ހިތް ނުރޮއްވާ… (26)
…..ރިހާދެކެ ޒީޝާން ލޯބިވާކަން އެނގުނު ފަހުން ރިހާ ވަނީ ޒީޝާނާއި ދުރުވެފައެވެ. ކުރިން އެކުގައި މަސައްކަތްކޮށް ހީ ސަކަރާތްޖެހާ އުޅުނު ނަމަވެސް މިހާރު ރިހާ ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ ނުބުނެއެވެ. މިއަދުވެސް އެތައްފަހަރަކު ރިހާއަށް ގުޅިއްޖެއެވެ. ނަމަވެސް އެއިން އެއްފަހަރުވެސް ފޯނަށް ޖަވާބު ނުދެއެވެ. އެ ދުރުހެލިކަން ޒީޝާނަށް ވީ ކެތްކުރަންދަތި ވޭނަކަށެވެ.
އޮފީސް ނިންމާލުމަށްފަހު އައިގޮތަށް ޒީޝާން އޮތީ އެނދުމަތީގައެވެ. ޒީޝާން ހޯދަމުން އައި އޭނާގެ މަންމަ، ސަމީރާ އެކޮޓަރި ކުރި މައްޗަށް އެރިއިރު ކޮންމެވެސް ވަރަކަށް ހުޅުވިފައިހުރި ދޮރުން ޒީޝާން އޮށޯވެލައިގެން އޮތްގޮތް ފެނުމުން އޭނާގެ ލޯބިވާ ދަރިފުޅު ކޮންމެވެސް ކަމަކާއި ފިކުރުކުރަނީކަން ފުރަތަމަ ނަޒަރުންވެސް އެ މަންމަގެ ހިތް ބުނެލިއެވެ. ސަމީރާ ގޮސް ލޯމަރާލައިގެން އޮތް ޒީޝާންގެ މަގަތުގައި އިށީންނަމުން ޒީޝާންގެ ނިތްކުރީގައި ލޮތްބާއެކު ފިރުމާލިއެވެ. މަންމަގެ އެ އޯގާތެރި ފިރުމުމުގެ އިޙްސާސް ކުރެވުމާއި އެކު ޒީޝާން ދެ ލޯ ހުޅުވާލާ މަންމައަށް ހިނިތުންވެލިއެވެ. “ދަރިފުޅު ހާދަ ފިކުރުބޮޑުވެފަ… ކިހިނެއްވީ؟” ސަމީރާ ވަރަށް ލޯބިން ޒީޝާން ކުރެ އެހެން އަހާލިއިރުވެސް ސަމީރާގެ ލޮލަށް ފެނިފައިވާ މަންޒަރު ތަކުންނާއި އަމިއްލަ ތަޖުރިބާއަށް ބަލާފައި ވެގެން އުޅޭގޮތް އޭނާއަށް އެނގެއެވެ. ސަމީރާގެ އެންމެ ހަގު އަދި އެންމެ ލޯބިން ބަލާބޮޑުކުރި ދަރިފުޅުގެ ހަޔާތަށް ކޮންމެވެސް އަންހެންކުއްޖެއް އައީއެވެ. “ކަމެއްނުވެއޭ މަމް. ކުޑަކޮށް ވަރުބަލިވީ” ޒީޝާން އޭނާގެ ހިތުގެ ހާލު އެއްވެސް މީހަކާއި ހިއްސާ ކުރަން ބޭނުންނުވާތީ ބުނެލިއެވެ. “ޝާން! މަންމައަށް ތަ ތި އޮޅުވާލަނީ؟ ދަރިފުޅު ހީކުރީ މަންމައަށް އެއްވެސް ކަމެއް ނޭނގޭ ކަމަށްތަ؟” ސަމީރާ ކުރަންފެށި ސުވާލުތަކުން ޒީޝާން ކުޑަކޮށް ހާސްވެ ސަމީރާއަށް ބަލާލުމުން ހިނިތުންވެލަމުން ޒީޝާން ގާތު ސަމީރާ އަހާލިއެވެ. “ދެން ބުނެބަލަ! ކޮން ކުއްޖެއްތަ އެއީ؟”
ޒީޝާން ފާޑަކަށް ރަކިވިއެވެ. “ކޮން ކުއްޖެއްގެ ވާހަކަތަ މަމް ތި ދައްކަނީ؟” ބުޅާ ގޯނިން ބޭރުވެއްޖެކަން އެނގުމުންވެސް ނޫންކަމަށް ހަދާލަމުން ޒީޝާންވެސް ސަމީރާއާއި ހަމަ އެ ސުވާލު ކޮށްލިއެވެ. “މިއަހަނީ ދަރިފުޅަށް ކަމުގޮސްގެން ތިއުޅެނީ ކޮން އަންހެން ކުއްޖެއްހޭ؟” ސަމީރާ އަނެއްކާވެސް އަހާލިއެވެ. “ނޭނގެ މަންމައަށް ކަމުދާނެ ކަމެއް!” ބުނަން ނުބުނަން އިނދެފަ އެންމެފަހުން ލަދުން އިނދެ ޒީޝާން ބުނެލިއެވެ. ސަމީރާ އިތުރު އެއްޗެއް ނުބުނެ ބަލައިން އިން ގޮތުން މަންމަ އެ އިންތިޒާރު ކުރަނީ އެ ކުއްޖެއްގެ ނަން ބުނާދެންކަން އެނގުމުން އިސްޖަހާލަމުން ޒީޝާން އަނެއްކާވެސް ބުނެލިއެވެ. “ރިހާ!” ރިހާގެ ނަން ބުނެފަ ސަމީރާގެ މޫނަށް އަނެއްކާވެސް ޒީޝާން ބަލާލީ އެ މޫނަށް އަރާފައިބާ ކުލަވަރު ބަލާލުމުގެ ބޭނުމުގައެވެ. ސަމީރާގެ މޫނަށް ހަދާލިގޮތަކުން ޒީޝާންގެ ހިތް ކުޑަކޮށް ތެޅިލިއެވެ. ރިހާގެ ނަމާއިއެކު އެ މޫނުން ކުލަ އޮއްސިގެން ދިޔަތަން ފެނުމުން ޒީޝާން ޤަބޫލުކުރީ ސަމީރާއަށް ރިހާ ކަމުނުދިޔައީ ކަމުގައެވެ. ނަމަވެސް ހަމައެހިނދުކޮޅު ޒީޝާންގެ މޫނުމައްޗަށް ހިނތުންވުން ގެނެސްދިނީ ސަމީރާ ހިނތުންވެލަމުން ބުނި އެއްޗަކުންނެވެ. “މަންމައަށް ރިހާ ވަރަށް ކަމުދޭ…” ސަމީރާ އެއްޗެއް ވިސްނާލަމުން ކުޑައިރުކޮޅަކަށް ވާހަކަ މެދުކަނޑާލާފައި އަނެއްކާވެސް ބުނެލިއެވެ. “އަދި ބުނެފާނަން އެއްވާހަކަ. ދަރިފުޅުގެ ބައްޕައަށްވެސް ރިހާ ވަރަށް ކަމުދޭ” މަންމަގެ އެ ޖުމްލައިން ޒީޝާން އިތުރަށް އުފާވިއެވެ.
ހަވީރުގެ ވަގުތެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް އޮފީހުގެ ކަންކަން އަވަހަށް ނިންމާލުމަށްފަހު “ޕެރެޑައިސް”ގެ ގޯތިތެރެއަށް ވަދެގެން އައި ރިހާ ފުރަތަމަވެސް ހޯދީ މާޔާއެވެ. ނިހާގެ ޝޮޕިންގ ލިސްޓް ތައްޔާރުކުރަން ހަވާލުކުރީ މާޔާއަށް ކަމަށްވުމުންނެވެ. މާޔާ ވަނީ މާޔާއާއި ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. ނިހާ ގާތު އަހައިގެން ނިހާއަށް ކަމުދާ އެއްޗެއްސާއި އެކު މާޔާ ލިސްޓް ތައްޔާރުކޮށްފައިވުމުން ނިހާގެ ބަހެއް އިތުރަށް ހޯދުމަށް ރިހާ ނޫޅެއެވެ. ނަމަވެސް އެއްޗެތި ގަތުމުގެ ކުރިން ނަސީމާގެ ހިޔާލެއް އެކަމަށް ހޯދަން ބޭނުންވިއެވެ. އެހެނީ ނިހާގެ ހުރިހާ ކަމެއްވެސް ނަސީމާ ހިތްހަމަޖެހޭ ގޮތަށް ކުރުމަށް ރިހާ ބޭނުންވާތީއެވެ. އެހެންކަމުން ލިސްޓް ހިފައިގެން މާޔާގެ ކޮޓަރިން ނުކުމެގެން ދިޔައީ ނަސީމާ ފެނޭތޯއެވެ. މިވަގުތު ނަސީމާ އިންނާނީ ސިޓިންގ ރޫމް ނުނީ ގޭގެ ބަގީޗާގައި ކަން ރިހާއަށް އެނގެއެވެ. އެހެން ކަމުން ފުރަތަމަ ރިހާ ދިޔައީ ސިޓިން ރޫމަށެވެ. ނަސީބަކުން ނިހާއާއި އެކު ނަސީމާ އެތަނުގަ ތިއްބެވެ. ނަސީމާ އިނީ ހުރިހާ އަލްބަމް ތަކެއްހެން ނެރެގެން ނިހާއަށް ތަސްވީރުތައް ދައްކާފަ އެއީ ކާކުގެ ކޮންއިރެއްގެ ތަސްވީރުތަކެއްކަން ބުނެދޭށެވެ. “މަންމާ.” ރިހާ އައިސް ނަސީމާމެންގެ ގާތަށް ހުއްޓިލަމުން މަޑުމަޑުން ނަސީމާއަށް ގޮވާލިއެވެ.
“މި ލިސްޓް ބަލާލާފަ މަންމަ އެއްޗެއް އިތުރުކޮށްލަން ބޭނުމިޔާ ބުނެލަދީބަލަ.” އަލްބަމަށް ނަޒަރު ހުއްޓާލައިގެން އިން ނަސީމާ އިސްއުފުލާ ރިހާއަށް ބަލާލުމުން ރިހާ ނަސީމާ ގާތު އެދުނެވެ. ރިހާ އެއީ ނިހާއަށް ބޭނުންވާ އެއްޗެތީގެ ލިސްޓްކަމަށް ބުނުމުން ނަސީމާ ލިސްޓްގަ ހިފާ އެއަށް ބަލާލިއެވެ. އަދި ދެތިން އެއްޗެއް އިތުރު ކޮށްލިއެވެ. އެވަގުތު ނަސީރުވެސް އައިސް އެތަނުން ސޯފާއެއްގައި އިށީނުމުން ނަސީރުގާތުވެސް ރިހާ އެދުނީ ލިސްޓް ޗެކްކޮށްލުމަށެވެ. މިވަގުތު ގަންނާނީ ހަމައެކަނި އަންނައުނު ފަދަ އެއްޗެހި ކަމަސް ނަސީރު ގާތު ބުނަމުން ނިހާގެ ކޮޓަރިއަށް ބޭނުންވާ އެހެނިހެން ތަކެތި މާލޭން ނޫނީ ރާއްޖެއިން ބޭރުން ގެންނާނީ ކަމުގަ ރިހާ ބުނެލިއެވެ. ދުވަހުގެ ބާކީބައި ދިޔައީ އެކަހަލަ ގޮތަކަށެވެ. ނިހާއަށް ބައެއް އަންނައުނު ގަނެގެން ރިހާއައުމަށްފަހު ދެން އުޅެންފެށީ މާދަން ރޭގެ ތައްޔާރީތައް ކުރުމަށެވެ. ރިހާ އެކަން އަޔާން އަދި ޖުއާންއަށް ހަވާލު ކުރި ނަމަވެސް ރިހާވެސް ދިޔައީ އެކަންކަން ވަރަށް ގާތުން ބަލަމުންނެވެ.
ދުވަހަކީ “ޕެރެޑައިސް”އަށް ވަރަށް ވެސް ޙާއްސަ ދުވަހެކެވެ. ދުވަސް ފެށުނީއްސުރެ ނިހާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. އެތަކެއް އަހަރުތަކަކަށްފަހު ލިބުނު ޢާއިލާ ގާތު އަދި މިއީ ދެވަނަ ދުވަސް ނަމަވެސް އެ އެންމެންވެސް ވަނީ ނިހާ ބަލައިގެންފައެވެ. ފުރަތަމަ ދުވަހުއްސުރެ ނިހާ އެއީ އެތަނަށް ބީރައްޓެހި ކުއްޖެއްކަން އެއްވެސް ވަރަކަށް އިހްސާސް ވިއަކަނުދެއެވެ. އެންމެންވެސް ނިހާ އާއި ވާހަކަ ދައްކާ ހީ ސަކަރާތްޖަހާ ހަދާއިރު ހީވަނީ ކުޑައިރުއްސުރެ އެކު އުޅެ ބޮޑުވި ކުދިންހެންނެވެ. އެންމެންގެ ގާތްކަން ލިބުނު ނަމަވެސް ނިހާއާއި އެންމެ ގާތުން އުޅޭނެ ކަމަށް ހީކުރި ފަރާތް ނިހާ އާއި އެހާ ގާތެއްނޫނެވެ. އެއީ ރިހާއެވެ. ނިހާ ވިސްނީ އެއީ ރިހާ މާ ބުރަކޮށް އުޅޭތީ އަދި ވާހަކަ ދައްކާލާނެ ފުރުޞަތެއް ނުލިބެނީ ކަމަށެވެ. އެހެނަސް މި ޙާއްސަ ދުވަހު، ނިހާއަށް އެންމެ ފުރަތަމަ އުފަންދުވަހުގެ ތަހުނިޔާ ކިޔާ މީހުންގެ ތެރޭގައި ރިހާ ވާނެކަމަށް ނިހާ ހުރީ އުއްމީދު ކޮށްގެނެވެ. ނަމަވެސް ކަންވީ ނިހާ އުއްމީދު ކުރިގޮތަކަށް ނޫނެވެ. މާ ހެނދުނަކާ ހޭލައިގެން ރިހާ އޮފީހަށް ދިޔަކަން ނިހާއަށް އެނގުނީ އެއްވެސް ގޮތަކަށް ރިހާ ނުފެނުމުން ގެއިން މީހެއްގާތު އަހާލުމުންނެވެ. ނިހާ ކުޑަކޮށް މާޔޫސްވިއެވެ. ފުރަތަމަ ރިއާގެ ގޮތުގައި ރިހާއާއި ބައްދަލުވި ވަގުތު ރިހާ ރޮއެފަ ކަންތައް ކުރިގޮތުން ރިހާ އެއީ ނިހާގެ އެންމެ ގާތް މީހާއަށް ވާނެކަމުގައި ނިހާ އުއްމީދު ކުރިއެވެ. ނަމަވެސް ކަންތައް ވަމުން ދަނީ ނިހާ ހީކުރި ގޮތަކަށް ނޫނެވެ.
ގާތްތިމާގެ މީހުންގެ އިތުރުން ދަޢުވަތު އެރުވިފައިވާ އެންމެންހެން އައިސް ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ “ޕެރެޑައިސް”ގެ ބޮޑު ހޯލުތެރެ ފުރާލިއިރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވަލަކީ މިއަދުގެ މި ޙަފްލާގެ މަޤްސަދަކީ ކޮބައި ކަމާމެދު ކުރެވޭ ސުވާލެވެ. ދަޢުވަތު ލިބުނުއިރު އެނގުނުހާވެސް އެއްޗަކީ ނަސީރުގެ ޢާއިލާއިން ޙާއްސަ ކަމެއް އިޢުލާން ކުރަން އުޅޭކަމެވެ. އެހެންކަމުން ނަސީރު އަދި “ޕެރެޑައިސް”ގެ އެހެންމީހުންގާތު އެހާލުމުންވެސް ލިބުނު ޖަވާބަކީ އަދި ކުޑަ އިރުކޮޅަކު އިންތިޒާރުކޮށްލާށޭ ބުނާ ބުނުމެވެ.
ގަޑިން އަށްގަޑި ބައިވާން ކައިރިވެފައި ވަނިކޮށް ނަސީރު ގަޑިއަށް ބަލާލީ ކުޑަކޮށް ހާސްވެ ހިތްހަމަ ނުޖެހި ހުރެއެވެ. އެވަރަށް އެ ހަފްލާގައި ބައިވެރިވާން ބުނުމުންވެސް އަދިވެސް ރިހާ އެތަނުން ނުފެނެއެވެ. އެތަނުން ކީއްކުރަން ހެއްޔެވެ. މުޅިދުވަހުވެސް އެ ގޭ ތެރެއިން ރިހާ ނުފެނެއެވެ. އެހެނީ ހެނދުނު ހެނދުނާ އޮފީހަށް ދިޔަގޮތަށް އަދި ރިހާ ގެއަކަށް ނާދެއެވެ. އެގޮތަށް ނަސީރު ހިތްހަމަނުޖެހިފަ ހުއްޓާ އެތާ ތެރެއަށް ރިހާ ވަދެގެން އައިތަން ފެނުމުން ނަސީރު ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ނިހާ އަކީ ކާކުކަން ބުނެދޭ ވަގުތު ރިހާ އެތާ ހުންނަން ނަސީރު ބޭނުންވީ ރިހާ އާއި ނިހާގެ ސޫރަ އެއްގޮތް ކަމުންނެވެ. ރިހާ ނުހުރެއްޖެ ނަމަ ނަސީރު އެކުރަނީ ސަމާސައެކޭ މީހުން ހީކޮށްފާނެތީއެވެ.
އެވަގުތު އެ ޙަފްލާ ތެރެއިން ރިހާ ފެނުމުން ހުރިހާ މެހެމާނުންހެން ތިބީ ހައިރާންވެފައެވެ. ރިހާ އެކަހަލަ ހަފްލާތަކުގައި ބައިވެރި ނުވާކަން އެއީ ހުރިހާ އެންމެނަށްހެން ފާހަގަ ކުރެވިފައިވާ ކަމެކެވެ. ނަމަވެސް ރިހާގެ އެ ފެނިލުމުން މިރޭގެ ހަފްލާއަކީ ތަފާތު އަދި ޙާއްސަ ހަފްލާއެއްކަން އެންމެނަށް ޤަބޫލުކުރެވުނެވެ. ކުޑައިރުކޮޅެއްފަހުން ނަސީރު އައިސް ރިހާ ގާތު ނަސީރާއި އެކު އައުމަށް ބުނެ ހޯލުގެ މެދަށްވާގޮތަށް ގޮސް ހުއްޓިލިއެވެ. އަދި މެހެމާނުންގެ ސަމާލުކަން ހޯދަމުން އެ އެންމެންހެން އޭގެ ޖަވާބު ބޭނުންވެގެން އުޅޭ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނަސީރުގެ ވާހަކަ ފެށިއެވެ. އެތަނުގައި ތިބި ބައެއް މީހުނަށް މީގެ ވިއްސަކަށް އަހަރުކުރިން ރިހާއަށް ނަންކީ ދުވަހު އެ ގޭގައި ހިނގި ހާދިސާ އެނގިފަވާނެކަމަށް ނަސީރު ބުންޏެވެ. ނަމަވެސް މިހާރު ހަނދާން ނުހުރުންވެސް އެކަށީގެންވާ ކަމަށް ބުނަމުން ނަސީރު ދެން އިޝާރާތް ކޮށްލީ އެވަގުތު ނަސީމާއާއި އެކު އެންމެންގެ ކުރި މައްޗަށް އަންނަމުން ދިޔަ ނިހާއެވެ. ނިހާ އަނބުރާ އެ ޢާއިލާއަށް ލިބިއްޖެ ކަމުގައި ނަސީރު ބުނެލީ އުފަލުން ހުރެއެވެ. އަދި މިރޭގެ މި ހަފްލާއަކީ ނިހާ އެމީހުނަށް ތަޢާރަފް ކޮށްދިނުމަށްޓަކައި ބޭއްވުނު ހަފްލާއެއްކަމުގައި ބުންޏެވެ. އަދި ނަސީރުގެ ވާހަކަކޮޅު ނިންމާލަމުން ދުވަހުގެ ހާއްސަކަން އިތުރުވަނީ ދުވަހަކީ ރިހާ އާއި ނިހާއާއި ދެކުދިންގެ އުފަންދުވަސް ކަމަށްވެސް ވުމުން ކަމުގައި ބުންޏެވެ.
މުޅި ހޯލު ތެރެ ފެންނާނެހެން ފުރަތަމަ ފަންގިފިލާގެ ކޮރިޑޯ މަތީ ސިޑިއާއި ދާދި ކައިރީގައި ހުއްޓިލައިގެން ހުރިއިރު ތިރީގައި ހޭލަމޭލަވަމުން ދިޔަ އެކިއެކި މީހުނަށް ރިހާގެ ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އެތާ ހުންނައިރު އެމީހުނަށް ރިހާ ނުފެނުނަސް ރިހާއަށް އެމީހުން ފެނެއެވެ. އުފާވެރި މާހައުލެއްގައި އެންމެން އެކަކު އަނެކަކާ ބައްދަލު ކުރަމުން ދިޔައިރު ފަހަރަކު މީހަކުހެން އައިސް ނިހާއާއި ވާހަކަ ދައްކާ އެކުވެރިވަމުން ދިޔައިރު ރިހާ ހުރީ އެމަންޒަރު ބަލާށެވެ. މަންމައާއި ބައްޕަގެ އެކުވެރިންނާއި ދެ ޢާއިލާގެ މީހުންވެސް ނިހާ ފެނުމުން އުފަލުން އުޅޭގޮތް ފެނި ރިހާވެސް އުފާވެއެވެ. ހުރިހާ ކުދިންނާއި ބައްދަލު ކުރަން ބޭނުމޭ ބުނި ރިހާގެ މާމައާއި ކާފަގެ ހުރިހާ ކުދިންގެ ތެރޭ ރިހާ ނުހިމެނެނީކަންނޭގެއެވެ. އެހެން އެންމެންނާއި ބައްދަލުކޮށް ވާހަކަ ދެއްކުނު އިރުވެސް ދާދި ކައިރީ ހުރި ރިހާ އެދެމީހުނަށްވެސް ނުފެނުނީ އެ ސަބަބަށްޓަކައި ކަމަށްވެދާނެއެވެ. އިރުކޮޅަކު އެހެން ހުރެލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ރިހާ ދެން މިސްރާބު ޖެހީ މައްޗަށް ރިހާގެ ބަޔަށް އެރުމަށެވެ.
އުފާވެރިކަމާއިއެކު ކުރިއަށް ދިޔަ ހަފްލާގައި ނިހާމެންގެ އުފަންދުވަހުގެ ކޭކުފަޅަން އެންމެން ތައްޔާރުވެފަ ހޯދީ ރިހާއެވެ. ނަސީރަށް ރިހާ ނެތްކަން އެނގުމުން ކުޑަކޮށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާއަށް ލިބިފަ މިހިރީ ވާ ދަރިއެއްތާއޭ ހިތަށްއެރިއެވެ. ދެފަހަރު ހަމައަށް ވާ ތަނެއްނޭނގެއެވެ.
===(ނުނިމޭ)===
6 Comments
Comments are closed.
ވަރަށް އިންތިޒާރު ކުރިފަހުން ފުރުސަތު މިލިބުނީ. މިއަށްވުރެ ދިގުކޮށް ގެނެސްދިނުން އެދެން. އެކަމު ވާހަކަ ވަރަށް ރީތި. ވަރަށް އަވަހަށް އަނެއްބައި ކިޔާލެވޭނެކަމަށް އުއްމީދު ކުރަން.
V v vv vvvvv reethi.. Heevaagothun mi vaahaka adhi kiriyaa middle aa hama ah mi dhiyaee dw raina
v vv varaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaah reeeeeeeeeeeeeeeeeeeeeethi
keeeeep going
😉 next part v avahah up vaane kamah unmeedhu kuran 🙂
Next part avas kohdheebala… waitin waitin..alhe friday ga up vaanetha RAINA darlin…
v salhi wait for the nxt part
Aju kiyaa vaahaka thakugetherein ves emme reethi vaahaka thakuga himeney vaahaka eh , namaves maa kuruvefa lahun upvaathee dheraee, raina ekan ragalhenuvaanetha , busy kamun dho