
އެހެން ދުވަހެކެވެ. އީނާޝް އިނީ ގޭދޮރުމަތީގަ ހުރި ޖޯލިފަތީގަ ހަނޑޫ ހޮވާށެވެ. އޭނާ ހަނޑޫ ހޮވަން އިންއިރު ވިސްނެނީ ދެން ކަންތައްތައް ވާނެގޮތަކާއި ދޭތެރޭގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑު ދުޅަހެއޮވެ ބަލިވެއިންކަމުގެ ނިޝާންތައް ފެންނަމުން ދާންފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް ބަނޑު ތެރޭގައިވާ ދަރިފުޅު ހެދިބޮޑުވާވަރަކަށް ބަނޑުން އެކަން އެގެމުން ދިއައެވެ. އޭނާގެ ހުރިހާވެސް ހިތާމައަކީ އޭނާގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެޖިންނި އެދަރިފުޅު މަރާލަފާނެތީއެވެ. އެކަން ހިތަށް އަރާ ކޮށްމެފަހަރަކު އޭނާގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އޭނާގެ ބަޑަށް ދުވަސް ވާވަރަކަށް އެކަމާ ދޭތެރޭގަ ވިސްނޭލެއް ގިނަވިއެވެ. އަބަދުވެސް ހުރެވެނީ ހަމަ ހިމޭންވެފައެވެ.
“އަހަނ! ކޮއެފުޅާ…!ކޮންހިޔާލެއްގަ؟” ހިޔާލަކަށް ގެއްލިފައިން އީނާޝްއަށް ހަމަ ހޭވެރިކަންވީ މުދިންބެ އައިސް ވާހަކަ ދައްކަން ފެށުމުންނެވެ.
“އަހަނ! މުދިންބެ ދޯ ދުރުވޭ މިތާ ޖޯލީގަ އިށީންނަވަން ވީނު! މުދިންބެ ދުރުވިކަން ނުވެސް އެނގުނު”އީނާޝް އަށް މުދިންބެ ފެނުމާއެކު އަވަސް އަވަހަށް އިންތަނުންތެދުވިއެވެ. އަދި ޖޯލީގައި އިށީނުމަށް ދައުވަތު ދިނެވެ.
“ނޭގޭނެއްނު ކޮއެފުޅު އިނީ އެއަށްވުރެ މާ ފުން ހިޔާލައެއްގެ ތެރެއަށް ގެއްލިފަ ވިއްޔަ…!” މުދިންބެ ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ. އަދި ޖޯލީގައި އިށީނެވެ.
“މުދިންބޭ އެއްޗެއްބައްލަވަންވީނު…!” މުދިންބެ ޖޯލީގައި އިށީނުމުން އީނާޝް އެދުނެވެ.
“ނޫނޭ މިވަގުތު އެއްޗެއް ގެންނާނެ ކަމެއްނެތް! ” މުދިންބެ އީނާޝްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
“ކޮއެފުޅާ ދެން ތިކުރާ ހިތާމަތަށް ކުރުން ހުއްޓާލާ..!” މުދިންބެ ބުނެލިއެވެ.
“އޭނ! ކީކޭ މުދިންބޭ ހިތާމަތައް ހުއްޓާލާށޭ ކިހިނެއްވީ ؟” މުދިންބެ ބުނެލިއެއްޗަކުން އީނާޝް ހައިރާންވިއެވެ.
“އާނ ކޮއެފުޅާ މުދިންބެ މިއައީވެސް އެވާހަކަ ދައްކަންވެގެން ކޮއެފުޅުދެން އޭތީގެ ކިބައިން ސަލާމަތްވީ ދެން ދުވަހަކުވެސް އެޖިންނީގެ ކިބައިން އުދަގުލެއް ނުފޯރާނެ” މުދިންބެ ބުނެލިއެވެ.
އެއާއެކު އީނާޝްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފާޅުވެގެން ދިއައެވެ.
“ހަމަ އަސްލުވެސްތޯ؟ ދެން އޭތީގެ އުދަގުލެއްނުފޯރާނެތޯ؟” އީނާޝް ބޭނުންވީ އިތުރަށް އެކަން ޔަގީން ކުރާށެވެ.
“ލައްބަ ކޮއެފުޅާ އުނަގަނޑުގަ ތިއޮތް ތަވީދު ނަގާ ބޭބެ އަތަށްދީ މިހާރު ދެން ތިތަވީދުގެ އެއްވެސް ބޭނުމެއްނެތް ރޭގެ ދަންވަރުގެ ވަގުތެއްގައި ބޭބެ އެޖިންނި އަންދާލައިފިން! ” މުދިންބެ ބުނެލިއެވެ.
އީނާޝް އުފަލުން ހީވަނީ އެހެންކަމެއްހެންނެވެ.
“މުދިންބޭ މަޑުކޮށްލާ އިނގޭ މިއައްނަނީ!” އީނާޝް ދުވެފައިކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެ އުނަގަނޑުގައި އޮތް ތަވީދު ކަނޑާލިއެވެ. އެއަށް ފަހު ގެއިން ނިކުމެގެން އައިސް މުދިންބެ އަތަށް ދިނެވެ. އަދިއެއާއެކު މުދިންބެ އިތުރުއެއްޗެކޭ ނުބުނެ ތެދުވެގެން ހިނގައިގަތެވެ. އީނާޝް އަނެއްކާވެސް ހަނޑޫ ދޮލަގު ހިފައިގެން އިށީނެވެ.
ހަސީނާ ފިހާރާގަ އުލެފަ ގެއަށް އައިސް ވަތް ތަނާ ފެނުނު މަންޒަރަކުން ދެލޯ ބޮޑުވެގެން ދިއައެވެ. އޭނާއަށް ފެނުނީ ޖޯލިފަތި ކައިރިއަށް ވެއްޓިފަ އޮތް އީނާޝް އެވެ. ކައިރީގަ ހަނޑޫ ދޮލަގު ބަންޑުންވެފަ އޮތެވެ. “އަސްތާ މަގޭދަރި!” ހަސީނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ދުވެފައި ދަރިފުޅުގެ ކައިރިއަށްދިއައެވެ.
“ކޮބާ ފާޑެއްގެ ތަވީދެއް އަޅައިގެން އަހަރެންގެ ކިބައިން ސަލާމަތް ވެވިއްޖެ އެއްނު!” އީނާޝް އަށް ފެންނަނީ އެއްކަލަ ރަތްލިބާސް ލައިގެން ހުރި އަންހެން މީހާއެވެ. އެމީހާ ހުރީ ރުޅިއައިސް ރަތްވެފައެވެ.
“ކަލޭގެ ފަހަރު އެދިއައީ ދެން މިއޮތީ މަގޭ ފަހަރު އިނގޭ އަހަރެން ކަލޭގެ ހުރިހާ އުފަލެއްފޭރި ގައްނާނަން އަހަރެން ދެން ކަލޭ މަރައެއް ނުލާނަން މަރާލާނީ ކަލޭގެ ބަނޑުގަ ތިވާ ދަރިފުޅު! ބަލަން ހުންނާތި !” އެމީހާ ބުނެލިއެވެ. އަދި އީނާޝްގެ އަތުގާ ހިފާ ގެންދަން މަސައްކަތް ކުރިއެވެ.
އީނާޝް ގަދަހަދަނީއެވެ. އޭނާ އުޅެނީ ދާށެވެ. ހަސީނާ މަސައްކަތް ކުރަނީ އީނާޝް ދިޔަޔަ ނުދީ ހިފެހެއްޓޯއެވެ. އެއްމެ ފަހުން ހަސީނާގެ އަތްދަށުން ސަލާމަތްވެ އީނާޝް ދުއްވައިގަތެވެ. އީނާޝްގެ ފަހަތުން ހަސީނާ ހަޅޭއްލްވަމުން ދުވަނީއެވެ.
“އޭތް އޯތް މީހެކޭ މަގޭދަރިފުޅު ހިފަހައްޓާށޭ” ހަސީނާ ގޮވަމުންދިއައެވެ. އިސާހިތަކު ގޭދޮށު މީހުން ނިކުމެ އީނާޝް ހިފެހެއްޓިއެވެ. ހަމަ ހިފެހެއްޓުމާއެކު އޭނާ ހޭނެތުނެވެ. ދެން އެމީހުން އީނާޝް އަތްދަނޑިމައްޗަށް ލައިގެން ގެއަށް ގެނެސްފިއެވެ. ހަސީނާ އާސިމްއަށް މިހަބަރު ދިނުމާއެކު އާސިމް ވެސް ގެއަށް އައެވެ. “ކިހިނެއްވީ..؟” އާސިމް ހާސްވެފަ އަހާލިއެވެ.
އޭރު އީނާޝް އޮތީ ގޭގެ ސިޓިންގ ރޫމްގަ ހުރި ސޯފާގަ ބާއްވާފައެވެ. އާސިމް އިށީނީ އޭނާގެ އަންހެނުންގެ ކައިރީގައެވެ.
“މަންމައަކަށް ނޭނގެ ފިހާރާގަ އިނދެފަ ގެއަށް އައި އިރުއޮތީ އެހެރަ ޖޯލިފަތި ކައިރިއަށް ވެއްޓިފަ ދެން އޮވެގެން ގަދަހަދަނީ…” މަންމަ ކިޔާދިނެވެ. އާސިމް ހާސްވެއްޖެއެވެ.
“އަނެއްކާ އީނާޝްގެ ތަވީދު ނެގީބާ..؟” އާސިމް ބުނެލިއެވެ. އަދި އެތަވީދު އޮތްތޯ ބަލާލިއެވެ. އޭރުވެސް އީނާޝްގެ ހަމަ ހޭވެރިކަމެއްނެތެވެ.
“މަންމާ އީނާޝްގެ ތަވީދެއް ނެތް!” އާސިމް ހާސްވެ ކަންބޮޑުވެފައިވާ ހާލު ބުނެވުނެވެ. އެއާއެކު ހަސީނާ އާސިމްގެ މޫނަށް ބަލާލިއެވެ. މަންމަވެސް ހުރީ ހާސްވެކަންބޮޑުވެފައެވެ.
“ހަމަތެދެއްތަ..؟” މަންމަ އަހާލިއެވެ.
“މަންމާ އަޅުގަނޑު އައްނާނަން މުދިންބެ ގޮވައިގެން އިނގޭ!” އާސިމް އަވަސް އަވަހަށް ބުނެލިއެވެ. އަދި އެއިންތަނުން ތެދުވެ ހިނގައިގަތެވެ. އާސިމް ދިއުމާއެކު ހަސީނާ އޭނާގެ ދަރިފުޅުގެ ކައިރީގަ އިށީނެވެ. އަދި ނުހަނު ލޯތްބާއި އޯގާތެރި ކަމާއެކު ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.
ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް އީނާޝް ގަދަ ހަދަން ފެށިއެވެ. އޭނާ ހަމަ ތެޅިފޮޅެނީއެވެ. މަށަށް ތިހެން ނުހަދާށޭ މަސަލާމަތް ކޮށް ދޭށޭ ކިޔާފަ ރޮމުންނެވެ. ހަސީނާއަށް ހީވަނީ އޭނާގެ ދަރިފުޅަށް ބަޔަކު އަނިޔާ ކުރާހެންނެވެ. އޭރު އީނާޝް އަށް ފެންނަނީ އެއްކަލަ އަންހެން މީހާ އައިސް އޭނާގައިގެ އެތަން މިތާގަ ތަޅާ އަނިޔާކުރާތަނެވެ. އީނާޝްއަށް ލިބޭ ވޭނުން ރޮވެނީއެވެ.
އާސިމް މުދިންބެ ހޯދަން މުދިންބެ ގެގެއަށް ދިއައިރު ކަމަކު ދާކަށްނެތެވެ. އެގޭ އެއްމެން ރޮނީއެވެ. އާސިމްގެ ހާސްކަން އިންތިހާއަށް ބޮޑުވިއެވެ. ތެޅިތެޅިއޮތް ހިތަކާއެކު މިވެގެން އުޅެނީ ކީއްތޯ ބަލާލިއެވެ. އެއާއެކު އާސިމްއަށް އަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ކެހިގެން ދިއަހެންނެވެ. މިއުޅެނީ މުދިންބެ ނިޔާވެގެންނެވެ.
“އިންނާ ލިއްލާހި ވައިންނާ ލިއްލާހި ރާޖިއޫން” އާސިމްއަށް ބުނެލެވުނެވެ. އޭނާގެ ކަރުއެލުނެވެ. އޭނާގެ އަންހެނުން މި ގިލަންވެރިކަމުން ސަލާމަތް ކޮށްދޭން ހުރިމީހާ މިދުނިޔެއާއި ވަކިވުމުން ދެން އެފަކީރަށް ވާނެގޮތް ހިތަށް އަރާފައި ދެރަވެގެން ގޮސް ލޮލުން ކަރުނަ ހިލި ފެންކަޅިވިއެވެ. ހަދާނެގޮތް ހުސްވެ މާޔޫސްވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހި ހިތާމަ އާއި ހިތްދަތި ކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ.
އީނާޝް އެފަދަ ހާލެއްގައި ތެޅިފޮޅޭތާ އިރުގަނޑެއް ފަހުން އީނާޝް އަށް ހޭވެރިކަންވިއެވެ. އީނާޝް އަށް ލޯހުޅުވާލެވުމާއެކު ކައިރީގަ އިން މަންމަ ފެނުނެވެ.
“މަންމާ !” އީނާޝް ކުރަކިވެފައިވާ އަޑަކުން ގޮވާލިއެވެ. އެވަގުތު ހަސީނާ ބަލާލިއެވެ. އަދި ދަރިފުޅުގެ ގައިގަ ބައްދާލިއެވެ.
“ދަރިފުޅާ ކީއްވެ ތަވީދު ނެގީ؟” މަންމަ އަހާލިއެވެ. އެއާއެކު އީނާޝް ރޮއެގަތެވެ. އަދި އޭނާ އެތަވީދު ނަގަން މެދުވެރިވި ސަބަބު ކިޔައިދިނެވެ. އެއާއެކު ހަސީނާއަށް ވެސް ރޮވުނެވެ. އެހެން ނަމަވެސް ނުރޮއެ ކެތްތެރިވެވޭތޯ މަސައްކަތް ކުރިއެވެ.
“ޔާރައްބީ !” ހަސީނާއަށް ބޭއިހުތިޔާރުގައި ބުނެލިއެވެ. އީނާޝް ހަމަ ރޮނީއެވެ.
“ދަރިފުޅާ ދެން ނުރޮއޭ އާސިމް ދިއައީ މުދިންބެ ބަލާ ! މުދިންބެ އައިމާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” ހަސިނާ ފެންކަޅިވެފައިވާހާލު އޭނާގެ ދަރިފުޅަށް ހިތްވަރު ދިނެވެ. އަދި އޭނާގެ ދަރިފުޅުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ.
ކުޑައިރުކޮޅެއް ފަހުން އާސިމް އައިސް ވަނެވެ.
” ކޮބާ މުދިންބެ” އާސިމް އައިސް ވަނުމާއެކު މަންމަ އަހާލިއެވެ. އެއާއެކު އީނާޝްވެސް އާސިމްގެ މޫނަށް ބަލާލިއެވެ.
“މަންމާ މުދިންބެ ނިޔާވެއްޖެ ” އާސިމް ދެރަވެ ކަރުއެލިފައިވާ ހާލު ބުނެލިއެވެ. އޭރު އާސިމް ހުރީ މާޔޫސްވެ ހިތާމައިގެ މޮޅިސާލުލައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ އޮހެއެވެ.
“ސުބުހާނައްﷲ” ހަސީނާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ދަރިފުޅަށް ފަރުވާ ދޭންހުރި ހަމަ އެކަނި މުދިންބެއެވެ. އެހެންވެ ކުރި އަސަރުން ބަޑި ފަޅައިގެންދިއެވެ. އީނާޝް އައިސް އާސިމްގެ ކޮނޑުގަ ބޯއަލާލިއެވެ.
“އާސިމް އަހަރެންނަށް އެޖިންނީގެ ކިބައިން ސަލާމަތެއް ނުވެވޭނެ މިކަމުގަ އަހަރެން ނިމިދާން ޖެހޭނީ އީނާޝް ރޮމުން ބުނެލިއެވެ. އަންހެނުން މިހެން ބުނުމާއެކު އާސިމްއަށް ވެސް ރޮވުނެވެ.
މިހާރު އެގޭތެރޭގަ އެއް އަޑަކަށް އޮތީ ރޯއަޑެވެ. އީނާޝްގެ ދެމަފިރިންނާއި މަންމަވެސް ރޮނީއެވެ. ކުރާނީ ކީއްހެއްޔެވެ. މިއަދު އެމީހުނަށް ރުއިން ނޫންކަމެއް ކުރެވޭކަށްނެތެވެ. އެމީހުންގެ ނިކަމެތިކަން ހިތަށް އަރާ ވަރަކަށް ރޮވެނީއެވެ. އެގޭތެރޭގަ ރޯއަޑު ގަދަވުމާއެކު އަވައްޓެރިން އައިސް އެމީހުނަށް ހިތްވަރުދީ އެމީހުންގެ ރުއިން ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. އަދި މާޔޫސްވެ ރޯން ނުޖެހޭ ކަމާއި އެއަތޮޅުގެ އެހެން ރައްރަށުގައިވެސް ޖިންނި އަށް ފަންޑިތަ ހަދާ މީހުން އެބަތިބިކަން އެމީހުނަށް އަންގައިދީ އީނާޝް އެކަމުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމަށް ހިތްވަރުދީ ހެދުމުން އެމީހުން ރުއިން ހުއްޓާލިއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އާސިމް ކައިރި ރަށްރަށުން ފަނޑިތަ ވެރިން ގެނެސް ގެން ފަންޑިތަ ހަދާ އީނާޝް އެބަލިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދެއެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ހައްލެއް ނުލިބެއެވެ. އީނާޝްގެ ބަލިދިއައީ ހައްތަހާ ބޮޑުވަމުންނެވެ. އިތުރު އީނާޝްގެ ހިތާމަތަކަށް ލުއެއް ނުލިބެއެވެ. މިހާރު އޭނާގެ ބަނޑަށް ހަމަސް ވީއެވެ. އީނާޝް ފަކީރުގެ ސިފަގެއްލި މުޅި މީހާ އަނަރޫފަ ވަމުންދަނީއެވެ. މިހާރު އީނާޝް ކުރާ އެއްމެ ބޮޑު ހިތާމައަކީ އޭނާގެ ބަލިގަނޑާ ހުރެ އާސިމްއަށް ދޭންޖެހޭ އެއްވެސް ލޯތްބެއް ނުދެވޭތީއެވެ. މިހާރު އޭނާގެ ފަރާތުން އޭނާގެ ލޯބިވާ ފިރިމީހާއަށް އެއްވެސް އުފަލެއް ނުދެވޭތާ ހަތަރު މަސްވަނީއެވެ. އެހިޔާލުތައް އުދަގޫކުރާ ވަރަކަށް ހިތުގާ އަޅާ ވޭންގަދަވެ ހިތް ކުދިކުދި ވަމުންދެއެވެ. އޭނާ ބިރުގައްނަނީ މިގޮތުގައި ގިނަދުވަސް ވާނަމަ އާސިމް އޭނަ މަތިން ފޫހިވެދާނެތީއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅާ މެދު ވިސްނޭ ވަރަށް ވުރެ ބޮޑަށް ފިރިމީހާއާއި މެދު ވިސްނޭވަރު ގިނަވިއެވެ. އީނާޝްގެ ކަމަކީ އަބަދާއި އަބަދު ރުއިމެވެ. މިހާރު އީނާޝް ފަކިރު އެއުޅޭ ހާލު ފެންނަ ކޮންމެ އިންސާނަކަށްވެސް އޭނާ އާއި މެދު ހިތާމަ ކުރެވޭނެއެވެ. އެފަކީރުގެ ހާލު ފެނިފަ ނުރޮވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ.
އެއްރެއެއްގެ ރޭގަނޑެވެ. ރޭގަނޑުގެ ކެއުމަށްފަހު އީނާޝް އެދުގައި އޮށޯވެލައިގެން އޮތީ އާސިމްގެ އިންތިޒާރުގައެވެ. މިހާރަކަށް އައިސް އާސިމް ގެއަށް އައްނަނީ ވަރަށް ދަންވާފަހުންނެވެ. ވާނީވެސް އެހެންތާއެވެ. އާސިމްގެ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބޭ ކަމަށް ވަންޔާ ކޮންމެހެން އަވަހަށް އައުމެއްނެތެއްނޫން ހެއްޔެވެ. މީ އީނާޝްގެ ސިކުނޑީގައި އެނބުރެމުންދިއަ ހިޔާލުތަކެވެ. އޭނާ ހީކުރަނީ އޭނާގެ ފަރާތުން އާސިމްއަށް އުފާ ހޯދައި ނުދެވޭތީ އާސިމް މަޑު މަޑުން އެނބުރެނީކަމަށެވެ. ފިރިމީހާގެ ލޯބި އޭނާގެ އަތުން ބީވަނީކަމަށެވެ. ފިރިހެނުނނަކީ ފާޑެއްގެ ބައެކެވެ. އެމީހުނަށް އަނބިންގެ ފަރާތުން އެމީހުން ބޭނުންވާ އުފާތައް ނުލިބޭ ކަމަށް ވަންޏާ އެހެން ދިމާލަކަށް ދުއްވައިގަތުމަކީ ވަރަށް ކައިރީގައި ވާކަމެކެވެ. އީނާޝް މިކަހަލަ ހިޔާލުތަކަކަށް ގެއްލިފައި އޮތެވެ. އޭނާއަށް ހަމަ ހޭވެރިކަންވީ ކޮޓަރި ދޮރު ހުޅުވާލިއަޑަށެވެ.
“އަހަނ! އިނޫ ނުނިދަނީތަ؟” އާސިމް ކޮޓަރިއަށް ވަތް އިރު އަންހެނުން ހޭލާ އޮތްކަން އެނގުމުން އަހާލިއެވެ. އެއާއެކު އީނާޝް ތެދުވެ އާސިމްގެ ގައިގަ ބައްދާލިއެވެ.
“އާސިމް އަހަރެން ދޫކޮށް ނުލައްޗޭ ކަލާ އެހެން ހަދައިފި ނަމަ އަހަރެން މަރުވެދާނެ!” އީނާޝް ބުނެލިއެވެ. އާސިމް އޭނާގެ އަންހެނުންގެ ބޮލުގައި ފިރުމާލިއެވެ.
” ލޯބީ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ އަހަރެން ލޯބި ދޫކޮށްލާކަށް ނޫޅެމޭ! ތީ ކާކުދެއްކިވާހަކައެއްތަ؟” އާސިމް އަހާލިއެވެ.
“މީހަކު ދެއްކީކީނޫން އެކަމަކު މިހާރު ކަންތައް ވަމުންދާގޮތުން ކަލާ އަހަރެންގެ މަތިން ފޫހިވެދާނޭ ހީވަނީ….! ލޯބީ އަހަރެންވެސް ބޭނުން ކަލާ ގެ ހިތް އުފާކޮށްދޭން…” އީނާޝްއަށް ރޮވުނެވެ.
“ލޯބީ އަހަރެންނަށް ވެސް ވިސްނެއޭ ދެން ނުރޮއެ ހުއްޓާލާ ބަނޑުގަ ތިއޮތް ދަރިފުޅާ މެދުވެސް ވިސްނަންވާނެއެއްނުދޯ ދެން ހުއްޓާލާ!” އާސިމް އޭނާގެ ދެއަތުން އިނޫގެ ލޮލުން ފައިބަމުން ދިއަ ކަރުނަތައް ފޮހެދިނެވެ.
އާސިމްގެ މިއޯގާތެރިކަން އިހުސާސް ކުރެވުމުން އިނޫ ވަރަށް ހިތް ހަމަ ޖެހުނެވެ. އީނާޝް ގަސްތުކުރީ މިރޭ އޭނާގެ ފަރާތުން ލޯބިވާ ފިރިމީހާއަށް އުފާވެރި ކަމާ ލޯބި ހޯދައި ދެވޭތޯއެވެ. އެހެނަސް މިރޭވެސް އެކަން ވާގޮތެއް ނުވިއެވެ. އެއްމެ ނާޒުކު ދަނޑި ވަޅުގައި އެޖިންނީގެ އުދަގޫ ފޯރައިފިއެވެ. އާސިމްއަށް ޖެހުނީ އެހެން ރޭރެއެކޭ އެއްގޮތަށް މިރޭވެސް ކެތް ކޮށްލައިގެން ނިދާށެވެ. އީނާޝް ހިތުގައި ޖެހިފަ ރުއެވެ. ރުއިން ނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ.
“އަހަރެން އިންތިޒާރު ކުރަމުން މިދާ ދުވަސް ދެން އައްނާކަށް މާކަ ގިނަ ދުވަހެއްނެތް !” ޖިންނި ބުނެލިއެވެ. އެޖިންނި އެނިސްބަތްކުރަނީ އޭނާގެ ބަނޑުގައިވާ ދަރިފުޅަށްކަން ވިސްނުނެވެ.
“ނޫން ނޫން ހެއޮނުވާނެ ތިހެން ނަހަދާ” އީނާޝް އާދޭސްކުރިއެވެ.
“ކޮން އާދޭހެއް ކުރާކަށްތަ؟ ކަލޭ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި މަގޭ ދަރިފުޅުގެ ގައިގަ ވަޅިން ޖަހާ އެކުއްޖާ ފަކީރު މަރާލީ އަހަރެން ދެރަވާނެ ކަމާ ރޮއެހިތާމަ ކުރާނެ ކަމެއްނޭނގޭތަ؟” އެޖިންނިގެ އަޑު ބާރުވިއެވެ.
“އަހަރެން ވަޅިން ޖެހީ ކާއްޓެއްގަ އެއީ ކަލޭގެ ދަރިފުޅުކަން ކުޑަކޮށް އެނގުނު ނަމަވެސް ވަޅިއަކުން ނުޖެހީމުސް އެއީ އަހަރެން ގަސްތުގަ ކުރި ކަމެއްނޫން<..” އީނާޝް ރޮމުން ވާހަކަ ދެއްކިއެވެ.
“އަހަރެން ތިވާހަކަ ގަބޫލެއް ނުކުރާނަން! ކަލޭމެން ދެކޭ ގޮތުގަ ދުނިޔޭގަ އުލެނީ ހަމަ އެކަނި ކަލޭމެން މިދުނިޔޭގައި ކަލޭމެން ނޫނަސް އެހެންބަޔަކުވެސް ލައްވާފައިވާކަން ދަނެ ކަންކުރަން އޮށްނަ އުސޫލުން ކަންކުރާނަމަ މިހެންވާކަށް ނުޖެހުނީސް! އެޖިންނި ރުޅިވެރި ކަމާއެކު ވާހަކަ ދެއްކިއެވެ. އަދި އީނާޝްގެ ކަންކަށި މައްޗަށް އެތިފަހަރެއް އަރުވާލިއެވެ.
ނުނިމޭ
One Comment
Comments are closed.
Meehehge maruge habaru libumun kiyaany ” innaa lillaahi va innaa ilaihi raajioon” migothah.. mithankolhu rangalhu kollun edhen.. masha allah. . V Reethi vaahaka eh. .