އުމުރަށްވެސް އެކީގައި ވާނަމޭ…..20
ޒާހިދާ އިހުނަށްވުރެ ރުޅިގަދަވިއެވެ. އެއައި ރުޅިގައި ފަރީނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން މޭޒުގައި ބޯޖެއްސިއެވެ. އެއާއިއެކު ފަރީނާގެ ލޯމައްޗަށް އަނދިރިވަމުންގޮސް އެކޮށްހެން އަނދިރިވެ ލޯމެރުނެވެ.
” އޭތް..ކަލޭމެން ދެން އަވަހަށްއާދޭ….އެކަމަކު މިގެއަށް ކަލޭމެން ވަންނަތަން އިތުރު އެއްވެސް މީހަކަށް ފެނިގެން ނުވާނެ…ސާފުވެއްޖެ…” ޒާހިދާ ފޯން ބާއްވަމުން ގަޑިއަށް ބަލައިލިއެވެ. ޒާހިދާ ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ވަރުގަދަ ހެން ހީވާ ދެފިރިހެނުން ގެއަށް ވަނެއެވެ. އެމީހުން ފެނުމާއިއެކު އަވަސް އަވަހަށް އެމީހުން އެތެރެއަށް ވައްދާފައި ދޮރު ޖެހިއެވެ. “އަވަސް ކުރޭ…އެންމެ ވިހި މިނެޓް ތެރޭގައި ހުރިހާ ކަމެއްކޮށް ނިމެން ޖެހޭނެ..އަވަސް…ފުރަތަމަ މިކުއްޖާ މިކޮޓަރިއަށްލާ…” ޒާހިދާ ފަރީނާއަށް އިޝާރާތް ކޮށްލަމުން ފަރީނާގެ ކޮޓަރި ދައްކާލިއެވެ. އެތަނުން އެކަކު ފަރީނާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް ފަރީނާގެ ކޮޓަރި އެނދުމަތީގައި ބޭއްވިއެވެ. އޭރު ފަރީނާގެ ހޭވެރިކަމެއް ނެތެވެ. ޒާހިދާ ފަރީނާގެ ބޯ މޭޒުގައި ޖެއްސިތަން ފަޅައިގެންގޮސްފައި ހުރުމުން ލޭއައިސް މޫނުމަތީގައި ލޭގަނޑުވެފައި ހުއްޓެވެ. އޭނާ ފަރީނާ ކޮޓަރިއަށް ލުމަށް ފަހު ނުކުތުމުން ދެން ޒާހިދާ އިޝާރާތްކޮށްލީ ޝާމިލް އަށްށެވެ. “އޭތް..މާގިނަ ވަގުތެއް ނެތް…ދެން މީނަ ގެންގޮސް އެކޮޓަރި އެނދުމައްޗަށްލާ….” ޒާހިދާ ހާސްވެފައި ހުރެ އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެއެވެ. އޭރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. ލުފްޝާން އަތުވެދާނެތީ ޒާހިދާ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ޒާހިދާގެ އަމުރަށް އެދެމީހުންގެ އަތްމަތިވެސް ތަންކޮޅެއް އަވަސްކޮށްލިއެވެ. ޝާމިލް އުފުލައިލީ ދެމީހުންވެގެންނެވެ. އޭރު ޒާހިދާ ހުރީ ނުހާގެ ކޮޓަރި ދޮރުހުޅުވައިގެންނެވެ. ޝާމިލް ލުމަށް ފަހު ދެން ގެންދިޔައީ ނުހާއެވެ. ނުހާ އާއި ޝާމިލް އެނދުމަތީގައި ބޭއްވުމުން ޒާހިދާގެ ވޮލެޓުން ކޮންމެ މީހަކަށް ފައްސަތޭކައިގެ ނޫޓެއް ދިނެވެ. “އޯކޭ އެއްނު މިވަރު..” އެދެމީހުން ޒާހިދާ ދިން ލާރީގައި ހިފީ ނުހަނު އުފަލުން ހުރެއެވެ. އަދި އެއްވެސް މަޑުކުރުމެއްނެތި ދެމީހުންވެސް ގެއިން ނުކުމެގެން ދިޔައެވެ. ޒާހިދާ ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ދެން އޮތީ އަހަރެންގެ ކަންތައް.. އަވަސް ކުރަންވީ… މިހާރު ލުފްޝާންވެސް އަންނަން އުޅޭނެ…” ޒާހިދާ ނުލަފާ ހިނިތުންވުމަކާއިއެކު ހިނގާފައި ގޮސް ޝާމިލްގެ ގާތުގައި އެނދުގައި އިށީނެވެ. އަދި މަޑުމަޑުން ޝާމިލްގެ ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ. ޝާމިލްގެ ގަމީސް ބޭލުވުމަށްފަހު ބިންމައްޗަށް ހޫރާލިއެވެ. އެއްމިޔަނަކަށް ހީލަމުންނެވެ. ދެން ޒާހިދާ ތެދުވެގެން ގޮސް ނުހާގެ ގާތުގައި އިށީނެވެ.
ޒާހިދާ ނުހާގެ ކޮޓަރި މަޑުމަޑުން ދޮރު ޖަހާލާފައި އައިސް ސޯފާގައި އިށީންނަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން ސޯފާމަތީގައި އޮތް ފޯން ނެގިއެވެ. ” މިހާރު ގަޑިން އެގާރަގަޑި ފަންސާސްވީ…އަދި ވެސް ލުފްޝާން އަންނާކަށް ނޫޅޭތަ؟….އަނެއްކާ މިރޭ އޭނަ ނާންނަނީތަ؟….ނޫން…ލުފްޝާންގެ ލޯބިވާ ނުހާގެ އުފަންދުވަސް ފާހަގަ ކުރަން ނައިސް ހުންނާނެތަ؟… އެކަމަކުވެސް ހާދަ ލަސްވެއްޖޭ……” ޒާހިދާ ދެބުމަ ގޮށް ޖަހާލިއެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތުގެ އިނގިލިތައް ވައްދާލައިގެން ލުފްޝާން އިނީ އެނދުމަތީގައެވެ. “ނުހާ… އަހަންނަށް ތިކަހަލަ އިމްތިޙާން ނުޖައްސާ…. އަހަރެން ބޭނުމެއް ނޫން ނުހާ އަހަރެންގެ އަތުން ބީވެގެން ދާކަށް … އަހަންނަކަށް ކެތެއް ނުކުރެވޭނެ އެމަންޒަރު ބަލާކަށް… ” ލުފްޝާންގެ އެހުދު ދެލޯވަނީ ރަތްވެފައެވެ. އެތެރެ ހަށިން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެހުރިހާ ކުލަވަރަކާއި އަސަރުތަކެއް ބޭރު ހަށިންވެސް ފެނަމުން ދިޔައެވެ. ކުއްލިއަކަށް ލުފްޝާންގެ ފޯން ރިންގްވާން ފެށިއެވެ. ފޫހިގޮތަކަށް ފޯނާއި ދިމާލަށް ބަލައިލިއެވެ. ސޭވް ނުކޮށް އިން ނަންބަރަކުން ގުޅާތީ ފުރަތަމަ އެކޯލަށް ޖަވާބު ނުދީ ލުފްޝާން ހަމަ އިންގޮތަށް އިނީއެވެ. ލުފްޝާން މިވަގުތު އެއިނީ އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތްވާ ކަހަލަ މޫޑެއްގައެއްނޫނެވެ. ދެވަނަ ފަހަރަށް ފޯން ރިންގް ވުމުން ލުފްޝާން ފޯން ނެގިއެވެ. އެހެންނަމަވެސް އެކޮޅުން ވާހަކަ ދައްކަންދެން ލުފްޝާން އިނީ ހަނުހިމޭނުންނެވެ. “ހަލޯ….ލުފްޝާން…މީ ނުހާގެ މަންމައޭ….ނާންނަންތަ؟..މިހާރު ބާރަވެސް ޖަހާނީއެއްނު…އާދޭ އަވަހަށް…” ލުފްޝާންއަށް ގުޅީ ޒާހިދާކަން އެނގުމުން ލުފްޝާން ވެފައި ހުރި ދެރައަށް މާބޮޑު ބަދަލެއް ނަޔަސް އޭނާވީ އިތުރަށް ފޫއްސެވެ. “އާން އޯކޭ….މިދަނީ…” ހިތުގައި އެތައް ރިހުމެއް އެކުލެވިފައިވީ ނަމަވެސް ލުފްޝާން ނުހާއަށްދޭ ސަޕްރައިޒްގައި ބައިވެރިވުމަށް އެއްބަސްވިއެވެ. ފޯން ކަނޑާލަމުން އެދުމައްޗަށް ހޫރާލިއެވެ. އަދި ކޮޅަށް ތެދުވެ ފޫހިގޮތަކަށް ޑްރެސިންގ ޓޭބަލްމަތީގައި އޮތް ޕާރްސަލެއް ނަގާ ކާރުގެ ތަޅުދަނޑި ޖީބަށް ލަމުން ކޮޓަރިން ނުކުތެވެ.
“ކޮބާތަ؟… އަަދިވެސް ނާންނަނީތަ؟..” ގޭދޮރުމަތީގައި ދެކޮޅަށް ދެކޮޅަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގާލަ ހިނގާލަ ޒާހިދާ ހުއްޓެވެ. ލުފްޝާންގެ އިންތިޒާރުގައެވެ. އޭނާ ކުޅެން އެއުޅޭ ޑްރާމާ ފެށޭނީ ލުފްޝާން އައުމުންނެވެ. ލުފްޝާންގެ އިންތިޒާރުގައި ކުޑައިރުކޮޅަކު ހުރުމަށް ފަހު ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ހަމައެއާއިއެކުހެން އެގޭ ދޮރުމައްޗަށް ލުފްޝާންގެ ކާރު މަޑުކޮށްލި އަޑު އިވިގެންދިޔައެވެ. ޒާހިދާގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. ބާރު ހިނގުމެއްގައި ގޮސް ދޮރުމައްޗަށް އެރިއެވެ. މަޑު މަޑު ހިނގުމެއްގައި ގެއަށް ވަންނަން އައި ލުފްޝާން ފެނުމުން ޒާހިދާގެ އަނގައިގައި ހުރިއްޔަ ހުރި ދަތެއް ފެނުނެވެ. ” އަވަހަށް އެތެރެއަށް ވަދޭ ލުފްޝާން….ފަރީނާ ނިދަންށޭ ކިޔާފަ ވަދެއްޖެ ކޮޓަރިއަށް… ނުހާވެސް އެހެންވެ ނިދަން ވަނީ…..” ލުފްޝާން ގެއަށް ވަނުމާއިއެކުހެން ޒާހިދާގެ އެކްޓް ކުރުމުގެ ހުނަރުތައް ދައްކަން ފެށިއެވެ. ލުފްޝާން ގެނައި ޕާރްސަލް ސޯފާމަތީގައި ބާއްވާލިއެވެ. ޒާހިދާގެ ލޯ އަމާޒުވެގެން ދިޔައީ އެޕާރްސަލް އަށްށެވެ. ” ސުބުޙާނައްﷲ…ހާދަ ބޮޑު ޕާރްސަލްއެއް…” ޒާހިދާ ސިހިގެން ދިޔައީ ލުފްޝާންގެ އަޑަށްށެވެ. “ކޮބާ..ޝާމިލް؟…” ޒާހިދާގެ އަޑު ތުރުތުރު އެޅި ކަހަލައެވެ. ” ޝާމިލް… ނޭނގެ…އުނހު..އޭނާ ނުހާ ކައިރީގައި އިނދެފައި މިދަނީއޭ ބުނި އަޑު އިވުނު…. ފަރީނާ ކޮޓަރިއަށް ވަނީމަ ދިޔައީ ކަންނޭނގެ…ތިއެއް ނޫނޭ…މަންމަ އެބަ އަންނަން ނުހާއަށް ގޮވާފަ…އިނގެ…” ޒާހިދާ މިހެން ބުނުމުން ލުފްޝާން އާނއެކޭ ބުނުމުގެ ގޮތުން ދެފަހަރަކު ބޯޖަހާލިއެވެ. ޒާހިދާގެ ވާހަކައަކަށް މާބޮޑު އަޅާލުމެއް ނުދީއެވެ. ބާރަ ޖަހަން މިނެޓަކަށް ވީއިރުވެސް ޒާހިދާއެއް ނައެވެ. ލުފްޝާން މަޑުމަޑުން ތެދުވެ ނުހާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް ނުހާގެ ކޮޓަރި ދޮރުމައްޗަށް އެރި އިރު ޒާހިދާ ހުރީ އެކޮޓަރީގެ ދޮރު ހުޅުވައިގެން އެތެރެއަށް ބަލަހައްޓައިގެންނެވެ. ދެލޯ ބޮޑުކޮށްގެންނެވެ. ޒާހިދާ ފެނިފައި ލުފްޝާންގެ ހިތް ބާރަށް ތެޅިގަތެވެ. ނުހާއަށް ކަމެއްވީ ކަމަށް ހީކޮށްފައެވެ. އަވަސް އަވަހަށް ގޮސް ޒާާހިދާ ދުރަށް ލަމުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ފެނުނު މަންޒަރަކުން ލުފްޝާންގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. ބާރަށް ހަޅޭއްލަވައިގަންނަންވެސް ބޭނުންވިއެވެ. އެހެންނަމަވެސް ވާނެ ކަމެއް އެއޮތީ ވެފައެވެ. އިތުރަށް ހަޅޭއްލެވުމުގެ ބޭނުމެއް ނެތެވެ. އެއްވެސް އިޙްތިޔާރަކާއި ނުލާ ލުފްޝާންގެ ލޮލުތެރޭގައި ކަރުނަ ފާއްދާލިއެވެ. ދެފައިން ވާގި ދޫވާހެން ހީވިއެވެ. އެނދުމަތީގައި އޮތް ނުހާ އާއި ޝާމިލް ފެނިފައި ލުފްޝާންގެ ދެއަތް މުއްކަވާލިއެވެ. ދެމީހުންގެ ގައިގައި އެއްވެސް ނިވާކަމެއް ނެތް އިރު ދެމީހުންގެ ހަށިގަނޑުގެވެސް ބޮޑުބައެއް އޮތީ ހާމައަށްށެވެ. ދެރަވެ، ރުޅިއައިސްފައި ހުރި ލުފްޝާން ފެނިފައި ކޮންމެ މީހަކުވެސް އޭނާ އާއި ކައިރިވާން ޖެހިލުން ވާނެއެވެ. އެކަސްރަތީ ފިރިހެން ވަންތަ ހަށިގަނޑުގެ ފުރިހަމަކަން ހާމަވަމުން ދެއެވެ. ޒާހިދާ ލުފްޝާންގެ ފަހަތުގައި ހުރި އޭނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލަ ދުވެލަ ހުއްޓެވެ. އިރުއިރުކޮޅުން ލުފްޝާން އަށް އަޑު އިއްވުމަށްޓަކައި ޒާހިދާގެ ރުއިމުގެ އަޑު އިއްވާލައެެވެ. ” ފަރީނާ ކޮބާ؟…” ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ލުފްޝާން އަހާލިއެވެ. ނުހާމެންނަށް ފުރަގަސް ދެމުންނެވެ. އެމަންޒަރު ބަލަން ލުފްޝާންއަށް ކެތް ނުވީއެވެ. ” ކޮޓަރީގަ..އޭނައަށް އެނގިއްޖެއްޔާ އޭނަގެ ހިތް ހުއްޓިދާނެ….އަހަރެން ދެން ހަދާނީވެސް ކިހިނެއް؟..” އަނގަމަތީގައި އަތް އަޅައިގެން ހުރެ ގަދަ ކަމުން ކަހަލަ ގޮތަކަށް ޒާހިދާ ދިޔައީ ރޮމުންނެވެ.
ލުފްޝާން ދެދަތްޕިލާ ޖައްސާ ބާރުކޮށްލިއެވެ. ގޮށްމުށް ކަވާލަމުން ބާރު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިން ނުކުތެވެ. އެގޭގައި އެންމެ ހިނދުކޮޅަކުވެސް މަޑު ކުރުމެއްނެތި ކާރަށް އެރިއެވެ. ކާރު ދުއްވާލީ ފުދޭ ވަރެއްގެ ބާރު ސްޕީޑެއްގައެވެ. ލުފްޝާން ދިޔުމުން ޒާހިދާ ދެއަތުން އޭނާގެ މޫނު ފުހެލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ފަތަހަ ލިބުނު ކަމުގެ އުފާވެރިކަމެވެ.
ބާރު ދުވެޔެއްގައި ގޮސް ކާރު މަޑުކޮށްލިއެވެ. ލުފްޝާން ކާރުން ފައިބައިގެން ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް އަތިރިމަތީގެ ހުދުވެލިގަނޑަށް ތިރިވިއެވެ. ދެކަކޫ ޖަހައިގެން އިންގޮތަށް އިނދެ ވެލިގަނޑުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ. އަދި މައްޗަށް ބަލައިލަމުން ބާރުބާރަށް ހަޅޭއްލަވައިގަތެވެ. ހިތުގައި އުފެދިފައިވާ ހުރިހާ ޝުއޫރުތަކެއް މުޅި އެތަނަށް ބަންޑުން ކޮށްލަން އުޅޭ ކަހަލައެވެ. ” ކީއްވެ ނުހާ؟..ކީއްވެ އަހަންނަށް ތިހެން ތިހެދީ…ކީއްވެ؟..” ލުފްޝާންގެ ދެލޯވަނީ ރަތްވެފައެވެ. މޮޔައަކު ފަދައިން ހަޅޭއްލަވަމުން ދިޔައެވެ.
-ނުނިމޭ-
2 Comments!
Comments are closed.
ވަރަށް ސަޅި
ވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް ނަޒާ…