މާފްކުރާށޭ ކަލާ 12
މަލަކާ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައެވެ. މީތަން އަކަށް ބަލާކަށް ނުހުރެވުނެވެ. ފެން އިސްކުރު ބާރު ކޮށްލަމުން ވެއްޓިފައިވާ މަލަކާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
“މަލަކާ.” މީތަން މަލަކާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. މަލަކާގެ އެސްފިޔަތައް ހަރަކާތްކުރި ތަން ފެނިފައި މީތަން އަނެއްކާވެސް މަލަކާގެ ކޮލުގައި ޖަހާލިއެވެ.
“ހިނގާ ތެދުވަން. ކިހިނެއްވީ ވެއްޓުނީ.” މީތަން ވަރަށް އުނދަގުލުން މަލަކާ ނަގާ އޭނަގެ ގައިގައި ލައްކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި ބޭއްވިއެވެ. މަލަކާ އޮތީ މުޅިން ތެމި ފޯވެފައެވެ. މީތަން އަވަސް އަވަހަށް އަލަމާރި ހުޅުވާފައި މަލަކާގެ ހެދުމެއް ނެގިއެވެ.
“ފާލިހްއަށް ގުޅާލަ -“
“ކިހިނެއްވީ މަގޭދަރިއަށް. ކޮން ފެނެއްތަ މީ.” މަލަކާގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ފާލިހްގެ މަންމަ ޝަރީފާ ދުވެފައި ކަހަލަ ގޮތަކަށް އެކޮޓަރިއަށް އައިސް ވަނެވެ.
މީތަން އަށް ލިބުނު ހައިރާން ކަމުގައި މަލަކާގެ އަތުން ދޫކޮށްލުމަށްފަހު އެއްފަރާތަށް ޖެހިލިއެވެ. ދޮރުން ރަނގަޅަށް ނުވަދެ ހުރެ ޝަރީފާއަށް މަލަކާ ތެމިފައި އޮތް ކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
“ގެނޭ ތިހެދުން.” ޝަރީފާ މީތަންގެ އަތުން ހެދުން އަތުލިއެވެ. އަދި އަވަސް އަވަހަށް މަލަކާގެ ހެދުން ބަދަލު ކުރަން ފެށިއެވެ.
“އަހަރެން އައި އިރު ފެން އިސްކުރުން ފެން އޮހޭ އަޑުއިވޭ. އެކަމަކު އެއްވެސް ޚަބަރެއް ނުވީމަ ގޮސް ދޮރު ހުޅުވާލިއިރު މަލަކާ އޮތީ ވެއްޓިފައި.” މީތަން ޝަރީފާއަށް ވީގޮތް އޮޅުންފިލުވައިދިނެވެ.
“އެކަމަކު އަޖައިބެއް ފާހާނާ އެތެރެއިން ތަޅު ނުލާ ހުރީމަ.” މީތަން މަލަކާގެ މެރިފައިވާ ދެލޮލަށް ބަލާލަމުން ބުނެލިއެވެ.
“އެ- އެހެން ވެދާނެއެއްނު ހަމަ. މަލަކާ ތަޅުލަން ހަނދާން ނުވެދާނެއެއްނު.” ޝަރީފާގެ ވާހަކައިން މީތަން ހުރީ ބުނާނެ އެއްޗެއް ނޭނގި ކޮސްވެފައެވެ. ޝަރީފާ އެކަމާމެދު އެއްވެސް ވަރަކަށް ހާސްނުވީމައެވެ.
“ޑޮކްޓަރަށް ގެންދަންވާނެއެއްނު. މަލަކާ ޕްރެގް އެއްނު. ޗެކަޕް ކޮށްލަން.” މީތަން މަލަކާ ކައިރީގައި އިށީނެވެ.
“މަށަށް ގޮތް ކިޔާނުދީބަލަ. މިކަހަލަ ކަންތައްތަކަށް ދުރު މީހުން ވަންނާކަށް ނުޖެހެއޭ.” ޝަރީފާގެ ރުޅިވެރި ބަސްތަކުން މީތަންގެ ހިތުގައި ޖެހުނެވެ. މަލަކާގެ ބޮލުގައި ފިރުމާލަމުން މީތަން ހިނގައިގަތީ ދެން އެތާގައި އޭނާ ހުރުން ރަނގަޅު ކަމަށް ނުފެންނާތީއެވެ. މަލަކާއޮތް ހާލު ފެނިފައި ކިތަންމެހާވެސް އެތާގައި މަޑުކުރަން އޭނާ ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟
މީތަން ކޮޓަރިން ނިކުތުމުން ޝަރީފާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ލައިގެން ހުރި ހައުސްކޯޓްގެ ޖީބަށް އަތްކޮށްޕާލަމުން ޝަރީފާ އެނެގި ފެން ފުޅިން ފެން ކޮޅެއް މަލަކާގެ ފައިގައި އުނގުޅާލިއެވެ.
މީތަން މަލަކާގެ ގެއިން ނިކުތްއިރު އަޔާންއާއި ފާލިހްވެސް ސައިކަލްގައި އެގޭގެ ދޮރުމައްޗަށް މަޑުކޮށްލަނީއެވެ.
“ފާލިހް. މަލަކާ.” މީތަންއަށް ބުނެވުނީ އެހިސާބަށެވެ. ދޮރުމައްޗަށް ނިކުތް ޝަރީފާ ފެނިފައި މީތަން އަށް ހުއްޓުންއެރިއެވެ.
“ދިމާވިތަ މަލަކާއާ.” ފާލިހް މީތަންގެ ކުރިމައްޗަށް ހުއްޓެމުން ހިނިތުންވެލިއެވެ.
“މަލަކާއަށް އޮތީ ނިދިފައި. ނިކަން އަވަހަށް އާދެބަލަ ދަރިފުޅާ.” މީތަން އަށް ޖަވާބު ނުދެވެނީސް ޝަރީފާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ފާާލިހްގެ އަތުގައި ހިފާލިއެވެ.
“އަޔާން ގުޅައްޗޭ ކޮފީއަށް ދާން.” ފާލިހް އެތެރެއަށް ވަންނަމުން އަޔާންއަށް އަތް ހޫރާލިއެވެ.
މީތަން ފާލިހްއާ ވާހަކަ ދައްކަން ބޭނުންވެފައި ހުއްޓާ ޝަރީފާ ފާލިހް ގެންދިޔުމުން މީތަން ކަރުއެލުވާލިއެވެ. ކުރިމަތީގައި އަޔާން އޭނައާއި ދިމާއަށް ބަލަން ހުރިކަންވެސް އޭނާއަށް އިޙްސާސްނުވާ ކަހަލައެވެ.
“އޭ ކާޓޫން. ލިފްޓެއް ބޭނުންތަ؟ ” އަޔާން ސައިކަލްގެ ލައިޓް މީތަންގެ މޫނަށް އަޅުވާލިއެވެ.
“އަޔާން.” ފުރަތަމަ ފަހަރަށް އެހާ ލޯބިން މީތަން އަޔާންއަށް ގޮވާލި އަޑު އިވުމުން އަޔާންގެ ހިތަށް ނޭނގޭ އިޙްސާސްތަކެއް ކުރުވިއެވެ. މީތަންގެ ފުން ދެލޮލަށް އަޔާންއަށް ބަލާލެވުނީވެސް އެހެންވެއެވެ.
“ހިނގާބަލަ. ވާހަކައެއް ދައްކާލަން ބޭނުން.” މީތަން އެއްވެސް ފަސްޖެހުމެއްނެތި އަޔާންގެ ސައިކަލް ފަހަތުގައި އިށީދެލުމުން މީތަން އަށް ކޮންމެވެސް ކަމެއްވެއްޖެކަން އަޔާންއަށް އެނގުނެވެ. އެއްވެސް އެއްޗެއް ނުބުނެ އަޔާން ސައިކަލް ދުއްވާލިއެވެ.
“މަންމާ. މަލަކާ އަބަދު ނިދާފައި އޮންނަނީ ކީއްވެތަ؟ ” ފާލިހް ކަރުގައި އަޅާފައި އޮތް ޓައީ ނަގާ ކޮނޑުގައި އަޅުވާލިއެވެ.
“ދަރިފުޅު ދައްކާ މޮޔަ ވާހަކަ. ބަނޑު ބޮޑު ދުވަސްވަރު ވަރުބަލިވާނެޔޭ. އެހެންވީމަ ނިދޭނެއެއްނު.” ޝަރީފާ ހީނގަތެވެ.
“އެހެންދޯ. އެކަމަކު ދެން އަބަދު ނިދަންވޭތަ؟ އަހަރެން ގެއިން ދާއިރުވެސް ނިދާފަ. ގެއަށް އެނބުރި އަންނައިރުވެސް ނިދާފަ.”
ހަޤީޤަތުގައިވެސް ފާލިހް އެކަމާއި ވަރަށް ދެރަވެއެވެ. މިފަހަކަށް އައިސް މަލަކާއާއި އެކީ އެއްވެސް ވަގުތުކޮޅެއް ހޭދަކުރެވޭ ވަގުތެއް ނާދެއެވެ.
“މިއަދު މަލަކާ ފާހަނާތެރެއަށް ކައްސާލީ. ނަސީބަކުން ކަމެއްނުވޭ. ތަދުވެގެންވެސް ނޫޅޭ.” ފާލިހްއާ ހަމައަށް އެވާހަކަ ދާނެކަން އެނގޭތީ ޝަރީފާ މޮޅު ވާހަކައެއް ހަދާލިއެވެ.
“ކީކޭ. އެކީއްވެ؟” ފާލިހްގެ ބޮޑުވެގެންދިޔަ ދެލޯ ފެނިފައި ޝަރީފާއަށް ހިންދިރުވާލެވުނެވެ.
“މަންމަ ކީއްވެ ނުގުޅީ. މަލަކާ ޑޮކްޓަރަށް ނުގެންދިޔައީ ކީއްވެ؟” ފާލިހް އަޑު ކުއްލިއަކަށް ބާރުވެގެން ދިޔައެވެ.
“ދަރިފުޅާ. އެވަރުގެ ކަމެއްނޫނޭ އެއީ. ބޯ އަނބުރާ ހޮޑުލާ އަނބުރައިގަނެ ކަންތައްވާނެ މިދުވަސްކޮޅު. ދަރިފުޅު ތިހާ ހިތްހަަމަ ނުޖެހެންޏާ ދާންވީނު ދައްކާލަން.” ޝަރީފާ މަޑުމަޑުން ވާހަކަ ދެއްކި ނަމަވެސް މަލަކާ ހޭނުލާނެކަން އޭނައަށް އެނގެއެވެ.
ފާލިހް އެނދުގެ އެއްފަރާތުގައި އިށީނަމުން މަލަކާގެ ބޮލުގައި ފިރުމާލިއެވެ.
އެމަންޒަރު ބަލަން ހުރެފައި ޝަރީފާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.
އަޔާންއާއި މީތަން ސައިކަލްގައި ގޮސް މަޑުކޮށްލީ ކާނިވަލަށެވެ.
“ކޮފީއަކަށް މިއައީ. އަނެއްކާ މައްސަލައެއްތަ؟” އަޔާން ސައިކަލް ޕާކް ކޮށްލަމުން އަހާލިއެވެ.
މީތަން ބޯ ހޫރާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. މީތަން އަށް އަދިވެސް ވިސްނެނީ މަލަކާއާ ދޭތެރޭގައެވެ.
“ހާދަ މީހުން ގިނައޭ.” މީތަން އެކިދިމަދިމާއަށް ކަޅި އުކަމުންދިޔައެވެ.
“ހާދަ އަނގަ ގަދައޭ ދޯ. އާދެބަލަ އެހުރީ ހުސް މޭޒެކޭ.” އަޔާން މީތަންގެ އަތުގައި ހިފާލިއެވެ. ބޭއިހްތިޔާރުގައި މީތަން އަޔާން އާ ދިމާއަށް ބަލާލެވުނެވެ.
“ކިހިނެއްވީއޭ.” އަޔާން ތުބުގައި ސިގެރޭޓް ޖަހާލަމުން މީތަންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
ފުންނޭވާއެއް ބޭރުކޮށްލަމުން މީތަން މަލަކާގެ ގޭގައި ދިމާވި ހާދިސާ އަޔާން އަށް ކިޔައިދިނެވެ.
“ހާދަ ހީނުވެޔޭ އެކަމް. ފާލިހްއަކީ ޝަރީފާގެ ހުރި ހަމައެކަނި ދަރި. އަނެއްކާ މަލަކާގެ ފަރާތުން ލިބެން އެއުޅެނީ ފުރަތަމަ މާމަ ދަރި. ކިހާ ލޯބިވާނެ.” ކުޑަ އިރުކޮޅަކު ވިސްނަން ހުރެފައި އަޔާން ބުނެލިއެވެ.
“އެކަމަކު އަޔާން. ނިކުމެފައިވެސް އޭނަ ފާލިހް އެގެންދިޔައީނު. އަހަރެންނާއި ވާހަކަވެސް ދެއްކިޔަ ނުދީ.” މީތަން އަށް އަދިވެސް ގޯހެއް އުޅޭކަމަށް ޝައްކު ކުރެވެނީއެވެ.
“އޯކޭ. އަޅެ މަ ގުޅަންތަ ފާލިހްއަށް.” އަޔާން ފޯނު ނަގާ ފާލިހްގެ ނަމްބަރަށް ޑައިލް ކޮށްލީ މީތަން އެކަމަށް އެއްބަސްވެ ބޯޖަހާލީމައެވެ.
ފާލިހް ފޯނު ނެގުމާއެކު އަޔާން ފޯނުގެ ސްޕީކަރ އޮން ކޮށްލިއެވެ.
“މިރޭ ވަރަށް ޓަޔަރޑް. ކޮފީ ކެންސަލް ކޮށްލަމާ.” އަޔާން ވާހަކަ ދެއްކީ މީތަަންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
“އާން. އަޔާންއަށް ގުޅަން މަވެސް މިއުޅުނީ. މަލަކާ މިއަދު ފާހަނާ ތެރެއަށް ކައްސާލައިގެން ވެއްޓުނީއޯ. އެހެންވެ މާދަން އޮފީހަށް ގޮސް ކާޑު ޖަހާލާފައި ޑޮކްޓަރަށް ދާން ނިންމައިގެން މިހުރީ.” ފާލިހްގެ އަޑު އަހަން މީތަން ހުރީ ފޯނާއި ދިމާއަށް ގުދުވެގެންނެވެ.
“ކީއްވެ މިހާރު ނުދަނީ. މިހާރު ދާންވީނު. މަ އަންނަންތަ؟” އަޔާން ފޯނުގެ ވޮލިއުމް މަޑުކޮށްލީ އެތަނުގައި ތިބި ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ސީދާވެފައިވާތީއެވެ.
“މަލަކާއަށް އޮތީ ނިދިފައޭ. އެހެންވެ. އަނެއްކާ މަ ބޭނުމެއްނެތް އެމަޖެންސީއަކަށް ގޮސް ދައްކާކަށް. ސްޕެސަލިސްޓަކަށް އެޕޮއިންޓްމަންޓް ހަދަން މިއުޅެނީ. މިވަގުތު ބާއްވަނީ އިނގޭ.” ފާލިހް ފޯނު ކަނޑާލުމުން އަޔާން މީތަންއަށް ނިތްއަރުވާލީ މީތަން އިތުރަށް ބުނާނީ ކީކޭތޯ އަހާ ކަހަލަ ގޮތަކަށެވެ.
“ފާލިހް މަންމަ ގޯސް ނަމަ ފާލިހް ކައިރީގައި ނުބުނާނެއެއްނު މަލަކާ ވެއްޓުނު ވާހަކައެއްވެސް. މީތަން މާ ވަރަކަށް ތިވިސްނަނީ.” މީތަން ހިމޭނުން ހުރިތަން ފެނިފައި އަޔާން ބުނެލިއެވެ.
އެއްޗެއް ނުބުނި ނަމަވެސް މީތަންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މަލަކާ ވެއްޓިފައި އޮތްގޮތް އަދިވެސް މީތަންގެ ލޮލަށް ސިފަވާ ކަހަލައެވެ.
“ކާއެއްޗެއް ގެންނަންވީނު.” އަނެއްކާވެސް ވާހަކަ ދެއްކީ އަޔާނެވެ.
“ނޫން. ގެއަށް ދާން ބޭނުމީ.” މީތަން އަށް ރޮވޭހެން ހީވުމުން މީތަން އޭނަގެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އަޔާން އަށް ވަރަށް ރީއްޗަށް އެމަންޒަރު ފެނުނެވެ. އެވަގުތު މީތަން އަށް އޭނާގެ މޭގެ ހިމާޔަތްކަން ދޭން އަޔާންގެ ހިތް ބުނަމުން ގެންދިޔައެވެ. ނަމަވެސް ތިބެވުނު މާހައުލުގެ ގޮތުންނާއި ވަށައިގެން ތިބިހާ ގިނަ މީހުންގެ ސަބަބުން އެފަދަ ގޮތަކަށް މީތަން އާ ގާތްވާކަށް އަޔާންއަކަށް ނުކެރުނެވެ. މަޑުމަޑުން ގޮޑި ދުރުކޮށްލާފައި ތެދުވެ އަޔާން ހިނގައިގަތުމުން މީތަންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަލަކާއަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. ބަނޑުގައި އަތް އަޅައިގެން މަލަކާ ތެދުވެ އެނދުގައި އިށީން އިރު މުޅި މީހާ ހުރީ ދުޅަވެފައި ކަަހަލަ ގޮތަކަށެވެ. ކުއްލިއަކަށް ވޭންގަދަވެގެން ދިޔަ ވަގުތު މަލަކާ އަށް ދެލޯ މަރާލެވުނެވެ. ފާލިހްއަށް ގޮވަން އަނގަ ހުޅުވާލި ކަމުގައި ވިޔަސް އަޑެއް ނުނިކުތެވެ. ކުއްލިއަކަށް މުޅި ކޮޓަރި ތެރެއިން ކަރަންޓް ދިޔައެވެ. ކަނު އަނދިރި ތެރޭގައިވެސް މަލަކާއަށް ހުރެވުނީ ދެލޯ މަރާލައިގެންނެވެ. ބިރަކުންނެއް ނޫނެވެ. ބަނޑުގައި އަޅާ ވޭނުންނެވެ.
“ފާލި.-” ކުއްލިއަކަށް ބޮޑު ދެއަތް މަލަކާގެ އަނގަ ބަންދުކޮށްލިއެވެ. އަދި މަލަކާގެ ބަނޑުގައި ހިފާ ފިތާލަމުން މަލަކާ ގަދަކަމުން ކޮޓަރި ތެރެއިން ނެރުނެވެ. އެމީހަކު މަލަކާ ގޮވައިގެން ގޮސް ބަދިގެ ތެރޭގައި ބަންޑުން ބޭއްވިއެވެ. އޭރު މަލަކާގެ ހެވެއް ވެސް ނެތްކަހަލައެވެ. އެއްވެސް ހަރަކާތެއް މަލަކާގެ ހަށިގަނޑުގައި ނެތެވެ.
އެނދުގައި ފުރޮޅި ފުރޮޅި އޮތް އަޔާން އަކަށް ނުނިދުނެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ތިނެއް ޖަހަނީއެވެ. އެނދުކޮޅުގައި ބާލީސް ލައްކޮށްލަމުން އަޔާން ލެގިލިއެވެ. ނުހާގެ ރީތި ސޫރައާއި އޭރުގެ ފޮނި ހަނދާންތައް އޭނައަށް އުނދަގޫ ކުރަނީއެވެ. ނުހާ ދެކެ ކިތަންމެ ފޫހިވިޔަސް އެހަނދާންތައް އަޔާންގެ ހިތުން ފިލުވަން އުނދަގުލެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ފޯނުގެ ވައިބްރޭޝަން އަޑަށް އަޔާން އަށް ބަލާލެވުނެވެ.
ފޯނު ނަގާ ބަލާލަމުން އަޔާންގެ ތުންފަތުގައި ކުޅެލީ ލުއިލުއި ހިނިތުންވުމެކެވެ. އަޔާންއަށް ލިބުނީ މީތަންގެ ތެންކިޔު މެސެޖެކެވެ.
“ކާޓޫނު. މޮޔަ ކުއްޖާ. ޔަޤީން މަލަކާއާ ދޭތެރޭގައި ވިސްނާފައި ނުނިދިގެން އެއުޅެނީ.” އަޔާންގެ ހިތަށް އެރި ބަސްތައް ދުލުގެ ކުރިއާ ހަމައަށް ގެންނަމުން އަޔާން ފޯނު މޭމަތީގައި ބާއްވާލިއެވެ. އަދި ނިދޭތޯ ދެލޯ މަރާލިއެވެ.
އިރުގެ އަލިން މުޅި ދުނިޔެ އަލި ކޮށްލުމާއެކު މީހުން ހޭލަމޭލަވާން ފަށައިފިއެވެ. މޯޅިއަކަށް ދެމިލަމުން ފާލިހް ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އެނބުރިލީ މަލަކާއާ ދިމާއަށެވެ. މަލަކާ ފެންނަން ނެތުމުން ފާލިހް ހީކުރީ މަލަކާ އޭނައަށް ސައި ތައްޔާރު ކުރަނީ ކަމަށެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ފާލިހް ފާހާނާ އާ ދިމާއަށް ހިނގައިގަތީ ލަވަވެސް ކިޔަމުންނެވެ. ފާލިހް ފެންވަރައިގެން ނިކުމެ ރީތި ވެލިއެވެ. ގަމީސް ލާން ބެލިއިރު ގަމީހުގެ އެއް ގޮށް ނެތުމުން ފާލިހް މޫނު ކުނިކޮށްލިއެވެ.
“މަލަކާ. އާދެބަލަ ނިކަން އަވަހަށް.” ފާލިހް މަލަކާއަށް ގޮވާލީ ވަރަށް ބާރަށެވެ. ނަމަވެސް މަލަކާގެ އެއްވެސް ހިލަމެއް ނުވިއެވެ. ފާލިހް ގަމީސް އެނދު މައްޗަށް ނަގާ އެއްލުމަށްފަހު ކޮޓަރިން ނިކުތެވެ. ފާލިހް ބަދިގެއާ ދިމާއަށް ދިޔައީ މަލަކާ ބަދިގޭގައި އުޅޭ ކަމަށް ހީކޮށެވެ.
“ދަރިފުޅާ. ކިހިނެއްވީ ހަޅޭލަވަނީތި.” އާފުރެމުން ފާލިހްގެ މަންމަ ޝަރީފާވެސް އެވަގުތު ކޮޓަރިން ނިކުތެވެ.
“މަލަކާ ސައިހަދަނީ ކަން ނޭނގެ. ފެންނަން ނެތީމަ އެހެންވެ ބަދިގެއާ ދިމާއަށް މިދަނީ.” ފާލިހް އަނެއްކާވެސް ހިނގައިގަތެވެ.
“އާން. މަންމަވެސް ބޮލުގަ ރިއްސާތީ ފަތިހު ނުތެދުވެވުނީ. މަލަކާ ފޮނުވާ ކޮޓަރިއަށް. މަންމަ ސައިހަދާލާނަން. ޑޮކްޓަރ ބުންޏެއްނު. މަލަކާ ތެދުވެ އެހާ ވަރަށް ނޫޅޭށޭ.” ޝަރީފާވެސް ފާލިހްގެ ފަހަތުން ހިނގައިގަތެވެ.
“ބަދިގެ ތެރޭގައި އެއްވެސް އަލިކަމެއްވެސް ނެތެއްނު.. މަލަކާ އަނެއްކާ ނޫޅެނީތަ؟” ފާލިހް ބަދިގޭގެ ލައިޓް ޖައްސާލިއެވެ. އެވަގުތު ބަންޑުން ވެއްޓިފައި އޮތް މަލަކާ ފާލިހްގެ ލޮލުގައި އަޅައިގަތުމާއެކު ފާލިހްގެ ކަރުބުޑުން ނިކުތީ ބިރުވެރި ހަޅޭކެއްގެ އަޑެވެ. މޮޔައެއް ފަދައިން މަލަކާ ގައިގައި ފާލިހް އޮޅުލައިގަތެވެ. ޝަރީފާ އަވަސް އަވަހަށް ފޯނު ނަގާ އެމްބިޔުލެންސަށް ގުޅިއެވެ. އޭރު ޝަރީފާވެސް އަޑުން އަޑު ނަގާ ރޮނީއެވެ.
“މަލަކާ. ލޯ ހުޅުވަބަލަ.” ފާލިހް މަލަކާގެ ހަށިގަނޑު ތަޅުވަމުން ދިޔައިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދެއެވެ. އެންމެންގެ ރުއިމާއި ހަޅޭކުގެ އަޑަށް ޒާރާވެސް ކޮޓަރިން ނިކުތެވެ.
ވެއްޓިފައި އޮތް މަލަކާ ފެނުމާއެކު ޒާރާއަށްވެސް އަނގަމަތީގައި އަތް އަޅާލެވުނެވެ.
“މީ ކޯޗެއް؟” މަލަކާ ވެއްޓިފައި އޮތް ތަނާއި މަލަކާ ލައިގެން ހުރި ހެދުމުގައި ހުރި ލޭތަކަށް އިނގިލި ދިއްކުރަމުން ޒާރާއަށް ބުނެވުނެވެ. ފާލިހް އަށާއި ޝަރީފާއަށް ބަލާލެވުނީ އެކު އެކީގައެވެ. ފާލިހް އަދި ކުރިއަށްވުރެ ބާރަށް މަލަކާގެ ގައިގައި އޮޅުލައިގަންނަމުން ރޮއެގަތެވެ.
“ނީތާ. ކޮފީ ތައްޓެއް ހަދާ ދީބަލަ.” ބޮލުން ފެން ހިއްކަމުން ސިޓިން ރޫމްއަށް އައި އަޔާން ހުރީ ތުވާއްޔެއް އޮޅާލައިގެންނެވެ. އޭނާގެ ފިރިހެންވަންތަ ހަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ.
“ސައިހަދަންތަ؟” ނީތާ ދޮވެފައި ހުރި ތަށިތައް ހަރުގަނޑުގައި އަތުރާލިއެވެ.
“ނޫން. ކޮފީއެއް އެކަނި.” އަޔާން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“އަޔާން. ބައްޕަ ގުޅިއޭ. ނުހާ ބަލިވެގެން އެޑްމިޓް ކޮށްފަޔޯ އޮތީ. ދެތިން ދުވަސް ތެރޭގައި އަންނަ ވާހަކަވެސް ބުނި.” ނީތާގެ އަޑަށް އަޔާން ހުއްޓުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އަޔާންއަށްވެސް ގުޅިކަން އަޔާންއަށް އެނގެއެެވެ. އެކަމަކު ނުހާ ކަމަށް ހީކޮށް އަޔާން ފޯނު ނުނެގީއެވެ. ނުހާގެ ނަން އިވުމުން އަނެއްކާވެސް އަޔާންގެ ހިތަށް އުނދަގޫވިއެވެ. އަވަސް އަވަހަށް އެތަނުން އަޔާން ދިޔައީވެސް ނުހާގެ އިތުރު ވާހަކައެއް ނީތާ ދައްކަފާނެތީއެވެ.
އައިސީޔޫ ގެ ނިވި ދިއްލެމުންދާ ބޮތްކަށް ބަލަން ހުރި ފާލިހްގެ ލޮލުން އެންމެ ފަހަރަކުވެސް ކަރުނަ ނުހިކެއެވެ. ފާލިހްގެ ކައިރީގައި މަންމަ ހުރެގެން އޭނާގެ ގައިގައި ފިރުމަމުން ހިތްވަރު ދެމުން ގެންދާއިރުވެސް އޭގެ އެއްވެސް އަސަރެއް އޭނައަށް ނުކުރާކަހަލައެވެ.
“ދަރިފުޅާ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.” ޝަރީފާ ފާލިހްގެ ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު އައިސީޔޫގެ ދޮރު ހުޅުވުނު އަޑަށް ފާލިހް ދުވެފައި އެދިމާއަށް ދިޔައެވެ.
“ޑޮކްޓަރ. މަލަކާއަށް ކިހިނެއްތޯ ވީ؟ ރަނގަޅުތޯ ހުރިހާ ކަމެއް؟ ” ފާލިހް ޑޮކްޓަރ ގެ އަތުގައި ހިފެހެއްޓިއެވެ.
“މިވަގުތު ވަކި އެއްޗެއް ބުނަން ދަތި؟ ވީ އާރ ޓްރައިން.” ޑޮކްޓަރ ފާލިހްގެ ކޮނޑުގައި އަތް ބާއްވާލަމުން އަނެއްކާވެސް އެތެރެއަށްވަނީ އިތުރު ދެ ޑޮކްޓަރުން އައިސް އެތެރެއަށް ވަނީމައެވެ. އައިސީޔޫ ގެ ދޮރު ލެއްޕުމާއެކު ފާލިހް ކުޑަ ކަކޫ ޖަހާލަމުން ދޮރުމަތީގައި އިށީނެވެ. އެމަންޒަރު ބަލަން ހުރި ޝަރީފާ ފާލިހްގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ތެދުވޭ.” އަޔާންގެ އަޑަށް މީތަން ދިޔައީ ސިއްސައިގެންނެވެ. މީތަން ތެޅިގެންފައި ތެދުވި ގޮތުން އަޔާންއަށް ހެވުނެވެ.
“ރޭގަ އެއްކޮށް ނުނިދާ ހޭލާހުރެފަ އޮފީހަށް އައިއްސަ ތި ނިދަނީނު. މީތަންގެ ބޮސް އޮފީހަށް އައިސް ވަނީމަ ޖެހޭނެއެއްނު ތެދުވެ ސަލާމްކުރަން.” އަޔާން މީތަން އާ ސަމާސާކޮށްލިއެވެ.
“ނުޖެހޭނެ ކުރާކަށް.” މީތަން ތުން ދަމާލިއެވެ.
“އޯ. ކާޓޫން. ހާދަ ރުޅިއެއް ތިއައީ. ރުޅި އައީމަ އަދި މާ ލޯބި.” އަޔާން މީތަންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ހިނދުކޮޅަަކަށް ނަމަވެސް މީތަންގެ ފުން ލޮލުގެ ތެރެއަށް އަޔާން ގެބިގެން ދިޔަ ކަހަލައެވެ. ޖެހި ބުދެއްހެން ގަނޑުވެފައި އަޔާންއަށް ހުރެވުނީއެވެ.
” އަނެއްކާވެސް މި އައިނު ދޭން ވީތަ؟” އަޔާން ބަލަން ހުރި ގޮތުން މީތަން ރަކިވިއެވެ.
“ތި އައިނު ދޭންވީ އެއްނޫން. ތި އައިނު ގަނޑު ނަގަންވީ.” އަޔާން ހިނިތުންވެލުމުން މީތަން އިސްޖެހިއެވެ.
“ފާލިހް އަދިވެސް އޮފީހަށް ނާންނަނީތަ؟” އަޔާން އޮފީސް ތެރެއަށް ލޯ ހިންގާލިއެވެ.
“އާން. ނުދެކެން. ބުންޏެއްނު ހޮަސްޕިޓަލަށް ދާ ވާހަކަ. އަޅެ ޚަބަރު ބަލަން ގުޅާބަލަ.” މީތަން ހުރީ މަލަކާގެ ހާލު ބަލަން ބޭނުންވެފައެވެ. މިއަދު ހެނދުނު ހޭލިގޮތަށްވެސް މީތަން އެތައް ފަހަރަކު މަލަކާއަށް ގުޅިއެވެ. އެކަމަކު ފޯނު އޮންނަނީ ނިއްވާލާފައެވެ.
އަޔާން މޭޒު މަތީގައި ހުރި ފޯނުގެ އަތްގަނޑުނަގާ ކަންފަތުގައި ޖައްސާލަމުން ފާލިހްގެ ނަމްބަރަށް ގުޅާލިއެވެ.
“ވަޓް ހެޕެންޑް.” ފާލިހްގެ ކުރަކިވެފައިވާ އަޑު ޖެހުމުން އަޔާންއަށް ލިބުނީ ކުއްލި ޝޮކެކެވެ.
“ރިލެކްސް. ކޮންތާކު ތިހުރީ.” އަޔާން ހުރީ ހާސްވެފައެވެ.
“ކިހިނެއްވީތަ؟” އަޔާން ފޯނު ބޭއްވުމާއެކު މީތަން އަވަސް އަވަހަށް އަހާލިއެވެ.
“ނޭނގެ. ފާލިހްއަކަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކޭ. އައިޖީއެމްއެޗް ގަ ހުރި ވާހަކަ ބުނީ. މިދަނީ އެދިމާލަށް ދާން. މީތަން މަޑު ކުރޭ އޮފީހުގައި.” އަޔާން ގަސްތުގައި މީތަން ގެންދަން ބޭނުން ނުވީއެވެ. ފާލިހްގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން އަޔާންއަށް ވިސްނުނެވެ. މީތަން މިހާރުވެސް މަލަކާއާއި ދޭތެރޭގައި ވިސްނާވަރު އަޔާން އަށް އެނގެއެވެ.
“ނޫން. އަޔާން. އަޅެ އަހަރެން ގެންދޭ.” މީތަން އާދޭސްކުރިއެވެ.
“މީތަން ގެންދާނަމޭ. އޮފީހުގައި މަ ނެތިއްޔާ މީތަން ހުންނަން ޖެހޭނެއެއްނު. އެކޮޅަށް ގޮއްސަ ގުޅާނަމޭ.” އަޔާން ވާހަކަ ހަމަޖައްސާލީ ފިސާރި މޮޅަށެވެ. ކިތަންމެ ދާން ބޭނުންވިޔަސް މީތަން އަށް ޖެހުނީ އޮފީހުގައި މަޑުކުރާށެވެ.
މީހުންތަކުން ފުރި ތޮއް ޖެހިފައިވާ އައި ޖީ އެމް އެޗް ހޮސްޕިޓަލް ތެރެއިން އަޔާން ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ. އައިސީޔޫ އާ ހަމައަށް ދެވުނު އިރު ގޮޑިއެއްގައި ބިތް ޖެހިފައި އިން ފާލިހް ފެނިފައި އަޔާންގެ ލޮލުން ކަރުނަ ހިލުނެވެ. އަޔާން ފެނުމާއެކު ފާލިހް ދުވެފައި ގޮސް އަޔާންގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ.
“ކިހިނެއްވީތަ މަލަކާއަށް.” އަޔާންގެ ކުރިމަތީގައި ފާލިހް ރޯ މަންޒަރު ބެލުމަކީ އަޔާންއަށް ކެތްވާވަރުގެ ކަމެއްނޫނެވެ.
ފާލިހް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އައިސީޔޫ ގެ ދޮރުހުޅުވުނެވެ. ހުޅުވުނު ދޮރާއި ދިމާއަށް ފާލިހްއާއި އަޔާން އެނބުރުނުއިރު ޑޮކްޓަރ އައިސް އެމީހުންގެ ކައިރިއަށް މަޑުކޮށްލަނީ އެވެ.
ނުނިމޭ
9 Comments
Comments are closed.
Their child X gone I think. Falih mom eulheny zaaraayaa thaikuruvan kannenge. Interesting story
Faalih ge mamma eulheny faalih ge life in malakaa get out kollaafa e xaara ah malakaa ge place dheyntha? Alhe faalih ge mamma haadha goahey if she’s the villain she wiyyaa. Dhen ayaan aa meethan aa gulhuwaaba dhw awahah e nuha bust kollaafa. Waiting for the next part. Awahah up kohdhehchey ige. ??
wow nice story?❤❤
Nice waiting next part love it ????
kn iraku tha aneh bai anany
kn iraku tha aneh bai nany
Alhey when next part
I think faalih ge mom e ulhenii xaara ge bolu ga dhogu thuhumath alhuvn… finally ayaan aa meethan ok vehjje dw
Heevanee ehnu yageeneh noonennu dhw???