“ޔަޤީން!” ހަނާ އެހެން ބުނެލީ ސާބިތުކަމާއިއެކީގައެވެ.
**
އެރޭ އަފާފްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ޝަރަފާއި ދެކެވުނު ވާހަކަތަކަށްފަހު އޭނަ ޝަރަފްގެ ބަސް އަހަން ނިންމިއެއްކަމަކު ދެންވެސް އޭނަގެ ސިކުނޑި ހާސްވެފައިވިއެވެ. އިތުބާރު ކުރަންވީ ޝަރަފަށްކަމެއް ނޫނީ ހަނާއަށް ކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. އެރޭ ގުޅާނަމޭ ބުނެފައި ޝަރަފް ގުޅިއެއްކަމަކު އޭނަ ‘ހަނާ’ އާ ގުޅޭ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ކުޑަ އިރުކޮޅަކަށް ގުޅާފައި މިއުޅެނީ ކަމެއް ދިމާވެގެން ކަމަށްބުނެ ފޯނު ބޭއްވި ގޮތުން އަފާފްގެ ހިތް ދެރަވިއެވެ. ޔަޤީން ކުރުމަށްޓަކައި އޭނަ މަންމައާއި ބައްޕައާއި މި ވާހަކަ ޙިއްޞާ ކުރަން ބޭނުންވިއެވެ. އެހެނަސް ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތަސް އެމީހުން ދޭނީ ޝަރަފް ކުށްވެރިވާ ބަސްތަކެއްކަން އަފާފަށް އެނގުންވިއެވެ. އޭގެ ބަދަލުގައި ޝަބާއާއި މި ވާހަކަ ޙިއްޞާ ކުރަން ބޭނުންވިއެއްކަމަކު، ޝަބާވެސް އޭނަގެ ކޮއްކޮ ގޯހެއް ހަދާފާނެކަމަށް ޤަބޫލެއްނުކުރާނެ ނޫންތޯ ހިތަށްއެރިއެވެ. އެއްވެސް ކޮޅަކަށް ނުޖެހި އޭނައަށް ރަނގަޅު ގޮތް ދައްކާނެ މީހެއް ނެތްކަން އެނގުންވީ ހިނދު އަފާފަށް އެކަނިވެރިކަމެއް އިޙްޞާޞް ކުރެވުނެވެ. މި ޙާލަތުގައި އޭނައަށް އެހީވެވޭނީ އެންމެ ޙަކީމްވަންތަ ﷲ އަށްކަން އެނގުންވުމުން އަފާފް ހުރިހާ އެންމެންނާއި އެކަހެރިވެ އެކަލާނގެ ޙަޟްރަތަށް ތައުބާވިއެވެ. އަދި އޭނައަށް އެންމެ ރަނގަޅު ގޮތް ދެއްކެވުމަށް އެދި އިސްތިޚާރާ ނަމާދު ކުރިއެވެ. ޝަރަފަށް އިތުބާރު ކުރުމަކީ އޭނަގެ ދުނިޔެއަށާއި އާޚިރަތަށް ވެސް އެންމެ ރަނގަޅު ވާނެ ގޮތް ކަމަށްވާނަމަ އޭނައަށްޓަކައި އެކަން ފަސޭހަކޮށްދެއްވުމަށް އެދިއެވެ. އަދި މި ޙާލަތުގައި ޝަރަފަށް އިތުބާރު ކުރުމަކީ އޭނައަށް ގެއްލުންވާނެ ފަދަ ކަމަކަށްވާނަމަ އޭނަ އެކަމާއި ދުރުކޮށްދެއްވުމަށް އެދިއެވެ. އާދައިގެ މަތިން އިސްތިޚާރާކޮށް ނިމުމުން އަފާފްގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކޮންމެ ގޮތެއްވިޔަސް ﷲ އޭނައަށް އެންމެ ރަނގަޅު ގޮތް މެދުވެރި ކުރައްވާނެކަން ޔަޤީންވުމުންނެވެ. އެހެނަސް ދެންވެސް އެ ހިތުތެރޭގައި ހިތާމައެއްވީ އޭނަ ޝަރަފާއި ދުރުވާން ޖެހިދާނެ ކަމަށްޓަކައެވެ. އެރޭ ނިދަން އޮށޯތުމުން ވެސް އޭނައަށް ސިފަކުރެވެމުން ދިޔައީ ޝަރަފް އޭނައާއި ވަކި ވެއްޖެނަމަ ވާނެ ގޮތަކާއި މެދުގައެވެ. އެ ޚިޔާލުތަކުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނައަށް ނިދަން ދަތިވިއެވެ. ނުނިދި މާ ގިނައިރުވާން ފެށުމުން އަފާފް އެންމެފަހުން އޭނަގެ ފޯނުން ޤުރުއާން ޕްލޭ ކޮށްލިއެވެ. އެއާއެކު އައްރަޙްމާން ސޫރަތް އިވެން ފެށުމުން އަފާފަށް އެ އާޔަތްތަކުގެ މާނައާއިމެދު ވިސްނެން ފެށިއެވެ. އިންކާރު ކުރާނީ ﷲ ގެ ނިޢުމަތްތަކުގެ ތެރެއިން ކިތައް ނިޢުމަތްތަކަށްތޯ ތަކުރާރުކޮށް އިވެމުން ދިޔަދިޔަހެން އަފާފަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނު ހިނދު އޭނައަށް ޝުކުރުވެރިވެސް ވެވުނެވެ. ޙަޔާތުގައި ކުޑަ ކަމެއް ދިމާވާއިރަށް އޭނައަށް ދިރިއުޅުމުގައި ވި އެހެން ހުރިހާ ނިޢުމަތްތަކެއްގެ މަތިން ހަނދާން ނެތެނީ ކިހާ އަވަހަށްކަން އޭނައަށް އެނގުންވީ އެވަގުތެވެ. ހަމަ އެއާއެކު އޭނައަށް އޭނަގެ ޙާލަތް ފެންނަމުން ދިޔަ ނަޒަރިއްޔާތު ބަދަލުވެގެން ދިޔައެވެ. އޭނަގެ ޙަޔާތުގައިވި އެހެނިހެން ހުރިހާ ރަނގަޅު ކަންތައްތަކެއްގެ މަތިން ހަނދާން ކުރެވުނެވެ. އަދި އެހެން ނޫނަސް އޭނަގެ ހިތް އެދޭ ފަދަ ގޮތަކަށް އޭނައަށް ޙަޤީޤަތް ހާމަވެގެންދާނެތާއޭ އޭނަގެ ހިތަށްއެރިއެވެ.
ކުޑަ ވަގުތުކޮޅެއްގައި އެންމެ އާޔަތެއްގެ ސަބަބުން އޭނަގެ ހިތް ބަދަލުވެގެން ދިޔަ ގޮތުން އަފާފަށް ހިނިތުންވެލެވުނެވެ. މާދަމާ އޭނަގެ ޕޭޖުގައި އެ އާޔަތް ޙިއްޞާކުރަން ނިންމަމުން އަފާފް ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔައި ދެލޯ މަރާލިއެވެ.
އޭގެ އަނެއްދުވަހުގެ އިރުއެރީއްސުރެ އަފާފްގެ ސިކުނޑި ފުރިފައިވީ ހަނާގެ ނޭދެވޭ ސިފަތަކެއްގެ ޚިޔާލުތަކުންނެވެ. ހަނާ އޭނަ ކައިރީގައިވެސް އެހެން މުވައްޒަފުންގެ ނުބައި ވާހަކަތައް ދައްކާ ގޮތާއި، ބައެއްފަހަރު ކިބުރުވެރިކަމާއެކީ ވާހަކަ ދައްކާ ގޮތާއި، އަދި އޭނަގެ ޙަޤީޤީ ނަން ފޮރުވި ގޮތާއިމެދު އަފާފަށް ވިސްނެމުން ދިޔައެވެ. ހަނާއަކީ ތެދުވެރިއެއްނަމަ އޭނަގާތު ކުރި ފާފައެއްގެ ވާހަކަ އެހާ ހާމަކަން ބޮޑުގޮތެއްގައި ދައްކާނެތޯ އަފާފްގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ ހެޔޮކޮށް ވިސްނަން ނިންމައިގެން ހުރި އުޚްތަކާއިމެދު އެފަދަ ގޮތަކަށް ވިސްނެމުން ދިޔައީތީ އަފާފް ދެރަވަމުން ދިޔައެވެ. އެހެނަސް މިއީ އޭނަގެ އިސްތިޚާރާގެ ޖަވާބުތޯ ވެސް ހިތް ސުވާލު ކުރަމުން ދިޔައެވެ.
ނާސްތާ ކުރުމަށްޓަކައި ކާ މޭޒުދޮށަށް ދިޔުމުން ބައްޕަ ފަރާތުން ވެސް އިވެންފެށީ ހަނާ އޮފީހުގައި މަސައްކަތް ކުރާއިރު ތެދުވެރި ނޫން ވާހަކައެވެ. ބައްޕަ ހުރީ ހަނާއަށްވި ނުރުހުމުގައި ހަނާ ވަޒީފާއިން ވެސް ވަކިކުރަން ބޭނުންވެފައެވެ. އެކަމަކީ ވެސް އޭނައަށް ލިބޭ ޢިޝާރާތެއްތޯ އަފާފްގެ ސިކުނޑި އެހިއެވެ. އޭނަ އަމިއްލަ ވިސްނުމެއްގެ ތެރޭގައި ހުއްޓާ ގޭގެ ބެލް އަޅުވާލި އަޑު އިވުނެވެ. އެހާ ހެނދުނުގެ އެ ވަގުތުގައި އެގެއަށް އަންނާނީ ކާކުތޯ ބަލަން މޭޒުދޮށުގައި ތިބި ތިން މީހުން ވެސް ބޭނުންވެފައި ތިއްބާ އެ ދޮރު ހުޅުވާލެވުނެވެ. އެއާއެކު ފެނިގެން ދިޔައީ ‘އައިޝާ’ ނޫން ދެވަނަ މީހެއްނޫނެވެ. އައިޝާ ހުރީ އެހެން ދުވަސްދުވަހާއި ޚިލާފަށް، އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ. އޭނަގެ އިސްތަށިގަނޑުވެސް އޮތީ އާދައިގެ ގޮތަކަށް އައްސާލެވިފައެވެ. އޭނަގެ ލޮލުގެ ދަށުން ކަޅުވެފައިވި ގޮތުންނާއި އޭނަގެ މޫނުމަތި މިލާފައިވި ގޮތުން އޭނަ ބޮޑު ހިތާމައެއްގައި އުޅެފައި އައިހެން ހީވަމުން ދިޔައެވެ.
“އައިޝާ…..ކިހިނެއްތަވީ؟” އައިޝާ އެތެރެއަށް ވަދެގެން އައިހެން އޭނަގެ މޫނުމަތި ހުރިގޮތް ފާހަގަވުމުން ޝާދިޔާ ވާހަކަ ދެއްކިއެވެ. އިވުނު ނަމަކުން އަފާފްގެ ދެއަތް ވަގުތުން ފިނިވެގެން ދިޔައެވެ. ޝަރަފް ބުނި ބަސްތައް އޭނަގެ ސިކުނޑި ތެރޭގައި ގުގުމައިގެން ދިޔަދިޔަހެން އޭނަ ވަގުތުން އެތަނުން ދާން ބޭނުންވިއެވެ. އެހެނަސް ގޭގެ ތެރެއިން އޭނަ އަމިއްލައަށް ހިނގަން ނޭނގޭނެކަން އެނގުންވުމުން އޭނައަށް ހަދާނެ ގޮތެއް ނޭނގުނެވެ. އެތަނުން ދިޔުމަށް މަންމައަށް ދޭނެ ބަހަނާއަކާމެދު ވިސްނަން ފެށިތަނާހެން ބައްޕަ ވާހަކަ ދެއްކިއެވެ.
“އައިޝާ މިއަދު އޮފީހަށް ނުދަނީތަ؟” ހުސެއިންގެ އަޑުގައި ނުރުހުންތެރިކަމެއްވިއެވެ.
“އާނ ބޭބެ. ވް….ވަރަށް ބޮޑުކަމެއް ދިމާވެގެން މިއުޅެނީ. ހިއެއްނުވޭ މިއަދު ގޮއްސަ ރަނގަޅަށް މަސައްކަތް ކުރެވޭނެހެނެއް. އެހެންވީމަ ނުދިޔައީ. މަސައްކަތް އެބަ ކުރަން އަދި އިރުކޮޅަކުން ދެވޭތޯ.” އައިޝާ މާޔޫސީ ގޮތަކަށް ވާހަކަ ދެއްކިއެވެ. އެ އަޑުގައިވި ހިތާމަވެރިކަން އަފާފަށް ފާހަގަވުމުން އޭނައަށް ދެބުމަ ކައިރިކޮށްލެވުނީ ވިސްނަންވީ ވަކި ގޮތެއް ނޭނގުމުންނެވެ. އޭނަ އިންގޮތަށް އިންދާ އަހަރުމެން މިދަނީ އޮފީހަށޭ ބުނެ އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. ހުސެއިން ލޯމައްޗަށް ގެއްލުނުތަނާހެން ޝާދިޔާ ވާހަކަ ދެއްކިއެވެ.
“އައިޝާ ކިހިނެއްތަވީ؟ އަހަރުމެންނަށް ކަމެއްކޮށްދެވިދާނެތަ؟” ޝާދިޔާވެސް ހުސެއިން ދެއްކި ވާހަކަތަކުން އައިޝާއަށް ނުރުހުންވެފައި ހުއްޓެއްކަމަކު އޭނަ ރީއްޗަށް ވާހަކަ ދެއްކޭތޯ ބެލިއެވެ.
“އަޅުގަނޑު މިއައީ…..އަފޫއާ ބައްދަލުކޮށްލަން.” އައިޝާ އެހެން ބުނެލީ އަފާފަށް ނަޒަރު ހުއްޓަމުންނެވެ. އެއާއެކު އަފާފްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނައަށް ވަގުތެއްނެތޭ ބުނެ އޭނައަށް އިސާހިތަކު ތެދުވެވެން އުޅުނެވެ. އެހެނަސް ކުރިން އޭނަ ހުއްޓުވި ސަބަބާއެކު އޭނަ އައިޝާއާއި ކުރިމަތިލާން ބޭނުންވެފައިވި މިންވަރުން އަފާފަށް ހިރިވެސް ނުލެވުނެވެ. އޭނަ ހުރީ ޝަރަފް އިއްޔެ ދެއްކި ވާހަކަތައް އައިޝާގެ ކުރިމަތީގައި ދައްކައި އޭނަ މޮޔަ ނުހެއްދޭނެކަން ސާބިތުކޮށްދޭށެވެ. އަފާފަށް އެ ފުރުޞަތު ލިބިގެން ދިޔައީ ޝާދިޔާ، އައިއްސަ އިށީންނާށޭ ބުނެ، އައިޝާ އިށީންނަން ކާމޭޒުގެ ގޮނޑިއެއް ދަމާލުމުންނެވެ. އައިޝާ އައިސް އިށީނީ ސީދާ އޭނަގެ ކުރިމަތީގައި ހުރި ގޮނޑީގައި ކަން އެނގުންވުމުން އަފާފްގެ ހިތް ނުތަނަވަސްވިއެވެ. އޭނައަށް ވަގުތުން އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުނެވެ. އަދި ވިސްނުމެއްނެތި ރުޅީގައި އެއްޗެކޭ ބުނުމުން ވެސް އޭނަ ސަލާމަތް ކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. ހަމަ އެ ހިނދު އައިޝާ ވާހަކަ ދެއްކިއެވެ.
“އަފޫ…..އިއްޔެގަ، އެ ވާހަކަ ދެއްކިއިރު އަހަންނަކަށް ނޭނގޭ އަފޫގެ ހަޒްބެންޑަކީ ކާކުކަން.” ‘އައިޝާ’ ސީދާ އެ ވާހަކައިން ފަށައިގަތުމުން ސާބިތުކަމެއް ލިބިފައިވި އަފާފްގެ ހިތަށް ވެސް ލޮޅުމެއް އައެވެ.
“އެކަމަކު އަހަންނަށް އަފޫ މެރީ ކޮށްގެން އުޅެނީ ކާކާކަން އެނގުނީ އިއްޔެ ހަވީރު. އޮފީހުގަ އުޅޭ އާފީގެ ފަރާތުން. އަ….އައިމް ސޯ ސޮރީ ޓު ސޭ ދިސް އެ…އެކަމަކު…..” އައިޝާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން އިއްޔެ ފަދައިން އޭނައަށް ގިސްލެވެން ފެށިއެވެ. އެހެނަސް އިއްޔެއާއި ޚިލާފަށް އެ ގިސްލުމުން އަފާފްގެ ހިތަށް އަސަރެއް ނުކުރެއެވެ. އަފާފް ދެންވެސް ވިސްނުމެއްގެ ތެރޭގައި ހިމޭނުން އިންދާ އައިޝާ ނޭފަތް ދަމަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އެކަމަކު މި ވާހަކަތައް އަފޫއަށް ނޭނގުމަށްވުރެ އެނގުން ކަންނޭނގެ ރަނގަޅީ. ޝަރަފް މި ހުރިހާ ދުވަހު އަހަންނަށް އުނދަގޫކޮށްފަ ވެސް މިހާރު އުޅެނީ އަހަންނާ ރައްޓެހިވެގެން.” އައިޝާ ބުނެލި އެ ވާހަކައިން އަފާފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް އައިޝާއާ ބެހޭގޮތުން ޝަރަފް ދެއްކި ވާހަކަތައް އިވިފައި އަފާފަށް ކޮޅަށް ތެދުވެވުނެވެ.
“އަހަރެން ޤަބޫލެއް ނުކުރާނަން ތި ވާހަކައެއް!” އަފާފަށް ސާބިތުކަމާއެކީ އެހެން ބުނެލެވުނީ އިހުނަށްވުރެ ހަރު އަޑުންނެވެ. އެ ހިނދު އޭނަގެ ފުރަގަހުގައި ހުރި ބަދިގޭގެ ދޮރު ކައިރީގައި ޝާދިޔާ ހުއްޓި ހުރިކަން ކާގޭގައި ތިބި ދެމީހުންނަކަށް ވެސް ނޭނގެއެވެ. އަފާފް ބުނެލި ވާހަކައިން ޝާދިޔާއާއި އެއްވަރަށް އައިޝާވެސް ޙައިރާންވެ އޭނަ ކޮޅަށް ތެދުވުނުތަން ޝާދިޔާއަށް ފެނުނެވެ. އައިޝާ ވައި އަޑުން ‘އަފޫ’ އޭ ކިޔާލިކަން ވެސް އޭނައަށް އެނގުނެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު ދޮގުވެރިއަކު އައިސް އަހަރެންގެ ޢާއިލާއާ ބެހޭގޮތުން ދައްކާ ވާހަކަތައް ޤަބޫލުކުރަން އަހަންނަށް ދަތި. ކޮން އައިޝާއެއް؟ ކީއްވެތަ އަމިއްލަ ނަން ފޮރުވައިގެން ތިއުޅެނީ، ހަނާ؟” އަފާފް ސީދާ އޭނައަށް ނަޒަރު ހުއްޓައިގެން ހުރެ އޭނަގެ ނަން ކިޔާލުމުން ހަނާ ހުއްޓުން އަރާ ގޮތްވިއެވެ. އަފާފް އޭނަގެ ވާހަކަތައް ޤަބޫލު ނުކުރާނެކަން އެނގުންވިއެއްކަމަކު އަފާފް އެހާ ސާބިތުކަމާއެކީ ވާހަކަ ދައްކާނެކަމަށް އޭނަ އުއްމީދެއް ނުކުރެއެވެ. އަފާފް އޭނަގެ އަސްލު ނަން ހޯދީ ޝަރަފްގެ ފަރާތުންތޯ ނޫނީ އޮފީހުގެ ތެރެއިންތޯ ވިސްނަމުން ދަނިކޮށް އަފާފް ބުނެބަލާށޭ ބުންޏެވެ. އެއާއެކު ހަނާގެ މޮޅު ސިކުނޑި ވަގުތުން ޖަވާބެއް ރޭވިއެވެ.
“އަސްލު އަހަންނަށް ކިޔަނީ އައިޝަތު ހަނާ. ޢާއިލާ މީހުންނާއި ގާތް އެކުވެރިން ލޯބިން ކިޔަނީ އައިޝާ. އަފޫ ވެސް އަހަރެންގެ ގާތް އެކުވެރިއަކަށް ހަދަން ބޭނުންވީތީ އެފަދަ ގޮތަކަށް ތަޢާރަފުވީ. އަފޫ……އައި މީން ވެލް ފޯ ޔޫ. އެހެންވެ މިއައީ. އެނޫންނަމަ އަހަންނަށް ވެސް ޝަރަފްއާއެކީ ރައްޓެހިވެގެން އުޅެވުނީސް. އަފޫއަށް ޤަބޫލު ނުކުރެވެންޏާ އަހަރެންގެ އަތުގަ އެބައޮތް ހެކިވެސް. މިހާ ހާމަކަން ބޮޑު ތަނެއްގަ އަފޫއަށް ނުދެއްކޭނެ ކަންނޭނގެ. ބޭނުމިއްޔާ އަފޫގެ ކޮޓަރިއަށް ގޮސް އަފޫގެ ލެޕްޓޮޕުން ދައްކާލާނަން.” ހަނާ މަޑުމައިތިރި އަޑަކުން ބުންޏެވެ. އެހިނދު އަނެއްކާވެސް ހަނާއާ ދުރުގަ ހުރުމަށް އަފާފްގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދިނެވެ. އެހެނަސް އޭނަ ހަނާގެ އެ ‘ހެކި’ ވެސް ބަލަން ބޭނުންވެފައިވި މިންވަރުން އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނެވެ. އެ ހެކި ބަލާފައި ވެސް އޭނަ ހަނާގެ އިލްޒާމްތަކާއި ދެކޮޅަށް ޝަރަފް ދިފާޢުކުރަން ބޭނުންވި މިންވަރުން އޭނައަށް ހިނގާށޭ ބުނެލެވުނެވެ. އެ ހިނދު އޭނަ ޝަރަފްގެ ބަސްތަކުގެ މަތިން މުޅިން ހަނދާން ނެތުނެވެ.
ނުނިމޭ
9 Comments!
Comments are closed.
Assalaam’alaikum. mi bai kuruveema adhi maadhamaa rey jana ehbai up kohdheynan In Sha Allah. 🙂 Jazaakumullah Khairan! 😀
Yay first dhw
Mibai ves vr rythi wow..
Maashaa Allah.
Maasha Allah ….Jana ge story akee v reethi v iburaitheri story eh keep going dear
Masha allah ??
ma sha allah..ekam jana alhey….:( plssss help…
maasha allah. keep it up jana. jana ge vaahaka thah kiyaafa neygi huri baivaru ehchehi dhasvegen hingajje alhmdhulillah. Jazaakillah khair jana.
Maasha Allah v v v reethi ❤️❤️❤️… V iburaitheri v reethi jana ge knme story ehvx ???… Keep up the good work jana ???… Curiously waiting for the next part ???
Maa sha allah?