Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްނެތް ގުޅުން (6 ވަނަ ބައި)

Shaama Level 110 Stories
November 12, 2017 7 Mins Read
5 Comments

” މާއިން ސައި ބުއީތަ މަންމާ؟..  ސްކޫލު ގަޑިވެސް ޖެހިއްޖެ ކަންނޭގެ” ކޮޓަރިންނުކުމެ ކާމޭޒު ކައިރިއަށްގޮސް މަންމަ ރަޝީދާއާއި މައިޝާ ވާހަކަދެއްކިއެވެ. އޭނާ  ކައިއަވަދިވެއްޖެއޭ މަންމަބުނުމުން މޭޒުދޮށުގައި އިން މާއިން ގޮވައިގެން ކޮޓަރިއަށްވަދެ މައިޝާ މާއިންގެ ޔުނިފޯރމް ލައްވައިދިނުމަށްފަހު އަވަހަށް މާއިންގޮވައިގެން ގެއިންނުކުތީ މާފަންނުމަދަރުސާއަށް ދިއުމަށެވެ. މާއިންގޮވައިގެން ސްކޫލަށް ދެވުނީ ހަމަ ވަގުތަށެވެ.  ރަނގަބީލުގެ އަޑަށް މަދަރުސާދޮށަށް އެއްވެތިބި ހުރިހާ ބެލެނިވެރިން އެމީހުން ގެ ދަރިން ގޮވައިގެން ސުކޫލުތެރެއަށް ވަންނަމުންދިޔައެވެ. މައިޝާވެސް ދަރިފުޅު ގޮސް ކްލާހަށް ވެއްދުމަށްފަހު މަދަރުސާއިން ނުކުތުމަށް ހިނގައިގަތުމާއިއެކު ކައިރައަށް އައިސް މައިޝާގެ އަތުގައި މީހާކު ހިފެހެއްޓިއެވެ. ކާކުކަން ނޭނގިގެން މައިޝާ އެމީހަކަށް ބަލާލިއިރު އެއީ ޝިފްނާއެވެ. ޝިފްނާއަށް މައިޝާ އެ ފެނުނީ ވަރަށް ދުވަސްފަހުންނެވެ. ކޮލެޖް ނިންމިގޮތަށް ޝިފްނާދިޔައީ އޭނާގެ ރަށަށް (ގ.އ. ވިލިނގިއްޔަށް) ކަމުން މައިޝާއަށް ޝިފްނާ ނުފެންނަތާ އެތަށްއަހަރުތަކެއްވީއެވެ.

“އޭއި! ކޮންތާކު ތިއުޅެނީ… ހަބަރެއްވެސް ނުވޭ! ފޭސްބުކަކުންވެސް މީނައެއްނުފެންނާނެ.. ނަންބަރާއެއްޗިހި ބަދަލުކޮށްގެން.. ފިލައިގެން.. ކޮންތާކުތަ ތިއުޅެނީ… ” މައިޝާގެ އަތުގައި ހިފަމުން ޝިފްނާ ޝަކުވާކުރަންފެށިއެވެ.

“އޭ! ޝިފޫތަ؟ ހާދަ ދުވަހެއްފަހުންނޭ ދޯ؟ އެހެންބުނާ މީހާ ޔޯ؟ ކޮބާތަ އާރިޔަން؟ ކީއްކުރަނީ މާލޭގަ؟ ” ޝިފްނާ އަށްވެސް ކުރެވުނީ ސުވާލުތަކެކެވެ.

” އާރިޔަން އެބައުޅޭ.. އަަަހަރުމެން މާލެ ބަދަލުވީއޭ.. ވިލިނގިލީނގެ ޕްރީސްކޫލުގެ ކިޔަވައިދިނުން މަށަކަށް ކަމަކުނުދޭ.. އެހެންވެ ދެން މިކޮޅަށް ބަދަލުވީ .. މި ސްކޫލުގަ ދޯ މައި ދަރިފުޅުވެސް އުޅެނީ؟… ކިހިނެތްތަ ކަންތައްތައް.. ވަރަށް އުފާވެއްޖެ މައި އާ ދިމާވީމަ..” އެހާ ޒަމާންކޮށްފަ ޝިފްނާއަށް މައިޝާފެނުމުން އުފާވިވަރު ހާމަކުރަމުންދިއައެވެ. ” މައި ވަޒީފާއަކަށްނުދަންތަ މިހާރު؟ ދަރިފުޅުގޮވައިގެން ސްކޫލަށްއައިމަ މި އެހީ.. މަ ކެނޑިއްޖައިން މިދިޔައަހަރު.. ކުދިން ލިބުނީމަ ކިޔަވައިދޭން ސްކޫލެއްގަ އުޅުމަކީ ވާވަރުކަމެއްނޫން. އަދި އަމުދުން އެކަނި އުޅޭއިރު..”

“އާނ، މަވެސް މިދިޔަ އަހަރު ކެނޑުނީ.. ރަނގަޅު ވާހަކައެއް. އެކަނިއުޅެމުން ވާވަރު ކަމެއްނޫން އެއީ….”

ދެމީހުންވެސް އެކަކު އަނެކެއްގެ ވާހަކަތައް ކިޔައިދެމުން މަދަރުސާއިން ނުކުމެ ހިނގައިތައެވެ. އަދި ވަކިވުމުގެ ކުރިން ފަހުން ދިމާވާން ވާނެއޭ ބުނެ ނަންބަރު ހޯދިއެވެ.

މައިޝާ ސްކޫލުން ކެނޑުނެއްކަމަކު، މަދު ވަގުތުކޮޅެއް ހޭދަކުރެވޭ ޓިއުޝަން ސެންޓަރަކަށްދެއެވެ. އެތަނަށް ދާންޖެހެނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު އަށަކުން ދިހަ އަކަށެވެ. އެއީ މާއިން ސްކޫލުގައިހުންނަ ވަގުތެވެ. ދެ، ތިން ގަޑި ނަގައިދީ ނިމޭއިރު މާއިން ބަލާ ދާގަޑިޖެހެއެވެ. އެހެންކަމުން އެހެންދުވަސް ތަކެކޭ އެއްފަދައިން ދިހަ އެއް ޖަހަން ގާތްވެފައި ވަނިކޮށް މިއަދުވެސް މައިޝާ ޓިއުޝަން ސެންޓަރުންނިކުމެ މާފަންނުމަދަރުސާއަށް ދިއުމަށް ހިނގައިގަތެވެ. މަޖީދީމަގުގެ މިލިއަން ބުކްޝޮޕްކައިރީ ހުންނަ ‘ސުޕާ ކިޑްސް ޓިއުޝަން’ ސެންޓަރުން ނިކުމެގެން މަޑު މަޑު ސްޕީޑެއްގައި ފިޔަވަޅުއަޅަމުން ދިޔަ މައިޝާއަށް ކުއްލިއަކަށް ސިހުމެއްވީ ކުރިމައްޗަށް މީހަކު އެރުމުންނެވެ. އިސްދަށަށް ޖަހައިގެން ހުރި މައިޝާއަށް ސިހިގެންގޮސް ފިޔަވަޅެއް ފަހަތަށްއެޅުމަށްފަހު އިސްއުފުލާ ބަލާލިއިރު ކުރިމަތީ ހުރީ ކިޔާންއެވެ.

“މައި.. ހިނގާ މާއިން ބަލާ ދޯ؟” ކިޔާންގެ އެސްފިޔަ ދިގު ދެ ލޯމަތި ހުރީ ދުޅަވެފައެވެ. މޫނުމަތިން އާދޭހުގެ ކުލަވަރު ފެންނަން ހުރުމުން މައިޝާ ދެރަވެސްވެއެވެ.

” ކިޔާން ދެން ކީއްކުރަން ތިއައީ. މައި ދާނަމޭ މާއިންބަލާ.. އެހެންދުވަސް ދުވަހުވެސް ދަނީއެއްނު..” މައިޝާ ހާމަކުރަމުން ދިޔައީ ކިޔާންނުލައިވެސް މައިޝާއަށް އުޅެވޭކަމެވެ.

“ނޫން މައި.. އަހަރެން ވީވަރަކުން ދެން މައި އަށް އެހީވާނަން.. އެކަނި ހުރިހާ ކަމެއް ކުރަން ދުލެއްނުކުރާނަން.. ޕްލީސް.. ” ކިޔާން ބޭނުންވީ މައިޝާގެ ރުހުމެވެ.

” އޯކޭ އޯކޭ… ހިނގާ.. ” މީހުންގެ ތެރޭ ކިޔާން ގެ އަމަލާ ހަރަކާތް ހުރުތެވެދާނެ ހެން ހީވެދާނެތީ މައިޝާ އަވަހަށް ކިޔާން ބޭނުންވާ ގޮތަށް އެއްބަސްވިއެވެ. އެހެންކަމުން ދެމީހުން އެކުގައި މާއިން ބަލާ ދިއައެވެ. ކަރުދާސް ގަނޑެއް ނަގައިގެން ބަސްއަހައިގެން ގޮނޑީގައި އިން މާއިން އަށް މަންމައާއި ބައްޕަ އެއްކޮށް ފެނުމުން ވަރަށް އުފާވިއެވެ. އަވަހަށް ދުވެ ގޮސް އާންޓީއާއި ސަލާމް ކޮށްލުމަށްފަހު މަންމީ، ބާއްޕީ ކިޔަމުން މައިޝާމެންގާތަށް ދިޔައެވެ. ކޮލުގައި އާންޓީ ތަތްކޮށްދެއްވާފައިވާ ތަރި މަންމައަށް ދެއްކުމަށްފަހު މާއިންއަށް އަނެއްކާވެސް ސްޓާއެއްލިބުނީ އޭ ބުންޏެވެ. އަދި ކުރަހާފައިވާ ކަރުދާސްގަނޑު މައިޝާއަށް ދެއްކުމަށްފަހު މީ މާއިން ކުރެހި ފެމިލީ ޕިކްޗާއޭ ބުންޏެވެ. ކިޔާން އޭނާ އުރާލުމަށްފަހު ކަރުދާސްގަނޑުގައިވާ މަންޒަރަށް ރަނގަޅަށް ސަމާލުކަންދިނެވެ. އަންހެން މީހަކާއި ކުޑަ ކުއްޖަކު އަތުގައި ހިފައިގެން ހުރި އިރު ފިރިހެން މީހަކު އެ މީހުންނާއި ދުރުގައި ހުރި މި މަންޒަރުފެނި މާއިން ކުރަހާފައި ވާ އެއްޗެއް ރަނގަޅަށް ކިޔާންއަށް ދޭހަވިއެވެ.

“މަންމީ، ދިސް އިސް މާއިން އެންޑް މަންމި.. އެންޑް ދިސް އިސް ޑެޑީ.. ” މާއިން މަންޒަރުގައި ވާއެއްޗެއް ކިޔައިދެމުން ދިޔައީ އޭނާގެ މަަންމައަށެވެ.

“ވައި އިސް ބައްޕި ހިއަރ؟ އެންޑް ނޮޓް ހިއަރ؟ މައިޝާ ކަރުދާސްގަނޑުގައި އިނގިޖައްސަމުން ކިޔާންއަށް އެއްޗެއް ވިސްނުވާދިނުމުގެ ނިޔަތުގައި މާއިންއާއި ސުވާލުކުރިއެވެ.

“ބިކޯސް ބައްޕި އިސް އޯލްވޭސް ނޮޓް އެޓް ހޯމް. ބައްޕި އިސް އޯލްވޭސް ބިސީ ބިސީ.. ސޯ ބައްޕި ކާންޓް ކަމް ޓު ޕާރކް ވިތް މަންމި އެންޑް މާން އެންނު މަންމީ.. ދޯ ބައްޕީ.. ؟ މާއިން އެދިން ޖަވާބުން ކިޔާން ވަރަށް ހިތުގައިޖެހުނެވެ. އެކަމަކު އެއީ ހަމަ ހަޤީޤަތްކަންވެސް ކިޔާންއަށް އެނގެއެވެ. މަދު ފަހަރަކު ނޫނީ ކިޔާންއަށް މައިޝާމެންނާއެކު ބޭރުގައި ވަގުތު ހޭދައެއްނުކުރެވެއެވެ. ކޮންމެއަކަސް އެންމެން ގެއަށް އައިސް ކާމޭޒު ދޮށަށް ތިރިވީ ހެނދުނުގެ ނާސްތާ އިންސާފުކުރުމަށެވެ. އެންމެން އެއްކޮށް ކައި އަވަދިވެގެން މައިޝާ މާއިންއަށް ކުލަޖައްސާނެ ފޮތަކާއި ކުލަ ފަންސުރުފޮއްޓެއް ދިނުމަށްފަހު ކޮޓަރިއަށްވަނީ ކިޔާންގެ ހެދުމެއް އިސްތިރިކޮށްދިނުމަށެވެ.

“މައި.. ވާހަކަ ދައްކަބަލަ.. ޕްލީސް.. ތިހެން ނުހަދަބަލަ…” މައިޝާ ކޮޓަރިއަށް ވަނުމުން އެނދުން ތެދުވެ މައިޝާގެ ގާތަށްގޮސް ކިޔާން މައިޝާއާއި ވާހަކަދައްކަންފެށީ މައިޝާ އޭނާގެ ދިރިއުޅުމުން ގެއްލެން އުޅޭކަމުގެ ބިރުހިތަށް ވަންނަވަރުންނެވެ. މައިޝާ ދޫކޮށްދޭން އެއްބަސްވިޔަސް އެގޮތް ކިޔާން ބޭނުންނުވާތީއެވެ. މައިޝާ ހަމަ އިވޭ ކަމަށްވެސް ނުހަދާ އޭނާގެ މަސައްކަތާއިގެން ކުރިއަށްދިޔައެވެ. އިސްތިރި ކުރާ މޭޒު މައްޗަށް ކިޔާންގެ ގަމީހެއް އެރުވުމަށްފަހު ކިޔާން ގެ ގާތަށްދާންޖެހުނު ސަބަބު މައިޝާ ހަނދާން ކުރާންފެށިއެެވެ.

……………………………………………………..

” ކިހިނެތްތަ މަ ހަދަންވީ… ބޯ ހަލާކު.. ކިޔާން އެންޑް އައި ކާންޓް ބީ ފްރެންޑްސް އެނީ މޯ ފޮ ޝުއާރ” މައިޝާ ފޯނުން ވާހަކަދެއްކީ ޝިފްނާއާއެވެ. ކިޔާން އޭނާގެ ހިތުގެ ހާލު ހާމަކޮށްލުމަށްފަހު އެރޭ މައިޝާމެންގޭގައި އެހާ ގިނައިރު މަޑުކުރާކަށް ނުކެރުނެވެ. މައިޝާވެސް އެކަނިވެލަން ބޭނުންވި ވާހަކަ ބުނުމާއިއެކު ކިޔާން ގެއަށް ދިއުމުން މައިޝާ ފޯނު ކުރީ ޝިފްނާއަށެވެ. ކިޔާން އެ ދެއްކިވާހަކައާއި މުސްތަފާ ފޮނުވި މެސެޖާއިމެދުވެސް ވިސްނޭވަރުންނެވެ.

” އަޅޭ، ކިޔާންއަށް އެވީ ކިހިނެއްތަ ދެން.. މަށަށް އަސްލުކުރިންވެސް ހީވޔޭ ކިޔާން މައިދެކެ ލޯބިވާހެން… އެކަމު ހަމަ ޔަގީންނުވީ… ކިހިނެތް މައި ހަދަން ބޭނުންވަނީ.. ތީގަ އޮންނާނީ މައި ނިންމާ ނިންމުމެއްދޯ.. އެކަމު މުސްތޮކައިރިއަށް ގޮސްގެން ނުވާނެ! އޭނަ ހިތަށްއެރީމަތަ ޓެކްސްޓްކުރަންވީ؟ އަޖައިބެއް! ”

ޝިފްނާއަށް ވިސްނޭއެއްޗެއް މައިޝާއަށް ކިޔައިދިނުމަށްފަހު ނަސޭހަތްތެރިވާންފެށިއެވެ.

“ދެން އަކަމު.. ކީއްވެބާ މުސްތޮ ޓެކްސްޓް ކުރީ.. އޯ ގޯޑް… މަށަށް ހަމަ ވިސްނެނީއޭ!.. މޭބީ ހީ މެންޓް ވަޓް ހީސެޑް.. މޭބީ.. ހީ ރިގްރެޓްސް ވަޓް ހީ ޑިޑް.. ”

“އާނ އެހެންވެ ދޯ އަންހެނެއް އަތުގަ ހިފައިގެން ހުރީ؟ މައިޝާ! ތިންކް ލޭޑީ! ތިންކް! ހީ ޖަސްޓް ވޮނަ ހާރޓްޔޫ.. މޭބީ ހީ އިޒް ޖަސްޓް ޗެކިންގް އޮން ޔޫ! އެޓެންޝަން ސީކް ކުރަނީކަންނޭގެއެންނު.. ބަލަނީ ކަންނޭނގެ އެންނު އަދިވެސް މައި އޭނަޔާހެދި އުޅޭތޯ؟ ” ޝިފްނާދައްކަމުން ދިޔަ ވާހަކައަށް އެހާ ތާއީދުކުރާކަށް މައިޝާގެ ޒަމީރު ގަބޫލެއްނުކުރިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުސްތަފާ ބުނި ތިން ބަހެވެ. “އައި ލަވް ޔޫ” އެވެ. އެހެންވެ އިތުރަށް އެކަމާ ބެހޭގޮތުން ދެން ޝިފްނާއާއި ވާހަކަނުދައްކާ، ދެން ބާއްވަނީއޭ ބުނެ މައިޝާ ފޯނު ކަނޑާލިއެވެ. އަދި ފޯނުގެ ކީބޯޑަށް ބަލަންހުރެފައި މުސްތަފާގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

“ހަލޯ މައި ؟ އެންމެ ރިންގަކުން މައިޝާގެ ފޯނަށް ޖަވާބުދީ މުސްތަފާ މައިޝާއާއި ވާހަކަ ދައްކަންފެށިއެވެ. “އައި ނޫ ޔޫޑް ބީ ކޯލިން މީ… ވަޓް ޓުކް ސޯމަޗަ ޓައިމް…މައި.. ކެންވީ މީޓް. ޕްލީސް؟” އިތުރު  ވާހަކައެއް ނުދައްކާ މުސްތަފާ ބޭނުންވީ މައިޝާއާއި ބައްދަލުކުރަންކަން ހާމަކޮށްލިއެވެ.

“މިހާރު؟ ” މައިޝާއަށްވެސް ކުރެވުނީ ސުވާލެކެވެ. އަތްފައި ފިނިވަމުން ދިޔަ މައިޝާގެ ހިތުގެތެޅުން ގަދަވާންފެށީ މުސްތަފާގެ އަޑުއިވުމުންނެވެ. މުސްތަފާދެކެ ހަޤީޤަތުގައި ރުޅިއަންނަން ބޭނުންވެފައިހުރި މައިޝާއަށް އެކަމެއްނުވިއެވެ. މައިޝާއަށް މުސްތަފާގެ އެ ދައުވަތަށް މަރުހަބާކިޔުނެވެ.

“އާނ.. މިހާރު! މި ދަނީ ބަލާ.” ފޯނުބޭއްވުމަށްފަހު މައިޝާއަވަސް އަވަހަށް ތެޅިގެންފައި ލައިގެންހުރި ނިދާހެދުން ބަދަލުކުރުމަށްފަހު ރީތިހެދުމެއް ގަޔަށްހެޔޮވަރުކޮށްލިއެވެ. މި ކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމެއްވެސް މައިޝާއަކަށް ނުވިސްނެއެވެ. ނަލަހެދިލައިގެން ރޭނގަޑުގެ ދަން ގަޑިއެއްގައި މައިޝާ ގޭ ދޮރާށިމައްޗަށް ނުކުތީ މުސްތަފާ އާ ބައްދަލުކުރެވޭތީވެއެވެ. އަނބުރާ މުސްތަފާ އޭނާގެ ދިރިއުޅުމަށް އަންނަނީއޭ ހިތާހިތުން ކިޔަމުންނެވެ. ހިނދުކޮޅެއްތެރޭ އިންތިޒާރުގެ ވަގުތަށް ނިމުމެއްއައެވެ. މައިޝާގެ ކުރިމައްޗަށް ހުއްޓުނު ކާރުފެނުމާއިއެކު މައިޝާއަށް އެއީ މުސްތަފާގެ ކާރުކަން އެނގުމާއިއެކު އަވަހަށް ކާރަށް އެރިއެވެ. އަދި ހަމަޖެހިލުމަށްފަހު މުސްތަފާ އާއި ވާހަކަނުދެއްކެނީސް ބާރު ސްޕީޑެއްގައި މުސްތަފާ އޭނާގޮވައިގެން ގޮސް ކަލާރސް ކުރިމަތީ ހުރި އިމާރާތެއްކުރިމައްޗަށް މަޑު ކޮށްލިއެވެ. އަދި ތިމަންނާ ކާރު ޕާރކް ކޮށްލުމަށްފަހު މިއަންނަނީއޭ ބުނެ މުސްތަފާ ކާރު ދުއްވާލީ މައިޝާއަށް ކަންތައްކުރަންވީ ގޮތް ކިޔައިދިނުމަށްފަހުއެވެ. ކާރުން ފޭބުމަށްފަހު މަގުމަތީ މަޑުނުކޮށް އަރަންވީ ފްލޯ މުސްތަފާ މައިޝާއަށް ކިޔަައިދިނެވެ. މި ވަމުންދާ ގޮތް ނޭނގޭ ހާލު މައިޝާ ކާރުން ފޭބުމަށްފަހު ކުރިމަތީ ހުރި ދޮރާށި ހުޅުވާލިއެވެ. އަދި ސިޑިބަރިން މައްޗަށް އެރުމަށް ހިނގައިގަތެވެ. މުސްތަފާގެ ހުރިހާ ވާހަކައަކަށް ތަބާވެ މައިޝާއަށް މިކުރެވެނީ ކީއްކަމެއް ހުދު އޭނާއަކަށްވެސް ނުވިސްނެއެވެ. އިރުކޮޅެއްތެރޭ މައިޝާއަށް 3 ވަނަ ބުރިއަށް އެރުނެވެ. އަދި  މުސްތަފާ ބުނި އެޕާރޓްމެންޓްވެސް ފެނިއްޖެއެވެ. އެ އެޕާރޓްމަންޓްގެ ދޮރުގައި ހިފާ ހުޅުވަންމަސައްކަތްކުރި ވަގުތަށް މުސްތަފާއަށް އާދެވުނެވެ. ލަހެއްފަހެއްނުކޮށް މުސްތަފާގެ އަތުގައި އޮތް ތަޅުދަނޑި ނަގާ އެޕާރޓްމެންޓްގެ ދޮރުހުޅުވާލިއެވެ.

“އާދޭ.. މިވެސް މުސްތޮގެ ގެއެއް. ” ދޮރުހުޅުވުމަށްފަހު  އެތެރެއަށް ވަންނަމުން މުސްތަފާ މައިޝާއަށް ކިޔައިދިނެވެ. “އާދޭ.. އާދޭ.. އިށީނދޭ…” ސޯފާ ދެއްކުމަށްފަހު މުސްތަފާ އެޕާރޓްމެންޓްގެ ދޮރުލައްޕާ ތަޅުލިއެވެ. މައިޝާ ކޮންމެވެސް ވަރަކަށް ބިރުވެސް ގަންނަންފެށިއެވެ. އެހެނަސް މުސްތަފާ އޭނާއަށް ދެރަ ގޮތެއް ނުހަދާނެއޭ ހިތާ ހިތުން ކިޔާލުމަށްފަހު ގޮސް ސޯފާގައި އިށީނެވެ. އެއިރުވެސް މައިޝާ ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. މީގެ  ހަފްތާއެއްކުރިން މައިޝާހުރީ މުސްތަފާ އޭނާގެ ދިރިއުޅުމުން ބޭރުކޮށްލާފައެވެ. އެކަމަކު މިހާރު އޭނާ އެހެރީ މުސްތަފާގެ ކުރިމަތީގައެވެ. މިއީ މުސްތޮ ކީއްކުރަން މައިޝާ ގޮވައިގެން އައިތަނެއްބާއެވެ. ވާހަކަދައްކަން ބޭނުންވާ މީހެއްނަމަ މީނޫން ތާކަށްވެސް މައިޝާގޮވައިގެން އާދެވުނީހެއްނޫންހެއްޔެވެ.

ފިކުރުބޮޑުވެފައި އިން މައިޝާ އަށް ހޭވެރިކަމެއް ވީ މުސްތަފާ އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. މައިޝާގެ ކުރިމަތީ އިށީނދެގެން އިން އިންސާނާގެ ދެލޮލުގައި ޖާދުވީ އަސަރެއްވާކަހަލައެވެ. އެހިނދު މައިޝާގެ ދެލޮލުން ފެންކަޅިވެގެންދިޔައެވެ. މުސްތަފާ ކަންތައްކުރިގޮތް ހިތަށްއެރުމުންނެވެ.

“ކީއްވެ މުސްތޮ އޮޅުވާލީ؟ ކީއްވެ ރީތިކޮށް ނުބުނީ މުސްތޮގެ ގާރލްފްރެންޑެއް ހުންނަވާހަކަ؟ ބުނިނަމަ އަހަރެން މުސްތޮއަކަށް ޕްރޮޕޯސްއެއް ނުކުރާނަން.. ކައިރިވެސް ވާން ނޫޅޭނަން…” މައިޝާގެ ޝަކުވާތަކަށް ބީރުކަންފަތެއްދެމުން މުސްތަފާ މައިޝާގެ އަނގަމަތީ މަޑުމަޑުން  އަތްއެޅީ ވާހަކަ ނުދައްކާށޭބުނަމުންނެވެ. “ސޮރީ.. ދެން އެހެނެއްނުވާނެ…” ވައި އަޑުން މުސްތަފާ މައިޝާގެ ކަންފަތްކައިރި މިހެންބުނެލުމަށްފަހު މައިޝާ އިންތަނުން ތެދުކޮށް އޭނާގެ އަތްދަނޑިމައްޗަށް މައިޝާނެގިއެވެ. ސިހިގެންގޮސް މައިޝާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަދި ބޭއިހްތިޔާރުގައި މުސްތަފާގެ ކަނދުރާ ވަށާ އަތްއަޅުވާލެވުނެވެ. ދައްކަމުން ދިޔަ ވާހަކަ ހުއްޓާލުމަށްފަހު މައިޝާއަށް މުސްތަފާގެ ދެލޮލަށް ބެލުނެވެ. މުސްތަފާހީވަނީ ކުޑަކުއްޖަކު އުރާލައިގެން ހުރިހެނެވެ. ހިނދުކޮޅަކަށް މައިޝާ އަށް ބަލަންހުރެފައި މައިޝާގެ މޫނުމަތިން ހިނިތުންވުމުގެ ނިޝާނެއް މުސްތަފާއަށް އިހުސާސްވުމުން މައިޝާ ގޮވައިގެން މުސްތަފާދިޔައީ އެ އެޕާރޓްމަނެޓްގެ ކޮޓަރީއާދިމާލަށެވެ. ހިނިތުންވެ ހުރެ މައިޝާގެ ނިތްކުރިއަށް މުސްތަފާ ބޮސްދިނުމަށްފަހު އެ ކޮޓަރީގައި ހުރި ޑަބަލްބެޑުމަތީ މައިޝާ ބާއްވާލިއެވެ. ލޮލާލޮލުން ވާހަކަދައްކަމުންދިޔަ ދެމީހުން ސިހިގެން ދިޔައީ ޖެހި ވަރުގަދަ ގުގުރީގެ އަޑަށެވެ. ވައިގަދެ ލައްޕާފައި ހުރި ކެހޭ ކުޑަދޮރުތަކުން ވައިކެފޭއަޑު ބާރުބާރަށް އިވެންފެށިއެވެ. ވިދާލާ ވިދުވަރުން އަނދިރިކޮށްފައި ހުރި ކޮޓަރިން އަލިކަން ފާޅުވާންފެށިއެވެ. ހީވަނީ ވަރަށް ވަރުގަދަ ތޫފާނެއް އަންނަން އުޅޭހެނެވެ. ހިނދުކޮޅެއްތެރޭ ވިއްސާރަވެ ވާރޭވެހެންފެށިއެވެ. މި ވިއްސާރަ ރޭނގަޑު މައިޝާމެންނަށް ވެގެންދިޔައީ ޖާދުވީ ރެއަކަށެވެ.  މައިޝާގެ މޫނަށް ބޮސްދެމުން މުސްތަފާ އޭނާގެ ބޮލުގައި އޮތް ބުރުގާ ގައި ހުރި ޕިންތައްނައްޓައިލިއެވެ. މުސްތަފާގެ ކޮންމެ ހަރަކާތަކަށް މައިޝާ ދިޔައީ މަރުހަބާކިޔަމުންނެވެ. ވެހެމުންދިޔަ ވާރެއާއިއެކު މައިޝާގެ ހިތާ  މުޅި ޖާން މުސްތަފާއަށް އެރޭދެވުނެވެ. ހިތްފުރެންދެން މުސްތަފާގެ ލޯބި އެރޭ މައިޝާއަށް ލިބުނެވެ. އެރޭ ކޮޓަރިތެރެއިން އިވެމުންދިޔަ ލަވަވެސް އޭނާގެ ސިކުނޑިގައި ހަރުލިއެވެ.

…………………………………………

އާދުވަހެއްގެ ފެށުމަކާއިއެކު މައިޝާއަށް ހޭލެވުނެވެ. ހަމަ ހޭވެރިކަން ވުމާއިއެކު ރޭ ދިމާވި ކަންތައް ސިކުނޑީގައި އެނބުރެންފެށިއެވެ. ލޯމަރައިގެން މުސްތަފާގެ ހަނދާނުގައި އޮވެ މައިޝާއަށް ހިނިތުންވުން ނޫންކަމެއް ނުވެއެވެ. ފޯނުނަގައި އޭނާގެ މިއުޒިކް ޕްލޭ ލިސްޓްގައި ސޭވްކުރި ލަވަ ޖަހާލުމަށްފަހު މަޑު މަޑުން އެ ލަވަ ކިޔާލަ ކިޔާލަ މައިޝާއަށް އޮވެވުނީ ދުނިޔެއިން ލިބެން އޮތް ހުރިހާ އުފަލެއް ލިބިގެން އުޅޭމީހެއްހެނެވެ.

” ކޭސޭ ބަތާއޭ، ކޭސޭ ޖަތާއޭ،

ސުބާތަކް ތުޖްމޭ، ޖީނާ ޖާހޭ،

ބީގޭ ލަބޯނކީ، ގީލީ ހަސީނކޯ،

ޕީނޭކާ މޯސަމްހޭ، ޕީނާ ޗާހޭ…

އިކް ބާތް ކަހޫ ކިޔާ އިޖާޒަތްހޭ..

ތެރެ އިޝްގް ކި މުޖްކޯ އާދަތްހޭ.. އޯ އާދަތްހޭ….”

ސިއްސައިގެން ގޮސް ދެލޯ ހުޅުވާލެވުނީ ފޯނުން ޖަހަމުން ދިޔަ ލަވަ ހުއްޓި ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަަހަށް ފޯނުނަގައި މައިޝާ ފޯނަށް ޖަވާބުދިނީ މުސްތަފާ ގެ ކޯލެއް ކަމަށެވެ.

” ހަލޯ؟ މައި.. ހޭލާތަ؟ ކޮލެޖަށް ނުދަނީތަ؟ ” ފޯނުން ވާހަކަދެއްކީ ކިޔާންއެވެ. މައިޝާ ކްލާހަށް ދާން ކިޔާންއަށް ނުގުޅާތީ ކޮލެޖަށް ދޭތޯ ނުދޭތޯ އޮޅުންފިލުވަން ވެގެންނެވެ. ކިޔާން ކުރިސުވާލުން މައިޝާއަށް ހަމަރަނގަޅަށްވެސް ހޭވެރިކަންވެއްޖެއެވެ. އެހިނދު ކިޔާންއަށް ޖަވާބުދިނުމަށްފަހު އަވަހަށް ތެޅިގެން ކޮލެއްޖަށްދިއުމަށް ތައްޔާރުވިއެވެ.

ކޮލެޖައްގޮސް މައިޝާގެ އާދަޔާޙިލާފު އުޅުމާމެދު ޝިފްނާމެން ތިބީ ބުނާނެ އެއްޗެއްނޭނގިފައެވެ. ސަކަރާތްބޮޑުވެފައި ހުރި މައިޝާމެން ފިޒާޒްއަށް ވަދެ ތިބީ އެހެންދުވަސްތަކެކޭ އެއްފަދައިން ހެނދުނުގެ ސައަށް އިންސާފްކުރުމަށެވެ.

” އޭއި ނާއިލާ! ނުވެސް ފެނޭ ކޮންތާކުތިއުޅެނީ؟ މަންމަ ވަރަށް ކި ރޭގަ ތިގެއަށް ދާ ވާހަކަ. ތިގެއަށް ދައުވަތުކާޑެއް ހިފައިގެން ދާންވެގެން. އެކަމު ވިއްސާރަ ވާންއުޅޭހެން ހީވެގެން ބުނީ މިއަދު އޭ ދާނީ.. އެކަމު ރަނގަޅެއްނު މަށާ ދިމާވިކަން. އެބައޮތް ކާޑު.” ނާއިލާއާއި ފިޒަޒް ތެރެއިން ދިމާވީ އޭނާއާއި ދެބެންގެ ދެދަރި ކުއްޖެކެވެ. އެއްކޮށް ސްކޫލުނިންމި އޭނާގެ މަންމަ ފަރާތު ބޮޑުދައްތައެއްގެ ކުއްޖެކެވެ. އެ އަންހެންކުއްޖާގެ ދަބަހުން ކައިވެނީގެ ދައުވަތު ކާޑެއް ނެގުމަށްފަހު ނާއިލާއަށް ދިނީ އާއިލާއެންމެނަށް  އޭނާގެ ބައްޕަރާތު ބޮޑުބޭއެއްގެ ދަރިއެއްގެ ކައިވެންޏަށް ދައުވަތު އަރުވަމުންނެވެ.

“ތެންކިއު. މަންމަ ގާތުބުނާނަން އިނގޭ ލިބުނު ވާހަކަ. އެންމެނަށް ސަލާންބުނައްޗޭ! ތިމީހުން ނަހުލާގެ ކައިވެންޏަށް ތައްޔާރުވަނީ ދޯ؟” ނާއިލާ އެކުއްޖާއަށް ޝުކުރުއަދާ ކުރުމަށްފަހު ކާޑުހޯދިއެވެ. އަދި އެކުއްޖާގެ ރައްޓެހިންނާއިއެކު ގޮސް މޭޒެއްގައި އިށީނުމުން މައިޝާމެން އަވަސްވެގަތީ އެކާޑު ރީތިކަމުން  އެޔެއްބެލުމަށެވެ. މައިޝާ ކާޑު ހުޅުވާ ބަލާލުމަށްފަހު އޭގައިވާ ޑިޒައިންގެ އިތުރުން އޭގައި ލިޔެފައިވާ ނަންތަކަށްވެސް ރަނގަޅަށް ބަލާލިއެވެ. ހައިރާންކަމަކާއިއެކު ހިފަހަށްޓައިގެން ހުރި ކާޑާއިއެކު މައިޝާއަށް އިންތަނުންތެދުވެވުނެވެ. އޭގައި ލިޔެފައިވާ ނަންތައް ތިން ހަތަރުފަހަރަށް ކިޔާލީ، ކާޑުގައި ލިޔެފައިވާ ފިރިހެންމީހާގެ ނަމަކީ ރަނގަޅަށް ލިޔެފައިވާ ނަމެއްތޯ ޔަގީން ކުރުމަށެވެ. ކާޑުގައި އޮތްނަންފެނި މައިޝާގެ ފައިތިލަ ދަށުން ބިންގަނޑުދެމިގެން ދިޔަކަހަލައެވެ. އޭނާއަށް ރޭ ކުރެވުނު ކަންތައް ހިތަށްއަރައި މުޅި މީހާ ދާހިއްލާ ފޯވާންފެށިއެވެ. މައިޝާއަށް ވާގޮތް ފެނި ޝިފްނާ އިންތަނުން ތެދުވެ މައިޝާއަތުން ކާޑުނެގިއެވެ.

“ކިހިނެއްވީތަ މައި؟ ކޯއްޗެއްފެނިގެންތަ ތި ބިރުގަންނަނީ؟ މައިޝާއަށް ވެފައި ހުރިގޮތް ފެނި ކާޑު މައިޝާގެ އަތުން އަތުލުމަށްފަހު ޝިފްނާ އޭގައި ލިޔެފައި ހުރި ނަންތައް ކިޔާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaama

Level 110 Stories

teacher

Other Articles

Previous

މީޝާ (11)

Next

ތިޔަ ދިން އުފާ 35

Next
November 12, 2017

ތިޔަ ދިން އުފާ 35

Previews
November 12, 2017

މީޝާ (11)

5 Comments!

  1. Rsh says:
    November 12, 2017 at 9:54 am

    WOW hama best engey

    1. shereen says:
      November 12, 2017 at 6:03 pm

      Thank you 🙂

  2. Angel says:
    November 12, 2017 at 10:04 am

    i jx love your story..

    1. shereen says:
      November 12, 2017 at 6:04 pm

      Glad u like it. 🙂

  3. PRINCESS AFU says:
    November 12, 2017 at 10:23 pm

    Habeys

Comments are closed.

Next Episodeލޯތްބެއްނެތް ގުޅުން (7 ވަނަ ބައި)←


All Right Reserved!