“އަޒްހީން މަށާއެކު މަޑުކޮށްފަ ދެންތިބި ދެމީހުން ދޭ ވިޝާކާ ގޮވައިގެން.” މޯޑް ކުރިއަށް ޖެހިލަމުން ބުންޏެވެ. އަދި ދިޔަގޮތަށްގޮސް އަވްލީންގެ އަތުގައި ހިފާ ނެގިއެވެ. އެވަގުތު އަވްލީންގެ ފަޔަށް ވީ ތަދަކުން އަނެއްކާވެސް ރޮއިގަނެވުނެވެ. ވިޝާކާ މޯޑްގެ އަތުގައި ހިފާ ހުއްޓުވަން އުޅުނުވަގުތު ޔުނާލްއާއި އިބޫއާ ދެމީހުންގޮސް ވިޝާކާގެ ދެއަތުގައި ހިފެހެއްޓިއެވެ. ވިޝާކާ ގަދަ ހަދަމުންދިޔަނަމަވެސް އެ ދެމީހުން ވިޝާކާ ދަމާކޫއްތާފައި ގެންގޮސް އެތަނުން ބޮޑު ގަހެއްގެ ނިވަލަށް ވެއްދިއެވެ.
……………………………………………………
މޯޑް އަވްލީން ނަގާ އޭނާގެ ކޮނޑުމައްޗަށް ލައިގެން ހިނގައިގަތީ އަނެއް ފަރާތުން އަތިރިމައްޗަށް ފައިބާށެވެ. އަޒްހީންވެސް މޯޑްގެ ފަހަތުން ހުރެ ދިޔައެވެ. ގަސްތަކުގެ އަތިރިއަށް ނެއްޓި އެ ސާފު ދޮންވެލިގަނޑުގެ މަތީގައި އަވްލީން ބެހެއްޓުމާއިއެކު އަވްލީން އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް ފަޔަށް ތަދުވާތީ ފައި ނޭޅުނީމަ އެ ހިޔާލު ދޮކޮށްލާފައި ހުރިތަނަށް ތިރިވެވުނީ ހަދާނެ އިތުރުގޮތެއް ނުވިސްނުނީމައެވެ.
“އޭ ބްރޯ މަ އަންނާނަން ބްރޯ ނިމެންވާއިރަށް އެހެރަ ގަސްގަނޑު ކައިރިއަށް ޖެހިލާފަ އިނގޭ.. ” އަޒްހީން ހީސްލަވައިގަނެގެން އެއްކައިރިއަކަށް ޖެހިލުމުން އަވްލީން ބެލީ ކޮންމެވެސް ގޮތަކުން މޯޑް ކައިރިން ސަލާމަތްވެގެންދާށެވެ. ދެމީހުނަށްވުރެ އެކެއް ކައިރިން ސަލާމަތްވާން ފަސޭހަވާނެކަމަށް އަވްލީން ވިސްނިއެވެ. ނަމަވެސް ފަޔަށް ތަދުވެފައި އިނުމުން ދުވެފައިދިއުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ.
އަވްލީން ވިސްނަންއިނދެލާފައި މޯޑް ކައިރިއަށް ޖެހިލުމުން އަތުގެ ފުރާ ވެލިނަގާ މޯޑްގެ މޫނަށް އުކާލިއެވެ. އަދި މޯޑްގެ ލޮލަށް ވެލިއެޅިގެން އުޅުނު ވަގުތު އެއްފައިން ކޮރާފައި ކަހަލަ ގޮތަކަށް ކުރިއަށް ދެވޭތޯ ބެލިއެވެ. މޯޑްގެ ލޮލަށް ވެލިއެޅުމުން އަވްލީންއާއި އަޅާނުލާ މޯޑް ބެލީ ފުރަތަމަ މޫދު ދޮށަށްގޮސް ލޯ ދޮވެވޭތޯއެވެ. އަވްލީންގެ ފަޔަށް ތަދުވެފައިވުމާއެކު އެ ހިސާބުން ދާން އުނދަގޫވާނެކަން އިނގޭތީ މޯޑް ހުރީ ވަރަށް ހަމަޖެހިލާފައެވެ.
މަޑުމަޑުން ކުރިއަށް ދެވުނު ނަމަވެސް އަވްލީން ހިތްވަރުކޮށްފައިގޮސް މޫދާ ދިމާލަށް އޮތް ގަސްގަނޑުގެ އަނެއް ފަރާތަށް ނެއްޓުނު ގަޑީ ހީނގަނެވުނީ ރޯލުފުޅި ހިފައިގެން އެދިމާލަށް ދިޔަ މަހުދީއާއި ލަޔާން ފެނުމުންނެވެ. އެ ދެމީހުނަށްވެސް އަވްލީން ފެނިގެން ބަލައިލިއިރު ގަސްގަނޑުގެ އަނެއް ފަރާތުން މޯޑް ނިކުތީއެވެ. އަވްލީން ކޮރު ޖަހާފައި ދިއުމުންނާއި ފަހަތުން މޯޑް ފެނުމުން ކަމެއް ގޯސްވެއްޖެކަން އެ ދެމީހުން ދެނެގަތެވެ. ދެމީހުން ދުއްވައިގަތްތަން ފެނުމުން މޯޑް އައި ކޮޅަށް އެނބުރި ދުއްވައިގަތީ އަޒްހީންވެސް ނެތުމުން އެ ދެމީހުންނާ ކުރިމަތިލާނެހާވަރު އޭނަގައިގަ ނުހުންނާނެކަން އިނގޭތީއެވެ.
ދުވެފައި ދިޔަ ދެމީހުން އަވްލީން އާއި އަރާހަމަވާއިރަށް އަވްލީން ރޮމުން ވިޝާއޭ ކިޔާ ވިނަގަނޑާއި ދިމާލަށް އިނގިލި ދިއްކޮށްލުމުން ދެމީހުނަށްވެސް ދުއްވައިގަނެވުނީ އަވްލީން އިނގިލި ދިއްކޮށްލި ދިމާލަށެވެ. ދުވެފައިގޮސް ގަސްތަކުގެ ތެރެއަށް ވަދެވޭއިރަށް ވިޝާކާގެ ހަޅޭކުގެ އަޑު އިވުމުން ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތް މަހުދީގެ ހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ.
މީހަކު ވަރަށް ބާރަށް އޭތް އޭ ކިޔާފައި ހަޅޭލަވައިގަތުމުން ވިޝާކާގެ މޫނާއި ދިމާލަށް ގުދުވެގެން އޮތް އިބޫ ސިއްސައިގެންގޮސްފައި ފަހަތް ބަލައިލިއިރު ވިޝާކާގެ ދެ އަތުގައި ހިފަހައްޓައިގެން އިން ޔުނާލް ދުމެއް ޖެހިގެން ދުއްވައިގަތީ މަހުދީ އާއި ލަޔާން ފެނިގެންނެވެ. ލަޔާން ޔުނާލް ގައި ފަހަތުން ދުއްވައިގަތްއިރު މަހުދީގޮސް އިބޫގެ އަތުހިފާ ނަގާ ވިއްސާލީ ލުއި ފަތެއްހެންނެވެ.
ކޮރުޖަހަމުން އަވްލީންއަށް އެ ހިސާބަށް ދެވުނުއިރު މަހުދީ އާއި ލަޔާން އިބޫ އާއި ޔުނާލްގައި ތަޅަމުންދިޔައީ ވަކި ގޮތެއް ބަލާފައެއްނޫނެވެ. އަވްލީންގޮސް ވިޝާކާ ކައިރިއަށް ހުއްޓުނުއިރު ވިޝާކާ ގިސްލާ ރޮމުންދިޔައެވެ. އަވްލީން ވިޝާކާ ކައިރިއަށް ތިރިވެ އޭނަގެ ގައިގައި ބައްދާލާއިރަށް ވިޝާކާގެ ރޮއުންވީ ގަދައެވެ. އެކަހަލަ ވަގުތެއްގައި މީހެއްގެ ހަމްދަރުދީ ލިބުމުން ކޮންމެ މީހަކަށްވެސް ވާނީ އެކަހަލަ ގޮތެކެވެ.
ލަޔާން އާއި މަހުދީ އަވްލީން އާއި ވިޝާކާ ގޮވައިގެން އެތަނުން ދިޔައީ އެ މައްސަލަ ޖައްސާ އެމީހުނަށް ހައްޤު އަދަބު ދޭނެކަމުގައި ބުނަމުންނެވެ. ވިޝާކާއަށް މާބޮޑު އަނިޔާއެއްވެފައި ނެތުމުން ލަޔާން އޭނަ އަތުގައި ހިފަހައްޓައިގެން ދިޔައިރު މަހުދީ އަވްލީންނަގާ އަތްދަނޑިމައްޗަށް ލައިގެން ދިޔައީ އަވްލީންގެ ފަޔަށް ތަދުވާތީ ނުހިނގިގެން އުޅޭތީއެވެ. “ލަޔާ ދޮންބޭ… ދޮންބެ ކައިރީގަ ބުނެބަ އެއްވެސް މީހެއް ކައިރީގަ މި ވާހަކަ ނުދައްކައްޗޭ.. މައްސަލަވެސް ނުޖައްސަން. މި ވާހަކަ ދައްކައިފިއްޔާ ދަތުރު ފަނިވާނެ. އަނެއްކާ މީހުން އަހަންނާ ދޭތެރޭ ދެކޭނީވެސް އެހެންގޮތަކަށް. އެމީހުންގެ މަގުސަދު ހާސިލްނުވިކަމުގަވިޔަސް މިކަން އެހެން މީހުނަށް އިނގިއްޖެއްޔާ ކިޔާނި ފޮނިތޮށި ކާފޫރުތޮޅި އިތުރުކޮށްގެން..” މަހުދީމެނަށްވުރެ ތަންކޮޅެއް ކުރީގައި ތިބެ ހިނގަމުންދިޔަ ދެމީހުން ވާހަކަދައްކަމުންދިޔައެވެ.
“އަވީ ބުނެބަލަ. އެ މޯޑް އަވީއަށް ކިހިނެއްހެދީ؟ ކީއްވެ ފަޔަށް ތަދުވީ؟” މަހުދީ އަވްލީންއަށް ބަލާލަމުން އެހިއެވެ. “އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭ.. އެމީހުނަށް އަތުނުވަންވެގެން ދުވެފައި ދަނިކޮށް މޫ ގަނޑެއްގައި އަޅައިގަނެފައި ވެއްޓިގެން ފަޔަށް ތަދުވީ.. ފަހުން އަހަރެން ގޮވައިގެން މޯޑް އަތިރިމައްޗަށް ފޭބިތަނުން އަހަރެން ވެލިއުކީމަ އޭނަގެ ލޮލަށް ވެލިއެޅިގެން ދޮންނަންދިޔަ ގަޑީގަ އަހަރެން ދަނިކޮށް މަހުދީމެން ފެނުނީ..” އަވްލީން ކުޑަގޮތަކަށް ކަންހިނގިގޮތް ކިޔާދިނެވެ.
މީހުންތިބި ހިސާބަށް ދިއުމުގެ ކުރިން ވިޝާކާ ހަމަޖެހިލާ މީހުން ކައިރީ ބުނާނެ އެއްޗެއް ހިތުގައި ރާވާލިއެވެ. އަވްލީން ގޮވައިގެންގޮސް ގޮނޑިއެއްގައި ބޭންދުމަށްފަހު ފަސްޓްއެއިޑް ބޮކްސް ހިފައިގެންގޮސް މަހުދީ އަވްލީންގެ ފައިގައި ބޭސް އުނގުޅައިދޭން އުޅުމުން އަވްލީން އަމިއްލައަށް އުނގުޅާނެކަމުގައިބުނެ ބޭސްފުޅި އަތުލަން އުޅުނެވެ. ނަމަވެސް މަހުދީ ބޭނުންވީ އޭނަ އަވްލީންގެ ފައިގައި ބޭސް އުނގުޅާށެވެ. އަވްލީންގެ ޖިންސްގެ ފައިކުރި ކުރިންވެސް އޮޅާލާފައި ހުރުމުން މަހުދީއަށް ބޭސް އުނގުޅަން ފަސޭހަވިއެވެ. ވިޝާކާ ކައިރީ ބުނެގެން ފެންގޮސްގެން އަވްލީންގެ ފައި ދޮއްވުމަށްފަހު ތުވާލިކޮޅަކުން ހިއްކާލާފައި ބޭސް އުނގުޅާލަދިންއިރު އަވްލީން އިނީ ކަޅިޖަހާނުލާ މަހުދީގެ މޫނަށްބަލާށެވެ.
“ހާދަ ވަރަކަށް ތި ބަލަނީ.. ތިހެން ބަލަންޏާ ގޯހެއް ހެދިދާނެ އިނގޭ..” އެތާ ކައިރީގައި ތބި ވިޝާކާ އާއި ލަޔާން އެތަނުން ދިއުމުން މަހުދީ އަވްލީންއަށް ބަލާލާފައި އެއްލޯ މަރާލަމުން ބުނެލިއެވެ. މަހުދީ އެހެން ބުނުމާއެކު އަވްލީން އިސްދަށަށްޖަހާލިއިރު މޫނަށް މަޑު ފިޔާތޮށި ކުލައެއްވެރިވެއްޖެއެވެ. “އަވީ ލަދުގަތީމަ ވަރަށް ކިއުޓް.. ހެހެ” މަހުދީ އަވްލީންގެ ކޮލުގައި ހިފާލަމުން ހީލިއެވެ. “އެކަމަކު ދެން ކިހިނެއް ހަދާނީ.. އަވީއަށް ދެން މި ދަތުރުގަ އެއްވެސް ކުޅިވަރެއްގަވެސް ބައިވެރިނުވެވޭނެ ދޯ..” މަހުދީ ދެރަވެލާފައި ބުނުމުން އަވްލީން ހީލިއެވެ. “އޯކޭވާނެ.. އެހެން ނޫނަސް ކުޅިވަރު ކުޅޭހިތެއްވެސް ނެތް. ވޮލީއާ ތިންމުގޯލި ކަހަލަ ކުޅިވަރުތަކަކީ އަހަންނަށް މާބޮޑަކަށް ކުޅެން އިނގޭ އެއްޗެއްސެއްވެސް ނޫން.. މައްސަލައަކީ މޫދަށް ނޭރެވޭނެތީ.. ވަރަށް މޫދަށްއެރޭހިތުން ހުރީ…” އަވްލީން މޫދާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ
ވިޝިކާ އާއި ވިޝާކާ އުޅޭނޫޅޭގޮތް ބަލަމުން އަވްލީންއަށް ބަލަމުން ލަޔާން އާއި މަހުދީ އުޅުނީ ދެ ބޮޑީ ގާޑް ފަދައިންނެވެ. ދޯނި މަތީގައި ވިޝިކާދެކެ ހިތްހަމަނުޖެހިފައި އިނުމުން އަދި ވިޝާކާ އޭނާއާއި ދޭތެރޭ ކަންތައްކުރިގޮތް ވިޝިކާ ކައިރީ ބުނެފައި އޮވެދާނެތީ އަޒްހީން އުޅުނީ ވިޝިކާއާއި ވީހާވެސް ދުރުންނެވެ. މެންދުރަށް ކައްކާ ނިމިގެން އެންމެނަށް ކާންދާން ގޮވިއިރު ގިނަ ކުދިން އުޅެނީ ފައިގަތަޅާ ކުޅޭށެވެ. ވިޝާކާވެސް ކުޅެން ހުރެފައިގޮސް އޭނަގެ ދޮންބެމެންނަށް ކާން އަޅައިގެން ގެންގޮސްދީފައި އަވްލީން އާއި އޭނައަށް އަޅައިގެން ދިޔައީ އަވްލީން ކައިރިއަށެވެ. ދެމީހުން ކާން ފެށިތަނުން ނަވާޒް ގޮސް ވިޝާކާ ކައިރީ އިށީނުމުން ވިޝާކާ ނަވާޒް ކައިރީ ކައިފިންތޯ އެހިއެވެ. އަދި އޭނަ ކާން އިން ތަށި ބައިންދާފައި ގޮސް ނަވާޒްއަށް އަޅައިގެންދިޔައެވެ.
މެންދުރުގެ ކެއުމަށްފަހު ރެސްޓު ކޮށްލައިގެން ގިނަ ކުދިން އަނެއްކާވެސް ކުޅިވަރުތަކަށް ރުޖޫއަވި އިރު އަނެއްބައި ކުދިން އުޅުނީ އެކުދިން ސިއްރުން ގެންދިޔަ ކުލަ ފުޅިތަކުން ކުލަ ޕެކެޓް ހަދާށެވެ. މަހުދީ އާއި ލަޔާންވެސް އެކުދިންނާއި ބައިވެރިވެގެން ކުދިންގައި ކުލަ އުނގުޅިއެވެ. ” އޭ ބްރޯ ކޮބާ އެއްކަލަ ޒީނަތު އެމަންޖެ ނާންނަނީތަ؟” ކުއްލިއަކަށް ކަމެއް ހަނދާންވިކަހަލަ ގޮތަކަށް ލަޔާން ސުވާލުކޮށްލިއެވެ. ” އާން ނަސީބެއް އެވެސް. މަންމަ ބުނި ރަށުގަ އެ އުޅޭ ގަދަ ހުންގަނޑު ޖެހިގެން އެބައުޅެޔޯ.. އޭނަ އައިނަމަ އެއީ ބޮލުރިހުމެއް..” މަހުދީ ޖަވާބުދިންގޮތުންވެސް އޭނަ ޒީނަތުދެކެ ފޫހިވާވަރު ހާމަވިއެވެ.
ކުލަ އުނގުޅުމާއި އެކި އެކި ކުޅިވަރުތައް ކުޅުމުގައި އުޅުމަށްފަހު މޫދާ ދިމާލަށް ކުދިންތައް މިސްރާބު ޖެހުމުން މަހުދީ ބޭނުންވީ އަވްލީންވެސް ގޮވައިގެން މޫދަށްދާށެވެ. އެކި ހިސާބުގައި ގުރޫޕް ގުރޫޕަށް ކުދިން މޫދަށްއެރި މަޖާކުރަމުންދިޔައިރު މަހުދީވެސް އަވްލީން ގޮވައިގެން އެހެން ކުދިންނާ ތަންކޮޅެއް ދުރުގައި މޫދަށްއެރި ހުއްޓެވެ. އަވްލީންގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު މަހުދީގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އަވްލީންގެ މޫނަށެވެ. އެހެން ކުދިންތައް މަޖާކުރާތަން ބަލަން ހުރި އަވްލީންއަށް އެކަން އިހުސާސްވެގެން އަނެއް ފަރާތަށް އެނބުރުނީ މަހުދީގެ މޫނަށް ފެން ބުރުވާލަމުންނެވެ.
” އަވީ އަހަރެން އަވީ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް.. އަހަރެން.. އަހަރެން އަވީދެކެ ވަރަށް ލޯބިވޭ. ނޭނގެ ކޮންއިރަކުން ފެށިގެން ކަމެއް. އެކަމަކު އަބަދުވެސް އަހަރެންގެ ހިތުގައި އަވީއަށް ހާއްސަކަމެއްވޭ.. އަވީ ދެރަވެފައި ހުންނަތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ.. އަބަދުވެސް ހިތަށް އަރާ އަވީ އުފާކޮށްދެވޭނެ ނަމައޭ.. އަހަންނަށް އަވީ އުފާކޮށްދެވޭނެ ފުރުސަތެއް ދީފާނަންތަ؟ އަހަންނާއި ރައްޓެހިވާނަންތަ؟” މަހުދީ އާއި ފުރަގަސްދީގެން ހުރި އަވްލީން އެނބުރި މަހުދީއަށް ބަލާލިއިރު ލޯ ފުރިފައިވަނީ ތާޒާ ކަރުނައިންނެވެ. “އަހަރެންވެސް ބޭނުން.. އެކަމަކު ދައްތަ ގަބޫލެއްނުވާނެ. ދައްތައަށް އަހަންނާ މަހުދީގެ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ..” އަވްލީން ކަރުނަތައް އޮބަހައްޓަން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ.
“އަވީ މަންމަ އާއި ދޭތެރޭ ނުވިސްނާ.. އަހަރެން މަންމަ އެއްބަސްކުރުވާނަން. އެކަމަކު ދުވަސްކޮޅަކު ޖެހޭނީ މަންމައަށް ސިއްރުން އުޅެން. އަވީ ބުނެބަލަ. އަވީ އަހަރެންދެކެ ލޯބިވޭތަ” މަހުދީ އަވްލީންގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން އަހާލިއެވެ. އަވްލީން އިސްދަށަށްޖަހާލަމުން ބޯ ޖަހާލުމާއެކު މަހުދީ ޔެސް އޭ ބުނެލަމުން ފުންމައިގަތެވެ. “އައިމް ސޯ ސޯ ހެޕީ.. އިރާދަކުރެއްވިއްޔާ އަހަރެން އަވީ ގެންގުޅޭނީ ވަރަށް އުފަލުން. އަވީދެކެ އަހަރެން އަބަދުވެސް ލޯބިވާނަން” މަހުދީ އުފަލުން ފޮޅިފައި ހުރެ ބުނެލިއެވެ. ދަތުރު ނިންމާފައި ރަށަށްދިޔައިރު ދެހިތެއް ލާމެހިގެން ދިޔަކަން އިނގުނީ އެ ދެމީހުންގެ އިތުރުން ލަޔާންއަށެވެ.
“އުހުމް އުހުމް ވިޝާ ދެން އަވީއަށް ފަހަރިކިޔަންފަށާ އަވަހަށް” ރޭގަނޑު ކައިގެން އަވްލީން ގޮވައިގެން ހޮސްޕިޓަލަށްގޮސްތިބެފައި ލަޔާން ބުނި އެއްޗަކުން ވިޝާކާއަށް ދެ ލޯ ބޮޑުކޮށްލާފައި ޔޭ އޭ ބުނެލެވުނީ ފާޑަކަށް ހަޅޭލަވައިގަނެފައެވެ. “އޭތް އޭތް ޝޫސް” ލަޔާން ތުންފަތުފައި ޝަހާދަތް އިނގިލި ޖައްސާލަމުން އަޑުމަޑުކުރުމަށް އެންގީ އެ ހިސާބުގައި ތިބި މީހުންތައް އެ ދިމާލަށް ބަލައިލުމުންނެވެ. “އަހަންނަށް ކުރިންވެސް ހީވިއޭ.. ބަލާބަ މި އަވީ ވަގުކަން. އަހަންނަށްވެސް އަންގާނުލާ.. ދޮންބެ ކޮބާ؟ ދޮންބެ ޖެހޭނެ މިރޭ ކާންދޭން…” ވިޝާކާ އަވްލީންއާއި ދިމާކޮށްލުމަށްފަހު ދެން ބަލައިލީ ކައުންޓަރު ކައިރީގައި ހުރި މަހުދީއަށެވެ.
ކޮޓަރީތެރޭހުރި ހުރިހާ އެއްޗެއްސެއް ބުރުއްސަމުން މޯޑް ހަޅޭއްލަވަމުންދިޔައީ މޮޔައެއްފަދައިންނެވެ. ” މަގޭ މިޝަން ކޮންމެފަހަރަކު ފެއިލްކުރަން އެއީ ކޮންބައެއް؟ އެމީހުންނަކަށް ނޭނގޭނެ އެމީހުންނަށް އެ ބެހެވުނީ ކޮން ބަޔަކާކަމެއް؟ މިކަމުގެ އަދަބު އެމީހުންނަށް ލިބެންޖެހޭނެ. އަވްލީންއަކީ މަގޭ މީހެއް. އެންމެ ކުރިން އެ މަލުގެ ފޮނިބޯ މީހަކަށްވާނީ މަ.. އެކަމަކު އޭގެ ކުރިން އެބަޖެހޭ އެ މަހުދީއާ ލަޔާންއަށް ރަނގަޅު ފިލާވަޅެއްދޭން..” މޯޑް ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްމަހާލައިގެން ހުރެ ދެކޮޅަށް ހިނގަމުންދިޔައެވެ.
ހޮސްޕިޓަލުން ނިކުމެގެން ދަމުން ވިޝާކާ ކާންދޭންޖެހޭނެއޭ ކިޔާފައި މަހުދީއާއި ދިމާކޮށްލުމުން މަހުދީ އެހެން ރެއަކުން ދާނީއޭ ބުނީ އެރޭގަ ގެއިން ކައިގެން ތިބުމާއެކު އަވްލީންއަށް ހިނގާފައި ތަންތަނަށްދާން އުނދަގޫވާނެތީއެވެ. މަހުދީގެ ސައިކަލު ފަހަތުގައި އަވްލީން ގޮވައިގެން ދިޔައިރު ލަޔާން ދިޔައީ އޭނަގެ ރައްޓެއްސެއްގެ ސައިކަލުގައި ވިޝާކާ ގޮވައިގެންނެވެ. ހަތަރު މީހުން އެއްކޮށްގޮސް ގެއަށް ވަންނައިރަށް ސިޓިންރޫމްގައި އިން ސަބީނާ ބަލައިލީ ހިތްހަމަނުޖެހި އިނދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



So nice
Vaahaka v reethi… Dhen kn irakun next part genes dheynee
Alheyyy?? vv kiyaa hithun indhaa e nimuny..next part kon irakun tha…waiting
Haadha lahun thi up kohlee ekam ves vvv reethi
Wow…. nice ingey…
Investors
Story varah varah reethi ingey Iff… Next part avahah up kohladhehchey plxxxxx… Waiting…..
Kbrtha Iff? Keehve reply nukuranee?
Mi v v v Habeys story eh. Knme dhuvahaku up kuraanama ????
thankoleh avahah up kohba dhenves kiyaa hithun moyavanee mi