ލަފްޒަކުން 3
ނުދަންނަ އެތައް ބައެއްގެ ފްރެންޑް ރިކުއެސްޓް އަންނަ އިރުވެސް ދުވަހަކުވެސް ޒާޔާ އެއިން މީހެއްގެ ޕްރޮފައިލްއަށް ވަދެ ހާވާފައެއް ނުވެއެވެ. އެއްވެސް ޝައުޤުވެރިކަމެއްވެސް ނުހުރެއެވެ. ނަމަވެސް އެނުދަންނަ މީހާގެ ޕްރޮފަައިލް ބަލާލަން ޒާޔާ އެހާ ބޭނުންއެވަނީ ކީއްވެ ކަމެއް ޚުދު ޒާޔާއަކަށްވެސް ނޭނގެއެވެ. ސިކުނޑި ވިސްނައިދެމުން ދިޔައީ އަޅައިނުލުމަށެވެ. ނަމަވެސް ހިތް ސިކުނޑިއާ ޚިލާފެވެ. ޒާޔާ ޕްރޮފައިލް ހުޅުވާލިއެވެ.
މީހެއްގެ ފިރިއެކެވެ. ކުޑަކުޑަ ލޯބި އަންހެން ކުއްޖެއްގެ ބައްޕައެކެވެ. ޕްރޮފައިލްގައި ހުރި ފޮޓޯތަކާއި އެއްޗެހި ބަލާލުމަށްފަހު ފޯނު ބޭއްވިއެވެ. ޒާޔާ ތެދުވެގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އޭގެ ހަތަރުވަރަކަށް އަހަރު ކުރީގެ ހަނދާނެކެވެ. އެ ޒުވާނާ ޒާޔާގެ ސަމާލުކަން ހޯދާފައިވަނީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިންނެވެ. އާއެކެވެ. އެއީ ހަމަ އޭނާއެވެ. ތަފާތަކީ ދިގުވެފައިވާ ތުބުޅިއެވެ.
“ޒާޔާ.” ރާއިދުގެ އަޑަށް ޒާޔާ ތެދުވީ ފުންމައިގެންނެވެ.
ޒާޔާ ދުވެ ގޮސް ދޮރު ހުޅުވީ އުފަލުންހުރެއެވެ. ނަމަވެސް ދެލޮލަށް އިސާހިތަކު ކަރުނަތައް ބޮޑިވެގަތެވެ.
“އައްދޭ. އެންމެ ހަފްތާއެއްވީ އިރު ތީ އަދި ވީ ވަރު.” ރާއިދު އަށް ހީލެވުނީ އުފަލުންނެވެ. ޒާޔާ އޭނާ ދެކެ ލޯބިވާ ވަރު ހިތަށް އަރާފައެވެ. ނަމަވެސް ރާއިދުގެ މޭތެރޭގައި މޫނު ފޮރުވައިގެން އޮތް ޒާޔާގެ ހިތަށް ސިފަވަމުން ދިޔައީ އެނުދަންނަ ޒުވާނާއެވެ. ކީއްވެ ހެއްޔެވެ؟ ޒާޔާއަށް ރީތި ފިރިހެނުންގެ ގައިގައި ހުންނަން ޖެހޭ އެއްވެސް ސިފައެއް އެޒުވާނާގެ ގައިގައެއް ނެތެވެ. ހަމުގެ ކުލަ އައްޔެއްވެސް ނޫނެވެ. ތުބުޅި ދެކެ ޒާޔާ ފަކުރުގަނެއެވެ. ނަމަވެސް ދެލޯ މަރާލިޔަސް ފެންނަނީ އެޒުވާނާގެ މޫނެވެ. ޒާޔާ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ހިތަށް ވިސްނައިދޭށެވެ. ޒާޔާއަކީ ރާއިދުގެ ހައްޤެއް ކަމެވެ. އެހެން ފިރިހެނަކާ ދޭތެރޭގައި ވިސްނުމަކީ ފާފައެއްކަން ޒާޔާއަށް އެނގެއެވެ.
“ދެން ދޫކޮށްލަބަލަ ދޯ. ކޮބާތަ ޒިޔަލް.” ރާއިދު ޒާޔާގެ ކޮލުގައި ހިފާލީ ލޯބިންނެވެ.
“ނިދާފަ އެބައޮތް މަންމަ ކޮޓަރީގަ.” ޒާޔާ ރާއިދުގެ ގައިން ދޫކޮށްލިއެވެ.
“ފިނިފިނި ހިތްގައިމު ރެއެކެވެ. ޒާޔާ ލޯގަނޑު ކުރިމަތީގައި ރީތިވެލައިގެން ހުއްޓިލައިގެން އެހުރީ ބޭރަށް ދާ ހިތް ނެތިފައެވެ. އެޒުވާނާ ފެންނަ ހިސާބަކަށް ދާކަށްވެސް ޒާޔާ ބޭނުމެއްނޫނެވެ. ނަމަވެސް ރާއިދުގެ އެދުމާއި ދެކޮޅު ހަދަންވެސް ޒާޔާއަކަށް ނުކެރޭނެއެވެ.
“އަދިވެސް ނުނިމޭ.” ރާއިދު ކޮޓަރި ދޮރުހުޅުވާލާފައި އެތެރެއަށް ބޯދިއްކޮށްލިއެވެ. ދެފަރާތަކަށް ބޯހޫރާލަމުން ޒާޔާ ކޮޓަރިން ނިކުތެވެ. ސައިކަލަށް އަރާ ދުއްވާލިއިރުވެސް ޒާޔާއަށް އިނދެވުނީ ރާއިދު އާއިވަރަށް ދުރުގައެވެ.
“މިރޭ ހާދަ ތަފާތުހެން ހީވޭ؟ ހާދަމަޑުންނޭ ތި އިންނަނީ. ދުރުގަ ތި އިންނަނީ ކީއްވެ؟” ޒާޔާގެ ބަދަލުވެފައިވާ މިޒާޖު ރާއިދު އަށް ފާހަގަވިއެވެ.
“ތީ އެހެން ނޫނީ ނުލާހިކު އަނގަ ގަދަ މީހެއްނު. މަގޭ ގައިގައި ފެންނައިރަށް ތަތްވެ ގަންނާނެ.” ޒާޔާ އެއްވެސް އެއްޗެއް ނުބުނެ އިނުމުން ރާއިދު އިތުރުކޮށްލިއެވެ. ދެންވެސް ޒާޔާގެ ޖަވާބެއްނައެވެ. ޒާޔާ އަށް ޖަވާބު ދެވޭނީވެސް އަޑުއިވޭނަމަތާއެވެ. ޒާޔާގެ ހިތާއި ކުޅެމުންދާ ޒުވާާނާ އެހުރީ ޒާޔާގެ ކުރިމަތީގައެވެ. މަގުމަތީގައި ދިއްލާފައިވާ ލައިޓް ކައިރީގައި އެކުވެރި ދެތިން ކުއްޖަކާއެކުގައެވެ. ހިތުގެ ހިނގުން އަވަސްވެ އެޔަށް ފިނި ރޭގައިވެސް ޒާޔާ ދާހިތްލާ ފޯވެއްޖެއެވެ.
“ރާއިދު. ހިނގާ ގެޔަށް. އަޅެ ވަރަށް ބޮލުގަ ރިއްސާ.” ޒާޔާ ރާއިދުގެ ބުރަކަށީގައި މޫނު ޖައްސައި ބާރުކޮށްލިއެވެ.
އެރޭގެ ހަތަރުދަން ޒާޔާ ހޭދަކޮށްލީ އެގޮތުގައެވެ. ލޮލަކަށް ނިންޖެއް ނައެވެ. ރާއިދު ނިދަންދެން ނިދާ ކަމަށް ހެދިގެން ޒާޔާ އޮތީއެވެ.
އާ ދުވަހަކަށް ދުނިޔެ އަލިވިލުނު އިރުވެސް ޒާޔާ އޮތީ ނުނިދިފައެވެ.
“މާ ބަލިއްޔާ ޑޮކްޓަރަށް ދައްކާލަންވީނު.” ކޮޓަރި ދޮރުހުޅުވާލާފައި ވަތް ފާއިޒާ އަށް ޒާޔާގެ މަތިމަރުވެފައިވާ މޫނު ފެނުމުން ހީކުރީ ޒާޔާ އަދިވެސް ބަލީ ކަމަށެވެ.
އެވަގުތު ޒިޔަލް ހޭލައިގެން ރޮއެގަތެވެ. ފާއިޒާ އަވަސް އަވަހަށް ގޮސް ޒިޔަލް ނަގައި އުރާލިއެވެ.
“މަންމަ ދަނީ މިސޮރު ގޮވައިގެން. ދަރިފުޅު ތެދުވެ ފެންވަރާލަބަލަ.” ފާއިޒާ ޒިޔަލް އުރާލައިގެން ނިކުތީ ބޭރަށެވެ.
“ރާއިދު..ރާއިދު ތެދުވެބަލަ.” ނިދާފައި އޮތް ރާއިދު ލައިގެން އޮތް ޓީޝާޓްގައި ހިފައި ޒާޔާ ދަމައިގަތެވެ.
ރާއިދު ޒާޔާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“އަދި ނިދާބަލަ ޒާޔާވެސް.” ރާއިދު ޒާޔާގެ މޫނުން ވަސްބަލާލިއެވެ.
“ނުތެދުވަންޏާ އޮވޭ. މަގޭ ގައިން ދޫކޮށްލާ.” ޒާޔާގެ ހަރުކަށި ރާގުން ރާއިދުއަށް ލިބުނީ ކުއްލި ސިހުމެކެވެ. މިނޫނީ ދުވަހަކުވެސް ޒާޔާ އެގޮތަށް ވާހަކަ ދައްކާފައި ނުވާތީއެވެ. މީގެ ކުރިން ރާއިދު ކޮށްލާ އެކަހަލަ ސަމާސާއިން ޒާޔާ ވާނީ އުފަލެވެ. ޒާޔާ ދެލޯ އަޅާލަމުން ތެދުވެގެން ގޮސް ފާހާނާއަށްވަނެވެ.
ދުވަހަކީ ހުކުރު ދުވަސް ކަމުން ގޭތެރެ އޮތީ ފުރިފައެވެ. ފާއިޒާ އާއި ޒާޔާ ބަދިގެ ތެރޭގައި އަވަދިނެތި އުޅެމުން ދިޔައިރު ޔަމަން އާއި ރާއިދު ގޭތެރެ ސާފުކުރަނީއެވެ.
“އައްސަލާމް އަލައިކުމް.” މީހަކު ސަލާމް ގޮވާލި އަޑަށް ބަދިގެ ފަރާތުން ޒާޔާ ނިކުތެވެ.
ވަގުތުން ޒާޔާގެ ދެފައި ގަނޑުވި ކަހަލައެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ޒާޔާއަށް ނޭނގުނުތާނގައި ވާހަކަދައްކަން އަނގަވެސް ހުޅުވައެއް ނުލެވުނެވެ.
“މީ އޮފީހުން ދިން ފޮތް ލިސްޓެއް. ގުޅޭނެ ނަމްބަރެއް ޖަހާފަ ނެތީމަ.” ކުރިމަތީގައި ހުރި އަންހެން ކުއްޖާ ހިނިތުންވެލިއެވެ.
“ތީ ކާކު؟” ޒާޔާ އަދިވެސް ހުރީ އެ އަންހެންކުއްޖާއަށް ކަޅިވެސް ޖަހައިނުލާ ބަލާށެވެ.
“ދިލާ.” އަތުގައި އޮތް ފޮތްލިސްޓް ދިލާ ޒާޔާއަށް ދިއްކޮށްލިއެވެ.
“މިކޮޅަށް އެއްކޮށް ބަދަލުވީތަ؟ ޒާޔާ އެނގެޔޭ މަށަށް. ޒާޔާއަށް މަށެއް ނޭނގުނު ދޯ.” ދިލާ އޮޅުންފިލުވައިދިނެވެ.
“މިހާރު އެނގިއްޖެ. މެރީ ކުރީތަ؟” ޒާޔާ ބޭނުންވީ ހުރިހާ މައުލޫމާތެއް އެނގިހުރެވެސް ހޯދާށެވެ. އެ ޒުވާނާގެ އަންހެނުންކަން ވެސް އެނގިހުރެއެވެ.
“ތިކަން ނިމިއްޖެ. ބޭބީ އެއްވެސް ހުރޭ.” ދިލާ އެތަނުގައި ހުރި ޖޯލީގައި އިށީނދެލީ ޒާޔާ އިށީންނުމަށް އިޝާރާތްކުރުމުންނެވެ.
“އެހެންތަ؟ ރަށު ކުއްޖަކާއެއްނޫންތަ އިނީ؟” ޒާޔާ ވާހަކަ ދެއްކީ ސީދާ ދިލާގެ ލޮލަށް ބަލަން ހުރެއެވެ. ބޭނުންވާ ހުރިހާ މައުލޫމާތެއް ޒާޔާ ބޭނުމީ ހޯދާށެވެ. ޒާޔާ އަށް ބުނެދޭން ނޭގެނީ ކީއްވެ ކަމެވެ.
“ރަށު ކުއްޖަކާ. ޝާރިފް. އެކަހަލަ ފިރިއެއް ލިބޭނީ ހަމަ ނަސީބުވެރިއަކަށް.” ނޭނގި ނަމަވެސް ދިލާ އަށް ވިކައިލެވުނީ ޒާޔާގެ ހިތުގައެވެ.
“ބޯއީ ކުއްޖެއްތަ ލިބުނީ؟” ހިތަށް ކުރަމުންދިޔަ ބުނެދޭން ނޭނގޭ އިޙްސާސްތައް ފޮރުވުމަށްޓަކައި ޒާޔާ ގަދަކަމުން ހިނިތުންވެލިއެވެ.
“ނޫން. އަންހެންކުއްޖެއް. މޫޝަން.” ޒާޔާ ޖޯލިން ތެދުވީ ދިލާ ވާހަކަ ދައްކަ ދައްކާ އޮށްވައެވެ.
“އަދި ފަހުން ދިމާވާނު.” ޒާޔާ ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތް އިރު ރާއިދު ފާހާނައިގެ އުޅޭ ކަމެއް ޒާޔާ އަކަށް ނޭނގުނެވެ.
އަޑު ހަރުކޮށް ޒާޔާއަށް ރޮއެގަނެވުނެވެ. ކޮންކަމަކާ ހެއްޔެވެ؟ ބަޔަކު އުފަލުގަ އުޅޭތީ ހެއްޔެވެ؟ ޝާރިފް އަކީ ޒާޔާ އާ ބެހޭ މީހެއް ހެއްޔެވެ؟ ދިލާ އުފަލުގައި އުޅުނަސް ޒާޔާ އަށް ކީއްހެއްޔެވެ؟ ދެރަވާންވީ ކޮންކަމަކާއި ހެއްޔެވެ؟ ޚުދު ޒާޔާ ވެސް އުޅެމުން އެގެންދަނީ ކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟
“ޒާޔާ ރޯ އަޑަށް ރާއިދު ފާހާނާއިން ނިކުތެވެ.
“ޒާޔާ. ކިހިނެއްވީތަ؟” ވާނުވާ ނޭނގޭހާލު ރާއިދު ހާސްވިއެވެ.
“ބޮލުގައި ރިއްސަނީ.” ދޮގުހަދަން ޒާޔާއަށް މަޖުބޫރުވީއެވެ.
“ރާއިދު. މަށާއި ޒިޔަލް މާލެ ފޮނުވަބަލަ. ނޫނީ ހިނގާ ދާން އެންމެން.” ޒާޔާ ރާއިދުގެ މޭތެރޭގައި ބޮޑިވެގަތެވެ.
“ކިހިނެއް؟ ކީއްވެ؟ ކުއްލިއަކަށް މާލެ ދާން ތި ކިޔަނީ.” ރާއިދު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފަަައެވެ.
“ބުނެބަލަ ތި ވެގެން އުޅޭގޮތެއް.” ޒާޔާ ހިމޭންވެފައި ހުރުމުން ރާއިދު ޒާޔާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ ނަމަވެސް ރާއިދުއަށް ކޮންމެވެސް ޖަވާބެއް ދޭންޖެހޭނެކަން ޒާޔާއަށް އެނގެއެވެ.
“ދެން ނޭނގެ. މިރަށް އެހާ ކަމަކު ނުދޭ.” އެންމެ ފަހުން ބުނާނެ އެއްޗެއް ނޭނގި ވިސްނަން ހުރެ ޒާޔާ ޖަވާބުދިނެވެ.
“ރާއިދު.” އެވަގުތު ރާއިދުއަށް ގޮވައިލަމުން ޔަމަން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.
“ހިނގާބަލަ ވަލުގައި ހިފާލަދޭން. މިތާ އޮތް ބޮއްކުރައެއް ބާލަންވެގެން މިއުޅެނީ.” ރާއިދު ދޮރުހުޅުވާލުމުން ޔަމަން ބުނެލިއެވެ. ކައިރީގައި ނުދަންނަ ފިރިހެން ކުއްޖެއްވެސް ހުއްޓެވެ.
“މީ ޝާރިފް. ވަރަށް ގާތް ކުއްޖެއް.” ޔަމަން ރާއިދުއަށް ޝާރިފް ތަޢާރަފްކޮށްދެމުން ހިނގައިގަތެވެ.
ކޮޓަރި ތެރޭގައި ހުރި ޒާޔާ އަށް ޝާރިފްގެ ނަން އިވުމާއެކު އަވަސް އަވަހަށް ދޮރު ކައިރިއަށް ގޮސް ދޮރުން ބޯދިއްކޮށްލިއެވެ. އޭރު އެތިން މީހުން ދޮރުން ނިކުމެގެންދަނީއެވެ.
ދުވަސްތައް މާޒީ ވަމުންދެއެވެ. ރާއިދު އެއްބަސްކުރުވައިގެން ޑޮކްޓަރަށް ދައްކަން ނަމުގައި ޒާޔާ ޒިޔަލް ގޮވައިގެން މާލެ ފުރުމަށްޓަކާ ފްލައިޓްގައި އިށީނދެލައިގެން އިނެވެ. ދެން ދުވަހަކުވެސް ރަށަށް ނުދާން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. އެއްވެސް ގުޅުމެއްނެތް އެނުދަންނަ ޒުވާނާ ޒާޔާގެ ހިތާއި ސިކުނޑި ކޮންޓްރޯލް ކުރާކަށް ޒާޔާ ނޭދެއެވެ. ވިސްނާ ވިސްނާ މޮޔަވާކަށް ޒާޔާ ބޭނުމެއްވެސް ނޫނެވެ. ބައެއްގެ ދިރިއުޅުމު ތެރެއަށް ވަންނާކަށްވެސް ހިތެއް ނޭދެއެވެ. ޒާޔާ އަށް ވުރެ އެޒުވާނާ އުމުރުގެ ގޮތުންވެސް ހަގެވެ. ވީ އިރު އެހާ އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކު ޒާޔާއަށް ސަމާލުކަމެއް ދޭންވީ ކީއްވެހެއްޔެވެ. މާލެ ދާން ޒާޔާ ނިންމީ އެންމެ ސަބަބަކަށްޓަކައެވެ. ނުފެންނަންޏާ ޒާޔާ އަށް ޚިޔާލީ ފޮލާ ކައްކައިގެން އުޅެވޭނެއެވެ. ޒިޔަލް ގަޔާ ކައިރިކޮށްލަމުން ޒާޔާ ދެލޯ މަރައިލީ ފްލައިޓް ނައްޓާލީމައެވެ. ކުލައެއް ނެތް ހުވަފެންތަކުގައި ކުލަޖެއްސޭތޯއެވެ.
މާލޭގެ ހަލަބޮލި ފަސްގަނޑުގައި ފައި ޖެހުމާއެކު ޒާޔާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ރާއިދުގެ ބޭބެއާއެކު ގެޔަށް ދިޔައީވެސް ހިތްހަމަޖެހިގެން ހުރެއެވެ.
ޒިޔަލް ނިންދާފައި ރާއިދުއަށް ގުޅާލިއެވެ. އެތައް އިރަކު ވާހަކަދައްކާ ހީ ސަމާސާ ކުރުމަށްފަހު ޒާޔާ މެސެންޖަރ ހުޅުވާލިއެވެ. ފުލުން ފުލުން މެސެޖްތައް އަންނަމުން ދިޔައެވެ. ފަހަރަކު މެސެޖެއް ހުޅުވާލަމުން ދިޔަ ޒާޔާގެ ލޮލުގައި އަޅައިގަތީ އެޒުވާނާ ކޮށްފައިވާ މެސެޖެކެވެ. ހަމައެކަނި “ހައި” ޖަހާލާފައެވެ. ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައަޅައިގެން ހުރި ޒާޔާ މެސެޖް ޑިލީޓް ކޮށްލިއެވެ. ހަމައެވަގުތު އަނެއްކާވެސް އިތުރު މެސެޖެއް އަތުވެއްޖެއެވެ. ހަމަ ކުރީގެ މެސެޖެވެ.
“ކޮޕީ ޕޭސްޓް ކުރަނީ ތޯއްޗެކެވެ. ތުން އަނބުރާލަމުން ޒާޔާ އަނެއްކާވެސް މެސެޖް ޑިލީޓް ކޮށްލިއެވެ. އަނެއްކާވެސް ހަމަ އެ މެސެޖެވެ.
ޒާޔާ ޓައިޕްކުރަން ފެށިއެވެ. ތީ ދިލާގެ ފިރިމީހާ ދޯއެވެ. ވަގުތުން ޖަވާބު އައީ ޔެސް އޭ ކިޔާފައެވެ.
‘ކިހިނެއްވީ؟’ ޒާޔާ ލިޔެލާފައި ފޮނުވާލިއެވެ. ޖަވާބުގައި އައީ ކަމެއް ނުވާ ކަމަށެވެ. އަދި ބާއި ވެސް ބުނެފިއެވެ. ޒާޔާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވާހަކަ ދެއްކީވެސް އަމިއްލައަކަށެވެ. ހާދަ ރޫޑް މީހެކެވެ. ބާއި ވެސް ކިޔާލީ ކުއްލިއަކަށެވެ.
އިރުކޮޅެއްފަހެވެ. އަނެއްކާވެސް ހައި ޖަހާލާފައި މެސެޖްކޮށްލައިފިއެވެ. ވަގުތުން ޒާޔާއަށް ޖަވާބުވެސް ދެވިއްޖެއެވެ. ވާހަކަ ދައްކަންވެސް ފެށިއްޖެއެވެ. ރާއިދުއަށް ސިއްރުންނެވެ. ދައްކާ ހުރިހައި ވާހަކައެއް ވަގުތުން ޑިލީޓް ކޮށްލެވެއެވެ. ރަނގަޅުކަމެއް ނޫންކަން އެނގެއެވެ. ނަމަވެސް ހިތަށް ހިތްހަމަޖެހުން ލިބޭތީ ކުރެވެނީއެވެ.
ދުވަސްތައް މާޒީގެ ސޮފްޙާތަކަށް ގެއްލެމުން ދެއެވެ. ޒާޔާއަކީ މިހާރު މިދުނިޔެމަތީގައި ހުރި އެންމެ އުފާވެރި މީހާއެވެ. ޝާރިފްގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ޒާޔާއަށެވެ. ދުވަސް އެއްކޮށް ވާހަކަދައްކައެވެ. މެސެޖުންނެވެ.
ފަހުންވާނެ ގޮތަކާއި ދޭތެރޭގައި އެކަކުވެސް ނުވިސްނައެވެ.
އެގޮތަށް ވާހަކަ ދައްކާތާ އެއްމަސް ފާއިތުވެއްޖެއެވެ. ޒާޔާ އެނބުރި ރަށަށް އައީ ޝާރިފްގެ އެދުމުގެ މަތިންނެވެ.
ރާއިދު ރަށުގައި ނެތް އިރު ޒާޔާ ރަށަށް އައީ ރާއިދުއަށް އަންގައިވެސް ނުލައެވެ.
އެންމެން ތިބީ އުފަލުންނެވެ. ޒާޔާ އެނބުރި އައީތީއެވެ.
ޒާޔާގެ އަތުން ފޯނު ދޫވާ އިރެއް ނާދެއެވެ. މޫނުމަތިން ހިނިތުންވުމެއް ނުފިލައެވެ. ޝާރިފް ޖަހާ ހާ ބެރަކަށް ނަށަމުން ދިޔައީ ދެލޯ މަރައިގެން ހުރެއެވެ.
އަލަށް ޝާރިފް އާ ފޯނުން ވާހަކަދެއްކި ދުވަހު ޒާޔާ އުފަލުން މޮޔަނުވީ ކިރިޔާއެވެ. ނަމަވެސް މިފަހަރު ޝާރިފްގެ އެދުމަކަށްވީ ޒާޔާއަށް ކުރަން އެންމެ އުނދަގޫވި ކަންތަކެވެ. ބައްދަލުކުރުމެވެ. މުޅި ދުނިޔެއަށްވެސް ސިއްރުންނެވެ. ކޮންމެ ފަހަރަކު ކޮންމެވެސް ސަބަބެއް ޒާޔާ ދިޔައީ ދައްކަމުންނެވެ. އެންމެ ފަހުން ދައްކާނެ އިތުރު ސަބަބެއްނެތި ޒާޔާ ޝާރިފް އާއި ބައްދަލުކުރަން އެއްބަސްވިއެވެ. ރާއިދު އާއި ދޭތެރޭގައި ވިސްނާވެސް ނުލައެވެ.
ފޯނުން ގަޑި ބަލަބަލާ އިން ޒާޔާ އިންތިޒާރު އެކުރަނީ ހަތެއް ޖަހަންދެނެވެ. ޝާރިފްއާ ބައްދަލުކުރަން ދާން ފަސްޖެހެނީއެވެ. ގަޑި ކުޑަތަންވާ ވަރަކަށް ޒާޔާގެ ހާސްކަންވީ އިތުރެވެ. ޒިޔަލްއަށް ކާން ދިނުމަށްފަހު މަންމަ އަތަށް ދީފައި ޒާޔާ ނިކުތީ ހައުލާ މެންގެއަށް ދިއުމުގެ ނަމުގައެވެ.
ގެއިން ނިކުތުމަށްފަހު ޒާޔާ މިސްރާބުޖެހީ ހައުލާ މެންގެއާއި ދިމާއަށެވެ. ޒާޔާ އަޅާ ކޮންމެ ގޯޅިއަކުން ޝާރިފްގެ ސައިކަލްވެސް ދަތުރުކުރަމުންދިޔައެވެ. ދެން ފެނުނީ ޝާރިފް ސައިކަލްގައި އައިސް ޒާޔާގެ ކުރިމަތީގައި މަޑުކޮށްލިތަނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެން ހުރެ ޝާރިފް ޒާޔާ އާއި ދިމާއަށް އަތް ދިއްކޮށްލިއެވެ.
ނުނިމޭ
3 Comments
Comments are closed.
Wowww masha allah varah nice mi.part ves??❤❤?
V reethi masha allah…when next part
Varah reethi ❤️❤️❤️. When next part