އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން މިއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލޫކުރާ ހަޤީގަތެކެވެ. ޙަޔާތް ބަރުދާސްކުރުމަށް ދިރިއުޅުމުގައި ކުރިމަތިވާ އިމްތިޙާންތަކާ ހަނގުރާމަކޮށް މުސްތަޤުބަލު އުޖާލާކުރުމަށް އަޅުގަނޑުމެން އެންމެންވެސް މިއަންނަނީ ކާމިޔާބީއަށް އެދެމުންނެވެ. ނަމަވެސް ޙާލަތު ނިޔާކުރާ ގޮތުން ބައެއްފަހަރު ނާކާމިޔާބުގައި ހިފައި އޭގެ ހިތާމަވެސް ކުރަންޖެހެއެވެ. ހިތްވަރު އެލުވާނުލައި ކެތްތެރިކަމާއެކު އަނެއްކާވެސް ޙަޔާތާއި ކުރިމަތިލައި މަސައްކަތްކޮށްފިނަމަ، އިސާހިތަކު އޭނާއާ ކާމިޔާބު ބައްދަލުކުރާނެތެވެ. ހިތާމައިގެ ރަހައާއި އުފާވެރިކަމުގެ ރަހަ ދެކިގެންނޫނީ ދިރިއުޅުން ކަނޑަތުނުކުރެވޭނެއެވެ. މިއީ ދުނިޔޭގެ ޤާނޫނުވެސް މެއެވެ. އެހެންނޫން ތޯއެވެ؟

ހއ ހޯރަފުއްޓަށް އުފަން، އަހަރެންނަކީ މިފާހަގަކުރި ފަދައިން ދިރިއުޅުން އެކިއެކި މަރުޙަލާތަކަށް ކަނޑަތުކޮށްފައިވާ ޒުވާނެކެވެ. ޅައުމުރުގެ ހަނދާންތަށް ސިކުނޑީގައި ހަރުލާފައިނެތަސް އަހަރެންނަކީ ބައްޕައެއްގެ ލޯތްބާއީ އަޅާލުމަކާނުލައި ދުވަސްތައްގުނި ކުއްޖެކެވެ. ނަމަވެސް އެހިތާމަ އުފުލުމަށް އާއިލާއިން އަހަރެންއަށް ފުރަސަތެއް ނުދެއެވެ. ހަނދާން ހުންނަން ފެށީންސުރެއް އަހަރެންނަށް ލޯބިދީގެން ބަލައިބޮޑުކުރަމުން އައީ ބޮޑުދޮންތަ އާއީ ބޮޑުދޮންތަބޭއެވެ. މުޅި ޢާއިލާ ބެލެހެއްޓުމުގައި ޤުރުބާންވަމުން އަންނަ އެދެމަފިރިންނަކީ އަހަރެން އެންމެ ލޯބިވާ ދެމީހުންވެސްމެއެވެ. ކިޔަވައި ދިނުމުގެ އިތުރުން އެހީތެރިވުމުގައި އެފަދަ ދެވަނަ މިސާލެއްނެތެވެ. އެކަމުގެ ފުރިހަމަ ހެކި އަހަރެންނަށް ބަލާލުމުންވެސް ފުދޭނެއެވެ. ދުނިޔެއަށް އުފަންވިއިރު އަހަރެންނަކީ ނުކުޅެދޭ ކުއްޖެކެވެ. ނަމަވެސް މިއަދު އަހަރެން ކުޅެދޭމީހެއްގެ ގޮތުގައި މިހުރީ އެވެދެއްވި އެހީތެރިކަމުގެ ފުރިހަމަ ހެއްކެކެވެ. މަންމައެއް ހުއްޓަސް މަންމައެއްގެ ލޯބި އަހަރެންނަށް ފުރިހަމަ ގޮތުގައި ނުލުބުން އެއީ އަހަރެންގެ ބަދުނަސީބުކަމުގައިވެސް ވެދާނެއެވެ. ނަމަވެސް މަންމަވީތީ އަހަރެން މަންމަ އަށްކުރާ ލޯބި ކުޑަވެސް އުންޏެއްނުކުރަމެވެ.

ތަޢުލީމުގެ ހަރުފަތާ އެންމެ ފުރަތަމަ ބައްދަލުކުރީ 2005ވަނަ އަހަރުގައެވެ. ހއ އަތޮޅު މަދަރުސާއިން ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި ގުޅިގެން މަސައްކަތް ކުރަމުން އައީ ވަރަށްވެސް ކިޔަވާހިތުންނެވެ. އެދުވަސްވަރުއެއީ އެންމެ ކިޔަވާހިތުން ކިޔެވި ދުވަސްތަށް ވެސްމެއެވެ. ބޮލުގައި އަބަދުވެސް އިންނަނީ ސުކޫލެވެ. ޓާމަކަށްފަހު ޓާމެއް ރަނގަޅުކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރީމެވެ. އާއިލާގެ ނަސޭހަތްކާއި މުދައްރިސުންގެ އިރުޝަދަކީ ކިޔެވުމުގެ ކުރިމަގު ކަމުގައި ދެކެމެވެ. އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ވިސްނުން ރަނގަޅުކުރުމަށް އޭރުވެސް އެންމެ ގަދައަށް ކުރަމުން އައި ކަމަކީ ވާހަކަލިޔުމެވެ. ކުރާނެ ކަމެއްނެތިއްޖެ ނަމަ އަބަދުވެސް ހުންނާނީ ކޮންމެވެސް އެއްޗެއް އިބާރަތް ކޮށްލެވޭތޯއެވެ. މިހުރިހާ ކަމެއްގެ ފަރުދަލުގައިވަނީ އަމިއްލަ ނަފުސަށް ކުރާ އިތުބާރެވެ. ކާމިޔާބީއަށް ކުރާ ފޮނި އުއްމީދެވެ. ހެއްދެވި ފަރަތާ ދެމެދުގައި އޮންނަ ފުރިހަމަ ގުޅުމެވެ. މިހާރުވެސް ނަމާދަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވަމުން އަންނަ ބޮޑުދޮންތަ އޭރުވެސް ނަމާދަށް ފަރުވާތެރިވުމަށް އަބަދުވެސް ނަސޭހަތްތެރިވެއެވެ. ހިތްހަމަޖެހުމާއި ކާމިޔާބީގެ ސިއްރަކީވެސް އެއީއެވެ.

ތަޤުދީރަކީ ބަދަލުވާއެއްޗެކެވެ. އިންސާނާއާ ކުރިމަތިވާ އިމްތިޙާނެއްގެ ސަބަބުން ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލުވައެވެ. އެއްވެސް އިންސާނަކަށް ﷲ ދެރަގޮތެއް މިންވަރެއް ނުކުރެތެވެ. އިންސާނާގެ ދިރިއުޅުން އެކިއެކި މިސްރާބުތަކަށް ބަދަލުކޮށްލުމަށް ﷲ އެއިންސާނަކަށް މިފާހަގަކޮށްލި ގޮތަށް އިމްތިހާންތަށް ކުރިމަތިކުރުވައެވެ. މިއުސޫލުން އަހަރެންގެ ޙަޔާތުގެ މުސްތަޤުބަލު އުޖާލާވުމަށްޓަކައި ވަރަށް ތަފާތު އިމްތިހާނަކާއި ކުރިމަތިލާން ޖެހުނެވެ. އެއީ އަހަރެންގެ ޙަޔާތުގެ ކަޅު އަހަރުކަމަށްވާ “2010” ވަނަ އަހަރެވެ. މަޒީގެ ހިތިތަޖުރިބާގެ ސަބަބުން ކުރީގެ ފަލްސަފާ ހަނދާންކުރުން އެއީ އަހަރެންނަށް ލިބޭ ހިތްދަތިކަމަކަށްވާތީ އެއްވެސް އިރެއްގައި މާޒީ އެއީ އަހަރެން ހަނދާންކުރަން ބޭނުންވާ އެއްޗެއްނޫނެވެ. ނަމަވެސް ކުރުގޮތަކަށް އަހަރެންގެ މަޒީ ފޮޅުވަތްތަކުގެ އަލީގައި ހިއްސާކޮށްލަން ގަސްތުކުރަމެވެ. 2010ވަނަ އަހަރު އަހަރެންނާ ބައްދަލުކުރީ ބޮޑު އިމްތިޙާނެއް ކުރިމަތިވަމުން އަންނަކަމުގެ އިހްސާސްތަށް ކޮށްދެމުންނެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 11 އަހަރެވެ. އެހާ ކުޑައުމުރެއްގައި އެފަދަ ބޮޑު އިމްތިޙާނެއް ކުރިމަތިވެގެން ދިޔުންވީ ވަރަށްވެސް ބޮޑު ހިތާމަޔަކަށެވެ. އަދި ހައިރާންވެސް ކުރުވިކަމަކަށެވެ. ކޮންމެޔަކަސް މިބަޔާންކޮށްލި ކަޅުއަހަރުގެ ދުވަސްތަކުން އަހަރެންގެ ވާހަކަތަށް ހިއްސާކޮށްލާނަމެވެ.

އަހަރެގެން އުޅުމަށް ބަދަލުތަށް އަންނަފެށިއެވެ. ރަށުތެރެއަށް ގިނަވެ، އުމުރުގެ ގޮތުން ބޮޑެތިމީހުންނާ ގުޅެން ފެށުނެވެ. ނަމާދުތަށް ވަށްޓަމުންގޮސް އެންމެފަހުން ނަމާދު އަޅާ މީހަކަށް ވެއްޖެވެ. ކިޔެވުންމަތިން ފޫހިވެ ސުކޫލަށް ހާޒިރުވުމުގައި ފަރުވާކުޑަކުރަށް ފެށީމެވެ. ބޭރުގައި ގިނަވަގުތު ހޭދަކުރުމަކީ އަހަރެންގެ އުފަލެއްކަމުގައި ހަދައި، ގޭގައި އެކީގައި އުޅެމީހުންމަތިން ފޫހިވާން ފެށުނެވެ. އަހަރެން ގެޔަށްނައިސް ލަސްވަތީ ބޮޑުދޮންތަ އަހަރެން ހޯދުމަށް ނުކުންނަން ފެށިއެވެ. ރަށުތެރޭގައި އަހަރެންގެ ނަން ހަރުލާވަރަށް ނުލަފާކަށް ދައްކަން ފަށއިފީމެވެ. ކިޔަންނުވާވަރުގެ ބަސްތަށް ދުލަށްގެނެސް ބަހުގެ ހަމަލާތަކުން މީހުން ރޮއްވާލަމުން ދިޔައީމެވެ. އަޙްލާޤު މުޅިންހެން ނެތިގޮސް، މީހުންގެ ލޯތްބާއި އިޙްތިރާމް އަހަރެންގެމަތިން ބީވެ ހިނގައިދިޔައެވެ. މީހުންގެ ބިރުދެއްކުމާއި މަލާމަތުގެ ސަބަބުން އަމިއްލަ ހަށިގަނޑު އެހެންމީހުން މުނިފޫހިފިލުވައި ދިނުމުގައި އެއްވެސް ވަރުބަލި ކަމެއްނެތި ހަރަކާތްތެރި ކުރަމުން ގެންދިޔައީމެވެ. އަހަރެން ސަލާމަތް ކޮށް، ގެގައި ހިފެހެއްޓުމަށް އެއްވެސް ޝަކުވާއެއްނެތި ބޮޑުދޮންތަ ދިޔައީ މަސައްކަތްކުރަމުންނެވެ. މިކަން ވެގެންދިޔައީ އަހަރެންގެ އުޅުމަށް ކުރިމަތިވި ކޮޅިގަނޑެއްކަމުގައި ހިތާ އަހަރެންގެ ނުލަފާކަށް އަނިޔާވެރިކަމާއެކު ބޮޑުދޮންތައަށް ދައްކަމުން ދިޔައީމެވެ. ލިބިދާނެ ޒަޙަމަކަށް ނުބަލައި ބޮޑުދޮންތަގެ ވާޖިބު އަދާކުރަމުން ދިޔައީ އެއްވެސް ނަފުރަތަކާ ނުލައެވެ. ގިސްލާ ރޮމުން ބޮޑުދޮންތަ ދެމުންދިޔަ ނަސޭހަތްތަކަށް ބީރު ކަންފަތެއްދީ އަހަރެން ދިޔައީ އަމިއްލަ ދުނިޔޭގައި ފިޔަޖަހަމުންނެވެ. އަހަރެންގެ މުސްތަޤުބަލު އުޖާލާވުމަށް އެދޭތީ ބޮޑުދޮންތަ އަހަރެންނަށް ކުރާ އުއްމީދެއް ފަނޑެއްނުކޮށްލައެވެ. އެންމެފަހުން އަނިޔާވެރިކަން ޙައްދުންނައްޓައި ގޭގެގެ މީހުންނަށާއި އަވައްޓެރިންނަށް އަހަރެންގެ ބިރު ބޮޑުވާންފެށިއެވެ. އެއްވެސް ރަޙުމެއްނެތި އަހަރެންގެ އަނިޔާވެރިކަން ނިންމާލީ ބޮޑުދޮންތަގެ ހަށިގަނޑުން ދުވަހަކުވެސް ލަކުނުތަށް ނުފިލާވަރުގެ ޒަޙަމުތަކެއް ދިނުމަށްފަހުގައެވެ.

މިއީ ކޮންދަފަ ބޮޑު އިމްތިޙާނެއްބާވައެވެ؟ އަހަރެންގެ އުޅުމަށް ގޮތްނޭނގޭފަދަ ބަދަލެއް އައިސް އަހަރެން އެހާ ކުޑަ އުމުރެއްގައި ނޮޅައިކަމުންދިޔައީ އަހަރެންނަށް ލޯބިދީގެން ބަލައި ބޮޑުކުރި މަންމައެއްފަދަ މީހެކެވެ. އިސާހިތަކު އަހަރެންގެ ފިޔަ ހަމަބިމުގައި ތިރިކޮށްފީމެވެ. އުޅެވުނު ގޮތާމެދު ވިސްނައި ރުއީމެވެ. ޙަޔާތާ ބައްދަލުކުރި ގޮތްނޭނގޭ ތޫފަނަށް އެތަކެއް ސުވާލުތަކެއް އުފައްދައި، ދިރިއުޅުން އާރާސްތުކުރުމަށް އަހަރެންދިޔައީ ބޮޑުދޮންތަ ކިބައިން މަޢާފަށް އެދެމުންނެވެ. ނަމަވެސް އަހަރެންނަށް މަޢާފުދެވޭހައި ވަރަށްވުރެން އެފަކީރުވަނީ މުޅިންހެން ބަލިވެފައެވެ. ދިމާވި ޙާލަތަށް ޝުކުރުކޮށް އަހަރެން އިންތިޒާރު ކުރަމުންދިޔައީ ލިބޭނެ ފަރުވާޔަކަށެވެ. ލިބިފައިވާ ޒަޙަމުތަށް ފޮރުވަމުން އަހަރެންނަށް އެހީތެރިވުމަށް ބޮޑުދޮންތަދިޔައީ އެއްވެސް ފޫހިކަމެއްނެތިއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އިމްތިހާނުން ފެއިލް ވުމުގެ އެންމެބޮޑު އަސްލަކަށް ވެގެންދިޔައީ މައިންބަފައިންގެ އަގުހުރި ތަރުބިއްޔަތުން އަހަރެން ޅައުމުރުގައި ބީވުމުންކަމުގައި ދެކެމެވެ.

ޙާލަތު ބަދަލުކޮށް އަހަރެންގެ ޙަޔާތަށް ދެންއެންމެ ރަނގަޅުގޮތަކީ ދިރިއުޅުން ވެރިރަށް މާލެއަށް ބަދަލުކުރުން ކަމުގައި ބޮޑުދޮންތަ ޤަބޫލުކުރިއެވެ. ރަށުގައި ހުރެގެން އިތުރަށް އަހަރެން ގޯސްވެދާނެތީ މާލޭގައި ތިބި އާއިލާ މީހުންނާއި ވާހަކަދަށްކައި އެންމެފަހުން އަހަރެން މާލެ ބަދަލުކުރުމަށް ނިންމިއެވެ. އާއިލާގެ މިނިންމުމަކަށް އަހަރެން ދެކޮޅެއްނުހަދަމެވެ. ލިބޭ ފަރުވާއެއްކަމުގައި ހިތައި އަހަރެންދިޔައީ އަމިއްލަ ނަފްސަށް މަރުޙަބާ ކިޔަމުންނެވެ. އާއިލާއިން އަހަރެންދެކެވާ ލޯބި އިނގުމުން އަހަރެންދިޔައީ މާޒީ ވަޅުލުމުގައި ގިސްލައި ހިތާމަކުރަމުންނެވެ.

ޙަޔާތުގެ މިސްރާބު ބަދަލުކޮށްލުމަށް އަހަރެންގެ އުއްމިދީ ބޯޓުގެ ދަތުރުފަށައިފިއެވެ. އަމިއްލަ ވަޒަނަށް ފަސްދީ އަހަރެންގެ މުސްތަޤުބަލަށް ކުރިމަތިލީ 2010ވަނަ އަހަރަކީ ޙަޔާތުގެ ކަޅު އަހަރުކަމުގައި ނިންމައިގެންނެވެ. މަޒީން ޢިބުރަތް ހާސިލުކޮށް ދިރިއުޅުން އުޖާލާކުރުމަށް އައު އުއްމީދުތަކާއެކު އަހަރެންގެ ދަތުރު ނިންމާލީ ވެރިރަށް މާލެއަށެވެ. އުސްއިމާރަތްތަކަށް ކަޅިހުއްޓިފައި ހުރެވުނީ ތަފާތު މާހައުލަކަށް އަހަރެންނަށް އާދެވުނީތިއެވެ. އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް އަހަރެންގެ އުއްމީދުތަށް އާކުރަމުން ދިޔައީމެވެ. ޙަޔާތުގެ ދުވަސްތަށް އިތުރަށް ގުނުމަށް އަހަރެންނަށް މިލިބުނު ރަނުގެ ފުރުސަތަށް ޙަމްދުކުރީމެވެ. މާޒިގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އަހަރެން އެކުވެރި ރަޙްމަތްތެރިން އެއީ ވާބައެއްކަމުގައި ނުދެކެމެވެ. ދުނިޔޭގެ ދަޅަތަކަށް ފުރަގަސްދީ އަހަރެންގެ އަމާޒަކަށްވީ ކާމިޔާބު ދިރިއުޅުމަކަށެވެ. މަދުންނަމަވެސް މާޒީގެ ހަނދާންތަށް އާވަމުންދިޔައެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހިތްވަރަށް އަސަރެއްކޮށްފާނެތީ ހުންނަނީ މާޔޫސްވެފައެވެ. ދިރިއުޅުމުގެ ގިނަކަންތަށްތަކެއް މާލެއައި ފަހުން ބަދަލުކުރީމެވެ. ރަށުގައި އުޅުނުގޮތާ މުޅިން ޙިލާފަށް މާލޭގައި އުޅެންފެށި ގޮތުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަހަރުގެ ފަހު ހިސާބުކަމުން އެއަހަރު އަހަރެން ސުކޫލަކަށް ނުވަދެ ހުރީ ޖެހިގެން އަންނަ އަހަރު ސުކޫލަކަށް ވަދެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ޖެހިގެން އައި އަހަރު ސުކޫލަށްވަދެވޭ ގޮތްނުވުމުން އަހަރެން ވަރަށް ދެރަވިއެވެ. ގެއްލިގެންމިދަނީ ބެކާރު އަހަރެއްކަމުގައި ނުދެކި 2011 ވަނަ އަހަރު ގޭގައި އަހަރެން އެދުރުވަމުން އައީމެވެ. ޤުރުއާން، ހިސާބު އަދި އިނގިރޭސި ޢިލްމު ހޯދުމަށް މަސައްކަތްކުރީމެވެ. މިކަމުގައި އަހަރެންއަށް އެހިތެރިކަން ދެމުންދިޔައީ ތިއްތަގެ ފިރިމީހާއެވެ.

އެއަހަރު ގޭގައި މަޑުކުރަންޖެހުނެއްކަމަކު އަހަރެން ފޫހިވެގެން އުޅޭކަށް ނުޖެހުނެވެ. ރަށުގައިތިބި ޢާއިލާ ކުދިން މާލެ ބަދަލުވިއެވެ. ބޮޑުދޮންތަވެސް އައެވެ. ކުރީގެ ހަނދާންތަށް އާވެދާނެތީ ގޭގައި މީހުންގިނަވާ ވަގުތުތަކުގައި އަހަރެން އެކަހެރިވަމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަދިވެސް އަހަރެން ގޭގައި މީހުންނާއެކު އެއްމޭޒެއްގައި ނުކެވެއެވެ. އަހަރެން މާލެ ބަދަލުވުމަށްފަހު ދިރިއުޅެމުންއައީ ވިލިމާލޭގައިކަމުން ރަށުތެރެ ބަލާލުމާއި ތަންތަން ދަސްކޮށްލުމަށް ކޮއްކޮމެންނާއެކު ނިކުމެ ހަދަމެވެ. ތަފާތު މަޖާކަންތަށްތަށްތަކާ ދިމާވެ، ޢާއިލީ އެކިއެކި ދަތުރުތަކުގައި މާލެކައިރި ރަށްތަކަށް ގޮސް ހެދީމެވެ. ފޫހިފިލުވާލުމަށް ހަވީރުގެ ވަގުތަށް ފުރިހަމަގޮތުގައި ބޭނުންހިފީމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވިލިމާލެއިން ވަރަށް ހިތްހެޔޮ ރަޙްމަތްތެރިޔެއް އަހަރެންނަށް ލިބުނެވެ. އަހަރެންގެ އެންމެގާތް ރަޙްމަތެރިޔާއަށް އޭނާ ވެގެންދިޔައީ ހަޤީޤީ އެކުވެރިކަމަކީ ކޮބައިކަން އޭނާ އަންގައިދިނުމުންނެވެ. އެކުގައި ވަގުތުތަށް ހުސްކުރަމުންދިޔައީ ވަރަށް އުފަލުގައެވެ. އަހަރުގެ ދުވަސްތަށް އެންމެފަހުން ނިމުކަށްއައިސް އާހަރަކަށް ތައްޔާރުވާން ފެށީމެވެ. ފެށޭއަހަރުކަމަށްވާ 2012ވަނަ އަހަރު އަހަރެން ސުކޫލަށް ވައްދައި، ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްފަހު ބޮޑުދޮންތަ އަލުން ރަށަށް ބަދަލުވިއެވެ. މިއާއެކު އަހަރެންނަށް އިޙްސާސްވެގެން ދިޔައީ އަހަރެންގެ ދިރިއުޅުން މުޅިންހެން މާލެ ބަދަލުވެފައިވާ ކަމެވެ. މިކަމުގެ ސަބަބުން އަހަރެން ބިނާކުރަމުން ދިޔަ އުއްމީދީ ރާޅުތަށް އުސްކޮށް މުސްތަޤުބަލާ ހަމައަށް އެރާޅުތަށް ބިންދުމަށް މަސައްކަތް ކުރަންފެށީމެވެ.

ތަޢުލީމީ އައު ހަރުފަތްތަށް ގިރާކުރުމަށް މިފަހަރު އަހަރެން ގުޅުނީ މުޙްޔިއްދީން ސުކޫލާއެވެ. ސުކޫލުންދިން ފުރިހަމަ އިތުބާރާއި އަޅާލުމުގެ ސަބަބުން ކިޔެވުން އާރޯވެ އުޖާލެވެގެންދިޔައެވެ. ސުކޫލު މާހައުލުން ރައްކާތެރިކަން ލިބި އަހަރެންގެ ތައުލީމީ ހަރުފަތްތަށް ގިރާކުރުމަށް ކުދިންނާއި ގުޅިގެން މަސައްކަތްކުރީ ވަރަށް އުފަލާއެކުގައެވެ. އެންމެ ހިތްހަމަޖެހޭ ނަތީޖާއަކަށް ނުވިނަމަވެސް ލިބުނު ކާމިޔާބީއަށް ޝުކުރުކޮށް އެއަހަރުގެ ކިޔެވުން އަހަރެން ނިންމާލީމެވެ. ޢާއިލާއާއެކުގައި ޗުއްޓީ ހޭދަކޮށްލުމަށް ދެއަހަރުދުވަސް ފަހުން އެނބުރި ރަށަށް ދިޔައީމެވެ. އެހާ ދުވަސްކޮށްލުމަށްފަހު އަހަރެން ރަށަށް އާދެވުނީތީ ވަރަށް އުފާކުރިމެވެ. އަހަރެން ވަރަށް ބޮޑަށް ބަދަލުވެފައިވާކަށް ރަށުގެ މީހުންނަށް އިނގުމުން އެމީހުން އެކަންފާހަގަކޮށް އުފާކުރިއެވެ. މިހެންވެ އަހަރެންވެސް ހުންނަނީ ވަރަށް އުފަލުންނެވެ. އަދި އެއުފާވެރިކަން އިތުރަށް ފުރިހަމަވެގެން ދިޔައީ މާޒިގެ އެއްވެސް ހަނދާނެއް ރަށަށް އައުމުން އާވެގެން ނުދިޔުމުގެ ސަބަބުންނެވެ. ޗުއްޓީތެރޭގައި އަހަރެންގެ ލިޔުންތެރިކަން އިތުރުކޮށް ކުޑަކުދިން ޝައުގުވެރިވާފަދަ ގޮތަކަށް ވާހަކަތަށް ގިނަކުރީމެވެ. ނަމަވެސް އޭރު އަހަރެން މީސްމީޑިއާގައި އުޅޭމީހަކަށް ނުވުމުން އެވާހަކަތަށް ޕްރޮމޯޓްކުރުމަށް ގޮންޖެހުންތަކެއް އައެވެ. ނަމަވެސް އޭރުގެ ލިޔުންތަކަކީ އަތުލިޔުމަށް ލިޔާ ލިޔުންތަކެއްކަމުން އަހަރެން އެވާހަކަތަށް ފައިލްކުރަމުން ގެންދިޔައީމެވެ. ޗުއްޓީ ނިންމާލުމަށްފަހު މާލެއައީމެވެ. މާލެއައުމުން އަހަރެންނަށް ކުއްލި ހިތާމެއް ލިބުނެވެ. އެއީ އަހަރެންގެ ރަޙްމަތްތެރިޔާ ރަށަށްބަދަލުވި ޙަބަރެވެ. އަހަރެން އެންމެދެރަވީ އެފަހުން އޭނަގެ އެއްވެސް ޙަބަރެއްނުވިތީއެވެ.

އަހަރުގެ ބާރަމަސްދުވަސް ހަމަވެ ވިދިގެން އައި އަހަރުގެ ދުވަސްތަށް، ކަލަންޑަރު ގުނަންފެށީ އައު އަހަރަށް މަރުޙަބާ ކިޔަމުންނެވެ. ދިރިއުޅުން އިތުރު މަރުޙަލާއަކަށް ދަތުރުކުރުމަށް މިއަހަރު ވެގެންދިއައީ ވަރަށް ތަފާތު އަހަރަކަށެވެ. އެއީ 2014ވަނަ އަހަރެވެ. ޢާއިލާއިން ދެމުންދިޔަ ނަސޭހަތްތަށް އެއްކައިރި ކޮށްލައި އަމިއްލަ ގޮތްގަނޑެއް ގެންގުޅެން ފެށުނެވެ. ކިޔެވުމަށް ބުރޫއަރާނެހެން ދުވަހުގެ ތާވަލު ބަދަލުކޮށްލީމެވެ. ދިމާވި ކޮންމެ މީހެއް އެކުވެރިއެއްކަމުގައި ހަދައި ރަށުތެރޭގައި އެނބުރެން ފެށީމެވެ. އުމުރުގެ ދުވަސްތަށް މިބަޔާންކޮށްލި ގޮތަށް އަހަރެން ގުނަމުންދިޔައީ އަމިއްލައަށް އުފުލަންޖެހޭ ޒިންމާތަށް ހަނދާން ނައްތާލަމުންނެވެ. ހަރުދަނާ މީހަކަށް ވުމުގެ ބަދަލުގައި ދިރިއުޅުން ވަރަށް އާދައިގެ ގޮތަކަށް ހަމަޖައްސާލައި ކުރިއަށް ގެންދިޔައީމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އެއަހަރު ދިމާވި އެކުވެރިއެއް އެންމެގާތް ރަޙްމަތްތެރިޔާ ކަމުގައި ދެކިގެން ދިރިއުޅުން ހިއްސާކުރަމުން ދިޔައީމެވެ. ރަޙްމަތްތެރިންގެ ކޮޅަށް ބުރަވެ، ޢާއިލާ ފަހަތަށް ޖައްސާލުމަށްފަހު އަހަރެންގެ ދުވަސްތަށް ގުނަމުން އައީ ވަރަށް އުފަލާ މަޖަލުގައެވެ. މިއުޅުމުގެ ތެރޭގައި އަހަރެން ލޯބިގެ ގޮތުން ކުއްޖަކާ ގުޅުނުނީމެވެ. އެއީ އަހަރެންގެ އެންމެ ފުރަތަމަ ލޯބިވެރިޔާއެވެ. ދިމާވި ޙަދިސާއަކުން ދެމީހުން ގުޅެން މަޖުބުރުވެ، އަހަރެމެންގެ ދުވަސްތަށް އެކީގައި ގުނަންފެށުނެވެ. މިއާއެކު ދެމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވެ އުމުރުގެ ބައިވެރިއެއްކަމުގައި ދެމީހުންވެސް ހިތީމެވެ. ދިރިއުޅުމުގައި އަބަދަކު އުފާވެރިކަމެއް ނުލިބޭނެއެވެ. ރޯންޖެހޭ ދުވަސްތަކާވެސް ބައްދަލުކޮށް އެކަމުގެ ތަޖުރިބާވެސް ކުރަންޖެހޭނެއެވެ. ޙާލަތަކީ އަމިއްލައަށް ބަދަލުވެސް ކުރެވޭނެ އެއްޗެކެވެ. މިއުސޫލުން އަހަރެން އެންމެ ލޯބިވި އަންހެން ކުއްޖާ ވަކިގެން ދިޔައެވެ. ކުރެވުނު ކުއްހިޔަކަށް ނިންމުމެއް ނިންމާ އޭނާ އަހަރެންނާ ވަކިވުން ވެގެންދިޔައީ ވަރަށްވެސް ބޮޑު ހިތާމަޔަކަށެވެ. މިމާޔޫސްކަމުގެ ތެރޭގައި އަހަރެން ރަޙްމަތްތެރިންގެ ބަހަށް ހެއްލި އެމީހުންގެ ދަޅަތަކުގެ ތެރެއަށް ވަނީމެވެ. ރަހްމަތްތެރިޔާގެ ކޮންމެކަމެއްގައި ބައިވެރިވެ އޭނައަށް އެހީތެރިވުމުގައި އަހަރެންގެ އަމިއްލަ ނަފުސަށްވުރެން ބޮޑަށް އިސްކަން ދެމުން ދިޔައީމެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔާ ހޯދައިދިނުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވާން ތައްޔާރުވެ އެކުމަގައި އޭނައަށް އެހީތެރިވުމުގައި ދުވަސްތަށް ހޭދަކުރަމުން ދިޔައީމެވެ. ކުރާކޮންމެ ކަމެއްގައި އުއްމީދެއް ބަހައްޓައި ކާމިޔާބިއަށް ވާސިލުވުމަށް ޢަޒުމު ކަނޑައަޅައި ކުރި މަސައްކަތް ފުރިހަމަ ވެގެންދިޔައީ ރަހްމަތްތެރިޔާއަށް އޭނާގެ ލޯބިވެރިޔާ ހޯދައިދިނުމުންނެވެ. އެއްވެސް ކާމިޔާބީއަކީ ފަސޭހައިން ހާސިލުވާނެ އެއްޗެއް ނޫނެވެ. އެމަސައްކަތުގައި އަހަރެން ވަރަށް ގިނަ އޮޅިތަކެއް ގިރާކުރީމެވެ. ވަރަށް ގިނަ އެކުވެރިންނާ ގުޅުންކެނޑި އަމިއްލަ ހަށިގަނޑު ނުރައްކަލެއްގެ ތެރެއަށް ވަށްޓާލައި، އެމަސައްކަތް ކާމިޔާބު ވުމަށް އެތަކެއް ދުޢާތަކެއް ކުރީމެވެ. ބައެއްފަހަރު ކާމިޔާބީއަކީ ހިތިވެސްވާ އެއްޗެކެވެ. އެކަމުގެ ސަބަބުން އުވާވެރިކަން ގެއްލި އަރައި ނުގަނެވޭހާ ބޮޑު ހިތާމަޔަކާވެސް ކުރިމަތި ލާންޖެހިދާނެއެވެ. އެހެންނަމަވެސް އަހަރެންގެ އެކާމިޔާބީ ހިތިވީ ތަފާތުގޮތަކަށެވެ. ބަޔަކު މީހުން ރާވައިގެން ގަސްތުގައި އަހަރެންގެ ކާމިޔާބީ ފުރޮޅުވާލީއެވެ. ޒަމާންވީ އެކުވެރިކަން ދުޝްމަނުކަމަށް ބަދަލުވެ ހިތުގައި އަންދަމުންދިޔަ އަލީފާނުގެ ހުޅުތަށް ފާޅުގައި ދައްކަމުން، މުޅި އުފާވެރި ޙަޔާތް ބަދަލުކޮށްލުވީ އެއްކަލަ އަހަރެންގެ އެކުވެރިންނެވެ. އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. އިތުބާރާއި ލޯބިދީގެން އެއްތަށިންކައި ހެދި މިތުރުންނެވެ. މިކަން ހިނގައިދިޔައީ އެއަހަރުގެ ޗުއްޓީ ހޭދަކޮށްލުމަށް އަހަރެން ރަށަށްގޮސް ހުއްޓައެވެ. މިކަން އިނގުމުން ވަގުތުން މާލެ އައީމެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެ ގޮސްފައެވެ. އެންމެގެ އިޙްތިރާމު ގެއްލި އެންމެގާތް ރަޙްމަތްތެރިޔާ ވަކިވެގެން ދިޔައެވެ. އެކުވެރިންގެ ނުބައި ވަސްވާސްތަކުން މުޅި ދިރިއުޅުން ބޮއްސުންލައި ގޮތްނޭނގޭ މިސްރާބަކަށް ޙަޔާތުގެ ނައު ދަތުރުކުރަން މަޖުބޫރުވިއެވެ. އަހަރެން އެހިތާމައިގަ ދެ އަހަރުދުވަސް ހޭދަކުރީމެވެ. ހިތްވަރުދޭނެ މީހެއްނެތި ހަމަ އަކަނިމާ އެކަންޏެވެ. އެކުވެރިންގެ ހަޤީޤަތް ދަސްވެ، ލިބުނު ހިތާމައިގައި އަހަރެން ހިފީ ދިރިއުޅުން މުޅިންހެން ބަދަލުކޮށްލުމަށް އަނެއްކާވެސް ނުގުޑާ ފަދަ އަޒުމަކާއެކުގައެވެ.

ފާއިތުވެގެން ދިޔަ އަހަރުތަކަކީ މާޒީގެ ކުލަވަރުތަކެއް ކަމުގައި ދެކި، ފެށިގެން އައި 2017ވަނަ އަހަރާ އަހަރެން ކުރިމަތިލީމެވެ. އުޖާލާ ކަމާއި ފާގަތިކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އުއްމީދާއި ފޮނި ހުވަފެންތަކެވެ. އަދި އެހެންމެ ނަސީބާއި ކާމިޔާބީއެވެ. ލިބޭ ކޮންމެ ހިތާމަޔަކަށް ހިތްވަރުއެލުވާލުން އެއީ އަހަރެންނާ ވަރަށް ބީރައްޓެހި އެއްޗެއްކަމުން އިރާދަކުރެއްވީތީ ﷲގެ ރަޙްމަތްފުޅުން ޙަޔާތުގެ އައު ދުވަސްތަކެއް އުވާވެރި މަލަމައްޗަކާއެކު ހޭދަކޮށްލަން ލިބުނެވެ. މިކަމަށް އަހަރެން ދިޔައީ ޙަމްދުކޮށް އުފާކުރަމުންނެވެ. ދިގު ރާސްތާއަކަށްފަހު އެންމެފަހުން އަހަރެން ސުކޫލު ދައުރާ އަލްވަދާޢުކީމެވެ. ދިރިއުޅުމުގެ ވަގުތުތަށް ހެޔޮގޮތުގައި ހޭދަކުރެވޭތޯ ވަރަށް މަސައްކަތްކުރީމެވެ. މިއާއެކުގައި ޙަޔާތުގެ އުއްމީދީ ނައު އަނެއްކާވެސް އައު މިސްރާބަކަށް ބަނދަރުކުރުމަށް ދަތުރުފެށީމެވެ. އާދެ! އެއީ މިހާރު އަހަރެމެން އެންމެވެސް އެއަހަރެއްގެ އެންމެފަހު ދުވަސްތަށް ގުނަމުންދާ މިއަހަރެވެ. ހުސްވެގެންމިދާ 2017ވަނަ އަހަރު އަހަރެންނާ ވަކިވެގެންދިޔަސް، މިއަހަރަކީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަހަރެކެވެ. ވަރަށް ގިނަކަންތަށްތަކެއް ތަޖުރިބާކުރަން ޖެހުނު އަހަރެކެވެ. އެހާމެ ގިނަ ޢިބްރަތްތަކަކުން ފިލާވަޅު ލިބިގަންނަން ޖެހުނު ބޮޑު އަހަރެކެވެ. އޭގެތެރެއިން މުހިއްމު ބައެއް ކަންތަށްތަށް ފާހަގަކޮށްލާނަމެވެ. އިތުބާރު ހިފޭ އަދި ރަޙްމަތްތެރިކަމަށް ކުފޫ ހަމަވާ ފަސްވަރަކަށް ރަޙްމަތްތެރިންނާއި ބައްދަލުވެ، ގުޅުން މިހާރުވެސް ދަނީ ބަދަހިކުރަމުންނެވެ. މިއާއެކުގައި މަދު ރަޙްމަތްތެރިއެއް ނޫނީ އަހަރެންގެ ނުހުންނާއެވެ. ދިރިއުޅުމުގެ ހިއްސާ އަހަރެންނާ ބައްދަލުވާ ކޮންމެ މީހަކަށް ނުދެމެވެ. ޢާއިލީގުޅުމުގެ ހުރި މަތިވެރިކަން ވަރަށްބޮޑަށް ދަސްވެގެން ދިޔައެވެ. އާއިލާގެ ތެރޭގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ދެމެހެއްޓުމަށް ވަރަށްބޮޑު ބާރެއްލިބިގެން ދިޔައެވެ. ޢާއިލާގެ އަޅާލުމާއި ރައްކާތެރިކަމަކީ އެފަދަ ދެވަނައެއްނުވާ އެއްޗެއްކަން އިނގިގެން ދިޔައެވެ. އަމިއްލަ ފައިމަށްޗައް ތެދުވެ، ހަރުދަނާ މީހަކަށް ވުމަށް ފައިސާގެ މުހިއްމުކަން ވަރަށްބޮޑަށް ދަސްވެގެން ދިޔައެވެ. މިހުރިހާ ކަމެއް ދެމެހެއްޓުމަށާއި ހަޤީޤީ ފޮނި ކާމިޔާބީ ވަނީ ﷲއާ ދެމެދުގައި އޮންނަޖެހޭ ފުރިހަމަ ގުޅުން އެދެވޭގޮތުގައި ބޭއްވުމުންކަން ވަރަށް ބޮޑަށް އިޙްސާސްކުރެވުނެވެ.

މިއީ އަހަރެންގެ ” ޙަޔާތުގެ ސޮފުހާ “އެވެ. އަހަރެންގެ ޙަޔާތާގުޅޭ ގޮތުން ކުރު ގޮތަކަށްނަމަވެސް ކިޔުންތެރިންއަށް ހިއްސާކޮށްލެވުނުކަމަށް އުއްމީދު ކުރަމެވެ. ވާހަކަ ނިންމާލުމުގެ ކުރިން ބުނެލަން ބޭނުންވަނީ ދުނިޔެމިއީ ވަގުތީ ފާލެއްކަމުގައި ދެކިގެން ދިރިއުޅުން ބައްޓަންކުރާށެވެ. މާޒީން ޢިބްރަތް ޙާސިލްކޮށް، ކާމިޔާބީއަށް އެދެމުން މަސައްކަތް ކުރާށެވެ. އަމިއްލަ ނަފުސަށް ހައްދެއްނެތި ދެވޭ މިނިވަންކަމަކީ ކުށްތަކަށް އަރައިގަތުމަށް ދެވޭ ދަޢުވަތެއްކަމުގައި ދެކިގެން ނަފުސު ކޮންޓްރޯލު ކުރުމަށް ތިބާގެ ބުއްދި ބޭނުންކުރާށެވެ. ޢާއިލާއިންދޭ ނަސޭހަތް އެއީ ތިމާގެ ކުރިމަގުކަމުގައި ދެކި، އުޖާލާ މުސްތަޤުބަލަކަށް އުއްމީދު އާލާކުރާށެވެ. ރަޙްމަތްތެރިންގެ މެދުގައި އޮންނަގުޅުން ވަރުގަދަކޮށް ޙަޔާތް ވީރާނަކޮށްލުމަށް ދުޝްމަނުންނަށް ފުރުސަތު ނުދޭށެވެ. ލިބޭ ކޮންމެ ނާކާމިޔާބީއަކީ ތިމާގެ ނިމުންކަމުގައި ނުދެކި، ﷲއަށް ކުރާ އިތުބާރު ބޮޑުކުރާށެވެ. އެހެނީ އެއްވެސް އިއްސާނަކަށް ﷲ ދެރަގޮތެއް މިންވަރެއް ނުކުރާނެތެވެ. އެކަލާނގެ އެއްވެސް ސަބަބަކާނުލައި ކަމެއް މެދުވެރި ނުކުރެތެވެ. ވުމާއެކު ކުރިމަތިވާ ހިތާމަތަކަކީ ވަގުތީ ތަހައްމަލުކުރުން ތަކެއްކަމުގައި ދެކި ހިތްވަރު އެލުވާނުލާށެވެ. ތިބާގެ ޙަޔާތުގެ މުސްތަޤުބަލަށް ކާމިޔާބު އެދެނީނަމަ ތިބާގެ ޙަޔާތުގެ ސޮފުޙާ ފަނޑުވުމެއްނެތް ރަނުގެ އަކުރުތަކުން ފުރާލާށެވެ. އޭރުން ކާމިޔާބު މުސްތަޤުބަލެއް ތިބާއާ ދާދި އަވަހަށް ބައްދަލު ކުރާނެތެވެ.

( ނިމުނީ )

*ކަވަރ ފޮޓޯގްރަފީ : #ހުޒާމް
*ކަވަރ ފޮޓޯ އެޑިޓިން : #ޒިމާމް ( ބޯއީ )

#ނޯޓް: މިއީ އަޅުގަނޑުގެ 19ވަނަ އުފަންދުވަހާ ގުޅުވައިގެން ކިޔުންތެރިންނާ ހަމައަށް ގެނެސްދިން ހަދިޔާއެކެވެ. ޙާޔާތުގެ މައްޗައް ބިނާކޮށް ލިޔެފައިވާ މިވާހަކައިން ގެނެސްދީފައި މިވަނީ ޙާޔާތާ ބައްދަލުކުރި ދެކަމެއްގެ ވާހަކައެވެ. އުއްމީދުކުރަނީ މި “ހަދިޔާ ވާހަކަ” ކަމުދާނެކަމުގައެވެ.

49

16 Comments

  1. މަލްހާ

    January 16, 2018 at 4:49 pm

    ވަރަށް ސަޅި ??

  2. Mai

    January 16, 2018 at 6:05 pm

    Me first dho v iburaitheri and vaahaka v nice

    • ShaYan YoOsuf

      October 30, 2018 at 6:36 pm

      ehehe thank you so much ?

  3. Yueen

    January 16, 2018 at 6:15 pm

    If yu don’t mind can I get
    your number.. V furihama . liyefa oiygoiy..

    • ShaYan YoOsuf

      October 30, 2018 at 6:37 pm

      ehehe you can contact me from my facebook page “ shayaan yoosuf “ ?
      btw thank you so much ?

  4. Anaa

    January 16, 2018 at 6:22 pm

    V reethi kiyaa nimunu iru rovihje wish u a very happy birthday shayan

  5. Reet

    January 16, 2018 at 7:12 pm

    Vv reethi

  6. Xiroo thihthi

    January 16, 2018 at 11:52 pm

    If u don’t mind can I get ur number… Vaahaka varah teeth…. Vaahaka liyaa meeheh ge haisiyathu vaahaka dhakkaalan varah beynun ?

  7. Yueen

    January 17, 2018 at 1:24 pm

    Nt funnyyy,,,

  8. Sana

    January 27, 2018 at 11:29 am

    Varah reethi ??????

    • ShaYan YoOsuf

      October 30, 2018 at 6:39 pm

      thank you so much sana ??

Comments are closed.