![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ބަދިގެ ތެރޭގައި ރައުނާ އާއި ހައްވަ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅެއެވެ. ރައުނާ ސެލެޑް ހެދުމަށްޓަކައި ކެބެޖު ކޮށަން ހުރިއިރު ހައްވަ ކޮންމެވެސް ކަހަލަ ރިހައެއް ކެއްކުމުގައި މަސްއޫލުވެގެން އުޅެއެވެ. މިސައިބާ ބަދިގެތެރެއަށް އައިސް ވަނީ އެވަގުތުއެވެ.
“އަލްޔަން ގޭގައި އެބަ އުޅޭތަ؟” މިސައިބާ އެމީހުން ކުރަން ތިބި މަސައްކަތްތައް ބަލާލަމުން އަހާލިއެވެ.
“ޒީކްގެ ކޮޓަރީގަހެން ހީވަނީ” ޖެހިލުންވެފައި ހުރެ ރައުނާ ބުނެލިއެވެ.
“ޒީކްގެ ކޮޓަރީގަ އަލްޔަން” މިސައިބާއަށް ރައުނާ ބުނި އެއްޗެއް ގަބޫލުނުކުރެވުމުން ތަކުރާރުކޮށްލިއެވެ. އެއަށްފަހު ޒީކްގެ ކޮޓަރިއާ ދިމާއަށް ހިނގާފައި ދިޔައީ ހިތްހަމަނުޖެހިފައި ހުރެގެންނެވެ. އޭނާގެ ހުރި އެންމެ ދަރިފުޅަށް ޒީކް މަގު އެއޮޅުވާލީ ހާދަ ފަސޭހައިންނޭ ހިތަށް އަރަމުންދިޔައެވެ. ހިތުގައި އުތުރިއަރަމުން ދިޔަ ރުޅިވެރިކަމަށް ބޭރަށް ނުދައްކަވޭތޯ މަސައްކަތް ކުރަމުންގޮސް ޒީކްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެންފޮތި އަޅައަޅާއިން އަލްޔަން ފެނުމުން މިސައިބާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މީހެއްގެ ހިލަންވެގެން އަލްޔަން ފަހަތަށް އެނބުރި ބަލާލިއިރު މިސައިބާ ހުރިތަން ފެނުމުން ފުންމައިގެން ތެދުވެވުނެވެ.
“މަންމާ.. މިތާގަ.. ކީއްކުރަނީ” އަލްޔަން އަށް ވާހަކަ ދެއްކުނީ އުނގަދުލުންނެވެ.
“މިފެންނަނީ ކޮންކަންތައް ގަނޑެއް” މިސައިބާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“މަންމާ ވީގޮތް ފަހުން ކިޔައިދޭނަން.. ޒީކް ވަރަށް ހުންގަދަ. އަހަރެން ބޭނުމީ މިތާގަ މަޑުކޮށްލަން” ޖެހިލުންވެހުރެ ހިތުގެ އެދުން މަންމަގެ ކުރިމަތީގައި ހާމަކުރިއެވެ.
“މިކަހަލަ ބަންދުވެފައި ހުންނަ ހޫނުގަދަ ތަނެއްގަ ދަރިފުޅަށް ކެތްވޭތަ؟” މިސައިބާ އަލްޔަން އެތާގައި ބަހައްޓަން ބޭނުން ނުވާފަދައެވެ.
“މަންމައަށް އަހަރެން މިތާގަ އިންނަން ކަމުނުދަންޏާ ޒީކް ބޮޑު ކޮޓަރިއަކަށް ގެންދަންތަ” އަލްޔަންއަށް މިސައިބާ ހިތުގައިވާ އެތި އެނގުނު ކަހަލައެވެ.
“އަލްޔަން ކޮންއިރަކު ނިކަމެތިންނާ ދޭތެރޭ މާވިސްނަންފެށީ” މިސައިބާ އެތަނުން ދަމުން ބުނެލިއެވެ. އަލްޔަން ބުނެފި ގޮތެއް ބަދަލު ނުކުރާނެކަން މިސައިބާއަށް އެނގޭތީ އެތާގައި އިތުރަށް މަޑުކުރަން ބޭނުން ނުވީއެވެ.
ރޭގަނޑުގެ ވަގުތައް ފާއިތުވަމުން ދެއެވެ. ގަޑިން ގަޑިއަށް ބޭސްދެމުން ހުން ހުންނަވަރު ބަލަމުން ދިޔައެވެ. ޒީކްއަށް ކޮޅަށް ތެދުވެވޭ ވަރުވުމުން ގަޔަށް ލައްކޮށްލައިގެން އިނދެ ދިޔާ ތަކެތި ބޯންދިނެވެ. ބޮލުގައި ރިއްސާތީ އުޅެން ފެށުމުން ބޯމަސާޖު ކޮށްދިނީ އުފަލުން އިނދެއެވެ. ޒީކްގެ ހިދުމަތުގައި ރޭގަނޑުގެ ހަތަރުދަން ހޭދަކޮށްލީ ނުނިދައި އިނދެއެވެ. ވާނުވާ އެގެން ފެށިޔަށް ޒީކް އަލްޔަންއާ ވާހަކަ ދައްކައެއް ނުހަދައެވެ. އަނގައިން ބުނާނެ ވަރުނެތީ ކަމަށްވެސް ވެދާނެއެވެ. ނަދީމްވެސް ދެތިން ފަހަރު ގުޅާ ޒީކްގެ ހާލުބަލާ ހެދިއެވެ. އަލްޔަންގެ އެހީތެރިކަމާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ޒީކްއަށް ލިބެމުންދިޔުމުގެ އަސްލަކަށްވީ ހީކުރި ވަރަށްވުރެ އަވަހަށް ޒީކް ގަދަވުމެވެ. އަލްޔަންގެ މި އަމަލުތަކުގެ ސަބަބުން ޒީކް އަލްޔަން އާއި މެދު ދެކެމުން ދިޔަ ގޮތް މުޅިން ބަދަލުވި ކަހަލައެވެ.
އަރާމު ނިންޖަކުން ނިދިފައިއޮތް ޒީކްއަށް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑަށެވެ. އޭރު އެނދުގައި ބޯއަޅާލައިގެން ޓައިލްސްތަކުގެ މަތީގައި އިށީދެގެން ފުން ނިންޖެއްގެ ތެރެއަށް ގެއްލިފައި އަލްޔަން އިނެވެ. ޒީކްގެ އެއްއަތުގައި ހިފަހައްޓާލައިގެން އިންއިރު ހީވަނީ ދުވަހަކުވެސް އެއަތުން ދޫކޮށްލަން ބޭނުން ނުވާ ހެނެވެ. ފޯނު ރިންގު ވަމުން ފޮސް ކެނޑުނުއިރުވެސް އަލްޔަންއަކަށް ހެޔެއްނުލެވުނެވެ. ޒީކްއަކަށް ގޮވާލާކަށްވެސް ނުކެރުނެވެ. ޒީކް އެނދުން ތެދުވަން މަސައްކަތްކުރަމުން އަލްޔަންގެ އަތުތެރޭގައިވާ އަތް މަޑުމަޑުން ދަމައިގަންނަން މަސައްކަތްކުރިއެވެ. ޒީކް އަތަށް ގެނައި ހަރާކާތާއެކު އަލްޔަން ނިދީގެ ތެރޭގައި ކުރިއަށް ވުރެވެސް ބާރަށް ޒީކްގެ އަތުގައި ހިފަހައްޓާލިއެވެ.
ހެނދުނުގެ ވަގުތެވެ. ސައިބުއިމަށް އާލިންއާއި މިސައިބާ ކާމޭޒުދޮށުގައި ތިބިއިރު އަލްޔަންއެއް ނުނުކުމެއެވެ.
“އަލްޔަން ކޮބާ މިއަދު؟” އޮފީހަށް ނިކުންނަން ފެށިފަހުން ކޮންމެ ދުވަހަކު ހެނދުނުގެ ސައިބޮނީ އެންމެން އެކުގައި ކަމަށް ވާތީއެވެ.
“އަދި ނުހޭލަނީހެން ހީވަނީ” މިސައިބާ ޖަވާބު ދިނީ ފަރުވާކުޑަ ގޮތަކަށެވެ.
“ވިޔަފާރީގެ ކަމަކު ލަންކާއަށާއި ސިންގަޕޫރަށް ވަރަށް އަވަހަށް ދާން އެބަޖެހޭ. މި ހިތަށް އަރަނީ އަލްޔަން ފޮނުވީމަ ކިހެނެއް ވާނެބާއޭ. އަޅެ މިކަމާ ކީކޭތަ ބުނަނީ” ހޫނު ކަޅުސައިތަށިން އެތި ފޮދެއް ބޯލަމުން އާލިން ބުނެލިއެވެ.
“އަލްޔަން އަދި ވަރަށް އާވާނެ އެއްނު. އޮފީހަށް ނިކުންނަން ފެށިތާ އަދި މާގިނަ ދުވަހެއް ވީކީވެސް ނޫނެއްނު. މަށަކަށް ނުފެނޭ މިފަހަރު އަލްޔަން ފޮނުވާކަށް” މިސައިބާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
“ދެން އަހަރެން ނުގޮސް ނުވީތާދޯމި. ހިނގާ މިސައިބާވެސް މަށާއެކުގަ މިފަހަރު ދާން. ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު ދެމީހުން އެކަނި ތަނަކަށް ޖައްސާނުލާތާ ދޯ. އެހެންވީމާ މާދަމާ ނޫން އަނެއް ދުވަހުން ފުރާ ގޮތަށް ދަތުރު ހަދަމާ. އެންމެ ރަނގަޅެއްނު” އާލިން އެހެން ބުނެލަމުން ކައިރީގައި ފެންތަށި ނަގައިގެން ފެންބޯންފެށިއެވެ.
“އަލްޔަންއަށް ގޮވާފަ އަވަހަށް އޮފީހަށް ފޮނުވާތި. ހަވާލުކުރަންޖެހޭ ބައިވަރު މަސައްކަތް ހުންނާނެ” އާލިން އެހެން ބުނެލުމަށްފަހު އޮފީހަށް ދިޔުމަށް ނިކުމެއްޖެއެވެ.
މިސައިބާގެ މިސްރާބު ހުރީ އަލްޔަންގެ ކޮޓަރިއާ ދިމާއަށެވެ. ހުހަށް ހުރި ކޮޓަރި ފެނުމުން އަލްޔަން ވާނީ ޒީކްގެ ކޮޓަރީގައި ކަން މިސައިބާގެ ވިސްނުމަށް އަތުވެއްޖެއެވެ.
“އެ ޒީކްއަށްވެސް މަގޭ އަލްޔަން ނޫނީ ނުފެނުނީތަ؟ އަލްޔަންއަށް ވެސް ނޭނގެ ކީއްވެފަ ކަމެއް އެހުންނަނީކީ” ރުޅިއައިސްފައިވާ މިސައިބާ އޭނާއަށް އެކަނި އިވޭވަރަށް ކުދިކިޔަމުން ޒީކް އުޅޭ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޒީކް ސިއްސައިގެން ދިޔައެވެ. އަލްޔަން ނިދާފައި އިންގޮތް ފެނުމުން މިސައިބާ އައިސްފައިވާ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ.
“ލަދެއް ނުގަނޭތަ ރޭގަނޑު ހަތަރުދަމު ހިލޭ ފިރިހެނަކު ކޮޓަރިއަށް ވައްދައިގެން އުޅޭކަށް” މިސައިބާ ހަޅޭލަވައިގަތީ ވަރަށް ބާރަށެވެ. އެއަޑަށް އަލްޔަންއަށް ވެސް ހޭލެވިއްޖެއެވެ.
“މަންމާ” ޒީކްގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ބަލާކަށް އަލްޔަންއަކަށް ހިމޭނަކުން ނުހުރެވުނެވެ.
“އަލްޔަން ދެން މިކޮޓަރިއަށް ވަދެގެން ނުވާނެ. ހިނގާ ހަމަ މިހާރު މިތަނުން ހިނގާ” މިސައިބާ އަލްޔަންގެ އަތުގައި ހިފަމުން ޒީކްއަށް ލޯއަޅާލިއެވެ. ޒީކް އަންދާ އަޅިއަށް ހަދާލަފާނެ ފަދަ ރުޅިވެރި ނަޒަރުތައް ޒީކްއާ އަމާލުވަމުން ދިޔައެވެ.
“މަންމަ ހިނގާ. އަހަރެން މިދަނީ” އަލްޔަން އެހެން ބުނުމާއެކު މިސައިބާ އަތުގެ ކޮޅަށް ދޮރުޖަހާފައި ނިކުމެގެން ހިނގައްޖެއެވެ.
“ޒީކް. ރަނގަޅުތަ މިހާރު” އަލްޔަން ޒީކްގެ މޫނަށް ބަލާލަމުން އަހާލިއެވެ. އަލްޔަންގެ އެ ނަޒަރުތަކުން ސަލާމަތްވަމުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިއްޖެއެވެ. އަލްޔަންއަށް ފުރަގަސް ދެމުންނެވެ.
“ޒީކް އަހަރެން މިތާގަ ފެންނަ ހިސާބުގައި ހުރުންވެސް ކެތްވާވަރުގެ ކަމަކަށް ނުވަނީތަ؟” އަލްޔަންގެ އަޑުގައި ރިހުމެއް އެކުލެވިފައިވެއެވެ.
“އަހަރެން އައުމުން ހިތްހަމަނުޖެހެންޏާ ޒީކްއަށް ފެންނަ ހިސާބަސް ނައިސް އުޅެދާނަމޭ. އެކަމަކު އެންމެ ފަހަރަކުވެސް ޒީކްގެ އަނގައިން ބުނެބަލަ” ޒީކްގެ ފަރާތުން އަލްޔަންގެ އެއްވެސް ސުވާލަކަށް ޖަވާބުނުލިބުމުން އެތަނުން ދިޔުމަށް ހިނގައިގަތީ މާޔޫސްވެހުރެއެވެ. ޒީކްގެ އެދުރުހިލޭކަމުން އަލްޔަންގެ ހިތުގެ ޒަހަމްތައް އިތުރަށް ފުންވެގެން ދިޔައެވެ. ނަމަވެސް މިއަދު އަލްޔަން ވަކި ކުރާނީ ކީއްހެއްޔެވެ. އެދުރުކަމަކީ އެއް އިރެއްގައި އަލްޔަން އަމިއްލައަށް ހޯދައިގަތް ކަންތައްތައް ވިއްޔާއެވެ. ޒީކްގެ އެސޫރައަށް އަލްޔަން އައީ ނަފްރަތު ކުރަމުންނެވެ. ޒީކްގެ އެ މިޔުޒިކީ އަޑު އިވުމުން ބޮލަށް އުނދަގުވެގެން ދިޔަ ދުވަސްތައް މިއަދު އެވަނީ މާޒީއާ އެކުވެގެން ގޮސްފައެވެ. މިއަދު އަލްޔަން ދެކެން ބޭނުންވާ ޒީކްގެ އެހިނިތުންވުން ދެކެ ކުރިން އަލްޔަންއަށް ހާދަ ރުޅިއެއް އާދެވުނެވެ. ޒީކްއާ ދޭތެރޭގައި ކުރިން ކަންތައްތައް ކުރެވިފައިވާ ގޮތުން ޒީކްއާ ކުރިމަތިލާން ފަސްޖެހެވެނީ ކީއްވެގެންކަމެއް ހުދު އަލްޔަންއަށް ވެސް ނޭނގެއެވެ. މިއަދު އެފަދަ ރީތި ފުރުސަތެއް ލިބުމުންވެސް ފުރުސަތުގެ ބޭނުންހިފީ އެފަދަ ފުރުސަތެއް ދެން ނުލިބިދާނެހެން ހީވުމުންނެވެ. ނަމަވެސް ޒީކް އަނގައިން ނުބުނި ތާނގައި ޒީކް އޭނާއާ ދިމާއަށް ބަލައިވެސް ނުލިއެވެ. އަލްޔަންގެ ކޮންމެ އެދުމަކަށްވެސް އޭނާ ދެމުން އެދަނީ ފުރަގަހެވެ.
އަލްޔަން މިއަދު އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރުވެސް ކުރިން ހުންނަ ކަހަލަ ފަރުވާތެރިކަމެއް ނެތެވެ. ގަމީސް ލާފައި ޓައީ އެޅިއިރުވެސް ކުލައަށްވެސް ބަލާލުމެއް ނެތެވެ. ރީތި ގޮތްގޮތަށް ބޯ ހެދުމަށް އިސްކަން ދެމުންއައި ނަމަވެސް މިއަދު ބޯ ރީތި ކޮށްލުންވެސް ބޮޑު ކަމަކަށް ވެފައިވާ ކަހަލައެވެ. އަތުން ބޯ ރީތިކޮށްލަމުން ނިކުތް އަލްޔަން ފެނުމުން މިސައިބާއަށް މަޑަކުން ނުހުރެވުނެވެ.
“ދަރިފުޅާ މިއަދު ހާދަ އެހެން ގޮތެއް ހެން ހީވެޔޭ” އަލްޔަންއަށް މިސައިބާގެ އަޑު ނީވޭ ކަހަލައެވެ. “ބައްޕަ ބުނީ އޮފީހަށް އަންނާށޭ. މަންމައާ ހެދި މިހާރުވެސް މި ލަސްވަނީ” އަލްޔަން ހިނގައި ގަންނަމުން ބުނެލިއެވެ.
ޒީކް ފެންވަރައިގެން ނިކުތީ ޔުނިވަރސިޓީއަށް ދިޔުމަށް ގަސްތުކޮށްގެންނެވެ. ނަމަވެސް ހަށިގަނޑުގެ ވަރުދެރަކަމުން އެހިޔާލު ދޫކޮށްލައިފިއެވެ. ބަދިގެއަށް ވަދެ ސައިބޯލުމަށްފަހު ކޮޓަރިއަށް އައީ އަރާމުކޮށްލުމަށެވެ. އެވަގުތު މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮތްތަކުގެ ދަށަށް އެއްބައި ލައްވާލައިފައި އޮތް ފައްފައް ޖަހާލާފައި އޮތް ކަރުދާސް ގަނޑު ލޮލުގައި އަޅައި ގަތެވެ. އެ ގަނޑު ނަގައިގެން ޒީކް އެނދުމަތީގައި އިށީނީ ވަރުބަލިވާހެން ހީވުމުންނެވެ. އިޔާންގެ އަތުގެ ލިޔުމުން ލިޔެލާފައިވާ ނޯޓް ފެނުމުން ޒީކްގެ މޫނުމައްޗަށް ވެރިކުރުވި ހިނިތުންވުން އެނޯޓް ކިޔަމުން ދިޔަވަރަކަށް ފަނޑުވަމުން ދިޔައެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާކަށް ޒީކް މަސައްކަތެއްވެސް ނުކުރެއެވެ. އެނޯޓް ތަކުރާރުކޮށް ކިޔުނީ ކިތައް ފަހަރުކަމެއްވެސް ޒީކްއަކަށް ނޭނގެއެވެ. އެނޯޓްގައިވި ކޮންމެ ޖުމްލައެއް ކިޔަމުންދިޔައިރު ޒީކްގެ ނާޒުރު ހިތް ޒަހަމްވަމުން ދިޔައެވެ. އެއިން ކޮންމެ ލަފްޒެއް ޒީކްގެ ހިތައް ހެރުނު ކަށިތަކެއް ކަމުގައިވެ ނިމިއްޖެއެވެ.
ޒީކް އެނދުގައި އޮށޯވެލައިގެން އަދިވެސް ވިސްނަމުންދިޔައީ އިޔާންގެ އެ ރަހުމުކުޑަ ނޯޓާ ދޭތެރޭގައެވެ. އެއީ ތެދެއް ކަމަށް ގަބޫލުކުރަން ޒީކްއަށް ދަތިވަމުން ދިޔައެވެ. ނަމަވެސް ޒީކްގެ ދެލޯ އޭނާއަކަށް ކެއްސެއް ނުދޭނެއޭ ހިތްބުނެއެވެ. އިޔާންގެ ލިޔުމެއް ޒީކްއަކަށް ނޯޅޭނެއެވެ. ޒީކްއަށް ނުވިސްނުނީ އެ ނޯޓް ލިޔަން ޖެހުނު ސަބަބެވެ. އިޔާންއަށް އިންތިޒާރުނުކުރުމަށް ބުނެފައިވަނީ ކީއްވެގެން ކަމެވެ. އާ ހަޔާތެއް ފަށަން އެދިފައި އެވަނީ ކޮން ބޭނުމެއްގައި ކަމެވެ. އިޔާންގެ ހިތުގައި ޒީކްއަށް އެއްވެސް ޖާގައެއް ނެތްކަމަށް ބުނެފައިވާއިރު އެކީގައި އެހޭދަ ކުރެވުނު ވަގުތައް އެއީ އިޔާން ކުޅުނު ކުޅިގަނޑެއް ހެއްޔެވެ. ޒީކްގެ ބޯ ހީވަނީ ފަޅައިގެން ގޮސް ދާނެހެންނެވެ. ސިކުނޑީގައި އެނބުރެމުންދަނީ ޖަވާބު ނެތް އެތައް ސުވާލުތަކެކެވެ.
ރައުނާ ގޭތެރޭގެ މަސައްކަތުގައި އުޅުމަށްފަހު މިސައިބާ ކައިރިއަށް ދިޔައީ އޭނާގެ މަންމަ ބަލި ހަބަރު ލިބުމުންނެވެ. ރަށަށް ކުއްލި ގޮތަކަށް ދާން އެންގުމުންނެވެ.
“ރަށުން ގުޅާފަ ދެންމެ ބުނީ މަންމަގެ ހާލު ވަރަށް ދެރަވާހަކަ. އެހެންވެ މިރޭ ފުރާ ބޯޓުން ރަށަށް ދާންވެގެން”
ރައުނާ ވާހަކަ ދެއްކީ ދެރަވެފައެވެ.
“އެންމެ ރަނގަޅު. ރަށަށް ގޮސްފަ މަންމަގެ ހާލު އަންގައްޗޭ” މިސައިބާ އެހެން ބުނެލުމަށްފަހު އަލަމާރި ހުޅުވާލުމަށްފަހު ދެހާސް ރުފިޔާ ނަގާފައި ރައުނާގެ އަތުގެ ތެރެއަށް ލައިދިނެވެ.
“އިތުރު ކަމެއް ބޭނުން ވިޔަސް އަންގާލައްޗޭ. ކޮށްދެވޭ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން” މިސައިބާ އެހެން ބުނުމުން ރައުނާ ޝުކުރުން ފުރިފައިވީ ނަޒަރުން މިސައިބާއަށް ބަލާލިއެވެ.
އާލިންއާއި މިސައިބާ ފުރައިގެން ދިޔުމުން އެބޮޑު ގޭގައި އަލްޔަން އާއި ޒީކް ގޭގައި އެކަނި ހޭދަކުރަންޖެހޭ ވަގުތައް ގިނަވެގެން ދިޔައެވެ. ހައްވަ އަކީ ހެނދުނު ގެއަށް މަސައްކަތް ކުރަން އައުމަށްފަހު ހަވީރުވުމުން ދާ މީހަކަށްވުމުން ޒީކްއަށް އަލްޔަންއާ ވާހަކަ ނުދައްކައި އުޅުން ވެފައިވަނީ އުދަނގޫ ކަމަކަށެވެ. ހެނދުނު އަލްޔަން އޮފީހަށް ދާންވާއިރަށް ސައި ތައްޔާރުކޮށްދީ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދިނުން އެއީ ޒީކްއަށް ކުރަން ޖެހިފައިވާ ކަންތައްތައް ކަމުން އަލްޔަންއަށް ފިލައިގެން އުޅެން ބޭނުންވާ ޒީކްއަށް އެކަންތައްތައް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
ހަވީރުގެ ވަގުތެވެ. ޒީކްހުރީ ބަގީޗާގެ ތެރޭގައެވެ. ގަސްތަކަށް ފެންދޭންހުރި ޒީކްހުރި ޒީކްގެ މޫނުމަތިން މިއަދު ފެންނަމުންދަނީ އުފާވެރިކަމެވެ. އަލްޔަން އޮފީސް ނިންމާލުމަށްފަހު ގެއަށް ވަދެގެން އައީ އެވަގުތުއެވެ. ބަގީޗާގެ ތެރޭގައި ހުރި ޒީކް ފެނުމުން ސަމާސާ ކޮށްލާހިތްވިއެވެ. ގޭޓާ ދިމާއަށް ފުރަގަސް ދީގެން ހުރި ޒީކަށް އަލްޔަން ވަންތަން ނުފެންނަކަން އަލްޔަންއަށް ޔަގީނެވެ. ފިޔަވަޅުގެ އަޑު ނީއްވާ މަޑުމަޑުން ޒީކްގެ ޒީކްގެ ފުރަގަހަށް ހުއްޓުނެވެ.
“ޒީކް” ވަރަށް ބާރަށް ޒީކްގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން އަލްޔަން އަޑުގެ ނެތްތަނަށް ގޮވާލިއެވެ. ޒީކް ސިއްސައިގެން ދިޔަލެއް ބޮޑުކަމުން ތޫލި އަޑަކުން ހަޅޭލަވައިގެތެވެ. އެނބުރުނުއިރު ފަހަރުގައި ހުރި އަލްޔަން ފެނުމުން ޒީކް ހޭން ފަށައިފިއެވެ. އަލްޔަންއަށް ގަބޫލުކުރަން ދަތިވިއެވެ. ޒީކް ހެމުން އެދަނީ ހަމަ އޭނާގެ ގާތުގައި ހުރެގެން ހެއްޔެވެ. އެ ހިނިތުންވުމުގެ އަޑުއަހާލާހިތުން އުޅޭތާ އެތައް ދުވަހަކަށްފަހު އެއަޑު އިވުމުން އަލްޔަންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“ހާދަ ހެޕީވެފަ ހުރިހެން ހީވެޔޭ މިއަދު” އަލްޔަން އަހާލިއެވެ.
“އާނ!” ޒީކް އެހެން ބުނެލަމުން އަނެއްކާވެސް ހިނިތުންވެލިއެވެ.
“އެހެންތަ. މާމޮޅު ކަމެއް ކުރެވުނީތަ؟” އަލްޔަން ޒީކް އެހާ ރީތިކޮށް ވާހަކަ ދެއްކުމުން އަނެއްކާވެސް އަހާލިއެވެ.
“މި ސެމްގެ ގިނަ އެސައިމެންޓްތަކުން އެންމެ ހައި ކޮށް މާރކްސް ލިބުނީމަ. ދެން އެހެން ކޮންކަމެއްތަ އަހަރެން އުފާވާން އޮންނާނީ” ހިތަށް އެރި އެއްޗެހި ތަކެއްގެ ސަބަބުން ޒީކްގެ މޫނު މަތީގައި ހުރި ހިނިތުންވުން ވަގުތުން ފިލައިގެންގޮސްފިއެވެ. ޒީކް މިއީ އަރަތެއް ކަހަލަ އަންހެން ކުއްޖެކޭ އަލްޔަންގެ ހިތަށް އެރިއެވެ. ދެންމެ އޭނާ ހުރީ ކިހާ އުފާވެފައި ހެއްޔެވެ. ނަމަވެސް މިހާރު އެއުފާވެރިކަން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.
“ހާދަ މޮޅޭ ދޯ ޒީކް” އަލްޔަން އޭނާ ހިފައިގެން އައި މެގްނަމް ޒީކްއަށް ދެމުން ބުނެލިއެވެ.
“ގެނޭ އަހަރެންވެސް ފެންޖަހާ ހިތްވެއްޖެ” ފެން ހޮޅީގައި ހިފަން އަތްދިއްކޮށްލަމުން އަލްޔަން ބުނެލިއެވެ. ނަމަވެސް ފެންހޮޅި ދިނުމުގެ ބަދަލުގައި ޒީކް އަލްޔަންގެ ގަޔަށް ފެންހޮޅި އަމާޒުކޮށްލިއެވެ. އަލްޔަން ނުތެމެންވެގެން މުޅި ބަގީޗާގެ ތެރޭގައި ދުވިއެވެ. އެންމެ ފަހުން ޒީކްގެ އަތުން ފެންހޮޅި އަތުލުމަށްފަހު ޒީކްވެސް ތެންމާލައިފިއެވެ.
“ވަރަށް ފޫހިވޭ. އެވަރަށް ބުނީމަވެސް ތެންމާލީ ވިއްޔާ” ޒީކް އިސްކުރު ބާރުކުރަމުން ބުނެލިއެވެ.
“ޒީކް އެއްނު ފެށީދޯ” އަލްޔަންވެސް ދިފާއުގައި ބުނެލިއެވެ.
އައްޑޫގެ ހިތްފަސޭހަ މަގުތަކުގައި އިޔާން ސައިކަލްގައި ދުއްވަމުން ދިޔައީ ގެއާ ދިމާލަށެވެ. ސައިކަލްގެ މަތީގައި އިން ކަމުގައި ވިޔަސް އިޔާންގެ ހިޔާލުތައް އުޅެމުން ދަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހިތުގައި ހަރުލާފައިވީ ޒީކްގެ ތަސްވީރު ލޯކުރިމަތީގައިވެސް އަބަދު ފެންނަ ކަހަލައެވެ. ކުލާސްތައް ނަގައިދެމުން ގެންދާއިރުވެސް ކުއްޖަކު ގޮވާލިޔަސް އިޔާންއަށް ހީވަނީ ޒީކް ގޮވާލާހެނެވެ. މަގުމަތިން ޒުވާން އަންހެން ކުއްޖަކު ފެނުނަސް ފެންނަނީ ޒީކްގެ ސިފައިގައެވެ. ޒީކްއާ ދުރުގައި އުޅުމަކީ މިހާބޮޑު ވޭނެއްކަން ކުރިން އިޔާންއަށް އެނގުނުނަމަ އޭނާ އައްޑުއަށް ނުދިޔައީސްކަން ކަށަވަރެވެ. އިޔާން ޒީކްގެ ހަނދާނުގައި ދުވަސްތައް ގުނަމުންދަނީ ހިތްދަތިކަމާއެކުގައެވެ.
“ޒީކް ކޯޗެއްތަ މިރޭ ކާން ހުރީ. ވަރަށް ބަނޑުހައި” އަލްޔަން ޒީކްގެ ކޮޓަރި ތެރެއަށް ވަންނަމުން ބުނެލިއެވެ.
“އަދި އެހެން ރޭރޭ ކާ ގަޑި ނުވެސް ޖެހެއެއްނު. ކޮންމެވެސް އެއްޗެއް ހަދަން ޖެހޭނީ” ޒީކް ބަނޑުގައި އަތުން ފިރުމާލަ ފިރުމާލާ ހުރި އަލްޔަން ފެނުމުން ހިނިއައި ނަމަވެސް ހިނިގަޑު ހިންދާލަމުން ބުނެލިއެވެ.
“ހިނގާ ނޫޑްލްސް ކައްކަން” އަލްޔަން އެހެން ބުނުމުން ޒީކް ދިޔައީ ބަދިގެއަށެވެ. ޒީކްގެ ފަހަތުން އަލްޔަންވެސް އައެވެ.
“މިރޭ އަހަރެން ކައްކަންތަ؟” ޒީކް ފިޔާ ކޮށައި ނިމުމުން އަލްޔަން ބުނެލިއެވެ.
“އޯކޭ. މަށަށް ފަސޭހައެއްނު. ނިމުނީމަ ކާން އަންނާނަން” ޒީކް ދާން ހިނގައިގަންނަމުން ބުނެލިއެވެ.
“ޒީކް މިތާގަ ހުންނަން ވާނެ” އަލްޔަން ޒީކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އަލްޔަންއާއެކު ކާން ޒީކް އިށީނީ އެތައް ވަރަކަށް އަލްޔަން އާދޭސް ކުރުމުންނެވެ.
“މަންމަ ނެތީމަ ގޭތެރެ ހާދަ ފަޅޭ” އަލްޔަންއަށް މަންމަ މަތިން ހަނދާން ވުމުން ބުނެލެވުނެވެ.
“ޒީކް ވާހަކަ އެއް އަހާލަންތަ؟” އަލްޔަން ޒީކްގެ މޫނަށް ބަލާލިއެވެ.
“އަހާބަލަ” ޒީކް ނޫޑްލްސް ކޮޅެއް އަނގައަށް ލަމުން ބުނެލިއެވެ.
“ޒީކްގެ ފެމިލީ ކޮބާ؟ މިބުނީ މަންމައާއި ބައްޕަމެން ކޮބާހޭ” އަލްޔަންގެ އެސުވާލުން ހިނިތުންވެފައި މަޖާވެލާފައި އިން ޒީކްގެ މޫޑް މުޅިން ބަދަލުވެގެން ދިޔައެވެ.
އަހަން ނުވާވަރުގެ އެއްޗެއް އެހިއްޖެކަން ވިސްނުނީ ޒީކްގެ މޫނުމަތީގައި ހުރި ސީރިއަސްކަން ފެނުމުންނެވެ. އިތުރަށް ޒީކްއަސް އެންމެ އެތިކޮޅެއްވެސް ނުކެވުނެވެ. ތެދުވެގެން އެތަނުން ދުރަށްދާން ބޭނުންވިޔަސް މަޑުކޮށްގެން އިނީ އަލްޔަން ކައި ނިމެންދެނެވެ.
“ޒީކް ނޫޑްލްސް މީރު ނޫނީތަ؟” ޒީކް ނުކައި އިންނަން ފެށުމުން އަލްޔަން ބޭނުންވީ ޒީކްގެ މޫޑް ބަދަލުކޮށްލާށެވެ.
“ނޫޑްލްސް ނުކަންޏާ އެހެން އެއްޗެއް ހަދައިދެންތަ” ޒީކް އަނގައިންވެސް ނުބުނެ އިނުމުން އަލްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ނޫނޭ ވަރަށް މީރު” ޒީކް ނޫޑްލްސް ކޮޅެއް އަނގަޔަށް ލިއެވެ. އަލްޔަން ކުރުނުކުރާނެކަން އެނގުމުން މަޑުމަޑުން އިނދެގެން ކައިނިންމާލައިފިއެވެ.
16 Comments!
Comments are closed.
Yey me first dhw
hmmm zukko ah first libuny mirey
V reethi mi part vx.. dhn bqi vx avahah up khlladheychey.. i love this story.. waiting ingey
thank u
Wow varah varah reethi… ????.. Waiting for next part riya ????
thank u
Very nice ☺
thank u
Alhey Waau varah reethi
Waiting
When next part
Keep it up ??????????????
thank u
V reethi
thank u
12vama Bai kobaaa vahaka
sorry iyye up nukohdhevuneema
Kurin eygunun manage
🙂