އެކުގައިވާން އެދެމޭ… 2
ތުރު ތުރު އަޅަމުން ދިޔަ އަތަކުން ސިޓީ އުރަ ކަނޑާލުމަށްފަހު އޭގައި އޮތް ސިޓީ ނަގާ ހުޅުވާލީ ނުތަނަވަސްވެ އިނދެގެންނެވެ.
ސިޓީ ކިޔަމުންދިޔައިރު ވިޝާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ދިޔައީ ގިނަވަމުންނެވެ. ބައެއްފަހަރު ތުރުތުރުލަމުން ދިޔަ ތުންފަތް ކުޑަކުޑަކޮށް ހަރަކާތްވެސް ކޮށްލައެެވެ. މޫނުމަތިން ފެންނަމުންދާ ކުލަތަކުންނާއި ހިނދު ހިނދުކޮޅުން ބޮޑުކޮށްލާ ލޮލުގެ ސަބަބުން އެސިޓީގައި އޭނާ ހީނުކުރާ އެތައް ވާހަކަތަކެއް ހުރިކަން ރަނގަޅަށް ދޭހަވެއެވެ.
ސިޓީ ކިޔާ ނިންމާލުމަށްފަހު އުނގުމަތީގައި ބާއްވާލިއިރު ވިޝާގެ ލޮލުން ކަރުނަތައް ބަންޑުން ވެއްޖެއެވެ. ލޯމަރާލައިގެން އިނދެ އިރުކޮޅަކު ރޯލަުމަށްފަހު ދެވަނަ ފަހަރަށް އެސިޓީއަށް ބަލާލީ އެއީ ހަގީގަތެއްތޯ ޔަގީންކުރާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނިގެންދިޔައީ ހިންދެމިލުމަށްފަހު ވިޝާ އޭނާގެ އަތުގެ ނުފުށުން ކަރުނަތައް ފޮހެލި މަންޒަރެވެ. ސިޓީ މޭގައި ލައްކޮށްލާ މޫނުމަތީގައިވާ ނުތަނަވަސްކަން އެއްފަރާތްކޮށްލުމަށްފަހު އެމޫނުމައްޗަށް ސީރިއަސްކަން ގެނުވިއެވެ. އޭރު ވިޝާގެ ވިސްނުންތެރި ދެލޮލުން ފެންނަނީ އަޒުމެވެ. މޫނުމަތީގައިވަނީ ހިތްވަރުގަދަކަމާއި އުއްމީދުގެ އަސަރުތަކެވެ. އެއާއިއެކު އެވަގުތު އެ މައުސޫމް ހިތުގައި ބިންވަޅު ނެގިފައިވަނީ އެންމެ ނަމެކެވެ. އެ ނަމަކުން ވިޝާގެ މަންމަގެ ސިޓީ ފަޅުފިލުވާލާފައިވާ ނަމެވެ. އެ ނަމަކުން އޭނާގެ ހަޔާތުގައި ކުރިއަށް އެތައް އެތައް ލަނޑުދަނޑިތަކެއް ވާކަން އެނގުނު ނަމެވެ. “ވިކާޝް” ގެ ނަމެވެ.
އެރޭގެ އިޝާ ނަމާދަށްފަހު ވިޝާ ޒުމާމެންގެއަށް ދިޔަަނަމަވެސް ބޮލުގައި ރިއްސުމުގެ ބަހަނާގައި ވަރަށް އަވަހަށް އެނބުރި ގެއަށް އަތުވެއްޖެއެވެ. ރޭގަނޑު އެކަނި ގޭތެރޭގައި އުޅެން ޖެހުމުން އިތުރަށް މަންމަ މަތިން ހަނދާންވި ނަމަވެސް އެވަގުތު ވިޝާ ބޭނުންވީ އެކަނިވެ ވިސްނާލާށެވެ. ދިރިއުޅުމުގެ ކުރިއަށް އޮތް ދުވަސްތައް ގެންދާނެ ގޮތެއް ރާވާލާށެވެ. ގަޑިން 10 ވެސް ނުޖަހަނީސް ދޮރު ތަޅުލުމަށްފަހު ނިދަން ތައްޔާރުވެލައިގެން އެނދަށް އަރާ ވިޝާ އޭނާގެ ދިރިއުޅުމާއިމެދު ވިސްނާލިއެވެ.
ވާލިދާގެ ބުރަ މަސައްކަތާއި، ހެޔޮ ތަރުބިއްޔަތާއިއެކު ވިޝާއަކީ އޭލެވެލްއާއި ހަމައަށް ކިޔަވާފައިވާ ތައުލީމީ އަންހެންކުއްޖެކެވެ. އޭލެވެލް ނިންމުމަށްފަހު އެންމެ ދުވަހެއްވެސް ބޭކާރުކޮށްލުމެއްނެތި ކުދީންނަށް ޓިއުޝަން ދެމުން ވިޝާ ވަޒީފާއަށް ދާންފެށީ މަންމަގެ ބުރަ މަސައްކަތަށް ލުޔެއް ދިނުމުގެ މަގުސަދުގައެވެ. ފަހައިގެންނާއި، ކުޑަކުދިންނަށް ގުުރްއާން ކިޔަވައިދީ، ގޭގެ ކުނިކަހައިދީ އަދިވެސް އެކި އެކި މަސައްކަތްތަކުން ފައިސާ ހޯދަމުންދިޔަ އޭނާގެ މަންމައަށް އެހީތެރިވުމުގެ މަގުސަދުގައެވެ. ހަމަ އެއާއިއެކު އޭނާގެ މަންމަ ހައްޖަށް ފޮނުވުމަށް ލާރި އެއްކުރުމުގެ ބޭނުމުގައިމެއެވެ. އެގޮތުން ވިޝާ ވަޒީފާއަށް ދާންފެށިތާ މިވީ 4 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށްވަނީ ގާތްގަނޑަކށް 30 ހާސް ރުފިޔާ ޖަމާކުރެވިފައެވެ. ނަމަވެސް ވާލިދާ ނިޔާވި އިރުވެސް ވިޝާއަށް އޭނާ ހައްޖަށް ފޮނުވަދެވޭނެ ވަރަށް ލާރި އެއްކުރެވިފައެއް ނުވެއެވެ. އެހެން ހިތައް އަރާ ކޮންމެ ފަހަރަކުވެސް ވިޝާއަށް ރޮވެއެވެ. އޭނާއަށްޓަކައި މުޅި އުމުރު ހޭދަކޮށްލި މަންމައަށް އޭނާއަށް އެވަރުގެ ކަމެއްވެސް ނުކޮށްދެވުނެވެ. އެހެންކަމުން މަންމަ މިދުނިޔެ ދޫކޮށްފައި ދިޔައިރު އެދިފައިވާ އެދުން ފުރިހަމަކޮށްދިނުމަށް ވިޝާ ފުރާނައިން ގުރުބާންވާން ޖެހުނަސް އެކަން ކުރާނެއެވެ. މަންމަ އެސިޓީގައި އެދިފައިވާ ފަދައިން ހިތްވަރުގަދަ، އެހެން މީހެއްގެ އެހީތެރިކަމެއް ނުލިބުނަސް އުޅެވޭފަދަ މީހަކަށް އޭނާ ވާނެއެވެ. އެ މަންމަ އެދިފައިވާ ފަދައިން އޭނާގެ ގެއްލިފައިވާ އެއްބަނޑު އެއްބަފާ ބޭބެ ހޯދުމަށް ފަހުނޭވާއާއި ޖެހެންދެންވެސް މަސައްކަތްކުރާނެއެވެ. މަންމައާއި ބައްޕަގެ ހައްގުގައެވެ. ގެއްލިފައިވާ އޭނާގެ ބޭބެގެ ހައްގުގައެވެ.
ވިޝާ ލޯ މަރާލިއިރު ތުންފަތުގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. މިދުނިޔެމަތީގައި އޭނާގެ އެއްބަނޑު އެއްބަފާ ދޮށީ ބޭބެއެއް ހުރިކަން އެނގުމުން އެހިތުގައި މިހާރުވެސް ލޯބި އުފެދިއްޖެއެވެ. އެ ބޭބެގެ ހިމާޔަތާއި އަޅާލުމަށް އެދެވެން ފެށުނެވެ. އެރޭގެ ހުވަފެނުގައިވެސް ވިޝާއަށް ފެނުނީ އޭނާގެ މަންމަ އޭނާގެ ބޭބެ ވިކާޝްގެ ވާހަކަ ދައްކަނިކޮށެވެ.
ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައީ ވިޝާއަށް ބުރަ ދުވަހަކާއި އެކުގައެވެ. ފަތިހު ފަތިހާ ހޭލައިގެން މުޅި ގޯތިތެރެ ކުނިކަހާ ތަންތަން ފޮޅާ، ސާފު ކުރަމުން ދިޔައިރު ހީވަނީ ހާއްސަ ކަމެއް ލައިގަނެގެން އުޅޭހެންނެވެ. ގޭގެ ބިއްދޮށު ފަރާތުގައި ވާވެފައިވާ ކެޔޮފީނިތެރެ ސާފުކޮށް، މަގުފަޅީގައި ފަޅާފައިވާ ހުއި ގަސްތަކަށް ދާންދެން ނޮޅިއެވެ. ބަދިގެތެރެ، ސާފުކޮށް ތެލިތަކާއި ތަށިތައް ތަރުތީބުކޮށް އަދި ކޮޓަރިތަކުގެ ބެޑްޝީޓްތަކާއި، އަންނައުނުތައްވެސް ދޮވެ ހެދިއެވެ. ހެނދުނުގެ 9.30 ވާންވީއިރު އެ މަސައްކަތްތަށް ނިންމާލުމަށްފަހު ވިޝާގެ ދެވަނަ ކަމަކަށްވީ މަންމަ ނިޔާވުމުން އޮފީހުން ނަގާފައިވާ 10 ދުވަހުގެ ޗުއްޓީ އިތުރުކުރުމަށް ސިޓީލިޔުމެވެ. އަހަރުގައި ބާކީ އޮތްހާ ޗުއްޓީއަކަށް އެދިފައި އޮފީހަށް ސިޓީ ލުމަށްފަހު ވިޝާގެ މިސްރާބު ހުރީ ޒާހިރާމެންގެއާއި ދިމާއަށެވެ.
” ޒާއްތަ.. ހާދަ ބިޒީކޮށްލައިގެން.. ކޮބާ ޒުމާ.. އިރަމް؟..” ވިޝާ އެގެއަށް ދިޔަގޮތަށް ވަނީ ބަދިގެތެރެއަށެވެ. އޭނާގެ އަޑުގައިވަނީ އާދަޔާ ހިލާފު ދިރުމެކެވެ. މޫނުމަތީގައިވަނީ އުޖާލާކަމެވެ.
” ހޫމްމް.. މިއުޅެނީ އަދި މެންދުރަށް ފަތްކޮޅެއް ތެލުލަން.. އިރަމް މިއަދު އެސޮރު ބައްޕަމެން ގެއަށް ދިޔައީ.. ޒުމާ އަދިވެސް ނުހޭލަ.. ވިޝާ ދޭބަލަ ނިކަން ގޮވަން.. އެހެންނު ވާނީ.. ރޭގަވެސް ޒައިދުއާ ދެމީހުން ނިދިއިރު 1 ވެސް ޖަހާފާނެ..” ޒާހިރާ އުނދުން ދޮށުގައި ހުރެގެން ވާހަކަ ދައްކަމުން ދިޔައެވެ. އެއާއިއެކު ވިޝާ ދުވެލާފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަނީ ޒުމާއަށް ގޮވުމަށެވެ.
“އައްދެ ބަބްލީ ހާދަ އެކަނިވެފަ..” ޒުމާއަށް ގޮވުމަށްފަހު އޭނާ ފާހާނާއިން ނުކުންނަންދެން ދޮރުމަތީ މަޑުކޮށްލައިގެން ހުރި ވިޝާ ސިހުނީ ޒައިދުގެ އަޑަށެވެ. އެއާއިއެކު އިސް އުފުލާ ބަލާލިއިރު ޒައިދު ގޭތެރެއަށް ވަދެގެން އަންނަނީއެވެ. ކަޅު އަތްދިގު ގަމީހާއި އެކު ކަޅު ފަޓްލޫނުގައި ހުރިއިރު ޒައިދު ފެންނަލެއް ނުހަނު ހިތްގައިމެވެ. ޒަމާނީ ގޮތަކަށް ދަށަށް ޖަހާލާފައިވާ ގަމީހާއިއެކު އަލާލާފައިވާ ކަޅު ކުލަިއގެ ޓައީީގެ ސަބަބުން ފެންނަ ފެނުމަށް ރަސްމީ ގޮތްގަނޑު ހުއްޓެވެ. ހަމުގެ ކުލަ މާ އަލި ނުވެފައި، ކަނދުރާއާއި ހަމައަށް ދިގުކޮށްހުރި ކަޅު އިސްތަށިގަނޑުގެ ސަބަބުން ލައިގެން ހުރި ކަޅުކުލައިގެ ހެދުން އެޅުން އޭނާއާއި ނުހަނު ގުޅެއެވެ. ހަށިގަނޑު ބިޔަ ނޫނަސް، އިސްކޮޅުން ދިގުވެފައި ކުރު އިސްތަށިތަކަކުން ތުނބުޅީގެ ފަޅުފިލާފައިވާތީ ފިރިހެންވަންތައެވެ. ކަޅުކަން ގަދަ ލޮލުގައިވާ ވިދުވަރާއިއެކު، ހިނިތުންވެލާ ލާނެތް ގޮތްގަނޑު ފެނުމުން ހަމަގައިމުވެސް ފުރާވަރުގެ އަންހެންކުދިންގެ ހިތު ވިންދު އަވަސްވެލާނެއެވެ.
” އައްދެ ޒައިދު ހާދަ އެހެން ގަޑިއެއްގަ ބްރޭކަށް ތިއައީ؟..” ޒައިދުގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ވިޝާ ހަށަމް ބަނދެލަމުން ބުނެލިއެވެ. އެވަގުތު ވިޝާ ހަރަކާތްކޮށްލި ގޮތުން ޒައިދު ލާނެތް ގޮތަކަށް ހީނވެސްލިއެވެ. ވިޝާ ކިތަންމެ ހަރު އަންހެނަކަށް ވާން އުޅުނަސް އޭނާގެ ހަރަކާތްތަކުގައި ހުންނަ ޅަ ގޮތްގަނޑު ނުކެނޑޭކަން ޚުދު ވިޝާވެސް ގަބޫލުކުރެއެވެ.
” އާނ.. އޮފީހަށް ދެވުނީ ފޯނު ބާއްވާފަ.. އެހެންވެ ކުޑަކޮށް ފްރީ ވީމަ މިއައީ ފޯނު ބަލާ..” ޒައިދު ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.
” އޯކޭ.. ބަބްލް ގަމް ދިޔައްޔޭ.. ސީ ޔޫ..” ޒައިދު ގަސްތުގައި ވިޝާ ރުޅި އަރުވާލުމުގެ ގޮތުން ބުނެލިއެވެ. އެވަގުތު ވިޝާ ތުން އަނބުރާލައިގެން ހުރެ އަނެއްފަރާތަށް އެނބުރުމުން ޒައިދު ހެމުން ހެމުން ހިނގައްޖެއެެވެ.
ޒުމާ ރީތިވެލައިގެން ނުކުތުމުން ވިޝާއާއި ދެކުދިން ބަދިގެ ފަރާތަށް ދިޔައީ ސައިބުއިމަށެވެ. ދެކުދިން ސައި ބުއި އިރު ޒާހިރާވެސް އެކުދިންނާއި ބައިވެރިވިއެވެ.
” ޒާއްތާ.. އަހަރެން ބޮޑު ވާހަކައެއް ބުނަން ވެއްޖެ..” މޭޒުމަތީގައި ހުރި މަސްހުނި ތަށިން އެތިކޮޅެއ ތައްޓަށްް އަޅާލަމުން ވިޝާ ބުނި ޖުމްލައިން ޒާހިރާއާއިއެކު ޒުމާގެ ނަޒަރުވެސް ހުއްޓުނީ ވިޝާގެ މޫނަށެވެ.
” ވިޝޫ މިހާރު އަހާފަތަ ވާހަކަވެސް ބުނަނީ؟..” ޒުމާ ހިނިގަނޑެއް ޖަހާލަމުން ވިޝާއާއި ދިމާކޮށްލިއެވެ. ނަމަވެސް އިސްޖަހާލައިގެން އިން ވިޝާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އެމަންޒަރު ފެނުމުން ޒާހިރާ ކުޑަކޮށް ކަންބޮޑުވިއެވެ.
“ޒުމް.. އަހަރެން..އަހަރެން ބޭނުން މާލެދާން..” ވިޝާ ޒުމާއާއި ދިމާއަށް ބަލާލަމުން ބުނެލި އެއްޗަކުން ޒުމާގެ ދެލޯ ދިޔައީ ބޮޑުވެގެނެވެ. ޒުމާއާއިއެކު ޒާހިރާވެސް އިނީ ލޯ ބޮޑުކޮށްލައިގެން ބުނި އެއްޗެއް ޔަގީން ނުވެފައި އިން ފަދައިންނެވެ.
” އެކަމު ވިޝޫ ކިހިނެތް؟..” ” ކީކުރަން މާލެދަނީ؟..” ޒުމާއާއި ޒާހިރާގެ ސުވާލު އައީ ދާދި އެއްކޮށެވެ. އެމީހުންގެ މޫނުމަތީގައިވާ ސުވާލުމާކުތަކާއިއެކު އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.
“ޒާއްތަ.. ޒުމް.. އެއ.. އެއީ މަންމަ އެދުނު ބޮޑު ކަމެއް ކޮށްދޭންވެގެން..” ވިޝާ އިސްޖަހާލަމުން ޖަވާބު ދިން އިރު އަޑަށް އައި ބަދަލު ޒުމާއަށާއި ޒާހިރާއަށްވެސް ފާހަގަވިއެވެ.
” އެކަމު.. ވިޝޫ.. ކޮން ކަމެއްތަ؟.. ވިޝޫ ކިހިނެތް އުޅޭނީ މާލޭގަ..” ޒުމާގެ އަޑުގައިވާ ހާސްކަމުގެ ސަބަބުން އޭނާ ވިޝާއަށް ހެޔޮ އެދޭ މިންވަރު ވިޝާއަށް އިހުސާސް ކުރެވުނެވެ.
” ވިޝާ.. މަންމަގެ؟.. ވަސިއްޔަތެއްތަ؟..މާލެ ގޮސްގެން ނޫނީ ނުވާނެތަ؟.. މުޅިން ބަދަލުވަނީތަ؟. ” ޒާހިރާ ވިސްނުންތެރިކަމާއިއެކު ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. އެވަގުތު ވިޝާ މަޑުމަޑުން ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
” މަންމަގެ ވަސިއްޔަތެއް ވިއްޔާ ފުރިހަމަ ކުރަންވާނެ.. އެކަމު ޒާއްތަ ދެން ކީކޭ ބުނާނީ.. ކިހިނެތް ވިޝާ މާލޭގަ އެކަނި އުޅޭނީ؟..” ޒާހިރާ މަޑުމަޑުން ތެދުވެގެންގޮސް ވިޝާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭރު ޒުމާވެސް ދެރވެފައި ވިޝާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.
” ޒާއްތާ.. މަންމަ ބޭނުންވަނީ އަހަރެން ވަރަށް ހިތްވަރުގަދަ އަންހެނަކަށް ވާން.. އަހަރެންނަށް އެކަނި އުޅެވޭނެ.. އިރާދަކުރެއްވިއްޔާ އެހާ ހިތްވަރު އެބަހުރި.. ޒާއްތަ ހަސަންބެ ގާތު ބުނެގެން އަހަރެންނަށް މާލޭން އެއްކޮޓަރީގެ އެޕާޓްމެނެޓެއްް ހޯދަދޭންވީނުން..” ވިޝާ ޒާހިރާގެ އަތުގައި ހިފާލިއެވެ. އެ އަންހެން ކުއްޖާގެ އަޒުމް ވަރުގަދަ ކަމުން ޒާހިރާ އިނީ ހައިރާންވެފައެވެ.
” ހާދަ ކެރޭ ކުއްޖެކޭ މާ ޝާ ﷲ.. ހަސަންބެމެންގެ ރިޔާޒު ކައިރީ ބުނެގެން ތަނެއް ބަލާލަފާނަން.. އެކަމަކު ވިޝާ ކިހިނެތް ކުލި ދައްކާ ހަދާނީ؟..” ޒާހިރާ ވިޝާގެ ބޮލުގައި ފިރުމާލިއެވެ.
” ޒާއްތާ.. ﷲ އިރާދަކުރެއްވީތީ އަހަރެންގެ އެވަރުގެ ތަނަވަސްކަން އެބަހުރި..މިދުވަސް މިހެން އަންނާނެތީކަންނޭނގެ ލާރި އެއްކުރެވުނީ..” ވިޝާ ފަނޑު ހިނިތުންވުމަކާއިއެކު ޒާހިރާއަށް ޔަގީންކަން ދިނެވެ.
” އެންމެ ރަނގަޅު.. ޒާއްތަ ބުނާނަން ހަސަންބެ ކައިރީގަ.. ވިޝާ އެކަނި އުޅެލެވޭ ވަރުގެ ކޮޓަރިއެއް ލިބޭތޯ..” ޒާހިރާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.
” ވިޝޫ.. އަހަރެންގެ ވެޑިން އަށްވެސް މަޑުނުކޮށްތަ؟..” ޒާހިރާ ދިއުމުން ޒުމާ ދެރަވެލާފައި ވިޝާގެ މޫނަށް ބަލާލިއެވެ. އެވަގުތު ވިޝާވެސް ދެރަވިއެވެ. އެންމެ ގާތް އެކުވެރިޔާއާއި އެއާއިލާ ދޫކޮށް ދާ ޚިޔާލު އައުމުންވެސް އޭނާގެ ހިތަށް ތަދުވެއެވެ. ހާދަ އެކަނިވެރިވާނެއެވެ. ނަމަވެސް އެ ފިޔަވަޅަކީ މިހާރު އޭނާ އަޅަން ޖެހިފައިވާ ފިޔަވަޅެކެވެ.
” ޒުމްމް.. ބޭނުން މަޑުކުރަން.. އެކަމު ފަށަން މިއުޅޭ ދަތުރުގެ ދިގުމިނެއް އަދި ނޭނގޭ.. މަންމައަށްޓަކައި މަރުވުމުގެ ކުރިން އެކަން ކުރަން ބޭނުން..ކޮންމެހެންވެސް ދާންޖެހޭ.. ސޮރީ ޒުމް..” ވިޝާ ޒުމާގެ އަތުގައި ހިފަހައްޓާލިއިއރު ކުޑަކޮށް ފެންކަޅިވެއްޖެއެވެ. އޭރު އަބަދު ސަކަރާތް ޖަހަ ޖަހާފައި އުޅޭ ޒުމާވެސް އިނީ ހިމޭންވެފައެވެ. ވިޝާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުންވެސް އޭނާ ދެރަވެއްޖެއެވެ.
އެދުވަހުގެ މެންދުރު ވީއިރުވެސް ވިޝާ އުޅުނީ ޒުމާއާއިއެކު އެގޭގައެވެ. އޭނާ އެގޭގައި އުޅެމުން މެންދުރަށް ކައްކައިދީ، އެ ގޯތިތެރެވެސް ކުނިކަހައިދީ ހެދިއެވެ. ވިޝާ ދެކޭގޮތުގައި އެހާ ހެޔޮ ބަޔަކަށް އެފަދަ ކަންތައްތައް ކޮށްދިނުމަކީ އޭނާގެ ވާޖިބެކެވެ.
” އާނ އެމަންޖެ ބުނީ އެކަނި އުޅެލެވޭ ވަރުގެ ތަންކޮޅެކޯ.. ތިބުނާ ތަން ރަނގަޅު ވާނެހެން ހީވަނީ..” ޒާހިރާ ހަސަނާއި ވާހަކަ ދައްކަމުން ގޭތެރެއިން ނުކުމެގެން އައީ ވިޝާ އުނދޯލީގައި އިންދައެވެ. އޭރު ޒުމާ ތަންކޮޅެއް ދުރުގައި ފޯނުން ވާހަކަ ދައްކަން ހުއްޓެވެ.
“އެތެދެއްތަ ވިޝާ.. މާ ރަނގަޅަކަށްނު މިދިމާވީ.. ރިޔާޒު އިހަށްދުވަހު އޭނާގެ އަންހެނުން ބުނެގެން ބޭބެ ކައިރީގަ ބުނީ ކުލީ ކޮޓަރި ހިފާނެ މީހަކު ހޯދަދޭށޭ.. އާންމުކޮށް މީހުން ނުހިފަނީ ތަންކޮޅު ކުޑަކަމުން.. އެކަމަކު އެކަނި އުޅެލަން ރަނގަޅުވާނެހެން ހީވަނީ..” ހަސަނު ވާހަކަ ދައްކަމުން ވިޝާގެ ކުރިމައްޗަށް ވާގޮތަށް ހުރި ފަތް ޖެހި އެނދުގައި އިށީނދެލިއެވެ.
” ކިހާ ވަރަކަށްތަ ދެނީ؟.. އެހާ ބޮޑު ނޫނަސް ރަނގަޅު ވާނެއޭ..” ހަސަނު ދައްކަމުން ދިޔަ ވާހަކައަށް ވިޝާ ވަރަށް ޝައުގުވެރިވިއެވެ.
” މަހަކަު 5000 އަށް.. ބޭބެއަށް ހިއެއް ނުވޭ އެޑްވާންސްގެ ގޮތުގައިވެސް ފައިސާ ނަގާނެހެންނެއް.. ދެން ރިޔާޒު ބުނި އެތާ ހުންނާނެއޯ ކުޑަ ދޮންނަ މެޝިނަކާއި، އުނދުނެއް.. އެހެން އެއްޗެހި ހޯދާށޯ ޖެހޭނީ..” ދުފާއެއްޗެހި އަޅާފައި ހުރި ތަށީގެ މަތި ނަގާލަމުން ހަސަނު ކިޔައިދިނެވެ. އެވަގުތު ވިޝާ ހިނިތުންވެލަމުން ހިތާއިހިތުން ﷲ އަށް ހަމްދުކޮށްލީ ކަންތައްތައް އެހާ ފަސޭހައިން ހަމައަކަށް އެޅޭތީއެވެ.
“ހަސަންބެ އެވާހަކަަ ދައްކާލަބަލަ.. އަހަރެން ބޭނުން ވަރަށް އަވަހަށް ދާން..” ވިޝާ އެހެން ބުނެލިއިރު ޒުމާވެސް އެތަނަށް އައިސްފިއެވެ.
” މިހާރު ހަމަޖެހުނީތަ؟..” ވިޝާމެން ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުން ޒުމާ ކުޑަކޮށް ހިނިތުންވެލިއެވެ. އެކުވެރިޔާއާއި ވަކިވާން ޖެހުނު ކަމުގައިވިޔަސް ވިޝާއަށްޓަކައި އޭނާ އުފާ ކުރިއެވެ.
ވިޝާއަށް ކަންތައްތައް ވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަސްކަމާއި ފަސޭހަކަމާއިއެކުގައެވެ. ހަސަނުގެ އެހީގައި ދެދުވަހުގެ ތެރޭގައި މާލޭގައި ހުންނާނެ އެޕާޓްމެންޓެއްގެ ކަންތައް ހަމަޖެހުނެވެ. އަދި ދެން އޭނާގެ މަގްސަދަކީ ވީއެންމެ އަވަހަށް މާލެ ދިއުން ކަމުގައިވާތީ ހަސަނު އެކަމުގައިވެސް އޭނާއަށް އެހީތެރެިވެދިނެވެ. އެގޮތުން އޭގެ އަނެއް ދުވަހު ފުރާ ބޯޓުން ވިޝާ މާލެ ގެންގޮސްދޭނެކަމުގައި ހަސަނު ބުންޏެވެ.
ފުރަން އޮތް ދުވަހުގެ ހެނދުނުު ވިޝާ އޭނާ އުޅޭ ގޭގެ ކަންތައްތައް ހަމައަކަށް އެޅުވުމަށްފަހު ގޭގެ ތަޅުދަނޑިފަތި އެގޭގެ ވެރިމީހާއާއި ހަވާލުކުރީ މާލެ ގެންދަން ބޭނުންވާ ސާމާނު ޒާހިރާމެން ގޭގައި ބެހެއްޓުމަށްފަހުއެވެ. ވިޝާއަށް އެނގިފައި އޮތް ގޮތުންނަމަ އޭނާ އުޅުނު ގެއަކީ ވާލިދާ އެރަށަށް ބަދަލުވީއިރު ފަޅަށް ހުރި ގެއެކެވެ. އެގޭގައި އުޅުނު މީހުން ދިރިއުޅުން މާލެއަށް ބަދަލުކުރުމުން ވީރާނާ ވަމުން ދިޔަ ގެ ވާލިދާ އުޅުމަށް އެމީހުން ދިނީ ހެޔޮހިތުންނެވެ. މިހުރިހާ ދުވަހު އެ ގެ ވީރާނާނުވެ އެހުރީ ވިޝާމެން ދެމައިންގެ ސަބަބުންކަން އެމީހުން ގަބޫލުކުރެއެވެ.
އެދުވަހުގެ ހަވީރުވެގެން އައި އިރު ވިޝާ އުޅެމުންދިޔައި ނުހަނު ބުރަކޮށެވެ. ހަވީރު ބޯޓު ފުރަން ވާއިރަށް ހުރިހާ އެއްޗެހި ފޮށި ފޮއްޓަށް އަޅާ، ޒާހިރާ ދިން ރިހާކުރު ފުޅިއާއި، ތެލުލިފަތް ދަޅުވެސް ފޮއްޓަކަށް ލާ ބަންދުކޮށް ހެދިއެވެ.
“ޒާއްތައާއި ހަސަންބެގެ ހެޔޮކަން ދުވަހަކަުވެސް ހަނދާނެއް ނުނެތޭނެ..” ފުރަން ގޮނޑުދޮށަށް ދިއުމުގެ ކުރިން ވިޝާ އަސަރާއިއެކު ޒާހިރާ ގާތުގައި ބުނެލިއެވެ. އޭރު އޭނާގެ ލޯ ފެންކަޅިވެފައި ހުރުމުން ޒާހިރާވެސް ވިޝާގެ ބޮލުގައި ފިރުމާލީ ލޯތްބާއިއެކުގައެވެ.
” ޒާއްތަމެންނަށް އެހީ ވެވެނީ ވިޝާ އަމިއްލައަށްވެސް އެކަން ދަންނާތީ.. އިރާދަކުރެއްވިއްޔާ ވާލިދާގެ އެދުން ވަރަށް އަވަހަށް ފުރިހަމަވާނެ..” ވާލިދާގެ އެދުމަކީ ކޮބައިކަން ނޭނގުނު ކަމުގައިވިޔަސް ޒާހިރާ ވިޝާއަށް ހިތްވަރު ދިނެވެ.
” އަހަރެން ދާނަން ވިޝާ ފުރުވަން..” ޒުމާ ވިޝާގެ އަތުގައި ހިފާލިއެވެ.
” ނޫނޭ ޒުމް.. ދެން އެތަނަށް ނުދިޔަޔަސް އޯކޭ ވާނެ.. ބަލާބަލަ ޒާއްތަ އެއުޅެނީ ވަރަށް ބިޒީކޮށް.. ދޭބަލަ ހެލްޕް ވާން..” ފެންކަޅިވަމުން ދިޔަ ލޯ ފޮރުވާލަމުން ވިޝާ ވާހަކަދެއްކީ މަޑުމަޑުންނެވެ.
” އައި ވިލް މިސް ޔޫ ވިޝޫ..” ކުއްލިއަކަށް ޒުމާ ރޮއިގަންނަމުން ވިޝާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ވިޝާއަށްވެސް ރޮވުނެވެ.
” އިރަމްއަށާއި ޒީނިޔާއްތައަށް ސަލާމް ބުނާތި.. އިރަމް ކައިރިއަށް ދިޔައިން މެންދުރު..” ޒުމާގެ ގައިގައި ބައްދާލައިގެން ހުރެ ިއރަމްގެ ވާހަކަ ބުނިއިރު ވިޝާގެ އަޑުގައި ތުރުތުރެއް ވެއެވެ. އޭނާ މާލެ ދިއުމުން އެންމެ ހަނދާންވާނެ އެއްފަރާތަކީ އިރަމްއެވެ.
” ވިޝާ ހަސަންބެ ގުޅައިފި.. ވިޝާގެ ފޮށި ގެންގޮސްފީމޯ.. ދެން ރީތިވެލައިގެން ގޮނޑުދޮށަށް ނުކުމޭ..” ވިޝާ ޒުމާގެ ކަރުނަތައް ފޮހެލަދިނުމަށްފަހު ގޭތެރެއާއި ދިމާއަށް ހިނގައިގަތީ ކުޑަކޮށް ރީތިވެލުމަށެވެ. އެވަގުތު ޒުމާ ލޯ ފޮހެލަމުން ބަދިގެއަށް ވަނީ ވިޝާއަށް ދަތުރުމައްޗަށް ގަނެދީފައި ހުރި ކާއެއްޗެހި ނެރުމަށެވެ.
ވިޝާ ގެއަށް ވަދެ ޒުމާގެ ކޮޓަރިއާއި ދިމާއަށް ދާންއުޅުނު ވަގުތު މީހަކު އޭނާގެ އަތުގައި ހިފައި ޖެހިގެން ހުރި ކޮޓަރިތެރެއަށް ދަމައިގަތީ ކުއްލިއަކަށެވެ. ސިއްސައިގެން ދިއުމާއިއެކު ގަތްބިރެއްގެ ސަބަބުން ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލި ވަގުތު އެމީހަކު އޭނާގެ އަނގަމަތީގައި އަތްއެޅީ ހުށިޔާރުކަމާއިއެކުގައެވެ. އޭރު އޭނާ ހުރީ އެކޮޓަރިތެރޭގައި އެމީހަކާއި ފާރާ ދެމެދު ރަނގަޅަށް ފިތިފައެވެ. ލޯ މަރާ ބާރުކޮށްގެން ހުރުމަށްފަހު ވިޝާ ލޯހުޅުވާލީ އެމީހަކު އޭނާގެ އަނގަމަތިން އަތްދޫކޮށްލުމުންނެވެ.
“ޒައިދު..” ވިޝާގެ އަޑު ނުކުތީ މަޑުމަޑުންނެވެ. އޭރު އޭނާއާއި ނުހަނު ގާތުގައި މޫނާއި މޫނު ހަމަކޮށްލައިގެން ޒައިދު ހުރީ ވިޝާގެ އަތުގައިވެސަް ހިފަހައްޓާލައިގެންެނެވެ. އެ ކަޅުކަންގަދަ ފުން ދެލޮލުން ކަރުނައިގެ އަސަރު ފެނުމުން ވިޝާ ކުޑަކޮށް ހައިރާންވިއެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރި ޒައިދުއަކީ މީގެ ކުރިން އޭނާއަށް ފެނިފައިވާ ޒައިދުއެއް ނޫނެވެ. ވިޝާގެ ހިތް ތެޅިގަތެވެ. ޒައިދުގެ ކޮޓަރިތެރޭގައި އިތުރު މީހަކު ނެތި އޭނާއާއި އެހާ ގާތުގައި ހުރެވުނުކަން އެނގުމުން ކުޑަކޮށް ހާސްވާގޮތްްވިއެވެ.
“ޒޒ ޒައިދު ކިހިނެތްވީ؟..” ވިޝާ ޒައިދުގެ ގޮތްނޭނގޭ ދެލޮލަށް ފުންކޮށް ބަލާލަމުން ސުވާލުކޮށްލިއިރު ޒައިދު ބަލާވަރުން އޭނާގެ ދޮން މޫނުވަނީ ޖަންބެއް ފަދައިން ރަތްވެފައެވެ.
” ވިޝޫ.. ހަމަ ދަނީތަ؟..” ޒައިދު އެހުރިގޮތަށް ހުރެ ވާހަކަ ދެއްކިއިރު އަޑު ބޭރުވަނީ ކިރިޔަ ކރިޔާއެވެ.
” އަ.. ދާ.. ދާ ން ޖެހެ.. ޖެހެއޭ..” ވިޝާ ފުރަތަމަ ފަހަރަށް ޒައިދުގެ ކުރިމަތީގައި ލަދުގެންފިއެވެ. ޒައިދުގެ އާދަޔާ ޚިލާފު ގާތްކަމުގެ ސަބަބުން އޭނާ ޖެހިލުންވެސްވިއެވެ.
“އެކަމު.. އައި.. އަހަރެން ކިހިނެތެް ވިޝޫ ނެތްތާކު އުޅޭނީ؟..” ކުއްލިއަކަށް ޒައިދު ވިޝާގެ ކޮނޑުގައި މޫނު ޖައްސާލަމުން ލޮލުން ވެއްޓުނު ކަރުނަ ތިކި ވިޝާއާއި ހަވާލުކުރިއެވެ. އޭރު ވިޝާހުރީ ހައިރާންވެގެން ހިރިލަންވެސް ނޭނގިފައެވެ. ޒައިދުއަށްވެފައި މިހުރީ ކިހިނެތްބާއޭ ހިތައް އަރާ ހާލު ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޒައިދުގެ މަޑު ރުއިމުގެ އަޑުވެސް އޭނާއަށް ނީވޭ ފަދައެެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


v interestin waitinfor another part