ހުކުރު ދުވަސްކަމުން ޒޭނާ ވެސް ތަންކޮޅެއް ކުރިން ތެދުވެ ގޭތެރޭގެ ކަންތައް ކޮށްލުމަށްފަހު ގަމަށް ދިޔުމަށް އަވަސްވެގަތެވެ. ” ކޮބާތަ؟ ” ޒޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އަހާލިއެވެ. ” އަހަރެން މިހުރީ ބޭރުގަ. ނިކުމެބަލަ އަވަސްކޮށް” ހަމްދާން ބުނެލިއެވެ. ހަމްދާން ފޯން ކަޑާލުމުން ޒޭނާ ލައިގެން ހުރި ޖިންސްގެ ފަހަތު ޖީބަށް ފޯން ލިއެވެ. އަދި އިސްތަށިގަނޑު އަންސަންގެން ގުޅޭ ވޫލްކޮޅު އަތަށް މަހާލަމުން ޒޭނާގެ އިސްތަށިގަނޑު ހާވަލައިގެން ގެއިން ބޭރަށް ނިކުމެގެން އައެވެ. ” ވަރަށް ގިނަ އިރު ވެއްޖެތަ މިތާ ހުންނަތާ ” ޒޭނާ އަހާލިއެވެ. ” ނޫނޭ… ހަމަ ދެންމެ މިއައީ ” ހަމްދާން ބުނެލިއެވެ. ޒޭނާ ސައިކަލަށް އަރާ ހަމަޖެހިލުމުން ހަމްދާން ސައިކަލް ދުއްވާލިއެވެ.

” މާ ބާރަކަށް ކޮންތާކަށް ތިދަނީ ” އަކިޔަލްގެ ގެއާދިމާއަށް އަވަސް ހިނގުމެއްގައި ހިނގާފަ ދިޔަ ސާހިދު ފެނުމުން ހަމްދާން ސައިކަލް މަޑުކޮށްލުމުން ޒޭނާ ސުވާލުކޮށްލިއެވެ. ” މިދަނީ އަކޫމެން ގެއަށް ” ސާހިދު ބުނެލިއެވެ. ” ދެމީހުން ކޮން ދިމާލަކަށް ތިދަނީ ” ސާހިދު އަހާލިއެވެ. ” އަހަރެމެންގެ ވެސް މަންޒިލަކީ ހަމަ ސާހިދުގެ ވެސް މަންޒިލް ދޯ ހަމްދާން ” ޒޭނާ އެހެން ބުނުމުން އާއެކޭ ބުނުމުގެ ގޮތުން ހަމްދާން ބޯޖަހާލިއެވެ. ” އެހެން ވިއްޔާ ހަމަ ކުރިއަށްދާންވީ ” ހީލަމުން ސާހިދު ކުރިއަށް ދިޔުމަށް ބުނަމުން ސާހިދު ވެސް ހިނގައިގަތެވެ. ” ކިހިނެއްވެފަ ތި އޮތީ ” ޒޭނާޔާ ހަމްދާން ގޮސް ސައިކަލް މަޑުކޮށްލި އިރު ގޭދޮރުމަތީ ހުރި ޖޯލީގައި އަކިޔަލް އޮތްތަން ފެނުމުން ޒޭނާ އަހާލިއެވެ. ” ނުވޭ އެއްވެސް ކަމެއް. މިއަދު ދެން ހުކުރު ދުވަސް ވީމާ ކުރިން ހޭލެވުނީމާ ބޭރަށް ނިކުމެލީ ” އަކިޔަލް ބުނެލިއެވެ. “ސައި ބޮއިފިންތަ؟ ” ޒޭނާ އަހާލިއެވެ. ” އަދި ނުބޮން ” އަކިޔަލް ބުނެލިއެވެ. ” މަންމަ ހޭލާތަ އޮތީ ” ޒޭނާ ޖޯލީގައި އިށިންނަމުން އަހާލިއެވެ. ” ހޭލާ ހެން ހީވަނީ އޮތީ. އިނާޔާ އުޅުން ގޭތެރޭގަ “އަކިޔަލް ބުނެލިއެވެ. ” އެހެންވީމާ މަންމަގެ ކަންތައްކޮށްލާފަ މިތާ ބޭރަށް ސައި ހަދާނަން އެންމެންނަށް ” ޒޭނާ ޖޯލިން ތެދުވަމުން ބުނެލިއެވެ. ” ކޮން އެންމެންނެއްތަ؟ ” ޒޭނާ ހިނގައިގަތުމުން ސުވާލުކޮށްލިއެވެ. ” އަހަރުން ތިން މީހުންގެ އިތުރުން ސާހިދު ވެސް އިނާޔާ ވެސް އެހުރީނު. އަހަރުން މި އަންނަނިކޮށް ސާހިދު މިދިމާއަށް އަންނަނިކޮށް ފެނުން. އަހާލިމާ ބުނީ މިގެއަށް އަންނަވާހަކަ ” ޒޭނާ ބުނެލިއެވެ.

” މިއޮށް އައީނު ސާހިދު ” ސާހިދު ފެނުމުން ޒޭނާ ބުނެލިއެވެ. ” އަހަރެން ނެތިގެން ކޮންކަމެއް ނުވެގެން ތިއުޅެނީ. ” ސާހިދު އަހާލިއެވެ. ” ކަމެއް ނުވެގެން ނޫޅެން. ސާހިދު އައި ވާހަކަ ދޯ މިބުނީ ” ޒޭނާ މިހެންބުނެ ގޭތެރެއަށް ވަދެގެން ދިޔައެވެ. ” ކޮބާ ހުރިހާ ކަމެއް ނިންމާލީތަ؟ ” ބަނދިގޭގައި ހުރި އިނާޔާ ފެނުމުން ޒޭނާ އަހާލިއެވެ. ” އަނެއްހެން ހުރިހާ ކަމެއް ނުނިމޭ. އެކަމަކު ދައްތަގެ ބައެއް ކަންތައް ކޮށްލާފަ މިއައީ ” އިނާޔާ ބުނެލިއެވެ. ” ކީއްކުރަން ކޮށާ ފިޔާތަކެއްތަތީ ” އިނާޔާ ފިޔާ ކޮށަށް ހުރުމުން ޒޭނާ އަހާލިއެވެ. ” މެންދުރަށް ކަންކަންވެގެން. ޒޭނާ އަންނަން ވާއިރަށް  މިއުޅެނީ މިހެން ހުރި ކުދި ކުދި ކައްތަށް ކޮށްލާފަ ބަހައްޓަވެގެން ” އިނާޔާ ބުނެލިއެވެ. ”  ސައި ދީފިންތަ ދައްޔަށް؟ ” ފާރުގައި ހަރުކޮށްފައި ހުރި ކަބަޑުން ތަށިތައް ނަގާ ތަބަކެއްގައި އަތުރާލަމުން އަހާލިއެވެ. ” ސައި ދީފިން. އަދި ރީތިވެސް ކޮށްލާފަ އޮންނާނީ ” އިނާޔާ ބުނެލިއެވެ. ” ކީއްކުރަން ތިއުޅެނީ ” ތަށިތައް ނަގާ ތަބަކުގައި އަތުރަން ފެށުމުން އިނާޔާ ސުވާލުކޮށްލިއެވެ. ” މިއުޅެނީ އެންމެންނަށް ސައި ހަދަންވެގެން. އިނާޔާ ވެސް ވާނެ ސައިބޯން އަންނަން ” ޒޭނާ ބުނެލިއެވެ. ” އެހެންވީމާ މިކަން މިވަގުތަށް ބަހައްޓަންވީދޯ ” އިނާޔާ ކޮށަން ވެގެން ނެގި ފިޔާ ތަށީތެރޭގައި ބާއްވަމުން ބުނެލިއެވެ. ” އަދި މެންދުރަށް ކައްކާކަށް ލަހެއްނުވޭނު. އިހައް ހިނގާ ސަޔަށްދާން ” ޒޭނާ ފެން ހޫނުކުރާ ޖަގައް ފެންއަޅާ ޖައްސާލަމުން ބުނެލިއެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެމީހުން ވެގެން ބޭރުގައި ސައިތައްޔާރުކޮށް ނިންމާލިއެވެ. ” ހިނގާދާން ސައިބޯން ” ޖޯލި ކައިރިއަށް އައިސް ޒޭނާ ބުނެލިއެވެ. ” ބުނީމެއްނު ބޭރާށް ސައިތައްޔާރު ކުރާ ވާހަކަ. ދެން ކީއްކުރަން ގޭތެރެއަށް ދާންވީ ” އަކިޔަލް ބުނެލިއެވެ. ” އަދި ނުބުނަމެއްނު ގޭތެރެއަށް ދާކަށް. އެހެން ނޫނަސް މަގުމަތީގައި ސައި ތައްޔާރުކުރީމާ ކިހިނެއްވާނީ ” ޒޭނާ ހީލަމުން ބުނެލިއެވެ. ” އެހެންވިއްޔާ ކޮންތާކަށް ސައި ތައްޔާރު ކޮންގެން ތިއުޅެނީ ” ސާހިދަށް އެއްޗެއް ނުބުނެ ނުހުރެވިގެން އަހާލިއެވެ. ” ގޭގެ އެފަރާތުގައި ހުރި ގަސްދަށުގަ. އާދޭ އަވަހަށް ” ޒޭނާ މިހެން ބުނެ ހިނގައިގަތެވެ.

” ހާދަ ބޮޑުކޮށް ސައިތައްޔާރުކޮށްފަ މިހުރީ ” ސާހިދު ގޮޑީގައި އިށީންނަމުން ބުނެލިއެވެ. ” ބޭކާރު ވާހަކަ ނުދައްކާ ފަށާބަލަ. އިނާޔާ ސައި އަޅާބަލަ ތަށިތަކަށް ” ޒޭނާ ބުނެލިއެވެ. ” މިހާރު ކޮންތާކަށް ތިދަނީ ” އިނާޔާ ތަށިތަކަށް ސައި އަޅާ ނިމުމުން ޒޭނާ އިނާޔާ ގޮވައިގެން ހިނގައިގަތުމުން ހަމްދާން އަހާލިއެވެ. ” މިއަންނަނީ ދައްތަ ގޮވައިގެން. ތިމީހުން ސައިބޯން ފަށާބަލަ ” މިހެން ބުނެލުމަށްފަހު ދެމީހުން ދިޔައެވެ.

” އަކޫ ކޮބާތަ ކާފަ ” ސަކީނާ ގެނެސް ގޮޑިއެއްގަ ބައިންދާފަ ސައިބޯން ފަށަމުން ޒޭނާ އަހާލިއެވެ. ” އަހަރެން އެތާ ޖޯލީގަ އޮށްވާ ކާފަ ނިކުމެގެން ބޭރަށް ދަނިކޮށް ފެނުން. އަހަރެން އަހާލީމަ ބުނީ ހޮޓާ ދޮށަށް ދާވާހަކަ. އޭރު އަހަރެންނަކަށް ނޭންގެ ވިއްޔާ މިހެން ސައި ލިބޭނެކަމެއް ” އަކިޔަލް ބުނެލިއެވެ. ” މީކުރިން ރާވައިގެން ހިނގާކަމެއްނޫނޭ. ކުއްލިއަކަށް އައި ހިޔާލެއްމީ ” ޒޭނާ ބުނެލިއެވެ. އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ ސައިގެ ކަންތައް ނިންމާލިއެވެ. ” އިނާޔާ ދައްތަ ގެއަށް ވައްދާލަބަލަ ” ޒޭނާ އެހެން ބުނުމުން އިނާޔާ ސަކީނާ ގެއަށް ގެންދިޔުމަށް ސަކީނާ ގޮޑީގައި އިންދާ ކޮޅަށް ނެގުމުން އިނާޔާގެ އަތުގައި ހިފައިގެން މަޑުމަޑުން ހިނގަންފެށިއެވެ.

” ރޭގަ މަޖާ ކަމަކާ ދިމާވި. އެކަމަކު އެހާ ބިރުވެސް ގަތް. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފަ ” ޒޭނާ ހަމްދާން އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” ކޮން މަޖާ ކަމެއް ދިމާވެގެން ތިއުޅެނީ. އަހަރުމެންނަށް ވެސް ކިޔާ ދީބަލަދޯ ” ސާހިދު ބުނެލިއެވެ. ” ކީކޭ ކިޔާފަކަމެއް ނޭންގެ ކިޔާދޭނީ. އެހާ ވެސް ފޯރިގަދަ ” ޒޭނާ ހީގަންނަމުން އެހެން ބުނެލުމުން ހަމްދާން ވެސް ހީގަތެވެ. ” ހަމްދާން ތިހެނީ ކީއްވެތަ؟ ” އަކިޔަލް އަހާލިއެވެ. ” ރަނގަޅަށް ވިއްޔާ މި ދެމީހުން ކޮންމެވެސް މޮޅުކަމެއް ކޮށްގެން މިއުޅެނީ. ދެން ކިޔާ ދީބަލަދޯ ” ވާހަކަ އަޑު އަހަން ކެއްމަދުވެފާއިން ސާހިދު ބުނެލިއެވެ. ” އާނ… އަހަރެންނާ ހަމްދާން މިތިބީ ނުރައްކާ ބޮޑު ކަމެއް ކޮށްގެން. އެކަމަކު ކިޔާ ދިނުމަށްވުރެއް ބޮޑަށް ރަގަޅުވާނީ މަންޒަރުން ފެނުނިއްޔާ އެއްނު ” ޒޭނާ އެހެން ބުނުމުން ހަމްދާން ފޯން ނަގާ ކުރިން ރޭގަ ޝޫޓް ކޮށްފަ އިން ފިލްމުގެ މަންޒަރުތައް ދައްކަން ފެށިއެވެ. ސީންތައް ބަލަމުން ދިޔައިރު ސާހިދުއަށް ވަނީ ފާޑަކަށް އަނގަ ހުޅުވިފައެވެ. އިނާޔާ އެއީ ކޮންކަހަލަ ފިލްމެއްކަން އެނގުމުން ބަލަން ނުކެރި ދުރަށްޖެހިލިއެވެ. އަދި އަކިޔަލްގެ މޫނުމަތިން ނުތަވަސްކަން ފާޅުވަމުން ދިޔައެވެ. ” އަކޫ ކިހިނެއްވީ؟ ” ޒޭނާ އަކިޔަލްއަށް ބަލާލުމަށްފަހު ސުވާލުކޮށްލުމުން އެންމެން އަކިޔަލަށް ބަލާލިއެވެ. ” ކަމެއްނުވޭ ” އަކިޔަލް ބުނެލިއެވެ. ” ކަމެއްނުވޭޔޭ ބުންޏަސް އެނގޭ ކަމެއްވެއްޖެކަން ” ޒޭނާ ބުނެލިއެވެ. ” ތީ ކީއްކުރަން ކުރިކަމެއްތަ؟ ” އަކިޔަލްގެ ސުވާލާއެކު އެންމެން ހައިރާން ކަމާއެކު، އެކެއް އަނެކެއްގެ މޫނަށް ބަލާލިއެވެ. ” މީ ކީއްކުރަން ކުރި ކަމެއްކަން އަކޫ އަށް އެނގޭނެ. އަދި މިކަން ކުރަން ޖެހުނީ ކީއްވެގެންކަން ވެސް އަކޫ އަށް އެނގޭނެ. އަދި މިކަމުގެ ފަހަތުގާ ފޮރުވިފަވަނީ ކޮންކަމެއް ކަންވެސް އަކޫއަށް އެނގޭނެ. މިހުރިހާ ކަމެއް އެނގި ހުރި އަކޫ ސުވާލު ތިކުރަނީ ކީއްކުރަން ކުރި ކަމެއްހޭ މީ ” ޒޭނާ ހިތްހަމަ ނުޖެހޭ ފާޑަކަށް ބުނެލިއެވެ. ” އަހަރުން ކުރާނެކަމެއް ނެތިގެނެއްނޫން މިކަން ކުރީ. އަކޫގެ ހާލުފެނި ކައްތައް ވަމުންދާ ގޮތުން ކެއްނުވެގެން ” ހަމްދާން ބުނެލިއެވެ. ” އެނގޭ އަހަރެންނަށް ދެރަ ގޮތެއް ވާން ބޭނުން ނުވާކަން. އެކަމަކު ތިކަން ތިހެން ކުރީމާ ކައްތައްތައް ވަކި ރަނގަޅު ވާނެތަ؟ ” އަކިޔަލް ބުނެލިއެވެ.

” އާނ. މާ ބޮޑަށްވެސް ރަނގަޅު ވާނެ. އެކަން އަހަރެން ސާބިތުކޮށްދޭނަން. ތި އިން އެއްވެސް މީހަކަށް ނޭންގޭ ކިތައްމެ ކަމެއް އަހަރެންނަށް އެނގޭ ” އަކިޔަލް މެން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރުމަށްފަހު ނިޔާޒް ބުނެލިއެވެ. އަދި ނިޔާޒް ފެނުމުން އެންމެންނަށް ގޮޑިތަކުން ކޮޅަށް ތެދުވެވުނެވެ. ” ނިޔާ… ” އަކިޔަލަށް ބުނެލެވުނެވެ. ” އަހަރެން ރަށުގަ ނެތަސް އަހަރެން އަކޫގެ ހާލު ބަލަން. އަދި ސާރާ ކައްތައް ކުރި ގޮތް ވެސް އެނގޭ. މިއަދު ކުރިމަތި ވެގެން ތިއުޅޭ ކައްތައް ވެސް އެނގޭ. އެހެންވެ އަހަރެން ތިކަންކަމުގެ ހަގީގަތް ކޮންމެވެސް ވަރަކަށް ބަލައިފިން ” ނިޔާޒް ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” ކޮންކަމެއް ބަލައިގެން ތިއުޅެނީ ” ޒޭނާ އަހާލިއެވެ. ” މިކިޔާ އެއްޗެއް ޒޭނާއަށް އެނގޭނެ. ” ނިޔާޒް ބުނެލިއެވެ. ” ޒޭނާޔާ ހަމްދާން އެކުރީ ކައްތައްތަކުގެ ނިމުން ގެނައުމަށް ކުރަންޖެހުން ފުރަތަމަ ކައްތައް؟. ގަބޫލް ކުރަން އެހެންކައްތައް ކުރުމަކީ ރިސްކް ބޮޑުކަމެއްކަން. އެކަމަކު ވެސް އެމީހުން އެކަންތައް އެހެން ކުރީ އަކޫއަށްޓަކާ ” އަކިޔަލްގެ ކޮޑުގައި އަތް އަޅާލަމުން ނިޔާޒް ބުނެލިއެވެ. ” ރިޒްނީ ގޭގައި ބައްދުކޮށްގެން އެއުޅެނީ ގަދަކަމުން މަޖުބޫރުން ވިޔާމާ ކައިވެނިކުރުވަން ވެގެން ” ނިޔާޒް ބުނެލިއެވެ. ” ތިކަން އަހަރުންނަށް ވެސް އެނގޭ ނިޔާ ” ސާހިދު ބުނެލިއެވެ. ” އެނގޭ މިބުނި އެއްޗެއް ވެސް އެނގޭނެކަން. އެކަމަކު ދެން އަހަރެން ބުނަން އުޅޭ ވާހަކަޔަކީ އެނގޭނެ އެއްޗެއް ނޫން ” ނިޔާޒް ބުނެލިއެވެ. ” އަހަރުންނަށް ނޭންގޭ ކޮންކަމެއް ނިޔާއަށް އެނގިގެން ތިއުޅެނީ ” ހަމްދާން ބުނެލިއެވެ. ” ރިޒްނީގެ މައިންބަފައިންގެ ބޭނުމަކީ މުއްސަދިކަމަށް ރިޒްނީ ވިއްކާލުން. ގަދަކަމުން ރިޒްނީގެ ކައިވެނި ވިޔާމާ ކުރުވަނީ ފައިސާއަށް ” ނިޔާޒް ބުނެލިއެވެ. ” ތީ ކާކު ބުނި ވާހަކައެއް ” ޒޭނާއަށް އަހާލެވުނެވެ. ” މިއަދު މިވާހަކަ މިދައްކަނީ އަހަރެން. އެކަމަކު މާދަން މިވާހަކަ ހިސާބުގަނޑު މީހުން ދައްކާނެ. އެއަށްފަހު މުޅި ރާއްޖެއަށް. އަހަރެންނަށް މިކަން އެގުނީ ވިޔާމްގެ ފަރާތުން. އެވެސް މީހަކު މެދުވެރިކޮށްގެން ވިޔާމަށް ސިއްރުން. ފައިސާއަށް ރިޒްނީ ވިއްކާލަނީ އޭނަގެ މައިންފަބަފައިން. އޭގެ ފައިދާ މިހާރުން ފެށިގެން ނަގަން ވިސްނާފަ އޮތީ ވިޔާމް ” ނިޔާޒް ބުނެލިއެވެ. ” ވިޔާމް ކޮންކަމެއް ކުރަން އުޅެނީ ” އަކިޔަލް އަހާލިއެވެ. ” ވިޔާމްގެ ބޭނުމަކީ ރިޒްނީގެ ފަރާތުން ކައްތައްތައް ހާސިލް ކުރުން. އެއީ މިހާރުވެސް އޭނާ ކުރަމުންދާ ކައްތައް އެކި މީހުން އެގެއަށް ވައްދައިގެން. ވިޔާމް ރިޒްނީއާ ކައިވެނި ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް. އޭނަގެ އޮތީ އެންމެ ބޭނުމެއް. އެއީ ރިޒްނީގެ ޒުވާންކަމުގެ ފައިދާ ނެގުން ” ނިޔާޒް ކިޔާދިނެވެ. ނިޔާޒްގެ ވާހަކަ އަޑުއަހަން ތިބި މީހުންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ނިޔާޒްގެ ވާހަކަ އަޑު އަހަމުން ދިޔައިރު އަކިޔަލްގެ ލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.

” އަހަރެން މިވީޑިއޯ ޕޮލިހަށް ހުށައަޅާނަން ” ޒޭނާ ބުނެލިއެވެ. ” އަދިނުވޭ ތިކަން ކުރަކަށް. މިހާރު ތިކަން ކުރަން އުޅެގެން ކައްތައްތައް ގޯސްވެދާނެ. ސަބަބަކީ ޒޭނާމެން ތިކަން ކޮށްފަ ތިއޮތީ މީހެއްގެ ގެއަށް ވަދެގެން ކަމަށްވާތީ. ޒޭނާއަށްވެސް އެނގޭނު މީހެއްގެ ގެއަށް އެމީހެއްގެ ހުއްދަނެތި ވަނުމަކީ ކިހާވަރެއްގެ ކަމެއްކަން ” ނިޔާޒް ބުނެލިއެވެ. ” ދެން ތިބުނަނީ މިހެން ރިޒްނީއަށް ވާނެ އެއްޗެއް ވަންދެން ތިބޭށޭތަ؟ ” ޒޭނާ ބުނެލިއެވެ. ” އެހެން ނުބުނަމެއްނު. ކޮންމެވެސް ގޮތަކުން ރިޒްނީއާ ވާހަކަ ދެއްކޭތޯ ބަލަންވީ. އަދި މިހުރިހާ ވާހަކައެއް ރިޒްނީއަށް ކިޔާދޭންވީ. އެއަށްފަހު އެހެން ކަމެއް ކުރެވޭނީ ” ނިޔާޒް ބުނެލިއެވެ. ” ކިހިނެއް ތިކަން ކުރާނީ. ރިޒޫގެ ހެޓިލަރު ބައްޕަ ރިޒޫ އެވަނީ ޖަލަކަށްލާފަ ” ސާހިދު ބުނެލިއެވެ. ” ޖަލަކަށް ލިޔަސް ކޮންމެވެސް ގޮތެއް އޮންނާނެދޯ. އެގޮތެއް ހޯދަންވީ ” ނިޔާޒް ބުނެލިއެވެ. ” ކިހިނެއްވާނީ މިރޭ އެގެއަށްދިޔުން ” ނިޔާޒް ވިސްނާލާފަ ބުނެލިއެވެ. ” ނިޔާޒް ތި ހީކުރަނީ އަހަރުމެން ތިހެން ކަންތއް ނުކުރާ ކަމަށްތަ؟ ” ހަމްދާން ބުނެލިއެވެ. ” ތިހެން ސިއްރުން ރިޒޫ ގެއިން ބޭރަށް ނެރިގެން ވެސް އޮތީ ބަސްޓް ވެފަ. އެފަހުން މިހާރު ރިޒޫއާ ކޮންޓެކްޓް ކުރަން ވެސް އެހާ އުދަގޫ ” ޒޭނާ ބުނެލިއެވެ. ” އެހެންވިޔަސް މިރޭ ހިނގާބަލަ ދާން. ގޮސްފަ ކަންތައްކުރަންވީ ގޮތަކާ މެދު ވިސްނާނީ. އޭގެ ކުރިން އަކޫ ބަލާބަލަ ރިޒްނީއާ ގުޅޭތޯ ” ނިޔާޒް ބުނެލިއެވެ. ” ރިންގުވޭ އެނބަ ” އެން ބުނިތަނާހެން ރިޒްނީ ފޯން ނެގުމުން އަކިޔަލް ފޯން ކަނފަތުގައި ޖައްސަން އުޅެން ފެށުމުން ޒޭނާ ފޯން ދިނުމަށް ބުންޏެވެ. ” ހަލޯ ” އަކިޔަލް ފޯން ދިނުމުން ޒޭނާ ފޯން ފަތުގައި ޖައްސާލުމަށްފަހު ބުނެލިއެވެ. ޒޭނާ ފޯން ކަންފަތުގައި ޖެއްސި އިރު ރިޒްނީ ވައިއަޑަކުން ހަލޯ ކިޔަމުން ދިޔައެވެ. ” ރިޒޫ މީ ޒޭނާ. މަންމަ މެން އެބަތިބިތަ ފެންނަ ހިސާބުގަ ” ޒޭނާ އަހާލިއެވެ. ” އަހަރެން މިހުރީ ކޮޓަރީގަ ” ރިޒްނީ ބުނެލިއެވެ. ” އެހެންވިއްޔާ އަހަރެން މިދައްކާ ވާހަކަ އަޑު އަހާ. އަހަރުން މިރޭ މަންމަމެން ނިދާހާ އިރު ކޮށްފަ ދާނަން. އެބަ އޮތް ވަރަށް މުހިންމު ވާހަކަ އެއް ދައްކަންވެފަ. ” ޒޭނާ ބުނެލިއެވެ. ” ކޮބާ އަކޫ ” ރިޒްނީ އަހާލިއެވެ. ” އެބަހުރި. އަކޫ ވެސް ދާނެ މިރޭ. މާ ބޮޑަށް ކަންތައްތަކާ ހާސްނުވާތި. އިރާދުކުރެއްވިއްޔާ ދެން މާގިނަ ދުވަހެއްނުވެ ރިޒޫ ތި ޖަލުން ސަލާމަތް ކުރާނަން ” ޒޭނާ އެހެން ބުނެލީ ރިޒްނީއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ” އެންމެ ރަނގަޅު. މިރޭ އަހަރެން ތަންކޮޅެއް ކުރިން ނިދާކަމަށް ހެދިގެން އޮންނާނަން. އެކަމަކު އަހަރެން ބޭނުން އަކޫއާ ވާހަކަ ދައްކާލަން ” ރިޒްނީ އެހެން ބުނެލުމުން ޒޭނާ އަކިޔަލަށް ފޯން ދިއްކޮށްލާފަ، ރިޒްނީ ވާހަކަ ދައްކަން ބޭނުން ވާ ވާހަކަ ބުނުމުން އަކިޔަލް އެތަނުން ދުރަށް ޖެހިލިއެވެ.

” ނިޔާއަށް އެނގޭތަ. ހާދަ ދުވަހަކަށްފަހުއޭ ރިޒޫއާ މިވާހަކަ ދައްކާލެވުނީ ” ޒޭނާ ބުނެލިއެވެ. ” ކޮންމެ ގޮތެއްވިޔަސް މިއޮތީ މިކަންވެސް ވެފަ. ދެންއޮތީ މިރޭގެ ކަންތައް ” ހަމްދާން ބުނެލިއެވެ. ” އެހެންވީމާ އަހަރެން އެހާ އިރަށް އަންނާނަން. ދެން މިވަގުތު ގޮސްލާނަން ” ނިޔާޒް ހިނގައި ގަންނަމުން ބުނެލިއެވެ. ނިޔާޒް ދިޔުމުން އަކިޔަލް ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލީ، ލިބިފައިވާ މާޔޫސްކަމާއެކު ސިކުޑި ހަމަޖައްސާލުމަށެވެ. ޒޭނާ ވެސް ދުވާލުގެ ވަގުތުގައި ކޮށްލަން ހުރި މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދިޔައެވެ. އެންމެންވެސް ތައްޔާރުވަމުން ދިޔައީ ރޭގަނޑުގެ ސިއްރު މިޝަންއަށެވެ.

ދުވާލުގެ ވަގުތު ނިމި، އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާއުކިއެވެ. ރިޒްނީ ރޭނޑުގެ ކެއުން ނިންމާލުމަށްފަހު ކޮޓަރިއަށް ވަދެ ނިދުމައްތައްރުވެލިއެވެ. އަދި ކޮޓަރީގެ ދޮރަށް ފުރަސްވާގޮތަށް އެނދަށްއަރާ އޮށޯވެ ރަޖާގަނޑު ފައިކޮޅުން ފެށިގެން ކޮޑާ ހަމަޔަށް ދަމާލިއެވެ. އަދި ކުޑަދޮރާ ދިމާއަށް ބަލާލުމަށްފަހު ދެލޯމަރާ ބާރުކޮށްލިއެވެ. އިރުކޮޅަކު ރިޒްނީ އެހެން އޮށްވާ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ނަމަވެސް ރިޒްނީ ހަމަ އޮތްގޮތަށް އޮތެވެ. ހަށިގަނޑުގެ ދިމާލަކަށް ހަމަ އެންމެ ލޮޅުމެއް ވެސް އަރުވާނުލައެވެ. ރިޒްނީގެ ބާރު ހިނގާނަމަ ހިދުކޮޅަކަށް ނޭވާ ވެސް ހިފެހެއްޓީހެވެ. ނަމަ ވެސް ދިރިއުޅުން މިހާރު ބައްޓަން ވެފަވާ ގޮތުން ކުރަން ބޭނުންވިޔަސް ނުކުރެވޭ ކަންތައްތަކެއް ހުރިކަން ރިޒްނީ ފަހަރެއްގަ ވެސް ހަނދާން ނައްތާނުލައެވެ. ނަމަވެސް މިރެއަކީ ކޮށްގެން ނުވާނެ ކަމަށް ބުނެފަ އޮތް ކަމެއް ކުރުމަށް ރިޒްނީ ދުވަސްތަކެއްފަހުން މަސައްކަތް ކުރާ ރެއެކެވެ. މަސައްކަތް ކާމިޔާބު ވާނެ ބާއޭ ހީވެ އަކިޔަލްގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ކުރިން ފަޅާ އެރިހެން ކަމެއް ނުވާނެ ބާއޭ ވެސް އަކިޔަލްގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ހުރިހާ ފަހަރެއްގައި އެއްގޮތަށް ކައްތައް ނުވާނެކަމަށް ވިސްނާފަ، ހިތްހަމަ ޖައްސާލިއެވެ. އަދި ބާރަ ޖަހަން ވާއިރަށް ތައްޔާރުވެލިއެވެ.

ދޮރު ހުޅުވުން އަޑު އިވުމަށްފަހު، ކުއްލިއަކަށް ކޮޓަރި ތެރެއަށް އަނދިރިވެގެން ދިޔުމާއެކު ދޮރު ލައްޕާލިއަޑު އިވިގެން ދިޔައެވެ. އެހާ ހިސާބުން ރިޒްނީއަށް ވިސްނާލެވުނީ އަވަހަށް ނިދަން އެނދަށް އަރަން އުޅެން ހަދައިގެން ނިދާބޮކި ނުދިއްލާ ހުރިކަމެވެ. ދޮރު ލެއްޕިކަން ޔަގީންވުމުން ކޮޓަރިއަށް ވެރިވެފަވާ ފަޑު އަލިކަމުގެ ތެރެއިން ރިޒްނީ ދޮރާ ދިމާއަށް ބަލާލިއެވެ. އަދި ހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ.

” ކޮބާ ރިޒޫ ” އަކިޔަލް ގުޅާފަ ސުވާލުކޮށްލިއެވެ. ” ކޮޓަރީގަ މިހުރީ ” ރިޒްނީ ވައި އަޑުން ބުނެލިއެވެ. ” މަންމަމެން ނިދީތަ؟ ” އަކިޔަލް އަހާލިއެވެ. ” އާނ. ނިދައިފި. އަހަރެން ހުންނާނެ ޝައްކު ނުވާނެހެން ހުރިހާ ކަމެއް ކޮށްފަ ” ރިޒްނީ ބުނެލިއެވެ. ” އެހެން ވިއްޔާ އަވަހަށް ނިކުމޭ ” އަކިޔަލްގެ އޯޑަރު ލިބުމާއެކު ރިޒްނީ ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލުމަށްފަހު، ކުޑަ ދޮރުގެ ފޮތިގަނޑު ކުޑަކޮށް ކަހާލުމަށްފަހު ތަންޑު ނައްޓާފަ ހުރި ކުޑަދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. އޭރު އަކިޔަލް ބޭރު ދޮރު ކައިރީގައި ހުއްޓެވެ. ރިޒްނީ އަކިޔަލްއާ ހަމަޔަށް ދެވުމުން މަގުގެ ދެކޮޅު ބަލާލުމަށްފަހު ރިޒްނީ ގޮވައިގެން އަކިޔަލް ދުއްވައިގަތީ ހޭޅިފަށާ ދިމާއަށެވެ. އޭރު އެހިސާބުގެ އަނދިރިކަމުގެ ތެރޭގައި އަކިޔަލްގެ ރަހުމަތްތެރިން ފިލާ ތިއްބެވެ. އަކިޔަލާ ރިޒްނީ ދިޔުމުން އެންމެން ހިނގައިގަތީ ހޭޅިފަށް ދޫކޮށް އަތިރިމައްޗާ ދިމާލަށެވެ. އަތިރިއަށް ދެވުމާއެކު ރިޒްނީ އަކިޔަލްގެ ގައިގަ ބެއްދުމުން އަކިޔަލް ރިޒްނީގެ ގައިގަ ދެއަތް ވަށާ ބާރުކޮށްލިއެވެ.

” ދެރަނުވޭ ރިޒޫ. އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނެ ” އަކިޔަލް ގަޔާ ރިޒްނީ ދުރުކޮށްލަމުން ބުނެލިއެވެ. ” އަކޫ އެބުނީ ރަނގަޅަށް ރިޒޫ. ދެން ހުރިހާ ކަމެއްވެސް ރަނގަޅު ވާކަށް މާގިނަ ދުވަހެއް ނެތް ” ނިޔާޒް ބުނެލިއެވެ. ” ނިޔާ ” ނިޔާޒްގެ އަޑު އިވުމާއެކު ރިޒްނީ ފަސްއެބުރި ބަލާލަމުން ބުނެލިއެވެ. ދީފަވާ ފަޑު ހަނދުވަރުގެ އަލީގެ ތެރެއިން ނިޔާޒް ފެނުމުން ރިޒްނީގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެސްފިޔަ ތަކުގެތެރެއިން ފޫދިގެން އައިސް ކޯތާފަތް ތެއްމާލިއެވެ. ” އެއްވެސް ކަމަކާ ރިޒޫ ވިސްނާނެ ކަމެއްނެތް. ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެން މިއައީނު ” ނިޔާޒް ރިޒްނީ އާ ވަހަކަ ދައްކަމުން ދާން ފެށުމުން އެންމެންގެ މޫނުމަތިން ހައިރާންކަން ހާމަވަމުން ދިޔައެވެ. އަދި ވާނުވާ ނޭންގޭ ފާޑަކަށް ބަލަން ތިއްބެވެ. ” ރިޒޫ ދަންނަންތަ ނިޔާ ” ޒޭނާގެ ސުވާލާއެކު ހަމަ ހިމޭންކަން ވެރިވެފަވާ މާހައުލު ހަލަބޮލިކޮށްލިއެވެ. އަދި ޒޭނާގެ ސުވާލާއެކު ރިޒްނީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” އެކަމަކު ކިހިނެއް. ރިޒޫ ކިޔަވަން ވެސް އުޅުނީ މާލޭގަ. ނިޔާ ހުންނަނީ ރަށުގަ. ” ހައިރާންކަމާއެކު ސާހިދުއަށް އަހާލެވުނެވެ. ” އެނގޭ ތި އެންމެންގެ ހިތުގަ ވެސް ސުވާލުތަކެއް ވާނެކަން މިހާރު. އެކަމަކު މިކަމާ ގުޅިގެން އަހަރެން ދައްކަން ހުރި ވާހަކަ ދައްކައިފިއްޔާ ތި އެންމެންގެ ހިތުގަ އުފެދޭ ސުވާލު މާގިނަވާނެ. އެކަމަށް ވެސް އެންމެ ރަނގަޅު ވަގުތު މިވަނީ ޖެހިފަ. އެކަމަކު އޭގެ ކުރިން ރިޒޫ މިތަނަށް ގެނުވުނީ ކީއްވެގެންކަން ރިޒޫއަށް ކިޔާދިނީމާ ރިޒޫއަށް ވެސް ފަސޭހަވާނެ ” ނިޔާޒް އެހެން ބުނުމުން ޒޭނާ ރިޒްނީ ގާތަށް ޖެހިލިއެވެ.

” ސިއްރުން އަހަރުން ރިޒޫ މިތަނަށް ގެންނަށް ޖެހުނީ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން ” ޒޭނާ ބުނެލިއެވެ. ” ކޮންވާހަކައެއް ” ރިޒްނީ އަހާލިއެވެ. ” ދައްކަން މިއުޅެނީ މިހާރުގެ ހާލަތާ ގުޅޭ ވާހަކައެއް. އަދި ރިޒޫގެ މައިންބަފައިން މިއަދު ރިޒޫއަށް މަޖުބޫރު ކުރުވާ ކަންތަކާ ގުޅުން ހުރި ވާހަކައެއް ” ނިޔާޒް އެހެން ބުނުންމުން ރިޒްނީ ނިޔާޒްގެ މޫނަށް ބަލާލިއެވެ. އެވަގުތު ނިޔާޒްގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. އަދި ރިޒްނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނައް ފޮހެދޭން ބޭނުން ވިއެވެ. ނަމަވެސް ޖަޒުބާތުން ފުރިގެންވާ ހިތުގެ މައްޗަށް ބާރުފޯރުވާ ހިތް ކޮންޓްރޯލްކޮށްލިއެވެ. ” ބުނަން މިއުޅެނީ ވިޔާމް ރިޒޫއާ ކައިވެނި ކުރަން ހަގީގަތުގަ ބޭނުން ނުވާހަކަ. އަދި ވިޔާމްގެ ބޭނުމަކަށްވެފަ އޮތީ ރިޒޫގެ ޒުވާން ކަމުގެ ފައިދާނެގުން ” ނިޔާޒްގެ އެންމެ ފަހުގެ ޖުމްލަ ނިޔާޒްގެ އަނގައިން ބުނި އަޑު ރިޒްނީއަށް އިވުމުން އަނގަތީ އަތްއެޅާ ދެލޯ މަރާ ބާރުކޮށްލިއެވެ. އޭރުވެސް ޒޭނާ ރިޒްނީ ގާތުގައި ހުއްޓެވެ. ” މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ރިޒޫގެ މައިންބަފައިން. އެމީހުން ބޭނުންވަނީ ރިޒޫ ފައިސާއަށް ވިއްކާލަން ” ނިޔާޒް ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ އެންމެންނަށް ފުރަގަސްދީގެން ހުރެއެވެ. ބުނަން ޖެހުނު ކޮންމެ ވާހަކައެއް ނިޔާޒް ރިޒްނީ ގާތުގައި ބުނަމުން ދިޔައީ ލަދުވެތިކަމާ، ހިތާމަޔާ ހިތްދަތި ކަމާއެކުއެވެ. ލަދުގަންނަން ޖެހުން ނަމަވެސް މިއަދު ރިޒްނީ އެ ހިތާމައިން ސަލާމަތް ކުރުމަކީ ނިޔާޒްގެ ވާޖިބެއް ކަމުގައި ދެކެމުން ފަސްއެނބުރި ރިޒްނިއާ ކުރިމަތިލިއެވެ.

” ތިހެން ނުބުނޭ ނިޔާ. އަހަރެންގެ މައިންބަފައިން މިއަދު ކަންތައް އެކުރަނީ އެމީހުންނަށް ފެންނަ ގޮތަކަށް. އެހެން ނަމަވެސް އަހަރެން ފައިސާއަށް ވިއްކާލަނީއޭ ނުބުނޭ ” ރިޒްނީ ރޮމުން ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެން އެހެން ބުނާކަށް ބޭނުމެއްނޫން. އެކަމަކު ހަގީގަތަކީ އެއީ. ރިޒޫ ގަބޫލް ނުކުރިޔަސް ކަންތައްއޮތީ އެހެން. ދެން އެ ވިޔާމް އެހުންނަނީ ސިންގާއަކަށް ވެގެން ރިޒޫގެ ކުރިމަތީ ” ނިޔާޒް ބުނެލިއެވެ. ” ދެން ހުއްޓާލާ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރުމެން އެންމެން މިތިބީނު ” ރިޒްނީ ރޯތީ އަކިޔަލް ރިޒްނީ ގާތަށް ޖެހި ބޮލުގައި ފިރުމާލުމުން، އަކިޔަލްގެ ގައިގަ ލައްވެ މޭގަ ބޯޖައްސާލުމުން އަކިޔަލް ބުނެލިއެވެ. ” އެހެންވީމާ ރިޒޫ ވަރަށް ބަލައިގެން އުޅޭތި. އަހަރުން އެންމެން ވެގެން މާގިނަ ދުވަހެއްނުވެ ރިޒޫ ތި ހިތްދަތިކަމުން ސަލާމަތް ކުރާނަން ” ނިޔާޒް ބުނެލިއެވެ. އެވަގުތު އަކިޔަލާ ދުރަށް ނިޔާޒްއާ ދިމާއަށް ގޮސް ނިޔާޒްގެ ކުރިމަތީ ރިޒްނީ ހުއްޓުނެވެ. އަދި ނިޔާޒްގެ ގައިގަ ރިޒްނީ ބައްދާލިއެވެ. ފަޑު ހަނދުވަރުގެ އަލީގެ ތެރެއިން އެންމެންގެ މޫނުމަތީ ސުވާލު މާކެއް ޖެހިގެން ދިޔައެވެ. އެތާގަ ތިބި މީހުން ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. އޭރު އަކިޔަލްގެ ނަޒަރު ހުއްޓިފަ ހުރީ ނިޔާޒާއި ރިޒްނީއަށެވެ. ވާނުވާ ނޭންގިފާ ހުރި އަކިޔަލްގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައިރު، ހަރަކާތެއްވެސް ކޮށްލަން ނޭންގިފާ ހުރެވުނެވެ.

ރިޒްނީ ނިޔާޒް ގައިގަ ބައްދައިގެން ހުރެ ރޮމުން ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ރިޒްނީގެ ރުއިމުގެ އަޑުގެތެރެއަށް އިތުރު ރުއިމުގެ އަޑެއް އެކުވެ، މާހައުލު ހިތާމައިގެ ކަނޑަކަށް ބަދަލުކޮށްލިއެވެ. ރުއިމުގެ ދެ އަޑު އަންނަން ފެށުމުން އެންމެންނަށް ވަށައިގެން ބަލާލެވުނެވެ. އެންމެންނަށް ވެސް ހީކުރެވެމުން ދިޔައީ އެމީހުން ފިޔަވާ އެހެން ފަރާތެއް އެހިސާބުގަ ވަނީ ކަމަށެވެ. އެހެން ކަމުން ޒޭނާ ގޮސް ހަމްދާންގެ އަތުގައި ހިފިއެވެ. ” ދެން ހުއްޓާލާ. ދޮންބެ މިހުރީނު. ދޮންބެ މިހެއްހުއްޓާ ލާހިކެއްނޫން ކޮއްކޮގެ ކައިވެނި އެހެން މީހަކާ ވާކަށް ” ވަގުތު ކޮޅަކަށް ފާޑެއްގެ ބިރުވެރި ކަމެއް މާހައުލަށް ވެރިވެފަ އަނެއްކާވެސް ކުރީގެ ހާލަތަށް މާހައުލު ބަދަލުވެގެން ދިޔައީ ނިޔާޒްގެ އަޑުންނެވެ. އެވަގުތު އަނެއްކާ ވެސް ޒޭނާ، ހަމްދާން، ސާހިދު އަދި އަކިޔަލަށް ކުއްލި ހައިރާން ކަމެއްގެނުވިއެވެ.

” ކޮން ދޮންބެއާ ކޮއްކޮއެއްގެ ވާހަކައެއް ނިޔާ ތިދައްކަނީ ” ހަމްދާން އަހާލިއެވެ. ” އަހަރެންނާ ތި އެންމެންނާ ދިމާވަނީ ދަތުރު ގޮސް އުޅެނިކޮށް. އެދުވަސް ތި އެންމެން ހަނދާންވާނެ. އަހަރެން އަހަރެންގެ އެންމެ ޅަދުވަހުން ފެށިގެންވެސް މިއަދާ ހަމައަށް އެއްވެސް މީހަކަށް އަހަރެންގެ ހާލަތު ކިޔާ ނުދެން. އެކަމަކު އަހަރެން އަބަދު ހެވިފަ ހުއްނާތީ އެންމެންނަށް ވެސް ހީވަނީ އަހަރެންމީ ދިރިއުޅުމުގަ އެއްވެސް ކަމެއް ދިމާނުވާ މީހެކޭ. މީހަކަށް ނޭންގުނަސް އަހަރެންގެ ދިރިއުޅުމުގަ އަހަރެންނާ ބައްދަކުރީ ހިތްދަތި ހިތާމަވެރި ދުވަސްތަކެއް. އެދުވަހުންފެށިގެން އަހަރެން މާލެ ދިޔުމާ ހަމަޔަށް އަހަރެން އައީ ދިމާވަމުން ދިޔަ ހުރިހާ ކަމަކަށް ކެއްކުރަމުން. ކޮންމެ ކަމަކާވެސް ކުރިމަތިލަމުން. އެކަމަކު އަހަރެން މާލެ ގޮސް ދުވަސްކޮޅެއް ވީފަހުން އެއްދުވަހަކު ކޮލެޖު ގޯތިތެރޭގައި ހުރި ބެންޗެއްގައި އިންދާ  ފެންނަނީ ރިޒޫ. ރިޒޫއައީ ދެތިން އަންހެން ކުދިންނާ ވާހަކަ ދައްކަމުން ހެމުން. އަހަރެންނަށް ރިޒޫ ފެނުމުން އަހަރެން ރިޒޫއާ ވާހަކަ ދައްކާ ހިތްވި. އެކަމަކު ލޯބި ވެރިއެއްގެ ގޮތުގައެއްނޫން. ހަމަ ގާތް ރައްޓިއްސެއްގެ ގޮތުގަ. ރިޒޫއާ ދިމާއަށް ބަލަން އިންދާ ރިޒޫއަށް އަހަރެން ބަލާކަން ފާހަގަވެގެން ރިޒޫ ދަމުން ދިޔައީ އަހަރެންނާ ދިމާއަށް ބަލާލާފަ. ރިޒޫ ބަލާލީމާ އަހަރެން ހީލިން. އެކަމަކު ރިޒޫގެ ރިޕްލައިއެއް ނުލިބޭ. އަހަރެން އަޅާވެސް ނުލާއިންދާ އަނެއްކާ ވެސް ކުލާހަށް ވަންނަން ގަޑި ޖެހުމުން އަހަރެން ދިޔައީ. އޭގެ އެއްދުވަސްފަހުން އަހަރެން ބެންޗްގަ އިންދާ ރިޒޫ އައިސް އިށީދެ ވާހަކަ ދައްކަން ފެށި. އެހާ ހިސާބުން ވާހަކަ ދައްކަން ފެށުނީ. އެހެން ވާހަކަ ދައްކަމުން ގޮސް އެކެއް އަނެކަކަށް ކަންތައްތައް ޝެއާރ ކުރަމުން ދިޔައީ. އެހެން ވާހަކަ ދައްކަމުން ގޮސް އަހަރެންނަށް އަހާލެވުނީ ރިޒޫ ކޮން ރަށެއްތޯ. އަހަރެންގެ ސުވާލާއެކު ރިޒޫ ހިނގަޑެއް ޖަހާލަމުން ބުނި ލ. ގަމޭ. އަހަރެން ވެސް ހީލަމުން ބުނެލިން އަހަރެންވެސް ލ. މުކުރިމަގޭ. އެހާ ހިސާބުން އެއް ހިސާބެއްގެ ދެމީހުން ވީމާ ވަރަށް ހިތްހަމަ ޖެހުނު.

” އެވަރަކުން ވެސް އަހަރެންގެ ސުވާލު ތަކަކުން ރިޒޫއަށް ސަލާމަތް ވޭވޭ ވަރެއްނުވި. އަހަރެން ރިޒޫގެ މައިން ބަފައިންނާ ބެހޭގޮތުން ސުވާލުކުރިން. ފަސްޖެހުމެއްނެތި އަހަރެންގެ ސުވާލާއެކު ރިޒޫ މައިންބަފައިންގެ ތާޢާރަފެއް ދިން. އެހާ ހިސާބުން އަހަރެންގެ އުފާވެރިކަން މާޔޫސްކަމަށް ބަދަލުވެގެން ދިޔަ. އަދި އަހަރެން މިހާ ބޮޑުވެފާ ހުރި އިރުވެސް އަހަރެންގެ ލޮލަށް ޖަމާވެގެންދިޔަ ކަރުނަތައް އަހަރެންނަށް ރިޒޫގެ ކުރިމަތީ ސިއްރުކޮށްނުލެވުން. ކުއްލިއަކަށް އަހަރެންނަށް އައި ބަދަލު އެނގެންބޭނުން ވެގެން ރިޒޫ އަހަރެންނާ ސުވާލުކުރަން ފެށީމަ، ‘ ކަމެއްނުވެއޭ ‘ ބުނެ އަހަރެން ރިޒޫގެ ކުރިމަތިން ދުރަށް ދިޔުމަށް މަސައްކަތް ކުރަމުން ދިޔައިން. ނަމަވެސް ރިޒޫ އަހަރެން ދިޔަނުދީ ހިފެހެއްޓީ ރަހުމަތްތެރިކަން ބާއްވަން ބޭނުންވަންޏާ ވީ ކިހިނެއްކަން ބުނުމަށް އެދި ދިންއިންޒާރުން. ރިޒޫގެ އެ ބަސް ވެގެން ދިޔައީ އަހަރެންގެ ދެފައިގަ ކަސްތޮޅު އެޅުންފަދަ ކަމަކަށް. ބޭނުން ނުވާހާލުގަ ވެސް އަހަރެންނަށް މަޖުބޫރުވީ ހަގީގަތް ހާމަކުރަން. ފުރަތަމަ އަހަރެން ދެއްކި ވާހަކަ ރިޒޫއަށް ގަބޫލް ކުރަންދަތިވި. އެކަމަކު ފަހުން އަހަރެންދެއްކި ވާހަކަ ތަކަކީ ހަގީގަތެއްކަން ރިޒޫ ޔަގީން ކުރީ އަހަރެންގެ މަންމަގެ ދުލުން އެވާހަކަތައް އަޑު އަހާފަ ” ހިތްދަތިކަމާއެކު ނިޔާޒް ވާހަކަ ދައްކަމުން ދިޔައިރު ރިޒްނީ އިސްދަށަށް ޖަހާލައިގެން ހުއްޓެވެ. އަދި ނިޔާޒް ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ޒޭނާޔާ، ހަމްދާނާ ސާހިދުގެ އިތުރުން އަކިޔަލް ވެސް ހުރީ ވާނުވާ ނޭންގިފައެވެ.

” ކޮންފަދަ ވާހަކައެއްތަ ނިޔާ ބުނެގެން ރިޒޫއަށް ގަބޫލް ކުރަން އުދަގޫވެ، ނިޔާގެ މަންމަ ބުނީ މާ އެވާހަކައެއް ރިޒޫ ގަބޫލް ކުރީ ” ޒޭނާއަށް ނުހުރެވިގެން ސުވާލުކޮށްލިއެވެ. ” ރިޒޫ އަކީ އަހަރެންގެ ކޮއްކޮ. އަދި އަހަރެންމީ ރިޒޫގެ ހުރި ހަމަ އެކަނި ބޭބެ. ރިޒޫގެ ދޮންބެ ” ޒޭނާގެ ސުވާލާއެކު ނިޔާޒް ބުނެލިއެވެ. ” ވަޓް!!! ” ސާހިދާ ހަމްދާނަށް އެއްފަހަރާ ބުނެލެވުނެވެ. ނިޔާޒްގެ ޖަވާބުން އަކިޔަލްގެ ދެލޯބޮޑުވެ، ޒޭނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ” ކިހިނެއް ތިހެންވާނީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އެކަން ވާން މެދުވެރިއަކަށް ވާން ތިބި މީހުންގެ ފަރާތުން ވެފައޮތް ކަމެއްމީ. އެދުވަހު އަހަރެން ރިޒޫގެ މައިން ބަފައިންނާ ބެހޭގޮތުން ސުވާލު ކޮށްފަ، ރިޒޫގެ ޖަވާބުން އަހަރެންނަށް އެނގުނީ ރިޒޫގެ ބައްޕަ އެއީ އަހަރެންގެ ވެސް ބައްޕަކަން. ރިޒޫއާ އަހަރެންނަކީ އެއްބަފާ ދެބެން. އަހަރެން އެވާހަކަ ބުނީމާ ރިޒޫއަށް ގަބޫލް ނުކުރެވުނީމާ އަހަރެން ރިޒޫ އަހަރެންގެ މަންމަ ގާތަށް ގެންދަން މަޖުބޫރުވީ ” ނިޔާޒް ބުނެލިއެވެ. ” އެހެންވިއްޔާ ރިޒޫގެ ބައްޕަ ކުރިން މެރީ ކުރީ ނިޔާގެ މަންމަޔާދޯ ” ސާހިދު ބުނެލިއެވެ. ” އާނ. ރިޒޫއަށް ހުރިހާ ވާހަކައެއް މަންމަ ކިޔާދިނުމުން އަހަރެން ރިޒޫގެއަށްލާފަ އައިސް މަންމަޔާ ސުވާލުކުރިން ބައްޕަ މަންމަ ދޫކޮށްފަ ދާންޖެހުނީ ކީއްވެތޯ. މަންމަ ބުނީ ބައްޕަ ރިޒޫގެ މަންމަޔާ ގުޅުން އޮންނަކަން މަންމަޔަށް އެނގި އެވާހަކަ ދައްކައިގެން ޒުވާބުކޮށްފަ، ރިޒޫގެ މަންމަޔާ ގުޅުން ނުޑައިފިއްޔާ މަންމަ ވަރިކުރާށޭ. މަންމަ އެއްވެސް ގޮތަކަށް ބޭނުމެއްނުވޭ ބައްޕަ އެހެން އަންހެނަކާ ގުޅުން ބާއްވާކަށް. މަންމަ އެހެން ބުނީމަ ބައްޕަ މަންމަ ވަރިކޮށްފަ ދިޔައީ.  އޭގެ ދުވަސްތަކެއްފަހުން މަންމައަށް އެގުނީ އަހަރެންނަށް މަންމަ ބަނޑުބޮޑުކަން. ހިތްހަމަ ނުޖެހިފަ ހުރިވަރުން މަންމަ ބައްޕައަށް އަންގަންބޭނުން ނުވީ ބަނޑުބޮޑުކަން. އެކަމާ ހިތްދަތިވެގެންނާއެކީ މަންމަ އެއްކޮށް ފޮނަދުއަށް ބަދަލުވީ. އެކަމަކު އަސްލު އަހަރެންގެ ރަޖިސްޓްރީ އޮންނަނީ މުކުރިމަގުގަ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ބައްޕައަށް ނޭންގޭނެ ބައްޕަގެ ރިޒޫ ފިޔަވާ އެހެން ދަރިއެއް ހުންނަކަމެއް. އަހަރެން އެދުވަހު ރިޒޫ ގާތުގަ ވެސް ބުނިން އެއްވެސް މީހަކަށް މިކަން އަންގައިގެން ނުވާނެކަމަށް ”

” އޭގެފަހުން އަހަރުން ދެމީހުން ކިޔަވަމުން ދިޔައީ އެކީގަ. އުފަލުން. އެކަމަކު ބައްޕަ ނެތްކަމުގެ އިހުސާސް އަހަރެން ކުރަމުން. ކަމުގެ ހަގީގަތް އެނގުމުން އަހަރެން ބޭބެއެއްގެ މަގާމު އަދާކުރަމުން މިދަނީ. އެކަމަކު ކޮލެޖް ކުދިންނަށް އަހަރުން ދެމީހުންގެ ހަގީގަތް ސިއްރުކޮށްގެން. އެހެންވީމާ މިއަދު ރިޒޫގެ ދިރިއުޅުން ހަލާކު ވަމުންދާ މަންޒަރު ބަލަން ކެއްނުވެގެން އަހަރެން ރަށަށް މިއައީ. އަހަރެން އަނބުރާ މާލެ ދާނީ ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާފަ. އަދި އަހަރެން އެއްކަމެއްގެ ހަގީގަތް ހާމަކުރަން ބޭނުން ” ނިޔާޒް ބުނެލިއެވެ. ” އެއީ ކޮންކަމެއްގެ ހަގީގަތެއް ”  އަކިޔަލް އަހާލިއެވެ. ” އެކަން ގުޅިފަ ވަނީ އަކޫއާ. އަހަރެންގެ ފޯންގަ ހުރި ފޮޓޯތަކެއް ރިޒޫ ބަލަމުން ދަނިކޮށް ރިޒޫއަށް ފެނުނީ އަކޫ. ދެން އަހަރެންނާ ސުވާލު ކުރީމާ އަހަރެން ބުނިން އެއީ ދޮންބެގެ ވަރަށް ގާތް ރަހުމަތްތެރިއެކޭ. ކިހިނެއްވީ ހޭ. އަނެއްކާ އަޅައިގަތީހޭ. އެހެންވެސް އަހަރެން ބުނީ މަޖަލަކަށް ހަދާފަ. އަހަރެންމީ ރިޒޫގެ ދޮންބެ ކަމަށްވީމާ ރިޒޫ އެއްވެސް އެއްޗެއް އަހަރެންނަށް ސިއްރު ނުކޮށް ފަހުން ބުނި ރިޒޫއަށް އަކޫ ކަމުދާ ވާހަކަ. ދެން އަހަރެން ހުރިހާ ވާހަކައެއް ރިޒޫއަށް ކިޔާދިނިން. ކިޔެވުން ނިންމާފަ ރަށަށް އައިސް ރިޒޫ އަކޫއާ ބައްދަލުކުރި. ދުރު ދުރުން ވާހަކަ ވެސް ދެއްކި. ރިޒޫ އެހާވަރަށް ބޭނުންވެފަ ހުރީމަޔާއެކު، އަނެއްކޮޅުން އޭރުގަ ސާރާ ކަންތައްކުރި ގޮތުން މާޔޫސްވެފާ އަކޫ ހުރީމާ އަހަރެން ބުނިން ރިޒޫ ގާތުގަ އަކޫއަކީ ރަނގަޅު ކުއްޖެކޭ. އުޅެން ބޭނުމިއްޔާ ހަމަ ކުރިއަށް ދާންވީއޭ. ކައްތައްވީގޮތުން ފުރަތަމަ ކޮޅު އުދަގޫ ވެދާނޭ. އެކަމަކު ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ވާނޭ. އެކަމަކު ލޯބިވެޔޭ ބުނެ ފަހަރެއްގަ ވެސް އަކޫއަށް ދޮގު ނުހަދައްޗޭ. އެދުވަހު އަހަރެންގެ ބަސް އަހައިގެން މިއަދާ ހަމައަށް އައީ. އަކޫ އަހަރެންނަށް މާފުކުރޭ މިކަމުގަ ކުށެއް ކުރެވުނިއްޔާ ” ނިޔާޒް އަކިޔަލްގެ ފަރާތުން މާފަށް އެދުނެވެ. ” ތިކަމުގަ ނިޔާ މާފަށްއެދޭނެ ކަމެއްނެތް. ނިޔާ ކުށެއް ކުރި ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ދޮންބެ އެއްގެ ވާޖިބު ތިއަދާކުރަމުން ދަނީ ” އަކިޔަލް މިހެން ބުނެ ހީލިއެވެ. ” ސޮރީ އަކޫ ” ރިޒްނީ ބުނެލިއެވެ. ” ރިޒޫ ކީއްވެ ސޮރީ ތިބުނީ ” އަކިޔަލް އަހާލިއެވެ. ” މިހުރިހާ ކަމެއް އަހަރެންނަށް އެނގިހުރެ ސިއްރު ކުރެވުނީމާ ” ރިޒްނީ ބުނެލިއެވެ. ” އެއީ އެހާވަރުގެ ކަމެއްނޫން. ތިހާ ރަނގަޅު، ލޯބި ދޮންބެ އެއްގެ ބަސް ގަބޫލް ވެސް ކުރަންވާނެއްނު. އެއީ އެއްގޮތަކަށް ވެސް ސޮރީ ބުނާ ވަރުގެ ކަމެއްނޫން ” އަކިޔަލް ބުނެލިއެވެ. ” މިހުންނަނީ ބައެއް މީހުން ކުރާ ކަންތައްތަކުން ނިކުންނަ ނަތީޖާ ” ޒޭނާ ބުނެލިއެވެ. ” ކޮންމެ ނަތީޖާއެއް ނިކުތަސް އަހަރެން ރިޒޫގެ ކައިވެނި ވިޔާމާ ވިޔަކަ ނުދޭނަން ” ނިޔާޒް ބުނެލިއެވެ. ” ލައްކަ ވާހަކަ ދައްކަން ތިބެވިއްޖެ އެއްނު. ދެން ހިނގާދާން. މިހާރު އެހެރަ ދޭއް ޖަހަން އުޅެނީ. މިހެން ތިއްބާ ބަސްޓް ވާތަން ފެންނާނީ ” ފޯނުން ގަޑި ބަލާލަމުން ހަމްދާން ބުނެލިއެވެ.

 

( އަޅުގަނޑުގެ ލެޕްޓޮޕް ހަލާކުވެގެން ވާހަކަ ނުގެނެސްދެވި ލަސްވިކަމައްޓަކާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށްއެދެން )

 

21

2 Comments

 1. kudoo

  November 25, 2018 at 2:52 pm

  When is next part

  • xiroo thihthi

   November 25, 2018 at 6:14 pm

   VVV avas koh next part upload kureveyne…
   thanx kudoo 🙂

Comments are closed.