ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 14

- by - 42- December 3, 2018

”މަންމާ ކޮބާތަ ހައިޝަމް މިހާރު… ރަށަށް ގޮސް ނުވެސް ގުޅާލަ ގުޅާނަމޭ ކިޔައިފަ…” ސިމާލު އަހައިލިއެވެ. ”މަންމަ އަޑު އެހިން އެނެއް ދުވަހު އިހްސާން އާއިއެކު ރިސޯޓަކަށް ދިޔަ ވާހަކަ..” ލުބުނާ ބުނެލިއެވެ. އެހެން ހެއްޔޭ ކިޔައިފައި ސިމާލު ފޯނު ބޭއްވީ އޭނާ މިގަޑީގައި ބިޒީވީމައެވެ. އަދި މާދަން ފުރަން ރެޑީވަން ކަމުގައި ބުނެލިއެވެ. ސިމާލުވެސް އައިޒަންއަށް އަވަސް ޝިފާއެއް ދެއްވާ ތޯ ދުޢާ ކުރިއެވެ.

*****

ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. ފަތިހުގެ އެ ތެތްފިނި ވަގުތުގައި ކޮނޑުގައި ދަބަހެއް އަޅުވައިލައިގެން އަތިރީގައި ފިރިހެންވަންތަ ހިނގުމެއްގައި ހިނގަމުންއައި ސިމާލުގެ މޫނުމަތިން ފެންނަމުން ދަނީ ތާޒާކަމެވެ. އަތިރި އާއި މާދުރުނޫން ހިސާބެއްގައި ހޮސްޕިޓަލު ހުރުމުގެ ސަބަބަުން އޭނާ މިސްރާބު ޖެހީ ގެއަށް ނުގޮސް ހޮސްޕިޓަލަށް ދިޔުމަށެވެ. ބާރު ބާރަށް ހިނގާފައި ގޮސް ހޮސްޕިޓަލަށް ވަން ސިމާލު ދެން މިސްރާބު ޖެހީ ވޯޑާ ދިމާއަށް ދިޔުމަށެވެ. އެނދުގައި އިށީނދެއިން އައިޒަން ފެނިފައި ސިމާލުގެ ލޮލުން ވަގުތުން ކަރުނަ އައެވެ. އޭނާގެ ރަހްމަތްތެރިޔާގެ ހާލު ފެނިފައިއެވެ. ބަލަން ނުހުރެ ދުވެފައި ގޮސް އައިޒަންގެ ގައިގައި ބައްދާލިއެވެ. ”ކާކުތީ؟ ކާކުހޭ ތީ؟ އަހަރެންގައިން ދޫކޮށްލާ…” އައިޒަން ދިޔައީ ހެޅޭލަވަމުންނެވެ. ގޮތް ނޭނގޭ މީހަކު އައިސް ބައްދާލުމުން ވާނީ އެހެންނެއް ނޫން ހެއްޔެވެ؟ ”އައިޒަން މީ ސިމާލުއޭ… އައިޒަންގެ އެކުވެރި… އެއް ކުލާހެއްގަ ކިޔަވަމުން އައި ސިމާލު އޭ މީ… އައިޒަން ހަނދާނެއް ނުވޭތަ؟ އައިޒަން އަބަދުވެސް ބުނަމެއްނު އަހަރެމެން މަތިން ދުވަހަކުވެސް ހަނދާނެއް ނުނައްތާލާނަމޭ… މަށާއި ހައިޝަމް އަކީ އައިޒަންގެ ބެސްޓު ފުރެންޑުންނޭ… ނުބުނަންތަ އެހެންނެއް.. އައިޒަން ހަނދާނެއް ނުވޭތަ އަހަރެމެން ތިން މީހުން އެކީގައި ކުރި މަޖާ ކަންތައްތައް މަތިންނެއް…” ސިމާލުވެފައި ހުރި ދެރައިގައި ވާހަކަދައްކަމުން ދިޔައިރު އެންމެ ފަހަރަކުވެސް އައިޒަން އާ ދިމާއަށް ބަލައިނުލައެވެ. ސިމާލުއަށް އައިޒަން އާ ދިމާއަށް ބަލައިލަން މަޖުބޫރު ވީ އައިޒަންގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވުމުންނެވެ. އައިޒަން ބޮލުގައި އަތް އަޅައިގެން އިން ގޮތުން ސިމާލު ބިރުގަންނަ ގޮތްވިއެވެ. އެވަގުތު އެތާގައި އައިޒަންގެ މަންމަ އަދި ބައްޕަ ނެތުމުން އޭނާއަށް ހަނދާނެގޮތެއް ނޭނގުނެވެ. އެންމެ ފަހުން ގޮސް ޑޮކްޓަރަކަށް ގޮވާލީ އައިޒަން އަދިވެސް އެއިން ގޮތަށް އިނީމައެވެ. ޑޮކްޓަރު ދުވެފައި އައިސް އައިޒަން ބަލަން ވަނިއެވެ. ”ކިހިނެއްތޯ ވީ ޑޮކްޓާރ؟” ސިމާލު ވެފައި ހުރި ހާސްކަމާއިއެކީ ޑޮކްޓަރާ ސުވާލުކުރިއެވެ. ”އަޅުގަނޑުމެން ކުރިންވެސް ބުނީމެއްނު އައިޒަންއަށް ތިބޭފުޅުން އަމިއްލައަށް އެއްޗެހި ހަނދާކޮށްދީގެން ނުވާނޭ… އައިޒަންގެ ބޮލަށް އިތުރަށް ލިބޭނީ ގެއްލުން…. މިކަން ތަކުރާރު ކޮށްގެން ނުވާނެ ދެން…” އެވަގުތަކީ އުސްވާމެންނަށް އާދެވުނު ވަގުތު ކަމުން ޑޮކްޓަރު އުސްވާއަށް ބަލައިލާފައި ބޯޖަހާލައިފައި ދިޔައީއެވެ. އުސްވާވެސް ސިމާލުއަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. ސިމާލުވެސް ކުށްވެރިޔަކު ފަދައިން އުސްވާ ދައްކަމުން ދިޔަ ވާހަަކަ ކުޑަ ކުއްޖެއްހެން އަޑުއަހަން އިނެވެ.

”އިހްސާން… މަ ބުނީ ދެން ކޮންދުވަހަކުން އެއްކަ ޕުލޭން ފަށާނި… މަ މިއަދު ސިމާލުއަށް  ގުޅާލީމަ ބުނީ އައިޒަންއަށް ދަނީ ހަނދާންތައް އާވަމުންނޭ… ދެން ވީ އަވަހަށް އެ ޕުލޭން ފަށަން..” އިހްސާން އަށް އަޑު އިވޭނޭ ވަރަށް ހައިޝަމް ދިޔައީ ތަންކޮޅެއް ދުރުގައި ހުރެގެން ވާހަކަދައްކަމުންނެވެ. ”އުހޫން… އަދި އަވަސް.. އޭނާ ވަޒީފާއަށް ނިކުންނަން ފެށީމަ އަހަރެމެން ފަށާނި… އޭރުން ހުންނާނި ހަނދާންވެސް އެއްކޮށް އައިސް…” އިހްސާންވެސް ދިޔައީ ހަމަ އެބާރު މިނުގައި ވާހަކަދައްކަމުންނެވެ. ހައިޝަމްވެސް އިހްސާން އަށް ފެންނަ ގޮތެއް ރަނގަޅުވާނޭ ބުނެފައި އޭނާ ކުރަން ހުރި މަސައްކަތަށް އަނބުރާ ދިޔައެވެ. ހައިޝަމްވެސް މިހާރު ދަނީ އެންމެ ފުރިހަމައަށް އިހްސާން އާ ބައިވެރިވަމުންނެވެ. ހިތުގައި ކުޑަކޮށްނަމަވެސް ބިރުވެރި ކަމެއްނެތެވެ.

******

ދުވަހަކަށްފަހު ދުވަހެއް ހަލުވި ކަމާއިއެކު ނިމެމުން ދަނީ އެއްބައެއްގެ އިންތިޒާރަށް ނިމުން ގެނެސް އެނެއް ބަޔަކު މަސައްކަތް ކުރަމުންދަނީ އެ އިންތިޒާރުގައި ހިތި ރަހަ ލައްވާލުމަށެވެ. މިއީ އިންސާނީ ޠަބީޢަތެވެ. މީހަކު އުފަލުގައި އުޅޭތަން ދެކެން އެހެން މީހަކު ބޭނުމެއް ނުވާނެއެވެ. އަބަދުވެސް ބޭނުންވާނީ އުފަލުގައި އުޅޭ މީހަކުގެ ދިރިއުޅުން ހަލާކު ކޮށްލެވޭތޯއެވެ. މިކަމުގެ ސަބަބުން ހަލާކުވެގެން ދާނީ ކިތައް މީހުންގެ ދިރިއުޅުމެއް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. މިގޮތުން އިހްސާން އަދި ހައިޝަމްވެސް މަސައްކަތް ކުރަމުންއެދަނީ މީހެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިލުމަށެވެ. އިހްސާން އަދި ހައިޝަމްގެ އިތުރުން ހަނާން އަދި ޝާނާވެސް މަސައްކަތް ކުރަމުން އެދަނީ އެކަމަށެވެ. ހަތަރު މީހުންގެ ވާހަކައިން އައިޒަން މަރައިލާފައި ނޫނީ އެމީހުން ނުހުއްޓާނޭ ކަން ގައިމެވެ. ކޮން ފަދަ ރަހުމު ކުޑަ ބައެއް ހެއްޔެވެ؟

އައިޒަން އަށް މިހާރު ވަނީ އޭނާގެ ހަނދާނުގެ އެއްބައި އާވެފައެވެ. ކުޑައިރުގެ ހަނދާންތައް އެއްކޮށް އާވެފައި ވީ ނަމަވެސް އޭނާއަކީ ޕޮލިހެއް ކަމެއް އަދި އެހެން ކަންތައްތައްވެސް ހަނދާނެއްނެތެވެ. ނަމަވެސް އޭނާގެ އެންމެ ގާތް ދެ ރަހްމަތްތެރިން މަތިން މިހާރު ވަނީ ހަނދާން ވެފައެވެ. މިކަމުގެ ސަބަބުން ސިމާލުއަށް ލިބުނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ހަނދާން އާވީންސުރެ އައިޒަން ކޮންމެ ދުވަހަކުހެން ސުވާލުކުރަމުން ދަނީ ހައިޝަމް ކޮބައިތޯއެވެ. އޭނާ އެތަނަށް ގެނައި ދުވަހުވެސް އަދި ގެއަށް ބަދަލުކުރި އިރުވެސް ހައިޝަމް އޭނާ ދެކިލަން ނާންނާތީވެސް އައިޒަން ހުންނަނީ އެކަމާ ނުހަނު ދެރަވެފައިއެވެ. އުސްވާ އަދި ހުޒާމުވެސް އައިޒަން ގާތު ހައިޝަމް މަސައްކަތުގައި އުޅެނީ ކަމަށް ބުނެ ޖަވާބުދެއެވެ. ކުޑަކުއްޖެއް ފަދައިން އެހެން ބުނެލުމުން އަޑު އަހައިފައި އަނެއްކާވެސް ނުގުޅަނީ ކީއްވެގެންތޯ އަހައެވެ. މިހާރު އެތަށް ދުވަހަކު ހުޒާމުވެސް ހައިޝަމްއަށް ގުޅައިފިއެވެ. އިވެނީ އެއް ޖަވާބެކެވެ. ފޯނު އޮންނަނީ ނިއްވާލައިފައި ކަމުގައިއެވެ. ސިމާލުވެސް ހައިޝަމް އަށް ގުޅޭތޯ މަސައްކަތް ކުރެއެވެ. އެންމެ ދުވަހަކު ގުޅައިފައި ހަބަރެއް ނުވުމުން ސިމާލުވެސް ހުންނަނީ ނުހަނު ކަންބޮޑުވެފައިއެވެ.

 

ނިފްޝާވެސް ހުއްޓުމެއްނެތި ދުޢާ ކުރަމުން ދަނީ އައިޒަންގެ ހަނދާންތައް އާވޭތޯއެވެ. އަދި އައިޒަންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯއެވެ. އިނާޝާވެސް އައިޒަން އަށްޓަކައި ދުޢާ ނުކުރާ އެންމެ ދުވަހެއް އެންމެ ވަގުތެއްވެސް ނުދާނެއެވެ. އަދި އައިޒަން ގާތަށް ނުދާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ނިފްޝާ އައިޒަންގާތަށް ނުދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަށް އައިޒަން ފެނުމުން ކެތްނުކުރެވޭނެތީއެވެ. ނިފްޝާގެ ހިތް ވެސް އަބަދު ގޮވަމުން ދަނީ އެންމެ ފަހަރަކު ނަމަވެސް އައިޒަން ދެކިލުމަށް ދިޔުމަށެވެ. ނަމަވެސް އޭނާގެ ޟަމީރުއެކަމަށް މާ ބޮޑަށް އަތް ގަދަ ކޮށްލައެވެ. އޭނާ އެގެއަށް ގޮއްސިނަމަ އެހެން މީހުންނަށް އޭނާކަން ޝައްކުވެދާނެއެވެ. ނޫނީ އެގެއަށް ގޮއްސިނަމަ އޭނާގެ އިހްސާސްތައް ނުހިފެހެއްޓިފާނެއެވެ. އެހެންވެ ނިފްޝާގެ ޟަމީރު ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ.

**2 މަސް ފަސް****

”ސިމާލު.. ހައިޝަމް ގެ ހަބަރެއް ނުވޭތަ؟” އައިޒަން އަދި ސިމާލު އިނީ މިނީޓީ ރެސްޓޯރެންޓުގައި ކޮފީއެއް ބޯލައިށެވެ. އައިޒަންގެ ހަނދާންތައްވެސް މިހާރު ވަނީ އެއްކޮށް އާވެފައިއެވެ. އެންމެން ކުރި ދިގު އިންތިޒާރަށް ނިމުން އައީ އެތަށް ދުވަހަކަށް ފަހުއެވެ. ނަމަވެސް ހައިޝަމްގެ ހަބަރެއް ނުވާތީ އައިޒަންގެ މޫނުމަތިން ފެންނަމުން ދަނީ ހާސްކެމެވެ. ”ހޫމްް… އަދިވެސް ނުވޭ… މަ ވަރަށް ބެލިން އިހްސާންގެ ނަންބަރު ލިބޭތޯވެސް… އެކަމަކު އޭނާގެ ނަންބަރު އިނގޭ މީހެއްވެސް ނެތް މިރަށަކު…ހައިޝަމް އަހަރެމެންނާއި އެހައި ދުރުވީ މި ކޮންސަބަބަކަށްޓަކައި ބާ… އަހަރެމެންނަށް ހައިޝަމް ހިތްހަމަ ނުޖެހޭ ވަރުގެ ކަމެއް ކުރެވުނުތަ؟” ސިމާޅުވެސް އިނީ ނުހަނު ހާސްވެފައެއެވެ. ދެ މީހުން ވާހަކަ ދައްކަން ތިބެފައި ގެއަށް ދާން މިސްރާބު ޖެހީ ދަންވެފައި ހުރުމުންނެވެ. އައިޒަންގެ ސައިކަލުގެ ފަހަތަށް ސިމާލު އެރުމުން އައިޒަން ފުރަތަމަވެސް މިސްރާބު ޖެހީ ސިމާލު ގެއަށް ލާން ދިޔުމަށެވެ. ސިމާލު ގެއަށް ލައިފައި ދިޔަ މަގުމަތީގައި އައިޒަންއަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. އެހައި ދަން ގަޑިއެއްގައި ގުޅާނީވެސް ވަކި ކާކު ހެއްޔެވެ؟ ގޭ މީހަކަށް ވެދާނެތީ އައިޒަން ދެހިޔާލެއްގެ މަތީގައި ހުރެ ފޯނުނެގިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކުގެ އަޑު އިވިފައި އައިޒަންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތިންވުމެެކެވެ. އައިޒަންވެސް އެމިހަކާ ނުހަނު ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ”އެންމެ ރަނގަޅު މަ މާދަން ރެޑީ ވާނަން…  އޯކޭ…” އައިޒަން ބުނެލިއެވެ. އެކޮޅުންވެސް ވާހަކަ ދެއްކި މީހަކު އޯކޭ އޭ ބުނެފައި ފޯނު ބޭއްވިއެވެ. އައިޒަންވެސް ދެން އަވަސްވެގަނީ ގެއަށް ގޮސް ނިދާލުމާށެވެ. މާދަމާއޮތީ ހެނދުނު ޑިއުޓީ ކަމުން އަވަހަށް ހޭލަން ޖެހޭނެތީއެވެ.

*****

ހެނދުނުގެ ތެތްފިނި ވަގުތުގައި ފިހާރައިން ނިކުތް ނިފްޝާއަށް އެރުނީ އައިޒަންގެ ކުރިމައްޗަށެވެ. ހީވާގޮތުން އައިޒަންވެސް އެއުޅެނީ އެއްޗެއް ގަންނަން ފިހާރައަށް ވަންނާށެވެ. އައިޒަން ފުރަތަމަ ހިނގާ ގަތް އިރަށް ނިފްޝާވެސް ހިނގާގަނެވެ. މިފަހަރުވެސް ދެމީހުންނަށް އެރުނީ ކުރިމައްޗަށެވެ. ސަބަބަކީ އައިޒަން ދިޔަ ފަރާތަށް ނިފްޝާއަށްވެސް ދެވުނީމައިއެވެ. އަނެއްކާވެސް ނިފްޝާ ވާތްފަރާތަށް ހަނގާލިތަނާ އައިޒަންވެސް ހަމަ އެފަރާތަށް ހިނގައިގަނެވެ. އެންމެ ފަހުން ނިފްޝާ ލަދުން އިސް ޖަހައިލިއެވެ. މިވީ ގޮތުން އައިޒަންގެ ކުރިމައްޗަށް އަރަންވެސް ދެން ނުކުރޭނެއެވެ. ”ލޭޑީސް ފަސްޓު” އައިޒަންގެ ފިރިހެންވަންތަ އަޑު ނިފްޝާގެ ކަންފަތަށް ފޯރި އިރަށް ނިފްޝާގެ ހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް އަސަރު ކުރިއެވެ. އައިޒަން އާއި ދިމާއަށް ބަލައިވެސް ނުލައި ނިފްޝާ ބެލީ އަވަހަށް އައިޒަންގެ ކުރިމަތިން ދެވޭތޯއެވެ. ނިފްޝާ ދިޔަތަން ބަލަން އައިޒަންހުރީ ހިނިތުންވެލައިގެންނެވެ. އެންމެފަހުން އޭނާ ފިހާރައަށް ވަނީ ޑިއުޓީއަށް ދާން ގަޑިޖެހެން ފަސް މިނެޓަށް ވުމުންނެވެ. އޭރުވެސް އައިޒަންގެ ތުންފަތުގައި ކުޅެލައިފައިވަނީ ރީތި ހިނިތުންވުމެކެވެ.

”ކިޔާން…. ފަޔާޒް… އަނިލް… އާދެބަލަ… މިއަދު އެބައޮތް ވަރަށް ބޮޑު ކަމެއް… އަދި ކޮބާ ޒިޔާން؟” އައިޒަން ދިޔައީ ޕޮލިސް ސްޓޭޝަން ގައި މިވަގުތު ހަރަކާތްތެރިވަމުން ދިޔަ ހުރިހާ މުވައްޒަފުންނަށް ގޮވަމުންނެވެ. ހީވާ ގޮތުން ރައިވައިގެން އުޅޭކަމެއް ކާމިޔާބު ވަނީ އެވެ. ”މަ އެބަ އަންނަން ޒިޔާން ގޮވައިގެން… މާހިލް ވެސް އުޅޭބަ.. އޭނާވެސް ގޮވައިގެން އެބަ އަންނަން…” ކިޔާން އެހެން ބުނެލައިފައި ދިޔައީ މާހިލް އާއި ޒިޔާން ބަލައެވެ. އެދެ މީހުން ގޮވައިގެން ކިޔާން އައުމުން އައިޒަން ވާހަކަ ދައްކަން ފެށިއެވެ. އެމީހުން މިހުރިހާ ދުވަހު ކުރަމުން އައި މަސައްކަތް ކާމިޔާބު ވާތީ އެންމެން ވެސް ތިބީ ނުހަނު އުފާވެފައެވެ. އައިޒަން އެކްސިޑެންޓުވުމުގެ ސަބަބުން މި މަސައްކަތް މެދު ކަނޑާލައިފައި ވީނަމަވެސް މިއަދު އެއުޅެނީ އެމަސައްކަތް ކާމިޔާބުވާށެވެ. ކުރަން ވީ ހުރިހާ ކަމެއް އެންމެންނަށް ބުނެދީފައި އައިޒަން ދެން އަވަސްވެގަނީ ޕޮލިހުންގެ އެންމެ ބޮޑަށް ހުންނަ ހާނިމްއަށް އެހަބަރު ދޭށެވެ.

”ހައިޝަމް… ކަލޭ މިހާރު އައިޒަންއަށް ގުޅާފައި ބުނެފިންތަ އެ ފަޅުގެ ކައިރިއަށް އަންނާށޭ؟” އިހްސާން ސިނގިރޭޓެއް އަނގައަށް ޖަހައިގެން އިނދެ ބުނެލިއެވެ. ”އާން.. ހަތަރު ގަޑި ބައިގައި އޭނާ ދާނެ އެތަނަށް… އަދި އިނގޭތަ؟ ވަރަށް އުފާވެފައޭ އެސޮރު ހުރީ… މަ މާ ދުވަސް ކޮށްފަ ގުޅީ މައޯ… ވަަރަށް ވާހަކަ ދައްކާލިން.. ހެހެހެހެ….”ހައިޝަމް ވަރަށް ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. ”ހައްހައްހާ… ދެން އޭނާއަކަށް މާ އުފާވެލައިފައިއެއް ނުހުރެވޭނެއްނު… މިއަދު އެހިނިތުންވުން އަބަދުގެ އަބަދަށް ދުއަވާލާނަން… އޭނާ އާއި ހެދި ނިފްޝާވެސް މަށަށް ނުލިބުނީ… އެވަރުގެ ނުބައި މީހެއް މަނުދެކެން…. މާ އެދުން ބޮޑުވެގެން ޒީލަގަދަވެގެން… އެއުޅެނީ…” އިހްސާން އޭނާގެ ދަތްތައް ފިއަތާލައިފައި ބުނެލިއެވެ. ”މިހާރުވެސް މާ ލަސްވެއްޖެ ތިކަން ކުރަން… ހެހެހެހެ..” ޝާނާވެސް ވަރަށް އުފާވެލައިފައި ބުނެލިއެވެ.

*********

ހަވީރު ހަތަރު ގަޑި ބައިގައި އައިޒަން ހުރީ ފަޅުގެއެއްގައި ކޮންމެވެސް މީހެއްގެ އިންތިޒާރުގައިއެވެ. އެގޮތަށް ހުރެ ފަނަރަ މިނެޓް ވި އިރަށް އެތަނަށް ސައިކަލުގައި ދެމީހަކު އައެވެ. އައިޒަންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. މޫނުގައި މާސްކެއް އަޅައިފައި ވުމުން އެމީހުންގެ މޫނެއް ފެންނަ ގޮތެއް ނުވެއެވެ. ސައިކަލުން ފޭބި ނުހަނު ވަރުގަދަކަމަށް ދައްކާ މީހަކު އައިސް ފުރަތަމަ ވެސް ޖެހީ އައިޒަންގެ ކޯތާފަތުގައިއެވެ. ދެވަނަ ފަހަރަށް ޖެހުމުން އައިޒަންގެ ތުންފަތްދިޔައީ ފަޅައިގެންނެވެ. އެވަރުންވެސް އެމީހާ ހުއްޓާލާކަށް ނޫޅެއެވެ. މިފަހަރު ޖެހި ގޮތުން އައިޒަން ބިންމައްޗަށް ވެއްޓުނީ އަނގަވަތަށެވެ. ދެން އިވުނީ އެމީހާގެ ބަރު އަޑުން ވާހަކަ ދައްކަން ފެށި އަޑެވެ. ”ކަލޭ ނުހުންނާނަންތަ މަޑަކުންނެއް… ކަލޭއާ ހެދި ނިފްޝާވެސް މަރުވީ… ހަމަ ކަލޭ އާއި ހެދި… މަ މިއައީ އެކަމުގެ ބަދަލު ހިފަން…” އެމީހާ ވާހަކަ ދައްކަމުން ދިޔަ އިރު އައިޒަންއާ ދިމާއަށް ދިޔައީ ހަޑިއެއްޗެހިވެސް ގޮވަމުންނެވެ. ”މަ ކީއްތަ ކުރީ ނިފްޝާއަށް..” އައިޒަން ދެރަވެލައިފައި ބުނެލިއެވެ. ” އާން… ކަލޭ ނުކުރާނެ އެއްވެސް ކަމެއް… ތިޔަކީ ތެދު އަލިފެއް… އަދި މާ ސޯލިހު މީހަކަށް ވެގެން އުޅެބައެއްނު…” އެމީހާ ދިޔައީ އައިޒަން އާ ދިމާއަށް ހިތަށް އެރި ހުރިހާ އެއްޗެއް ގޮވަމުންނެވެ. އެންމެ ފަހުން ފަހަތުގައި ހުރި ހައިޝާމް އަށް އައިޒަން ގޮވާލީ ރުޅިން ރަތްވެފައި ހުރެގެންނެވެ. އޭގެ އިރު ކޮޅެއް ފަހުން އިވެމުން ދިޔައީ އިހްސާން ވާހަކަ ދައްކާފައިވާ ރިކޯޑެކެވެ. އޭރު އެތަނަށް ވަނީ އެހެން ޕޮލިހުންވެސް އައިސްފައިއެވެ. ހައިޝަމް ދިޔައީ އެ ރިކޯޑް އިއްވަމުން އައިޒަންގެ ގާތަށެވެ. އިހްސާން ހައިޝަމްއަށް ހިއްސާކޮށްފައި ހުރި ހުރިހާ ވާހަކަތަކެއް އެ ރިކޯޑުން ދަނީ އިވެމުންނެވެ. ”ކާކުކަން އިނގިއްޖެއްނު ނިފްޝާ މަރާލީ… އަދިވެސް ބުނާނީ އައިޒަންއޭތަ.. އެ ރިކޯޑުން އިވެމުން އެދިޔައީ ކަލޭ މަށާ ހިއްސާކޮށްފައި ހުރި ވާހަކަތައް… އާން… މިހާރު ކަލޭ ހިތުގައި ވަރަށް ބޮޑު ސުވާލެއް އުފެދިފައި އެބައޮތް ދޯ… ހަހަހހަަހ… މަ ކަލޭ އާ އެއްބައިވެގެން ނުކުރަން އެއްވެސް ކަމެއް… މަ މިހޯދީ ކަލޭ ކޮށްފައި ހުރި ކަންތައްތައް… އަމިއްލަ ދުލުން މަށަށް ކިޔާދިނީ… އެދުވަހުތި މޮޔަ ސިކުނޑި އަކަށް ނޭނގުނެއްނު އެކައްޗެއްވެސް… މާ މޮޅުވެލައިގެން އުޅެނީ… ރިސޯޓަށް ދިޔަ ފުރަތަމަ ދުވަހު މަ އިނީ ކަލޭމެން ރާ ބޮއެގެން ބުއްދި ފިލަންފެން އެސުވާލު ކުރާން… މަ މަސްތުވެފައި ހުރި ގޮތަށް ވާހަކަ ދެއްކީވެސް އޮޅުވައިލަން ވެގެން.. ކަލޭމެން ދިން ރާތަށިން އެންމެ އެތިކޮޅެއްވެސް މަ ނުބޮން…. ކަލޭގެ މޮޔަކަމުން މަހުރީ އެދުވަހު ބުނާނި އެއްޗެއް ވެސް ނޭނގިފައި….” ހައިޝަމް ދިޔައީ އިހްސާން ކޮށްފައި ހުރި ހުރިހާ ކަމެއް ފަޅާ އަރުވަމުންނެވެ. ކައިރީގައި ހުރި އައިޒަން ހުރީ ހިނިތުންވެލައިގެން އިހްސާންއާ ދިމާއަށްބަލާށެވެ. އައިޒަން ބޮލުން ކޮށްލި އިޝާރާތާއިއެކު ތިން ޕޮލިހުން ގޮސް އިހްސާން އާއި ހަނާން އާއި ޝާނާގެ އަތުގައި ބިޑި އަޅުވައިލިއެވެ. ތިން މީހުންވެސް މާ ގަދަ ހަދާކަށް ނޫޅެއެވެ. ”އަދި އެބޮތް ދޯ ނޭނގޭ ކަމެއް؟” އައިޒަން މާނަ ފުން ގޮތަކަށް ބުނެލިއެވެ.

(ނުނިމޭ)

 

42

mariyanbu

A girl who loves to read and write stories.. Getting comments from readers will improve my writing.. Help me to improve my writing.. My aim is to give an advise to readers.. Author of konme vaguthakuvs visnidhaane, zeeshaan, kurehun elhuney hithuge adygai, vaguthu, eh hadhaan thah.. hope all the stories are nice to readers.. ....الحمد الله....

You may also like...

4 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. assalaam alaikum..
    here is the 14 part… hope all the readers will like this part too… please point out the mistakes for me so i can improve my writing… next part tomorrow…insha allah… 🙂

    ⚠Report!

Leave a Reply

Your email address will not be published.