ޑޮކްޓަރ. ކިހިނެއްތޯ އަހަރެންގެ ވައިފް.” ޑޮކްޓަރު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ފާލިހް ވާހަކަ ދައްކަންފެށިއެވެ. އަޔާންވެސް ޑޮކްޓަރާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރީ ޑޮކްޓަރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“ވައިފް ރަނގަޅު.” ފާލިހްގެ މޫނު މަތި އުޖާލާވެގެންދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި އުފަލުގައި އޭނާ ޑޮކްޓަރާއި ސާލާމް ކުރަން އަތް ދިއްކޮށްލީ ޝުކުރުއަދާކުރުމުގެ ގޮތުންނެވެ.
“ބަޓް.” ފާލިހްގެ އުފާވެރި މޫނު ފެނިފައި ޑޮކްޓަރ ހުރީ ފެންކަޅިވެފައެވެ. ބުނަން އުޅުނު ވާހަކަވެސް ނުބުނެވުނެވެ. ނަމަވެސް އަނެކާ ކިތަންމެ ދެރަ ވިޔަސް އެއްވެސް ކަމެއް އޮޅުވާލާނީ ކިހިނެއް ހެއްޔެވެ؟ ވަގުތީ ހިތްހަމަ ޖެހުމަކަށްޓަކައި ކުރާ ކަންތައްތަކުން ފަހުން ދެރަވާން ޖެހޭ ވަރު މާބޮޑުވާނެއެވެ.
ފާލިހްގެ އުފާވެރި މޫނު މަތި މިހާރު ވަނީ އުދާސްވެފައެވެ. އެއްފަހަރު އަޔާން އަށް އަނެއް ފަހަރު ޑޮކްޓަރަށް ބަލާލަ ބަލާލާ ފާލިހްއަށް ހުރެވުނީއެވެ. އޭނަގެ ސިކުނޑި ހިނދުކޮޅަކަށް ނަމަވެސް މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަހަލައެވެ.
“ވީ ކުޑް ނޮޓް ސޭވް ޔުއަރ ބޭބީ. ސޮރީ. ކެތްކުރަންވާނެ.” ފުން ނޭވާއެއް ދޫކޮށްލަމުން ޑޮކްޓަރު ފާލިހްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ފާލިހް ހުރީ ހުއްޓުން އަރާފައެވެ. ރޮއެގަންނަންވެސް ނޭނގިފައެވެ.
“ތިހެން ނުބުނޭ ޑޮކްޓަރ. އަހަރެންގެ މާމަ ދަރި މަރެއް ނުވާނެ. ތިހެން ނުބުނޭ.” ޝަރީފާ އަޑުގެ ނެތްތަނަށް ރޮއެ ގަންނަމުން ބިންމަތީގައި ކުޑަ ކަކޫ ޖެހިއެވެ. އެއީ ޝަރީފާ މަޖުބޫރުން ކުޅެން ޖެހުނު ޑްރާމާއެއް ކަހަލައެވެ.
“ހުއްޓާލާ ދައްތާާ. ފާލިހްއާ މަލަކާއަށް ހިތްވަރު ދޭންވީ ވަގުތު މީ.” އަޔާން ޝަރީފާގެ ދެކޮނޑުގައި ހިފާ ނެގިއެވެ. އަޔާންވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ. ޝަރީފާ އަޔާންގެ ގައިގައި އޮޅުލައިގަންނަމުން އަދި ވަކިން ބާރަށް ރޯންފެށިއެވެ. އަޔާން ޝަރީފާ ގެންގޮސް ގޮޑި ބަރިން ގޮޑިއެއްގައި ބޭންދިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ގޮސް ފާލިހްގެ ކައިރިއަށް ހުއްޓި އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
“ހިތްވަރު ކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އަޔާންގެ ހިތް ހެޔޮ ބަސްތަކުން ފާލިހްގެ ބަޑިފަޅައިގެންދިޔައެވެ.
“އަހަރެންގެ ދަރިފުޅު ބޭނުން. ޑޮކްޓަރ އެހަދަނީ ދޮގު ދޯ. ޑޮކްޓަރ އަހަރެން ތަޅުވަނީދޯ.” ރޮމުން ފާލިހް ވާހަކަ ދެއްކިއިރު އޭނާގެ ހޭބުއްދި ފިލާފައިވާ ކަހަލައެވެ.
“ދެރަވާނެ ކަން އިނގޭ. ހިތްވަރު ކުރަންވާނެ. މަލަކާގެ ކުރިމަތީގައި ފާލިހް ތިހެން އުޅެންޏާ މަލަކާއަށް ކިހިނެއް ވާނީ؟” އަޔާން ފާލިހްގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ. އަޔާންގެ ނަސޭހަތާއި އޯގާތެރި ބަސްތަކުން ފާލިހް ކުޑަކޮށް ހަމައަކަށް އެޅުނު ކަހަލައެވެ. ރުއިން ހުއްޓާލި ކަމުގައިވިޔަަސް ހިތުގައި އަޅާވޭން މޫނު މަތީގައިވާ އުދާސް ތަކުން ހާމަވޭވެ ހުއްޓެވެ.
އަޔާން ގެ ގައިގައި ފާލިހް ލައްކޮށްލައިގެން ގޮސް އޭނާގެ މަންމަ ކައިރީގައި ބޭންދިއެވެ. އަދި ޖެހިގެން ހުރި ގޮޑީގައި އިށީނަމުން ފޯނު ނަގާ މީތަން އަށް ޓެކްސްޓް ކޮށްލިއެވެ. މީތަން ވާނުވާ ނޭނގި ހާސްވެފައި ހުންނާނެކަން އިނގޭތީއެވެ.

“ހެލޯ. އަޔާން އުޅޭތަ؟” ނުދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު މޭޒުގައި ބޯއަޅައިގެން އިން މީތަން އިސް އުފުލާ ބަލާލިއެވެ. އޭރުވެސް ކަރުނައިގެ އަސަރު އެދެލޮލުން ފެންނަން ހުއްޓެވެ. މަލަކާގެ ހާލަތު އަޔާން ބުނެދިނުމުން މީތަންގެ ހިތަށްވެސް ލިބެމުންދިޔައީ ބަޔާންކުރަން ދަތި ވޭނެކެވެ.
“އެނީތިން ރޯންގް.” މަލަކާގެ ތެމިފައިވާ އެސްފިޔަތަކަށް ނަޒަރު ހުއްޓާލަމުން މާކިން މޭޒުގައި އަތް އަޅާލިއެވެ.
“އަޔާން މިވަގުތަކު ނެތް.” މީތަން މޭޒުމަތީގައި އޮތް އޭނާގެ އައިނު ނަގާ ދެލޮލަށް ހެޔޮވަރު ކޮށްލިއެވެ.
“އަޔާންގެ ފޯނަކަށްވެސް ނުގުޅޭ. ބުނެދެއްޗޭ މާކިން ހޯދަން އައި ވާހަކަ. ސޮރީ ހުއްދަ ނުހޯދާ މިތަނަށް ވަދެވުނީމަ. ކައުންޓަރ ގަ އިން ކުއްޖާ އެތެރެއަށް ފޮނުވީ.” މާކިން އަށް ހަމަ ބެލެނީ މީތަންގެ އޮފް ވެފައިވާ މޫނަށެވެ. އެހާ ދެރަވެފައި އެހުރީ ކީއްވެތޯ އަހާލަންވެސް އޭނާގެ ހިތް ބުނަމުން ދިޔަ ނަމަވެސް ސިކުނޑި ވިސްނަައިދިނީ އެއީ މޮޔަ ޚިޔާލެއްކަމަށެވެ.
“ބުނެދޭނަން. އަޔާން ފޯނަށް ގުޅޭނެ އެކަމް.” މީތަން މާކިން އާ ވާހަކަދެއްކީ އޭނާއާ ދިމާއަށް ބަލާވެސްނުލައެވެ.
“އިހަކަށްދުވަހަކު މެލޭޝިޔާއިން ދިމާވެގެން ދިން ނަމްބަރަކަށް ނުއެއް ގުޅޭ. ދެން އަޔާންގެ ކާޑު ދީފައި އޮތީމަ އޮފީހަށް އަންނަން އެނގުނީ.” މާކިން. އޮޅުންފިލުވަދިނެވެ. މާކިން ހުރީ ހަައިރާންވެފައެވެ. މީ ކޮންކަހަލަ އަންހެންކުއްޖެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ބަލާނުލި ތާގަ އިށީންނަން ވެސް ނުބުނެއެވެ. ވާހަކަ ދެއްކުމުގައިވެސް ހުންނަނީ ހަރުކަށި ގޮތެކެވެ. ނަމަވެސް މާކިން އަށް މީތަންގެ އާދަތައް ކަމުދިޔަކަހަލައެވެ.
“ބުނެދޭނަމޭ. ދެން އޯކޭ ދިޔަސް. ވެއިޓިން ރޫމްގަ ވެއިޓްވެސް ކުރެވިދާނެ.” މީތަންގެ ވާހަކަ ހުރިގޮތުން މާކިން އަށް ހެވުނެވެ.
“އޯކޭ. ތޭންކްސް. މިވަގުތު ދާނީ ދެން.” މާކިން ނިކުންނަމުންވެސް މީތަންގެ މޫނަށް ދެފަހަރަކު ބަލާލެވުނެވެ. ނަމަވެސް މީތަން އިނީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައެވެ.

އެކްސް ކިޔުޒް” ނަރުސްކުއްޖާގެ އަޑަށް ފާލިހްއާއި އަޔާންއަށް ބަލާލެވުނީ އެކު އެކީގައެވެ.
“މި ބޭސް އެބަ ބޭނުންވޭ.” ބޭސް ސިޓީގައި ހިފީ އަޔާންއެވެ. ފާލިހްގެ ހާލަތު އޭނައަށް ހަމަ ރަނގަޅަށްވެސް އިހްސާސް ކުރެވެއެވެ.
“ދަރިފުޅު. މަންމަ އަންނާނަން ގެޔަށް ގޮސް މަލަކާއަށް ކާއެއްޗެއް ހިފައިގެން.” ޝަރީފާ ގޮޑިން ތެދުވިއެވެ.
“މަލަކާއަށް އަދި އެއްވެސް އެއްޗެއް ކާކަށް ނުދެވޭނެ.” ޑޮކްޓަރ އެމީހުންގެ ކައިރިއަށް އައިސް ހުއްޓި ޖީބަށް އަތް ޖަހާލިއެވެ.
“ފާލިހް. ބީ ބްރޭވް. އަދި ލައިފް އޮތީނު. އަދި ހަމަސް ފަހުން ބޭނުމިއްޔާ ބޭބީ އަކަށް ޓްރައި ކުރެވިދާނެ.” ޑޮކްޓަރ ދެއްކި ވާހަކަ އަޑުއަހަން އިން ފާލިހްގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ނަމަވެސް ޑޮކްޓަރ ގެ ވާހަކައިން ޝަރީފާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.
“މަންމަ އެބައަންނަން.” އެތަނުން ހިނގައިގަތް އިރުވެސް ޝަރީފާގެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ.
“މަލަކާ ދެކިލަން ބޭނުން.” ފާލިހް ބެދިފައިވާ އަޑުނިކުތެވެ.
“ކުޑަ އިރުކޮޅެއް ތެރޭގައި ވޯޑަށް ޗޭންޖް ކޮށްލާނަން.” ޑޮކްޓަރ ހިތްހެޔޮ ކަމާއެކު ބުނެލިއެވެ.
“ނޫން. ރޫމްއެއް ހަމަޖައްސާނަން. ރޫމް އަށް ގެންދާނީ.” އަޔާން ފާލިހް އަތުގައި ހިފިއެވެ.
“އޯކޭ.” ބޯ ޖަހާލަމުން ޑޮކްޓަރ ހިނގައިގަތެވެ.

މަލަކާގެ މެރިފައިވާ ދެލޮލަށް ބަލަން ފާލިހް އިންނަތާ އެތައް އިރެއްވެއްޖެއެވެ. ދެލޮލުން އޮހެމުންދާ ކަރުނަތައް ހެކިދެނީ ފާލިހް މަލަކާދެކެ ވާ ސާފު ތެދުވެރި ލޯތްބެވެ. އިރުއިރުކޮޅާ މަލަކާގެ އޮމާން މަޑު އަތްތިލައިގައި ފާލިހް ފިރުމާލައެވެ.
“ދަރިފުޅާ. މަލަކާގެ މަންމައަށް ގުޅިންތަ؟ އެމީހުންނަށް ވެސް އަންގާލަންވާނެއެއްނު.” ޝަރީފާގެ އަޑަށް ފާލިހް ކުޑަކޮށް ސިހިފައި ބަލާލިއެވެ. އޭރު ޝަރީފާއާއި ޒާރާ މަލަކާ އޮތް އެނދު ކައިރިއަށް އައިސް ހުއްޓެނީއެވެ.
“މިހާރަކު ނޫން. އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން.” ފާލިހް މަލަކާގެ އަތް ގެނެސް އޭނަގެ މެޔާލައި ބޮޑިކޮށްލިއެވެ. ޒާރާ އިސްޖަހާލީ އެމަންޒަރު ނުބަލަންވެގެން ކަހަލައެވެ. ފާލިހްގެ އަޑުގައިވާ ހިތްހަމަ ނުޖެހުމުގެ ރާގުން ޝަރީފާވެސް އިތުރު އެއްޗެއް ނުބުނެއެވެ.
ކުއްލިއަކަށް ފާލިހްގެ އަތު ތެރޭގައި އޮތް މަލަކާގެ އަތް ހަރަކާތް ކުރި ކަހަލަ އިހްސާސެއް ކުރެވުމާއެކު ފާލިހް އަވަސް އަވަހަށް މަލަކާގެ މޫނަށް ބަލާލިއެވެ. އޭރު ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް މަލަކާ އޭނަގެ ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދަނީއެވެ.
“ބޭބީ.” ފާލިހްއަށް ރޮވެން އުޅުނު ކަހަލައެވެ. މަލަކާ އާއެކޭ ބުނީ ބޮލުގެ އިޝާރަތުންނެވެ.
ބަނޑުގައި އަޅަމުންދާ ވޭނުން މަލަކާއަށް ބަނޑުގައި އަތްއަޅާލެވުނެވެ.
“ދަރިފުޅާ. ކެތްކުރަންވާނެ. ދެން އެހެން ދަރިއެއް ހޯދާނީ.” ކުރިއަށް ޖެހިލާފައި ޝަރީފާ ބުނެލި ބަސްތަކުން މަލަކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަލަކާއަށް ފާލިހްއާ ދިމާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ފާލިހްވެސް އޭނާގެ މަންމަ އެކަހަލަ ގޮތަކަށް މަލަކާ ކައިރީގައި އެވާހަކަ ބުނެފާނެ ކަމަށް ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ. ފާލިހް އަވަސް އަވަހަށް މަލަކާއާއި ދިމާއަށް ގުދުވެލަމުން މަލަކާގެ މޫނު އޭނަގެ މޭތެރޭގައި ފޮރުވާލިއެވެ. މުޅި އެތަނުގައި މަލަކާގެ ގިސްލުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ފާލިހް ދެލޯ މަރާލަމުން މަލަކާގެ ބޮލުގައި ފިރުމަމުން ދިޔައިރު ޝަރީފާ ހުރީ އެމަންޒަރު ބަލާށެވެ. އަދިވެސް އޭނާގެ ހިތް ނުފުރޭކަހަލައެވެ.

“ލަސްވެއްޖެ ދޯ؟ ” އަޔާން ސައިކަލްގައި އައިސް މަޑުކޮށްލިއިރު މީތަން އޮފީސް ބޭރުގައި އަޔާންގެ އިންތިޒާރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“ފޮއްނައްކާއިންތަ ތިއައީ.” މީތަން ހުރީ އަޔާން ނުފެނިފައި ކަހަލައެވެ. ކުދި ކިޔަންފެށިއެވެ.
“އޭ މެޑަމް. ހާދަ ބާރު ބޮޑޭ މަގުމަތި. ދެން ތިހާ ލަސްވިއިރު އެކަނި އައިނަމަ.” އަޔާން މީތަން އާ ދިމާއަށް ކަޅި އަޅާލިއެވެ.
“ދެން ބަލައި ނައިނަމަ ނިމުނީނު.” މީތަން ވެސް ދޫ ދޭކަށް ބޭނުމެއްނުވިއެވެ.
“މާކަންތައް ބޮޑު ކުރާނެ ކަމެއްނެތޭ ކާޓޫން. ދެންވެސް އަރާބަލަ. ޝަހާދަތް މިބުނީ. މި އަންހެންވެރިން ނަކަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް.” އަޔާން މީތަންގެ އަތުގައި ހިފައި ދަމާލިއެވެ. ތުންގަނޑު އަނބުރާލަމުން މީތަން އައިސް ސައިކަލަށް އެރި މަންޒަރު ފެނުމުން އަޔާން ހީނގަތެވެ.

ރޮއެ ރޮއެ ވަރުބަލިވެގެން ނޫންކަންވެސް ނޭނގެއެވެ. ފާލިހްގެ މޭތެރޭގައި އޮތް މަލަކާއަށް އޮތީ ނިދިފައެވެ.
“މަންމަ އަށް ދެން އެނޫން ގޮތަކަށް ބުނަން ނޭނގުނީތަ؟” ފާލިހް މަލަކާ އެނދުގައި ބާއްވާލިއެވެ. ޝަރީފާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަޔާންއާއި މީތަން ފެނިފައި ހިމޭންވިއެވެ. މީތަން މަލަކާގެ ކައިރީގައި އިށީނދެ މަލަކާގެ ބޮލުގައި ފިރުމަންފެށިއެވެ.
“ފާލިހް. ކީކޭ ޑޮކްޓަރ ބުނީ.” އަޔާން ފާލިހްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“މާދަން ހެނދުނު. ދެން ބެޑް ރެސްޓްގަ އޮންނަން ބުނީ.” ފާލިހް އަދިވެސް ހުރީ ދެރަވެފައެވެ. މަލަކާގެ ކުރިމަތީގައި ހިތްވަރު ދެއްކިޔަަސް އޭނަގެ ހިތް ރޯވަރު އިހްސާސް ކުރެވޭނީ ހަމައެކަނި އޭނައަށެވެ.
“މާދަން ޑޭޑްވެސް އަންނާނެ. ސޯ ފާލިހް މަޑުކުރޭ މަލަކާ ކައިރީގައި. އައި ވިލް ޓޯކް ވިތު ޑޭޑް.” އަޔާންގެ ހެޔޮަ ކަމަށް ފާލިހް ޝުކުރު އަދާކުރިއެވެ. އެކަހަލަ ރަނގަޅު އެކުވެރިއެއްގެ އޯގާތެރިކަން ނުލިބުނު ނަމަ ފާލިހް މޮޔަވީސް ކަން ޔަޤީނެވެ.
ޝަރީފާ އެތަނުގައި ހުއްޓަސް އެތަނުގައި ދައްކާ ވާހަކަތަކަށް އޭނަގެ ސިކުނޑިއާ ހަމައަކަށް ނުފޯރާ ކަހަލައެވެ. މަލަކާ ފާހާނާގައި އުޅުނު ދުވަހު ބޭރުން ތަންޑު އެޅުވީ އޭނައެވެ. ނަމަވެސް މަލަކާއަށް އެފަދަ ބޮޑު އަނިޔާއެއް އޭނާ ނުދެއެވެ. މަލަކާއަށް އެއްވެސް އުފަލެއް ލިބެެން އޭނާ ބޭނުންނުވެއެވެ. އަދި ފާލިހް މަލަކާއާއި ކައިވެނި ކުރީވެސް އޭނާގެ ރުހުމަކު ނޫނެވެ. ޝަރީފާ ވިސްނަމުން އެދަނީ އެކަމާއެވެ. އޭނަ ނޫނިއްޔާ މަލަކާއަށް އެފަދަ ބޮޑު އަނިޔާއެއް ދިނީ ކާކު ހެއްޔެވެ؟ ޒާރާ ހެއްޔެވެ؟ ޝަރީފާ ޒާރާގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލިއެވެ.

ފާލިހް އާއި މަލަކާއަށް ވަގުތުދެމުން އަޔާންއާއި މީތަން ހޮސްޕިޓަލްއިން ނިކުތްއިރު ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ.
“އަޔާން. މިއަދު އަޔާން ހޯދަން މީހަކު އައޭ އޮފީހަށް.” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް މީތަން ބުނެލިއެވެ.
“ކާކު.” މީތަންގެ މޫނަށް އަޔާން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ކީކޭތަ އޭނަ ބުނީ. އާން. މާކިން އެކޯ. އަޔާންގެ ނަމްބަރަށް ނުގުޅޭ ވާހަކަވެސް ބުނި.” މީތަން ގެ ފައިވާން އަރިއަޅާލި ވަގުތު މީތަންއަށް އަޔާންގެ އަތުގައި ހިފަހައްޓާލެވުނެވެ. އޭނާ ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިއާއި އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް އެމަންޒަރު ބަލަން މަޑުކޮށްލިކަހަލައެވެ. މީތަންގެ ފަން އިސްތަށިކޮޅު އޭނަގެ އޮމާން މޫނުގައި ފިރުމަމުންދާއިރު މީތަންއަށް އޭގެ އިހްސާސްވެސް ނުވާ ކަހަލައެވެ. ހިނދުކޮޅަކަށް ނަމަވެސް މީތަންގެ ފުން ދެލޮލުގެ ތެރެއަށް އަޔާން ގެބިގެންދިޔައެވެ.
ދުއްވާ އެއްޗެއްގެ ބަރުގޮނުގެ އަޑަށް މީތަންއާ އަޔާން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެކަކު އަނެކަކާ ދުރަށް ޖެހިލެވުނެވެ.
“ސޮރީ.” އަޔާން ހުރީ އިސްޖަހައިގެންނެވެ.
“ހިނގާ ދާން ދޯ.” މީތަން ހުރީ ރަކިވެފައެވެ.
ސައިކަލްގައި ދެމީހުން ދިޔައިރުވެސް އެކަކު އަނެކަކާއި އަނގަޔަކުން ނުބުނެއެވެ.
ހީވަނީ ކުއްލިއަކަށް ނުދަންނަ ދެމީހުންނަށް ވީހެންނެވެ.
މީތަންގެ ގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު މީތަން ފޭބިއެވެ.
“ދަނީ.” މީތަން އަޔާންގެ ރީތި ދެލޮލަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އޭ އަޔާން.” ފަހަތުން މީހަކު ބުރަކަށީގައި އަތުން ޖަހާލުމުން އަޔާން އަށް ބަލާލެވުނެވެ. ކުރިމަތީގައި ހުރީ މާކިން އެވެ.
“އޭ މޭން. މާލެއައީތަ؟” އަޔާން ހަދިޔާކޮށްލީ ހިތްގައިމު ހިނިތުންވުމެކެވެ.
“ނަމްބަރުވެސް ޗޭންޖް ކޮށްފަ ނުދެންޏާ ކިހިނެއް ގުޅާނީ. މިއަދު އޮފީހަށްވެސް ދިޔައިން ދޯ.” މާކިން މީތަންއަށް ދޯ ދިނެވެ.
“ދެންމެ މީތަން އެބުނީ. މިއަދު އެއްކޮށް ހޮަސްޕިޓަލްގަ ރައްޓެއްސެއްގެ ވައިފް ބަލިވެގެން އެތަނުގައި އުޅުނީ. ނަމްބަަރު ކިޔާބަލަ. މިސް އެއް ދޭނަން.” އަޔާން ޖީބުގައި އޮތް ފޯނު ނެގިއެވެ.
“މިހިސާބުގަތަ އުޅެނީ. މާދަން ގުޅާނަން ކޮފީއަކަށް. ކޮބާ ޒޫކަން.” އަޔާން މާކިންގެ ނަމްބަރު ނޯޓް ކޮށްލަމުން އަހާލިއެވެ.
“މީ ގެއަކީ.” އަތުގެ އިޝާރާތުން މާކިން ކުރިމަތީގައި ހުރި ބިލްޑިންއަށް އިޝާރާތްކޮށްލިއެވެ.
“މީ މީތަން އިނގޭ. އޮފީސް ކުއްޖެއް. ހަމަ ތި ބިލްޑިންގް ގަ އުޅެނީ.” މީތަން އަށް އަޔާން އިޝާރާތްކޮށްލުމުން މީތަން މާކިން އަަށް ހިނިތުންވެލިއެވެ.
ހޭންވެސް އިނގޭ ކުއްޖެއްތާއޭ މާކިންގެ ހިތަށް އެރިއެވެ. މާކިން ބަލަން ހުރިގޮތުން މީތަން އަށް އުނދަގޫވިއެވެ. ދަނީއޭ ބުނެފަ މީތަން ހިނގައިގަތެވެ. އަޔާންވެސް މާކިންއާ ސަލާމް ކޮށްލަމުން ސައިކަލް ދުއްވާލިއެވެ.

ވެފައިވާ ވަރުބަލި ކަމާއެކު އަޔާން އެނދުގައި ހަށިގަނޑު ދަމާލިއެވެ. އެއްޗެހި ބަދަލުކޮށްލާނެ ހިތްވަރުވެސް އޭނާގެ ނެތްކަހަލައެވެ. ދެލޯ މަރާލުމާއެކު މިރޭގެ ހާދިސާ ލޯ ކުރިމައްޗަށް ސިފަވެގެންދިޔައެވެ. މީތަންގެ ލޮލުގައި އަޅާފައިވާ ބޮޑު އައިނުގެ ތެރެއިން އޭނާގެ ލޮލުގައިވާ ޖާދޫ އަޖައިބެއްފަދައެވެ.
“ކާޓޫނު.” އަޔާންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި މޫނުމަތީގައި ބާލީސް އަޅާލަމުން ދެލޯ މަރާލިއެވެ.

އަރައިގެން އައި އިރާއިއެކު ޒާރާ ހުރީ ގޭގެ ގޯތި ތެރޭގައި ހައްދާފައިވާ މާގަަސްތައް ކައިރީގައެވެ. ރޭގައި ވެހުނު ވާރޭ ފެނުގެ އަސަރު ބައެއް ފަތްތަކުގައި އަދިވެސް ހުއްޓެވެ. ލައިގެން ހުރި ފައިވާން ބާލަމުން ފެހިކުލައިގެ ކާޕެޓްގައި ފައި ޖައްސާލުމާއެކު ޒާރާ ތުރުތުރު އަޅައިގަތެވެ. ފިނިކަމުންނެވެ. ކުރިމައްޗަށް ގުދުވެލަމުން ޒާރާ ފެންހޮޅި ނަގާ އިސްކުރު ދޫކޮށްލިއެވެ.
“މަލަކާއަށް އެހެން ހެދީ ޒާރާތަ؟” ޝަރީފާގެ އަޑަށް ސިހިފައި ޒާރާއަށް އެނބުރިލެވުނެވެ. އަތުގައި އޮތް ފެން ހޮޅި ސީދާ އަމާޒުވީ ޝަރީފާއަށެވެ. ޒާރާ އަވަސް އަވަހަށް އަތުގައި އޮތް ފެން ހޮޅި ތިރިއަށް ވައްޓާލިއެވެ. ތެމިފޯވެފައި ހުރި ޝަރީފާ ރުޅިއައިސްގެން ގޮސް މުޅި މީހާ ތުރުތުރުއަޅައެވެ. ޒާރާ ހުރީ ހުއްޓުން އަރާފައެވެ. ޝަރީފާ ކުރި ސުވާލުންނެވެ.
ނުނިމޭ

61

6 Comments

 1. Sw3Et MiNi0N

  November 21, 2018 at 6:10 pm

  Alhey awahah dhen inn part wes up kohdhyba. Cant wait to know when waane goiy?

 2. Sw3Et MiNi0N

  November 21, 2018 at 6:11 pm

  dhen*

 3. rai

  November 21, 2018 at 7:02 pm

  When next..cant wait

 4. Aroo

  November 21, 2018 at 8:38 pm

  Please tonight upkohdheebala.

 5. Gud❤

  November 22, 2018 at 4:24 pm

  Kaaku thr malaka ah ehn hedii

 6. Anonymous

  November 22, 2018 at 7:55 pm

  Maaf kurashey kala mivahakaga dhonmama aa dho dharifulhu ge gulhun.eha kairi va gothah.otheema rangalhu noon. Edhemeehun aee dhaimee.mahramum

Comments are closed.