އޭނަ ޓިކެޓް ނަގައި ބަލާލިއިރު ފުރަން އޮތީ ހުކުރު ދުވަހު ހަވީރު އޮސްޓްރޭލިޔާގެ ސިޑްނީއަށެވެ. ޝަބާގެ ކޮއްކޮމެން އުޅޭނީ ސިޑްނީގައިތޯ އެހިނދު އަފާފްގެ ހިތް ސުވާލުކުރިއެވެ. އިއްތިފާޤަކުން ވެސް އޭނަ އެމީހުންނާއި ދިމާވެއްޖެނަމަ އޭނަ އެމީހުންނާއި އެކުވެރިވެ އެމީހުންނަށް ނަޞޭޙަތްތެރިވެވޭތޯ ބަލާނެއެވެ. އެހެން ހިތަށްއެރިއިރު އެ ކޮއްކޮމެންނަކީ ފިރިހެނުންނަށް ވެދާނެއެކޭ އޭނަގެ ހިތް ނުބުނެއެވެ.
ޓިކެޓަށް ބަލަހައްޓައިގެން އިނދެފައި އަފާފަށް މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލެވުނީ ކަމެއް ހަނދާންވުމުންނެވެ.
“ސަލާމް ބައްޕާ……އެދުވަހު އަހަރެން ގްރެޖުއޭޝަނަށްދާން ޓިކެޓް ނެގީ ބައްޕައާއެކީގަ. ފުރަން އޮތީ ހުކުރު ދުވަހު ހަވީރު. ރިޓާރން އޮތީ އެ ހަފްތާގެ ޓިއުޒްޑޭއަށް. ބައްޕަ ކައިރި ނުބުނެވި އޮތީމަ ބުނެލީ.” އަފާފް ބުންޏެވެ.
“އޯކޭ އަފޫ……ދަރިފުޅާ! މިރޭ އަނެއްކާވެސް އެބައާދޭ ދަރިފުޅާއި ބައްދަލުކުރަން މީހެއް. ދަރިފުޅު ޕްލީޒް ރުޅިނާންނާތި. މިއީ ވަރަށް ރަނގަޅު ކުއްޖެއްހެން ބައްޕައަށް ވެސް ހީވަނީ. ބައްޕަމެންގެ އޮފީހަށް އަލަށްވަން ކުއްޖެއް. އޮފީހުގަ ވެސް އޭނަ ހަމަ ނަމާދު ވަގުތުން އަދާކުރޭ. އެ ކުއްޖާ ނޫން އެދުނީވެސް އިންނަން. ބައްޕައަށް ހަމަ އެކުއްޖާގެ ރަނގަޅުކަން ފެނިފަ ކެތްނުވެގެން އެދެވުނީ ދަރިފުޅާއި ބައްދަލުކުރެވިދާނެހޭ. ބުނީ ބައްޕަމެންގެ ހާޒިރީގަ ދަރިފުޅާއި ވާހަކަ ދައްކަން ފުރުޞަތު ދިނިއްޔާ އައިސްދީފާނަމޭ…” އެކޮޅުން ބައްޕަ ދެއްކި ވާހަކަ އިވިފައި އަފާފްގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ. އެ ހިނދު އެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ އޭނަ މިހާތަނަށް ދުވަހަކުވެސް އެފަދަ މީހެއްގެ ވާހަކަ ޙަޤީޤީ ދިރިއުޅުމުގައި އަހާފައި ނުވާތީވެއެވެ. މިހާތަނަށް ދުވަހަކުވެސް އޭނައާއި އިންނަން އައި މީހަކީ ބައްޕަމެންގެ ހާޒިރީގައި އޭނައާއި ވާހަކަ ދައްކަން ބޭނުންވި މީހެއްނޫނެވެ. މި ދުވަހަކީ އޭނަގެ ހުރިހާ ދުޢާއެއް އިޖާބަވާ ދުވަސްތޯ އަމިއްލަ ނަފްސާއި ސުވާލުކުރި ވަގުތު ބައްޕަ އަނެއްކާވެސް އެކޮޅުން ވާހަކަ ދެއްކިއެވެ.
“ހެލޯ ދަރިފުޅާ! އެހެންވީމަ މިރޭ އޭނަ އަޔަސް އެއްވެސް މައްސަލައެއްނެތް، ދޯ؟” ބައްޕަ އަހާލިއެވެ.
“އާނ ބައްޕާ.” މަޑުމައިތިރި އަޑަކުން އަފާފަށް އެހެން ބުނެލެވުނީ ހިނިތުންވުމެއްގައި ހުރެއެވެ. އެކޮޅުން ބައްޕަ އޯކޭއޭ ބުނެލި ވަގުތު ބައްޕަވެސް ހުރީ ހިނިތުންވުމެއްގައިކަން އަފާފަށް އެނގުނެވެ. ފޯނު ކަންފަތުން ވަކިކޮށްލީ ވަގުތު އަފާފްގެ ހިތް ޝުކުރުވެރިކަމުން ފުރިގެން ދިޔައެވެ. ހަމަ އިސާހިތަކު އެރޭ ކަންތައްވާނެ ގޮތުގެ ޚިޔާލީ ފޮލާ ކެއްކެން ފެށީ މިއީ އޭނަގެ ޙަޔާތް އެފުށްމިފުށަށް ޖަހަން ބަޔަކު މީހުން ރޭވި މަޅި ފައްޗެއްކަން ނޭނގިއެވެ.
**
“ކޮބާ؟ ކިހާ ހިސާބަކަށް ގޮއްސި؟” ބަރު އަޑަކުން އެ ސުވާލުކޮށްލެވުނީ އަލި ކުރެވިފައިވާ ރޫމެއްގެ މޭޒެއްގެ ކުރިމަތީގައި އިން ޒުވާނަކާއެވެ. އެއީ މެދުވަރެއްގެ ހަށިގަނޑެއް ލިބިފައިވި، ރީތި ޒުވާނެކެވެ. އޭނަގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައިވީއިރު ތުނބުޅި ކޮންމެވެސް ވަރަކަށް ދިގުކޮށްފައި ހުއްޓެވެ.
“މިރޭ އެގެއަށް ދާން އޭނަގެ ބައްޕަ ދަޢުވަތުދީފި.” ޒުވާނާ ޖަވާބުދިނެވެ.
“ބަރާބަރު! ދެން މަޑުމަޑުން ކުރިއަށްދޭ. މިކޮޅުގަ ހުރެގެން އެއްވެސް ކަމެއްކުރާނެ ކަމެއްނެތް. އޭނަ ވަރަށް އަވަހަށް އެބައުޅޭ އޮސްޓްރޭލިޔާއަށްދާން. އޭނަގެ ބައްޕަ ހައްލައިގެން އޭނަ ފަހަތުންދޭ. ހަނދާން ބަހައްޓާތި! އަހަރުމެން މިއުޅެނީ ދެމިގެންދާގޮތަށް އޭނައަށް ދަތި ދުވަސްތަކެއް ޖެއްސޭތޯ…..އޭރުން އޭނައަށް އެނގޭނެ އޭނަ ކުރާ ދުޢާއަކުންވާ އެއްވެސް ކަމެއްނެތްކަން.” ޒުވާނާއާއި ވާހަކަ ދެއްކި މީހަކު ރުޅިވެރިކަމާއެކީ އެހެން ބުނެލުމުން ޒުވާނާ ސާބިތު މޫނަކާއެކީ ބޯޖަހާލިއެވެ.
**
އެރޭ 8:30 ވާން ގާތްވެފައިވަނިކޮށް އަފާފް އިނީ އެރޭގެ ބައްދަލުވުމަށްޓަކައި ތައްޔާރުވެގެންނެވެ. އޭނައަށް ތައްޔާރުވެވުނީ މާ އަވަހަށެވެ. އެ މީހަކު އަންނަން އުޅެނީ 9 ޖަހާއިރު ކަމަށް ބައްޕަ ބުނުމުން ހިސާބަކަށް ފޫހިވެފައިހުރެ އަފާފް މޭޒުމަތީގައި ހުރި އޭނަގެ ލެޕްޓޮޕް ދޮށުގައި ގޮސް އިށީނެވެ. އެއަށްފަހު އޭނަ އެގޮތަށް ލިބޭ ހުސްވަގުތުގައި އަބަދުވެސް ކުރާ ކަން ކުރަން ފެށިއެވެ. ޔޫޓިއުބަށް ގޮސް އޭނަ ދީނީ ކުރު ހަނދާންކޮށްދިނުންތަކެއް ހުންނަ ވީޑިޔޯތަކެއް ސާރޗްކޮށްލިއެވެ. އެއަށްފަހު އޭގެތެރެއިން އޭނަ ނުބަލާ އޮތް ކުރު ވީޑިޔޯއެއް ހުޅުވާލިއެވެ. އެ ވީޑިޔޯއިން ވާހަކަ ދެއްކީ މި ދުނިޔޭގައި ކުރިމަތިވާ އިމްތިޙާންތަކާއި ބެހޭގޮތުންނެވެ. ފަސޭހަ ދުވަސްތަކަކީ ވެސް އިމްތިޙާންތަކެއް ކަމާއި އުނދަގޫ ދުވަސްތަކަކީ ވެސް އިމްތިޙާންތަކެއްކަމަށް ބުނެ އެ ޢިލްމުވެރިޔާ ކިޔައިދިނެވެ. ފަސޭހަ ދުވަސްތަކަކީ އިމްތިޙާނަކަށް ވާގޮތް އަފާފަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެނީ އޭނަގެ މުޅި ޙަޔާތުގައި ވެސް މިހާތަނަށް އައިސްފައިވަނީ ފަސޭހަ ދުވަސްތަކެވެ. ދުވަހަކުވެސް އެއިން އަރައިނުގަނެވޭނެފަދަ ދަތިކަމެއް އޭނައަށް ކުރިމަތިވި ހަނދާނެއް އަފާފް ނުވެއެވެ. އެންމެ ބޮޑުކަމަކަށް ވެސް ހަނދާންވަނީ ކުޑައިރު އޭނަ ވެއްޓިފައި، ފައި ބިނދުނު ހަނދާނެވެ. އެހެނަސް މާ ގިނަ ދުވަހެއްނުވެ އޭނަގެ ފައި ރަނގަޅުވެ، ހިނގެން ފެށުމުން އޭނަ އެ އިމްތިޙާނުގެ މަތިން ހަނދާންވެސް ނައްތާލިއެވެ. ބޮޑުވަމުން އައިއިރު އޭނައަށް މެދުކެނޑުމެއްނެތި އޭނަގެ އަމިއްލަ ދިރިއުޅުމާއި އޭނަގެ އެކުވެރިންގެ ދިރިއުޅުން އަޅާ ކިޔެމުން ދިޔައެވެ. އޭނައާއި ދިމާވި ކޮންމެ އެކުވެރިޔަކީ ވެސް އޭނައަށް ކުރިމަތިވެފައިނުވާ ކޮންމެވެސް ދަތިކަމެއް ކުރިމަތިވެފައިވާ އެކުވެރިއެކެވެ. އެކަމުން ވެސް ﷲ މިދުނިޔޭގައި އޭނައަށް ދެއްވާފައިވި ނިޢުމަތްތަކުގެ ގިނަކަން އޭނައަށް އިޙްޞާޞް ކުރެވެއެވެ. އެ އިޙްޞާޞް ކުރެވޭއިރު ހިތަށް ބިރުވެރިކަމެއްވެސް ވެރިވެއެވެ. އޭގެއިން ކޮންމެ ނިޢުމަތަކާއިމެދު އޭނައާއި ސުވާލުކުރެވޭނެކަން އޭނަ ހަނދާން ހުންނާތީވެއެވެ. އަދި ކުއްލިއަކަށް ދިމާވެދާނެ ދަތި އިމްތިޙާނަކަށް އޭނައަށް ކެތްކުރެވޭނެބާއޭވެސް ހިތަށްއަރާ ވަރުންނެވެ. އެދުވަހަކުންވެސް އޭނަގެ ހިތުގައި ﷲ އަށްޓަކައި ލޯތްބެއްވާނެ ހެއްޔެވެ؟ އަފާފް އަމިއްލަ ހިތާއި އެސުވާލު ކޮށްލި ވަގުތަކީ އޭނަގެ މަންމަ އޭނައަށް ގޮވައި ތިރިއަށް އަންނަން ބުނެލި ވަގުތެވެ. ހަމަ އިސާހިތަކު އަފާފްގެ ހިތް ތެޅިގަތްހެން އޭނައަށް ތެދުވެލެވުނެވެ. އެވަގުތު ހިތަށް އުފާވެރިކަމެއް ވެރިވިއެއްކަމަކު ދެންމެ އެ ހިތުތެރޭގައި ހިނގި ޖަޒުބާތުތަކުގެ އަސަރުތައް އޭރުވެސްވިއެވެ. އެހެންކަމުން އޭނައަށް ސާބިތު ހިތެއް ދެއްވުމަށްއެދި އަފާފަށް ދުޢާ ކުރެވުނީ ކިތަންމެ ދަތި ދުވަސްތަކެއް ދިމާވިޔަސް އޭނައާއި ﷲ އާއި ދެމެދު އޮތް ގުޅުން ދެމި އޮންނާނެ ކަމުގެ އުއްމީދުގައެވެ.
އަފާފް ސިޑި ބަރިން ފައިބަމުން ދިޔަ ވަގުތު ސިޓިންގް ރޫމުގެ ސޯފާގައި ބައްޕަ ކޮންމެވެސް ޒުވާނަކާއި ވާހަކަ ދައްކަން އިންތަން ފެނިފައި އޭނަގެ ފިޔަވަޅުތައް ލަސްވިއެވެ. ޒުވާނާ ފުރަގަހުން ފެންނަމުން ދިޔަ ވަގުތު އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ މިއަދު ބައްޕަ އޭނައާއި ބެހޭގޮތުން ދެއްކި ވާހަކަތަކެވެ. އެ ހިނދު އަފާފްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުގެ އަސްލަކަށްވީ އެ ވާހަކަތަކެވެ.
“އަފާފް ތަންކޮޅެއް އަވަހަށް ފައިބަބަލަ. އަރަޝްއަކަށް ވެސް މާ ގިނައިރަކު ނުހުރެވޭނެއެއްނު؟” އަފާފަށްވުރެ މާ ކުރިން ގޮސް ސިޑި ބަރިން ފޭބި ޝާދިޔާ އެހެން ބުނެލުމާއެކު ހުސެއިނާއި އަރަޝްގެ ނަޒަރު އަފާފަށް ހުއްޓުނެވެ. އެއާއެކު އަފާފް ހުއްޓުން އެރިއެވެ. އަރަޝްގެ ތޫނު ނަޒަރުގެ ސަބަބުން އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅަން ނޭނގިފައި ހިނދުކޮޅަކަށް ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ކަމެއްނުވާކަމަށް ހަދައި ސިޑިން ފައިބައިގެން ގޮސް އަރަޝްގެ ކުރިމައްޗަށްވާގޮތަށް ހުރި ސޯފާގައި އިށީނެވެ. އެއީ އޭނަ ޢާއްމުގޮތެއްގައި ވެސް އޭނައާއި ބައްދަލުކުރަން މީހަކު އައުމުން ހަދާ ގޮތެވެ. އެހެނަސް މިރޭ އާދަޔާ ޚިލާފަށް އޭނައަށް އޭނަގެ ކުރިމަތީގައި ހުރި މީހަކާއި ދިމާލަށް ބަލާކަށް ނުކެރުނެވެ. އޭނައަށް އިވިފައިވާ އަޑުތަކުގެ ސަބަބުން މިފަހަރު އޭނަ މިބައްދަލުކުރަނީ އޭނަގެ ވާންއުޅޭ ފިރިމީހާއާހެން އޭނައަށް ހީވާތީވެ ކަންނޭނގެއެވެ.
“ސޯ……އަފާފް އަހަންނާ ކުރަން ބޭނުން ސުވާލެއްކުރަންވީ. އަހަރެން ކުރަން ބޭނުން ސުވާލެއްނެތް ނެތް. އަފާފްގެ ބައްޕަ ވަރަށް ކިޔައިދީފި އަފާފްއާ ބެހޭގޮތުން.” އަރަޝް، ސީދާ އަފާފަށް ބަލަން އިނދެ އެހެން ބުނެލީ އޮމާން ފިރިހެންވަންތަ އަޑަކުންނެވެ. އޭނަ އެބުނެލި އާދައިގެ ވާހަކައިން ވެސް އަފާފަށް ހިނިތުންވެލެވުނެވެ. އޭނައަށް މިވަނީ ކިހިނެއްބާއޭ ހިތަށްއެރި ވަގުތު އަފާފް އޭނަގެ އަމިއްލަ ބޮލުގައި ކޮންމެވެސް ހަރު އެއްޗަކުން ޖަހަން ބޭނުންވިއެވެ. މިފަދަ ބައްދަލުވުންތަކުގައި އަބަދުވެސް އެންމެ ފުރަތަމަ ވާހަކަ ދައްކާ މީހަކީ އޭނައެވެ. އަނެއް މީހާއަށް އިތުރަށް ވާހަކަ ނުދެކެވޭ ވަރަށް ސުވާލުކުރުމަކީ އޭނަގެ އާދައެކެވެ. އެހެނަސް މިރޭ ނޭނގޭ ސަބަބަކާހުރެ އޭނަގެ ދުލުގައިވަނީ ތަޅެއް އެޅުވިފައެވެ.
އަފާފް އެއްވެސް އެއްޗެކޭ ނުބުންޏެއްކަމަކު އޭނަގެ މޫނު ރަތްވަމުން ދިޔަ ގޮތް އެތާތިބި ތިން މީހުންނަށް ވެސް ފެންނަމުން ދިޔައެވެ. އެހެންކަމުން އެ ތިން މީހުންނަށް ވެސް އެކީގައިހެން ހީލެވުނެވެ. އަފާފް ވާނުވާއެއް ނޭނގިފައި އެތިން މީހުންނަށް ވަކިވަކިން ބަލާލިއެވެ.
“އަރަޝް……ޖަވާބު ލިބިއްޖެތަ؟” ހުސެއިން އަރަޝްގާތު ސުވާލުކުރިއެވެ.
“އަޅުގަނޑަށް ހީވަނީ ލިބިއްޖެހެން.” އަރަޝް ދެންވެސް އަފާފަށް ބަލަން ހެވިފައި އިނދެ ބުންޏެވެ.
“ހެހެހެ…….އަރަޝްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އެންމެ ފަހުން އަފާފްގެ ކައިވެނި ވެސް މި ހަމަޖެހުނީ. އަރަޝް އަހަރުމެންނަށް ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް.” ހުސެއިން ފުރިހަމަ ހިނިތުންވުމަކާއެކީ އަރަޝްގާތު އެހެން ބުނެލުމުން އަފާފަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނައަށް ސުވާލެއްވެސް ނުކުރެވެނީސް އޭނަގެ ކައިވެނި މި ބީރައްޓެހި ޒުވާނާއާއި ހަމަޖެހިގެން ދިޔުމުންނެވެ. އޭނަގެ ރަނގަޅު ސިފަތަކުގެ ވާހަކަ ކޮންމެވެސް ވަރަކަށް އިވިފައިވިޔަސް ކައިވެނި ހަމަޖެހުމުގެ ކުރިން އޭނައަށް އަރަޝް ދެނެގަތުމަށް އިތުރު ފުރުޞަތެއް ލިބެންޖެހޭނެ ނޫންހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ އަފާފް ތެޅިގެންފައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު މަންމަ ވާހަކަ ދެއްކިއެވެ.
“އެހެންވީމަ އަރަޝްވެސް ދާނެ ދޯ އަފާފްއާއެކީ އޮސްޓްރޭލިޔާއަށް. އަފާފްގެ ފިރިމީހާ ހުންނަންވާނެއެއްނު ގްރެޖުއޭޝަން ފޮޓޯގަ؟” ޝާދިޔާ ދެއްކި ވާހަކައިން އަފާފަށް ވަގުތުން ޖަވާބުދެވުނެވެ.
“ނޫން މަންމާ!” އޭނައަށް ބުނެލެވުނެވެ.
“އަފާފް ހާސްނުވެބަލަ ތިހާވަރަށް. ބައްޕަވެސް ދަމެއްނު އަފޫއާއެކީ. އެއީ އަރަޝްގެ އެދުމެއް. އަފާފް އާނއެކޭ ބުނިއްޔާ އަފާފްއާއެކީ އޮސްޓްރޭލިޔާއަށް ދާން. އަރަޝް ބޭނުންވިޔަސް އޭނަ އަފާފްއާ ކައިރިވިޔަކަ ނުދޭނަމޭ!” ހުސެއިން ސަމާސާ ރާގަކަށް އެހެން ބުނެލި ގޮތުން އޭނަ އަރަޝްއަށް އިތުބާރުކުރާ މިންވަރު އެނގެއެވެ. އޭނަގެ އެވާހަކައާއެކީ އަނެއްކާވެސް އަފާފް ފިޔަވައި އެންމެންގެ ހީލުމުގެ އަޑު އިވުނެވެ.
“އިރާދަކުރެއްވިއްޔާ އެހެން ނުވާނެ…..ދޯ ލޯބި؟” އަރަޝް އަނެއްކާވެސް އޭނަގެ ތޫނު ނަޒަރު އަފާފަށް އަމާޒުކޮށްލަމުން ބުނެލިއެވެ. އެ ހިނދު އަރަޝް އޭނައަށް ގޮވާލި ނަމަކުން އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. މަންމަމެން އެއީ ސަމާސާއެއްގެ ގޮތުގައި ނެގިޔަސް އޭނައަށް އެކަން ސަމާސާއެއްގެ ގޮތުގައި ނުނެގުނެވެ. މިވަނީ ވަރަށް ބޮޑު ގޯހެއްހެން އޭނައަށް ކުއްލިއަކަށް ހީވާން ފެށީ ކީއްވެކަމެއް ނޭނގެއެވެ. އޭނަ އެވަގުތު ވެސް އޭނަ އިތުރު ސުވާލުތަކެއް ކުރަން ބޭނުންވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެހެނަސް މަންމައާއި ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އޭނައަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަދި އެހެންނޫނަސް އޭނައަށް މި ހީވާ ހީވުންތަކަކީ ގޯހަކަށް ވެދާނެއޭ ވެސް ހިތް ބުނަމުން ދިޔައެވެ.
އަފާފް ހަމަ އެރޭ އަރަޝް ދިޔުމާއެކު އިސްތިޚާރާ ނަމާދު ކުރިއެވެ. އޭނައަށް އެންމެ ރަނގަޅު ގޮތް ދައްކަވާނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެކަން އެނގިގެންނެވެ. އަރަޝްއާއި އިނުމަކީ އޭނައަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ އެކަން ފަސޭހަކޮށްދިނުމަށް އަފާފް ދުޢާކުރިއެވެ. އަދި މި ނިންމުމަކީ އޭނަގެ ދުނިޔެއަށާއި އާޚިރަތަށްވެސް ނުބައި އަސަރެއް ކުރާނެ ކަމެއްކަމަށްވާނަމަ އޭނަ އެކަމާއި ދުރުކޮށްދެއްވުމަށް އެދި ދުޢާ ކުރެވުނެވެ. އެ ދުޢާއަށްފަހު އަފާފް އެރޭ ނިދާލީ ކޮންމެ ގޮތެއްވިޔަސް ﷲ އޭނައަށް މެދުވެރި ކުރައްވާނީ އޭނައަށް އެންމެ ރަނގަޅުގޮތް ކަމުގެ ޔަޤީންކަމާއި އެކީގައެވެ.
އެރެއަށްފަހު އޮސްޓްރޭލިޔާއަށް ފުރަން އޮތް ދުވަހާއި ހަމައަށް ވެސް އަފާފަށް ފެންނަމުން ދިޔައީ އަރަޝްގެ ނޭދެވޭ ސިފަތަކެވެ. މާ ގިނައިން އަރަޝް އޭނައާއި ބައްދަލުކުރަން އައުމާއި، ބައްޕަ ނުހުންނަ ގަޑިތަކުގައި ވެސް އޭނައާއި ވާހަކަ ދައްކަން މަޑު ކުރުމާއި، ޓީވީއިން ޤުރުއާން ޖަހާފައި ހުންނަ ވަގުތުވެސް އޭނަ ދެ ރެއެއްގެ މަތިން ޗެނަލް ބަދަލުކުރުމަކީ އަފާފަށް ފެނުނު ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކެވެ. އަދި މީގެ އިތުރުން އަފާފް އެއްދުވަހު އޭނަގެ ކެބިންގައި ހުއްޓާ ބަންގި ގޮވަމުން ދިޔަ ވަގުތު އަރަޝް މިސްކިތަށް ނުވަދެ މިސްކިތް ފަހަނަޅައި ދިޔަތަން ވެސް އޭނައަށް ކުޑަދޮރުން ފެނިފައިވެއެވެ. އޭނަ މީގެއިން އެއްވެސް ވާހަކައެއް މަންމަމެންނާ ޙިއްސާކުރުމުން މަންމަމެންނަށް ކުރާ އެއްވެސް އަސަރެއްނެތެވެ.
“ދެން! ތިހާ ނުބައިކޮށް ވިސްނާކަށްވެސް ނުވާނެ. ވެދާނެއެއްނު ގޭގެ މީހަކަށް ކަމެއްވެގެން އޭނަ އެވަގުތު ގެއަށް ދިޔައީ ކަމަށްވެސް. އޭނަ ގޭގަ ނަމާދު ނުކުރާކަން އަފާފްއަށް ކިހިނެއް އެނގެނީ؟ ވާހަކައެއް ބުނަންތަ އަފާފް؟ އަރަޝް ކަހަލަ ކުއްޖެއް ދެން ނުލިބޭނެ. އަފާފް ތި ހުވަފެންތަކުން ދެކޭފަދަ ދީންވެރި ބަޔަކު މިހާރު ނުއުޅޭ. އަރަޝް ކިރިޔާވެސް އަފާފަށް ކަމުދިޔައިއްޔާ އެއީވެސް ވަރަށް ބޮޑުވަރު. ދެންވެސް ޝުކުރުކޮށްގެން ޝަކުވާ ނުކުރޭ.” އަރަޝްގެ ވާހަކަ އެއްރެއަކު އަފާފް ދެއްކުމުން ޝާދިޔާ ބުންޏެވެ. މަންމަގެ ރާގު ހުރިގޮތުން ދެން އަފާފަކަށް އަރަޝްގެ އެއްވެސް ނޭދެވޭ ސިފައެއްގެ ވާހަކަ ދައްކާކަށް ނުކެރުނެވެ. މަންމަ އެބުނީ ތެދަކަށް ވެސް ވެދާނެއޭ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް އޭނަ ދެންވެސް ހިތްހަމަ ޖައްސާލީ އަރަޝްއާއި އިނުމަކީ އޭނައަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާނަމަ ﷲ އެކަމުން އޭނަ ސަލާމަތް ކުރައްވާނެކަމުގެ ޔަޤީންކަން އޮތީތީވެއެވެ.
އޮސްޓްރޭލިޔާއަށް ފުރާ ދުވަސްޖެހުނީ އަފާފް ބަސްމަދުވެފައިވާތާ ދެދުވަސްފަހުންނެވެ. އަރަޝް އެދުވަހު ބުނިހެން އަފާފާއި އޭނަގެ ބައްޕައާއެކީ ހަމަ އެ ފްލައިޓުގައި ފުރިއެވެ. އަފާފް ހީކުރި ގޮތާއި ޚިލާފަށް އެދުވަހު އަރަޝް އޭނަ ކައިރީގައި ހުންނާކަށް ނުއުޅުނެވެ. އޭނަ ޗެކްއިން ވެސް ވީ އަފާފްމެން ޗެކްއިން ވިތާ އިރުކޮޅެއްފަހުން ކަމަށްވުމުން އޭނައަށް ލިބުނީ ވެސް ފްލައިޓުގައި ދުރު ސީޓެކެވެ. އޭނަގެ އެ ޙަރަކާތުންވެސް ހުސެއިން އަފާފްގާތު އޭނަގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. އެހެނަސް އަފާފްގެ ހިތުގައި ދެންވެސް އަރަޝްއަށްޓަކައި ހިތްހަމަނުޖެހުމެއްވިއެވެ.
ގަޑިއިރުތަކެއްގެ ފްލައިޓަކަށްފަހު އަފާފް އޮސްޓްރޭލިޔާގައި އެޅި ފުރަތަމަ ފިޔަވަޅަކީ އޭނަގެ މުޅި ޙަޔާތުގައިވެސް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާން އޭނައަށް ކުރިމަތިވެގެންދާނެ ބިމުގައި އެޅުނު ފިޔަވަޅެއްކަން އަފާފަށް ރޭކާނުލައެވެ. އޭނަ އެ ބިމަށް އައީ ކިތަންމެ އުފާވެރި ހަފްލާއަކަށްޓަކައި ކަމަށްވިޔަސް އޭނަގެ ހިތުގައި އުފާވެރިކަމެއް ނެތީ އެހެންވެ ކަންނޭނގެއެވެ.
އެއާރޕޯޓުން ބައްޕައާއެކީ އަފާފް ދިޔައީ ހޮޓަލަކަށެވެ. އަރަޝް ވެސް އެ ހޮޓަލަށް ދިޔުމަށް ހުސެއިން އެދުނެއްކަމަކު އޭނަގެ ތިމާގެ މީހަކު އެހެން ހޮޓަލެއްގައި އުޅޭ ވާހަކަ އޭނަ ބުންޏެވެ. އަދި ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތް ދުވަހެއް އަހައި އެ ދުވަހަކުން އޭނައަށް ގުޅާލުމަށްވެސް އޭނަ އެދުނެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އަނެއްކާވެސް އަރަޝްއާމެދު ހެޔޮކޮށް ވިސްނަން އަފާފަށް މަޖުބޫރުވާން ފެށިއެވެ. މިއީ އަނެއްކާވެސް އޭނައާއި އިންނަން ލިބޭ ފެހި ސިގްނަލެއް ހެއްޔެވެ؟ އެރޭ ނިދަން އޮށޯވެ އޮވެ އަފާފަށް ވިސްނުނެވެ. ނިދަން އުޅެއުޅެ ލޮލަށް ނިންޖެއް ނައުމުން އަފާފް އެންމެ ފަހުން ތެދުވެ އެ ރޫމުގެ ކުޑަދޮރުން ބޭރު ބަލާލިއެވެ. ފިނި މޫސުމަށްވުމުން ބޭރުން ފެންނަމުން ދިޔަ މަގުގެ ދެފަރާތުންވެސް ފެންނަމުން ދިޔައީ ހުދުކުލައިގެ ސްނޯވްއިން ފުރިފައިވިތަނެވެ. ބޭރު ބަލަން ހުއްޓާ ކުއްލިއަކަށް އަފާފް ނަޒަރު ހުއްޓިގެން ދިޔައީ މަގުގެ އެއްފަރާތުގައި ބެހެއްޓިފައި ހުރި ބެންޗަށެވެ. އޭނަ ރަނގަޅަށް ބަލާލިއިރު އެ ބެންޗުގައި ކުޑަ އަންހެން ކުއްޖަކު އޮށޯވެފައި އޮތެވެ. ހީވާގޮތުން އޭނަ އޮތީ ހީކަރުވައިގެންނެވެ. އެކުއްޖާ އޮތްގޮތުން އަފާފްގެ ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. އޭނަ ގަޑި ބަލާލިއިރު ގަޑިން 11:30 ވަނީއެވެ. ދެ ޚިޔާލެއްގެ މަތީގައި ހުރެ އެންމެ ފަހުން އަފާފް ބޭރަށްދާން ނިންމީ އެކުއްޖާ އޮތީ މާ ދުރުގައެއްނޫނެއްނޫންހޭ ހިތް ބުނުމުންނެވެ.
އާދައިގެ ގޮތަކަށް ބުރުގާ އަޅައިގެން އަފާފް ހޮޓެލުން ނިކުންނަން ދިޔައީ ފޮތިގަނޑަކާއި އެކީގައެވެ. ހޮޓެލުން ނިކުމެވުމާއެކު ފިނިގަދަ ކަމުން ޚުދު އޭނަވެސް ތުރުތުރު އެޅިއެވެ. ފިނިހެދުން ނުލިޔަސް އޭނައަށް ކެތްވާނެކަމަށް ހީވިކަމުގެ މޮޔަ ހީވިއެވެ. އެހެނަސް އަފާފް ހިތްވަރުކޮށްފައި މަގުގެ ދެކޮޅު ބަލާލަމުން މަގު ހުރަސްކުރުމަށްފަހު އެކުއްޖާގެ ކައިރިއަށް ދިޔައެވެ. ކައިރިއަށް ދިޔަދިޔަހެން އެކުއްޖާގެ ގިސްލުމުގެ އަޑު އަފާފަށް އިވުނެވެ. އޭނަ އެކުއްޖާ ކައިރިއަށް ގޮސް އެކުއްޖާގެ ގައިގައި ފޮތިގަނޑު އަޅާލުމަށްފަހު އިނގިރޭސި ބަހުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. އެންމެ ފުރަތަމަ އެކުއްޖާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެނަސް އަފާފް އެކުއްޖާގެ ކައިރީގައި އިށީނދެ އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށުމުން އެކުއްޖާ އެންމެ ފަހުން ތެދުވެލިއެވެ. އަދި އޭނައަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ. 10 އަހަރުގެ ލޫސީ އެތާ ބޭރުގައި އޮތީ އޭނަގެ ގެއެއް ނުހުންނާތީވެއެއްނޫނެވެ. އޭނަ ކޮންމެ ރެއަކު އެތަނަށް އައިސް އޮންނަނީ އޭނަގެ ބައްޕައަށް ކުރާ ނަފްރަތެއްގެ ސަބަބުންނެވެ. ލޫސީގެ ބައްޕަ އޭނަގެ މަންމަ މަރުވުމަށްފަހު މިހާރު އުޅެނީ އެހެން އަންހެނަކާ އެކީގައެވެ. އޭނަ އޭނަގެ ބައްޕައަށް ރުޅި އަންނަ އެންމެ ބޮޑު އެއްސަބަބަކީ އެއީއެވެ. މީގެ އިތުރުން އޭނަގެ ބައްޕަ އޭނައާއި ދިމާލަށް ވަރަށް އެއްޗެހި ގޮވާ ވާހަކަ ވެސް ލޫސީ ރޮއިރޮއިފައި ކިޔައިދިނެވެ. އަފާފް އެ ވާހަކަތައް އަޑު އަހާފައި ލޫސީއަށް އެއްޗެއް ވިސްނައިދެވޭތޯ ބެލިއެވެ. އެއީ މުސްލިމް ކުއްޖަކަށް ނުވިޔަސް އެކުއްޖާގެ ބައްޕައާމެދު އަބަދުވެސް ހެޔޮކޮށް ވިސްނަންވާނެކަމަށްބުނެ އޭނަ ނަޞޭޙަތްތެރިވިއެވެ. ބައްޕަ ލޫސީއަށްޓަކައި ކަންތައް ކޮށްނުދޭތޯ އަހައި ބައްޕަވެސް ލޫސީއަށް ރަނގަޅުކަން އަފާފް އޭނައަށް ވިސްނައިދިނެވެ.
އެރެއަށްފަހު އަފާފާއި ލޫސީއާއި ދެމެދު ގާތްގުޅުމެއް އުފެދިގެން ދިޔައެވެ. ކޮންމެ ރެއަކު އަފާފާއި ލޫސީ އެ ބެންޗުން ދިމާވެއެވެ. ލޫސީ އޭނަގެ ޙަޔާތުގައިވާ އެކިއެކި މައްސަލަތައް އަފާފާއި ޙިއްޞާ ކުރާއިރު ފަހަކަށް އައިސް އަފާފް އަންނަނީ ލޫސީއަށްދޭން ކާ އެއްޗެއްވެސް ހިފައިގެންނެވެ. ކޮންމެ ރެއަކު ކައިގެންތޯ ސުވާލުކުރުމުން ނުކާކަމަށް ބުނާތީވެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަފާފް ދަސްވެނިވާ ދުވަސްޖެހުނެވެ. އޭނަ އަރަޝްއާމެދު ހަނދާންވެސް ނެތިފައި އޮތްވާ ބައްޕަ އަރަޝްއަށް ގުޅާފައި އަވަހަށް އައުމަށް އެންގިއެވެ. އަރަޝްގެ ނަން އިވުމާއެކު އަފާފްގެ މޫޑު ޚަރާބުވާ ގޮތްވިއެވެ. އެހެނަސް އޭނަ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ދިޔައީ ހިނިތުންވުމަކާއެކީގައެވެ. ދަސްވެނިވުމަށްފަހު އޭނަ ހީކުރި ގޮތާއި ޚިލާފަށް އަރަޝް އޭނައާއެކީ ފޮޓޯ ނަގާކަށް ވެސް ނުއުޅުނެވެ. އޭގެ ބަދަލު އަފާފް އޭނަގެ ބައްޕައާއެކީ ފޮޓޯ ނަގައިދިނީ އަރަޝްއެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައިވި ސަބަބެއް ނޭނގިގެން އުޅެނިކޮށް އެރޭ ހޮޓެލްގެ ރޫމުގައި އިންދާ ރޫމް ސާރވިސްއަށް އަންނަ މީހެއްގެ އަތުން އަފާފަށް ސިޓީއެއް ލިބުނެވެ.
“އަފާފް……ވޭތުވެ ދިޔަ ދުވަސްތަކުގައި އަހަންނަށް ކަންތައްވެވުނު ގޮތަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. އެނގޭ އަހަންނަށް ހެދުނީ ގޯހެއްކަން އަފާފާއި ވަކިން ބައްދަލުކުރަން ގޮސްގެން. އަހަރެން އެކަމަށްޓަކައި މަޢާފަށް އެދެން. ދެން އަހަރެން އަހަރުމެންގެ ކައިވެނީގެ ކުރިން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނަން އިން ޝާ ﷲ. އަހަރެން ނުބުނަން އަހަރެން މިއީ ފުރިހަމަ މީހެކޭ. އަހަރެން ފުރިހަމަވާން އެހީތެރިވެދޭ ބައިވެރިޔަކީ އަފާފްކަމަށް ވާން ވަރަށް ބޮޑަށް އެދެން – އަރަޝް.” ސިޓީ ކިޔައި ނިމުނުއިރު އަނެއްކާވެސް އަފާފްގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ އަރަޝް އެންމެ ފުރަތަމަ ފެނުނު ދުވަހު ވެރިވި ހިނިތުންވުމެވެ. އަނެއްކާވެސް އަރަޝްއަށް އިތުބާރު ކުރެވިދާނެހެން އަފާފަށް ހީވާން ފަށައިފިއެވެ. އަނެއްކާވެސް އަރަޝްއާއެކީ މުޅި ޙަޔާތް ވޭތުކުރާނެ ގޮތުގެ ޚިޔާލީ ފޮލާ ކެއްކެން ފެށިއެވެ. އެހެނަސް ދެން ކަންތައްވެގެން ދިޔައީ އަފާފް ހިވެސް ނުކުރާ ފަދައަކުންނެވެ. އެ ސިޓީ ކިޔައި ނިމުނުތާ މާ ގިނައިރެއްނުވެ ބައްޕަގެ ފޯނެއް އައެވެ.
“ސަލާމް ބައްޕާ.” އަފާފްގެ އަޑުގައި އުފާވެރިކަމެއްވިއެވެ.
“އަފާފް……ބައްޕަ އަދިވެސް މިހިރީ އަރަޝްމެންގެ ހޮޓެލް ހުންނަ ހިސާބުގަ. އަނބުރާ އާދެވޭނީ 3 ގަޑިއިރު ތެރޭގަ. ހޮޓެލުން ނިކުމެ މާ ދުރަށްދާން ނަހަދާތި.” ބައްޕަ އެހެން ބުނުމުން އަފާފް އާނއެކޭ ބުނެ ފޯނު ބޭއްވިއެވެ. އެއަށްފަހު ކުޑަދޮރު ކައިރިއަށް ދިޔައީ، ބައްޕަ ހޮޓެލުން ނިކުންނަ ވާހަކަ ބުނުމުން ލޫސީ މަތިން ހަނދާންވުމުންނެވެ. އޭނަގެ ނަޞޭޙަތްތަކަށްފަހު ވެސް ލޫސީ އަދިވެސް އެ ބެންޗުގައި ހުރެއެވެ. އެރޭ ވެސް އޭނަ ކުޑަދޮރުން ބަލާލިއިރު ލޫސީ އެ އިންނަ ތާނގައި އިނެވެ. އާދައިގެ މަތިން ލޫސީއާ ބައްދަލު ކުރުމަށްޓަކައި އަފާފް ހޮޓެލުން ނިކުންނަން ދިޔައެވެ.
ހޮޓެލުގެ މައިދޮރުން ނިކުތް ވަގުތު އެ މަގުމަތި އާދަޔާ ޚިލާފަށް އަޑުގަދެވެ. އަޑު އަންނަ ދިމާލަށް ބަލާލިއިރު ހޮޓެލްގެ ކައިރީގައި ހުރި ބާރގެ ކުރިމައްޗަށް 10 ވަރަކަށް ބަޔަކު އެއްވެފައި ތިބެ އެއްޗެހި ގޮވަމުން ދިޔައެވެ. ހީވާހީވުމަށް އެންމެން އުޅެނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެންނެވެ. އެންމެން އެއްފަހަރާ ވާހަކަ ދައްކަމުން ދިޔައީތީ އެއްވެސް ވާހަކައެއް ސާފެއްނުވެއެވެ. އަފާފް އެއަކަށް އަޅާލުމެއްނެތި ލޫސީ ގާތަށް ދާން ހިނގައިގަތީ އިރުކޮޅަކުން އެކަން ނިމިދާނެއޭ ހިތާއެވެ. އޭނަ ގާތުގައި ގޮސް އިށީން ލޫސީވެސް ހީކޮށްގެން އިނީ އެހެންނެވެ. އެހެނަސް އިރައިރަކަށް އެމީހުންގެ އަޑުގަދަވެ އެތަނަށް މީހުން އެއްވާން ފެށިއެވެ. 10 މީހުން ތިރީހަކަށް މީހުންނަށް ބަދަލުވާން މާ ގިނައިރެއް ނުނެގިއެވެ. އެއީ ބާރގެ ތެރެއިން އެ ބައިގަނޑަށް ވަން މީހުންނާއި މަގުމަތިންވެސް ދިޔަ ބައެއް މީހުން ލައިގެންނެވެ. އެމީހުންގެ އަޑުގަދަވެ ބިއްލޫރި ފުޅިތައް ތަޅަން ފެށި އަޑާއެކީ އަފާފްގެ ހިތަށް ބިރުވެރިކަމެއްވަނެވެ. އެހިނދު އޭނަ ކައިރީގައި އިން ލޫސީ ކުއްލިއަކަށް އުޖާލާވެގެން ދިޔަ މޫނަކާއެކީ މޯމްއޭ ކިޔައި އެ ދިމާލަށް ދުއްވައިގަތެވެ. އަފާފަށް ލޫސީއަށް ގޮވާލެވުނެއްކަމަކު އޭނަ މަޑެއް ނުކުރިއެވެ. ލޫސީ އެ ބައިގަނޑުގެ ތެރެއަށް ވަދެ އަފާފް ލޯމައްޗަށް ގެއްލުނުތާ މާ ގިނައިރެއް ނުވެ އެތަނުން އެކަކު އަނެކަކު ގަޔަށް އަތްލާ މާރާމާރީއެއް ފެށިގެން ދިޔައެވެ. ފިރިހެނުންގެ ހަޅޭކުގެ އަޑު އިވެން ފެށުމުން ގަތް ބިރާއެކީ އަފާފަށް ހޮޓެލާއި ދިމާލަށް ދާކަށްވެސް ނުކެރުނެވެ. އެކަމެއް ހިނގަމުން ދިޔައީ ހޮޓެލް ހުރި ފަޅީގައި ކަމަށްވާތީވެއެވެ. ލޫސީއާމެދު ވެސް ކަންބޮޑުވަމުން ދިޔަ ހިތަކާއެކީ އަފާފް ބެންޗުގެ ފުރަގަހަށްދާން މިޞްރާބުޖެހިއެވެ.
“އަފާފް!!!” ކޮންމެވެސް ފިރިހެނެއްގެ އަޑު މުޅި ތަނުގައި ގުގުމާލި ވަގުތު އަފާފަށް އެ ދިމާލަށް ނަޒަރު ހިންގާލެވުނެވެ. އެއަށްފަހު ފަޅި ސިކުންތެއްގެ ތެރޭގައި އެއްލިގެން ދިޔަ ބޮޑު ގަލެއް އައިސް އަފާފްގެ ލޯމަތީގައި ޖެހުނެވެ. ވީތަދާއެކީ އަފާފްގެ އަނގައިން ހަޅޭކެއްގެ އަޑުވެސް ނުނިކުތެވެ. ލޯ ހުޅުވާލަން ނުކުޅެދިފައިވަނިކޮށް އަފާފް އޭނަގެ ދެކަކޫ މައްޗަށް ތިރިވެ ވެއްޓެން ދިޔައެވެ. އެހެނަސް އޭނަ ބިންމައްޗަށް ތިރިވެ މުޅިން ނުދެމެނީސް ބާރުގަދަ ދެއަތަކުން އޭނަގެ ގައިގައި ވަށާލިއެވެ.
“އައިމް ސޮރީ…..އައިމް ސޯ ސޮރީ.” އެއަތެއްގެ ވެރިއަކު ބުނެލި އަޑު އަފާފަށް އިވުނެވެ. އެއަށްފަހު އޭނައަށް ވީނުވީއެއް ނޭނގި އޭނަގެ ހޭނެތުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Ma’sha allah
Story up veytho bala bala indhaa mi fenuny
V rythi mi part vx
Alhamdhulillah! (All praise and thanks belong to Allah) 🙂
Maasha allah story v reethi
Wen nxt part?
LY ???
Alhamdhulillah! Next part thursday ga In Sha Allah. Love you too <3 <3 <3
Varah reethi mibaives.. keep it up Jana.. 🙂
Alhamdhulillah! Jazakillah Khairan for the support 😀
Maasha Allah..varah furihama.. waiting
Alhamdhulillah! Next part thursday ga In Sha Allah 🙂
Varah reethi maashaa allah
Alhamdhulillah! 🙂
Masha allah..vr vr reethi❤
Alhamdhulillah! <3
V reethi masha allah ..
Alhamdhulillah!
Masha Allah v reethi
Alhamdhulillah!
masha allah. v reethi mi part ves..
Alhamdhulillah! 🙂
FB Post:
“Wow I have all these blessings. Allah must love me.”
“Uh! These hardships seem never ending. I wonder why Allah is punishing me.”
If these are some thoughts that you tend to have once in a while, trust me…..you aren’t the only one. Thanks to all the TV soaps, movies and songs for inserting this mentality deep into our minds that now it’s almost impossible for us to think otherwise.
I can tell you a personal story as these are thoughts that I myself had, in the past. How did these thoughts change? The answer goes back to a few years. I was sitting in a classroom forced to go through the translation of suratul fajr. That was of course, due to exams. I wasn’t interested in the Quran back then, not even the least bit. Until some ayat in that surah, happened to read my mind.
فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ. وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ
And as for man, when his Lord tries him and [thus] is generous to him and favors him, he says, “My Lord has honored me.” (15) But when He tries him and restricts his provision, he says, “My Lord has humiliated me.” (16) Suratul Fajr, ayat 15-16
I was stunned at that moment by how those two ayahs captured the exact emotions I go through day in and day out. And it challenged the way I thought. Just because I have blessings does not necessarily mean that I have Allah’s love. And just because I go through hardship does not necessarily mean that Allah is punishing me. Rather, all of the good and bad that happen to us are all tests from Allah swt.
Now, we all understand how bad things are a test. About how we need to be patient and put our trust in Allah and all of it. But why is Allah describing the good that happens to us with the exact same word as He used to describe the bad? As a matter of fact, after a few years when I started learning more about the Quran and Arabic, I came to know that the word ابتلاء actually means a very difficult test. How in the world can easy times be a difficult test?? It is so because it hardest for us to remember Allah in those times. It is in those times that we forget to fulfill our obligations to the best of our ability. And it is in those times that we forget that we are in fact in a test. And we forget that we will be asked about the blessings that we enjoyed in this world. Whether or not we used them in a way that pleases Allah swt.
May Allah make us of those who pass both types of test that He swt puts us through and may He keep our hearts firm on His deen no matter what we go through. Ameen!
FB Post: (Dhivehi)
“އަހަންނަށް މި ހުރިހާ ނިޢުމަތްތަކެއް ލިބިފައިވާނަމަ އެއީ ﷲ އަހަރެންދެކެ ލޯބިވާކަމުގެ ހެއްކެކެވެ.”
“އަހަންނަށް މި ހުރިހާ ދަތިތައް ކުރިމަތިމިވަނީ އަހަރެން ކުރި ކޮން ފާފައެއްގެ ސަބަބުން ހެއްޔެވެ؟”
މިއީ މަދުން ނަމަވެސް ތިބާގެ ސިކުނޑީގައި ދައުރުވާ ވާހަކަތަކެއް ހެއްޔެވެ؟ ގިނަ ނިޢުމަތްތައް ލިބުމުން ﷲ ތިބާ މަތިވެރި ކުރެއްވީހެން ހީވޭ ހެއްޔެވެ؟ އަދި ނިޢުމަތްތަކުން މަޙުރޫމް ވާ ވަގުތު އެކަލާނގެ ތިބާ ދޫކޮށްލީހެން ހީވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ މި އާޔަތްތަކަށް ބަލާލަމާ ހިނގާށެވެ.
“ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ” ސޫރަތުލް ފަޖުރު، 15-16.
އެއްވެސް ޝައްކެއްނެތް ގޮތުގައި ﷲ ފިޔަވައި އަހަރުމެންގެ ހިތްތަކުގައި ހިނގާ އިޙްޞާޞްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވޭހެއްޔެވެ؟ މި އާޔަތްތަކުގައި އެކަލާނގެ ސިފަކުރައްވާފައި މިވަނީ އަހަރުމެން އެއްވެސް މީހެއްކައިރީގައި ނުބުންޏަސް އަދި ބުންޏަސް އަހަރުމެންގެ ހިތުތެރޭގައިވާ ވާހަކަ ތަކެވެ. އެކަލާނގެ މިވަނީ އެ ވާހަކަތަކަށް ގޮންޖައްސަވާފައެވެ. ނިޢުމަތްތައް ލިބުމަކީ ވަކި ﷲ ގެ ޙަޟްރަތުން ލިބޭ ޤަދަރެއް ނޫން ކަމާއި އަދި ރިޒުޤު ދަތި ވުމަކީ އެކަލާނގެ ކޯފާގެ ނިޝާނެއް ނޫންކަން ސާފުކޮށްދެއްވަމުންނެވެ. އެހެނެއްކަމަކު އެ އަހަރުމެންނަށް ކުރިމަތިވާ ހުރިހާ ހެޔޮ ކަންތައްތަކާއި ދަތި ކަންތައްތަކަކީ ވެސް ﷲ ގެ ޙަޟްރަތުން ކުރިމަތިވާ އިމްތިޙާންތަކެވެ.
އުނދަގޫ ދުވަސްތައް އިމްތިޙާނަކަށްވަނީ ކިހިނެއްކަން އަހަރުމެން އެންމެންނަށް ވެސް ސާފެވެ. އެދުވަސްތަކުގައި ކެތްތެރިވާން ޖެހޭކަމާއި ﷲ އަށް ވަކީލުކުރަން ޖެހޭކަން އަހަރުމެންނަށް އެނގެއެވެ. އެހެނަސް ފަސޭހަ ދުވަސްތައް އިމްތިޙާނަކަށްވަނީ ކިހިނެއްހެއްޔެވެ؟ އެ އާޔަތުން ސިފަ ކުރެވޭ ގޮތުގައި ނިޢުމަތްތައް ލިބުމަކީ ވެސް އުނދަގޫ އިމްތިޙާނެކެވެ. އެކަން އެހެންވަނީ ކިހިނެއްހެއްޔެވެ؟ އެއީ….އަހަރުމެން ﷲ ގެ ހަނދުމައިން އެންމެ ފަސޭހައިން ދުރުވެގެންދާ ދުވަސްތަކަކީ ފަސޭހަ ދުވަސްތަކަކަށްވާތީވެއެވެ. އަހަރުމެންނަށް ވާޖިބުތަކަށް ފަރުވާ ކުޑަ ކުރެވެނީ އެދުވަސްތަކުގައި ކަމަށްވާތީވެއެވެ. އަދި އަހަރުމެން މިވަނީ އިމްތިޙާނެއްގައި ކަންވެސް އެންމެ ގިނައިން ހަނދާން ނެތެނީ ފަސޭހަ ދުވަސްތަކުގައި ކަމަށްވާތީވެއެވެ.
މާތް ﷲ އަޅަމެން އެންމެންނަށް ވެސް މި އެންމެހާ އިމްތިޙާންތަކުން ކާމިޔާބުވުމުގެ ތައުފީޤު ދެއްވައި އަޅަމެންގެ ހިތްތައް އެކަލާނގެ ދީނުގައި ސާބިތުކޮށްދެއްވާށި. އާމީން!
jana ah v bodah thanks dhivehin fb post thah genesdheythee. kurin vaahaka thakuga fb post english in hunnaathy maabodakah neynge e kiyas vaanuvaa eh. ekam mihaaru al hamdh lillah.. adhives effaharu jana ah ves thanks..
Varah salhi??????