
އެކުގައިވާން އެދެމޭ… 11
” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ.”
ވިޝާއަށް އޭނާގެ ކެބިންއަށް އާދެވުނީ އާލިކް ނުކުމެގެން ދިޔަފަހުންނެވެ. އާލިކް ނެތްކަން އެނގުމުން މޫނަށް ވައްތަރެއް ޖައްސާލަމުން ވިޝާ އޭނާގެ ގޮނޑީގައި އިށީނދެލީ އާލިކް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ހަގީގަތުގައި ރޭގައި ހިނގާދިޔަ ކަންތައްތަކަށްފަހު ވިޝާއަށްވެސް އާލިކްއާއި ގާތުގައި ހުރުމަށް އެދެވެނީ ހައިރާންވާ ފަދަ ދަރަޖައަކަށެވެ. ނޭނގޭ ސަބަބަކާއިހުރެ އާލިކްއާއި ގާތްވެވުނު މަންޒަރު ހިތައް އެރުމުން އެތުންފަތުގައި ޖާދުވީ ހިނިތުންވުމެއް ދުވެލަނީ އިޚްތިޔާރަކާއި ނުލައެވެ. ވިޝާ ލޯ މަރާލިއެވެ. އެވަގުތުވެސް އޭނާއަށް ސިފަވަމުން ދިޔައީ އާލިކްގެ ފިރިހެންވަންތަ މޫނާއި އޭނާގެ ހިނިތުންވުމެވެ. އެ ތޫނު ދެލޮލާއި އޭނާގެ މައުނަވީ ބަލާލުމެވެ. އެއާއިއެކު އޭނާއަށް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެލޮލަށް ސިފަވެގެންދިޔަ މަންޒަރެއްގެ ސަބަބުން ވިޝާގެ ހުވަފެނީ ހިނިތުންވުން ފިލާގޮސް މޫނުމަތީގައި ނުތަނަވަސްކަން އުފެދިއްޖެއެވެ.
” ހީ ހޭޒް އަ ގަރލް ފްރެންޑް..” ލޯ ހުޅުވާލުމަށްފަހު ވިޝާއަށް މަޑުމަޑުން ބުނެލެވުނެވެ. ހަމަ އެއާއިއެކު ދެތުންފަތުގައި ތުރުތުރެއް އުފެދި ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ.
” އެކަމު.. ކީއްވެތަ މިރޮވެނީ.. އަދި ރޯން ވެއްޖެތަ.. އަޅޭ..” ވިޝާ މޫނުމަތީގައި އަތްއެޅުމަށްފަހު ކަރުނަތައް ހިންދާލެވޭތޯ މަސައްކަތްް ކުރަން ފެށިއެވެ. އާލިކް އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންކަން ހިތައް އެރުމާއިއެކު އޭނާގެ ހިތައް ވެގެން ދިޔަ ގޮތް ޚުދު އޭނާއަށްވެސް ނޭނގުނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އެކަމާއި ދެރަ ވެވެނީއެވެ. ކިތަންމެ ހިތްވަރު ގަދަކޮށްލައިގެން އުޅުނަސް މިހާރު އާލިކް ފެނިއްޖެނަމަ އޭނާއަށް ލަދުގަނެވެނީއެވެ. އެ ދެލޮލާއި ހަަތަރު ކަޅި ހަމަވެއްޖެނަމަ ހިއްސުތަކާއި ކުޅެލަނީއެވެ. ނަމަވެސް ވިޝާ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެއެވެ. ހަމަ ގައިމުވެސް އޭނާއަކީ ލޯބިން އުޅޭ ދެލޯބިވެރިއެއްގެ ދެމެދަށް ވަންނާނެ މީހެއް ނޫނެވެ.
” އެހެން ނޫނަސް ދޮންބެ ފެނުމުުގެ ކުރިން އެކަހަލަ ކަމެއް ކުރާކަށް ނޫޅެން..” ވިޝާ އޭނާގެ ހިތައް ވިސްނައިދެމުން އަމިއްލައަށް ހިތްހަމަޖެހުން ހޯދަން މަސައްކަތް ކުރިނަމަވެސް އާލިކްގެ ޚިޔާލުތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. ކުރެވެމުން އެދާ އިހުސާސްތަކަކީ ކޮން އެއްޗެއްކަން އެނގުނު ނަމަވެސް ވިޝާ ބޭނުންވަނީ އެއީ ނުވާކަމެއްކަމުގައި ހަދާލުމަށެވެ.
” ހޭއި.. ހުރިހާ ކަމެއް އޯކޭތަ؟.. ކީއްވެ ފިލާ ތިއިނީ؟..” ދެއަތްތިލައިން މޫނު ފޮރުވާލައިގެން އިން ވިޝާ ކުއްލިއަކަށް އިސްއުފުލާލީ އާލިކްގެ އަޑު އިވުމުންނެވެ. އޭރު އާލިކް ވިޝާގެމޭޒުގައި ދެއަތް ވިއްދާލައިގެން ހިނިތުންވެފައި ހުއްޓެވެ.
” ނަ.. ނަތިން.. ދެން ކަމެއް ނެތީމަ..” ކުއްލިއަކަށް އާލިކް ފެނުމުން ވިޝާގެ ކޯތާފަތަށް ޖަންބުކުލަ ވެރިވެ އަޑުގައިވެސް ތުރުތުރެއް އުފެދިފައިވެއެވެ. ވިޝާގެ ލަދުވެތި މޫނު ފެނުމުން އާލިކްގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އިސް ޖަހާލައިގެން އިން ވިޝާގެ މޫނުން އޭނާގެ ފުން ނަޒަރު ވަކިކޮށްލުމެއްނެތި ގޮޮސް ވިޝާއާއި ނުހަނު ކައިރީގައި ހުއްޓިލީ އެވަގުުތު އޭނާގެ ހިތް އެންމެ ބޭނުންވި ގޮތަށެވެ. އަދި ލަސްލަހުން ވިޝާއާއި ވީ ފަރާތުން މޭޒުގައި އެއް އަތް އަޅުވާލާ ކުޑަކޮށް ގުދުވެލާ ކުރިއަށްވުރެވެސް ފުންކޮށް އެ މައުސޫމް ދޮން ދޮންް މޫނަށް ބަލާލިއެވެ. އޭރު އާލިކްގެ ގާތްކަން އިހުސާސްވެގެން ވިޝާގެ ހިތް ނެގިނެގިފައި ޖެހޭއިރު ހީވަނީ އުދުއްސައިގެން ހިނގައިދާނެހެންނެވެ. ކަޅުކަން ގަދަ ބޯ އެސްފިޔަތައް ތިރިކޮށްލާ ލޯ ފޮރުވާލައިގެން އިން ގޮތުންވެސް ލަދުވެތިކަމާއި އަންހެންވަންތަކަން އިތުރުވެގެންދެއެވެ. ޖަންބުކުލަ ގަދަވަމުންދިޔަ އޮމާން ކޯތާފަތާއިއެކު މަޑު ތުރުތުރެއް އުފެދިފައިވާ ގަދަ ފިޔާތޮށި ކުލައިގެ ތުންފަތްވެސް އާލިކްގެ ހިތައް އިތުރަށް ގޯނާ ކުރަމުން ދިޔައެވެ.
” ވިޝޫ އަށް އިނގޭތަ ތިގޮތަށް ލަދުގަތީމަ ވިޝޫގެ ރީތިކަން އިތުރުވާކަން..” އާލިކް މަޑުމަޑު އެހެނަސް ފިރިހެންވަންތަ އަޑަކުން އެހެން ބުނެލީ ވިޝާގެ ކަންފަތްދޮށުގައެވެ. އެއާއިއެކު ވިޝާގެ ހުރިހާ އިސްތައްޓެއް ކޮޅަށް ޖެހިގެންދިޔައީ އެބުނެލި އެއްޗަކާއިއެކު އާލިކްގެ ހޫނު ނޭވާ އޭނާގެ މޫނުގައި ބީހިލުމުންނެވެ.
” މްމ.. ސަރ..” ވިޝާގެ ތުންފަތް ހަރަކާތްކުރިނަމަވެސް އަޑުބޭރުވީ ވަރަށް މަޑުމަޑުންނެވެ. އޭނާ ހިތްވަރުކޮށްލާފައި އިސްއުފުލާލަން އުޅުނު ވަގުތު އަނެއްކާވެސް އެހަށިގަނޑު ފިނިވެގެން ދިޔައީ މޭޒުގައި ހިފަހައްޓާލައިގެން އިން އޭނާގެ އަތް އާލިކްގެ އަތުގެ ތެރެއަށްލުމުންނެވެ.
” ވިޝޫ.” އާލިކް މަޑުމަޑުން ވިޝާގެ އިސްއުފުލާލަދިނެވެ. އެވަގުތު ވިޝާގެ ބްރައުން ލޮލާއި އާލިކްގެ ތޫނު ދެލޯ ހަމަވެގެން ދިޔައެވެ. ރީތިކަމާއި ފުރިހަމަކަމުގެ ދެޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު މަންޒަރު ފެންނަލެއް ނުހަނު ހިތްގައިމެވެ. މާތް ﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
އާލިކްއަށް ލަސްލަހުން އޭނާގެ އަތުގެ ތެރޭގައި އޮތް ވިޝާގެ ފިނިފިނި އަތްތިލަ ގެންގޮސް ތުންފަތުގައި ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރުވެސް އޭނާގެ ތޫނުދެލޯ އަމާޒުވެފައި ހުރީ ވިޝާގެ މޫނަށެވެ. އާލިކްގެ އެކުޑަކުޑަ ހަރަކާތާއިއެކު ވިޝާއަށް ތެޅިގަނެވުނެވެ. ބޮޑުބޮޑު ދެލޯ އިތުރަށް ބޮޑުކޮށްލަމުން އަތްދަމައިގެން އިރު އެމޫނުގައިވާ މައުސޫމްކަން ފެނި އާލިކްއަށް ހުރެވުނީ ހައިރާންވެފައެވެ. ހަމަ އެވަގުތު އަވަސް އަވަހަށް ނޭވާ ލަމުން އަވަސް ފިޔަވަޅުތަކެއްގައި ވިޝާ ކެބިންއިން ނުކުމެގެން ދިޔަ މަންޒަރު ބަލަންވެސް އާލިކްއަށް ހުރެވުނީ އެހައިރާން ކަންމަތީގައެވެ.
“ވިޝޫއަށް އެނގޭތަ ތިގޮތަށްލަދުގަތީމަ ވިޝޫގެ ރީތިކަން އިތުރުވާކަން..” ވިޝާ ތިރީގައި ހުރި ވޮޝް ރޫމަކަށްވަދެ ލޯގަނޑު ކުރިމަތީގައި ހުރިއިރުވެސް ކަންފަތުގައި ގުގުމާލާފައި ހުރީ އާލިކްގެ މަޑުމައިތިރި އަޑެވެ. އިހުސާސް ކުރެވެމުންދިޔައީ އޭނާގެ އެގާތްކަމެވެ. ވިޝާ ގަދައަށް ލޯ މަރާލަމުން ބާރުބާރަށް މޭގައި ހިފަހައްޓާލިއެވެ. އާދަޔާ ޚިލާފަށް ތެޅެމުން ދިޔަ އޭނާގެ ގޮތްނޭނގޭ ހިތް ހަމައަކަށް އަޅުވާނެ ގޮތެއްވެސް ވިޝާއަކަށް ނުވިސްނުނެވެ. އާލިކްގެ އެގާތްކަން އޭނާގެ އަންހެންވަންތަ އިހުސާސްތައް ރަނގަލަށްވެސް ހޭލައްވާލައިފިއެވެ.
ކުޑަކޮށް ހަމައަކަށް އެޅުމުން ވޮޝް ރޫމުން ނުކުތުމަށްފަހު ކެބިންއަށް ދިއުމުގެ ބަދަލުގައި ވިޝާ މަޑުކޮށްލީ ރިސެޕްޝަނުގައެވެ. ނަމަވެސް އެތަނުގައި މާގިނަ އިރުތަކެއް ނުވަނީސް އެންމެން ކޮފީއަށް ދާން ކިޔަން ފެށުމުން ވިޝާވެސް އެމީހުންނާއި އެކުގައި ކޮފީ ރޫމަށްމިސްރާބު ޖެހިއެވެ.
” ޝާން ވަޒީފާއިން ވަކިވާން ސިޓީ ލައިފި..” ކޮފީ ރޫމަށް ވަދެވުމާއިއެކު ދީމާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ މޫނުމަތީގައި ހުރީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.
” ހޫމްމް ސިޓީ ލާންވެގެން ކަންނޭނގެ މިއަދު އެެއައީވެސް.. 9 ވެސް ނުޖަހަނީސް ހިނގައްޖެ..” ދީމާގެ ވާހަކައިގައި ބައިވެރިވެލަމުން ވިމްލާ ބުނެލިއެވެ. އޭރު އަރީޝްއާއި، މޯޑުއާއި އަދިވެސް އޮފީހުގައި އުޅޭ ހައެއްކަ ކުދިން އެތަނަށް އައިސްފިއެވެ.
” ކޮންމެސް ކަމެއް ގޯސްވެއްޖެ.. ލިމްވެސް ފޯނެއް ނުނަގާ ވިއްޔަ.. ޝާން ބުނީ ބޭރަށް ކިޔަވަން ދާންވެގެންނޯ.. އެކަމު ހަމަ ކުއްލިއަކަށް.. އަނެއްކާ އެހާ ކަޓާފަހުރީވެސް..” ދީމާ ވިސްނުންތެރިކަމާއިއެކު ވާހަކަ ދައްކަމުން ދިޔައީ ވިޝާއާއިއެވެ.
” މިއަދު އޮފީސް ނިންމާފަ ލިމް ކައިރިއަށް ޖައްސާލަންވީނުން..” ވިޝާ ދީމާއަށް ޖަވާބު ދިނުމުގެ ގޮތުން ބުނެލިއެވެ.
” މަށަކަށް ނުދެވޭނެއޭ.. މިއަދު ދަރިފުޅު ގޮވައިގެން ހޮްޕިޓަލަށް ދާންޖެހޭ..” ދީމާ އޭނާގެ ދަބަހުން އޯރިއޯ ބިސްކޯދު ބޮނޑިއެއް ނަގަމުން ބުނެލިއެވެ.
” އޭ އޯރިއޯ ތަ؟.. އެހެންވެގެނނޭ މަ ބުނަނީ ދީމް ވަރެއް ނޯންނާނެއޭ..” ކޮފީ ގިރަން ހުރި އަރީޝް މޯޑުއަށް އެއްލޯ މަރާލަމުން މާހައަުލަށް އުފާވެރިކަން ގެނުވިއެވެ.
” ކޮބާ ކޮފީ ރެޑީވެއްޖެތަ؟..” ހުނުމުގެ އަޑުން ގުގމާލާފައި އޮތް މާހައުލަށް ކުޑަ ހިމޭންކމެއް ގެނުވީ އާލިކް އެތެރެއަށް ވަނުމުންނެވެ. އެއާއިއެކު ދީމާއާއި ވާހަކަ ދައްކަން އިން ވިޝާއަށް ކުއްލިއަކަށް އިސްޖަހާލެވުނީ އާލިކްއާއި ހަތަރު ކަޅި ހަމަވެދާނެތީ ކަންނޭނެގެއެވެ.
” މިހާރު ދެން ރެޑީވީ..” އާލިކްއަށް ޖަވާބުދިނީ ދީމާއެވެ. އެވަގުތު އާލިކްވެސް ހިނިތުންވެފައި ހުރެ ގޮސް އިށީނދެލީ ވިޝާއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހާލައިގެން އިން ވިޝާގެ މޫނަށެވެ. ވިޝާ ލަދުގަނެފައި އިންތަން ފެނުމުން އާލިކް މޫނުމައްޗަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
” ޝާން ވަޒީފާއިން ވަކިވާން ސިޓީ ލައިފި..” ދީމާ އާލިކްއަށް ބަލާލަމުން ބުނލެިއެވެ. އެވަގުތު އާލިކްވެސް ވިޝާގެ މޫނުން ނަޒަރު ވަކިކޮށްުމަށް ދީމާގެ ވާހަކައަށް ސަމާލުވެލިއެވެ.
” އަދި ތިކޮޅަށް ނުގެންދެވިގެން މިއުޅެނީ.. ހަމަ ކުއްލިއަކަށް ވަކިވާން ސިޓީލީ..”އާލިކް ސުވާލު ކުރުމުގެ ކުރިން ދީމާ ބުނެލއިެވެ. އޭރު އާލިކްގެ މޫނުމަތީގައި ވަނީ ސުވާލު މާކްތަކެކެވެ.
” އެހެންތަ؟.. ދެން އެހެންވީމަ ވަކިވިކަމުގެ ލިޔުން ތައްޔާރުކޮށްލާ.. ދެން އެވަޒީފާއަށް އިއުލާން ކުރޭ..” އާލިކް ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުގައެވެ. އޭނާ ދެކޭގޮތުގައި ޝާންފަދަ ރަނގަޅު މުވައްޒަފަކު ވަކިވެގެން ދިއުމަކީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުނިކަމެކެވެ. އާލިކްއާއި ދީމާ ވާހަކަ ދައްކަމުންދިޔައިރުވެސް ވިޝާ އިސް އުފުލާލާ ޚިޔާލެއް ނުކުރިއެވެ. ބަލާ ބެލުމަށް ހީވަނީ އާލިކްގެ ކުރިމަތީގައި ހަރަކާތެއްވެސް ނުކުރަން ވައުދެއް ވެގެން އިންހެންނެވެ. ވިޝާ އެހާބޮޑަށް ނުތަނަވަސްވެފައި އިނުމުން އާލިކްވެސް ކުޑަކޮށް މާޔޫސްވިއެވެ. ވިޝާގެ އަނގައިން ބަހެއް ބުނެލާ އަޑު އަހާހިތުންވެސް އޭނާގެ ހިތްތެޅިފޮޅެނީ އިންތިހާ ދަރަޖައަށް ވިއްޔާއެވެ.
ކޮފީ ބޮއި ނިންމައިގެން އާލިކްއަށްވުރެ ކުރީގައި ކެބިންއަށް ދިޔައީ ވިޝާއެވެ. ނަމަވެސް ހަމަ އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އާލިކްވެސް އައިސްފިއެވެ. އެއަށްފަހު އެދުވަހުގެ ބާކީބައި ވޭތުވެގެން ދިޔައީ އެފަދަ ހަމަހިމޭން ކަމެއްގައެވެ. ވިޝާ އިސްވެ އާލިކްއާއި ވާހަކަ ނުދައްކާ ހާލު އާލިކް ވާހަކައެއް ދައްކަން އުޅުނަސް ކޮންމެވެސް ބަހަނާއެއްގައި ވިޝާ އެކަމުން ސަލާމަތްވެއެވެ. މަސައްކަތްތައް ކުރަމުން ދިޔައިރުވެސް އާލިކްގެ ތޫނު ނަޒަރުން ސަލާމަތްވެވޭ އެންމެ ސުކުންތެއްވެސް ވިޝާއަކަށް ނުލިބެއެވެ. ބައެއް ފަހަރު އުނދަގޫވެގެން ފާހާނާއަށް ވަދެއެވެ. އަނެއްބައި ފަހަރު ތިރިއަށް ހިނގައިދާނެއެވެ. އެެހެންނަމަވެސް އެނބުރި އަންނައިރު އަނެއްކާވެސް ބައްދަލުކުރަން ޖެހެނީ އާލިކް މާނައި ފުރިގެންވާ ތޫނު ބެލުންތަކާއެވެ.
“ހަހްހްހްހހ… ވަޓް އަ ޑޭ..” އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ހަވީރު 4 ޖެހުމާއިއެކު އޮފީހުން އެންމެ ފުރަތަމަ ނުކުތީ ވިޝާއެވެ. އާލިކްގެ ބެލުންތަކުން ސަލާމަތްވާން ހަދާނެ އެހެން ގޮތެއް ނެތުމުން އޭނާ އިނީ 4 ޖަހާތޯ ބަލަބަލައެވެ. އެހެން މީހަކާއި ރައްޓެހިވެގެން ހުރެ އާލިކް އޭނާއަށް ދެމުންގެންދާ އިޝާރާތްތަކުގެ ސަބަބުން ހަގީގަތުގައިވެސް އޭނާއަށް ނުހަނު އުނދަގޫވެއްޖެއެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އިތުރަށް މަޑުކުރުމެއްނެތި ވިޝާ ޓެކްސީއަކަށް އަރައިގެން މިސްރާބު ޖެހީ ލިމްނާމެން ގެއާއި ދިމާއަށެވެ.
އޮފީސް ނިންމާލުމަށްފަހު ގެއަށް އައިސް އިތުރު ކަމެއް ކުރުމުގެ ކުރިން އާލިކް ބޭނުންވީ ކުޑަވަގުތުކޮޅަކު އަރާމުކޮށްލުމަށެވެ. ނަމަވެސް އެނދުގައި ޖައްސާލާފައި މިނެޓެއްވެސް ނުވަނީސް އޭނާގެ ފޯނު ރިންގުވާން ފެށުމުން އާލިކްއަށް މަޖުބޫރުވީ އަނެއްކާވެސް ތެދުވާށެވެ. ކުޑަކޮށް ތެދުވެލުމަށްފަހު ފޯނު ނަގާ ސްކްރީނަށް ބަލާލުމާއިއެކު އާލިކްގެ ވަރުބަލިވެފައިވާ މޫނުމަތި ރަތްވެގެން ދިޔައެވެ. ދެބުމަ ގޮށްޖެހި ދެދަތްޕިލަވެސް ޖައްސާ ބާރުކޮށްލިއެވެ. ޝާޔަންގެ ނަން ފެނުމާއިއެކު އޭނާގެ ސިކުނޑީގައި ހިނގައިގަތީ ރޭގައި އޭނާގެ ބައްޕަ ގުޅައިގެން ދެއްކި ވާހަކަ ތަކެވެ. ހަމަ އެއާއިއެކު ޝާޔަންއަށްޓަކައި ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އޭނާގެ ހިތުގައި ރޯވެގަތީ ބިރުގަންނަ ފަދަ ދަރަޖައަކަށެވެ.
“ހަލޯ..” އާލިކް ފޯނަށް ޖަވާބު ދިނީ ދެދަތްޕިލަ ޖައްސާލައިގެން އިނދެއެވެ. އޭނާ ރުޅި އައިސްފައިވާ މިންވަރު ޝާޔަންއަށް އަންގަން ބޭނުން ނުވަނީ ކަންނޭނެގއެވެ.
” އަލޭ ލަވް.. ޝާޔާ ވަރަށް އުފާވެފަ މިހުރީ.. އާލްވެސް މެރީކުރަން ރެޑީވެފަ ހުރި ވާހަކަ ބުނީމަ އުފަލުން މޮޔަ ވާވަރުވެއްޖެ.. ލަވް ޔޫ ސޯ މަޗް ހަނީ.. ބާކީ އިނީ އެންމެ މަހެއް ދޯ..” އާލިކްގެ ހާލު ހުރިގޮތާއިމެދު ކުޑަކޮށްވެސް ވިސްނާލުމެއްނެތި ޝާޔަން ތުއި އަޑަކުން ބުނެލިއެވެ. އެވަގުތު އެ ފޮނި ރާގުގައި އޭނާ ބުނެލި ޖުމްލައިން އާލިކްއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. އޭނާ އެކައިވެންޏާއި އެއްބަސްވީ ކޮން އިރަކު ހެއްޔެވެ؟ މިހާރު ހުރިހާ ކަމެއް ހަމަޖެހުނީ ހެއްޔެވެ؟ އާލިކްއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނާގެ ދިރިއުޅުމަކީ އެހާވެސް ބޮޑަށް އޭނާގެ ކޮންޓްރޯލުން ނެއްޓިފައިވާ އެއްޗެއްހެއްޔެވެ؟
” ފަހުން ގުޅާނަން..” ހިތައް އަރަން ފެށި އެއްޗަކުން އާލިކް ފޯނު ކަނޑާލީ ޝާޔަން ބުނާ އެއްޗަކަށް ބެލުމެއް ނެތެިއެވެ. އޭރު ރުޅިއާއި ހިތާމައިގެ ކަރުނަތައް އެދެލޮލަށް ގިނަވަމުން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ހުރިިއިރު މޫނުމަތީގައިވާ ނާރުތައް އުފުލިފައި ނިތްކުރިމަތީގައިވެސް ދާތިކިތައް ބަބުޅަމުން ދިޔައެވެ. ހަަގައިމުވެސް މިވަގުތު ޝާޔަން ފެނިއްޖެނަމަ އޭނާ ނޮޅާލެވޭ ވަރަށްވެސް އާލިކް އެހުރީ ރުޅި ގަދަވެފައެވެ. އެންމެ ފަހުން ގޮށް މުއްކަވާފައި ފާރުގައި ދެތިން އެތިފަހަރު އެޅުމަށްފަހު ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުން އޭނާއަށް އެނދުމަތީގައި އިށީނދެވުނީ ބޯ ފަޅައިގެން ދާވަރު ވުމުންނެވެ. ހިތާމައިން މީހާ ހަލާކުވަނީއެވެ. ރުޅި ގަދަވެގެން ގޮސްވެސް ނާރުތައްވެސް ހީވަނީ ބުރިބުރިވެގެން ހިނގައިދާނެ ހެންނެވެ. ދެން އޭނާ ހަދަންވީ ކިހިނެތް ހެއްޔެވެ؟ ހަމަގައިމުވެސް މިފަހަރު އަމިއްލަ އުފަލަށްވުރެ ކުރިއަށް އެހެން މީހެއްގެ އުފާ އިސްކުރުމަކީ އޭނާއަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެކެވެ.
ވިޝާ ލިމްނާއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ގެއަށް އައީ އިރު އޮއްސުނު ފަހުންނެވެ. ގެއަށް އައުމަށްފަހުވެސް އޭނާއަށް ވިސްނެމުން ދިޔައީ ލިމްނާ ދެއްކި ވާހަތަކާއިމެދުގައެވެ. އެއްވެސް މީހަކީ ހުރިހާ އުފާތަކެއް ލިބިގެން އުޅޭ މީހެއް ނޫންކަން ވިޝާއަށް ވިސްނުުނީ ލިމްނާގެ ހާލު ފެނުމުންނެވެ. އާިއލާ އާއި ހުރިހާ އުފާތަކެއް ލިބިފައިވާ މީހެއް ނަމަ ލޯބިވާ ބައިވެރިއެއްގެ އުފަލުން މަހްރޫމް ވެދާނެއެވެ. ހުރިހާ އުފާތަކެއް މިންވަރުކުރައްވާނީ ވަރަށް މަދުމީހަކަށެވެ. އެގޮތުން މައިންބަފައިންގެ ލޯތްބާއި، ލޯބިވާ އާއިލާއާއިއެކު ފުދޭވަރެއްގެ ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނައިރުވެސް ލިމްނާގެ ހިތްހަމަޖެހުންވެސްް އެވަނީ ނެތިގެން ގޮސްފައެވެ. ތަގްދީރުގައި އޭނާއާއި ޝާންގެ ގުޅުން ލިޔެވިފައި ނެތުމުން އެކަން ފުރިހަމަ ނުވީއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރުވެސް ތަގްދީރު އެދެލޯބިވެރިންގެ ހުރަހަކަށް ވީއެވެ. ލިމްނާ ބުނިގޮތުންނަމ، އެދެމީހުން ވަކިވާން ޖެހުނީ ތެލަސީމިއާ ކެރިއަރުންނަށް ވުމުންނެވެ. ކުރިން ލިމްނާއަކީ ކެރިއަރެއްކަން އެނގޭ އިރުވެސް ހިތްހަމަޖައްސާލައިގެން ތިބީ ޝާން ނޯމަލް ވާނެކަމުގައި އުންމީދުކޮށްގެންނެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން އެމީހުންނަށް މަޖުބޫރުވީ އެލޯބީގައި ސިއްކަ ޖަހާށެވެ. ލިމްނާ ބުނިގޮތުން ޝާން ވަޒީފާއިން ވަކިވީ އޭނާއާއި އެއް އޮފީހެއްގައި އުޅެން އުނދަގޫ ވާނެތީއެވެ. ލިމްނާ ރޮވިފައި ވާހަކަ ދެއްކުމުން ވިޝާ އޭނާއަށް ނުހަނު ހިތްވަރުދީ ހިތްހަމަޖައްސައިދިނެވެ.
ރޭގަނޑު ކެއުމަށްފަހު ނިދަން އޮށޯވެލިއިރު ވިޝާގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ އާލިކްގެ ޒުވާން މޫނެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވިސްނަންވީ ދޮންެެބެއާއި މެދުގައެވެ. އޭނާގެ ހަގީގަތް ކޮންމެވެސް މީހަކާއި ހިއްސާ ކުރަންވީއެވެ. މިހާރު އެންމެ ގާތް މީހަކަށް ހުރީވެސް އާލިކްއެވެ. ނަމަވެސް އާލިކް ފެންނައިރަށް ވެގެންދާ ގޮތުން ވާހަކައެއް ހިއްސާ ކުރާނީ ކިހިނެތްހެއްޔެވެ. ވިޝާ ލޯ މަރާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ކޮންމެވެސް މީހެއްގެ އެހީތެރިކަމާއި ނުލާ ވިކާޝް ހޯދުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.
ހެނދުނުގެ ތާޒާ ވަގުތެވެ. “ޑެއިލީ ފައުންޑޭޝަން” އޮފީސް ތެރޭގައި މުވައްޒަފުންތައް މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައީ ހަރަކާތްތެރިކަމާއި އެކުގައެވެ. އެކުވެރިކަމާއި ހީވާގިކަމާއި އެކުގައެވެ. ފޯން ކޯލަކަށްޖަވާބު ދޭން ރިސެޕްޝަނުގައި އިން ލިމްނާގެ ލޮލަށް ކުއްލި ސިހުމެއް ގެނުވީ ދޮރު ހުޅުވާލާފައި ވަދެގެން އައި ޒުވާނާ ފެނުމުންނެވެ. އަނދުނުން ފަވާލެވިފައިވާ ދެލޯ ބޮޑުކޮށްލުމަށްފަހު ފޯނު ބާއްވާލަމުން އޭނާއަށް އެޒުވާނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކަޅި ޖަހާލުމެއްނެތިއެވެ. ފެހިކުލައިގެ ޓީޝާޓަކާއިއެކު އަޅި ކުލައިގެ ސޯޓުބުރިއެއްގައި އެ ޒުވާނާ ފެންނަލެއް ހިތްގައިމުވެފައި ސްޓައިލިޝްއެވެ. ބްރައުން ކުލަ އަރަމުން ދިޔަ އިސްތަށިގަނޑުގައި ޖައްސާލާފައިވާ ސްޕައިކުވެސް އޭނާގެ ފުރިހަމަކން އިތުރުކޮށްދެއެވެ.
” އާލިކް އައިސްފިތަ؟..” އެ ޒުވާނާ ރިސެޕްޝަނުގައި ހުއްޓިލުމަށްފަހު ސުވާލުކޮށްލީ ހިނިތުންވުމަކާއެކުގައެވެ. އެވަގުތު ލިމްނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލީވެސް އެސްފިޔަ ޖަހާލުމެއްނެތިއެވެ. އެވަގުތު ލިމްނާއަށް ވެފައި ހުރިގޮތް ފެނުމުން އެ ޒުވާނާއަށް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެވުމުން އޭނާގެ ފެހިކުލައިގެ ކަޅިއަށް ވިދުމެއް ވެރިވެގެން ދިޔައެވެ. އާލިކްގެ ކެބިންއާއި ދިމާއަށް ހިނގައިގަތުމަށްފަހުގައިވެސް ފަސް އެނބުރި ލިމްނާގެ ހައިރާންވެފައިވާ މައުސޫމް މޫނަށް އޭނާ ދެވެނަ ފަހަރަށް ބަލާލީ ހިތްކަތިލާ ފަދަ ނަޒަރަކުންނެވެ.
” އޯހ މައި ގޯޑް.. އެހެރަ ރީތި ކަމެއް..” ލިމްނާ ގޮނޑީގައި އިށީނދެލުމަށްފަހު ހުވަފެނީ ގޮތަކަށް ބުނެލިއެވެ. ޝާންއާއި ރައްޓެހިވެގެން އެންމެ ލޯބިން އުޅުނު އިރުވެސް ރީތި ފިރިހެން ކުއްޖަކު ފެނިއްޖެއްޔާ އޭނާއަކީ އެވަރުވާ ކުއްޖެކެވެ.
“މިހާރު އަދި މާ ރީތި..” ލިމްނާއާއި ބައިވެރި ވެލަމުން އޭނާގެ ކައިރީގައި އިން ޝަފާވެސް ބުނެލިއެވެ.
އެ ޒުވާނާ ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް އާލިކްގެ ކެބިން ހުޅުވާލުމާއިއެކު ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.
ނުނިމޭ
7 Comments!
Comments are closed.
v nice. dhen ekam beybe kokko dheko loabi nukuruvaathi. vishoo ix only 4 aaal. waitinfor next part
waiiting for next part…..love this story…
Beybe kokko dheke loabi vaane heneh hieh nuvey. Beybe loabi vaanee kokoo eh dheke vaa loabi. Nice story
..vahaka varah rythi.. avahah vaahakaige anehbai genesdhy.. keimadhuvefa mihunnany anehbai kiyaahithun
vvvvvvvvvv nice waiting 4 the next part
ކޮންއިރަކު މިވާހަކަ މިސައިޓް އަށް އަޕްލޯޑް ކުރަން ފެށުނީ …. މި ވާހަކަ އަށް ވ ވ ވ އިންތިޒާރު ކުރިން އަރާމަގު ގައި އަޕްލޯޑް ވާނެކަމަށް ހީކޮށް
alhey mivaahaka mihaaru kobatho vrah kiya hiyvey