ހިތުގާ ފޮރުވާލަދޭށޭ ( 1 ވަނަ ބައި )
ޖެހެމުންދާ ގަދަ ވަޔާއި ވެހެމުންދާ ބޯ ވާރޭގެ ތެރެއިން ” މެޒަރިން ބޯޓް” ހއ ކެލާ ފަޅަށް ވަނެވެ. މާސިންގާ ބޮޑުކަނޑުގައި އެހާމެ ގަދައިގައި ދަތުރުކޮއްފައި މާލެއިން ރަށަށް އާދެވުނުއިރުގައި ރަށަށްވެސް އެހާމެ ވިއްސާރައެވެ. ވިދާ ގުގުރައެވެ. ބޯޓުން ނުފޭބިފައި މީހުންތައް ތިއްބެވެ. އިރ އޮއްސެންގާތްވާތީ ބައެއް މީހުން ބޯޓުން ފައިބަން އަވަސްވެގަތެވެ. ކުޑައަޅައިގެންވެސް ދެވޭނެހެނެއް ހިއެއް ނުވެއެވެ. ވައިގަދަކަމުންނެވެ.
އޭނާ އަންނާނޭކަން ޔަޤީނެވެ. ކޮންމެވެސް ތަނެއްގައި ފިލާހުންނާނޭކަން ގައިމެވެ. ފަހުދުގެ ސިކުނޑި ހުއްޓިފައިވަނީ އެ ޚިޔާލުތަކަށެވެ. ވެހޭ ވިއްސާރައަށް ނުބަލައި ފަހުދު ބޯޓުން ޖެޓީއަށް ފުންމާލިއެވެ. އަދި ވަށައިގެން ހޯދާލިއެވެ. އަތިރިމަތީގައިވާ ރުއްދަނޑާއި ދިމާލަށް ފަހުދު ދުއްވައިގަތެވެ.
” ލޯބިވާއެވެ! ކަލާ ކޮބައި ހެއްޔެވެ؟ އަހަރެންގެ ހިތުގެ ރާނީއެވެ. އަހަރެން މިހުރީ އައިހެވެ. އަހަރެންގެ ފަރާތުން އެތަކެއް އުފާތަކެއް ދޭން މިހުރީ އައިހެވެ. އަހަރެންގެ ހިތުގެ ވެރިޔާއެވެ. ނުކުންނާށެވެ. ފިލައިގެން ނުހުރެ މި އަތުގެ ތެރެއަށް އަންނާށެވެ. ” ފަހުދު ހިތާ ހިތާ ކިޔަމުންދެއެވެ.
އެއްވެސް ހިލަމެއް ނުވިއެވެ. ތެމިފޯވެފައިވާ ހާލު، ފަހުދު ގެއާއި ދިމާއަށް މިސްރާބްޖެހިއެވެ. އެވަގުތު ފަހުދުގެ ކޮނޑުގައި މީހަކު އަތްޖައްސާލުމުން ސިހިފައި އަވަސް ހިތަކާއިގެން ފަހަތްބަލާލިއިރު ކުރިމަތީގައި މިހުރީ އޭނާކުރި ފޮނި އިންތިޒާރުގެ ނިމުމެވެ. ހިތުގެ ޝިފާއެވެ. ލޮލުގެ ނޫރެވެ. ލޯބިންގޮސް އުރާލުމަށް ހިތްއެދުނެވެ. އޭނާ ގޮވައިގެން އުދުހެލުމަށް ބޭނުންވިއެވެ. ތެމިގެން ތުރުތުރު އަޅާ އަތަކުން ފަހުދުގެ އަތުގައި އޭނާ ހިފާލިއެވެ.
އެހިތް ބުނަމުންދެއެވެ. ” ލޯބިވާއެވެ. އަހަރެން މިހުރީ އައިހެވެ. މިހިތުގައި ރަސްކަން ކުރަމުންދާ ރަސްގެފާނެވެ. މިހުރީ ކަލާގެ ކުރިމަތީގައި ނޫންހެއްޔެވެ؟ މިހުރީ ކަލާގެ އަތުތެރެއަށް ވަންނަން ބޭނުންވެފައެވެ. ކަލާގެ މެއިން ހޫނުކަން ހޯދަން އެދިއެދިއެވެ. “
ވިދާލި ވިދުވަރުން ފަހުދަށް އޭނާގެ މޫނު ފެނުނެވެ. ހާދަ ލޯތްބެވެ. ކުރިއަށްވުރެން މާ ލޯތްބެވެ. ބޭއިޚްތިޔާރުގައި ފަހުދަށް ބުނެލެވުނެވެ.
” ކަލާގެ މޫނުގައި ވާރޭގެ ފެންތިކިތައް ބީހިލާއިރު ޝަބްނަމްގެ ފޮނިކަން އިޙްސާސްވެއެވެ. ކަލާ މިހާރު ހާދަ ލޯތްބެވެ. ދެނެއް ކެތެއް ނުކުރެވޭނެއެވެ. ” ފަހުދު މަޑުމަޑުން ކައިރިވާންފެށިއެވެ. ފަހުދުގެ މޭގާ އޭނާ އަތްޖައްސާލިއެވެ. އަދި އޭނާގެ ލޯބި ލޯބި އަޑު އިއްވާލިއެވެ.
” ނޫނެކެވެ. އަހަރެން ލަދުގަންނަވާ ނުލާށެވެ. ކަލާގެ ޖާދުވީ އަޑުން އަހަރެންގެ ހިތަށް އަސަރުކުރުވައިފިއެވެ. ޤުދުރަތުން ކަލާއަށް ލިބިފައިތިވާ ފިރިހެންވަންތަ ކަމުގެ ސަބަބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ. ނޫނެކެވެ. ދުރަށްދާށެވެ. ލޯބިވާއެވެ. ފަހުންނެވެ. ” އޭރު ފަހުދުގެ ދެއަތުން އޭނާގެ ޕަރީގެ އުނަގަނޑު ވަށާލައިފިއެވެ.
” ދެން………… ” ތެޅިގަނެފައި ޔާނާ ދުރަށްޖެހިލިއެވެ.
” އަދިވެސް ހާދަ މޮޅޭ! ” ފަހުދު ޔާނާ ގެ ކޮލުގައި ހިފާލިއެވެ.
” ހީކުރީތަ ފަހުދަށް އެކަންޏޭ ލޯބީގެ ވާހަކަ ދެއްކޭނީ؟ ފޯނުން އަހަރެން ބަލިކޮއްލިޔަސް، ކައިރިއަށް އައީމަ ފަހުދު ދަށްވާނެ! ” ޔާނާ ބުނެލިއެވެ.
” އެއީ… ؟ ” ފަހުދު އެއްސެވެ.
” އެއީ………… އަހަރެން ފެނުނީމަ ފަހުދަށް ވާނެގޮތް އެނގޭތީ! ދެންބުނެބަލަ! މިތާ ހުންނާނެކަން ކިހިނެތް އިނގުނީ؟ ” ޔާނާ ވަރަށް ލޯބިން ސުވާލުކުރިއެވެ.
” އިނގުނީ؟ އިނގުނީ ހުސެން ގުޅާފަ ބުނީ މިތާ ރުކެއް ދަށުގަ ހުއްޓަ ދެކުނީމޯ…. ” ފަހުދު ހޭންފެށިއެވެ.
” ބަލާ ބަލަ ލާނެތްކަން… އާޝިޤަކަށްވެސް ނުވެވުނެއްނު! މޮޅެތި ވާހަކަ ދައްކާނެ ….. ” ޔާނާ ފަހުދުގެ ބަނޑުގައި ކޮއްޓާލިއެވެ.
ތެމިފޯވެގެން ފަހުދާއި ޔާނާ ގެއަށް ގޮސް ވަތްވަގުތު ފަހުދުގެ މަންމަ ބުނެލިއެވެ.
” އަހަނ ފަހުދު ކިހިނެތްތަ؟ “
ފަހުދު ޖަވާބެއް ނުދީ އުޅެނިކޮށް އަނެއްކާވެސް އިވުނީ މަންމަގެ އަޑެވެ،
” ޔާނާ ތެމިގެން ދެން ކީއްކުރަން ދިޔައީ؟ އަވަސް ކޮއްގެން އާދޭ ސައިހަދަން ” މަންމަ ޖަމީލާގެ އަޑުގައި ރުންކުރު ގޮތެއް ހުރިކަން ފަހުދަށް ފާހަގަ ކުރެވުނެވެ.
” ގޭތެރޭގެ ކަންތައްތައް ރަނގަޅުތަ؟ ” ފަހުދު ކޮޓަރިއަށްވަދެ ޔާނާއާއި ސުވާލުކުރިއެވެ.
” ހޫނ… ރަނގަޅު.. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު! ” ޔާނާ ތުވާލި ދިއްކޮއްލަމުން ބުނެލިއެވެ.
” އަސްތާ ދަބަސް ވީ ބޯޓުގަ! ” ފަހުދު އެހެން ބުނިތަނާހެން ދޮރުގައި ޓަކިޖަހާލިއެވެ.
ޔާނާގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުސެން ހުއްޓެވެ. ފަހުދުގެ ދަބަސް ހިފައިގެންނެވެ. ” އޯހ ތޭންކްސް…. ” ފަހުދު ބުނެލިއެވެ.
” ހުސެން ކީއްކުރަން ބުނީ އަހަރެން ރުއްދަށުގައި ހުރިވާހަކަ….. ” ޔާނާ ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ.
” ދެން ހަމަ ޖެއްސުމަށް ބުނީ…….. އޭތް މިރޭ ކޮފީއަށް ދާން ވާނެދޯ! ” ހުސެން ބުނެލިއެވެ. ފަހުދު ބޯހަޖާލިއެވެ.
ޔާނާ އުޅެނީ ބަދިގެ ތެރޭގެ މަސައްކަތުގައި އަވަދި ނެތިއެވެ. ފަހަތުން ފަހުދު އައިސް ބައްދާލުމުން ޔާނާ ތެޅިގަތެވެ.
” އޭ! މަންމަ އަށް ފެނިދާނެ! ދޫކޮއްލާ!”
” ފެނުނަސް ތީ މަގޭ ލޯބިލޯބި އަނބިމީހާ އެއްނޫންތަ؟ ދެން މިހާ ދުވަސް ވަންދެން ދުރުގަ އުޅެފަ އައިސް އަދިވެސް ވީ ދުރުގަ ހުންނަންތަ؟ އާދެބަލަ! ” ފަހުދު ހިތްހަމަ ނުޖެހުނުކަން އިނގުމުން ޔާނާ އަވަސް އަވަހަށް ކޮށަން ހުރި ފިޔާކޮޅު ބެހެއްޓުމަށްފަހު އަތްދޮވެލައިގެން ކޮޓަރިއަށްވަނެވެ.
” ހޫނ…. ކީކޭ؟ ” ޔާނާ އާދައިގެ ގޮތަކަށް އަހާލިއެވެ.
” ކީއްވެތަ ދުރުން ތިއުޅެނީ؟ ” ފަހުދު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ
” ދެން… މަސައްކަތްވެސް ކުރަންޖެހޭނެއްނު! މިގޭގަ އެހެން މީހަކު ހުރީކީ އެއްނޫން…. މަންމައަށް ހުރިހާ ކަމެއް ނުޖެއްސޭނެއެއްނު… ” ޔާނާވެސް އުޅުނީ ފަހުދަށް ވިސްނައިދޭށެވެ.
ފަހުދުގެ މަންމަގެ ހުރި ހަމައެކަނި ދަރިއަކީ ފަހުދެވެ. ބައްޕަ ނިޔާވުމުން މަންމަ ފަހުދު ބަލާބޮޑުކުރީ ވަރަށްވެސް ދަތި ޙާލުގައެވެ. މިހުރިހާ ކަމެއް ފަހުދުވަނީ ޔާނާއަށް ކިޔައިދީފައެވެ. އެހެންކަމުން ޔާނާ ފަހުދުގެ މަންމައަށް ވަރަށް އިހުތިރާމްކުރެއެވެ.
” އާނ ދެން އޯކޭ….. މެޑަމް އަވަހަށް ދޭ…….. މިދަނީ ހުސެންކައިރިއަށް އިނގޭ! ” ފަހުދު ވަރަށް ލޯބިން ޔާނާގާތު ބުނެލިއެވެ. ޔާނާ މާނޭވާއެއް ލިއެވެ.
ފަހުދު ނުކުމެގެން ދިޔުމުން ޔާނާ އަވަސް އަވަހަށް ބަދިގެއަށް ދިޔައިރު މަންމަ ހުރީ މަސްރިހަ ކައްކަން އުދާފައެވެ.
” އަޅެ މަންމާ! މަޑުކޮއްލިނަމަ…. “
” ދެން އަވަސް ކޮއްލީ! ޔާނާއަށްވެސް ފަސޭހަވާނެއެއްނު މަންމަވެސް އެހީތެރިވެދިނީމަ! މިހާރު ކޮބާތަ ފަހުދު؟ ” ޖަމީލާ މޭޒުމަތި ސާފުކުރަމުން ބުނެލިއެވެ.
” ވެއްޖެ ކޮފީއަކަށް ގޮސް ހުސެންއާއި އެކު! ” ޔާނާ ބުންޏެވެ.
***************
ފަހުދު ރަށަށް އައީ އެއްމަސް ދުވަހުގެ ޗުއްޓީ އެއްގައެވެ. ދުވަސްތައް ފާއިތުވަމުންދާލެއް އަވަސް ކަމުން ފަހުދު ހުންނަނީ މާޔޫސްވެފައެވެ.
” އެއީ މާ ބޮޑަށް އުފަލުގަ އުޅެވޭތީ ހީވަނީ އަވަސްހެން.. ” ޔާނާގެ އުނގުގައި އޮތް ފަހުދުގެ ބޮލުގައި ފިރުމަމުން ޔާނާ ބުނެލިއެވެ. އެވަގުތު ފަހުދު ޔާނާގެ އަތުގައި ފިރުމާލިއެވެ،
” ދާހިތެއްނުވޭ! އޮފީސް ކުދިންވެސް ބުނާނެ އަބަދުވެސް އަހަރެން ޗުއްޓީ ނަގާހިތުން އުޅޭވާހަކަ… އަސްލު ޔާނާ ކައިރިއަށް އަންނަހިތުން… “
ޔާނާ ހީލިއެވެ. ފަހުދު ތެދުވެ ޔާނާގެ ބޯ އޭނާގެ މޭގައި ޖައްސާލިއެވެ. މަޑުމަޑުން ދެމީހުން ކައިރިވާންފެށިއެވެ.
******************************
ފަހުދު ގާތު މުޅި ދުވަސް ކޮޓަރީގައި ހޭދަކުރުމަށް ފަހުދު އެދުނެވެ. އެހެނަސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ބުނެ ޔާނާ ދެކޮޅު ހެދިއެވެ،
” ދެން.. މަންމަ އެކަނި ހުންނާނީ.. މަންމަ އެކަނި ކައްކާލައިގެން ކާލަފާނެ.. ލޯބި އަހަރެންގާތު މަޑުކޮއްބަލަ.. އެއްކޮށް ފިލްމު ބަލާލާ މަޖާ ކޮއްލާ ހަދާން..”
ޔާނާ ދެކުނު ގޮތުގައި ދާން ކައިރި ވާވަރުން ފަހުދު ދެރަވަނީއެވެ. އެހެން އެއްކޮށް އުޅުނީމަ މާ ބޮޑަށް އޭނާވެސް ދެރަވާނެތީ ޔާނާ އިންކާރު ކުރިއެވެ،
ޔާނާ ކޮޓަރިން ނުކުތް ވަގުތު މަންމަ ބުންޏެވެ. އާދޭހުގެ ރާގަކަށެވެ.
” ދެކުނު އަވަށުގައި ހުރި ފިހާރައެއްގައި އެބަ ހުއްޓޯ ވަރަށް ރީތި ބުރުގާ! ދޭބަލަ މަންމައަށް ބުރުގަލެއް ގަނެލަދޭން…. ”
” ހުސެންވީ ސައިކަލްގައި ގޮސް.. އޭނަ އައީމަ، ފަހުދާއި އެކު ދާން މަޑުކޮއްލަންތަ؟ ” ޔާނާ ވަރަށް ލޯބިން އަހާލިއެވެ.
” ނޫނޭ ނޫނޭ…. އެ ހުސްކޮއްފާނެ.. ހަބީބާ މެންވެސް ގަނެގެން އަތުވެއްޖެ! ” ޖަމީލާ ހިތްހަމަ ނުޖެހުނުކަން އެނގުމުން ޔާނާ މިދަނީއޭ ބުނެ ކޮޓަރިއަށްވަނެވެ. އެނދުގައި އޮތް ފަހުދު ކައިރީ ބުނުމަށްފަހު އޭނާ ނުކުތެވެ.
ޔާނާ ބުރުގާ ގަނެގެން އައި އިރު ފަހުދެއް ނެތެވެ. ޔާނާއަށް ރޮވުނެވެ. ކަންތައް ކުރެވޭ ގޮތާއިމެދު ވިސްނާލެވުނީއެވެ. ފަހުދު ޔާނާގެ ލޯތްބަށް އެދޭ ގިނަފަހަރު ޔާނާއަށް އޮންނަނީ ވަގުތު ނުދެވިފައެވެ. އެއީ ޔާނާގެ މައްސަލައެއްކަމަށް ޔާނާ ޤަބޫލުކުރެއެވެ. ފަހުދުގެ އިންތިޒާރުގައި މެންދަމު ތިނެއް ޖަހަންދެން ޔާނާ އިނެވެ. ފަހުދު ގެއަށް އައިސް ވަތްއިރު ޔާނާ ނުނިދާ އިނުމުން އޭނާ ކަންބޮޑުވިއެވެ.
” ކީއްވެ ނުނިދާ؟ “އާދައިގެ ގޮތަކަށް ފަހުދު އެހެން އެހުމުން ޔާނާއަށް ރޮވުނެވެ.
” ފޯނު ޗާޖަށް ޖަހާފަ ދެވުނީ….. ” އަނެއްކާވެސް ފަހުދު ވާހަކަ ދެއްކިއެވެ.ޔާނާ އެއްވެސް އެއްޗެއް ނުބުނެއެވެ.
” ދެން އޮށޯވެލާ ނިދަން. މިއައީ ބޭރުން ކައިގެން… “
” ކޮންތާކުން ކެއީ؟ ” ޔާނާ ސުވާލުކުރިއެވެ.
” ބޮޑުދައިތަމެންގެއިން.. ” ސޯޓުބުރި ލައިގެން އައިސް ފަހުދު އޮށޯވެއްޖެއެވެ. ޔާނާ އަށް އިތުރަށް ރޮވުނެވެ.
ހެނދުނު ތެދުވެ ސައިކެއްކުމަށްފަހު ޔާނާ ކޮޓަރިއަށް ދާން ހިނގައިގަތްއިރު ފަހުދު ނުކުންނަނީއެވެ. ” އާދޭ ސައިބޯން! ” ޔާނާގެ އަޑު އިވޭކަމަކަށް ފަހުދެއް ނުހެދިއެވެ.
” ފަހުދު ސައިބޯން އާދޭ! ” ބޭރުން ވަދެގެން އައި ޖަމީލާ ގޮވާލިއަޑަށް ފަހުދު އައިސް ކާގެއަށް ވަނެވެ.
ފަހުދު ދުރުވަމުން އަންނަވަރު ޔާނާއަށް އިޙުސާސް ކުރެވެންފެށިއެވެ. ޔާނާއަށް އެތާ މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ. މަޑުމަޑުންގޮސް ކޮޓަރިއަށްވަނެވެ.
” ހާދަ ކުޑަކޮށް ތިކެއީ؟ ” ފަހުދު ފެންތަށި ބޯލުމުން ކައިރީގައި ހުރެ ޖަމީލާ ބުންޏެވެ. ފަހުދު ބަނޑުހައި ނުވާކަމަށްބުނެ ކޮޓަރިއަށް ދިޔައެވެ.
ފަހުދު ކޮޓަރިއަށް ވަތްއިރު ޔާނާ އޮތީ ރޯށެވެ.
” ކީއްވެ ތި ރޮނީ؟ ” ފަހުދު ޔާނާގެ މަގަތުގައި އިށީނެވެ.
” ކަމެއް ނުވޭ! ” ޔާނާ ކަރުނަ ފޮހެލުމަށްފަހު ތެދުވެ ހިނގައި ގަތުމުން ފަހުދު ޔާނާގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ. އަދި ޔާނާގެ މޫނާއި ގާތްވެލާފައި ބުނެލިއެވެ.
” އަހަރެން ދުރުވަމުން އަންނާތީ އަސަރުކޮއްފިދޯ! ޔާނާއަށް އިހުސާސްކުރެވޭތަ އަހަރެންނަށް ލިބޭނެ ނިކަމެތިކަން. ޔާނާއަށް އެނގޭތަ އަހަރެން އެހާ ދުވަސް ވަންދެން ދުރުގަ ވަފާތެރިކަންމަތީ ޔާނާއަށް ކުރާ އިންތިޒާރު! އަހަރެންގެ އަނބިމީހާ ކައިރިއަށް، އާދެވޭނެ ދުވަހަކަށް އެދިއެދި އަބަދުވެސް ހުރެވެނީ. “
ފަހުދު ތެދުވިއެވެ. ޔާނާއިނީ އިސްޖަހައިގެންނެވެ.
“އެކަމަކު………. ރަށަށް އައުމުންވެސް ބޭނުންވާ ވަރަކަށް އަނބިމީހާގެ ލޯބިވެސް ނުލިބޭ! އަހަރެން ރަށުގައި ނޫޅޭ އިރު މަންމަ އާއި ގޭ މަސައްކަތާއި ވެގެން އުޅުނަސް އަހަރެން ހުންނަ އިރު އަހަންނަށް ވަގުތު ދޭންޖެހޭނެ! ” ފަހުދު ހަރުކަށިވިއެވެ.
” އަހަންނަށް މަޢާފްކުރޭ! އަހަންނަށް ބޮޑަށް ބެލެވެނީ މަންމައަށް.. މަންމަ ހިތްހަމަ ނުޖެހިދާނެތީ މަންމަގެ ކަންކަން އިސްކުރެވެނީ! ” ޔާނާ މަޑުމަޑުން ބުނެލިއެވެ.
” އަހަރެން ތިކަމާ ވަރަށް އުފާވެޔޭ! ޔާނާ އަހަރެންގެ މަންމައަށް އަޅާލާތީ ވަރަށް ލޯބިވެސް ވޭ! އެކަމަކު މިބުނަނީ އަހަރެން ބުނީމަ އަހަންނަށް ވަގުތު ދޭންޖެހޭނޭ! މަންމަ ރުޅިއެއް ނާންނާނެޔޭ! މީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެން އުފާވާގޮތަށް އަހަރެންގެ އަނބިމީހާ އުޅެންޏާ އެއީ މަންމައަށް ލިބޭނެ އެންމެ ބޮޑު އުފާ! ” ފަހުދު ލޯތްބާއި އެކު ބުނެލިއެވެ.
****************
މެންދުރު ނަމާދު ބަންގި ގޮވުމުން ފެންވަރައިގެން ފަހުދު ދިޔައީ މިސްކިތަށެވެ. ޔާނާ ގަޑިއަށް ބަލާލިއިރު މެންދުރު ކައްކަން މާ ލަސްވެއްޖެކަން އެނގުނެވެ. އަވަސް އަވަހަށް ނުކުމެ ބަދިގެއަށް ވަނެވެ.
” ރަނިކަމަނާ! އަހަރެން ތިހުރީ ކައްކާފަ! ފިރިމީހާ އައީމަ ކައިގެން ކޮޓަރިއަށްވަދޭ! ” މަލާމާތުގެ ރާގަކަށް ޖަމީލާ އެހެން ބުނުމުން ޔާނާ ލަދުވެސް ގަތެވެ. ޔާނާ އިސްޖަހައިގެން ހުރީއެވެ. އެފަދަ ގޮތަކަށް މައިދައިތަ ބުނުމުން ޔާނާގެ ހިތައް ވަރަށް އަސަރުކުރިއެވެ.
” ތިނޫނަސް ފިރިންނާ ދުރުގަ އަނބީން އުޅޭ! އަބަދު ކޮޓަރިއަށް ވައްދައިގެނެއް ނޫން އުޅެނީ! ގެދޮރުގެ މަސައްކަތް ނުކޮއް ތިހެން އުޅުނީމަ ޖެހޭހާ ކަމެއް ކުރަން މިޖެހެނީ މަށަށް! ” ޔާނާގެ ވަށައިގެން ހިނގަމުން ކަހަލަ ގޮތަކަށް ޖަމީލާ ކިޔަމުންދިޔައެވެ.
” ފިރިމީހާ އައީމަ ތުއިވާންފެށީދޯ! ” ޖަމީލާގެ މަލާމާތް އަޑުއަހާކަށް ޔާނާއަށް ކުޅަދާނައެއް ނުވިއެވެ. މީގެ ކުރިންވެސް ޖަމީލާ ޔާނާއާއި ދިމާއަށް ވަރަށް އެއްޗެހި ކިޔަން ބޭނުންވެގެން ޔާނާގެ ފުށުން ކުށް ކުށް ހޯދަން މަސައްކަތްކުރެއެވެ. ނަމަވެސް ޔާނާއަކީ ގެވެހި ކުއްޖެއް ކަމުން އެވަގުތެއް ޖަމީލާއަކަށް ދީފައެއް ނުވެއެވެ.
ޔާނާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.
” އަހަންނަށް އެނގޭ މިހެންކަން ވާނީ! އަހަރެން ފަހުދު ހިތުގައި ޖައްސާފަ ވެސް މަންމަ ބޭނުންވާ ގޮތަށް އުޅުނީ ހަމަ މިދުވަސް އައިސްދާނެތީ.. ”
ޔާނާ ލޯގަނޑުކުރިމަތީ ހުރެގެން ބުނަމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވުމަށްފަހު މަންމަ ގޮވާލިއެވެ.
” ދަރިފުޅާ އާދޭ ކާން! ފަހުދުވެސް އައިސްފި! ” މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ހުރިނަމަވެސް އަޑު ނުލާހިކު އޮމާނެވެ.
ޖަވާބެއް ނުދީ ޔާނާ ނުކުތެވެ.
ފަހުދު އިނީ ވަރަށް ހަމަޖެހިފައެވެ. އޭނާގެ މަންމަ އަނބިމީހާއަށް ރަނގަޅުކަމުން އުފާވެފައެވެ. މިޒަމާނުގައި އެއީ ވަރަށް މަދުން ނޫނީ ނުވާނޭ ކަމެކެވެ.
” ދަރިފުޅުމެން ކައިގެން ދާންވީނު ބޮޑުދައިތަ މެންގެއަށް. މަންމަ އެއްޗެހި ދޮވެލާނަން….. ” ޖަމީލާ ބުނެލިއެވެ. މަތިޖަހާލަން މަންމަ ހާދަ މޮޅެވެ. ފަހުދުގެ ކުރިމަތީގައި ހާދަ އޮމާނެވެ
********
ފަހުދު ފުރަންޖެހޭ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ޔާނާގެ ހިތް އަވަސް ވަމުން ދެއެވެ. ހިތާމައެއް ކުރިމަތިވާނެހެން ހީވާންފެށިއެވެ.
” އަޅެ އަހަރެން ގޮވައިގެން ދޭބަލަ! ޕްލީޒް! ” ޔާނާ ދެރަވެލާފައި އެދުނެވެ.
” ބޭނުމޭ ގެންދަން! އެކަމަކު މަންމަ އެކަނިވާނެތީވެ ދޯ! އެހެން ނޫނަސް ދެން ވަރަށް އަވަސް އަވަހަށް އަންނާނަން! ” ފަހުދު ޔާނާ އަށް ބަލާލިއެވެ. އަދި ލޯބިގޮތަކަށް ހީލަމުން އިތުރަށް ވާހަކަ ދެއްކިއެވެ.
” މިފަހަރު އިރާދަކުރެއްވިއްޔާ ޕްރެގް ވާނެދޯ! ” ފަހުދު ދަރިއަކު ބޭނުންވެގެން އުޅޭތާ އެއް އަހަރު ވެއްޖެއެވެ.
” އިރާދަ ކުރެއްވިއްޔާ! އަހަރެންވެސް ދެން ބޭބީ އެއް ލިބުނީމަ އެކަންޏެއް ނުވާނެއެއްނު! އަސްލު އަހަރެންގެ މަންމަމެން މަތިން ވަރަށް ހަނދާންވޭ! އެކަމަކު އައްޑޫ އަށް ކިހިނެތްދޯ އަބަދު އަބަދު ދާނީ! ބައެއް ފަހަރަށް ހިތައް އަރާ ފަހުދު އަހަރެން ރަށު މީހަކަށް ވީނަމައޭ! ” ޔާނާގެ ޅަ ވާހަކަތައް އަޑުއަހަން އޮވެފައި ފަހުދު ހޭންފެށިއެވެ.
” ހީވޭތަ ޕްރެގް ހެން؟ ޔާނާ ވަރަށް ރީތި ވާނެ ދޯ ޕްރެގް ވީމަ…… ” ފަހުދު ޔާނާ އުފާކޮއްލުމަށް ބުނެލިއެވެ.
ޔާނާ ހޭންފެށިއެވެ. ” ހިއެއް ނުވޭ އަދި އެއް. އަންނަ ވީކް ގަ ޓެސްޓް ކޮއްލީމަ އެނގޭނެ! ” އުއްމީދީ ރާގެއްގައި ޔާނާ ބުނެލިއެވެ.
*********************
” މަންމާ…. ޔާނާ ރަނގަޅަށް ބަލާތި.. މިހާރުވެސް އިން ގޮތެއް ނޭނގެ.. “
ފަހުދު ޔާނާއަށް ބަލާލަމުން ޖަމީލާ ގާތު ބުނެލިއެވެ.
” މަގޭ މާމައަކަށް ވަނީތަ؟ ”
ހެވި ދިލިފައި ޖަމީލާއައިސް އަހާލިއެވެ. ފަހުދުވެސް މިފަހަރު ލަދުގަތެވެ. ޖަމީލާ ހުރީ އަސްލުވެސް ވަރަށް އުފާވެފައެވެ. އޭނާ ޔާނާއަށް ބަލާލިއެވެ. ހިނިތުންވުމާއި އެކުގައެވެ.
” ދަރިފުޅު ނުވެސް ބުނަމެއްނު! ” މައެއް ފަދައިން ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ.
” މަންމާ! އަންނަ ހަފްތާގައި ޓެސްޓް ކޮއްލީމަ އެނގޭނީ……. ” ޔާނާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
” އިރާދަކުރެއްވިއްޔާ މަގޭ ދަރި ބައްޕައަކަށް ވާނެ! ” ޖަމީލާގެ އުފާވެރި މޫނު ފެނި ޔާނާއަށް ހަމަޖެހުން ލިބުނެވެ
ފަހުދު ފުރުން ހަމަޖެހިފައި އޮތީ މިޔަދުގެ 11 ޖަހާއިރަށެވެ. ޔާނާ ހުރީ ވަރަށް ދެރަވެފައެވެ. ފަހުދުގެ އެއްޗެހި ޕެކް ކުރަން ރޫމުގައި ހުރެގެންވެސް ޔާނާއަށް ރޮވެއެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ކެތްކޮއްގެންނެވެ.
” ދޭބަލަ އަވަހަށް ޓެސްޓް ކޮއްލަން… މިއޮތީ ކިޓް! ” ބޭރުން އައި ފަހުދު ކިޓެއް ދިއްކޮއްލަމުން ޔާނާއާއި ދިމާލަށް ބުނެލިއެވެ.
އިންތިޒާރުގެ ނިމުން އަތުވެއްޖެއެވެ. ފާހާނައިން ނުކުތް ޔާނާގެ އަތުގައި އޮތް ޕްރެގްނެންސީ ކިޓް ފަހުދަށް ދިއްކޮއްލުމާއި އެކު ފަހުދު ޔާނާގެ ގައިގައި ބައްދާލިއެވެ. އަދި މޫނަށް ބޮސްދިނުމަށްފަހު ބުނެލިއެވެ..
” އުއްމީދު ކަނޑާނުލާ! އަދި ކާމިޔާބުވާނެ! ދެރަނުވާތި! ” ފަހުދުގެ ޖުމުލަ ނުނިމެނީސް ފަހުދަށް ރޮވުނެވެ. ފަހުދު ރޯތަން ފެނި ޔާނާ ވަރަށް ހިތްވަރުކޮއްފައި ބުނެލިއެވެ.
” ކެތްތެރިވުން ނޫން ގޮތެއް ނެތް! ” ޔާނާގެ މާޔޫސީ އަޑުން ފަހުދު އެނދުގައި އިށީނދެ ޔާނާގެ އުނަގަނޑުގައި ބައްދާލިއެވެ.
” އައި ލަވްޔޫ ސޯ މަޗް ! ” ފަހުދުގެ ޖުމުލައިން ޔާނާގެ ހިތައް ވަރަށް އަސަރު ކުރުވިއެވެ.
” ފުރާ ގަޑި ޖެހުނީ…. އަވަހަށް ދޭ! ފުރުވަން ދާނެހާ ހިތްވަރެއް އަހަރެން ކިބަޔަކު ނެތް! ” ޔާނާއަށް ގިސްލެވުނެވެ.
ފަހުދު ތެދުވެ އަލަމާރިން ޔާނާގެ ހެދުންތައް ނަގައި ދަބަހަށް އަޅާލިއެވެ. އަދި އެއް އަތުން ޔާނާގެ އަތުގައި ހިފުމަށް ފަހު ބުނެލިއެވެ.
” ހިތާމަކުރާކަށް އަހަރެންނަކަށް ޔާނާ ދުރަކު ނުބެހެއްޓޭނެ! މިވަގުތު އަހަންނަށް އެންމެ މުހިއްމު މީހަކީ ތީ! ހިނގާ އަހަންނާއެކު……… ”
ފަހުދުގެ ކުއްލި ނިންމުމަށް ޔާނާގެ ހިތުގެ އަޑިން މަރުހަބާ ކިއެވެ. އެހެނަސް އޭނާއަށް އެގޮތަށް ޢަމަލު ކުރެވިދާނެބާވައެވެ. ޔާނާ ފަހުދުގެ އަތް އޭނާގެ އަތުން ނައްޓުވާލިއެވެ.
” އެކަމަކު މަންމަ؟ “
” މަންމައަށް ވިސްނައިދޭނީ… އަހަރެން ބޭނުން މިކަމަށް ބޭސްކުރަން! އަހަރެން ބޭނުން ޔާނާއާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެން ” ފަހުދު ޔާނާގެ އަތުގައި ހިފައިގެން ނުކުތީ މަންމަގެ ކުރިމައްޗަށެވެ.
” މަންމާ! ޔާނާ ގޮވައިގެން މިދަނީ؟ “
” ކިހިމެތްވީ؟ ” ހާސްވެފައި ޖަމީލާ އެހިއެވެ.
” ޑޮކްޓަރަށް ދައްކާލަން…. ދެންމެ ހަމަޖެހުނީ ދާގޮތަށް.. ” މަޑުމަޑުން ފަހުދު ބުނެލިއެވެ.
” އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ނުވިދޯ ބަނޑުބޮޑެއް ! މަ އޭރުވެސް ހިތަށް އެރި އެހެންނޭ ވާނީ” ޖަމީލާ އެހެން ބުނި ރާގުން ފަހުދު ކައިރިއަށް ވަރަށް ރުޅިއައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Aneh bayah inthixaaru kurevenyy ….Vaahaka v salhi
thank u ushaanko.. n surprised to c ur comment <3
Ma mi story keeh kohmesthaakun kohthaakun kameh eynge:-D
my araamagu site ga salaa liyun story eh dhw.. salaa ge story thah haxu ah v salhi… dhn mihaaru mi madu kurani araamaguga liyaa story nimendhen. araamaagu mihaaru v foohi so haxu ummeedhu kuran mi sitega salaage story thah up kraane kmah n gud luk..
meeeeee v reeethi vaahaka eh anehkaa ves kiyan mifeshy reethi kamun
…. aslu kelaa ais fa inyma vaahaka kiyaaly.. ekamu vaahaka ves varah salhi
aslu kelaa ais fa inyma vaahaka kiyaalee.. ekamu vaahaka ves varah salhili
V SALHI INGEY VAAHAKA LOVE IT….UMMMMMMMMWAH