ހޯދޭތޯ މަންޒިލެއް… 4
މާއީއަށް ދޭން ތަށިބަރި ހިފައިގެން އައި މައުސޫމާއަށް ހުރެވުނީ ކޮޓަރީގެ ދޮރުހުޅުވަން ތަޅުގައި ހިފާލި ގޮތަށް ގަނޑުވެފަ އެވެ. އޭނަގެ ސަމާލުކަން ހުއްޓިފައިވީ އިވެމުން ދިޔަ ވާހަކަތަކަށެވެ. މާއީއާއި ޒިވާންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑު އިވި އޭނަގެ ހިތަށް ނުހަނު އަސަރުކުރި އެވެ. އޭނަ އެންމެ ބޮޑަށް ދެރަވީ އެދެކުދިންގެ ހިތާމަތަކަށް ނިމުން ގެނެސްދިނުމުގައި އޭނަ ނުކުޅެދިފައިވާ މިންވަރު އިހުސާސުވެފަ އެވެ، ހަމައެއާއެކު ޒިވާންގެ އަޑުގައި ހުރި ވޭނުގެ އަސަރުތަކުން އޭނަގެ ލޮލުން ކަރުނަ ވެސް ނީރާލިއެވެ. އެދަރިފުޅު އެދަނީ ހާދަ ވޭނެއް ބަރުދާސްތުކުރަމުން ހެއްޔެވެ؟
‘ކިހިނެއްވެފަ ތިހުންނަނީ؟…” މައުސޫމާގެ ފަހަތުން އައި އާމިރަށް، ހުއްޓުން އަރާފައި ހުރި މައުސޫމާގެ ފެނުމާއެކު އަހާލެވުނެވެ. އެއަޑަށް މައުސޫމާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލާލިއިރު އާމިރު އައިސް އޭނައާ އަރާހަމަކުރަނީ އެވެ. އަދި އަވަސް ވެގަތީ އާމިރު ގޮވައިގެން އެތަނުން ދާށެވެ.
”އިރުކޮޅަކުން ވަންނާނީ… ޒިވާންމެނަށް ވެސް އެކަނި ވަގުތުކޮޅެއް ދޭންވާނެއެއްނު…” މައުސޫމާ އޭނަގެ މޫނުމަތީގައިވި ޝުޢޫރުތައް އާމިރަށް ސިއްރުކުރަމުން ވާހަކަދެއްކި އެވެ.
”އެހެންވެތަ ނުވަދެ މަޑުކޮށްގެން ހުރީ؟…” މައުސޫމާއެކު ކުރިއަށް ހިނގައިގަންނަމުން އާމިރު އަހާލިއެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މައުސޫމާ ”ހޫނނނ” ލައްވާލިއެވެ. އޭރުވެސް އޭނަގެ ކަންފަތުގައި ތަކުރާރުވަމުން ދިޔައީ ޒިވާންގެ ވާހަކަތަކެވެ. އެދަރިފުޅުގެ ފަހުގެ ވަސިއްޔަތެވެ.
*****
ޒިވާންގެ މެޔަށް ފިނިވަމުން ދިޔައީ މާއީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުންނެވެ. ހިތަށް ކިތަންމެ އަސަރެއް ކުރިކަމުގައި ވިޔަސް ޒިވާން އޭނަ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލަން ގަސްދެއް ނުކުރިއެވެ. އެހެންނޫނީ މާ ލަސްވެދާނެކަމުގެ ބިރު އެހިތުގައި އޮތެވެ. މާއީގެ ފަރާތުން އޭނަ ޖަވާބު ބޭނުންވަނީ ވެސް އެހެންވެ އެވެ. އޭނަގެ ދިލަ ހިތަށް ފިނިކަމުގެ އަސަރު ލިބޭނީ ވެސް އޭރުންނެވެ. އޭނަގެ ވަޢުދާ އަހުދުތަކަށް ބޯލަނބާނަން ކަމަށް މާއީ ވަޢުދު ވާން އޭނަ ނުހަނު ބޭނުމެވެ. އޭނަގެ ނެތިދިއުމުގެ ތަކުލީފުގެ ސަބަބުން މާއީގެ ދިރިއުޅުއުން އެއްވެސް ހާލެއްގައި އަނދަވަޅަކަށް ވެއްޓިގެން ދާން އޭނަ ބޭނުމެއް ނޫނެވެ. އެއީ މާއީއަށް ވެސް އަދި އެމީހުންގެ ދަރިފުޅަށް ވެސް އިންސާފު ވެރި ގޮތެއް ނޫނެވެ. މާއީގެ ފަރާތުން ޒިވާން ޖަވާބު ބޭނުންވަނީ އެހެންވެ އެވެ. އޭނަ ނެތް ދުނިޔެއެއްގައި ވެސް މާއީ އުފަލުގައި ހުރުން އެއީ އޭނަގެ އެންމެ ފަހުގެ ވަސިއްޔަތެވެ. އޭނަގެ ވޭންތަކަށް ލިބޭނެ ފަހުގެ ޝިފާއަކީ ވެސް އެއެވެ.
”މާއީ…”
ޒިވާން އޯގާތެރިކަމާއެކު މާއީގެ ބޮލުގައި ފިރުމާލިއެވެ. އޭރު ވެސް ޒިވާންގެ މޭގައި މޫނުޖައްސާލައިގެން މާއީ ރޮނީ އެވެ.
”މާއީ…” އަނެއްކާ ވެސް ޒިވާން ގޮވާލިއެވެ.
މާއީ ލަސްލަހުން އޭނަގެ އިސްއުފުލާލައި ޒިވާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ދެމަފިރިންގެ ދެލޮލުން ވެސް އެކަކު އަނެކަކުގެ ހިތުގެ އުދާސްތައް ބަޔާންކޮށްދިނެވެ. ދުނިޔެއާ މެދު އުފެދިފައިވާ ޝަކުވާތައް ވެސް މެއެވެ. ހަޤީޤަތަށް ފިލެން ނެތް ކަމުގެ ހިތިކަން ވެސް މެއެވެ.
”އަހަންނަށް އެނގޭ މިވާހަކަތަކުން މާއީގެ ހިތަށް އަސަރުކުރާނެކަން، ހިތުގައި ޖެހޭނެކަން… މިފަދަ ވާހަކައެއް ދައްކަން ޖެހޭނެ ދުވަހެއް އައިސްދާނެކަމަކަށް ވެސް އަހަރެން ހިޔެއް ނުކުރަން، އެކަމަކަު ތައްޔާރު ނުވެވެނީސް މިއޮތީ ބައްދަލުކުރަން ޖެހިފައި… މާއީ… އަހަރެން މާއީދެކެ ވަރަށް ލޯބިވޭ، މާއީ ވެސް އަހަރެންދެކެ ލޯބިވާކަން އެނގޭ… އެކަމަކު އަހަރެންގެ ނެތިދިއުމުގެ ހިތާމައިގައި މާއީ ދިރިއުޅުން ބަރުބާދުކޮށްލާކަށް އަހަރެން ނޭދެން… އަހަރުމެންގެ ދަރިފުޅާއެކު މާއީ އުފަލުގައި ހުންނާނެތަން ދުށުން އެއީ އަހަރެން އެންމެ ބޭނުންވާކަމަކީ… އަހަރެންގެ މި އެދުން މާއީ ފުއްދައިދޭނަންތަ؟… ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކޮންމެ ކަމަކާއި ވެސް ހިތްވަރާއި އެކު ކުރިމަތިލާނަންތަ؟… ހިތާމަކުރުމާއިގެން މުޅި އުމުރު ބޭކާރުކޮށްނުލާނަން ކަމަށް އަހަންނަށް ވަޢުދު ވާނަންތަ؟…”
ޒިވާން ލޯތްބާއެކު މާއީގެ ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް ފޮހެލަދިނެވެ. އަދި މާއީގެ ނިތްކުރިއަށް ބޮސް ދިނެވެ.
ޒިވާންގެ ވާހަކަތަކުން ޒިވާން އޭނަދެކެ ވާ މަތިވެރި ސާފު ލޯބި މާއީއަށް އިހުސާސް ކުރެވުނެވެ. އޭނައަށް ބޮޑަށް ރޮވެނީ ވެސް އެހެންވެއެވެ. އެވާހަކަތައް ދެއްކުން އެއީ ޒިވާންއަށް ކިހާ ތަކުލީފު ލިބޭނެކަމެއް ކަން ރަގަޅަށް އެނގޭތީ އެވެ. ނަމަވެސް ޒިވާން އެހުރިހާ ކަމަކަށް ވުރެ ބޮޑަށް އިސްކަން ދޭން ބޭނުންވަނީ އޭނަ އަށެވެ. އޭނަ އުފަލުގައި ހުރުން އެއީ ޒިވާން އެންމެ ބޭނުންވާ ކަންތަކެވެ. ޒިވާން އަބަދުވެސް އަހައްމިއްޔަތުކަން ދެމުން އައީ އޭނަގެ އުފަލަށެވެ. އެހެނަސް ޒިވާން ނެތް ދުނިޔެއެއްގައި އޭނައަށް އުފާވެރިކަން ލިބޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހުރިހާ އުފަލަކާއި ގުޅިފައި ވަނީ ޒިވާން އެވެ. މާއީއަށް އޭނަގެ ކަރުނަތަކުގެ މައްޗަށް ކުރި ހޯދަން އުނދަގޫވަނީ އެހެންވެއެވެ. ޒިވާންގެ ވަޢުދުތަކަށް އާނ ބަސް ދޭން ޖެހިލުން ވަނީ ވެސް އެހެން ވެއެވެ. އެވަޢުދުތައް ނުފުއްދިދާނެކަމުގެ ބިރު ހިތުގައި އޮތީތީ އެވެ.
”މާއީ، ޕްލީޒް…” ޒިވާންގެ އަޑުގައި ވަނީ އާދޭހެވެ. ”ވަގުތަކީ ހުރިހާ ކަމެއްގެ ވެސް ޝިފާއެއް… މާއީގެ ވޭނަށް ވެސް ވަގުތާއެކު ފަސޭހަކަން ލިބޭނެ… ދުނިޔެ ވެސް ތާއަބަދު އެއްގޮތަކަށް ނޯންނާނެ، އަބަދު ވެސް ދުނިޔެއަށް ބަދަލުތައް އަންނަމުން ދާނެ، އެކަމުން ވެސް ހާމަކޮށްދެނީ ހާލަތު އަބަދު އެއޮތް ގޮތަށް ދެމި ނޯންނާނެކަން، އެހާލަތު ވެސް ބަދަލުވެގެން ދާނެކަން…… މާއީގެ ދުލުން އެންމެފަހަރަކު ވިޔަސް އަހަރެންގެ ވާހަކަތަކަށް އެއްބަސް ވަމޭ ބުނެލުމާއެކު އަހަރެންގެ ހުރިހާ ހިތާމަތައް ވެސް ފަސޭހަވެގެންދާނެ…”
”ވަޢުދުވަން!……” ގިސްލުން އޮއްބާލަން މަސައްކަތްކުރަމުން މާއީ ބުނެލިއެވެ. އެއާއެކު ޒިވާންގެ ތުންފަތަށް ވަރަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. އޭނަ މާއީގެ ހަށިގަނޑުގައި ބައްދާލިއެވެ. އަދި ލޯތްބާއެކު ރާޅުބާނީކަން އެކުލެވިފައިވާ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
*****
ތިރީސް މިނެޓް ފާއިތުވެގެން ދިޔަ އިރު ވެސް މާއީއާއި ޒިވާން އެކަކު އަނެކަކުގެ އަތުތެރޭގައިވީ ދުރަށްދާން ބޭނުންނުވާ ހާލުގައެވެ. މާއީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުން އައިސްފައިވީ ނަމަވެސް މާޔޫސްކަމުގެ ކުލަވަރުތަކަށް ބަދަލެއް ނާދެއެވެ. މާއީއާ ޚިލާފަށް ޒިވާންގެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނެއެވެ. މާއީ އޭނަގެ ވަސިއްޔަތުގައި ހިފާނަންކަމަށްވި ވަޢުދާއެކު އޭނަގެ އެންމެ ބޮޑު ކަންބޮޑުވުމަށް ވެސް ވަނީ ހައްލެއް ލިބިފަ އެވެ. މާއީ ވަޢުދާ ޚިލާފު ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތީތީ އެވެ. މާއީއަށް އަދި ނޭގުނުކަމުގައި ވިޔަސް، މާއީ ހިތްވަރުގަދަ ވާނެކަން އޭނައަށް އެނގެއެވެ. ދިރިއުޅުމުގައި ދިމާވާނެ ހުރިހާ އަޑިގުޑަނަކުން އަރައިގަންނަން ހިތްވަރާއެކު މަސައްކަތްކުރާނެކަން ވެސް މެއެވެ.
”ފާޚަނާއަށް ގޮސްފައި އެބަ އަންނަން…” މާއީ ތެދުވާން އުޅުމާއެކު ޒިވާން މާއީގެ އަތުގައި ހިފާލުމުން މާއީ ބުނެލިއެވެ. ޒިވާން ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން މާއީގެ އަތުން ދޫކޮށްލިއެވެ. މާއީ ގޮސް ފާޚަނާއަށް ވަންނަން ދެން ޒިވާން ބަލަހައްޓައިގެން އޮތެވެ.
”އައެމް ސޯ ސޮރީ ދެޓް އައި ވޯންޓް ބީ ދެއާރ ފޯރ ޔޫ ވެން ޔޫ ނީޑް މީ ދަ މޯސްޓް… ބަޓް ވިތް ޓައިމް އެވްރީތިންގް ވިލް ބީ ފައިން…” ޒިވާން އޭނަގެ ޒަމީރާ ވާހަކަދައްކާލި އެވެ.
*****
މޫނު ދޮންނަ ތަށިގަނޑު ކުރިމައްޗަށް ހުއްޓިލަމުން ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ އަމިއްލަ ސޫރައަށް މާއީ ނަޒަރު ހުއްޓާލި އެވެ. ތަފާތު ޚިޔާލުތަކުގެ ތެރޭގައި އޭނަ ބަނދެވިގެން ދިޔައީ ދެނެވެ. އެހެން ހުއްޓާ ސިއްސައިގެން ދިޔައީ ވަރަށް ބާރަށް މައީގެ ނަމުން ގޮވާލަމުން ޒިވާން ކެއްސަން ފެށުމާއެކުގަ އެވެ. އެއާއެކު މާއީއަށް ހުރެވުނު ތަން ވެސް ނޭގުނެވެ. ތެޅެމުން ފޮޅެމުން ފާޚަނާގެ ދޮރު ހުޅުވާލާފައި ކޮޓަރިއަށް ނިކުމެވުނު އިރު އޭނަގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމާއި ހާސްކަމެވެ.
ވައިސޫރީގެ ހަލުވިމިނުގައި އައިސް އެނދުކައިރިއަށް ހުއްޓުނުއިރު ކެއްސުންގަނޑާއެކު ޒިވާންގެ އަނގައިން ބޭރުވެގެން ދިޔަ ލޭ އެނދާއި ބިންމައްޗަށް ފައިބައިގެން ދިޔަ އެވެ. މިމަންޒަރު ފެނި މާއީ އަވަސްވެގަތީ ނަރުސްކުއްޖަކަށް ގޮވުމަށެވެ. ނަމަވެސް އޭނައަށް ކުއްލި ސިހުމަކާއެކު ހުއްޓެވުނީ ވަރަށް ބާރަށް ޒިވާން އޭނަގެ އަތުގައި ހިފުމުގެ ސަބަބުންނެވެ.
ޒިވާންގެ އަނގަޔާއި ނޭފަތުގެ އިތުރުން ކަންފަތުން ވެސް ލޭ އަންނަމުން ދިޔަ އެވެ. އޭރު އޭނަ ނޭވާ ނުލެވިގެން ވެސް އުޅެއެވެ. މިމަންޒަރުތައް ފެނި ގަނޑުވެފައި ހުރި މާއީއަށް ހަމަހޭވެރިކަން ވެގެން ދިޔައީ ގަޑިންގަޑިއަށް ޒިވާންގެ ހާލަތު މޮނީޓާރ ކުރަން އައި ކޭޓްގެ އަޑަށެވެ. ސިހުންވެރިކަން މުޅި ހަށިގަނޑަށް ވެރިވެގެން އައިއިރު ޒިވާން އޭނަ އަތުގައި ހިފަހައްޓައިގެން ހުރުމުގެ ސަބަބުން އަތަށް ވަމުން ދިޔަ ތަދުގެ އިހުސާސު ވެސް އޭނައަށް ކުރެވެގެން ފެށުނެވެ.
ވިދުވަރުގެ ހަލުވިކަމާއެކު ނިކުމެގެން ދިޔަ ކޭޓް އައީ ޑޮކްޓަރުންގެ އިތުރުން އިތުރު ދެ ސީނިއާރ ނަރުހުންތަކެއް ވެސް ގޮވައިގެންނެވެ. އޭރު ވެސް މާއީއަށް ހުރެވުނީ ހުއްޓުންއަަރާފަ އެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން އޭނަގެ ސިކުނޑީގެ މަސައްކަތަށް ބުރޫއަރާފައިވާ ކަހަލަ އެވެ.
ކޭޓް އައިސް މަސައްކަތްކުރީ މާއީ ދުރަށް ގެންދިއުމަށެވެ. ކޮޓަރީގައި ތިބި ހުރިހާ އެންމެންގެ މޫނުމަތިން ވެސް އޭރު ފެންނަނީ ހާސްކަމެވެ. މާއީއަށް ހަމަހޭވެރިކަން ވީ ކޭޓް އޭނަ ދުރަށް ގެންދަން އުޅުމާއެކުގައެވެ. އޭނަ ވަގުތުން ކޭޓްގެ އަތް ފޮޅުވާލުމަށްފަހު މަސައްކަތްކުރީ ޒިވާން ގާތަށް ދިއުމަށެވެ. ކަރުނުން ފުރި ބާރުވަމުން ދިޔަ ދެލޮލުން ޒިވާން ތެޅިފޮޅެމުން ދިޔަ ތަން ފެނި އަނެއްކާ ވެސް އޭނައަށް ހުއްޓެވުނީ އެވެ.
ޑޮކްޓަރުންނާއި ނަރުހުން ޒިވާން ވަށާލައި އަވަސްފަރުވާދެމުން ދިޔަ ތަން ފެނި މޭގެ ތެރޭގައި އޮތް ހިތަށް ބާރުވަމުން ދިޔަ އިހުސާސް މާއީއަށް ކުރެވުނެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ ހަޤީޤަތް އިންކާރުކޮށް ހަޅޭއްލަވައިގަންނަން ވެސް އޭނަ ބޭނުން ވިއެވެ. ނަމަވެސް ޝޮކެއްގެ ތެރެއަށް ގޮސްފައިވުމުން އޭނައަށް އެއިން އެއްވެސް ކަމެއް ނުކުރެވުނެވެ.
ކޭޓްގެ މޫނަށް ބަލާލިއިރު ފެނުނު ޝުޢޫރުތަކާއެކު މާއީއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
ލަސްލަހުން ފަހަތަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މާއީގެ ޒަމީރު ހަޅޭއްލަވަމުން ދިޔައީ ނޫނެކޭ ބުނަމުންނެވެ. އަރު ތެރެއިން އެއަޑު ބޭރު ނުވިކަމުގައި ވިޔަސް، އޭނަގެ މުޅި ޖިސްމަށް ޒަލްޒަލާއެއް ގެނުވާފައިވެ އެވެ. ދެލޯ ފުރި ބާރުވަމުން އައި ކަރުނަތައް ހަލުވިކަމާއެކު އޭގެ މަޤާމު ދޫކޮށް ފައިބައިގެން ދާއިރަށް އަނެއްކާ ވެސް ތާޒާ ކަރުނަތައް ޖަމާވެގެން ދެއެވެ.
ފަހުނޭވާވަޅަށް އެޅިގެން ދިޔަ ހިނދު ޒިވާންއަށް ބަލާލެވުނީ މާއީ އަށެވެ. އެއަށްފަހު އޭނަގެ ލޮލުގެ ހިމަކޮޅުން ލާފައި ފައިބައިގެން އައި ކަރުނައާއެކު ޒިވާންގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ.
ޒިވާންގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން ކިތަންމެ ވަރަކަށް މަސައްކަތްކުރިކަމުގައި ވިޔަސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ފުރާނައަށް މާތްﷲ ކަނޑައަޅުވާފައިވާ ވަގުތު އައިސް ހަމަވުމާއެކު، ކިތަންމެ ޤާބިލު ޑޮކްޓަރުންނެއް ތިބިކަމުގައި ވިޔަސް އެކަމަށް ބަދަލެއް ނުގެނެވޭނެއެވެ. މާތްﷲގެ އަމުރުފުޅު އައުމާއެކު އެފުރާނަ އޭގެ ވެރި ރަސްކަލާގެ ހަޟުރަތަށް ގެންދެވޭނެއެވެ.
ކިތަންމެ ބާރުގަދަ ވިޔަސް މަރުގެ މަލާއިކަތާގެ ކުރިމަތީގައި ކޮންމެ ނަފުސެއް ވެސް ބަލިކަށިވާނެއެވެ. ހަޔާތުގެ ދުވަސްތައް ހޭދަކުރާއިރު މަރު ތިމާއާ މާދާމާ ވެސް ބައްދަލުކޮށްފާނެކަން ދަންނަން ޖެހޭނެއެވެ. މިއީ ވަގުތީ ގޯއްޗެކެވެ. ދާއިމީ ގޯއްޗެއް ނޫނެވެ. މިގޯތި ދޫކޮށް މާތްﷲ ގެ ހަޟުރަތަށް ކޮންމެ ނަފްސެއް ވެސް ދަތުރުކުރަން ޖެހޭނެއެވެ. ދާން ޖެހޭނެވަގުތެއް ނޭގޭނެއެވެ. ދުރާލާ އަޖަލުގެ ކުރިން އެކަމަށް ތައްޔާރުވާން ވާނެއެވެ.
ފަހަތަށް ޖެހެމުން ދިޔަ މާއީއަށް ހުއްޓެން މަޖުބޫރުވީ ފާރުގައި އޭނަގެ ބުރަކަށި ޖެހުމުންނެވެ. އެވަގުތު އޭނަގެ ކަންފަތުގައި އައިސް ޖެހުނީ ހާރޓް މޮނީޓާރ ހުއްޓުމަކަށް އައި އަޑެވެ. އެއަޑު ކުއްލިޔަކަށް ކަންފަތުގެ ތެރޭގައި ރަނގަބީލެއްގެ ސިފައިގައި ތަކުރާރުވާން ފެށި އެވެ. ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ އިހުސާސާއެކު ހީވީ ސިކުނޑި އެތިކޮޅުތަކަށް ބުރައިގެން ދިޔަ ހެންނެވެ. ހަށިގަނޑުގެ ހުރިހާ ނާރުތައް ގުޑުވާލީ ބިރުވެރިކަމުގެ ރާޅުބާނީ ތަކުންނެވެ. މޭގަނޑު ނެގިފައި ޖެހެން ފެށިއިރު ހުއްޓުމެއް ނެތި މާއީގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔަ އެވެ.
ހަށިގަނޑުގެ ކޮންމެ ސެލްއަކަށް އައި ކުއްލި ލޮޅުމާއެކު މާއީއަށް ބިންމައްޗަށް ތިރިވެވުނީ އޭނަގެ ކަކުލުހުޅުން ވާގި ދޫވުމުގެ ސަބަބުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ މޫނުމަތީގައިވި ނާކާމިޔާބީއާއި މާޔޫސްކަމުގެ އަސަރުތަކުން މާއީގެ ހިތް މޭގެތެރޭގައި ފިތި ބާރުވަމުން ދިޔަ އެވެ. ހިތާއިވީ ފަޅީގައި ކަނާތު އަތްތިލަ ގެނެސް ޖައްސާލެވުނު ހިނދު ދަތްތޮޅީގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ދިޔަ އެވެ.
”ނޫން!…” އެލަފުޒުތައް ވެސް މާއީގެ ދުލުން ބޭރުވީ ތަކުލީފާއެކުގައެވެ. އޭނަގެ މުޅި ޖިސްމުގައި ވެސް އުފެދިފައިވަނީ ބަޔާންކުރަން ދަތި ވޭނެކެވެ. ޒިވާންގެ ވެކިވެދިއުން ޤަބޫލުކުރަން އޭނަގެ ނަފުސު ދެކޮޅު ހެދި އެވެ.
”ނޫން!!!…”
މާއީއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެހެންވެގެން ނުވާނެ އެވެ! ޒިވާންއަށް ޑޮކްޓަރުން ދީފައި އޮތް ވަގުތު އަދި ހަމައެއް ނުވެއެވެ! ދެން ޒިވާން ކުއްލި ގޮތަކަށް އޭނަ ދޫކޮށްފައި ދާން ވީ ކީއްވެގެން ހެއްޔެވެ؟ މިއީ ހަޤީޤަތެއް ނޫނެވެ! މިއީ ހިތާމައިގެ ސަބަބުން އޭނަގެ ސިކުނޑި އޭނައަށް ދައްކާލާ ދަޅަ އެކެވެ! ލޯހުޅުވާލާއިރަށް މިކަންތައް ބަދަލުވެގެން ދާނައެވެ! ޒިވާން އޭނަގެ ގާތުގައި ހުންނާނެއެވެ!
ކަރުނަތައް އަތުނުގެ ނުފުށުން ފޮހެލަމުން މާއީ ކުއްލިޔަކަށް ކޮޅަށް ތެދުވުނެވެ. އަދި އަވަސް ހިނގުމެއްގައި ހިނަގއިގަތީ ޒިވާންގެ ގާތަށް ދިއުމަށެވެ.
ކޭޓް މާއީ ހިފަހައްޓަން އުޅުނެވެ. އެއާއެކު މާއީގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ”ލެޓް މީ ގޯ!!!”
”އައި ސެޑް ލެޓް މީ ގޯ!!!…” މާއީގެ އަޑުގައި ރުޅިވެރިކަމާއި ވޭން އެކުލެވިފައި ވިއެވެ. އޭނަ މަސައްކަތްކުރީ ކޭޓް ކޮއްޕާލާފައި ޒިވާން ގާތަށް ދާށެވެ.
އެދަނޑިވަޅަކީ މައުސޫމާއާއި އާމިރު ވެސް އައިސް ކޮޓަރިއަށް ވަން ވަގުތެވެ. ފެނުނު މަންޒަރާއެކު މައުސޫމާގެ އަތުގައި އޮތް ތަށިބަރި އޭނަގެ އަތުން ދޫވެ އޭގައި ހުރި ކާއެއްޗެހި ބިންމައްޗަށް ވެއްޓުނެވެ. ހެޔަށް ގޮތެއްވެ އަނބުރައި ގަންނަން އުޅޭހެން ހީވި ހިނދު އޭނަގެ ހަށިގަނޑުގައި އާމިރު ހިފަހައްޓާލިކަން އިހުސާސް ކުރެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




Salhi ekamu v kuru dhw???
Varah asaru kohfi
This story is soooo emotional.. keep it up
Wen is the nxt part
it was very touching..made me cry.?
keep the good work..waiting for the next part❤️?
ma sha allah….vv asaru gadha vaahaka eh…hama ?…vaahakaige ibaaraiy kurun hama 1 vana ..
whn next waitinnnnn
Hey samm, Story will be updated on every Tuesday and Saturday (In Sha Allah). And a very special thanks to all the readers who are enjoying this story and giving positive feedback <3
Alhey so sad.. ????
and he never rplies to comments ?. Mutha u have potential and i always love ur stories but nw every time u start the story and doesnt finish it. this time i hope u wont stop this story like u did when u updated it on vfp page. please do read our comments even if u dnt rply. love the story so heart touching. waiting for the next part. atleast please let us knw which days u update the story
Hey dear.
I apologize for the delay(s) during the stories Baazee (you can read this now on esfiya) and Hoadeythoa Manzileh.
As mentioned earlier I’ll give my best to finish this novel (In Sha Allah).
Once again I apologize, and the story will be updated on every Tuesday and Saturday.
P.S. I do read every readers feedback. I really want to reply to the feedback of my beloved readers and give answers to their questions regarding the story line, however due to my schedule, most of the time I am not able to reply to the readers. However in the future I will give time to respond to all the readers feedback.
Thank You All