ހިތުގާ ފޮރުވާލަ ދޭށޭ 2ވަނަ ބައި
” އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ނުވިދޯ ބަނޑުބޮޑެއް ! މަ އޭރުވެސް ހިތަށް އެރި އެހެންނޭ ވާނީ” ޖަމީލާ އެހެން ބުނި ރާގުން ފަހުދު ކައިރިއަށް ވަރަށް ރުޅިއައެވެ.
ނަމަވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ.
” ޔާނާ އަވަހަށް ފޮނުވާތި ! ” ޖަމީލާ ބާރަށް ގޮވާލިއެވެ.
ފަހުދު ބަލާވެސް ނުލާދިޔައީ މަންމަގެ ބަހުރުވަ ހުރި ގޮތުން ހިތްހަމަ ނުޖެހިގެންނެވެ.
މާލެގޮސް ހަމަޖެހެލެވުމާއި އެކު ބަނޑުހައިވާކަން ފަހުދަށް އިހުސާސްކުރެވުނެވެ. އޭރު ޔާނާ ހުރީ އިސްތިރި ކުރާށެވެ.
” އަވަހަށް ފެންވަރާލައިން ހިނގާ އެއްޗެއް ކާލަންދާން! ”
ފަހުދު ލޯތްބާއި އެކު ޔާނާއާއި ދިމާލަށް ބުނެލިއެވެ. ޔާނާ ތައްޔާރުވާންފެށިއެވެ. ފަހުދު ހުރީ ރޫމު ބޭރުގައެވެ. ޔާނާގެ އިންތިޒާރުގައެވެ. ފިނިފެންމަލެއްފަދައިން ތާޒާވެލައިގެން ޔާނާ ނުކުތެވެ.
” ހާދަ ރީއްޗޭ! ” ފަހުދު ބުނެލިއެވެ.
ޔާނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. މާޔޫސްވެފައިވީ ނަމަވެސް އޭނާގެ މޫނުވަނީ މިލާ މޯޅިވެފައެވެ. ފަހުދަށް އެކަން އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ޔާނާ އުފާކޮއްދޭށެވެ. ހިތްހަމަޖައްސައިދޭށެވެ.
” ހިނގާ ރެސްޓޯރަންޓަކަށްދޯ! ” ފަހުދު ޔާނާގެ އަތުގައި ހިފިއެވެ. ޔާނާ ފަހުދުގެ މޫނަށް ބަލާލަމުން ހީލިއެވެ. ފަހުދުގެ ހިތައް ހަމަޖެހުންލިބުނީ ޔާނާ ހިނިތުންވީމައެވެ.
*****
ޖަމީލާއިނީ ދުފާލާށެވެ. އުނދޯއްޔެއްގައެވެ. ވިސްނުމެއްގެ ތެރޭގައި އިން ޖަމީލާ ސިހުނީ ފޯނު ރިންގުވާންފެށުމުންނެވެ.
” ކިހިނެތްތަ މަންމާ؟ ” ވާހަކަ ދެއްކީ ޔާނާއެވެ.
” ރަނގަޅު! ދެން އަވަހަށް އަންނަން އުޅޭންވިއްޔޭ! ” އާދައިގެ ގޮތަކަށް އެހެން ބުނެލުމުން ޔާނާ ދެރަވިއެވެ.
” ޑޮކްޓަރަށް ދައްކަންދާން މިއުޅެނީ! ނިމުނުހާ އަވަހަކަށް ދާނަން! “
” އާނ! ޔާނާ ނެތީމަ މަންމަ ވަރަށް ފޫހިވޭ! ” ގާތްގޮތަކަށް ޖަމީލާ ބުނެލިއެވެ. އެއީ ޔާނާ ގެންނަން ވެގެން ޖަމީލާ ވާހަކަ ދައްކާ ގޮތްކަން ޔާނާއަށް އެނގެއެވެ،
” ފަހުދު ސަލާމް ބުނި. މަންމަ ކިހިނެތްތޯ ބަލާލަން މިގުޅާލީ..ދެން ބާއްވަނީ އިނގޭ! ” ޔާނާ ފޯނު ބޭއްވުމަށްފަހު ފަހުދަށް ބަލާލިއެވެ.
” މަންމަ ފޫހިވަނިއްޔޯ އަހަރެން ނެތީމަ. އަވަހަށް އަންނާށޯ…. ” ޔާނާ ހީލަމުން އެހެން ބުނުމުން ފަހުދު ވެސް ހޭންފެށިއެވެ.
” ދެން ޑޮކްޓަރަށް ދައްކާފައެއްނު ދެވޭނީ. އަދި އިއްޔެ ވިއްޔަ މިއައީ! މަންމަ އެދުވަހު ވާހަކަ ދެއްކި ގޮތުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނު.. ” ފަހުދު ބާލީސްނަގާ ބޯދަށަށް ލަމުން ބުނެލިއެވެ.
” އެއީ ހަމަ ވާނެގޮތް! މަންމަވެސް މާމަދަރިއަކަށް ކިހާ އެދޭނެ… ކޮންމެވެސް ވަރަކަށް ޓެންޝަނަށް އަރާނެ. މިޔަދު ނުލާހިކު ރަނގަޅު.. ” ޔާނާ ފަހުދުގެ ބަނޑުމަތީ ބޯ އަޅާލަމުން ބުނެލިއެވެ.
***********
ބާރުދުވެލީގައި އައިސް ކާރު މަޑުކޮއްލުމުން ޔާނާ އާއި ފަހުދު ކާރަށް އަރާ އޭޑީކޭއަށް ދިއުމަށް އެދުނެވެ.
” ފަހުދު! އަހަރެން ވަރަށް ބިރުގަނޭ… ޑޮކްޓަރ ބުނާނީ ކީކޭބާ؟ ” ފަހުދުގެ ކޮނޑުގައި ބޯޖައްސާލަމުން ޔާނާ ބުނެލިއެވެ.
” ދެން ޔާނާ! އެހާ އަވަހަށް ހާސްވަނީ…. ތިހެން އުޅޭތީއޭ އަހަރެން ރުޅިއަންނަނީ… ” ފަހުދު ހިތްހަމަ ނުޖެހޭގޮތް ދައްކާލުމުން ޔާނާ ކުޑަކޮށް ދުރަށްޖެހިލިއެވެ.
” ހޫނ… އެދިޔައީ ދުރަށް… ރުޅިއައީތަ މަގޭ އެންގްރީ ބާރޑް! ” ފަހުދު ގަސްދުގައި ޔާނާ ހެއްވާލިއެވެ.
ކާރުން ފޭބުމަށްފަހު ޑޮކްޓަރ ރޫމްކައިރިއަށް ދިޔައެވެ. ނަސީބު ދިމާކުރިގޮތުން އެމީހުންނަށް އާދެވުނުތަނާ ނަންބަރު ޖެހުނެވެ.
” ކިރިޔާދޯ މިއާދެވުނީ! ” ޔާނާ ބުނެލިއެވެ. ދެމީހުން އެކުގައިގޮސް ޑޮކްޓަރ ރޫމަށް ވަނެވެ.
” ކިހާ ދުވަހެއް ވެއްޖެތަ ކައިވެންޏަށް ؟ ” ޑޮކްޓަރ މާހިދު އަހާލިއެވެ.
” މިހާރު ތިން އަހަރުވީ… ” ޖަވާބުދިނީ ފަހުދެވެ.
” ޤަވާޢިދުން ޕީރިއަޑްވޭތަ؟ ” މާހިދު ކުރި ސުވާލަށް ޔާނާ ބުނެލިއެވެ.
” ބައެއްފަހަރުވާނީ… ވަރަށް ނުވާނެ.. “
” ތީ އަސްލު މައްސަލައެއް! ދެން ސްކޭންކޮއްލާ ޓެސްޓްތައް ހަދާލީމަ ވަކި އެއްއެއްޗެއް ދަންނަވަން އެނގޭނީ.. “
” އަބަދުވެސް ކައިރީގައިތަ އުޅެނީ؟ ” މާހިދު ފަހުދަށް އިޝާރާތްކޮށް ބުނެލިއެވެ.
” ނޫން… ހަތަރު މަހުން ކަހަލަ ގޮތަކަށް ރަށަށްދަނީ.. ” ފަހުދު ޖަވާބުދިނެވެ.
” ތިއީވެސް ވަރަށް ބޮޑު މައްސަލައެއް. ދެމީހުން ދުރުގަ އުޅޭތީ ވަރަށް ޗާންސްވެސް ކުޑަވާނެ! ދެން އަޅުގަނޑު ޓެސްޓެއް ހަދާލަން ދޭނަން! މިރޭ ނަތީޖާ ނަގައިގެން ރިޕޯރޓް ދައްކާލަން ދުރުވާތި! ” ހިތްހެޔޮ ކަމާއި އެކު މާހިދު ވާހަކަދެއްކިއެވެ.
ލެބޯޓްރީއަށް ގޮސް ލޭނެގުމަށްފަހު ސްކޭންކޮށް ހަދައިގެން ޔާނާ ގޮވައިގެން ފަހުދު ދިޔައީ ކާށެވެ.
އޯޑަރ ދިނުމަށްފަހު ދެމީހުން ވާހަކައިގައި ތިއްބާ ފަހުދަށް މީހަކު ގޮވާލިއަޑަށް ފަހުދު ބަލާލިއިރު އާމިރު އާދެއެވެ.
” އޭ އޭ ހާދަ ނުފެންނަ މަންޒަރެއް؟ !” އާމިރު ގޮނޑިއެއްގައި ޖައްސާލަމުން ބުނެލިއެވެ.
” މީ މަ ވައިފްއޭ ! ޔާނާ…. ޔާނާ! މީ އާމިރު. އޮފީސް މޭޓެއް. ” ފަހުދު ހިނިތުންވުމާއި އެކު ބުނެލިއެވެ.
” އޭހ… ވައިފް ގޮވައިގެން މާލޭގަ އުޅޭ އިރުގަ އަންގާވެސްނުލާ… ވަރަށް ފޭކް އިނގޭ! އެހެންވީމަ މިޔަދު މަ ކާންދޭނީ ފަހަރިއަށް.. ” އާމިރު އަވަސް ފަހުދުގެ ބޮލުގައި ޖަހާލިއެވެ.
” އަދި އިއްޔެގަ މިއައީ… ގުޅާނުލެވިގެން މިއުޅެނީ…. އެއްކަލަ އާސިފްވެސް ގުޅި.. މަ އޭނަގާތުވެސް ނުބުނަން ވައިފް ގެނެސްގެންއުޅޭ ވާހަކައެއް. ދިމާކޮއްލާނެ… ” ފަހުދުވެސް ހުރީ ވަރަށް މަޖާވެފައެވެ.
” ކީއްކުރަން މާލެ އައިސް ތިއުޅެނީ؟ ” އާމިރު ޔާނާގާތު އެހުމުން ޖަވާބުދިނީ ފަހުދެވެ.
” ޑޮކްޓަރަށް ދައްކާލަންވެގެން… “
” ބަލިވީތަ؟ ” އޯގާތެރިކަމާއި އެކު އަނެއްކާވެސް އާމިރު އެއްސެވެ.
” އަސްލު ކިޑެއް ނުލިބިގެން ވަރަށް ދުވަސްވެއްޖެ ޓްރައި ކުރާތާ…. އެކަމަކު ކާމިޔާބު ނުވެގެން…. ” ފަހުދު ވާހަކަދެއްކިއެވެ. ޔާނާ އިނީ އިސްޖަހާލައިގެންނެވެ.
” އަސްލުގަވެސްތަ؟ ތިކަމުގަ ބޭރަށް ނުދާތި! އެތަނުން އަބަދުވެސް އިތުރު ގެއްލުންދެނީ! އިންޖެކްޝަންތައްޖަހާ އޮޕަރޭޝަންކޮއް އެންމެ ފަހުން އޮންނަނީ ކުއްޖަކު ނުލިބިފަ… ޕްރެގް ވިޔަސް ބައިގެންދަނީ… ” އާމިރު ހުރީ ވަރަށް ސީރިއަސްވެފައެވެ.
” އާމިރު ހާދަ ތަޖުރިބާ އެބަހުއްޓޭ ތިކަމުގަ…. ” ފަހުދު ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ.
” އާނ… މަ ކުރީގެ ވައިފްއަށް އެހެންވީ؟ ” އާމިރު އިސްޖަހާލިއެވެ.
” ކުރީގެ ވައިފްއޭ؟ ” ޔާނާއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ.
” މިހާރު އެހެން މީހަކާ މެރީކޮއްގެން މިއުޅެނީ.. އޭރު ވީގޮތަކީ ކިޑެއް ނުލިބިގެން ވަރަށް ބޭސްކޮއް ހެދިން… ދެން ހަމަ އެއްވެސް ގޮތެއް ނެތީމަ ދެމީހުންވެސް ބޭނުންވީ ވަރިވާން…މިހާރު އިރާދަކުރެއްވީތީ ދެ ކުދިން އެބަތިބި! ” އާމިރު ހީލިއެވެ.
” ކޮބާ ކުރީގެ ވައިފް؟ ” ޔާނާ ވިސްނާލަމުން އަހާލިއެވެ.
” އޭނަ ވީ ރަށުގަހެން ހީވަނީ…. ނޭނގެ! ދެން މިހާރު އޭނަ ވީ ތަނެއް އަހަންނަކަށް ނޭނގޭނެ އެއްނު ދޯ.. ” އާމިރު ކޮނޑުއަރުވާލިއެވެ. ފަހުދު އިނީ ޔާނާއަށް ބަލަހައްޓައިގެންނެވެ. ޔާނާއަށް ބަދަލެއް އައިކަން ފަހުދު ދެނެގަތެވެ. ޔާނާވެސް ފަހުދަށް ބަލާލިއެވެ. އާމިރުއަށް ފޯނެއް އައިސްގެން އާމިރު ފަހުދު ކައިރީ ބުނެލިއެވެ.
” އަން މި 500ރުފިޔާ ބާއްވާ! ބިލްދައްކާލަން…. ވައިފް އެ ގުޅީ ދަރިފުޅު ސްކޫލަށް ގެންދަންދާން… މިރޭ އާސިފް މެންނާއި އެކު ކޮފީއަށް ދާން ގުޅާނަން. ދަނީ ފަހަރި! ” އާމިރު ދިޔުމާއި އެކު ޔާނާ ބުނެލިއެވެ.
” ކުއްޖަކު ނުލިބުނިއްޔާ ޑިވޯރސް ވާނަންތަ؟ “
” މަށަށް އެނގޭ އާމިރު ދާއިރަށް ތި ސުވާލު ކުރާނެކަން! ޔާނާގާތު ބުނެލަން ބޭނުން ކިޑެއް ނުލިބިގެންނޭ ކިޔާފަ އަހަރެން ޔާނާ ދޫކޮށެއް ނުލާނަމޭ! އެކަމަކު ފިރެހެނެއްގެ ކަމެއްގަ… މިބުނީ ދެން އެނގެއެއްނު ދޯ މިބުނި އެއްޗެއް.. އެކަހަލަ ކަމެއްވިއްޔާ ވަގުތުން ހަމަ ދޫކޮއްލާނީ… މީހަކު އުޅޭގޮތަކަށް އަހަންނެއް ނޫޅޭނަން! ދެން ނާހައްޗޭ އެހެން… ” ފަހުދު އެހެން ބުނުމުން ޔާނާ ހީލިއެވެ. ހިތައް ފިނިކަން ލިއްބައިދިނެވެ. ޔާނާވެސް ފަހުދާއި ވަކިވާކަށް ބޭނުމެއް ނުވެއެވެ. އިންތިހާއަށް ފަހުދު ދެކެ ލޯބިވެއެވެ.
****************
ނަތީޖާ ހިފައިގެން ޑޮކްޓަރ ކައިރިއަށް ފަހުދާއި ޔާނާ ވަނެވެ. ޑޮކްޓަރ ވަރަށް ރަނގަޅަށް ރިޕޯރޓްތައް ބައްލަވާލެއްވުމަށްފަހު ޔާނާއަށް އިޝާރާތްކުރެއްވިއެވެ.
” ކޮންމެ އިންސާނަކީ އެންމެ ފުރިހަމަ މީހެއްނޫން! އެކަން ޤަބޫލުކުރަންވާނެ! އަދި ކޮންމެ ދެމަފިރިއަކީ ދަރިން ލިބުމުގެ ނަސީބު ލިބޭނެ ބައެއްވެސް ނޫން. ކެތްތެރިވާންވާނެ! ” ޑޮކްޓަރގެ ވާހަކައިން ޔާނާ އާއި ފަހުދުގެ ހިތްނުތަނަވަސްވާން ފެށިއެވެ.
” ސާފުކޮށް ބުނެދެއްވާ ޑޮކްޓަރ” ޔާނާ އަވަސްހިތަކައިގެން ސުވާލުކުރިއެވެ.
” މައްސަލަ މިހުންނަނީ ޔާނާގެ….. ފަހުދު ނޯމަލް! ” ޑޮކްޓަރ ސްކޭން ރިޕޯރޓް ފައިލަށް ލަމުން ދެންނެވިއެވެ. ޔާނާއަށް ހީވީ މޫނުމައްޗަށް އަނދިރިވީ ހެންނެވެ. ފަހުދު ޔާނާއާއި ދިމާއަށް ބަލާނުލައި އިނީ ޔާނާއަށް އަސަރުކުރާނެކަން އިނގޭތީއެވެ.
” ކުއްޖާ އަށަގަންނާނެ ޖާގައެއް ރަހިމަކު ނެތް! ބަލިވެ އިނަސް ޤުދުރަތީގޮތުން އުފެދުމުގައި މިހުރި ގޮތަކުން ކުއްޖާއަކަށް އަށައެއް ނުގަނެވޭނެ.. އެހެންވީމަ ދަރިފުޅު އުފަންވާއިރު ކޮންމެވެސް އައިބު ކަމެއް ހުންނާނެކަމަށް ވަނީ.. ދެން ބަލިވެ އިންނަތަނުން ބާރުގަދަ އިންޖެކްޝަންތައް ޖަހައިގެން އެބޯޓް ކޮއްލަންޖެހޭނީ. އެއީ މައިމީހާއަށް ލިބޭ ވަރަށް ބޮޑު ވޭނެއް.. އެހެން ނޫނަސް މިހެން ވުމުންވެސް ޕްރެގް ވުމުގެ ފުރުސަތު ވަރަށްކުޑަ! ފަހަރެއްގައިވެސް ޕްރެގްވީ ނަމަވެސް ކުއްޖާ ހަރުނުލާކަމީ ވަރަށް ގިނައިން ދިމާވާ ކަމެއް.. ” ޑޮކްޓަރ ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދެއްވިއެވެ.
” ދެން ކިހިނެތްތޯ ހަދަންވި؟ ” ފަހުދު ސުވާލުކުރިއެވެ.
” ޕްރެގްވެގެންވެސް ބައިގެންދިޔައީމަ ތިދެމަފިރިންނަށް ލިބޭނީ އިތުރު ހިތްދަތިކަމެއް! ” ޑޮކްޓަރ އިހްތިރާމާއި އެކު ދެންނެވިއެވެ.
” ދެން އަޅުގަނޑުމެންނަށް އިތުރު ގޮތެއް ނޯންނާނެތޯ؟ ” ޔާނާ އެހިއެވެ.
” އާދެ! ކެތްތެރިވެގެން ދުޢާ ކުރުންމަތީ ދެމިހުރުން އޮތީ! ” ޑޮކްޓަރ ޖަވާބުދެއްވިއެވެ.
*************
ގެއަށް އައި ކާރުތެރޭގައިވެސް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދެމީހުންގެ ހިތުތެރޭގައިވެސް ހިތާމައިގެ ކުލަވަރު ޖެހިއްޖެއެވެ. ޔާނާ އިނީ ބޭރު ބަލަހައްޓައިގެންނެވެ. ފަހުދު މަޑުމަޑުން ޔާނާގެ އަތުގައި ހިފާލުމުން ޔާނާ ބަލާލިއެވެ. ފަހުދު ލުއި ހިނިތުންވުމެއް ރައްދުކުރީ ހިތްވަރުކުރުމަށް އެދިއެވެ.
ރޫމަށް އައިގޮތަށް ޔާނާ އެނދުމައްޗަށް ވެއްޓިގަތެވެ. ފަހުދު ކައިރީގައި އިށީނދެލިއެވެ.
” ރޯކަށް ނުވާނެ! ” ފަހުދު މަޑުމަޑުން ބުނެލިއެވެ.
” އަހަރެން ދެރަވީ ކުއްޖަކު ނުލިބޭނެޔޭ ބުނީމައެއް ނޫނޭ! ” ޔާނާ ތެދުވެ ފަހުދުގެ މޭމަތީ ބޯއަޅާލަމުން ބުނެލިއެވެ.
” އަހަރެން ދެރަވީ އަހަންނަށް ފަހުދު ގެއްލިދާނެތީ… ކުއްޖަކު ދެއްވުން އެއީ އަހަރެމެން ކުރާނޭ ކަމެއްނޫން… އަހަރެންނަށް ފަހުދު ގެއްލުން ވަރަށް ކައިރިވެއްޖެކަމުގެ އިޙްސާސް ކުރެވެނީ…. ” ޔާނާގެ ވާހަކައަށް ފަހުދު އެއްވެސް ޖަވާބެއް ނުދީ މަޑުމަޑުން އިނުމުން ޔާނާ ހާސްވެއްޖެއެވެ. އޭނާ ފަހުދުގެ މޫނުމަތީގައި ފިރުމާލަމުން އަވަސް އަވަހަށް ބުނެލިއެވެ.
” ކިހިނެތްވީ؟ ކީއްވެ އެއްޗެއް ނުބުނީ؟ “
” އަހަރެން ކުއްޖަކު ބޭނުންވާ ވަރު ޔާނާއަށްވެސް އިނގޭނެ….. “
” ދެން؟ ” ހައިރާންކަމާއި އެކު ޔާނާ ސުވާލުކުރިއެވެ.
” އަހަރެން ބުނަން މިއުޅޭ ވާހަކަ އާއި މެދު ގޯސް ނިޔަތަކުން ނުވިސްނާތި! އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަރެން ކުއްޖަކު ބޭނުންވާކަން… ” ފަހުދުގެ ޖުމުލައާއި އެކު ޔާނާގެ ހިތް ފަޅައިގެން ދިޔަ ފަދައެވެ.
” ދެން ތިބުނަނީ އިތުރު ކައިވެންޏެއް؟؟… “
” އަހަރެން ކުއްޖަކު ބޭނުންވުމާއި އެއްވަރަށް، ނޫނީ އެއަށްވުރެންވެސް ބޮޑަށް ޔާނާދެކެ ލޯބިވަން! ކިހިނެތް އެނގޭނީ އަހަރެން އެހެން ކައިވެންޏެއް ކޮއްގެން ކުއްޖަކު ލިބޭނެ ކަމެއް! ކިހިނެތް އަހަރެންގެ ލޯބި ބާކީ ކޮއް ނިކަމެތިކޮއްލެވޭނީ؟ ކިހިނެތް އަހަރެން ތި ލޯތްބާނުލާ އުޅޭނީ؟ ކިހިނެތް މިހިތުގެ ތެރެއިން ތިހިތް ނެރެލެވޭނީ؟ “
ފަހުދުގެ އަސަރުގަދަ ބަސްތަކުން ޔާނާގެ ހިތަށް ދިރުން ލިބުނުކަހަލައެވެ.
ޖެހިގެން އައިދުވަހު ދެމީހުންވެސް ކްލިނިކްތަކަށް ގޮސްގެން ގައިނީ ޑޮކްޓަރުންނަށް ދައްކާ ޓެސްޓްތައް ހެދިއެވެ. ނަމަވެސް އެންމެންވެސް ދައްކަނީ އެއްވާހަކައެކެވެ. ޔާނާއަށް ލިބެނީ ހިތްދަތިކަމެކެވެ. ކުރެވެނީ ހިތާމައެވެ.
” އަހަރެން ގެއްލިދާނެޔޭ ހީކޮށް ތި ދެލޮލުން އޮހޮރޭ ކޮންމެ ކަރުނަ ތިއްކަކީ މިހިތައް ލިބޭނެ ވޭނެއް! ” ފަހުދު ޔާނާގެ ލޮލުން ކަރުނަ ފޮހެލަދެމުން ބުނެލިއެވެ.
” އަހަރެން ޝުކުރު ކުރަން ތިކަހަލަ މާތް ފިރިއަކު ދެއްވީތީ! ” ޔާނާއަށް ބައްދާލެވުނެވެ.އަދި މަޑުމަޑު އަޑަކުން ރޯލަ ރޯލާ އޮތެވެ. ފޯން ރިންގް ވުމާއި އެކު ބަލާލުމަށްފަހު ފަހުދު މަންމަގެ ފޯނެކޭ ބުންޏެވެ. ޔާނާގެ ހިތް ތެޅިލިއެވެ. އެހެނަސް ސިއްރުނުކޮށް ފަހުދުގެ މަންމަގާތު ބުނަން އޭނާ ބޭނުންވިއެވެ،
ފަހުދު ފޯން ނުނަގަން އުޅުމުންވެސް ޔާނާ ކިޔާވަރުން ފަހުދު ފޯން ނެގީ ބޭނުންވެގެންނެއް ނޫނެވެ،
” ދަރިފުޅުމެން ގުޅާވެސް ނުލަމެއްނު. ކީކޭތަ ޑޮކްޓަރ ބުނީ؟ ” އުއްމީދީ ރާގެއްގައި ޖަމީލާ ވާހަކަދެއްކިއެވެ.
” ޑޮކްޓަރ ބުނީ….. މީ…. ޑޮކްޓަރ … ” ފަހުދުއަށް ބުނާނެ އެއްޗެއް ނޭނގި އުޅެނިކޮށް ޔާނާ ފޯނު އަތުލިއެވެ. އޭނާ ފަހުދަށް ބަލާލީ ދެރަވެ ހުރެއެވެ،
” މަންމާ! ޑޮކްޓަރ ބުނީ އަހަންނަށް ކުއްޖަކު ނުލިބޭނެޔޯ! ” ޔާނާ ގިސްލާންފެށިއެވެ. އޭނާ ސިއްރު ކުރަން ބޭނުންނުވާތީ ބުނީއެވެ.
” ކީކޭ؟ ” ޖަމީލާއަށް އިން ގޮނޑިން ތެދުވެވުނެވެ.
” އާނ މަންމާ! މަންމަގެ އުއްމީދުތައް ފުރިހަމައެއް ނުކޮއްދެވޭނެ އަހަންނަކަށް….. ” ޔާނާ ރޮމުންރޮމުން ބުނެލިއެވެ.
ފަހުދު ފޯނު އަތުލާ ކަނޑާލަމުން ބުނެލިއެވެ.
” ޔާނާ ވިސްނަބަލަ! އެނގޭތަ މަންމަ ދެރަވާނެ ވަރު! ކީއްވެ ތިހެން ތިބުނީ؟ ” ފަހުދު ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ.
” އެކަމަކު މަންމައަށް ސިއްރެއް ނުކުރެވޭނޭ! ” ޔާނާ ތެދުވެގެން ހިނގައިގަތުމުން ފަހުދު ޔާނާގެ އަތުގައި ހިފާ ބުނެލިއެވެ.
” ކޮންތާކަށް ތިދަނީ؟ “
” ނޭންގެ! ހިތަށް ފިނިކަމެއް ލިބޭނެ ތާކަށް.. ” ކުރުޖަވާބެއް ދިނުމަށްފަހު ޔާނާ ހިނގައިގަންނަން އުޅުނު ނަމަވެސް ފަހުދު ހުރީ ޔާނާގެ އަތުގައި ވަރަށް ބާރަށް ހިފައިގެންނެވެ. އޭނާ އެހުރިގޮތަށް ޔާނާ ކައިރިއަށް ދަމައިގަތެވެ. އަދި ވަރަށް ބާރަށް ބައްދާލަމުން ބުނެލިއެވެ.
” އަހަރެން މިހުރީ މުޅި އުމުރުގައިވެސް ޔާނާގެ ހިތްހަމަ ޖައްސައިދޭން….. އަހަރެން ޔާނާދެކެ ލޯބިވީ ޔާނާގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރިކަން އެނގޭ ދުވަހަކުންވެސް ނެރެ އެއްލާލާގޮތަކަށްނޫން.. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމުގެ ސަބަބުން ހުރިހާ ކަމެއްވެސް ބަދަލުވެގެން ހިނގައިދާނެ. ދެރަނުވެ އަހަންނާއި އެކު ދިރިއުޅުން ހޭދަކުރަން އަޒުމްކަނޑަ އަޅާބަ ޔާނޫ.. ” އަނެއްކާވެސް ޔާނާ ހިތާހިތުން އުފާކުރީ އެފަދަ ރަނގަޅު ފިރިއަކު ލިބުމުންނެވެ.
***********
އެރޭ ފުރި ބޯޓުން ޔާނާ އާއި ފަހުދު ރަށަށް ދިޔައެވެ.
މަންމަ ފެނުމާއި އެކު ފަހުދު ގޮވާލިއެވެ.
” މަންމާ! “
” އިއްޔެ ފޯން ކަނޑުނީމަވެސް މަންމަ ނުގުޅިޔޭ ހިތަކަށް ނާރާތަ؟ މަންމަ ކިހިނެތް ގުޅާނީ.. ވަރަށް ހިތުގަ ޖެހުނު.. ” ޖަމީލާ އަސަރާއި އެކު ބުނެލިއެވެ.
އޭނާ ޔާނާއާއި ދިމާލަށް ބަލާވެސް ނުލައެވެ. ހީވާގޮތުން ޖަމީލާގެ ހިތުގައި ޔާނާ އާއި މެދު ހަމްދަރުދީއެއް ނުވެއެވެ. އޭނާ ބަލަން ހުރީ ކުރިމަތީގައި ހުރި ފަހުދުގެ މޫނަށެވެ. އަދި އަމިއްލަ އެދުމާއިގެން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ.
” ފަހުދަށް ބައްޕަ ކިޔުމުގެ ނަސީބެއްވެސް ނުލިބުނީ.. ” ޖަމީލާ ގެ އެ ޖުމުލައިން ފަހުދު މަންމަ އާއި މެދު އަނެއްކާވެސް ހިތްހަމަ ނުޖެހުނެވެ.
” މަންމާ! އެއީ އެންމެންނަށް ލިބޭނެ ނަސީބެއް ނޫނޭ! އެކަމާ އަހަރެމެން އެހާ ކަންބޮޑެއް ނުވަމޭ.. ހެއްދެވިފަރާތަށް އިތުބާރުކުރަން… ”
ފަހުދު ފެންވަރާލަން ދަނީއޭ ބުނެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތުމުން އިސްޖަހައިން ހުރެ ޔާނާވެސް ހިނގައިގަތެވެ.
” މަންމަ ކީއްވެތަ އެހެން އެބުނީ؟ ” ޔާނާ އަހާލިއެވެ. ޖީބުގައި އޮތް ފަހުދުގެ ފޯނަށް މެސެޖެއް އައި އަޑު އިވުނީ އެވަގުތުއެވެ، ފަހުދު ފޯން ނަގާ ބަލާލަމުން ވާހަކަ ދެއްކިއެވެ.
” އެއީ ދެން އެ އުމުރަށް ދިޔައީމަ ވާނެގޮތް.. ދައްކާނެ އެކަހަލަ ވާހަކަ. އަޅާނުލާ! ” ފަހުދު ޔާނާގެ ކޮލުގައި ހިފާލިއެވެ.
ޔާނާ ތުވާލި ހިފައިގެން ފެންވަރަށް ވަނެވެ. އޭނާ ފާހާނާއިން ނުކުތް އިރުވެސް ފަހުދު އޮތީއެވެ،
“މާދަމާ މަތިން ދާގޮތަށް ހަމަޖެހިއްޖެ! އޮފީހަށް ނުކުންނަން ޖެހުނީނު މި.. ”
އެ ޖުމުލައިން ޔާނާ ވަރަށް ދެރަވިއެވެ. އޭނާގެ މޫނު ރަތްވެގެން ދިޔުމުން ފަހުދު ތެދުވިއެވެ.
” އޭ! ކިހިނެތްވީ؟ ދެރަވީތަ؟ އަހަރެންނަށް ނޯންނާނެ ދުރަށް ދެވޭކަށް ދޯ.. މަގޭ ބާރޑް ކުރިމަތީގައި އިންނަންޏާ އަބަދުވެސް ބޭނުންވާނީ އުނގުތެރޭގައި އޮންނަން! ”
ޔާނާގެ ގައިގައި އޮޅާލާފައިވާ ތުވާލި ފަހުދުގެ އަތުން ނައްޓުވާލުމަށްފަހު އޭނާ ޔާނާ ގޮވައިން އެނދުގައި އިށީޏެވެ. ގަދަކަމުން ޔާނާ ހީލިއެވެ. މާދަމާ ލޯބިވާ ފިރިމީހާ ފުރައިގެން ދާނެޔޭ އޭރުވެސް އޭނާގެ ހިތައް އަރަމުންދެއެވެ. މަޑުމަޑުން ޔާނާގެ ތުންފަތުގައި އިނގިލި ޖައްސާލުމުން ޔާނާގެ ދެލޯ މެރުނެވެ. ފަހުދުގެ ހަށިގަނޑަށް ޔާނާގެ ލޯބީގެ ރާހަތު ކުރުވައިފިއެވެ. ފަހުދަކަށް ހިމޭނަކުން ނޯވެވުނެވެ. ޔާނާ ފަހުދުގެ މެޔަށް މަސްތުންފުރިގެންވާ ހަންޖަރުތަކެއް ހަރަމުންދެއެވެ. ފަހުދުގެ ދެލޯމެރެމުން ބާރުވަމުންދެއެވެ. ފަހުދުގެ މުޅިހަށިގަނޑު ޔާނާގެ ލޯބީގައި ބަނދެލައިފިއެވެ. ޔާނާގެ ދޮންދޮން ހަށިގަނޑުން ލޯބީގެ މަޑުމަޑު ތެތްކަން ލިއްބައިދެމުން ދިޔައެވެ. ބާރުބާރަށް ފަހުދު ޔާނާ އޭނާގެ މެޔާލާ ފޮރުވާލިއެވެ.
**********
” ދާނަން ފުރުވަން! ” ދަބަސް ހިފައިގެން ފަހުދު ނުކުންނަން ފެށުމުން ޔާނާ ބުނެލިއެވެ. އެންމެ ފަހު ވަގުތުކޮޅުވެސް ފަހުދު ގާތުގައި ހުންނަން ބޭނުން ވެގެންނެވެ.
” މަންމާ! ޔާނާ ރަނގަޅަށް ބަލާތި! ” ފަހުދުގެ ޖުމުލައިން ޖަމީލާ ބޯޖަހާލާ ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ. ފަހުދު ހިތްހަމަ ޖެހުނެވެ. މަންމަގެ ރުންކުރު ގޮތެއް ހުއްޓަސް އޭނާގެ އަނބިމީހާއަށް މަންމަ ވަރަށް ރަނގަޅުކަމުގައި އޭނާ ހިތުގެ އަޑިން ޤަބޫލުކުރަނީ ލޯމަތީގައި ޖަމީލާ ވަރަށް ރަނގަޅަށް އަމަލުތައް ބަހައްޓާތީއެވެ.
” ނޫން… ވަރަށް އަވިވެސް ގަދަ. މަޑުކޮއްލާ މަންމަކައިރީ އިނގޭ! ” ފަހުދު ދޮރާއި ހަމައަށް އެރުމަށްފަހު ބުންޏެވެ. ސިޓިންގ ރޫމުގައި ހުރި މަންމަ ހިތްހެޔޮކުރާށޭ ބުނުމަށްފަހު ބަދިގެއަށް ދިޔައީ އުނދުން މަތީގައި ހުރި ރިހަތެލި ބަލާލުމަށެވެ،
“ދެން،.. ވަރަށް މިސްވާނެ.”
ޔާނާ ފަހުދުގެ އަތުގައި ހިފައިގެން ހުރެ އިނގިލިތަކަށް ފިތަމުން ދެއެވެ. އޭނާ ދެރަވެފައިވާ ވަރު ފަހުދުއަށް އެނގުމުން އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ދާށެވެ. ފަހުދު ފެންނަން ހުރުމުން ޔާނާ މާ ބޮޑަށް ދެރަވާނެތީއެވެ،
” ދެން ވަރަށް ބަލާނަމޭ ޗުއްޓީ އަދިވެސް ލިބޭތޯ.. ކުއްލި ގޮތަކަށް ފުރަންޖެހުނީމަ މިހެން މިވީ.. އަވަހަށް ދޭ މަންމަ ގާތަށް.. އޭރުންވެސް ހިތަށް ލުޔެއް ލިބިދާނެ.. ދެން ދޫކޮއްލަބަ..ތިހެން ހަދަންޏާ އަހަރެންވެސް ވަރަށް ދެރަވާނެ އެއްނު،،”
ޔާނާ ފަހުދުގެ އަތުން ދޫކޮއްލިއެވެ. ޔާނާގެ ކޮލުގައި ފަހުދު ތުންފަތް ޖައްސާލަމުން ބޮލުގައި ފިރުމާވެސް ލިއެވެ/ ފަހުދު ނުކުމެގެން ދަމުންވެސް ޔާނާއަށް ބަލާލިއެވެ. އެބަލާލުމުން ޔާނާގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރު ކުރުވިއެވެ.
ފަހުދު ލޯމަތިން ފަހުދު ގެއްލުމުން ޔާނާ ކޮޓަރި އާއި ދިމާއަށް މިސްރާބުޖެހީ އެކަނިވެލަން ވެގެންނެވެ. ހިތުގައި ބާރުވެފައިވާ ހިތާމަތައް ބާލީސްމައްޗަށް ބޭރުކޮއްލުމަށެވެ.
” މަގޭ ދަރިފުޅު މުޅިން ހަލާކު ކޮއްފި! ތިހިރަ ދޮންކަމާ ރީތިކަން ދައްކައިގެން ފަހުދުގެ ހިތް ގަނެލީދޯ! އަހަރެންގެ ފަހުދު ބުނި ބުނުމަށް ކަލޭ ބަލާދޭނަން.. އެކަމަކު މިޔަދުން ފެށިގެން ކަލެޔަށް ނަފްރަތު ކުރަން…ދަރިޔަކު ނުލިބޭކަން އެނގުނީމަ ރައްކާވެގެން ދާން ވީނު.. ތިމާއަށް އެ ނިޢުމަތް ދެއްވާފައި ނުވާކަން އެއޮތީ ހާމަވާން.. ދެން ފަހުދަށް ލިބިފައި އޮތް ނިއުމަތަކަށް ހުރަސް އަޅަންވީ ކީއްކުރަން؟ ” ޖަމީލާގެ ހަރުކަށި ޖުމުލަތައް އެހާ އަވަހަށް ޔާނާއަށް އަމާޒުކުރީއެވެ. އަދި ޖެޓީ އާއި ހަމައަށް ފަހުދުއަށް ދެވުނު ކަމެއް ނޭނގެއެވެ. ޔާނާ ދެރައަށް ވުރެން ބޮޑަށް ހައިރާންވިއެވެ. އޭނާ ކޮޓަރި ދޮރުގައި އަތްޖައްސާލި ގޮތަށް ޖަމީލާގެ ނުރުހުންތެރި މޫނާއި ދިމާއަށް ބަލަން ހުރީ ހައިރާންކަމާއި އެކުއެވެ.
” މަގޭ ދަރިފުޅާ މަށާ ޖައްސަން މަސައްކަތް ނުކުރާތި! އޭރުން މިހާރު ތިހުރި މަޤާމުގައި އެންމެ ވަގުތު ކޮޅަކު ވެސް ނުހުރެވޭނެކަން ހަނދާން ކުރާތި! ލައްކަ ވަގުތު މަ ކެއްވެސް ކޮއްފިން އެއްޗެއް ނުބުނެ ހުރެވޭތޯ.. ހުއް. އެހެރީ ކައްކާފަ.. ދެންވެސް ކައިގެން ތި ބަނޑުގަނޑު ފުރޭތޯ ބަލާބަލަ! ”
ހިތްދަތި ޖުމުލައެއް އެންމެ ފަހުން ބުނުމަށް ޖަމީލާ ބޭރަށް ނުކުތެވެ.
ޔާނާ ހުރީ ކުރިމަތިން ސިފަވެގެންދިޔަ މަންޒަރު ޤަބޫލުކުރަން ބޭނުން ނުވެފައެވެ. އެހެނަސް މިޔަދު އޭނާގެ ހާލަތު ޤަބޫލުކުރަން ސިކުނޑި މަޖުބޫރުކުރުވައެވެ. އެޙާލަށް ކެތްކުރުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ވިސްނުނެވެ. މަޑުމަޑުން ކޮޓަރިއަށްވަދެ ދޮރުގައި ބޯޖައްސައިގެން ހުރެ ކަރުނަ އޮހޮރަން ފެށިއެވެ. ހިތަށް ލިބެމުންދާ ހިތާމަތައް ފަހުދާއި ހިއްސާއެއް ނުކުރެވޭނެއެވެ. މިހާރު ޔާނާ އެހުންނަނީ ދިރިއުޅުމުގެ އަރިމަތީގައެވެ. ކައްސާލަފާނެކަމުގެ ބިރަށްޓަކައި އޭނާ ކެތްކުރާނެކަން ގައިމެވެ. ދެން ކޮންމެ ދުވަހެއްވެސް ފާއިތުވެގެން ދާނީ އެފަދަ ގޮތަކަށް ކަން ޔާނާއަށް އެނގެއެވެ. މިޔަދު އެހާ ހަރުކަށި ގޮތަކަށް އެއްޗެހި ކިޔުމުން މާދަމާ އޭނާއަށް ކުރިމަތިލާންޖެހޭނީ ކޮންފަދަ ކަމަކާއި ބާވައޭ ޔާނާގެ ހިތަށް އެރިއެވެ. އޭނާގެ ދެލޮލުން އޮހޮރެމުންދާ ކަރުނަތައް ކަނދުރާއަށް ބީޢްސަމުން ދެއެވެ. މައްޗަށް ބަލަން ހުރެ އޭނާ ރޮމުން ރޮމުން ދޮރު ބުޑަށް ތިރިވިއެވެ. ( ނުނިމޭ )
5 Comments
Comments are closed.
vhr reathi story eh
varah reethi story eh
next part kober salaa vr wait kurevey next part ah
hesskiyaafa habeys ingey salaa……….love ya….
Salhi engey