ވީރާނާ (8 ވަނަ ބައި)
3 އަހަރު ފަސް
“އައްދޯއި…މަންމާ!!” ރާހިލްމެންގެ ގޭގެ ކޮޓަރިތެރޭގައި އަންހެންވެރިންތައް ހެލިފެލިވަމުންދިޔައިރު ޝެހެނާ ބަނޑުގައި ރިއްސާވަރުން ރޮނީއެވެ. އޭރު ފަސް އަހަރުގެ އަލީނާއާއި ތިން އަހަރުގެ ރެޔާން އެގޭ ސިޓިން ރޫމުގައި މައުސޫމުގޮތަކަށް އިށީނދެލައިގެން ތިބިއިރު އަލީނާގެ މޫނުގައި ކޮންމެވެސް ވަރަކަށް ހާސްކަން ފެންނަން ހުއްޓެވެ. އަލީނާގެ ޅަ ސިކުނޑިއަށް އޭނަގެ މަންމައަށް ކޮންމެސްކަމެއް ވެއްޖެކަން އެނގޭތީ ކޮޓަރިއަށް ވަންނަން ދިޔައީމަވެސް އެތާ އުޅޭމީހުން އަލީނާ ބޭރަށްލުމަށްފަހު ކޮއްކޮ ކައިރީ މަޑުކުރުމަށް ބުނުމުން ބަސްއަހައިގެން އޭނީ ކޮއްކޮ ކައިރީގައެވެ. އިރުކޮޅަކުން ކޮޓަރިތެރޭން އިވިގެންދިޔައީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ. އާއެކެވެ. ޝެހެނާ އަނެއްކާ ފިރިހެންކުއްޖަކު ވިހެއީއެވެ. ޝެހެނާ ރާހިލްއަށް ފިލައިގެން ގެއަށްދިޔަ ދުވަހު ކަމަނަ، ޝެހެނާއަށް ވަރަށް އެއްޗެހިކިޔައި ނިކަމެތިކޮށްލިއެވެ. އަދި އޭގެ ދެދުވަސްފަހުން ރާހިލް ޝެހެނާކައިރިއަށް އައިސް މާފަށް އެދި އިންނަން އެހުމުން ޝެހެނާ އަނެއްކާވެސް ރާހިލްއާ އިނީ ދިރިއުޅުމެއް ފެނޭތޯއެވެ. އޭގެ ދުވަސްކޮޅެއްފަހުން ޝެހެނާ ރެޔާން ވިހެއުމާއެކީހެން ކޯޓުގައި އޮތް އަލީނާގެ މައްސަލައިގެ ޚުކުމް ކޮށްފިއެވެ. އަލީނާ ޝެހެނާގެ މަންމައަށް ލިބޭގޮތަށެވެ. އެފަހުން އަލީނާ ގެންގުޅެނީ ޝެހެނާކައިރީ އިނގުރައިދޫގައެވެ. އެއަށްފަހުވެސް ރާހިލް އާއި ޝެހެނާއާ ދެމީހުންގެ ދޭތެރޭގައި އާއްމުކޮށްޖެހޭ މައްސަލަޖެހިގެން ދެމީހުން ވަރިވިއެވެ. ނަމަވެސް އެ ފަހަރު ޝެހެނާ ބަނޑުބޮޑުކަން އެނގުމުން އަނެއްކާ އެ ދެމީހުން އެވަނީ ގުޅިފައެވެ.
“އަނީސާ.. ކޮބާތަ ރާހިލް.. މިއޮއްފަދަ މުހިއްމު ގަޑީގައި އޭނަ ވީ ކޮންތާކުތަ؟” ފޫޅުމައިމީހާ އަނީސާއާ މުހާތަބުކޮށް ބުނެލި އަޑުއިވުނެވެ. އަނީސާއަކީ ރާހިލްގެ ދޮންދައްތައެވެ. އޭނާ މާލޭގައި މީހަކާ އިނދެގެން އުޅެއުޅެފާ އެމީހާ ކައިރިން ވަރިވެގެން މިހާރު ދިރިއުޅެމުން ދަނީ ރަށުގައެވެ. މިދުވަސްކޮޅު އަނީސާ ރަށުގައި އުޅޭކަން އެއީ ޝެހެނާގެ ނަސީބެވެ. “ނޭނގެ..އޭނަ ހުރެދާނެ ނައިސްވެސް..” އަނީސާ އެހެން އެބުނީ އޭނާއަށް ރާހިލްއާއި ޝެހެނާގެ ގުޅުންރަނގަޅު ނޫންކަން އެނގޭތީއެވެ. ރާހިލް ޝެހެނާއަށް އަނިޔާކުރާ އަޑާއި ޒުވާބުކުރާއަޑު އަނީސާއަށް ކިތަންމެ ރެއަކު ވަނީ އިވިފައެވެ. އެކަމާ އޭނާ ރާހިލްއަށް ވަރަށް ވިސްނާދެއެވެ. ނަމަވެސް ރާހިލްގެ އެ އުޅުން ބަދަލެއް ނުވެއެވެ.
އަނެއްކޮޅުން ޝެހެނާގެ މިޒާޖަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭގެ ހެއްކަކީ ޝެހެނާވެސް ރާހިލް ފަދައިން ރުޅި އަންނަ ގަޑިތަކުގައި އަތް އިސްކުރުމެވެ. ނުވިތާކަށް އެހެން އުޅޭއިރު ރާހިލްދެކެ އަންނަ ރުޅިގަނޑު އޭނަގެ ދަރިންނަށްވެސް ބޭލެއެވެ. އޭނާ އޭނަގެ ދަރިންދެކެ ކިތަންމެ ލޯބިވިޔަސް، އެ ދަރިންނާ ދިމާއަށްވެސް މަޑަކުން އެއްޗެކޭ ބުނެވޭކަމަކަށް ނުވެއެވެ. ޝެހެނާއަށް އެ ބަދަލު އެއީ ކީއްވެކަން ޙުދު ޝެހެނާއަކަށްވެސް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. ދުނިޔޭގައި ރަނގަޅަށް މީހުން ބުނާ ބަސްއަހައިގެން އުޅުނަސް ވާނެފައިދާއެއް ނޯންނާނެއެވެ. ޝެހެނާ ބާރަށް އެއްޗެކޭ ބުނާއިރަށް ނޫނީ ތަޅާގެންފަ އެއްޗެކޭ ބުނާއިރަށް އަލީނާމެންވެސް ޝެހެނާ ބުނާކަމެއް ލަހެއްފަހެއްނެތި ކުރާތީ، ޝެހެނާދެކެނީ އެއީ ދަރިން ކޮންޓްރޯލުކުރާނެ މޮޅު އުކުޅެއްކަމުގައެވެ. ވިހައިގެން އެދުމަތީ ނުތެދުވެފައި އޮތް ޝެހެނާއަށް ފޫޅުމައިމީހާ އަނީސާއާ ދެއްކި ވާހަކަތައް ރަނގަޅަށް އަޑުއިވުނެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުނެ ހަނު އޮތެވެ.
ރާހިލް އެހާވަރުން ލޯބިން ޝެހެނާ އާ ހެދި އުޅުނުއިރު ޝެހެނާ ރާހިލްދެކެ އެއް އިރެއްގައިވެސް ލޯބި ނުވާކަން ރާހިލްއަށް އިގުނު ދުވަހުންފެށިގެން ރާހިލް ޝެހެނާ މަތިން ފޫހިވާންފެށިއެވެ. ރާހިލްއަކަށް މިހާރު ޝެހެނާގެ އެހުންނަ ގޮތްދޫނުކުރުމާއި ރުންކުރު މިޒާޖު ކަމަކު ނުދެއެވެ. އޭނާއަށް ރުޅިއަންނަ ގަޑިތަކުގައި ގޯސްހެދޭކަން ގަބޫލުކުރެވެއެވެ. އެކަމަކު ޝެހެނާ އެކަން ގަބޫލުނުކުރަނީ ކީއްވެހެއްޔެވެ. އޭނާއަކީ ރުޅިގަދަވާގަޑިތަކުގައި ވާނުވާ ނޭނގޭ މީހެއްކަން ޝެހެނާއަށް އެނގިހުރެ އޭނާ ރުޅިއަރުވާކަށްވެސް ނުޖެހޭނެތާއެވެ. މިއަދުވެސް ރާހިލް ގެއަށް ނުގޮސް އެއިނީ ޝެހެނާދެކެ ވެފައި ހުރި ފޫއްސަކުންނެވެ. އެރަށު ހަރުފުރައިގެ މީހަކު އައިސް ރާހިލްކައިރީ ޝެހެނާ ވިހަން ބަނޑުގަރިއްސާތީ އުޅޭވާހަކަ ބުނީމަވެސް ގެއަށް ދާކަށް ގަސްދެއްނުކުރެއެވެ. ކީއްވެކަމެއް ނޭނގއެވެ. އޭނާ ޝެހެނާދެކެ ވާ ފޫހި ޝެހެނާގެ ދަރިންދެކެވެސް ވަނީކަންނޭނގެއެވެ. އެހެން ނޫންނަމަ އެ ދަރިފުޅު ދެކިލަން ދިޔައީހެއް ނޫންހެއްޔެވެ.
ދުވަހުގެ އިރު ކަނޑުގެ ލޮނުގަނޑުން ތޮޅިލާއިރު އުދަރެހަށް އެ އަރާ ރީތި ހިތްގައިމުކުލަތަކަކީ ބަލައި ފޫހިނުވާނޭ މަންޒަރެކެވެ. އެ މަންޒަރު ބަލަން އިގުރައިދޫ އަތިރިމަތީގެ ދޮންވެލިގަނޑުގައި ދެފައި ވައްކޮށްލައިގެން އަލީނާ އިށީނދެއިން އިންއިރު އޭނާގެ އުނގުގައި އޮތް ބޮޑު ކަނަފަތެއްގެ މަތީގައި، ފައުވެފައި ހުރި އަހިވައްތަކެއް ހުއްޓެވެ. އަދި އެތަނުން އަހިވަކެއްނަގައި ބަލަންހުރެފައި ވަސްބަލާލުމަށްފަހު މީރުމީރުކޮށް ކާންފެށިއެވެ. މިއީ ފަހަކަށް އައިސް އަލީނާ ކޮންމެ ދުވަހަކު ހެނދުނު ގަޑީގައި ކުރާކަމެކެވެ. އަލީނާ ހެނދުނު ހެނދުނާ ތެދުވެ އިރުއަރާ މަންޒަރު ބަލަން އިނުމަށްފަހު ބަނޑުފުރެންދެން އަހިވައް ކައިގެން ގެއަށް ދާ މަގުމަތީ ހޭޅިފަށުގައި ހުންނަ އަހިވަށްގަހަކުން އަހިވަށް ބިނދެގެން އަނެއްދުވަހަށް ފާކުރުމަށްޓަކައި ވަޅުލައެވެ. އޭނާއަށް ރޭގަނޑު ދަންވަރު މިހާރު ގިނަރޭރޭ އޮންނަންޖެހެނީ ނުނިދިފައެވެ. ކޮންމެ ރެއަކު އޭނާއަށް ހޭލެވެނީ އޭނާގެ ދޮންބައްޕަ އޭނާގެ ފައިތިލައަށް ކޮޅަށް އަރައިގެން ދަތުވާންފެށުމުންނެވެ. އަލީނާ ހޭލައިގެން ލޯ ހުޅުވާލާއިރަށް ރާހިން އަލީނާގެ ފައިމަތިން ފައި ނަގާފައި އެނދަށް އަރާ އޮށޯވެއެވެ. އޭރު ޝެހެނާ އޮންނަނީ ނިދާފައެވެ. ރާހިލް އެގޮތަށް ކަންތައްކުރަނީ ކީއްވެ ބާއޭ އަލީނާގެ ޅަ ހިތަށް އެރިނަމަވެސް އެ ވާހަކަ އޭނާގެ މަންމަގެ ގާތު ބުނަން ފަސްޖެހެވެއެވެ. އެއީ ކޮންމެހެން ޝެހެނާ އަލީނާދެކެ ރުޅިއައިސްދާނެތީކީ ނޫނެވެ. ރާހިލް ޝެހެނާދެކެ ރުޅިއައިސް ޝެހެނާއަށާއި އަލީނާއަށް އަނިޔާކޮށްފާނެތީ ބިރުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


o my god dolly kihineh thihedhi
kuda kuda kuhjhaa dheytherey ehn hadhaakah ves nuvaane
vrh vrh vrh vrh salhi story
next part vrh avha up kohdheythi
mi story concept aslu vbrh habeys
vrh thaafa twist and turns aadhey
esfiyaige ehn stories thakaa vrh vrh thafaathu story eh mi unlike other stories i hav read 🙂
Thanks Lady gaagaa.. 🙂 Lady gaagaa ge comment fenuneema Dolly vr ufaavehjje..<3 Insha Allah dhen huri baithaves vr avahah upkohdheynan :D.