
ލޯބި 7 ވަނަ ބައި
ފޯނު ފެންނަ ކޮންމެ ފަހަރަކު ޒިޔާން މަތިން މާބޮޑަށް ހަނދާންވާތީ ފޯނާ ވަރަށް ބޮޑަށް ދުރުވީމެވެ. އަބަދު ފޯނު ބާއްވަނީ ނިއްވާލާފައި، ކަބަޑުގައެވެ. އެހެން ހެދުމުން ޒިޔާންގެ މެސެޖަކަށް ކުރެވޭ އިންތިޒާރު ކުޑަވާންފެށިއެވެ. އެކަމަކު އެކަނިވާ ކޮންމެ ފަހަރަކު ވަރަށް ބޮޑަށް ޒިޔާން މަތިން ހަނދާންވެއެވެ. ބައެއްފަހު ރީތި ފިލްމެއް ބަލާފަދައިން ހުރިހާ މަންޒަރުތަކެއް ވަކިވަކިން ސިފަކުރަން އޮވެވެއެވެ. އަނެއްބައި ފަހަރު ޒިޔާނާ ވަކިވާންޖެހުނީތީ ހިތާމައިން، ގިސްލަމުން އޭނާ މަތިން ހަނދާންކުރަން އޮންނަމެވެ.
ހަފުތާއެއް ފަހުން މީޝާއީލް އަތުވެއްޖެއެވެ. ކިޔެވުން މެދުކަނޑާލާފައެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ކިޔެވުމަށްވުރެ އޭނާ އަށް އަހަރެން މުހިއްމުވާނެކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ހިތުން މީޝާއިލްއަށް ކުޑަނަމަވެސް ޖާގައެއް ދެވޭތޯ މަސައްކަތް ކުރަންވީއެވެ. އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. އެކަމަކު މިހާރު މި ހިތަކީ އަހަރެންގެ ބާރު ފޯރާ ހިތެއް ނޫނެވެ. މި ހިތް ވަނީ ޒިޔާނަށް ހިބައިން ދެވިފައެވެ. އެހެން މީހަކަށް ދޭނެ އެއްޗެއް ނެތެވެ. ދެން އޮތީ މީޝާއިލްދަކީ ޒިޔާން ކަމުގައި ދުށުމެވެ. އެގޮތް މުޅިން ގޯހެއް ނޫނެވެ. އެކަމަކު އެ ދެމީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ. ޒިޔާންގެ އެހުންނަ ލޯބިވެތި، ހިތްދަމައިގަންނަ ގޮތެއް މީޝާއިލްގެ ނުހުރެއެވެ. މީޝާއިލްއަކީ ‘އަބުއި’ މީހެކެވެ. ބޭކާރު ވާހަކައެއް ނުދައްކާނެއެވެ. ލޯބިވެތި ސަމާސާކޮށް ހަދާކަށް ނޭނގޭނެއެވެ. ހަމައެކަނި ޒިޔާންގެ މެސެޖުތަކުން ވެސް އަހަރެންގެ ހިތް ބަންޑުންވިއެވެ. މީޝާއިލް އަހަންނަށް މެސެޖެއްކުރި ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. އެކަމަކު ދޭތެރެއަކުން އަހަރެންގެ ހާލު ބަލަން ގުޅާނެއެވެ. އަހަންނަށް އެއްވެސް ކަމެއް ދަތިވޭތޯ، ކަމެއް ބޭނުންވޭތޯ އަހާނެއެވެ. ލޯބިވެރިޔަކަށްވުރެ ބޮޑަށް އަހަންނަށް އޭނާ ފެންނަނީ ބޭބެއެއްގެ ނަޒަރުންނެވެ.
މީޝާާއިލް މާލެ އަށް އައި ދުވަހުގެ މެންދުރު އަހަރެންގެ ގެއަށް ކާން އައެވެ. ބައްޕަގެ ދަޢުވަތަކަށެވެ. ސުފުރާމަތިން ބައްދަލުވުމުން އެހެން މީހުންނާ ވާހަކަދެއްކިފަދައިން އަހަންނާ ވެސް ވާހަކަ ދެއްކިއެވެ. ވަކި ހާއްސަކަމެއް އަހަންނަކަށް ނުދެއެވެ. އަހަރެން ހީކުރީ ކޮންމެ ވެސް ވަގުތަކުން އޭނާ އަހަންނާ އެކަނި ބައްދަލުކުރަން އަންނާނެކަމުގައެވެ. އެކަމަކު އެރޭގެ ނުވައެއް ޖެހިއިރު ވެސް ޚަބަރެއް ނުވެއެވެ. އެންމެ ފަހުން އަހަރެން އިސްވެ އޭނާ އަށް ގުޅީމެވެ.
“ހަމަ ގުޅަން އުޅެނިކޮށް ތިގުޅީ” ފޯނު ނެގުމަށްފަހު މީޝާއިލް ބުންޏެވެ.
“ކީއްވެ މިގެއަށް ނައީ؟” އަހަރެން އެހީމެވެ. އަހަރެން އޮތީ ބޭރަށް ގޮސް، ހިތްހަމަ ޖައްސާލަން ބޭނުންވެފައެވެ. އަބަދު ގޭގައި އޮތުމުން މާބޮޑަށް ހިތް ނުތަނަވަސް ވަނީއެވެ. މިހާރު ފިކުރުކޮށްކޮށް ބަލިވާގޮތް ވެސް ވެއްޖެއެވެ. މާބޮޑަށް ވަރުބަލިވެ ލޮޑުވަނީއެވެ.
“މިއަދު މެންދުރު ދިޔައިމެއްނު؟” ނައުޝާދު ބުންޏެވެ. އޭނާ ދޭނީ އެޖަވާބުކަން އަހަންނަށް މާކުރިން ވެސް އެނގެއެވެ. އޭނާ ބަލާނީ ވީހާވެސް ބޮޑަށް އަހަންނާ ދުރުދުރުން އުޅެވޭތޯއެވެ. ކައިވެނީގެ ކުރިން މާބޮޑަށް ގާތްވާކަށް ނުވާނޭ އަބަދުވެސް ބުނެއެވެ.
“އަހަރެން ގޮވައިގެން ދުއްވާލަން ދެވިދާނެތަ؟ ފިނިކޮށްލަން” ބޭރަށް ނުކުމެ ސާފުވައިކޮޅެއް ލިބެން އެދޭތީ އަހަރެން ބުނީމެވެ.
“ރޭގަނޑު؟ މިގަޑީގަ؟” ކަންބޮޑުވެފައި މީޝާއިލް އެހިއެވެ. އޭނާ އަކަށް ނުކެރޭނެއެވެ. މުޅި އުމުރުގައި ވެސް އޭނާގެ ސައިކަލު ފަހަތަށް އަހަރެން އެރުވީ އެންމެ ދުވަހަކުއެވެ. އެއީ ވަރަށް ކުއްލިގޮތަކަށް ހޮސްޕިޓަލަށް ދާން ޖެހުނު ދުވަހަކެވެ.
“މީހުން ކީކޭ ހީކުރާނީ؟ ދެން ކައިވެނި ކުރަން މާގިނަ ދުވަހެއް ނެތެއްނު؟” މީޝާއިލް ބުންޏެވެ.
ވީފޫހިން އަހަރެން ފޯނު ކަނޑާލީމެވެ. މީޝާއިލްއަކީ ޒިޔާން ކަމުގައި ހީކުރާނީ ކިހިނެއް ހެއްޔެވެ؟ ޒިޔާން ނަމަ އަހަރެން ގޮވައިގެން ދާނެކަން ޔަގީނެވެ. އޭނާ މީހުންނަށް ސިއްރުން ދަންވަރު ވެސް އަހަންނަށް ބައްދަލުކުރިއެވެ. އަހަރެން އުފާކޮށްދެވެން ކުރެވުނު ހުރިހާކަމެއް ކުރިއެވެ. އެކަމަކު މީޝާއިލް. . . މީޝާއިލްއަކީ ވެސް އަހަރެން އުފާކޮށްދޭން މަސައްކަތް ނުކުރާ މީހެކޭ ނުބުނެވޭނެއެވެ. އެ ދެމީހުންގެ ވިސްނުމާއި، ދެކޭގޮތް ތަފާތީއެވެ. އަހަންނަށް އެކަން ވިސްނެއެވެ. އަހަންނަށް ކަމުދަނީ ޒިޔާނެއެވެ. ޒިޔާން ކޮށްދިން ކަންކަމެވެ. ޒިޔާންގެ ފަރާތުން ލިބުނު އުފަލެވެ.
ކައިވެނީގެ ދުވަސް އައިސްޖެހުނުއިރު އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ކޮޅަށް ހުރެވެނީ ވެސް ހަމަ ކިރިޔާއެވެ. މާބޮޑަށް ވަރުބަލިވަނީ އެވެ. ކިތަންމެ ބަނޑުހައިވިޔަސް ނުކެވެއެވެ. ކާން ކެރޭ އެއްޗެއް ނުހުރެއެވެ. އަހަރެންގެ ހިތަށްއެރިއެވެ. މިއީ ފިލްމުތަކުގައި ވެސް ވާގޮތެވެ. ލޯބި ނުލިބުމުން ނުވަތަ ލޯބިވެރިޔާއާ ވަކިވާން ޖެހުމުން ބަތޮލާ ނުކައި ނުބޮއެ ހިތާމަކުރަން އޮވޭ ނޫން ހެއްޔެވެ؟ އަހަންނަށް ވެސް މިވަނީ އެހެން ކަންނޭނގެއެވެ. އެކަމަކު ހިތް ދަތިވެގެން މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއަށްވުރެ އަހަރެން މާ ބޮޑަށް ހިތްވަރު ގަދަވާނެއެވެ. މިހުރިހާ ދުވަހު ވެސް ޒިޔާނާ ވަކިން އުޅުނީއެވެ. ދެން ވެސް އުޅެވޭނެއެވެ. ޒިޔާން ބުނިފަދައިން އެއީ އަހަންނަށް ފެނުނު ރީތި ހުވަފެނެކެވެ.
ކައިވެނީގެ ހަފުލާ އޮތީ ބައްޕަގެ ރިސޯޓްގައެވެ. ހަފުލާއަށް ރިސޯޓް ތައްޔާރުކުރެވިފައިވާ ގޮތް ފުރިހަމަކަމުން ޚުދު އަހަރެން ވެސް ހައިރާންވިއެވެ. މެހުމާނުންގެ މޭޒުތައް ގޮނޑުދޮށުގެ ހުދުވެލިގަނޑު މަތީގައި ތަރުތީބުކުރެވިފައި ވާއިރު، މީރުވަސްދުވާ އުއްބައްތިތަކުން މުޅިތަން ވަނީ ހުޅުދާން ވެފައެވެ. މެހުމާނުންނާ ސަލާމްކުރަން އަހަރެން ހުންނަންޖެހޭ މަޤާމަށް ދާން ތައްޔާރު ކުރެވިފައިވާ މަގުގައި ވަނީ ރަތް ފިނިފެންމާ ފިޔައިގެ ދޫލައެކެވެ. ހަފުލާގެ ފުރިހަމަކަމުން، ނުވަތަ ހަފުލާއަށް ދަޢުވަތު ދެވުނު ބޭފުޅުންގެ ފެންވަރަކުން އަހަރެންގެ ހިތަކަށް ކުޑަ ނަމަވެސް އުފަލެއް ނުލިބެއެވެ. ފޫހިކަމާއި، ވަރުބަލިކަން މޫނުމަތިން ނުދައްކާވޭތޯ މަސައްކަތްކުރަމުން، އަހަންނަށް ވީ އެންމެ ރަނގަޅަކަށް އަހަރެންގެ ދައުރު އަދާކުރީމެވެ.
ހަފުލާ ނިމުމުން އަހަރެމެންނަށް ތައްޔާރުކުރެވިފައިވާ ކޮޓަރިއަށް ދެވުނުއިރު ވަރަށް ދަންވެއްޖެއެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. މޭނުބައިކުރާވަރުން ތަނެއްގައި ހަމަޖެހިގެން އިށީނދެވޭ ވަރެއްނުވެއެވެ. އެންމެ ފަހުން ކައިވެނީގެ ހެދުން ކޮށިކޮށްލަމުން ބާރު ހިނގުމެއްގައި ގޮސް ފާޚާނާއަށް ވަނީމެވެ. އޯކަށްދެމިގަނެވުމާއެކު، ޕާޓީ ފެށުމުގެކުރިން އަހަރެން ބޮއެގެންހުރި އޮރެންޖު ޖޫސްތަށި ހޮޑަށް ލެވުނެވެ. ހަވީރު ވީފަހުން އަހަރެންގެ އަރުން އެތެރެވީ ހަމައެކަނި އެއްޗަކީ އެއީ އެވެ.
“އަފޫ! ކިހިނެއްވީ؟ ބޮލުގައި ރިހެނީތަ؟” އަހަރެން ހޮޑުލީ އަޑު އިވުމުން މީޝާއިލް ދުވެފައި އައިސް ފާޚާނާއަށް ވަނެވެ.
އަހަންނަކީ އާންމުކޮށް ބޮލުގައި ރިހޭ މީހެކެވެ. ބަނޑުހައިވުމުން ނުވަތަ ނިދިހަމަނުވުމުން ވެސް ރިހެއެވެ. ވަރަށް ގިނަފަހަރު ރިހުން ގަދަވެގެން ހޮޑުވެސް ލެވެއެވެ. މީޝާއިލްއަށް އެކަން އެނގޭނެއެވެ. އޭނާ އެހެން އެހުމުން އަހަރެން ވިސްނާލީމެވެ. މިރޭ ބޮލަކު ނުރިހެއެވެ. އެކަމަކު ވަށައިގެންވާ ތަންތަން އެނބުރޭހެން ހީވެފައި، ވެއްޓިދާނެއޭ ހީވަނީއެވެ. މާބޮޑަށް ހަށިގަނޑުގެ ވަރުދެރަވާހެން ހީވަނީއެވެ.
“މިރޭ ތިއުޅެނީ އެއްވެސް އެއްޗެއް ނުކައި. ކާއެއްޗެއް ގެންނަންތަ؟” އަހަރެން ފާޚާނާއިން ނުކުތީ މީޝާއިލްގެ އެހީގައެވެ.
“މިވަރަށް ހޮޑުލަވަނިކޮށް ކިހިނެއް ކާނީ؟” ހަފުލާ ނިމިމުން މީޝާއިލް ކެއި އިރުވެސް އަހަންނެއް ނުކަމެވެ. ކާހިތް ނުވީއެވެ.
“ތީ ކުރިންވެސް ވާގޮތެއްނު؟ ގަޑިން ގަޑިއަށް ނުކަންޏާ ކަމަކުނުދާނެ!” ވަރަށް އޯގާވެރިކަމާއެކު މީޝާއިލް އަހަރެން އެނދުގައި ބޭންދިއެވެ. “ވަރަށް އަވަހަށް އެބަ އަންނަން!”
މީޝާއިލް ނުކުމެގެން ދާތަން ބަލަން އިނދެފައި އަހަރެން އެނދުގެ ހެޑްބޯޑްގައި ލެނގިލީމެވެ. އެވަގުތު ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ޒިޔާނާ އެކުގައި ހޭދަކުރެވުނު އެންމެފަހު ރެއެވެ. ޒިޔާން ދެއްކި ވާހަކަތަކެވެ. އަހަރެމެންގެ ދެމެދުގައި ހިނގާދިޔަ ކަންކަމެވެ. އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. މަޑުމަޑުން ބަނޑުގައި ކަނާއަތްތިލަ ޖައްސައިލެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ނައުޝާދެވެ.
“އިރުކޮޅަކުން ކާއެއްޗެހި ގެންނާނެ! ހެދުން ބަދަލުކޮށްގެން އޮށޯވެލަންވީނު؟” މީޝާއިލް ބުންޏެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން” މީޝާއިލްގެ މޫނަށް ބަލަން އިނދެ، ވަރަށް އުނދަގުލުން އަހަރެން ބުނީމެވެ.
“ކިހިނެއްވީ؟ އަވަހަށް ބުނޭ!” އަހަންނާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު މީޝާއިލް އައިސް އަހަރެން ކައިރީގައި އިށީނެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ.
“މިއަދު މާ ބިޒީކޮށް އުޅުނީމަ ކަންނޭނގެ. . . ވަރަށް ބޮޑަށް ވަރުބަލިވޭ! . . . އަހަރެން އަރާމުކޮށްލަން އޮށޯވެލަންތަ؟” ވަރަށް ލަސްލަހުން އަހަރެން ބުނީމެވެ.
“އާނ! އަވަހަށް އޮށޯވޭ!” މީޝާއިލް ބާލީސް ރަނގަޅުކޮށްލުމަށްފަހު، އަހަރެންގެ ދެކޮޑުގައި ހިފަމުން ބޭއްވިއެވެ. އަދި ގައިމަތީގައި ކްއިލްޓް އަޅައިދިނެވެ.
އަހަރެންގެ ހިތަށްއެރިއެވެ. މީޝާއިލްއަކީ ރަނގަޅު، އޯގާވެރި ފިރިއެކެވެ. އެކަމަކު އޭގެ ބަދަލުގައި އަހަންނަށް މިދެވެނީ ކޮން އެއްޗެއް ހެއްޔެވެ؟ ކައިވެނީގެ ފުރަތަމަ ރޭ ވެސް އަހަންނަށް މި އޮވެވެނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މިކަމުގެ ސަބަބުން އަހަރެން މީޝާއިލްއަށް އަދާކޮށްދޭންޖެހޭ ހައްޤަށް އުނިކަމެއް އަތުވެއްޖެއެވެ. މިހެންވެގެން ނުވާނެއެވެ. މިހާރު އެއީ އަހަރެންގެ ފިރިމީހާއެވެ. މިއީ އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތި އަހަރެންގެ އަމިއްލަ އިޚުތިޔާރުގައި، އަހަރެން ރުހިގެން ކުރެވުނު ކައިވެންޏެކެވެ. ލޯބި ނުވިޔަސް އަނތްބެއްގެ ވާޖިބުތައް އަހަރެން އަދާކުރަންޖެހޭނެއެވެ. އެކަމަކު މިރޭ މިނޫން އިތުރު އެއްވެސް ގޮތެއް އަހަންނަކަށް ނެތެވެ.
ކުރިން ހަމަޖެހިފައި އޮތީ ހަފުތާއެއްހާ ދުވަހު އަހަރެމެން ރިސޯޓުގައި މަޑުކުރާގޮތަކަށެވެ. އެކަމަކު އަހަރެން ބޭނުންވަނީ ވީއެންމެ އަވަހަކަށް މާލެ ދާން ކަމުން ޖެހިގެންއައި ދުވަހު އަހަރެމެންގެ ދަތުރު ކުރުކޮށްލުމަށްފަހު މާލެ ދިޔައިމެވެ. ޝައްކުން ފުރިފައިވާ އަހަރެންގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަވަސްވެފައެވެ. އަވަސްއަވަހަށް ޕްރެގްނެންސީ ޓެސްޓް ކުރާ ކިޓެއް ގަނެގެން ޓެސްޓް ކުރީމެވެ. ލިބުނު ނަތީޖާއިން އަހަރެންގެ ހިތް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. އަހަންނަށްޓަކާ މުޅި ދުނިޔެ ކުޑަވެ، ހާސްވިއެވެ. ނޭވާލުމަށް ދަތިވިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދުނިޔެ އަހަންނަށް ކުރިމަތި މިކުރުވީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ ޒިޔާންގެ ލޯތްބަކީ އަހަންނަށް ފެނުނު ރީތި ހުވަފެނޭ ހީކުރާށޭ ޒިޔާން ބުންޏަސް ދެން އެހެން ހީކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ރީތި ހުވަފެން ބިރުވެރި ހަޤީގަތަކަށް ބަދަލުވެއްޖެއެވެ. ދެން ދުވަހަކު ވެސް އަހަންނަށް އެހުވަފެނަކާ ވަތްކެއް ނުވެވޭނެއެވެ. އަހަރެން ދާކޮންމެ ތަނަކަށް އަހަރެންގެ ފަސްފަހަތުން އަންނާނެއެވެ. ދެން އެންމެ ހިނދުކޮޅަކަށް ވެސް ޒިޔާންގެ ހަނދާންތައް އަހަންނާ ދުރަކަށް ނުދާނެއެވެ. އަހަރެންގެ ބަނޑުގައި މިވާ ފުރާނައަކީ ޒިޔާންގެ ލެއެވެ. ޒިޔާންގެ ދަރިއެކެވެ. އަހަރެމެން އެކަކު އަނެކަކު ދެކެ ވީ އިންތިހާ ދަރަޖައިގެ ލޯބީގެ ތެރެއިން ކުރެވުނު ފާފައިގެ ނިޝާނެވެ.
ދެން ހަދަންވީ ގޮތެއް ނޭނގިގެން އާވާރާއެއް ފަދައިން އަހަރެން ކޮޓަރިތެރޭގައި އެނބުރުނީމެވެ. އެންމެ ފަހުން އަހަންނަށް ވިސްނުނީ ޒިޔާން މިޚަބަރު ދޭށެވެ. އަހަރެންގެ ބަނޑުގައި އޭނާގެ ދަރިއަކު އޮތުމުން އޭނާ ނިހާއާ ވަކިވެދާނެއެވެ. އަހަރެން ކައިރިއަށް އަތުވެދާނެއެވެ. ފޯނު ނެގުމަށްފަހު ވަރަށް ފަރިތަކަމާއެކު އޭނާގެ ނަމްބަރަށް ޑައިލް ކޮށްލީމެވެ. އެކަމަކު ރިންގުވާން ފެށުމުގެ ކުރިން ފޯނު ކަނޑާލީމެވެ. މިއީ އަދި ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަންނާ ޒިޔާންގެ ލޯތްބަށް އެޅިފައިވާ ހުރަހަކީ ހަމައެކަނި ނިހާއެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ދޭތެރޭގައިވާ ހަސަބާއި ނަސަބުގެ ތަފާތަކީ ވެސް ވަކި ކުޑަ ސަބަބެއް ނޫނެވެ. ބައްޕަ އަށް ވިސްނައިދޭން ނުވަތަ ބައްޕަ ރުއްސަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހިނި ފަރުބަދަ ކެނޑިޔަކަސް އަހަންނަކަށް ނުކެނޑޭނެއެވެ. އަހަރެންގެ އެހާ ހިތްވަރެއް ނެތެވެ. ބައްޕަ އަށް މިކަން އެނގިއްޖެނަމަ ކޮންމެ ފަދަ ގޮތެއް ވެސް ހަދާފާނެއެވެ. މި ދަރިފުޅުނު ދުނިޔެއަށް އުފަންކުރުމަށް ވެސް ހުރަސްއަޅާކަށް ފަހެއް ނުޖެހޭނެއެވެ. އެހެން ވާކަށް އަހަރެން ނޭދެމެވެ. މިއީ އަހަރެންގެ އަލަތު ދަރިފުޅެވެ. އަހަރެން ޒިޔާން ދެކެވާ ތެދުވެރި ލޯބީގެ ނިޝާނެވެ. މިހާރުވެސް މި ދަރިފުޅުގެ މައްޗަށް އަހަރެންގެ ހިތް ލޯބިން ފުރިއްޖެއެވެ.
އެންމެފަހުން އަހަރެން ގޮތެއް ނިންމީމެވެ. މި ހަޤީގަތް މުޅި ދުނިޔެއަށް ސިއްރުކުރުން އެއީ އަހަންނާއި މި ދަރިފުޅަށް އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރީމެވެ. ނަމަވެސް އެއީ މީޝާއިލްއަށް ވެވޭ ހާދަ ބޮޑު ބޭއިންސާފެކެވެ. މިހާރު އަހަރެމެންގެ ކައިވެނި ވެސް ޞައްހައެއް ނުވާނެއެވެ. އޭނާ އަކީ އަހަންނަށް ހިލޭ މީހެކެވެ. އެކަމަކު ދުނިޔޭގެ ލަދާއި ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެން މިދަރިފުޅު އުފަންކުރަން ބޭނުމެވެ. އަހަންނަށް ހަމައެކަނި އޮތް ގޮތަކީ ނައުޝާދާ އެކު ދިރިއުޅުމެވެ. މުޖުތަމައު ދެމަފިރިންނަށް ދޭ އިޚުތިޔާރާއި، އިޚުތިރާމު ލިބޭނީ އޭރުންނެވެ.
މީހުން ބުނާނެއެވެ. އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ. އެއީ ތެދެކެވެ. ޚުދު އަހަރެން ވެސް އެކަން ގަބޫލުކުރަމެވެ. މީޝާއިލް ކައިވެނިކުރަން ރުހިގެން ހުރެ، އަހަރެންގެ ހިތް ޒިޔާންގެ މައްޗަށް ދޫކޮށްލީއެވެ. ޒިޔާނާ އެކު ލޯބީގެ އައްސޭރިއަކަށް ގޮސް ލޯބީގެ ފޮނިކަން ލިބިގަތީއެވެ. އެންމެ ފަހުން އެލޯބިން ލިބުނު ހިތްދަތިކަން ފިލުވައިލުމަށް މީޝާއިލްގެ ބޭނުން ނަހަމަގޮތުގައި ކުރެވެނީއެވެ. އަހަންނަށް ކުރެވުނު ފާފަ ވަންހަނާކުރުމަށް މީޝާއިލްގެ ނިވާފަތްގަނޑަކަށް ބޭނުން ކުރެވެނީއެވެ. އަހަރެން ދެރަވެއެވެ. އެކަމަކު މި ނޫން ގޮތެއް ނެތީއެވެ.
މާގިނަ ދުވަހު މާލޭގައި ހުންނާކަށް މީޝާއިލް ގަސްތެއްނުކުރިއެވެ. އޭނާ ބޭނުން ވަނީ ވީއެންމެ އަވަހަކަށް ކިޔެވުން ފުރިހަމަ ކުރަން ދާށެވެ. އަހަރެން ވެސް ގޮވައިގެންނެވެ. އެއީ އަހަރެން ވެސް ބޭނުންވީ ގޮތެވެ. އަހަރެން އޭނާއާ އެކު ނުގޮސް މަޑުކޮށްފިނަމަ މި ކައިވެނީގެ މަޤުޞަދު ހާސިލެއް ނުވާނެއެވެ.
“ވަރަށް ދެރަވޭ ރިޔާޝް ގޮވައިގެން އެއްވެސް ތަނަކަށް ނުދެވުނީތީ. . .” އަހަރެން ފޮށްޓަށް އެއްޗެހި އަޅަން އުޅެނިކޮށް ނައުޝާދު އައިސް އަހަރެންގެ ފުރަގަހުން ބައްދާލިއެވެ.
“މިއީ ހަނީމޫން ދަތުރެއްނު؟” އަހަރެންގެ ޝަކުވާއެއް ނެތް ކަން ބުނެދިނުމުގެ ގޮތުން ބުނީމެވެ.
ހަޤީގަތުގައި ވެސް އަހަރެންގެ ޝަކުވާއެއް ނެތެވެ. އަހަރެން ޝަކުވާ ކުރަންވީ ކޮންކަމަކާ ހެއްޔެވެ؟ ލޯތްބާއި، ހިތްހަމަހެޖުން ފިޔަވައި އެހެން ހުރިހާ އެއްޗެއް މީޝާއިލްގެ ފަރާތުން އަހަންނަށް ލިބޭނެކަން ޔަގީނެވެ. އަހަރެންގެ ލޯތްބަކީ ޒިޔާނެވެ. ހިތްހަމަޖެހުމަކީ ޒިޔާނާ އެކުގައި ރީތި ދިރިއުޅުމެއް ހޭދަކުރެވުމެވެ. އެއީ ދުވަހަކުވެސް ނުވާނެ ކަންކަމެވެ.
އަހަރެން ބަނޑުބޮޑުކަން މީޝާއިލްއަށް އެނގުނީ ކައިވެންޏަށް މަހެއް ވީފަހުންނެވެ. މީޝާއިލް އުފަލުން ފޮޅުނެވެ. އޭނާގެ ކުރިމަތީގައި އަހަރެންގެ ދަރަޖަ އުފުލިގެން ދިޔައެވެ. މިހާރު އަހަންނަކީ އަމީރާ އެކެވެ. އޭނާ އެކަން އިހުސާސް ކޮށްދިނެވެ.
ބަނޑުބޮޑުވުމަށް ބަލިވެއިނުމޭ ކިޔަނީ ކީއްވެކަން އެނގުނީ އެކަން ތަޖުރިބާ ކުރެވުމުންނެވެ. ކިތަންމެ ބަނޑުހައި ވިޔަސް ކާން ކެރޭ ކާއެއްޗެއް ނުހުރެއެވެ. ކިތަންމެ ވަރުބަލިވިޔަސް ހަށިގަނޑަށް އަރާމެއް ހޯދައެއް ނުދެވެއެވެ. ނުނިދެއެވެ. މިހާ ޅަ އުމުރުގައި މިފަދަ ބޮޑު ކަމަކާ ކުރިމަތިލާނީ ކިހިނެއްބާއޭ ކިތަންމެ ފަހަރަކު އަހަރެންގެ ހިތަށް އެރިއެވެ. މީޝާއިލް އަހަންނަށް ހިތްވަރުދިނެވެ. އަހަރެން އުއްމީދު ކުރި ވަރަށް ވުރެ ބޮޑަށް އޭނާގެ އެހީތެރިކަން ލިބުނެވެ. އެންމެ ހިނދުކޮޅަކަށް ވެސް އާއިލާއާ ވަކިން އުޅޭ ކަމުގެ އިހުސާސެއް ނުކުރެވެއެވެ.
ދަތި އުނދަގޫ ނުވަމަސް ދުވަހަށްފަހު އަހަރެން ވިހެއީ ހޯމަ ވިލޭރޭއެއްގެ ފަތިހުގެ ވަގުތެއްގައެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. އެ ތުއްތު މޫނު ޒިޔާންގެ ރީތި މޫނާއި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެ ދެލޮލެވެ. ނޭފަތުގެ ބައްޓަން ވެސް ޒިޔާނާ އެއްވެސް ތަފާތެއް ނެތެވެ. ކުޑަކުޑަ ތުންފަތުން ވެސް ސިފަވެގެން ދަނީ ޒިޔާންގެ ހިތްގައިމު ހިނިތުންވުމެވެ.
“ބޭބީ ވައްތަރީ އަހަންނާ ދޯ!” ދަރިފުޅުގެ މޫނުގައި ބޮސްދެމުން މީޝާއިލް ބުންޏެވެ.
ބޭއިޚުތިޔާރުގައި އަހަންނަށް މޫނު އަނބުރާލެވުނެވެ. ކުށުގެ އިހުސާސް ކުރެވި، ހިތްދަތިވިއެވެ. މީޝާއިލްއަށް މިދެވެނީ ހާދަ ބޮޑު އަނިޔާއެކެވެ. އޭނާއާ އެއްވެސް ގުޅުމެއް ނެތް، އެހެން މީހެއްގެ ދަރިއަކަށްޓަކާ އޭނާގެ ހިތުގައި ދަރިކުލުނު އުފެދިއްޖެއެވެ. އޭނާގެ ހަރަކާތްތަކާއި، މޫނުމަތީގެ ކުލަވަރު ފެންނަ ކޮންމެ މީހަކަށް ވެސް އޭނާ އުފާވެފައިވާ މިންވަރު އިހުސާސް ކުރެވޭނެއެވެ.
“ބައްޕަގެ ދޫންޏަށް ކޮން ނަމެއް ކިޔާނީ؟” ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން މީޝާއިލް އެހިއެވެ. “މިޝްޔާ ތަ؟ ނޫނީ މިޔާޝާ ތަ؟”
މީޝާއިލް ބޭނުން ވަނީ އޭނާގެ ނަމާއި ގުޅޭ ގޮތަށް ނަން ކިޔާށެވެ. އެކަމަކު ދަރިފުޅަށް ކިޔާނެ ނަމެއް އަހަރެން މާ ކުރިން ހޯދައިފީމެވެ.
“ޒާޔާ” އަހަރެން ބުނީމެވެ.
“ޒާޔާ. . .” މީޝާއިލް އެ ނަން ކިޔާލިއެވެ. “ގޯހެއް ނޫން. އެކަމަކު އަހަރެންގެ ދަރިއަކަށް ކިޔަން ވާނީ އަހަރެންގެ ނަމާ ގުޅޭ ނަމެއްނު؟”
އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަހަންނަށް ހީވީ މީޝާއިލްއަށް ހަޤީގަތް އެނގިގެން އަހަރެން ބޭޒާރުކުރަން އުޅެނީ ހެންނެވެ. ބޮޑު ވައްކަމެއް ކޮށްފައި އަންނަ މީހަކަށް ހީވާނީ ދެން ތިބޭ އެންމެންނަށް އޭނާ އަކީ ވަގެއްކަން އެނގިގެން އުޅޭހެން ނޫން ހެއްޔެވެ؟ އަހަންނަށް ވެސް ވީ ހަމަ އެހެންނެވެ.
“ބޭބީ އަށް ކިޔާނީ މާޔާ!” ނައުޝާދު އެންމެ ފަހުގެ ނިންމުން ނިންމިއެވެ. އަހަންނަކަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެ ނަން އަހަރެންގެ ނަމާ ވެސް ގުޅެއެވެ. އެކަމަކު އަހަރެން ދަރިފުޅުގެ ނަން ގުޅުވަން ބޭނުންވަނީ ޒިޔާންގެ ނަމާއެވެ. ހަޤީގީ ބައްޕަ އަކީ އެއީ އެވެ.
އަހަންކީ ހަޤީގަތާއި ކުރިމަތިލާނެހާ ހިތްވަރު ހުރި މީހެއް ނޫނެވެ. ޝަރުޢީ ގޮތުންނާއި، ދުނިޔެވީގޮތުން ދަރިފުޅުގެ ބައްޕަ އަކީ މީޝާއިލްއެވެ. އެއީ އަހަރެން ވެސް ގަބޫލުކުރަން ބޭނުންވާ ގޮތެވެ. އެދޭ ގޮތެވެ.
ދަރިފުޅުގެ އުމުރަށް އިތުރުވަމުން ދިޔަ ކޮންމެ ދުވަހަކާއެކު ދަރިފުޅުގެ ސިފަ އިތުރަށް ޒިޔާނާ ވައްތަރުވަމުން ދިޔައެވެ. ނިދާފައި އޮންނައިރު ވެސް، ހޭލާ އޮންނައިރު ވެސް އަބަދު އަހަންނަށް ބެލެނީ އެ ތުއްތު މޫނަށެވެ. ހީވަނީ ޒިޔާންގެ ކުރިމަތީގައި ހުރެވޭ ހެންނެވެ. ކިތަންމެ ހަނދާންކުރަން ބޭނުން ނުވިޔަސް ޒިޔާނާ އެކު ހޭދަކުރެވުނު ލޯބިވެތި ދުވަސްތައް އަބަދު ވެސް ތާޒާކަންމަތީ އަހަރެންގެ ހިތުގައި ހަރުލާފައި ހުރެއެވެ. މި ދަރިފުޅު ދުނިޔޭގައި ހުރިހާ ދުވަހަކު އަހަރެންގެ ހިތުން އެ ހަނދާންތަކެއް ނުފިލާނެއެވެ.
*************
ފޮތުގެ އެންމެ ފަހު ޞަފުހާގައި ޖަހާފައިވާ ތާރީހަށް މީޝާއިލް ބަލައިލިއެވެ. ދޭއް ނޮވެމްބަރު ދެހާސް ދިހައެކެވެ. މިއީ އޭނާ އެ ފޮތް އެއްކޮށް ކިޔާ ނިންމި ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އޭނާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ނާރު ތަކުގައި ލޭ ހިނގުން ހުއްޓި، ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔަ ކަހަލަ އެވެ. އެ ފޮތް ނުކިޔުނު ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެއީ ރިޔާޝާ މުނިފޫހި ފިލުވުމަށް ލިޔެވފައިވާ ވާހަކައެކޭ ބުނެ ހިތަށް ވިސްނައިދިނެވެ. ކޮންމެ ކަމަކަށް ވެސް ކެތްކުރަން ދަންނަ ހިތްވަރު ގަދަ ޑޮކްޓަރު މޮޔައެއް ފަދައިން ކަރުނަ އަޅަމުން ކޮޓަރި ތެރޭގައި އެނބުރުނީ އެވެ. އެ ފޮތަކީ ދޮގެއް ކަން ހިތަށް ވިސްނައިދޭން އެތަކެއް ވާހަކައެއް އަމިއްލަ ނަފުސާ ދެއްކި އެވެ. އެކަމަކު މެންދުރުގެ އިރު ފަދައިން އެނގި ފާޅުވާ ހަޤީގަތެއް ދޮގު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ރިޔާޝާގެ ހިތުގެ އަޑެވެ. އޭނާގެ ދިރިއުޅުމުން އެއް އަހަރު ފާއިތުވެގެން ދިޔަ ގޮތެވެ. އޭނާ މުޅި ދުނިޔެއަށް ސިއްރު ކޮށްފައިވާ ބޮޑު ހަޤީގަތް ބަޔާން ކޮށްފައިވާ ފޮތެވެ. މީޝާއިލްގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ހިތްދަތި ހަޤީގަތް އެނގިގެން ދިޔަ ފޮތެވެ.
“ލޯބި!” ފޮތުގެ ފުރަތަމަ ޞަފުހާގައި ރަތް ގަލަމަކުން ބޮޑު އަކުރަކުން ލިޔެފައި އޮތެވެ. އެ އަކުރުތަކުގައި އަތުގެ އިނގިލިތައް ހިންގާލުމަށްފަހު ނައުޝާދު ފޮތް ލައްޕާލަމުން ލިޔާ މޭޒުމަތީގައި ބޭއްވިއެވެ. އަދި މަޑުމަޑުން ތެދުވެގެން ގޮސް އެނދުގައި ނިދާފައި އޮތް ކުޑަ ދަރިފުޅުގެ މައުސޫމް މޫނަށް ބަލައިލިއެވެ. އޭނާއާ އެއްވެސް ގުޅުމެއް ނުވާ ފުރާނައަކަށްޓަކައި އޭނާގެ ހިތް ވަނީ ލޯބިން ފުރިފައެވެ. އުމުރުން ފަސް އަހަރުގެ ކުޑަކުޑަ މާޔާ އަކީ އޭނާގެ ދިރިއުޅުމުގެ މަޤުޞަދެވެ. ދުނިޔޭގައި ހުންނަން ބޭނުންވާ ހަމައެކަނި ސަބަބެވެ. އެކަމަކު އެއީ އެހެން މީހެއްގެ ދަރިއެއްކަން ގަބޫލު ކުރާނީ ކޮން ހިތަކުން ހެއްޔެވެ؟ އެ ފޮތުގައިވާ ވާހަކަތައް ދޮގުކުރުމަށްޓަކައި އޭނާ މާޔާގެ ޑީއެންއޭ ވެސް ޓެސްޓް ކޮށްފިއެވެ. ލިބުނު ނަތީޖާއިން އިތުރަށް ހިތްދަތިވުން ނޫން އިތުރު ކަމެއް ނުވިއެވެ. އެއީ ޒިޔާންގެ ލެ އެވެ. ޒިޔާނާއި ރިޔާޝާ ކުރި ފާފައިގެ ނިޝާނެވެ. އެކަމަކު އެ ހަޤީގަތް ދުނިޔެއަށް އަންގާކަށް މީޝާއިލް ބޭނުމެއް ނޫނެވެ. ޝަރުޢީ ގޮތުން މީޝާއިލް އަކީ އޭނާގެ ދަރިއެކެވެ. އޭނާ ނިހާޔަތަށް ލޯބިވާ، އޭނާގެ ލޮލުގެ ފިނިކަމެވެ.
“ޑެޑީ. މީ ފްރައިޑޭ އެއްނު؟ ބުނީމެއްނު ބީޗަށް ދާނަމޭ!” މާޔާގެ ތުއްތު އަޑުން ގޮވަންފެށުމުން މީޝާއިލްއަށް ހޭލަން މަޖުބޫރުވިއެވެ. ނިދި ހަމަނުވިޔަސް ހިތާދެކޮޅަށް ލޯ ހުޅުވާލަމުން އޭނާ ތެދުވިއެވެ.
“ޑެޑީ މިއުޅެނީ ޕްރިންސެސް ގޮވައިގެން ވަރަށް ރީތި ބީޗެއް އޮންނަ ރަށަކަށް ދާން ވެގެން” މާޔާ އުނގަށްލަމުން މީޝާއިލް ބުންޏެވެ. “އެއީ ވަރަށް ރީތި މޫދެއް ވެސް އޮންނަ ރަށެއް! ކޮންމެ ދުވަހަކު މޫދަށް ދެވޭނެ، ވެލި ކުޅެން ވެސް އުޅެވޭނެ!” މީޝާއިލް އިތުރަށް ކިޔައިދިނެވެ.
ކުޑަކުޑަ މާޔާ އުފަލުން ހަޅޭއްލަވައިގަތެވެ. މީޝާއިލްގެ މޫނުގައި ބޮސްދިނެވެ. އެންމެ ލޯބިވަނީ ޑެޑީ ދެކެ ކަމަށް ބުނެ ބައްދާލުމަށްފަހު، އެ ޚަބަރު ގޭ އެންމެންނަށް ދޭން ދުއްވައިގަތެވެ. މާޔާ އަދި ދުވަހަކު ވެސް އަތޮޅުތެރޭގެ ރަށަކަށް ދަތުރެއް ނުކުރެއެވެ. އުފަންވީއްސުރެ އުމުރުން ތިން އަހަރު ވަންދެން އޭނާ އުޅުނީ ރާއްޖޭން ބޭރުގައެވެ. މާލެ އަށް ދިރިއުޅުން ބަދަލުކުރިފަހުން ފާއިތުވެގެން ދިޔަ ދެ އަހަރަކީ ދިރިއުޅުމުގެ އުފާ އިހުސާސް ކުރެވޭ ވަރަށް ވުރެ، މާ ހިތްދަތި ދެ އަހަރެވެ. އެ ކުޑަކުޑަ ސިކުނޑި އަށް ނުވިސްނުނު ނަމަވެސް އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައްޖެ އެވެ. ހަޔާތަށް ފަޅުކަމާއި އަނދިރިކަން ވެރިވެއްޖެއެވެ. އެކަމަކު މީޝާއިލްގެ މަސައްކަތުން އެކަން އެ މައުސޫމު ދަރިފުޅަށް އިހުސާސް ވިޔަކަނުދެއެވެ
ނުނިމޭ
ނޯޓު:މި ވާހަކަށް ލަސްވި ކަމަށް ޓަކާ މާފަށް އެދެން
12 Comments!
Comments are closed.
Vvvv salhi avahah up kohladheythi
Sharuee gothun bappa akah vaanee kihinei eii mishail ge dharieh noon..
Naushaadh or mishaaeel ?
Afoo ves eba kiyaa riyaasha ah..meeshaail ah naushaadh ves kiyaa eba ?
And sharuee gothun maaya ge dad akah vaany ziyaan
Vvv salhi
Aslu meeshaail ulhuny naushaadu liynveksm hadih v mai badalu kuree hama eh gothah afoo kiyan ulhifai badalu kuree riyaasha ah ?❤
Mistakes huredaaneh
Huredhaane tha noony hunnaane tha
Mihaaa lahun up vyma varah varah fooohi vejje
Intrest ves gellijje faadakah
Up kuran feshi kurykolhuga komme dhuvahaku e dhekky dhalha eh kan egijje
Varah vai
Varah foohi
Dehkih dhalha eh noon eh…ekam i respect you…varah balih vegen ulhun duvas kolheh eah……egwn veh up nukureh vuny but gabool kuran vaaneh insaanun ves balih vaaneh kan…..but thanks for comenting ❤❤❤???derah vehjeh but ok..emmen geh comments ves balaa gan nan… ?❤?
Ehen*
Vv salhi