ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 15 (ފަހުބައި)
ކައިރީގައި ހުރި އައިޒަން ހުރީ ހިނިތުންވެލައިގެން އިހްސާންއާއި ދިމާއަށްބަލާށެވެ. އައިޒަން ބޮލުން ކޮށްލި އިޝާރާތާއިއެކު ތިން ޕޮލިހުން ގޮސް އިހްސާން އާއި ހަނާން އާއި ޝާނާގެ އަތުގައި ބިޑި އަޅުވައިލިއެވެ. ތިން މީހުންވެސް މާ ގަދަ ހަދާކަށް ނޫޅެއެވެ. ”އަދި އެބޮތް ދޯ ނޭނގޭ ކަމެއް؟” އައިޒަން މާނަ ފުން ގޮތަކަށް ބުނެލިއެވެ.
”ހައިޝަމް ކަލޭއާއި އެކު މަސައްކަތް ކުރަން ފެށީ މަ ބުނެގެން…. ސަބަބަކީ ހައިޝަމްއަކީ ސީކްރެޓް އިންވެސްޓިގޭޓާރ އަކަށްވީމަ..މަ އެކްސިޑެންޓު ވީ ވެސް ހައިޝަމްއަށް އެވާހަަކަ އެއްކޮށް ކިޔާދީފައި އޮއްވަ.. ހުރިހާ އެއްޗެއް ކިޔާދީ ނިމުނު ފަހުން.. މަ މިހުރިހާ ދުވަހު ކުރަމުން އައި މަސައްކަތް ކާމިޔާބު ވެއްޖެ..” އައިޒަން ދިޔައީ ހުރިހާ ހަގީގަތެއް ހާމަކުރަމުންނެވެ. އޭނާއަށް މިއަދު ނިފްޝާއަށް އިންސާފު ހޯދާދެވުމުން ހުރީ އެހައިމެ އުފާވެސް ވެފައިއެވެ.
”މަށަށް ހީވިއޭ ހައިޝަމް ކަލޭ މަފަހަތުން އުޅުނީ ކޮންމެވެސް ބޭނުމެއްގައޭ…” އިހްސާން ތެޅިފޮޅެން ފެށިއެވެ. ހީވީ މޮޔަވެފައި ހުރިމީހެއްހެންނެވެ. ”ހެހެހެެހެ.. ދެން ކިތަންމެ ވަރަކަށް ތިހެން ކިޔަސް ސަލާމަތެއް ނުވެވޭނެ..” ހައިޝަމް ހެމުން ބުނެލީ އިހްސާން ރުޅި އަރުވާލުމުގެ ބޭނުމުގައެއްނޫނެވެ. ނަމަވެސް އިހްސާން އައީ އަމަށަކު ރުޅިއެއްނޫނެވެ. ”އާދޭ ދާން” އައިޒަން އެހެން ބުނުމާއިއެކު އެންމެން އެތަނުން ނިކުންނަން ހިނގައިގަތެވެ. އިހްސާން ދިޔައީ ސަލާމަތްވާން އެކި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟ ތިން މީހުންނާއިއެކު އެތާ ތިބި ހުރިހާ ފުލުހުން ގޮސް އެމީހުންގެ ޖިޕަށް އެރިއެވެ. ނަމަވެސް އައިޒަން އާއި ހައިޝަމް ދިޔައީ އައިޒަންގެ ސައިކަލުގައިއެވެ. ދެ މީހުންގޮސް އެރީ ކޮފިއަކަށެވެ.
”ހައިޝަމް ވަރަށް ބޮޑަށް ތޭންކްސް.. ހައިޝަމްގެ އެހީއާއި ނުލައި މަށަށް މިކަން ނުވެސް ވާނެ… ތޭންކްސް އަ ލޮޓް…” އައިޒަން ދިޔައީ ހައިޝަމް ކޮށްދިން ކަންތަކަށް ފަށްފަށުން ޝުކުރުއަދާކުރަމުންނެވެ. ހައިޝަމް ވެސް އެއީ އެއްވެސް ކަމެއް ނޫނޭ ކިޔާފައި ކޮފީ ބުއިމާގެން ކުރިއަށް ދިޔައެވެ. ”އައިޒަން.. ދެން އަވަހަށް އިންނަންވީނުން.. މިހާރު ކުށްވެރިންވެސް ހޯދުނީނުން.. ގެއްލިދާނެ ލަސް ކުރަން ހަދައިގެން..” ހައިޝަމް ކޮފީން އެތިކޮޅެއް ބޯލިއެވެ. އައިޒަން ފެށީ ހޭށެވެ. ވަކި އެއްޗެކޭ ނުބުނެއެވެ. ދެމީހުން އެގޮތުގައި ތިބެ ކޮފީ ބޮއި ނިންމާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ހައިޝަމްވެސް ދިޔައީ އައިޒަން އާއިއެކު އައިޒަންމެންގެ ގެއަށެވެ.
”މަންމާ.. ބައްޕާ.. އާދެބަލަ.. ވާހަކައެއް ބުނަން..” އައިޒަން ގެއަށް ވަނެފައި ގޮވަން ފެށީ އޭނާގެ މަންމަ އާއި ބައްޕައަށެވެ. ހީވާގޮތުން މިއަދު ވީ ކަންތަކުގެ ވާހަކަ ބުނަން އުޅެނީ ކަންނޭގެއެވެ. ”ކިހިނެއްވީތަ ދަރިފުޅާ… ތަނެއްގަ ރޯވީތަ؟ ކިހިނެއްވެފަ ތިހުރީ ތުންފަތަށް؟ މުޅިގައިގައި ކިލާއެއްނު ތިހުރީ.. ކޮންތާކު އުޅެފައި ތިއައީ؟” އުސްވާ އެއްފަށްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ. ދެވަނަ ފަހަރަށް އައިޒަންއަށް ކަމެއް ވާކަށް އުސްވާ ނޭދެއެވެ. ”ތެދެއް ދަރިފުޅާ.. ކިހިނެއް ވީތަ؟” ހުޒާމުވެސް ހާސްވެފައި ހުރިވަރުން ސުވާލުކުރިއެވެ. ”އަޅުގަނޑު މިއައީ ނިފްޝާއަށް އެހެން ހެދި މީހުން އަތުލައިގަނެފައި.. އަދި އަޅުގަނޑަށް އެހެން ހެދި މީހުންވެސް..” އައިޒަން ވާހަކަ ދައްކަން ފެށިއެވެ. ”ހައިޝަމް އެއީ ތެދެއްތަ؟ އަލްހަމްދުލިއްލާހް..” ހުޒާމްވެފައި ހުރި އުފަލާއިއެކު ގަބޫލުނުކުރެވިފައި އިނދެ ބުނެލިއެވެ. ”އާން ބޭބޭ.. އެކަން ވެއްޖެ.. ދެން އޮތީ އައިޒަންގެ ކައިވެނި އެއްނު…” ހައިޝަމް އައިޒަންއާއި ދިމާއަށް އެއްލޯ މަރައިލައިފައި ބުނެލިއެވެ. އެވަގުތު އައިޒަން ޖަހާލީ އިސް ދަށަށެވެ. ”އާން ދެން އޮތި ތި ކަމެއްނު.. ދޯ ދަރިފުޅާ.. އަވަހަށް އިނާޝާ އަށް އަންގަންވީ.. އެކަމަކު ކިހިނެއް ދަރިފުޅުމެން އިހްސާންމެން.. އުސްވާވެސް ހުރީ ވަރަށް އުފާވެފައިއެވެ. އައިޒަން އެމީހުން ކުރި ކަންތަކުގެ ވާހަކަ ދިޔައީ އަލިފުން ޔާއަށް ކިޔައިދެމުންނެވެ. ހުރިހާ ވާހަކައެއް ކިޔާއިދީ ނިމުމާއިއެކު އުސްވާ ދެން އަވަސްވެގަނީ އިނާޝާއަށް އެހަބަރުދޭށެވެ. އިނާޝާއަށް ވެސް ވީ އުސްވާއަށް ވީވަރެވެ. އައިޒަން އަދި ހައިޝަމް އެވާހަކަ ސިމާލުއަށް ކިޔާދިނުމުން އޭނާ ކުރީ ޝަކުވާއެވެ. ސިމާލު ކައިރީ ބުނެނުލައި ހުރިހާ ކަމެއް ކުރީމައެވެ. އެންމެންވެސް ދެން އަވަސް ވެގަނީ އައިޒަންއާއި ނިފްޝާގެ ކައިވެންޏަށެވެ.
** އެއް ހަފްތާ ފަސް**
ކަޅު ކުލައިގެ ފަޓުލޫނަކާއިއެކު ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ކޯޓެއް ލައިގެން ހުރި އައިޒަން އެހާވެސް ފުރިހަމައެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު ތުނި ކޮށް ފަޅާފައިވި ތުނބުޅިން އައިޒަންގެ ފިރިހެންވަންތަ ކަމާއެކު އަދި އެ ފުރިހަމަކަންވެސް އިތުރު ކޮށްދެެއެވެ. ބަަލައިލަން ކިތަންމެހާވެސް ރީއްޗެވެ. ”އައިޒަނޫ…. މިރޭ ހާދަހާވާ ރީއްޗޭ… ޔަގީން ނިފްޝާގެ ކަޅި އެހެން ފަރާތަކަށް އަބުރާވެސް ނުލައިނެކަން..” އައިޒަން ސިއްސައިގެން ދިޔައީ ސިމާލު އާއި ހައިޝަމް އައިސް ވާހަކަދައްކަން ފެށުމުނެވެ. ”ހޫން.. ދެން ހެވޭ..” އައިޒަން ރަކިވެފައި އިނދެ ބުނެލިއެވެ. ”ހައިޝަމް.. މަށަކަށް ހިޔެއްނުވެ ދެން މިސޮރު ފެންނާނެ ހެން ވެސް… ޕޮލިހަކަށް ވީމަ ވެސް ހީވި އެހެން ކަމެއްހެން ވިޔަ.. ދެން ހުންނާނި އަބަދުވެސް ބިޒީވެފަ…” މިފަހަރުވެސް ވާހަކަދައްކަން ފެށީ ސިމާލުއެވެ. އައިޒަން އާއި ދިމާއަށް އެކި ވައްތަރު ޖައްސަމުންނެވެ. އަދި މީހުން ލަދު ގަންނަވާލާ ކަހަލަ ގޮތަކަށް ބަލަން ހުރެއެވެ. ”ސާބަހޭ… ބަލަން ހުންނާތި.. ތި ސިމާލު މީހަކާ އިންނަ ދުވަހަކުން މަށަށް ވެސް އިނގޭނެ އިނގޭ ހަމަ ތިގޮތަށް ދިމާކުރަން..” އައިޒަންވެސް ވަކި ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ”ބަލާނަމޭ ތިޔެއް..” ސިމާލުވެސް ހަމަ އޭނާގެ ގޮތުގައި ހުރެ ބުނެލިއެވެ. ތިން މީހުން އެ ސަކަރާތުގައި އެތަށް އިރެއް ވަންދެން ހުއްޓާ ދެން އެތަނަށް އައީ އައިޒަންގެ މަންމައެވެ. އަވަހަށް އަންނާށޭ ބުނާށެވެ. ކައިވެނި ކުރުން އޮތީ މިސްކިތުގައި ކަމުން އެންމެންވެސް އަވަސްވެގަނީ އަވަހަށް މިސްކިތަށް ދިޔުމަށެވެ. އައިޒަންގެ އާއިލާގެ މީހުން މިސްކިތަށް ދިޔައިރު ނިފްޝާގެ އާއިލާވެސް އެތަނަށް އަންނަތަން ފެނެއެވެ.
ކަޅު ކުލައިގެ ބަޓަފުލައި އަބާޔާއި އެކު ހަމަ އެކުލައިގެ މޫނު ފޮތިކޮޅެއް އަޅައިގެން ހުރި ނިފްޝާ މިއަދު އެހެން ދުވަސް ދުވަހާ ވަރަށްވެސް ތަފާތެވެ. ސަބަަބަކީ މޫނު ފޮތިކޮޅުގައި ތަތް ކުރެވިފައިވާ ހުދުކުލައި އެސްތަކުގެ ސަބަބުންނާއި ހެދުމުގެ ފަސްބައިގައި ހަމަ އެއް ޑިޒައިނަކަށް ތަތް ކުރެވިފައިވާ ހަމަ އެކުލައިގެ އެސް ތަކުންނެވެ. އަތް ވަނީ ކަޅު ކުލައިގެ އަންގިއަކުން ނިވާކޮށްލާފައިއެވެ. ނިފްޝާގެ ރީތިކަންވެސް އިންތިހާއެވެ. ހުރިހާ އަންހެނުން ތިބީ ކަޅުކުލައިގެ ހެދުމަކާއިއެކު ހަމަ އެކުލައި ޝޯލް ރީތިގޮތަަކަށް އަޅައިލާފައެވެ. ފިރިހެނުން ތިބީ ކަޅުކުލައިގެ ފަޓުލޫންކާއިއެކު ހުދު ކުލައިގެ ގަމީހެއް ލައިގެންނެވެ. ”ދޮންތާ.. އެންމެފަހުން އިންނަން ތި ޖެހުނީ ހަމަ އައިޒަން އާއެއްނު…” މީޝާ ދިޔައީ ނިފްޝާ ލަދު ގަންނަވާލުމުގެ ގޮތުން އެކި ވާހަކަ ދައްކަމުންނެވެ. މީޝާ ބުނެލައި ބަސްތަކުން އެތާ ތިބި އެންމެން ހޭންފަށައެވެ. ނިޔާޝް އަދި ސުހައިލުވެސް ދިޔައީ އެކަމުގައި އެންމެ ފުރިހަމައަށް ބައިވެރި ވަމުންނެވެ.
އައިޒަންއަށް ހުރެވުނީ އެހެން ފަރާތަކަށް ބަލާލަން ވެސް ނޭނގިފައެވެ. އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ ސޫރައިގެ ސަބަބުންނެވެ. ހާދަހާވާ ރީއްޗޭ އައިޒަންގެ ހިތަށް އެރިއެވެ. ”އައިޒަނޫ.. އައިޒަނޫ.. ސާބަހޭ.. އެކުއްޖާ އެހުރީ ލަދުގަނެފައި ކަންނޭގެ ތިހާވަރަށް ބަލާތީ… އެންމެން ހަމަވީ އޭ އެއޮތް… ކިހާއިރެއް މިހާރު ގޮވާތާ… އަނގައަށްވެސް ތަދުވެއްޖެ.. އާދޭ އެތެރެއަށް ވަންނަން…” ހައިޝަމް ގޮވާ ގޮވާ އެތަށް އިރެއް ވީފަހުން ވެސް އައިޒަން އަށް ހޭވެރިކަމެއްް ނުވެއެވެ. އެނާ ހުރީ ނިފްޝާއާ ދިމާއަށް ބަލަން ގެއްލިފައެވެ.
އެންމެން ހަމަވުމުން ކައިވެނި ފެށިއްޖެއެވެ. ގާޒީ ހުތުބާ ކިޔަމުން ދިޔައިރު އެންމެންވެސް ތިބީ އަޑުއަހާށެވެ. ވަކިން ހާއްސަކޮށް އައިޒަންއާއި ނިފްޝާއެވެ. ”އަނބިގަބޫލުކޮށްފިން” އައިޒަންގެ ފިރިހެންވަންތަ އަޑުން އަނބިގަބޫލުކޮށްފީމޭ ބުނެވުނު ހިނދު ނިފްޝާއަށް ކުރެވުނީ ބަޔާންކުރަން ދަތި އިހްސާސެކެވެ. އަދި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ އައިޒަންއާއި ދިމާއަށެވެ. އެވަގުތު އައިޒަންވެސް އިނީ ނިފްޝާއާ ދިމާއަށް ހިނިތުންވެލައިގެން ބަލާށެވެ. އަމާންކަމާއި އޮމާންކަމާއިއެކު ކައިވެނި ނިމިގެން ދިޔައިރު އައިޒަން އަށާއި ނިފްޝާއަށް ދިޔައީ ހައިޝަމް އާއި ސިމާލުގެ އިތުރުން މީޝާ އާއި ނިޔާޝްއާއި ސުހައިލުވެސް ދިޔައީ ދެމީހުން ލަދު ގަންނަވާލުމުގެ ގޮތުން އެކި ވާހަކަ ދައްކަމުންނެވެ. ސުޖާއު އަދި ހުޒާމުވެސްއެކަމާއި ހޭން ހުއްޓެވެ. އެދެމީހުންވެސް އެއްޗެކޭ ބުނާކަށް ގަސްތެއްނުކުރެއެވެ. އެގޮތުގައި ތިބެ އެންމެންވެސް ދެން މިސްރާބު ޖެހީ އައިޒަންމެންގެ ގެއަށް ދިޔުމަށެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް ދިޔައީ އެކިއެކި ވާހަކަދައްކަމުންނެވެ. އައިޒަން އަދި ނިފްޝާވެސް ދިޔައީ އެންމެންނާ އެއްބައިވެލައިގެން ވާހަކަދައްކަމުންނެވެ.
އައިޒަންމެން ގެއަށްގޮސް އެކިއެކި ވާހަކަތަކުގައި އާއި މަޖަލުގައި ތިބެ ދަންވަން ކައިރިވުމުން އެންމެން ގެއަށް ދާން އަވަސްވެގަނެވެ. ނިފްޝާނޫނީއެވެ. ނިފްޝާގެ ލޮލުން ވަނީ ކަރުނަ ނީރައިލާފައިއެވެ. އޭނާގެ މަންމައާއި ދުރުގައި އުޅެންޖެހުމުންނެވެ. މިއީ އޭނަގެ މަންމައާއި ތަނެއްގައި ވަކިން އުޅޭ ފުރަތަމަ ފަހަރެވެ. އިނާޝާ ދިޔައީ ނިފްޝާއަށް އެތަށް ބައިވަރު ނަސޭހަތްތަކެއް ދީފައެވެ. އެންމެން ދިޔުމުން އުސްވާމެންވެސް ނިންމީ އަވަަހަށް އަރާމު ކޮށްލުމަށެވެ. އައިޒަން އަދި ނިފްޝާ ކޮޓަރިއަށް ވަނީ ސިޓިންގް ރޫމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހުއެވެ.
”ނިޝް.. އިނގޭތަ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ މި ދުވަހަށް… މިއަދު ވަރަށް އުފާވެއްޖެ.. އެންމެ ކުޑައިރުން ފެށިގެން އަހަރެންގެ ހިތުގައި ތި ސޫރަ ކުރެހުނު… އެންމެ ކުޑައިރުން ފެށިގެން އެތަށް ހުވަފެންތަކެއް ބެލިން… ދުވަހަކުވެސް އަހަރެން ނިޝް ބާކީއެއް ނުކުރާނަން… އަހަރެން ވަރަށް ލޯބިވޭ ނިޝްދެކެ… ވަރަށް ވަރަށް ބޮޑަށް… އައި ލަވް ޔޫ ނިޝް…” ނިފްޝާގެ ގައިގައި ބައްދާލައިގެން ހުރެ އައިޒަން ދިޔައީ ނިފްޝާއާއި އެކި ވާހަކަތައް ހިއްސާކުރަމުންނެވެ. އަދި އެންމެ ފަހު ބަސް ބުނެލީ ނިފްޝާގެ ނިތްކުރިއަށް ބޮސްދީފައިއެވެ. ”އައިޒަން.. އަހަރެންވެސް ވަރަށް އިންތިޒާރުކުރިން މިދުވަހަށް.. އެންމެ ފަހުން އަހަރެމެން ދެ މީހުންގެ އިންތިޒާރަށް ވެސް ނިމުންއައީ ކިހާ ފޮނިކޮށް… އަހަރެންވެސް އައިޒަންދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އައި ލަވް ޔޫ ޓޫ…” ހަމަ އެގޮތުގައި ތިބެ ނިފްޝާވެސް ދިޔައީ އައިޒަންއާ ވާހަަކަ ދައްކަމުންނެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. ދެމީހުންގެ ލޮލުންވެސް ބުނެދެނީ ދުވަހަކުވެސް ދޫނުކޮށްލާނެ ވާހަކައެވެ. ”އައިޒަން.. ސުވާލެއް ކޮށްލަންތަ؟” ނިފްޝާ އައިޒަންއާ ދުރުވެލިއެވެ. އަދި މޫނުގައި ފިރުމާލީ ނުހަނު އޯގާތެރިކަމާއި އެކީއެވެ. ”ހޫމް.. ބުނެބަލަ..” އައިޒަންވެސް ނިފްޝާގެ މޫނުގައި ހިފަހައްޓާލިއެވެ. ”ކީއްވެ އަހަރެންނަށް ނިޝް އޭ ކިޔަނި؟” ނިފްޝާ އައިޒަންގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ. ”ކިހިނެއްވީ؟ ހިތްހަމަނުޖެހެނީތަ އެނަން ކިޔާތީ؟ ނިޝް ހިތްހަމަނުޖެހެންނާ އަހަރެން ބަދަލުކޮށްލަދާނަން…” އައިޒަން ދެރަވި ކަމަށް ހަދާލައިފައި ބުނެލިއެވެ. ”ނޫނޭ.. ހިތްހަމަނުޖެހެނީއެއް ނޫން.. އެންމެން ނިފޫ އޭ ކިޔާފަ.. އައިޒަން އަހަރެންނާ ދިމާއަށް ނިޝްއޭ ކިޔާތީ އަހާލި.. އޯކޭ އެނަންކިޔަސް..” ނިފްޝާ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ. އެގޮތުގައި އެތަށް ވާހަކައެއް ދައްކަން ތިބެފައި ދެމީހުންވެސް އަވަސްވެގަނީ ދެރަކުއަތުގެ ނަމާދު ކުރާށެވެ. ނަމާދުކޮށް ނިންމާފައި ނިފްޝާގާތަށް އައިޒަން އައިސް އޭނާގެ ނިތްކުރީގައި ކަނާ އަތް އަޅާފައި ދުޢާ ކުރަން ފެށިއެވެ. އެކުރަނީ ކީއްކަން ހަމަ ރަނގަޅަށްވެސް ނިފްޝާއަށް އެނގެއެވެ. އެއީ ކައިވެނި ކޮށް ދެމަފިރިންގެ ޖަމާޢަތުގައި ކުރާ ދެރަކުޢަތުގެ ނަމާދާއި އެޔަށްފަހު ފިރިމީހާ އަނބިމީހާގެ ނިތްކުރީގައި އަތްއަޅާފައި ކިޔާ ދުޢާއެވެ. ނަމާދުކޮށް ނިމުމުން ނިފްޝާ މުސައްލަ އޮޅާލައިފައި ކަބަޑް ގައި ބާއްވައިލުމަށްފަހު އައިސް އައިޒަންގެ ގާތުގައި އޮށޯވެލިއެވެ. އިސާހިތަކު ދެމީހުންވެސް ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ.
*****
ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތު ވަމުންދެއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. މިއަދު މީ ހުކުރު ދުވަހެއްކަމުން ގިނަގޭގޭގައި މީހުން އަވަދިނެތި އުޅެމުން ދިޔައީ ފިރިހެންވެރިން ހުކުރުން އަންނަންވާއިރަށް މީރު އެއްޗެއް ހަދާލައިށެވެ. ނަމަވެސް އުސްވާމެން ރޭނގަޑަށް ބަތްކައްކާލި ގޮތަށް ތިބީއެވެ. ސަބަބަކީ ނިފްޝާމެން ގޭން މިއަދު އާއިލާއަށް މެންދުރުގެ ކެއުމަށް ދަޢުވަތު ދިނުމުންނެވެ. ނަމާދު ކޮށްލައިގެން ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި ނިފްޝާ ސިއްސައިގެން ދިޔައީ ފަހަތުން އައިޒަން އައިސް ބަައްދާލުމުންނެވެ. ހުދު ކުލައިގެ ސްކިނީއަކާއިއެކު ރައް ކުލައިގެ ގަމީހެއް ލައިގެން ހުރި އައިޒަންގެ ރީތިކަން އިންތިހާއެވެ. ގަމީހުގެ އަތް އުޅަބޮށްޓާއި ހަމައަށް އޮޅާލައިފައި ވުމުން އަދި މާ ފުރިހަމަކަމަށް ދައްކައެވެ. ނިފްޝާއަށް ހިތާހިތުން އޭނާގެ ފިރިމީާަގެ ރީތިކަމަށް ތައުރީފު ކޮށްލެވުނެވެ. ”ދެން އައިޒަން.. ދުރުވޭ.. މިހާރު އެއޮށް ދާގަޑި ޖެހެނީ.. އަދި އަހަރެން މިހުރީ ހުރިގޮތް..” ނިފްޝާ ޝަކުވާކޮށްލިއެވެ. ”ތަތްކަމަނަ އެއްނު ތީ.. ދެން ގަޑިވެސް ޖެހޭނުން…” އައިޒަން ލާނެއް ގޮތަކަށް ބުނެލިއެވެ. ނިފްޝާ އައިޒަންގެ ބުރަކަށީގައި ޖަހާލިއެވެ. ”އައްދިއްޔޯއި… ހާދަ ބާރަކަށް ތި ޖެހީ ތަތް ކަމަނާ… ޔަގީނޭ ބުރަކަށި ބިންދާގެންކަން އެދިޔައީ…” ނިފްޝާ ޖަހާލިތާ ފިރުމަން ހުރެ ތަދުވާކަމަށް އައިޒަން ހަދާލީ ނިފްޝާ ހެއްވާލުމުގެ ބޭނުމުގައެވެ. ކަން ވީވެސް އެހެންނެވެ. ހޭންފެށުމާއިއެކު ނިފްޝާގެ ދޮން ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އައިޒަން ދުރަށް ކޮށްޕާލައިފައި ނިފްޝާ ރީތިވާން ފެށީ ދެފަރާތަށް ބޯހޫރުވާލައިފައިއެވެ. ވަށް ބުރުގަލެއް އަޅާލައިި އޭގެ މަތިން މޫނު ފޮތިކޮޅު ނިފްޝާ އައްސާލިއިރުވެސް އައިޒަންއިނީ އޭނާއާ ދިމާއަށް އެސްފިޔަ ޖަހާވެސް ނުލައި ބަލައިށެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ބުރުވައިލައިފައި އަތަށް އަންގި ލައްވާލިއެވެ. އަދި އިސްޓާކީނަށް އަރަން ފަހަތަށް އެނބުރުނު ނިފްޝާ ހުއްޓުން އެރީ އައިޒަން ބަލަން އިނުމުންނެވެ. މިއޮށްހުރިހާއިރު އައިޒަން އޭނާއާ ދިމާއަށް ބަލަން އިންކަން ހަމަ އެއްގޮތަކަށްވެސް ނިފްޝާއަކަށް ނޭނގެއެވެ. ”މަނިކުފާނު ކޮންތަނަކަށްތޯ ތިބައްލަވަަނީ..” ނިފްޝާ އައިޒަންގެ މޫނުގައި އަތް ނުޖެހޭނޭ ވަރަށް އަތް ހޫރުވާލީ އައިޒަން އޭނާ އާ ދިމާއަށް ގެއްލިފައި އިނުމުންނެވެ. ދެތިން ފަހަރަކު އެހެން ހަދާލުމުން އައިޒަންއަށް ހަމަ ބިމަށް އާދެވުނެވެ. ”ހުމް.. ކީކޭ..” އައިޒަން ނޫންކަމަށް ހަދައިލާފައި ބުނެލިއެވެ. ”މިއަހަނީ މަނިކުފާނު ކޮންތާކަށް ހޭ ބަލަން ތީނީ..” ނިފްޝާ އަނެއްކާވެސް އެސުވާލު ތަކުރާރު ކޮށްލިއެވެ. ”ނިޝް ރީތިކަމުން ނިޝް އާއި ދިމާއަށް ބަލަން އިނދެވުނީ…މާޝާﷲ ނިމުނީތަ؟” އައިޒަން އޭނާ ބެލި ސަބަބު ބުނެދީފައި ނިފްޝާ ނިމުނުތޯ ސުވާލިކުރިއެވެ. އޭރު ނިފްޝާ އިނީ އެންމެ ފަހު ކަމަކަށް އިސްޓާކީންޏަށް އަރާށެވެ. ”ނިޝް އަށް އެނގޭތަ؟ ނިޝް އާ ވަރަށް ގުޅޭ ތިވައްތަރު ހެދުން.. އަދި މޫނުބުރުގާ އެޅީމަ މާ ރީތި.. ހީވަނީ ހަމަ ޕަރީއެއް ހެން.. މާޝާﷲ.” ނިފްޝާ ލައިގެން ހުރި ކަޅުކުލައިގެ ބަޓަފުލައި އަބާޔާ ހެދުމަށް އިޝާރާތް ކޮށްލަމުން އައިޒަން ބުނެލީ ރީތި ހިނިތުންވުމަކާއެކީއެވެ. ނިފްޝާވެސް އެހެން ހެއްޔޭ ކިޔައިފައި ކޮޓަރިން ނިކުންނަން ހިނގައިގަނީ މަންމަމެންވެސް މިހާރު ތިބޭނީ ލަސްވެފައިކަން އިނގުމުންނެވެ. ފަހަތުން އައިޒަންވެސް ދިޔައެވެ. ”އަހާ.. ހިނގާ އަވަހަށް ދާން.. މަންމަމެން މިތިބީ ދަރިފުޅުމެން ނުނިކުމެގެން.. މިހާރު އެއޮށް ފަސް މިނެޓަށް ވީ.. ހިނގާ ދަމާ..” ނިފްޝާމެން އައިސް ހުއްޓިލުމުުން އުސްވާ ވާހަކަދެއްކިއެވެ. ދެން އެންމެންވެސް އަވަސްވެގަނީ ނިފްޝާމެންގެ ގެއަށް ދިޔުމަށެވެ.
”އަނހާ.. މިއޮށް އައީނުން.. ހިނގާ އަވަހަށް ކާން ދަމާ..” އިނާޝާއަށް އެގެއަށް ވަތް އައިޒަންމެން ފެނުމުން ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ކާން ތިބިއިރުވެސް އެންމެން ދިޔައީ ނުހަނު ފޯރީގައި ވާހަކަ ދައްކަމުންނެވެ. ”މިއަދު މިހުރީ އައިޒަންއަށާއި ނިފްޝާއަށް އެންމެ މީރު އެއްޗެހި ހަދާފައި..” އިނާޝާ ތަށިތަކަށް ޖޫސްއަޅަމުން ބުނެލިއެވެ. ކައިރީގައި ނިފްޝާވެސް އެކަމުގައި އެހީތެރިވަމުން ދިޔައެވެ. ނިފްޝާގާތު ދެފަހަރަކު ގޮސް ކާން އިށިންނާށޭ ބުނުމުންވެސް ހުރީއެވެ. ”އަހަރެމެންނަށް މީރު އެއްޗެހި ވެސް ޖެހޭނުން ހަދަން..” މާޔާ ބޯޑާވެފައި އިންކަމަށް ހަދައިލާފައި ބުނެލިވާހަކައިން އެތާ ތިބި އެންމެންވެސް ފެށީ ހޭށެވެ. އެގޮތުގައި ތިބެ އެންމެން ކައިނިއްމާލައިފައި ތިބީ ބޭރު ޖޯލިފަތީގައި އަރާމުކޮށްލާށެވެ. އަދި ދިޔައީ ހުއްޓާނުލައި ވާހަކަ ދައްކަމުންނެވެ. ނިޔާޝް އަދި ސުހައިލު އެތަނުގައި ހުރިނަމަ އެއަށްވުރެ ފޯރިގަދަވާނެއެވެ. ނަމަވެސް މީޝާ އަދި ނިފްޝާގެ ޒުވާބުންވެސް ވަނީ އެތަން ނުހަނު ބޮޑަށް ފޯރިގަދަވެފައިއެވެ. ސުޖާއު މެންވެސް ތިބީ ނިފްޝާއާއި މީޝާގެ ސަބަބުން ހީހީ ހަލާކުވެފައިއެވެ.
**3 އަހަރު ފަސް**
”ޑެޑީ.. މަންމީ..” އަތިރީގައި ދުވަމުން ދިޔަ ތިން އަހަރުގެ ޒެލީންއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. ލާފައިވާކަޅުކުލައިގެ ހެދުމުާއި އަޅާފައިވާ ޕީޗް ކުލައިގެ ޝޯލް އިން ޒެލީންގެ ރީތިކަން ދެގުނައެވެ. އަދި ހެދުމުގައި އަޅާފައިވާ ޕީޗްކުލައިގެ ރޭންދާއިންވެސް ނުހަނު ފުރިހަމަކަމަށް ދައްކައެވެ. ހީވަނީ ހަމަ ކުރީގެ ނިފްޝާހެންނެވެ. ޒެލީންއަކީ އައިޒަންއާއި ނިފްޝާގެ ތިންއަހަރުގެ ދަރިފުޅެވެ. އެދެ މީހުންގެ ލޮލުގެ ނޫރެވެ. ދެ މީހުންގެ ފުރާނައެވެ. ”ދަރިފުޅާ.. ޑެޑީ މެންނާ އެއްވަރަށް ހިނގަން އާދެބަ.. ކޮއްކޮ ހުއްނާނި މަންމި އާއި ޑެޑީއާއި ދެކުދިންގެ އަތުގައި ހިފައިގެން.. އަވަހަށް އާދޭ..” އައިޒަން ނިކަން ލޯބިން ދުވަމުން ދިޔަ ނަފްޝާއަށް އަޑު އިވޭވަރަށް ބުނެލުމާއިއެކު ދުވެލައިފައި އައިސް އެދެ މީހުންގެ އަތުގައި ހިފާލިއެވެ. ޒެލީންއަކީ އެވަރުގެ ކުދިންނާ ބަލާފައި ނުހަނު ވިސްނުންތޫނު ކުއްޖެކެވެ. އަދި ނުހަނު ދީނަށްވެސް ލޯބިކުރާ ކުއްޖެކެވެ. ޒެލީންގެ އެދުމުގެ މަތިން އުމުރުން އެންމެ ދެއަހަރުގައި ބުރުގައިވެސް އެޅުވީއެވެ. އައިޒަން އާއި ނިފްޝާ އެދޭ ގޮތަށް އެމީހުންގެ ދަރިފުޅުދަނީ ތަރުބިއްޔަތު ކުރެވެމުންނެވެ.
”ނިޝް.. އިހްސާން ބޭނުންވޭ ނިޝް އާ ބައްދަލުކުރަން.. އޭނާ ބޭނުންވޭ ނިޝްގެ ގާތުން މާފަށް އެދެން.. މިހާރު އިހްސާންއަށް ހުރިހާ ކަމެއްވެސް ވިސްނިއްޖެ.. ޝާނާއަށްވެސް.. އަދި ހަނާންއަށް ވެސް..” އައިޒަންމެންގޭގެ ބޭރުޖޯލިފަތީގައި އުޑަށް ނަޒަރު ހުއްޓަލައިގެން އިނދެ އައިޒަން ބުނެލިއެވެ. ”އަސްލުވެސްތަ؟ އަލްހަމްދުލިއްލާހް.. އައިޒަންއަށް އެނގޭތަ؟ އަހަރެން ކޮންމެ ދުވަހަކު ނަމާދުކޮށް ނިންމާފައި މާތްﷲގެ ހަޟްރަތުގައި އެތަށް ފަަހަރަކު ދެންނެވިން އެތިންމީހުންނަށް ހެޔޮ ވިސްނުން ދެއްވުމަށް… އަލްހަމްދުލިއްލާހް.. މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވާފި..” ނިފްޝާ ވަރަށް އުފާވެލައިފައި ބުނެލިއެވެ. އަދި މާދަން ހެނދުނު ޕޮލިސް ސްޓޭޝަންއަށް ދާން ނިންމާފައި އެކި ވާހަކަތައް ދެއްކުމުގައި ޖޯލިފަތީގައި ތިއްބެވެ. ”ދެމަފިރިން މިތާ ބޭރުގައި ކީއްކުރަނީ؟” ދެ މީހުންވެސް ސިއްސައިގެން ދިޔައީ ފަހަތުން ސިމާލު ގެ އަޑު އިވުމުންނެވެ. ”ވާހަކަ ދައްކާލަން ތިބީ ހަމަ.. ސިމާލު ކޮންވަޑާމެއް މިގަޑީގަ؟” އައިޒަން ސިމާލު އައި ސަބަބު އޮޮޅުން ފިލުވައިލަން ބޭނުންވިއެވެ.”އާން.. ދެން އެއުޅެނީ ހަމަ އަހަރެން ފޮނުވާލަން.. ހުރެބަލަ.. މިއަދު މިގޭން ނުދާނަން ބާރަ ނުޖަހަނީހެންނެއް..” ސިމާލުބުނެލިއެވެ. ”އެންމެ ރަނގަޅު.. އަހަރެމެން ގެއަށް ވަންނާނި ސިމާލު މިތާ ބާއްވާފަ.. ދެން ބާރަ ޖެހީމަ ދޭ.. އެއްވެސް މައްސަލައެއް ނެތް..” އައިޒަން ހެމުން ހެމުން ބުނެލިއެވެ. ”ހުއް…” ސިމާލު އަނގަ ހަދާލިގޮތުން ނިފްޝާއާއި އައިޒަންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ”އޭތް ކޮބާތަ ހައިޝަމް.. ދައްކާވެސް ނުލާ މިހާރު..” ހައިޝަމް މިދުވަސްކޮޅު ނުފެންނާތީ އައިޒަން ސިމާލުއާއި ސުވާލުކުރިއެވެ. ”މިހުރީނުން.. ހަމަ ހަނދާން ކޮށްލީ އައީ..” ހައިޝަމް ސަމާސާ ކޮށްލަމުން ބުނެލިއެވެ. ”ކޮބާތަ ޒެލީ.. އެމަންޖެ ދެކިލާހިތުންނޭ މިއައީވެސް..” ހައިޝަމް ބުނެލިއެވެ. ”މާ ދެކިލާހިތުން އައީމަ ނުދައްކާނަން.. ހެހެހެ…” އައިޒަން ވެސް ހަމަ ސަކާރާތްޖެހުމުގެ ބޭނުމުގައި ބުނެލިއެވެ. ހައިޝަމް ވަގުތުން އަނގައަށް ގޮތެއް ހަނދާލައިފައި ސަކަރާތް ޖެހުމުގައި އުޅުނެވެ. ސިމާލު ބުނިހެން އެންމެން ވެސް ގެއަށް ދިޔައީ ހަމަ ބަރާބަރު ބާރަ އަށެވެ. އައިޒަންމެންނަށްވެސް ގެއަށް ވަދެވުނީ ހަމަ އެގަޑިއަށެވެ.
”ނިފްޝާ.. އަހަންނަށް މަޢާފު ކުރޭ.. އަހަރެންނަށް މިހާރު ހުރިހާ ކަމެއް ވިސްނިއްޖެ.. އޭރު އަހަރެންނަށް އުޅެވުނީ އަނދިރި ގަނޑެއްގެ ތެރޭގައި.. މިހާރު އަހަރެން މިވަނީ އެ އަނދިރިގަނޑުން ސަލާމަތްވެފައި.. އަހަރެންނަށް އޭރު ދުނިޔޭގެ އުފާ މާ ބޮޑަށް އިސްކުރެވުނީ.. މާތްﷲ މަތިން ހަނދާން ނައްތާލީ.. މާތްﷲ ހަރާމް ކުރައްވާފައިވާ ހުރިހާ ކަމެއްވެސް އަހަރެންނަށް ކުރެވިއްޖެ.. އެކަމަކު މިއަދު އަހަރެން އެ ހުރިހާކަމަކަށް ތައުބާ ވެއްޖައިން.. މިތަނުގެ ސަބަބުން އަހަރެންނަށް ހިދާޔަތް ލިބުނީ.. ތެދު މަގު އިނގުނީ… ދެވަނަ ފަހަރަކަށް ބޭނުމެއްނޫން އެކަހަލަ ކުށެއް ކުރާކަށް ދެނެއް… އަހަރެންގެ ސަބަބުން ނިފްޝާގެ ދެ އެކުވެރިންވެސް ނުބައި މަގަށް އެޅުނީ.. އަހަރެންނަށް މަޢާފު ކުރޭ… އަހަންނަށް އިނގޭ އަހަރެންނަށް މަޢާފު ހައްގުނޫންކަން ވެސް..” އިހްސާން ދިޔައީ ރޮމުންނެވެ. ހުއްޓާނުލައި އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް އޭގެ ބަދަލުގައި ނިފްޝާ އިނީ ނުހަނު އުފާވެފައިއެވެ. ނިފްޝާގެ ލޮލުގައިވެސް ވަނީ އުފާވެރިކަމުގެ ކަރުނައެވެ. ”އަހަރެން އިހްސާންއަށް މާޢާފުކޮށްފިން… މިއަދު ވަރަށް އުފާ ވެއްޖެ އިހްސާންއަށް ހެޔޮ ވިސްނުނީތީ… އަލްހަމްދުލިއަލާހް..” ނިފްޝާގެލޮލުން ފައިބައިހުރި ކަރުނަތަށް އަތުގެ ނުފުށުން ފުހެލިއެވެ. ”ކީއްވެ؟ ކީއްވެ އަހަރެންނަށް އެހާ ފަސޭހައިން މަޢާފު ތިކުރީ.. އަހަރެން ނިފްޝާއަށް ދިނީ ކޮންފަދަ ބޮޑު އަނިޔާއެއް.. އެވަރުންވެސް ނިފްޝާ އެހައި ފަސޭހައިން އަހަރެންނަށް މަޢާފު ތިކުރީ ކީއްވެ؟” ނިފްޝާ އެހައި ފަސޭހައިން މަޢާފުކުރުމުން އިހްސާން އިނީ ހައިރާންވެފައިއެވެ. ”އިހްސާންއަށް އިނގޭތަ؟ ކިތަންމެ ގިނަ ފާފައެއް ކޮށްފައި ހުރި މީހަކުވެސް މާތްﷲގެ ހަޟްރަތަށް ރުޖޫޢަވެ ތަޢުބާވުމުން މާތްﷲ މާފުދެއްވާ.. އެއިންވެސް އަހަރެމެންނަށް އިނގެނީ މަޢާފު ކުރުމުގެ މުހިންމުކަން.. އަދި މަޢާފު ކުރުމަކީ އެންމެ ރިވެތިވެގެންވާ ސިފަ.. އިސްލާމްދީނުގައި މަޢާފު ކުރުމަށް ބާރުއަޅާ.. ތިމާއަށް ދެރައެއް ދީފިނަމަ އެމީހަކަށް މަޢާފުދިނުން އެންމެ ރަނގަޅު ގޮތަކީ….” ނިފްޝާ ހިނިތުންވުމަކާއިއެކު ވާހަކަދައްކަމުން ދިޔައެވެ. އިހްސާން އިނީ ނިފްޝާގެ އެމާތް ސިފަ ފެނިފައި އަންތަރީސްވެފައި އެވެ. މިފަދަ މާތް ކުއްޖެއް އޭނާ ދުވަހަަކުވެސް ނުދެކެއެވެ. ދެމީހުންވެސް އެގޮތުގައި ތިބެ ސިއްސައިގެން ދިޔައީ އައިޒަން އައިސް ގަޑި ހަމަވި ވާހަކަބުނުމުންނެވެ. ނިފްޝާއެދުވަހު ގެއަށް ދިޔައީ ތިން މީހުންނަށްވެސް މަޢާފު ކޮށްފައެވެ.
”މަންމީ އާއި ޑެޑީ މިހާ ހެނދުނާ ކޮންތާކަށް ގޮސް ތިއައީ.. ކޮއްކި ކޮން އިރެއް މިހާރު މަންމި މެންނަށް ވެއިޓް ކުރާތާ..” ގެއަށް އައިސް ވަން އައިޒަންއާއި ނިފްޝާފެނި ޒެލީން ދުވެލައިފައި އައިސް ދެމީހުންގެ ކުރިމަށްޗަށް ހުއްޓުނެވެ. ”މަންމިމެން މިއައީ މަންމިގެ ފްރެންޑެއް ކައިރިއަށް ގޮސް.. ޕޮލިސް ސޮޓޭޝަންއަށް..” ނިފްޝާ ނަފްޝާ އާއި އެއްހަމަ އަކަށް ތިރިވެލަމުން ބުނެލިއެވެ. ”ކީއްވެ މަންމިގެ ފްރެންޑެއް ޕޮލިސް ސޮޓޭޝަންގައި..” ނަފްޝާ ވާހަކަދެއްކި ގޮތުން އައިޒަންއާއި ނިފްޝާއަށް ނުހީނުހުރެވުނެވެ. ”ޕޮލިސް ސޮޓޭސަން އެއް ނޫނޭ ދަރިފުޅާ.. ޕޮލިސް ސްޓޭޝަން.. މަންމިގެ ފްރެންޑް މާ ބަސްނާހާތީ އެތަނަށް ގެންދީ..” އައިޒަން ވެސް ނަފްޝާއާއި އެއް ހަމައަކަށް ތިރިވެލަމުން ބުނެލިއެވެ. އެވަގުތު ޒެލީން ރަކިވެލައިފައި ދުއްވާގަނީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. އައިޒަންއާއި ނިފްޝާވެސް ޒެލީން ފަހަތުން ދިޔައެވެ. ”ޑެޑީ.. ކޮއްކޮ ބޭނުން މިއަދުވެސް ބީޗަށް ދާން..” ޒެލީން އޭނާގެ ބެޑުގައި އިށީންދެލަމުން ބުނެލިއެވެ. ”ހޫމް.. މިއަދު އަދި ޖެހޭ މާމަ މެން ގެއަށްވެސް ގޮސްލަން.. މާމަމެން ގެއަށް ގޮސްދޯ ދާނީ..” އައިޒަން ނިކަން ލޯބިން ޒެލީންގެ ބޮލުގައި ފިރުމާލާފައި ބުނެލިއެވެ. ”ޔޭ..” ނަފްޝާ ވަރަށް އުފާވެލައިފައި އައިސް ދެމީހުންގެ ގައިގައި ބައްދާލިއެވެ.
ނިފްޝާމެންގެ ގެއަށްވަދެލާފައި ތިން މީހުންވެސް މިސްރާބުޖެހީ ލިންކްރޯޑަށް ދިޔުމަށެވެ. ލިންކްރޯޑްގެ ހިތްގައިމު މަގުގައި ހިނގާލައިފައި ދިޔަ އާއިލާއަށް ވަނީ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިއެވެ. އެންމެންވެސް ދިޔައީ އެއާއިލާއަށް ތަޢުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެމީހުންގެ އާއިލާވެސް އެގޮތުގައި ލެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ. ގޮނޑުދޮށާ ހަމައަށް ފައިބެފައި އައިޒަން ކުރަހާލީ ބޮޑު ހިތެކެވެ. ނިފްޝާއާއި ޒެލީން ހުރީ ހިތުގެ މެދުގައެެވެ. އައިޒަން ހިތް ކުރުހައި ނިންމާފައި އައިސް އެދެމައިންގެ ގައިގައި ނުހަނު ލޯބިން ބައްދާލިއެވެ. ދުވަހަކުވެސް ވަތްކެއް ނުވާނަމޭ ބުނާ ފަަދައިންއެވެ. ދެމީހުންވެސް އެތަށް އަޑިގަޑަކުން ސަލާމަތްވެގެން މިއަދު އެހުރީ އުސް ގަނޑެއްގައި އުފާ ހާސިލް ކުރާށެވެ. އެތަށް އިމްތިހާން ތަކަކުން ފާސްވެގެންއެވެ. އެއްވެސް ޝަކުވާއަކާއި ނުލައެވެ. ކެތްތެރިކަމާއި އެކީއެވެ. އައިޒަން ނިފްޝާގެ މޫނުގައި އާއި ޒެލީންގެ ކޮލުގައި ފިރުމާލަމުން ލަވައިގެ ތަންކޮޅެއް ކިޔާލިއެވެ.
ސާދާ މޫނޭ މޫނޭ ތީ ތިޔަ ނަން މިހިތުގައި ލިޔެވުނު ރަނުގެ އަކުރަކުން….
ކުރެހުން އެޅުނޭ ހިތުގެ އަޑީގައި ފަނާނުވާނެ ގަލަމަކުން….
ސާދާ މޫނޭ މޫނޭ ތީ…….
(ނިމުނީ)
11 Comments!
Comments are closed.
mi vaahaka nimuny dhw
Yeah??
Yeah?
mashaa allah nice story ☺???❤
Thanks liyaa..? vr ufaa vehjje liyaa ah mi story rythi v ma…??
Thanks liyaa..??
Assalaam alaikum..
Here is the 15th part of the story nd the last part of the story.. hope all will like this part too… Nd point out the mistakes..???
Assalaam alaikum.
So here is the 15th part of the story nd the last part of the story.. hope all the readers will like this part too.. if there is any mistake plz point out that for me so I can improve… Ly❤️❤️??
Assalaam alaikum.
So here is the fifteenth part nd the last part of the story.. hope all will like this part too.. if there is any mistake plz point out that for me so I can improve my writing…
Alhugandu zelyn sifa kohfai eh hury cover pic ga in kuhjjaa huri gothah… Nd kiyuntheringe samaalu kamah takai bunelan… Alhugandah ebahuri nafsha ey vs liyevifai zelyn liyan huri thanthanah.. eyyi kuryga alhugandu zelyn ah ihnnaany nafsha ey liyefai dhn ehury badhalu nukurevi baeh than thaaa.. hope readers will understand…
Nd hykuran mi story in iburatheh libeyne kamah… Keiitheri kamaa eku masahkaii kurumuge muhinmu kamaaaii.. mi dhuniye mathygai eki kahala imthihaan thakaa dhimaa vaane kan adhi eh imthihaan thakun pass vaan jeheyne kan.. adi gandakah fahu us gadeh annaane kan…
Ly ❤️… Nd have a nice day?
Masha Allah varah reethi …ehen vaahaka eh kiyan libey ne kamah ummeedhu Kuran ,?
Thanks maaee?