ދިނީ ޒަހަރު… 13

- by - 16- February 5, 2019

12 ވަނަ ބައިގެ ތެރެއިން….

ޔަނާލް ކޮލެޖަށް އައިރު ދޮރުމަތީގައި ފައިޒަން އަދި ޔަޒްދާން ހުއްޓެވެ. ޔަނާލް ފެނުމުން ޔަޒްދާން އަވަހަށް އެހެން ކަމަކާއި މަޝްޢޫލުވިއެވެ. ފައިޒަންއަށް ހިނިތުންވުމެއް ދިނުމަށްފަހު ޔަނާލް އެތެރެއަށް ވަދެގެން ދިޔައީ އެކަންޏެވެ. ބޭރުގައި ޔަނާލް ގޮވައިގެން އައި ހާރޫން އެތެރެއަށްވަނީ ހުރިހާ ކުދިން ގޭޓުން އެތެރެއަށް ވަދެ ނިމުމުންނެވެ. ކްލާސްތެރޭގައާއި ކުލާހުން ބޭރުގައި ހޭދަކުރި ކޮންމެ މިނިޓެއްގައި ޔަޒްދާނަށް ޔަނާލްގެ ހަރަކާތްތަކަށް ބެލެމުން ދިޔައެވެ. ޔަނާލްގެ އެއްވެސް ސަމާލުކަމެއް އޭނާއަށް ދެވިފައިނުވާތީ ހިތުގައި ޖެހުނަސް އެއަށްވުރެ ބޮޑަށް އޭނާ އުފާވިއެވެ. ނަމަވެސް ޔަނާލް އެހެން ފިރިހެން ކުދިންނާއި ސަމާސާކޮށް މަޖާކުރަމުންދާ މަންޒަރު ފެންނަން ފެށުމުން އެއްވެސް އިހުތިޔާރަކާއި ނުލާ ޔަޒްދާންގެ ދެއަތް މުށްކެވުނެވެ. ޔަނާލް ބުނި ފަދައިން އޭނާއާއި އަޅައިގަނެގެން ޔަނާލް ނޫޅެއެވެ. އެކަން އޭނާ އެދަނީ ސާބިތުކޮށްދެމުންނެވެ.

ކޮލެޖު ފާހާނާއިން ނިކުމެގެން އައި ޔަނާލް ކްލާހަށް ނުވަދެ މަޑުކޮށްލީ އެގަޑިއަކީ އޭނާ އެންމެ ގަޔޔާނުވާ ޓީޗަރ ކިޔަވާދޭ ގަޑިއަށްވާތީއެވެ. އޭނާ ބޭރުގައި ހުއްޓާ ޓީޗަރަށް ފެނިގެން ގޮވާފައި ވައްދާފާނެތީ ޔަނާލް ނިވާވީ ކްލާސް ރޫމާއި ލައިބްރަރީ ދެމެދުގައިވާ ތަނބެއްގެ ފުރަގަހުގައެވެ. ކުއްލިއަކަށް ކުރިމައްޗަށް އެރި މީހެއްގެ ސަބަބުން ޔަނާލްގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ.

*****************************************

“ހޭއި ބިއުޓީ! ކިހިނެއްވެފަ ތިހުންނަނީ ކްލާހަށް ނުގޮސް” ޖާވިދު ވާހަކަދެއްކީ ޔަނާލާއި ދާދި ގާތުގައި ހުރެއެވެ. އޭނާގެ ހިތް ބިރުން ރޫރޫ އަޅައިގަތީ ޖާވިދަކީ ކިހާވަރެއްގެ މީހެއްކަން އެނގިފައެވެ. ކޮލެޖުގައި އޭނާއާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ ޝައިތާނެކެވެ. އަދި އޭނާ އެކަނިން ތަނެއްގައި ހުއްޓާ ފެނިއްޖެނަމަ ގަޔަށް ބޮލަށްވެސް އަރަނީއެވެ. ޔަނާލް އަބަދުވެސް ޖާވިދަށް ނަފްރަތުކުރެއެވެ. އެހެންކުދިންނަށް ވުރެ އުމުރުގެ ގޮތުން އަރްމާން ބޮޑެވެ. ޖާވިދުގެ ހުންނަ އެންމެ ނުލަފާ އެއްސިފައަކީ ފުރަތަމަ ބަސް ދުރުގައި ހުރެ ބުނުމަށްފަހު ދެވަނަ ބަސް ބުނާނީ ގައިގަ ތަތްވެގެން ހުރެއެވެ.

“ވާއު…. ޔުއަރ ލުކް…… މޮޔަކޮށްލައިފި….ހަމައެހާ ބިރުގަނޭތަ އަހަރެންދެކެ. މިވަގުތު މިތަން ވަރަށް އަމާން. އާދެބަލަ ވާހަކަދައްކާލަން” ޖާވިދުގެ ވާހަކަތަކަށް ޖަވާބެއްނުދީ ޔަނާލް ހިނގައިގަތުމުން ހިފެހެއްޓީ ޔަނާލްގެ އަތުގައެވެ. އަދި ލައްކެއް ޖަހާލުމާއެކު ޔަނާލްގެ ބުރަކަށި އައިސް ތަތްވީ ޖާވިދުގެ މޭމަތީގައެވެ. ޔަނާލްގެ އިސްތަށިގަނޑުން ބައެއް ވަނީ ޖާވިދުގެ މޫނުމަތީގައި އެޅިފައެވެ.

“އޫމްމްމް…. ސްމެލް ނައިސް….” އެތެރެއަށް ނޭފަތް ދަމާލަމުން ޖާވިދު ބުނެލިއެވެ. ޖާވިދުގެ އަތްދަށުން ސަލާމަތްވުމަށް ޔަނާލް ދިޔައީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެހީއަށް ބޭނުންވެފައިވާ ގަޑިއެއްގައި އަތުޖެހޭ ހިސާބުގައި މީހެއްވެސް ނުހުންނާނެއެވެ. އެއީ ގިނަފަހަރު ކަންތައްވާގޮތެވެ. ޖާވިދު ހިފަހައްޓާފައި ހުރިވަރުން އޭނާގެ އަތްދަށުން ސަލާމަތްވުމަށް ޔަނާލް ކުރަމުން ދިޔަ މަސައްކަތް ދިޔައީ ނާކާމިޔާބު ވަމުންނެވެ. އެހެންކަމުން ހިނދުކޮޅެއްގެ ތެރޭގައި ޔަނާލަށް ރޮވިއްޖެއެވެ.

ހިތްނޭދުނަސް ޔަޒްދާން ކުލާހުގައި އިނދެފައި ބޭރަށް ނިކުތީ ޔަނާލް ފާހާނާއަށް ގޮސްފައި ނާންނާތީ ލަސްވެގެންނެވެ. ވީގޮތެއް ބަލާލުމަށް އޭނާގެ ހިތް ބާރުއަޅާވަރުންނެވެ. އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޔަޒްދާނަށް ފެނުނު މަންޒަރަކުން ބިންމަތީގައި ދެފައި ތަތްވި ކަހަލައެވެ. ޖާވިދުގެ އަތްދަށުން ޔަނާލް ސަލާމަތްނުވެވިގެން ތެޅެމުންދިޔަ މަންޒަރުން ޔަޒްދާނަށް ހީވީ އޭނާގެ އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާނަށް ޕެޓްރޯލް އަޅާލިހެންނެވެ. ދެފަޔަށް ބާރުލާފައި އެހިސާބަށް ދިޔުމުގެ ކުރިން އޭނާ ބޭނުންވީ ހުރި ހިސާބުގައި ހުރެ ޖާވިދުގެ ބާރުގެދަށުން ޔަނާލް މިނިވަން ކުރާށެވެ.

“މިހާރު އޭނާ ދޫކޮށްލާ. އެހެންނޫނީ……” ޔަޒްދާންގެ ބާރު އަޑު ކަންފަތުގައި ޖެހުމާއެކު އަޑު އައި ދިމާލަށް ބަލާލީ ޔަނާލާއި ޖާވިދު އެކުއެކީގައެވެ.

“ހެހެހެ… އެހެންނޫނީ…” ޖާވިދު ދެރަވާކަށް ބޭނުމެއްނުވިއެވެ.

މިނަގަނީ ފޮޓޯ އާއި ވީޑިޔޯ. މިދާނީ މެނޭޖްމަންޓްގެ ފޯނަށް” ޔަޒްދާން ބާރަށް ބުނެލިއެވެ. އެއަޑަށް ޔަނާލް ޔަޒްދާނަށް ބަލާލިއެވެ.

“ބޭނުންވީތަ ކަލޭވެސް. އެކަމަކު ސޮރީ… ކުރިން ރޯދި ކުރެއްވީ މަށަށް” ޖެހިލުންކުޑަ ކަމާއެކު ޖާވިދު ވާހަކަދެއްކުމުން ޔަޒްދާންގެ ރުޅިގަނޑުވީ ގަދައެވެ. އެކަމަކު އޭނާއަށް ބަދަލެއް އަންނަކަން ޔަނާލަށް އަންގަން ބޭނުންނުވާތީ ހުރި ފިޔަވަޅުމަތީގައި ހުރީ ދެއަތްތިލަ މުށްކެވިފައެވެ.

“ހާދަ ހަޔާތްވެސް ކުޑައޭ ދޯ…. ކަލޭ ޔަނާލް ދޫކޮށްލާނީތަ؟ އެހެންނޫނީ ކިޔެވުން ނުލިބޭ ގޮތަށް ސަސްޕެންޑް ވާންތަ ބޭނުންވަނީ” އެމީހުންނާއި ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ޔަޒްދާން ވާހަކަދެއްކިއެވެ.

“ދެޓްސް ނަން އޮފް ޔޯ ބިޒްނަސް… މީކީ ކަލެއަކާ ބެހޭކަމެއް ނޫން. ދުރުގައިހުރޭ….”  އެހީއަކަށް ޔަނާލްގެ ހިތް އެދެމުން ދިޔައިރުވެސް ޔަޒްދާންގެ ކުރިމަތީގައި އޭނާ ގަދަވެލިއެވެ. ޔަޒްދާން ކައިރިއަށް އައީ ހިންޏެވެ. އޭނާ ހީލިތަން ފެނުމުން ޔަނާލަށް ބަލަން ހުރެވުނެވެ. އޭނައަށް މީހަކު ހިނި އަންނަވަރުގެ އެއްޗެއް ބުނެވިއްޖެ ހެއްޔެވެ؟ އެހިސާބާއި ޔަޒްދާން އަރާ ހަމަކުރަން ވާއިރަށް ޖާވިދު ޔަނާލް ދޫކޮށްލާފައި ދިޔައީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ޔަނާލަށް ހަށިގަނޑު ގުދުކޮށްލެވުނީ ނޭވާ ހަމަޔަކަށް އަޅުވާލުމަށެވެ. އޭނާ ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއިރު ޔަޒްދާން ފެންނާކަށް ނެތެވެ. ކްލާހަށް ވަތްއިރު ޔަޒްދާން އޭނާގެ ޝީޓުގައި އިނެވެ. ޔަނާލް ކްލާހަށް ވަދެގެން ދާންފެށުމުން ފެންކަމަށްވެސް ހަދާނުލައެވެ. ނަމަވެސް އޭނާގެ ކަޅި އެއްފަހަރު ޔަނާލާއި ދިމާލަށް ދަތުރުކޮށްލިއެވެ.

******************************************

ރޭގަނޑުގެ ކެއުމުގެ ފަހުން އިރުކޮޅަކު ކޮޓަރީގައި އޮތުމަށްފަހު ޔަޒްދާން ހޯލަށް ނިކުމެލީ ފޫހިވާތީއެވެ. އޭނާ ބޭނުންވީ ފައިޒަން ގޮވައިގެން ދުއްވާލަންދާން ނިކުމެލުމަށެވެ. ނަމަވެސް ސޯފާގައި އިން ރިޔާޒް ފެނުމުން ޔަޒްދާން އަލުން ކޮޓަރިއަށް ދާން ހިނގައިގަތްތަނާ ރިޔާޒް ގޮވާލިއެވެ.

“ޔަޒްދާން! އާދެބަލަ އާދެބަލަ” ރިޔާޒް ވަރަށް ރައްޓެހިގޮތަކަށް ގޮވާލިއެވެ. ޔަޒްދާން މަޑުޖެހުމަށްފަހު ހުރީ ދެހިޔާލެއްގައެވެ. އެގެއިން އޭނާ އެންމެ ގަޔާނުވާ އިންސަނަކީ ރިޔާޒެވެ. ރިޔާޒަށް ފުރަގަސްދީގެން އިރުކޮޅަކު އޭނާ ހުއްޓެވެ.

“ކުލްޝޫމްދައްތަ ވެސް ވީ ބޭރުގަ. ފައިޒަން އެބައުޅޭ ކަންނޭނގެ އެތެރޭގަ. ބޭބެ މިއިންނަނީ ވަރަށް ފޫހިވެފަ” ޔަޒްދާން އައިސް އިށީނުމުން ރިޔާޒް ވާހަކަދައްކަން ފެށިއެވެ.

“ކޮއްކޮ ހާދަބަސްމަދޭ. ހުރިހާކަމެއް ރަނގަޅުތަ؟” ރިޔާޒް އަހާލިއެވެ. ޔަޒްދާން ބޯޖަހާލިއެވެ. ރިޔާޒްގެ މޫނަށް ނުބަލަންވެގެން އޭނާ ބަލަންއިނީ ކުރިމަތީގައި ހުޅުވާފައި ހުރި ޓީވީއަށެވެ.

“ޔަޒްދާންގެ މަންމައަކީ ބޭބެމެން އެންމެންގެސް އެކުވެރިއެއް. އެއީ ވަރަށް ހެޔޮ ކުއްޖެއް. ވަރަށް ވިސްނުންތޫނުވެސް ކުއްޖެއް” ރިޔާޒް ވާހަކަދައްކަމުން ދިޔައެވެ. ޔަޒްދާން ބަހެއް ނުބުނެ އިންއިރު އޭނާގެ ނަފްސަށް އުނދަގުވަމުން ދިޔައެވެ.

“ކޮބާތަ ޔަޒްދާންގެ ބައްޕަ؟ އެއީ ބޭރުމީހެއްތަ؟ ނޫނީ ރާއްޖެ މީހެއްތަ؟” ހަށިގަނޑު ގުދުކޮށް ޔަޒްދާނަށް ސަމާލުކަން ދެމުން ރިޔާޒް ބުނެލިއެވެ. ޔަޒްދާނަށް ހީވީ ނުވިސްނާ އިންދާ މީހަކު މޫނުމަތީގައި އަޅުވާލިހެންނެވެ. އޭނާއަށް ވަގުތުން އިންތަނުން ތެދުވެވުނެވެ. ރިޔާޒްގެ މޫނަށް ބަލާވެސްނުލާ އޭނާ ސިޑިއާއި ދިމާލަށް ބާރަށް ހިނގާފައި ދިޔައެވެ. ރިޔާޒް އިނީ ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ. ބައްޕަގެ ވާހަކަ އެހުމުން ޔަޒްދާން އެހާ ރުޅިއެއް އައީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުދޭން ބޭނުންނުވާނަމަ ބުނެލިނަމަ ނޫންހެއްޔެވެ؟ އެގޮތަށް ތެދުވެގެން ދިޔައިމަ އަހަރެން ވިސްނަންވީ ކިހިނެއް ހެއްޔެވެ؟ ވަދެގެން އައި ކުލްޝޫމް ފެނި ރިޔާޒް މޫނުމަތީގައިވި ނުތަނަވަސްކަން ފިލުވާލިއެވެ.

“ކޯޗެއް މާވަރަކަށް ތިބަލަނީ” ކުލްޝޫމް ވަދެގެން އައިރު ރިޔާޒް މާވަރަކަށް ސިޑިއާއި ދިމާލަށް ބަލަން އިންތަން ފެނުމުން އަހާލިއެވެ.

“ކޮންތާކަށް ގޮށްސަ ތިއައީ” ކުލްޝޫމްގެ ކޮށްލި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރިޔާޒް ވެސް ކޮށްލީ ސުވާލެކެވެ.

“މިއައީ މަރީ އުޅޭގެއަށް ގޮސް ފަހަން ދިން ހެދުން ހިފައިގެން. ބުނެފައި ދިޔައީ. ރިޔޔާ ފޯނެއްގައި އިނީމަ އަޑުނީވުނީ ކަންނޭނގެ” ކުލްޝޫމް އުނގުމައްޗަށް ކުޝަން އަރުވާލަމުން ބުނެލިއެވެ.

“ޔަޒްދާނާއި ބެހޭގޮތުން ކުލްއަށް އެނގެނީ ކިހާ ވަރަކަށް” ތަންކޮޅެއް މަޑުން ރިޔާޒް އަހާލިއެވެ.

“އެއީ ލިލީގެ ދަރިފުޅު. ލިލީއަކީ އަހަރެމެންގެ ތެރޭގައި އުޅުނު އެންމެ ތަފާތު އަންހެންކުއްޖާ. ތަފާތު ރީތިކަމެއްވެސް ހުންނާނީ ހަމައެކަނި ލިލީގެ. ޙާއްސަކޮށް ލިލީގެ ދެ ލޯ. ޔަޒްދާނަށް ލިބިފަ އެހެރީ ލިލީގެ ރީތިކަން. އަހަރެމެންގެ ދެމީހުން ގުޅުވަންވެސް ލިލީ ކިހާ މަސައްކަތެއް ކުރި” ކުލްޝޫމް އޭނާ ހަނދާންވާ މިންވަރަށް އޮޅުންފިލުވައިދިނެވެ.

“އެހެންވިއްޔާ ޔަޒްދާންގެ ބައްޕައަކީ ކާކުކަން ކުލްއަށް އެނގޭތަ؟” ރިޔާޒް އަހާލިއެވެ.

“އަހަރެން އެހިން ލިލީ ކައިރީގަ. ލިލީ ބުނީ ޔަޒްދާންގެ ބައްޕައެއް ނުހުންނާނޭ. އެއީ ހަމައެކަނި އޭނަގެދަރިއެކޭ. އަހަރެން އިތުރަކަށް ނާހަން” ކުލްޝޫމް ބުނެލިއެވެ.

“ތީގެ މާނައަކީ……” ރިޔާޒް ބުނަން އުޅުނެވެ.

“ދެން އޭރުގެ ވާހަކަތައް ނުދައްކަބަލަ. ލިލީ މިހާރު ދުނިޔޭގައި ހުރީކީވެސް ނޫން. އަހަރެންނަށް ހީވަނީ ލިލީއަށް ފިރިހެނެއްގެ އުނދަގުވީ ކަންނޭނގެ. އޭރުގައިވެސް ލީލީއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. ކަމެއް ދިމާވިޔަސް މާބޮޑު ކަމަކަށް ނަހަދާނެ. އެހެންވީމަ އާދައިގެ ކަމެއް ދިމާވެގެން އޭނަ ކިޔެވުން މެދުކަނޑާލާފައި ނުދާނެ. އެއީ ރާއްޖެއިން އޭނަ ކިޔަވަންފެށީ ވަރަށް ބޭނުންވެގެން” ކުލްޝޫމްގެ ވާހަކަތަކުން ރިޔާޒްގެ ސިކުނޑީގެ ކަނަކުން އޭނާއަށް ރަތް ސިގްނަލް އަޅަން ފެށިއެވެ. އޭނާގެ ބަލިކަށި ސިކުނޑިއަށް ލިލީގެ ހިތްގައިމު ސޫރަ ސިފަވާން ފެށިއެވެ.

“ހަނދާންވެއްޖެ. ހުރިހާ މީހުންގެ ސައިކަލު ފަހަތަށް އެރިޔަސް އޭނަ އަހަރެންގެ ސައިކަލު ފަހަތަކަށް ނާރާނެ. އަބަދުވެސް ބުނާނެ އަހަރެން މާބޮޑަށް އަނގަ ގަދަވީމަ ބޮލަށް އުނދަގުވެޔޭ…” ހީލާފައި ރިޔާޒް ބުނެލިއެވެ. އެހުނުމުގައި ކުލްޝޫމް ވެސް ބައިވެރިވިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ރިޔާޒްގެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ހާސްކަމާއި ކަންބޮޑުވުން މޫނުމަތީގައި ވަށާލައިފިއެވެ.

****************************************

ރޭގަނޑު ނިދަން އަރާފައިވެސް ރިޔާޒަށް ނިދޭގޮތެއް ނުވިއެވެ. އޭނާގެ މާޒީއިން ގޮސްފައިވާ ބައެއް ރޭތައް އޭނާއަށް އުނދަގުކުރަން ފަށައިފިއެވެ. ކަންތައް އެވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އޭނާ ހީކޮށްގެން ހުރީ މާޒީވެގޮސްފައިވާ ކަމަކުން މުސްތަގުބަލަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ކުރިއަށް ވާން ހުންނަ އެއްވެސް ކަމެއް އެނގުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެންނުވާކަމެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަންހުރި ރިޔާޒް ނިދާފައި އޮތް ކުލްޝޫމަށް ބަލާލިއެވެ. ނިދީގައިވެސް ކުލްޝޫމްގެ މޫނުމަތީގައި  ވަނީ އުޖާލާކަމެވެ. ތުންފަތުގައި ވަނީ ހިނިތުންވުމެވެ. ނަމަވެސް އެގޮތުގައި ކުލްޝޫމްގެ ހިނިތުންވުން ދެމިހުންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

މަސައްކަތް ކޮށްކޮށް ނުނިދުމުން ރިޔާޒް ކޮޓަރި ދޮރު ލައްޕާލުމަށްފަހު ނިކތްއިރު ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ދަންވަރުގެ އެހަމަހިމޭން ވަގުތުގައި މުޅި ގޭތެރެއަށް ފެތުރިފައިވަނި މަރުފަދަ ހަމަހިމޭންކަމެކެވެ. ރިޔާޒް މަޑުން ފިޔަވަޅު އަޅަމުން ތިރިއަށް ދާން މިސްރާބު ޖެހިތަނާ ޔަޒްދާންގެ ކޮޓަރި ދޮރުދަށުން ހުދު އައްޔެއް ފެނުމުން ހުއްޓުނެވެ. އެކޮޓަރިއަށް ވަނުމަށް އޭނާ ހިތް އެދުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. އެ ކޮޓަރި ދޮރު ކައިރީގައި ހުއްޓުމަށްފަހު ރިޔާޒް ތަޅުގައި ހިފާ އަނބުރާލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ބޭރުގައި ތިބި އެކުވެރިންތަކަކާއި ގްރޫޕް ޗެޓް ކުރަމުން ދަނިކޮށް ދޮރު ހުޅުވާލާފައި ވަތް ރިޔާޒް ފެނި ވަގުތުން ޔަޒްދާންގެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ފޫހިކަން ވަށާލިއެވެ. ހަތަރުކަޅި ހަމަކުރަން ބޭނުންނުވި ނަމަވެސް އޭނާ ގޮސް ހުއްޓުނީ ވަދެގެން އައި ރިޔާޒްގެ ކުރިމަތީގައެވެ.

“ކަމަކުތަ؟” ރިޔާޒް ޔަޒްދާނަށް ބަލަން ހުންނަން ފެށުމުން ޔަޒްދާން އަހާލިއެވެ.

“އާނ….އަހަރެންނަށް ޔަޒްދާންގެ މަންމަގެ ފޮޓޯއެއް ދައްކާލަފާނަންތަ” ރިޔާޒް ބުނެލިއެވެ. ޔަޒްދާނަށް ހައިރާންކަމެއް ލިބި ރިޔާޒާއި ހަތަރުކަޅި ހަމަކުރީ ފޫހިކަމާއެކުގައެވެ.

“ނުދެކޭ މީހެއްތަ އެއީ ދުވަހަކުވެސް” ޔަޒްދާން ފޫހިކަމާއެކު އަހާލިއެވެ.

“ނޫން” ރިޔާޒް ބުނެލިއެވެ.

“ދެން؟” ޔަޒްދާން ބުނެލިއެވެ.

“ލިލީ ނިޔާވުމުގެ ކުރިން އަހަރެންނޭ ކިޔައިގެން ޔަޒްދާން ކައިރީގައި އެއްވެސް ވާހަކައެއް ދެއްކިތަ” ރިޔާޒް އޮޅުންފިލުވަން ބޭނުންވިއެވެ.

“ކީއްވެ ތިހެން ތިއެހީ. ކޮންމެހެން އެއްޗެއް ކިޔަންޖެހޭތަ؟ އެހެންނޫނަސް ބޭބެއޭ ކިޔައިގެން މަންމަ އަހަރެން ކައިރީގައި ދައްކަން އޮންނާނީ ކޮންވާހަކައެއް؟” ރިޔާޒް އަހާލިއެވެ. ރިޔާޒްގެ ބޭނުމަކީ ކޮބާކަން މިހާރު ޔަޒްދާނަށް ފަހުމްވެއްޖެއެވެ. އެހެންކަމުން އޭނާ އެއްވެސް ކަމެއްގައި މިހާރު ފަސްޖެހޭކަށް ނެތެވެ.

“ހެހެހެ… ތެދެކޭ ދޯ… ލިލީއަކީ ވަރަށް ހިތްހެޔޮ ކުއްޖެއް. އެހާ ރީތި ލަދުރަކި ކުއްޖެއް” ރިޔާޒް ހީލާފައި ބުނެލިއެވެ.

“ހެހެހެ… އާނ… މަންމަގެ އެ ހިތްހެޔޮކަމުގެ ބޭނުންކޮށްގެން މީހަކު ނާޖާއިޒް ފައިދާ ނެގީ. މަންމަގެ އެރީތިކަމާއި ޗާލުކަމާއި ލަދުރަކިކަން މީހަކު ވެއްޔާއި މޮޑެލީ. އަހަރެންގެ  މަންމަގެ އެއްވެސް ކުށަކާނުލާ” ޔަޒްދާން ރިޔާޒަށް ފުރަގަސްދިނެވެ. ވަގުތުން ރިޔާޒްގެ އަތްފައި ފިނިވާން ފެށިއެވެ. މިވަގުތު ރިޔާޒްގެ މޫނުމަތިން ފެންނަމުން ދަނީ ވައްކަންކުރަން އުޅުނު ވަގަކު ފަޅާއެރުމުން ވަގުކަލޭގެ މޫނުމަތިން ފެންނާނެފަދަ ނިޝާންތަކެވެ.

“ތިބުނީ؟ ކާކު އެވަރުގެ ވިޔާނުދާ ކަމެއް ކުރީ” ރިޔާޒް އަހާލިއެވެ. ޔަޒްދާން ރިޔާޒަށް ބަލާލިއެވެ. ދެން އައިސް ހުއްޓުނީ ރިޔާޒްގެ ކުރިމަތީގައެވެ.

“އެމީހަކު. އެމީހަކު އަހަރެންގެ މަންމަގެ ބަނޑަށް ކުއްޖެއްލާފައި ޒިންމާނަގަންޖެހޭ ވަގުތު އައިމަ ދެކޮޅުހެދީ. ޒިންމާއަށް ފިލީ. މުޅި ދުނިޔެއަށް ބޭޒާރުވާން މަންމަ ދޫކޮށްލީ. އެކަމުގެ ސަބަބުން އަހަރެންގެ މަންމައަށް ޖެހުނީ ކިޔެވުމާއި މުޅި ދިރިއުޅުން ދޫކޮށްފައި މިތަނުން ފުރައިގެން ދާން. އެނބުރި ދިޔަފަހުން ދަރިފުޅު ދުނިޔެއަށް އުފަންވަންދެން އަހަރެންގެ މަންމަ އުޅޭނެހާލެއް އެ ރަހުމެއްނެތް އިންސާނާއަށް ނުވިސްނުނު” ޔަޒްދާން ބުނަމުން ދިޔައެވެ. އޭސީގެ ފިނިން މުޅި ކޮޓަރި ފިނިކޮށްލާފައިވާއިރު ރިޔާޒްގެ ނިތްމަތިން ދާތިކިތައް ފާޅުވަމުން ދިޔައެވެ. އޭނާއަށް ކުރެވެމުން އައި ޝައްކު ޔަޤީނަށް ބަދަލުވިއެވެ.

“އެ….އެހެންތަ؟ ކޮބާ މިހާރު ލިލީ ވިހޭ ދަރިފުޅު” ރިޔާޒް މިވަގުތު އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ބޭނުންވާތީ އަހާލިއެވެ. ޖަވާބު އިނގޭ ހާލުގައިވެސް އޭނާ ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ.

“އަހަރެންގެ މަންމަ ވިހޭ ދަރިފުޅު ވިހޭއިރުވެސް ވަނީ ނިޔާވެފައި. އަހަރެންގެ މަންމައަށް ހިތްދަތިކަމެއް ލިބިފައިވެސް އުފާވެރިކަމެއް ލިބުނު. އަހަރެންގެ މަންމަ ނިކަމެތިހާލުގައި މިދުނިޔޭގައި އުޅުނުއިރު އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރިޔޭ. ތިމާގެ މީހެއްވެސް މަންމައަށް އަޅާނުލި. އަހަރެންގެ މަންމަ އެންމެފަހު ނޭވާ ވެސް ދޫކޮށްލީ އަހަރެންގެ އުނގުތެރޭގައި އޮވެ. މަންމަ އަހަރެން ކައިރީގައި ކިއީ އެންމެ ކަމަކު. މަންމައަށް އެހިތްދަތިކަން ހަދިޔާ ކުރި އެ އިންސާނާ ކައިރިއަށް އަހަރެންގެ ދިރިއުޅުން ބަދަލުކުރަން. މަންމަ ޖެހުނުފަދަ ދަންމަޅިއެއްގައި އަހަރެން ނުޖެހެން. މީހަކުދެކެ ލޯބިވިޔަސް ހޭބަލިނުވާން” ޔވަހަކަތައް އެހިސާބަށް ދިޔައިރު ޔަޒްދާނަނަށް ރޮވިއްޖެއެވެ.

“ވަރަށް ދެރަ ތިވީގޮތް. އެކުއްޖާ ދުނިޔޭގައި ހުރިނަމަ ކިހާ ރަނގަޅު” ރިޔާޒަށް ބުނެވުނެވެ.

“ހެހެހެ… އެވޭނުގައި ދުނިޔެ ދޫކުރީ މަންމަ ވިހޭކުއްޖާއޭ….. ނުވިހައިގެން އޮޕަރޭޝަން ކޮށްފައި ނެގި ކުއްޖާ އަދިވެސް ދުނިޔޭގައި އެބަހުރި” ޔަޒްދާންގެ ވާހަކައިން ރިޔާޒް ދެލޯ ނިތަށް އަރައިގެން ދިޔައެވެ. އެކުއްޖަކީ ކޮބާކަން އޭނާ އެނގެން ބޭނުންވިއެވެ.

” ކޮ…ކޮބާ އެކުއްޖަކީ….” ރިޔާޒް ތެޅިގަނެފައި އަހާލިއެވެ.

“ބޭނުންތަ ބަލަން އެއީ ކާކުތޯ. ހިތްވަރު އެބަހުރިތަ؟ ކެރޭނެތަ އަޑުއަހަން” ޔަޒްދާން ކުރިއަށް ޖެހިލިއެވެ. ރިޔާޒް ބޯޖަހާލުމުން ޔަޒްދާން އަލަމާރި ކައިރިއަށް ޖެހިލުމަށްފަހު ދެން އައީ ފޮޓޯ ފްރޭމެއް ހިފައިގެންނެވެ. ރިޔާޒް އަތަށް އެފްރޭމް ދިއްކޮށްލުމާއެކު ރިޔާޒް އެއަށް ބަލާއެވެ. ފޮޓޯގައި ހިނިތުންވެފައި އިން ލިލިޔަންގެ އުރުގައި އަނގައަށް އިނގިއްޔެއް ލައިގެން އިނީ ދެއަހަރަށްދާ ވަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ދެލޮލުގެ ކަޅި ފެނުމާއެކު ރިޔާޒް ނަޒަރު ސީދާކޮށްލީ ކުރިމަތީގައި ހުރި ޔަޒްދާނާއެވެ.

“ތީ…ތިއީ…ލިލީގެ…” ރިޔާޒް އެއްޗެއް ބުނަން އުޅުނެވެ. ޔަޒްދާން ރިޔާޒް އަތުން ފްރޭމް ނެގިއެވެ.

“އާނ… އެބަދުނަސީބު ދަރިއަކީ އަޅުގަނޑު. އަދި އަޅުގަނޑުގެ އެ އަނިޔާވެރި ބައްޕައަކީ ތިއީ….” ރިޔާޒުގެ ދެކަކުލުން ވާގިދޫވެ ހުރިދިމާލަށް ވެއްޓުނެވެ. އޭނާއަށް ވެދިޔަ ކަންތައް ޤަބޫލުކުރަން ދަތިވިއެވެ. އެމަންޒަރު ނުބަލަން ޔަޒްދާން އަނެއްފަރާތަށް އެނބުރުނެވެ. މަންމަގެ މާޒީގެ ތެރެއަށް އޭނާގެ ސިކުނޑި ދަތުރުކުރުމުން މާބޮޑަށްވެސް ވަނީ ހިތުގައި ޖެހިފައެވެ.

“ދަ….ދަރިފުޅާ… ބައްޕައަށް މަޢާފްކުރޭ… ބައްޕަ މީ ކުށްވެރިއެއް… ވަރަށް ލަދުގަނެއްޖެ. ދެރަވެސްވެއްޖެ. ބައްޕަ ކިތަންމެ ބޭނުންވިޔަސް އެދުވަސްތަކެއް ބައްޕައަކަށް ބަދަލެއް ނުކުރެވޭނެ. ތިއީ ބައްޕަގެ ދަރިއެއް. ހުރިހާ ގޮތަކުންވެސް ޤަބޫލުކޮށްފިން. އަދަބުވެސް ލިބިގަންނާނަން” ރޮވިފައިވި އަޑަކުން ރިޔާޒް ވާހަކަދައްކަމުން ދިޔައެވެ.

“ނޫން… އަޅުގަނޑަށް މަޢާފްކުރޭ. ފަހަރެއްގައިވެސް މިތަނަށް އަޅުގަނޑު އައީ މިއާއިލާ ރޫޅާލާކަށްނޫން. މަންމަގެ އެދުމަކަށް. މަންމަ ބޭނުންވީ އަޅުގަނޑު މިތަނުގައި އުޅެން. މަންމަ އަޅުގަނޑު ފޮނުވީ އަޅުގަނޑުގެ ބަލަދުވެރިޔާ ކައިރިއަކަށްނޫން. މަންމަގެ އެންމެގާތް އެކުވެރި ކުލްޝޫމްދައްތަ ކައިރިއަށް. އެއި އެތަނުގައި ހުރެ އަޅުގަނޑުގެ ދިރިއުޅުން ކުރިއަށް ގެންދަން މަންމަ ބޭނުންނުވީ. އަޅުގަނޑަށް ހާލެއް ޖެހިދާނެތީ” ޔަޒްދާން ވާހަކަދެއްކިއެވެ.

“ނޫން. ތިހެންނަހަދާ. ފައިޒަން ފަދައިން ތިއީވެސް މި ބައްޕަގެ ދަރިއެއް. ބައްޕަގެ ކޮންމެ މުދަލަކުން ދަރިފުޅަށް ލިބިފައި ފައިޒަންއަށް ލިބޭނީ. ތީ މި ބައްޕަގެ އެންމެ ދޮށީ ދަރިފުޅު” ރިޔާޒް ވާހަކަދައްކަމުން ދިޔައިރު ގިސްލެވެމުން ދިޔައެވެ.

“ނޫން. އަޅުގަނޑު ބައްޕަގެ ލޯބި ބޭނުމެއްނޫން. ބޭނުމެއްނޫން. އަޅުގަނޑު ބޭނުމީ މި ނިކަމެތިކަމުގައި ދިރިއުޅެން. އަޅުގަނޑުގެ އަމިއްލަ މަސައްކަތުން ދިރިއުޅެން. އަޅުގަނޑަކީވެސް އެންމެން ދަންނަ މޫނަކަށްވާން. އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން އެދުވަސް އަޅުގަނޑަށް ފެންނާނެ. މިކަމަށްޓަކައި ހެއްދެވިފަރާތް ނޫން އެހެން އެއްވެސް ފަރާތެއްގެ މަދަދެއް އަޅުގަނޑު ބޭނުމެއްނޫން” ޔަޒްދާން ބުނެލިއެވެ.

“އަޅުގަނޑުގެ މަންމަ ދުނިޔެދޫކޮށްފައި ދިޔައީ އުޅެންވީ ރަނގަޅު މަގު އަޅުގަނޑަށް ދައްކައިދީފަ. ހެވާއި ނުބައި އަންގައިދީފަ. މީހުންނަށް އިހުތިރާމްކުރަން ދަސްކޮށްދީފަ. ކުރިން ވާހަކަދެއްކުނު ގޮތަކުން އަޅުގަނޑު ވަރަށް ދެރަވެއްޖެ. އެކަމަށްޓަކައި ނިހާޔަތަށް މަޢާފަށްއެދެން” ޔަޒްދާން ބުނެލިއެވެ.

“އަހަރެންނަކީ ކިހާ ނުބައި އިންސާނެއް. ޔާﷲ… މިއަޅާގެ ފާފަ ފުއްސަވާފާނދޭވޭ…އެ ކުށެއްނެތް ނިކަމެތި އަންހެންކުއްޖާއަށް ހެޔޮރަހްމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި…. މާދަމާ މިކަން ކުލްޝޫމަށްވެސް އަދި ފައިޒަންއަށްވެސް އަންގާނަން. އަހަރެންނަށް ކުރެވުނު ކުށުގެ ޙައްޤު އަބަދު ލިބިގަންނާނަން” ރިޔާޒް އިންތަނުން ތެދުވެ ދެލޯ ފޮހެމުން އެކޮޓަރިން ނިކުތެވެ.

*****************************************

އަނެއްދުވަހު ހެނދުނު  ސަޔަށް ހުރިހާ އެންމެން ހަމަވިއިރު މަދީ އެކަނި ރިޔާޒެވެ. އެންމެފަހުން އައިސް އެންމެންނާއި ބައިވެރިވި ފައިޒަން އޭނާގެ ބައްޕަ ސުފުރާމަތިން ނުފެނުމުން ކަންބޮޑުވުން ފާޅުކުރިއެވެ.

“ކޮބާ ބައްޕަ މިއަދު” ފައިޒަން އަހާލިއެވެ. އޭރު ދޮންކެޔޮވަކެއް ކާން ކުލްޝޫމް އިނެވެ.

“ކޮޓަރީގަ. ކުޑަކޮށް ބަލިކޮށް އުޅެނީ. ސައިބޯން ގޮވީމަ ބުނެފި ފަހުން ތެދުވެ ސައިބޯނަމޭ” ކުލްޝޫމް ބުނެލިއެވެ. އޭރު ކޮފީތަށި ތުނބުގައި ޖަހައިގެން ޔަޒްދާން ހަމަޖެހިލާފައި އިނެވެ.

“ބަލީއޭ. އަނެއްކާ ކިހިނެއްވީ އަހަރެންގެ ސުޕަރހީރޯއަށް” ފައިޒަން އަހާލިއެވެ.

“ނޭނގެ. ބޮލެއްގައި ރިއްސަނީއޭ. މަންމަ މިއަދު ކާޑުޖަހާލާފައި ގެއަށް އަންނަން މިދަނީ. ތިދެކުދިން މެންދުރުކާން ގެއަށްތަ އަންނާނީ” ކުލްޝޫމް އަހާލިއެވެ. ޔަޒްދާން ބަލާލީ ފައިޒަންއަށެވެ.

“ދައްތަ ބިޒީވާނެއްނު. އެހެންވީމަ ބޭރުން ކާލާނީ ދޯ މިފަހަރު” ޔަޒްދާން ދޯ ދިނީ ފައިޒަންއަށެވެ. ފައިޒަން ބޯޖަހާލިއެވެ.

“ދައްތަ މިގެއަށް މަސައްކަތް ކޮށްލަދޭނެ ކުއްޖަކު ހޯދަންވީނުން. ފަސޭހަވާނެއްނު” ޔަޒްދާން ކުލްޝޫމަށް ހިޔާލެއް ދިނެވެ.

“ކުރަންވީ ތިކަންވެސް. ދެކުދިން ތިހެން އުޅޭއިރު ބަލައްޗެ އިނގޭ ގެތެރޭގައި ކަންތައް ކޮށްލަދޭނެ ކުއްޖަކު ލިބޭތޯ. ބުނާނީ ރަނގަޅު މުސާރާއެއްވެސް ލިބޭނޭ” ކުލްޝޫމް ބުނެލިއެވެ. ފައިޒަންއާއި ޔަޒްދާން އެކުގައި ދިޔައިރު ކުލްޝޫމް ނިކުތީ ވަކިންނެވެ.

ނުނިމޭ

16

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. salaam all
    kihinehtha huriha kudhin? vr baajjaveri hendhunakah edhen. mi vahakaige adhives kuriyah midhany maazee. vahakaige emme muhinmu bayaky past 🙂 🙂

    ⚠Report!

Leave a Reply

Your email address will not be published.