
ލަފްޒު (ތިންވަނަބައި)
ޒިމްނާ
އަހަރެމެންގެ އެސިސްޓަންޓް ޕްރިންސިޕަލް އަހަރެންނާއި ދިމާލަށް އަންނަތަން ފެނެއެވެ. ނަމަވެސް އިތުރު ވައްތަރެއް ޖެއްސުމުގެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެހެން މީހުންނަށް އަހަރެން ޖަހާނެ ސިފަ ރަނގަޅަށްވެސް އެނގެއެވެ. ވަރަށް މަސައްކަތް ކުރަމުން ފަހުވެސް އަހަރެންގެ ލޮލަކަށް ތަފާތެއް ނާދެއެވެ. ހުރީ ބަލަން ނުކެރޭ ވަރަށް ރަތްވެފައެވެ.
އެހެން ނޫނަސް މީކާއިލް އަކީ އެކަހަލަ މީހެކެވެ. އެހެން މީހުންގެ މައްސަލައަކީ އޭނާގެ މައްސަލައަށް ނަގާ މީހެވެ. މިކާއީލް؟ ފޮއްޗެއް ގޮސް އަމިއްލައަށް ރޭވުން ކަހަލައެވެ. އޭނާ އަށް އަހަރެންގެ ދައްތަ އެނގޭ ސަބަބު އެނގުނީ ދެނެވެ. އެއީ ޒިމާނާ މާލޭގައި އޭ ލެވެލް ހަދަން ހުރި އިރު ކުޅެން ގެންގުޅު ފިރިހެން ކުއްޖައެވެ.
އާއެކެވެ. ކަންތައް ކުރުމުގައި އަހަރެންގެ ދައްތައަކީ އެހާ ރަނގަޅު މީހެއް ނޫނެވެ. އަހަރެން ހަނދާން ވެއެވެ. ޒިމާނާއަށް އެހެން އެތައް ފަހަރަކު ނުހެދުމަށް ބުނި ވާހަކައެވެ. ނަމަވެސް ޒިމާނާއަކީ ގަވާއިދުން އެއްވެސް ކުޅިވަރެއް ކުޅޭ އިންސާނެއް ނޫނެވެ. މީހުނގެ ހިތައްވެސް އޭނާ ހަދާނީ ހަދާނެ ގޮތެކެވެ. އެކަހަލަ މީހެއް ނޫން ކަމަކީ އަހަރެންގެ ނަސީބެކެވެ. އެކަހަލަ ކަމެއް ކުރުމަށްފަހު އަހަރެންނަށް ހަމަ ނިދިވެސް ނުނިދޭނެއެވެ.
“ޔޫ އޯކޭ؟” އޭނާގެ ތޫނު ނަޒަރު އަހަރެންގެ ނަޒަރާއި ހަމަ ކުރަމުން އޭނާ މަޑުމަޑުން އެއްސެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އަދިވެސް އަހަރެންގެ ސިކުނޑި އަނބުރަނީ އަހަރެމެން ދިމާވި ތަނެއްގެ މަތިންނެވެ. “ކޮންތާކުން އަހަރެމެން އެންމެ ފުރަތަމަ ދިމާވީ؟” އަހަރެންނަށް ސުވާލު ކުރެވުން އިރުވެސް ނޭނގެއެވެ. “ޒިމްނާ މިޑް ހޮލިޑޭގައި މާލެ ޒިމާނާ ކައިރިއަށް ދިޔައިރު. އަހަރެން ހުރީ އޭރު ބޯ ކޮށާލާފައި.” އެންމެ ހިނދުކޮޅެއްވެސް މަޑު ނުކޮށް އޭނާ ބުންޏެވެ.
އަހަރެންނަށް ވަގުތުން ހަނދާންވިއެވެ. އެއަށްފަހު އަދި ހަތަރު އަހަރުވެސް ނުވާނެއެވެ. ނަމަވެސް މީކާއިލް ހުރީ ވަރަށް ބަދަލު ވެފައެވެ. އޭރު ފެނުން އިރު ހުރީ ބޯ ވަރަށް ތުނިކޮށެވެ. މޫނުމައްޗަކު އެއްވެސް އިސްތައްޓެއް ނެތެވެ. ނަމަވެސް މިހާރު. އަހަރެން ފުރަތަމަ ފަހަރަށް މީކާއިލްއަށް ރަނގަޅަށް ނަޒަރު ހިންގާލީމެވެ. ހުސެއިންވަރު ރީތި ނުވެދާނެއެވެ. އަދި ލުޖެއިން ވަރު އަމުދުން ރީތި ނުވެދާނެއެވެ. ނަމަވެސް އެ ރީތި ކަމަކީ އާދައިގެ ރީތި ކަމަށްވުރެ ރީތި ކަމެކެވެ. އަރިމަތި ރާޅު ރީތި ކަމެކެވެ. މިހާރު ވަރަށް ތުނިކޮށް ތުނބުޅި ބަހައްޓާފައި ހުރި އިރު ފިރިހެން ވަންތަކަން ރަނގަޅަށް ފެނެއެވެ. ރީތިވާން ޖެހޭ ވަރަށްވުރެ މާބޮޑަށް ރީތި ދެލޮލެވެ. އެހާ ބޮޑެވެ. ހައްޔަރު ކުރެވިފައިވާ އެސްފިޔަތައްވެސް އެހާމެ ދިގެވެ.
އަހަރެން އިސްޖެހީމެވެ. “ސޯ. ވެގެން އުޅޭ ގޮތް ބުނެވިދާނެތަ؟” މީކާއިލް ދެވަނަ ފަހަރަށް އެއްސެވެ. އަހަރެންނަށް ރޭގެ ވާހަކަ ހަނދާންވީ ދެނެވެ. ލުޖެއިން ދެއްކި ވާހަކަތަކެވެ. އަހަރެންގެ ހުރި ގޮތެއް ނެތް ކަމެވެ. ލުޖެއިންއަށް އެހެން ވެގެން ނުވާނެއެވެ. އަހަރެންނަށް މިފަހަރު ރަނގަޅު ކުރެވެން އެބައޮތެވެ.
ލުޖެއިން އޭނާގެ ލޯބީގެ ވާހަކަ އަހަރެން ކައިރީ ބުނި އަޑު އަދިވެސް ކަންފަތުން ރަނގަބީލު ޖަހަމުން ދާކަހަލައެވެ. އަހަރެންނަށް އޭރުވެސް ލުޖެއިންއަކަށް ދޭނެ ޖަވާބެއް ނޭނގެއެވެ. އަދިވެސް ނޭނގެއެވެ. ނޫނެކޭ ބުނަން ނުކެރޭނެ ކަމަކީ ޔަގީން ކަމެކެވެ. ނަމަވެސް އަހަރެންނަކަށް ލުޖެއިންއަކާއި އެކު ‘ފެއިރީ ޓޭލްގެ އެންޑިންގ’ އަކަށް ނުދެވޭނެއެވެ. ލުޖެއިން އެ ދޭ ލޯތްބެއް އަހަރެންނަކަށް އަނބުރައެއް ނުދެވޭނެއެވެ. ލުޖެއިން އަށް ކީއްކުރަން ހެއްޔެވެ؟ އިތުރު އެކަކަށްވެސް ނުދެވޭނެއެވެ.
މީކާއީލްއަށް ބަލަމުން އަހަރެން ‘ފޭކް’ ހިނިތުންވުމެއް މޫނުމައްޗައް ހިއްޕާލީމެވެ. ނަމަވެސް ރަނގަޅަށް ބަލައިފި ކަމުގައިވާނަމަ އަހަރެން އެތެރެއިން ހަޅޭލަވާކަން އެނގޭނެއެވެ. މީކާއިލްއަށް އެނގެއެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް އެނބުރި ހިނގައްޖެއެވެ. އަހަރެން މޫނުމަތީ އަތް އެޅުމަށްފަހު އަތް ދަމާލީމެވެ. އަމިއްލަ ނަފްސުދެކެ ރުޅިއަންނަ ވަރެއް ނޭނގެއެވެ. އެއްޗެއް ހަލާކު ކޮށްލާ ހިތުން އަތް ކަހަނީއެވެ.
އަތް މުށްކެރުވުމަށްފަހު އަހަރެން ވަނީ ސްޓާފް ރޫމަށެވެ. އަހަރެންގެ ތާވަލު ބަލާލަމުން ފުން ނޭވާއެއް ލީމެވެ. އަހަރެންނަށް ފުރަތަމަ ގަޑީ ކްލާހެއް އެބައޮތެވެ. މާނައަކީ އަމިއްލަ ޚިޔާލު ތަކަށް ގެއްލުމަށް ކުޑަ ވަގުތު ކޮޅެކެވެ. ނުކުމެ ނުކުމެ ހުއްޓާ އަހަރެންގެ ނަޒަރު އަޅައިގަތީ ދޮރު ކައިރީ ހުރި ޓީޗަރުންގެ ނޯޓިސްބޯޑުގައި ބޮޑު ނޫކުލައިގެ ގަނޑެއްގައި ލިޔެފައި އިން ލިޔުމެވެ.
ގަޑި ބަލާލުމަށްފަހު އަހަރެން ނޯޓިސް ބޯޑު ކައިރިއަށް ހުއްޓުނީމެވެ.
ޙާއްސަ ދަންނަވާލުމެއް
އަންނަ ހަފްތާ ބުރާސްފަތި (6 މާރޗް 2014) ދުވަހަކީ ސްކޫލަށް 28 އަހަރު ފުރޭ ދުވަހެވެ. އެހެން ކަމުން ސްކޫލް އިދާރާގެ އެދުމަކީ މި ހަފްތާ ބުރާސްފަތި ދުވަހުގެ ރޭ (27 ފެބްރުއަރީ 2014) 20:45 ގައި ހުރިހާ ޓީޗަރުން ސްކޫލަށް ވަޑައިގަތުމެވެ. މިއީ ޖަލްސާއަށް ތައްޔާރު ވުމާއި ކުރުމަށް ބޭނުންވާ ކަންތައް ރޭވުމަށް ބޭއްވޭ ބައްދަލު ކުރުމެކެވެ.
ޝުކުރިއްޔާ
-ސްކޫލް އިދާރާ-
އެގަނޑުގައި އިނެވެ. ގްރޭޓް. މި ވާގޮތުން ބުރާސްފަތު ދުވަސް އެއްކޮށް އަހަރެންނަށް އުޅެން ޖެހޭނީ ސްކޫލުގައެވެ. މައްސަލައެއް ނެތެވެ. ފުން ނޭވާއެއް ލުމަށްފަހު އަހަރެން ދާން އޮތް ކްލާހަށް ހިނގައިގަތީމެވެ.
އަހަރެން މި ސްކޫލުގައި ދަރިވަރެއްގެ ގޮތުގައި އުޅުން ހަނދާންވެއެވެ. ރަށުން އަހަރެން ކިޔެވި އިރު، ޒިމާނާ 8 ކުން ފެށިގެން ކިޔެވީ މާލެއިންނެވެ. ޒިމާނާ އަކީ މަންމަމެންގެ ރަން ދަރިއެވެ. އަހަރެން ކިޔަނީ އެހެންނެވެ. އެހެން ނޫނަސް އަހަރެން ދާހިތްވެސް ނުވީއެވެ. އޭރު ހަޔާތުގެ އެއްވެސް ހާސްކަމެއް ނެތެވެ. މިހެން ވާނެ ކަމަށް ދުވަހަކު ޚިޔާލުވެސް ނުކުރަމެވެ.
ކްލާހަށް ވަނީމެވެ. ހުރިހާ ކުދިން އެކީ ކަހަލަ ގޮތަކަށް ތެދުވިއެވެ. އަހަރެން މިޔަދ މި އައީ ޓީޗަރެއް ނައުމުންނެވެ. ގްރޭޑް ދިހައެއްގެ ކުދިންނަށެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ. ނަމަވެސް ހާސްކަން ސިކުނޑީގެ ފަހަތައް ފޮނުވާލަމުން ހިނިތުން ވެލީމެވެ. “އައްސަލާމް އަލައިކުމް.” އަހަރެން ސަލާމް ގޮވީމެވެ. “ވައާލެއަކުމް ސަލާމް.” އެންމެން އެކީ ޖަވާބު ދިނެވެ.
އިށީނުމަށް އިޝާރަތް ކުރަމުން އަހަރެންގެ ދަބަހުން ދިހައެއްގެ ދިވެހި ފޮތް ނެގީމެވެ. އަހަރެން އެނބުރުން އިރު ދެބަ ކޮށްފައި އެއްބަޔަށް ވުރެ ގިނަ ފިރިހެންކުދިން ތިބީ އަހަރެން ކުރާ ހުރިހާ ކަމެއް ބަލާށެވެ. އެސްފިޔަވެސް ނުޖަހައެވެ. އެ އުމުރުގެ ފިރިހެން ކުދިންނަށް މި އުމުރުގެ އަންހެން ކުދިން ކަމުދާނެއެވެ. އެއީ ހަމަ ސައިންސެވެ. އަހަރެންނަކީ ރީތި މީހެއް ނޫނެވެ. އެހެން ކަމުން އެމީހުން ބެލުމުގެ ސަބަބަކީ އުމުރު ކަމަށް އަހަރެން ހީކުރީމެވެ.
“އޯކޭ. އަޅުގަނޑަށް ކިޔަނީ ޒިމްނާ. މިޔަދަކު އެއްވެސް ކަމެއް ނުކުރާނަން. އެކަމު ތި ކުދިންނަށް އިއްޔެ ދިން ދޯ ފިލާވަޅެއް. ވާހަކަ ލިޔުންތަ ނޫނީ މަޒުމޫންތަ؟” އަހަރެން އެހީމެވެ. “ވާހަކަ” އެކި ކުދިން އެކި ވަރަށް ބުންޏެވެ. “ސޯ. މިޔަދު ތި ކުދިން އަޑު އަހާނީ. މިސް ތީން ކުއްޖެއްގެ ވާހަކަ ކިޔާނީ.” އަހަރެން ބުނީމެވެ. “ކާކު ފޮތް ދޭނީ؟ ” އަހަރެން އެހީމެވެ. ވަގުތުން ހުރިހާ ކުދިން ފޮތްތައް ފޮރުވިއެވެ.
އަހަރެންނަށް ހިނިތުން ވެވުނެވެ. އެއީ އައު ހަރަކާތެއް ނޫނެވެ. އަހަރެމެންވެސް ސްކޫލްގައި އުޅުން އިރު ކަންތައް ކުރާ ގޮތެވެ. “އަޅުގަނޑު!” ފަހަތު ބަރިން ފޮތް އުފުއްލަމުން ކުއްޖަކު ބުންޏެވެ. ދޮން ކުއްޖެކެވެ. އަހަރެންގެ އިސްކޮޅެވެ. ބުރުގާ އަޅައިގެންނެވެ. ނަމަވެސް އެ ކުއްޖަގެ ބެލުމުގައި ގޯސް ކަމެއް ހުއްޓެވެ. ފަހަރުގައި އަހަރެންނަށް ފެންނުން ގޮތް ކަންނޭނގެއެވެ.
“އޯކޭ. ތެންކިޔު.” ބުނަމުން އަހަރެން އޭނާގެ އަތުން ފޮތް ނެގީމެވެ. “ވާހަކައަށް ކިޔަނީ އަހަރެންގެ ބަރުބާދީ.” އަހަރެން ބުނީމެވެ. “ސަޅި ނަން. އަޅުގަނޑު ދެންޏާ ދޭނަން ނަމަށް ވެސް ޓެން.” އަހަރެން ބުނީމެބެ. “އަހަރެންނަށް އަހަރެންގެ ބަރުބާދީއަށް ވަދެވޭކަންވެސް އެނގޭ. އޭނައާއި އިން އިރުވެސް މިހެން ވާނެ ކަމަށް އަހަރެންގެ ކޮންމެވެސް ބައެއް ގަބޫލް ކުރޭ. ނަމަވެސް މިހާރު އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއާއި ދެމީހުން ވެގެން……” މި ވާހަކަ އަހަރެންގެ ހަޔާތާއި ވަރަށް ގުޅެއެވެ.
ފަހަތު ބަރީ ތިބި ތިން ކުދިން ހޭން ފެއްޓިއަޑު އިވުނީ ދެނެވެ. އަހަރެން ވަގުތުން އެފަރާތް ބަލާލީމެވެ. ގިނަ ފިރިހެން ކުދިން ތިބީ ވާނުވާގައެވެ. ނަމަވެސް ގިނަ އަންހެން ކުދިން މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ. އަހަރެންގެ ކަރުނަ ހިފެހެއްޓެނީ ކިރިޔާއެވެ. ނަމަވެސް ލޯ ފުސް ވޭއެބައެވެ. ފައިބާން ތައްޔާރު ވެފައިވާ ކަރުނައެވެ. މިއީ މިހާރުގެ ސްކޫލް ކުދިން ހެއްޔެވެ؟
ބޯރޑު ހުރި ދިމާލަށް އަހަރެން އެނބުރުނީމެވެ. ކުއްލިއަކަށް ހުރިހާ އަޑެއް ކެނޑުނެވެ. އަހަރެން ވަގުތުން ދޮރާއި ދިމާލަށް ބަލާލީމެވެ. އަޑު މަޑުވާން ދިމާވާނެ ހަމަ އެކަނި ސަބަބަކީ އެހެން މީހަކު އައުމުންނެވެ. ދޮރުމަތީ އެހުރީ މީކާއިލްއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރި ރުޅިއެކެވެ. އަހަރެންނަށްވެސް ކުޑަކޮށް ފަހަތައް ޖެހެވުނެވެ.
“ތިއީތަ ސްކޫލުން ދަސްކޮށްދޭ އެއްޗަކީ މިހާރު؟ ކޮބާ ބޮޑުންނަށް ކުރާ އިޙްތިރާމް އޭ ކިޔާ އެއްޗެއް އަޑު ނާހަނީތަ؟” އޭނާ ވާހަކަ ދެއްކީ އެއްވަރަކަށެވެ. މަޑުންނެވެ. ނަމަވެސް އޭގައި ބޮޑު ލަޝްކަރެއް ހިފަހައްޓާލެވޭ ހާ ބާރު ހުންނާނެއެވެ. “މިހާރު އަޑެއް ނާދޭތަ؟ ކޮބާ ހޭން ވީނުން.” އޭނާ ބުންޏެވެ. ނަމަވެސް އެކަކަށް ޗުއްޕުއޭވެސް ބުނަން ނުކެރެއެވެ.
“ކާކު ދިން ޓޮޕިކެއް މިއަކީ؟” ޑެސްކެއްގައި ހުޅުވާފައިވާ ފޮތެއް ބަލަމުން މީކާއީލް އެއްސެވެ. “ފަރުހަތު މިސް” ކުރީ ބަރިން ކުއްޖަކު ބުންޏެވެ. “ފަރުހަތު މިސް؟ ދިވެހި ޑިޕާރޓްމެންޓްގެ ހެޑް.؟” މީކާއިލް ސުވާލު ކުރިއެވެ. ހުރިހާ ކުދިން އެއްކޮށް ކަހަލަ ގޮތަކަށް ބޯ ހަލުވާލިއެވެ.
މީކާއިލްގެ ކޮލުން ނާރު އެރި ތަން ފެންނާނީ ހަމަ އެކަނި އަހަރެންނަށެވެ. “ފަހަތުގައި ތިބި ތިން ކުދިން އޮފީހަށް.” މީކާއިލް އަމުރު ކުރިއެވެ. “ތިހެން ހަދާނެ ކަމެއް ނެތް.” އަހަރެން އެންމެ ފަހުން ބުނީމެވެ. އެއްވަރަކަށެވެ. އަޑު ތުރުތުރު ނާލާ ކަމަކީ އަހަރެންގެ ނަސީބެވެ. “މިފަހަރު ވޯނިން ދީފައި ދޫކޮށްލާ.” އަހަރެންގެ ޖަވާބު އައީ އާދެއް ހެންނެވެ.
ގިނައިރެއް ވަންދެން މީކާއިލް އަހަރެންނަށް ބަލަން ހުއްޓެވެ. ދެކޮޅު ހަދާނެ ކަމަށް އަހަރެންނަށް ހީކުރެވުން ވަރެއް ނޭނގެއެވެ. ނަމަވެސް އެންމެފަހުން ފުންނޭވާއެއް ލުމަށްފަހު އޭނާ ނުކުމެއްޖެއެވެ. އަހަރެން ދެން ކުރަން އުޅޭ ކަންތައް ހިތައް އެރުމުންވެސް ގައިން ތުރުތުރު އަޅައިގަތެވެ. ނަމަވެސް މި ކަމަކުން ސަލާމަތްވާން ބޭނުމިއްޔާ އަހަރެން ޖެހޭނީ އަމިއްލައަށް ދިފާއު ކުރަން ދަސްކުރާށެވެ.
“ކިހާ ހިސާބަކުން ނިމުނީ؟” އަހަރެން އެހީމެވެ. ބޮޑަށް އަމިއްލަ ނަފްސަށެވެ. އެއަށްފަހު ފޮތުގައި އޮތް އެއްޗެއް ކިޔަން ފެށީމެވެ. އަހަރެންގެ ހަޔާތުގައި ވީ ކަމަށް މި ވާހަކައިގައި ވަނީ ވަރަށް އެއްޗެހި އިތުރު ކޮށްފައެވެ. މިވާހަކަ ލިޔުންތެރިޔާ ބުނާގޮތުގައި އަހަރެންގެ ފިރި މީހާ އަހަރެންނަށް މަކަރު ހެދީ އަހަރެން އެހެން ފިރހެނެއް ދެކެ ލޯބިވާތީއެވެ.
“ސޯ. ވާހަކަ ވަރަށް ސަޅި އިނގެ. އަޅުގަނޑު ބޭނުން ދެން ވާ ގޮތެއްވެސް ބަލަން. ލިޔެލައްޗެ.” ވާހަކަ ނިންމާލުމަށްފަހު އަހަރެން ބުނީމެވެ. ގިނަ ކުދިން ތިބީ އަނގަ ހުޅުވިފައެވެ. އަހަރެންނަށްވެސް އަދި ގަބޫލު ކުރަން އުނދަގުލެވެ. ވާހަކަ ލިޔުން ކުއްޖާއަށް އިސް އުފުލަން ވެސް އިނީ ނުކެރިފައެވެ. ނަމަވެސް އަހަރެން މި ދިނީ އަހަރެންގެ ފުރަތަމަ ހަމަލާއެވެ.
އާދަޔާ ޚިލާފް ކަމެކެވެ. އަހަރެންނަށް ކުޑަކޮށް ލުއި ވިއެވެ. ރަނގަބީލު ޖެހީ އެވަގުތެވެ. “ގަޑިވެސް ޖެހުނީ ދޯ. ތެންކިޔު އަޑުއަހަން ބަސް އަހައިން ތިބީމަ.” އެއަށް ފަހު އަހަރެން ނުކުތީއެވެ. ވަރަށް ޒަމާނަށްފަހު އަހަރެންނަށް ކުޑަވަރެއްގެ ހިތްވަރެއް ލިބުނެވެ.
އެ ހިތްވަރު ވަޔަށް ބުރައިން ދާނެކަން އަހަރެންނަށް އެނގެއެވެ. ޔަގީންވީ ގެއާއި ކައިރި ވުމުންނެވެ. އަހަރެން ލުޖެއިން އާއި ކުރިމަތި ލާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކޮންމެވެސް އިރަކުން އެކަންތައްވެސް ޖެހޭނީ ކުރާށެވެ. އެހެނަސް އެ އިރަކީ މިޔަދެއް ނޫނެވެ.
އަހަރެންގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. ލުޖެއިން ފެންނާކަށް ނެތެވެ. އަހަރެން ކުޑަކޮށް ތަންތަން ބަލާލީމެވެ. ނަމަވެސް ލުޖެއިންގެ އެއްވެސް ނިޝާނެއް ނެތެވެ. “ލުޖެއިން އެއް ނެތް.” ފަހަތުން މަންމަ ދިން ޖަވާބުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ތައްޔާރު ނުވެ ހުރީމައެވެ. “ކޮންތާކަށް ދިޔައީ؟” މަންމައާއި ދިމާލަށް އެނބުރެމުން އަހަރެން އެހީމެވެ. “މާލެ ގޮސްވީ. ރައްޓެއްސަކު އިންނާތީވެ. މަންމަމެންނަށްވެސް ޖެހޭ ދާން. މި ހުކުރުގަ.” މަންމަ ބުންޏެވެ. “ދެން ކީއްވެ އޭނާ އެހާ އަވަހަށް ދިޔައީ؟” އަހަރެން އެހީމެވެ.
“އޭނާ އަށް އެނގޭނީ. އަހާ ބަލަ.” މަންމަ ބުންޏެވެ. “ދާން ޖެހޭނެ މަންމަ އާއެކު. މަންމަ އެކަންޏެއް ދެގަޑި އިރުގެ ދަތުރެއް ކޮށްގެނެއް ނުދާނަން މާލެއެއް ޕާޓީއަކަށް.” މަންމަ ބުންޏެވެ. ‘ލައްބަ މަންމާ. ދާނަމޭ.” އަހަރެން ބުނީމެވެ. “ހިނގާ ކާން ދާން.” އަހަރެން ބުނީމެވެ. “އައްސަލާމްއަލައިކުމް.” މީހަކު ސަލާން ގޮވީ އެވަގުތެވެ. ދޮރުމަތީ ތޫނުކޮށް އެހުރީ މީކާއިލްއެވެ.
(ނުނިމޭ)
5 Comments!
Comments are closed.
Alhe labaan ey kiyaashey bunymahnu. 🙁 side character ah
Hehe
Adhi side Character Eh Naadhe Ennu
Lujein Innane Furathama Baigaves
Ehen V Ma badhaleh nukureveynun
labaan adhi annaane
inthizaaru kuraane kamah hykuran
thanks
Lujein Iny Ehen bunumuge Kurin Liyefa Ennu
Adhi Side Character Eh Naadhe ey
Ehen Noonas Alhugamdu Gasdhu Kurany Mivaahaka Nimunyma Lujeinge Vaahaka Gennan
Eah Fahu Zimaana Ge Ves
Eh fothakun MainAh namaves Labaan Laanan
Promise
Thank You
Nice. . 😉