………….މަޑުމަޑުން ދެލޯހުޅުވާލަމުން އޮވެވުނު ތަނަށް ރިހާ ނަޒަރު ހިންގާލިއެވެ. ވަށައިގެންވީ ކަނުއަނދިރިކަމެވެ. އެއްވެސް އެއްޗެއް ސާފުވާވަރެއް ނޫނެވެ. ތެދުވަންކުރަމުން ދިޔަ މަސައްކަތުން ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އޭގެއިތުރުން ރިހާގެ އަނގަ މަތީގައި ޓޭޕް ގަނޑެއް އަޅާ ބަންދުކޮށް، ދެއަށް  ފުރަގަހަށްލައި އައްސާފަވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. ވަރަށް މަސައްކަތުން ތެދުވެ އިށީންތަނާ ކައިރިން މާހިދުގެ އަޑު އިވުނެވެ. “ލުކް އެޓް ޔޫ! ސޯ ބިއުޓިފުލް.” މާހިދު ރިހާގެ މޫނާ މޫނު ގާތް ކޮށްލާ ރިހާގެ ކޯތާފަތުގައި އަތް ހިންގާލަމުން ބުނެލިއެވެ. ރުޅިއައިސް ރަތްވެފައި އިން ރިހާ މާހިދު އަދި ދެން ތިބި ދެ މީހުނަށް ބަލަމުން ދިޔައިރު އެ ބޮޑު ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ. އަދި މާހިދުގެ އެ ބީހިލުމާއި އެކު ރިހާ މޫނު އެއްފަރާތް ކޮށްލީ މާހިދުގެ އެއަމަލަށް ނުރުހޭކަން ހާމަކޮށްދިނުމަށެވެ. ކުއްލިއަކަށް އަތުން ރިހާގެ ދެކޮލުގައި ހިފާ ބާރަށް ފިއްތާލަމުން މާހިދު ބުނެލިއެވެ. “ހަނދާންވޭތަ މަގޭ މޫނުގަ ޖެހި ހަނދާން؟ އޭނ…! ހަނދާންވޭތަ ރިހާ ނަސީރު؟!” މާހިދުގެ ރުޅިވެރި އަޑު މުޅިތަނުގަ ގުގުމައިގަތެވެ. “އެދުވަހު ހީވި އަހަރެމެން ރޮލާ ކާލަފާނޭ. މިއަދު ކިހިނެއްވީ؟ ކޮބާ އެ މާލެ ސޮރު؟ އެދުވަހު އެ ގޮލާ ހުރީމަ ދޯ މާ ފުއްޕީ؟ މިހާރު ނެތެއްނު. މިއަދު ނިކަން އަހަރުން އަތްދަށުން ސަލާމަތްވެބަލަ ދެން…”  އެވަގުތު ޙާނިމް ވެސް ކުރިއަށް ޖެހިލާފަ ރިހާ އާއި ގާތްވެލަމުން ބުނެލިއެވެ. “އެނގޭތަ؟! ކުރިން މީހުން އަހަރުން ދެކެ ޖެހިލުންވޭ. އެކަމް މިހާރު ކަލެއާ ހުރެ އަހަރުމެންގެ އަގު ވެއްޓިއްޖެ. އެންމެން ކުރިމަތީގަ ޖެހީ… ދޭ ލާފް އެޓް އަސް ނައު.” ފަހު ޖުމްލަ ޙާނިމް ބުނީ ދަތް ކުނޑި ވިކައިގެންފައެވެ. “ނައު ޔޫ އާ ގޮނަ ޕޭ ފޯ އިޓް. ދެން އެމީހުން ހޭނީ ކަލެއާ ދިމާލަށް. ޔޫ، ރިހާ ނަސީރު، ޔޫ!” މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް ފަހަތުގަ ހުރި ޙުޝާމެވެ. އޭރު އޭނަ ހުރީ ކެމެރާ އެއް ސެޓް ކުރާށެވެ. “އެނގޭތަ ކީއްވެ ކަން؟ މި ކެމެރާ ފެނޭދޯ؟ ވީ އާ ގޮއިން ޓު ރެކޯޑް ޔޫ ވިތް ދިސް” ކެމެރާއަށް އިޝާރާތް ކުރަމުން ޙުޝާމް ބުނެލިއެވެ. ޙުޝާމްގެ ވާހަކަ ކޮޅު ނިންމާލަދެމުން މާހިދު އިތުރިކޮށްލިއެވެ. “އެވެސް އަހަރުންނާއެކު… އޯލް ތްރީ އޮފް އަސް” ފަހަތަށް އައްސާފަ އޮތް ދެއަށް މޮހާލެވޭތޯ މަސައްކަތް ކުރަމުން ދިޔަ ރިހާގެ ގެ ދެލޯ ބޮޑުވެގެން ދިޔައީ މާހިދު އެ ބުނި އެއްޗެއްގެ މާނަ ވިސްނުމުންނެވެ. ރިހާއަށް ވެގެންދިޔަ ގޮތް ފެނި އެ ތިންމީހުންގެ ގާތަށް އައީ ނުލަފާ ޒާތެއްގެ ހިންޏެކެވެ. “މި ވީޑިއޯ ލީކް ވީމަ އެނގިދާނުން ކާކު ކާކަށް ކަން މަލާމަތް ކުރަނީ.”

              ރިހާ އިނީ ހަދާނެގޮތް ހުސްވެފައެވެ. ކުރިމަތީގައި ތިބި ތިން ފިރިހެނުންގެ ކިބައިން ސަލާމަތް ވާން ކިތަންމެހާވެސް ބޭނުންވެފައެވެ. އަންހެން ކުއްޖަކަށް ވުމުން އަބުރާއި ޢިއްޒަތް ރައްކާކުރަން ބޭނުންވެއެވެ. ޢާއިލާ އާއި މައިންބަފައިން އަދި މީހުންގެ ކުރިމަތީގަވެސް އަބުރާއި ނުލާ އެއްވެސް އަގެއް ހުރި މީހަކަށް ރިހާ ނުވާނެކަމަށް ރިހާ ޤަބޫލް ކުރާއިރު އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ގެއްލިދާނެތީއެވެ. ރިހާ ރާއްޖޭން ބޭރަށް ގޮސް އުޅުމުގެ ތެރޭ އެއްފަހަރަކު ވަނީ ސެލްފްޑިފެންސް ލެސަންތަކެއް ނަގާފައެވެ. ނަމަވެސް އޭގެ ބޭނުން ރިހާއަށް ހިފެން އޮތީ އަތް މޮހާލެވިގެނެވެ. އެހެންކަމުން އަތް މޮހާލެވޭތޯ އަދިވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ރިހާ ކުރަމުންދިޔަ މަސައްކަތް ކާމިޔަބުވިއިރު ނަސީބުވެސް އަތުގަ ހިފާފަވާކަހަލައެވެ. އަވަހަށް އަނގަމަތީގައި އަޅާފަ އިން ޓޭޕްގަނޑުވެސް ނައްޓާލިއެވެ. އޭރު އެ ތިންމީހުންވެސް ތިބީ ރިހާއަށް ފުރަގަސްދީގެންކަމުން، ރިހާ ވިސްނީ އެމީހުންގެ ސަމާލުކަން އަނބުރާ ރިހާއަށް ހުއްޓުމުގެ ކުރިން ފައިވެސް މޮހާލާ އަވަހަށް އެތަނުން ނުކުތުމަށެވެ. ރިހާ އެއްވެސް އަޑެއްނީއްވަ ވޭތޯ ބަލަމުން މަޑުމަޑުން އިނދެ ފަހަތަށް ޖެހެންފެށިއެވެ. ރިހާއަށް އިނދެވުނީ ފަޅުގެއްގަކަންވެސް އެނގެންފެށީ އަނދިރިއަށް ލޯ ހޭނިލުމުން އަދި ކިރިޔާއެވެ. އެގޮތަށް ތަންކޮޅަކަށް ގޮސް ރިހާ ތެދުވެ އެތަނުންނުކުތުމަށް ތައްޔާރުވެލި ވަގުތު ފަހަތުން ރިހާގެ އިސްތަށިގަނޑުގަ ހިފާ ކުއްލިއެއް ޖަހާލުމާއެކު ރިހާ ގޮސް ތަތްވީ ޙާނިމްގެ ގައިގައެވެ. އެވަގުތު ބޮލަށް ވީތަދުން ރިހާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އޮފީސް ކައިރިން މިހާދު ރިހާގެ ބޮލުގަ ޖެހިއިރު ރިހާގެ ބޯ ފަޅައިގެން ނުދިޔަކަން އެއީ ރިހާގެ ނަސީބު ނަމަވެސް އެތަނުގަ ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. “ހާދަ އަވަކަށް ތި ދަނީ!” ރިހާ ބިންމައްޗަށް ގުޅައަކަށް ޖަހަމުން ޙާނިމް ބުނެލީ މަލާމާތެއްގޮތަށެވެ. ބިންމަތީގައި ޖެހުނުއިރު ރިހާގެ ނިއްކުރި ކައިރީގައި ހުރި ގާފުންޏެއްގަ ޖެހިފަ ކުޑަކޮށް ޒަޙަމްވިއެވެ. ރިހާ އަނެއްކާވެސް ތެދުވިއެވެ. ނަމަވެސް ތިން މީހުންވެގެން ރިހާ ވަށާލާފައި ވުމުން މިފަހަރު ފިލަން ދުވެވޭކަށްވެސް ނެތެވެ.

              ރިހާ ހުރީ ކިތަންމެ ވިސްނައިން ނަމަވެސް މިހާދު ރިހާގެ މުލައްދަނޑީގައި ހިފާ އޭނާގެ އަތުތެރޭ ރިހާ ހައްޔަރުކޮށްލީ ރިހާއަށް ގަދަދައްކާނެ ފުރުސަތެއްވެސް ނުދީއެވެ. ރިހާ ލައިގެން ހުރި ގަދަ ނޫ ކުލައިގެ ބްލޭޒަރ ވަރަށް ފަސޭހަ ކަމާއެކު ރިހާގެ ހަށިގަނޑާ ވަކިކޮށްލަމުން މިހާދު ރިހާ އިތުރަށް އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ. އަދި ހަމަ ކުއްލިއަކަށް ހުރެފަ ހުޝާމް އާއި ދިމާލަށް ރިހާ ކޮށްޕާލިއެވެ. އެގޮތަށް ރިހާއަށް އެކިކަހަލަ ކުދި ގޯނާކުރަމުން އެކަކުގެ އަތުން އަނެއްމީހަގެ އަތުތެރެއަށް ރިހާ ފޮނުވަމުން އެމީހުން ދިޔައިރު ހީވަނީ ކުޅޭ ކުޅޭ އެއްޗެއް ގެންގުޅޭހެންނެވެ. އޭރުވެސް ރިހާ ދިޔައީ ރިހާއަށް ވީވަރަކުން އެމީހުންގެ ކިބައިން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުންނެވެ. ތިން މީހުންގެ މެދުގައި ހައްޔަރުވެފަ ހުރި ރިހާ އެތަނުން އެކަކު ފޮޅުވާލުމަށްފަހު ހުޝިޔާރުކަމާއެކު ދެފައިކުރިއަށް ބާރުލައިފައި ދުއްވައިގަތީ އެއިން މީހަކަށް ވިސްނާލާނެ ފުރުޞަތެއްނުދީއެވެ. ދެފަޔަށް ބާރުލައިފާ ދުވަމުން ދިޔަ ރިހާއަށް އެއީ ފަޅު ހިސާބެއްކަން އެނގުނީ އެ ފަޅުގެ ތެރެއިން ނުކުމެ ވަށައިގެންވީ ތަންތަނަށް ނަޒަރު ހިންގާލުމުންނެވެ. ވަށައިގެންވީ އަނދިރިކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެންމެ ކައިރިން ނުކުމެވެން އޮތް މަގާއި ދިމާއަށް ރިހާ ދުއްވައިގަތީ މާގިނައިރު އެތާ އެގޮތުގަ ހުންނަން ވެއްޖެޔާ އަނެއްކާވެސް ސަލާމަތުގެ އައްސޭރިއަކަށް ފޯރުމުގެ ބަދަލުގަ މިހާދުމެންގެ އަތްދަށުވެދާނެތީއެވެ. ދުވަމުންގޮސް ރިހާ ޖެހިގެން އޮތް މަގަށް އެޅުމާއެކު ކޮންމެވެސް ވެހިކަލެއްގެ ލައިޓް ރިހާގެ ގަޔަށް އެޅުނެވެ. އެހީއަކަށް އެދި ގޮވާލަން ރިހާ އަނގަ ހުޅުވާލުމާއެކު ފަހަތުން ޙާނިމް އައިސް ރިހާގެ އަނގަމަތީ އަތް އަޅަމުން އަނެއްކަ ރިހާ އެގޯޅިގަނޑުތެރެއަށް ވެއްދީ ދަމަމުންނެވެ. ވަކިހިސާބަކުން މިހާދާއި ޙުޝާމްވެސް އައިސް ރިހާ އަލުން އެ ގެ ތެރެއަށް ވެއްދުމަށް އެހީތެރިވިއެވެ. ތިން މީހުންވެގެން ރިހާ އަނެއްކަވެސް ގެންގޮސް ވެއްދީ ކުރިންވެސް ރިހާ އެގޭގައި ހުރި ތަނަށެވެ. މިފަހަރު ރިހާ ބިންމައްޗަށް ހޫރާލީ ކުރީ ފަހަރަށް ވުރެވެސް ބާރަށެވެ. މިފަހަރު ޖެހުނު ގޮތުން ރިހާގެ ގަމީހު އަތުން ތަންގަނޑެއް ވީދައިން ދިއުމުގެ އިތުރުން އަތުން ބައެއްގެ ހަންމަށައިންދިޔައެވެ.

              ކާރުގެ ހެޑްލައިޓްގެ އަލި އެޅުނުވަގުތު ޖެހިގެން އިން ގޯޅިގަނޑުގެ ތެރެއިން ނުކުތް އަންހެންކުއްޖާއަކީ ރިހާ ކަން ޒީޝާނަށް ޔަޤީނާއި ގާތަށް ހީވިއެވެ. ދާދި ކައިރިން ދުއްވަމުންދިޔަ ފުލުހުންގެ ވެހިކަލްގަ ތިބި މީހުން ގާތު އެއީ ރިހާކަމަށް ބުނަމުން ޒީޝާން އެ ގޯޅިގަނޑަށް ކާރުވައްދާ ދުއްވަމުން ދިޔައީ ރިހާ ފެނޭތޯ ބަލަމުންނެވެ. އެހެން ދަނިކޮށް މަގުގެ އެއްފަރާތުގަ އޮތް ކަޅުކުލައިގެ ކާރު ޒީޝާންގެ ލޮލުގަ އަޅައިގަތެވެ. ކާރު އެހިސާބަށް މަޑުކޮށްލަމުން ޒީޝާން އަވަސް އަވަހަށް ކާރުން ފައިބާ އެ ކަޅުކާރު އޮތް ގެއާއި ދިމާއަށް ދުއްވައިގަތެވެ. އެގޭ ތެރެއަށް ވަންނަމުން ޒީޝާން ވަރަށް ބާރަށް ރިހާއަށް ރިހާގެ ނަމުން ދެތިން ފަހަރު ގޮވާލިއެވެ. އެވަގުތު މިހާދުގެ އަތު ތެރޭގައި ހައްޔަރުވެފަ ހުރި ރިހާ ވަގުތުގެ ބޭނުން ހިފާ “ޒީޝާން” އޭ ކިޔާ ވަރަށް ބާރަށް ގޮވާލީ އެއީ ޒީޝާންގެ އަޑުކަން އެނގިގެންނެވެ. އެއާއެކު ރިހާގެ އަނގަމަތީ އަތް އަޅާ ބާރުކޮށްލަމުން މިހާދު އެއްފަހަރު ރިހާއަށް އަދި އަނެއްފަހަރު އަޑުއައި ދިމާއަށް ބަލާލަމުން ޙާނިމްއާއި ޙުޝާމަށް ބަލާލިއެވެ. މިހާދަށް ނޭނގުނީ ރިހާގެ އަނގަމަތީގައި އަތްއެޅިވަގުތު އަތް އެޅުނީ ރިހާގެ ނޭފަތާވެސް އެކުކަމެވެ. ޒީޝާންއަށް ރިހާގެ އަޑު އިވުމާއެކު އާ ހިތްވަރެއް ލިބި އަޑުއައި ދިމާ ފާހަގަ ކުރަމުން އެދިމާލަށް ދިއުމަށް އަވަސްވެގަތެވެ.

                     ޒީޝާނަށް ރިހާ ހުރި ހިސާބަށް ދެވުނު އިރު ރިހާ ދިޔައީ ނޭވާނުލެވިގެން ރިހާގެ އަނގަމަތީގައި އަޅާފަ އޮތް މިހާދުގެ އަތްނެއްޓޭތޯ މަސައްކަތްކުރަމުންނެވެ. “ރިހާ” ޒީޝާނަށް ނޭވާނުލެވިގެން ތެލިފޮޅެމުންދިޔަ ރިހާ ފެނުމުން ބުނެވުނެވެ. ޒީޝާން ފެނުމާއެކު ލިބުނު ކުއްލި ސިހުމާއެކު މިހާދަށް ބޭއިޚްތިޔާރުގައި ތިހާގެ އަނގަމަތިން އަތް ނެނގުމާއިއެކު ރިހާގެ ގައިންވެސް ދޫކޮށްލެވުނެވެ. ހަމައެއާއިއެކު މިހާދުމެން ފިލަން ދުއްވައިގަތެވެ. ނަމަވެސް އެކަން ނާކަމިޔާބުވީ ޒީޝާންގެ ފަހަތުންއައި ފުލުހުންއައިސް އެމީހުން ވަށާލުމުންނެވެ. މިހާދުގެ އަތުން ސަލާމަތްވުމާއެކު ހަމަނޭވާލެވޭތޯ މަސައްކަތް ކުރަމުން ދިޔަ ރިހާއަށް އަނެއްކަވެސް ޒީޝާން ގޮވާލީ ރިހާއާއި ދިމާއަށް އަންނަމުންނެވެ. އެއަޑަށް އިސްއުފުލާބަލާލަމުން ކުޑަކުއްޖެއްފަދައިން ގޮސް ރިހާ ޒީޝާން ގައިގައި ބައްދާލަމުން ގިސްލާ ރޯންފެށީ ކޮށްފައި ހުރި އަސަރެއްގެ ބޮޑުކަމުންނެވެ. ޒީޝާންވެސް ރިހާ ގައިގައި ބައްދާލީ ރިހާ އެވަގުތު ބޭނުންވެފަ ހުރި ހިމާޔަތާއި ރައްކާތެރިކަން ޒީޝާންގެ ފުށުން ލިބޭނެކަން ހާމަކޮށްދިނުމަށެވެ. ރިހާ މާގިނައިރު އެގޮތުގަ ހުންނަން ނުހަދަ ޒީޝާނާއި ދުރުވެލަމުން “ތެންކިޔު” އޭ ބުނެލީ ލޮލުގަ އޭރުވެސް ގިނަވެގެންފަ ހުރި ކަރުނަތައް އަތުން ފުހެލަމުންނެވެ. ރިހާގެ ޒަޙަމް ވެފައިވާ ނިއްކުރިއާއި ވީދިފައިވާ ގަމީސް އަދި މެށިފައިވާ އަތް ޒީޝާނަށް ފެނުނީ އެވަގުތުއެވެ. ބިންމަތީގައި ތަންކޮޅެއްދުރުގަ އޮތް ރިހާގެ ބްލޭޒަރ ފެނުމުން ޒީޝާން އެ ނަގާގެނެސް ފަހަތުން ރިހާގެ ކޮނޑުމަތީ އަޅާލަދިނެވެ.

              ފުލުހުންނަށް ބަޔާން ދީ ހޮސްޕިޓަލުން ރިހާގެ ޒަޙަމްގަ ބޭސް އަޅައިން ޒީޝާންގެ ކާރުގަ ދެމީހުން ގެއަށް އައި މަގުމަތީގަ އެއްވެސް ވާހަކައެއް އެދެމެދުގަ ނުދެކެވެއެވެ. ކާރު ދުއްވަން އިނދެފަ ޒީޝާން ރިހާއަށް ބަލާލާ ކޮންމެފަހަރަކުހެން ފެންނަނީ ރިހާގެ ލޮލުން ކަރުނަ ފުހެލާތަނެވެ. ނޫނީ އިވެނީ މަޑުމުން ނޭފަތް އެތެރެއަށް ދަމާލާއަޑެވެ. ގޭގެ ގޭޓުން އެތެރެއަށް ވަދެވުމާއި އެކު ޒީޝާން ކާރު މަޑުކޮށްލިއެވެ. އެއާއި އެކު ރިހާ ކާރުން ފައިބައިން ބޭރު ސިޑިން ރިހާގެ އެޕާޓްމަންޓަށް ދިއުމަށް މިޞްރާބުޖެހިނަމަވެސް ޒީޝާން ރިހާގެ އަތުގައި ހިފާ މަޑުކުރުވިއެވެ. “ރިހާ ބައްޕަ ހުރީ ވަރަށް ކަންބޮޑުވެފަ. އެޓްލީސްޓް މީޓް ހިމް.” ޒީޝާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ޒީޝާން ނަސީރަށް ގުޅީ ރިހާގެ ޒަޙަމްގަ ބޭސް އެޅުމަށް ހޮސްޕިޓަލަށް ގޮސް ހުރެފައެވެ. އޭގެ ކުރިން ހާސްވެފަ ހުރިވަރުން ޒީޝާން ރިހާގެ ޢާއިލާއަށް ވެގެން އުޅޭގޮތް އަންގާލާކަށް ހަނދާނެއްނެތެވެ. އެ ޚަބަރު ލިބުމުން ނަސީރު ވަގުތުން ރިހާ ގާތަށް ދާން ބޭނުންވިނަމަވެސް، ކުޑަ އިރުކޮޅެއްތެރޭ ރިހާ ގޮވައިން ޒީޝާން ގެއަށް އަންނަ ވާހަކަ ބުނެ ނަސީރު ނައިސް މަޑުކުރުމަށް ޒީޝާން އެދުމުން ނަސީރު ހުރީއެވެ.

              ޒީޝާން ގުޅީއްސުރެ ސިޓިން ރޫމްގަ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނަސީރު ހުރީ ލޯބިވާ ދަރިފުޅާއި މެދު ކަންބޮޑުވެ ފިކުރުބޮޑުވެފައެވެ. ޒީޝާންގެ އެދުމަށް ދެކޮޅުހަދާ ވަގުތުން ރިހާ ގާތަށް ދެވުނުނަމައޭވެސް އެވަގުތު ނަސީރު ހިތަށް އަރަމުން ދިޔައެވެ. މިވީ ވަގުތު ކޮޅުތެރޭގައި ގަޑި ބެލުނު ވަރާއި ގޭޓް ދޮށަށް ނުކުމެ ރިހާ އައިއްސިތޯ ބެލުނުވަރެއްގެ އަދަދެއްވެސް ނޭނގެއެވެ. ނަސީމާ ހުރީ ނަސީރު އުޅޭގޮތުން ކަންބޮޑުވެފައެވެ. ހަމައެއާއެކު ރިހާއާއި މެދު ފިކުރު ބޮޑުވެފައެވެ. ޒުބޭރުގެ ދެމަފިރިންވެސް ނަސީރުގާތު އިހަށް ހަމަޖެހިލައިން އިށީނުމަށް އެތައް ފަހަރަކު ބުނެފިއެވެ. ނަމަވެސް ނަސީރަށް އެއީވެސް މިވަގުތު ކުރެވޭނެ ކަމަކަށް ނުވިއެވެ. ސިޓިން ރޫމްގެ ދޮރާއި ދިމާއިން ފިޔަވަޅުގެ އަޑުއިވުމުން ނަސީރާއި ދެން ތިބި އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓާލިއެވެ.

===(ނުނިމޭ)===

11

4 Comments

  1. މަންޖެ

    March 5, 2014 at 5:46 pm

    ވ ވ ވ ވ ވ ރީތި މި ވާހަކަ……

  2. rihaa

    March 5, 2014 at 8:53 pm

    Waiting 4 next part avas avaskoh genesdheebala RAINA manjey

  3. lax

    March 24, 2014 at 11:04 am

    kobaatha mi vaahakaige aneh bai… haadha lahey up vaaleh… pleax avaha genes dhechey v v reethi mivaaaka..

  4. musaafiru

    March 29, 2014 at 12:45 am

    Haadha lahey up kuraaleh so sad

Comments are closed.