“އެވްރިވަން.. މީޓް މައި ބިލަވްޑް ސިސްޓަރ.. ވިޝާ..” ވިކާޝް އުފާވެރި އަޑަކުން ބުނެލި ޖުމްލައާއިއެކު އެންމެންގެ އަތްތިލަބަޑީގެ ގަދައަޑު މާހައުލުގައި ގުގުމާލާފައި ވާއިރު އާލިކްގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ހިތައް ވީގޮތުން އެސްފިޔަ ޖަހާލަން ނޭނގިފައި އެދެބެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އޭނާއަށް މަލާމާތް ކުރަމުން ދާފަދައެވެ. ދުނިޔެއަކީ ކޮންފަދަ ކުލަތަކެއް ދައްކާ ތަނެއް ހެއްޔެވެ؟ އާލިކްގެ ލޮލުން ހިތާމައާއި ލަދުވެތި ކަމުގެ ކަރުނަ ނީރާލިއެވެ.

ވިޝާ ސްޓޭޖުން ފައިބައިގެން އައިސް ހުއްޓިލީ އާލިކްގެ ކުރިމަތީގައެވެ. އޭރު ޝާޔަން ދެތިން އަންހެންކުއްޖަކާއިއެކު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ އިސްއުފުލާލުމަށްފަހު މައުސޫމްކަމާއިއެކު އާލިކްއާއި ހަތަރުކަޅި ހަމަކޮށްލީ ހިތި ހިނިތުންވުމަކާއިއެކުގައެވެ. އެމޫނުމަތީގައިވާ އަސަރުން ވިޝާ ހިތުގައި ޖެހިފައިވާ މިންވަރު އާލިކްއަށް އިހުސާސްކޮށްލެވުނެވެ. ނަމަވެސް އާލިކްއަށް އެބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރުން ފިޔަވައި ކުރާނެ އިތުރުކަމެއް ނުވިސްނުނެވެ. އޭނާ ހުރީ އެރޭ ކަންތައްތައް ވެގެން ދިޔަގޮތުން ހިތާމައިން ފޯވެފައެވެ. ކަމުގެ ހަޤީގަތް ބަލާނުލާ ކުރެވުނު ކަމަކުން އާލިކްއަށް ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

“ކޮންގްރެޖްސް އާލް.. ” ވިޝާ އެސްފިޔަ ޖަހާލުމެއްނެތި އާލިކްގެ މޫނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑު އަޑަކުން ބުނެލިއެވެ. އޭރު އެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އާލިކްގެ ލޮލުގައި ރަނގަޅަށް އަޅައިގަތެވެ. ވިޝާގެ ދުލުން ފުރަތަމަ ފަހަރަށް “އާލް” ގެ ނަމުން މުޚާތަބު ކުރުމުން އޭނާއަށް ކުރެވުނު އިހުސާސާއިއެކު ހިނިތުންވެލަމުން ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު ވިޝާ އިސްޖަހާލަމުން އޭނާއާއި ދުރަށް ހިނގައިގަތެވެ. އާލިކްއަށް ކުރެވުނު ކަމެއް ނެތެވެ. ލޯ މަރާލުމާއިއެކު ނިތްކުރިމަތީގައި އަތް ހިންގާލަމުން އޭނާ ދެން ބަލާލީ ވިކާޝް ކޮބާތޯއެވެ.

ލަސް ހިނގުމެއްގައި ވިޝާ ގޮސް ހުއްޓިލީ ތަންކޮޅެއް އެކަހެރި ހިސާބެއްގައެވެ. އެ އުފާވެރި ރޭގަނޑުގައިވެސް ވިޝާގެ ދޮން މޫނުގައިވަނީ މަޑުމައިތިރިކަމެވެ. އެ މޫނުމަތިން އޭނާގެ ހިތައް ކޮށްފައިވާ އަސަރު ނޭނގުނު ކަމުގައިވިޔަސް އޭނާގެ ހިތް ރޮމުން ގެންދިޔައީ އިންތިހާ ދަރަޖައަށެވެ. އެކަމުގައި އޭނާއަށް ކުއްވެރި ކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ. އާލިކްއަކީ އެހެން މީހެއްގެ ހައްގެއްކަން އެނގޭއިރު އޭނާގެ އަމިއްލަ ހިތައް އޭނާ ބާރު ނުފޯރުވީ ކީއްވެގެން ހެއްޔެވެ؟ އާލިކްއަށްޓަކައި އެހިތުގައި ހުވަފެންތަކެއް ބިނާކުރީ ކީއްވެގެން ހެއްޔެވެ؟ އާލިކްގެ ހައްގަކަށް ވެވޭނެ ކަމުގެ އުންމީދު ކުޑަކޮށް ނަމަވެސް ކުރީ ކީއްވެގެން ހެއްޔެވެ؟ ވިޝާ ލޯ މަރާލިއެވެ. އޭނާއަކަށް އެއްވެސް ޝަކުވާއެއް ކުރެވޭކަށް ނެތެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އާލިކް ވެގެން ދާނީ އޭނާފަދަ އެހެން އަންހެން ކުއްޖެއްގެ ފިރިއަކަށެވެ. ވީއިރު އޭނާގެެ ދިރިއުޅުމުން ވިޝާއަށް އެއްވެސް ޖާގައެއް ނެތް އިރު އެކަމާއިމެދު އޭނާ ވިސްނަންވީ ކީއްވެގެން ހެއްޔެވެ؟ އިތުރަށް ހިތަށް ތަދުކޮށް ރޯންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އާލިކްދެކެ ވެފައިވާ ލޯބި އޭނާ ހަނދާން ނައްތާލާނެއެވެ. އެ ލޯބި ހިތުން ނެރެލުމަށްފަހު އޭނާ ދިރިއުޅުމުގައި ކުރިއަށް ދާނެއެވެ. އަމިއްލަ ނަފްސަށް ހިތްވަރު ދެމުން ވިޝާ ފުންނޭވާއަކާއިއެކު ދެން ބަލާލީ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ޒައިދުއަށެވެ. އުފާވެރި އެހެނަސް ލާނެތް ހިނިތުންވުމަކާއިއެކު އެކި މީހުންނާއި ވާހަކަ ދައްކަމުން ދިޔައިރު ޒައިދުގެ ފުށުން ފެންނަމުން ދިޔައީ ރަހްމަތްތެރި ކަމާއި އުޖާލާކަމެވެ. އެއާއިއެކު ވިޝާވެސް ހިނިތުންވެލަމުން އެދިމާއަށް ހިނގައިގަތީ އޭނާގެ ހިތް އަދި އެއްފަހަރު އާލިކްއަށް ބަލާލުމަށް އެދެމުން ދިޔައިރު އެހިތައް ބީރު ކަންފަތެއް ދީފައެވެ.

ވިޝާ ގޮސް ޒައިދު ގާތަށް ހުއްޓިލުމުން ޒައިދުގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓުނެވެ. ވިޝާ އާދައިގެ ގޮތަކަށް ހިނިތުންވެލާފައި ޒައިދުއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައީ ހިތައް ވެރިވަމުން ދިޔަ ނުތަނަވަސްކަން ކުޑަކުރުމުގެ ބޭނުމުގައެވެ.

ވިކާޝް އެތަނުގައި ތިބި މެހްމާނުން ކޮޅަކާއި ވާހަކަ ދައްކަން ހުރުމުން އާލިކް މަޑުކޮށްލައިގެން ހުރީ އޭނާ ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އާލިކް ބޭނުންވީ ވިކާޝްއާއި ސުވާލުކޮށްގެން އޭނާއާއި އެހުރިހާ ކަންތައްތައް ހިއްސާ ނުކުރީ ކީއްވެގެންތޯ އަހާށެވެ. ވިކާާޝްގެ އިންތިޒާރުގައި ހުރި ނަމަވެސް އާލިކްގެ ބޭގަރާރުވެފައިވާ ދެލޯ ދުށުމަށް އެދެމުން ދިޔައީ އޭނާގެ ހިތުގެ މަލަކާއެވެ. ފަރާތް ފަރާތް ހޯދާލުމާއިއެކު ވިޝާ ޒައިދުއާއި ވާހަކަ ދައްކަން ހުރިތަން ފެނުމުން އާލިކްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ވިޝާގެ ތުންފަތުގައިވާ ހިނިތުންވުމާއި، ޒައިދު އޭނާއާއިމެދު ބަހައްޓަމުންދިޔަ ގާތްކަން ފެނުމުން ބޭއިޚްތިޔާރުގައި އާލިކްގެ ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ވިކާޝް އާލިކްގެ ކުރިމަތިން ހުރަސްކޮށްލީ އޭނާ އެގޮތުގައި ހުއްޓައެވެ.

“އޭ ވިކީ..” އާލިކް ކުއްލިއަކަށް ވިކާޝްގެ ކޮނޑުގައި ހިފަހައްޓާ އޭނާ މަޑުކުރުވިއެވެ.

“އެދެމީހުން އޮންނަނީ ކޮން ގުޅުމެއް؟..” ވިޝާމެންނާއި ދިމާއަށް އިޝާރާތް ކުރަމުން އާލިކް އެސުވާލު ކޮށްލިއިރު އަޑުގައި ހިސާބަކަށް ހަރުކަށިގޮތް އެކުލެވިފައި ހުއްޓެވެ. އެވަގުތު ވިކާޝްގެ މޫނަށް ވެރިވެގެން ދިޔައީ ކުދި ރޫތަކެކެވެ.

“ކޮންމެ ގުޅުމެއް ވިޔަސް އާލް ބަލަން ޖެހޭތަ؟..” ވިކާޝްގެ ޖަވާބު އައި ގޮތުން އާލިކްއަށް ވިކާޝްގެ މޫނަށް ބަލާލެވުނީ ހައިރާންކަމާއިއެކުގައެވެ. އޭރު ވިކާޝް ހަށަމް ބަނދެލައިގެން އާލިކްގެ ސީދާ މޫނަށް ބަލަހައްޓައިގެން ހުރީ ސީރިއަސް ނަޒަރަކުންނެވެ. އެއާއިއެކު އެރޭ ކަންތައް ވެގެން ދިޔަގޮތުން ވިކާޝް ހިތްހަމަނުޖެހުނުކަން އާލިކްއަށް ނަގައިގަނެވުނެވެ. ވަގުތުން މޫނުގައި އަތްކާއްތާލުމަށްފަހު އޭނާ އިސް ޖަހާލީ އެވާހަކަ ކުރިއަށް ގެންދާނެ ގޮތެއްވެސް ނޭނގިގެންނެވެ.

“ސީރިއަސްލީ އާލް.. މަ ހަމަ ހީކުރީ އާލް އަސްލަށްވެސް ވިޝޫދެކެ ލޯބިވީ ކަމަށް.. ދެން އަދި ބުނި ހީވަނީ ވިޝޫވެސް ލޯބިވާހެންނޭ..” ވިކާޝްގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. އެވަގުތު އާލިކް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކުޑަ ގޮތަކަށް ހީނލީ ވިކާޝްއަށް ވީގޮތް ކިޔާދިނުމުގެ މަގްސަދުގައެވެ.

” އިޓްސް ނޮޓް އަ ޖޯކް އާލް.. އޯކޭ.. ބައްޕަ މަޖްބޫރުކޮށްގެން ޝާޔަންއާ މެރީ ކުރަން ޖެހުނީ.. ދެން އެކަމު މިތާ.. އެންމެން ކުރިމަތީ.. ކޮންކަމެއް؟..” ހަގީގަތުގައި ވިކާޝް އެހާބޮޑަށް ހިތްހަމަ ނުޖެހުނީ ވިޝާވެސް އާލިކްދެކެ ލޯބިވާކަން އެނގިފައި އޮތުމުންނެވެ. ނަމަވެސް ދެން އޭނާވެސް އެކަންތައް ހަނދާން ނައްތާލާނީ ވިޝާގެ އުފަލަށްޓަކައެވެ.

“ވިކީ.. އަސްލު ވީގޮތަކީ.. ވިކީ ކީއްވެތަ މަ ކައިރި…”    “އާލް.. ހިނގާބަ ދާން.. އައި ނީޑް ޓު ބައި ސްމަތިންގ..” އާލިކް ދައްކަން ފެށި ވާހަކަ ހުއްޓާލަން މަޖުބޫރުވީ ޝާޔަން އައިސް އޭނާގެ މުލައްދަނޑީގައި ހިފާ އެލިގަތުމުންނެވެ. އެވަގުތު އާލިކްއާއި ވިކާޝްއާއި ދެމީހުންގެ މޫނަށްވެސް ވެރިވެގެންދިޔައީ ފޫހިކަމެވެ.

“ޝާޔާ.. ކާންޓް ޔޫ ސީ.. އޭމް ޓޯކިންގ ޓު ވިކީ..” އާލިކް ޝާޔަންގެ އަތް ނައްޓާލަމުން ނުރުހިފައި ބުނެލި ޖުމްލައާއިއެކު ޝާޔަންގެ މޫނުމަތިން ރުޅިވެރިކަން ފެނިގެންދިޔައެވެ. އޭނާ އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުޖެހިލީ ވިކާޝް ވާހަކަ ދައްކަން ފެށުމުންނެވެ.

” ނޫނޭ އާލް.. އިިޓްސް އޯކޭ.. އާފްޓަރ އޯލް ޔޫ އާރ ގޮއިންގ ޓު ބީ އަ ހަޒްބެންޑް.. އެހެންވީމަ ބޮޑަށް ވިސްނަންޖެހޭނީ ޝާޔާއާ މެދު..” ވިކާޝް ދެއްކުންތެރި ހިނިތުންވުމަކާއިއެކު އެހެން ބުނެލި ގޮތުންވެސް އާލިކްއަށް ހީވީ އޭނާއަށް ހެދުނު ގޯސް ހަނދާން ކޮށްދޭން އުޅެނީ ހެންނެވެ. މާޔޫސީ ނަޒަރަކުން ވިކާޝްގެ މޫނަށް ނަޒަރު ހުއްޓާލުމަށްފަހު ދުރުގައި ހުރި ވިޝާއަށްވެސް އޭނާ ބަލާލީ ހިތްދަތި ގޮތަކަށެވެ.

“ސީ.. ވިކީ އަށްވެސް އެވަރު ވިސްނެއޭ.. ހިނގާ ދާން.. ހެހެ ތޭންކްސް ވިކީ..” ޝާޔަން ތުއިވެލާފައި ވިކާޝްގެ ގައިގައި ބައްދާލުމަށްފަހު އާލިކްގެ އަތުގައި ހިފައިގެން އެތަނާ ދުރަށް ހިިނގައިގަތުމުން ވިކާޝްގެ މޫނުމަތިން ފާޅުވީ ފޫހިކަމެވެ. އަދި އެންމެންގެ ކުރިމަތީގައި އައިސް ގައިގަ ތަތްކޮށްލައިފިއެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރެ އެނބުރިލި ވަގުތު ވިކާޝްގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޭނާއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ލިމްނާގެ ލަދުވެތި މޫނެވެ. ވަގުތުން މޫނުމަތީގައިވީ ފޫހިކަން އުފާވެރި ހިނިތުންވުމަކަށް ބަދަލުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލައިގެން ހުރި ޖީންސްގެ އެއް ޖީބަށް އަތްޖަހާލަމުން އޭނާ ލިމްނާއާއި ދިމާއަށް ހިިނގައިގަތީ ހިނިތުންވެލައިގެން ހުރެގެންނެވެ.

“ހޭއި ބިއުޓިފުލް..” ވިކާޝް ލިމްނާގެ ކުރިމައްޗަށް ހުއްޓުނު ގޮތަށް އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު ލިމްނާގެ ކައިރީގައި ތިބި ދެތިން އަންހެން ކުއްޖަކުވެސް ތުއިވެލާފައި ވިކާޝްގެ ސަމާލުކަން ހޯދޭތޯ އުޅެލިއެވެ. ނަމަވެސް ވިކާޝްގެ ނަޒަރު ލިމްނާއަށް ހުއްޓިފައިވާތަން ފެނުމުން އެކުދިން ރަކި ހުނުމަކުން ހެމުން އެތަނުން ދުރަށް ހިނގައްޖެއެވެ. އޭރު ވިކާޝްގެ ގޮތްނޭނގޭ ފެހި ދެލޮލުގެ ތޫނު ބެލުމުގެ ސަބަބުން ލިމްނާ ހީވަނީ ލަދުންގޮސް ވިރިގެން ހިނގައިދާނެހެންނެވެ. އިސް ޖަހާލައިގެން އިނގިލިތަކާއި ކުޅެމުންދިޔައިރު އޭނާގެ އެ ލަދުވެތި ކަމުގެ ސަބަބުން ވިކާޝް ހުރީ އިތުރަށް ގަޔާޥެފައެވެ.

“މްމް.. ސޯ ޕާޓީ ކިހިނެތް؟..” ދެވަނަ ފަހަރަށްވެސް ވާހަކަދެއްކީ ވިކާޝްއެވެ. އޭރުވެސް އޭނާގެ ނަޒަރު ލިމްނާގެ މޫނުން ވަތްކެއް ނުވެއެވެ. އެވަގުތު ލިމްނާ ފަރާތް ފަރާތް ބަލާލަމުން “ވަރަށް ސަޅި” އޭ ބުނެލީ ކުޑަ ހީނލުމަކާއިއެކުއެވެ. ލިމްނާގެ އެ ކުދި ކުދި ހަރަކާތްތައްވެސް ވިކާޝްގެ ހިތުން ޖާގަ ހޯދަމުން ދިޔައި ބުނެދޭން ނޭނގޭ ފަދަ ގޮތަކަށެވެ. އެމޫނަށް ބަލަހައްޓައިގެން ހުރިއިރު ވަގުތުކޮޅަކަށް ނަމަވެސް ވަށައިގެން ހިނގާ ކަންތައްތައް އޭނާގެ ހަނދާނުން  ކެހިގެން ހިނގައްޖެއެވެ. ވިކާޝްގެ ހާލަތު އެގޮތުގައި ހުރިއިރު އޭނާގެ އެ ތޫނު ތޫނު މާނަފުން ބެލުމުގެ ސަބަބުން ފިނިވެފައި ހުރި ލިމްނާގެ ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. އިސް ޖަހާލައިގެންނާއި އެކި ދިމަ ދިމާއަށް ބަލަމުން ވިކާޝްގެ އެ ނަޒަރުން ސަލާމަތްވުމަށް އޭނާ ނުކުރާ ކަމެއް ނެތެވެ. ހަމުގެ ކުލަ މާ އަލި ނޫންކަމުގައި ވިޔަސް ލަދުގަތް ވަރުން އޭނާގެ އޮމާން ކޯތާފަތަށް ރަތްކުލަ ފާއްދާލާފައިވެއެވެ. އެވަރުންވެސް ވިކާޝް ދުރަށް ދާން ހިތައްވެސް ނާރައެވެ. އެވަގުތުކޮޅުގައި ހިތް ފުރެންދެން އެމޫނަށް ބަލަން ބޭނުންވީ ކަންނޭނގެއެވެ.

“އަސް.. އަސްލު ކީއްވެތަ ތިހާ ވަރަށް.. ތި.. ތި ބަ ލަނީ؟..” އެންމެފަހުން ލިމްނާއަށް ކެތްނުވެގެން ވިކާޝްއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު ސުވާލުކޮށްލިއެވެ. އެއާއިއެކު ވިކާޝްގެ މޫނަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ލިމްނާގެ ތުރުތުރު ލަމުން ދިޔަ ދެތުންފަތާއިއެކު އަޑުގައިވާ ނުތަނަވަސްކަމުން އޭނާ މާބޮޑަށް ލަދު ގަތީކަން ވިކާޝްއަށް އިހުސާސް ކުރެވުނީއެވެ.

“އަސްލު ރީތިކަމުން މިބަލަނީ..” ވިކާޝް ވައި އަޑުން އެހެން ބުނެލާފައި ލިމްނާގެ ކޯތާފަތުގައި އަތްޖައްސާލުމަށްފަހު އެތަނުން ދުރަށް ހިނގައިގަތް އިރު ލިމްނާ ހުރީ ނޭވާލާންވެސް ހަނދާން ނެތިފައެވެ. މަޑުމަޑުން ކޮލުގައި އަތްލަމުން އިސް އުފުލާ ވިކާޝް ދިޔަ ދިމާއަށް ބަލާލިއިރު ވިކާޝްވެސް އެނބުރިލާފައި އޭނާއާއި ދިމާއަށް ބަލާލީ ފުން ނަޒަރަކުންނެވެ. ލިމްނާ އެސްފިޔަ ޖަހާލަމުން އޭނާގެ މޭގައި އަތްއަޅާލިއިރު ހިތުގެ ތެޅުންވަނީ އިންތިހާއަށް ބާރުވެފައެވެ. ވާނުވާ ނޭނގިފައި ހުއްޓާ އޭނާއަށް ހަމަހޭވެރިކަން ވިޝާ އައިސް އަތުގައި ހިފާލުމުންނެވެ.

ވިކާޝްއާއި ވިޝާގެ އެ ޚާއްސަ ޕާޓީ މުޅިން ނިންމާލިއިރު ގަޑިން 11 ޖަހައިފިއެވެ. ހުރިހާ މެހްމާނުންތައް ދިއުމުން ވިކާޝްމެން ގެއަށްވަނީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމުގެ ބޭނުމުގައެެވެ. ވިކާޝް ކޮޓަރިއަށްވަދެ ކުޑަކޮށް ތާޒާވެލައިގެން ބެލްކަންޏަށް ނުކުތީ ކޮފީއެއްވެސް ހިފައިގެންނެވެ. އޭނާ އެތަނަށް ނުކުތްއިރު ވިޝާވެސް އެއްޗެހި ބަދަލުކޮށްލައިގެން އެތާ ހުއްޓިލައިގެން ހުރީ ފުން ޚިޔާލެއްގެ ތެރޭގައެވެ. ވިޝާގެ މޫނު ފެނުމާއިއެކު ވިކާޝްގެ ޚިޔާލަށްއައީ ޕާޓީގައި ވެގެންދިޔަ ކަންތައްތަކެވެ.

“ވިޝޫ.. ކިހިނެތްވެފަ ތިހުރީ؟..” ވިކާޝް ވިޝާގެ ގާތަށް ހުއްޓިލަމުން ލޯތްބާއިއެކު އަހާލިއެވެ. އެވަގުތު ވިޝާ އެއްފަރާތަށް ޖެހިލަމުން ވިކާޝްގެ މޫނަށް ބަލާލީ އާދައިގެ ގޮތަކަށެވެ.

“ކަމެއް ނުވޭ.. ކުޑަކޮށް ލައިފާ މެދު ވިސްނާލީ..” ދެއަތް ޖޯޑުކޮށްލާ ބޭރަށް ބަލާލަމުން ވިޝާ ބުނެލިއެވެ. އެއަޑުގައިވާ މަޑުމޮޅިކަން އިވުމުން ވިކާޝް ދޫކޮށްލީ ފުން ނޭވާއެކެވެ.

“ވިޝޫ.. ދޮންބެއަށް އެނގޭ ވިޝޫ ދެރަވެފަކަން ތިހުރީ.. އެކަމަކު ދެން..”  ވިކާޝްއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އޭނާ ދެން ކިޔާނީވެސް ކީކޭ ހެއްޔެވެ؟ ވިޝާއަށް އާލިކްގެ ލޯބި ލިބޭނެއޭ ބުނެ ވަގުތީގޮތުން އޭނާގެ ހިތްހަމަޖައްސައިދޭންވީ ހެއްޔެވެ؟

“ވީ ކަމެއް ވީ ދޮންބޭ.. އާލިކް އެއީ ހަމައެކަނި ވިޝޫގެ ލައިފަށް އައި ނަމެއް.. ތަފާތު އިހުސާސެއް ހިތައް ގެނެސްދިން ހުވަފެނެއް.. ވިޝޫ ބޭނުމެއް ނޫން އެ ޚިޔާލުގަ އެ ލޯބީގަ މުޅި ދިރިއުޅުން ހޭދަ ކުރާކަށް.. ވިޝޫ ބޭނުންވަނީ ކުރިއަށް ދާން..” ވިޝާ މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކިއިރު އޭނާގެ ހިތްވަރުގަދަކަން ފެނި ވިކާޝް ހުރީ ފަޚްރުވެރިވެފައެވެ. ހިނިތުންވެލައިގެން ހުރިއިރު އެލޮލުގައި ފަޚްރުވެރި ކަމުގެ ކަރުނަ ފާޅުވާން ހުއްޓެވެ.

“ދޮންބޭ.. އައި ޑިސައިޑެޑް ޓު ސޭ ޔޭސް ޓު ޒައިދު..” ވިޝާ ކުއްލިއަކަށް ބުނެލި ޖުމްލައިން ވިކާޝްގެ މޫނަށް ވެރިވެގެންދިޔައީ ހައިރާންކަމެވެ.

“އެކަމު  ވިޝޫ ބުނީމެއްނު ލައިކެއް ނުވެއޭ..” ވިކާޝް ފަރުވާތެރިކަމާއިއެކު ވިޝާގެ މޫނަށް ބަލާލިއެވެ.

“ވިޝޫ ލައިކްވާ މީހަކު ދެނެއް ނުލިބޭނެ.. ދޮންބޭ.. ދެން ހުރިހާ ކަމެއް އޯކޭވާނީ ޓްރައި ކުރީމައެއްނު.. ހަމަ ގައިމުވެސް ޒައިދުއަކީ ގޯސްކުއްޖެއް ނޫން.. ޒައިދުގެ ގޮތް ވިޝޫއަށް ރަނގަޅަށް އެނގޭ.. އެ ފެމިލީ އެނގޭ.. އަނެއްކާ ޒާއްތަވެސް ވިޝޫދެކެ އެހާ ލޯބިވޭ.. ދެން ވަގުތާއެކީ ވިޝޫއަށްވެސް ޒައިދުދެކެ ލޯބި ވެވިދާނެނުން.. ހަމަ ގައިމުުވެސް ގޮތް ނޭނގޭ މީހަކަށްވުރެ ޒައިދުއާއި ގުޅުން މާ ރަނގަޅުވާނެ.. އައި ޓްރަސްޓް ހިމް ދޮންބޭ..” ވިޝާ ވިސްނުންތެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައިރު ވިކާޝްއަށްވެސް ހިތާއި ނަފްސުން އެވާހަކަތައް ގަބޫލުކުރެވެމުން ދިޔައެވެ. ވަގުތުން ވިޝާގެ އެނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި އޭނާ ވިޝާގާތުގައި ބުނެލިއެވެ.

” އެހެންވީމަ ގުޑް ލަކް..” ވިކާޝް ހިނިތުންވެލަމުން ވިޝާގެ ބޮލުގައި ފިރުމާލުމަށްފަހު ދިޔައީ ވިޝާއަށް އެކަނިވެލުމަށް ވަގުތުކޮޅެއް ދިނުމަށްޓަކައެވެ. އޭރު ވިޝާ އުޑުގައިވާ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ހުރީ އޭނާގެ މަންމަ މަތިން ހަނދާންވެފައެވެ. ވިޝާއަށް ޔަގީންވާ ކަމަކީ މަންމަ އޭނާއާއި ޒައިދުގެ ގުޅުމަށް ހެޔޮ ހިތުން ގަބޫލުވާނެކަމެވެ. މަޑުމަޑުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވިޝާ ފޯނު ނަގާ ޒައިދުގެ ނަމްބަރަށް މެސެޖެއް ކޮށްލީ އެތައް އެތައް ހިތްވަރެއް ލަމުންނެވެ.

ވިޝާގެ މެސެޖް ލިބުމަށްފަހު މާގިނަ އިރުތަކެއް ނުވެ ޒައިދު އައިސް އޭނާގެ ގާޓުގައި ހުއްޓިލައިފިއެވެ. ވިލު ނޫކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްގައި އޭނާ ފެންނަލެއް ސާދާވެފައި ރީއްޗެވެ. ބޮލުގެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތަސް ފެންވަރާ ތާޒާވެލައިގެން ހުރުމުން ފިރިހެންްވަންތަ ސެންޓެއްގ ވަސް ހިފާލާފައި ހުއްޓެވެ. މޫނުމަތީގައި އަބަދުވެސް ހުންނަ އުފާވެރި ހިނިތުންވުމާއިއެކު އޭނާ ވިޝާއާއި ކުރިމަތިލީ އެތައް އުންމީދުތަކަކާއިއެކުގައެވެ. ވިޝާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނުމުންވެސް އޭނާ މާބޮޑަށް ހާސްވީހެން ހިއެއް ނުވެއެވެ.

” އާރ ޔޫ ގޮއިންގ ޓު ގިވްމީ އޭން އާންސާ؟.” އެދެމެދަށް ވެރިވެފައި އޮތް ހަމަހިމޭންކަން ދުއްވާލަމުން އެންމެ ފުރަތަމަވެސް ޒައިދު ދިޔައީ ސީދާ މަޢުޟޫ އަށެވެ. އޭނާގެ އެ ކެރޭ މިޒާޖާއި، ސާދާ ބަސްމަގު އެނގުމުން ވިޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަމަ ގައިމުވެސް ޒައިދުގެ އެސިފައަކީ އޭނާ ގަޔާވާ ސިފައެކެވެ.

“މްމްްމްމް..” ވިޝާ ހިނިތުންވެލައިގެން ހުރެ އުޑުމައްޗަށް ނަޒަރު ހުއްޓާލިގޮތުން ޒައިދުއަށް ހީނލެވުނެވެ. ވިޝާގެ އެފަދަ ކޮންމެ ހަރަކާތަކީ އޭނާގެ ހިތުގައިވާ ލޯބި އިތުރުވެގެންދާ އެއްޗެކެވެ.

” ސޯ… ޔެސް..އޯރ…” ޒައިދު ބުނެ ބުނެ ހުރި ޖުމްލަ ހުއްޓާލީ ވިޝާގެ ބޮޑު ބޮޑު ދެލޮލުން އޭނާއާއި ދިމާއަށް ބަލާލުމުންނެވެ. އެ ބޮޑު ބޮޑު މުށިކުލައިގެ ދެލޯ އޭނާގެ ހިތާއި ކުޅެލާކަން ވިޝާއަށް ނޭނގެނީ ހެއްޔެވެ؟

“ޔެސް..” ވިޝާ ޒައިދުގެ މޫނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ޒައިދުގެ މޫނަށް ވެރިވި ފުޅާ ހިނިތުންވުން ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެން ހިނިތުންވެލީ ހެންނެވެ. މަޑުމަޑުން ލޯ މަރާ ބާރުކޮށްލުމަށްފަހު ކަނާތުން މޭގައި ޖަހާލަމުން “ޔެސް” އޭ ބުނެލިއިރު އޭނާ އުފާވީވަރުން ވިޝާއަށްވެސް ހީނލެވުނެވެ.

” އައި ލަވް ޔޫ ވިޝޫ..” ޒައިދު ހިނިތުންވެލާފައި ހުރެގެން ވިޝާގެ ދެއަތުގައި ހިފާ އޭނާގެ މޭގައި ޖައްސާލީ ނުހަނު ލޯބިންނެވެ. އޭނާގެ އެހަރަކާތުގެ ސަބަބަުން ނުތަނަވަސްވީ ނަމަވެސް ވިޝާ ހިނިތުންވެލައިގެން ހުރީ ޒައިދުގެ އުފަލަށްޓަކައެވެ. އޭނާ ކުޅެން އެއުޅެނީ ކުޅިވަރެއް ނޫނެވެ. ޒައިދުދެކެ ލޯބި ނުވިޔަސް ޒައިދުގެ އެއިހުސާސްތަކަށް އޭނާ ގަދަރު ކުރެއެވެ. ޒައިދު ވިޝާގެ މޫނަށް ބަލަހައްޓައިގެން ހުރިިއިރު ވިޝާ ހުރީ އިސްޖަހާލައިގެންނެވެ. އިރުކޮޅަކުން ފިޔަވަޅުތަކެއްގެ އަޑު އިވިގެން ދެކުދިން އެކީގައި ބަލާލިއިރު ވިކާޝްއާއި ޒާހިރާ ތިބިތަން ފެނުމުން ޒައިދުއަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. އަވަސް އަވަހަށް ވިޝާގެ އަތުން ދޫކޮށްލުމަށްފަހު ބޯ ކަހާލީ ލޯ މަރާލަމުންނެވެ. އޭރު ޒާހިރާއާއި ވިކާޝް ހެޔޮވަރު ވަރަކަށް ހިނިތުންވެފައި ތިއްބެވެ.

“ޅިޔަނުތަ؟..” ވިކާޝް އައި ގޮތަށް ޒައިދުގެ ކޮނޑަށް އަތް ވައްޓާލީ އޭނާ ރަކިކޮށްލުމުގެ ގޮތުންނެވެ. އޭރު ވިޝާވެސް ލުއި ގޮތަކަށް ހިނިތުންވެފައި އިސްޖަހާލައިގެން ހުއްޓެވެ. ޒައިދު ރަކިވިވެގެން ގޮސް ހުރިހާ ވަރެއް ބާލަމުން ދިޔައީ ބޮލުގެ އިސްތަށިގަނޑަށެވެ.

“ވިޝޫ..” ޒާހިރާ އައި ގޮތަށް ވިޝާގެ ގައިގައި ބައްދާލުމަށްފަހު ބޮލުގައި ފިރުމާލުމުން ވިޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވެފައި ޒާހިރާގެ މޫނަށް ބަލަން ހުއްޓާ އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“ޒާއްތަ ހާދަ އުފާވެއްޖެ އޭ.. އަބަދުވެސް ހިތައް އަރާ ވިޝޫ އަކީ އަހަރެންގެ ދަރިއެއް ނަމައޭ.. އެހާ ވަރަށް ޒާއްތަ ވިޝޫދެކެ ލޯބިވޭ.. މިވާ ގޮތުން ހަމަ އަސްލުވެސް ދަރިއަކަށް ވަނީނުން..” ޒާހިރާގެ ލޮލުގައި އުފަލުން ގޮސް ކަރުނަ ގިނަވެފައި ހުރިތަން ފެނުމުން ވިޝާ ހުރީ ކަންތައް ބޮޑުވެފައެވެ. މަޑުމަޑުން ދެވަނަ ފަހަރަށް ޒާހިރާގެ ގައިގައި ބައްދާލިއިރު އޭނާ ހުރީ ނުތަނަވަސްވެފަެވެ. ޒާއްތަ އެގުޅުމާއިމެދު އެހާ އުފާވާއިރު އޭނާގެ ހިތުގައިވަނީ އެހެން މީހެއްގެ ނަން ކަން އެނގިއްޖެނަމަ ވާނީ ކިިނެއް ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އޭނާ ދެން އެގުޅުމަށް ފުރަގަހެއް ނުދޭނެއެވެ. އޭނާ ދެން މަސައްކަތް ކުރާނީ އެގުޅުން ކުރިއަށް ގެންދިއުމަށެވެ. އޭނާ ޒައިދުއަށް ބޭވަފާތެރިއެއް ނުވާނެއެވެ. ޒާއްތަގެ އުއްމީދުތައް ފެނަށް ވެގެން ދިޔަވެސް ނުދޭނެއެވެ. އޭނާ “އާލިކް” ގެ ނަން އެހިތުން ފޮހެލާނެއެވެ. ވިޝާ އަޒުމާއިއެކު ލޯ މަރާލިވަގުތު އެލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

އަނެއް ދުވަހު ހެނދުނެވެ. ވިކާޝްއަށް ހޭލެވުނީވެސް މެދުކެނޑުމެއްނެތި ފޯނު ރިންގުވާ އަޑަށެވެ. ކަންނެތް ގޮތަކަށް ތެދުވެ ގަޑި ބަލާލިއިރު 9 ގަޑި ބައިވެއްޖެއެވެ. ފަތިސް ނަމާދުކޮށްގެން ޖައްސާލި ގޮތަށް މާގިނައިރުވެސް ނިދިއްޖެއެވެ.

“ހަލޯ..” ވިކާޝް ފޯނު ނެގީ އާލިކް މާ ގިނައިން ގުޅާފައި އޮތުމުންނެވެ.

“ވިކީ.. އަދިވެސް ނިދަނީތަ؟.. އައި ނީޑް ޓު ޓޯކް އޭ.. އާދެބަލަ މިގެއަށް..” އާލިކްގެ އަޑުގައިހުރި ނުތަނަވަސްކަން އިހުސާސްވުމުން ވިކާޝްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކޮންމެ ގޮތެއް ވިޔަސް އާލިކްއަކީ އޭނާގެ އެއްބަނޑުއެއްބަފާ ކުއްޖެއްފަދަ ރަހްމަތްތެރިޔާއެވެ. އަވަސް އަވަސްކޮށްލައިގެން ތައްޔާރުވެގެން އޭނާ އާލިކްމެންގެއަށް މިސްރާބު ޖެހީ ސައިވެސް ނުބޮއެވެ.

“ކިހިނެތްވީތަ؟.. އޮފީހަށްވެސް ނުދަނީތަ؟..” ވިކާޝް އާލިކްމެން ގެއަށް ވަން ގޮތަށް ސޯފާގައި ޖައްސާލަމުން ވާހަކަދެއްކީ އާދައިގެ ގޮތަކަށެވެ. އޭރު އާލިކްގެ މޫނުމަތީގައި ހުރި ވަރުބަލިކަމާއި ނުނިދާ ހުރުމުގެ ނިޝާންތައް ވިކާޝްއަށް ފާހަގައެއް ނުވެއެވެ.

” ކިހިނެތްވެފަތަ ތިއިނީ.. ޝާޔަންއާ މައްސަލަ ޖެހުނީތަ؟..”އާލިކް އަނގައިން ނުބުނުމުން ވިކާޝް އަނެއްކާވެސް ބުނެލި ޖުމްލައިން އާލިކްއަށް ލޯ މަރާލެވުނެވެ.

“ޝާޔަން ޝާޔަން.. އެ ނޫން އެއްޗެކޭ ބުނަން ނޭނގުނީތަ؟..”އާލިކް ދެދަތްޕިލަ ޖައްސާލައިގެން ހުރެ ބުނެލި ޖުމްލައިނެް ވިކާޝްގެ މޫނަށް ވެރިވީ ސުވާލުމާކުތަކެކެވެ. އާލިކްއަކީވެސް ވާނުވާ ނޭނގޭ އަރަތެއްފަދަ މީހެކެވެ.

“އަޖައިބެއްނު..ދެން ކީކޭތަ މަ ބުނަންވީ..”   “ބުނަންވީ ވިކީ މަ ކައިރީ ކޮއްކޮއެއް ހުންނަ ވާހަކަ ނުބުނީ ކީއްވެކަން.. ވިޝޫ އެއީ ވިކީގެ ކޮއްކޮކަން ނުބުނީ ކީއްވެކަން..” ވިކާޝް ވާހަކަ ދައްކަ ދައްކާ ހުއްޓާ އާލިކް ކޮޅަށް ތެދުވުމަށްފަހު އަޑަށް ބާރުލާފައި ބުނެލިއެވެ. އޭނާ އެނބުރި އެނބުރިފައި އުޅޭ ގޮތުން ހީވަނީ ބޯ ގޮވާފައި ހުރި މީހެއް ހެންނެވެ. ވިކާޝް އިނީ ހައިރާންވެފައެވެ. އޭނާއަށްވެސް ވިޝާއަކީ ކޮއްކޮކަން އެނގުނީ އާލިކްގެ ޖީބުގައި އޮތް ސިޓީއަކުން ވިއްޔާއެވެ.

“އާލް ކީކޭތަ ތިކިޔަނީ.. އާލްއަކަށް ނޭނގޭތަ ވިޝޫ އެއީ މަ ކޮއްކޮ ކަމެއް.. ނޫނީ ރޭގަ ކުރެވުނު ކަމަކުންތަ ތިއުޅެނީ ބޯ ގޮވައިގެން..” ވިކާޝް ނުރުހުމުގެ ރާގެއްގައި އެހެން ބުނެލީ ކޮޅަށް ތެދުވަމުންނެވެ.

“އާނ.. މަ ބޯ ގޮވައިފި.. ރަނގަޅަށްވެސް ގޮވައިފި،.. މަށަށް ކިހިނެތްތަ އެނގޭނީ ވިޝޫ އަކީ ވިކީގެ ކޮއްކޮ ކަން..” އާލިކް ޝަކުވާ ކުރާފަދަ ރާގެއްގައި އެހެން ބުނެލިއރު ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އެވަގުތު ވިކާޝްގެ އަނގަ ހުޅުވުނީ ހައިރާންވީ ވަރުންނެވެ. އާލިކް އެކުޅެނީ ކޮންފަދަ ޑްރާމާއެއް ހެއްޔެވެ؟

“އޯކޭ.. މަށަށް އެނގުނީ….” ވިކާޝް އޭނާއަށް ވިޝާގެ ހަގީގަތް އެނގުނުގޮތް ކިޔައިދިނެވެ. އާލިކްގެ ފަޓްލޫނު ޖީބުން ފެނުނު ސިޓީއާއި އޭނާ އެފެނުމުން ކަންތައް ކުރިގޮތުގެ ވާޙަކައެވެ.

“ދެން މަ ހީކުރީ އާލް ސަޕްރައިޒް ދޭން އުޅެނީ ކަމަށް..” ވިކާޝްވެސް މިހާރު ހުރީ ވާނުވާ ނޭނގިފައެވެ.

“ސިޓީ؟.. އެއީ ވިޝޫގެ ދަބަހުން…. އެކަމު އޭގެން ވިކީކަމެއް އެނގުނީ ކިހިނެތް؟..” އާލިކް ސިކުނޑިއަށް ބާރުލާފައި ވިސްނުމުންވެސް އޭނާއަށް ސިޓީގެ އެންމެ ފަހު ދެޖުމްލަ ނުކިޔާ ދޫކޮށްލެވުނުކަން ހަނދާނެއް ނުވެއެވެ. އޭނާގެ އަޑުގައިވަނީ ހައިރާންކަމުގެ އިންތިހާއެވެ.

“ވަޓް؟.. އާލް އޭތި އެއްކޮށް ނުކިޔަންތަ؟..” ވިކާޝް ވަގުތުން އޭނާގެ ވޮލެޓުގައި އޮތް އެސިޓީ ނަގާ އާލިކްއަށް ދައްކާލަމުން އަހާލިއެވެ. އެވަގުތު އާލިކް އަވަސް އަވަހަށް އޭގައި އޭނާއަށް ނުފެންނަ ތަންކޮޅެއް އިންތޯ ޗެކްކުރަމުން ދިޔައިރު އެންމެ ފަހުގެ ދެފޮޅުވަތް ކިޔާލުމާއިއެކު އޭނާއަަށް ސޯފާގައި އިށީނދެވުނެވެ.

“އެންމެ ފަހު ތަންކޮޅު ނުކިޔުނީ..”އާލިކް ވާހަކަ ދެއްކީ ލަސްލަހުންނެވެ. “ވިކީ ކީއްވެތަ އެނގުނީމަވެސް ނުބުނީ؟..” އާލިކް ފެންކަޅިވެފައިވާ ލޮލުން ވިކާޝްއަށް ބަލާލިއެވެ. އޭރުވެސް ވިކާޝް ހުރީ ހަމަ ވާނުވާ ނޭނގިފައެވެ.

“އައި ތޯޓް އާލް ސްޕްރައިޒް ދޭން އުޅުނީ ކަމަށް.. އެހެންވެ މަ ބޭނުންވީ އާލް ސަޕްރައިޒް ކޮށްލަން.. އެކަމު ޕާޓީގަ ސަޕްރައިޒް ވާންޖެހުނީ މަށަށް.. މިހާރު ކީއްވެގެން ތިއުޅެނީ..” ވިކާޝް ފަރުވާކުޑަ ރާގަކަށް އެހެން ބުނެލަމުން އަނެއްކާވެސް އިށީނެވެ. އެވަގުތު އާލިކް އޭނާގެ ގައިގައި ބައްދާލީ ކުއްލިއަކަށެވެ.

” އޭމް ސޮރީ ވިކީ.. އޭމް ސޮރީ.. އަޅެ ވިކީއަށް ޓްރަސްޓް ކުރެވުނުނަމަ..” އާލިކް ކުރެހިފައިވާ އަޑަކުން ވާހަކަ ދައްކަމުން ދިޔައިރު ވިކާޝްގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ.

“ކީކޭތަ ތިކިޔަނީ؟.. ކިހިނެތްތަ ވީ؟..” ވިކާޝް އާލިކް އޭނާގެ ގަޔާއި ދުރުކޮށްލަމުން ސުވާލުކޮށްލިއެވެ.

“ވިކީ.. މަ ޝާޔަންއަށް ޕްރޮޕޯސް ކުރީ ތިމީހުންނަށް ދައްކަން.. އަމިއްލައަށް ކައިވެނި އަވސް ކުރީވެސް.. މަށަށް ތިދެމީހުން އޮފީސްތެރެއިން ފެނުނީނަމަ ހީކުރެވުނީ.. ހީކުރެވުނީ ކަޕްލް….. އޭމް ސޮރީ..”އާލިކް މޫނުގައި އަތްއަޅާލީ ވިކާޝް ލޯ މަރާލިތަން ފެނުމުންެނެވެ. ތެދެކެވެ. އޭނާ ދެން ވިކާޝްއަށް ދައްކާނީވެސް ކޮން މޫނެއް ހެއްޔެވެ؟

އާލިކް ބުނެލި އެއްޗަކުން ވިކާޝްއިނީ ލޯ ހުޅުވަންވެސް ބޭނުން ނުވެފައެވެ. އެންމެ ގާތް ރަހްމަތްތެރިޔާ އޭނާއާއި މެދު އެގޮތަށް ވިސްނާނެ ކަމަށް ކުޑަކޮށްވެސް ހީކުރެވިފައެއް ނެތެވެ. އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް އެވައްޓާލީ އެއުފެދުނު ކުށްހީގެ ސަބަބުން ވިއްޔާއެވެ.

“ވައި ޑިޑްންޓް ޔޫ އާސްކް މީ..” ވިކާޝް އަތް ލައްޕާލުމަށްފަހު ވާހަކަ ދެއްކިއިރު ދެދަތްޕިލަ ހުރީ ޖެހި ބާރުވެފައެވެ. ހަގީގަތުގައިވެސް އޭނާ އާލިކްދެެކެ ރުޅި އަިއސްފިއެވެ.

“މަ؟.. މަ އާލް ލޯބިވާކަން އެނގޭއިރު.. ބަލަ އާލްއަށް މަށަކީ ކާކުކަން ނޭނގޭތަ؟..” ވިކާޝް އާލިކްގެ ބޮލުގައި އަތްއަޅާ ކޮށްޕާލަމުން ވާހަކަދެއްކިއިރު އަޑުގައިވަނީ ނުރުހުމެވެ. އެކަން އާލިކްއަށްވެސް އެނގެއެވެ. ވިކާޝް ކިޔާނެހާ އެއްޗެއް ކިޔަންދެން އޭނާ އިނީ އިސްޖަހާލައިގެންނެވެ. ވިކާޝް އިރުކޮޅެއް ވަންދެން އާލިކްއާއި ދިމާއަށް އެއްޗެހި ކިޔުމަށްފަހު ރުޅިގަނޑު މަތަކޮށްލީ އާލިކް އިންގޮތް ފެނިފައެވެ. ހަމަ ގައިމުވެސް އޭނާ އެއިނީ ހެދުނު ގޯސް ހިތައް އަރާ އިންތިހާއަށް ދެރަވެފައެވެ.

“ދެން ތިއޮތީ ޕްރޮޕޯސް ކުރެވިފަ.. މިހާރު ވެޑިންގގެ ހުރިހާ ކަމެއް ރެޑީވެސް ކުރީތަ؟..” ވިކާާޝް ހަމަޖެހިލަމުން އާލިކް ގާތުގައި އިށީނދެފައިވެސްް ވާހަކަ ދެއްކީ ނުރުހުމުގެ ރާގަށެވެ. އެވަގުތު އާލިކް އިސް އުފުލާލަމުން ބޮލުން އާއެކޭ ބުނެލީ ކަންތައް ބޮޑުވެފައި އިނދެގެންނެވެ.

” މާދަން ބައްޕަމެންވެސް އަންނާނެ..” އާލިކްގެ އަޑުގައިވީ ކަންބޮޑުވުން ވިކާޝްއަށް ފާހަގަ ކުރެވުނަސް އާލިކްގެ މޮޔަކަމާއިއެމެދު އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

” މީހަކު ދެކެ ރުޅި އަޔަސް ދެކޮޅު ބަލާލާނަމަ..” ވިކާޝް އަނެއްކާވެސް އާލިކްގެ ބޮލުގައި އަޅުވާލިއެވެ. އެވަގުތުވެސް އާލިކް އެހަމަލާއިން ރެކެން މަސައްކަތް ނުކޮށް އިނީ ވިކާޝް ތަޅާ މެރިޔަސް ހެޔޮކަމަށް ނިންމައިގެންނެވެ.

“ދެން ކިހިނެތް ހަދާނީ.. ދެން ތި ޝާޔަންއާ މެރީކުރޭ..” ވިކާޝް އެންމެފަހުން ބޯ ކަހާލަމުން ބުނެލި އެއްޗަކުން އާލިކްގެ ދެލޯ ބޮޑުވިއެވެ.

“ނޫންން.. ވިކީއަށް އެނގެއެއްނުން މަ ޝާޔަން ދެކެ ލޯބި ނުވާކަން.. އެނގެއެްނުން މަ ލޯބިވަނީ ވިޝޫދެކެކަން..” އާލިކް އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު އާލިކް ވިޝާގެ ނަން ބުނުމުން ވިކާޝްގެ ބޮލުގައި ރިއްސާލިއެވެ. ރޭގައި ވިޝާވަނީ އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމާ ޒައިދުއަށް އާނބަސް ބުނެފައެވެ. އަނެއްކާ ވިޝާވަނީ ޒާހިރާއަށް ވެސް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ކަމުގައި ވައުދުވެފައެވެ. ދެން  އާލިކް ވިޝާ ބޭނުންވިޔަސް އޭނާއަށް ވިޝާ ލިބުމަކީ ދުރުގައިވާ ކަމެކެވެ.

ކިތަންމެ ބޭނުންވިޔަސް ވިކާޝްއަށްވެސް ދެނެއް އާލިކްއަށް އެހީތެރިއެއް ނުވެވޭނެއެވެ. އޭނާގެ ކޮއްކޮގެ ދިރިއުޅުމުގައި ނިންމާ ނިންމުންތަކުގައި ކުޑަވެސް ނުފޫޒެއް ފޯރުވަން ވިކާޝް ބޭނުން ނުވަނީއެވެ.

“ކީއްވެތަ އެއްޗެކޭ ނުބުނީ؟.. ވިކީއަށް އެނގެއެއްނުންތަ މަ ލޯބިވަނީ ވިޝޫދެކެކަން.. އައި ކާންޓް ލިވް ވިދްއައުޓް ހަރ ވިކީ.. ކޮންމެ ގޮތެއް ވިޔަސް މަ ވިޝޫއާ….”  ” އާލް.. ޔޫ އަރ ޓޫ ލޭޓް..” އާލިކް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ވިކާޝް ފަރުވާތެރިކަމާއިއެކު ބުނެލި ޖުމްލައިގެ ސަބަބުންނެވެ. ސުވާލުން ފުރިގެންވާފަދަ ގޮތަކަށް ވިކާޝްގެ މޫނަށް ބަލާލިއެވެ.

” މިހާރު ތިއޮތީ ހުރިހާ ކަމެއް ހަމަޖެހިފަ.. ދެން ޝާޔަންއާ މެރީ ކުރާކަށްނު ޖެހޭނީ..” ވިކާޝް އަވަސް އަވަހަށް ތެދުވުމަށްފަހު މަސައްކަތްކުރީ ވިޝާއާއި ޒައިދުގެ ވާހަކަ ނުބުނެ އެތަނުން ދެވޭތޯއެވެ. ނަމަވެސް އާލިކް އޭނާ ދިއުމުގެ ކުރިން ކުރިމައްޗަށް އެރިއެވެ.

“އެކަމު އެހެން ގޮތެއް އޮންނަން ވާނެ.. މަ ބައްޕަމެންނާ ވާހަކަ ދައްކާނަން.. އައި ލަވް ވިޝޫ.. މަށަށް ޔަގީން ވިޝޫވެސް…”  “ޝީ އިޒް އިން އަ ރިލޭޝަންޝިޕް.. ވިޝޫ ޒައިދުއާއި ރައްޓެހިވެގެން އުޅެނީ..” ވިކާޝް ބުނެލި ޖުމްލައާއިއެކު އާލިކްގެ ހިތައް ކައްޓެއް ހެރުނު ފަދައެވެ.

ނުނިމޭ

 

14

12 Comments

 1. me

  March 2, 2014 at 8:31 pm

  so sad

 2. AANA

  March 2, 2014 at 8:32 pm

  VVVVVVVVVVVVVVVVVVVVVVVVVVV VARAH REETHI. PLX NEXT PART V. AVAHAH UP KOHDHEE .PLSSSSSSSSSSSSSSSSSSSSS

 3. meesham

  March 2, 2014 at 8:39 pm

  varah nice. waiting for next part. (:

 4. greeny

  March 2, 2014 at 9:42 pm

  v ffohi kyve tha zaidh aee aalik beynumi

 5. isha

  March 2, 2014 at 10:31 pm

  Nice story.

 6. zeewa

  March 2, 2014 at 11:47 pm

  kyhvetha up kodheyle ehaa lahyy???? anywayss storyy is beeeuuuutiful 🙂

 7. leezan

  March 3, 2014 at 12:24 am

  Can’t wait ….avahah up kohdhyba pleeeeessss…..nice keep it up..♡♡♡

 8. sham

  March 3, 2014 at 1:21 am

  layaa ge vaahaka akah comment eh mikurany adhi alah… mi vaahaka kiyamun mi dhany vrh shaugu veri kamaa ehkoh. ehmeh furathama araamagu ga genes dhin iru ves huriha pary eh kyn. mibuny eyga genes dhin huriha part eh.. layaa thikuraa hiyvarah hama saabas. adhi hama thi gothuga kuri ah dhiyun edhen. mihaaru aa part akah vrh inthizaaru kurevey.. avahah upload kuraychey.. keep it up. .

 9. inaaa

  March 3, 2014 at 8:00 am

  vvv reethi avahah enehbai up kh deeba plz plz plz plz

 10. ainy

  March 3, 2014 at 1:18 pm

  so sad
  :'(
  vishoo aa aal gulhuvabala layaa plxx
  🙁

 11. kiyuntheriyaa

  March 3, 2014 at 2:45 pm

  nice story !!! koirakun anebai

 12. Shaa Fawzan Adams

  March 4, 2014 at 2:02 am

  Mihaaru konme duvahaku vaahaka update nuvaathy v derava.coz mi vaahaka v v v reethi abadu aa bayaka inthizaaru kureva

Comments are closed.