ނާއިލް ވިހަ ހިނިތުންވުމަކާއެކު އައިރާ ގޮސް އޮބާލަންދެން ބަލަން ހުއްޓެވެ.
އައިރާ ގެޔަށް ދިޔަގޮތަށް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ލޮލުން އަންނަމުންދާ ކަރުނަތައް ހިފެހެއްޓޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. މިހުރިހާ ދުވަހު ބިނާ ކުރަމުން އައި ހިޔާލީގަނޑުވަރު ހިނދު ކޮޅެއްގެތެރޭގައި ވެއްޓި ފުޑުފުޑުވީއެވެ. އޭނާ އަށް ކުރެވުނީ ކުށްހީއެކެވެ. އައިރާގެ ހިތައް އަރަމުން ދިޔައެވެ. އެހެން ކުދިންނާ ވާހަކަ ނުދައްކާއިރު އަރީން ވަކި އޭނާއާ ވާހަކަ ދައްކާނެހެއްޔެެވެ. އޭނާގެ ހިތް މިއަދު އޭނާއަށް ކެހިދީފިއެވެ. ހިތް ބުނާހާ ގޮތަކަށް ހެދުމުން މި ލިބުނީ ލަޑެކެވެ. ދުވަހަކުވެސް ހިތުން ނުފިލާވަރުގެއެވެ. ހަޔާތުގަ ފުރަތަމަ ފަހަރަށް ވެވުނު ލޯބީގަވެސް ކުރިމަރިވީ ނާކާމިޔާބީއެވެ. އައިރާ ހިތުގަ އަޒުމު ކަޑައެޅިއެވެ. އަރީން ހާސިލްވުމަށް އުއްމީދު ނުކުރުމަށެވެ. މި ދިމާވި ކަމަކުން ދެން ސްކޫލަށް ދާން ކެރޭނެ ބާއެވެ. ނާއިލް އެންމެންގެ ކުރިމަތީގައި އޭނާ ލަދުގަންނަވާލާނާއެވެ.
****
އާދިއްތަ ދުވަހެވެ. އައިރާއަށް ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. މިއަދު ސްކޫލަށް ނުދާންވީއޭވެސް ކިތަންމެ ފަހަރަކު ހިތައް އަރަމުން ދިޔައެވެ.އެހެން ނަމަވެސް ސްކޫލަށް ނުގޮސް ވާކަށްވެސް ނެތެވެ. އިމްތިހާންވެސް އޮތީ ބޯމަތި ވެފައެވެ. އައިރާ އަކީ ވިސްނޭ ކުއްޖެކެވެ. ހަޔާތުގައި ދިމާވާ މި ކަހަލަ ކަމަކުން އަދި ކިޔެވުމާ ދުރަށްދާކަށް ނުޖެެހެއެވެ.
***
“ލޯބި ވެޔޭ ބުނެލުމުން ، ނޭނގި މުޅިން ހިތް ދިނުމުން ވާނީ ހައިޖާން” އައިރާ ކުލާހަށް ވަން އިރު ހުރިހާ ފިރެހެން ކުދިން ކަހަލަ ގޮތަކަށް ކިޔަމުން ދަނީ މިލަވައެވެ. މިއީ ނާއިލްގެ ކަމެއްކަން އައިރާއަށް ވަގުތުން އެނގުނެވެ. އައިރާ މަޑުމަޑުން އައިސް އިށީނެވެ. ” ކުރީ ރޭ އައިރާ ދިޔައީ ޔޯ ރަސްފަންނަށް.. އޭނަ ހޯދަން ދިޔަ ކުއްޖެއް ނުފެނުނޯ” ފަހަތުން އިވުނީ ނާއިލްގެ އަޑެވެ. އަރީން އަށް ވަނީ ކީއްކަމެއް ވެސް ނޭނގެއެވެ. އައިރާގެ ފެންކަޅިވެފައިވާ ލޯ އަރީންނަށް ރީތިކޮށް ފެނުނެވެ. އައިރާ ލޯ މަރާލި ވަގުތު އެ ވެއްޓުނު ކަރުނަތިކިން އަރީންގެ ހިތް ކުދި ކުދިވާ ވަރުވިއެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭގުނަސް އައިރާގެ ދިފާއުގަ އޭނަ ބުނަން ބޭނުން ކިތަންމެ އެއްޗެއް ހިތުގައި ޖަމާވަމުން ދިޔައެވެ. ދުލާ ހަމައަށް އެބަސްތައް އޭނައަށް ގެންނަން ނުކެރެނީއެވެ. އަމިއްލަ ފިޑި ކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް އޭނާ އަށް ކުރެވުނެވެ.
*****
. އަރީންނަށް އައިރާގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ. ކުރިން ބަލާލާފަ ހީލާ ގޮތައް ހީވެސް ނުލައެވެ. އެއްތަނަކުން ދިމާ ވިޔަސް އައިރާ އަވަސް އަވަހަށް އެތަނަކުން ނުކުމެގެންދެއެވެ. އެހެންކަމުން އަރީން އަކަށްވެސް އައިރާއާ ވާހަކަ ދެއްކުމުގެ އެއްވެސް ހިތްވަރެއް ނުލިބުނެވެ. މިގޮތުއި ދުވަސްތައް ވޭތުވަމުން ގޮސް ކިޔެވުމުގެ ދުވަސްތައް ނިމިއްޖެއެވެ. ދެން ހަމަ ގައިމުވެސް އައިރާއެއް ނުފެންނާނެއެވެ. ދެން އައިރާ ހޯދަން ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެއެވެ.ކުރާނީ ކީއްހެއްޔެވެ؟ ވެހޭތާ ފެންނުނެގުަަނީމަ ވީގޮތެވެ.
****
ދުވަހަކަށް ފަހު ދުވަހެއް މާޒީއާ އެކުވަމުން ދިޔައެވެ. އައިރާ މިހާރު އަބަދު އުޅެނީ ގޭގައެވެ. މަންމަ އަށް އެހީތެރިވެދިނުމުގައެވެ. ހަގަށް ތިބި ދެކޮއްކޮވެސް އެހާކުޑައެވެ. އައިރާގެ ހަގަށް ހުރި އީރާއަށް މިވީ 4 އަހަރެވެ. އެންމެ ކުޑަ ކޮއްކޮ އާރާ އަށް 2 އަހަރެވެ. އެހެންކަމުން ގޭތެރޭގެ މަސައްކަތުގައި މަންމަ އުޅެނީ އަވަދިނެތިއެވެ. މަންމަ އަކީ މުރާލިކަމާއި ހީވާގި ކަމުގެ ނަމޫނާއެކެވެ. ދަރިންގެ ކަންތައްތައް ބަލަމުން ލާރިލިބޭ އިތުރު މަސައްކަތްތައް ކުރެއެވެ. ބައްޕަ ކުރާ މަސައްކަތުން ދެކޮޅު ނުޖެހޭތީއެވެ. ގޭގެ ކުއްޔާއި ކަރަންޓު ބިލާ ފެންބިލާ ދައްކާފަ ފަހަށް ރައްކާކުރާނެ ރުފިޔާއެއް އަތުގައެއް ނޯވެއެވެ. ދެން އޮތީ ދަރިންގެ ހަރަދުތަކެވެ. ބައްޕަ ސައިކަލެއް ނެގުންވެސް ވީ އެޅުނު އިތުރު ހަރަދަކަށެވެ. އެކަމަކު އެއީ ބައްޕަގެ އަވަދިނެތް ދިރިއުޅުމަށް ލިބުނު ފަސޭހައެކެވެ. މަންމަ އެ މަސައްކަތްތައް ނުކުރާނަމަ މަސް ނިމޭ އިރު ގޭގަ ކާނެ އެއްޗެއް ނުހުރީހެވެ. މިއަދު މަންމައަށް އެހީތެރިވެދޭން ހުރި މީހަކީ އައިރާއެވެ.ވަޒީފާއެއް ލިބޭތޯވެސް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. އެއީވެސް ފަސޭހަކަމެއް ނޫނެވެ. ވަޒީފާއަށް އިއުލާން ކުރާއިރުވެސް ވަޒީފާދޭނެ ކުއްޖާވެސް އިންނާނީ ހަމަޖެހިނިމިފައެވެ. އިއުލާނަކީ މީހުންގެ ލޯތަކުގައި އަޅުވާއަދުނެކެވެ. މިއީ ކޮރަޕްޝަން އާންމުވެފައިވާ މުޖުތަމައުއެއްގަ ކަން ހިނގާދާނެގޮތެވެ. އެހެންނަމަވެސް އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. އޭލެވެލް ނަތީޖާ ލިބުނީމަ އަދި ވަޒީފާއެއް ލިބޭނެއެވެ.
*****
ދަންވަރުގެ ވަގުތެވެ. އައިރާ އަށް ހޭލެވުނީ ގޭ ފޯނު ރިންގުވާ އަޑަށެވެ. އިރުކޮޅަކުން އިވުނީ މަންމަގެ ހަޅޭކުގެ އަޑެވެ. އައިރާ އަވަހަށް ކޮޓަރިން ނުކުތެވެ..

(ނުނިމޭ)

37

3 Comments

  1. Someone

    October 27, 2018 at 8:44 pm

    Haadha kurey mi part… anyways stry varah reethi waiting for the next part

    • Nashy

      October 28, 2018 at 12:22 am

      Thank u ?

  2. RHAI

    October 31, 2018 at 4:16 pm

    Gud work nashy. Keep going

Comments are closed.