Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް 21

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
March 2, 2018 8 Mins Read
30 Comments

އެމީހާ ރައިނާގެ ގާތަށް ދިޔަ ސަބަބު މިހާރު އަހަންނަށް އެނގިއްޖެއެވެ. މާޒް އަކީ ސީކްރެޓް އޭޖެންޓެއްކަން އެމީހާއަށް ޝައްކުވީއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟

** **

ރޭގަނޑުގެ ވަގުތު އަހަރެންނާއި ރޫޝިން އެޖެންސީ ތެރެއަށް ވަދެގެން އައީ ދާދި އެކު އެކީގައެވެ. ނޫހުދު އަލިން މުޅިތަން ދިއްލިފައި ވީއިރު، އެކި ދިމަދިމާގައި މީހުން ހަރަކާތްތެރި ވާތަން އޭރު އަހަންނަށް ފެނުނެވެ.

“އަރޫން. މާޒްގެ އަންހެނުންނަށް އެނގޭނެ ދޯ އޭނަ މިތަނުގަ މަސައްކަތް ކުރާކަން؟”

މަޝްވަރާ ރޫމާ ދިމާއަށް އަހަރެމެން މިސްރާބުޖެހި ވަގުތު ރޫޝިން މަޑުމަޑުން އަހާލިއެވެ. އަހަރެން އޭނާގެ މޫނަށް ބަލާލުމާއެކު އޭނާ އެހުރީ ބޮޑު ވިސްނުމެއްގައިކަން އެނގިގެން ދިޔައެވެ. މިޔަދު ރައިނާ ދެއްކި ވާހަކައިގެ ސަބަބުން އަހަރެމެން ދެމީހުންވެސް މިތިބީ ވަރަށް ކަންތައް ބޮޑުވެފައެވެ. ނަމަވެސް އެވާހަކަ އާރިފް ސާރ ގާތު ދެއްކުމުގެ ކުރިން އަހަރެމެން ބޭނުންވީ މާޒްއާ އެކަމާ ބެހޭގޮތުން ވާހަކަދައްކާލާށެވެ.

“އާނ، އެނގޭނެ. އެކަމަކު އޭނަގެ ވައިފް ހިއެއް ނުވޭ އެހެން މީހެއް ގާތު އެ ވާހަކަ ދައްކަފާނެހެނެއް. އެވަރުގެ ޔަގީންކަމެއް ލިބުނީމަ ދޯ މާޒް އެކަން ހާމަކުރާނީ އަސްލު.”

އަހަރެން ވިސްނުންތެރި ކަމާއެކު ބުނެލީމެވެ. ރޫޝިން މަޑުމަޑުން ބޯ ޖަހާލިއެވެ. މަޝްވަރާ ރޫމާ ހިސާބަށް ދެވުމާއެކު އޭނާ ދޮރުގައި ފިންގަރފްރިންޓް ޖަހާލިއެވެ. އެއާއެކު މައްޗަށް ވާގޮތަށް އެ ދޮރު ކެހިގެން ދިޔައެވެ.

އެތަނުގެ އެތެރޭގައި ބަހައްޓާފައިވާ ކަޅުކުލައިގެ ބިސްބުރު ބައްޓަމަށްވާ ބޮޑު މޭޒު ކައިރީގައި އިން ރާޔާ ފެނުމުން އަހަރެންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ރޫޝިންގެ ފަހަތުން އަހަރެން އެތެރެއަށް ވަނުމާއެކު ދޮރު ލެއްޕިގެން ދިޔައެވެ. އެއަޑަށް ލެޕްޓޮޕުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިން ރާޔާ އިސްއުފުލައި އަހަރެމެންނާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާ ފިޔަވައި އިތުރު އެހެން މީހަކު މަޝްވަރާ ރޫމުގައި ނެތީ ކީއްވެގެން ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

“ހެލޯ، ޗަބީ.”

ރާޔާގެ ގާތަށް ފިޔަވަޅެއް އަޅާލަމުން، އަހަރެން ލާނެތް ގޮތަކަށް ވާހަކަދެއްކީމެވެ. އެއާއެކު އޭނާ ތުން އަނބުރާލިއެވެ. އަހަންނަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ އަނެއްކާވެސް ކުރަން އިން މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަހަންނަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ހިނގާފައި ގޮސް އަހަރެން ރާޔާގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި ޖައްސާލީމެވެ. ރޫޝިން ވެސް އައިސް އެތަނުން ގޮނޑިއަކަށް ވެއްޓިގަތެވެ.

“ކޮބާ އާރިފް ސާރއާ އެހެން މީހުން؟ އަހަރެން ހީކުރީ މީޓިންގް އެއް އޮތީމަ ކަމަށް އަހަރެމެން ގާތު އަންނާށޭ ބުނީ..”

ރޫޝިން ރާޔާއާ ވާހަކަދެއްކިއެވެ.

“މީޓިންގް އެއް ނެތް މިރެޔަކު.”

ލެޕްޓޮޕުގެ ސްކްރީނުން ނަޒަރު ވަކިކޮށްނުލާ އެއިން ގޮތަށް އިނދެ ރާޔާ ޖަވާބުދިނެވެ.

“ދެން ކީއްވެ އަހަރެމެން މިތަނަށް ގެނައީ؟ އެހާ ވަރުބަލިވެފައޭ މިހުރީ!”

ރޫޝިން ހަރަންބަނދެލަމުން ރުންކުރު ރާގަކަށް ބުނެލިއެވެ. ފާއިތުވެ ދިޔަ ހަފްތާ ތެރޭގައި އެ މިސްޓާރ ޒެޑްއަކަށް ފާރަލުމުގައި ރެޔާއި ދުވާލު ހޭދަކުރުމުގެ ސަބަބުން ހަޤީޤަތުގައިވެސް އަހަރެމެން ދެމީހުންނަށް ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައެވެ.

“އަމިއްލައަށް ވިސްނާބަލަ ކީއްވެގެންކަން.”

ރާޔާ ރޫޝިންއާ ދިމާއަށް ވަށްކަޅިން ބަލާލުމަށްފަހު ބުނެލިއެވެ. އެއާއެކު ރޫޝިން ބޯ ކަހާލިއެވެ.

“ދެން ފެޓީ އެސިޑް ކީއްވެ މިތާ ތިއިނީ؟”

އަހަރެން ރާޔާއަށް ބަލަހައްޓައިގެން އިނދެ އަހާލީމެވެ.

ރާޔާ އަކީ މިދިޔަ އަހަރު ޓީމުގެ އައިޓީ ސެކްޝަންއާ ގުޅުނު އާ މެންބަރެވެ. ޢުމުރުން އެންމެ ސޯޅަ އަހަރުގައި އޭނާ މި އެޖެންސީއާ ގުޅުމާއެކު އޭނާ ވެފައި ވަނީ މިތަނުގައި މަސައްކަތްކުރާ އެންމެ ހަގު އެޖެންޓަށެވެ.

“އެތަން މާ ހަލަބޮލީ.”

ރާޔާ އެތަނޭ ކިޔައި އެ މުޚާތަބުކުރީ އައިޓީ ސެކްޝަނަށް ކަން އަހަންނަށް އެނގުނެވެ. ހިނިގަނޑެއް ޖަހާލަމުން އަހަރެން ގޮނޑިން ތެދުވެގެން ގޮސް ރާޔާއާ ދާދި ގާތުގައި ހުއްޓެލީމެވެ.

“ޕިގް ޓެއިލް، ކޯއްޗެއް ތި ސޯލްވް ކުރަނީ؟”

ރާޔާގެ ލެޕްޓޮޕުގެ ސްކްރީނަށް ބަލާލަމުން އަހަރެން ސުވާލުކޮށްލީމެވެ. އެއާއެކު އޭނާ އަނެއްކާވެސް ތުންއަނބުރާލިއެވެ. އަހަރެން އޭނާއާ ދިމާއަށް ފާޑުފާޑުގެ ނަންނަން ކިޔާތީ އޭނާ މިހާރު ހައިރާނެއް ނުވާނެވެ. ފެޓީ އެސިޑް، ޕިގް ޓެއިލް، ޗަބީ، މިއީ އަހަރެން ހައްތަހާވެސް އޭނާއާ މުޚާތަބުކުރާ ގޮތްގޮތެވެ. އޭނާ މި އެޖެންސީއާ ގުޅުނީއްސުރެ އަހަރެންގެ ހިތުގައި އޭނާއަށްޓަކާ ވަނީ ޚާއްސަ މަޤާމެއް ދެވިފައެވެ.

ރާޔާ އަކީ ތުއްތު އިރުއްސުރެ އައްޑޫގެ ކުޑަކުދިންގެ ހިޔާގައި އުޅެ ބޮޑުވި ކުއްޖެކެވެ. އޭނާގެ މައިންބަފައިންނަކީ ކޮންބައެއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އަހަރެންގެ ހިތުގައި މި އަންހެންކުއްޖާއަށްޓަކާ ޚާއްސަ މަޤާމެއް ދެވުނީ މި ސަބަބާ ހުރެއެވެ. އަހަންނާ އޭނާގެ ޙަޔާތުގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރީތީއެވެ. އަހަރެންނަކީވެސް މައެއް ބަފައެއް ނެތި، ރަށުތެރޭގައި ގިނަވެފައި ވަނިކޮށް އާރިފް ސާރ މި އެޖެންސީއަށް ގެނައި މީހެކެވެ. ވުމާއެކު، އަހަންނަށް ރާޔާއާމެދު ދެކެވެނީ ކޮއްކޮއެއް ގޮތަށެވެ. ރާޔާ ފެންނަ ކޮންމެ ފަހަރަކު އޭނާ ރައްކާތެރިކުރަންޖެހޭނެ ކަމުގެ އިހުސާސް އަހަންނަށް ކުރެވެއެވެ.

“ދުރަށް ދޭބަލަ. އަހަރެން ވަރަށް މުހިންމު އެއްޗެކޭ މި ސޯލްވް ކުރަނީ.”

ރުންކުރު ގޮތަކަށް ރާޔާ އެހެން ބުނެލުމުން އަހަރެން ދެއަތުން އޭނާގެ ބޮޑު ދެކޮލުގައި ހިފައި ފިއްތާލީމެވެ.

“ޗަބީ ޗަބީ ކޮލެކޭ ދޯ؟”

ދޯއަށް ދަމާލަމުން އަހަރެން އެހެން ބުނުމާއެކު އޭނާ އަހަރެންގެ އަތް ފޮޅުވާލިއެވެ. ދެބުމަ ގޮށްޖަހާލަމުން އޭނާ ހަރަންބަނދެލީ ރުޅިއައިސްފައިވާ މިންވަރު ހާމާކުރުމަށް ތޯއްޗެވެ. ރާޔާ ރުޅި އައީމަ އަދި މާ ލޯތްބެވެ. މިހާރު އެ ދޮން މޫނުމަތި ވަނީ ކޮންމެވެސް ވަރަކަށް ރަތް ވެފައެވެ. އެ ތުންފަތް ވަނީ އޫކޮށްލެވިފައެވެ.

“ރޫޝިންއާ ދެމީހުން މިތަނުން ނިކުމެބަލަ!”

ރާޔާ ބާރަކަށް ބުނެލިއެވެ.

“މީ ރާޔާގެ ތަނެއް ނޫނެއްނު؟ ވަން ވޯޑް. ނު-ނި-ކު-ން-ނާ-ނަ-ން!”

ރޫޝިން ގޮތްދޫ ނުކުރާ ރާގަކަށް ބުނެލިއެވެ. ރާޔާ ތުން އަނބުރާލުމަށްފަހު އަނެއްކާވެސް އޭނާގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ އުޅުނެވެ. ނަމަވެސް އަހަރެން އޭނާގެ ބޮލުގައި ދެފަރާތަށް ވާގޮތައް އައްސާފައިވާ އިސްތަށިގަނޑާ ކުޅެލުމާއެކު އަނެއްކާވެސް އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ގޮނޑިން ތެދުވެ އޭނާ އަހަންނާ ދިމާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ.

“ދެމީހުން މޮޔަވެގެންތަ ތިއުޅެނީ؟ ނޭނގޭތަ މިރެއަކީ ކޮން ރެއެއް ކަމެއް؟؟”

ރާޔާ ބާރަކަށް އެހެން ބުނުމާއެކު އަހަރެން ކުޑަކޮށް ސިހިގެން ވެސް ދިޔައެވެ. މިޔަދު ނޫނަސް އަހަރެން އޭނާއަށް ޖެއްސުން ކުރަމެވެ. ނަމަވެސް އޭނާ މިހާ ރުޅިއައިސްފައި ހުއްޓާ އަހަރެން މިދެކުނީ އަދި އަލަށެވެ.

“ޑޯންޓް ޓެލް މީ ޔޫ ފޮގޮޓް.”

އަހަރެންނާ ރޫޝިން އެއްޗެކޭ ނުބުނުމުން ރާޔާ އަނެއްކާވެސް ބުނެލިއެވެ. އެއާއެކު އަހަންނަށް ބަލާލެވުނީ ރޫޝިންގެ މޫނަށެވެ. މިރެއަކީ ކޮން ރެޔެއް ހެއްޔެވެ؟ މިއީ ވަކި ޚާއްސަ ރެޔެއް ހެއްޔެވެ؟ ރޫޝިންގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ސުވާލުމާކުތަކެކެވެ.

“ހީވިޔޭ ހަނދާންނެތިފަހެން. އެހެންވެއެއްނު ތިހާ މަޖާކޮށްކޮށްފަ ތި އުޅެނީ. ކަމުގެ ސީރިއަސްކަން ނޭނގި..”

ރާޔާ މަޑުމަޑުން ބުނެލިއެވެ.

“ކޮން ރެޔެއްތަ މިއީ؟”

އަހަރެން ހަރަން ބަނދެލަމުން ސުވާލުކޮށްލީމެވެ.

“މިއީ އެއްކަލަ ހާދިސާއަށް 2 އަހަރު ފުރޭ ރޭ. އާރިފް ސާރ ތި ދެމީހުންނަށް މިތަނަށް އަންނަން އެންގީ އެހެންވެ.”

ރާޔާގެ އެ ވާހަކައާއެކު އަހަރެންގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. ރޫޝިންގެ މޫނުގެ ކުލަވަރުވެސް ވަގުތުން ބަދަލުވެގެން ދިޔަތަން އަހަންނަށް ފެނުނެވެ. މިއީ… އެ ހާދިސާއަށް ދެ އަހަރު ފުރޭ ރޭ ހެއްޔެވެ؟ އެކަން ރޭކާލުމާއެކު އަހަންނަށް ވަގުތުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މި ހަފްތާ ތެރޭގައި މާ ބުރަކޮށް އުޅުނު ނަމަވެސް އެވަރުގެ ބޮޑު ކަމެއް އަހަރެންގެ ސިކުނޑިން ކައްސާލައިގެން ގޮސްގެން ނުވާނެއެއް ނޫން ހެއްޔެވެ؟

“ބާރަ ޖަހާއިރު މެއިން ހޯލްގަ ސެރެމޮނީ.”

ރާޔާ އެހެން ބުނުމާއެކު އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. ވާހަކަދައްކާނެހާ ހިތްވަރުވެސް އަހަރެންގެ ހަށިގަނޑުގައި އެވަގުތު ނެތް ފަދައެވެ. މަޑުމަޑުން އަހަރެން ރާޔާގެ ގާތުގައިވާ ގޮނޑީގައި އިށީނީމެވެ. ދެ އަހަރު ކުރީގެ ހަނދާންތައް ސިކުނޑީގައި އެނބުރެން ފެށުމާއެކު އަހަންނަށް މަޑުމަޑުން ދެލޯ މަރައިލެވުނެވެ.

** **

ގަޑިން ބާރަ ޖެހިއިރު އަހަންނާއި ރޫޝިން އަދި ރާޔާ ހުރީ މެއިން ހޯލްގައެވެ. ޓީމުގެ މެންބަރުންނާއެކު ސަފުގައި އެތުރިގެން ތިބިއިރު އަހަރެމެންގެ ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ކުރީގެ ހަނދާންތައް އާވުމާއެކު ހުރިހާ އެންމެންގެ ހިތްތަކަށްވެސް ވަނީ ވަރަށް ފުން އަސަރުތަކެއް ކުރުވާފައި ކަން ޔަޤީނެވެ. ރޫޝިންގެ މޫނުމަތިންވެސް މިހާރު ފެންނަމުން ދިޔައީ މަޑުމޮޅިކަމެވެ. ރިޒާމް އާއި މާޒްވެސް އަހަރެމެންނެކޭ އެއް ސަފުގައި އިސްޖަހާލައިގެން ތިއްބެވެ. މުޅި މާހައުލަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ.

ހަތަރުފާރުގައި ބިއްލޫރި ޖަހާފައިވާ އެ ހޯލްގައިވާ ބޮޑު ސްޓޭޖަށް އާރިފް ސާރ އާ އިތުރު ދެމީހަކު އަރައި އެތަނުގައިވާ ކާޓެއިން ކަހާލިއެވެ. އެއާއެކު އެ ބިތުގައިވާ ބޮޑެތި ފޮޓޯ ލޯގަނޑުތައް ކަޝްފު ވެގެން ދިޔައެވެ. އެ ފޮޓޯތަކުގައި އެވަނީ އެމީހުންނެވެ. އެ ހާދިސާގައި މި ދުނިޔެ ދޫކޮށް ދިޔަ ބަޠަލުންތަކެވެ. މީގެ ދެއަހަރު ކުރިން އިންޑިޔާ ބަޔަކު ރާއްޖެއަށް ހަމަލާ ދިނުމާއެކު އެމީހުންނާ އެޖެންސީގެ މީހުންނާ ދެމެދު ހިނގައި ދިޔަ ކުރިމަތިލުން ތަކުގައި އެޖެންސީގެ ޖުމްލަ ފަނަރަ މީހަކު ވަނީ މި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.

އެ ފޮޓޯތަކުގެ ތެރެއިން އަހަރެންގެ ކަޅި ހޯދަމުން ދިޔައީ ހަމަ އެންމެ ސޫރައެކެވެ. އެތަނުން ތިން ވަނައަށް ހުރި ޝުބާގެ ތަސްވީރު ފެނުމާއެކު އަހަންނަށް ހިންދިރުވާލެވުނެވެ. ކަރުތެރޭގައި އެއްޗެއް ތާށިވެފައިވާ ކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. އެންމެ ފަހުން އަހަންނާ ޝުބާއާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާނަށް އަންނަން ފެށުމާއެކު އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިޔައީ އިޚްތިޔާރުން ބޭރުގައެވެ.

“ޝުބްއަށް ރަނގަޅުވާނެ އޭނަ ކޮންމެ ކަމެއް ކުރިޔަސް..”

މިއީ ހިތްހަމަނުޖެހިފައި ހުރެ އަހަރެން އެންމެފަހުން ޝުބާއާ ދިމާއަށް ބުނެލި ޖުމްލައެވެ. ޝާކިން ސަލާމަތްކޮށްދޭށޭ ކިޔައި އެފަކީރު ކިހާ އާދޭހެއް ކުރި ހެއްޔެވެ؟ ކިހާ ކަރުނައެއް އެޅި ހެއްޔެވެ؟ ނަމަވެސް އަހަރެން…އަހަރެން އޭނާގެ އެންމެ ފަހު އެދުމަށްވެސް ދިނީ ބީރު ކަންފަތެކެވެ. އެ ދުވަހު ޝާކިންއާއެކު އޭނާ މި ދުނިޔެއާ އަލްވަދާޢު ކީހިނދު އަހަރެންގެ ހިތަށް ކުރި އަސަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތެކެވެ. އެހެން އެއްވެސް މީހަކަށް ނޭނގުނަސް އަހަރެން ފެށުނީއްސުރެ ޝުބާ ދެކެ އިންތިހާއަށް ލޯބިވީމެވެ.

އެދުވަހު އަހަންނަށް އެހެން ކަންތައް ކުރެވުނީ އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުންނެވެ. ޝުބާ ޝާކިން ސަލާމަތްކޮށްދިނުމަށް އެދި ރޮއި އާދޭސްކުރަން ފެށުމުން ހަޤީޤަތުގައި އަހަރެންގެ ހިތުގައި ޙަސަދައިގެ ހުޅުކޮޅެއް ރޮއިވީއެވެ. ޝާކިންއަށް އަޅާލާ ފަދައިން އޭނާ އަހަރެންނަށް ވެސް އަޅާލާނެ ނަމައޭ އެދުވަހު އަހަރެންގެ ހިތަށް އެރިއެވެ. ޝާކިން ދެކެ ލޯބިވާ ފަދައިން އޭނާ އަހަރެން ދެކެ ވެސް ލޯބިވާނެ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް… ނަމަވެސް މިޔަދު މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ. މިހާރު ޝުބާ އެވަނީ އަހަރެމެން އެންމެން ދޫކޮށް އެހެން ދުނިޔެއަކަށް ޙިޖުރަކޮށްފައެވެ. ދެން އަހަންނަށް ޝުބާގެ އެރީތި ސޫރައެއް ދުވަހަކުވެސް ނުފެންނާނެއެވެ. އެ ހިތްގައިމު އަޑެއް ދުވަހަކުވެސް ނީވޭނެއެވެ.

ދެލޮލުން ފޭދިގެން އައި ކަރުނަތައް އަހަރެން އަތުގެ ނުފުށުން ފުހެލީމެވެ. އެ މަންޒަރު އަހަރެންގެ ކައިރީގައި ހުރި ރާޔާއަށް ފެނުމާއެކު އޭނާ އަހަރެންގެ އަތަށް ފިތާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އަހަރެންގެ ހިތް އެވަގުތު ހީވީ ފަޅައިގެން ހިނގައިދާނެހެންނެވެ. އަހަރެން ހުރީ އަޑުން އަޑު ނަގައި، އަޑުގެ ކޮޅަށް ރޮއިގަންނަން ބޭނުންވެފައެވެ. ނަމަވެސް ވަގުތާ ހާލަތުގެ ގޮތުން އަހަރެން ކެތްކުރީމެވެ.

ސެރެމޮނީ ނިމުމާއެކު އަހަރެން ވަގުތުން އެޖެންސީގައި ހުންނަ އަހަރެންގެ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހީމެވެ. އަހަރެން ބޭނުންވީ އެކަނިވެލާށެވެ. ޝުބާގެ ހަނދާންތައް ރަނގަޅަށް އާކޮށް، ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލާށެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. ބާލީހުގައި ބާރަކަށް ބައްދާލުމަށްފަހު އަހަރެން ދެލޯ މަރައިލީމެވެ.

“ޝުބް.. އައިމް ސޯ ސޮރީ..”

ވައި އަޑުން އަހަރެންގެ އަނގައިން އެ ބަސްތައް ނިކުމެގެން ދިއުމާއެކު އަހަންނަށް ގިސްލެވެން ފެށުނެވެ. އެތައް އިރަކު އަހަރެން ދެލޮލުން ކަރުނަ އޮހޮރުމުގައި އެރޭ ހޭދަކުރީމެވެ. ޝުބާ އެނބުރި އަންނާނެ ނަމައޭ އަހަރެންގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ.

އިރުގަނޑެއްފަހުން ކޮންމެވެސް މީހަކު ކޮޓަރީގެ ބެލް އަޅާލި އަޑު އިވިގެން ދިޔައެވެ. މޫނު ރީތިކޮށް ފުހެލައި، ހަމަޖެހެން މަސައްކަތްކުރަމުން އަހަރެން ހިނގާފައި ގޮސް ދޮރު ހުޅުވާލީމެވެ. ދޮރުމަތީގައި ތިބި ރޫޝިންއާއި ރިޒާމް އަދި މާޒް ފެނުމުން އަހަރެން ހިތްދަތި ގޮތަކަށް ހިނިތުންވެލީމެވެ.

“އާދޭ އެތެރެއަށް..”

އަހަރެން އެމީހުނަށް އެތެރެއަށް ވަންނަން ދަޢުވަތު ދިނީމެވެ. އެ ތިން މީހުންގެ މޫނުތައް ވެސް ވަނީ އަހަންނެކޭ އެއްގޮތަށް މިލާ މޯޅިފައެވެ. ގައިގައި ހަކަތަ ނެތް ފަދައަކުން އެމީހުން ހިނގާފައި އައިސް ކޮޓަރީގައިވާ ސޯފާގައި އިށީންތަން ފެނުމުން އަހަރެންގެ ހިތަށް އަނެއްކާވެސް ތަދުވިއެވެ. ޝުބާ މި ދުނިޔެ ދޫކޮށް އެދިޔައީ ހާދަހާ ގިނަ ބައެއްގެ ހިތްތަކަށް ތަދުކޮށްފައޭ އަހަރެންގެ ހިތަށް އެރިއެވެ.

“ދެ އަހަރުވީދޯ އޭގެ ފަހުން.. އެކަމަކު ހީވަނީ އެއީ އިއްޔެ ވީ ކަމެއް ހެން..”

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ރިޒާމް މަޑުމަޑުން ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ.

“އައި މިސް ހާރ.”

ރޫޝިން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އެ އަޑުންނާއި، ދުޅަވެފައިވާ ދެލޮލުން އޭނާ ރޮއިފައިވާ މިންވަރު ހާމަވެއެވެ.

“މީ ޓޫ..”

މާޒް މަޑުމަޑުން ބުނެލިއެވެ. ޝުބާ މަތިން ހަނދާންނުވާނީ ކާކު ހެއްޔެވެ؟ އެއީ މުޅި ޓީމުގައި ވެސް އުޅުނު އެންމެ މަޖާ، އަދި އެންމެ ސަކަރާތްޖަހަން ފޯރި ހުންނަ މީހާއެވެ.

“އަހަރެން މިއުޅެނީ މާދަމާ ޝުބާގެ ރަށަށް ގޮސްލަން ވެގެން.. އޭނަގެ ފެމެލީގެ ހާލު ބަލައިލަން އަހަރެން ބޭނުން..”

ރޫޝިން އެހެން ބުނުމާއެކު އަހަންނަށް އޭނާއާ ދިމާ ބަލާލެވުނެވެ. ޝުބާގެ މަރާ ގުޅިގެން އޭނާގެ މައިންބަފައިންނަށް ކޮށްފައިވާ އަސަރު ބަލާލަން އަހަރެންވެސް ވަރަށް ބޭނުމެވެ.

“ޝިން ދާއިރުން އަހަރެން ވެސް ގެންދަންވީނު؟”

އަހަރެން މަޑުމަޑުން އަހާލީމެވެ. އެއާއެކު ރޫޝިން އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

** **

އަނެއްދުވަހު ހެނދުނުގެ ވަގުތު އަހަންނާއި ރޫޝިން، ކުޑަ ލޯންޗެއްގައި އިރުދޭފުއްޓަށް ދިއުމަށް ދަތުރު ފެށީމެވެ. ލޯންޗު ދުއްވަން ރޫޝިން ހުރިއިރު އަހަރެން ލޯންޗުގެ ކުރީ ކޮޅުގައި، ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން އިނީމެވެ. ލޯންޗު ދުވަމުން ދާއިރު، ގަދަ ނޫކުލައިގެ ކަނޑުގައި ހުދު ފޮނުތައް އުފެދޭ މަންޒަރަކީ ބަލާލަން ކިހާ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ ޖެހެމުންދާ ބާރު ވައިރޯޅިތައް އަހަރެންގެ މޫނުގައި ބީހޭއިރު އެވާ އިހުސާސަކީ ބަޔާންކުރަންދަތި އުފަލެއް ގެނުވާ އިހުސާސެކެވެ.

އިރުދޭފުށީގެ ބަނދަރަށް ލޯންޗު ގާތްކޮށްލުމާއެކު އަހަރެން ޖެޓީއަށް ފަރިތަކަމާއެކު ފުންމާލީމެވެ. ލޯންޗުގެ ވާތަށް ޖެޓީގައި އައްސާލުމަށްފަހު ރޫޝިން ފައިބަންދެން އަހަރެން އެތަނުގައި މަޑުކޮށްލީމެވެ.

“ހާދަ ބަރު ދަބަސްގަނޑެކޭ ތި ގެނައީ އެންމެ ދުވަހަކަށް އައި އިރުވެސް..”

އަހަރެންގެ ދަބަސް ޖެޓީއަށް ބާލަމުން ރޫޝިން ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ކޮނޑުގައި އެ ދަބަސް އަޅުވާލީމެވެ. ރޫޝިންވެސް އޭނާގެ ދަބަސް އަޅުވާލުމަށްފަހު ލޯންޗުން ފައިބައިގެން އައެވެ.

ރަށުގެ ބޮޑު މަގުތަކުން ހިނގަމުން ދިޔައިރު އަހަންނަށް އެކި ކޮޅުކޮޅަށް ނަޒަރު ހިންގެމުން ދިޔައެވެ. ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ތާރުއަޅައި، ޒަމާނީ ފެންވަރަކަށް ހަދާފައި ވީނަމަވެސް ރަށުގެ ފެހިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިޔާދޭ ބޮޑެތި ޖޭމު ގަސްތަކާއި، ހިރުނދު ގަސްތައް ގިނަ މަގުތަކުގައި ހައްދާފައި ވުމުގެ ސަބަބުން އަހަރެމެންގެ ހަންގަނޑުތައް އިރުގެ ގަދަ އަވިން ސަލާމަތްވަމުން ދިޔައެވެ.

ވަކި ހިސާބަކަށް ގޮސްފައި ރޫޝިން ހުއްޓުނެވެ. އެމަގުގައިވާ ގެއެއްގެ ދޮރާއްޓާ ދިމާއަށް ބަލަހައްޓައިގެން އޭނާ ހިނދުކޮޅެއް ވަންދެން ހުއްޓެވެ.

“މީ އެ ގެ..”

ރޫޝިން އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ނޫކުލައިގެ ބޮޑު ދޮރާއްޓެއް ލާފައިވާ އެ ގޭގެ ވާށާފާރު ވަނީ މަތިކޮށް ރާނާފައެވެ. ފާރުކައިރީގައި މަގުމައްޗަށް ވާގޮތަށް ޖޯލިފައްޓެއް ބަހައްޓާލާފައި ވިއެވެ.

“ވަންނަންވީނު؟”

ރޫޝިން އެތެރެއަށް ވަންނަން ނޫޅުމުން އަހަރެން ކެތް މަދުވެފައި ހުރެ ބުނެލީމެވެ. އެއާއެކު ރޫޝިން ކަމަކަށް ތައްޔާރުވާ ފަދައިން ފުންނޭވާއެއް އެތެރެއަށް ދަމާލުމަށްފަހު ބޭރުކޮށްލިއެވެ. އެއަށްފަހު ދޮރާށީގެ ތަޅުގައި ހިފައި ކުޑަކޮށް ހުޅުވާލަމުން އޭނާ އެތެރެއަށް ބޯ ދިއްކޮށްލިއެވެ.

“އައްސަލާމްޢަލައިކުމް!”

ރޫޝިން ދެތިން ފަހަރަކު ސަލާމް ގޮވާލިއެވެ. އިރުކޮޅެއްފަހުން ބުރުގާ ހެޔޮވަރު ކުރަމުން އެ ގޭގެ ތެރެއިން ނިކުމެގެން އައީ މެދު ޢުމުރުގެ އަންހެނެކެވެ. އަހަންނަށް ވަގުތުން އެއީ ޝުބާގެ މަންމަކަން އެނގިގެން ދިޔައެވެ. އެހާވެސް އެ އަންހެންމީހާގެ މޫނުމަތީގައި ޝުބާއާ ވައްތަރު ގޮތެއް ހުއްޓެވެ.

ރޫޝިން ފެނުމާއެކު ޝުބާގެ މަންމަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިލާފައިވާ އެ މޫނުމަތި ކުޑަ ހިނދުކޮޅަކަށް ނަމަވެސް އުޖާލާވެގެން ދިޔަކަން އަހަންނަށް ފާހަގަވިއެވެ.

“ރޫޝިން؟ އަވަހަށް އާދޭ އެތެރެއަށް. ކޮންއިރަކުތަ އައީ؟ ކޮން ދަތުރަކު ތިއައީ؟ ގުޅާވެސް ނުލަމެއްނު ދިޔަފަހަކުން.”

ޝުބާގެ މަންމަ އެ ވާހަކަތައް އެއް ފައްޗަކަށް އަމުނާލިއެވެ. އަދި އަހަންނާ ރޫޝިންއަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލިއެވެ.

“ދައްތާ، ހަމަ ބިޒީކަމުން ނުގުޅުނީއޭ.”

ބޯ ކަހާލަމުން ރޫޝިން ޖަވާބު ދިނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން އަހަންނަށް އެނގެއެވެ. އޭނާ ޝުބާގެ މަންމައަށް ނުގުޅީކީ ނޫނެވެ. ޝުބާގެ މަންމައަށް ގުޅާނެހާ ހިތްވަރު އޭނާގެ ގައިގައި އޭރު ނެތީއެވެ.

“އެކަމަކުވެސް ދެން ގުޅާލަން ވާނެއްނު؟ މިއީ ކޮން ކުއްޖެއް؟ ރައްޓެއްސެއްތަ؟”

ޝުބާގެ މަންމަ އަހަންނަށް އިޝާރާތް ކުރަމުން އަހާލިއެވެ. އެއާއެކު ރޫޝިން ބޯ ޖަހާލިއެވެ. އަހަރެންވެސް ޝުބާގެ މަންމަގެ މޫނަށް ބަލާލަމުން ހިނިތުންވާން މަސައްކަތްކުރީމެވެ. އެމޫނު ފެނުމާއެކު އަހަރެންގެ ދެލޯ ކުރިމައްޗަށް ޝުބާ ފެންނަހެން އަހަންނަށް ހީވަމުން ދިޔައެވެ.

“އިށީންދެބަލަ ތިހެން ނުހުރެ.”

ޝުބާގެ މަންމަ އެހެން ބުނުމުން އަހަންނާ ރޫޝިން އެގޭ ތެރޭގައި ހުރި ސޯފާގޮނޑިތަކުގައި އިށީނީމެވެ. އަހަރެން އެ ގޭގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލީމެވެ. ބަލާބެލުމަށް އެއީ ވަރަށް ފުދުންތެރި ބައެއްހެން ހީވެއެވެ. ގޭތެރޭގައި ބަހައްޓާފައި ހުރީ އެންމެ ޒަމާނީ ފަރުނީޗަރެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ސިޓިންގްރޫމު ފާރުގައި ހަރުކޮށްފައި ހުރި އެމީހުންގެ ޢާއިލީ ފޮޓޯގަނޑަށެވެ. އެ ފޮޓޯގައި ޝުބާއާއެކު އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ޝިބާން ހުއްޓެވެ. އެ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ.

“ހިނގާ ދޯ ސައިބޯން. ވަރަށް ބަނޑުހައިވެފައެއްނު ތި ހުރީ. ދައްތަ އަންނާނަން އިނގޭ ސައި ހަދާލާފަ.”

އެހެން ބުނުމަށްފަހު ޝުބާގެ މަންމަ ބަދިގެ ފަރާތަށް ހިނގައްޖެއެވެ.

ޝުބާގެ މަރުގެ ޚަބަރު ލިބުމާއެކު އެ ދައްތަގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން ހުއްޓަސް އެ ހިނިތުންވުމުގެ ފަހަތުގައިވާ ހިތާމަތައް އަހަންނަށް ރީތިކޮށްވެސް ފެނުނެވެ.

މާގިނައިރުތަކެއް ނުވަނީސް ޝުބާގެ މަންމަ އަހަރެމެންނަށް ސައިބޯން އައުމަށް ގޮވާލައިފިއެވެ. އަހަންނާ ރޫޝިން ގޮސް ކާގެއަށް ވަދެ މޭޒުދޮށުގައި ހަމަޖެހިލައިގެން އީށީނީމެވެ. އެއާއެކު އެ ދައްތަ އަހަރެމެން ދެމީހުންގެ ތައްޓަށް ރިހަ އަޅައިދޭން ފެށިއެވެ. ރޮށިވެސް ކޮށައިދިނެވެ. އިރުއިރުކޮޅާ އިތުރު އެއްޗެއް ބޭނުންތޯ އަހާލައެވެ. އޭނާ ކަންތައްކުރާ ގޮތުން ހީވަނީ އަހަރެމެން ދެމީހުންނަކީ އޭނާގެ އުފަން ދަރިންހެނެވެ. އެހާވެސް ހިތްހެވެވެ.

“ދެކުދިން ރަނގަޅަށް ކާތި. ތި ދެކުދިން އައީމަ ދައްތަ އަސްލު ވަރަށް އުފާވެސް ވެއްޖެ. ޝިބާންއާ ދެމީހުން މި ދުވަސްކޮޅު ގޭގަ އުޅޭތީ އަސްލު ގޭތެރެ ވަރަށް ފަޅު. ހިތަށްއަރާ ޝުބާ….”

ޝުބާގެ މަންމައަށް ބުނެވުނީ އެހިސާބަށެވެ. ކުއްލިއަކަށް އެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި، އެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. މަޑުމަޑުން އޭނާއަށް ގިސްލެވެން ފެށިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޭނާ ފެންކަޅިވަމުން ދިޔަ ދެލޯ ބުރުގަލުގެ ކަނަކުން ފުހެލައި އަނެއްކާވެސް ހިނިތުންވާން މަސައްކަތްކުރިއެވެ.

އަހަންނާ ރޫޝިން ވެސް އިނީ ދެރަވެފައެވެ. ޝުބާގެ މަންމަގެ ހާލު ފެނި އަހަރެންގެ ހިތް ހަމްދަރުދީއިން ފުރިގެން އައެވެ. ނަމަވެސް އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެވަގުތު އަހަންނަށް ޝުބާ މި ދުނިޔެއަށް އަނބުރާ ގެނެވޭނެ ނަމައޭ ހިތަށްއެރިއެވެ.

“ދެކުދިން ރަނގަޅަށް ކާތި..”

އެހެން ބުނެލުމަށްފަހު ޝުބާގެ މަންމަ ކާގެއިން ނިކުމެގެން ދިޔައެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ރޫޝިންގެ މޫނަށެވެ. އޭނާ ވެސް އިނީ ވިސްނުމަކަށް ގެއްލިފައެވެ.

“އަރޫން. ހިނގާ ޝުބާގެ މަންމަ ގާތު ބުނަން ޝުބާ އެޖެންސީގަ މަސައްކަތްކުރި ވާހަކަ.”

އިރުކޮޅަކު އެހެން އިނުމަށްފަހު ރޫޝިން ބުނެލި އެއްޗެއްގެ ސަބަބުން އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން އަހަރެން އޭނާގެ މޫނަށް ބަލާލީ އެ ކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް އަހަރެން ހީކުރިގޮތާ ޚިލާފަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ސަމާސާގެ އެއްވެސް ކުލަވަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. ރޫޝިން މޮޔަވީ ހެއްޔެވެ؟

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތަޤްދީރު (2)

Next

ތިޔަ އަސަރު 50

Next
March 2, 2018

ތިޔަ އަސަރު 50

Previews
March 2, 2018

ތަޤްދީރު (2)

30 Comments!

  1. Liaa says:
    March 2, 2018 at 11:35 am

    Hello guys!
    I know this part is a little sad.? Well.. how did u feel after reading this?

    Feel free to leave ur comments ingey. 🙂
    Loves ?

    1. Liaa says:
      March 2, 2018 at 11:36 am

      And How do u think about RAYA? the new character.

  2. Flower says:
    March 2, 2018 at 12:16 pm

    Whaaaaat.shuba maruvee?

    1. Liaa says:
      March 2, 2018 at 1:01 pm

      ?

  3. Shudha says:
    March 2, 2018 at 12:26 pm

    shuba maruviyyeyyy????

    1. Liaa says:
      March 2, 2018 at 1:02 pm

      ?

  4. reee says:
    March 2, 2018 at 12:27 pm

    Wott???? Shuba maru vee????

    1. Liaa says:
      March 2, 2018 at 1:02 pm

      ?

  5. Sama❤ says:
    March 2, 2018 at 12:28 pm

    A little sad eh noon thi kollee liaa. Thi rovvaalee. Shuba, the energetic girl? Alhey so sad so sad. Dhen sama ah ehen kamakaa medhu nuves visneyne.. ??

    1. Liaa says:
      March 2, 2018 at 1:02 pm

      🙁 ?

  6. Pk says:
    March 2, 2018 at 12:29 pm

    What the heck liaa? Nooo noo she is not dead. I have a feeling that she isnt.

    1. Liaa says:
      March 2, 2018 at 1:03 pm

      🙁 ?

  7. Hana says:
    March 2, 2018 at 12:33 pm

    Alhe shuba maruv tha? Haadha dhera eyy dhw.. ? eyna genes bala dhen.. masha llah mivaahaka vv reethi.. dhen anna bayah inthizaaru khllan❤

    1. Liaa says:
      March 2, 2018 at 1:03 pm

      ? Thankyw Hana 🙂

  8. Lily says:
    March 2, 2018 at 12:40 pm

    Dhn shuba nethyma haadha dherayeh !

    1. Liaa says:
      March 2, 2018 at 1:04 pm

      Yeah dhw :(?

  9. Almaa says:
    March 2, 2018 at 1:15 pm

    Salhiey mi part vs bt shuba maraaleema v v dhera dw.thanks liaaaaa

    1. Liaa says:
      March 2, 2018 at 3:12 pm

      thank u Almaa ?

  10. ?iiram? says:
    March 2, 2018 at 2:07 pm

    Maasha Allah.. Nice but shuba?

    1. Liaa says:
      March 2, 2018 at 3:13 pm

      Thank u dear ? Alhey Shuba dhw ?

  11. Eleven says:
    March 2, 2018 at 2:29 pm

    ????

    1. Liaa says:
      March 2, 2018 at 3:14 pm

      ? ?

  12. Kitty says:
    March 2, 2018 at 2:40 pm

    I think shuba is gonna take revenge like shaakin

    1. Liaa says:
      March 2, 2018 at 3:15 pm

      Lets see dhw kitty. 🙂 Hama heenukuraa kahala gotheh ves vedhaane ingey ?

  13. Alyss says:
    March 2, 2018 at 5:05 pm

    alheyyyyyyyyyyyyy
    Nooooooooooo
    shubaa matey nuvaane :(:(:( save her please foohi her vehje mihaaru

  14. Ree? says:
    March 2, 2018 at 8:37 pm

    I think shubaa is not dead yet she is alive konmeves thaakuvani ekahala feelings eh ree ge huri dhen neyge dho shuba ge character nethima varah dheravey? but stry is nice waiting for the upcoming episod❤

  15. Adam says:
    March 3, 2018 at 1:40 am

    Could Raya be Shuba

  16. maya says:
    March 3, 2018 at 3:07 pm

    Just wow… ekam shuba :”(

  17. Suma says:
    March 4, 2018 at 7:33 pm

    Owwwww shubaa my favorite character…. I love this part liaa.. Bt shubaa. ?? I’m fan of ur stories… Looking forward to next part.. I have a feeling that next part would be amazing too..
    ?

  18. Sarey says:
    March 10, 2018 at 12:04 am

    Seriouslyy..i can’t belive she is dead..??

Comments are closed.

Next Episodeއަނދިރިފަރާތް 22←


All Right Reserved!