ހިތް އަދު ރޮނީއޭ ނުދާށޭ – 16 ވަނަ ބައި –
އެއަށްފަހު، ދެކުދިންނަށް ޒުވާންކަމުގެ ޖޯޝުގައި ވެވުނު ލޯބި ވެސް ނުލިބުނެވެ. ނަމަވެސް ލައިޝާ ޢަޒުމް ކަނޑައެޅީ، ގޭގެ އެއްވެސް މީހަކަށް، އަދި ހަމަ ރަޙްމަތްތެރިއަކަށްވެސް އޭނާގެ ހިތުގެ ޙާލު ނޭނގުމަށެވެ. ބައްޕައާއި ކޮއްކޮގެ ހިތާމަތަކަށް އިތުރު ބަރުކަމެއް ނުދިނުމަށެވެ. އޭރުން ފެށިގެން ނާހިލްއައީ އެކި ގޮތްގޮތުން ލައިޝާއަށް ބްލެކް މެއިލްކޮށް އުނދަގޫ ކުރަމުންނެވެ. މިކަންތައް ނާހިލްގެ ބައްޕައާއި ހަމައަށް ގެންދިއުމަށް އެތައްފަހަރަކު ލައިޝާގެ ޙާލާއިމެދު ޙަމްދަރުދީވާ އެތައް ބަޔަކު މުވައްޒަފުންގެ ތެރެއިން ބޭނުންވިއެވެ. އެ އެންމެންވެސް ހުއްޓުވީ ލައިޝާއަމިއްލައަށެވެ. އޭނާއަށް ނާހިލް ދެކެ ވެވުނު ލޯބި، ނާހިލްއާއި އިދިކޮޅަށް ނުކުތުމަށް އޭނާއަށް ހުރަސްއެޅިއެވެ.
ހުކުރު ދުވަހަކީ ލަޔާއަށް ވަރަށްވެސް ބުރަ ދުވަހެކެވެ. ބަންދު ދުވަހެއް ކަމަކު އޮފީހުގެ އަހަރީ ދުވަހުގެ ބޮޑު ޕާރޓީއަށް ތައްޔާރު ވުމުގައި އެތަނުގެ ދުއިސައްތައެއްހާ މުވައްޒަފުން ހޭބޯނާރާ އެކި ކަންތައް މިރެއަށް އިންތިޒާމު ކުރަމުންދެއެވެ. ލައިގެންހުރި ހުދު ކުލައިގެ ޖީންސަކާއި ކުޑަ ރަބަރުލީ އަތްކޮޅެއްލާފައިވާާ މަޑު ނޫކުލައިގެ އެހެދުމުގައި ލަޔާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ބްރައުން ކުލައަކަށްދާ އެ ފަންދިގު އިސްތަށިގަނޑު އޮތީ އުނދަގޫ ނުވާނެހެން މައްޗަށް ނަގައި ހިތެއްގެ ބައްޓަމަށް އިން ނޫކުލައިގެ ކްލިޕަކުން ހައްޔަރު ކޮށްލާފައެވެ. ޕާރޓީ އޮންނަ ހޯލުގައި ޙަރަކާތްތެރިވެގެން އުޅޭ ކޮންމެ މީހެއްގެ ލޮލުގައިވެސް މި ރީތި އަންހެންކުއްޖާ އަޅައިގަންނަމުން ދިޔައެވެ.
އެތަނުގައި ތިބީ ހަމައެކަނި އެތަނަށް ނިސްބަތްވާ މީހުންނެއްވެސް ނޫނެވެ. އެކި ތަންތަނުން ފަންނުވެރިން ތަނުގެ ތައްޔާރީތައް ކުރުމުގައި ހޭލަމޭލައަށް އުޅެއެވެ. ޑިޒައިނިންގ އަކީ ތަނުގެ ރަސްމީ މަސައްކަތްކަން އެ ހޯލަށް ބަލާލި ހަމަ ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އެކަމަށްޓަކައި ރާއްޖޭން ބޭރުންނާއި ރާއްޖޭގެ ކަމަށް ޤާބިލް މީހުން އެތަނުގެ ވެރިޔާ، ރާއްޖޭގެ ނަން މަޝްހޫރު އައިމާ ޒާހިރު ގެނެސްފައިވެއެވެ. ހޯލަށް ވަދެވެން އޮތް ބޮޑު މަގުން ލަޔާ ހިނގަމުން ދިޔައިރު، ޝަހުމްއައީ އޭނާގެ އެކުވެރި ޒައިންއާއި އެކީ ހަމަ އެ މަގުގެ މެދުންނެވެ. އެއީ ޒާހިރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ.
އަތުގައި ހުރި މާތައް ވެރިދާނެތީ ވަރަށް ބަލައިގެންއައި ލަޔާ މީހެއްގައި ލައިގަތެވެ. އެއޮށް ބަލައިގެން އައިމަވެސް ކުރިމަތިން އައި މީހާގެ ފަރުވާ ކުޑަކަމުން ލަޔާ ވަރަށް ރީތިކޮށް ތަރުތީބުކޮށް، އަތުރާލައިގެން ގެނައި މާތައް ދުރަށް ވިއްސައިގެން ދިޔައެވެ. އައި ރުޅިން އެމީހާއަށް ބަލައިވެސް ނުލައި ޗޮކެއް ކަނޑާލުމަށްފަހު ވަރަށް ބަލައިގެން އިނދެ އެއެއްޗެހި ހޮޮވަންފެށިއެވެ. އެއީ މިރޭގެ މެހެމާނުންގެ ހެދުންތަކުގައި ހަރުކުރުމަށް ސިންގަޕޯރއިން ގެނެސްފައިވާ މާތަކެކެވެ. ލަޔާ ރުޅިއައީ އެހެން ވެގެންނެވެ.
“އޭތް ޝަހުމް ކިހިނެއް ތި ހެދީ؟… އެކުއްޖާގެ މަސައްކަތް ބޭކާރު ވީނުން ތި…” ލަޔާގެ ދާދި ކައިރިން ސޮރީ އޭ ބުނ ޝަހުމް އެ މާތައް ހޮވަިއިދީ، ބާސްކެޓަށް އަޅަން ފެށުމުން ލާނެތް ގޮތަކަށް ހެވިފައިހުރެ، ޒައިން ބުނެލިއެވެ.
އެ ވަގުތު ލަޔާ ލަމުންއައި ނޭވާ އެތެރޭގައި ހިފެހެއްޓުނެވެ. އަދި އޭނާއަށް އެހީވުމަށް އިން ރީތި ޒުވާނާއަށް ބަލައިލެވުނީ ލަޔާގެ އިޚްތިޔާރުން ބޭރުގައެވެ. އެއާއި އެކު ލަޔާއަށް އުފަލުން ހަޅޭއްލަވައިގަނެވެންވެސް އުުުޅުނެވެ. ޝަހުމްއަށްވެސް އެ ކުއްޖާއާއި ދިމާއަށް ބަލައިލެވުނީ އެވަގުތުއެވެ. ދެމީހުންގެ ލޮލާލޯ ސީދާވި ވަގުތު ޝަހުމްއަށް ކުޑަ ކުއްޖެއްފަދަ މަޢުސޫމް މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޒައިން ޝަހުމްގެ ކޮނޑުގައި ޖަހައިލުމާއެކު ސިހިފައި ތެދުވެވުނެވެ. ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަސް ބަރުވެގެންދާހެންވެސް ހީވިއެވެ. ޝަހުމްއަށް ވީގޮތް ފެނިފައި ޒައިންގެ އެތަކެއް ސުވާލެއްވެސް އޭނާއަށް އަމާޒުވިއެވެ.
“ހާދަ ވަރަކަށް އެ އަންހެން ކުއްޖާއާއި ދިމާއަށް ތިބެލީ؟ އަނެއްކަ އެއް އިރެއްގަ ޖެއްސި ކުއްޖަކީތަ؟” ޝަހުމްގެ ސިކުނޑީގައިވެސް ހައިޖާނެއް އުފެދިގެން އުޅޭ ކަހަލައެވެ. އެއީ ކާކު ހެއްޔެވެ؟ ކޮންެމެވެސް ތަނަކުން ޝަހުމްއާއި ދިމާވެ، ވާހަކަވެސް ދެކެވުންކަން ޝަހުމްއަށް އިޙްޞާޞް ވާކަހަލައެވެ. އަދިވެސް އެއްފަހަރު އެމޫނު ދެކިލުމަށް ޝަހުމް ފަހަތް އެނބުރި ބަލައިލިއެވެ. އޭރު އެ ހިސާބުން އެކަކުވެސް ފެންނާކަށް ނެތެވެ.
މާ ވަށިގަނޑު ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ގެންގޮސް ލަޔާމެން ސެކްޝަނުގެ އަތޫފް އަތަށް ޙަވާލުކުރެވުމާއި އެކީ ލަޔާ ވޮޝްރޫމާއި ދިމާއަށް ދިޔައީ ހިތަށް ކުރެވެމުން ދިޔަ އަސަރުތަކުގެ ސަބަބުންނެވެ. އެއީ ހަމަ ޝަހުމް ހެއްޔެވެ؟ އެކަމަކު ޝަހުމް މިތަނަށް އައީ ކީއްވެހެއްޔެވެ؟ އަނެއްކާ ޝަހުމް ސިއްރުން ޒައިން އާއި އެއްބައި ވެގެން ލަޔާގެ ޙަޤީޤަތް ހޯދަން އުޅެނީ ހެއްޔެވެ؟
“ލަޔާ…އަވަސް ކޮށްގެން ހިނގާބާ…. ދެން ނޭނގެ އަހަރުންނަށް ގަޑިއަށް އާދެވޭކަމެއްވެސްް.” ލަޔާ ސިހުނީ ދޮރު ކައިރިން ފާތުންގެ އަޑު އިވުމުންނެވެ. އަވަހަށް މޫނު މަތީގެ ކުލަވަރު ހަމައަކަށް އަޅުވަމުން ލަޔާ ނިކުތްއިރު ފާތުންނާއި ނީލާ މަޑު ކޮށްގެން ތިއްބެވެ. އަބަދުވެސް ލަޔާ ގެއަށް ދާއިރު އެދެކުދިން ގެއަށް ލާފައި ނޫނީ، ނުދާނެއެވެ.
ދުވާލު އެއްކޮށް ފާއިޒް ވިސްނުމެއްގައި ފެންނާތީ ފާއިގާ ކަންބޮޑުވިއެވެ. ބޭބެ އަކީ ބަލި މީހަކަށްވެފައި ކަންތައް ތަކާއި ވިސްނުމަކީ އެއްގޮތަކަށްވެސް ބޭބެ ކޮށްގެން ވާނެ ކަމެއް ނޫނެވެ. މަޢްރިބް ނަމާަދުން ފައިބައިގެން ފާއިޒް ގެއަށް ވަދެގެން އައި އިރު ފާއިގާ އިނީ އޭނާއާއި ވާހަކަ ދައްކަން ރަނގަޅަށް ތައްޔާރު ވެގެންނެވެ.
“އަނހާ… ފާއި ކޮއްކޮ އެކަނިތަ؟ މިގޭ ތެރެ މިހާރު ހާދަ ފަޅޭ ދޯ ކޮއްކޯ!…އެއުޅޭ ދެ ކުދިން ވެސް ގެއަށް އަންނަ އިރަށް އެތިބެނީ ވަރުބަލި ވެގެން ގޮސް ހަލާކުވެފަ. ގިނަ ފަހަރަށް ކެވޭ ކަންވެސް އެ މީހުންނަށް ނޭނގޭނެ. ” ނިތްކުރީގައި އަތް ބާއްވާލި ގޮތަށް ސޯފާގައި އޮށޯވެލިއެވެ.
“އެދެކުދިންނާ ދޭތެރޭތަ ބޭބެ ވިސްނަނީ؟ ލަޔާމެން ގޯސް މަގަކުން ނުދޭނުން.. މިދުވަސް ކޮޅު ދެބެންވެސް އޮފީހުގައި މާ ބުރަވެގެނެއްނު އުޅެނީ..ބޭބެ ވިސްނަންވީ ބޭބެގެ ޞިއްހަތު ސަލާމަތުން ބަހައްޓަން..މިހާރު އެކުދިން އެ ތިބީ އަމިއްލަ ފައި މައްޗަށް ތެދުވެފަ…ދެން ދިރިއުޅުމެއް ފަށާފާނެ..” ފާއިގާ ވަރަށް ވިސްނުންތެރި ކަމާއިއެކީ ވާހަކަ ދައްކަމުން ދިޔައެވެ.
“ތިވެސް ދޮގެއް ނޫން..އެކަމަކު ކޮއްކޯ.. މިފަހަކަށް އައިސް އެއްވަރަކަށްވެސް ލައިޝާގެ މޫނުމަތިން އުޖާލާ ކަމެއް ދުށިންތަ؟ ބޭބެއަށް ހީވަނީ އެމަންޖެ އެހެން ނުބަހައްޓައި ރަނގަޅު މީހަކު ހޯދައި، ކައިވެނި ކުރުވަން ވީހެން… މިހާރު ސައުވީސް އެވަނީ…” ފާއިޒްގެ ވާހަކައިން ފައިގާއަށް ނުތަނަވަސް ކަމެއް ލިބުން ނަމަވެސް، ބޭބެގެ އެ ނިންމުން ގޯހެކޭ އޭނާގެ ހިތެއް ނުބުނެއެވެ. އެއީ ޚުދު އޭނާވެސް އެކުދިންގެ މުސްތަޤްބަލަށް ފޮނި އުއްމީދު ތަކެއް ކުރާތީއެވެ.
-ނުނިމޭ-
9 Comments
Comments are closed.
ެެެުޮސަޅީީީީ
ތެންކްސް
ވވވވވވވވވވވވވވވވވވ ސަޅި އިނގެ އާތު….
ތަންކޮޅެއް އަވަހަށް 17 ވަނަ ބައި އަޕްޑޭޓް ކޮށްދޭށެވެ.
މިހާރު މިދަނީ ގިނަ ބައިތަކެއް ލިޔަމުން..އިރާދަކުރެއްވިއްޔާ ލަހެއް ނުވާނެ..
އާތު ހާދަ ސު ލޮ އޭ….
Ebunaahen varah las dhw
athoo is the best
kyvetha kudhin athoo dheke rulhi annany