އެކުގައިވާން އެދެމޭ… 15
“އެހެންނޫނަސް ލޯބި ވަނީ އާލިކް ދެކެ.. ރައިޓް؟..” ވިކާޝް ހިިނިތުންވެފައި އިނދެ ބުނެލިއެވެ. އެއާއިއެކު ވިޝާ އަނެއްކާވެސް ދެލޯ ބޮޑުކޮށްލީ ވިކާޝް ބުނެލި އެއްޗަކުން ހައިރާންވެ އިނދެއެވެ. ދޮންބެއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
“ޓެލް މީ.. މީ ވިޝޫގެ ދޮންބެއެއްނު.. ޝެއަރ ވިދް މީ.. އާލް ދެކެ ލޯބިވޭތަ؟..” ވިކާޝް ތަކުރާރުކޮށްލިއެވެ. އާލިކްގެ ފަރާތުން އެނގިފައި އޮތްގޮތުން ވިޝާވެސް އާލިކް ދެ ލޯބިވެއެވެ. މިހާރު އޭނާ ބޭނުންވަނީ ވިޝާގެ ފަރާތުން އެކަން އޮޅުން ފިލުވުމަށެވެ. އެއާއިއެކު ވިޝާ އިސްޖަހާލަމުން އާއެކޭ ބުނެލީ ލަދުވެތި ހިނިތުންވުމަކާއިއެކުގައެވެ. ނަމަވެސް ދެވަނަ ސުކުންތުގައި އެހިނިތުންވުން ފިލާ އަނެއްކާވެސް ވިކާޝްގެ ހިނިތުންވެފައިވާ މޫނަށް ދެލޯ ބޮޑުކޮށްލަމުން ބަލާލީ އެހެން އެއްޗެއް ހަނދާން ވުމުންނެވެ.
“ބަޓް.. ނުބުނާތި އާލް ކައިރީ.. އިޓްސް ޖަސްޓް… ދޮންބޭ އަހަރެން ބޭނުމެއް ނޫން އެދެމެދަށް ވަންނާކަށް..” ވިޝާ އަނެއް ފަރާތަށް އެނބުރިލީ އެމޫނުމައްޗަށް ވެރިވި ހިތާމަވެރިކަން އޭނާގެ ދޮންބެއަށް ސިއްރު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ވިކާޝް އިނީ ހިނިތުންވެލައިގެންނެވެ. އާލިކްގެ ހިތުގައި ވިޝާއަށް ވާ ލޯބި އެނގުމުން އޭނާގެ ކޮއްކޮ ހާދަހާ އުފާވާނެއޭ ހިތައް އަރާ ހާލުގައެވެ. ވިޝާއަށްޓަކައި އާލިކް ޝާޔަންއާއި ދުރުވާން އުޅޭކަން ހަނދާންުވުމުންނެވެ. ނަމަވެސް އޭނާ އެވާހަކަ ބުނާކަށް ބޭނުމެއް ނޫނެވެ. އެދެކުދިންގެ ލޯބި އަމިއްލައަށް ފާޅު ކުރުމުން އެ ލޯބީގެ މަންޒަރު މާ ރީތިވާނެތާއެވެ.
“އޮފް ކޯޒް ނުބުނާނަން.. އެކަމު އާލް އަދި މީހެއްގެ ފިރިއަކަށް ނުވޭ.. ސޯ.. ހަމަ ޕޮސިބްލް..” ވިކާޝް ނޫންގޮތަކަށް އެހެން ބުނެލާފަ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ލާނެތް ގޮތަކަށް ހީނލާފައި ހުރެގެންނެވެ. އޭރު އޭނާގެ އެ މާނަފުން ޖުމްލަ އަޑުއިވިފައި ވިޝާއަށް ހުރެވުނީ ސުވާލު އުފެދިފައެވެ. ތެދެކެވެ. އެ ހިތުގައި ކުޑަ ކުޑަ އުންމީދެއް އުފެދުނުކަހަލައެވެ. ވިޝާއަށް ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ.
ރޭގަނޑު 8.30 ވީއިރު ވިކާޝް ތައްޔާރު ވެލައިގެން ގޯތިތެރެއަށް ނުކުމެއްޖެއެވެ. އޭނާ ލައިގެން ހުރި މެރޫން ކުލައިގެ އަތްދިގު ގަމީހާއި، ކަޅު ޖީންސާއި އެކު އަރާފައި ހުރި ކަޅުކުލައިގެ ކެޝުއަލް ބޫޓު ނުހަނު ގުޅެއެވެ. އާދައިގެމަތިން ބޮލުގެ ބްރައުން އިސްތަށިކޮޅަށް ގެނެސްފައިވާ ސްޕައިކީ ސްޓައިލާއިއެކު އެ ކުލައަލި މޫނާއި ގުޅޭ އާދަޔާ ޚިލާފު ފެހިކަންގަދަ ލޮލުގައިވާ އުފާވެރިކަން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ޕާޓީއަށްޓަކައި ގޯތިތެރޭގައި ފާޑުފާޑުގެ މާގަސްތައް ޕޮޓް ޕޮޓްގައި ބަހައްޓާލާފައި ލުއި ގޮތަކަށް ތައްޔާރުކޮށްލާފައި އޮތްއިރު ކެއުމުގެ ބައި ތައްޔާރުކޮށްފައި އޮތީ ސިޓިންގ ރޫމު ތެރޭގައެވެ. ސިޓިންގ ރޫމާއި ގޯތިތެރެރޭގައި ހުދުކުލައިގެ ހެދުމުގައި ތިބި ވޭޓަރުން ކޮޅުކޮޅުމައްޗަށް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ކުޑަ ވަގުުކޮޅެއް ފަހުން ޖޯޑު ޖޯޑާއި ކުދި ގްރޫޕް ގްރޫޕަށް ޕާޓީއަށް މެހްމާނުން އަންނަން ފެށުމުން ވިކާޝް އެމީހުންނަށް މަރުހަބާ ކިޔަމުންދިޔައިރު ޒުވާން ބައެއް އަންހެންކުދިން އެރީތިކަމުގެ ޖާދޫގައި ޖެހިފައި ތިއްބެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ޒާހިރާއާއި ޒައިދުވެސް ތިރިއަށް ފައިބައިގެން ގޯތިތެރެއަށް އައިސްފިއެވެ. ޒައިދު ލައިގެން ހުރީ ގަދަ ނޫކުލައިގެ އެންމެ މިހާރުގެ ކެޝުއަލް ގަމީހަކާއި ކަޅު ޖީންސެކެވެ. ދިގު އިސްކޮޅާއިއެކު މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން ބައެއް އަންހެން ކުދިންގެ ނަޒަރުތައް އޭނާއަށް ހުއްޓޭކަށްވެސް ގިނައިރެއް ނުނެގިއެވެ. އަންހެންކުދިންތައް ބަލަން ފެށުމުން ކުރިއަށްވުރެ ހިނިތުންވުން ފުޅާކޮށްލުމަށްފަހު ސްޓައިލިޝް ގޮތަކަށް ހިނގާލާފައި ގޮސް ވިކާޝްގެ ގާތަށް ހުއްޓުނުއިރު ގޭގެ ގޭޓުން ވަދެގެން ވިޝާގެ އެކުވެރި ލިމްނާ އާދެއެވެ. މެރޫން ކުލައަކަށްދާ ލޭސް ފޮތީގެ މެކްސީއާއި، އަރާފައި ހުރި ކަޅު އުސް ފައިވާނާއިއެކު އެ ސާދާ ހަށިގަނދަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ އިތުރަށް އެމޫނުގެ ވަށައިގެން އަޅާލާފައި ކަޅު ޝޯލްއެވެ. ލުއި ލުއި މޭކަޕަކާއިއެކު، އަދި ގުދުރަތީ ރީތި ހިނިތުންވުމެއް ގެނުވައިގެން ހުރެ ފަރި ހިނގުމެއްގައި ވިކާޝްއާއި ދިމާއަށް އައި އިރު ވިކާޝް ބަލަހައްޓައިގެން ހުރީ އާދަޔާ ޚިލާފު ނަޒަރަކުންނެވެ. ހަމަ ގައިމުވެސް އިތުރަށް އަޅާލާފައި އެވާ ބުރުގާގެ ސަބަބުން ލިމްނާގެ އަންހެންވަންތަކަން އިތުުރުވެއްޖެއެވެ.
“ހޭއި ވިކީ.. ކޮބާ ވިޝޫ..” ލިމްނާ އައި ގޮތަށް ވިކާޝްގެ ކުރިމަތީގައި ހުއްޓިލީ ޒައިދުއަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ. އެވަގުތު ވިކާޝް ބަލަހައްޓައިގެން ހުރި އާދަޔާ ޚިލާފު ނަޒަރު ލިމްނާގެ ހިތައް އުނދަގޫކޮށްލިއެވެ.
“ޔޫ ލުކް ބިއުޓިފުލް ވިދް ދެޓް ޝޯލް..” ލިމްނާގެ ސުވާލަށް ޖަވާބުދިނުމެއްނެތި ވިކާޝްގެ ފިރިހެންވަންތަ އަޑުން އިވިގެންދިޔަ ތަޢުރީފުގެ ބަސްކޮޅު ލިމްނާގެ ހިތުގެ ތެޅުމަށް ލޮޅުމެއް ގެނުވިއެވެ. ލަދުރަކި ކަމާއިއެކު އިސްޖަހާލާ އެސްފިޔަތަށް ތަޅުވާލިގޮތުން އޭނާ ލަދުގަންފި ކަން ވިކާޝްއަށް އެނގުނެވެ. އެވަގުތު ވިކާޝްގެ މޫނަށް ވެރިވީ ހިނިތުންވުމާއިއެކު ލާނެތް ގޮތަކަށް ކައިރީގައި ހުރި ޒައިދުއަށްވެސް އެއްލޯ މަރާލީ ލިމްނާއަށް ނޭނގޭ ގޮތަށެވެ.
“ހޫމްމް.. ވިޝޫ ވެއްޖެ ރޫމްގަ.. މައްޗަށް ދާއިރު ކަނާތް ފަރާތަށް ހުންނަ ރޫމް.. ދެން މިހުރީ ޒައިދު.. އެންޑް ޒައިދުގެ މަމް..” ލިމްނާ އިތުރަށް ލަދު ގެންނެވުމުގެ ބަދަލުގައި ވިކާޝް ކުޑަގޮތަކަށް ޒައިދުމެން ތަޢާރަފް ކޮށްދިނުމަށްފަހު ލިމްނާ ދިއުމަށް ތަން ދައްކާލިއެވެ. އެއާއިއެކު ލަދުން މޯޅިވެފައި ހުރި ލިމްނާ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔައިރުވެސް ވިކާޝްގެ ނަޒަރު އެފަރި ހިނގުމުން ވަކިވެގެން ނުދެއެވެ.
ލިމްނާ ދިޔަތާ މާ ގިނައިރެއް ނުވެ ދެން އެގޭގެ ތެރެއަށް ވަދެގެން އައިތަން ފެނުނީ ވިކާޝް އެންމެ އިންތިޒާރު ކުރަމުންދިޔަ ފަރާތެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިކްއެވެ. އަޑިން ހުދު ޓީޝާޓެއް ލާފައި އޭގެ މަތިން ކަޅުކުލައިގެ ކެޝުއަލް ސޫޓެއް ލައިގެން ހުރިއިރު ބޮޑަށް ވައްތަރުވަނީ ބޭރު މީހަކާއިއެވެ. ހައިލައިޓް ކޮށްފައިވާ އިސްތަށިގަނޑުގައި ކުރިއަށްވުރެވެސް ބޮޑަށް ސްޕައިކް ޖައްސާލައިގެން ހުރިއިރު ފެޝަން ކަމުގެ އިންތިހާއެވެ. ދޮރުމަތީގައި ކުޑަކޮށް މަޑުކޮށްލުމަށްފަހު އާލިކް އެތެރެއަށް ވަދެގެން އައިސް ހުއްޓިލީ ވިކާޝްގެ ގާތުގައެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައިވާ އާދަޔާ ޚިލާފު ދުރުގޮތްގަނޑު ނަގައިގަންނާކަށް ވިކާޝްއަށް އުނދަގުލެއް ނުވިއެވެ.
“ހާދަ ފާޑަކަށް ތިހުރީ.. އާރ ޔޫ އޯކޭ..” ވިކާޝް އާލިކްގެ ކޮނޑުގައި ޖަހާލަމުން ކުޑަގޮަތަކަށް ހީނލިއެވެ. އެވަގުތު އާލިކްވެސް އޯކޭއޭ ބުނެލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި ނަމަވެސް އޭނާ މޫޑު މުޅިން ރަނގަޅު ނޫންކަން ވިކާޝްއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ ކައިރީގައި ތިބި ޒައިދުމެންނަށް އާލިކް ތަޢާރަފްކޮށްދީ އޭނާއަކީ ކާކުކަން ބުނެދިނެވެ. އިތުރަށް އާލިކްގެ ފަރާތުން އެއްވެސް އެއްޗެއް ނީވުމުން ވިކާޝްވެސް މާބޮޑު ސަމާލުކަމެއް ނުދީ ދިޔައީ އިތުރަށް އަންނަ މެހްމާނުންނަށް މަރުހަބާ ކިޔުމަށެވެ.
އާލިކް ބީރައްޓެހި ގޮތަަކަށް އެތާ ހުއްޓިލައިގެން ހުރިއިރު އިރު އިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލާ ފޯނު ކަންފަތުގައި ޖަހާލަމުންދިޔަ މަންޒަރު އެތަނުގައި ތިބި ގިނަ ބައެއްގެ ސަމާލުކަން އަތުލަމުން ދިޔައެވެ. އެކަމަކީ މާބޮޑު ކަމަކަށް ނުހަދާ އާލިކް އެތެރެއަށް ވަދެގެން ދިޔައީ ކުޑަ ވަގުތުކޮޅަކަށް އިށީނދެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެތެެެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އޭނާގެ ފައި ބިމުގައި ތަތްލީ ސިޑިން ފައިބަމުން ދިޔަ އޭނާގެ ހިތުގެ ރާނީ ފެނުމުންނެވެ. ބޮޑެތި ރަތް މާތަކެއް ޖަހާފައި ހުރި ކަޅުކުލައިގެ މެކްސީއާއިއެކު، ރަތް ޝޯލްގެ ތެރެއިން އެ ސާދާ ލޯބި މޫނު ފެންނަމުން ދިޔައީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. ލުއި ލުއި މޭކަޕާއިއެކު، ރަތްކުލައިގެ ތުންފަތުގައިވާ ލުއި ހިނިތުންވުން އާލިކްގެ ހިތުގައި ވިކާލި ފަދައެވެ. އެބޮޑު ލޮލުން ތަންތަން ހޯދާލާ އެސްފިޔަ ޖަހާލާގޮތް މައުސޫމްކަމުން އޭނާގެ ހިތް ލޯބިން ފުރިގެން ދިޔަފަދައެވެ. ބޭއިޚްތިޔާރުގައި އެ ފިރިހެންވަންތަ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ ވިޝާވެސް އޭނާއާއި ދިމާއަށް ބަލާލިވަގުތުއެވެ. އެވަގުތު ވިޝާއަށް އާލިކް ފެނުމުން އޭނާގެ ތުނި ތުންފަތުގައިވެސް ދުވެލީ އުފާވެރި ހިނިތުންވުމެކެވެ. ލޯބިވެތި ކަމާއިއެކު ލޯބޮޑު ކޮށްލަމުން އޭނާ އާލިކްއާއި ދިމާއަށް އަންނަންފެށީ ލަސް ފިޔަވަޅުތަކެއްގައެވެ. ނަމަވެސް އާލިކްއަށް ހުވަފެނީ ދުނިޔެއިން ނުކުމެވި އެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ވިޝާއަށް ފުރަގަސް ދީ ގޯތިތެރެއަށް ނުކުމެ ގޭގެ ގޭޓާއި ދިމާއަށް ހިނގައިގަތީ ވިޝާގެ މޫނުމައްޗަށްވެސް ހައިރާންކަން ގެނުވަމުންނެވެ.
ވިޝާ ދުވެލާފައި ކަހަލަ ގޮތަކަށް އާލިކްގެ ފަހަތުން ބޭރަށް ނުކުތްއިރު ވިކާޝްވެސް އާލިކް ގޭޓުކައިރީ ކުރާކަމެއް ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ. އެއާއިއެކު ދެން ފެނުނީ އާލިކް އަތް ދަމާލާފައި ބޭރުން އައި ކުއްޖެއްގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަން މަންޒަރެވެ. އެއާއިއެކު ފެނުނު މަންޒަރުން ވިކާޝްއަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ ކޮއްކޮގެ މޫނަށެވެ. އެވަގުތު ވިޝާ އިސް ޖަހާލަމުން އެނބުރި ގޭތެރެއަށް ވަދެގެން ދިޔައީ އިތުރަށް އެތާ ހުންނަން ބޭނުންނުވެގެންނެވެ. ތެދެކެވެ. އޭނާގެ ކުރިމަތީގައި އާލިކް ޝާޔަންގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ އައި މަންޒަރު ފެނުމުން އެހިތައް ކެތްނުވީއެވެ. ވިޝާ އެކަންޏެއް ނޫނެވެ. ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްގައި ފަރިވެ ފޮޅިގެން ތުއިވަމުން އާލިކް އާއި އެކީގައި އައި ޝާޔަން ފެނުމުން ވިކާޝްއަށްވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އާލިކް އޭނާދެކެ އެހާ ފޫހިވާއިރު ދައުވަތު ނުދެނީސް ޝާޔަން ގެނައީ ކޮން ބޭނުމަކު ހެއްޔެވެ؟ ވިޝާ ހިތްދަތި ވާނެކަން ނޭނގެނީ ހެއްޔެވެ؟ ވިކާޝް ކުޑަކޮށް ހިތްހަމަ ނުޖެހުނަސް ޝާޔަންއަށް ހިނިތުންވެލާފައި މަރުހަބާ ކިޔާލީ ފަހުން އާލިކް ގާތުން ވީގޮތް އޮޅުންފިލުވާލަން ގަސްތުކޮށްގެންނެވެ.
ޕާޓީގެ ދެން ޖެހިގެން އައި ބައި ގަޑިއެއް ހާއިރު ހޭދަވީ ހިތްތަކުގެ ސިއްރު މުޢާމަލާތާއި ގޮތްނޭނގޭ ބެލުންތައް އެކަކު އަނެކަކާއި ބަދަލު ކުރުމުގައެވެ. ކެއުމުގެ ތެރޭގައާއި އެކި އެކި ކަންތަކުގެ ތެރޭގައެވެ. ވިކާޝްގެ ނަޒަރު ލިމްނާއަށް ހުއްޓެމުންދިޔައިރު ލިމްނާއަށްވެސް ޚާއްސަވެފައިވީ ވިކާޝްގެ އާދަޔާ ޚިލާފު ބެލުންތަކެވެ. އެއާއިއެކު ވިޝާގެ އުންމީދެއްނުވާ މާޔޫސީ ނަޒަރު އާލިކްއަށް ހުއްޓެމުންދާއިރު އޭނާއަށް އުނދަގޫ ވަމުން ދިޔައީ އާލިކްގެ އަތުގައި ހިފާލައިގެން ހުންނަ ޝާޔަން ފެންނާތީއެވެ. އިތުރަށް ނުބަލަން އެތައް ފަހަރަކު މޫނު އަނބުރާލިޔަސް އޭނާގެ ހިތް އެކަމަށް އެއްބަސް ނުވެގެން އެަތައް އެތައް ފަހަރަކު ބަލާލަން ޖެހެއެވެ. އެކަން އެންމެ ރަނގަޅަށް އެނގުނު އެކަކީ އާލިކްއެވެ. ވިޝާ ބޭނުންވަނީ އެވިހަގަދަ ނަޒަރުން އޭނާއަށް އުނދަގޫ ކުރަން ހެއްޔެވެ؟ ވިކާޝް ހުއްޓާ އޭނާއަށް ބެލުންތައް ބަލަންވީ ކީއްވެ ހެއްޔެވެ؟ ހަމަ އެއާއިއެކު ތަންކޮޅެއް ދުރުގައި ހުރި ޒައިދުގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ހޫރު ޕަރީއެއްފަދަ ވިޝާގެ ދޮން މޫނަށެވެ. އެމަންޒަރު ބަލަން އޭނާގެ ގާތުގައި އޭނާގެ މަންމަ ހުރިކަންވެސް ޒައިދު ހަނދާނެއް ނެތެވެ.
ކުޑަ ވަގުތުކޮޅަކަށްފަހު ވިކާޝް ގޯތިތެރެއަށް ނުކުމެ ހަދާލާފައިވާ ކުޑަ ސްޓޭޖަށް އަރާ މައިކް ނެގުމަށްފަހު ހުރިހާ މެހްމާނުންގެ ސަމާލު ކަމަށް ބުނެލިއެވެ.
“އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަންނޭނގެ އަދި މި ޕާޓީއަކީ ކީކުރަން ބާއްވާ ޕާޓީއެއްކަމެއް.. އަސްލު އަޅުގަނޑުގެ ލައިފްގެ ވަރަށް މުހިންމު ފަރާތެއް ތަޢާރަފްކޮށްދީ އޭނާއާއި ބައްދަލުކޮށްދެން ބާއްވާ ޕާޓީއެއްމީ.. އަޅުގަނޑު….” ވިކާޝް ވާހަކަ ދައްކަން ހުރުމަށްފަހު ކުއްލިއަކަށް ހުއްޓުނީ އާލިކް އެ ސްޓޭޖަށް އެރުމުންނެވެ. އެއާއިއެކު އާލިކް ވިކާޝްގެ ގާތުން މައިކަށް އެދމުން އޭނާ ހައިރާންކަމާއިއެކު މައިކް ދިނީ ވާނުވާ ނޭނގޭ ހާލުގައެވެ.
“އަޅުގަނޑު މީ ވިކީގެ އެންމެ ކްލޯސް ފްރެންޑް.. އެހެންވީމަ އަޅުގަނޑު ފުރަތަމަ ވިކީއަށްވެސް ސަޕްރައިޒެއް ދޭން ބޭނުން.. ޕްލީޒް.. މޭ އައި؟..” އާލިކް މާނަފުން ރާގެއްގައި ވިކާޝްއަށް އެހެން ބުނެލުމުން އޭނާ ފުޅާ ހިނިތުންވުމަކާއިއެކު އޮފް ކޯޒް އޭ ބުނެލާ އެތަނުން ފޭބުމަށްފަހު ތިރީގައި ހުއްޓިލިއެވެ. ވިކާޝް ހުރީ އޭނާގެ ކުރިން ވިޝާއާއި ވިކާޝްގެ ގުޅުން އާލިކްއަށް އެނގޭ ވާހަކަ އެންމެންނާ ހިއްސާކޮށްލަން އުޅެނީ ކަމުގައި ހީކޮށް ވަރަށް ބޮޑަށް ހިނިތުންވެފައެވެ.
” މިއަދު.. އެންމެ ކްލޯޒް ފްރެންޑްގެ މި އުފާވެރި ވަގުތުކޮޅު.. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ދިރިއުޅުމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކުރިއަށް އަޅަން..” އާލިކް ވާހަކަ ދައްކަމުން ޖީބަށް އަތްލާފައި މުށުތެރެއަށް ލީ އަނގޮޓި ފެނުމުން ތިރީގައި ހުރި ޝާޔަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީއިރު ވިކާޝްއާއި ވިޝާ ތިބީ ވާނުވާ ނޭނގޭ ހާލު ކަންތައް ބޮޑުވެފައެވެ.
” ޝާޔާ..” އާލިކް ޝާޔަންއަށް އަތްދިއްކޮށްލުމުން އޭނާ ފަރިގޮތަކަށް އާލިކްގެ އަތުގައި ހިފާ އެތަނަށް އެރީ ހިނިތުންވެލަމުންނެވެ. އޭރު ވިޝާ ހުރީ ލޮލަށް ވެރިވަމުން ދިޔަ ކަރުނަތަކާއި ހަނގުރާމަކޮށްކޮށް ވަރުބަލިވެފައެވެ. އެވަގުތު ދެން ފެނުނީ އާލިކް ކަކޫ މައްޗައް ތިރިވެލާފައި ޝާޔަންގެ އަތުގައި ހިފާލުމަށްފަހު އަނގޮޓި އަޅުވާލި މަންޒަރެވެ.
“ވިލް ޔޫ މެރީ މީ؟..” ޝާޔަންގެ ރީތި މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ފިރިހެންވަންތަ އަޑުން އެބުނެލި ޖުމްލަ އަޑު އިވުމުން ވިޝާގެ ހިތް ހީވީ ބުރިބުރި ވެގެން ދިޔަހެންނެވެ. އޭނާއަށް ކުރެވުނު ކުޑަ ކުޑަ އުންމީދުވެސް ފެނަށް ވެގެން ދިޔައީއެވެ. ވަގުތުން އެރީތި ބޮޑު ދެލޮލަށް މިއޮއް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ޖަމާވެގަތީ ހަލުވިކަންމަތީގައެވެ. އެ މަންޒަރު އެންމެ ގާތުގައި ހުރި ވިކާޝްއަށް ފެނުމާއިއެކު އޭނާ ވިޝާގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އޭނާގެ ހިތުގައިވެސް އޭރު ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. އާލިކް އެގޮތަށް ކަންތައް އެކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ވިޝާދެކެ ލޯބިވެއޭ ކިޔައިގެން އެކޮށްލީ ސަމާސާއެއް ހެއްޔެވެ؟ ނޫނީ ޝާޔަންއާއި ކައިވެނި ކުރުން ނޫންގޮތެއް ނެތީ ހެއްޔެވެ؟ އެކަމު ދެން ވިޝާގެ ކުރިމަތީގައި އެގޮތަށް ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ބޭނުން ނުވިޔަސް ވިކާޝް އާލިކް ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހުނެވެ. އޭނާ ވިޝާގެ މޫނަށް ބަލާލިއެވެ. ކަރުނަތައް ހިންދާލުމަށްފަހު ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުންދިޔައިރު ވިޝާގެ މޫނުމައްޗަށް ރަތްކަމެއް ވެރިވެފައި ހުއްޓެވެ.
“ޔެސް.. ޔެސް.. ޔެސް އާލް..” ވިކާޝް ސިއްސައިގެން ދިޔައީ އަޑުގެ ކޮޅަށް ޝާޔަން ހަޅެއްލަވައިގަތް އަޑަށެވެ. އިސް އުފުލާ ބަލާލިއިރު ޝާޔަން އާލިކްގެ ގައިގައި ބާރަށް ބައްދާލަނީއެވެ. އޭނާ ވަގުތުން މޫނު އަނބުރާލީ ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުންނެވެ.
“ވިކީ ޔުއަރ ޓާން..” އާލިކް ޝާޔަންގެ ލޫޅާފަތި ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުރެ މަލާމާތުގެ ހިނިތުންވުމަކާއިއެކު ވިކާޝްއަށް މައިކް ދިއްކޮށްލަމުން ތިރިއަށް ފޭބިއެވެ. އެވަގުތު ވިކާޝް ހަމަޖެހިލަމުން ސްޓޭޖަށް އެރީ މޫނުމައްޗަށް އުފާވެރިކަން ވެރި ކުރުވަމުންނެވެ.
“އެންމެ ފުރަތަމަ.. ކޮންގްރެޖުލޭޝަން ޓު ދަ ބިއުޓިފުލް ކަޕްލް..” ވިޚާޝް ހިނިތުންވެލަމުން އަތްޖަހާލީ އެންމެންނަށްވެސް އަތްޖަހާލަން އެދެމުންނެވެ. އެވަގުތު އާލިކް ވާދަވެރި ގޮތަކަށް ވިކާޝްގެ މޫނަށް ބަލަހައްޓައިގެން ހުރީ އޭނާ ކަންތައް ކުރާގޮތް ބަލަން ކެތްމަދުވެ ހުރެއެވެ.
“ވެލް.. އިޓްސް މައި ޓާރން.. އެންމެ ފުރަތަމަ ތި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ކިޔާލަދޭން ބޭނުންވަނީ ވާހަކައެއް.. އަޅުގަނޑުގެ ލައިފް.. އަޅުގަނޑުގެ ޗައިލްޑް ހޫޑް..” ވިކާޝް މަޑުމައިތިރި އަޑަކުން ވާހަކަ ދައްކަން ފެށިއެވެ. އަދި ސްޓޭޖުގައި ހުރެ އޭނާގެ ދިރިއުޅުމުގެ ވާޙަކަތައް އެ އެންމެންނާއި ހިއްސާ ކުރަމުން ދިޔައެވެ. މަންމައާއި ބައްޕައާއިއެކު އުޅުނު ގޮތާއި އޭނާއަށް ކޮއްކޮއެއް ލިބުނު ވާހަކައެވެ. އެދުވަހު އުފާ ވީވަރެެވެ. ކޮއްކޮގެ އުމުރުން ދެދުވަހުގައި ބައްޕަ ނިޔާވީ ވާހަކައެވެ. ކޮއްކޮގެ އުމުރުން ހަތަރު ދުވަހުގައި އެކޮއްކޮއާއި ވަކިވާން ޖެހުނު ވާހަކައެވެ. އޭގެ ފަހުން އޭނާއަށް މަންމައާއި ކޮއްކޮގެ ޚަބަރެއް ނުވާ ވާހަކައެވެ. ވިކާޝް ވާހަކަ ދައްކަމުން ދިޔައިރު އާލިކް ހުރީ ކޮންމެވެސް ވަރަކަށް ސުވާލު އުފެދިފައެވެ. ދުވަހަކަުވެސް ވިކާޝް އޭނާގާތުގައި ދައްކާފައި ނުވާ ވާހަކަތަކެއް ނަމަވެސް ކޮންމެވެސް ވަރަކަށް އޭނާއަށް އެވާހަކަތައް އެނގޭ ކަހަލައެވެ. ނަމަވެސް އެއްގޮތަކަށް ވާން އެއުޅެނީ ކިހިނެއް ކަމެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ. ވިކާޝްގެ ވާހަކަތައް އަޑު އަހަން ހުރި ވިޝާއަށް ހިނިތުންވެލައިގެން ހުރެވުނީ ކަރުނައާއި އެކުގައެވެ.
“އަޅުގަނޑަށް މިއަދު މަންމަ އާއި ކޮއްކޮގެވެސް ހަބަރު އެނގިއްޖެ.. މިއަދު މަންމަ މިދުނިޔޭގަ ނެތް…..” ވިކާޝްގެ އަޑު ބެދުނެވެ. އެލޮލަށް ކަރުނަ ޖަމާވީ މަންޒަރު ފެނި އާލިކް މޫނު އަނބުރާލީ ވިކާޝްއަށް ހަމްދަރުދީ ވާން ބޭނުންނުވާތީއެވެ. ވިކާޝްގެ އެ ހިތާމަވެރި ސޫރަ ފެނުމުން އެތާ ތިބި ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ހިލުވާލިއެވެ.
“އެކަމަކު މަންމަ އަޅުގަނޑަށް ވަރަށް އަގުހުރި ހަދިޔާއެއް ދޫކޮށްފަ ދިޔައީ.. މިއަދު އަޅުގަނޑުގެ ކޮއްކޮ ފެނިއްޖެ.. ކޮއްކޮއާއި ބައްދަލުވެއްޖެ.. އިއްތިފާގުން ނަމަވެސް އަޅުގަނޑުމެން ދެބެންނަށް އުޅެވުނީ ދުރުގައެއް ނޫން.. މިރޭގެ މި ޕާޓީއަކީ ތިހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ލޯބިވާ ކޮއްކޮ ތަޢާރަފްކޮށްދޭން ބޭއްވި ޕާޓީއެއް..” ވިކާޝް މަޑުމައިތިރިކަމާއިއެކު ބުނަމުން ދިޔަ ކޮންމެ ޖުމްލައެއް އާލިކްގެ ހިތުގެ ތެޅުން އަވަސް ކުރަމުން ދިޔައެވެ. އެއިން ކޮންމެ ޖުމްލައެއް އޭނާއަށް ގޯހެއް ހެދިއްޖެ ކަމުގެ ސިގްނަލް ދޭން ފަށައިފިއެވެ. ލަސްލަހުން ޝާޔަންގެ އުނަގަނޑުން ދޫކޮށްލެވުނު އިރު އާލިކްގެ ތެޅި ތެޅިއޮތް ހިތް އިންތިޒާރު ކުރަމުންދިޔައީ ވިކާޝް ދެން ބުނާނެ އެއްޗަަކަށެވެ.
ދެން ފެނުނީ ވިކާޝް މަޑުމަޑުން ވިޝާގެ އަތުގައި ހިފާފައި ސްޓޭޖަށް އެރުވި މަންޒަރެވެ. އޭރު ވިޝާ އިސް ޖަހާލައިގެން ހުރިއިރު މަންޒަރު ބަލަން ތިބި ހުރިހާ އެންމެންވެސް ހިނިތުންވެލައިގެން ތިބީ ވިކާޝްގެ ވާހަކައަށްފަހު ވިޝާއަކީ ކާކުކަން އެނގިގެންފަދަ ގޮތަކަށެވެ. ނަމަވެސް އާލިކްގެ އަވަސްވެފައިވާ ނޭވާއާއި ތެޅި ތެޅި އޮތް ހިތް އޭނާއަށް އިންޒާރު ދެމުން ދިޔައީ އޭނާއަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ ކަމުގެ އިންޒާރެވެ.
“އެވްރިވަން.. މީޓް މައި ބިލަވްޑް ސިސްޓަރ.. ވިޝާ..” ވިކާޝް އުފާވެރި އަޑަކުން ބުނެލި ޖުމްލައާއިއެކު އެންމެންގެ އަތްތިލަބަޑީގެ ގަދައަޑު މާހައުލުގައި ގުގުމާލާފައި ވާއިރު އާލިކްގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ހިތައް ވީގޮތުން އެސްފިޔަ ޖަހާލަން ނޭނގިފައި އެދެބެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އޭނާއަށް މަލާމާތް ކުރަމުން ދާފަދައެވެ. ދުނިޔެއަކީ ކޮންފަދަ ކުލަތަކެއް ދައްކާ ތަނެއް ހެއްޔެވެ؟ އާލިކްގެ ލޮލުން ހިތާމައާއި ލަދުވެތި ކަމުގެ ކަރުނަ ނީރާލިއެވެ.
ނުނިމޭ
11 Comments!
Comments are closed.
oh come on aalik,,,,,, v v kada,,,, haadha reecheyyy vaahaka, waiting,,,,
Haadha kurey mi part. Vvvvvv nice. Thanks laya
vvvvvv nice mibaives!!! layaa dhen araamaguga mi vaahaka nuliyaanantha???? if so mi site ga mivaahaka avahah up kurachey!!!!!!!!! waiting 4 nxt part 😀
wow…v salhi mi part…aalik haadha moya ey…pis pis…waiting for next part…
Its amazing can’t wait…avahah next part up kohdheythi plx..
Varah reethi vaahakaeh…. Alley Aalik ehedhy Kihineh ?? Alhey rovijje vikaash ah rovunyma
Always
Lovely manaal
To my lovely princess laya
I like you. I miss you the nest part.
It amazing waiting for the next part
laya alhe plx next part avahah up kohdhyba. kiyaa hithun hureveny ky nun. mihaaru 2 days v nun
plx plx plx plx plx plx next part avahan up kh dheeba plxxxxxxxx……waiting for next part….
alhey avahah16 vana bai genesdheebala . mihaaru mi part 3 fahaaruki ihjje
pls pls pls
layaa next bai pleaseeeeeeeeeeeeeeeeeeeeeeeeeeee