Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 9

Jinni Level 410 Stories100 Login100 Comments500 Login
August 6, 2018 6 Mins Read
16 Comments

“ދުވަސް ދުއްވާލާ.” ޖަންނަތް ބުނިހާވެސް އެއްޗަކީ އެއީއެވެ. އެއަށްފަހު ދާށޭ ބުނުމަށް އަތުން އިޝާރާތްކޮށްލިއެވެ. ހައިޝަމް ވަގުތުން ލޯމައްޗަށް ކަޝްފުވެއްޖެއެވެ. ސޯފާއަށް ވެޑުވިފައި އިން ޖަންނަތް ކާ މޭޒުމަތީ ހުރި ކޯކުފުޅިއަށް ބަލައިލިއެވެ. އެ ހިސާބަށް ދާން މަސައްކަތައް އޭނާ އަތުން ފޮނުވައިލީ ދުންކޮޅެކެވެ. އެ ދުންކޮޅުގޮސް ވައިގެ ތެރެއަށް ފުޅި އުފުލައިލިއެވެ. އަދި ޖަންނަތްއާއި ހަމައަށް ގެނެސްދިނެވެ.

*************************

ކުދަދޮރުން ބޭރަށް ބަލަހައްޓައިގެން، ޑޭވިޑްއާއި މެދު ވިސްނަން އިން ޖެނީގެ މޫނު ކަޅުފޮއެ ރެއެއްގެ ހަނދުފަދައެވެ. ކަންފަތުގައި ގުގުމަމުންދިޔައީ ޑޭވިޑްގެ ބަސްތަކެވެ. އަލުން އޭނާއާއި އެކުގައި ވެވޭނެކަމަށް ޑޭވިޑް ބުނާ ބަސްތަކުން ކުޑަވެސް އުންމީދެއް އަށަގަންނަމުންދިޔަ އަމިއްލަ ނަފްސުދެކެ ނަފްރަތުކުރެވުނެވެ. އަމިއްލަ އެދުން އިސްނުކުރުމަށް ހިތަށް ވިސްނައިދެމުންދިޔައެވެ.

ސިކުނޑި ތާޒާކޮށްލުމަށްޓަކައި ޖެނީ ނިންމީ ބޭރަށް ނުކުމެ ތާޒާ ވައި އިހުސާސުކޮށްލުމަށެވެ. ފިނި އިރު ލާ ކޯޓު ލައި، ކަރުގައި ސްކާފެއް އޮޅައިލުމަށްފަހު އެޕާޓްމެންޓުން ނުކުތެވެ. ލިފްޓަށް އަރައި ގްރައުންޑަށް ފިއްތައިލިއިރު އާދަޔާހިލާފު އިހުސާސެއް ކުރެވެމުންދިޔައެވެ. އެ އިހުސާސުގެ ސަބަބު ހުރީ ގްރައުންޑް ފްލޯއަށް ހުޅުވުނު ދޮރު ކުރިމަތީއެވެ. ޑޭވިޑް ފެނުމާއެކު ޖެނީގެ ހިތުގެ ތެޅުން އަވަސްވިއެވެ. ވަރަށް ހާސްވެފައި އަވަސްވެގަތީ ދޮރު ލެއްޕުމަށެވެ. ނަމަވެސް ޑޭވިޑް ވަރަށް ހުޝިޔާރުކަމާއެކު ދޮރުގައި ހިފަހައްޓައި، އެތެރެއަށް ދެމިގަތެވެ.

“ކީއްވެ އަހަންނާ ދުރަށް ތި ދުވަނީ؟ އަހަރެން އެ ދުވަހު ކުރީ ސަމާސާއެއް ކަމަށްތަ ހީކުރީ؟ ބުނީމެންނު އަހަންނަކަށް ދެން ނޫޅެވޭނެއޭ ޖެނީއާ ނުލާ.” ޑޭވިޑް ޝަކުވާކުރާފަދަ ރާގަކަށް ބުންޏެވެ.

“ހުއްޓާލާ! ތިހެން އަހަންނަށް ދޮގު އުންމީދުތަކެއް ނުދީ. ދުރަށް ދުވަނީ ކީއްވެހޭ؟ ޑޭވިޑް ފެނުނީމަ އަހަރެންގެ ވޭން ވަނީ އިތުރު. ކީއްވެތަ އަހަރެންގެ ހިތް ހަލާކުކުރަނީ ތި؟ މިއަށްވުރެ މާ ރަނގަޅު މަރު…” ޖެނީގެ ޖުމުލަ ހިނދުނީ ޑޭވިޑް އޭނާގެ ތުންފަތް ޖެނީގެ ތުންފަތުގައި ޖައްސައިލުމުންނެވެ. ޖެނީގެ ދެލޯ ބޮޑުވިއެވެ. ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހިނދުކޮޅަކަށް ލައްޒަތުގައި ޖެހެންދިޔަ ނަފްސު ހަމައަކަށް އަޅުވާލާފައި، ޑޭވިޑްގެ މޭގައި އަޅައި ދުރަށް ކޮއްޕައިލިއެވެ. އަދި މޫނުމަތީ އެތިފަހަރެއް އަޅައިލިއެވެ. ޑޭވިޑްއަށް ހީވީ ޖެނީ އޭނާގެ ހިތުގައި ކޮޅުފައިން ޖެހިހެންނެވެ. ކޯތާފަތަށް ވީ ތަދަށްވުރެ ހިތުގައި އެޅި ވޭން މާ ބޮޑުވިއެވެ. ނަމަވެސް ޖެނީގެ ހިތުގައި އޭނާއަށްޓަކައި އަދިވެސް ވަނީ ލޯބިކަން އޭނާ ޔަގީންކުރިއެވެ.

“ވިކްޓޮރިއާވެސް ލޯބިވަނި އެހެން މީހެއްދެކެ. އަހަރެން ނިންމާފަ އޮންނާނީ އޭނައާ ވާހަކަދައްކަން. ހުރިހާ ކަމެއް ހަމަޖެހުނީމަ އަލުން އަންނާނަން ޖެނީ ބަލައި. އައި ޕްރޮމިސް.” ޑޭވިޑް އެހެން ބުނުމަށްފަހު ލިފްޓުން ފައިބައިގެން ދިޔައެވެ. ޖެނީގެ ލޮލުން ކަރުނަ ހިލުނެވެ. ރަތް އަރާފައި އޮތް އޭނާގެ އަތްތިލައަށް ބަލަހައްޓައިގެން ގިސްލަ ގިސްލާފައި ރޯންފެށިއެވެ. ޑޭވިޑް ދިޔައީ އޭނާގެ ހިތުގައި ދިއްލިފައިވާ އުންމީދުގެ ހުޅުކޮޅަށް ދަރު އަޅައ،ި އިތުރަށް އަންދާފައެވެ.

އެނދުމަތީ ފުރޮޅި ފުރޮޅި އޮތް ޖީލާން އޮތީ ލޮލަށް ނިދި ނައިސްގެންނެވެ. އޭނާގެ ސިކުނޑީގައި ކޮއްޓަމުންދިޔައީ ރެސްޓޯރެންޓުން ފެނުނު ޔަޝަލްއެވެ. ކުރިން ދަންނަ މީހަކަށް ވެދާނޭ ހިތަށް އަރަން އިނގުނީ މާ ފަހުންނެވެ. މާ ފޮނިވެފައި ބުނެވުނު އެތިން ބޯ ހާވައިގަނެވުނެވެ. އެކްސިޑެންޓު ވުމުގެ ކުރިން ދަންނަ މީހެއްނަމަ އެ ލިބުނީ ހާދަ ބޮޑު ލަދެކެވެ. އޭނާދެކެ ހިތާވެގެން އުޅޭ މަންޖެއެއްގެ ލަގަބު ދެވުނީ އެ ފަރާތުން އެއްޗެއް ބުނެގެންނެއްވެސް ނޫނެވެ. އެކަމާ ވިސްނާ ވިސްނާ ޖީލާންގެ ބޯ ހާސްވެއްޖެއެވެ. މީ ކުރިންވެސް އޭނާ ކޮށްފައިވާ އިހުސާސެއްހެން ހީވި ހީވުން ފިލައި ނުދެއެވެ. ނަމަވެސް ކޮން އިރަކު ކީއްވެގެން ކަމެއް ހަނދާނެއް ނުވިއެވެ.

ފޯނު ރިންގުވީ އަޑަށް ބަލައިލިއިރު އެމިލީއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޖީލާން، ބާލީސް ދަަށަށް ފޯނު ކޮއްޕައިލީ އަމިއްލައަށް ރިންގު ނިވުމަށް ދޫކޮށްލާފައެވެ. ހަމަ ވާހަކަދައްކާ ހިތް ނެތީއެވެ. ބެލްކަންޏަށް ނުކުމެ ރެއިލިންގުގައި އަތް އަޅައިލިއެވެ. ތިރިއަށް ބަލައިލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބިލްޑިންގ ދޮރުމަތީ ހުރި ޔަޝަލްއެވެ. ފެންނަ ފެނުމަށް ހުރީ ފުން ވިސްނުމެއްގައެވެ. މަގު އޮޅިފަ ބާއޭ ޖީލާންގެ ހިތަށް އެރިއެވެ. އެކަމަކު މުޅި މާލެއިންވެސް މަގު އޮޅޭން އިނގުނީ ހަމަ އޭނާގެ ގޭ ދޮރުމަތީހޭވެސް ހިތަށް އެރިއެވެ. އެންމެ ފަހުން ހިތް ބުނީ ބައްދަލުކުރުމަށެވެ.

ޔަޝަލް ޖީލާންގެ ގޭ ކުރިމަތީ ހުންނަތާ ފަސްވަރަކަށް މިނެޓު ވެދާނެއެވެ. ރޭގަނޑުގެ ހިތްގައިމު ފިނީގައި ހިނގާލަން ނުކުތް ޔަަޝަލްއަށް އެ ގެއަށް އާދެވުނީ ޖީލާން ދެކެލަން އޮތް އެދުން ބޮޑުކަމުން ކަންނޭންގެއެވެ. ނަމަވެސް ޖީލާންއާއި ދިމާވުމުން ދެން ބުނާނެ އެއްޗެހި، ހިތުގައި އޮތަސް ދުލަކަށް ނުފޯރައެވެ. އިރު އިރުކޮޅައި ޖީލާންގެ އެޕާޓްމެންޓްގެ ބެލްކަންޏަށް ބަލައިލެވެއެވެ. އެންމެ ފަހު ފަހަރަށް ބަލައިލުމަށްފަހު ދާން ހިނގައިގަތެވެ. ނަމަވެސް ފަހަތަށް ހުއްޓެން މަޖުބޫރުވީ އޭތްއޭ ކިޔައި ގޮވައިލި ޖީލާންގެ އަޑަށެވެ. ލިބުނީ ހައިރާންކަމެކެވެ. ފަހަތަށް އެނބުރުނުއިރު ބިލްޑިންގ އިން ނުކުމެ ހުރީ ހަމަ ޖީލާންއެވެ. ކައިރިއަށް އަންނަތަން ފެނުމުން ޔަޝަލްގެ ހިތަށް އެއްފަހަރާ އެތައް އެއްޗެއް އަރައި ފައިބަން ފެށިއެވެ. އަނެއްކާ ހަނދާންވީބާއޭވެސް ހިތަށް އެރިއެވެ.

“ޑޫ ވީ ނޯ އީޗް އަދާ؟” ޖީލާން ބުނެލިއެވެ. “އަހަރެން އެކްސިޑެންޓެއް ވެގެން ހަނދާންނެތިފަ މިހިރީ. އެހެންވެ ފަހަރެއްގަ ވެދާނެ ތީ ކުރިން ދަންނަ މީހަކަށްވެސް.”

“އަދި ކިރިޔާދޯ ތިހެން ތި ހިތަށްއެރީ.” ޔަޝަލް ހިތާހިތުން ކިޔައިލިއެވެ. “އާނ… އަހަރުން މީ… ފްރެންޑްސް.” ޔަޝަލް ބުނެލިއެވެ.

“ދެން ކީއްވެތަ ކުރިން ނުބުނީ؟ ސޮރީ އިނގޭ މި އަދު އެގޮތަށް ވާހަކަ ދެއްކުނީމަ.” ޖީލާން ކުޑަކޮށް ލަދުގަތްފައި ބުންޏެވެ.

“އެ ދެން ހަމަ ކުއްލިއަކަށް ޖީލާން އަހަރެން މަތިން ހަނދާންނެތުނީމަ ލިބުނު ޝޮކުން ބުނާނެ އެއްޗެއް ނޭންގުނީ.” ޔަޝަލް ބުނެލީ ސަމާސާ ގޮތަކަށެވެ. ޖީލާން ހީލިއެވެ. އަނެއްކާވެސް މާފަށްއެދެން އުޅެފައި ނޭދުނީ ޔަޝަލްވެސް އެހާ ކަންތައްފަލަ ކުރަން ބޭނުންނުވާހެން ހީވާތީއެވެ.

“ކޮން ނަމެއް…”

“ޔަޝަލް…” ޖީލާންގެ ޖުމުލަ ފުރިހަމަ ނުވަނީސް ޔަޝަލް ބުންޏެވެ. މައްޗަށް ދާނަންހޭ ޖީލާން އެހުމުން ހިތާއި ދެކޮޅަށް ޔަޝަލް އިންކާރުކުރީ މިރޭ މާ ލަސްވެއްޖެއޭ ބުނެއެވެ. ގެއަށް ދިޔައިރު، އޭނާއަކީ ދުނިޔެއިން އެ ވަގުތު އެންމެ އުފާވެފައި ހުރި މީހާ ކަންނޭންގެއެވެ.

އެޕާޓްމެންޓަށްގޮސް ވަދެވުނުއިރު ޖީލާންގެ ތުންފަތުން ހިނިތުންވުން ނުފިލަނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. އެވަރަށް އޭނައަށް ހިތްހަމަ ޖެހުން ގެނުވައިދޭ މީހަކާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވިއެވެ. އަދި ވެގެންވާނަމަ އޭނާއާއި އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައްވެސް އަނބުރާ ލިބޭނެނަމައޭ ހިތަށް އެރިއެވެ.

ދޮރުގައި ޓަކިޖެހި އަޑަށް ޖީލާންގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރީ އެމިލީއެވެ. ފޯނު ނުނެގީތީ ރުޅި އައިސްގެން އެއްޗެހި ކިޔަން އައީބާއޭ ހިތަށްއެރުމުން ޖީލާންގެ ބޮލުގައި ރިއްސައިލިއެވެ. ގޭތެރެއަށް ވަތް އެމިލީ ކޮރެއްޖަހާކަން ޖީލާންއަށް ފާހަގަވިއެވެ. އެމިލީގެ އަތުގައި އޮތީ ބޫޓު ކިބައެކެވެ. ބޫޓުގެ ފުންނާބު އޮތީ ނެއްޓިފައެވެ. ހުރިހާކަމެއް އެއްފަރާތްކޮށްފައި ޖީލާން އެހީ ފަޔަށް ކިހިނެތްވީތޯއެވެ. ކާނުގަނޑުގައި ތާށިވެ ބޫޓުގެ ފުންނާބު ނެއްޓުނު ގަޑީ ފައި ފުރޮޅުނީކަމަށް އެމިލީ ބުންޏެވެ. އެކަން އޭނާއަށް މާ ބޮޑުކަމަކަށް ނުވިއެވެ. ޖީލާން ޔަޝަލްއާއި ވާހަކަ ދައްކަނިކޮށް ފެނި އެހެން ހުރިހާ ތަދެއް ހަނދާންނެތުނު ކަހަލައެވެ.

އެމިލީ ކައިރީ އިށީންނާށޭ ބުނެ ޖީލާން ކޮޓަރިއަށް ވަނެވެ. ނުކުތީ ބޭސް ފުޅިއަކާއި ބޭންޑޭޖެއް ހިފައިގެންނެވެ. އައިސް އަލަމާރީގެ ގަނޑުކުރާ ބައިން އައިސް ޕެކެއްވެސް ނެގިއެވެ. ސޯފާގައި އިށީންދެގެން އިން އެމިލީ ކައިރިއަށް ބިންމައްޗަށް ތިރިވުމަށްފަހު ދުޅަވެފައިވާ ފައިގެ ތަނބިކަށީގައި އައިސް އަަޅާއިދިނެވެ. އެއަށްފަހު ބޭސްކޮޅެއް އުނގުޅައިދީފައި ވަރަށް ފަރުވާތެރިކަމާއެކު ބެންޑޭޖު އޮޅައިދިނެވެ. ހުރިހާއިރު ޖީލާންއަށް ބަލަހައްޓައިގެން އިން އެމިލީގެ ހިތުގައިވީ ގޮތްނޭންގޭ އިހުސާސެކެވެ.

ބެންޑޭޖު އޮޅާއި ނިމުމުން ޖީލާން އިސްއުފުލައި އެމިލީއަށް ބަލައިލިއެވެ. އެމިލީ ބަލަން އިން ގޮތުން ހެވިފައި ކިހިނެތްވީހޭ އަހައިލިއެވެ. ނަމަވެސް އެމިލީ އިނީ ޖީލާންގެ ދެލޮލަށް ގެއްލިފައެވެ. ބިންމައްޗަށް ތިރިވެ ޖީލާންގެ މޫނާއި މޫނު ގާތްކޮށްލިއެވެ. ނަމަވެސް ދެތުންފަތް ގުޅުމުގެ ކުރިން ޖީލާން ދުރަށްޖެހިލާފައި ތެދުވިއެވެ. ރައްޓެހިވެގެން އުޅުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޖީލާން އިސްވެ އެފަދަކަމެއް ކޮށްފައި ނުވިނަމަވެސް އެމިލީގެ އެދުމަަކަށް އިންކާރުކުރި އެއީ ފުރަތަމަ ފަހަރެވެ. މިކަމާ އެމިލީގެ ހިތުގައި ރިހުނީ ހުދު އޭނާވެސް ހީކޮށްފައި ނުވާ ވަރަށެވެ.

ހައިޝަމް ހުރީ ނިދާފައި އޮތް ޔަޝަލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އެތައް އިރަކު އެހެން ހުރުމަށްފަހު އަތުން ނެރެލީ ކަޅު ދުންކޮޅެކެވެ. އެ ދުންކޮޅު ފޮނުވައިލީ ޔަޝަލްގެ އަނގައާއި ދިމާއަށެވެ. ޔަޝަލްގެ އަނގަތެރެއަށް ދުންތައް ވަނުމުން ނޭވާ ހާސްވެގެން ތެޅޭތަން ހައިޝްމައަށް ސިފަކުރެވިގެންދިޔައެވެ. އެއާއިއެކު އަތަށް ގެނައި އިޝާރާތަކުން ދުންކޮޅު ވައިގެ ތެރެއަށް ގެއްލިއްޖެއެވެ. ހައިޝަމްގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. މޫނުގައި އަތް އަޅައި ރޯންފެށީ ކެތް ނުވެގެންނެވެ. ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލީ އަޑު ނުކުތަ ނުދިނުމަށެވެ. އޭނާގެ މަޖުބޫރިއްޔަތު އެހެން މީހަކަށް އަނދާޒާ ކުރެވޭނެނަމައެވެ.

ލޯ ހުޅުވައިލެވުނު ވަގުތު ޔަޝަލްއަށް ފެނުނީ ކުޑަދޮރުން ފައިބައިގެންދިޔަ ހިޔަންޏެކެވެ. ފުންމައިގެން ތެދުވުއިރު އަތްތިލައިން ފޭބި ހޫނު ކަރުނަ ތިކި އިހުސާސުވިއެވެ. އެއްފަހަރު އަތަށް އަނެއްފަހަރު ކުޑަދޮރާއި ދިމާއަށް ބަލައިލި ޔަޝަލްގެ ހިތުގައިވީ ނުތަނަވަސްކަމެކެވެ.

“އަހަންނަކީ މޮޔައެއް ނޫނޭ! މިތަނުން ނެރޭށޭ!” ކުރިމަތީ ހުރި ޑޮކްޓަރާއި ދިމާއަށް ޔާޝާ ހަޅޭއްލަވައިގަތެވެ. “މީހަކު މަރަން މަސައްކަތް ކުރީމަ މީހުން ލަނީ ޖަލަކަށް ނޫންތަ؟ މޮޔައަކަށް ހެދީމަ މީ އަހަންނަށް ލިބޭ ހާދަ ހުތުރު ނަމެކޭ! އަހަރެން މީ ކާކުކަން އިނގޭތަ؟ ކުށް ގަބޫލުކޮށްގެން މިއޮއްހާ ދުވަހު އެއްޗެކޭ ނުބުނީ… މިހާރު ކެތް ކުރެވިއްޖެ ވާވަރަށް.”

“ޔާޝާއަށް ބައްދަލުކުރަން އަންނަ ޒުވާނާ ނުބުނޭތަ ތިކަމާ ބެހޭގޮތުން އެއްޗެއް؟” ޑޮކްޓަރުގެ ޖުމުލައިން ޔާޝާ ހިމޭންވިއެވެ.

“އޭނަ ކޯޗެކޭ ބުނަންވީ؟” ޑޮކްޓަރު ބުނި އެއްޗެއްގެ މާނަ ނޭންގޭތީ ޔާޝާ ސުވާލުކޮށްލިއެވެ.

ޑޮކްޓަރުގެ އިޝާރާތައް އެތާހުރި މުއްއައްޒަފަކު ލެޕްޓޮޕެއް ހުޅުވައިލިއެވެ. އިރުކޮޅަކު ކުޅެން ހުރުމަށްފަހު ޔާޝާ ކުރިމަތީ ބައިންދައި، ސީސީޓީވީ ފުޓޭޖެއް އަޅުވައިލިއެވެ. އޭގެން ފެންނަން ހުރީ ޔާޝާއާއި ކްރިސްއެވެ. ކްރިސް ހުރީ ޔާޝާއަށް ބަލަހައްޓައިގެން ޖެހިލުންވެފައި ކަހަލަ ގޮތަކަށެވެ. ދެން ފެނިގެންދިޔައީ ޔާޝާ ކުއްލިއަކަށް ފުންމައިގެން އަރައި ކްރިސް ގައިގައި ހިފައިގަންނަ ތަނެވެ. ކްރިސްއަށް ޔާޝާގެ އަތްދަށުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އައީ ހުދު ޔުނިފޯމުގައި ތިބި ދެ މުއައްޒަފުންނެވެ. އެ ދެމީހުން ޔާޝާ ކްރިސްއާއި ދުރުކުރުވިއެވެ. ނުބައި ފާޑަކަށް ހަޅޭއްލަވަމުންދިޔަ ޔާޝާ ހަމައަކަށް އެޅުނީ ފަަހަތުން އައި ތިންވަނަ މުއައްޒަފަކު ކަރަށް ހުސްކޮށްލި އިންޖެކްޝަނުން ހޭނެތުމުންނެވެ. ޔާޝާ އަތްދަނޑި މައްޗަށް ލައިގެން ގެންދިޔަތަން ބަލަން މާނޭވާ ލެވިފައި އިން ކްރިސް ބިންމަތިން ނުތެދުވެއެވެ. އޭނާގެ އަނގަމަތިވަނީ ފަޅައިގެންގޮސް ލޭ އައިސްފައެވެ.

މި ހުރިހާ މަންޒަރެއް ސާފުކޮށް ފެނުމުން ޔާޝާ އިނީ ބަސްހުއްޓިފައެވެ. ލޯމައްޗަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.

“މިއީ މިސްޓާރ ވިލިއަމްސް އެންމެ ފަހުން ބައްދަލުކުރަން އައި ދުވަހުގެ ފުޓޭޖް.” ޑޮކްޓަރު ބުނެލިއެވެ.

ބައްދަލުކުރަން އައިއްސިއޭ ކިޔައި މުއައްޒަފަކު އައުމުން ޔާޝާ ފަސްޖެހުނެވެ. އެފަދަ ކަމެއް ހިނގުމަށްފަހު ކްރިސްގެ މޫނު ދެކުމަށް އޭނާ ލަދުގަތެވެ. ގޯތި ތެރެއަށް ނުކުތް އިރު ކްރިސް ހުރީ އިންތިޒާރުގައެވެ.

“ކިހިނެތް؟” ކްރިސް އަހައިލިއެވެ.

“ރަނގަޅު.” އަމިއްލައަށް ދެވުނު ޖަވާބަށް ޝައްކުކުރެވޭ ހާލު ޔާޝާ ބުންޏެވެ. ކްރިސް ހިނިތުންވެލިއެވެ. އެއީ ހަމްދަރްދީގެ ހިނިތުންވުމެއް ނޫންބާއޭ ޔާޝާގެ ހިތަށް އެރީ އެއްވެސް މީހަކަށް އިތުބާރުކުރަން އެވަގުތު އޭނާގެ ބަލި ހިތް ބޭނުންނުވީތީއެވެ.

“އާނ… މިއީ ސިޑިން ވެއްޓިފަ.” ފަޅައިގެންގޮސްފައިވާ އަނގަމައްޗަށް ޔާޝާ ބަލާކަން ފާހަގަވެގެން ކްރިސް ދޮގުހަދައިލިއެވެ. ޔާޝާ އޭނާގެ މޫނު އަނބުރައިލީ އަނެއް ފަޅިއަށެވެ.

“ތެދަށް ބުނެބަލަ އަހަރެންދެކެ ފޫހިވެއޭ! ދެން ކޮންމެހެން މަޖުބޫރުވެގެން، ގިލްޓީ ފީލްވާތީ އަންނާނެކަމެއް ނެތް!” ޔާޝާ ވާހަކަދެއްކީ ކްރިސްއަށް ބަލައިވެސްނުލައެވެ. ޔާޝާއަށް އޭނާގެ ހާލަތު އަންދާޒާކުރެވުނީކަން ކްރިސްއަށް އިނގުނެވެ.

“ތީ ޔާޝާއަށް ހީވާގޮތް. އަހަރެން ޔާޝާ ދެކޭ ހިތުން އަންނަނީ.” ކްރިސް ބުންޏެވެ. ކްރިސްގެ ބަސް ޔާޝާއަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭގޮތެއް ނުވިއެވެ. ތެދުވެ ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ނަމަވެސް ބިންމަތީ އޮތް ގާގަނޑަކަށް އެރިފައި ފަޔަށް އެރި ތަދުން ބިންމައްޗަށް ވެއްޓުނެވެ. ކްރިސް ބާރު ބާރަށްގޮސް ޔާޝާ ކައިރިއަށް ތިރިވިއެވެ.

“ހެޔޮ… ދުރަށްދޭ!” ކްރިސް ޔާޝާއަށް އެހީވެދޭން އުޅުނު ނަމަވެސް ޔާޝާ ކްރިސްގެ އަތް ފޮޅައިލީއެވެ. އަމިއްލައަށް ކޮޅަށް ތެދުވެ ޖެހުނީ ކޮރެކެވެ. ދެވަނަ ފަހަރަށް ވެއްޓުމުގެ ކުރިން ކްރިސް ވަރަށް ހުޝިޔާރުކަމާއިއެކު ޔާޝާ ހިފެހެއްޓިއެވެ. އަދި ދޫކޮށްލާށޭ ކިޔައި ތެޅި ފޮޅެމުންދިޔަ ޔާޝާގެ ޝަކުވާއަކަށް ސަމާލުކަމެއް ނުދީ، އަތްދަނޑި މައްޗަށް ލައިގެން ދިޔައެވެ.

ޖީލާން އިނީ ފޭސްބުކުގައި ހުރި ޔަޝަލްއާއި އޭނާގެ ކޮންވަޒޭޝަންތައް ކިޔަންށެވެ. އިރުއިރުކޮޅާ ހީލެވެއެވެ. ޔަޝަލްއާއިއެކު ހޭދަކުރި ދުވަސްކޮޅަކީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތައް ނޫންބާއޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ޖީލާންގެ ހިތަށް އައީ އެމިލީއެވެ. އެމިލީއާއި ރައްޓެހިވީ ކޮން އިރަކުބާއެވެ؟ ފޭސްބުކް ހާވާލިއިރު އޭގެ ކުރިން އެމިލީ ދަންނަ ކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެމިލީ ލަންޑަނަށްގޮސް ފޯނު ނަންބަރާއި ސޯޝަލް މީޑިއާގެ ހުރިހާ އައިޑީއެއް ބަދަލުކުރި ވާހަކަ ބުނުމުން ޖީލާންގެ ހިތުގައި ކުރިންވެސް ވަނީ ޝައްކު އުފެދިފައެވެ. އެމިލީ އޭނާއަށް އޮޅުވާލައިގެން އުޅޭނަމަ އޭގެ މަގުސަދަކީ ކޮބައިބާއޭ އޭނާގެ ހިތަށް އެރިއެވެ.

ޖީލާން އޭނާގެ ހިޔާލުތަކުން ނެރުނީ ޔަޝަލްގެ ފޯނުކޯލެވެ. އަވަސްއަވަހަށް ޖަވާބު ދެވުނީ އެންމެ ސިކުންތެއްވެސް ލަސްކުރަން ބޭނުން ނުވާތީއެވެ. ޔަޝަލް އެދުނީ ޖީލާން އޭނާއާއި އެކު ތަނަކަށް ދިއުމަށެވެ. ކޮންތާކަށްހޭ ޖީލާން އެއްސެވެ.

“އަހަރެން ބޭނުން ޖީލާންގެ ހަނދާންތައް އަނބުރާ ލިބެން. އަހަރެން އެހީވެދޭނަން…” އިރުކޮޅަކަށް ހަމަހިމޭންވުމަށްފަހު ޔަޝަލް ބުނެލިއެވެ.

ޖަންނަތްއާއި ހައިޝަމް ތިބީ ރާއްޖެތެރޭ ރަށެއްގެ ގޮނޑުދޮށުގައެވެ. އެ ދެމީހުން ފިޔަވައި އިތުރު ދިރުމެއްގެ ހިލަމެއްވެސް ނެތް ތަނެކެވެ.

“ކޮބާ ނުވި ދޯ އެކަމެއް؟ އެ ޔަޝަލް ދެކެ ވާ ލޯބި ކުރިއެރީދޯ… ބައްޕަގެ ފުރާނައަށްވުރެވެސް…”

“ނޫން. ބައްޕައަށް އެއްވެސް ގޮތެއް ނަހަދާތި! އަދި ކުޑަ ވަގުތުކޮޅެއްދީ.” ހައިޝަމް ޖަންނަތްގެ ފައި ބުޑަށް ތިރިވެ އާދޭސް ކުރަންފެށިއެވެ. އާނއެކެވެ. އޭނާ މިވަނީ މަޖުބޫރުކަމެއްގެ ތެރޭގައެވެ. އުފަން ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށް ލޯބިވާ އަންހެންކުއްޖާގެ ފުރާނަ ދުއްވައިލަންޖެހިފައެވެ.

“އެ ހަގުރާމައިން ފެށިގެން ކަލޭގެ ބައްޕަ ވާނީ މަގޭ ހައްޔަރުގަ. އެންމެން ހީކުރަނީ އޭނަ މަރުވީކަމަކަށްނު. ހުރިހާކަމެއްވެސް މި ދުވަހަށްޓަކައި. ކަލޭ އަހަރެންގެ ބާރުގެ ދަށަށް ގެނެސް، ކަލޭ ލައްވާ ހުރިހާކަމެއް ނިންމުމަށް. އެ ޖައްބާރުގެ ހަށިގަނޑާއި ފުރާނަ ވަކި ނުވަންޏާ ދެން އަމާޒުކުރާނީ އޭނާގެ ދޮށީ ދަރިއަށް. އެހާ ކުޑަކަމެއްވެސް ނުވެގެންތަ ތި އުޅެނީ؟ އަޅެ އަހަންނަކަށް އޭނައަކާ ކައިރިއެއް ނުވެވެޔޭ!!!” ޖަންނަތް ހަޅޭއްލަވައިގަތެވެ. “ލަންޑަނަށްވެސް އެރޭނަމަތާ ދެން ހުރި ދަރިވެސް މެރޭނީ.” އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ޖަންނަތް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“މާދަމާ ހުރިހާ ކަމެއް ނިންމާނަން.” ހައިޝަމް ޔަގީންކަން ދިނެވެ. “ބައްޕައަށް ގޮތެއް ހަދައިގެން ނުވާނެ!”

“ސައުއްވީސް ގަޑިއިރު ކަލެއަށް ލިބޭނީ. މާދަން މެންދަމުން އަނބުރައި ބާރަޖަހާއިރު ހުރިހާކަމެއް ނިމެންވާނެ!”

ވިންޗެސްޓާރ ސިޓީގައި އޮތް ބައްދަލުވުމަކަށް ތިން ދުވަހަށް ދިޔަ ޑޭވިޑް، ދެ ދުވަސް ފަހުން އެނބުރި ލަންޑަނަށް އަންނަން ޖެހުނީ ބައްދަލުވުން ކެންސަލްވުމުންނެވެ. ފޮށި ހިފައިގެން ހަވޭއްޔަށް ވަދެވުނުއިރު ޖާރިޔާއެއްވެސް ފެންނާކަށް ނެތެވެ. ވިކްޓޮރިއާ ފެނޭތޯ ދެކޮޅު ބެލުމަށްފަހު ޑޭވިޑްގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ފެނިގެންދިޔައީ އޭނާ ހައިރާންކުރުވަނިވި މަންޒަރެކެވެ.

(ނުނިމޭ)

 

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ހަޔާތަށް އައި ގިލަންވެރިކަން

Next

ލަދުން ލޯބިން

Next
August 6, 2018

ލަދުން ލޯބިން

Previews
August 5, 2018

ހަޔާތަށް އައި ގިލަންވެރިކަން

16 Comments!

  1. Shaai says:
    August 6, 2018 at 12:30 am

    Haadha rythi storyekey.. adhi alah mi ki ….?

    1. Jinni says:
      August 6, 2018 at 1:14 pm

      thnk u shaai. nxt prt ah inthizaaru kollachey

  2. Maii? says:
    August 6, 2018 at 6:26 am

    Woww… stry hama vrh vrh salhi… kn irakun next part??????

    1. Jinni says:
      August 6, 2018 at 1:15 pm

      thnx maii. nxt prt wednesday ga

  3. Naadhee says:
    August 6, 2018 at 8:58 am

    V v reethi but thankolheh kuree

    1. Jinni says:
      August 6, 2018 at 1:16 pm

      dhena anna bai thankolheh dhigu kolleveytho balaanan iney. thnx 4 reading

  4. kookie says:
    August 6, 2018 at 9:16 am

    wowwww Masha Allah. story haadha reehchey. hama supper. alhe dhn oih part avahah genesdhehchey. when next part up kurany..??

    1. Jinni says:
      August 6, 2018 at 1:17 pm

      thnk u. next prt wednesday ga

  5. Moana says:
    August 6, 2018 at 1:10 pm

    Obinex to the max
    When next curiously waiting

    1. Jinni says:
      August 6, 2018 at 1:18 pm

      thnk u to the max. nxt prt wednesday ga?

  6. Jinni says:
    August 6, 2018 at 1:13 pm

    mifaharu thankolheh avahah liyevuneema 1 dhuvas kurin up kollee ingey. nxt prt wednesday ga iraadhakurevviyya?

  7. shrny says:
    August 8, 2018 at 5:19 pm

    v loabi mi stryyy.. ❤❤.. i reallyy luv ths stry.. keep it up.. nge ..

    1. Jinni says:
      August 16, 2018 at 5:11 pm

      thnx shrny

  8. nanni says:
    August 10, 2018 at 11:23 am

    ey jinnee koba next part ?

  9. nanni says:
    August 10, 2018 at 11:28 am

    ahanakah neyge jinni ehchi vaahaka liyaa kmeh avahah up kohdhybala avaskurey ehrn noony yaaamu andhaa alhiyah hadhaalaanan be farst mi adhu noony maadhan up nukidhyfiyaa fanditha hadhhanan

    1. Jinni says:
      August 12, 2018 at 2:15 pm

      sry ingey las veema. wifi kendigen. mihaaru innane up koffa aa baeh. and fanditha doesnt work on me. im too strong for dat?

Comments are closed.


All Right Reserved!