. އެވަގުތުވެސް މާއިރާ ކުށްވެރި ކުރީ ކުލްޝޫމެވެ.
“އަހަރެން މާއިރާއަށް ބުނެދޭކަށް ނުޖެހޭނެ އަހަރެން އެތަނަށް ދިޔަ ސަބަބެއް. އިނގޭ އެއްޗަކީ އަހަރެން ދިޔައީ ހިލޭ ފިރިހެނަކާއެކު ނޫންކަން އަދި އަހަރެން ފާފައަކަށް އަރައިނުގަންނަންކަން. މިވާހަކަ މިގޭ ތެރޭގައި ދެއްކިއިރުވެސް މަށަށް އިނގޭ މާއިރާއަށް ހަޖަމު ނުވާނެކަން…..” ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދައްކާފައި ކުލްޝޫމް ތެދުވެގެން ދިޔައެވެ.
*******************************
އާކިން އިންތިޒާރުކުރީ ނިދާ ވަގުތަށެވެ. އެވަގުތަކީ އޭނާއާއި އެއް އެނދު އިފްނާ ޙިއްސާކުރާ ވަގުތެވެ. އެވަގުތު އައިސް ޖެހުނީ އޭނާ އެތައް އިންތިޒާރެއް ކުރި ފަހުންނެވެ.
“އިފޫ މިކޮޅަށް އެނބުރިބަލަ…” އަނެއް ފަރާތަށް އެނބުރިގެން އޮތް އިފްނާ ކޮނޑުގައި ހިފާލަމުން އާކިން ބުނެލިއެވެ. އިފްނާ އެނބުރިލިއެވެ.
“އެއީ ތެދެއްތަ؟؟؟ އިފޫ މިހާރު އަހަރެންދެކެ ފޫހިވަނީތަ؟؟” އާކިންގެ އަޑުގައިވި އަސަރުން އިފްނާ ހިތުގައި ޖެހުނެވެ.
“ސޮރީ އާކު… އަހަންނަށް… އަހަންނަށް ހޫޑީ ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ… އަހަރެން ބޭނުން ހޫޑީއާއި ކައިވެނި ކުރަން ހޫޑީވެސް ބޭނުން” އިފްނާ ވާހަކަދެއްކިއެވެ. އޭނާއަށް އާކިންއާއި ހަތަރުކަޅި ހަމަކުރަން ނުކެރުނެވެ. އާކިންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އޭނާ އިފްނާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ.
“އިނގޭ އާކު ވަރަށް ދެރަވާނެކަން. އެކަމަކު އާކުވެސް ވިސްނާލަބަލަ. އަހަރެން މިއުޅޭ ހާލު. އާކުއަށް އެއްވެސް ކަމެއް ކޮށްނުދެވޭ.. އަހަރެންނަށް ހަލާލު ގޮތުގައި މިކަން ކުރެވެން އޮތީ ހޫޑީގެ ވައިފްއަކަށް އަހަރެން ވެގެން…. ރޫމަކަށް ދާންޖެހުނީވެސް އަހަރެން އެކަން ކުރަން ބޭނުންވާވަރުން…” އިފްނާ އޭނާގެ ހިތުގައިވި ހުރިހާ އެއްޗެއް މިވަގުތުކޮޅު އާކިންއާއި ޙިއްސާކުރަން ބޭނުންވިއެވެ.
“ހޫޑީ އެއީ ކާކު؟؟؟” އާކިން އަހާލިއެވެ.
“އެއީ އެއްކަލަ ދުވަހު އަހަރެން ވިއްކި މީހާ. އެދުވަހުގެ ފަހުން އުފެދުނު ގުޅުމެއް މިއީ. އެކަމުގެ ތެރެއަށް އަހަރެން ވެއްދީ އާކުއެއްނު” އިފްނާ ބުނެލިއެވެ.
“އަހަރެން އިފޫ އެދޭގޮތަށް މިނިވަން ކޮށްދޭނަން. އެކަމަކު އިހަށް ކުޑަ ދުވަސްކޮޅެއްދީ… ޕްލީޒް….އިނގޭ…..” އިފްނާގެ މޫނުގައި ލޯބިން ފިރުމާލަމުން އާކިން ބުނެލިއެވެ. އިފްނާ ބޯޖަހާލިއެވެ.
***************************************
ވަގުތަކީ ދުވަހުގެ މެންދުރު ވަގުތެވެ. މެންދުރުގެ އެވަގުތުގައި ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުރިމަތީގައި އަޅުވާފައި ހުރި ޓީވީން އަންނަމުންދާ ލަވައިގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ދަތްދޮޅީގައި އަތް އަޅުވާލައިގެން އިން މާއިރާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ކަންތައްތައް ވަމުންދާ ގޮތުން އޭނާ އިނީ ކަންބޮޑުވެފައެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދަނީ ޖަލުގައި އޭނާގެ ދަރިންނާއެކު ހިތްދަތި ދުވަސްތަކެއް ތަޙައްމަލް ކުރަމުންދާ މަންޒަރުތަކެވެ. އެނޫން ކަމަކާމެދު މިހާރު އޭނާއަށް ނުވިސްނެއެވެ. ކޮންމެސް ކަމެއް ވާން އުޅެއޭ އޭނާގެ ހިތް ބުނަނީއެވެ. ފާޑުފާޑުގެ ހުވަފެންވެސް ފެންނަނީއެވެ. އޭނާއަށް ފެންނަ ހުވަފެނަކީ އާންމުކޮށް ސީދާވާ ހުވަފެނަކަށްވާތީ އޭނާ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.
ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ދާދި ކައިރިން ފެނުނު ފިރިހެން ލެދަރ ބޫޓަކަށެވެ. އޭނާ ބޫޓުން ފެށިގެން މައްޗަށް ނަޒަރު ހިންގާލިއެވެ. ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން މާއިރާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައިރު ހަތަރެސް ފައި އެކީގައި ގަނޑުފެން ކޮޅަކަށް ވިއެވެ. ކަރުތެރެ ބެދި މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. އޭނާ އަނބުރައި ގަނެގެން ވެއްޓުނީ ސޯފާ ގޮނޑި މައްޗަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.





salaam all
mi bai ves huriha kiyuntherinnah kamudhaane 🙂 kamah heekuran
V reethi mi part vex.waiting 4 next part
V reethi dhen kniraku aneh bai up kndhyni
Miadhu alhugandutha first
Vvvv reethu dhen kniraku aneh bai up kndhyni
Alhe haadha reecheyyy…. so next part mireyy grnesh dhyyba plxxx …. ?
majoo ei yazdhaan maraalan help vi kuhjaa heevany…..stoty v nice ingey…next part ge inthizaaruga….avahah up kohdhehchey…..
???varah reethi.???????.❤❤❤??? masha allah.???aaneh part avahah up kohdheh che..
Mirey dho dhen next part hehe v salhi
Maadhan nxt part publish kondhevi dhaane tha…pls…I ah heevanee haaroon aieekanneyge dhw…can’t wait…I love this stry…one of my fav??????❤❤❤❤❤❤
Vv reethi aneh part avahah up kohdhybala plx
Hey ushaali.. masha allah story is awesome ❤ just loving it?
Btw how many parts more to finish the srory? Cos i feel like its gonna end
Haadha inthizaarekey thi kuruvany ushaali Konirakun next part up kohdheynee
Where is next part im waiting
Iru iru kholhun balabalaa mi innanee inthizaaruga ushaali avaha up khodheeba darling
Mireyga next part kiyaalan libeynetha. Can’t wait to read it ?
vaahaka v reethi… eagerly waiting for the n3xt part
jehigen in part maadhama haveeru kiyaalan libeyne ingey…
keep WAITING INGEY. love you all
I thought in every working day I would be able to read a new part. But I know it will be really difficult to do that. I really appreciate your hard work. Keep it up and hope next part will be great as before.
yes… kurin genesdhinee konme working day eh ga. egothah genes liyefa in hisaabah genesdhevijje. alun vr gina bai thakeh eba jehey add kuran. ehenve alun liyan fashaigen miulheny. and thankyu so much for understanding me 🙂
miadhu kiha iraku libeyni
Mihaaru havyru vehje ushaali…alhe eoh reethi hisaabab gengossa haadha dhigu inthixaare k thikuruvany dear …vrh molhu vhk liyan. .Maasha allah …ushaali thikuraa masahkathah hama saaabas. . Bunaa dhuvah upkh dhey liyun theriyeh kan faahaga khlan .???.you are the best dear…good luck ..may allah bless you ..do your best. . Curiously waiting 4 the next part dear ❤❤
ushaa knirakunn aneh part up kohdhenee.. avahah up kohdheeba..
heyy I’m a 12 yr old girl and I have read almost all of your stories…. nxt part kn irakun up vane??? cant wait