ލޯބި 8 ވަނަ ބައި
އުޑުމަތީގައި ވިލާ މަދު، ރީތި ދުވަހެކެވެ. ވައިމަޑުވެ، ކަނޑުގެ ލޮނުގަނޑު ވަނީ ސާފު ބިއްލޫރިކޮޅެއް ފަދައިންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ލޯންޗު ރަށުގެ ބަނދަރާއި ކައިރިކޮށްލިއެވެ. މާޔާ އުރާލައިގެން ލޯންޗުން ފޭބުމަށްފަހު މީޝާއިލް ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލިއެވެ. ރަށުގެ ތަސްވީރުތައް އޭނާގެ ހިތުގައި ކުރެހިފައިވާ ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. ބަލައިލާ ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ ތަރައްޤީގެ ކުލަވަރެވެ. އަމާންކަމާއި، ހިތްފަސޭހަ ކަމެވެ.
ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ތިބުމަށް ހާއްސަ ގޭގައި ހުރުމުގެ ބަދަލުގައި މީޝާއިލް ޚިޔާރުކުރީ ނަތާގެ ގެ އެވެ. ނަތާ އާއި އޭނާގެ ފިރިމީހާ ސަމީރުގެ ފަރާތުން ލިބުނު މެހުމާންދާރީ އާއި އެމީހުން އެކަމަށް އެދޭވަރު ފެނިފައި އޭނާ އަށް ދެކޮޅުހަދަން ނުކެރުނީ އެވެ. މާޔާއަށް ވެސް ރަނގަޅު ވާނީ އެ ގޮތް ކަމުގައި ވީތީއެވެ. މާޔާ އަށް މަންމަ އަކާއި މާމައެއް ލިބުނީ އެވެ. މާޔާ އެންމެ ވަގުތުކޮޅަކަށް ވެސް ނަތާގެ މަންމައާ ދުރަކަށް ނުދެއެވެ. ތުއްތު އަޑުން “މާމަ” ކިޔަމުން އަބަދު ވެސް ކޮންމެވެސް ވާހަކައެއް ދައްކައެވެ.
“އަހަރެމެން ވަރަށް އުފާވޭ މީޝާއިލް ކަހަލަ މޮޅު ޑޮކްޓަރަކު މި ރަށު ހޮސްޕިޓަލަށް އައީތީ” އެންމެން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތިބި ވަގުތު ޝުކުރުވެރި ހިތަކާއެކު ސަމީރު ބުންޏެވެ.
ފެންނަ ފެނުމަށް މީޝާއިލްއަކީ ހިތްހެޔޮ، މީހުންނާ ގުޅޭ މިޒާޖެއްގެ ވެރިއެކެވެ.ނަތާ އާ ކައިވެނި ކުރިފަހުން މާލެ ނުދެވޭތީ މީގެކުރިން މީޝާއިލް އާ ބައްދަލުވެފައި ނުވި ނަމަވެސް އޭނާ މީޝާއިލްގެ މޫނު ހިތުދަހެވެ. ރާއްޖޭގެ ޤައުމީ ޓީވީ އިން ދައްކާ ސިއްހީ ޕްރޮގްރާމަކުން ވަރަށް ގިނައިން މީޝާއިލް ފެނެއެވެ.
“މި ކޮޅަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ތަ؟” މާޔާ އަށް ކާންދޭން އިނދެފައި ސަމާސާގެ ރާގެއްގައި ނަތާ އެހިއެވެ. “ދުވަސްކޮޅަކު މި ކޮޅުގައި އުޅެލާއިރަށް ހިތްޖެހޭނެ! މާޔާ ކޮއްކޮ ވެސް ދެން ދާހިތެއް ނުވާނެ!”
“މި ރަށުގަ ހުރި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޗުއްޓީ އަށް ދިޔައިމަ ލިބުނު ފުރުސަތެއް މިއީ. އާކަމެއް ތަޖުރިބާ ކޮށްލަންވެގެން މި އައީ!” ދަތުރުގެ އެންމެ މުހިއްމު މަޤުޞަދު ސިއްރުކުރަމުން މީޝާއިލް ހިނިތުންވިއެވެ.
އެއީ ދެއްކުންތެރިކަމުގެ ހިނިތުންވުމެކެވެ. ރަށުގެ ފަސްގަނޑުގައި ފައި ޖެހުނީއްސުރެ ނޭނގޭ ނުތަނަވަސްކަމެއް ވަނީ ހަފަރާތުން އައިސް އޭނާ ވަށާލާފައެވެ. ހީވަނީ ހަމަ ދެންމެދެންމެ ޒިޔާން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިދާނެ ހެންނެވެ. އޭނާގެ އަތުން މާޔާ ފޭރިގަނެގެން ގެންގޮސްދާނެ ހެންނެވެ. އެކަމަކު އެކަން އެހެންނެއް ނުވާނެ އެވެ. މާޔާގެ ހުރިހާ ހައްޤެއް އޮތީ އޭނާ އަށެވެ. އެއްވެސް މީހަކަށް މާޔާގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ. އޭނާ މާޔާ ދެކެ ވާ ލޯތްބެއް ވެސް އެހެން މީހަކަށް ނުވެވޭނެއެވެ. ޒިޔާނަކަށް ވެސް ނުވެވޭނެއެވެ. މާނައެއް ނެތް ކަންކަމާ ވިސްނައި، އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. އެވަރުގެ ޔަޤީންކަމެއް ނެތް ނަމަ އޭނާ ޒިޔާންގެ ކުރިމައްޗަށް އަންނަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާ އަށް މުޅި އުމުރަށް ވެސް މާޔާ ފޮރުވައިގެން ގެންގުޅެވިދާނެ އެވެ. ބޭނުން ނަމަ ރާއްޖޭން ބޭރުގައި ވެސް މުޅި ހަޔާތް ހޭދަކޮށްލެވިދާނެ އެވެ. އެކަމަކު އެއީ އޭނާގެ ހިތް ރުހޭ ގޮތެއް ނޫނެވެ.
ޖެހިގެން އައި ދުވަހު މީޝާއިލް ވަޒީފާ އަށް ނުކުންނަން ފަށިއެވެ. ޑރ. މީޝާއިލް ހޮސްޕިޓަލުގައި މަސައްކަތްކުރަން ފެށި ޚަބަރު މުޅި ރަށަށް ވަނީ ފެތުރިފައެވެ. މީޝާއިލް ހީކުރިވަރަށް ވުރެ މާ ގިނަ ކުދިން ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކޮށްފައި އޮތެވެ.
“މިއަދުން ފެށިގެން ޑޮކްޓަރ މި ހޮސްޕިޓަލުގައި މަސައްކަތް ކުރާނެކަން އަޅުގަނޑުމެން ވާނީ މުޅި ރަށަށް އިއުލާން ކޮށްފައި، އާ ޑޮކްޓަރެއް އަންނަ ފުރަތަމަ ދުވަސްކޮޅު ވަރަށް ބާރު ބޮޑުވާނެ. ހަފުތާއެއް ވަރު ވީމަ ހަމައަކަށް އެޅިދާނެ!” ހޮސްޕިޓަލުގެ މެނޭޖަރު މީޝާއިލްއަށް އޮޅުންފިލުވައި ދިނެވެ.
“އެއީ މައްސަލައެއް ނޫން. މަސައްކަތުގައި ބުރަކޮށް އުޅުމަކީ އަޅުގަނޑުގެ ހާއްސަ އުފަލެއް!” ހިނިތުންވަމުން މީޝާއިލް ބުންޏެވެ. މާޔާ ނެތް ނަމަ އޭނާގެ ހުރިހާ ވަގުތެއް ހޭދަ ކޮށްލާނީ ބަލިމީހުންގެ ޚިދުމަތުގައެވެ. އެކަމަކު އެންމެ އަދާކުރާ ހިތްވާ ވަޒީފާއަށް ވުރެ އޭނާ އަށް މާޔާ މުހިއްމެވެ. ރަސްމީ ގަޑީގައި ވެސް ދޭތެރެއަކުން މާޔާ ކޮބާތޯ ބަލައިލަން ނަތާގެ މަންމަ އަށް ގުޅާލައެވެ.
“މިގެއާ ދިމާ އަތިރިމަތީގަ ހަމަ ކުޅެނީ” ހޮސްޕިޓަލުގައި އިނދެފައި މީޝާއިލް ގުޅުމުން އުފަލާއެކު ނަތާގެ މަންމަ ބުންޏެވެ.
ފޯނު ކަނޑާލުމުން ވެސް އެ ބަސްތައް މީޝާއިލްގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. “ނަތާމެންގެ ގެއާ ދިމާ އަތިރިމަތި.” މީޝާއިލްއަށް އެތަން އޮންނާނެ ގޮތް ސިފަކުރެވުނެވެ. އެތަނުގައި ހުރިކަމަށް ބުނާ އޮޑި ހަރުގެ އާއި އެތަނުގައި ހިނގި އަމަލުތައް ލޮލަށް ފެންނަމުން ދިޔައެވެ. އޭނާގެ ހިތް ކުދިކުދި ކޮށްލި ހާދިސާ ހިނގި ހިނދުކޮޅަކު ސިފަވަމުން ދިޔައެވެ.
“ނޫން” މީޝާއިލްއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އެ ވަގުތު މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ފުންނޭވާތަކެއް ލަމުން މީޝާއިލް ހަމަޖެހެން މަސައްކަތް ކުރިއެވެ.
*********
ޒިޔާން ހޯދަން ހަދާނެ ގޮތަކާމެދު މީޝާއިލް އެކި ގޮތްގޮތަށް ވިސްނިއެވެ. އެންމެ ފަހުން އޭނާ ނިންމީ ވިޝާލްއާ ބައްދަލު ކުރުމަށެވެ. ވިޝާލްއަކީ ނަތާގެ ވެސް ރައްޓެއްސެކެވެ. އަވަށްޓެރިއެކެވެ. ވިޝާލަށް ރިޔާޝާގެ ޚަބަރުތައް ނަތާގެ ފަރާތުން ލިބޭނެ އެވެ. އެ ހުރިހާ ޚަބަރެއް ތާޒާކަންމަތީގައި ވިޝާލް ޒިޔާނަށް ފޯރުކޮށްދޭނެކަން ޔަގީނެވެ.
މީޝާއިލް މަގުމައްޗަށް ނުކުމެފައި ފަރުވާތެރިކަމާއެކު މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. މަގުގެ އަނެއް ފަޅީގައި ގަސްތަކަކާއި ޖޯލިފައްޗެއް ހުންނަ ކަމަށް ރިޔާޝާ ލިޔެފައި އޮތެވެ. އެކަމަކު މިހާރު އެތަނުގައި ވެސް ހުރީ ގެ ތަކެކެވެ. ކޮންމެ ގެއެއް ގައި ވެސް ހުރީ ވަރަށް އުސްކޮށް މަގުމަތީ ފާރު ރާނާފައެވެ. ދޮރޯށި ކައިރީގައި ފާރުގައި ނަން ބޯޑު ހަރުކޮށްފައި ހުއްޓެވެ. މީޝާއިލް ނަން ބޯޑުތައް ބަލަމުން ކުރިއަށް ދިޔައެވެ. އެކަމަކު ވިޝާލްގެ އެޑްރެސް އޭނާ އަކަށް ނޭނގެއެވެ. އެ ވަގުތު ސަމީރު މަގުމައްޗަށް ނުކުތެވެ.
“ކިހިނެއްވީ؟ ކޮންއެއްޗެއް ތި ހޯދަނީ؟” މީޝާއިލްގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް މީހަކު ނުވަތަ ގެ އެއް ހޯދާ ހެން ސަމީރަށް ހީވިއެވެ.
“މީ. . . މިތާ ކައިރި ގެއެއްގަ އުޅެއެއްނު ވިޝާލެއް. އެއީ ރިޔާޝްގެ ފްރެންޑެއް!” މީޝާއިލްއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް އުނދަގުލުންނެވެ.
ވިޝާލްގެ ނަން ބުނުމުން ސަމީރު ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. “އާނ. އެއީ ނަތާގެ ވެސް ވަރަށް ބޮޑު ރައްޓެއްސެއް! އޭނަ މާ ދުރު ރަށެއްގަ ކުއްޖަކާ އިނދެގެން އެ ރަށަށް ދިރިއުޅުން ބަދަލުކުރި ފަހުން މިހާރު ދެތިން އަހަރު ވެއްޖެ!”
“ދެތިން އަހަރު؟؟ މާނައަކީ ޒިޔާނަށް ރިޔާޝްގެ އެއްވެސް ޚަބަރެއް ނުލިބޭނޭ، އެއްވެސް ކަމެއް ނޭނގޭނޭތަ؟ ނޫން. ނޫން. އެވަރުގެ ބޮޑު ކަމެއް ސިއްރެއް ނުވާނެ” މީޝާއިލްއަށް ހިތާހިތުން ބުނެވުނެވެ.
ޒިޔާން ހޯދުމުގެ މަސައްކަތުގައި ދެވަނަ ވިސްނުމަކަށް ދިޔުމަށް މީޝާއިލްއަށް މަޖުބޫރުވިއެވެ. ސަމީރު ކައިރީގައި ޒިޔާންގެ ވާހަކަ އަހަން ވެސް ހިތަށް އެރިއެވެ. އެކަމަކު އަހާނީ ވެސް ކީކޭ ކިޔާފައި ހެއްޔެވެ؟ ރިޔާޝާއާ ޒިޔާނާ ދެމެދުގައި ގުޅުމެއް ހިނގި ކަން ވިޝާލް ފިޔަވައި އިތުރު މީހަކަށް ނޭނގެ އެވެ. ނަތާ އަކަށް ވެސް ނޭނގޭނެ އެވެ.
“ކިހިނެއްވީ؟ ދެމީހުން މަގު މެދުގަ؟” ނަތާ އަށް އެ ދެ މީހުން ފެނުމުން އެހިއެވެ.
“ހަމަ ތިބީ. މާޔާ ނުހޭޭ
ލާތަ؟” މީޝާއިލް އެހިއެވެ.
“އާނ. މޫދުގަ އުޅެއުޅެ ވަރުބަލިވެގެން އެ ނިދީ. މާޔާ ކޮއްކޮ މި ރަށު ސްކޫލަށް ވައްދަންވީނު؟ އޭރުން އޭނާ ކިހާ އުފާވާނެ! އެއްވަރުގެ ކުދިންނާ އެކީ ކުޅެލާ، މަޖާކޮށްލާ ހެދޭނެ!” ނަތާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.
“މި އައީ މި އަހަރު އެއްކޮށް މި ރަށުގަ ތިބޭކަށް ނޫނޭ!” ކުޑަކޮށް ހީނލަމުން މީޝާއިލް ބުންޏެވެ.
“ކުޑަ ދުވަސްކޮޅަކަށް ވިޔަސް ވެއްދިދާނެ އެއްނު؟ މާލޭގަ ވެސް ސްކޫލަކަށް ނުފޮނުވަމެއްނު؟ އެކަމަކު މިއީ އެލް.ކޭ.ޖީ ގައި އުޅެންޖެހޭ އަހަރެއްނު؟”
“އެއީ ތެދެއް! އެ އުމުރުގެ ކުދިން ބޭނުންވާނެ ސްކޫލަށް ގޮސް ކުޅެލާ ހަދަން. މިރަށު ސްކޫލް ވަރަށް ރަނގަޅު ވާނެ، އަދި މިހާރު ސްކޫލް ހިންގުމާ ހަވާލުވެގެން ހުންނަނީ ވެސް ރަށު މީހެއް!” ސަމީރު ވެސް މުނާގެ ވާހަކައަށް ތާއީދުކުރިއެވެ. ސްކޫލްގެ ރަނގަޅު ވާހަކަ ވަރަށް ދިގުކޮށް ދެއްކިއެވެ.
“ސަމީރަކީ ޓީޗަރެކޭ ދޯ!” ޒިޔާނަކީ ޓީޗަރެއްކަން ހަނދާންވުމުން މީޝާއިލް ބުންޏެވެ. އެކަމަކު ޒިޔާންގެ ނަން އޮޅިގެން ވެސް ބުނެވިދާނެތީ އޭނާ ހުރީ ވިސްނައިގެންނެވެ.
މީޝާއިލް އިނީ ހޮސްޕިޓަލުގަ އެވެ. ދެ ހަފުތާ ފާއިތުވެގެން ދިޔައިރު ޑޮކްޓަރަށް ދެއްކުމަށް ކުރިން ނަން ނޯޓު ކޮށްފައިވާ ހުރިހާ ކުދިން ބަލައި ނިމިއްޖެ އެވެ. މީޝާއިލްގެ މަސައްކަތްތައް އާންމު ހާލަތަށް ރުޖޫޢަވެއްޖެ އެވެ. މާ ބޮޑު ކަމެއް ނެތް ދުވަހެއް ކަމުން މެންދުރު ނަމާދު ކޮށްލަން މިސްކިތަށް ދާން އުޅެނިކޮށް ޕޭޝަންޓެއް އައެވެ. ކުޑަކުޑަ އަންހެން ކުއްޖަކާއި، އޭނާގެ މަންމަ އާއި ބައްޕަ އެތެރެއަށް ވަނެވެ. އެ ކުއްޖާ އިނީ ބައްޕަގެ އުނގުގައެވެ. މީޝާއިލް ޝައުޤުވެރިކަމާއެކު އޭނާ އަށް ބަލައިލިއެވެ. ހަމުގެ ކުލަ އަލިވެފައި، ބަލައިލަން ރީއްޗެވެ. ލައިގެން އިން އަތްދިގު ގަމީހާއެކު އަޅާފައިވާ ޓައީ އޭނާއާ ވަރަށް ގުޅެއެވެ. ހީނލާގޮތުން އެއީ ހިތްހެޔޮ ޒުވާނެއްކަން ދޭހަކޮށްދެއެވެ.
“ކިހިނެއް ވަނީ؟” ކުޑަ ކުއްޖާގެ މޫނަށް ބަލައިލަމުން މީޝާއިލް އެހިއެވެ.
“މާ އަވަސްއަވަހަށް ހުން އަންނަނީ. ނުވެސް ކައި. . .” ދަރިފުޅުގެ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނީ ދަރިފުޅުގެ ބައްޕަ އެވެ.
މީޝާއިލް ވަރަށް ރަނގަޅަށް އެ ކުއްޖާ ބެލިއެވެ. ފެންނަ ފެނުމަށް ވެސް އެއީ ވަރަށް ބަލި ކުއްޖެކެވެ. ހަށިގަނޑު ވަރަށް ނިކަމެއްޗެވެ. ދެ ކޯތާފަތް ވަނީ ވަޅުވަދެފައެވެ. މޫނުމަތީގައި އެއްވެސް ކަހަލަ އުޖާލާކަމެއް ނެތެވެ.
“ދަރިފުޅުގެ ބަރުދަން ބަލާލަން ބޭނުން” ކޮޓަރީގެ އެއްފަރާތުގައި ހުރި ބެލެންސަށް އިޝާރާތް ކޮށްފައި މީޝާއިލް ބުންޏެވެ.
ދެމީހުން އެކުއެކީގައި ތެދުވެގެން އެ ދިމާއަށް ދިޔައެވެ. އޭރު ދަރިފުޅުގެ އައި.ޑީ ކާޑު އޮތީ މޭޒުމަތީގައެވެ. ހަމަ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން މީޝާއިލް އެ ކާޑު ނަގައި ބަލައިލިއެވެ.
“ބައްޕަގެ ނަން. މުހައްމަދު ޒިޔާން. މަންމަގެ ނަން. ނިހާ މޫސާ” ހިތާހިތުން މީޝާއިލްއަށް ކިޔާލެވުނެވެ. އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ހައިރާންކަމާއެކު ޒިޔާންގެ މޫނަށް ނަޒަރުހިންގާލެވުނެވެ. އޭނާގެ ހިތް ދޮގެއް ނުބުނާނެއެވެ. ފުރަތަމަ ފެނިލުމުން ވެސް ޒިޔާންގެ ރީތިކަން އޭނާ އަށް ފާހަގަކުރެވުނެވެ. ރިޔާޝާ ޒިޔާން ސިފަކޮށްފައިވާ ގޮތާ ވަރަށް ބޮޑަށް ދިމާވެއެވެ.
“އެއީ ރީތި ޒުވާނެކެވެ. އާންމުކޮށް ފެންނަ ދިވެހި ފިރިހެނުންނަށް ވުރެ ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. ކުރުކޮށް ކޮށާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. ހީނލާއިރު އެހުންނަ ހިތްގައިމު ގޮތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އާދަޔާހިލާފު އަސަރެއް ކުރަމުން ދިޔައެވެ.”
މިއީ ކޮން ކަހަލަ އިއްތިފާޤެއް ހެއްޔެވެ؟ ހޯދަން ބޭނުންވާ ފަރާތް އެހުރީ އޭނާގެ ކުރިމަތީގައެވެ. ނުހަނު ގާތުގައެވެ. މިހާ ފަސޭހައިން ޒިޔާނާ ބައްދަލުވެދާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައި މީޝާއިލްއަށް އިނދެވުނީ އެވެ. ޒިޔާންގެ ދޮން މޫނުމަތިން އޭނާ އަށް ފެންނަނީ މާޔާގެ ތުއްތު މޫނެވެ. އެއީ ހަމަ އެ ދެ ލޮލެވެ. އެ ތުންފަތެވެ. އެ ރީތި ހިނިތުންވުމެވެ.
“އަށް ކިލޯ” ޒިޔާންގެ އަޑަށް މީޝާއިލް ސިހުނެވެ. ފުން ނޭވާ އެއް ދޫކޮށްލަމުން މަސައްކަތުގައި މަސްއޫލުވިއެވެ.
“އަދި އެބަޖެހޭ ލޭގެ ޓެސްޓެއް ވެސް ހަދާލަން. ރިޕޯޓް ހިފައިގެން މާދަމާ ދުރުވޭ!”
“ޝުކުރިއްޔާ!”
ދަރިފުޅު އުރާލައިގެން ޒިޔާން ނުކުތްތަން ދެކެން މީޝާއިލް އިނީ ފިކުރު ބޮޑުވެފައެވެ. އޭނާގެ ސިކުނޑިއަށް ވަނީ އާދަޔާހިލާފަށް ބަރުވެފައެވެ. ނޭނގޭ ބިރަކުން ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެއީ ހަމަ ޒިޔާނެވެ. ރިޔާޝާ އެމީހަކު ދެކެ އިންތިހާ އަށް ލޯބި ފަރާތެވެ. މާޔާގެ ބައްޕަ އެވެ. އެކަމަކު މިހާރު އެއީ މީހެއްގެ ހައްޤެކެވެ. އޭނާ ނިހާއާ ކައިވެނި ކުރީ އެވެ. ކުޑަކުޑަ ދަރިއަކު ވެސް ލިބުނީ އެވެ. މިހާރު އޭނާ ރިޔާޝާގެ ނަން ވެސް ހަނދާންހުރި ކަމެއް ނޭނގެއެވެ. އޭނާ ރިޔާޝާއާ އެކުގައި ހޭދަކުރި ދުވަސްތަކަކީ ހުވަފެނެއް ކަމުގައި ދުށުމަށް ބުންޏެވެ. މިހާރު އެ ހުވަފެން އޭނާގެ ހިތުން ފިލައިގެން ހިނގައިދާނެ އެވެ. އެކަމަކު އެއީ ހުވަފެނެއް ނޫނެވެ. ފެންނަން ހުރި ހަޤީޤަތެކެވެ.
މާޔާ ސްކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް ނަތާ ހަމަޖެއްސި އެވެ. ގޭގައި ހުރި ފަހާތަނުން ކުޑަކުޑަ ޔުނިފޯމެއް ފެއްސިއެވެ. މާޔާ އަށް ހެޔޮވަރުގެ ބޫޓަކާއި، ރީތި ދަބަހެއް ގަނެދިނެވެ. މީޝާއިލް ގެއަށް ދިޔައިރު މާޔާ ހުރީ އުފަލުން ފޮޅިފައެވެ. ބޫޓަށް އަރައިގެން، ދަބަސް ކޮނޑުގައި އަޅުވައިގެން ގޭތެރޭގައި ދުވަނީ އެވެ.
“ޔުނިފޯމް ހެޔޮވަރު ކޮށްފިންތަ؟” އެނދުމަތީގައި އޮތް ރަތް ކުލައިގެ ސްކާޓާއި، ހުދުކުލައިގެ ޓޮޕް ފެނުމުން މީޝާއިލް އެހިއެވެ.
“ލައްބަ! އަޅުގަނޑަށް ހަމަ ހެޔޮވަރު! މާމައާ އެކީގަ ލޯގަނޑުން ބެލިން” މާޔާ އެންމެ އުފާ ވަނީ ޔުނިފޯމުގައި ރަތް ކުލަ ހުރުމުނެވެ. އެއީ އޭނާ އަށް އެންމެ ރީތި ކުލަ އެވެ.
“ސްކޫލަށް ދާންވާއިރަށް ތި ހުރީ މުޅިން ޓޭން ވެފައެއްނު؟ މާލެ ދާން ކައިރިވީމަ ދެން މޫދަށް ނޭރެއްޗޭ!” މާޔާ އުރާލުމަށްފަހު ކޮލަށް ދޮނެއް ދެމުން މީޝާއިލް ބުންޏެވެ.
“އަޅުގަނޑު ދެން މާލެ އަކަށް ނުދާނަން. މި ރަށް މާ ރަނގަޅު!” ލޯބިވެތި އަޑަކުން މާޔާ ބުނެލި އެވެ. އެ އަޑު އިވިފައި ނަތާ ވަރަށް އުފާވިއެވެ. މާޔާ ހިތްހަމަޖައްސައި ދެވޭ ކަމުގެ އިހުސާސް ކުރެވުނެވެ.
“އާނ. . . ކީއްކުރަން މާލެ އަށް ދާންވީ؟ އަދި މިއަދު ހަވީރު މިއުޅެނީ ލައިދައްތަގެ ބޭބީ ކައިރި އަށް ދާންވެގެންނޭ ދޯ!”ނަތާ އައިސް ރިޔާޝާ އުރާލާ ލޯބި ކޮށްލިއެވެ. “ބަސް އަހައިގެން ކާތީ މިހާރު ހާދަ ބަރޭ!” ނަތާ ހެމުން ބުންޏެވެ.
ލޯބިލޯބި ފުށްގަނޑެއް ފަދަ މާޔާ ފެންނަ ކޮންމެ މީހަކު ވެސް ލޯބިން މޮޔަވާނެ އެވެ. އުރާލާ ލޯބި ކޮށްލާ ހިތް ވާނެ އެވެ. ފަން އިސްތަށިކޮޅަކާއި، ބޮޑުބޮޑު ދެ ކޯތާފަތެވެ. އަބަދު ހިނިތުންވެފައި ހުންނަ ނިއަނެތި މޫނެކެވެ. އެހެން މީހުންނާ ގުޅިގެން އުޅެން ދަންނަ ބަސްއަހާ ކުއްޖެކެވެ. މީޝާއިލް އޭނާ ތަރުބިއްޔަތު ކުރަމުން އަންނަ ރިވެތި ގޮތަށް ތަޢުރީފު ހައްޤެވެ.
ޖެހިގެން އައި ދުވަހު ދަރިފުޅުގެ ރިޕޯޓް ބަލައި ހޮސްޕިޓަލަށް ދިޔައީ ޒިޔާން އެކަންޏެވެ. އެއީ މީޝާއިލް އުއްމީދު ކުރިގޮތެވެ. ބޭނުންވި ގޮތް ވެސް މެއެވެ.
“ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނެތް! ހުރިހާ ވެސް މައްސަލައަކީ ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުން. . . ” ދަރިފުޅުގެ ހާލަތު ޒިޔާނަށް އޮޅުންފިލުވައި ދިނުމަށްފަހު މީޝާއިލް ބޭސް ލިޔެދިނެވެ.
“މި ބޭސް ޤަވައިދުން ދީ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ!” ބޭސް ސިޓީ ޒިޔާން އަތަށް ދެމުން މީޝާއިލް ބުންޏެވެ.
“ތީ ޒިޔާން ދޯ!” ޝުކުރު އަދާކޮށްފައި ޒިޔާން ތެދުވަން އުޅުނު ވަގުތު މީޝާއިލް އޭނާ ހުއްޓުވިއެވެ.
“އާދެ!” ހިނިތުންވަމުން ޒިޔާން ޖަވާބު ދިނެވެ.
“އަހަންނަށް ކިޔަނީ މީޝާއިލް” މީޝާއިލް އަމިއްލަ އަށް ތަޢާރަފުވިއެވެ.
“ލައްބަ. ޑރ. މީޝާއިލް ނޭނގޭ ދިވެއްސަކު ނޫޅޭނެ ނޫންތޯ!” ޒިޔާން ގާތްގޮތަކަށް ހިނިތުންވަމުން ބުނެލިއެވެ.
“އަހަރެން ހަމަ އެހާ ރަނގަޅަށް ދަންނަންތަ؟” ސީރިއަސްކަމާއެކު މީޝާއިލް އެހިއެވެ.
“ތީ އަބަދު ޓީވީ އިން ފެންނަ މޫނެއް ނޫންތޯ!” ޒިޔާން ބުންޏެވެ.
“އެހެންދޯ!” މީޝާއިލް ކުޑަކޮށް ހީނލިއެވެ. “ދެން މި ރައްޓެހިވީ އިނގޭ! މި ކަހަލަ ކުޑަކުޑަ ރަށެއްގައި އަދި ދިމާވާނެ އެއްނު؟” ޒިޔާނާ ގުޅުން ބާއްވަން ބޭނުންކަން އެންގުމުގެ ގޮތުން މީޝާއިލް ސަލާމަށް އަތް ދިއްކޮށްލިއެވެ. އުފަލާއެކު ޒިޔާން އެކަން ގަބޫލުކުރިއެވެ
ނުނިމޭ
11 Comments
Comments are closed.
Ehkahala nan kiyaafa hunnathi v olhey.? Heevanee mistake gehigen nan badhaluvefa hunna hen
Nathaa ais riyaashaa uraaliyey???
anekka e riyasha koba ba mihaaru???? nice story
ekifaharu eki nan hunnaathi aslu vrh confuse vey? btw story hama vrh nice♥️??keep up ur good work..?waiting for the next part?❤
Sorry…dhen faharakun rangalhu koh laanan…insha allah ?❤
Kon irakun up vaany
Vvvvvvvvvvvvvvvvvvvv reeethi story
Woww…..varah rythi mi vhk ….??…keep up the good work??….good luck…?
By the way when is next part???
V nice…Whn is the nxt part…?
Aharen mivaahaka kiyin