“މީ ނިކަތް.. ދެންމެ މަޑުމަޑުން ނިކޫ ނިކޫ އޭ ކިޔަ ކިޔާ އިނީ.. އެއީ މިކުއްޖާގެ ދައްތަ.. މީ މަރިޔަމް ނިކަތް” އެކުއްޖާ ގޮވައިގެން ބޭރަށް ނިކުންނަމުން ނިޝާން ބުނެލިއެވެ. މިވަގުތު އޭނާ ބޭނުންވީ އެކުއްޖާ އެތަނުން ނެރެގެން އެހެން ތަނަކަށް ގެންދާށެވެ.

ހޭނެތިފައި އޮތް ކުއްޖާ އަތްމައްޗަށް ލައިގެން ނިކުތުމުން މަގުމަތީގައި ތިބި މީހުންގެ މޫނުމަތިން ފެންނަން ހުރީ ޝައުޤު ވެރިކަމެވެ. ދުވަމުން ކަހަލަ ގޮތަކަށް އައިސް ނިޝާން ކާރައަރައި ބުނެލީ އޭނާގެ ގެއަށް ދިއުމަށެވެ. މިވަގުުތު މިކުއްޖާ ބޭނުންވާނީ އަޅާލާނޭ ބައެކެވެ. ކާރުން ފައިބައިގެން އައިސް ނިޝާންދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ސާރާ ދޮރު ހުޅުވާލުމަށްފަހު ބަލާލީ ހާސްވެފައިވާ ނިޝާންގެ މޫނަށެވެ. އާންމު ގޮތެއްގައި ނިޝާން އެވަރަށް ހާސްވާނީ އޭނާގެ ކައިރިން ކަމަކަށް އެދެންވީމައެވެ. ސާރާ ނިޝާންގެ އަތުގައި އޮތް އަންހެން ކުއްޖާއަށް ބަލާލަމުން ދޮރު ބޮޑަށް ހުޅުވާލާފައި ތަންދައްކާލިއެވެ. ކުއްޖާ ސޯފާގައި ބޭއްވުމަށްފަހު ސާރާއަށް  ބަލާލެވުނީ އާދޭހުގެ ނަޒަރަކުންނެވެ.

“ނިޝާން އަހަންނާ ނާޒިންގެ މަތިން ހަނދާން ވެއްޖެތަ؟..” ސާރާ އެހެން ބުނެލީ ޝަކުވާ ކުރާ ކަހަލަ ގޮތަކަށެވެ.

“ޝަވާދިން މަރުވިތާ ދެދުވަހޭ އަދި.. ޝަވާދިން ބަލިވި ފަހުންވެސް ނިޝާން އުޅެނީ ދުރުން…” ސާރާ އެހެން ބުނުމުން ނިޝާން ބޮލުގައި އަތް ހިންގާލިއެވެ. އަދި އައިސް ސާރާގެ އަތުގައި ހިފާލަމުން އެލޮލަށް ބަލާލިއެވެ.

“އަހަރެން އެހައި ދުރުން އުޅުނީ ޝަވާ ނުހުންނާނެކަން އެނގޭތީ..” ކުޑަކުޑަ ޝަވާދިންމަތިން ހަނދާން ވުމުން ނިޝާން ބުނެލިއެވެ. އަދި ސޯފާގައި އޮތް ކުއްޖާއަށް ބަލާލިއެވެ.

“އެއޮތީވެސް އަހަރުމެންގެ ޝަވާއާ އެއް އަހަރެއްގެ ކުއްޖެއް.. ނިކަތް… ތަޝްކީލް…” ނިޝާންއަށް ތަޝްކީލްގެ ނަން ބުނުނެވިގެން އުޅެނިކޮށް ސާރާ އެއަތް ފޮޅުވައިލައިފިއެވެ. އަދި ބަލާލީ ނުރުހުން ވެފައެވެ.

“ނިޝާންގައި ލަދުގެ ކަންފުޅެއްވެސް ނެތްތަ އަޅެފަހެ.. އަހަރުމެންްގެ ދަރި މަރުވިތާ އަދި ނުވެއޭ ރަނގަޅަށް ދެދުވަސްވެސް.. ނިޝާންގޮސް ނިޝާންގެ ކުރީގެ ލޯބިވެރިޔާގެ ދަރި ތި ގެނައީ…” ތިރިއަށް ފައިބައިގެން އައި ނާޒިންއަށް ސޯފާގައި އޮތް ނިކަތް ފެނުމުން އައިސް އެކުއްޖާގެ ކައިރީގައި އިށީންނަމުން އެމޫނުގައި ފިރުމާލިއެވެ.

“ސާރާ ހަބަރެއް އަޑެއް ނާހަންތަ؟ ރޭގެ ވަގުތެއްގަ ތަޝްކީލް މަރާލާފައި އޮއްވަ ފެނުނީ އެގޭގައި ގެންގުޅޭ ކުއްޖަަކަށް.. މީ ތަޝްކީލްގެ ހަމައެކަނި ހުރި ދަރިއެއް ނޫން.. އަނެއް ކުއްޖާ.. އަނެއް ކުއްޖާވެސް އޮތީ މާރާލާފަ…” ސާރާ އަނގަމަތީގައި އަތް އަޅާލާފައި ބަލާލި ސޯފާގައި އޮތް ނިކަތްއަށެވެ. ސާރާ ބަލާލުމާއެކު ނިކަތު ލޯ ހުޅުވާލިއެވެ. އެލޮލުގައިވި ފެހިކަމުން ސާރާގެ ހިތް ވަގުތުން ލަންބުވާލައިފިއެވެ. ދެވަނަ ސިކުންތުގައި ނިކަތް އިދިފުށަށް ދަމައި ގަނެފައި ލޮލުގެ ކަޅި ގެއްލުމުން އޭނާ ހާސްވިއެވެ. ވަގުތުން ނިކަތްއަށް ފިޓް ޖެހުނީކަން ނިޝާން ދެނެގަތެވެ. ޑޮކްޓަރ ގެއަށް ގެނެސް އެކި ގޮތްގޮތުން ފަރުވާ ކުރަން ނިޝާންމެން މަސައްކަތް ކުރިއެވެ. ނަމަވެސް ވިހި މިނެޓް ވިހި މިނެޓް އިން ފިޓް ޖެހޭ ވަރުން ހޮސްފިޓަލަށް ނުގެންގޮސް ނުވިއެވެ. ހޮސްޕިޓަލުގައި ސާރާ ބެހެއްޓުމަށްފަހު ނިޝާން ބޭނުންވީ ތަޝްކީލްގެ މައިންބަފައިންނާއި ވާހަކަ ދައްކާށެވެ. އަދި ތަޝްކީލްގެ ފިރިމީހާވެސް ހޯދާށެވެ.

ކާރުން ފައިބައިގެން ނިޝާން ގޮސްވަނީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެއަކަށެވެ. މަޑުމަޑުން ދޮރު ކައިރިއަށް ހުއްޓުމަށްފަހު އޭނާ ހިނިތުން ވެލިއެވެ. އެއީ އެންމެ ފުރަތަމަ ތަޝްކީލްއާއިއެކު އޭނާއައި ގެއެވެ. ފާތުން ދޮރު ހުޅުވާލަމުން އެތެރެއަށް ވަނުމަށް ބުނެލިއެވެ. ނިޝާން ފާތުންގެ މޫނަށް ބަލާލީ އެއްވެސް ކަހަލަގެ އިހުސާސެއް އެމޫނުން ފެންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެމޫނުން ފެންނަމުން ދިޔައީ ހުސްކަމެވެ. ދަރިއަކު މަރުވެގެން އެފެންނަ ހިތާމައެއް ނުފެނުނެވެ. ގޭތެރެއަށް ވަދެގެން ދިޔަ ނިޝާން  އެކި ދިމަދިމާލަށް ބަލާލިއެވެ.  ދުރުގައި ގޮނޑިއެއްގައި އިށީނދެގެން ހުރި ތަޝްކީލގެ ބައްޕަގެ މޫނުން ކޮންމެވެސް ވަރެއްގެ ހިތާމަ ފެންނަން ހުއްޓެވެ.

ނިޝާން ފެނުމާއެކު އެއޮށްބޮޑުމީހާ މޫނުގައި އަތް އަޅާފައި ރޯން ފަށައިފިއެވެ. ނިޝާން ވަގުތުން އައިސް ތަޝްކީލްގެ ބައްޕަގެ ކޮނޑުގައި އަތް އަޅުވާލަމުން ބުަރަކަށީގައި ފިރުމާލިއެވެ. އޭނާ ބޭނުންނުވި ކަމުގައިވިޔަސް އޭނާ އަދިވެސް ތަޝްކީލްދެކެ ލޯބިވެއެވެ. މޫނުން އަތްނެގި އާދަމް އިސްއުފުލާ ނިޝާންއަށް ބަލާލީ އެހީއަކަށް އެދޭ ފަދައިންނެވެ.

“ބޭބޭ… އަޅުގަނޑަށް ވީ ވަރަކުން މަސައްކަތް ކުރަމުން މިދަނީ…” ނިޝާން އެހެން ބުނެލާފައި އާދަމްގެ ބުރަކަށީގައި ފިރުމާލިއެެވެ.

“ދައްތާ ކޮންމެ ގޮތެއް ވިއަސް ނިކަތުގެ ލިބޭނީ ދައްތައަށް..” ފާތުން ވަގުތުން ދެލޯ ބޮޑު ކޮއްލިއެވެ. އޭނާ ހީކުރީ ތަޝްކީލާއި އެކު ދެކުދިންވެސް މަރާލި ކަމަށެވެ.

“ނިކަތް… އެއީތަ ކުއްޖާގެ ނަމަކީ..” ނޭނގޭ ފަދައިން ފާތުން އަހާލިއެވެ. ނިޝާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެވެ.

“ދައްތައަށް އިނގޭ ތަޝްކީލްއަށް ދެކުދިންކަން ލިބުނީ.. އޭގެ އެންމެ ކުއްޖަކުވެސް ލޮލަކަށް ނުފެނޭ… ކިޔާ ނަމެއްވެސް ނޭނގެ..” އިސްޖަހާލި ފާތުން ފުން ނޭވާއެއް ދޫކޮއްލިއެވެ.

“ރުކާޔަތް އާއި ނިކަތް… ނިކަތް ދުނިޔޭގައި އެބަހުރި….” އިސް ޖަހާލަމުން  ނިޝާން އެެހެން ބުނެލިއެވެ. އަދި ބަލާލީ ދެމަފިރިންގެ މޫނަށެވެ. އޭނާ ދެން ބުނަން ބޭނުންވި އެއްޗެއް ކިތަންމެ ރަނގަޅަށް އިނގޭ ކަހަލައެވެ.

“ތަޝްކީލްގެ ފިރިމީހާ ނިކަތް ބޭނުން ވާނެތަ؟ ނުވަންޏާ އަޅުގަނޑު..” ނިޝާން މަޑުޖެހިލީ އާދަންގެ މޫނަށް އެރި ކުލައިންނެވެ. އަދި މަޑުކޮއްލައިގެން އިނީ އާދަމް އެއްޗެކޭ ބުނޭތޯއެވެ.

“ތަޝްކީލް ތިމީހަކާ އިންފަހުން އެންމެ ފަހަރަކުވެސް ބޭބެގެ ލޮލަކަށް ނުފެނޭ.. ބޭބެ ބުނިން އެއީ ރަނގަޅު މީހެއް ނޫނޭ.. ނިޝާންއަށް އިނގޭތަ މައިންބަފައިން ހިތްހަމަ ނުޖެހޭ މީހަކާއި އިނދެގެން ދަރިންނަށް ހިތްހަމަ ޖެހިގެނެއް ނޫޅޭވޭނެ.. މިހެން ބުނަންވެސް ނުވާނެ.. އަހަރެންގެ ތަޝްކީލްއަށް މާފް ކޮއްފިން.. އެކަމް އެކުއްޖާ ބަލާނެ ގޮތެއް މިއަދު ދައްތައާއި ބޭބެގެ ނެތް.. ޝައްމޫން ބޭނުން ނުވިއްޔާ ނިޝާން ބަލަންވީ ހަމަ.. ބޭބެއަށް ހީވަނީ އެހެން އަހަންވެގެންހެން ނިޝާން ތިއުޅެނީ…” އާދަމް ނިޝާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން އާދަމް ބުނެލިއެވެ. އޭނާ އެގެއިން ނިކުމެގެން ދިޔައީ އުފަލުންނެވެ. ނަމަވެސް ދެން އޮތީ ޝައްމޫންއާއި ވާހަކަ ދެއްކުމެވެ.

ޝައްމޫނަށް ރާއްޖެ އާދެވުނީ ތަޝްކީލްއާއި ރުކާޔަތް ވަޅުވެސް ލީފަހުންނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. އެހެން އެއްވެސް އިހުސާސެއް އެމޫނުގައެއް ނެެތެވެ. ނިޝާން ހުރިހާ ވާހަކައެއް ކިޔައި ދީފައި ޝައްމޫން ގޮވައިގެން ދިޔައީ ހޮސްޕިޓަލަށެވެ. އޭރު ޝައްމޫން މޫނުގައިވީ ކުލައެއް ބުނާކަށް  ނިޝާނަކަށް ނޭނގުނެވެ. އެނދުގައި އޮތް ނިކަތުގެ މޫނަށް ޝައްމޫން ބަލާލީ ބީރައްޓެހި ގޮތަކަށެވެ.

“އެއީ ނިކޫތަ؟..” ލޯކުޑަކޮއްލައިގެން ހުރި ޝައްމޫން ހުރީ ޝައްކު ވާކަހަލަ ގޮތަކަށެެވެ. ބައެއް ފަހަރު ދެކުދިން ވައްތަރު ކަމުން އޭނާއަށްވެސް އޮޅެއެވެ. ޝައްމޫނަށް ދެކުދިން ފެންނަނީވެސް އަހަރަކު އެއްފަހަރު ހެންނެވެ.

“ރުކޫއެއް ނޫންތަ އެއީ…” ޝައްމޫން އަދިވެސް  ހުރީ ޝައްކެއްގެ މަތީގައެވެ.

“ނޫނޭ.. އެކުއްޖާ ކިޔަމުން ދިޔައީ ނިކޫއޭ…” ނިޝާން އެހެން ބުނުމުން ޝައްމޫން ބޯ ޖަހާލިއެވެ. ހަޤީޤަތުގައި އޭނާ ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތުގައި އެއީ ރުކާޔަތޭ އޮންނަނީ ކީއްވެ ކަމެއް ނޭނގުނެވެ. ކުދިންނާއެކު ވަގުތު ހޭދަކުރަން އޮންނަނީ މިހެންވެއެވެ.

ނިޝާން ނިކަތް ގޮވައިގެން ދިއުމަށް އެދުމުން ޝައްމޫން ވަގުުތުން ހެދީ ދެކޮޅެކެެވެ. ކައިރީގައިހުރި ނިޝާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާދެން ހުށެއެޅީ އޭނާ ބޭނުންވެފައި ހުރި ގޮތެވެ. ޝައްމޫން ދެވަނަ ވިސްނުމަކަށްވެސް ނުގޮސް ވަގުތުން އެއްބަސް ވެއްޖެއެވެ. ނަމަވެސް ނިޝާން ބޭނުންވީ ކޯޓު މެދުވެރިކޮށެވެ. ނިޝާންއަކީ މާލޭގައި މަޝްހޫރު މީހަކަށް ވުމުން އެކަން ހަފްތާއެއްގެ ތެރޭގައިހެން އޭނާއަށް ކާމިޔާބު ވެއްޖެއެވެ.

ނިކަތުގެ ހާލުއައީ ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުންނެވެ. ނަމަވެސް ދެރައީ އެވަރަށް ފިޓް ޖެހުމުގެ ސަބަބުން އޭނާއަށް ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމެވެ. ޑޮކްޓަރ ބުނެފައިވާ ގޮތުގައި ނިކަތް ބައެއް ހަނދާން ނުހުރެދާނެކަމެވެ. ނަމަވެސް ހަނދާން ވުމަކީވެސް އެކަށީގެންވާކަމެކެވެ. އަދި ކުޑަކުއްޖަކަށް ވުމުން އެކަންތައް ހަނދާން ކުރަންވެސް ބޭނުން ނުވެދާނެކަމެވެ. ނިޝާންމެންނަށް އެގޮތްވެސް ކަމު ދިޔައެވެ. ނިދިފައި އޮތް ނިކަތް އޭނާއަށް ހާއްސަ ކޮއްފައިވާ ކޮޓަރީގައި ބޭއްވުމަށްފަހު ސާރާ ހުރީ އެކުއްޖާ ހޭލާނެ ކަމުގެ އުންމީދުގައެވެ. އެހެން އިންދައި ސާރާއަށްވެސް ނިދުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ހޭލެވުނީ ކުޑަކުޑަ ފިނި އަތުން ސާރާގެ އަތުގައި ހިފައި ތަޅުވާލުމުންނެވެ.

“ހައި.. މީ ނިކޫގެ މަންމަ އެނގޭ…” ސާރާ އެހެން ބުނުމުން ފުރަތަމަ ކުޑަކުޑަ ނިކަތު ބޯ އަރިކޮއްލީއެވެ. އަދި ހީލަމުން ނިކޫއޭ ބުނެލައިފިއެވެ. ސާރާ އަތް ފުޅާކޮއްލުމުން އައިސް އަތު ތެރެއަށް ވަދެ ނިކަތު ލޯމަރާލިއެވެ. ނިކަތުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސާރާ ހިނިތުންވެލިއެވެ.

 

6 އޮކްޓޯބަރ 2018

ހެނދުނު ހޭލައިގެން ބޮޑު ހުޅިއެއް ޖަހައިގެން ތިރިއަށް ފޭބި ނިކަތު އައީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. ދުރުގައި ހުރި މޭޒުގެ އެއްފަރާތެއްގައި ހުރި ނިޝާނަށް އެމަންޒަރު ފެނުމުން ސާރާއަށް ދައްކާލިއެވެ. ހީވާ ގޮތުން އަދި ނިކަތު އައީ ފެންވެސް ނުވަރައެވެ. ލޯ އުނގުޅަމުން އައިސް ނިކަތް އިށީނދެފައި މޭޒުމަތީގައި ބޯ އަޅާލިއެވެ. ނާޒިންވެސް އައީ އެފަދަ ހާލެއްގައެވެ. ނިޝާން ބުމަ އަރުވާލަމުން ބޯހޫރުވާލިއެވެ. ހީވަނީ އަދިވެސް ދެމީހުންނަކީ ކުޑަ ދެކުދިންހެންނެވެ. ސައިބޮއެގެން ނިކަތް ނިކުތީ ބޭރަށެވެ. އޭނާ މިއަދު ނުވައެއް ޖަހާއިރަށް ކުރިން އިންޓަރވިއު ކުރިފަރާތުން ކިޔާފައި އޮތުމުން ނިކަތް ލަސްވާކަށް ބޭނުމެއް ނޫނެވެ. އިސްތަށިގަނޑު އޮމާންކޮއްލަމުން ނިކަތު ފަހަތަށް އައްސާލިއެވެ. އަދި ލައިގެން ހުރި ކަޅުކުލައިގެ އޮފިސް ޕޭންޓްސް މައްޗަށް ނަގާލުމަށްފަހު މަތިން ލައިގެން ހުރި ދޫދޫ ފެހުކުލައިގެ މަތިކޮޅުވެސް ރީތި ކޮއްލިއެވެ.

ކާރު ކައިރީގައި ހުއްޓެމުން ދުރުގައި ޕާރކް ކޮއްފައި އޮތް ކާރަށް ބަލާލިއެވެ. މިއަދު އެކާރު ޕާރކު ކޮއްފައި އެއޮތީ ތަންކޮޅެއް ދުރުގައެވެ. އޭގެ ވެރިފަރާތް ބިރުގަތީ ބާވައެވެ. ނިކަތް މަޑުމަޑުން ގޮސް އެކާރު ކައިރީގައި މަޑުކޮއްލާފައި އަތް ލޯގަނޑު މަތީގައި ޖައްސާލާފައި އެތެރެ ބަލާލިއެވެ. ނަސީބަކުން މީހަކު ނެތެވެ. އަވަހަށް ތެދުވެފައި ފަހަތަށް އެނބުރި ހިނގައިގަތް ގޮތަށް މޭމަތީގައި އަތް އަޅާލާފައި ދެފިޔަވަޅު ފަހަތަށް އަޅާލިއެވެ. ކުރިމަތީގައި ހުރި އަމްރު ހުރީ ބުމަ މައްޗަށް އަރުވާލައިގެން ހަށަން ބަނދެލައިގެންނެވެ. ނިކަތު ގަނެފައިވާ ބިރުން އަދިވެސް ހުރީ އެހެން އަތް އަޅާލައިގެން ލޯ ބޮޑު ކޮއްލައިގެންނެވެ.

“އަޅުގަނޑު..” ނިކަތު މޫނުން ދާތަށް ފުހެލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

“ކިހިނެއް ވެގެން ތިއުޅެނީ؟…” އަމްރު ރުޅިގަދަވެފައި ހުރުމުން ބުމަ ކައިރި ކޮއްލިއެވެ. އޭނާ ރުޅިއައިސްފައިހުރި ވަރު ހަމައެކަނި އަޑުން އެކަނިވެސް އެނގެއެވެ.

“ސޮރީ.. އިއްޔެ އަސްލު ކާރަށް އެހެން ހެދުނީމަ ސޮރީ އޭބުނަން އައީ…” ހިނިތުންވާން މަސައްކަތް ކުރިއެވެ. ނަމަވެސް އަމްރު ހިތަށް އެއްޗެކޭވެސް ނޭރިއެވެ. އޭނާ އަދިވެސް އެހުރި ގޮތަށް ހުރީއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމުން ނިކަތު އެއްފާރަތަކަށް ޖެހިލައިފިއެވެ. އަމްރު އެއްޗެކޭވެސް ނުބުނެ ކާރަށް އަރައިގެން ދިޔައީއެވެ. ފޮނި މީހުންވެސް އުޅޭތާއެވެ. އަދި އެކަމް މިވަރެއް ނުކެއެވެ.

އޮފީހަށް ވަދެގެން ދިޔަ އަމްރު ހުއްޓިލައިގެން ހުރީ މިއަދު ބައްދަލުކުރަން ހަމަޖެހިފައިވާ މީހުނަށް ހާއްސަ ކުރެވިފައިވާ ކޮތަރީގައިއެވެ. ހަތަރު ވަރަކަށް މީހުން މަދުވުމުން ބައްދަލުވުން ނުފެށިފައި ވުމުން އަމްރު ހުރީ މަޑުކޮއްލައިގެންނެވެ. ދޮރު ހުޅުވާލާފައި ވަދެގެން އައި އަންހެން ކުއްޖާ ފެނުމުން އެތަނުން އެންމެ ހައިރާންވި އަމްރުއެވެ. އެފެހި ދެލޯ އަމްރުއަށް ސީދާ ވުމާއެކު ކުއްލިއަކަށް ހުރި ފިޔަވަޅު މަތީގައި ހުއްޓިއްޖެއެވެ. އަމްރު ލޯހަނި ކޮއްލަމުން ނިކަތުއަށް ބަލާލި ގޮތުން ހީވަނީ ދިރިހުއްޓާ ކައިލަފާނެ ހެންނެވެ. އެހައިރުޅި އައުމުގެ ސަބަބެއް ނޭނގުނު ނަމަވެސް އޭނާ އަންހެނުންނަކަށް އިތުބާރެއް ނުކުރެއެވެ. އެންމެ ބޭނުންވި ދުވަހު މަންމަވެސް އޭނާ ދޫކޮއްލާފައި ދިޔައީއެވެ.

އެންމެން ހަމަވުމުން ފެއްޓުނީ ހުރިހާ މީހުންގެ ކުޑަ ތައާރަފެކެވެ. ފުރަތަމް އެންމެނސްވެސް ބޭނުންވީ ކުންފުނީގެ ބޮޑުމީހާގެ ތައާރަފެވެ. އެއީ އެކަން ކުރުން ރަނގަޅުގޮތްވެސް މެއެވެ.

” ޑރ.އަމްރު މުއާޒް.. އަމް 30 އިޔަސް އޯލްޑް… އޅުގަނޑު ކިޔެވީ ލޯ.. މިތާ މިތިބަ އެންމެން ފަދައިން…” އަމްރު އެހެން ބުނެފައި ތުންފަތް ޖައްސާ ބާރުކޮއްލިއެވެ. އަދި ފަހަރަކު މީހަކުގެ އެމީހެއްގެ ތައާރަފް ދޭތަން ބަލަން މަޑުކޮއްލިއެވެ.

“އަޅުގަނޑަށް ކިޔަނީ މަރިޔަމް ނިކަތް ނިޝާން.. އަޅުގަނޑަށް 22 އަހަރު.. އަޅުގަނޑު ޑިގްރީ ނިންމީ ލޯއިން.. މިހާރު އަދި އެހެން ޑިގްރީއެއް މިކިޔަވަންފެށީ ކްރިމިނޮލޮޖީއިން…” ނިކަތު ހިނިތުން ވަމުން އެހެން ބުނެފައި އިށީނދެއްޖެއެވެ.

އަމްރު ބުމައަރުވާލަމުން ބަލާލި އިށީން ނިކަތްއަށެވެ. އެމީހުން މިއަދު އެތަނުގައި މަޑުކޮއްގެން އެތިބީ ރާއްޖޭގައި ހިނގާ އެކި ކަންތަކުގެ ވާހަކަ ދައްކާށެވެ. ކޮންމެ އަހަރަކުހެން އެންމެން އެކުގައި ވާހަކަ ދައްކާނެއެވެ. އަދި އެބައަކަށް ޝައުޤު ވެރިކަން ހުންނަ ކޭސްތައް ނަގަން ލަފާދޭނެއެވެ. ނަމަވެސް އެތަނުގައި އާކުއްޖަކަށް ހުރީ މިވަގުތު ނިކަތްއެވެ. ނިކަތްގެ ލޯއަޅައިގަތީ ދުރުގައި ބާއްވާފައި އޮތް ފައިލަކަށެވެ. އޭނާ އެނަގައި ކިޔާލިއެވެ. އެތަނުގައި މިވަގުތު ހުރީ އެކިއެކު މީހުންގެ ކޭސްތަކެވެ. ފާތުމަތު އިބްރާހިމް ދީދީ އަކާއި އާދަމް ސުލައިމާނެއްގެ ކޭސް ނަގައިގެން ކިޔަން ފެށުމުން ކުޑަކޮށް އެކަމަކަށް ހުސްވެލިއެވެ. އެހެން އިނދެފައި އޭނާ ސިހުނީ ކުއްލިއަކަށް ތަން ހިމޭން ވުމުންނެވެ. ނިކަތް އިސްއުފުލާ ބަލާލިއިރު އެތަނުގައި ތިބީ އޭނާއާއި އަމްރުއަދި މީޒާންއެވެ. ބޯކަހާލަމުން ނިކަތު އެދެމީހުންގެ މޫނަށް ބަލާލި ޝައުޤު ވެރިވެފައެވެ. އަދި އަތުގައި އޮތް ފައިލު މޭޒުމަތީގައި ބާއްވާލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ.

“އަޅުގަނޑަށް މިކޭސް ލިބިދާނެތޯ..” ނިކަތު ވަރަށް ވަަރަށް އަދަބު ވެރިކަމާއެކު އެހެން ބުނެލިއިރު އެހިތުގައި އޮތީ އަމްރު ދޭނެ ޖަވާބެކެވެ.

“ވައި؟” އަމްރުގެ ޖަވާބު ކުރެއެވެ.

“ބިކަޒް ދިސް އިޒް ސީކްރެކްޓް ޓްރަސްޓް…” ދެއަތް މައްޗަށް ނަގާލަމުން އެހެންބުނި ނިކަތު މޫނުމަތީގައިވީ ސީރިއަސްކަމެވެ. އޭނާ އެކޭހުގައި ކޮންމެ ގޮތެއް ވިއަސް މަސައްކަޔް ކުރަން ބޭނުންވެއެވެ.  އަމްރުއަށް އެނގި ހުރެވެސް އޭނާއަށް ނޭނގޭކަމަށް ހަދާލުމުން ނިކަތް ލޯހަދާލިއެވެ.

“ފާތުމަތުއާއި އާދަމް އެމީހުންގެ ގޯތި މިދިނީ އެމީހުންގެ ރައްޓެހިމީހަކަށް.. އެމީހުން ރައްޓެހިމީހާ ކައިރީގައި ބުނެފައި އެވަނީ އެމީހުންެގެ ކާފަދަރިއަށް 18 އަހަރުވީމަ އެކުއްޖާއަށް ދޭށޭ.. މިހެންމިހެދީ އެމީހުންގެ ބޮޑުދަރި ފާތުންގެ ގޯތި ބޭނުންވެދާނެތީ.. ހީ އޯލްރެޑީ ހޭޒް އާދަމްގެ ގެ.. އާންމުކޮށް މިހެން ކަންތައް ކުރާނީ މީހެއްގެ ނަހަލާލު ދަރިއެއް ހުންނަންޏާ އޮރ ޔު ނޯ މިސްޓްރެސް…” ނިކަތް އެހެން ބުނުމުން އަމްރު އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބޯ ޖަހާލަމުން އެނެގުމަށް އިޝާރާތް ކޮއްލިއެވެ. ތިންމީހުން ނިކުމެގެން ލިފްޓާއި ދިމާލަށް ހިނގައި ގަތުމުން ނިކަތު ފަހަތުގައި މަޑުކޮއްލިއެވެ. ކުޑައިރުއްސުރެވެސް ލިފްޓް ކަހަލަ ކުޑަ ތަންތަން ކޮޅަށް ވަންނަން އޭނާ ބިރުގަނެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނިކަތު ފަހަތުގައި ހުއްޓުމުން ލިފްޓަށް އެރި އަމްރު އެދިމާލަށް ބަލާލިއެވެ. އަދި މީޒާން ކައިރީގައި ދިއުމަށް ބުނެލިއެވެ.

ނިކަތު ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ނިކަތްއަށް އަމްރު ލިފްޓްއިން ފޭބިކަމެއް ނޭނގެއެވެ. މަޑުމަޑުން ސިޑިން ފައިބައިގެން އައި ނިކަތު ސިހުނީ ފަަހަަތުގައި ހުރެފައި އަމްރު ކިނބިއްސެއް އަޅާލުމުންނެވެ. ސިހުނު ވަރުން ފައި ކައްސާލި ނިކަތް ދިޔައީ ސިޑިން ވެއްޓޭށެވެ. ނަމަވެސް އޭގެ ކުރިން އަމްރު ނިކަތުގެ އަތުގައި ހިފައި އޭނާއާއި ދިމާލަށް ދަމާލިއެެވެ. ހިނދުކޮޅަކަށް ނަމަވެސް އެވަގުތު ވަގުތު ހުއްޓުނު ކަހަލައެވެ. ޓެޅެމުންދިޔަ ހިތާއެކު ނިކަތް ލަސްލަހުން އަމްރުގެ މޫނަށް ބަލާލިއެވެ.

ނުނިމޭ

38

6 Comments

  1. Twinkle?

    October 15, 2018 at 2:47 pm

    Yay me first… kiyaalaafa cmnt khlaanan

  2. Twinkle?

    October 15, 2018 at 3:04 pm

    Mi part vs vrh interesting masha allah?????? aslu faathun n adam ae nikath ge grand parents dhw… wow… nikoo ah bust v ma kihinehh baa vaany… really curious for the nxt part??? keep it up dear❤❤❤

  3. Zaa

    October 15, 2018 at 3:40 pm

    Hmmm… Interesting… Thakleesh ge murderga firimyhaa and mamma he atheh vaahen hyvey… Plus amr ge mamma ge vx… Mihaaru nikath negi case vx aee e family aa gulhey ehcheh dhw,.

  4. Yoon

    October 15, 2018 at 3:43 pm

    This part is veryyy nice

  5. lotus

    October 15, 2018 at 4:00 pm

    Interesting story. Waitin fr the nxt prt

  6. Sasha

    October 16, 2018 at 9:46 pm

    Please update soon Ninnu love :*

Comments are closed.