Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 5

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 20, 2018 9 Mins Read
4 Comments

ޒިވާން އޮތް އެނދު ކައިރިއަށް ހުއްޓިލަމުން ހަރަަކާތްތަކަށް ހުއްޓުމެއް އައިސްފައި އޮތް ޒިވާންއަށް މާއި ބަލާލިއެވެ. އޭރު ޒިވާންގެ ނޭފަތާއި ކަންފަތުން ފައިބަމުން ދިޔަ ލޭ މަނާކުރަން ނަރުހަކު ކަފަކޮޅުތައް ބޭނުންކުރަމުން ދިޔަ އެވެ. ހަމަހިމޭންކަން ވެރިވެފައިވި މާއީ އެއްފަހަރު ޒިވާންއަށް އަދި އަނެއް ފަހަރު ހާރޓް މޮނީޓާރއަށް ބަލާލިއެވެ. މޭގެ ތެރޭގައި ފިތިބާރުވަމުން ދިޔަ ހިތުގެ އާހްތައް ތުންފަތް ފޫއަޅުވާލާފައި ނިކުމެގެން ދިޔައީ ދެނެވެ. އެތައްހާސް ޓަނުގެ ބަރުދަނާއެކު ސިކުނޑިއަށް ސަވާރުވެގެން އައި ހަޤީޤަތާއެކު ހީވީ ބާރުގަދަ އެތިފަހަރެއް ބޮލަށް އަމާޒުވީހެންނެވެ. ހެޔަށް ވެސް ގޮތްތަކެއްވިކަން ގައިމެވެ. ދެލޯ ފުރިބާރުވަމުން އައި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން އައި ހިނދު ޒިވާންގެ އަތްތިލައިގައި މާއީއަށް ހިފަހައްޓާލެވުނެވެ.

”ޒި..ވާ…ން…” އަރުތެރެ ބެދިފައިވުމުން މާއީގެ ދުލުން އެލަފުޒުތައް ނިކުތީ ތަކުލީފާ އެކުގައެވެ. މޭގެތެރޭގައި އުފެދިފައިވި ހައިޖާންގަނޑު އޭނައަށް ދެނެއް ބަރުދާސްތެއް ނުކުރެވުނެވެ. އަޑުންއަޑުނަގާފައި ރޮއިގަނެވުނު އިރު އޭނައަށް ހުރިދިމާއަށް ތިރިވެވުނީ ވޭނީ ގިސްލުންތަކާއެކުގައެވެ.

ދުރުގައި މަންޒަރު ބަލަން ތިބި އާމިރުގެ ދެމަފިރިންގެ ދެލޮލުން ވެސް ކަރުނަ ފައިބަމުން ދިޔަ އެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާއެކު ވެސް ހިތްވަރުކޮށްލުމަށްފަހު މައުސޫމާ ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅުނެވެ. މާއީއަށް ވަމުން ދިޔަ ގޮތް ފެނި އޭނައަށް އެމަންޒަރު ބަލަން ދުރުގައި ހުންނަން ކެތްނުކުރެވުނީ އެވެ. ނަމަވެސް ކުރިއަށް އަޅަން އުޅުނު ފިޔަވަޅާއެކު އަނެއްކާ ވެސް މޫނުމައްޗަށް އަނދިރިވިހެން އޭނައަށް ހީވިއެވެ. މިފަހަރު ވެސް އަރިއަޅާލަން އުޅުނު މައުސޫމާއަށް އެހީވެދިނީ އާމިރެވެ.

ދެންވީ ގޮތެއް މާއީއަކަށް ނޭގުނެވެ. ހެޔަށް ގޮތްވެ ލޯމެރެމުން ދިޔަ ހިނދު ޒިވާންގެ އަތްތިލައިން އޭނައަށް ދޫކޮށްލެވުނެވެ. ހަށިގަނޑު ޓައިލްސްތަކުގެ މަތީގައި ޖެހުނުހެން ވެސް އޭނައަށް ހީވި އެވެ. ނަމަވެސް އެއްވެސް ކަހަލަ ތަދުގެ އިހުސާސެއް އޭނައަކަށް ނުކުރެވުނެވެ. ހީވަނީ ހުރިހާ ހިއްސުތައް ވެސް އައްސިވެފައިވީ ހެންނެވެ. ލަސްލަހުން މެރެމުން ދިޔަ އެސްފިޔަތަކުގެ ތެރޭން އޭނަ ކައިރިއަށް ގުދެވެލި ނަރުހުންނާއި އާމިރުގެ މޫނު އޭނައަށް ފެނުނެވެ. ނިދީގެ އަސަރު ލޮލަށް ސަވާރުވާކަމުގެ އިހުސާސު ވެސް ކުރެވުނެވެ.

*****

ވަށައިގެން ވަނީ ކަޅު އަނދިރިކަމެވެ. ހިމޭންކަމެވެ. ވައިރޯޅިއެއް ވެސް ޖެހިލާ އަޑެއް ނީވެއެވެ. މާއީ ދެލޯ ހުޅުވައިގެން އެއަނދިރިކަމުގެ ތެރެއަށް ހޭނެން މަސައްކަތް ކުރިއެވެ. ދުރުން އައްޔެއް ވާހެން ވެސް ހީވި އެވެ. މާއީ އައްޔާއި ދިމާއަށް ހިނގައިގަތެވެ. ހިމޭންކަން ތޮރުފާލަމުން ކުއްލިޔަކަށް އިވުނީ ޒިވާން އޭނައަށް ގޮވާލި އަޑެވެ. ވަށައިގެން މާއީއަށް ހޯދާލެވުނެވެ.

”ޒިވާން؟…” މާއީ ގޮވާލިއެވެ. އެހިނދު އަނެއްކާ ވެސް ޒިވާންގެ އަޑު އޭނައަށް އިވުނެވެ. މިފަހަރު ފެންނަމުން ދިޔަ އަލިކޮޅު ކުރިމަތީން މީހަކު ސިފަވާހެން ވެސް މާއީއަށް ހީވިއެވެ. މާއީއަށް ކުރިއަށް ދުއްވައިގަނެވުނެވެ. ނަމަވެސް އޭނަ ކުރިއަށް ދާވަރަކަށް އެމީހަކު އޭނައާއި ދުރަށް ދާހެން ހީވިއެވެ. އެންމެފަހުން ވަރުބަލިވެ މައިނޭވާލެވެން ފެށުމުން މާއީއަށް މަޖުބޫރީ ހުއްޓާލާށެވެ. އޭނައަށް ބިންމައްޗަށް ތިރިވެވުނީ ހަށިގަނޑުން ހަކަތަ ހުސްވުމުންނެވެ. މައިނޭވާލަމުން އަނެއްކާ ވެސް މާއީ ކުރިއަށް ބަލާލިއެވެ. އެއާއެކު އޭނައަށް ތެޅިގަނެވުނެވެ. ކުރިން އޭނައަށް ފެނުނު އައްޔެއް މިހާރަކު ނެތެވެ. މުޅި މާހައުލަށް ވެރިވެފައި ވަނީ މަރުގެ ހަމަހިމޭންކަމެވެ.

”ޒިވާން!!!…” ހަޅޭކެއްގެ އަޑާއެކު މާއީއަށް ކުއްލިޔަކަށް ރޮވުނެވެ. އޭނަ ކަންފަތް ހުޅުވާލީ ޒިވާންގެ ހިލަމެއް ވޭ ތޯ އެވެ. އޭރު މީހާ ދަލުން ފެންވެރިއްޖެއެވެ.

*****

މާއީ ކައިރީގައި އިން މައުސޫމާ އޭނަގެ އަތުގައި އޮތް ޓިޝޫކޮޅުން އިރުއިރުކޮޅާ ކަރުނަ ފޮހެލައެވެ. އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. އެކަމުން ވެސް ހެކިދެނީ ގިނަ އިރު ވަންދެން ރޮއެފައިވާ ކަމެވެ. ދަރިފުޅުގެ ވަކިވެދިއުމުގެ ވޭނާއި އެކުވެ މާއީއަށް ވެދާނެ ގޮތާ މެދު އެހިތުގައިވި ބިރުވެރިކަމާ ހުރެ މައުސޫމާގެ އުދާސްކަން ދިޔައީ ފާއިތުވާ ކޮންމެ މިނެޓަކާއެކު ތޫފާނަކަށް ބަދަލުވަމުންނެވެ.

”މަންމައަށް މަޢާފްކުރޭ… މަންމަ ހާދަ މަސައްކަތެއް ކުރީމޭ ތިދެކުދިންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދެވޭތޯ… އެކަމަކު މިއަދު ޒިވާން އެވަނީ ތާއަބަށް އަހަރުމެންނާ ދުރަށް ގޮސްފައި… އެހަނދާންތައް މެނުވީ އަހަރުމެންނާއެކުވާނެ އެއްޗެއް ނެތް…… މަންމަ ބިރުގަނޭ ދަރިފުޅަށް ވެދާނެ ގޮތަކާ މެދު…”

މާއީގެ އަތްތިލައިގައި ހިފާލަމުން މައުސޫމާ ބުނެލިއެވެ. އެވަގުތު އެތަނަށް މީހަކު ވަންހެން ހީވެގެން މައުސޫމާ ފަސްއެނބުރި ބަލާލިއެވެ. އޭރު ލަސްހިނގުމެއްގައި އެމީހުންނާ ދިމާއަށް އާމިރު އާދެ އެވެ. އޭނަ އެއައީ ޒިވާންގެ ހަށިގަނޑާ ހަވާލުވުމުގެ ކަންތަކުގެ އިތުރުން، ޖަނާޒާގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައެވެ. ހަމައެއާއެކު މާއީގެ އާޢިލާއަށް ވެސް ޒިވާންގެ މަރުގެ ޚަބަރު ދީފައެވެ. އެމީހުންގެ އެދުމުގެ މަތީން ޖަނާޒާގެ ކަންތައް އާމިރު ހަމަޖެއްސީ އެޢާއިލާގެ ހުރިހާ އެންމެނަށް ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ފަދައިންނެވެ.

އާމިރު އައިސް މައުސޫމާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. މުޅި މާހައުލުގައި ވަނީ އުދާސްކަމެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް އެކަމަށް ހެކިދެއެވެ. މައިންބަފައިން ދުނިޔޭގައި ތިއްބާ ޒުވާން ދަރިފުޅު ވަކިވެގެން ދިއުމުން އެލިބޭ ވޭނާއި ކެކުޅުމުގެ އަސަރު ތަޖުރިބާ ކުރެވިފައިވި މީހަކަށް މެނުވީ އިހުސާސެއް ނުކުރެވޭނެ އެވެ. އެއީ ހިތުގައި ހާދަ ވޭނެއްއަޅާ ކަމެކެވެ. ދަރިފުޅުގެ ޖަނާޒާގެ ކޮންމެ މަންޒަރަކުން ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސް ލެވިގެން ދާނެއެވެ. ހަމައެއާއެކު ދަރިފުޅު ދެން އަނބުރާ ނާންނާނެ ކަމުގައި ހިތި ހަޤީޤަތާ ވެސް ކުރިމަތިލާން މަޖުބޫރުކުރުވާނެ އެވެ.

”މާދަމާ މެންދުރަށް މާއީގެ އާޢިލާ މީހުންނަށް އާދެވެން އޮތީ… ޢަޞްރު ނަމާދަށް ފަހު ވަޅުލުމުގެ ކަންތައް ހަމަޖެހިފައި އޮތީ…” މުޅި މާހައުލަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފޫއަޅުވާލީ އާމިރުގެ އަޑުންނެވެ. އެއާއެކު މައުސޫމާއަށް ގިސްލެވިއްޖެއެވެ. ޒިވާންގެ ވަކިވެ ދިއުން ޤަބޫލުކުރަން އޭނަގެ ޒަމީރު އަދިވެސް އެއްބަހެއް ނުވެއެވެ. އެހެނަސް އާމިރުގެ ވާހަކަތަކުން އޭނައަށް އެކަމަށް މަޖުބޫރުކުރުވުމުން އޭނައަށް ރޮވުނީއެވެ.

”މައުސޫމާ… މީ އަހަރުމެން ހިތްވަރުކުރަންޖެހޭ ވަގުތު… އިނގޭ މިހެން ބުނެލާ އިރު ވެސް އެއީ ފަސޭހަކަމަކަށް ނުވާނެކަން، އެކަމަކު ވެސް އަހަރުމެން ޖެހޭނެ ހިތްވަރުކުރަން… މާއީއަށް އަހަރުމެންގެ ހިތްވަރު ވަރަށް ބޮޑަށް ވެސް ބޭނުންވާނެ، ވަކިން ހާއްސަ ގޮތެއްގައި މާއީ އިން ހާލަތުގެ ސަބަބުން… މައުސޫމާ ރޮންޏާ މާއީ އިތުރަށް ދެރަވުން ނޫންކަމެއް ވެސް ނުވާނެ… އޭގެ ސަބަބުން މާއީގެ ސިއްހީ ހާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ވެސް ނުވާނެ…” އާމިރު ވިސްނައިދިނެވެ. އޭނަގެ އަޑުގައި ރިހުމެއް ވިއެވެ.

އާމިރުގެ ވާހަކަތަކަށް މައުސޫމާއަށް އެއްބަސް ވެވުނެވެ. ނަމަވެސް އޭނަގެ ހިތުގައި އަޅަމުން އެދާ ވޭނަށް އޭނައަށް ކެތްކުރެވޭނެ ހެއްޔެވެ؟

*****

”ޒިވާން!!!…” ފުން ނިދީގައި އޮތް މާއީއަށް ކުއްލިޔަކަށް އޭނަގެ ލޯހުޅުވާލެވުނެވެ. އެއަޑަށް އެތާ އިން މައުސޫމާ ދިޔައީ ސިއްސައިގެންނެވެ.

ލޯހުޅުވާލުމުން މާއީއަށް މަންޒަރުތައް ފެނުނީ ނިކަން ފުސްކޮންނެވެ. ނަމަވެސް އެސްފިޔަތައް ތަޅުވަން ފެށުމުން ވަގުތާ އެކު މަންޒަރުތައް ސާފުވާން ފެށި އެވެ. ބޮލަށް ބަރުވެފައިވާކަން ވެސް އިހުސާސްކުރެވުނީ ދެނެވެ.

”ޒިވާން؟…” އޭނަ ހޯދަން އެންމެ ބޭނުންވާ ސޫރަ ނުފެނުމާއެކު މާއީއަށް ތެޅިގަނެވުނެވެ. އޭނަގެ ޚިޔާލުތަކުގެ ލޯގަނޑަށް މަންޒަރެއް ސިފަވާން ފެށީ ވެސް އެދަނޑިވަޅުގައެވެ. އޭރު މާއީއަށް ވަމުން ދިޔަ ގޮތާ ހުރެ ހާސްވެ ފިކުރުބޮޑުވެފައި ހުރި މައުސޫމާ ނަރުސްކުއްޖަކަށް ގޮވާލި އެވެ.

މާއީ ގޮތްދޫކުރުމެއް ނެތި އުޅުނީ އޭނަގެ އަތުގައި ގުޅާފައި ހުރި އައިވީ ނައްޓާލުމަށްފަހު ޒިވާން ބާއްވާފައި އޮތް ކޮޓަރިއަށް ދާށެވެ. ސިކުނޑިއަށް ވެރިވަމުން އައި އެއްވެސް ޚިޔާލެއް ޤަބޫލުކުރާކަށް އޭނަގެ ޒަމީރު ތަނެއް ނުދިނެވެ.

”މަންމާ އަހަރެން ޒިވާން ގާތަށް ގެންދޭ…” ނަރުހުންތަކެއް އައިސް މާއީ ހަމައަކަށް އަޅުވަން އުޅެ އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ. ނަރުހުންތައް ވެސް ފޮޅުވާލާފައި މާއީ އުޅުނީ އެނދުން ފައިބާށެވެ. ލޮލުން ކަރުނަނުހިފޭ ހާލު އެމަންޒަރުތައް ބަލަން ހުރި މައުސޫމާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެއާއެކު އޭނައަށް ހަޤީޤަތް ހާމަކުރެވުނެވެ.

މައުސޫމާގެ ޖުމްލަ ކަންފަތުގައި ޖެހުމާއެކު މާއީގެ ހަރަކާތްތައް ވަގުތުން ގަނޑުވިއެވެ. މޫނުގެ ކުލަވަރު ބަދަލުވެގެން އައީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ބޮޑުކޮށްލެވިފައިވި ދެލޮލުން އޭނަ އެސްފިޔަޖަހާލުމެއް ނެތި މައުސޫމާއަށް ބަލަމުން ދިޔަ އެވެ. އޭރު އެއިން ކޮންމެ ލަފުޒެއް ތުނޑުތޫނު ކަށިތަކެއްގެ ސިފައިގައި އައިސް ހިތުގެ އެންމެ ފުނަށް ހެރި ފަސޭހަނުވާނެ ފަދަ ރިހުންތަކެއް އުފައްދަމުން ދިޔަ އެވެ. މާއީ މައުސޫމާއާ ހަތަރުކަޅި ހަމަކޮށްލީ އެއީ ދޮގެކޭ ބުނެ އާދޭސްކުރާ ހާލުގައެވެ. ޒިވާން ހެޔޮހާލުގައި ވެޔޭ ބުނާށޭ ބުނާ ހާލުގައެވެ.

މާއީގެ ލޮލުގައިވި އާދޭސްތަކަށް ދޭނެ ޖަވާބެއް ނެތުމުން މައުސޫމާއަށް އިސްތިރިކޮށްލެވުނެވެ. އެހަރަކާތުން އެކަނިވެސް މާއީގެ ހިތަށް ލޮޅުން ގެނުވިއެވެ. ލޯފުރިބާރުވަމުން އައި ވޭނީ ކަރުނަތައް ފައިބަން ފެށިއެވެ.

ގަބުވެފައިވާ ހާލު މާއީއަށް އެނދުގައި ބުރަކަށިޖައްސާލެވުނެވެ. އަދި ހަޤީޤަތް ހަޖަމުކުރުމުގެ ފުރުސަތު އޭނަގެ ސިކުނޑިއަށް ހުޅުވާލަ ދިނެވެ. މާއީ ބަހެއް ވެސް ނުބުނެ އޮންނަން ފެށުމުން މައުސޫމާ ހާސްކަމެއްގެ ތެރެއަށް ގެނބިގެން ދިޔަ އެވެ. މާއީ ނޭވާލާހެނެއް ވެސް ހިޔެއް ނުވެއެވެ.

މާއީ ނަޒަރު ހުއްޓާލައިގެން އޮތީ ސީލިންގްއަށެވެ. އޭރު އޭނަގެ ލޮލުގެ ހިމަކޮޅުންލާފައި ފައިބަމުން އައި ކަރުނަތަކުން ބާލީސް ތެމެމުން ދިޔަ އެވެ. މާއީގެ ސިކުނޑި އޭނައަށް ވިސްނައިދެމުން ދިޔައީ ހަޤީޤަތް ޤަބޫލުކުރުމަށެވެ. އަދި ކެތްތެރިވުމަށެވެ. ހަމަ އެވަގުތު ޒިވާން އޭނަ ގާތު ދެއްކި ވާހަކަތައް ވެސް ސިކުނޑިއަށް ވެރިވާން ފެށި އެވެ.

”އަހަރެން ބޭނުން ޒިވާންއާއި ބައްދަލުކުރަން…” މައީ އޭނަގެ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. އެއަޑުގައި ވަނީ އާދޭހެވެ. ”އަހަރެން ކެތްކުރާނަން…”

މާއީ ކެތްތެރިވާނަމޭ ބުނިކަމުގައި ވިޔަސް އޭނަގެ ހިތާއި ސިކުނޑިއާ ދެމެދު އޭރު ވަނީ ދެކޮޅުވެރިކަން އުފެދި ވަރުގަދަ ހަނގުރާމައެއް ފެށިފައެވެ. ހިތް ބޭނުންވަނީ ހަޤީޤަތަށް އިންކާރުކުރާށެވެ. ސިކުނޑި ބޭނުންވަނީ ހަޤީޤަތާ ކުރިމަތިލާށެވެ. ގޮތްހުސްވެ އެދެމެދުގައި މާއީގެ ނަފުސު ހައްޔަރުވެފައި ވިއެވެ.

ތަކުރާރުކޮށް އެކަމަށް އެދެން ފެށުމުން މައުސޫމާއަށް މަޖުބޫރުވީ މާއީގެ އެދުން ފުއްދައިދޭށެވެ. އެމަންޒަރު ބަލަން މައުސޫމާއަށް ކެތްނުކުރެވިދާނެތީ އެކަމާއި ހަވާލުވީ އާމިރެވެ.

*****

”ދަރިފުޅު ތައްޔާރު ނޫންނަމަ ފަހުން ވެސް އާދެވިދާނެ…” މޯޗަރީއާއި އަރާހަމަވުމުން އާމިރު މާއީ ގާތު ބުނެލިއެވެ. އޭނަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

”ކިތަންމެ ވަގުތެއް ވިޔަސް ތައްޔާރެއް ނުވެވޭނެ، އެކަމަށް ރަގަޅު ވަގުތެއް ދުވަހަކުވެސް ނާންނާނެ…” މާއީ ބުނެލިއެވެ. ”ބައްޕާ… އަހަރެން ކެތްކުރާނަން… މިހުރިހާ ދުވަހުވެސް ކެތްކުރީމެއްނު…”

ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން މާއީ ބުނެލިއެވެ. އޭނަ އެހެން ބުނިކަމުގައި ވިޔަސް ޒިވާންގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން ވެދާނެ ގޮތެއް ހިތަށް ވެސް ނުގަނެވޭނެކަން މާއީއަށް ޔަޤީންކުރެވުނެވެ. ނަމަވެސް އޭނައަށް އެހަޤީޤަތަކަށް ފިލަން ނުދުވޭނެކަން އޭނައަށް ޔަޤީން ވެއެވެ. ވަގުތު އޮތްވާ އެކަމާ ކުރިމަތި ނުލައިފިއްޔާ އިތުރު ވޭނެއް މެނުވީ ބަލިކަށި އެހިތަކަށް ނުލިބޭނެކަން ގައިމެވެ.

ޒިވާން ފެނުނު ވަގުތު މާއީގެ ހިތަށް އިތުރު ޒަހަމްތަކެއް ލިބުނެވެ. ދުނިޔޭގައިވާހާ ހިތާމައެއް އޭނަގެ ފަސްބަޔަށް އެޅިގެން ދިޔަ ކަމުގެ އިހުސާސް ވެސް އޭނައަށް ކުރެވުނެވެ. ނުރޯން ހުރި ކަމުގައި ވިޔަސް ރޮވުނެވެ.

*****

ޖެހިގެން އައި ދުވަހު ޖަނާޒާގެ ހުރިހާ ކަމެއް ކުރިއަށް ދިޔަ އެވެ. މާއީގެ މަންމަ ބަސްމާގެ އިތުރުން ބައްޕަ ޖާވިދު ވެސް އައިސް ތިއްބެވެ. ހަމައެއާއެކު މާއީގެ ކޮއްކޮ ތޫގާ އާއި އޭނަގެ ފިރިމީހާ ރުކާން ވެސް ޖަނާޒާގައި ބައިވެރިވި އެވެ.

”އޯހ ސިސް… އައެމް ސޯ ސޮރީ…” މާއީ ކައިރިއަށް ހުއްޓިލަމުން ތޫގާ ބުނެލިއެވެ. ތޫގާއަށް މާއީ ބަލާލިއެވެ. އެއާއެކު ތޫގާ މާއީގެ ގައިގައި ބައްދާލިއެވެ. ކޮއްކޮގެ ގާތްކަމުން މާއީގެ ހިތާމަތަކަށް ކުޑަ ވެސް ލުޔެއް ލިބުނުހެން އޭނައަށް ހީވި އެވެ. އޭނަ ނުރޯން ހުރިކަމުގައި ވިޔަސް ރޮވުނީ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. ތޫގާ މާއީގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ހިތްވަރުކުރުމަށް ބުނެލިއެވެ. އެއަށްފަހު އޭނަ މާއީއާ ދުރަށް ޖެހިލަމުން ރުކާން ގޮވައިގެން އެއްފަރާތަކަށް ޖެހިލި އެވެ.

މާއީއަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ ޒިވާންގެ ކަފުން ބަންދުދުރަން މޫނު އަޅަން އުޅުމާއެކުގައެވެ. އެއާއެކު އޭނައަށް ހުރެވުނު ތަން ވެސް ހަނދާން ނެތުނު ކަހަލައެވެ. ކުރަމުން އައި ހުރިހާ ހިތްވަރެއް އެލި އެކަން ހުއްޓުވަން ދުއްވައިގަނެވުނީ ކުއްލިޔަކަށެވެ. އެއީ އޭނައަށް ޒިވާންގެ މޫނުު ފެންނާނެ އެންމެ ފަހު ފަހަރުކަމުގައި ވާން އޭނަގެ ހިތް ދެކޮޅު ހެދިއެވެ. އޭނަ ގޮސް ޒިވާންގެ މޫނުގައި އަޅަން އުޅުނު ކަފައާއި ފޮތިގަނޑު ޖަހައިގަންނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އެކަމަށް ޖާވިދު ހުރަސް އެޅިއެވެ. އެކަމާ ހުރެ ބައްޕަ ދެކެ މާއީއައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް އޭނަގެ ރުޅި އުދާހަށް އިރުކޮޅެއްގެ ތެރޭގައި ބަދަލުވިއެވެ. ބައްޕަގެ މޭގައި ލައްވެލަމުން އޭނައަށް ބާރަށް ގިސްލެވުނެވެ. ބަސްމާއާއި މައުސޫމާ އެވަގުތު މާއީ މަސަލަސްކުރަން އަވަސްވެގަތެވެ.

*****

ޖަނާޒާގެ ހުރިހާކަމެއް ނިމި ގެއަށް އާދެވުނުއިރު އިރު އޮއްސިއްޖެއެވެ. ގެއަށް އާދެވުމާއެކު ހަމަހިމޭން ވެފައި ހުރި މާއީ ބޭނުންވީ އެކަނިވެލާށެވެ. އަދި އޭނަގެ ހިތުގެ އުދާސްތައް ބޭރުކޮށްލާށެވެ. އާޢިލާ މީހުންނަށް ނޭގުނުކަމުގައި ވިޔަސް އޭނަ ވަށާލައިގެން އެންމެން ތިބެ ދެމުން ދިޔަ ހިތްވަރުގެ ބަސްތަކުން އޭނައަށް ހީވަނީ ނޭވާ ހާސްކުރުވާހެންނެވެ. އެންމެން ވެސް އޭނައާ މެދު ކަންބޮޑުވެފައި ތިބިކަން އޭނައަށް އެނގެއެވެ. ނަމަވެސް އޭނަ މިވަގުތު ބޭނުންވަނީ އެކަނި ވެލާށެވެ. ހިތް ފުރެން ދެން ކަރުނަ އޮއްސާލާށެވެ. އޭރުން އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެއެވެ.

”މަންމާ… މިވަގުތު އަހަރެން އެކަނިވެލުމުގެ ފުރުސަތު ދީ… އަހަރެން މޮޔަ ކަމެއް ނުކުރާނަމޭ… އަހަރެން ބޭނުންވަނީ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން…” ކޮޓަރިއަށް ދާން އުޅުނު މާއީ ހުއްޓުވަން މައުސޫމާ އުޅުނެވެ. އެވަގުތު މައުސޫމާއަށް ބަލާލަމުން އެކަމުގެ ހުއްދަ ދޭން ބަސްމާ ބޮލުން އިޝާރާތްކޮށްލިއެވެ. މިއަދު މާއީގެ ފަރާތުން ފެނުނު ހިތްވަރާއެކު އޭނަ މާއީއަށް ފުރިހަމައަށް އިތުބާރު ކުރެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މާއީ ކުރި ހިތްވަރަށް ސާބަސް ދިނުން ހައްގެވެ. އެއީ އެހެންމީހަކު ނަމަ އެތަކުލީފަށް އަމަލުކުރާނީ މުޅިން އެހެން ގޮތެއްގައެވެ.

މާއީ ކޮޓަރިއަށް ދާން ހިނގައިގަތް އިރު އެންމެން ތިބީ ބޮޑުކޮޓަރީގައެވެ.

*****

ކޮޓަރީގެ ހަތަރުފާރުތެރޭގައި އެކަނިވުމާއެކު މާއީއަށް ހީވީ ހަތަރުފާރު ވެސް އައިސް އޭނަ ވަށާލައި ފިސްފިސްކޮށްލަން އުޅުނު ހެންނެވެ. ދޮރުގައި ބުރަކަށިޖައްސާލަމުން އޭނައަށް ދޮރު ބުޑަށް ތިރިވެވުނީ ރޮމުންނެވެ. ދެފައި ގެނެސް މޭގައި ޖައްސާލަމުން ކަކުލުގައި އޭނައަށް ބޯއަޅާލެވުނެވެ.

”ޒިވާން…” ރުއިމުގެ ތެރޭން އޭނައަށް ގޮވާލެވުނެވެ. އެހިނދު އޭނަގެ ލޯކުރިމަތިން ސިފަވާން ފެށީ ޖަނާޒާގެ މަންޒަރުތަކެވެ. ހަމައެއާއެކު ޒިވާންގެ އެންމެ ފަހު ވަގުތު ވެސް ސިފަވާން ފެށިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭން އާހުތަކާއެކު ބޭރުވަމުން ދިޔަ އެވެ. އިރުއިރުކޮޅާ ކޮޓަރީގެ ހިމޭންކަން ނަގާލަނީ މާއީގެ ރުއިމުގެ ސަބަބުންނެވެ.

ކުއްލިޔަކަށް މާއީގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ބަނޑުގައި އޮތް ދަރިފުޅުގެ ތޮޅުމުގެ އިހުސާސް އޭނައަށް ކުރެވުމާއެކުގައެވެ. ވަގުތުން އޭނަގެ ރުއިން ހުއްޓުމަކަށް އައެވެ. ދަރިފުޅުގެ ތޮޅުމާއެކު ނޭގޭ ގޮތެއް މާއީއަށް އިހުސާސް ކުރެވުނެވެ. ހީވީ އެދަރިފުޅު ވެސް މަންމަގެ ހިތާމައިގައި ބައިވެރިވެ މަންމައަށް ހިތްވަރުލައިދޭން މަސައްކަތްކުރާހެންނެވެ.

*****

ދިގު ދަތުރެއް ކޮށްފައި އައުމުން ވަރުބަލިވަނީއޭ ބުނެ ތޫގާ ހިނގައިގަތީ އޭނައާއި ފިރިމީހާ ތިބުމަށް ހަމަޖެހިފައިވި ކޮޓަރިއަށެވެ. ތޫގާ ދާން ހިނގައިގަންނަން އުޅުމުން ރުކާން އޭނަގެ އަތުގައި ހިފައި ހުއްޓުވަން އުޅުނެވެ. އަދި ލޮލުން އިޝާރާތްކޮށްލީ އާޢިލާ މީހުންގެ ހިތާމައިގައި ބައިވެރިވުމަށް އެތާނގައި މަޑުކުރުމަށެވެ. ނަމަވެސް ވަރުބަލިވުމުގެ އަސަރު މޫނަށް ގެންނަމުން ތޫގާ ދާން ހިނގައިގަތެވެ. އެކަމާ ހިތްހަމަނުޖެހިފައިވި ރުކާން އެއްޗެއް ނުބުނީ މާހައުލުގެ ނާޒުކުކަމުންނެވެ.

މާއީގެ ކޮޓަރިއާ އަރާ ހަމަވީތަނާ ތޫގާއަށް މާއީގެ ރުއިމުގެ އަޑު އިވުނެވެ. އިރުކޮޅެއް ވަންދެން ކޮޓަރީގެ ދޮރާ ދިމާއަށް ބަލން ހުރެފައި އޭނަ ކުރިއަށް ހިނގައިގަތެވެ. އެމޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅެއް ނުވެއެވެ. އޭނަ ގޮސް ގެސްޓް ރޫމަށް ވަދެ ދޮރު ލައްޕާލި އިރު ފަނޑުކޮށް ވިޔަސް މާއީގެ ރުއިމުގެ އަޑު އިވެ އެވެ.

*****

ރޭގަނޑުގެ ވަގުތެވެ. މާއީއަށް ދޭން ކާއެއްޗެހި ތަބަކަށް ލައިގެން އައިސް ކޮޓަރިއަށް ވަން ބަސްމާއަށް ހުއްޓެވުނީ ނަމާދުކުރަން ހުރި  މާއީ ފެނުމުންނެވެ. އޭނަ ގޮސް ކޮޓަރީގައި ހުރި ސޯފާއާއި ކުރިމައްޗަށް ވާނެހެންވި ބިއްލޫރި މޭޒުމަތީގައި ތަބައް ބެހެއްޓިއެވެ. އަދި މާއީ ނަމާދުކޮށް ނިމެން ދެން ސޯފާގައި މަޑުކޮށްލައިގެން އިނެވެ.

ނަމާދުކޮށް ނިމުމާއެކު މާއީ ދުޢާކުރުމަށް އަތް އުފުއްލާލިއެވެ. އަދި ހެއްދެވި ފަރާތުގެ މަދަދަށް އެދި ދެންނެވިއެވެ. އޭނަގެ ހިތާމަތަކަށް ލުއިކަމެއް ގެނެސް ދެއްވުން އެދިއެވެ. ދުނިޔެއާއި ކުރިމަތިލުމަށް ހިތްވަރު ދެއްވުން އެދި އެވެ. ހަމައެއާއެކު އޭނަގެ ލޯބިވާ ފިރިމީހާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ވެސް ދެންނެވިއެވެ.

މުސައްލަ އޮޅާލުމަށްފަހު އެގެންގޮސް ކޮޓަރީގައި ހުރި ކަބަޑުމަތީ މާއީ ބޭއްވި އެވެ. އަދި ފަސްއެނބުރި އޭނަގެ މަންމައަށް ބަލާލިއެވެ. މަންމަގެ ދެލޮލުން އޭނައަށް އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފެނުނެވެ. އެއާއެކު ފުންނޭވާއެއް މާއީ ދޫކޮށްލިއެވެ. އަދި ހިތުގެ ހައިޖާންގަނޑު އޮއްބާލަން މަސައްކަތްކުރަމުން މަންމަ ގާތަށް ދިއުމަށް ހިނގައިގަތެވެ. މަންމަ އޭނަގެ ހާލާ މެދު ކަންބޮޑުވަންޏާ މަންމަގެ ސިއްހީ ހާލަތު ގޯސްވެދާނެކަން އޭނައަށް އެނގޭތީ މާއީ ހުރީ ހާސްވެފައެވެ. މަންމަގެ ހިތަށް ތަސައްލީއެއް ގެެނެސްދޭން މާއީއަށް މަޖުބޫރުވީ ހުރިހާ ހިތާމަތަކެއް ފަރުދާކުރާށެވެ.

”މަންމާ…” މާއީ އައިސް ސޯފާގައި އިށީނެވެ. އަދި އޭނަގެ މަންމަގެ އަތްތިލައިގައި ހިފާލިއެވެ.

”ދަރިފުޅު މަންމަ ގާތު ދޮގު ހަދަން އުޅޭނެ ކަމެއް ނެތް، މަންމައަށް އިނގޭ ދަރިފުޅު ތިމަންނަ ރަގަޅޭ ބުންޏަސް ރަގަޅެއް ނުވާނެކަން… އެހެންވެ މަންމަ ގާތު ދޮގުހަދަން އުޅޭނެ ކަމެއް ނެތް…” ހުޅުވާފައިވާ ފޮތެއްހެން މާއީގެ ކޮންމެ އިހުސާސެއް ބަސްމާއަށް ނަގައިގަނެވުނެވެ. އޭނަ ލޮލުން ފޭދެން އުޅުނު ކަރުނަ އަވަސް އަވަހަށް ފޮހެލިއެވެ.

”ހިތްދަތިވާ ވަގުތު ރޮވުމަކީ އިންސާނީ ތަބީއަތުގައި ލައްވާފައިވާ ކަމެއް… ވޭން ބަރުދާސްތުނުކުރޭ ހިނދު ރުއިމަކީ ވެސް މައްސަލައެއް ނޫން، ކަރުނައަކީ ހިތުގެ އުދާސްތައް ބޭރުކުރަން އެންމެ ރަގަޅު ފަރުވާ، އެކަމަކު އެކަހެރިވެ އެކަން ކުރުމަކީ ރަގަޅުކަމެއް ނޫން، ތިމާގެ އުދާސްތައް އެހެނިހެން މީހުންނާއި ވެސް ހިއްސާކުރަން ޖެހޭނެ، އޭރުން އެމީހުންނަށް ވެސް އެހީވާން އެނގޭނީ… އެންމެ ގާތް އެކުވެރިޔާ ނުވަތަ ކޮއްކޮއަކާ ހިތާމަތައް ހިއްސާކުރުމުން ލިބޭ ތަކުލީފު ވެސް ކުޑަ ވާނެ، ހަމައެއާއެކު ލިބޭ ވޭނުން އަރައިގަނެ ދިރިއުޅުން އާރާސްތުކުރަން ވެސް ފަސޭހަވާނެ… މަންމަ ދަރިފުޅުގެ ފަރާތުން އެދެން ބޭނުންވަނީ އެންމެ ކަމަކަށް، އެކަނިވެރިކަން ޚިޔާރުނުކޮށް ތި ހިތާމަތައް އިތުރު ފަރާތަކާ ހިއްސާކޮށްދީ… މަންމައާއި ހިއްސާކުރަން ބޭނުންނުވާނަމަ ދަރިފުޅުގެ ކޮއްކޮއާ ހިއްސާކުރުން ވެސް އެންމެ ރަގަޅު… ތީ އެއްއުމުރެއްގެ ދެކުދީން، އެކަކު އަނެކަކުގެ އިހުސާސްތައް އެންމެ ރަގަޅަށް އެނގޭނީ ވެސް ތި ދެކުދީންނަށް، މާއީގެ އެންމެ ގާތް އެކުވެރިޔަކީ ވެސް އެއީ އެއްނު…” ބަސްމާ އޭނަގެ ދަރިފުޅަށް ވިސްނައިދިނެވެ. އޭނަ އަކީ މީގެ އަހަރުތަކެއް ކުރިން ނަފުސާނީ ބަލިތަކުގެ ހާއްސަ ޑޮކުޓަރެކެވެ. ލިބިފައިވާ ތަޖުރިބާގެ އަލީގައި ދަރިފުޅަށް ލުޔެއް ހޯދައިދޭން ބަސްމާ ހުރީ ނުހަނު ބޭނުންވެފައެވެ. ހަލާކުގެ ތެރެއަށް މާއީގެ ނަސުފު ވައްޓާލުމުގެ ފުރުސަތު ދޭން ބަސްމާ ބޭނުމެއް ނުވިއެވެ.

”މަންމާ، އަހަރެން މަންމަ ކަންބޮޑުވާ ފަދަ ކަމެއް ނުކުރާނަން… އަހަރެން އަމިއްލަ ނަފުސަށް އަނިޔާ ނުދޭނަން… އަހަރެންގެ ދަރިފުޅަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން… މިހިތާމަތައް ބަރުދާސްތުކުރަން ދުވަސް ނަގާނެ… އެކަމަށް އަހަރެން ކެތްތެރިވާނަން… އަހަރެން އެކަނިވެރިކަން ވެސް ޚިޔާރެއް ނުކުރާނަން… މި ދަރިފުޅާކީ ޒިވާން އަހަރެންގެ އަތްމައްޗަށް ދޫކޮށް ދިޔަ އަމާނާތެއް… އެއަމާނާތައް އަހަރެން ފަރުވާތެރިވާނަން… ޒވާންގެ ހަނދާންތަކާ ގުޅިފައިވާ އެންމެ ފަހުގެ ފަރާތަކީ ވެސް މި ދަރިފުޅު…” މާއީ ބުނެލިއެވެ. މަންމަގެ ވާހަކަތަކުން އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

*****

ރީތިވާ މޭޒު ކުރިމަތީ ފަރިވާން އިން ތޫގާއަށް އެނދުގައި އޮށޯވެލައިގެން އޮތް ރުކާން ބަލާލިއެވެ. ތޫގާ މާވަރަކަށް ފަރިވާތީ އޭނައަށް ލިބިފައިވަނީ ހައިރާންކަމެކެވެ.

”ކޮންތާކަށް ދާންތަ ތިހާ ވަރަކުން ފަރި ތިވަނީ؟…” ބޯދަށަށް އަތް ލައްވާލަމުން ރުކާން ބުނެލިއެވެ. އޭނަ ހުސް ގަޔާ އޮތުމުން އެހަށިގަނޑުގެ ބާރުގަދަ މަސްތަކުގެ ފުރިހަމަކަން ވަނީ ހާމައަށެވެ. ލޯގަނޑުން އެމަންޒަރު ބަލަން އިން ތޫގާގެ ތުންފަތުގައި ފަހުރުވެރިކަމުގެ ހިނިތުންވުމެއް ވިއެވެ. އޭނަގެ ފިރިމީހާ ހާދަ ފިރިހެންވަންތަ އެވެ. އަންހެންކުދިންގެ ހިތްތައް ދީވާނާ ކޮށްލާނެ ފަދަ ހުރިހާ ޖާދުލެއް ރުކާންގެ ފަރާތުން ފެނެއެވެ. ވަކިން ހާއްސަގޮތެއްގައި އެތޫނު ދެލޮލެވެ. އެހިތްގައިމު ޖާދުލުގެ ވެރިޔާ އޭނައަށް ހާސިލުކުރެވިފައިވުމުން ހިތަށް ބުނެދޭން ނޭގޭ އުފާވެރިކަމެއް ވެރިވެފައި ވިއެވެ.

”ބޭރަށް ދާން…” ފިރިމީހާގެ ފުރިހަމަކަމާ މެދު ހިނިތުންވެލަމުން ތޫގާ ބުނެލިއެވެ.

”ކީއްކުރަންތަ؟…” ރުކާންއަށް އަހާލެވުނެވެ. ތޫގާގެ މިޒާޖަށް އެއަންނަ ކުއްލިކުއްލި ބަދަލުތަކުން އޭނަ ހުންނަނީ ހައިރާން ވެފައެވެ. އިނދެގެން ފަސް އަހަރު ވީއިރު ވެސް އޭނައަށް ތޫގާ ރަގަޅަށް ދަސްނުވާހެން ވެސް އޭނައަށް ހީވެ އެވެ.

”ތޫގާއަށް ނޭގެނީތަ ގޭތެރޭގެ ހާލަތު އޮތް ގޮތް… މިފަދަ ވަގުތެއްގައި ބޭރަށް ދިއުން ރަގަޅެއް ނުވާނެ، އަނެއްކާ ކީއްވެތަ މާއީ ކައިރިއަށް ނުގޮސް ތޫގާ ބޭރަށް ދާން ތިއުޅެނީ؟…” ރުކާންގެ ޖުމްލައާއެކު ތޫގާ ލޯހަދާލިއެވެ. އޭނަ ތުންދަމާލާފައި އަތުގައި އޮތް ސެންޓު ފުޅި ގަޔަށް ބުރުއްސަން ފެށިއެވެ. އަދި ކުއްލިޔަކަށް ސެންޓުފުޅި ބަހައްޓަމުން ރޯން ފެށި އެވެ.

”އަހަރެން އޭރު ވަރުބަލިވަނީޔޭ ކިޔާފައި ދިޔައީ ކޮޓަރިއަކަށް ނޫނޭ!… ކުޑާ ކައިރިއަށޭ އަހަރެން ދިޔައީ… އޭރު ވެސް ރުކާން އަހަންނާ މެދު ދެކުނީ ނުބައިކޮށް، މިހާރު ވެސް ތިދެކެނީ ހަމަ އެހެން!… ހީކުރީތަ އަހަރެން ދިޔައީ ވަރުބަލި ފިލުވަން ކަމަށް؟… ކުޑާ ވޭނުގައި ވާތަން ދެކެން އެކަނި އަހަރެން ދޫކޮށްނުލާނެކަން އެނގެން ޖެހޭނެ ދޯ؟… ރުކާންއަށް ކީއްވެ އަހަރެން ކުރަން އުޅޭ ރަގަޅު ކަންތަކާ މެދު އަބަދު ސުވާލު އުފައްދަނީ؟… އަހަރެން ކުޑާއަށް ހިތްވަރުދޭން އެތައް އިރެއް ވަންދެން ހުރީން… އަހަރެން ބޭރަށް މިދަނީ ހަމައެކަނި އަހަންނާ ރުކާން ދާކަށެއް ނޫނޭ… ކުޑާ ވެސް ގޮވައިގެން ދާށް!!!…” ލޮލަށް ކަރުނަ ގެންނަމުން ތޫގާ ބުންޏެވެ. އެއާއެކު ރުކާން ދެރަވިއެވެ. ތޫގާއާ މެދު ހީކުރެވުނު ގޮތުންނެވެ. ތޫގާ އޭނަގެ ދައްތަ ދެކެ ވާލޯތްބާ މެދު ސުވާލު އުފެއްދުނީތީ އެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެވްލީން… 5

Next

ލޯތްބަކީ 19

Next
October 20, 2018

ލޯތްބަކީ 19

Previews
October 20, 2018

އެވްލީން… 5

4 Comments!

  1. Navii says:
    October 20, 2018 at 9:54 pm

    Yey..?????? first dhw???…. Vvvvvv reethi mi part ves???????????.. When next.????

  2. Dr.eamss says:
    October 20, 2018 at 9:55 pm

    Me first dhw
    V salhi hama habeys varah dhera vehjje zivaan maru v ma

  3. Aisha says:
    October 20, 2018 at 10:03 pm

    Wow.. v reethi waiting for the next part

  4. mar-hath says:
    October 20, 2018 at 10:29 pm

    ???v emotional mi part ves.
    waiting for the next part

Comments are closed.


All Right Reserved!