
ބޭނުންވަނީ އުމުރަށް 18 ވަނަ ބައި
” ކިހިނެއް މިވީ ” ޒޭނާ ބުނެލިއެވެ. ” ތިބުނީ ކޮންކަމެއް ވި ވާހަކައެއް ” ހަމްދާން އަހާލިއެވެ. ” މިބުނީ ރިޒޫގެ ގެ އެއްބަފާ ބޭބެއަށް ނިޔާ ވި ވާހަކަ ” ޒޭނާ ބުނެލިއެވެ. ” ތިކަމާ ކީކޭ ބުނާނީދޯ. ކުރިން ވެސް އެހާ އެކުކޮށް އުޅުން އިރުވެސް ނޭންގުން ކަމެއްތީ ” ސާހިދު ބުނެލިއެވެ. ” ކިހިނެއް ކަމެއް އެނގޭނީ. ނިޔާ އެއިން ވާހަކައެއް އެއްވެސް މީހަކަށް ކިޔާ ނުދޭ. ދަތުރު ގޮސް އުޅެނިކޮށް ވެސް އަހަރެން އަހާލިން ނިޔާ ގާތުގަ ފެމެލީ ކިހިނެއްހޭ. އެދުވަހު ވެސް ނިޔާ ޖަވާބެއްނުދިން. ފާޑަކަށް ހުރެފަ ބުނި އެންމެން ވެސް ރަނގަޅޭ. ފަހުން އަހަރެން ސުވާލެއް ނުކުރަން. ކިހިނެއް އެނގޭނީ މިހެންވެފަ އޮންނާނެ ކަމެއް ” އަކިޔަލް ބުނެލިއެވެ. ” ނިޔާ ބުންޏެއްނު މާލެއިން ރިޒޫއާ ދިމާވިފަހުންނޭ ނިޔާއަށް ވެސް ނިޔާގެ ބައްޕަ އެނގުނީ. ވެދާނެ ނިޔާގެ މަންމަ ވެސް އެވާހަކަ ނުދައްކާ އޮތީކަމަށް ވެސް ” ޒޭނާ ބުންޏެވެ. ” އަނެއްހެން ގޯހެއް ނޫނެއްނު، ރިޒޫގެ ބޭބެއަކަށް ނިޔާ ވެގެން. ނިޔާ އެބުނީނު ރިޒޫގެ ކައިވެނި ވިޔާމާ ވިޔަ ނުދޭނަމޭ. ބަލަން ތިބޭނީ ނިޔާ ކުރާ ކައްތައް ” ސާހިދު ބުނެލިއެވެ. ” ދެން ތިމީހުން ވެސް ދޭ ގެއަށް. ފަހުން ދިމާވާނީ ” އަކިޔަލް މިހެން ބުނުމުން ސާހިދު ގެއަށް ދިޔުމަށް ހިނގައިގަތުމުން ޒޭނާޔާ ހަމްދާން ފޮނަދޫއަށް ދިޔުމަށް ސައިކަލަށް އަރާ ދުއްވާލިއެވެ.
” ވިޔާމް އެބަ އާދޭ ބަލާ. ތައްރުވޭ ” ރިޒްނީ އެނދުގައި އޮށޯވެލައިގެން އޮށްވާ އަނީސާ އައިސް ކޮޓަރީ ދޮރު ހުޅުވާލާފަ ބުނެލިއެވެ. ” އެކީއްކުރަން ” ރިޒްނީ އަހާލިއެވެ. ” ކުރާކަމެއް ކީއްކުރަން ބަލަނީ. ވިޔާމް އައީމާ ދާންވީނު ” އަނީސާ ރުޅިވެރި ގޮތަކަށް ރިޒްނީއަށް ޖަވާބު ދިނުމަށްފަހު ކޮޓަރީ ދޮރު ލައްޕާލިއެވެ. ” އަނެއް އުދަގޫ މިޖެހުނީ ” ރިޒްނީ ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލަމުން ބުނެލިއެވެ. އަދި ބޯދަށުގަ އޮތް ބާލީސް ދަށުގައި އޮތް ފޯން ނަގާ ނަންބަރު ތަކަށް ފިތަން ފެށިއެވެ. ” ދޮންބޭ ” ނިޔާޒް ފޯން ނެގުމުން ރިޒްނީ ބުނެލިއެވެ. ” ކިހިނެއްވީ ރިޒޫ ” ނިޔާޒްގެ ސުވާލާއެކު ވެގެން އުޅޭ ގޮތް ރިޒްނީ ނިޔާޒަށް ކިޔާދިނެވެ. ” ވިޔާމް އައީމާ އޭނަޔާ އެކުގަ ދޭ. އެކަމަކު އޭނަ ރިޒޫއާ ކައިރިވިޔަ ނުދޭތި ” ރިޒްނީގެ ވާހަކަ އަޑުއަހާފަ ނިޔާޒް ބުނެލިއެވެ. ” ނުވާނެ ތިކަމެއް ” ރިޒްނީ ބުނެލިއެވެ. ” ވާނެ. ކޮށްބަލަ. އޭރުން ދޮންބެއަށް ކަމެއް ކުރަން ފަސޭހަވާނީ ” ނިޔާޒް ބުނެލިއެވެ. ” ދޮންބެ ވެސް ތިއުޅެނީ އަހަރެން ވިޔާމްގެ މަކަރުވެރި ކަމަށް ދޫކޮށްލަންތަ؟ ” ރިޒްނީއަށް ރޮވޭ ގޮތް ވިއެވެ. ” ރިޒޫއަށް ހީވޭތަ މަންމަޔާ ބައްޕަ ބޭނުންވާ ގޮތަށް ރިޒޫ ދިޔައީމާ ވިޔާމް ބޭނުން އެއްޗެއް ހަދަން ފުރުސަތު ދޭނެކަމަށް. ހަމަ ހިލާ އެހެންވިޔަ ނުދޭނަން. އެއަށް ވުރެއް ކުރިން ދޮންބެ ވިޔާމް ހަމަ ބިމަށް ތިރިކުރާނަން ” ނިޔާޒް ބުނެލިއެވެ. ” ވިޔާމް އަހަރެންނަށް ގޮތެއް ހަދައިފިއްޔާ ކީއްކުރާނީ. އެފަދަ ކަމެއް ގަދަކަމުން ވެސް ކޮށްފިއްޔާ އަހަރެން މުޅި ދުނިޔެއަށް ގިނަވާނެ. މީހަކަށް މޫނު ދައްކާނެ ލަޔާގަތެއް ވެސް ނުހުންނާނެ ” ރިޒްނީ ބުނެލިއެވެ. ” ރިޒޫ… ދޮންބެ އެބަހުރީމޭ އަދި. ތިހެން ނުވާނެ. ދޮންބެ ބުނާ ގޮތް ހަދާބަލަ. ވިޔާމް ކައިރިވާން އުޅެފިއްޔާ ފާޅުގާ ދުރުކުރޭ. އެވަރުން ވެސް މައިރި ނުވެއްޖެނަމަ ކޮޅަށް ނުހުރެވޭ ވާރު ކޮށްލާ. ހިތްވަރެއް ހުރެގެން ކައްތައްތައް ވާނީ. ހިތްވަރު ދެރަކޮށްލަންޏާ މުޅި އުމުރު ވިޔާމްގެ ވަކި ދަށުގަ އުޅެން ޖެހުމަކީ ދުރުގަވާނެ ކަމެއް ނޫން. އެހެންވެ މިބުނީ ދާށޭ. ގޮސްފަ ދޮންބެއަށް މިސްކޯލެއް ޖަހާ. ދޮންބެ ގުޅާނަން. ގުޅީމާ ފޯން ނަގާ. އޭރުން ވެސް އެނގޭނެއްނު ” ނިޔާޒް ވަރަށް ރަނގަޅަށް ރިޒްނީއަށް ކައްތައް ކުރަންވީ ގޮތް ކިޔާ ދިނެވެ. އަދި އެ ހިތްދަތި ކަމުން ސަލާމަތް ވުމަށް ބޭނުންވަނީ ހިތްވަރުކަން އިހްސާސް ކޮށްދިނެވެ.
” ކިހިނެއްވީ ނިޔާ ” އަކިޔަލް އަހާލިއެވެ. ” ވާހަކައެއް ބުނަން ވެގެން ” ނިޔާޒް ތަފްސީލްކޮށް ހުރިހާ ވާހަކައެއް އަކިޔަލަށް ކިޔާދިނެވެ. ” ވިޔާމް ރިޒޫއަށް ކަމެއް ކޮށްފިއްޔާ ޔޯ!!! ” އަކިޔަލް ވެސް ކޮށްލީ ރިޒްނީ ކުރި ސުވާލެވެ. ” އެހެން ނުވާނެ. އަހަރެން ވަރަށް ރަނގަޅަށް ރިޒޫއަށް ކިޔާ ދިނިން ކައްތައް ކުރަންވީ ގޮތް. އަހަރެން ރިޒޫ އެގެއަށް ފޮނުވާފަ މިތާގަ ބަލަން ނުހުންނާނަން. އަހަރެންގެ ކުރިމަތިން ވިޔާމް ގެއަށް ވަންނަން ޖެހޭނީ ” ނިޔާޒް ބުނެލިއެވެ. ” އެންމެ ރަނގަޅު. ވާނުވާ އަހަރެންނަށް އަންގާތި ” އަކިޔަލް މިހެން ބުނެ ފޯން ބޭއްވިއެވެ. އަދި ދެންތިބި އަކިޔަލްގެ އެކުވެރިންނަށް މި ހަބަރު ދިނެވެ.
” ވިޔާމް އެބަހުރި ބޭރުގަ ” ރިޒްނީ ކޮޓަރީގައި އިންދާ އަނީސާ އައިސް ބުނެލިއެވެ. ރިޒްނީ ބޭރަށް ނިކުތް އިރު ވިޔާމް ބޭރު ހުރި ގޮޑިތަކުން ގޮޑިއެއްގައި ރިފްއަތާ ވާހަކަ ދައްކަން އިނެވެ. އަދި ރިޒްނީ ފެނުމުން މަސްތުން ފުރިގެންވާ، މަކަރުވެރި ބެލުމަކުން ބަލަން ފެށުމުން ރިޒްނީ އިސްދަށަށް ޖަހާލައިގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. ” ދެން ދަނީ ” ރިޒްނީ ދޮރާ ދިމާއަށް ދާން ފެށުމުން ވިޔާމް އަވަސް އަހަށް ރިފްއަތާ މުހާތަބްކޮށް ބުނެލުމަށްފަހު ގޮޑިން ތެދުވިއެވެ. އަދި ދޮރާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ރިފްއަތު އިނީ ފާޑަކަށް ހިނިއައިސްފައެވެ.
ބާރު ދުވަލީގަ ދުއްވަމުން ދިޔަ ކާރު ވިޔާމް މަޑުކޮށްލީ ގޭ ދޮރު މައްޗަށެވެ. އަދި ވިޔާމް ކާރުން ފޭބުމުން އަނެއްފަރާތުން ރިޒްނީ ކާރުން ފޭބިއެވެ. އަދި މަޑު ހިނގުމެއްގައި ރިޒްނީ ހިނގަމުން ގޮސް ވިޔާމް ގާތުގައި މަޑުކޮށްލިއެވެ. އެވަގުތު ވިޔާމް ރިޒްނީގެ އުނަގަނޑުގައި އަތްއަލާލުމުން ރިޒްނީ ރުޅިވެރި ފާޑަކަށް ބަލާލުމަށްފަހު ވިޔާމާ ދުރަށް ޖެހިލިއެވެ. އޭރު އެމަންޒަރު ބަލަން ނިޔާޒް ދުރުގަހުއްޓެވެ. ފެންނަމުން ދިޔަ މަންޒަރުން ނިޔާޒަށް ދުރުގަ ހުންނަން ވެސް އުދަގޫވެގެން ދިޔައެވެ. ރުޅި ގަދަވެ މީހާ ތުރުތުރު ލާހެންވެސް ހީވާން ފެށިއެވެ. ނަމަވެސް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވާ ކޮންޓްރޯލް ކޮށްލިއެވެ. ” ހިނގާ އެތެރެއަށް ” ރިޒްނީ ދުރަށް ޖެހިލިމުން ވިޔާމް ބުނެލިއެވެ.
ވިޔާމް ރިޒްނީ ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ” ކޮންއެއްޗެއް ބޯނީ. ފިނި އެއްޗެއްތަ ނޫނީ ހޫނު އެއްޗެއްތަ؟ ” ވިޔާމް އަހާލިއެވެ. ” ބޭނުމެއްނޫން އެއްވެސް އެއްޗެއް ” ރުޅިވެރި ފާޑަކަށް ރިޒްނީ ބުނެލިއެވެ. ” އެންމެ ރަނގަޅު. އަހަރެން އެބަ އަންނަން ” މިހެން ބުނެ ވިޔާމް ކޮޓަރިން ބޭރަށް ނިކުތެވެ. އެވަގުތު ރިޒްނީ އަވަސް އަވަހަށް ލައިގެން ހުރި ޖިންސްގެ ޖީބުން ފޯން ނަގާ ޓައިޕް ކުރަން ފެށިއެވެ. އަދި ވިޔާމް އައުމުގެ ކުރިން ފޯން ޖީބަށް ލިއެވެ.
ރިޒްނީ ވިޔާމާއެކުގައި ގެއަށް ވަނުމުން ނިޔާޒްގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެހެން ހުއްޓާ ނިޔާޒްގެ ފޯން ވައިބްރޭޓް ވުމުން ޖީބުން ފޯން ނަގާ ބަލާލިއެވެ. ” މިހުރީ ގޭތެރޭގަ. ވިޔާމް އަހަރެން ގޮވައިގެން ވަނީ ކޮޓަރިއަށް. އެކަމަކު އެބަ އަންނަމޭ ކިޔާފަ ކޮޓަރިން ބޭރަށް ނިކުތީމާ މެސެޖް މިކުރީ ” ނިޔާޒަށް ލިބުނު ރިޒްނީގެ މެސެޖް، ނިޔާޒް ކިޔާލިއެވެ. އަދި ނިޔާޒް ކިޔާދީފައިވާ ގޮތަށް ކަންތައް ކުރުމަށާއި، ވިސްނައިގެން ހުރުމަށް ބުނެ ނިޔާޒް މެސެޖަށް ޖަވާބުދިނެވެ. ” ހަލޯ ” ނިޔާޒް މެސެޖް ކޮށްލިތަނާހެން ސާހިދު ގުޅުމުން ފޯން ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ބުނެލިއެވެ. ” ކޮންތާކުތަ؟ ” ސާހިދު އަހާލިއެވެ. ” މިހުރީ އެ ގެ ފެންނަ ހިސާބުގަ ” ނިޔާޒް ބުނެލިއެވެ. ” ކޮބާ މިހާރު ރިޒޫ ” ސާހިދު އަހާލިއެވެ. ” ވިޔާމާ އެކުގަ ގެއަށް ވަދެއްޖެ. އަދި ދެންމެގަ ރިޒޫގެ މެސެޖެއް ވެސް ލިބުން ” ނިޔާޒް ބުނެލިއެވެ. ” ވާނުވާ އަންގާތި ” މިހެންބުނެ ސާހިދު ފޯން ކަޑާލިއެވެ.
” ނިޔާ ބުނީ ރިޒޫވީ އެގޭގަޔޯ. އެހެންވެ އެ ގެ ފެންނަ ހިސާބު ހުރި ވާހަކަ ބުނީ ” ސާހިދު ބުނެލިއެވެ. ” ދެން ބަލަމާދޯ ވާގޮތް. އަހަރެންގެ ދުޢާ އަކީ ވިޔާމް ރިޒޫއާ ދުރުގަހުރުން ” ޒޭނާ ބުނެލިއެވެ. ” ހީވޭތަ ވިޔާމް ރިޒޫއާ ކައިރިވާން މަސައްކަތް ނުކޮށް ހުންނާނެހެން ” ސާހިދު ބުނެލިއެވެ. ” ވިޔާމް ރިޒޫއާ ކިތައްމެ ކުޑަކޮށްވެސް ކައިރި ވެއްޖެ ނަމަ ނިޔާ ވިޔާމް ދިރި ހުއްޓާ ދޫނުކުރާނެ ” އަކިޔަލް ޖޯލީގައި ހަމަޖެހިލަމުން ބުނެލިއެވެ. ”
” އަދި ވެސް ކޮޅަށްތަ ތިހުރީ ” ވިޔާމް ބޭރުން އައިސް ކޮޓަރިއަށް ވަތް އިރުވެސް ރިޒްނީ ކޮޅަށް ހުރުމުން ބުނެލިއެވެ. ” މިތާ އެނދުމަތީ އިށީދެބަލަ ” އެނދާ ދިމާއަށް އިޝާރާތް ކޮށްލަމުން ވިޔާމް ބުނެލިއެވެ. ވިޔާމްގެ އަތުގެ އިޝާރާތާއެކު ރިޒްނީ މަޑު ހިނގުމެއްގަ ގޮސް އެނދުގައި އިށީނުމުން، ވިޔާމް ކޮޓަރިން ބޭރަށް ގޮސްފައި އައި އިރު ގެނައި ކޯކު ތަށި ޑްރެސިންގ ޓޭބަލް މަތީ ބެހެއްޓުމަށްފަހު އައިސް ރިޒްނީގެ ފަޔާ ހިސާބުގައި އެނދު ކައިރީގައި އިށީނެވެ. އަދި ރިޒްނީގެ ކުޑަކަޅުވާޔާ ހިސާބުގައި އަތް އަޅާލިއެވެ. އެވަގުތު ވިޔާމާ ދުރަށް މޫނު އަނބުރާލައިގެން އިން ރިޒްނީ ސިހިގެން ދިޔައެވެ. ހަމަ އެވަގުތު ރިޒްނީ ވިޔާމްގެ އަތް ދުރައްވެސް ޖައްސާލިއެވެ. ނަމަވެސް ނުބައި ހިޔާލުތަކުން ފުރިފައިވާ ވިޔާމް އަނެއްކާ ވެސް ރިޒްނީގެ ކަކުލާ ހިސާބުގައި އަތް އަޅާލިއެވެ. ” މޮޔަވެގެންތަ ތިއުޅެނީ ” ވިޔާމްގެ އެހަރަކާތް ތަކުން ރިޒްނީ ބުނެލިއެވެ. ” މީހަކު މޮޔަ ވާނީ މިވަރަށް. ރިޒޫގެ ތިވާ ޒުވާންކަން އަހަރެން މޮޔަ ކޮށްފި. ދިވާނާ ކޮށްފި ” ޖަޒުބާތުން ފުރިގެންވާ ރާގެއްގައި ވިޔާމް ބުނެލިއެވެ. ވިޔާމްގެ އެ ބަސްތަކުން ވިޔާމްގެ ނުބައިކަން ރިޒްނީއަށް އެނގުނެވެ. އަދި ވިޔާމާ ދުރަށް ޖެހިލިއެވެ. ” ކީއްވެތަ ދުރަށް ތިދަނީ. އަހަރެން މީ ހަމަ އެހާ ނުބައި މީހެއްތަ؟ ” ރިޒްނީ ދުރަށް ޖެހިލުމުން ވިޔާމް ރިޒްނީއާ ގާތަށް ޖެހިލަމުން ބުނެލިއެވެ. ” ތިހެން އަހަރެންނާ ދުރަށް ނުދޭ. އަހަރެންގެ ހިތް އެދި ގޮވަނީ ރިޒޫއަށް. ތި ފަރިކަމަށް. ޕްލީޒް… އަހަރެންނަށް ރިޒޫގެ ފަރާތުން އަރާމެއްދީ ” ވިޔާމް ޖެހިލުމެއްނެތި ބުނެލިއެވެ. އެވަގުތު ރިޒްނީ އަތަށް ބާރުލާފަ ވިޔާމްގެ މޫނުމަތީގައި ޖެހިއެވެ. ” އަހަރެން ދުވަހަކު ވެސް ކަލޭ ކަހަލަ ހަޔާތް ކުޑަ، ގޮތް ކުޑަ މީހަކު ނުދެކެން. ގޮތެއް ފޮތެއް ނެތިގެން ފާޑު ފާޑުގެ ވާހަކަ ދައްކާކަށް ލަދެއްވެސް ނުގަނޭތަ؟. ކަލޭ ހީނުކުރާތި ކަލޭގެ މުއްސަދި ކަމުން އަހަރެންގެ މައިން ބަފައިން ގަނެލެވުނަސް، އަހަރެން ގަނެލެވޭނޭ ” ރިޒްނީ ވިޔާމްގެ މޫނުމަތީގައި ޖެހުމުން ވީތަދަކުން އަނެއްފަރާތަށް މޫނު އަނބުރާލައިގެން ވިޔާމް އިނީ ރިޒްނީ ދައްކަމުން ދިޔަ ވާހަކަ ރުޅިވެރިކަމާއެކު އަޑު އަހާށެވެ. ” އަހަރެން އަދި ރިޒޫއަށް ކަމެއް ނުކުރަން. އަހަރެން ކޮންމެހެން ކައިވެނި ކުރަން އެއްބަސްވީ ކޮންމެހެން ކައިވެނި ކުރަން ބޭނުން ވެގެނެއްނޫން. އެކަމަކު އަހަރެން ރިޒޫގެ ފަރާތުން އެކަން ބޭނުންވޭ. ދުވަހަކު ވެސް މީހަކު އަހަރެންގެ ގައިގަ ޖަހާފަ ނެތް. އެކަމަކު މިއަދު އެކަން ވެސް ތިކުރީ ރިޒޫ. އެހެންވީމާ އެކަމުގެ ބަދަލު އަހަރެން ރިޒޫގެ ކިބައިން ހިފާނަން ” ވިޔާމާ ދުރަށް ރިޒްނީ ޖެހިލުމުން އަތުގައި ހިފާ ވިޔާމާ ގާތަށް ދާމާލުމުން ބުނެލިއެވެ. އަދި ގަދަކަމުން ރިޒްނީގެ ދެއަތުގައި ހިފާ އެނދުމައްޗަށް ވައްޓާލުމަށްފަހު ރިޒްނީގެ ގައިމައްޗަށް އެރިއެވެ. ވިޔާމްގެ ވިޔާނުދާ އެ އަމަލުން ރިޒްނީ ދޫކޮށްލުމަށް ބުނެ ބާރަށް ހަޅޭލަމުން ދިޔައެވެ. ނަމަވެސް ބުޅާ މަސްގަނޑަށް ބޭނުންވެފަ ވަނީ އިންތިހާއަށެވެ. ރިޒްނީގެ އަޑު ވިޔާމަށް އިވޭކަމަށް ވެސް ހަނދާނުލާ ވިޔާމް މަސައްކަތް ކުރަމުން ދިޔައީ ރިޒްނީގެ ފަރާތުން ބޭނުންވާ ކަންކަން ހާސިލްވޭތޯއެވެ.
ރިޒްނީ ވިޔާމް ކައިރިން ސަލާމަތް ވާންވެގެން މަސައްކަތް ކުރަމުން ދަނިކޮށް ވިޔާމްގެ ކޮންޓްރޯލުން ރިޒްނީގެ ދެފައި ސަލާމަތް ވުމާއެކު ރިޒްނީ ވިޔާމްގެ ގައިގައި ބާރަށް ފައިޖަހާ ވިޔާމް ދުރަށް ކޮށްޕާލިއެވެ. އަދި ރިޒްނީ އެނދުން ތެދުވެގެން ގޮސް ފާރުގައި ލައްވެގަތެވެ. ” ކިތައްމެ މަސައްކަތެއް ކުރިއަށް މިތަނުން ނިކުމެގެން ނުދެވޭނެ. މިއަދު އަހަރެން ބުނާ ކަމެއް ނުކޮށްފިއްޔާ ތި އާއިލާ މަގުމަތިކޮށްލާނަން. ބިކަކޮށް ބާކީކޮށްލާނަން. ވަންނާނެ ތަނެއްނެތި މުޅި ރަށަށް ގިނަ ކޮށްލާނަން ” ވިޔާމް ރިޒްނީއާ ދިމާލަން އަންނަމުން ބުނެލިއެވެ. ” ވަރަށް ފުއްޕާފަ ތި އުޅެނީ ގެވެސް އަމިއްލަ ތަނަކަށް ހަދައިގެނެއްނު. ރުހުމުގާ އައިސް އަހަރެން ބުނާ ކަމެއް ނުކޮށްފިއްޔާ ތި ގެ ވެސް އަތުލާނަން. މިހާ ދުވަސް ވަންދެން ތިއުޅެނީ އަހަރެންގެ ގޭގަ. އެގެއަކީ އަހަރެންގެ ބައްޕަގެ ނަމުގަ އޮތް ގެ އެއް. ކަލޭގެ ބައްޕަޔާ އަހަރެންގެ ބައްޕަޔާ އޮތް ގާތްކަމެއްގަ ބައްޕަ ގެ ދީފާ އޮތީ އުޅެން. ގަމާރު ކަމުން ކަލޭގެ ބައްޕައަށް އެކަންވެސް ނޭންގި އެއޮތީ ” ވިޔާމްގެ ވާހަކަ ތަކުން ރިޒްނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ތީ ހުސް ދޮގު. އެއީ އަހަރުމެންގެ ގެއެއް ” ރިޒްނީ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ” އެއީ ކަލޭމެންގެ ގެއެއް ނޫން. މިހާރުވެސް އެގޭގެ ރަޖިސްޓްރީ އޮންނާނީ އަހަރެންގެ ބައްޕަގެ ނަންމަތީގަ ” ވަލު ޖަނަވާރެއްފަދައިން ވިޔާމް ރިޒްނީގެ ގާތަށް ފުއްމައިގެން ދިޔުމަށްފަހު ރިޒްނީގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ. ” އެހެންވެ މިބުނީ އަހަރެން ބުނާ ކަމެއްކޮށްދީ. އޭރުން ގެ ވެސް ލިބުނީ. މަގުމަތިވެ، ރަށަށް ގިނަ ނުވެ، ބާކީ ވާކަށް ވެސް ނުޖެހޭނެ ” ވިޔާމް ނުބައި ފާޑަކަށް ހިލާމުން ބުނެލިއެވެ. ” ވަންނާނެ ތަނެއްނެތި މަގުމަތި ވިޔަސް، މުޅި ރަށަށް ބޭޒާރުކޮށް ބާކީ ކޮށްލިޔަސް އަހަރެންގެ އިއްޒަތާ އަބުރު ވެއްޔާ މޮޑެލާކަށް ނުދޭނަން ” ރިޒްނީ ރޮމުން ބުނެލިއެވެ. ” މިހާރުވެސް ތިހުރީ އަހަރެންގެ ހިޔާވަހި ކަމުގަ. ކޮންތާކަށްދާނީ އަހަރެން ބުނާ ކަމެއް ނުކޮށްދީ ” ވިޔާމް އަނެއްކާ ވެސް ރިޒްނީގެ ގައިގަ އޮޅުލައިގަންނަމުން ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ނިޔާޒް ދެއްކި ވާހަކަތައް ރިޒްނީގެ ކުރިމަތީ ސިފަވެގެން ދިޔުމާއެކު، އާދަޔާ ހިލާފް ހިތްވަރާކާއެކު ފުރަގަހުން ވިޔާމްގެ ބޮޅުގެ އިސްތަށިނޑުގައި ހިފާ ވިޔާމް ރިޒްނީއާ ދުކޮށްލުމަށްފަހު އެނދާ ދިމާއަށް ބާރަށް ކޮށްޕާލިއެވެ. އަދި އެނދުމަތީގައި އޮތް ފޯން ނަގައިގެން ދުވެފަ ގޮސް ކޮޓަރީ ދޮރު ހުޅުވާ ގެއިން ބޭރަށް ނިކުތުމަށް ދުއްވައިގަތެވެ. ފަހަތުން ވިޔާމް ވެސް ރިޒްނީއަށް ގޮވަމުން ދުއްވައިގަތެވެ.
” ރިޒޫ….. ” ވިޔާމް ގޭގެ ދޮރުމައްޗަށް އަރަމުން ރިޒްނީއަށް ގޮވާލަމުން ނިޔާޒް ފެނުމުން މަޑުޖެހިލިއެވެ. ” ތިއަށް ވުރެއް ބޭރަށް އެންމެ ފިޔަވަޅެއް އެޅިޔަސް މިތަނުން ގެންދަން ޖެހޭނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު ” ނިޔާޒް ބުނެލިއެވެ. އޭރު ނިޔާޒް ރުޅިގަދަވަގެން ތުރުތުރު ލަމުން ދިޔައެވެ. ” ކަލޭ ހީނުކުރާތި ކަލޭގެ އަތްދަށު މީހަކު ވިޔަސް ރިޒްނީ ވާނޭ. ކަލޭ ކުރަން ބޭނުން ހުރިހާ ކަމެއް ތިހުރީ ކޮށްނިމިފަ. އިތުރަށް އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް ކަލޭގެ ދެފައި މައްޗަށް ކޮޅަށް ނުހުރެވޭ ވަރު ކޮށްލާނަން. ހަދާންކުރާތި ” ނިޔާޒް ބުނެލިއެވެ. ” ކަލޭ ތީ ކާކު މިކަން ހުއްޓުވަން. އަހަރެންނާ ރިޒްނީގެ ކައިވެނި ކުރުވަން އުޅެނީ އާއިލާ ގަބޫލް ވެގެން. ދެން ކަލޭ ތީ ކާކު މިކަން ހުއްޓުވަން ” ވިޔާމް ބުނެލިއެވެ. ” އަހަރެން މީ ކޮންމެ މީހަކަށް ވިޔަސް ދެން ތި ކައިވެނި ވެސް ވިޔަ ނުދޭނަން. ކަލޭގެ ތި ވިޔާ ނުދާ ސިފަ ދައްކާނީ ކަލެއަށް ތިކަމުގަ އެހީވާ މީހުންނަށް. ނޫނީ ކަލޭގެ އެނދުގެ ފަޅު ފިލުވާދޭ މީހުންނަށް. ކޮންމެހެން އެހެން މީހުންނަށް ކަލޭގެ މުސީބާތް ޖައްސަން އުޅޭނެ ކަމެއްނެތް. ކަލޭ ތީ މީހަކާ ކައިވެނި ކުރާ ފެންވަރުގެ މީހެއްނޫން. އެއަށް ވުރެއް ކަލޭ މުޑުދާރު. ތަނަކުން ފެންނަހާ މީހަކަށް ހެޔޮވަރު މީހެއްތީ. އެކަމަކު މޭ ފުއްޕާފަ ތިއަންނަނީ ކައިވެނީގެ ނަމުގަ އެހެން މީހުންގެ ދިރިއުޅުން ހަލާކުރަން. ކަލޭ މައިތި ނުވެއްޖެނަމަ އަހަރެން ކަލޭގެ ފަރުދާ އުފުލާ ކަލޭގެ އަސްލު ސިފަ މުޅި ރަށަށް ފަޅާ އަރުވާނަން ” ނިޔާޒް ވިޔާމަށް އިންޒާރުދިނެވެ. ” އަހަރެންގެ ކޮންކަމެއް ފަޅާ އަރުވާލެވެނީ. އެއްވެސް ކަމެއް ފަޅާއަރުވާ ނުލެވޭނެ. ތީ އެއްވެސް ކަމެއްވާ މީހެއްނޫން ” ވިޔާމް ޖެއްސުމުގެ ފާޑަކަށް ހީގަންނަމުން ބުނެލިއެވެ. ” ކަލޭ ހީނުކުރާތި ކަލޭގެ މުއްސަދި ކަމުގެ ފައިދާ ހުރިހާ ކަމަކުން ނެގޭނޭ. ފައިސާ ދީގެން ވެސް ކަލެއަށް ގަނެލެވޭނީ ގަނެލެވޭ ވަރުގެ އެއްޗެއް. އެކަމަކު ކަލޭގެ މުޑުދާރު ސިފަ އަދި ކަލޭގެ ތި އަމަލުތައް ފަޅާއަރުވާލަން ހުރި ހެކި އެއީ ކަލޭގެ މުއްސަދިކަމުން ގަނެވޭނެ އެއްޗެއްނޫން” ނިޔާޒް ބުނެލިއެވެ.
” ކަމެއްކުރަން ކެރޭވަރުގެ މީހެއްނަމަ ތިހެން ހުރެގެން ހަޅޭނުލަވާނެ. އެކަމަކު އަހަރެންނަށް އެނގޭ ތީ ކަމެއްކުރަން ކެރޭވަރުގެ މީހެއްނޫން. މުއްސަދިކަމުގެ ބޭނުންވެސް އަހަރެން ކުރާނީ އަހަރެން ބޭނުން ގޮތަކަށް. ގަނެލާނީ ވެސް އަހަރެން ބޭނުން އެއްޗެއް. ތީ ކާކުކަން އަހަރެންނަށް ނޭންގުނަސް ފައިސާގެ ބާރުގަ އަހަރެން ކައިވެނި ވެސް ކުރާނީ ހަމަ ރިޒްނީއާ. ހުއްޓުވަންޔާ ހުއްޓުވާބަލަ ” ވިޔާމް ގޭގެ ދޮރުމަތީ ހުރެފަ ބޭރަށް ނިކުމެލަމުން ބުނެލިއެވެ. ” ފައިސާގެ ބާރުގަ ވެސް ކަލެއަށް ލާހިކެއްނޫން ނަޖޫ ގޮވައިގެން ކޮޓަރިއަށް ވަދެ ގަތްގަނޑުގެ ވީޑިއޯ ގަނެލާކަށް. އަދި އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ކަލެއަށް ނުކެރޭނެ ރިޒްނިއާ ކައިވެނި ކުރާކަށް. މުއްސަދި ކަމުގަ ވެސް ކަލޭ ހުންނަން ޖެހޭނީ ހަމަތިހެން ” ނިޔާޒް ބުނެލިއެވެ. ” ކޮން ނަޖޫއެއް. ކޮން ވީޑިއޯ އެއްގެ ވާހަކަ ތިދައްކަނީ ” ވިޔާމް ބުނެލިއެވެ. އެއްޗެއް އެނގޭ ކަމަށް ނުހަދާތި. މި ރަށުގަ އުޅޭ ނަޖޫގެ ވާހަކަ މިދައްކަނީ. ކަލޭ ކަހަލަ މީހުންނަށް ހެޔޮވަރު ނަޖޫގެ ވާހަކަ މިދައްކަނީ. ނަޖޫ ގޮވައިގެން ކަލޭގެ ކޮޓަރީގަ ގަތްގަނޑުގެ ވާހަކަ މިދައްކަނީ. އެހުރިހާ މަންޒަރުތަކެއްގެ ވާހަކަ މިދައްކަނީ. އެއްޗެއް ނުވިސްނުނިއްޔާ ހައެއްކަ ފިޔަވަޅު ފަހަތަށް އަޅާބަލަ. އޭރުން ހުރިހާ ކަމެއްވެސް ހަނދާން ވެދާނެ. ކަލޭގެ ނުބައި ކަމުން ތިހުރީ ހަނދާނުގެ ބައި ވެސް ގޮސްފަ ކަންނޭގެ. މީހުންނާ ކައިވެނި ކުރަން އުޅުމުގެ ކުރިން ފުރަތަމަ ހަނދާން ނެތޭ ބައްޔަށް ފަރުވާ ހޯދާބަލަ. އޭރުން މާ ރަނގަޅުވާނެ ” ނިޔާޒްގެ ވާހަކައިން ވިޔަމް ހައިރާންވިއެވެ. އަދި ބުނާނެ އެއްޗެއް ނޭންގި ބަލަން ހުއްޓާ ނިޔާޒްގެ ފުރަގަހުގާ ވިޔާމަށް ފޮރުވިގެން ހުރި ރިޒްނީ ގޮވައިގެން ނިޔާޒް އެގެއިން ބޭރަށް ނިކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ.
” ގެއަށް ދޭ. ދޮންބެ މިދަނީ ދެން ” ރިޒްނީގެ ގެއާ ދުރަށް ސައިކަލް މަޑުކޮށްލުމަށްފަހު ނިޔާޒް ރިޒްނީ ގޮވައިގެން ގެއާ ހަމައައިސްފަ ބުނެލުން ރިޒްނީ މަޑުމަޑުން ދޮރާށި ހުޅުވާލާފަ ވަނެވެ. އޭރު ގޭ ދޮރުމަތީ ރިފްއަތު ދެއަތް ފަހަތަށް ލައިގެން ހުއްޓެވެ. މޫނުމަތިން އިންތިހާއަށް ރުޅިވެރިން ފާޅުވަމުން ދިޔައެވެ. ރިޒްނީ ތަންކޮޅަކަށް ހިނގާފަ އައުމުން ރިފްއަތު އައިސް ރިޒްނީގެ ކުރިމަތީ ހުއްޓުނެވެ. ” ކާކާ އެކުގަ ގެއަށް ތިއައީ ” ރިފްއަތުގެ ސުވާލާއެކު ރިޒްނީ އިސްއުފާ ބަލާލިއެވެ. ” އަހަރެން މި އަހަނީ ކާކާ އެކުހޭ ގެއަށް ތި އައީ “ރިޒްނީ އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލުމުން ރިޒްނީގެ ފުރަގަހުގަ ހުރެފަ އަނެއްވެސް ރިފްއަތު ސުވާލު ތަކުރާރު ކޮށްލިއެވެ. ” ވިޔާމާއެކު ” ބިރުން ތުރުތުރުލާ ހާލުގަ ހުރެގެން ރިޒްނީ ބުނެލިއެވެ. އެވަގުތު ރިފްއަތު ފަސްއެނބުރި ރިޒްނީގެ ކޮޑުގައި އަތް އަޅާ އަނބުރާލުމަށްފަހު ރިޒްނީގެ މޫގައި އެތިފަހަރެއް އެޅިއެވެ. ވީތަދުން ރިޒްނީގެ ލޮލަށް ޖަމާވެ، ކަރުތައް ކޯތާފަތްމައްޗަށް އޮހިގަތެވެ. ” ކާކަށް ދޮގު ތިހަދަނީ ” ރިފްއަތު ބުނެލިއެވެ. ” ވިޔާމާއެކުގަ ގެއަށް އައި ނަމަ ވިޔާމް ގެއަށް ވަދެނުލާ ނުދާނެ. ވިޔާމާ ޒުވާބުކޮށްފަ ކާކާއެކުގަ ކޮންތާކު އުޅެފަތިއައީ ” ރިފްއަތު އަނެއްކާވެސް އާ ވާހަކަޔަކާއެކު ރިޒްނީއާ ސުވާލުކުރިއެވެ. ” އަނެއްކާ ވިޔާމް ހުރިހާ އެއްޗެއް ބައްޕަޔަށް ކިޔާދިނޫންބާ؟ ” ރިޒްނީ ހިތާ ހިތުން ކިޔާލިއެވެ. ” ރިޒްނީއާ ސުވާލު މިކުރަނީ. ކާކާއެކުގަ އުޅެފަހޭ ތިއައީ ” އަނެއްކާ ވެސް ރިފްއަތު ސުވާލުކޮށްލިއެވެ. ” ވިޔާމް އަހަރެން މިހާ ހިސާބަށް ގެނެސްފަ ގެއަށް ދިޔައީ ” ރިޒްނީ އަނެއްކާ ވެސް ބުނެލިއެވެ. ” ކާކު ސަލާމަތް ކުރަން ވެގެންތަ ކޮންމެ ފަހަރަކު ދޮގު ތިހަދަނީ ” ދެވަނަ ފަހަރަށް ރިފްއަތުގެ އަތް ރިޒްނީގެ ގައިގަ ޖެހުމަށް ނެގިއެވެ. އެވަގުތު ބޭރުގައި ހުރިހާ ވާހަކައެއް އަޑު އަހަން ހުރި ނިޔާޒް އެއްކޮށް ހުޅުވިފަ ހުރި ދޮރުން ވަދެގެން އައިސް ރިފްއަތުގެ އަތުގައި ހިފެހެއްޓިއެވެ. ” ބައްފައެއް ކަމަކުވެސް ދަރިންނަށް އަނިޔާ ކުރުމުގާ ހައްދެއްވޭ. އެ ހައްދުން ބޭރު ވަންޏާ ދެއަތުގަ އޮންނާނީ ހިލިހިލާ އެޅިފަ ” ނިޔާޒް ރިފްއަތުގެ އަތް ރިޒްނީއާ ދުކޮށްލަމުން ބުނެލިއެވެ. ނިޔާޒްގެ އަޑަށް ރިޒްނީ ބަލާލީ ހައިރާންކަމާއެކުއެވެ. އަދި ހިތްހަމަ ޖެހުމުގެ ނޭވާއެއް ރިޒްނީ ލިއެވެ.
ފުރަތަމަ ފަހަރަށް ރިފްއަތުގެ ކުރިމަތީގަ ހުރެވުމުން ފުންއަސަރާއެކު ނިޔާޒް ރިފްއަތަށް ބަލާލިއެވެ. ” ތީ ކާކު މިކަމުގެ ތެރެއަށް ވަންނަން ” ރިފްއަތު ނިޔާޒާ ދިމާއަށް ބަލަން ހުރެ ބުނެލިއެވެ. ” ކޮންމެ މީހެއް ކަމަށް ވިޔަސް ރިޒްނީއާ ތިކުރާ ސުވާލު އަހަރެންނާ ކުރޭ. އަހަރެން ޖަވާބު ދޭނަން ” ނިޔާޒް ބުނެލިއެވެ. ” ރިޒްނީއާ ކުރާ ސުވާލުތަކުގެ ޖަވާބު ކަލޭ ދޭންވީ ކީއްވެ ” ރިފްއަތު ބުނެލިއެވެ. ” ޖަވާބު ދޭންޖެހެނީ ރިޒްނީ ހުރީ މީގެ އިރުކޮޅެއް ކުރިން އަހަރެންގެ ކައިރީގަ ކަމަށްވާތީ ” ނިޔާޒް ބުނެލިއެވެ. ” އަހަރެން ރިޒްނީ ފޮނުވީ އެހެން މީހަކާ އެކުގަ. ދެން ކީއްވެ ރިޒްނީ ކަލޭ ކައިރީގަ ހުންނަންވީ ” ރިފްއަތު ބުނެލިއެވެ. ” ތި ސުވާލު އަހަރެންނާ ކުރުމުގެ ކުރިން ތިބުނާ މީހަކު އޮންނާނީ ކިޔާދީފަ ކަންނޭގެ. އެހެންވީމާ އަހަރެން ކިޔާ ދޭކަށް ވެސް ނުޖެހޭނެ. އެކަމަކު ރިޒްނީގެ ކަންތައްތަކުގަ މިހާރު ކަންތައް ތިކުރަނީ އެންމެ ރަނގަޅަކަށް ނޫން ” ނިޔާޒް ބުނެލިއެވެ.
” ތިހެން ކިޔާފަ ވާހަކަ ދައްކަންތީ ކާކު ” މަންޒަރުބަލަން ގޭދޮރުމަތީ ހުރި އަނީސާއަށް ކެއްނުވެގެން އައިސް ނިޔާޒާ ސުވާލުކޮށްލިއެވެ. ” އަހަރެންމީ ކާކުކަން އެގިއްޖެނަމަ ފައިދަށުން ބިންގަނޑު ދެމިގެން ހިގައިދާނެ. އެހެންވީމާ އެންމެ ރަނގަޅު ވާނީ އަހަރެންމީ ކާކުކަން ނޭންގުނީޔާ. އެކަމަކު ދެން މާގިނަދުވަހެއް ނެތް އަހަރެންމީ ކާކުކަން އެނގޭކަށް ވެސް. އަހަރެންގެ ހަގީގަތާއެކު އަދި އެހެން ކައްތައްތަކެއްގެ ހަގީގަތް ވެސް އެނގިގެންދާނެ ” ނިޔާޒް ރިފްއަތާ ދިމާއަށް ބަލަންހުރެ ބުނެލިއެވެ. ” އަހަރެންނަށް އެނގޭ މިގޭގަ ހިނގާ ހުރިހާކަމެއްވެސް. އެހެންވީމާ ރިޒްނީއަށް މަޖުބޫރު ކުރުވާ ހުރިހާ ކަމެއްގަ ކުއްވެރި ވަނީ ރިޒްނީގެ މައިންބަފައިން ” ނިޔާޒް ރިފްއަތާ އަނީސާއަށް ބަލާލަމުން ބުނެލިއެވެ. ” މީ ކާކުތަކާ މިހެން ވާހަކަ ދައްކަން ” ރިފްއަތު ރިޒްނީ ކުރެން އަހާލިއެވެ. ” އެއީ އަހަރެންގެ ރައްޓިއްސެއް. އަހަރެންނާ އެކުގަ މާލޭގަ ކިޔަވަން ހުރި ” ރިޒްނީ ބުނެލިއެވެ. ” ދެން ކިހިނެއް މިގޭގަ ވާ ކަންތައް އެނގެނީ ” ރިފްއަތް އަހާލިއެވެ. ” ވިޔާމް ދެއްކި ވާހަކަޔަކާ އެއްބަސް ނުވެ އަހަރެން ހިތްހަމަ ނުޖެހިގެން އެގެއިން ނިކުތްތަކުން ދިމާވީ. ދެން އަހަރެންގެ ހަބަރެއް ނުވާ ވާހަކަ ބުނުމުން އަހަރެންނަށް ކިޔާދެވުނީ ” ރިޒްނީ އިސްދަށަށް ޖަހައިގެން ހުރެ ދޮގު ވާހަކައެއް ކިޔާދިނެވެ. މަޖުބޫރު ވެގެންނެވެ. ވަގުތާ ހާލަތަށް ބަލާފަ ނިޔާޒް ބުނަން ބޭނުންވާ ވާހަކަ ބުނުމަށްފަހު، ރިފްއަތާ ކުރިމަތި ލެވުނު ގޮތުން ދެރަވެގެންވާ ހާލުގައި އެގެއިން ބޭރަށް ނިކުމެ ސައިކަލަށް އެރުމަށް ހިނގައިގަތެވެ. ނިޔާޒް ދިޔަމަންޒަރު ބަލަން ހުރުމަށްފަހު ރިފްއަތު ގެއަށް ވަނުމަށް ހިނގައިގަތުމުން ފަހަތުން އަނީސާ ވެސް ހިނގައިގަތެވެ. އޭރު މިހުރިހާ މަންޒަރެއް ބަލަން ރިޒްނީ ހުއްޓެވެ.
” ނިޔާއަށް ގުޅާ ގުޅާ ވެސް ފޯނެއް ނުނަގާ ” ޒޭނާ ބުނެލިއެވެ. ” ވެދާނެއްނު ނިދާފަ އޮތީކަމަށްވެސް ” ޖޯލީގައި ހަމަޖެހިލަމުން އަކިޔަލް ބުނެލިއެވެ. ” ކޮން ބަހުސެއް ތިކުރަނީ ” ސާހިދު އަހާލިއެވެ. ” ބަހުސެއް ނުކުރަން. މިދައްކަނީ ނިޔާގެ ހަބަރެއް ނުވާހަކަ ” ޒޭނާ ބުނެލިއެވެ. ” ކިހިނެއްވީ. ޒޭނާއަށް މިހާރު ނިޔާ ނެތިއްޔާ ހަމަ ނޭވާ ވެސް ނުލެވެނީތަ ” ޖޯލީގައި އިށީންނަމުން ސާހިދު ބުނެލިއެވެ. ” ސާބަހޭ. ނޭވާ ނުލެވިގެން މަށެއް ނޫޅެން. އިއްޔެގަ ކައްތައްވީ ކިހިނެއްތޯ ބަލަންވެގެން ނިޔާ މިހޯދަނީ. އެއްޗެއް ބުންޏަސް ހިސާބުގަނޑު ބޮލަން ނަގާފާނެހެން ހީވަނީ ” މިހެންބުނެ ޒޭނާ ޖޯލިން ތެދުވެގެން ގެއަށްވަންނަން ދިޔައެވެ. ޒޭނާ ދާން ފެށުމުން ސާހިދު ހެވިފަ ބަލަން އިނެވެ. ” ތި ފޮނުވާލީ ޒޭނާ ރުޅި އަރުވާލާފަ. ސާހިދު އަދިވެސް ބޮޑެއް ނުވޭވިއްޔާ ” ޒޭނާ ދިޔުމުން އަކިޔަލް ބުނެލިއެވެ. ” އަކޫއަށް އަދިވެސް ޒޭނާ ނޭންގޭދޯ. އެއީ އެހާ އަވަހަށް އަހަރެން އެއްޗެއް ބުނެގެން ރުޅިއަންނާނެ މީހެއްނޫން. އެހެންވީމާ އެކަމާ އަޅާނުލާ ” ސާހިދު ބުނެލިއެވެ. ” އާނ. އަހަރެންމީ އަދި ތިހެން މީހަކު އެއްޗެއް ބުނެގެން ރުޅި އަންނާނެ މީހެއްނޫން ” ސާހިދު ދެއްކި ވާހަކަ އަޑު އަހާފަ ޒޭނާ ގެއިން ބޭރަށް ނިކުމެފަ ބުނެލިއެވެ. ” ކޮބާ!! އަހަރެން ބުނީމެއްނު ޒޭނާ ރުޅިއެއް ނާންނާނޭ ” އަކިޔަލާ ދިމާއަށް ސާހިދު ބުނެލިއެވެ. ” މަންމައަށް މިހާރު ސައި ދީފިންތަ ” އަކިޔަލް އަހާލިއެވެ. ” އާނ. އެކަން ނިމިއްޖެ ” ޒޭނާ ބުނެލިއެވެ. ” އަކޫ ސައިބޮނީ ކޮންއިރަކުން ” ޒޭނާ އަހާލިއެވެ. ” ނިޔާގެ ހަބަރެއްވޭތޯ މި އިންނަނީ ” އަކިޔަލް ބުނެލިއެވެ. ” ނިޔާ އަންނަ ވާހަކަ ބުނީތަ ” ސާހިދު އަހާލިއެވެ. ” ބުނީއެއްނޫން. އެކަމަކު ރޭގަ އަހަރެން ގުޅީމާ ބުނި ހެނދުނުން ދާނަމޭ ” އަކިޔަލް ބުނެލިއެވެ. ” އަވަހަކަށް މަރެއް ވެސް ނުވާނެ ” އަކިޔަލް އެހެން ބުނެލިތަނާ ދުރުން ނިޔާޒް އަންނަތަން ފެނުމުން ސާހިދު ބުނެލިއެވެ.
” ކިހިނެއްވެފަ ތިތިބީ ” ނިޔާޒް ސުވާލުކޮށްލިއެވެ. ” ކަމެއް ވެފައެއްނޫން. އެކަމަކު އިންތިޒާރު މިކުރަނީ ނީޔާއަށް ” ޒޭނާ ބުނެލިއެވެ. ” ކޮންކަމަކާ އަހަރެންނަށް އިންތިޒާރު ތިކުރަނީ ” ނިޔާ އަހާލިއެވެ. ” އިއްޔެގެ ކަންތައް ދިޔަ ގޮތެއް އޮލުން ފިލުވަން ވެގެން ” ސާހިދު ބުނެލިއެވެ. އޭރު އަކިޔަލްވެސް ބަހެއްވެސް ބުނެ ނުލާ އޮތެވެ. ” އިއްޔެގެ ކަންތައްދޯ… އަހަރެން ހީކުރިގޮތާ މުޅިން ހިލާފަށް ކަންތައްވީ. ދެން ވިސްނާލާ ކަންކަމުގެ އަސަރު ހުންނާނެ ވަރު ” އަކިޔަލާ ޖެހިގެން ހުރި ޖޯލީގައި އިނށީންނަމުން ނިޔާޒް ބުނެލިއެވެ. ” ތިހެން ބުންޏަސް އަދި ނޭންގޭނެދޯ ” ސާހިދު އެހެން ބުނެލުމުން ކަންތައްވީގޮތް ވަރަށް ތަފްސީލްކޮށް ނިޔާޒް ކިޔާދިނެވެ.
” ނިޔާ ފެނުމުން ބައްޕައަށް ކިހިނެއްވީ ” ޒޭނާ އަހާލިއެވެ. ” އަސްލު ބައްޕައަށް އަހަރެން ނޭންގޭ. އެނގޭނަމަދޯ ކޮންމެވެސް ކަހަލަ ގޮތެއްވެސް ވާނީ. އެކަމަކު އަހަރެން ބައްޕަގެ އަތުގަ ހިފި ހިސާބުން ބައްޕަ ވަރަށް ފާޑަކަށް އަހަރެންނާ ދިމާއަށް ބަލާލި ” ނިޔާޒް ބުނެލިއެވެ. ” ކޮންމެވެސް ގޮތަކުން ބައްޕައަށް ކަމެއް ފާހަގަ ވީކަންނޭންގެ އެއްނު ” އަކިޔަލް ބުނެލިއެވެ.
” ދެންމެގަ ބުނީމެއްނު ވިޔާމް ތަކުރާރުކޮށް ރިޒޫއާ ދިމާއަށް ބުންޏޭ ގެއިން ނެރި މަގުމަތިކޮށްލާނަމޭ. ކީއްވެތަ ވިޔާމް އެހެން އެބުނީ ” ވަރަށް ވިސްނާލާފަ އަކިޔަލް ނިޔާޒް ކުރެން އަހާލިއެވެ. ” ނޭންގެ. އެކަމަކު ވިޔާމް އެހެން ބުނުމުގެ ފަހަތުގަ ވާނެ ސިއްރެއް. އެކަން ޖެހޭނީ ބަލަން ” ނިޔާޒް ބުނެލިއެވެ. ” ވެދާނެއްނު އެ ގެ އަކީ ރިޒޫމެންގެ ގެ އެއް ނޫންކަމަށް ” ސާހިދު ބުނެލިއެވެ. ” ދެން އެހެންވޭތަ؟. އެމީހުންވެސް އެމީހުންގެ ގޭގަ ނޫނީ ނޫޅޭނެދޯ. ދެން މޮޅު އެއްޗެއް ސާހިދު ވެސް ކިޔާފާނެ ” ސާހިދުއަށް ޒޭނާ ޖަވާބު ދިނީ ދިމާކުރާ ފާޑަކަށެވެ. ” ސާހިދު އެބުނީ ރަނގަޅަށް ކަންނޭގެ. ވެދާނެ އެ ގެއަކީ ވިޔާމްގެ ބައްޕަގެ ގެއަކަށްވެސް. އެހެން ނޫނީ ކިހިނެއް މީހަކަށް ބުނެވޭނީ ގެއަކުން ނެރި މަގުމަތިކޮށް ބިކަކޮށްލާނަމޭ ” ސާހިދުގެ ވާހަކައަށް ބާރު ދެމުން އަކިޔަލް ބުނެލިއެވެ. ” އެހެންވިއްޔާ ނިޔާ ރިޒޫއަށް ގުޅާފަ ސުވާލުކޮށްބަލަ ތިކަމުގެ ހަގީގަތަކީ ކޮބައިތޯ. ޔަގީނުން ވެސް ރިޒޫއަށް އެނގޭނެ ” ޒޭނާ ބުނެލިއެވެ.
” ކޮންތާކުތަ؟ ” ރިޒްނީ ފޯން ނެގުމުން ނިޔާޒް އަހާލިއެވެ. ” ދޮންބެ ސުވާލު ކުރާއިރުވެސް އެނގޭނެދޯ އަހަރެން ކޮންތާކުކަން ހުންނާނީ ” ރިޒްނީ ބުނެލިއެވެ. ” މަންމަޔާ ބައްޕަ ގޭގަ އުޅޭތަ؟ ” ނިޔާޒް އަހާލިއެވެ. ” ނޭންގެ އުޅޭކަމެއްވެސް. އަހަރެން ކޮޓަރީގަ މިއޮތީ. ކިހިނެއްވީ ” ރިޒްނީ ނިޔާޒަށް ޖަވާބު ދިނުމަށްފަހު ކޮށްލީ ސުވާލެކެވެ. ” ދޮންބެ އެއްޗެއް އަހާލަން ވެގެން ” ނިޔާޒް ބުނެލިއެވެ. ” ކޮންއެއްޗެއް އަހަން ތިއުޅެނީ ” ނިޔާޒްގެ ސުވާލުތަކުން ރިޒްނީއަށް ހާސްކަމެއް ފާހަގަވުމުން އޮށޯވެގެން އޮތުމަށްފަހު ތެދުވެ އެދުގައި އިށީދެ އިދެގެން ބުނެލިއެވެ. ” ތި ގޭގެ ރަޖިސްޓްރީ އޮންނަނީ ބައްޕަގެ ނަންމަތީގަތަ؟ ” ނިޔާޒް ސުވާލުކޮށްލިއެވެ. އަދި ނިޔާޒްގެ ސުވާލުން ރިޒްނީ ހައިރާންވިއެވެ. ” ކިހިނެއްވީ އަނެއްކާ ދޮންބޭ. ކަމެއް ގޯސްވީތަ؟ ” ރިޒްނީ އެނދުގެ ބޭރަށް ދެފައި ތިރިކޮށްލަމުން އަހާލިއެވެ. ” ދޮންބެއަށް ހީވަނީ ވަރަށް ބޮޑަށް ކަންތައް ގޯސްވެއްޖެހެން. އެހެންވެ މިހެން މިއެހީ ” ނިޔާޒް ބުންނެލިއެވެ. ” އަސްލު ތިއިން އެއްޗެއް އަހަރެންނަށް ނޭންގެ. އަހަރެން މާލޭގަ ކިޔަވަން ހުރެފަ އެއްފަހަރަކު ޗުއްޓީއަށް ރަށަށް އައީމާ ބައްޕަ އަހަރެންގެން ދިޔައީ މިގެއަށް. ގެއާ ބެހޭގޮތުން ސުވާލު ކުރީމާ ބައްޕަ ބުނި އެއީ އޯ މިހާރު އަހަރުންގެ ގެއަކީ. އޭގެ ފަހުން އަހަރެން ގޭގެ ކަމަކާ އަޅާނުލަން. ސުވާލެއްވެސް ނުކުރަން ” ރިޒްނީ ބުނެލިއެވެ. ” ކޮންކަމެއް ގޯސްވިހެން ހީވެގެންތަ ދޮންބެ ތިސުވާލު ތިކުރީ ” ރިޒްނީ ނިޔާޒާ ސުވާލުކޮށްލިއެވެ. ” ރިޒްނީ ބުނީމެއްނު ވިޔާމް ތަކުރާރުކޮށް ބުންޏޭ އޭނާ ބުނާ ކަމެއް ނުކޮށްފިއްޔާ ގެއިންނެރެ މަގުމަތިކޮށްލާނަމޭ. ވިޔާމް އެހެން ބުނީ ކީއްވެބާއޭ ހިތަށް އަރާފަ މިއަހާލީ “ނިޔާޒް ކިޔާދިނެވެ. ” ދެން ދޮންބެ ތިބުނަނީ ވިޔާމް އެބުނާގޮތުން މިގެއަކީ އެމީހުންގެ ގެއެކޭތަ؟ ” ނިޔާޒް ދެއްކި ވާހަކަޔާމެދު ވިސްނާލާފަ ރިޒްނީ ސުވާލުކޮށްލިއެވެ. ” އާނ… ވިޔާމް އެބުނި ބަހުގަ ހަގީގަތެއްވަންޏާ ކަން އޮތީ ތިޔަހެން. އެހެންވީމާ ރިޒްނީ ކުރަންވީ ކަމަކީ ބައްޕަޔާ މަންމައަށް ނޭންގި ގޭގެ ރަޖިސްޓްރީ އަތުގަޖެހޭތޯ ބަލާބަލަ. ދޮންބެ ބޭނުން ރަޖިސްޓްރީ ބަލަން. ތި ގެ ބައްޕަގެ ނަންމަތީ ނެތިއްޖިޔާ ރިޒްނީގެ ކައިވެނި ވިޔާމާ ވިޔަނުދީ އަބަދުގެ އަބަދަށް ދޮންބެ ހުއްޓުވާލާނަން. އަދި ބައްޕަގެ ކުރިމަތީ ވިޔާމްގެ ހަގީގަތް ފަޅާއަރުވާލާނަން. އޭރުން ބައްޕަ އެހުރިހާ ކަމަކާ ދެކޮޅުހަދާނެ ” ނިޔާޒް ކަންތައްކުރަންވީ ގޮތް ބުނުމަށްފަހު ފޯން ކަޑާލީ ރިޒްނީއާ ވަރަށް ބޮޑު ކަމެއް ހަވާލުކުރުމަށްފަހުއެވެ.
4 Comments!
Comments are closed.
haada duvahe fahugaey mivaahaka kiyaalan milebunee
Alhugadu ge lap halaakuvegen vaahaka upload nukoh las v….
Dhen kon irahkun aneh baeh genes dheynee
SOON…