ސުކޫލަށް ދާން ތައްޔާރުވާން ހުރި އީރަމް ގެ ހިޔާލުތަކުގައި ވަނީ ލާމިހްއެވެ. ރޭގެ މެސެޖައް ލާމިހް ގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނަނީ ކީއްވެހެއްޔެވެ. އެ މެސެޖް ފޮނުވީ ލަސްގަޑި އަކަށް ވުމުން ލާމިހް އަށް އަދި ނުފެންނަނީ ކަމުގައި އީރަމް ނިންމިއެވެ. ލާމިހް ވާނެ އުފާ ހިތަށް އެރުމާއެކު އަމިއްލަ އަށް ވެސް ހިނިތުންވެލެވުނެވެ. އެންމެ ފަހު ޕިން ޝޯލް އަށް ޖަހާލަމުން އީރަމް ފޯނު ހުޅުވާލިއެވެ. ޓެކްސީ އަކަށް ގުޅަން އުޅެފައި ވެސް ހިޔާލު ބަދަލުކޮއްލިއެވެ. އަދި ހިނގާލާފައި ދެވޭނެހާ ވަގުތު އޮތުމުން ދަބަސް ހިފައިން އީރަމް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
ގޭގެ ދޮރު ލައްޕާލަމުން އީރަމް މަގު ހުރަސްކޮށް ދުވާރުމައްޗަށް އެރުމާއެކު ދުރުގައި އިން ލާާމިހް ސައިކަލް ދުއްވާލިއެވެ. އީރަމް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެތާ އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. ރޭސުރެއް އީރަމް ދެކިލުމަށް ލާމިހް ކެތްމަދުވެފައިވާ ކަހަލައެވެ. އޮފީހަށް ދިއުމުގެ ކުރިން އީރަމްގެ ގެކައިރީ އިން ސަބަބަކީ އެއީއްޔެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ފުރަތަމަ ލޯބި ހާސިލްވުމުން ހުރިހާ އުފަލެއް ލާމިހް އަށް ލިބިފައިވެއެވެ. މެސެޖަކުން އީރަމް އަށް ޖަވާބުދޭންބޭނުންނުވީ ވެސް އެހެންވެއެވެ. ހުރިހާ ގޮތަކުން ވެސް ލާމިހް ބޭނުންވަނީ އެގުޅުން ހާއްސަވާށެވެ. އީރަމް ގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ވޭން އޭނާ ވަނީ ގާތުން ދެކެފައެވެ. އެ ދުވަސްތަކުގެ ބަދަލުގައި އީރަމް ގެ ހިތް އުފަލުން ފުރާލަދޭން ލާމިހް ބޭނުންވެއެވެ. ލޯބި ފުރިހަމަ ވާނީ އިހްތިރާމާ އެކުކަން ވެސް ލާމިހް ދަނެއެވެ. ” މޯނިންގް ސަންޝައިން..” ފަހަތުން މީހެއްގެ އަޑު އިވުމާއެކު އީރަމް ފަސް އެނބުރި ބަލާލީ ގަބޫލްނުކުރެވިފައި ހުރެއެވެ. ކަންފަތުގައި އެ އަޑު ޖެހުމާއެކު އެއީ ކާކުގެ އަޑެއްކަން އީރަމް އަށް ވަގުތުން އެނގުނެވެ. ލާމިހް ގެ ރީތި މޫނާއި އެ ތުންފަތްމަތީގައިވާ ހިނިތުންވުން ފެނުމުން އީރަމް ގެ ތުންފަތްމައްޗަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ” ލާމީ.. މިތާ ކީއްކުރަނީ..” އެވަގުތު ލާމިހް ފެނުމުން އީރަމް ގެ ހިތަށް ވެރިވި ސުވާލު ކޮއްލެވުނެވެ. ” ވަޓް.. ހަމަ ނޭނގިގެންތަ ތިއެހީ.. މިއައި އީމް ޑްރޮޕް ކޮއްލަދޭން.. އެންޑް އަދި އެބައޮތެއްނު ވަރަށް ބޮޑު ކަމެއް.. ސަމްވަން ސެއިޑް ޝީ ލަވްސް މީ..” ލާމިހް ބޭނުންވީ އީރަމް ލަދު ގަންނަވާލާށެވެ. ބޭނުންވި ކަންތައް ވިކަން އީރަމް ގެ މޫނަށް ވެރިވި ކުލައިން ލާމިހް އަށް ޔަގީންވިއެވެ. ” ދެން ލާމީ.. ތިހެން އުޅެންޔާ ނޫނެކޭ ބުނެފަ ވާހަކަވެސް ނުދައްކާނަން..” އީރަމް އިސްޖަހާލިއެވެ. ” އޭތް ނޫން.. އޯކޭ.. ސޮރީ ސޮރީ… ދެން އަވަހަށް އަރާ.. ” ލާމިހް މޫނުމައްޗަށް ސީރިއަސް ކަން ވެރިކުރުވަމުން ބުނެލިއެވެ. ދެކޮޅުހެދުމެއްނެތި އީރަމް ސައިކަލު ފަަހަތުގައި އަރާ އިށީނެވެ. ކުރިއެކޭ ވެސް އެއްފަދައިން ލާމިހް ގައިގައި ނުޖެހެން މަސައްކަތްކުރާ ކަހަލައެވެ. އެކަމާއި ލާމިހް ގެ ހިތުގައި އެއްވެސް ޝަކުވާއެއްވެސް ނެތެވެ. ކޮންމެގޮތެއްވިޔަސް އީރަމް ގެ ނުރުހުމުގައި ނުނީ ކައިވެނިން ބޭރުގައި ލާމިހް އީރަމް ގެ ގައިގައި އެފަދަ ގޮތަކަށް އަތެއް ނުލާނެއެވެ. ކައިވެނި އެ ބަސް ސިކުނޑިއަށް ވެރިވުމުން ވެސް ލާމިހްގެ ހިތަށް ފިނިކަން އިހްސާސްވެގެން ދިޔައެވެ. ” އެ ދުވަހު ފިނިފެންމާ ދިނީ ކާކަށް.. ” ސައިކަލް ދުއްވާލުމާާއެކު އީރަމް އަހާލިއެވެ. އެ ސުވާލުން ލާމިހް ހީލި އަޑު އިވުނެވެ. ” ހަނދާން އެބަހުރި ދޯ… އެއީ ހަމަ އީމް ޖެލަސް ކޮއްލަން ވެގެން ކުރި ކަމެއް… ހަނާ ބުންޏޭ އީމް ހުރީ މޫޑީ ވެފައޭ..” ލާމިހް ގެ ވާހަކައިން އީރަމް ހިނިތުންވެލިއެވެ. ” ދެން ފޯނު ކަންތައް އެނގުނީ ކިހިނެއް..” ލާމިހް އީރަމް އަށް އެ ކަންތައްއެނގުނު ގޮތް އޮޅުންފިލުވައިދިނެވެ. ސުކޫލް ގޭޓް ކައިރީ ސައިކަލް މަޑުކޮއްލުމާއެކު އީރަމް ފޭބިއެވެ. ” ނިމިގެން ގުޅައްޗޭ..” އީރަމް ލާމިހް ގެ ލޮލަށް ބަލާލަމުން ބޯ ޖަހާލިއެވެ. ” އީމް..” ލާމިހް ގެ އަޑުން ކުރިއަށް އަޅާލި ފިޔަވަޅު މަތީ ހުރެފައި އީރަމް ފަސްއެނބުރި ބަލާލިއެވެ. ” ލޯބިވޭ.. ” ލާމިހް ލޯތްބާއެކު އެހެން ބުނެލަމުން ހިނިތުންވެލިއެވެ.
ގެއަށް ވަތް އީރަމް ގެ މޫނުމަތިން ތަފާތުކަމެއް ޖަނާ އަށް ފާހަގަވިއެވެ. ބޭރު ދޮރު ލެއްޕުނު ދިމާއަށް ސޯފާގައި އިނދެފައި ބޯ އަރިކޮއްލަމުން ބަލާލިއެވެ. ކަޔާން ގެ ހާލު ރަނގަޅު ނުވާތީ އަދިވެސް ވަޒީފާއަށް ނުނިކުންނަކަން ޖަނާ އަށް އިނގެއެވެ. ސައިކަލުގައި އީރަމް ގެއަށް ލާން އެއައީ ކާކުހެއްޔެވެ. ކާގޭގައި ހުރި ސަލްމާ އެއް އަވަސް ނަޒަރެއް ދެމުން ޖަނާ އީރަމް ގެ ފަހަތުން ހިނގައިގަތެވެ. ” ކާކާ އެކީ ތިއައީ..” އީރަމް ގެ ފަހަތުން ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުން ޖަނާ އަހާލިއެވެ. ” ލާމީ އާއި އެކީ..” ފަސްޖެހުމެއްނެތި އީރަމް ހާމަކޮއްލިއެވެ. ” ވަޓް.. ނުވާނެ އެހެނެއް.. ތި ދެމީހުން.. އަހަރެން ހީކުރީ އީމް ލާމީ ދެކެ ރުޅިއަންނަވަރުން ދެން ދުވަހަކުވެސް ކުރިން އުޅުނު ހެން ނޫޅޭނެކަމަށް..” ގަބޫލް ނުކުރެވިފައި ހުރެ ޖަނާ ބުނެލިއެވެ. އިއްޔެ އާއި ޖެހެން ދެން ދުރުދުރުން އުޅުނު ދެމީހުން އެހާ ގާތްކޮށް ފެނުމުން ޖަނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ” އައި ސެއިޑް ޔެސް..” އީރަމް ޖަނާ އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަނގަ ހުޅުވިފައި އިރުކޮޅަކު ޖަނާ އިނެވެ. އީރަމް ލާމިހް ދެކެ ލޯބިވާކަމެއް ޖަނާ އަށް ކުޑަކޮށް ވެސް އެނގިފައެއް ނެތެވެ. އެކަން ސިއްރުކޮއްގެން އުޅެން އީރަމް ކުޅަދާނެއޭ ޖަނާ ގެ ހިތަށް އެރިއެވެ. ލާމިހް ފުރައިގެން ދިޔަފަހުން އީރަމް ގެ ހަޔާތަށް އެކުވެރިއެއްގެ ހައިސިއްޔަތުން ވެސް އެހާ ގާތް ފިރިހެންކުއްޖެއް ނުގެނައީ ކީއްވެކަން ޖަނާ އަށް ނަގައިގަނެވުނެވެ. ” އޯ އެމް ޖީ.. ތިން އަހަރުވަންދެން.. ކީއްވެ ނުބުނީ..” ޖަނާ އަށް އެކަންތައް ނޭގުމުން ޝަކުވާ ކޮއްލިއެވެ. ” ޖަނާ ކައިރީ އެންމެ ފުރަތަމަ ވެސް މިބުނީ ރައްޓެހިވި ވާހަކަ..” އީރަމް އެހެން ބުނުމާއެކު ޖަނާ އީރަމް ގެ ގައިގައި ބައްދާލިއެވެ. ” އައިމް ސޯ ސޯ ހެޕީ ފޮ ޔޫ..” ޖަނާ ހަގީގަތުގައި ވެސް އީރަމް ގެ ހަޔާތަށް ލާމިހް ކަހަލަ ޒުވާނެއް އައުމުން އުފާވިއެވެ.
*********
ރޭގަނޑު ހަނާ ގެ ކޮޓަރީގައި އީރަމް އާއި ހައިފާ ތިއްބެވެ. އެމީހުނަށް އީރަމް އެ ހަބަރު ދިނުމާއެކު އުފާވެރި ހަޅޭކެއްގެ އަޑު އިވިގެންދިޔައެވެ. ހައިފާ އާއި ހަނާ އީރަމް ގެ ގައިގައި އޮޅުލައިގަތީ އެއްފަހަރާ އެވެ. ލާމިހް އާއި އީރަމް ގުޅޭނެ ދުވަހަކަށް އެމީހުން ހާދަ އިންތިޒާރެއް ކޮއްފިއެވެ. ” އަހަރެން ހީކުރީ އަދި އިތުރަށް ފަސް ވަރަކަށް އަހަރު ނަގާނެކަމަށް..” ހައިފާ އީރަމް އާއި ދިމާކޮއްލިއެވެ. އިވުނު ހަޅޭކާއެކު ސިޓިންގްރޫމް ގައި ތިބި ފަޒަލް އާއި ހުސެން އަށް ވީ ގޮތް ނަގައިގަނެވުނެވެ. ލާމިހް ވަނީ އެދުވަހު މެންދުރު އެހަބަރު އެމީހުންނާ ހިއްސާކޮއްފައެވެ.
އީރަމް ގެ ދުވަސް ހޭދަވެގެން ދާއިރު ކަންތައްތައް ބަދަލުވާން ފެށިއެވެ. ކުރީގެ އެކަނިވެރިކަމުގެ ބަދަލުގައި ހުރިހާ ވާހަކައެއްވެސް އެންމެ ފުރަތަމަ ހިއްސާކުރަނީ ލާމިހް އާއިއެވެ. ގޭތެރޭގައި ނުވަތަ ސުކޫލްގައި ވެސް ދިމާވާ އުފާވާ ދެރަވާ ކަންތަކުގައި އެންމެ ގާތުގައި ކުރިންވެސް ވައުދުވިފަދައިން ލާމިހް ހުރެއެވެ. ދެމީހުންގެ ގުޅުން ކުރިފަޅައި ހެދެމުން ދިޔައިރު އެކަކު ހިތުގައި އަނެކަކަށް ވާ ލޯބި ވެސް ދިޔައީ އިތުރުވަމުންނެވެ.
އެހެން ރޭތަކެކޭވެސް އެއްފަދައިން އާނާ އަށް ޓިއުޝަން ނަގައިދޭން ދާން ގެއިން އީރަމް ނުކުތް އިރު ލާމިހް އޭނާ ބަލާ އައިސް އިނެވެ. އީރަމް ނުކުތުމާއެކު ލާމިހް ހިނިތުންވެލިއެވެ. ” ހޭއި ލަވް.. ” ލާމިހް ގެ އެ އާދައަށް އީރަމް ހޭނިއްޖެއެވެ. ބައްދަލުވާ ފަހަރުތަކުގަޔާއި ފޯނުންވެސް ލާމިހް އެކި އެކި ނަންނަމުން ގޮވާ ހަދައެވެ. އެ ކުޑަ އަދާއިންވެސް އީރަމް ގެ ހިތް އުފަލުން ފުރެއެވެ. އީރަމް ހިނިތުންވެލަމުން ސައިކަލަށް އަރާ އިށީނުމާއެކު ލާމިހް އަށް ކަމެއް ފާހަގަވިއެވެ. އެ މޫނުމަތިން ހާސްކަން ފެނުނުހެން ހީވުމުން ލާމިހް ސައިކަލް ދުއްވާލުމުގެ ބަދަލުގައި އެނބުރި އީރަމް ގެ މޫނަށް ބަލާލިއެވެ. އެ ހާސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު ލާމިހް އަށް އެވަގުތު ނަގައިގަނެވުނެވެ. ” އީމް.. މަންމަމެންގެ ގޮތް އިނގެއެއްނު… ބަލައްޗޭ… އަހަރުމެންގެ ގުޅުމުގެ ވާހަކަ ބުނީމަ އަދި ވަރަށް އުފާވާނެ.. އެހެންނުނަސް ދޮންތަ އަށް ވެސް އިނގޭނެ އީމް ގެ ވާހަކަ މާ ކުރިންވެސް..” ލާމިހް އީރަމްގެ ހާސްކަން ފިލުވާލެވޭތޯ މަސައްކަތް ކުރިއެވެ. ރައްޓެހިންނާއި އާއިލާ ތަފާތުވާނެކަން ލާމިހް ދަނެއެވެ. ނަމަވެސް އޭނާގެ ހޮވުމަށް އެއްވެސް މީހަކު ފާޑެއް ނުކިޔާނެކަން ލާމިހް އަށް އެނގެވެ. އާއިލާ އެންމެންވެސް އީރަމް ލޯތްބާއެކު ބަލައިގަންނާނެއެވެ. ” އެކަމަކުވެސް..” އީރަމް ވާހަކަ ދައްކަން ފެށުމާއެކު ލާމިހް އެކަން ހުއްޓުވިއެވެ. ” ޔަގީން.. ދޭ ވިލް ލަވް ޔޫ… އެކަމާ ނުވިސްނަބަލަ..” ލާމިހް އީރަމް އަށް ހިތްވަރު ދެމުން ސައިކަލް ދުއްވާލިއެވެ.
ލާމިހް ދިން ހަބަރުން ސޯފާގައި އިށީނދެ އިން ލޫނާ ކައިރީ ޖެހިގެން އިން ރާމިޒްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އޭރު ހަދީޖާ އާއި ރަޝީދުގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީ އިށީނދެ އިން ލާމިހް ގެ ކައިރީ އިސްޖަހައިގެން އިން އީރަމް ގެ މޫނަށެވެ. އަތުގެ އިނގިލިތަކާ ކުޅެން އިން އީރަމް ގެ މޫނުމަތިން ހާސްކަމާއެކު ލަދުވެތިކަން ވެސް ފެނެއެވެ. ނާއިލް ގެ އާއިލާ އަށް އޭނާ ތައާރަފް ކޮއްދިން އިރުވެސް މިހާ ހާހެއް ނުވެއެވެ. ކުރިން ހަޔާތުގައި ވެފައި ވި ކަމެއް ނަމަވެސް އީރަމް އަށް ކުރެވޭ އިހްސާސްތަށް ތަފާތެވެ. ލާމިހް ގެ އާއިލާގެ މީހުން އޭނާ ބަލައިނުގަންނާނެ ކަމުގެ ބިރު އެހިތުގައި ވެއެވެ. ރަޝީދު އާއި ހަދީޖާ ގެ ފަރާތުން ޖަވާބެއް ނުލިބުމުން ލާމިހް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އޭނާ ވެސް އެވާހަކަ ބުނީ ވަރަށް ހިތްވަރުކޮއްފައެވެ. ފުރަތަމަ ފަހަރަށް އެކަހަލަ ކަމެއް ކުރަން ޖެހުމުން ވީ ގޮތެވެ. ކޮންމެ ގޮތެއް ވިޔަސް ލާމިހް ގެ ހަޔާތަށް އީރަމް އެއީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފަރާތެކެވެ. އެހުރިހާ ހާއްސަ ކަމެއްގެ ފުރަތަމަ އެވެ. ކަންހުޅިން ފޭބި ދާތިކި ލާމިހް އެއްއަތުން ފޮހެލިއެވެ. އީރަމް އެއީ ލާމިހް ގުޅިގެން އުޅޭ ކުއްޖާކަން އެނގުމުން ރަޝީދު އާއި ހަދިޖާ ނުހަނު އުފާވިއެވެ. އެކަން ނަގައިންނަން އިރުކޮޅެއް ނެނގީ އެދެމެދުގައި އެކަހަލަ ކަމެއް ވާކަމުގެ ޝައްކެތްވެސް ކުރިން ވެފައި ނެތުމުންނެވެ. ” ހަމަ ތެދެއް.. އެކަމަކު ވާ.. ލާމީ ނުވެސް ބުނޭ..” އީރަމް ގެ ކައިރީ އިށީންނަމުން ހަދިޖާ ބުނެލިއެވެ. ” ވަރަށް ގުޅޭ ދެކުދިންވެސްް.. މަންމަމެން ތިކަމާ ގަބޫލް… ދޯ ރަޝީދު..” ހަދީޖާގެ ބަހަށް ބޯ ޖަހާލަމުން ރަޝީދުު ހިނިތުންވެލިއެވެ. އެވަގުތު ކޮޓަރީގައި އިނދެ އިނދެ އީރަމް ގެ ހަބަރަށް ނުވުމުން އާނާ ނުކުތެވެ. ” މިސް..” އީރަމް ސޯފާގައި އިންތަން ފެނުމުން އާނާ ގޮވާލިއެވެ. ” އެނީ… އެއީ މިހާރު އެނީގެ ދޮންބެދައްތަ އޭ.. ” ލޫނާ ހެވިފައި އެހެން ބުނުމުން އާނާ އީރަމް ގެ މޫނަށް ބަލާލިއެވެ. ” އެ ތެދެއްތަ.. ތީ އެނީގެ ދައްތަ ތަ..” ސޯފާގައި އިން އީރަމް ގެ ގާތުގައި ހުއްޓި އެ އަތްތިލާގައި ހިފާލަމުން އާނާ އަހާލިއެެވެ. އެ ސުވާލުން އީރަމް އެންމެންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ.
*********
އޮފީހުގައި އިން ލާމިހް ގެ ނަޒަރު ސީދާވެފައި ހުރީ މޭޒުމަތީ އޮތް ރަން އަނގޮއްޓިއަށެވެ. ފުންުނޭވާ އެއް ދޫކޮއްލަމުން ގޮނޑީގައި ލެނގިލިއެވެ. އީރަމް އާއެކު އެއްމަސް ފާއިތުވެގެން ދިޔައިރު ލާމިހް ބޭނުންވަނީ އަވަހަށް ކައިވެނި ކުރާށެވެ. ރައްޓެހިވެގެން ދުވަސްތަށް ހޭދަކުރަން ލާމިހް ބޭނުންނުވަނީއެވެ. އާއިލާގެ އެންމެންވެސް އެކަމުގައި ލާމިހް އަށް އެއްބާރުލުން ދެއެވެ. ދެން އޮތީ އީރަމް ގެ ހިތުގައި ވާގޮތް އޮޅުން ފިލުވުމެވެ. އެކަމަކު އެ ސުވާލު އަހާނެ ގޮތެއް ލާމިހް އަކަށް ނުވިސްނުނެވެ. ހުސެން ހައިފާ ކައިރީީ އިންނަން އެހި ގޮތް ހަނދާންވުމުން ލާމިހް ދެފަރާތަށް ބޯ ތަޅުވާލިއެވެ. އެވަރުގެ ކަމެއް ކުރަން އޭނާ އަށް ލާހިކެތް ނޫނެވެ. އީރަމް ވެސް އެކަހަލަ ކަންތަކުގައި ދެކޭ ގޮތް ލާމިހް އަށް ރަނގަޅަށް އިނގެއެވެ. އުފަންދުވަސް ފާހަގަ ކުރަން ބޭނުންނުވާއިރު އެކަހަލަ ކަމެއް ކޮއްފިނަމަ އީރަމް އެކަމަކާއި ހިތްހަމަވެސް ނުޖެހިދާނެއެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރާ އަންހެންކުއްޖެއް ކައިރީ އިންނަން އަހާނެ ހާއްސަ ގޮތެއް ލާމިހް ގެ ސިކުނޑިއަކަށް ނައެވެ. ” އާން.. ކީކޭ..” ދޮރު ހުޅުވާލާފައި ލާމިހް އިން އޮފީސް ކެބިން އަށް ވަންނަމުން ހުސެން އަހާލިއެވެ. މަސައްކަތުގައި އިންދާ ލާމިހް ގުޅާފައި އަންނަން ބުނާނީ ބޮޑު ކަމަކު މަޝްވަރާކުރަން ކަން ހުސެން އަށް ނަގައިގަނެވުނެވެ. “އިށީނދެބަލަ..” ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތް ކޮއްލަމުން ލާމިހް ބުނެލިއެވެ. ” ހޫމް ކިހިނެއްވިއްޔޭ…” ހުސެން ލާމިހް ގެ މޫނަށް ބަލަން އިނދެ އަހާލިއެވެ. ކުރިމަތީ އޮތް އަނގޮއްޓި ނަގަމުން ލާމިހް ހުސެން ދައްކާލިއެވެ. ލާމިހް ގެ އަމަލުން އެ އަނގޮއްޓީގެ ބޭނުން އެނގުުމުން ހުސެން ބުމަ ހިއްލާލިއެވެ. ” ވޯ..ސީރިއަސްލީ މޭން.. އަދި އެންމެ މަހެއް ވީ…” ހުސެން ހީލަމުން ދެފަރާތަށް ބޯ ތަޅުވާލިއެވެ. ” ދެން ކޮބާ މައްސަލައަކީ.. ހުސެން ހައި ކައިރީ މެރީ ކުރަން އެހި އިރު ވާނީ ރައްޓެހިވެގެން އުޅުންތާ އެންމެ ތިން މަސް..” ލާމިހް އެކަން ހަނދާންކޮއްލަ ދިނެވެ. ހުސެން އަތް ދިއްކޮއްލުމުން ލާމިހް އަނގޮއްޓި ހުސެން ގެ އަތަށް ލައިދިނެވެ. ” ހޫމް… މީތި ސަޅިއޭ.. މަވެސް ހައި އަށް ރިންގް އެއް ދޭންވެއްޖެ ކަންނޭނގެ..” އަނގޮއްޓި ދިރާސާ ކުރާ މީހެއް ހެން އެޔަށް ބަލަން އިނދެ ހުސެން ބުނެލިއެވެ. ” ހޫމް.. ދެން ތިއެއް ނޫނޭ.. ބުނެބަލަ އީމް ކައިރީ އަހާނެ ގޮތެއް..” ހުސެން އެތަނަށް ގެނައި އަސްލު ބޭނުން ލާމިހް ހާމަކުރިއެވެ. ” އީމް ގެ ކުރިމައްޗަށް ހުއްޓި ހުރެ އަހާބަލަ މަށާ އިންނާނަންހޭ.. ވަކި ގޮތަަކަށް ތަ އިންނަން އަހަން ޖެހެނީ..” އައްގޮނޓި މޭޒުމަތީ ބާއްވަމުން ހުސެން ބުނެލިއެވެ. ” އެކަމެއް ނޭނގެ ހުސެން ހައި ކައިރީ އިންނަން އެހި އިރަކު..” ބޮލުގެ ފުތްކިބައިގައި އަތް ހިންގާލަމުން ލާމިހް ބުނެލިއެވެ. އެންމެ ގާތް އެކުވެރިޔާ ގެ ހާސްކަން ފެނި ހުސެން މަޖާ ގޮތްގަނޑު ކަނޑުވާލަމުން އެ މޫނަށް ބަލާލިއެވެ. ” ލާމީ ލުކް.. އީމް ގެ މިޒާޖު އެންމެ ރަނގަޅަށް އިނގޭނީ ލާމީ އަށް.. މާ ބޮޑު ކަމެއް ނުކުރިޔަސް މަށަށް ޔަގީން އިންނަން އަހައިފިއްޔާ އީމް ބުނާނީ އާނއެކޭ ކަން…. ސޯ ޑޫ ސަމްތިން ސްޕެޝަލް.. ކޮއްދޭ ކުދި ކުދި ކަންތަކުން އަންހެން ކުދިން މާ އުފާވާނެ.. ސިމްޕަލް އެކަމަކު ލޯބި ކަމެއް..” ހުސެން ގެ ވާހަކައިން ލާމިހް ބޯ ޖަހާލިއެވެ. ލާމިހް ވިސްނުންތަކަށް ދޫކޮއްލަމުން ހުސެން ތެދުވިއެވެ. ” ގުޑްލަކް މޭން.. ވާނުވާ އަންގައްޗޭ..” ހުސެން ނުކުތުމުގެ ކުރިން ބުނެލިއެވެ.
ބަންދު ދުވަހަކަށް ވުމުން މާލޭގެ މަގުމަތިން ފެންނަނީ ހަލަބޮލިކަމެވެ. ހަވީރު ގެ ވަގުތު ލާމިހް ގެ ސައިކަލް ފަހަތުގައި އިން އީރަމް ގެ ވާހަކަތަކުން ލާމިހް ހީލައެވެ. ” ލާމީ މަންމަމެން ކައިރީ އަދި އެންމެ މުހިއްމު އެއް ވާހަކަ ނުބުނެ ތިއުޅެނީ..” އީރަމް ކުއްލިއަކަށް ބުނެލި ވާހަކައިން ލާމިހް ވިސްނާލިއެވެ. އެހާ މުހިންމުު ވާހަކައަކަށް ނުބުނެވި އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ. ” ކޮން ވާހަކައެއް އަނެއްކާ..” ލާމިހް ސިކުނޑިއަށް ބާރުލަމުން އަހާލިއެވެ. ” އަމް… ނާއިލް އާއި މެރީކުރި ވާހަކަ..” އީރަމް ނާއިލް ގެ ވާހަކަ ދައްކަން ބޭނުންނުވި ކަމުގައި ވިޔަސް އެކަން ލާމިހް ގެ އާއިލާ އަށް އެނގުން މުހިންމު ކަމުގައި އީރަމް ދެކުނެވެ. ” އެއީ ދެން ބުނަންޖެހޭ ވާހަކައެއްތަ.. އެވާހަކަ ބުނެގެން އެއްވެސް ކަމެއް ބަދަލެއް ނުވާނެ.. އެކަމަކު އީމް ބޭނުމިއްޔާ ބައްޕަ ކައިރީ ތި ވާހަކަ ވެސް ދައްކަފާނަން..” ލާމިހް އީރަމް ގެ ހިތްހަމަ ޖައްސައިދިނެވެ.
އުޑުމައްޗަށް ވިއްސާރަ ވިލާތަށް ގިނަވެފައިވެއެވެ. ކޮޓަރިން ބެލްކަންޏަށް ނުކުމެވޭ ބިއްލޫރި ދޮރުގައި ވާ ގަދަ ނޫކުލައިގެ ފޮތިތަށް ޖެހޭ ވަޔާ އެކު ވިހުރިލާ ގޮތް ނުހަނު ހިތްގައިމެވެ. ބެލްކަންޏަށް ނުކުތް ލާމިހް އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. އާނާ ގެ ޓިއުޝަން ގަޑި ނިމެން ފަސްމިނިޓެއް ވެފައިވުމުން ލާމިހް އަވަސް ހިނގުމެއްގައި ގޮސް އާނާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ” ނިމުނީތަ..” އީރަމް ދަބަސް ހިފައިން ތެދުވުމާއެކު ލާމިހް އަހާލިއެވެ. ” އާން..” ލާމިހް އާއި ދިމާއަށް ހިނގައިގަންނަމުން އީރަމް ހިނިތުންވެލިއެވެ. ” ކެން ޔޫ ކަމް..” އީރަމް ނުކުތުމާއެކު ލާާމިހް އެހެން އަހާލުމުން އީރަމް ކޮންތާކަށްހޭ އަހާލިއެވެ. ” ބެލްކަންޏަށް.. ވާހަކަ ދައްކާލަން..” ލާމިހް ހިނގައިގަތުމުން އީރަމް ވެސް ލާމިހް ގެ ފަހަތުން ހިނގައިގަތެވެ. ބެލްކަންޏަށް ނުކުތް އީރަމް އަށް ވެސް އުޑަށް ބަލާލެވުނެވެ. ” ލާމީ.. ވާރޭ ވެހެން ކަންނޭނގެ އެ އުޅެނީ..” ގެއަށް ނުދެވިދާނެތީ އީރަމް ކަންބޮނޑުވީކަން ލާމިހް ނަގައިގަތެވެ. ” ގެއަށް ގެންގޮސްދޭނަން ކޮންމެހެން ހަދާފަވެސް..” ކައިރީ ހުރި އީރަމް ގެ މޫނަށް ބަލާލަމުން ލާާމިހް ބުނެލިއެވެ. އީރަމް ގެ ފަހަތުން ގޮސް ލާމިހް އެ އަތުގެ ތެރޭ ލޯތްބާއެކު އީރަމް ހައްޔަރު ކޮއްލުުމުން އީރަމް ސިހުނެވެ. ” އީމް.. ލިސްން ޓު މައި އެވްރީ ވޯޑް.. އައި ލަވް ޔޫ.. ކުރިން ވެސް ބުނިހެން ޔޫ އާރ މައި އެވްރީތިންގް.. ދުވަހަކުވެސް އީމް ދެރަވާކަހަލަ ކަމެއް ނުކުރާނަން.. ކިތަންމެ ބޮޑު ކަމެއް ވިޔަސް މައްސަަލަ އެއް ޖެހުނަސް އީމް ދޫކޮށެއް ނުލާނަން.. އީމް އަހަންނަށް އިތުބާރު ކުރަންތަ..” ލާމިހް އެހާ ސީރިއަސް ވާހަަކައެއް ފެށުމުން އީރަމް ގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ލާމިހް ބުނަން އެ އުޅެނީ ކީކޭ ހެއްޔެވެ. ހިމަ ފޮދު ވާރޭ ވެހެން ފެށުމާއެކު ވާރޭ ތިކިތަށް އީރަމް ގެ ގަޔަށް ވިއްސަން ފެށުމުން ހީކަރުވާގޮތް ވިއެވެ. ” އިތުބާރުކުރަން..” އީރަމް އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އީރަމް ގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ލާމިހް ހިނިތުންވެލިއެވެ. އެހާ ގާތުގައި ލާމިހް ހުރުމުން އީރަމް ހިތް އަވަސް ވެފައިވެއެވެ. ވާާރޭ ބޯ ކޮއްލީ ވެސް ދެމީހުން އެހެން ތިއްބައެވެ. ” ވިލް ޔޫ މެރީ މީ ބޭބީ..” ކަންފަތް ދޮށުގައި ލާމިހް ސިއްރުން ބުނެލި ޖުމްލައިން އީރަމް ކުއްލި ހަރަކާތަކާއެކު އެނބުރިއްޖެއެވެ. އެޔާއެކު އީރަމް ގެ ނޭފަތް ޖެހުނީ ލާމިހް ގެ މޭމަތީގައެެވެ. ” އައުޗް.. ވަޓް..” ވީ ތަދާއެކު ވެސް ލާމިހް އެ ބުނި ބަސް ތަކުރާރު ކޮއްދޭން އީރަމް އެދުނެވެ. އީރަމް އަށް ވީ ގޮތުން ލާމިހް އަށް ހެވުނެވެ. ” ވިލް ޔޫ މެރީ މީ..” ޖީބު ގައި އޮތް އޮނގޮއްޓި ދައްކާލަމުން ލާމިހް އެހެން އެހުމުން އީރަމް ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ރޭގަނޑުގެ އެ ވަގުތު ވޭހޭ ބޯ ވާރޭއާއެކު އެ ފިނި ހިތްގައިމު މާހައުލުގައި ލާމިހް ކުރިމަތީ ހުއްޓި ހުރެ އެކޮއްލި ސުވާލުން އީރަމް ގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. ކުރިމަތީ ހުއްޓި ހުރި އެ ހިތުގެ ލޯތްބަށް ނޫނެކޭ ބުނާނީ ކިހިނެއްހެއްޔެވެ. އެ ހަޔާތަށް އުފާ ގެނެސްދިނީ ލާމިހް އެވެ. ” ޔެސް..” އީރަމް މަޑުމަޑުން އެހެން ބުނުމުން ލާމިހް ދެ ފަރާތަށް ބޯ ހޫރާލިއެވެ. ” އަޑެއް ނީވޭ.. ” ވާރޭގެ ސަބަބުން އީރަމް ބުނި އެއްޗެއް ލާމިހް އަކަށް ސާފެއް ނުވިއެވެ. ” ޔެސް..” އީރަމް ހެމުން ހެމުން އެހެން ބުނުމާއެކު ލާމިހް އީރަމް ގެ އިނގިލީގައި އައްގޮއްޓި އަޅުވާލަދިނެވެ. އީރަމް އާއި ގާތް ވެލަމުން ލާމިހް އެ ނިތްކުރީގައި ބޮސް ދިނީ ލޯތްބާއެކުއެވެ.
*********
ޖެހިގެން އައި ދުވަހު ލާމިހް އާއި އީރަމް ގެ ކައިވެނީގެ ހަބަރު އިވުމުން އެންމެންގެ ވެސް މޫނުމަތިން އުފާވެރިކަން ފެނެއެވެ. ޒާހިރު އާއި ބައްދަލުކޮށް ލާމިހް އެވާހަަކަ ބުނުމުން ޒާހިރު ވެސް އެކަމާއި ދެކޮޅަށް ނުހަދައެވެ. އެންމެންގެ އެހީ އާއި އެކު ކައިވެނީގެ ކަންތައް ފެށުމުން ސަލްމާ ޖަނާ ކައިރީ އެދެމުން ދިޔައީ ކަޔާން އާއި ޖަނާގެ ކައިވެނި ވެސް އަވަސްކުރުމަށެވެ. އެވާހަކަ ތަކަށް ކަޔާާން އާއި ޖަނާ ވެސް އެއްބަސްވެލުމަކުން ވާހަކަ އޮއްބާލަނީއެވެ.
މެންދުރު ނަމާދު ކޮށް ނިމުމާއެކު ރަޝީދު މިސްކިތުން ފޭބިއެވެ. ” ރަޝީދު..” ފަހަތުން ނުކުތް ހަރު އުމުރުގެ ފިރިހެންމީހާ ރަޝީދަށް ގޮވާލުމުން ރަޝީދު އެމީހަށް ބަލާލިއެވެ. ” އަނހާ.. ޝިޔާމް.. ކޮބާ ކިހިނެއް..” އެމީހާއާއި ސަލާމްކޮއްލަމުން ރަޝީދު އަހާލިއެވެ. ” ރަނގަޅު.. ރަޝީދު ކިހިނެއް..” ދެ އެކުވެރިންގެ މެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ. ” ލާމިހް ފެނޭ އަންހެން ކުއްޖެއް ގޮވައިން އުޅޭތަން.. އެއީ ކޮންކުއްޖެއްތަ..” ޝިޔާމް ޝައުގުވެރިކަމާއެކު އަހާލިއެވެ. ” އެއީ އެސޮރު އިންނަން އުޅޭ ކުއްޖާ.. ވަރަށް އަވަހަށްް ކައިވެނި ކުރާނެ.. ޝިޔާމް ވާނެ ކައިވެނީގެ ހަފްލާއަށް އަންނަން..” ރަޝީދު ފަހުރުވެރިކަމާއެކު ބުނެލިއެވެ. ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު މީހަކާ އިންނަން ތައްޔާރުވަމުންދާއިރު ރަޝީދުގެ އުފާވެރިކަން އިތުރުވެފައިވެއެވެ. ” ދެން ހަމަ އެދެކުދިން ގުޅެން ރަޝީދު ގަބޫލް..” ޝިޔާމް ކޮއްލި ސުވާލުން ރަޝީދު އެމޫނަށް ބަލާލިއެވެ. ” އާން.. ކީއްވެ ގަބޫލް ނުވާންވީ.. އީރަމް އެއީ ކިޔަވައިން ހުރި ރަނގަޅު ކުއްޖެއް..” ރަޝީދު އެހެން ބުނުމާއެކު ޝިޔާމް ބޯ ޖަހާލިއެވެ. ” އެކަމަކު އެމަންޖެ ކުރިން މީހަކާ އިނދެ ވަރިކޮއްފަ ހުރީމަ.. ލާމިހް އަށް ހަމަ އެނޫން ކުއްޖެއް ނުވީބާއޭ ހިތަށް މިއަރަނީ.. ދެން އުޅެވިއްޖެއްޔާ ރަނގަޅުތާ..” ޝިޔާމް ގެ ވާހަކަތަކުން ރަޝީދު ސިހުނެވެ. ” ތިބުނީ..” ރަޝީދު ގަބޫލްނުކުރެވިގެން އަހާލިއެވެ. ” ތި އީރަމް އުޅުނީ ކުުރިން ނާއިލް އާއި އިދެގެން.. އަހަރެން މި މަސައްކަތް ކުރާ ކޮމްޕެނީގެ ބޮޑުމީހާގެ ދަރިޔާ.. ލާމިހް ނުބުނޭތަ..” ރަޝީދު ގެ މޫނަށް ބަލާލަމުން ޝިޔާމް އަހާލިއެވެ. ” ނޫން ބުނި.. އޭތް.. ދެން ދަނީއޭ..” ރަޝީދު ހިނގައިގަންނަމުން ބުނެލިއެވެ. ސައިކަލަށް އަރާ ދުއްވާލި އިރު އެ މޫނު މަތިން ރުޅިވެރިކަމާއެކު ހިތްހަމަނުޖެހުން ފާޅުވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.




ME FIRST DHW… varah varah reethi mi partvx as usual.. 🙂 keep it up seym 🙂
Thanks love ?
Eemn laamy dhurunukurahchey plx
Mi part ves varah loabi ingey
Thanks dear ?
seym thanx???..story up veythw balabala mihunnany..v reethi mi part vs❤❤❤..alhe seym lamee r eem dhuru nukurahchey..when nxt part up date..
Thanks firoo ?Insha Allah on TUESDAY ?
Wow ….. varah reethi….. next part varah ahvaha update koh dhehcheh……..
Thanks dear ?
Wooooowww..v.loabi vaahaka…plz don’t separate ?????
Thanks dear ?
Vv reethi…alhe story avahah up kohdheebaa plx
Thanks Lam ? will update on TUESDAY. ?
Woww……stry vvvv salhi.
Plx plx upload soon dear.
Waiting 4 next part…
Nice day seym
Thanks dear ?
Dhen vaany kihinehbaa dhw… Alhe, eem n laamy dhuru nukurahchey seym.. Ehaa dhuvas kohfa gulhunmyna dhen nuvaane dhw dhurukuraakah.. V v rythi mibaives.. Anehbayah v v inthixaaru kurevey
Thanks Ainth ? ?
Varah loabi eem ndlaamy dhuru nukuranchey
Thanks Mai ?
Woww.. varah reethi .. ❤ waitting ?
Thanks dearr ❤?
Dhen… Idhe varikurumaky ehaa bodu massalaeththa?
Its not a problem in my opinion. ? ekamaku vx mihaaru baeh meehunah ei v bodu massala eh.. Madhun nama vx it happens.
NICE ?
Thanks dearr ?
One of the best story ❤
Waiting for the next part ?
Seym.. thanks for the beautiful story ?
Keep going like this ❤❤
Thanks Izu ?
Salaam. ?
I wont be updating the story today.. Sorry for that but… Will be uploading it asap with a suprise ?
Sad sad sad