އެކުގައިވާން އެދެމޭ… 14
ލަސްލަހުން ތުންފަތުގައި ދަތްއަޅާލަމުން ވިޝާއާއި ދިމާއަށް ދެއަތް ފުޅާކޮށްލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ބެލެނިވެރިއެއްގެ ލޯތްބާއި ހިމާޔަތަށް ފެންބޮވައިގަނެފައި ހުރި ވިޝާއަށް ދުވެފައިގޮސް ވިކާޝްގެ އަތުތެރެއަށް ވަދެވުނީ އިތުރު ވިސްނުމަކާއިނުލައެވެ.
“ވިޝޫ..” އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ވިކާޝްގެ ކުލުނުން ފުރިގެންވާ މަޑުމައިތިރި އަޑުންނެވެ. އެވަގުތު ވިޝާ ސިހިފައި ކުއްލިއަކަށް ވިކާޝްގެ ގައިން ދޫކޮށްލުމަށްފަހު ދުރަށްޖެހިލިއެވެ. އަނެެއްކާ އޭނާއަށް ކުށްހީއެއް ހީކުރެވުނީ ހެއްޔެވެ؟ އަނެއްކާ އެއީ އޭނާގެ ދޮންބެއެއް ނޫން ހެއްޔެވެ؟ އެހެން ހިތައް އެރުމާއިއެކު ވިޝާގެ ލޮލުގައި އަނެއްކާވެސް ތާޒާ ކަރުނަތައް ބޮނޑިވެގަތެވެ. ދެތުންފަތް ތުރުތުރު އަޅާ ހާލު އިނގިލީގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ. ވިޝާގެ އެ މައުސޫމް ހަރަކާތްތަކުން ކުރިމަތީގައިހުރި ވިކާޝްގެ ހިތް ލޯބިން ބަންޑުން ވީ ކަހަލަައެވެ. އަދިވެސް ހަމަ އެމައުސޫމްކަމެވެ. ވިކާޝްއަށް ހިނިތުންވެލެވުނެވެ.
” ތީ ހަމަ ދޮންބެގެ ކޮއްކޮ ދޯ..” އިސް ޖަހާލައިގެން ހުރި ވިޝާއަށް ވިކާޝްގެ އެޖުމްލަ އަޑު އިވުނީ ހުވަފެނެއްގެ ތެރެއިން އިވޭ ފަދަ ގޮތަކަށެވެ. އަވަސް އަވަހަށް އިސް އުފުލާލުމަށްފަހު ދެލޯ ބޮޑުކޮށްލާ ވިކާޝްގެ މޫނަށްބަލާލީ ޔަގީން ނުވާފަދަ ގޮތަކަށެވެ.
” ބަރތް ޑޭ.. 18 ނޮވެމްބަރ.. މަންމަ އަކީ ވާލިދާ.. އިޓަލީ ރައްޔިތެއް..” ވިކާޝް ވިޝާއާއި ގާތަށް ޖެހިލަމުން ކަރުނުން ފުރިފައި އެހެނަސް ހިނިތުންވެފައި ހުރެ ބުނަމުން ދިޔައެވެ. އެއާއިއެކު ވިޝާއަށް ލަސްލަހުން ގިސް ލެވެންފެށުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
“މަންމަގެ ލޮލުގެ ކުލަ ފެހި.. އިސްތަށިގަނޑު ބުޅި..” މިފަހަރު ވިކާޝްއަށް ބަލާލަމުން ވާހަކަ ދެއްކީ ވިޝާއެވެ.
” ދ.. ދޮންބޭ..” ވިޝާ މަޑުމަޑުން ވިކާޝްގެ އަތުގެ ތެރެއަށް ވަނީ ދަރިއަކު ބައްޕައެއްގެ އަތުގެ ތެރެއަށް ވަންނަ ފަދައިންނެވެ. މިހުރިހާ ދުވަހު ލޮލުގައި ޖަމާކޮށްފައިވާ ކަރުނަތައް އޭނާގެ ދޮންބެގެ ޓީޝާޓް ތެންމަމުން ދިޔައިރު އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ ހުރި ވިކާޝްގެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުނައިގެ މުތީތައް އޮހެމުން ދިޔައެވެ.
އެއަރޕޯޓަށް ގޮސް ކުރަން ޖެހޭ ކަންތައްތައް ނިންމާލުމަށްފަހު އާލިކްގެ މިސްރާބު ހުރީ އޮފީހާއި ދިމާއަށެވެ. ވިކާޝް ފުރާ ވާހަކަ ބުނެފައި އޮތުމުން އޭނާ ފުރީތޯ ބަލާލަންވެސް އާލިކް ބޭނުންވީ ރަނގަޅަށް ހަމަޖެހިލުމަށްފަހުގައެވެ. ހިނިތުންވެފައި ރަނގަޅު މޫޑެއްގައި ހުރެ އޮފީހުގެ ތެރެއަށް ވަދެވުމާއިއެކުއިއެކު ލޯމަތީގައިވާ އަވިއައިނު ނަގާ އަތުން ހިފާލައިފިއެވެ. އަދި އެހިސާބުން ފެންނަން ތިބި އޭނާގެ މުވައްޒަފުންނަށް ރަހްމަތްތެރި ހިނިތުންވުމެއް ދެމުން އޭނާގެ ކެބިންއާއި ދިމާއަށް ހިނގައިގަތީ ހަމަޖެހިލާފައި ހުރެގެންނެވެ. ސިޑިން އަރަމުން ދިޔައިރު އޭނާގެ ހިތުވިންދު ބާރުވެލަމުން ދިޔައީ ދެދުވަސް ފަހުން އޭނާގެ ހިތުގެ މަލިކާ ފެންނާނެކަން ހިތައް އެރުމުންނެވެ. އެއާއިއެކު އެމޫނުމައްޗަށް ވެރިވެގެންދިޔައީ ފިރިހެންވަންތަ ސިއްރުވެރި ހިނިތުންވުމެކެވެ. ތެދެކެވެ. މިހާރު އޭނާ އެވަނީ ގޮތެއް ނިންމާފައެވެ. މިހާރު އާލިކްބޭނުންވަނީ ވިޝާގެ ހިތުގައި އޭނާއަށްޓަކައި ޖާގައެއް ވޭތޯ ބެލުމަށެވެ. އެހެން ވެއްޖެނަމަ ލަސްކުރުމެއްނެތި އޭނާގެ ހިތުގެ ހާލަތު ވިޝާއަށް ހުޅުވާލުމަށެވެ.
ހިނިތުންވެލައިގެން ހުރެ ލަސްލަހުން ކެބިންގެ ދޮރު ހުޅުވާލުމާއިއެކު އާލިކްގެ މޫނުމައްޗަށް ދިލަގަދަ އެތިފަހަރެއް އެރިފަދައެވެ. ވަގުތުން އެމޫނުމަތީގައިވާ އުޖާލާ ހިނިތުންވުން ފިލާގޮސް ހިތާމައިގެ ތަސްވީރެއް ފަދައިން އެ ފިރިހެންވަންތަ މޫނުމަތި ބަނަވެގެން ދިޔައެވެ. ކުރިމަަތިން ފެންނަމުން ދިޔައީ ހަގީގަތެއްބާއޭ ހިތައް އަރާ ހާލު ދޮރުމަތީ އޭނާއަށް ހުރެވުނީ ހަރަކާތް ހުއްޓިފައިވާ ބުދެއް ފަދައިންނެވެ. ތެދެކެވެ. އޭނާގެ ކުރިމަތީގައި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާގެ މޭގައި ބޯ އަޅާލައިގެން އެހުރީ އޭނާގެ ހިތުގެ ރާނީއެވެ. އެހިތުގެ ހުރިހާ ހަގީގަތެއް އެނގިހުރެވެސް ވިކާޝް އެގޮތަށް ކަންތައް ކުރީ ހެއްޔެވެ؟ އާލިކްއަށް ގަބޫލެއް ނުކުރެވުނެވެ. ހިތައް ކުރި އަސަރާއިއެކު ހިތާމައާއި މޮޅިއާއި ރުޅިވެރިކަމުން އޭނާގެ ހިތާއި ސިކުނޑި ފުރެމުންދިޔައެވެ. ކޮންފަދަ ކެހިވެރި ކަމެއްހެއްޔެވެ. އަތުގެ އިނގިލިތައް ބިންދައިގެން ދާވަރަށް ގޮށްމުއްކަވާލެވުނުއިރު އޭނާގެ ވަރުގަދަ ދެބުމަވެސް ވަނީ ގޮށްޖެހިފައެވެ. މާނޭވާލެވި ރުޅިވެރިކަމުގެ ކަރުނުން އެދެލޯ ފުރިގެން ދިޔައެވެ.
” ހިނގާ ގެއަށް.. ދެން އެންމެ މިނެޓަކުވެސް ވިޝޫ އެކަނި އުޅޭނެ ކަމެއް ނެތް.. ހިނގާ ދާން..” ވިކާޝް ވިޝާ ތެދުކުރުމަށްފަހު އޭނާގެ ކަރުނަތައް ފޮހެލަދެމުން ބުނެލިއެވެ. އެވަގުތު ވިޝާވެސް ނޭފަތް ދަމާލުމަށްފަހު ހިނިތުންވެލަމުން ބޯ ޖަހާލީ ވިކާޝްއަށް އާއެކޭ ބުުނުމުގެ ގޮތުންނެވެ. އޭރު އެމަންޒަރު ބަލަންހުރި އާލިކްއަށް ހުރެވުނީ ރުޅިއާއިއެކު ހައިރާންވެގެންވެސް ވާނެވަރެއް ވެފައެވެ. މިހާރު ގެއަށްވެސް ގެންދާ ހިސާބަށް ކަންތައް ދިޔައީ ހެއްޔެވެ؟ ހިތައް ވީތަދުން އާލިކް ލޯ މަރާ ބާރުކޮށްލި ވަގުތު ވެގެން ދިޔައީ ވިކާޝްއާއި ވިޝާވެސް އެދިމާއަށް އެނބުރުނު ވަގުތަށެވެ. އެވަގުތު ހަރުވެ ހިލައަށް ވެފައިހުރި އާލިކް ފެނުމުންވެސް އެދެބެންނަށް މާބޮޑު ކަމަކަށް ނުވިއެވެ. އެއަށްވުރެެ ބޮޑަށް އެދެކުދިން ތިބީ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. އެކަހެރި ވެލަން ބޭނުންވެފައެވެ.
” އާލް.. މަ ވިޝޫ އެބަ ގެންދަން..” ވިޝާގެ އަތުގައި ހިފައިގެން ދަމުން އަވަަސް ރާގަކަށް ވިކާޝް އެހެން ބުނެލާފައި ދިޔަ މަންޒަރު ބަލަން އާލިކްއަށް ހުރެވުނީ ގަބުވެފައެވެ. ވިކާޝްގެ ހިތައް ހަމަ އެކައްޗެކޭވެސް ނާރަނީ ހެއްޔެވެ؟ އޭނާއަށް އެމަންޒަރު ފެނުމުންވެސް ބޮޑުކަމަކަށް ނުވީ ހެއްޔެވެ؟ އާލިކްއަށް ގޮނޑީގައި އިށީނދެލެވުނެެވެ. ވިޝާ ބީވުމަށްވުރެ ބޮޑަށް އޭނާގެ ހިތައް ތަދު ކުރަމުން ދިޔައީ ވިކާޝްގެ ކެހިވެރިކަމެވެ. ވިޝާއަށްޓަކައި އެހިތުގައިވާ ލޯބި އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އެއީއެވެ. އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. މިއޮއް ހުރިހާ ދުވަހު ހެޔޮ އެދޭ ކަމަށް ހީކޮށްގެން އުޅުނު ރަހްމަތްތެރިޔާއެވެ. އާލިކްއަށް ދަތްކުނޑި ވިކާލެވުނެވެ. މި ހުރިހާ ދުވަހު އެ ރަހްމަތްތެރިޔާއަށްޓަކައި ހިތުގައި އޮތް ލޯބީގެ ދެގުނައަށް އޭނާއަށްޓަކައި އެހިތުގައި ހަސަދައާއި ނަފްރަތު އުފެދިއްޖެއެވެ. އޭނާ ކަރުނަ ފޮހެލުމަށްފަހު ލޯ ހުޅުވާލީ މާނޭވާ ލަމުންނެވެ. ވިކާޝްއާއި ވިޝާއަށް އެކުގައި އުޅެވޭނަމަ އޭނާއަށްވެސް އުޅެވޭނެއެވެ. އެމީހުންނަށްވުރެ މާ މޮޅަށްވެސް އުޅެވޭނެއެވެ. ތެދެކެވެ. އާލިކް ގޮތެއް ނިންމައިފިއެވެ. ހިތާމައަކީ ރުޅި އަންނަ ވަގުތު ކަމުގެ ދެކޮޅު ނުބަލާ ނިންމާ ނިންމުމުގެ ނަތީޖާ ހިތިވާނެވަރު އެވަގުތު އޭނާއަށް ނުވިސްނުނު ކަމެވެ.
ވިކާޝްގެ އަތުގައި ހިފާލައިގެން ދުވެފައި ކަހަލަ ގޮތަކަށް އޮފީހުގެ ތެރެއިން ނުކުންނަން ދިޔަ ވިޝާ ބޮލުގެ އިޝާރާތުން ލިމްނާއަށް އާއެކޭ ބުނެލާ ހިނިތުންވެލިއެވެ. އެވަގުތު އެމީހުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ލިމްނާ ލޯ މަރާލަމުން ހިތާއި ހިތުން މާތް ﷲ އަށް ހަމްދުކޮށްލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އޭރު އޮފީހުގެ އެހެން މުވައްޒަފުންވެސް ވިކާޝްއާއި ވިޝާ ދިޔަ މަންޒަރު ފެނި ސުވާލުތަކުން ބަރާވެފައި ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ހިތަކަށް އެމީހުންގެ ހަގީގީ ގުޅުމުގެ އަސްލެއް ޚިޔާލަށްވެސް ނާދެއެވެ. އެމީހުން ނުކުމެގެން ދިޔަތާ މާ ގިނަ އިރުތަކެއް ނުވެ ދެން ފެނުނީ ހަލުވި ފިޔަވަޅުތަކެއްގައި އާލިކްވެސް އެތަނުން ނުކުމެގެން ދިޔަ މަންޒަރެވެ. އޭނާގެ ރަތްވެފައިވާ މޫނާއި ލައްޕާ ބާރުކޮށްފައިވާ އަތްތިލަ ފެނުމުން ލިމްނާ ހުރީ ދެލޯ ބޮޑުވެފައެވެ. ހަމަ ގައިމުވެސް ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ހިނގައިފިއެވެ.
ވިކާޝް ވިޝާ ގޮވައިގެން އޭނާގެ ގެއަށްގޮސް އެކި އެކި ވާހަކަތައް ދެއްކުމުގައި އެތައް އިރަކު ތިއްބެވެ. ދެކުދިން އެކަކު އަނެކަކުގެ ހަޔާތް ވޭތުވެގެން ދިޔަގޮތް ކިޔައިދެމުން ދިޔައިރު ބައެއްފަހަރު ހެވިފައި ތިބޭއިރު އަނެއްބައި ފަހަރު ލޮލުން ކަރުނަވެސް އާދެއެވެ. ކޮންމެއަކަސް ހަޔާތުގައި ވެގެންދިޔަ ހުރިހާކަމެއް އަކުރުން އަކުރަށް ކިޔައި ނުދިންކަމުގައިވިޔަސް ދެކުދިންވެސް ދިރިއުޅުމުގެ މުހިންމު ވާހަކަތައް އެކަކު އަނެކަކާއި ހިއްސާ ކުރިއެވެ. މަންމައާއި ބައްދަލު ނުވެވުމުން އިންތިހާއަށް ދެރަވީ ނަމަވެސް މަންމަގެ ލޮބުވެތި ތަރުބިއްޔަތުން ބޮޑުކޮށްފައި ހުރި ލޯބިވާ ކޮއްކޮގެ ހަރުދަނާކަމާއި ކެތްތެރިކަން ފެނުމުން ވިކާޝްގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ހަމަ އެގޮތަށް ވިޝާވެސް ދޮންބެ އޭނާދެކެ ލޯބިވާވަަރު އިހުސާސް ކުރެވުމުން އިނީ ދުވަހަކުވެސް އުފާ ނުވާ މިންވަރަށް އުފާވެފައެވެ. އެލެއްވި ރަޙްމަތަށްޓަކައި އޭނާ މާތް ﷲއަށް ހަމްދުކުރި މިންވަރެއްވެސް ނޭނގެއެވެ. ތެދެކެވެ. އޭނާގެ ދުޢާ އިޖާބަކުރައްވައިފިއެވެ. އޭނާގެ މަންމަގެ އެދުން ފުރިހަމަކޮށްދެވުނީއެވެ. މަންމަ އުންމީދުކުރި ފަދަ ދަރިއެއްގެ ގޮތުގައި އޭނާގެ ދޮންބެވެސް އެބަހުއްޓެވެ. އެއަށްވުރެ ބޮޑު އުފާވެރިކަމެއް ކޮބާ ހެއްޔެވެ؟
“ވިޝޫއަށް އެނގޭތަ ދޮންބެއަށް އެނގުނީ ކިހިނެއްކަން؟..” އެތައް އެތައް ވާހަކަތަކެއް ދެއްކުމަށްފަހު ވިކާޝް ވިޝާއަށް އޭނާއަށް އެކަން އެނގުނުގޮތްވެސް ކިޔައިދިނެވެ. އެވަގުތު ވިޝާ އިނީ ހައިރާންވީ ވަރުން ބުނާނެ ހަމަ އެކައްޗެއްވެސް ނޭނގިފައެވެ. އާލިކްއަށް އެސިޓީ ލިބުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭގައި ހުރި ވާހަކަތައް ކިޔާފައިވެސް ދަންނަ ކަމަށްވެސް ހަދާނުލާ ހުރީ ހެއްޔެވެ؟
” އެކަމު ސަރ ނުބުނެ ވިޝޫ ގާތުވެސް..” ” ޔަގީން ދެމީހުންނަށް ސަޕްރައިޒް ދޭން އެއުޅުނީ..” ވިކާޝް ކުޑަކޮށް ހީނލަމުން ވިޝާއަށް ބުނެލިއެވެ. އެވަގުތު ވިޝާވެސް ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލިއެވެ.
“ހުރެބަލަ.. ދެން އަހަރުން އޭނައަށް ސަޕްރައިޒް ދޭނީ ދޯ..” ވިކާޝް ލޯތްބާއިއެކު ވިޝާގެ ބޮލުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. އެވަގުތު ވިޝާވެސް ހިނިތުންވެލާފައި އޭނާގެ ދޮންބެއަށް ބޯ ޖަހާލީ އުފަލާއިއެކުގައެވެ.
” ހިނގާބަލަ ހޮސްޕިޓަލަށް.. ފާތިމާމެންނާއި މީޓްކުރަންވާނެއެއްނު..” ވިކާޝް ލިބިފައި ހުރި އުފަލުގައި އެދެމަފިރީންގެ މަތިން ހަނދާނެއް ނުނެތެއެވެ. އޭނާ ބޭނުންވީ އެދެމީހުންވެސް އެއުފަލުގައި ބައިވެރި ކުރާށެވެ.
އޮފީހުން ނުކުތްގޮތަށް އާލިކްގެ މިސްރާބު ހުރީ ޝާޔަންމެން ގެއާއި ދިމާއަށެވެ. އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ކާރުގެ ދުވެލިވެސް ހުރީ ފުދޭވަރަކަށް ބާރަށެވެ. ހިތައް ތަދުވީ ވަރުން ހަމަ ވަގުތުން ވަގުތަށް އޭނާ ބޭނުންވި ގޮތަށް ކަންތައްކުރުމަށް އަވަސްވެގަތީއެވެ. ފަހުން ވާނެ ގޮތަކާއި، ކަމުގެ ހަގީގަތް ތަފާތު ވެދާނެކަމުގައި ވިސްނާކަށް ކުޑަކޮށްވެސް އޭނާ ބޭނުން ނުވާފަދައެވެ.
“އާލް؟..” ޝާޔަން ދޮރު ހުޅުވާލުމާއިއެކު ކުރިމަތީގައި އޮފީސް ހެދުމުގައި ހުރި އާލިކް ފެނުމުން ހައިރާންވެއްޖެއެވެ. ނަމަވެސް އާލިކް އޭނާގެ އެހައިރާންކަމަށް ބެލުމެއްނެތި އެތެރެއަށް ވަދެގެން ދިޔައީ ހިނިތުންވުމަކާއިވެސް ނުލައެވެ. ކަމެއް ގޯސްވެއްޖެ ކަމުގައި ޝާޔަންއަށް ހީވި ނަމަވެސް އޭނާ މާބޮޑު ހާސްވުމަކާއި ނުލާ ދޮރު ލައްޕާލިއެވެ.
“ޝާޔާ.. މަ ބޭނުން ކައިވެނި އަވަސް ކުރަން.. ވީހާވެސް އަވަހަކަށް..” ގޭތެރެއަށް ވަދެ ސޯފާގައި އިށީނދެލުމަށްފަހު އާލިކް ޝާޔަންގެ މޫނަށް ބަލާލީ އެއްވެސް އަސަރެއް ނުވާ ފަދައަކުންނެވެ. އޭރުވެސް އޭނާގެ ހިތުގައި ވިކާޝްއާއި ވިޝާގެ ކެހިވެރިކަމުގެ ޚިޔާލުތައް ރޯވެ އަނދަމުން ދަނީއެވެ. އާލިކް އެބުނެލި ޖުމްލައިން ޝާޔަން ފުރަތަމަ ހީކުރީ އޭނާއަށް އުޅެވުނީ ހުވަފެނެއްގައި ކަމަށެވެ. ވީ އުފަލެއްގެ ބޮޑުކަމުން ހުރިތަނުން ގުޑިލަންވެސް އޭނާއަށް ނޭނގުނެވެ.
” އަ.. އާލް.. ސީރިއަސް؟..” ޝާޔަންއަށް ގަބޫލެއް ނުކުރެވެއެވެ. އުފަލުންގޮސް އަނގަމަތީގައި އަތްއަޅާލަމުން އާލިކްގެ އުނގުތެރެއަށް ވެއްޓިގަތް އިރު އޭނާގެ އިންތިހާ ދަރަޖައިގެ އުފާވެރި ހީނލުމުގެ އަޑު ގޭތެރޭގައި ގުގުމާލާފައި ހުއްޓެވެ.
” އޭމް ސީރިއަސް..” އާލިކް އޭނާގެ އުނގުތެރޭގައި އިން ޝާޔަންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ވަރަކަށް އުފާވެރިކަމެއް ނުފެނެއެވެ. ފެންނަމުންދިޔައީ ނަފްރަތާއި، ބަދަލު ހިފުމުގެ ރޫހެވެ. ނަމަވެސް އާލިކް އެހެން ބުނެލުމުން ޝާޔަން ހީވީ ފިނިފެންމަލެއް ފޮޅިލީހެންނެވެ. އުފަލުންގޮސް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލާ އާލިކްގެ ގައިގައި ބާރަށް ބައްދާލިއެވެ. ދެމީހުން އެގޮތުގައި ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެމީހުންގެ ބެލެނިވެރިންނާއިވެސް ގުޅީ ހަމަ އެވަގުތުއެވެ. އާލިކް އޭނާގެ ބައްޕައާއި ގުޅައގެން އެވާހަކަ ދެއްކިއިރު ޝާޔަން އޭނާގެ ބައްޕައާއި ގުޅައިގެން ހުއްޓެވެ. ކޮންމެއަކަސް އެކި ގޮތްގޮތަށް ވާހަކަ ދެއްކުމަށްފަހު ކުޑަ ހަފްލާއަކާއި އެކުގައިނަމަވެސް އާލިކް ބޭނުންވީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. ޝާޔަންވެސް ކައިވެނި ކުރަން ބޭނުންވެފައި ހުރިވަރުން މާބޮޑުކޮށް ޕާޓީ ނުބޭއްވިޔަސް އެންމެ ރަނގަޅުކަމުގައި ބުނެ ކަންތައްތައް ހަމަޖައްސާލިއެވެ. އަދި އެދެމީހުންގެ ބެލެނިވެރިންވެސް ވާހަކަދައްކައިގެން ހަމަ ޖެހުނީ ޖެހިގެން އޮތް ދުވަހު ފޯމު ނަގާ ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންތައް ނިންމާލުމަށެވެ. ފަޔާޒްއާއި، ޝާހީން އަދި އިހުސާނާވެސް ވީ އެންމެ އަވަހަކަށް މާލެ އަންނާނެ ކަމުގައިވެސް ބުންޏެވެ. އާލިކް އެނބުރި ގެއަށް ދިޔައީ ބޭނުންވި ގޮތަށް ކަންތައް ވީނަމަވެސް މާޔޫސީ ހިތަކައިގެންނެވެ. އައި ރުޅިގަނޑުގައި އެގޮތަށް ކަންތައް ކުރިޔަސް ވިޝާ ދެކެ ވާ ލޯބި އެހިތުން ނެރެ އެއްލާލުމަމީ ފަސޭހަ ކަމަކަށް ނުވާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.
ވިކާޝްއާއި ވިޝާ ހޮސްޕިޓަލަށްގޮސް ފާތިމާމެންގެ ދެމަފިރިންނާއި ބައްދަލުކުރުމަށްފަހު އެދެބެންގެ ވާޙަކަތައް ކިޔައިދިނުމުން އެދެެމަފިރިންވެސް އެއުފަލުގައި ބައިވެރިވެ އެކުދިންނަށް މަރުހަބާކިޔެވެ. ކޮންމެއަކަސް ދެކުދިންނަށް ލިބިފައިވާ އުފަލުގައި ހެޔޮއެދޭ ހުރިހާ ފަރާތްތައް ބައިވެރި ކުރުމުގެ ބޭނުމުގައި ވިޝާ ގެއަށް އައިސް ޒާހިރާއަށް ގުޅައިގެންވެސް އެވާހަކަތައް ހިއްސާ ކުރިއެވެ. އޭނާގެ މަންމަގެ އެދުމަކީ އެއީ ކަމާއި، ހުރިހާ ކަމެއް ބަދަލުވެގެން ހިނގައްޖެ ކަމުގައި އުފަލާއިއެކު ވިޝާ އޭނާއަށް ކިޔައިދިނެވެެ. އެވާހަކަތައް އަޑުއިވުމުން އިންތިހާއަށް ހައިރާންވީ ނަމަވެސް ޒާހިރާވެސް އެދެބެންގެ އެއުފަލުގައި ބައިވެރިވީ ހެޔޮ ހިތަކައިގެންނެވެ.
“ދެން ޒާއްތަމެން މިކޮޅަށް އާދެބަލަ.. ވަރަށް ހަނދާންވޭ.. ވަރަށް ދެކެލާހިތްވެއޭ.. މިހާރު އަހަރެންގެ ގޭގަ ހުންނާނެ ޖާގަވެސް އެބައޮތް..” ވިޝާ އުފާވެރިކަމާއިއެކު ޒާހިރާއާއި ވާހަކަ ދެއްކިއެވެ. އޭގެ ޖަވާބުގައި ޒާހިރާ ހަމައެކަނި ހީނލުމަކުން ފުއްދާލީއެވެ.
“ދެން ހަމަ އަސްލަށޭ ޒާއްތާ.. ކޮންމެ ކަމެއް ޖެހުނަސް ބުނާތި.. މިހާރު އަހަރެންނަށް އިރާދަކުރެއްވިއްޔާ ޒާއްތަމެންނަށް އެހީތެރި ވެވޭނެ.. ދެން މާލެއަށް އާދެބަލަ ކުޑަ ދުވަސްކޮޅަކަށް..” ވިޝާ ކުޑަ ކުއްޖަކު ފަދައިން ޒާހިރާއާއި ވާހަކަދެއްކިއިރު ކައިރީގައި ވިކާޝްވެސް ހިނިތުންވެފައި އިނެވެ.
” ހޫމްމް.. ވިޝޫ ފަށައިފިއްޔާ ނުހުއްޓާނެކަން އެނގޭ.. ދެން ޒާއްތަވެސް ވަރަށް ދެކެލާ ހިތްވޭ ވިޝޫގެ ދޮންބެވެސް.. އެކަމަކު ކިހިނެތް……. އާނނ.. މީ ރަނގަޅު ދުވަސްކޮޅެއް..ޒައިދު….” ޒާހިރާ ވިޝާއާއި ވާހަކަ ދައްކަން ހުރެފައި ތަންކޮޅެއް ބާރަށް ޒައިދުގެ ނަމުން ގޮވާލުމުން ވިޝާއަށް ކުޑަ ސިހުމެއްވެސް ލިބިގެންދިޔައެވެ. ދެންވެސް އޭނާ ހުރީ ޒާހިރާ ދައްކާ ވާހަކަ އަޑުއަހާށެވެ.
“ޒައިދު ކޮންއިރަކު މާލެ ދާވާހަކަ ބުނީ..” ޒާހިރާ ބުނެލި އަޑު އިވުނެވެ. އެވަގުތު ވިޝާއަށް ހުރީ ވާނުވާ ނޭނގުމާއިއެކު ޒައިދުގެ ވާހަކަ އަޑު ނީވޭތީ ކުޑަކޮށް ނުތަނަވަސްވެފައެވެ.
“އާނ ވިޝޫ.. މިދުވަސްކޮޅު ހަސަންބެވެސް ވީ އަތޮޅު އެހެން ރަށަކަށް ގޮސް.. ދެދުވަސް ފަހުން ޒައިދު ޖެހެޔޯ އޮފީސް ކަމަކު މާލެ ދާން.. އެހެންވީމަ……” “ދެން ޒާއްތަ ޒައިދު އެކީގަ އަންނަންވީނުން… ޕްލީޒް ޒާއްތާ… ޕްލީޒްޒް..” ޒާހިރާގެ ވާހަކަ މުޅިން ނުނިމެނީސް ވިޝާ ކޮޅަށް ތެދުވެފައި އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު އޭނާގެ ހަރަކާތް ހުރިގޮތުން ވިކާޝްއަށްވެސް ހެވުނެވެ.
“އެހެންނޭ ބުނަން މިއުޅެނީ.. ޒައިދު އެކީގަ ޒާއްތަވެސް ގޮސްލަންވީއޭ..” ޒާހިރާ ހީނލަމުން ބުނެލިއެވެ. އެވަގުތު ވިޝާ އުފާވެރިކަމާއިއެކު “ޔޭ” އޭ ކިޔާލާފައި ވިކާޝްއަށް ބަލާލީ ހިނިތުންވެލަމުންނެވެ. އަދި އިތުރަށް ޒާހިރާއާއި ޒައިދުވެސް ތިބެންވާނީ އެގޭގައި ކަމުގައި ބުނެ ވާހަކަ ދެއްކުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ވިކާޝްއަށްވެސް ފޯނު ދިނީ އޭނާ ބޭނުންވެގެންނެވެ. ވިކާޝްވެސް މަންމަގެ ރަހްމަތްތެރިޔާއާއި ވަރަށް ބައްދަލުކޮށްލާ ހިތްވާ ކަމަށާއި އަބަދުވެސް އޭނާގެ ކޮއްކޮއަށް ވެދިން އެހީތެރިކަން ހަނދާން ބަހައްޓާނެ ކަމުގައި ބުނެ ޒާހިރާއަށް ޝުކުރުވެރިވިއެވެ. އެފޯން ކޯލް ނިމުނު އިރު ވިޝާ ހުރީ އުފަލުން ފޮޅިފައެވެ. ފޯން ބޭއްވިގޮތަކަށް ޒާހިރާމެން އަންނަންވާއިރަށް ކޮޓަރިއެއް ތައްޔާރުކުރުމާއި ބެހޭގޮތުން ވިކާޝްއާއި މަޝްވަރާކުރިއެވެ.
ޖެހިގެން އައި ދެދުވަހުވެސް ވިޝާ އާއި ވިކާޝްވެސް އޮފީހަށް ނުގޮސް އުޅުނީ ގޭގައެވެ. ދެބެން ފޯރީގައި ތައްޔާރުވަމުންދިޔައީ އާލިކްއަށާއި އެދެމީހުންގެ ރަހްމަތްތެރިންނަށް ސަޕްރައިޒް ޕާޓީއެއް ދިނުމަށްޓަކައެވެ. އަދި ހަމައެގޮތަށް އަނެއް ދުވަހު ޒާހިރާމެން އަންނާތީ އެމީހުންނަށްވެސް އިރުއިރުކޮޅާ ވިޝާ ގުޅާލައެވެ. ވިޝާ އުޅެމުންދިޔަ އެޕާޓްމެންޓްއިން އޭނާގެ ދޮންބެގެ ގެއަށް ބަދަލުވެ ޕާޓީގެ ތައްޔާރީތައް ވަމުން ދިޔައިރު އެކަމުގެ ޚަބަރު ލިބިފައިވާ ހަމައެކަނި ފަރާތަކީ ލިމްނާއެވެ. ނަމަވެސް ލިމްނާވެސް ހުރީ އެމީހުންގެ އެދުމުގެ މަތިން އެސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ. އެމީހުންނަށް ނޭނގޭ އެހެނަސް ހިތާމަވެރި ހަގީގަތަކީ އެދެދުވަހަކީ އާލިކްގެ ހަޔާތަށް އައި އެންމެ ހިތާމަވެރި އަދި އެހިތައް އެންމެ ފުން އަސަރުތަކެއް ކުރުވި ދެދުވަސްކަމެވެ. ކައިވެންޏަށް ކަންތައްތައް ހަމަޖައްސަމުން ދިޔައިރު އެދެދުވަހު ވިޝާ އޮފީހަށް ސަލާމް ބުނެ އަދި ވިކާޝްގެވެސް އެއްވެސް ޚަބަރެއް ނުވުމުން އެހިތުގައިވާ ނަފްރަތާއި ރުޅި ދެގުނައަށް އިތުރުވެގެން ދިޔައެވެ. ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ؟ ހިތާމައަކީ އެހުރިހާ ރުޅިއާއި ނަފްރަތަކީ ހަމައެކަނި އޭނާގެ ކުށްހީއަކަށް ކުރެވެމުންދިޔަ އިހްސާސްތަކެއް ކަން އޭނާއަށް ނޭނގޭ ކަމެވެ.
“ހަލޯ..” އާލިކްއަށ ް ވިކާޝްގެ ފޯނެއް އައީ ދެދުވަސް ފަހުންނެވެ. އޭނާ ފޯނު ނެގުމަށްފަހު ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ.
” ހަލޯ ޔޯ.. ބަލަ ދެދުވަސް ވަންދެން ޚަބަރެއް ނުވީމަވެސް ވީގޮތް ބަލާ ނުލާ..” ވިކާޝްގެ އަޑުގައި ހުރީ އަބަދުވެސް ހުންނަ ގާތްކަމާއި ސަމާސާ ރާގެވެ. މިއަދު އެއަޑު އިވުމުންވެސް އާލިކްއަށް ލިބިގެންދިޔައީ ފާޑެއްގެ ފޫހިކަމެކެވެ. އަދިވެސް ދެއްކުންތެރި ކަމުގެ ބައި ކުޑަ ނުވަނީހެއްޔެވެ؟
“ކީއްވެ އެއްޗެއް ނުބުނީ.. މާ ބިޒީ ތަ؟..” އާލިކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަދެއްކީ ވިކާޝްއެވެ.
“ހޫމްމް.. ކިހިނެތްވީ ތިގުޅީ؟..” އެންމެފަހުން އާލިކް ވާހަކަ ދެއްކިއިރުވެސް އެއަޑުގައި ވަނީ ފޫހިކަމާއި ފަރުވާ ކުޑަކަމެވެ. ހަގީގަތުގައިވެސް އޭނާ އެހުރީ ވިކާޝްދެކެ އިންތިހާއަށް ފޫހިވެފައެވެ.
” އޯކޭ.. އަސްލު މިރޭ މިގޭގަ އޮންނަ ޕާޓީއަށް އިންވައިޓް ކުރަން.. ވަރަށް ޚާއްސަ.. ދަ މޮސްޓް ސްޕެޝަލް ޕާސަން އިންޓްރޮޑިއުސް ކޮށްދޭ ޕާޓީއަށް.. 8.30 އަށް އިނގޭ.. ބީ އޮން ޓައިމް.. ވަރަށް މުހިންމު..” ވިކާޝް އަވަސް އަރުވާލާފައި ފޯނު ބޭއްވިއިރު އާލިކްއަށް ހުރީ އަނގަ ހުޅުވާލި ގޮތަށް ލައްޕަންވެސް ނޭނގިފައެވެ. ވިކާޝް ތައާރަފްކޮށްދެން އެއުޅެނީ އޭނާގެ ލޯބިވެރިޔާ ވިޝާ ހެއްޔެވެ؟ އާލިކް އަތަށް ލެވުނުހާ ބާރެއް ލާފައި އަތްލައްޕާލިއރު ދެދަތްޕިލަވެސް ހުރީ ޖައްސާ ބާރުކޮށްލައިގެންނެވެ. ހަމައެއާއިއެކު މޫނުމައްޗަށް ވެރިވެގެންދިޔަ ރަތްކުލައާއިއެކު ރުޅިވެރިކަމުގެ ކަރުނަވެސް އެފިރިހެންވަންތަ ލޮލަށް ޖަމާވެއްޖެއެވެ. ވިކާޝް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އޭނާ އެއުޅެނީ ޖެއްސުމަށް ހެއްޔެވެ؟ އާލިކް ވަގުތުން އަތުގައި އޮތް ފޯނުން ޝާޔަންގެ ނަމްބަރަށް ޑައިލްކޮށްލީ ހިތއް އެރި އެއްޗެއްގެ ސަބަބުންނެވެ.
” ހަލޯ ޝާޔާ.. މިރޭ 8.30 އަށް ރެޑީ ވައްޗޭ.. ވިކީގެ ޕާޓީއަކަށް..” އާލިކް ޝާޔަން ދެއްކި ވާހައެއް އެހުމެއްނެތި ބުނަން ބޭނުންވި ވާހަކަ ބުނެފައި ފޯނު ބޭއްވީއެވެ. އަދި އިތުރު އެންމެ މިނެޓަކުވެސް މަޑުކުރުމެއްނެތި ބާރުބާރަށް އޮފީހުގެ ތެރެއިން ނުކުމެގެން ދިޔައީ އެޕާޓީއަށް ދިއުމުގެ ކުރިން ކޮށްލަން ބޭނުންވި އިތުރުކަމެއް ނިންމާލުމުގެ މަގްސަދުގައެވެ. އޭނާކޮންމެހެން ވިކާޝް ކުޅޭހާ ކުޅިވަރެއް ބަލާކަށް ހުންނާކަށް ބޭނުމެއް ނޫނެވެ. އެ ކެހިވެރިކަމުގައި ޖެހި ހިތާމަކުރާކަށް އަދި އެކަން ދައްކާކަށްވެސް ބޭނުމެއް ނޫނެވެ. އެމީހުންނަށް ހީވާ ގޮތްތާއެވެ. ވިކާޝްއާއި ވިޝާ ދެކެ އައިސްފައިވާ ރުޅީގައި އަމިއްލަ އަތުން ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވޭއިރުވެސް އާލިކްއަށް ވިސްނާލާކަށް ނޭނގުނެވެ.
ވިކާޝްއާއި ވިޝާ ޕާޓީގެ ހުރިހާ ކަމެއް ތައްޔާރުކޮށް ނިންމާލިއިރު ގަޑިން ހަވީރު 4 ޖަހަނީއެވެ. އަވަސް އަވަސްކޮށްލައިގެން ދެމީހުން ދެން މިސްރާބުޖެހީ ޒާހިރާމެންނަށް މާލެ އާދެވުނު ވާހަކަ ބުނުމުން އެމީހުން ބަލާ ދިއުމަށްޓަކައެވެ.
“ޒާއްތާ..” ވިޝާމެންނަށް ބަނދަރަށް ދެވުނުއިރު ޒާހިރާމެން ލޯންޗުން ފައިބައިފިއެވެ. ވިޝާއަށް އޭނާ ފެނުމާއިއެކު ދުވެލާފައިގޮސް ޒާހިރާގެ ގައިގައި ބައްދާލީ އުފާވެރިކަމާއިއެކުގައެވެ.
“ވިޝޫ ކިހިނެއްތަ މަގޭ ދަރިފުޅާ..” ޒާހިރާގެ ވިޝާގެ ބޮލުގައި ފިރުމާލިއިރު އަޑުގައިވަނީ މައިވަންތަމަުގެ ކުލުނެވެ. އެމަންޒަރު ފެނުމުން ވިޝާގެ ގާތުގައި ހުރި ވިކާޝްއަށްވެސް ހިނިތުންވެލެވުނެވެ.
” ރަނގަޅޭ.. ޒާއްތާ މިހުރީއޭ ދޮންބެ.. ދޮންބޭ މީ ޒާއްތަ..” ވިޝާ އަވަސް އަވަހަށް ޒާހިރާއާއި ވިކާޝް ދެމީހުން ދެމީހުންނަށް ތަޢާރަފްކޮށްދިނެވެ. އެވަގުތު ވިކާޝް ހިނިތުންވެލަމުން ޒާހިރާއާއި ސަލާމްކޮށްލީ ގާތްގޮތަކަށެވެ. އޭރު ޒާހިރާ އާޝޯޚްވެފައި ވިކާޝްއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ޒުވާންކަމާއި ރީތިކަމަކުން ނޫނެވެ. އޭނާގެލޮލުގައިވާ ފެހިކުލަ ފެނުމުންނެވެ.
” ހަމަ ތިކުދިންގެ މަންމަގެ ލޯ..” ޒާހިރާ އާޝޯޚް ކަންމަތީ އެހެން ބުނެލުމުން ވިޝާއާއި ވިކާޝްވެސް ހީނލީ އުފާވެރި ގޮތަކަށެވެ.
” ކޮބާ ދެން ޒައިދު؟..” ޒާހިރާގެ ގާތުގައި ޒައިދު ނެތުމުން އެސުވާލު ކުރީ ވިކާޝްއެވެ. އެވަގުތު ވިޝާވެސް ނުތަނަވަސް ހިތަކާއިއެކު ޒާހިރާގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މާލެއަށް އައި ދުވަހު ޒައިދުގެ ހަރަކާތްތައް ހުރިގޮތެވެ.
“އެއްޗެހި ބާލަން ލޯންޗައް އެރީ.. އެހެރަ އަންނަނީނުން..” ޒާހިރާ ފަހަތަށް ބަލާލަމުން ޒައިދު އަންނަ މަންޒަރު ފެނިގެން ބުނެލިއެވެ. އޭރު ކޮނޑުގައި އޮތް ދަބަހާއިއެކު އަތުންވެސް އިތުރު ދަބަހެއް ހިފައިގެން ޒައިދު އެދިމާއަށް އާދެއެވެ. އަޅި ކުލައިގެ ޓީޝާޓަކާއި، ކަޅު ޖިންސެއްގައި އޭނާ ފެންނަލެއް ހިތްގައިމެވެ. ކުލަ އަލި ނޫނަސް އަޅާލާފައިވާ އަވި އައިނާއިއެކު ކުރިއަށްވުރެ ދިގުވެފައިވާ އިސްތަށިގަނޑުވެސް އޭނާގެ ޒުވާންކަމާއި ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ދިގު އިސްކޮޅާއިއެކު ހަށިގަނޑުވެސް ކުރިއަށްވުރެ ރަނގަޅުކަމަށް ދައްކައެވެ. އޭނާ ފެނުމުން ވިޝާ ހިނިތުންވެލި ނަމަވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އެހިތުގައި ހުއްޓެވެ.
“ކޮބާ ދާންވީނުން..” ޒައިދު އައިސް ހުއްޓުމާއިއެކު ވިކާޝް އޭނާއާއި ސަލާމްކޮށްލާ ކުޑަކޮށް ތަޢާރަފްވެލިއެވެ. އެއާއިއެކު ވަރުބަލިވެފައި ހުރިނަމަވެސް ޒައިދުވެސް ހިތްގައިމު ހިނިތުންވުމަކާއިއެކު ވިކާޝްއާއި މުޚާތަބު ކުރީ ގާތްގޮތަކަށެވެ. ވިކާޝްގެ ކައިރީގައި އޭނާއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ވިޝާއަށް ޒައިދު ބަލާލީ އޭގެ ފަހުގައެވެ. އެ ހިނދު ކުރިއެކޭ އެއްގޮތަށް އެހިތުގެ ތެޅުން ބާރުވެލިއެވެ. ވިޝާގެ އޮމާން، ދޮންމޫނާއި ބޮޑު ބޮޑު ދެލޯ އަދިވެސް އޭނާގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ހޯދައިފިއެވެ. ތެދެކެވެ. ވިޝާއާއި ދުރުގައި އުޅުނު ދުވަސްތަކުގައި އެހިތުން ވިޝާގެ ހަނދާންތައް ފޮހެލަން އޭނާ ނުކުރާ އެއްވެސް ކަމެއް ނެތެވެ. އެހެން ކުއްޖަކާއި ރައްޓެހިވެގެންވެސް އެކަން ވޭތޯ ބެލިއެވެ. ނަމަވެސް އެއްގޮތަކަށްވެސް އެލޯބި އެހިތުން ފޮހެލެވޭނެ ގޮތެއް ނުވިއެވެ. އޭނާއަށް ވިޝާދެކެ ވެވިފައިވަނީ ހަގީގީ ތެދުވެރި ލޯތްބެވެ. ޒައިދު އަވި އައިނު ނެގުމަށްފަހު ވިޝާގެ މޫނަށް އޭނާގެ ތޫނު ނަޒަރު ހުއްޓާލީ މާނަވީ ގޮތަކަށެވެ. އެވަގުތު އެބެލުމުގައިވީ ސިއްރުވެރި ވާހަކަތައް ވިޝާގެ ހިތައް އުނދަގޫކޮށްލިއެވެ. އަދިވެސް ޒައިދުގެ ހިތުގައި އެކަން އޮތީހެއްޔޭ ހިތާއި ހިތާ ކިޔާލެވުނު އިރު އޭނާއަށް އިސްޖެހިއްޖެއެވެ. އޭރުވެސް ވިޝާގެ ރީތި މޫނަށް ބަލަހައްޓައިގެން ޒައިދު ހުރީ ވާހަކަ ދައްކަންވެސް ނޭނގިފައެވެ. އެދެކުދިންގެ އެކުޑަ ކުޑަ މުއާމަލާތް ކައިރީގައި ހުރި ޒާހިރާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. އަދި އެހާމެ ރަނގަޅަށް އޭނާގެ ދަރިފުޅުގެ މޫނުގައިވާ ކުލަވަރުތައްވެސް ފެނުނެެވެ. އެއާއިއެކު އޭނާ ހިނިތުންވެލީ ހިތައް އެރި އެއްޗެއްގެ ސަބަބުންނެވެ.
ޒާހިރާމެން ގެއަށް ގެނެސް އަރާމުކޮށްލަން ވަގުތު ދިނުމަށްފަހު ވިކާޝްއާއި ވިޝާ ދިޔައީ އެރޭގެ ޕާޓީގެ ވާހަކަވެސް ބުނެފައެވެ.
“ދަރިފުޅާ ޒައިދު..” ވިޝާމެން ދިއުމާއިއެކު ޒާހިރާ އޭނާގެ ދަރިފުޅަށް ގޮވާލީ ތަފާތު ރާގަކަށެވެ. އެވަގުތު ޒައިދުގެ ހަރަކާތްތަކަށް ހުއްޓުމެއް އެރީ މަންމަގެ އަޑުގައިވާ ތަފާތު ކަމުގެ ސަބަބުންނެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެއެވެ.
“ދަރިފުޅަށް ވިޝޫ ފެނުނީމަ ކިހިނެއްވީ؟..” ޒާހިރާ މާ ދުރުދުރުން ވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. އެވަގުތު މަންމަގެ ސީދާ ސުވާލުގެ ސަބަބުން ޒައިދުގެ ދެލޯ ބޮޑުވީއެވެ. އޭނާގެ މަންމައަށް ނުދައްކާ ވާހަކަވެސް އަޑުއިވެން ފެށީހެއްޔެވެ؟
“ކި.. ކިހިނެއްވީ.. މަށަށް ގޮތެއްވީތަ..” ޒައިދު ފާޑަކަށް ޒާހިރާގެ މޫނަށް ބަލާލަމުން އޭނާގެ ކައިރީގައި އިށީނެވެ. އެވަގުތު ޒާހިރާ ހިނިތުންވެލަމުން ފަރުވާތެރިކަމާއިއެކު ޒައިދުގެ މޫނަށް ބަލާލިއެވެ.
” ނޫނޭ..ދެން މަންމަ ބުނެލަން އޮތީ ހިތުގައި ނުބާއްވާ އަވަހަށް އެކަން އަންގާށޭ.. ރަށުގައިވެސް އެދުވަސްކޮޅު އެނދުބަލި ޖެހުނުގޮތް އެނގިއްޖެ މަންމައަށް.. މަންމަ އެއަށްވުރެ ހިތްހަމަޖެހޭނެ ކަމެއް ނެތް..” ޒާހިރާ ހީނލަމުން ފާހާނާގެ ތެރެއަށް ވަތްއިރު ޒައިދު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެލޯ މަރާ ބާރުކޮށްގެން ލާނެތް ގޮތަކަށް ހީފައި އިންއިރު މަންމަގެ ޖުމަލަތައް އެކަންފަތުގައި ހަރުލާފައި ހުއްޓެވެ.
” ޝީ އިޒް އަ މައިންޑް ރީޑަރ..” ކޮޅަށް ތެދުވެލަމުން ޒައިދު މަޑުމަޑުން އެހެން ބުނެލިއިރު އެތުންފަތުގައިވަނީ މާނަވީ ހިނިތުންވުމެކެވެ. އޭނާގެ ވަގުތު ޖެހިއްޖެއެވެ. އިތުރަށް ލަސްކުރާނެ ކަމެއް ނެތެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން އޭނާ ދިޔައީ ވިޝާއާއި ބައްދަލުކުރުމުގެ ބޭނުމުގައެވެ.
ޒައިދު ކޮޓަރިން ނުކުމެ ބޯދިއްކޮށްލިއިރު ވިޝާ ފެންނާކަށް ނެތެވެ. އަވަސް އަވަހަށް އޭނާ ސިޑިއާއި ދިމާއަށް މިސްރާބު ޖެހީ ވިޝާ ތިރީބައިގައި އުޅޭތޯ ބެލުމުގެ ބޭނުމުގައެވެ. އަވަސް ފިޔަވަޅުތަކެއްގައި ތިރިއަށްދިޔައިރު ޓީވީ އަޅުވާލައިގެން ކޮފީއެއް ބޯލަން ވިޝާ އިނީ އެކަނި މާ އެކަންޏެވެ.
“ހޭއި ވިޝޫ..” ޒައިދު ދިޔަގޮތަށް ގޮސް ސޯފާގައި ޖައްސާލީ ހަމަޖެހިލާފައި ހުރެގެންނެވެ. އޭނާގެ މަންމަގެ ވާހަކަތަކުން އޭނާއަށް ހީވަނީ އިތުރު ހިތްވަރެއް ލިބިފައި ހުރިހެންނެވެ. ޒައިދު އެގޮތަށް އައިސް އިށީނުމުން ވިޝާއަށް ކުޑަ ސިހުމެއްވެސް ވެރިވިއެވެ. ނަމަވެސް އޭނާގެ މޫނުން ފެންނަން ހުރި ގާތް ހިނިތުންވުމުގެ ސަބަބުން ވިޝާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.
“ކިހިނެއްވީ؟.. އެއްޗެއް ބޭނުންވީތަ؟..” ވިޝާ ހިނިތުންވެލަމުން އާދައިގެ ގޮތަކަށް އަހާލިއެވެ.
” އައި ވޯންޓް ޔޫ..” ޒައިދު މާނަފުން ގޮތަކަށް ބަލާލިއިރު އޭނާގެ ހިތް ބުނެލިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމަކާއިއެކު އޭނާގެ ނަޒަރު ހުއްޓާލީ ޓީވީއަށެވެ.
“އިއްޔެ ޒުމް ރަށަށް އައި.. ވިޝޫ އަށް ވަރަށް ގިނައިން ސަލާމް ބުނި..” ޒައިދު އެއިން ގޮތަށް އިނދެ ވާހަކަ ދެއްކިއެވެ. އޭރުވެސް ވިޝާއިނީ ޒައިދުގެ ހަރަކާތްތަކަށް ވިސްނައިގެންނެވެ. އެދުވަހު ފުރަތަމަ ޒައިދުގެ ފަރާތުން ފެނުނު ކަންތައްތައް ތަކުރާރުވޭތޯ ފާރަލައިގެން އިންފަދައެވެ.
“ޔަހ.. ޒުމް އިއްޔެ ގުޅިއޭ..” ވިޝާވެސް ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ބުނެލިއެވެ. އެވަގުތު ޒައިދު އަނެއްކާވެސް ވިޝާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އަދި އާދަޔާ ޚިލާފު ގޮތަކަށް އެރީތި މޫނަށް ބަލަން އިނދެ ހިނިތުންވެލީ ވިޝާއަށް އުނދަގޫ ވާފަދަ ގޮތަކަށެވެ. އެވަގުތު އާދައިގެ މަތިން ވިޝާ ބޭނުންވީ އެއީ ނުވާކަމެއް ކަމުގައި ހަދާލާ އެތަނުން ދިއުމަށެވެ. ނަމަވެސް އޭނާއަށް މިފަހަރު ޒައިދުގެ ފަރާތުން ސަލާމަތްވުމުގައި ކާމިޔާބެއް ނުލިބުނެވެ. ވިޝާ ކޮޅަށް ތެދުވުމާއިއެކު ޒައިދު އޭނާގެ ކުރިމައްޗަށް އެރީ ކެރިހުރެއެވެ. އެވަގުތު ވިޝާގެ ހިތް ބާރުބާރަށް ތެޅިގަތީ ކުރީގެ ހަނދާނެއް އާވުމުންނެވެ.
“ޔޫ ނޯ ވަޓް އައި ވޯންޓް ޓު ސޭ.. ދޯ.. އެހެންވެއެއްނު ދާން ތިއުޅެނީ..” ޒައިދު ވިޝާގެ ކުރިމަތީގައި ހުރެ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ މަޑުމައިތިރި އެހެނަސް އުފާވެރި ރާގެކެވެ. އެވަގުތު ވިޝާ ޒައިދުއާއި ހަތަރުކަޅި ހަމަކޮށްލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އެއާއިއެކު ޒައިދުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުކެވެ. ވިޝާ އަދިވެސް ނޭނގޭ ކަމަށް ހަދަން އުޅޭ ސަބަބެއް އޭނާއަަކަށް ނުވިސްނުނެވެ. ހަމަ އުމުރުގެ ގޮތުން ހަގު ވީމަ ހެއްޔެވެ؟
“އޮފް ކޯޒް އޭމް ޔަންގް.. އެކަމު އޭމް އަ މޭން.. ވިދް ފީލިންގްސް..” ޒައިދު ވާހަކަދެއްކީ ހިނިތުންވެފައި ހުރެއެވެ. ވިޝާއަށް އޭނާގެ ހިތުގެ ހާލަތު އެނގޭކަން ވިޝާގެ ހަރަކާތްތަކުން މާބޮޑަށްވެސް އޭނާއަށް ދެނެގަނެވިއްޖެއެވެ. އޭރު ވިޝާ ހުރީ ހަދާނެ ގޮތް ބޮޑުވެފައެވެ. ނޭނގޭ ކަމަށް ހަދަން އުޅުނަސް އޭނާއަށް ޒައިދު އޭނާދެކެ ލޯބިވާ ކަން ވަރަށް ރަނގަޅަށް އެނގެއެވެ.
“އައި ވޯންޓް އޭން އާންސާ ވިޝޫ..” ޒައިދު ވިޝާގެ ކޮލުގައި މަޑުމަޑުން ބީހިލުމަށްފަހު އެތަނުން ދިޔައީ ހިނިތުންވެލާފައި ހުރެގެންނެވެ. އޭނާއަށް އެހާ ފަސޭހައިން އެހިތްވަރު ލިބުނު ގޮތަކާއިމެދު ޚުދު އޭނާވެސް ހައިރާންވެއްޖެއެވެ. ޒައިދު ދިޔައިރު ވިޝާ ހުއްޓުން އަރާފައި ހުރިއިރު ހިލައިގެ ބުދެއްފަދައެވެ. ޒައިދު ހަމަ ރަނގަޅަށްވެސް އެކަން ކުރީ ހެއްޔެވެ؟ އޭނާއަކީ އުމުރުގެ ގޮތުން ހަގު ކުއްޖެއްކަންވެސް ނުވިސްނެނީ ހެއްޔެވެ؟ ވިޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނާގެ ހިތުގައި ޒައިދުއާއި މެދު އެފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަނެއްކޮޅުން ޒައިދުގެ އެވާހަކަތަކާއިއެކު އޭނާގެ ހިތައް ވެރިވެގެން ދިޔައީ އާލިކްގެ ޚިޔާލުތަކެވެ.
“އެހެމމމ.. ކޮން އާންސާއެއްތަ؟..” ވިޝާ ސިއްސައިގެން ދިޔައީ ދޮރުމަތިން ވިކާޝްގެ އަޑު އިވުމުންނެވެ. އެއާއިއެކު ދެލޯ ބޮޑުވެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ވިކާޝްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުންނެވެ.
” އެއީ.. އެއީ..” ވިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހަމަ ރަނގަޅަށްވެސް ލަދުގަންފިއެވެ. ވިޝާއަށް ވީގޮތް ފެނުމުން ވިކާޝް ހުރީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. އަދި ވިޝާއާއި ޒައިދު ދެއްކި ހުރިހާ ވާހަކަތައް އަޑު އިވުނުކަން އެނގިއްޖެއްޔާ ކިހާވަރެއް ވާނެބާއެވެ.
“ސޯ.. ޑޫ ޔޫ ލައިކް ހިމް..”ވިކާޝް ސޯފާގައި ޖައްސާލަމުން ފަރުވާތެރިކަމާއިއެކު އަހާލިއެވެ. ހަމައެއާއިއެކު ވިޗާ ދެލޯ ބޮޑުކޮށްލަމުން ނޫނެކޭ ބުނެލީ އަވަސް ކަމާއިއެކުއެވެ. ވިކާޝް އިނީ ވިޝާގެ ހަރަކާތްތައް ހުރިގޮތުން މަޖާވެފައެވެ.
” އެއީ ކީއްވެ؟.. ޒައިދު ކަމު ނުދަނީތަ؟..” ވިކާޝްގެ އަޑުގައި ވަނީ ރަހްމަތްތެރި ގޮތެކެވެ. އޭނާ ބޭނުންވަނީ އެފަދަ ހުރިހާ ވާޙަކަތަކެއް ހިއްސާ ކުރެވޭ ފަދަ ބޭބެއެއްގެ ގޮތުގައި ހުރުމަށެވެ. އެ ރަހްމަތްތެރިކަން ފާހަގަވުމުން ވިޝާއަށްވެސް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އަދި ދޮންބެއަކީ އޭނާގެ ހުރިހާ ވާޙަކަތަކެއް ހިއްސާ ކުރާނެ ރަހްމަމްތެރިޔާއަށް ހެދުމަށް ވަގުތުން ބޭނުންވިއެވެ.
“ނޫނެކޭ ދޮންބޭ.. އަސްލު އެއީ ވިޝޫގެ ފްރެންޑެއްނު.. އެހެން ނޫނަސް…” ވިޝާގެ ޖުމްލަ ކުއްލިއަކަށް ހުއްޓާލީ އޭނާއަށް ބުނެވެން އުޅުނީ ކީކޭކަން ހިތައް އެރުމުންނެވެ. އެވަގުތު ވިކާޝް ވިސްނުންތެރި ކަމާއިއެކު ހިނިތުންވެލީ ވިޝާ ބުނަން އުޅުނު އެއްޗެއް އެނގިގެން ފަދަ ގޮތަކަށެވެ.
“އެހެންނޫނަސް ލޯބި ވަނީ އާލިކް ދެކެ.. ރައިޓް؟..” ވިކާޝް ހިިނިތުންވެފައި އިނދެ ބުނެލިއެވެ. އެއާއިއެކު ވިޝާ އަނެއްކާވެސް ދެލޯ ބޮޑުކޮށްލީ ވިކާޝް ބުނެލި އެއްޗަކުން ހައިރާންވެ އިނދެއެވެ. ދޮންބެއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
ނުނިމޭ
13 Comments!
Comments are closed.
varah varah reethi. next bai varah avahah upload kohdhee pls 😛
wow…..wow wow wow.,.v salhi…plxxxxx next part avahn up khdhen chey,,,,v kiya hithun mihure….
alhe plx vishoo ah dhera gotheh nuhadhahchey plx. aal ah visoo hodhadhy. avahah up kuraane kamah unmydhu kuran. v nice
Pls alik ge kaiveni nukoh veytho balaathi. Visha n alik kihaa gulhey dhw. Nice story
Poor alik
mi vaahaka varah reethi. varah kiyaa hithun araamaguga shaair kohfa indha mi vaahaka ky. ekam vaki hisaabakun upload nuvan vefhyma varah sad and boring vi. ummedhu kuran mi faharu story nimendhen continue vaane kamah………… <3
vvvvvv shalhi.. plx avahah anneh bai upload kohlalachey,,,,,,
vvvvvvvvvv nice waiting 4 the next part
alhe aalik kihinehtha e hadhany,,,,, can’t wait 4 d next, avahah up kohdhehchey
Koniraku tha aneh bai upload vaneee. Pls avaha upkohdhy
Alhe kommes kujjaku mi vaahaka up vaa dhuvas thah bunedhybala. Plx
Waiting 4 the next par
Avaha upkohdhybala. Plx plx. Very nice story