އެކުގައިވާން އެދެމޭ… 10
ވިޝާ އޭނާގެ އުނގުގައި ބޯ އަލާލައިގެން އޮތް އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި ލޯތްބާއިއެކު އޭނާގެ ކަރުނަތައްވެސް ފޮހެލަދިނެވެ. އެއާއިއެކު ލޯ މަރާލައިގެން އޮތް އާލިކް ފަނޑު ހިނިތުންވުމަކާއިއެކު މަޑުމަޑުން ތޭންކްސް އޭ ބުނެލިއެވެ. އެގޮތުގައި 15 ވަރަކަށް މިނެޓް ހޭދަވެގެން ދިޔައިރު ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އާލިކްގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އިިން ވިޝާއަށް ހިތުގައިވާ ސުވާލުތައް ކުރުމުގެ ބަދަލުގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އާލިކްގެ އެހިތާމަތަކަށް އޭނާގެ ފިރުމުންތަކުން ލުޔެއް ލިބުނުކަން ވިޝާއަށް އެނގުނީ އެވަގުތުކޮޅުގެ ތެރޭގައި އޭނާގެ ގިސްލުން ހަމައަކަށް އެޅުމުންނެވެ. ހިނދުކޮޅަކަށްފަހު އާލިކް ލަސްލަހުން ވިޝާގެ އުނގުން ބޯ ހިއްލާލުމަށްފަހު އެނދުމަތީގައި ރަނގަޅަށް ހަަމަޖެހިލިއެވެ. މީގެ ކުޑަވަގުތުކޮޅެއް ކުރިން ކުޑަކުއްޖަކު ފަދައިން ވިޝާގެ އުނގުގައި ބޯ އަޅައިގެން އޮވެ ރުއި ވަަގުތު ވިޝާގެ އަތުން ލިބުނު އޯގާތެރި ފިިރުމުންތައް ހިތައް އެރުމުން އާލިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ގަދައަށް ރުއިމުގެ ސަބަބުން ރަތްވެފައިވާ މޫނުމަތި ފޮހެލަމުން އާލިކް ވިޝާއަށް ބަލާލިއެވެ. އޭރު އިސްޖަހާލައިގެން އިން ވިޝާގެ ކޯތާފަތަށް އަރާފައިވާ މަޑުރަތްކުލައިގެ ސަބަބުން އޭނާ ލަދުގަނެފައިވާކަން އާލިކްއަށް ޔަގީން ކުރެވުނެވެ.
” ފާހާނާއަށް..” ކުޑަ ހިނިތުންވުމަކާއިއެކު ތެދުވަމުން އާލިކް ބުނެލިއެވެ. އެވަގުތު ވިޝާވެސް އަވަސް އަވަހަށް ބޯ ޖަހާލަމުން ކޮޓަރީގެ ތެރެއިން ނުކުތީ އާލިކް ފާހާނާއަށް ވަނުމުންނެވެ. އޭރުވެސް ވިޝާގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދިޔައީ އާލިކް ގިސްލާފައި ރުއި މަންޒަރެވެ. މީހެއްގެ އޯގާތެރިކަމަށް އޭނާ ބޭނުންވެފައި ހުރި މަންޒަރެވެ. ވިޝާގެ އުނގުތެރެއިން އެހިތައް ހަމަޖެހުން ހޯދި މަންޒަރެވެ. އެ ޚިޔާލުތައް ގިނަ ވީވީހެން ވިޝާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނޭވާ އަވަސްވެ، ހަށިގަނޑުގައިވެސް ތުރުތުރެއް އުފެދިއްޖެއެވެ.
” ނޯ ނޯ..” ވިޝާ އޭނާގެ މޭގައި އަތް އަޅާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭނާއަށް އެބަދަލުތައް އަންނަ މަންޒަރު އާލިކްއަށް ފެންނާކަށް ބޭނުމެއް ނޫނެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ވިޝާ އަތްމަތި އަވަސްކޮށްލާފައި އާލިކް ނުކުންނަން ވާއިރަށް ކޮފީއެއް ހަދާލަން މަސައްކަތް ފެށިއެވެ. ހަގީގަތުގައި ވިޝާގެ މަގްސަދަކީ އޭނާއަށް ވަމުންދިޔަ ގޮތްތަށް އާލިކްއަށް ފެނިދާނެތީ އެކަން ސިއްރު ކުރުމެވެ.
އާލިކް މޫނު ދޮވެލާ، ހަމަޖެހިލައިގެން ފާހާނާއިން ނުކުތްއިރު ކޮޓަރިތެރޭގައި ވިޝާ ނެތުމުން ވަގުތުގެ ބޭނުންކޮށްފައި ކުޑަކޮށް އިސްތަށިގަނޑުވެސް ރީތިކޮށްލިއެވެ. މޫނު ދޮވުމުގެ ސަބަބުން އެ އިސިްތަށގަނޑުގައިވެސް ކޮންމެވެސް ވަރަކަށް ފެންތިކިތައް ހަރުލާފައި ހުރުމުން ތާޒާކަމަށް ދައްކައެވެ.
” ކޮފީ..” އާލިކް ކޮޓަރީން ނުކުތުމާއިއެކު ވިޝާ ކޮފީ ޖޯޑު ދިއްކޮށްލިއެވެ. އޭރުވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ އާލިކްއާއި ހަތަރު ކަޅި ހަމަނުކޮށް ވޭތޯއެވެ. އެކަން އާލިކްއަށްވެސް ފާހަގަވިއެވެ. މީގެ ކުރިން ވިޝާއަކީ އޭނާއާއި ހަތަރު ކަޅި ހަމަކުރަން ޖެހިލުންވާ ކުއްޖެއް ނޫނެވެ. އެކަމަކު މިހާރު ކޮންމެވެސް ބަދަލެއް އައިސްފިއެވެ. ވިޝާ ލަދުގަނެފައިވާކަން އިހުސާސްވުމުން އާލިކްއަށް ހިނިތުންވެލެވުނެވެ.
” ތޭންކްސް..” ޖޯޑުގައި ހިފާލަމުން އާލިކް ގޮނޑީގައި އިށީނދެލިއެވެ. އެއާއިއެކު ވިޝާ އަވަސް އަވަހަށް އޭނާގެ ކޮފީ ހަދަންކަމަށް ހަދާފައި އާލިކްއަށް ފުރަގަސް ދިނެވެ. ނަމަވެސް އާލިކްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން ވިޝާއަށް ރަނގަޅަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ބާރު ބާރަށް ތެޅެމުން ދިޔަ ހިތާއިއެކު އޭނާގެ އަތުގެ ހަރަކާތްތައްވެސް ހުރީ ކޮންޓްރޯލުން ނައްޓާފައެވެ. އެއްފަހަރު ޖޯޑު ދޮވެފައި ބަހައްޓާނެއެވެ. އަނެއްފަހަރު ކޮފީ ފުޅީގެ މަތި ނަގާފާނެއެވެ. އަނެއްކާ ޖޯޑު ދޮންނަން ފަށާފާނެއެވެ. އެގޮތުގައި ފަސް މިނެޓް ވީއިރުވެސް ވިޝާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. ނުތަނަވަސްވެފައި ހުރިވަރުން އޭނާގެ އޮމާން ނިތްކުރިމަތިން ދާތިކިތައް ބަބުޅަ ބަބުޅާ ހުއްޓެވެ. ވިޝާގެ ވާނުވާ ނޭނގޭ ހަރަކާތްތަކަށް ބަލަހައްޓައިިގެން އާލިކް އިނީ ހިނިތުންވެފައެވެ. އޭނާއަށް ވިޝާގެ ނުތަނަވަސްކަން އެކުލެވިފައިވާ ހަރަކާތްތައްވެސް ކަމުގޮސްފިއެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން ތެދުވެ މޭޒުމަތީގައި ޖޯޑު ބެހެއްޓުމަށްފަހު އާލިކް ވިޝާއާއި ގާތަށް ޖެހިލާ އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި އެއަތުން ދޫކޮށްލުމެއްނެތި ލަސްލަހުން ހިނގާފައި ގޮސް ވިޝާ ގޮނޑީގައި ބޭނދުމަށްފަހު އޭނާ ވިޝާގެ ކޮފީ ހަދާލަދިނެވެ. އޭރު ވިޝާގެ އަވަސްވެފައިވާ ހިތް އިތުރަށް ތެޅެމުން ދިޔައީ އާލިކްއަށް އޭނާގެ ނުތަނަވަސްކަން ދެނެގަނެވިއްޖެކަން އެނގުމުންނެވެ. ލަދުގަތް ވަރުން މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައިރު ދެއަތްތިލައިން އެމޫނު ފޮރުވާލަން ކިތަންމެ ވަރަކަށްވެސް ވިޝާގެ ހިތް ބުންޏެވެ. ނަމަވެސް އޭނާގެ ގުނަވަންތައް ހީވަނީ ފިނިވެގެން ގޮސް ގަނޑުވެފައި ހުރި ހެންނެވެ. އެގޮތުގައި އިިސް ޖަހާލައިގެން އިނދެ އަވަސް އަވަހަށް އެސްފިޔަ ޖަހަމުން ދިޔަ މަންޒަރު އާލިކްއަށް ފެނުމުން އޭނާއަށް އިތުރަށް ހެވިއްޖެއެވެ.
” ކޮފީ..” ޖެހިގެން ހުރި ގޮނޑީގައި އިށީނދެލަމުން އާލިކް ވިޝާއަށްގކޮފީ ޖޯޑު ދިއްކޮށްލިއެެވެ. އެވަގުތު ވިޝާ މަޑުމައިތިރި ކަމާއިއެކު އޭގައި ހިފާލީ އިސްއުފުލާލުމެއް ނެތިއެވެ.
” ވިޝޫ..” ކުޑަ ހިނދުކޮޅެއްފަހު އާލިކްގެ އަޑުން ވިޝާއަށް ގޮވާލި ގޮތުން ވިޝާގެ ހިތް ހީވީ އުދުހިގަތް ގެންނެވެ. އެހާ ފިރިހެންވަންތަ ރީތި އަޑަކުން އެހާ ލޯބިން އާލިކް އޭނާގެ ނަމުން މުޚާތަބު ކުރުމުން އެކުރެވުނީ ކޮންފަދަ އިހުސާސްތަކެއް ހެއްޔެވެ؟ ލަސްލަހުން އެސްފިޔަތައް އުފުލާލަމުން އާލިކްގެ މޫނަށް ބަލާލިއިއރު އޭނާވެސް އިނީ ބަލަހައްޓައިގެންނެެވެ. އެއާއިއެކު ވިޝާގެ މަޑު ޗޮކްލެޓް ކުލައިގެ މައުސޫމް ދެލޯ އާލިކްގެ ކަޅު ދެލޮލުގެ ޖާދޫގައި ޖެހެން ސުކުންތެއްވެސް ނުނެގިއެވެ. އެންމެ ފަހުން ވިޝާގެ ސާބިތު ހިތްވެސް އެ ތޫނު ދެލޯ ފެނި ބޭގަރާރުވީއެވެ. އާލިކްއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. ވިޝާގެ ބޮޑު ބޮޑު ދެލޮލުގައި އޭނާއަށްޓަކައި ލޯބި ފޮރުވިފައިވާ ކަމުގައި އާލިކްގެ ހިތް ބުނެލިއެވެ. އެ މައުސޫމް ކަޅި ރަވައިގެ ޖާދޫގައި ޖެހިފައި އިނދެ އުމުރު ހުސްކޮށްލަން ވިޔަސް އުފަލާއިއެކު އޭނާ އެކަން ކުރާނެއެވެ.
” މިރޭ ވީ ކަންތަކުގެ ސަބަބުން ވަރަށް ސުވާާލު އުފެދިފަ ދޯ ތިއިނީ..” އާލިކް ވާހަކަ ދެއްކީ ވިޝާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާގެ އެ ތޫނު ލޮލުގެ ސިހުރުގައި ޖެހިފައި އިން ވިޝާއަށް ސިހުމެއް ލިބުނީ އެއަޑަށެވެ. އަވަސް އަވަހަށް މޫނު އަނބުރާލާ ލޯ މަރާލަމުން ވިޝާ ހޫމް އަޅުވާލީ އާލިކްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
” އަސްލު ފެމިލީ މައްސަލައެއް.. މާބޮޑަށް ދެރަވީ.. ދެން ނޭނގެ ކީއްވެ ކަމެއް ވިޝޫ ގާތަށް އާދެވުނީ..” އާލިކް އެހެން ބުނެލުމާއިއެކު ވިޝާ ކުއްލިއަކަށް އޭނާގެ މޫނަށް ނަޒަރު ހުއްޓާލީ ސުވާލުން ފުރިފައިވާ ގޮތަކަށެވެ. އޭރު އާލިކް އޭނާ އެ ބުނި ޖުމްލައިން ވިޝާއަށް އަންނަ ބަދަލުތައް ފާހަގަ ކުރަން ލޯ ހަނިކޮށްލާފައި ބަލަހައްޓައިގެން އިނެވެ.
” މަ ވަރަށް ފިނޑި ދޯ.. ކުޑަކުއްޖަކު ހެން ރުއި ދޯ..” އާލިކް ލޮލަށާއި އަނގަޔަށް ގޮތެއްހަދާލަމުން ބުނެލި ޖުމްލައިން ކަންތައް ބޮޑުވެފައި އިން ވިޝާއަށް މިފަހަރު ހެވުނީއެވެ. އަނގަމަތީގައި އަތް އަޅާލަމުން އާލިކްގެ މޫނަށް އޭނާ ބަލާލީ މަޖާވެފައި އިނދެއެެވެ.
“އަސްލު ވަރަށް ފިނޑި..” ހެމުން ހެމުން ގޮނޑިން ތެދުވެ ސިންކު ގާތަށް ޖެހިލަމުން ވިޝާ ބުނެލިއެވެ. އެވަގުތު އާލިކްވެސް ހީނލަމުން ބޯ ކަހާލީ ވިޝާގެ ހެއްވާލެވުމުން އުފާވެފައި އިނދެގެންނެވެ. ޖެހިގެން އައި ގަޑި އެއްހާއިރު ވީއިރުވެސް އާލިކް އެކި އެކި ވާހަކަތަކުގައި އެގޭގައި އިނެވެ. އެހާއިރު ވީއިރު އާލިކްގެ ރަހްމަތްތެރި ބަސްތަކުން ވިޝާގެ ނުތަނަވަސްކަން ފިލާ އާންމު ހާލަތަށް އެޅިއްޖެއެވެ. ނަމަވެސް އެ އުނގުތެރޭގައި އާލިކް ރޯލި މަންޒަރު ސިފަވާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑަށް ހީވަނީ ފެން އެއްޗެ އޮއްސާލާ ހެންނެވެ.
” ދެން ދަނީ އިނގޭ..” އާލިކް ހިތާއި ދެކޮޅަށް ގެއަށް ދާން ނިންމީ ވިޝާ ނިދާ ވަގުތު ޖެހިއްޖެ ހެން ހީވުމުންނެވެ. އެހާ އެކަނި އުޅޭއިރު ވިޝާގެ ރާވާލެވިފައިވާ ދުވަހުގެ ތާވަލަށް އޭނާގެ ސަބަބުން ބަދަލެއް އައުމަކީ އާލިކް އެއްގޮތަކަށްވެސް ބޭނުންވާކަމެއް ނުނެވެ. ވިޝާ އެވަނީ މިރޭ އެއްވެސް އަގަކާއި ނުލާ އޭނާގެ ހިތައް ޝިފާ ހޯދައިދީފައެވެ. އެހާ ބޮޑަށް ހިތުގައި ޖެހިފައިވަނިކޮށް ކުޑަ ވަގުތުކޮޅެއްގެ ފިރުމާލުމަކުން ވިޝާ އޭނާގެ ހިތައް ހަމަޖެހުން ހޯދައިދީފިއެވެ. އެހިތުގެ ހުރިހާ ހިތާމަތަކެއް ފިލުވާލަދީފިއެވެ. ވީއިރު އިތުރަށް އޭނާގެ ސަބަބުން އެ މައުސޫމް އަންހެން ކުއްޖާއަށް ކުޑަވެސް އުނދަގުލެއް ފޯރައިގެން ނުވާނެތާއެވެ.
” ތޭންކްސް.. ފޯރ ދި ޝޯލްޑަރ..” ދޮރުމައްޗަށް އެރުމަށްފަހު ކަތި ބަލާލުމަކާއިއެކު އާލިކް ޝުކުރު އަދާކޮށްލި ގޮތުން ވިޝާގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެލިއެވެ.
” އެނީ ޓައިމް..” ހުވަފެނީ ހިނިތުންވުމަކާއިއެކު ވިޝާއަށް އާލިކްއަށް ޖަވާބު ދެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެވަގުތު އާލިކް ފުން ހިނިތުންވުމަކާއިއެކު އެތަނުން ނުކުމެގެން ދިޔައީ ވިޝާގެ އެ ކުޑަކުޑަ ޖުމްލައިން އެތައް މާނައެއް ނަގަމުންނެވެ.
” އެނީ ޓައިމް؟؟..” އާލިކް ނުކުތުމާއިއެކު ދޮރު ލައްޕާލާ އެތެރެއަށް ވަންނަމުން ވިޝާ އޭނާގެ އަމިއްލަ ނަފްސަށް ސުވާުކޮށްލިއެވެ. އޭނާއަށް ހަގީގަތިގައިވެސް އެހެން ބުނެވުނީ ކަމުގައި ގަބޫލު ނުކުރެވުނީއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާ އެނދުގައި ޖައްސާލީ ހިިނިތުންވެލަމުންނެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. ގޭތެރޭގެ ކަންތައްތައް ކޮށްލުމަށްފަހު ވިޝާ އާދައިގެ މަތިން އޮފީހަށް ދިޔައީ އެހެން މީހުންނަށްވުރެ ކުރީންނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ކެބިންގެ ތެރެއަށް ވަދެ، ގޮނޑީގައި ހަމަޖެހިލުމަށްފަހުވެސް ވިޝާ މަސައްކަތެއް ކުރާ ޚިޔާލެއް ނުކުރެއެވެ. ގޮނޑީގައި ބޯ ޖައްސާލައިގެން މަޑު މަޑު ރާގެއް އަޅުވާލާފައި އިންއިރު އެމޫނުމަތީގައިވާ ހިނިތުންވުމުގެ ސަބަބުން އޭނާގެ އުފާވެރިކަން ރަނގަޅަށް ހާމަވެއެވެ. އިރު އިރުކޮޅުން ލޯ މަރާލައިގެން އިނދެ ރަކި ގޮތަކަށް ހިނިތުންވެލާއިރު އެ މޫނަށް އަރާ ރަތްކުލައިން އޭނާގެ ރީތި މޫނު އިތުރަށް ފުރިހަމަވެގެން ދެއެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އާލިކްގެ ފިރިހެންވަންތަ ރީތި ސޫރަ ސިފަވަމުން ދާތީ ވިޝާގެ ގޮތް ނޭނގޭ ހިތައް ލިބިފައިވަނީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ.
” މަންމާ..” އުފާވެރި ހިނިތުންވުމެއްގައި އިން ވިޝާގެ ދެތުންފަތުން އޭނާގެ މަންމައަށް ގޮވާލީ އޭނާގެ އެ އާދަޔާ ޚިލާފު އިހުސާސްތައް ހިއްސާ ކޮށްލާ ހިތްވީލެއް ބޮޑުކަމުންނެވެ. މަންމަ މަތިން ހަނދާން ވީލެއް ބޮޑުކަމުން ވިޝާ ދެން ގުޅާލީ ޒާހިރާއަށެވެ. ޒާހިރާއާއި ގުޅާލާ އެމީހުންގެ ހާލާއި އަހުވާލު އޮޅުން ފިލުވާލުމަށްފަހު ފޯނު ބޭއްވިއިރު ވިޝާއަށްވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައެވެ. ޒާހިރާގެ ފަރާތުން އެނގުނު ގޮތުގައި ކައިވެންޏަށްފަހު ޒުމާ ދިރިއުޅުން ފިރިމީހާގެ ރަށަށް ބަދަލު ކުރިފަހުން އޭނާގެ ޚަބަރެއް ވަނީ މަދުފަހަރެއްގައެވެ. މީގެ ދެދުވަހެއް ކުރިން ވިޝާ ޒުމާއަށް ގުޅާލުމުން އޭނާއަށްވެސް ވަނީ ޒުމާ ބަދަލުވެފައިވާ މިންވަރު ފާހަގަ ކުރެވިފައެވެ. ޒާހިރާގެ ހިތާމައަކީ އެމީހުންގެ ހާލު ބަލާލަންވެސް ޒުމާ ނުގުޅާތީއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ދަރީންނަށްޓަކައި މައިންބަފައިން ވާ ގުރުބާނީ ހަނދާން ނައްތާލުމަކީ އެމީހުންނަށް ނުހަނު ފަސޭހަ ކަމެކެވެ. ވިޝާ ބޯ ހޫރާލިއެވެ. ހަމަ ގައިމުވެސް އެފަދަ އަަމަލު ތަކަކީ އޭނާ ޒުމާގެ ފަރާތުން ފެންނާނެ ކަމަށް އުންމީދު ކުރި ކަން ކަމެއް ނޫނެވެ. ނަމަވެސް ދުނިޔެއަކީ މިކަހަލަ ތަނެކެވެ. އުންމީދު ނުކުރާ އެތައް ކަމެއްވެސް ކުޑަ ވގުތުކޮޅެއްގެ ތެރޭގައި ހިނގާފާނެއެވެ. ޒުމާމެން ފަދަ ކުދިންނަށް މަންމައާއި ބައްޕަގެ މުހިންމުކަން އިހުސާސްވާނީ ވިޝާ ފަދައިން އެމީހުންނާއި ނުލާ އުޅެން ޖެހުނީމަ ކަންނޭނގެއެވެ. ވިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒާހިރާއާއި ގުޅާލުމުންވެސް އޭނާ އިތުރަށް މަންމަ މަތިން ހަނދާން ވާން ފެށިއެވެ. އިތުރަށް ހަދާނެ ގޮތެއް ނޭނގިގެން އެންމެ ފަހުން ދަބަހުގައި އޮތް އެ މަންމަގެ ސިޓީ ނަގާލުމަށްފަހު ވިޝާ އެ ސިޓީ ކިޔަން ފެށީ އާދައިގެ މަތިން މަންމަގެ ލޯބިވެތި ބަސްތަކުން ހިތްހަމަޖެހުން ލިބޭތީއެވެ. ނަމަވެސް ސިޓީގެ މާ ބޮޑުބައި ނުކިޔެނީސް އޮފީހުގެ ފޯނު ރިންގުވާން ފެށުމުން ވިޝާ ސިޓީ ބާއްވާލީ މޭޒުމަތީގައެވެ.
” ހޫމްމް މިދަނީ..” އެކޮޅުން ގުޅި ދީމާއަށް ޖަވާބު ދިނުމަށްފަހު ވިޝާ ކެބިންއިން ނުކުމެގެން ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ.
” މިއަދު ލިމް ނާންނާތީ ވިޝޫއަށް މިގުޅީ..” ވިޝާ ދީމާގެ ކެބިންއަށް ވަނުމާއިއެކު ދީމާ ވާހަކަ ދެއްކިއެވެ.
” ކިހިނެތްވީ ލމްއަށް؟.. ބަލިވީތަ؟…” ވިޝާ ދީމާ ދިއްކޮށްލި ފައިލް ބަލާލަމުން ސުވާލުކޮށްލިއެވެ.
” އެއްގޮތަކަށްވެސް ނޭނގެ.. ފޯނެއް ނުނަގާ.. ޝާންވެސް އޮފީހަށް އައި އިރު ފާޑަކަށް ހުރީ.. މަ ހީނލީމަވެސް ކުޑަކޮށް ހީނލާފަ ޖެއްސުމެއްވެސް ކޮށްނުލާ.. މައްސަލައެއް ޖެހުނީ ކަންނޭނގެ..” ދީމާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިގެންވެއެވެ.
” ވެދާނެ.. ދެން ލިމްއަށް ގުޅާލާނީ ފަހުން.. ހޫމްމް ކިިހިނެކޭ މިއަށް ހަދަންވީ..”ވިޝާ ދީމާ ބުނި މަސައްކަތް ކޮށްދިނުމުގެ ގޮތުން އޭގެ މައުލޫމާތު އޮޅުން ފިލުވަންފެށިއެވެ.
އާލިކް އޮފީހަށް އައީ ވިޝާ ދީމާގެ ކެބިންގައި އިންދައެވެ. އެހެންކަމުން ވިޝާ ދެކޭހިތުން ކެތްމަދުވެފައި ހުރި އާލިކް ކެބިންގެ ތެރެއަށް ވަނުމާއިއެކު މާޔޫސްވީ ވިޝާ ފެންނަން ނެތުމުންނެވެ. ނަމަވެސް ވިޝާގެ ދަބަހާއި މޮބައިލް އޮތުުމުން އޭނާ އޮފީހަށް އައިކަން އާލިކްއަށް ޔަގީންވިއެވެ. އެހެންވެ ކުޑަކޮށް ހިތްހަމަ ޖައްސާލަމުން އޭނާ ވިޝާގެ މޭޒާއި ކައިރިވެލީ ހިނިތުންވެ ހުރެގެންނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވިޝާގެ މޭޒުމަތީގައި ފަތްޖަހާލާފައި އޮތް ސިޓީއެވެ. ހަމަ އެއާއިއެކު އާލިކްގެ ސިކުނޑި އެކި އެކި ދުވަސް ދުވަހުގެ މަންޒަރުތަކަށް ހުއްޓެމުން ގޮސް އެއީ ވިޝާ އާންމުގޮތެއްގައި ކިޔާ ސިޓީކަން ޔަގީންކުރިއެވެ. ހަމަ އެވަގުތު އަތުގެ ތެރެއަށް އެ ސިޓީ ލަމުން އާލިކް ގޮސް އޭނާގެ ގޮނޑީގައި ރަނގަޅަށް ހަަމަ ޖެހިލާ އެ ސިޓީ ކިޔަން ފެށީ ކެތްމަދުވެ އިނދެއެވެ.
” މަންމަގެ ލޯބިވާ ދަރިފުޅު ވިޝޫއަށް.
ދަރިފުޅާއެވެ. މަންމަ މި ސިޓީ ލިޔަން ގަސްތުކުރީ މަންމަގެ ހުވަފެންތަކުގައި ދަރިފުޅާއި ވަކިވެގެން ދާ މަންޒަރު ފެންނަން ފެށުމުންނެވެ. މަންމަގެ މަގްސަދަކީ ދަރިފުޅު ރޮއްވާލުމެއް ނޫނެވެ. ދަރިފުޅު ދެރަވާ ފަދަ ވާހަކަތަކެއް ބުނުމެއްވެސް ނޫނެވެ. އެހެން ނަމަވެސް ދަރިފުޅުގެ ހަޔާތުގައި ކޮންމެހެންވެސް އެނގެން ޖެހޭނެ ވާހަކަތަކެއް ކިޔައިދިނުމެެވެ.
ދަރިފުޅާއެވެ. މި ވާހަކަތަކަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެން ދަރިފުޅަށް އެނގެން ޖެހޭނެ ވާހަކަތަކެއްކަން މަންމަ ގަބޫލުކުރަމެވެ. އެކަމަކު މިވާހަކަތައް ދަރިފުޅަށް ސިއްރުކުރުމުގައި މަންމަގެ މަގްސަދެއްވެއެވެ. މި ސިޓީ ކިޔާ ނިމޭއިރު އެ މަގްސަދަކީ ކޮބއިކަންވެސް ދަރިފުޅަށް އެނގޭނެއެވެ.
ދަރިފުޅާއެވެ. ދަރިފުޅަށް ދަރިފުޅުގެ އާއިލާއާއި ބެހޭގޮތުން އެނގިފައި ތިޔަވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ދަރިފުޅަށް އެނގޭހާވެސް އެއްޗަކީ ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ އުމުރުން އެންމެ ދެދުވަހުގައި މިދުނިޔެއާއި ވަކިވެގެން ދިޔަކަމެއް ނޫންހެއްޔެވެ؟ ދަރިފުޅުގެ މަންމައަކީ އިޓަލީ ރައްޔިތެއްކަން ނޫންހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ ދޮގެއް ނުހަދަމެވެ. އެވާހަަކަ ތަކަކީ ހަގީގަތެވެ. އޭގެ އިތުރަށްވާ ހަގީގަތްތައް ސިއްރުގެ ގޮތުގައި ހިފެހެއްޓިފައި ހުރީދަރިފުޅުގެވެސް ސުވާލު މަދުކަމުންނެވެ. މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން ދަރިފުޅުވީ މި މަންމައަށް އަމިއްލަ ހާލައިގެން ގެންގުޅެވޭ ފަދަ ފަސޭހާ ބަސްއަހާ ކުއްޖަކަށެވެ. އޭގެ އިނާމެއްގެ ގޮތުން މިއަދު މިކިޔައިދޭ ވާހަކަތައް އަޑު އަހާށެވެ. ދަރިފުޅުގެ ދިރިއުޅުމުގެ ހަގީގަތް އަޑު އަަހާށެވެ.
ދަރިފުޅުގެ ބައްޕަ އިބްރާހީމަކީ މާލޭގެ މުއްސަނދި އާއިލާއެއްގެ ދޮށީ ދަރިފުޅެވެ. މަންމައާއި ބައްޕަ ދިމާވީ ދަރިފުޅުގެ ބައްޕަ ވިޔަފާރި ކަމަކު އިޓަލީއަށް ދިޔަ ދަތުރެއްގައެވެ. އޭރު މަންމައަކީ މުސްލިމެއް ނޫނެވެ. ތެދަށް ބުނާނަމަ އޭރު މަންމަ އެއްވެސް ދީނަކަށް އަޅުކަން ކޮށެއް ނޫޅެމެވެ. އެއީ މަންމަގެ އާއިލާގެ އެންމެންވެސް އުޅުނު ގޮތެވެ. މަންމައާއި ބައްޕަ ދިމާވީ ވިއްސާރަ ރެއެއްގައި ގެއަށް ނުދެވިފައި ހުރި ހުރުމެއްގައެވެ. އެ ހިސާބަކީ ދަރިފުޅުގެ ބައްޕަ އުޅުނު ހޮޓެލް ހުންނަ ހިސާބު ކަމުން ބައްޕަ ކޮންމެވެސް ކަމަކު ބޭރަށް ނުކުތް ވަގުތު މަންމަ ފެނުނީއެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ބައްޕައަކީ ހާދަ ހިތްހެޔޮ އަޚްލާގު ރަނގަޅު މީހެކެވެ. އޭނާގެ އެ މާތްކަމުން މި މަންމަގެ ޣާފިލްވެފައިވާ ހިތައް އެއްރެއިން ހިދާޔަތު ކިބިގެން ދިޔައެވެ. ގަދަ ވިއްސާރައިގެ ތޫފާނުން ސަލާމަތްވުމުގެ ގޮތުން މަންމަ އެރޭ ބައްޕަ ހުރި ހޮޓެލްގައި މަޑުކުރީ ބައްޕަގެ އެހީތެރިކަމާއިއެކުގައެވެ. އެރޭ ހަތަރު ދަން ބައްޕަ ހޭދަކޮށްލީ މަންމައަށް އިސްލާމްދީނުގެ ވާހަކަތައް ކިޔައިދިނުމުގައެވެ. މާތް ﷲގެ ރަހްމަތްފުޅުން އެރޭގެ ފަތިސް ވީއިރު މި މަންމަގެ ހިތައް ތެދުމަގު ވައްދަވައިފިއެވެ. ދެން ބައްޕަ އެކޮޅުގައި ދެހަފްތާއެއްހާ ދުވަހު މަޑުކުރީވެސް މަންމެގެ އެދުމުގެ މަތިން ދީނުގެ ކަންތައްތައް އޮޅުން ފިލުވައިދިނުމުގެ ގޮތުންނެވެ. އެގޮތަށް ދެހަފްތާއެއްހާ ދުވަސްވީއިރު މަންމަގެ ހިތުގައި ބައްޕައަށްޓަކައި ލޯބި ޖެހިފައިވަނީ އިންތިހާ ދަރަޖައަށެވެ.
ދަރިފުޅާއެވެ. މަންމަ އިސްލާމްވުމުން މަންމަގެ އާއިލާއިން މަންމަ ދުރުކޮށް އެކަހެރިކޮށްލީއެވެ. އެދުވަހު މައިންބަފައިންގެ ލޯބިން މަހްރޫމްވުމުން މަންމަ ވަރަށް ދެރަވިއެވެ. ރުއީމެވެ. ނަމަވެސް އެދުވަހުވެސް މަންމަގެ އެކަނިވެރި ހާލަށް އެހީތެރިކަމުގެ އަތުން އަތްދިއްކޮށްލީ ދަރިފުޅުގެ ލޮބުުވެތި ބައްޕައެވެ. އެ ބައްޕަ މަންމައާއި ކައިވެނި ކުރީ މާތް ﷲ އަށްޓަކައި މި ނިކަމެތި އަންހެނާއަށް އެހީތެރި ވުމުގެ ގޮތުންނެވެ. ނަމަވެސް ދެންވެސް ކަންތައްތައް ވެގެން ދިޔައީ ހީކުރި ގޮތަކަށް ނުނެވެ. ބައްޕަ މަންމަ ގޮވައިގެން މާލެ އައުމުން ބައްޕަގެ އާއިލާއިންވެސް ކައިވެނި ގަބޫލުކުރާކަށް އެއްބަހެއް ނުވިއެވެ. ދަރިފުޅުގެ މާމައާއި ކާފަވެސް މަންމަދެކެ އައި ރުޅީގެ ސަބަބުން ބައްޕައާއި ވެސް ގުޅުން ކަނޑާލީއެވެ. ދެން ދަރިފުޅުގެ ބައްޕަ މަންމައަށްޓަކައި ރާއްޖެތެރޭގެ ރަށަކަށް ދިރިއުޅުން ބަދަލުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅެން ފެށިއެވެ.
އެގޮތުގައި 6 އަހަރު ވީ އިރުވެސް ދަރިފުޅުގެ ބައްޕަގެ އާއިލާގެ އެއްވެސް އެހީތެރިކަމެއް އަދި އެއްވެސް ހަބަރެއްވެސް މަންމަމެންނަށް ނުވެއެވެ. އެކަމާއި ބައްޕަ ހިތާމަ ކުރާކަންވެސް މަންމައަށް އެނގެއެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި އުޅޭއިރު އެކަމެއް ނުދައްކާނެއެވެ. ދަރިފުޅުގެ ބައްޕައަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ދަރިފުޅާއެވެ. ދަރިފުޅަށް އެންމެ މުހިންމު ވާހަކަ އަދި ކުރިއަށް އޮތިއެވެ. އަޑު އަހާށެވެ. މަންމައާއި ބައްޕަގެ ކައިވެންޏަށް 6 އަހަރު ވީއިރު މަންމައާއި ބައްޕަގެ 5 އަހަރުގެ ފިރިހެން ކުއްޖަކު ހުއްޓެވެ. ހަމަ ދަރިފުޅު ފަދަ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ދަރިފުޅަށް ސިއްރުވެފައި އޮތްކަމަކީީ މިއެވެ. ދަރިފުޅުގެ އެއްބަނޑު އެއްބަފާ ބޭބެއެއް ހުރިކަމެވެ. ދަރިފުޅާއެވެ. މިވާހަކަ ކުރިން ނުބުނީ ދަރިފުޅު ހިތްވަރު ދެރަ ބަލިކަށި ކުއްޖަކަށް ވެދާނެތީއެވެ. ބޭބެއެއް ހުރިކަން އެނގުމުން އެބޭބެގެ ހިމާޔަތަށް އެދި ބަލިކަށި ކުއްޖަކަށް ވެދާނެތީ މަންމަ ޖެހިލުންވީއެވެ. އެހެން ނަމަވެސް މިހާރު ތިޔައީ އަމިއްލައަށް އުޅެވޭ ވަރު ހިތްވަރު ގަދަ ކުއްޖެއްކަން މަންމައަށް ޔަގީނެވެ. ދޮންބެ ނުފެނުނަސް ދަރިފުޅަށް އަމިއްލައަށް އުޅެވޭނެކަން މަންމަ ޔަގީންކުރަމެވެ.
ދަރިފުޅާއެވެ. ދެން ކަންތައް ވީގޮތްހެއްޔެވެ؟ މަންމައަށް ދަރިފުޅު ލިބުނީ ދޮންބެގެ އުމުރުން 5 އަހަރުގައެވެ. އެދުވަހު ދަރިފުޅުގެ ބައްޕައާއި ދޮންބެވެސް އުފާވެފައި ތިބީ ހާދަހާ ބޮޑަކަށެވެ. އެ ކުޑަ ކުޑަ ދެލޮލުންވެސް އެދުވަހު ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ދަރިފުޅު ވިހޭ ދުވަހު ރަށުގައި އުޅުނު ބީރައްޓެއްސަކު ދޮންބެ އާއި ދަރިފުޅު އެކީގައި އިންދާ ފޮޓޯއެއްވެސް ނަގައިދިނެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ދޮންބެ ބައްޕަ ގާތު ރޮއިގެން އެ ފޮޓޯ އަތުލީ ވަރަށް މަސައްކަތުންނެވެ. އެހެން ނަަމަވެސް ދަރިފުޅު ލިބުމުން ލިބިފައިވާ އުފާވެރިކަން ދެމިއޮތީ ދެދުވަސް ވަންދެންނެެވެ. ދަރިފުޅުގެ ބައްޕަ ރަށު މީހެއްގެ ދޯނި އެހެލާ ތަނުގައި ބައިވެރިވެގެން އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި ބައްޕް ނިޔާވީ ދަރިފުޅުގެ އުމުރުން ދެދުވަހުގައެވެ. އެދުވަހަކީ މަންމައާއި ދޮންބެގެ ހަޔާތުގެވެސް އެންމެ އަނދިރި އެއްދުވަހެވެ. ނަމަވެސް ދަރިފުޅުގެ މައުސޫމް މޫނުކޮޅު ފެނުމުން މަންމަ އަޒުމް ކަނޑައެޅީ ހތްވަރާއިއެކު ތިޔަ ދެކުދިން ބޮޑު ކުރުމަށެވެ. އެހެން ނަމަވެސް ދެންވެސް ކަންތައްވީ ވަރަށް ދެރަކޮށެވެ. ދަރިފުޅުގެ ކާފަމެންނަށް ބައްޕަ ނިޔާވި ހަބަރު އަޑުއިވުމުން ރަށަށް އައީ ދަރިފުޅުގެ އުމުރުން ހަތަރު ވަނަ ދުވަހުއެވެ. އެދުވަހު އެމީހުން ރަށަށް އަރާ ބައްޕަ ނިޔާވީވެސް މަންމައާއި ހެދިކަމުގައި ބުންޏެވެ. އެއީ މަންމަ ވަރަށް ދެރަވި ދުވަހެކެވެ. އެމީހުންނަށް ބައްޕަގެ ފިރިހެން ކުއްޖަކު ހުރިކަންވެސް އެނގުނީ އެދުވަހުއެވެ. އެއާއިއެކު އެއްވެސް ރަހްމެއް ނެތި މަންމައާއި މަންމަގެ ފިރިހެން ދަރިފުޅު ވަކިކޮށްލައިގެން ގެންދިޔައީ މަންމަ ރޮއިރޮއި އޮއްވައެވެ. ދޮންބެވެސް އެހާ ވަރަށް އާދޭސް ކުރިއެވެ. އެހެން ނަމަވެސް އެމީހުންނަކީ މުއްސަނދި ނަން ހިނގާ މީހުން ކަމުން މަންމައަށް ދޮންބެ ހޯދޭނެ ގޮތެއް ނުވިއެވެ. އެމީހުން ދޮންބެ ގެންދިޔަ އިރުވެސް އެ ކުޑަ ކުޑަ ކުއްޖާ ދަރިފުޅާއިއެކު ނަގާފައިވާ ފޮޓޯ ގެންދެވޭތޯ ބެލިއެވެ. ދަމުން ދަރިފުޅާއި ދިމާއަށް ކޮއްކޯއޭ ކިޔާ އެތައް ވަރަކަށް ގޮވިއެވެ. ނަމަވެސް..
ދަރިފުޅާއެވެ. ބައްޕައާއި ދޮންބެ އަހަރެމެން ދެމައިންގެ ހަޔާތުން ވަކިވެގެން ދިޔައީ އެގޮތަށެވެ. އޭގެ ފަހުން މަންމައަށް އެރަށުގައި އުޅެން އުނދަގޫވީ ބައްޕަގެ ހަނދާންތައް އާވާ ވަރުންނެވެ. އެރަށުގެ ކޮންމެ މީހަކާއި ކޮންމެ އެއްޗެއްވެސް ދިޔައީ އެހަނދާންތަކާއިއެކު މަންމަ ބަލިކަށި ކުރަމުންނެވެ. ދަރިފުޅުގެ އަތުގައި މަންމަ ނެތިދާއިރު ފޮޓޯއެއް ނެތީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ފޮޓޯ ނެގުމަކީ ދަރިފުޅުގެ ބައްޕަ އަބަދުވެސް އެންމެ ކުރާ ހިތްނުވާ އެއްކަމެވެ. އެހެން ކަމުން މަންމަވެސް އެކަން ނުކުރަނީއެވެ. ދޮންބެ އަތުގައި އޮތް ފޮޓޯ ފިަޔަވައި ދަރިފުޅު ކުޑައިރުގެ ފޮޓޯއެއްވެސް ނޯންނާނެއެވެ. އެއީވެސް ދޮންބެ ރުއިވަރުން ދޮންބެއަށް ނަގައިދިން ގަނޑެކެވެ.
ދަރިފުޅާއެވެ. މިހާރު ހުރިހާ ވާހަކަތަކެއް މި ކިޔައިދެވުނީއެވެ. މަންމަގެ އެދުމަކީ ދަރިފުޅު ދޮންބެ ހޯދުމެވެ. ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ދަރިފުޅު ހޯދާލަ ހޯދާލާ އަދިވެސް އެ ދޮންބެ ހުންނާނެކަން ޔަގީނެވެ. ދޮންބެ ފެނުމުން މަންމަގެ ސަލާމް ބުނެދެއްޗެވެ. އަދި މަންމަ ދޮންބެ މަތިން…………………………..” އާލިކް ކުއްލިއަކަށް ސިޓީ ލައްޕާލީ ކެބިންގެ ދޮރު ހުޅުވާލި އަޑަށެވެ. އަވަސް އަވަހަށް ފުން ނޭވާއަކާއިއެކު އޭނާ އިސް އުފުލާލީ މޫނަށް ވެރިވެފައި ހުރި ނުތަނަވަސްކަން ފިލުވޭތޯ މަސައްކަތް ކުރަމުންނެވެ. އޭޜު ވިޝާ އާލިކްއަށް ހިނިތުންވެލުމަށްފަހު ކެބިންގެ ތެރެއަށް ވަދެ ކޮންމެވެސް ފައިލެއް ހޯދަން އުޅެއެެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެފައިލް ހިފައިގެން ނުކުމެގެން ދިޔައީ އާލިކްގެ މޫނުމަތީގައިވާ ނުތަނަވަސްކަން މާބޮޑަށް ފާހަގަ ނުވާ ހާލުގައެވެ. ވިޝާ ދިއުމުން އާލިކް ސިޓީގެ ބާކީ އޮތް ދެތިން ޖުމްލަ ކިޔާލުމުގެ ބަދަލުގައި އަވަސް އަވަހަށް އޭގެ ކޮޕީއެއް ނަގާލުމަށްފަހު ވިޝާގެ މޭޒުގައި އެ ސިޓީ އޮތްގޮތަށް ބޭއްވިއެވެ. އޭނާއަށް އެ ސިޓީ ފެނުނުކަން ވިޝާއަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ފަހަރެއްގައި އޭނާ ބޭނުންވަނީ ވިޝާއަށް ނޭނގި އޭނާއަށް އެހީތެރިވާން ކަމުގައިވެސް ވެދާނެއެވެ. އާލިކް ނެގި ކޮޕީ ހިފައިގެން ގޮނޑީގައި އިށީނދެލުމާއިއެކު ފޯނު ރިންގުވާން ފެށުމުން އޭގެ ބާކީ ދެތިން ޖުމްލަ ކިޔޭ ގޮތެއް ނުވިއެވެ. އެންމެފަހުން އޭތި ފަތް ޖަހާލާ ފަޓްލޫނު ޖީބަށް ލުމަށްފަހު ފޯނަށް ޖަވާބު ދިނީ ސިޓީގެ ބޮޑުބައި ކިޔުމުން ލިބިފައިވާ ހިތްހަމަޖެހުމާއިއެކުއެވެ. އޭނާއަށް ނޭނގޭ އެއްޗަކީ އޭނާ އެ ދޫކޮށްލީ އެސިޓީގެ އެންމެ މުހިން ދެތިން ޖުމްލަ ކަމެވެ. އެދެތިން ޖުމަލައިގައި ވެއެވެ.
” އަދި މަންމަ ދޮންބެ މަތިން ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ހަނދާން ކުރި ވާހަަކަ ބުނެދޭށެވެ. އަދި ދޮންބެގެ ނަންވެސް ނުބުނެވެ ދޯއެވެ. ދޮންބެގެ ނަމަކީ ” ވިކާޝް ” އެވެ. ދަރިފުޅުމެން ދެކުދިން ދެކެ މަންމައާއި ބައްޕަވެސް ވަރަށް ލޯބިވެއެވެ. “
ނުނިމޭ
6 Comments!
Comments are closed.
v v v nice. waitin for next part.
v v rythi.. waiting for the next part…
Mipart ves v habeys…next part v avahah update kohdhechey
vvvvvvvvvvvvvvvvvvvvvvvvvvvvvvv nice waiting 4 the next part
mifaharu mi vaahaka nimendhen kiyaalan libeyne kamah ummeedhu kuran.. laya mi vaahaka dhen araamagu site akah nuliyaanan tha.. mi baithah kiyaafa hureema aa baeh kiyaa hiy vanee aslu.. :).. avahah aa baeh genes dhechchey!! tc.
i had also read mibaithahfrm araamagu
plx avahah up kurachey
frm kiyuntheriyaa and me if me dnt mind