އޯގާވީ ހިތަކުން…33
”އަނހާ، ޝިޔާރާ….” ބޮޑުކޮޓަރިއަށް ވަދެގެން އައި ޝިޔާރާ ފެނުމުން މުނީރާ ސޯފާއިން ތެދުވެލަމުން އެކުވެރިޔަކާ ދައްކަން އިން ވާހަކަ މެދުކަނޑާލައިފިއެވެ. ޝިޔާރާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ހުއްޓުލިއިރު މޫނުމަތި ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ތުންފަތަށް ހުތުރު ވައްތަރެއް ޖައްސާލައިގެން ހުރިއިރު އެސޫރަ ފެނުނަސް މީހަކު ބިރުން ހަލާކުވާނެއެވެ. މުނީރާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޝިޔާރާ އެހާ ވަރަށް ރުޅިއައިސްފައި ހުރި ސަބަބެއް އޮޅުން ފިލުވާލަން އޭނަ ސުވާލުކޮށްލިއެވެ.
”މިއުޅޭ ޑިޒައިނަރުން ހާދަ ކަޑައޭ. ކޯސްހަދައިގެން ތިއްބަސް ވާކަމެއް ހަރާން، މިރޭ އޮތް ހަފްލާއަށް ހޮޓެލް ބްރީޒް ތައްޔާރުކުރަން ބުނީމަ އަމާބުނީތީ ފަރަށްދާ އުސޫލުން ކަންތައްކޮށްފަ ހުރީ. ޑެކަރޭޝަން ފެނިފަ ހާރޓް އެޓޭކެއް ނުޖެހުނީ ކިރިޔާ….. ޑެކަރޭޝަންސްތަކަށް ބަލާލީމަ ހީވި ލޮލަށް ތޫނު ކަށިތަކެއް ހަރާލެވުނުހެން، ޑިސްގަސްޓިންގް…. އެޓް ދި ލާސްޓް މޯމެންޓް ޒަވާން ހެލްޕްޑް…..” ޝިޔާރާ ސޯފާގައި އިށީންނަމުން އެއްފައި މައްޗަށް އަނެއްފައިލަމުން އަތްދަބަސް ތެރެއިން ފޯނު ނެގިއެވެ. އޭނަ ވައްކަޅިން ފެންޑާގައި ހުރި އީނާއަށް ބަލާލިއެވެ. ސޯފާ ހުރި ދިމާއިން ސާފުކޮށް ފެންޑާ ފެންނަން އޮތެވެ. ވޭރޭގެ ތިކިތައް ފައިބަމުންދާ މަންޒަރު ފެންނައިރު ވަށައިގެންވާހާ މަންޒަރުތަކަށް އިތުރު ދިރުމެއް ގެންސީދައިވަނީ އީނާ އެތާނގައި ހުއްޓިލައިގެން ހުރި ޕޯޒް އިންނެވެ. ޝިޔާރާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އީނާ ދެކެ އޭނަ އަންނަ ރުޅީގެ ފަހަތުގައި ކޫސަނި ކަންތައް ވިޔަސް އޭނަ އަކީ އެފަދަ ކަންކަމަށް ދޫދޭމީހެއް ނޫނެވެ.
މުނީރާ އިނީ ހިމޭނުންނެވެ. އޭނަ ޝިޔާރާގެ ވާހަކަތަކުގައި ބައިވެރިވާ ހިތެއް ނުވިއެވެ. ކޮންމެވެސް ހިސާބަކުން ފިތުނަ އުފެދޭފަދަ ވާހަކެއް ދައްކާނެއެވެ. މީހަކު ހެޔޮކަމެއް ކޮށްދިނަސް ފެންނަކަމަކަށް ނުވާނެއެވެ. ނުވީ ތާކަށް ދޭތެރެ ޖެއްސުމުގެ ހައްދެއް ބައްދެއް ނޯންނާނެއެވެ.
”މިރޭ ބްރީޒްގައި އޮތްނަ ހަފްލާއަށް އެންމެނަށް ދައުވަތުދޭން މިއައީ، ޝާރޕް އެއިޓްއަށް އަންނައްޗޭ…..” ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ޝިޔާރާ އޭނަ އެގެއަށް އައި ބޭނުން ހާމަކޮށްލިއެވެ. ޖަވާބު ދިނުމުގެ ގޮތުން މުނީރާ ހަމައެކަނި ބޯޖަހާލީއެވެ.
”ފޮނި މީހެއް، ހުއް….” މުނީރާގެ މޫނަށް ބަލައިލަމުން ޝިޔާރާ ހިތާހިތުން ކިޔާލިއެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި ޒަވާން، ނީރާ އަދި އީނާގެ އެކުވެރިކަން ފެނި ޝިޔާރާއަށް މަޖުބޫރީ ފެންނަމުން ދިޔަ މަންޒަރުތައް ނުފެންނަކަމަށް ހަދާލާށެވެ. ނީރާ ދައުވަތުދެމުން އެދާ ބޮޑު ކޮޅިގަނޑުން ސަލާމަތްކޮށްދިނުން އެއީ އޭނަގެ ވާޖިބެކެވެ. ޝިޔާރާ އަވަސް ނޭވާތަކަކާއެކު ގަދަކަމުން ހިނިތުންވެލިއެވެ.
”އީނާ ވެސް އަންނައްޗޭ…” ޝިޔާރާ އެކުވެރި ރާގެއްގައި ބުންޏެވެ. އީނާ ހޭއަރުވާލަން މިއަށްވުރެ ރަގަޅު ފުރުސަތެއް އޭނައަކަށް ނުލިބޭނެއެވެ. ޝިޔާރާ ވިސްނުމަކަށް ގެއްލިފައި އިންދާ ސިއްސައިގެން ދިޔައީ މުނީރާ ގޮވަލުމުންނެވެ.
”ސައިބޮއެގެން ދަންވާނީ…” މުނީރާއަށް އެހިސާބަށް ބުނެވޭއިރަށް ޝިޔާރާ ދެކޮޅު ހަދާލިއެވެ. ”ނޫން. ނޫން، މިދަނީ އެކުވެރިއެއްގެ ގާތަށް ދާން، އޭނަ ފުރަތަމަ އިންވައިޓް ކުރީ، ދެން މިގެއިން ސައިބޮއެގެން ގޮސްފިއްޔާ އެގެއަށް ގޮސް ކާހިތެއްވެސް ނުވާނެ، ދެން މުނީ ހަދާ ހެދިކާ އެއްޗެހި ވަރަށް އޮއިލީ….” ޝިޔާރާ ތެދުވެލަމުން އަތުގެ އިށާރާތުން ނީރާ ގާތު އައުމަށް އަމުރުކޮށްލިއެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޝިޔާރާގެ ފަަހަތުން ހިނގައިގަންނަމުން ނީރާ ޒަވާންއަށް ހަދިޔާކޮށްލީ ލޯބި ހިނިތުންވުމެކެވެ.
”މަންމަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން އީނާ ދަރިފުޅުގެ އެކުވެރިޔަކަށްވާން، އޭނައަކީ ރަގަޅު ކުއްޖެއް ނޫން….” ޝިޔާރާ ނީރާ ގާތަށް ޖެހިލަމުން ބުނެލިއެވެ. ނީރާ އޭނަގެ މަންމަގެ ވާހަކަތައް އަޑުއަހަން ހުއްޓެއްކަމަކު ދޭންވާވަރަށް ސަމާލުކަމެއް ނުދިނެވެ.
”އަހަރެން މިދައްކާ ވާހަކަތައް އަޑު އެބައަހަންތަ؟…..” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ޝިޔާރާ ސުވާލުކުރިއެވެ. ޑްރައިވަރު ކާރު ދުއްވާލުމުން ނީރާ އިނީ ކުޑަދޮރުތަކުގެ ލޫވާރއަށް ބޮސްދެމުންދާ ވާރޭގެ ބަރު ތިކިތަކަށް ބަލަހައްޓައިގެންނެވެ.
”ދުވަހަކު އަހަރެން ބުނާއެއްޗެއް އަޑެއް ނާހާނެ….” ޝިޔާރާ ހަށަން ބަނދެލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
***
މައިމޫނާ ހޭއެރުމާއެކު ބޮލުގައި އުފެދިވައިވާ ތޫނު ރިހުމުގެ ސަބަބުން މަންޒަރުތައް ފުރަތަމަކޮޅު ފެނުނީ ފުސްކޮށެވެ. ފެނުމަށް މައްސަލައެއް ދިމަވީކަމަށް ހީކޮށް މައިމޫނާ ކިތަންމެ ވަރަކަށް އެސްފިޔަތައް ތަޅުވާލައި ލޮލުގައި ފިރުމާލަ ހެދިއެވެ. އޭނަ އޮތީ ބިރުގެންފައެވެ. ވަށައިގެން ތިބި މީހުންގެ މޫނު ސާފުވަމުން ގޮސް އުމެއިރާގެ މޫނު ފެނުމާއެކު އޭނައަށް ދެބުމަ ކައިރިކޮށްލެވުނެވެ. މޫނުގެ ބޮޑު ބަޔެއްގައި ބޭސްގަނޑެއް އަޅާވައިވަކަން ވެސް އެނގުނީ ހިއްސުތައް ބަރާބަރަށް މަސަތްކަތްކުރަން ފެށީމައެވެ. މޫނުގައި އަޅާފައިވާ ބޭސްގަނޑު ހުރި ހިސާބު ހުތުރު ވެދާނެކަމުގެ ބިރާއެކު މައިމޫނާގެ ހިތަށް ފިނިވިއެވެ. އޭނަ ބޭސްގަނޑުގައި ފިރުމާލިއެވެ. ބޮލުގެ ރިހުން ހައްތާހާ ގަދަވީއެވެ.
”މި ނުލާފާ މީހާ ކުރިކަމެއްކަން ޔަޤީން….” މައިމޫނާ އުމެއިރާއަށް ބަލާލަމުން ހިތާހިތުން ކިޔާލިއެވެ. މަރުގެ ތުންފަތްމަތިން ސަލާމަތްވިއެއް ކަމަކު ސިފަ ހުތުރުވުމުގެ ސަބަބުން މީހުންގެ މަލާމާތް ރައްދުވެދާނެކަމުގެ ބިރާއެކު ކިތަންމެ ގަދަޔަށް ރުޅިއައިސްފައި ހުއްޓެއްކަމަކު މައިމޫނާގެ ދެލޯ ފެންކަޅިވިއެވެ. ދިމާވި ހިތާމަވެރި ހާދިސާ އޭނަ އެޅުވީ އުމެއިރާގެ ބޮލުގައެވެ. އޭނަ ކުރިއަށްވުރެ ބޮޑަށް އުމެއިރާ ދެކެ ރުޅިއައެވެ. ޢާއިލާ މީހުން ނެތްނަމަ އޭނަ އުމެއިރާ ހޭއަރުވާލީހެވެ. އެތެރެހަށީގައި ގިނަވަމުންދިޔަ ވިހައިގެ ހަމަލާތަކުގެ އަމާޒުފައްޗަކަށް ޒެލީން ހަދަން އެނާޒުކު ދަނޑިވަޅިގައި ވެސް މައިމޫނާ ރާވާލިއެވެ. އޭނަ ރަގަޅުވާއިރަށް ކަންތައް ކުރެވޭނީ އުމެއިރާއަށް އެކަނި ނޫންކަން އޭނަ ހާމަކޮށްދޭނެއެވެ. އޭނަ ރާވާލާ ދަންތުރައިން ހަމަހިލާ ދެމައިންނަކަށް ސަލާމަތެއް ނުވެވޭނެއެވެ.
މައިމޫނާ ވިސްނަމުން ދިޔަ ވަރަކަށް ރުޅިގަނޑު ކޮންޓްރޯލް ނުވާ ހިސާބަށް ދިޔައެވެ. ހީވަނީ ތެރަހުގެ ސިފައިގައި އަލިފާން އޭނަގެ ބޭރުފުށުގައި ތަތްވެފައިވާހެންނެވެ.
ރޫޔާ މަންމަގެ އަތުގައި ހިފަހައްޓާލައިގެން މަގަތުގައި އިންއިރު އުފާވެރިކަން އެމޫނުމަތިން ފެނެއެވެ. ބޮޑު ހާދިސާއަކުން މަންމަ ސަލާމަތްވުމުން މާތްﷲއަށް ޝުކުރުކުރެވުނު އަދަދެއް ނޭގެއެވެ.
”މަންމާ….” ރޫޔާ ފަނޑުހިނިތުންވުމަކާއެކު ބުންޏެވެ. މައިމޫނާ ރޫޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނަ ވާއަތް އުފުލާލަމުން ރޫޔާގެ ކޯތާފަތުގައި ހިމަ ރޮނގުތަކެއް ދަމާލާފައި ހުރި ކަރުނަތައް ފޮހެލަދިނެވެ. އެވަގުތު އެކްސިޑެންޓްގެ މައުލޫމާތު ސާފުކޮށްލަންވެގެން ދެ ފުލުހަކު އެތެރެއަށް ވަނެވެ. އެމީހުންނަށް ވަގުތު ދެމުން އެންމެން ބޭރަށް ނިކުތެވެ.
ފަނަރަވަރަކަށް މިނެޓް ފަހުން ފުލުހުން ބޭރަށް ނިކުތުމާއެކު އެންމެ ފުރަތަމަވެސް ރޫމްގެ ދޮރުހުޅުވާލާފައި އެތެރެއަށް ދެމިގަތީ އުމެއިރާއެވެ.
”މަށަށް އިނގެޔޭ މީ އުމެއިރާގެ ކަމެއްކަން، އަހަރެން ބޭނުންވި ނަމަ ފުލުހުންނަށް އުމެއިރާގެ މައުލޫމާތު ދެވުނީސް…..” މައިމޫނާ، އުމެއިރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މައިމޫނާގެ ލޮލުން ދިލަކަނި ބޭރުވަމުން ދިޔައެވެ. އޭގެ އެންމެ ދިލަކަންޏެއްގެ ހޫނުންވެސް އުމެއިރާ ފިއްސާލަން އޭނަ ބޭނުމެވެ. މިމަކަރުވެރިޔާގެ ސޫރާ ދެކެ ވެސް ރުޅި އަތުވެއްޖެއެވެ.
”އަހަރެން ކުރިކަމެއް ނަމަ މައިމޫނާ މިދުނިޔެއަކު ނުހުންނާނެ!އެހެންނޫނަސް މައިމޫނާ ދެކެ އަހަރެން ބިރުގަންނަންވީ ސަބަބަކީ ކޮބާތަ ތިފަދަ ހަމަލާއެއް ދޭން؟، ވިސްނާލަބަ، ޢާއިލާ މީހުންނަށް މައިމޫނާގެ މަކަރުވެރިކަން ފަޅާއަރާދުވަހަކުން ވާނެ ގޮތް، ޝިޔާޢު މައިމޫނާ ގެއިން ނެރޭނެ އަދި ކޮބާ ފަޒްލާގެ ހޫނު ހަމަލާތަށް؟، އެންމެފަހުން ޖަލަށް ކަންނޭގެ ދާން ޖެހޭނީ، އަލްޔަސް ވެސް ދުލެއް ނުދޭނެ، ޔޫ ވިލް ސަފާރ ދި މޯސްޓް، ޕާޓެންނާ ޑީލްކުރީވެސް މައިމޫނާ، އަދި މިވީހާ ތަނަށް އެމީހުންނާ ދެކޮޅަށް ހެއްކެއްގެ މިންވަރުވެސް ލިބިފައެއް ނެތް، އެމީހުން ދޫވުމުގެ ފުރުސަތުވެސް ބޮޑު، ވަޓް ވިލް ދެއި ޑޫ ޓު ޔޫ ވެން ދެއި ކަމް އައުޓް؟…. ހުރިހާ ދިމާއަކުން ވެސް ފިތިބާރުވާނީ މައިމޫނާ! އަހަރެން ރޭވުންތަކުގައި ބައިވެރިކަމުގެ ހެއްކެއްވެސް ނެތް، އެކަކުވެސް ޤަބޫލެއް ނުކުރާނެ… އެއްފަހަރުވެސް ވިސްނާލިންތަ؟ބޭޒާރުވިޔަސް ވާނީ ހަމަ އެންމެ މީހެއް، އެއީ މައިމޫނާ!…..” އުމެއިރާ ބުނެލީ ކިރިޔާ މައިމޫނާއަށް އަޑު އިވޭވަރަށެވެ.
”ތިކަން އެނގިދާނެ….” މައިމޫނާ ދުލެއް ނުކުރިޔެވެ.
”ދެން ނޫޅެމޭ ޒުވާބުކުރާކަށް، މިހާދިސާއާ ހެދި ދެން ރޫޔާގެ ކައިވެނިވެސް ފަސްކުރެވުނީ ދޯ؟ ހާދަ ދެރައޭ ދޯ؟…” އުމެއިރާ ޖެއްސުންކޮށްލިއެވެ.
”ކާޑުގައި އޮތް ތާރީޚުގައި ކައިވެނި ކުރެވޭނެ، ބުނަން! އުމެއިރާ ތިދެކޭ ކަޅާއި ހުދުގެ ހުވަފެންތައް ދުވަހަކު ހަޤީޤަތަކަށް ނުވާނެ، އަލްޔަސް ދުވަހަކު އެ ބަބުރުގަނޑަކާ ނީންނާނެ، ބަލައިގެން ހުންނާތި، އީނާއާ ހެދި އާވާރާވެފައި އޭނަ އެހުންނަނީ، ދެން ކިހިނެއް އޭނަގެ ހިތާއި ހަމައަށް ޒެލީންއަށް ވާސިލްވެވޭނީ… އަހަރެން ބޭޒާރުވާ ދުވަހަކުން އުމެއިރާއަށްވެސް އޭގެ ހިތިރަހަ ލިބޭނެވަރު ކޮށްލާނަން! ހީނުކުރާތި އަހަރެންމީ ގަމާރެކޭ… ހަނދާން ނެތުނީތަ އެރޭ ޕާޓޭންނަށް ވަނީ އުމެއިރާގެ މޫނުވެސް ފެނިފަ، އެމީހުން އުމެއިރާ ވެސް ދުލެއް ނުކުރާނެ!……” މައިމޫނާ ބުނެލިއެވެ.
އުމެއިރާ ދެބުމަ ކައިރިކޮށްލަމުން އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ ރޫމްގެ ދޮރުހުޅުވާލި އަޑަށް އޭނަ ހިމޭން ވެއްޖެއެވެ. ވައިރޯޅީގެ ބާރުމިނުގައި އުމެއިރާ ރޫމްއިން ނިކުތެވެ.
***
ވަގުތުތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ރޭގަނޑު އަށެއް ޖަހަން ކައިރިވެއްޖެއެވެ. އޭރު ތޫފާންވެސް މައިތިރިވެއްޖެއެވެ. ކޮޅިތަކާ ހަނގުރާމަކުރަމުން ދިޔަ ހަނދަށް ކުރިއެރުމެއް ލިބިފައި ނެތްކަމުގައި ވިޔަސް މިލަހަނދުވަރެއް ދީފައި އޮތެވެ. އާދައިގެ ވަރަކަށް ރޯޅިތައް ޖެހެމުން ދިޔައިރު ރޯޅިތަކުގައި އެކުލެވިފައި ވަނީ ތެތްފިނި ކަމެކެވެ.
ފަނަރަ މިނެޓްގެ ދަތުރަކަށް ފަހު ”ބްރީޒް” އަށް ދެވުނު އިރު ދިއްލާ އަޅާފައިވާ އެތަނުގެ ރީތިކަން ދުރުން ވެސް ފާހަގަ ކުރެވުނެވެ. ހީވަނީ ފިލްމުތަކުން ފެންނަ ފަދަ ޝާހީ ހަފްލާއަށް ޒީނަތްތެރިކޮށްފައި ވާހެންނެވެ. ހޮޓެލް ތައްޔާރުކޮށްފައިވަނީ އެހާމެ ފުރިހަމައަށެވެ. ހޮޓެލްގެ ކޮންމެ ދިމާއަކުން ވެސް ފެނިގެންދަނީ ތަނަވަސްކަމެވެ. ފުރިހަމަކެވެ. އާރކިޓެކްޗަރުންނާއި އިންޓީރިޔާރ ޑިޒައިނަރުންނަށް ތައުރީފުކުރުން ހައްޤެވެ. ފަސްތަރީގެ ހޮޓެލްތަކުގެ ތެރޭން ހޮވާލެވޭނެ ފަދަ ރީތި ތަނެކެވެ. ހޮޓެލްގެ ކުރިމައްޗަށް ވާހެން އޮތްނަ ކުޑަ ބަގީޗާއަށް މީހުންގެ ލޯތައް ދަމައިގަންނާއެވެ. ދުނިޔެ މަތީގެ ސުވަރުގައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޒަނާ އާއި އީނާ ދިޔައީ ނީރާ އާއެކު ހޮޓެލް ބަލާލުމަށެވެ. ވިލްދާން އާއި ރަޖްވާން ވިޔަފާރީގެ ވާހަކަތަކެއް ދައްކަން ތިބިއިރު ޝިޔާރާ ހުރީ އެވާހަކައަށް ވެސް އަނގަ ބާނައިގެންނެވެ.
ޝިޔާރާ އިރުއިރުކޮޅާ އީނާ ފެނޭތޯ ހޯދާލައެވެ. އެންމެ މިނެޓަކަށްވެސް ޒަވާން އާއި ރާކިން އޭނަގެ ލޯމަތިން ގެއްލުނަކަ ނުދެއެވެ. ހީވަނީ ސީސީޓިވީ ކެމަރާއެއް ހެންނެވެ. ހަފްލާގައި ހިނގާ ހުރިހާ ކަމެއް ބަލާ ކަހަލައެވެ. އޭނަ އިންތިޒާރުކުރަމުން ދިޔަ ފަދަ ފުރުސަތެއް ލިބުނީ ގަޑިއެއްހާ އިރު ފަހުންނެވެ. މައިދޮރާއި އިންވެގެން ހުރި އިންޑޯރ އާރޓިފިޝިއަލް ވޯޓާރ ފޯލް އާއި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި އީނާ ފެނި އޭނަ ދެލޯ ހަނިކޮށްލިއެވެ. އޭރު އީނާ ފޯނުން ވާހަކަ ދައްކަމުން ދިޔަ ތަން ވެސް އޭނައަށް ފެނުނެވެ. ޔަޤީނެވެ. އެ ހުތުރު ވިޔަފާރީގެ ކަމެކެވެ. ޝިޔާރާ ފިޔަވަޅުތައް ބާރުކޮށްލިއެވެ.
”އެހެމް…” ޝިޔާރާ އީނާ ކައިރިއަށް ހުއްޓިލަމުން ކަރުކެހިލިއެވެ. އީނާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނަ ފޯންކޯލް ކުރުކޮށްލަމުން ޝިޔާރާ ދައްކަން އެއުޅޭ ވާހަކައަށް ސަމާލުކަން ދިނެވެ. ނޭގޭ ބިރުވެރިކަމެއް ހިތުގައި ވިންދުޖަހަން ފެށީ ކީއްވެގެންކަމެއް އީނާއަކަށް ނޭގުނެވެ. ޝިޔާރާ ފެނުނަސް އޭނަ ބިރުގަނެއެވެ. އަދި އެ އާދަޔާ ހިލާފު ބަލައިލުމުގައި އިންޒާރުގެ މެސެޖްތައް ވިއެވެ. ޒަނާ އާއި ނީރާއާ އެކު ހުރެވުނުނަމައޭ އީނާގެ ހިތަށް އެރިއެވެ.
”މަށަށް ރަގަޅަށް އިނގެޔޭ ކަލޭ ކަހަލަ ޕްރޮސްޓިޓިއުޓުން އުޅޭ ގޮތް، ކިތައް އަހަރުވެއްޖެ ތިކަމުގަ އުޅޭތާ، ޕިސް ޕިސް ލަދެއްވެސް ނުގަނޭތަ؟ ކިތައް އަހަރުގަ ތިކަން ފެއްޓީ؟ ފަނަރަ އަހަރުގަ؟ އަށާރަ އަހަރުގަ…. ހީކުރީ ދޯ ބުރުގާ އަޅައިގެން ތިމާވަރުގެ ދީންވެރި މީހަކު މިދުނިޔޭގަ ނެތްކަމަށް ހެދިގެން އުޅުނީމަ ކަލޭގެ ހަޤީޤަތް އަހަންނަށް ނޭގޭނެ ކަމަށް؟ ލޮލުން ފެންނަ ކޮންމެ ފިރިހެނަކުގެ ކަލޭގެ މަކަރުވެރިކަމުގެ ޖާދޫގައި މޮޔަހައްދައިގެން އުޅުނަސް ހަނދާންކުރާތި ކަލޭގެ ތި މަކަރުވެރިކަމުގައި ޒަވާން އާއި ރާކިން ދުވަހަކު ހައްޔަރު ނުކުރެވޭނެ، މީގެ ފަހުން ޒަވާން އައި ދުރުން އުޅެން ހަނދާން ބަހައްޓާތި އެންޑް ރާކިންއާއި ވައިއެޅޭ ހިސާބަކަށްވެސް އަންނަން ނުވިސްނާތި. ހުއް މާ މައުސޫމް މީހަކަށް ހެދިގެން އެބައުޅެޔޭ…. ބިޗް….” ޝިޔާރާގެ ދުލުން ބޭރުވަމުން ދިޔަ ބަސްތަކުން އީނާގެ ހިތަށް އަސަރުކުރިއެވެ.
”ތިހެން ގޮސް ބަނޑުބޮނޑު ވާއިރަށް ރާވާނެ ރޭވުންތައް ވެސް މަށަށް އިނގެޔޭ، ތިކަހަލަ މީހުން ފެންނާނެ ޔޫރަޕް ތަންތަނުން، ޗި…” ޝިޔާރާ އިތުރުކޮށްލިއެވެ.
އީނާ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ޝިޔާރާ ދެކެ ރުޅިވެސް އައެވެ. ލޮލަށް ޖަމާވި ކަރުނަތައް ފޮހެލަމުން އޭނަ ޝިޔާރާއާ ކުރިމަތިލާން ނިންމިއެވެ. ޝީޔާރާ އޭނައާ މެދު އެވިސްނަނީ ހާދަ ގޯސްކޮށެވެ. އެވަރުން ދަންޏާ ދޮގުހަދައި އޭނަ ފަޟީހަށްކުރަންވެސް ފަހެއް ނުޖެހޭނެއެވެ. ބުހުތާން ދޮގުތައް ފަތުރަން ފަށާފާނެއެވެ. އޭނަގެ ބޮލުގައި އެއެޅުވީ ހާދަ ބޮޑު ފާފައެއް ހެއްޔެވެ؟ އީނާގެ ބިރު ވަންތަނެއްވެސް ނޭގެއެވެ. އޭނަ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ޝިޔާރާ އޭނަ ދެކެ ރުޅިއަޔަސް އެގޮތަށް ވާހަކަ ދެއްކުމުގެ ހައްޤެއް ނޯންނާނެއެވެ. ޔަޤީނެވެ. އެއުޅެނީ އޭނަ ބަދުނާމު ކުރާނެ ފުރުސަތެއް ނުލިބިގެންނެވެ. އޭނަގެ އިއްޒަތާއި އަބުރަށް ކިލަނބުކަން ގެންނަން އުޅެންޏާ އޭނަ މަޑަކުން ނީންނާނެއެވެ.
”އީނޫ….” ނީރާ ގޮވާލުމުން އީނާއަށް މަޖުބޫރުވީ ދާށެވެ. އޭނަ ދަމުން ޝިޔާރާއަށް ބަލާލީ ފޫހި ނަޒަރަކުންނެވެ. ދިލަ ހޫނުކަމެއް އެބަލައިލުމުގައި ވެއެވެ. އޭނަގެ ހިތް ދެން ދުވަހަކު ޝިޔާރާއަށް ސާފުވާނެކަމެއް ނޭގެއެވެ. މިއިން ޒަމާނެއްގައި ވެސް މީހަކު ދެކެ އެހާވަރަށް ރުޅިއައި ހަނދާނެއް ނުވެއެވެ.
އީނާ ހުރީ ގެއަށްދާން ބޭނުންވެފައެވެ. އެއްވެސް ކަމަކާ ގަޔާނުވިއެވެ. ޝިޔާރާގެ ޖުމްލަތައް ކަންފަތުގައި ހޮނު ގުގުރީގެ ސިފައިގައި ގުގުމާލަމުން ދިޔައެވެ. އޭނަ ހޮޓެލްގެ ބަގީޗާއާ ދިމާއަށް ހިނގައިގަތީ އަލްޔަސްގެ ފޯން ކޯލެއް އަންނަން ފެށުމުންނެވެ. އީނާ ގަދަކަމުން އަޑަށް އުފާވެރިކަން ގެނުވިއެވެ. އަލްޔަސްގެ އަޑު ކަންފަތުގައި ޖެހުމުން އެޚިޔާލުތަކާ ދުރަށް ދިއުމަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް އީނާގެ އަޑުގައިވި މޮޅިވެރިކަން އަލްޔަސްއަށް ފާހަގަވާން މާކަގިނަ އިރެއް ނުނެގިއެވެ.
”އީނޫ އިޒް އެވްރީތިންގް އޯކޭ؟….” އަލްޔަސް އޯގާތެރި އަޑަކުން އަހާލިއެވެ. ”ހޫމްމްމް، ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ… އެކަމަކު ސޭމްގެ އަޑު ޖެހުނީމަ މިހާރު އޯކޭ ވެއްޖެ….” ފެންއަރުވާވަޑާން ކައިރިއަށް އީނާ ހުއްޓިލިއެވެ. ދެފަރާތަށް ބުރުއްސައިގެންދާ ފެންތިކިތަކަށް ބަލަން ހުރެފައި އީނާ ފުން ނޭވާއެއް ލިޔެވެ. އޭނަ ގަސްދުކުރީ ޝިޔާރާގެ ބޭކާރު ވާހަކަތައް ސިކުނޑިން ނެރެ އެއްލާލުމަށެވެ. ނަމަވެސް އެއީ ހާދަ ހަރުމްކުޑަ ޖުމްލަތަކެކެވެ!
”ތިހެން ވިއްޔާ އީނޫއަށް ވިޒިޓް ކުރަން އަންނަން ވީތަ؟….” އަލްޔަސް ބުންޏެވެ. ހަމައެއާއެކު އީނާގެ ހުރިހާ ހިތާމަތަކެއް ފިލައިގެން ދިޔަ ކަހަލައެވެ. ”އާ….އާނ….” ކުޑަކޮށް އަޅައިގަންނަމުން އީނާއަށް ބުނެވުނުއިރު އަޑުގައި ވަނީ އުފާވެރިކަމެވެ. އަލްޔަސްގެ ރީތި މޫނު ދެކިލަން ބޭޤަރާރުވެފައިވާތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ. ގާތުން އެފިރިހެންވަންތަ އަޑު އަހާލަން އޭނަ ބޭނުމެވެ. އެރީތި މޫނުގައި ބޮސްދޭން ބޭނުމެވެ. އޭނަގެ ހިތް ނަށާލިއެވެ.
”އާދިއްތަ ދުވަހު….” އަލްޔަސް ވިސްނާލަމުން ބުންޏެވެ.
”ނޫން، މާގިނަ….” އީނާއަށް ކަމަކު ނުދިޔައެވެ.
”ހުކުރު ދުވަސް ރަގަޅު ވާނީ….” އީނާ ބުންޏެވެ. މިއަދަކީ ބުދަ ދުވަހަށް ވެފައި އެހާ ގިނަ ދުވަސް ވަންދެން އޭނައަށް އިންތިޒާރު ނުކުރެވޭނެއެވެ. ހުކުރު ދުވަސް ވެސް ލަހެވެ.
އީނާ ފޯން ބާއްވަމުން ފަސްއެނބުރި ބަލާލީ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. އެވަގުތު ދާދި ކައިރިއަށް ހުއްޓުނު ރާކިން ފެނި އީނާގެ މޫނުމަތިން އުފާވެރިކަން މިލައިގެން ދިޔައެވެ. ރާކިން އެހުންނަނީ އޭނައަށް ފާރަލައިގެން ހެއްޔެވެ؟ އީނާ ފަހަތަށް ޖެހިލާއިރަށް ރާކިން ކުރިއަށް ޖެހިލިއެވެ. އެކަކުވެސް އެހިސާބުގައި ނެތުމުން އީނާގެ އަތްފައި ފިނިވިއެވެ. ފަނޑު އަލިވަރުގެ ތެރޭން ރާކިން ފެންނަނީވެސް ބިރުގަންނަ ފަދަ ގޮތަކަށެވެ. އެހިޔަނި ވެސް ބިޔައެވެ. އެދެމެދުގައިވާ ދާއިރާ އިތުރަށް ހަނިކުރަން ރާކިން މަސައްކަތްކުރިއެވެ.
”މަގު ދައްކާ….” އީނާ އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތްކުރިއެވެ.
”ޔޫ ލުކް ބިއުޓިފުލް….” ރާކިންގެ ދެލޮލުގައިވަނީ ތަފާތު ވިދުވަރެކެވެ. ރާކިން ކުރިއަށް ފިޔަވަޅެއް އަޅާލުމުން އީނާ އަތްހުރަސްކޮށްލުމާއެކު ރާކިން ހިފީ އީނާގެ އަތުގައެވެ.
”ދޫކުރޭ….” އީނާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
”ދެއާރ ޔޫ އާރ ހަނީބަންޗް، މުޅިތަން ހޯދާލިއިރުވެސް ނުފެނިގެން ޕޮލިހަށް ރިޕޯޓްކުރަން ދާން އުޅެނިކޮށް ތިފެނުނީ، ދެން ނުބުނެ އެއްވެސް ތަނަކަށް ނުދައްޗޭ. ކިރިޔާއެއްނު ހާރޓް އެޓޭކެއް ނުޖެހުނީ… ” އީނާގެ ނަސީބު ކަންނޭގެއެވެ. ފަހަތުން ނަޒްޔަކްގެ އަޑު އިވުނެވެ. އޭނަ ބަރުބާރަށް ހިނގާލާފައި އައިސް ރާކިންގެ އަތް ފޮޅުވާލާފައި އީނާ އޭނަގެ ގާތަށް ގެނެސް ރާކިންއަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. އީނާއާ ދުރުން އުޅޭށޭ ބުނި ކަހަލައެވެ.
”ފަޑުފާޑުގެ މީހުން އުޅޭނެކަން ހަނދާންނައްތާ ނުލައްޗޭ…..” ނަޒްޔަކް ބޭނުންވީ ރާކިންގެ ފަރާތުން އީނާ ސަލާމަތްކޮށްދޭށެވެ. އީނާއަށް ނަޒްޔަކް އެބުނި ޖުމްލަ ދޭހަވިއެވެ. ނަމަވެސް އޭނަ ހިތްހަމަނުޖެހުނީ ދެމީހުންގެ ދެމުގައިވި ގާތްކަމެވެ. ރާކިން ފާޑަކަށް ހުއްޓިލައިގެން ހުރީއެވެ. ޤަބޫލުކުރަން ދަތިވެފައެވެ.
ނަޒްޔަކްއާ އީނާ ގޮސް ބޭރަށް ނިކުންނަން ދެން ރާކިން ބެލިއެވެ.
ބޭރަށް ނިކުމެވޭއިރަށް އީނާ ނަޒްޔަކްއާ ދުރަށް ޖެހިލަމުން ހިތްހަމަނުޖެހުނުކަން ހާމަކޮށްލިއެވެ. އޭނަ ނަޒްޔަކްއާ ދުރަށް ޖެހިލީ ވިދުވަރުގެ ހަލުވި މިނުގައެވެ. ”ސޮރީ، އެވަގުތު އިތުރު ޗޮއިސްއެއް ނެތީމަ އެހެން ކަންތައް ކުރަން ޖެހުނީ، އެހެން ނޫނަސް އަހަންނަކީ އެހެން މީހުންގެ ހައްޤުތަކަށް އަތްގަދަކުރަން އުޅޭމީހެއް ނޫން…” ނަޒްޔަކް ޖިންސްގެ ޖީބަށް އަތްޖަހާލަމުން ބުންޏެވެ.
(ނުނިމޭ)
9 Comments
Comments are closed.
ey haadha slow ey update vaaley..Ekm vvv reethi
V reethi mi part vx..waiting fr da next part
varah fake dhen thibuna inaa eh maa reethi veema evves sababaka nula shaira hithah eriha echeh kiyan. adhi meehaku reethiviyas ena aa medhu hasadhaverivegen faadufaaduge echehi kiyakah nujehey. ethankolhu eha kamaku nudhey. gaboolukuran dhathi egothah evves meehaku hama meehaku fenna irah egothah vahaka dhakkafane kamah.
Nice
މިބައި ހަމަ ވ ވ ވ ވ ވ ވ ސަޅި .. މިހާރު މިއިނީ އަނެއް ބައި ކިޔާހިތުުން ކެއްމަދުވެފަ.. އަވަހައް އަޕް ކޮއްލަދެއްޗޭ އިނގޭ މުތާ… 🙂
Story vvvv reethi nd u can do much better nd rooo shiyaara inaa dheke rulhi anani typical male’ meehunge visnumaa hedhi inaa rajjetherei kujakah vima eina hykurani laari fahathun dhuvani kmh plus dhen reethi vima ithurah hasadhaverivegen e ulheni, mutha dhen villlan gina nukohba plss villan in gina vima story hadhi vedhena mutha mihaaru thigendhaa goh salhi but miahvure rangalhu kureveine, keep it up
vaahaka kyhbetha new shedule aa ehgothah up nuvany……………….
varah salhi….dhn avahah een n alyas gulhuvaabala…vaahaka vvv intrsting…waiting 4 de nxt prt….. 🙂 🙂 🙂
Alhe haadha lahey up vaaleh.. haadha inthixaareh kureve ey eba.. keh nuvegen mi comment kohlee.. vaahaka varah varah reethi.. waiting for the next part.. kon irakuntha up vaan