މަންމަގެ ނޭވާ ހާސްވާން ފެށިއެވެ. ކަރުން ތަންކޮޅެއް ކަނޑައިގެންވެސް ދިޔައެވެ. “ނިޝްރާ. ކަލޭގާތު މަބުނީމެއްނު އެއްވެސް މީހެއްގާތު މަ ކަންތައްކުރި ގޮތުގެ ވާހަކަ ނުދައްކާށޭ. އެކަމަކު މަށަށް ހީވަނީ މިހާރު ކަލޭ ދައްކައިފިހެން. އަނެއްކާވެސް ލަނޑެއް ދޭންވީތަ؟” މަންމަގެ މުޅިހަށިގަނޑަށް ބާރު ފޯރުވައިގެން އޮވެ އެމީހާ މަންމައާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. މަންމަގެ ހިތާމައިގެ ސިއްރުގެ ވާހަކަ މީހަކަށް ކިޔައި ނުދެން ކަމުގައި އޭނާގެ ގާތުގައި ރޮމުން ގިސްލަމުން ބުނަމުން ދިޔައީމެވެ. ދަރިފުޅުގެ ހައްގުގާނަމަވެސް މަންމައަށް އަނިޔާ ނުކުރުމަށް އާދޭސް ކުރީމެވެ. އޭނާބޭނުންވާގޮތައް އެކަން ސިއްރުކޮށްދޭނެކަމުގައި ބުނެ ވަޢުދު ވީމެވެ. ޖަވާބުގައި އޭނާ ހަރުކަށިކަމާއި އެކު ބުނަމުން ދިޔައީ އެފަދަކަމެއް ކޮށްފިއްޔާ ނުރައްކާވާނީ ހަމައެކަނި މަންމަގެ ފުރާނައަށް ނޫންކަމުގައެވެ. މަންމަގެ ކުރިމަތީގައި ދަރިފުޅުގެ ފުރާނަވެސް ތި މައުސޫމު ކުޑަކުޑަ ހަށިގަނޑާއި ވަކި ކުރާނެކަމުގައި އިންޒާރުދެމުން ދިޔައެވެ. އޭނާގެ ރަހުމު ކުޑަ އަތުން މަންމަގެ މޫނުގައި އަތްކާތަމުން މަންމަގެ ގައިގެ ވަސްބަލަމުން ދިޔައިރު މަންމަ އޮތީ ކުރީގެ ނިކަމެތި ހާލަތައް ރުޖޫއަވާންޖެހިދާނެތީ ބިރުގަނެ ގަނޑުވެފައެވެ. އޭނާގެ ނުލަފާ އަމަލުތަކަށް ޖާގަ ނުދިނުމަށް މަންމަ މަސައްކަތް ކުރީމެވެ. ނަތީޖާއަކަށް ވީ އޭނާގެ މޫނުގައި މަންމަގެ އަތް ހޫރާލާ ކޫރު އަޅުވާލުމެވެ. އެކަމަކު އޭގެ ސަބަބުން އޭނާގެ އަނިޔާވެރިކަން ދިޔައީ އިތުރުވެގެނެވެ. ކުޑަވެސް ބެލުމެއްނެތި މަންމަގެ ގުނަވަންތަކުގައި ހިފާ، ތަޅާ އަނިޔާކުރުމަށްފަހު ރާޝިދު އާއި އޮތް ގުޅުން ބަދަހިނުކުރުމަށް ގަދަ އަމުރުކުރަމުން ނިކުމެގެން ދިޔައެވެ.

އޭނާ ނުކުމެގެން ދިއުމާއިއެކު މަންމަގެ ހަށިގަނޑު ނިވާކުރުމަށް މަސައްކަތް ފެށީމެވެ. ލައިގެންހުރި ނައިޓީގެ ފަސްބަޔަށް އެއް އަތުން ދަމާލާ ކަކޫނިވާކޮށްލީމެވެ. އަނެއް އަތުން އުޅަބައްޓާއި ހިސާބައް ވެޓިފައިވާ ހެދުމުގެ ކޮޑު ނަގާ ކޮޑުމަތީގައި އަޅުވާލީމެވެ. އަދި ތެދުވަންވެސް ނޭނގި ގުޑިލަންވެސް ނޭނގި އިނދެވުހެވެ. ފާރުކައިރިއަށް ޖެހިލާ ދެ ކަކޫ މަތީ އަތް އަޅާ ބޯޖަހާލައިގެން އިނީމެވެ. ރޮމުން ގިސްލަމުންނެވެ. ވޭނުން ފުރިފައިވާހާލުގައެވެ. މަންމަގެ މިނިކަމެތި ހާލަށް ބަދަލެއް ނާންނާނެކަމުގައި ޔަގީންކޮށް ހިތާމަކުރަމުންނެވެ. މަންމަގެ ހަޔާތުގައި ދިމާވެފައިވާހާ ހިތާމަވެރިކަމެއްގެ މަތިން ވިސްނާ ފިކުރުކުރަމުންނެވެ. މި ހަޔާތުގެ ކަޅު އަނދިރި ދުވަސްތައް މިސިކުނޑި ކޮށާ ނޮޅާ ހާލުގައެވެ. މާމައާއި އާއިލާ، ތިމާގެ މީހުނާއި ރައްޓެހިންގެ ވިޔާނުދާ އަމަލުތަކުން މަންމަ ބާކީކުރިވަރު ހިތައްއަރާ ހާސްވާހާލުގައެވެ. މުޅި ރޭ ހޭދަކުރަން ޖެހުނީ އެހާލުގައެވެ. ދަރިފުޅަށް ލިބިދާނެ ގެއްލުމަކާއި ދޭތެރޭ ވިސްނާ ފިކުރުކޮށް ގައިބާރު ހުސްވިއެވެ.

މަންމައަށް ރާޝިދުއާއި އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުމުން އެވަގުތު ކޮޅުގެ ހަނދާންކޮށް ހިންހަމަ ޖައްސާލާނެ ހަމަ އެންމެ ސިކުންތެއްވެސް ނުލިބުނެވެ. އެކަމުން މަންމައަށް ކިތަންމެ އުފަލަކާއި އަރާމެއް ލިބުނުކަމުގައި ވިޔަސް އެކަމައިގެން ކުރިއަށް ދެވޭނެ ހަމަ އެއްވެސް ގޮތެއް މަންމައަކަށް ނެތެވެ. އެއް ގެއެއްގައި އުޅުނަސް ރާޝިދުގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ހަމަ އެއްވެސް ގޮތެއް މަންމައަކަށް ނުލިބުނެވެ. ރާޝިދު ބޭނުންވާފަދަ ގުޅުމެއް މަންމަވެސް އޭނާޔާ އެކު ބާއްވަން ބޭނުންވެއެވެ. އެކަމަކު މަންމަގެ ހަޔާތުގައި ވަކި ހިއްޕާލާފައިވާ އިފުރީތު މަންމަގެ ހުރިހާ އުފަލެއް ފޭރިގަންނަމުން އެދަނީ އޭނާގެ ހުރިހާ ހިންހަމަޖެހުމަކަށް ކަހަލައެވެ.

މަންމައަށް ހޭވެރިކަންވީ މީހަކުއައިސް ގޮވަންފެށުމުންނެވެ. އޭރު މަންމަ އޮތީ ހަބަރުހުސްވެފަ ނޫން ކަމެއްވެސް ނޭނގެއެވެ. ހޭވެރިކަން ވީ ރާޝިދު އައިސް ގޮވަން ފެށުމުންނެވެ. އެކަމަކު ރޭގެ ކަންތައްގަނޑާއި ހެދި މަންމައަށް ރާޝިދުއާއި ކުރިމަތި ލާންވެސް ދަތިވިއެވެ. އެއީ ރާޝިދު އާއި އެކީ ލޯބީގެ މާފޮޅުވުމުގައި އެތައް ވަގުތެއް ހޭދަކުރެވުނީމައެއްނޫނެވެ. މަންމައަށް ދިން އިންޒާރުގެ ސަބަބުން ގަންނަ ބިރުންނެވެ. ރާޝިދުގޮވަން ފެށުމުން މަންމަ އޭނާގެ ކިބައިން ސަލާމަތް ވުމަށް ފުރަތަމަ ފަހަރަށް މަސައްކަތް ކުރަން ފެށީމެވެ. އެގޮތުން އޭނާއަށް ޖަވާބު ދިނުމުގެ ގޮތުން މަންމަ ފެންވަރަނީ ކަމުގައި ބުނެ އިރުކޮޅަކުން ނުކުންނާނެ ކަމުގައި ބުނެލީމެވެ. އެކަމަކު އޭރުވެސް މަންމަ އޮތީ ހަމަ އެނދުމަތީގައި ދެމިފައެވެ. ހޭ އެރުމާއި އެކީ އިންޒާރުގެ މަތިން ހަނދާން ވެ ރޯން ފެށުނެވެ. އަދި ދަރިފުޅުގައިގައި އޮޅުލައި ހެދުނެވެ. މޮޔައެއް ފަދައިންނެވެ. އެކަމަކު ހިތްވަރުކޮށްފައި ތެދުވެ ފެންވަރައިގެން ބޭރަށް ނުކުތީމެވެ.

“ނިޝްރާ. މިވަރަށް ގޮވާއިރުވެސް ހާދަލަހުން ތިއައީ. ސަކިންތަ ބުނެގެނޭ މަމިގޮވަނީ. ބަލާބަލަ ސަކިންތަ އޮތް ހާލު. އެފަކީރުގެ ހާލު ވަރަށް ދެރަހެން ހީވަނީ”. ދަރިފުޅު އުރައިގެން ހުރެ ކޮޓަރިން ނުކުމެ ސިޓިން ރޫމަށް ވަންނަން ފައި އެޅުމާއި އެކު ރާޝިދު ސަކުވާކުރަން ފެށިއެވެ. އެކަމަކު މަންމައަށް އޭނާ ގޮވީ ކޮންކަމެއް ބޭނުންވެގެން ކަން ނޭނގޭތީ ނުކުމެވުނީ ވަރަށް ލަސްވިފަހުންނެވެ. އެކަމާއި މަންމަ ވަރަށް ދެރަވެ މާފަށްވެސް އެނދުނީމެވެ. އެކަމަކު ސަކިންތަގެ ހިންހެޔޮކަން އެވަގުތުވެސް ދައްކާލިއެވެ. ރާޝިދު ގާތު އެއްޗެހި ނުކިޔުމަށް ބުނަމުން މަންމައާއި ރާޝިދުއަށް ސަކިންތަގެ ބަލި އަޑުން ގޮވާލާ ސަކިންތަގެ ގާތުގާ އިށީނުމަށް ބުނެލިއެވެ. މަންމައާއި އާއި ރާޝިދުއަށް ސަކިންތަ ނަސޭހަތް ދޭން ފެށިއެވެ. ދުނިޔޭގެ ދުވަސްތައް ފާއިތުކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިވާނެ ވާހަކައާއި ހިތްވަރާއި އެކު އެކަންކަމާއި ކުރިމަތި ލާންޖެހޭނެކަމުގައި ބުނަމުން ދިޔައެވެ. އަދި ސަކިންތަ ނެތް ދުނިޔެއެއްގައިވެސް މަންމައާއި ދަރިފުޅުގެ ކަންކަން ފުރިހަމަ ކޮށްދިނުމަށް ރާޝިދު ގާތު އެދުނެވެ. ސަކިންތަ މަރަށް ހާޟިރުވެ އޮވެވެސް އެދެމުން ދިޔައީ މަންމައާއި ދަރިފުޅަށް ރަނގަޅު އުފާވެރި ގޮތް މެދުވެރި ވުމަށެވެ. ސަކިންތަގެ އެދުމުގެ މަތިން، މަންމެން ދެމައިންގެ ކަންކަން ފުރިހަމަ ކޮށްދިނުމަށް ރާޝިދު ވަޢުދުވިއެވެ. ސަކިންތަގެ ހުރިހާވެސް އުންމީދަކީ ދެމީހުން އެކީ އުޅުން ކަމުގައި ކުކުރަމުން ބުނެލިއެވެ.

އެދުވަހުގެ ހަވީރެވެ. ރާޝިދު އިނީ ދަރިފުޅުގޮވައިގެން ބޭރު ޖޯލިފަތީގައި ކުޅޭށެވެ. މަންމަ އިނީ ސަކިންތަގެ ހާލު ދެރަކަމުން ދުރަށް ޖެހިލަންވެސް ނުކެރިފައެވެ. ސަކިންތަގެ ހާލު ދެރަވަމުން އަންނަތާ ދުވަސްތަކެއް ވީނަމަވެސް މިއަދު ސަކިންތަގެ ހާލު އަދި މާ ބޮޑެވެ. ކާއެއްޗެއް ނުކެވޭ ތަނުގައި އެއްވެސް އެއްޗެއްވެސް ނުބޮވެއެވެ. އެކި ބާވަތުގެ ޖޫހާއި ފަނި ޖެއްސުމުންވެސް އެތެރެވާގޮތް ނުވިއެވެ. ގަޑިއަކު އެއްފަހަރު ކަހަލަ ގޮތަކަށް އެތެރެވަމުން ދިޔައީ ސަމުސަލެއްހާމަދު ކުރުބާ ފެންފޮދެކެވެ. މަންމަވެސް އެކަމާއި ހާސްވެ ކަންބޮޑުވަމުން ދިޔައީ މި ބޮޑު ދުނިޔެއަށް މަންމަ އާއި ދަރިފުޅު ދޫކޮށްލާފާ ސަކިންތަވެސް ދާންޖެހޭ ވަގުތު އައިސް ޖެހެނީކަމުގައި ހިތައް އަރާފައެވެ. ރޭގައި އައި މީހާ މަންމައާއި ރާޝިދު އާއި ދެމެދު ގުޅުމެއް ނުބޭއްވުމަށް ގަދަ އަމުރުކޮށްފައި ދިޔުމުން އެކަނިވެރިކަން އިހުސާސް ކުރަން ޖެހުނެވެ. މިފަހަރު މި ލިބެނީ އެއަށްވުރެވެސް ބޮޑު ހިތާމައެކޭ ހިތައްއަރާ ހާސްވެ ރޮވެން ފެށުނެވެ. އެކަމަކު ސަކިންތަ ހިތްވަރު ދުލެއް ނުކުރެވެ. މަންމަގާތު ހިތްވަރު ކުރުމަށް ބުނަމުން ދިޔައެވެ. މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް އިޝާރާތް ކުރަމުން ފުހެލައިދޭންވެސް މަސައްކަތް ކުރިއެވެ. އެކަމަކު ސަކިންތަގެ ހާލު މިއަދު އެއަށްވުރެ މާދަށެވެ. އެކަންކަން ކުރެވޭވަރަށްވުރެ ސަކިންތަގެ ބަލި މާ ބޮޑެވެ.

“ނިޝްރާ. ކޮބާތަ ޝާލީ. އަހަރެން އުރާލަން އެމަންޖެ ގެނެސް ދީބަލަ. އަހަރެން އޭނަ ދެކެ ހާދަ ލޯބިވެއެވެ.” ސަކިންތަގެ ބަލި އަޑުން މަޑުމަޑުން މަންމަގެ އަތުގައި ހިފާލާ މިހެން ބުނެލަމުން މަންމަގެ ބުރަކަށިގައި ފިރުމާލިއެވެ. ސަކިންތަގެ އެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި މަންމަ މަސައްކަތް ކޮށް ރާޝިދު އަށް ގޮވާ ދަރިފުޅު ގެނައީމެވެ. އަދި ސަކިންތަ ބޭނުންވިފަދައިން އޭނާގެ ގާތުގައި ދަރިފުޅު ބޭންދީމެވެ. ރާޝިދުވެސް ޖެހިލުންވުމެއް ނެތި އައިސް މަންމަގެ ގާތުގައި އިށީނެވެ. މަންމައަށް އުދަގޫވިނަމަވެސް އެވަގުތައްޓަކައި އެއީ ނުވާކަމެއް ކަމުގައި ހަދާ ކެތްކޮށްލީމެވެ. ސަކިންތަ އެތައް މަސައްކަތަކުން ދަރިފުޅުގެ މޫނުގައި ބޮސްދިނެވެ. އަދި މަންމަގެއަތުގައި ހިފާ ރާޝިދު ގެ އަތުގެ ތެރެއަށްލާ ބާރުކޮށްލިއެވެ. ދެމީހުން އެކީ އުޅެން އަގުދު ކޮށްދިން ކަހަލައެވެ. އަދި ދަރިފުޅުގެ ގައިގައި ބައްދާލަމުންސަކިންތަގެ މޭމަތީގައި ދަރިފުޅު ޖައްސާލިއެވެ. މަންމައާއި ރާޝިދު އަށް އިނދެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ހިޔާލީ ދުނިޔެއެއްގައެވެ. ހޭވެރިކަންވީ ސަކިންތަގެ ވޭނީ ނޭވާއެއްގެ އަޑަށެވެ. ދަރިފުޅުގެ ރުއިމުގެ އަޑާއި ސަކިންތަގެ ވޭނީ ނޭވާގެ އަޑު އިވިގެން ދިޔައީ އެކު އެކީގައެވެ. ސަކިންތަ ވޭނުގައި ވެސް ކުކުރަމުން لَا إِلٰهَ إِلَّا الله مُحَمَّدٌ رَسُولُ الله މިހެން ކިޔަމުން ދިޔައެވެ. އެންމެ ފަހުން ސަކިންތަގެ ފުރާނަ އެ ހަށިގަނޑާއި ވަކިވެގެން ދިޔައީ މަންމަގެ މި ނިކަމެތިކަން އިންތިހާއަށް އިތުރުކޮށް، އެކަނިވެރިކޮށްފައެވެ. ސަކިންތަ މިދުނިޔެއާއި ވަކިވީއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

ދަރިފުޅާއެވެ. މަންމަގެ މި ނިކަމެތި ހަޔާތުގައި އެހީތެރިކަމެއް ފޯރުކޮށްދީ އެކަނިވެރިކަން ފިލުވާލަދިން ހަމައެކަނި މިތުރަކީ ސަކިންތައެވެ. މައެއް ފަދައިން ބަލާ ލޯތްބާއި އަޅާލުންދީފައި ސަކިންތަ ވަކިވެގެން ދިޔައީ މަންމަގެ ހަޔާތުގައިވާހާ އުފަލެއް ހިފައިގެނެވެ. ދަރިފުޅު ފިޔަވާ އިތުރު އެކުކުވެސް ނެތްކަން މަންމައަށް އިހުސާސް ކުރުވަމުންނެވެ. ރާޝިދުއަށް މަންމައާއި އެކު ނޫޅެވޭނެކަން ނޭނގުނަސް އޭރުވެސް މަންމައަށް އެކަން އެނގޭތީ އެކަމާއި ހިތާމަކުރެވެމުން ދިޔައެވެ. ސަކިންތަގެ ހަށިގަނޑުން ފަހު ނޭވާ ނުކުމެގެން ދިއުމާއި އެކީ މަންމައަށް ބާރުބާރަށް ރޯން ފެށުނެވެ. ސަކިންތަގެ ގައިގައި އޮޅުލަ އޮޅުލައިފައި ރޮވުނެވެ. އަމިއްލަ މަންމަ މަރުވީކަމުގައި އިހުސާސް ކުރެވުނެވެ. ރޮއި ގިސްލާ ހިތްފަޅާއިގެން ގޮސް މޮޔަވާވަރުވިއެވެ. އަނެއްކާވެސް އެކަނިވެރިވެ ބާކީވެ ނިކަމެތިވާނެ ވަރު އިހުސާސް ކުރެވެމުން ދިޔައެވެ. އުޅޭނެ ގެއެއް ގެދޮރެއް ހިޔަލެއް ނުލިބޭނެ ކަމުގައި ވިސްނާ ފިކުރުކުރެވެން ފެށީ ދަރިފުޅުގެވެސް ހައްޤުގައެވެ. މަންމަގެ ހުރިހާ ހިއްސުތަކެއް ގަނޑުވިއެވެ. ހަރަކާތް ހުއްޓި ގަބުވިއެވެ. ދަރިފުޅުގެ ރުއިމުގެ އަޑުވެސް މަންމައަށް ނީވުން ކަހަލައެވެ.

“ނިޝްރާ. ނިޝްރާ. ދެން ނުރޮވޭ. ހިތްވަރުކުރަންވާނެ” ސަކިންތަގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ ރޮނިކޮށް މަންމަ ނަގާ ރާޝިދުގެ ކޮޑުގައި ލައްކޮށްލަމުން ރާޝިދު ބުނަމުން ދިޔައެވެ. އަދި މަންމައަށް ހިތްވަރުދީ ސަކިންތަގެ ކަންކަމުގައި އޭނާ މަސްއޫލުވިއެވެ.

ސަކިންތަ ނިޔާވުމުން ހިނަވާ ކަފުންކޮށް ވަޅުލުމުގެ އެންމެހާ ކަންކަން ރާޝިދު ކުރިއެވެ. މަންމައަށް ހުރެވުނީ ހަމަ ގަބުވެފައެވެ. އެހުރިހާކަމެއް ނިމުން އިރުވެސް މަންމައަށް ގުޑިލަންވެސް ނޭނގުނެވެ. މީހުން ހޭލަމޭލަވެ އުޅުނުއިރުވެސް މަންމައަށް ގުޑިވެސް ނުލެވުނެވެ. އެ އެންމެން އައިސް އުޅުނު އިރުވެސް އެކަކުވެސް މަންމައާވެސް އަދި ދަރިފުޅާވެސް އަނގައިން ނުބުނެއެވެ. ދަރިފުޅުގެ މާމަވެސް އައިސް ސަކިންތަގެ މޫނު ބަލާލުމަށްފަހު ދިޔައީ މަންމައާވެސް އަދި ދަރިފުޅާވެސް އަނގައިން ނުބުނެއެވެ. ފުން އިނގިލި ކުރިވެސް ޖައްސާނުލައެވެ. ލިބުނު ހިތާމަ އެކަމުގެ ސަބަބުން އެތައްގުނައަކަށް އިތުރުވެގެން ދިޔައެވެ. އެހެން މީހުންގެ ތުއްތުކުދިންނާއި އެކު އެންމެންވެސް ކުޅެ ސަމާސާ ކޮށް ހަދަމުން ދިޔައިރުވެސް ދަރިފުޅު ބާކީކޮށްލާފައި ހުރުމުން މަންމަގެ ކެތްތެރިކަން ކޮޅުންލައި މަންމަގެ ރުއިން ގިސްލުމަށް ބަދަލުވިއެވެ. މިފަހަރުވެސް މަންމައަށް އެހީތެރިވެ ނަސޭހަތްތެރިވީ ރާޝިދުއެވެ. ސަކިންތަ ވަޅުލައިފައި އައިސް ރާޝިދު އޯގާތެރިކަމާއި އެކު ފިރުމާލަމުން މަންމަމެން ދެމައިން ގޮވައިގެން އެތެރެއަށް ވަނެވެ. އެ މަންޒަރު ބަލަން މީހުން ތިބި ކަމުގައި ވިޔަސް މަންމައަށް އެކަން ހުއްޓުވޭވަރަށްވުރެ މަންމަގެ ހާލު އޭރު މާ ދެރައެވެ. މަންމަގެ އުނަގަނޑުގައި އެއް އަތުން ހިފާލައިގެން އަނެއް އަތުން ދަރިފުޅު އުރައިގެން އެތެރެއަށް ދިޔަ މަންޒަރު ބަލަން އެއަނިޔާވެރިޔާ ހުރިކަން މަންމައަށް އެނގުން ކަމުގައި ވިޔަސް އެކަން މަނާކުރެވޭވަރުގެ ހިތްވަރެއް މަންމަގެ ކިބަޔަކު އެވަގުތަކު ނެތެވެ. ރާޝިދު އޭނާގެ އިހުސާންތެރިކަމާއި އެކު ގެނެސް މަންމަ ކޮޓަރިއަށް ވެއްދުމަށް މަސައްކަތް ކުރިއެވެ. އެކަމަކު މަންމަގެ އެދުމުގެ މަތިން ސަކިންތަގެ އެނދުކައިރީގައި ބޭންދިއެވެ. ސަކިންތަގެ ތަންމައްޗަށް ނަޒަރުހިންގަމުން އެތައް އިރަކު އެ އެދަށް ބަލާ ރޯން މަންމައަށް ހުރެވުނެވެ. ލަގޮނޑި ފަޅައިގެންގޮސްފައިވާ ހާލުގައެވެ. ރޮމުން ގިސްލަމުންނެވެ. އެންމެ ފަހުން ރޮއި ވަރުބަލިވެގެން ކޮޓަރިއަށްދާން މިސްރާބު ޖެހުމުގެ ކުރިން އެ އެނދުގެ ތަންމަތި ރީތިކޮށްލުމަށް މަސައްކަތް ކުރީމެވެ. ބާލީސް ގުޑުވާލުމާއި އެކީ މަންމަގެ ލޮލުގައި އަޅައިގަތީ އެ ބާލީހުގެ ދަށުގައި އޮތް ހުދު ގަނޑެއްގައެވެ. މަންމަ މަޑުމަޑުން އެ ބާލީސް އެއްފަރާތް ކޮށްލީމެވެ. އަދި ގަނޑު ނަގަމުން އެނދުގައި އިށީނީމެވެ. ފަރުވާތެރިކަމާއި އެކު ގަނޑު ނަގާ ކިޔަން ފެށީމެވެ.

-ނުނިމޭ-

12

12 Comments

 1. lady gaagaa

  February 11, 2014 at 2:46 pm

  vrh reathi mi bai ves
  kive vrh lahun up vani
  ?????
  rashid r nishraa r dhemeehun kaiveni kuruvaba
  kober tha nishraage kury ge x bf ???

 2. Yuin

  February 11, 2014 at 6:38 pm

  Story v salhi. V touching….. Waiting for da next part……………..

 3. Naany

  February 11, 2014 at 7:36 pm

  Hadha sloley dho upvaaleh…

 4. zeena

  February 11, 2014 at 11:05 pm

  Varah salhi….ekam haadha kurey ehaa dhuvas kohfa up vaa iru ves.

 5. zeenaa

  February 11, 2014 at 11:07 pm

  Varah salhi….ekam haadha kurey ehaa dhuvas kohfa up vaa iru ves.

 6. shif

  February 12, 2014 at 8:21 am

  ހާދަ ކުރުކޮށް ތިގެނެސްދެނީ އެހާ ގިނަ ދުވަސްކޮށްފަ ފޮނުވާއިރު، މިކަންތައްތަކަށް ތަންކޮޅެއް ބޮޑަށް ވިސްނާލާ، ކިޔުންެތެރިން ގެއްލުމުގެ ފުރުޞަތު ބޮޑު، އަދި ތިލިޔުންތެރިޔާގެ ވާހަކަތައް ކިޔަން ފޫހިވެދާނެ. ކުރިމަގަށް ވިސްނައްޏާ މިކަންތައްތަކަށް ފަރުވާތެރިވޭ.

 7. Lyn

  February 12, 2014 at 8:43 am

  Maa kuruvefa slow update vaaleh. New part nukunna iru onnanee kuree part ga vee goiy handhaan nethifa. Kiyun therin foohinukuryvaa xaash.

 8. neem

  February 12, 2014 at 9:45 am

  Story v salhi……. bt Hadha sloley dho upvaale

 9. kumaaru

  February 12, 2014 at 1:13 pm

  mee dhen vaahaka ehtha. foohi foohi

 10. xaash

  February 15, 2014 at 10:14 am

  thiya dhevva khiyaaluthakah shukuriyyaaa……. thanks vaahaka reechey bunaa kudhinnah….. and hadi ey bunaakudhin plxx tell the reason…….thank you all……………..

 11. Naash

  February 26, 2014 at 12:15 pm

  mivaahakaage habareh vesnuvey mihaaru kehvetha up nukuraninee…..

 12. އަންމަޑޭ

  December 3, 2016 at 2:16 pm

  ހުދަބާނި ވާހަކަލިއެބަލާ

Comments are closed.